ކަސްޓޯޑިއަލް ހިދްމަތްދޭ މުއްސަސާތަކުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ގަވާއިދު)
(ކޮންސޮލިޑޭޓެޑް ނަންބަރު 2011-36)
(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
މި ގަވާއިދު ހަދާފައިވަނީ ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2009-08) ގެ 19 ވަނަ މާއްދާގެ (ރ) ގެ 1 ވަނަ ނަންބަރާއި، ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2006-02) ގެ 38 ވަނަ މާއްދާއާއި އެގާނޫނުގެ 60 ވަނަ މާއްދާގެ (ހ) އިން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް (މީގެ ފަހުން "އޮތޯރިޓީ" ކަމަށް ހަވާލާދީފައިވާ) ލިބިދީފައިވާ އިހުތިޔާރުގެ ދަށުންނެވެ.
1 ވަނަ މާއްދާ - ނަމާއި ހިންގޭ ދާއިރާ
މި ގަވާއިދަށް ކިޔާނީ "ކަސްޓޯޑިއަލް ހިދުމަތްތައް ފޯރުކޮށްދޭ މުއައްސަސާތަކުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދު ހިނގާނީ ދިވެހިރާއްޖޭގައި ކަސްޓޯޑިއަލް ހިދުމަތްތައް ފޯރުކޮށްދޭ ނުވަތަ އެފަދަ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެދޭ މުއައްސަސާތަކުގެ މައްޗަށެވެ.
3 ވަނަ މާއްދާ – ގަވާއިދަށް އަމަލުކުރުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
4 ވަނަ މާއްދާ - ލައިސަންސަށް އެދި ހުށަހެޅުން
ދިވެހިރާއްޖޭގައި ކަސްޓޯޑިއަލް ހިދުމަތްތައް ފޯރުކޮށްދިނުމަށް އެދޭ ކޮންމެ ފަރާތަކުންވެސް އެހިދުމަތްތައް ފޯރުކޮށްދިނުމުގެ ލައިސަންސަށް އެދި އޮތޯރިޓީއަށް ހުށަހަޅައި، އޮތޯރިޓީއިން އެފަދަ ލައިސަންސް ހޯދަންވާނެއެވެ.
5 ވަނަ މާއްދާ - މާނަކުރުން
ލައިސަންސަކާ ނުލައި ކަސްޓޯޑިއަލް ހިދުމަތްތައް ފޯރުކޮށްދިނުމަކީ ނުވަތަ "ކަސްޓޯޑިއަން" އެއް ކަމަށް އާންމުންނަށް ނުވަތަ ކަސްޓަމަރުންނަށް ދޭހަވާފަދަ ގޮތަކަށް އަމަލުކުރުމަކީ ކުށެކެވެ. މި މާއްދާއާ ހިލާފުވުމުގެ ކުށުގެ އަދަބަކީ 75,000 (ހަތްދިހަ ފަސް ހާސް) ރުފިޔާއާއި 150,000 (އެއް ލައްކަ ފަންސާސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. (އިސްލާހު ކުރެވިފައި)
6 ވަނަ މާއްދާ - މާނަކުރުން
ކަސްޓޯޑިއަންކަމުގެ ލައިސަންސަށް އެދި އޮތޯރިޓީއަށް ހުށަހަޅާނީ އޮތޯރިޓީއިން އަންގާ ގޮތެއްގެ މަތިން އެކަމަށް ހާއްސަކޮށްފައިވާ ފޯމަކުންނެވެ.
7 ވަނަ މާއްދާ – ލައިސަންސަށް ދައްކަންޖެހޭ ފީ
ކަސްޓޯޑިއަންކަމުގެ ލައިސަންސަށް އެދި ހުށަހަޅާއިރު، އެކަމަށްއެދި ހުށަހަޅާ ފޯމާއެކު 10,000 (ދިހަހާސް) ރިފިޔާ ދައްކަންވާމެއެވެ. މިފައިސާއަކީ ލައިސަންސް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އަނބުރާ ނުލިބޭގޮތަށް ނަގާ ފައިސާއެކެވެ.
8 ވަނަ މާއްދާ - މާނަކުރުން (މާއްދާ އިސްލާހު ކުރެވިފައި)
ކޮންމެ ކަސްޓޯޑިއަނަކު ވެސް، އަންނަނިވި ގޮތަށް އަހަރީ ފީ އޮތޯރިޓީއަށް ދައްކަންވާނެއެވެ.
(ހ) ކަސްޓޯޑިއަލް ހިދުމަތް ދެމުންދާ ފަރާތްތަކުގެ އަހަރީ ފީ: 120,000 (އެއްލައްކަ ވިހި ހާސް) ރުފިޔާ.
(ށ) ކަސްޓޯޑިއަލް ލައިސަންސް ލިބިފައިވާ، ހިދުމަތް ނުދޭ ފަރާތްތަކުގެ އަހަރީ ފީ: 10,000 (ދިހަ ހާސް) ރުފިޔާ.
9 ވަނަ މާއްދާ – ކަސްޓޯޑިއަންކަމުގެ ލައިސަންސަށް އެދި ހުށަހަޅާ ފަރާތެއްގައި ހުންނަންޖެހޭ ށަރުތުތައް
ކަސްޓޯޑިއަންކަމުގެ ލައިސަންސް ދޫކުރަންވާނީ ހަމައެކަނި އެކަމުގެ ށަރުތު ހަމަވާ ފަރާތްތަކަށެވެ.
10 ވަނަ މާއްދާ - މާނަކުރުން
ތިރީގައި ބަޔާންކޮށްފައިވާ މާލީ މުއައްސަސާތަކަކީ ކަސްޓޯޑިއަންކަމުގެ ލައިސަންސަށް އެދި ހުށަހަޅައި، އެފަދަ ލައިސަންސަށް ށަރުތު ހަމަވާ ފަރާތްތަކެވެ.
(ހ) ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ހިނގަމުން އަންނަ އަދި މޯލްޑިވަސް މަނިޓަރީ އޮތޯރިޓީއިން ލައިސަންސް ދީފައިވާ މުއައްސަސާއެއް؛ ނުވަތަ
(ށ) ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން ހިނގަމުންދާ އަދި އޮތޯރިޓީއިން ލައިސަންސް ދީފައިވާ މުއައްސަސާއެއް؛ ނުވަތަ
(ނ) އެމުއައްސަސާއަކުން ކަސްޓަމަރުންގެ ސެކިއުރިޓީޒް ހިމެނޭހެން މާލީ އެސެޓްތައް ބަލަހައްޓާ ރާއްޖެއިން ބޭރުގެ މާލީ މުއައްސަސާއަކަށް ވާނަމަ، ތިރީގައިއެވާ ށަރުރުތައް ފުރިހަމަވާ މުއައްސަސާއެއް:-
- އޮތޯރިޓީއިން ގަބޫލުކުރާ، ރާއްޖެއިންބޭރުގެ މާލީ މުއައްސަސާތައް ރެގިއުލޭޓްކުރާ ފަރާތެއްގެ ލައިސަންސް އޮތް މުއައްސަސާއަކަށްވުން؛
- ދިވެހިރާއްޖޭގެ ކުންފުންޏަކާބެހޭ ގާނޫނު (ގާނޫނު ނަންބަރު 96/10) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ އަދި ވިޔަފާރިކުރަމުން އަންނަ މުއައްސަސާއަކަށްވުން؛
- ކަސްޓޯޑިއަލް ހިދުމަތްތައް ފޯރުކޮށްދިނުމުގެ ވިޔަފާރި ކުރުމުގައި 3 (ތިނެއް) އަހަރު ދުވަހަށްވުރެ މަދުނޫން މުއްދަތެއް ހޭދަކޮށްފައިވާ މުއައްސަސާއަކަށްވުން؛
11 ވަނަ މާއްދާ – ލައިސަންސަށް އެދި ހުށަހެޅުމުގައި އަމަލުކުރާނެ ގޮތް
ލައިސަންސަށް އެދި ހުށަހަޅާއިރު، އެހުށަހެޅުމެއްގައި އަންނަނިވި މައުލޫމާތުތައް އެނގެން ހުންނަންވާނެއެވެ.
(ހ) ލައިސަންސަށް އެދި ހުށަހަޅާ މުއައްސަސާ އެމައްޗަށް ބިނާވެފައިވާ ލިޔުމެއްގެ އަސްލާ އެއްގޮތް ކޮޕީއެއް؛
(ށ) ލައިސަންސަށް އެދި ހުށަހަޅާ މުއައްސަސާގެ މައި އޮފީހުގެ އެޑްރެހާއި، އެމުއައްސަސާގެ އެންމެހައި ޑިރެކްޓަރުންނާއި މައި މެނޭޖްމަންޓް ޓީމުގައި ހިމެނޭ މީހުންގެ ފުރިހަމަ ނަމާއި އެޑްރެސް؛
(ނ) އެފަރާތުން ޕްރިންސިޕަލް އޮފިސަރުންނާއި ހުށަހަޅާފައިވާ މެނޭޖްމަންޓް ޓީމުގައި ހިމެނޭ ފަރާތްތަކާއި، މައި މެނޭޖްމަންޓްގައި ހިމެނޭ އެހެނިހެން ފަރާތްތަކުގެ ތައުލީމާއި، ތަމްރީނާއި ފަންނީ ގާބިލުކަމާއި ގުޅޭ މައުލޫމާތުތައް؛
(ރ) މި ގަވާއިދުގެ 10 ވަނަ މާއްދާއާއި އެއްގޮތްވާގޮތުގެ މަތިން ލައިސަންސް ދީފައިވާ މުއައްސަސާއެއްކަން ސާބިތުވާ ލިޔުންތައް؛ އޭގެތެރޭގައި، އެމުއައްސަސާއާ ގުޅޭގޮތުން އަންނަނިވި މައުލޫމާތުތައް ސާފުކޮށް އެނގޭނެ އަދި އެމުއައްސަސާއަށް މާލީ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ލައިސަންސް ދީފައިވާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ސިޓީތައް ހިމަނަންވާނެއެވެ.
- އެމުއައްސަސާއަކާ ނުވަތަ އެމުއައްސަސާއަކާ ގުޅިފައިވާ ފަރާތަކާ ދެކޮޅަށް ތަންފީޒު ކުރަންޖެހިފައިވާ އަދަބެއް ކަނޑައަޅާފައިނުވާކަން، އަދި
- ފާއިތުވި 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި އެމުއައްސަސާއާއި އެމުއައްސަސާއަކާ ގުޅިފައިވާ ފަރާތަކާ ދެކޮޅަށް ތަންފީޒު ކުރުމުގެ އެއްވެސް އަމުރެއް ނުވަތަ އެމުއައްސަސާ ރެގިއުލޭޓްކުރުމުގައި ދިމާވެފައިވާ މައްސަލައެއްވާނަަމަ އެކަމެއް.
(ބ) މިގަވާއިދުގައިވާ ގޮތުގެ މަތިން އެމުއައްސަސާގައި ހުންނަންޖެހޭ ރައުސްމާލު ހުރިކަން އެނގޭނެ ލިޔުންތައް؛
(ޅ) އެމުއައްސަސާއަކުން ކުރުމަށް ގަސްދުކުރާ ވިޔަފާރިއެއްގެ ފުރިހަމަ ތަފްސީލުތައް؛ މި ގޮތުން ކަސްޓަމަރުންނަށް ނުވަތަ ކަސްޓަމަރަށްވުމަށް އެދޭ ފަރާތްތައް އެމުއައްސަސާއަކުން ފޯރުކޮށްދިނުމަށް ގަސްދުކުރާ ނުވަތަ ހުށަހަޅާ ކަސްޓޯޑިއަލްގެ ހިދުމަތްތަކާއި ތަކެތީގެ ބާވަތްތައް ހިމަނަންވާނެއެވެ.
(ކ) ވިޔަފާރިކުރަމުން އަންނަތާ 3 (ތިނެއް) އަހަރު ވެފައިވާ މުއައްސަސާއެއްނަމަ، ފާއިތުވި މާލީ 3 (ތިނެއް) އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކާއި އަހަރީ ރިޕޯޓުތައް؛
(އ) އެމުއައްސަސާއަކުން ކުރުމަށް ހުށަހަޅާ ވިޔަފާރީގައި އެމުއައްސަސާއަކުން ނަގަންޖެހޭ ޒިންމާތަކާ ގުޅިގެން އެކަށައެޅިފައިވާ، ނުވަތަ ހުށަހަޅާ އިންށުރެންސް ޕެކޭޖްތަކާއި އަދި ބޮންޑްތައް ބެހިފައިވާ ގޮތާއި އަދި އެމުއައްސަސާ ތަމްސީލުކުރާ ފަރާތްތަކާއި، މުވައްޒަފުންގެ މަސްއޫލިއްޔަތުތައް؛
(ވ) އެމުއައްސަސާއަކީ ދިވެހިރާއްޖެއިން ބޭރުގެ މުއައްސަސާއެއްނަމަ، ދިވެހިރާއްޖޭގައި ހުންނަ އެމުއައްސަސާގެ އޮފީހާއެކު ހިންގޭ މުއާމަލާތެއްގެ ސަބަބުން އަޅަންޖެހިދާނެ ފިޔަވަޅެއް އެޅުމުގައި، އެފަދަ މައްސަލައެއްގެ އެންމެހައި މަރުހަލާތަކެއްގައި ގާނޫނީ ގޮތުން އެމުއައްސަސާގެ ފަރާތުން ޒިންމާ ނެގުމަށްޓަކައި، އެމުއައްސަސާ ތަމްސީލުކުރާނެ ފަރާތެއް އައްޔަންކޮށް، އެކަން އެނގޭނެ ގާނޫނީ ލިޔުމެއް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
12 ވަނަ މާއްދާ - މާނަކުރުން
ލައިސަންސަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމަކާ ގުޅިގެން އޮތޯރިޓީއިން ބޭނުންވެދާނެ އިތުރު މައުލޫމާތުތައް، ލައިސަންސަށް އެދޭ ފަރާތުން ހުށަހެޅުމަށް އޮތޯރިޓީއިން އެންގިދާނެއެވެ.
13 ވަނަ މާއްދާ - މާނަކުރުން
ލައިސަންސަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމުގައި އެއްވެސް ކަމަކަށް ބަދަލެއް އަތުވެއްޖެނަމަ، ލައިސަންސަށް އެދޭ ފަރާތުން އެކަން އޮތޯރިޓީއަށް އަންގަންވާނެއެވެ.
14 ވަނަ މާއްދާ – ހުށަހެޅުންތައް ދިރާސާކޮށް އެހުށަހެޅުންތަކާ މެދު ގޮތެއް ނިންމުން
ހުށަހެޅުމެއް އޮތޯރިޓީއަށް ލިބޭތާ 45 (ސާޅިސް ފަހެއް) ދުވަހުގެ ތެރޭގައި، ނުވަތަ ހުށަހެޅުމަކާ ގުޅިގެން ބޭނުންވާ އިތުރު މައުލޫމާތެއް އޮތޯރިޓީއަށް ލިބޭތާ 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި، އެ ހުށަހެޅުމެއް ހުށަހެޅި ފަރާތަކަށް އޮތޯރިޓީއިން ލައިސަންސް ދޫކުރަންވާނެއެވެ. ނުވަތަ ލައިސަންސް ދޫކުރެވެން ނެތްނަމަ، އެކަން ސަބަބާއެކު އެފަރާތަކަށް އޮތޯރިޓީއިން އަންގަންވާނެއެވެ.
15 ވަނަ މާއްދާ - މާނަކުރުން
ހުށަހެޅުމެއް ހުށަހަޅާ ފަރާތަކުން ކުރުމަށް ހުށަހަޅާ ވިޔަފާރިއަކާ ގުޅިގެން ނުވަތަ އެފަރާތަކުން ފޯރުކޮށްދިނުމަށް ހުށަހަޅާ ހިދުމަތްތަކާއި ތަކެތީގެ މައްޗަށް ށަރުތުތަކެއް އޮތޯރިޓީއިން ކަނޑައެޅިދާނެއެވެ.
16 ވަނަ މާއްދާ – ކަސްޓޯޑިއަންކަމުގެ ލައިސަންސަށް އެދި ހުށަހަޅާ ހުށަހެޅުން ގަބޫލުނުކުރެވޭނެ ހާލަތުތައް
އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެއްޖެނަމަ، ލައިސަންސަށް އެދި ހުށަހަޅާފައިވާ ހުށަހެޅުން އޮތޯރިޓީއިން ބާތިލު ކުރަންވާނެއެވެ.
(ހ) ތިރީގައިވާ ސަބަބެއް މެދުވެރިވެގެން، ލައިސަންސަށް އެދި ހުށަހަޅާފައިވާ މުއައްސަސާގެ އެއްވެސް ޑިރެކްޓަރެއް ނުވަތަ މައި މެނޭޖްމަންޓްގައި ހިމެނޭ ފަރާތަކީ އެމުއައްސަސާގެ ބޯޑުގެ މެންބަރަކަށް ވުމަށް އެކަށީގެންވާ ފަރާތަކަށް ނުވުން:
- ލައިސަންސަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން ފާއިތުވި 10 (ދިހައެއް) އަހަރު ދުވަހުގެތެރޭގައި ހިޔާނާތެއް ނުވަތަ މަކަރާއި ހީލަތުގެ ކުށެއް އެމީހެއްގެ މައްޗަށް ސާބިތުވެ، ދިވެހިރާއްޖޭގައި ނުވަތަ އެހެންވެސް ތަނެއްގައި، 3 (ތިނެއް) މަސް ދުވަހަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވުން؛
- ކޯޓަކުން އިފްލާސް ކޮށްފައިވުން؛
- ދިވެހިރާއްޖޭގައި ނުވަތަ އެހެންވެސް ތަނެއްގައި ގާނޫނާ ހިލާފުވެފައިވާކަން ސާބިތުވެފައިވުން؛
- ފައިއިއުށަރީއެއްގެ ހައިސިއްޔަތުން، ސެކިއުރިޓީޒް ނުވަތަ ޓްރަސްޓެއް ގެންގުޅުމަށް ނުވަތަ ޕެންށަން އެސެޓްތައް ނުވަތަ އެހެންވެސް އެސެޓެއް ނުވަތަ މުދަލާ ގުޅޭ މުއާމަލާތެއް ކުރުމަށް ދިވެހިރާއްޖޭގައި ނުވަތަ އެހެންވެސް ތަނެއްގައި ރެގިއުލޭޓަރީ އޮތޯރިޓީއަކުން، މަނާކޮށްފައިވާ މީހަކަށްވުން؛ ނުވަތަ
- އެމީހެއްގެ ކިބައިގައި ކަމާގުޅޭގޮތުން އެކަށީގެންވާ އިލްމީ ގާބިލުކަން ނެތުން.
(ށ) މިގަވާއިދުގެ ދަށުން ނުވަތަ އެހެންވެސް ގަވާއިދެއްގެ ދަށުން ކަސްޓޯޑިއަލް ހިދުމަތް ފޯރުކޮށްދިނުމުގެ ވިޔަފާރި ހިންގުމަށްޓަކައި ފުރިހަމަވާންޖެހޭ ށަރުތެއް، އެހުށަހެޅުމެއްގައި ފުރިހަމަނުވުން.
(ނ) ލައިސަންސަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމުގައި ބަޔާންކޮށްފައިވާ އިމުގެ ތެރެއިން، އޭގައިވާ ގޮތަށް ކަސްޓޯޑިއަލްގެ ހިދުމަތް ފޯރުކޮށްދިނުމުގެ ވިޔާފާރިއެއް ގާއިމުކޮށް، ހިންގާ ބެލެހެއްޓުމަށްޓަކައި ބޭނުންވާ ފަންނީ ތަޖުރިބާ ހުށަހެޅި ފަރާތެއް ނެތުން.
(ރ) ހުށަހަޅާފައިވާ ކަސްޓޯޑިއަލްގެ ހިދުމަތް ފޯރުކޮށްދިނުމުގެ ވިޔަފާރި ހިންގުމަށްޓަކައި ނުވަތަ ކަސްޓަމަރުންނަށް އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާވަރަށް އެފަރާތުގައި ރައުސްމާލޫ ނެތުން ނުވަތަ މާލީ ފުދުންތެރިކަން އެފެންވަރަށް ނެތުން.
17 ވަނަ މާއްދާ – ކަސްޓޯޑިއަލް ލައިސަންސް ބާތިލުކުރެވޭނެ ނުވަތަ ވަގުތީ ގޮތުން ހިފެހެއްޓޭނެ ނުވަތަ ލައިސަންސަށް ބަދަލެއް ގެނެވޭނެ ހާލަތުތައް
އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެއްޖެނަމަ، ކަސްޓޯޑިއަލް ލައިސަންސް ބާތިލުކުރެވޭނެ ނުވަތަ ވަގުތީ ގޮތުން ހިފެހެއްޓުމުގެ ނުވަތަ ލައިސަންސަށް ބަދަލެއް ގެނައުމުގެ އިހުތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ހ) ލައިސަންސް ދީފައިވާ ފަރާތުގެ ކިބައިން މިގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ ށަރުތެއް އުނިވުން؛
(ށ) ލައިސަންސް ދީފައިވާ ފަރާތުގެ ހުއްދައަކާ ނުލައި، ލައިސަންސް ދިންއިރު، އެމައްޗަށް ބިނާކޮށް ލައިސަންސް ދިން ހުށަހެޅުމުގައި ބަޔާންކޮށްފައިވާ ހިދުމަތްތަކުގެ އިމުން ބޭރުވެ ދުރަށް ދިއުން.
(ނ) ލައިސަންސް ދީފައިވާ ފަރާތުން މިގަވާއިދުގެ ދަށުން ފުރިހަމަކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާނުކުރުން.
(ރ) ލައިސަންސް ދީފައިވާ ފަރާތަށް އޮތޯރިޓީއިން އަންގާ އެންގުންތަކަށާއި، އެފަރާތުގެ މައްޗަށް އޮތޯރިޓީއިން ނެރޭ އަމުރުތަކަށް އަމަލުނުކުރުން ނުވަތަ އެކަންތައްތަކަށް ކަނޑައަޅާފައިވާ މުއްދަތުގައި އަމަލުނުކުރުން.
(ބ) ކަސްޓޯޑިއަންގެ ލައިސަންސްގައި ބަޔާންކޮށްފައިވާ ކަސްޓޯޑިއަލް ހިދުމަތް ފޯރުކޮށްދިނުމުގެ ވިޔަފާރި 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް، މެދުކެނޑިފައި އޮތުން.
18 ވަނަ މާއްދާ - މާނަކުރުން
އޮތޯރިޓީއިން ލައިސަންސް ބާތިލުކުރުމުގައި ނުވަތަ ވަގުތީގޮތުން ހިފެހެއްޓުމުގައި ނުވަތަ އެއަށް ބަދަލެއް ގެނައުމުގައި، ކަސްޓޯޑިއަންގެ މުޅި ވިޔަފާރި ނުވަތަ ވިޔަފާރީގެ ބައެއް ނުވަތަ އެފަރާތުން ފޯރުކޮށްދޭ ހިދުމަތްތަކަށް ނުވަތަ ތަކެއްޗަށް އަސަރުކުރާފަދަ ގޮތަކަށް އެލައިސަންސް ބާތިލުކޮށް ނުވަތަ ހިފަހައްޓައި ނުވަތަ ބަދަލެއް ގެނެވިދާނެއެވެ.
19 ވަނަ މާއްދާ – ކެޕިޓަލް ރިކުއަރމެންޓްސް އަދި ކެޕިޓަލް އެޑިއުކެސީ
ލައިސަންސް ދީފައިވާ ފަރާތަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ދޫކުރާ ލައިސަންސް އޮތް ފަރާތެއްކަމަށްވާނަމަ، އެފަރާތުގެ ކަސްޓޯޑިއަންކަމުގެ ލައިސަންސްގެ ދަށުން އެ މުއައްސަސާއަކުން ފޯރުކޮށްދޭ ހުއްދަދީފައިވާ ކަސްޓޯޑިއަލް ހިދުމަތްތަކާ ގުޅިގެން އިތުރު ރައުސްމާލެއް ބެހެއްޓުމުން އެ މުއައްސަސާ އިސްތިސްނާވާނެއެވެ. އެހެންނަމަވެސް، އެ މުއައްސަސާއަކަށް ހުއްދަދީފައިވާ ކަސްޓޯޑިއަލް ހިދުމަތްތަކަށް ރިއާޔަތްކޮށް ވަކިވަކި ހުށަހެޅުންތަކުގައި، އެ މުއައްސަސާގެ ރައުސްމާލާ ގުޅޭގޮތުން އޮތޯރިޓީއަށް ފެންނަ ށަރުތުތަކެއް އެ މުއައްސަސާގެ މައްޗަށް ކަނޑައެޅިދާނެއެވެ.
(ހ) މިގަވާއިދުގެ ދަށުން ލައިސަންސް ދޫކުރެވޭ ފަރާތެއްގައި، އޮތޯރިޓީއިން ކަނޑައަޅާ މިންވަރަށްވުރެ މަދުނޫން މިންވަރަކަށް ޕެއިޑްއަޕް ކެޕިޓަލް އަދި އޮތޮރައިޒްޑް ކެޕިޓަލް ހުންނަންވާނެއެވެ.
(ށ) މިގަވާއިދުގެ ދަށުން ލައިސަންސް ދޫކުރެވޭ ފަރާތަކުން އޮތޯރިޓީއިން ކަނޑައަޅާ ކެޕިޓަލް އެޑިއުކެސީ ރިކުއަރމަންޓްތައް ފުރިހަމަކުރަންވާނެއެވެ.
20 ވަނަ މާއްދާ – ލައިސަންސް ދިނުމުގެ ށަރުތުތައް
މިގަވާއިދުގެ ދަށުން ދޫކުރެވޭ ލައިސަންސަކީ ހަމައެކަނި ލައިސަންސަށް އެދި ހުށަހަޅާ ފަރާތަށް ("ލައިސަންސް ދީފައިވާ ފަރާތް" ނުވަތަ "ކަސްޓޯޑިއަން") ދޫކުރެވޭ ލައިސަންސެކެވެ. އަދި އެއީ އެހެން އެއްވެސް ފަރާތަކަށް ބަދަލުކުރެވޭނެ ލައިސަންސެއް ނޫނެވެ.
21 ވަނަ މާއްދާ - މާނަކުރުން
ކަސްޓޯޑިއަންއެއްގެ މަސައްކަތްތައް ހުންނަންވާނީ ހަމައެކަނި ކަސްޓަމަރުންނަށް އެސެޓްތައް ބެލެހެއްޓުމުގައާއި، ކަސްޓޯޑިއަންކަމުގެ ލައިސަންސްގެ އިމުގެ ތެރެއިން ހުއްދަދީފައިވާ ކަސްޓޯޑިއަލް ހިދުމަތްތައް ފޯރުކޮށްދިނުމުގައެވެ. އަދި އޮތޯރިޓީގެ ހުއްދައަކާ ނުލައި، އެހެން އެއްވެސް ވިޔަފާރިއެއް، އެވިޔަފާރިއަކީ ކަސްޓޯޑިއަލް ހިދުމަތްތައް ފޯރުކޮށްދިނުމުގެ ދަށުން ކުރެވޭ ވިޔަފާރިއަކަށް ވީނަމަވެސ، އެފަދަ ވިޔަފާރިއެއް ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް ކުރުމަކީ މަނާކަމެކެވެ. ލައިސަންސް ދިންއިރު އެމުއައްސަސާއަކުން ކުރަމުންއައި ވިޔަފާރިއެއް ކުރަމުން ގެންދިއުމަކަށް މިމާއްދާ ހުރަހެއް ނާޅައެވެ.
22 ވަނަ މާއްދާ - މާނަކުރުން
ކަސްޓޯޑިއަންއެއް އެފަރާތުގެ އަމިއްލަ އެކައުންޓުތަކާއި، ކަސްޓަމަރުންގެ އެކައުންޓުތައް ވަކިވަކިން އެނގޭނެހެން ބަލަހައްޓައި، ރިކޯޑުކޮށް، އަދި ކަސްޓޯޑިއަލް އެސެޓްތަކުގެ އެކައުންޓުތައް ތައްޔާރުކޮށް އެ އެސެޓްތަކުގެ މައްޗަށް ރިޕޯޓުތައް ތައްތާރުކުރަންވާނެއެވެ.
23 ވަނަ މާއްދާ - މާނަކުރުން
ކަސްޓޯޑިއަންއެއްގެ ވިޔަފާރި ހިންގާ ތަނަކަށް ވަދެ އެތަނެއް ބަލައި ފާސްކުރުމަށާއި، އޮތޯރިޓީގެ ފަރާތުން ކުރަންޖެހޭ ރެގިއުލޭޓަރީ މަސައްކަތްތައް ކުރުމަށްޓަކައި، އޮތޯރިޓީގެ ފަރާތުން އެމަސައްކަތްކުރުމަށް ފޮނުވާ މުވައްޒަފުންނަށް އެ ކަސްޓޯޑިއަންއަކު އެހީތެރިވެ މަގު ފަހިކޮށްދޭންވާނެއެވެ.
24 ވަނަ މާއްދާ - މާނަކުރުން
ލައިސަންސް ދީފައިވާ ކަސްޓޯޑިއަން އޮތޯރިޓީއިން ކަނޑައަޅާފައިވާ ކޯރޕަރޭޓް ގަވަރނަންސް ކޯޑާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރަންވާނެއެވެ.
25 ވަނަ މާއްދާ - މާނަކުރުން
ކަސްޓޯޑިއަަކު އެފަރާތުގެ މަސައްކަތުގައި، ހުރިހައި ވަގުތެއްގައިވެސް، އަމަލުކުރަންވާނީ ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނާއި، ދިވެހިރާއްޖޭގެ ބޭންކިނގއާބެހޭ ގާނޫނާއި، ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނާއި، އެހެނިހެން ކަލެކްޓިވް އިންވެސްޓްމަންޓް ސްކީމްތަކާ ގުޅޭ ގޮތުން ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި، އަދި މިނޫންވެސް އޮތޯރިޓީއިން ނެރޭ ކަސްޓޯޑިއަލް ހިދުމަތްތަކާގުޅޭ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީންނެވެ.
26 ވަނަ މާއްދާ - މާނަކުރުން
މިގަވާއިދުގައިވާ އިރުށާދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަސްޓޯޑިއަން އަމަލުކުރަންވާނެއެވެ.
27 ވަނަ މާއްދާ - މާނަކުރުން
ސެކިއުރިޓީޒް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، ކަސްޓޯޑިއަންގެ ފަރާތުން ކަސްޓަމަރުންގެ އެކައުންޓުތަކުން ނުވަތަ ކަސްޓޯޑިއަލް އެސެޓްތަކުން، ސީދާގޮތުން ނުވަތަ ހުއްދައަކާ އެކު ނަމަވެސް، އާންމުގޮތެއްގައި ފައިސާ ނެގުމުގެ ބާރު ލިބިފައިވާ ކަސްޓޯޑިއަންގެ ޑިރެކްޓަރުން ނުވަތަ މައި މެނޭޖްމަންޓްގައި ހިމެނޭ މީހުން ތިބެންވާނީ، ހިޔާނާތާއި، މަކަރާއި ހީލަތްފަދަ ކުށްތަކުގެ ސަބަބުން ކަސްޓަމަރުންނަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިކުރުމަށްޓަކައި އިތުބާރުކުރެވޭ އިންށިއަރެންސް ކުންފުންޏަކުން ބޮންޑު ކުރެވިފައެވެ. މިގޮތުން ބޮންޑުކުރެވޭ އަދަދަކީ، އެ ޑިރެކްޓަރަކަށް ނުވަތަ މެނޭޖްމަންޓްގައި ހިމެނޭ މީހަކަށް އެފަދަ އެކައުންޓްތަކުންނާއި އެސެޓްތަކުން ފައިސާ ނެގުމަށް ހުއްދަ އޮންނަ މިންވަރަށް ރިއާޔަތްކުރުމަށްފަހު އެކަށީގެންވާ އަދަދަކަށް ވާންވާނެއެވެ.
28 ވަނަ މާއްދާ - މާނަކުރުން
ކަސްޓޯޑިއަންކަމުގެ ލައިސަންސް ދިނުމުގައި އިތުރު ށަރުތުތަކެއް ކަނޑައެޅުމުގެ އިހުތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
29 ވަނަ މާއްދާ – ލައިސަންސް ދީފައިވާ ފަރާތާ ގުޅޭ މައުލޫމާތަކަށް ބަދަލެއް އަތުވެއްޖެނަމަ އެކަމުގެ ނޯޓިސް ދިނުން
ލައިސަންސް ދީފައިވާ ފަރާތުގެ ހިއްސާދާރުންގެ ހިއްސާގެ ނިސްބަތް ނުވަތަ މައި މެނޭޖްމަންޓަށް ބަދަލުއައުން.
(ހ) މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓް ކޮށްފައިވާ ކުންފުނިތައް ފިޔަވައި، ލައިސަންސް ދީފައިވާ އެހެން ކުންފުނިތަކުގެ ހިއްސާދާރުންގެ ހިއްސާގެ ނިސްބަތަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، 7 (ހަތެއް) ދުވަހުގެ ތެރޭގައި އޮތޯރިޓީއަށް އެކަން އަންގަންވާނެއެވެ.
(ށ) ލައިސަންސް ދީފައިވާ ކޮންމެ ކުންފުންޏަކުން އެކުންފުނި އެހެން ކުންފުންޏަކާއި އެއްކޮށްލާނަމަ ނުވަތަ އެކުންފުނިން އެހެން ކުންފުންޏެއް ގަންނަނަމަ ނުވަތަ އެނޫންވެސް އެފަދަ ހާލަތެއްގައި އަދި ވިޔަފާރީގެ ބައެއް ވިއްކާލައި ނުވަތަ ގަންނަ ހުރިހައި ހާލަތުތަކުގައި؛
- ކުންފުންޏަކުން ކުރާ މަސައްކަތުގެ ބޮޑު ބައެއް އެހެން ފަރާތަކަށް ބަދަލުވެގެން ދިއުން،
- ކަސްޓޯޑިއަލް އެސެޓްތައް ނުވަތަ ކަސްޓަމަރުންގެ އެކައުންޓްތައް ދެ ކަސްޓޯޑިއަންގެ ދެމެދުގައި ބަދަލުކުރެވިގެން ދިއުން ނުވަތަ ކަސްޓޯޑިއަނަކާއި އެހެން މީހަކާ ދެމެދު ބަދަލުކުރެވިގެން ދިއުން، ނުވަތަ
- އެމުއައްސަސާއަކުން ލައިސަންސަށް އެދި ހުށަހެޅި ހުށަހެޅުމުގައިވާ އެމުއައްސަސާގެ ރައުސްމާލަށް ނުވަތަ މާލީ ހާލަތަށް ބޮޑެތި ބަދަލުތަކެއް އައުން.
(ނ) ލައިސަންސް ދީފައިވާ ފަރާތެއް، އެފަރާތުގެ ޑިރެކްޓަރުންގެ ބޯޑަށް ނުވަތަ މައި މެނޭޖްމަންޓް ޓީމަށް އެއްވެސް ބަދަލެއް ގެންނަނަމަ، އޭގެ ކުރިން، އެކަމުގައި އޮތޯރިޓީގެ ހުއްދަ ހޯދަންވާނެއެވެ.
30 ވަނަ މާއްދާ - މާނަކުރުން
މިގަވާއިދުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތައް ފިޔަވައި، ކަސްޓޯޑިއަނަކު ލައިސަންސަށް އެދި ހުށަހެޅި ހުށަހެޅުމުގައިވާ ކަމަކަށް އިތުރު އެހެން ބަދަލެއް އަތުވެއްޖެނަމަ، އަދި އެކަސްޓޯޑިއަންގެ ވިޔަފާރިއަށް މައިގަނޑު ބަދަލެއް އަތުވެއްޖެނަމަ، ކޮންމެ ކަސްޓޯޑިއަނަކުންވެސް، އެފަދަ ބަދަލެއް އަންނަތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އޮތޯރިޓީއަށް އެކަން އަންގަންވާނެއެވެ.
31 ވަނަ މާއްދާ - މާނަކުރުން
މިގަވާއިދުގައި ކަނޑައަޅާފައިވާ މިއްދަތުގެ ތެރޭގައި، އެއްވެސް ކަސްޓޯޑިއަނަކު ލައިސަންސަށް އެދި ހުށަހެޅި ހުށަހެޅުމުގައިވާ ކަމަކަށް އަންނަ ބަދަލު އޮތޯރިޓީއަށް އަންގާފައި ނުވާނަމަ، ނާންގާ ކޮންމެ ދުވަހަކަށް 1,000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެފަރާތުގެ ކަސްޓޯޑިއަންކަމުގެ ލައިސަންސާއި، އަދި އޮތޯރިޓީއިން އެފަރާތަށް ދީފައިވާ އެހެންވެސް ލައިސަންސެއްވާނަމަ، އެލައިސަންސް އޮތޯރިޓީއިން ވަގުތީގޮތުން ހިފެހެއްޓިދާނެއެވެ. އަދި އެފަދަ ބަދަލެއް އައިސްފައިވާކަން އޮތޯރިޓީއަށް ނާންގައި 30 (ތިރީސް) ދުވަހަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާނަމަ، އެފަރާތުގެ ކަސްޓޯޑިއަންކަމުގެ ލައިސަންސާއި، އޮތޯރިޓީއިން އެފަރާތަށް ދީފައިވާ އިތުރު ލައިސަންސެއްވާނަމަ، އެލައިސަންސްތައްވެސް ވަގުތީ ގޮތުން ހިފެހެއްޓުނީއެވެ.
32 ވަނަ މާއްދާ – ކަސްޓޯޑިއަންކަމުގެ ލައިސަންސްގެ ދަށުން ހުއްދަދެވޭ ކަސްޓޯޑިއަލް ހިދުމަތްތައް
ކަސްޓޯޑިއަންކަމުގެ ލައިސަންސަށް އެދޭ ފަރާތަކުން، އެލައިސަންސްގެ ދަށުން އެފަރާތުން ފޯރުކޮށްދޭން ބޭނުންވާ ހިދުމަތްތައް ފާހަގަކުރަންވާނެއެވެ.
33 ވަނަ މާއްދާ - މާނަކުރުން
އަންނަނިވި ކަންކަމަކީ މިގަވާއިދުގެ ދަށުން ކަސްޓޯޑިއަންކަމުގެ ލައިސަންސް ދީފައިވާ ފަރާތްތަކުގެ މަސްއޫލިއްޔަތެކެވެ.
(ހ) ކަސްޓޯޑިއަލް އެގްރިމެންޓްގައިވާ ގޮތުގެ މަތިން ކަސްޓަމަރުންގެ ފަރާތުން ކަސްޓޯޑިއަންގެ ބެލުމުގެ ދަށުށް ހަަވާލުކުރެވޭ އެންމެހައި މުދާތައް ބެލެހެއްޓުން. އޭގެތެރޭގައި ސެކިއުރިޓީޒްއާއި، ފައިސާއާއި އެހެނިހެން އެސެޓްތައްވެސް ހިމެނެއެވެ.
(ށ) ކަސްޓޯޑިއަންކަމުގެ ލައިސަންސް ދިނުމުގައި ބަލާފައިވާ، ކަސްޓޯޑިއަލް ލައިސަންސަށް އެދި ހުށަހެޅި ހުށަލެޅުމުގައި ފޯރުކޮށްދޭނެކަމަށް ފާހަގަކޮށްފައިވާ އެއްވެސް އިތުރު ކަސްޓޯޑިއަލް ހިދުމަތެއް، ވަކި ކަސްޓަމަރަކަށް ކަސްޓޯޑިއަލް އެގްރީމެންޓެއްގައި ދަށުން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާނަމަ، އެހިދުމަތެއް އެފަރާތަށް ފޯރުކޮށްދިނުން.
34 ވަނަ މާއްދާ - މާނަކުރުން
ހުއްދަދީފައިވާ ކަސްޓޯޑިއަލް ހިދުމަތަކީ ލައިސަންސަށް އެދި ހުށަހެޅި ހުށަހެޅުމުގައި ހިމެނިފައިނުވާ ކަމަކަށްވާނަމަ، އަދި އެހިދުމަތަކީ ކަސްޓޯޑިއަންކަމުގެ ލައިސަންސްގެ އިމުން ބޭރުގައިވާ ހިދުމަތަކަށްވާނަމަ، އެފަދަ ހިދުމަތެއް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު އެއްވެސް ކަސްޓޯޑިއަނެއް ނަގައިގެން ނުވާނެއެވެ. އަދި ލައިސަންސް އޮތް ކަމުގައި ވީނަމަވެސް، އެހިދުމަތެއް ފޯރުކޮށްދިނުމުގެ ގާބިލުކަން ނެތި، އަދި އެކަމަށް ބޭނުންވާ ރިސްކް މެނޭޖްމަންޓް ޕްރޮސީޖަރތަކާއި ހިދުމަތްދެވޭނެ ގޮތްތައް އަދި އިންޓާނަލް ކޮންޓްރޯލްތައް ހަމަޔަށް ހުރެގެން މެނުވީ، އަދި އެފަދަ ހިދުމަތެއް އެންމެ ރަނގަޅުގޮތުގައި ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން ނެތި އެއްވެސް ކަސްޓޯޑިއަނަކު އެފަދަ ހިދުމަތެއް ފޯރުކޮށްދީގެން ނުވާނެއެވެ.
35 ވަނަ މާއްދާ – ކަސްޓޯޑިއަލް އެގްރީމެންޓްތައް
އެއްވެސް ކަސްޓޯޑިއަނަކު، އެކަސްޓޯޑިއަނަކާއި ކަސްޓަމަރާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މެނުވީ އެފަރާތަކަށް ކަސްޓޯޑިއަލް ހިދުމަތްތައް ފޯރުކޮށްދީގެން ނުވާނެއެވެ. ކަސްޓޯޑިއަލް އެގްރީމެންޓެއްގައި އަންނަނިވި ކަންތައްތައް ބަޔާންކުރާ މާއްދާތައް ހިމަނަންވާނެއެވެ.
(ހ) ކަސްޓޯޑިއަންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް. އަދި އެޒިންމާތަކާއި މަސްއޫލިއްޔަތުތައް ފުރިހަމަ ކުރުމުގައި ކަސްޓޯޑިއަން އަމަލުކުރާނެ ގޮތް؛
(ށ) ސެކިއުރިޓީ ޕޯޓްފޯލިއޯއެއްގައި ހިމެނޭ ކަސްޓަމަރުގެ ސެކިއުރިޓީޒްއަކީ ކޮބައިކަން ސާފުކޮށް އެނގޭނެފަދައިން ވަކިވަކިން ފާހަގަކޮށް ބެލެހެއްޓެން ޖެހޭނެކަމަށް ބަޔާންކުރާ މާއްދާއެއް؛
(ނ) ކަސްޓޯޑިއަންގެ މަސައްކަތުގެ އަގާއި ފީ، އަދި އެއަގުތަކާއި ފީތައް ކަނޑައެޅޭ ގޮތަކާއި، ދައްކާނެ ގޮތެއް؛
(ރ) މުއާމަލާތު ރުޖޫއަ ކުރާނެ އުސޫލެއް؛
(ބ) ކަސްޓޯޑިއަން ހުރިހައި ވަގުތެއްގައިވެސް ދިވެހިރާއްޖޭގެ ގާނޫނުތަކަށާއި، ކަމާގުޅޭ ގަވާއިދުތަކަށް ބޯލަނބާނެކަމަށް ބަޔާންކުރާ އާންމު ވޮރަންޓީއެއް'
(ޅ) ދެފަރާތުން ވާހަކަ ދެކެވިފައިވާ ގޮތެއްގެމަތިން ކަސްޓަމަރަށް އެފަރާތުގެ އެކަުންޓުތަކާ ގުޅޭގޮތުން ރިޕޯޓުތައް ހުށަހަޅާނެ ގޮތަކާއި މުއްދަތައް. މިގޮތުން މަދުވެގެން ތިންމަހުން އެއްމަހު މިރިޕޯޓުތައް ހުށަހެޅުން؛
(ކ) ކަސްޓޯޑިއަލް އެގްރީމެންޓާ ހިލާފުވާފަދަ ކަސްޓޯޑިއަންގެ އަމަލުތައް (ނުވަތަ އެފަރާތުން އިހުމާލުވެފައިވާކަމަށް ބެލެވިދާނެ ކަންތައްތައް) އާ ގުޅިގެން ދޭންޖެހޭ ނޯޓިސް ދޭނެ ގޮތެއް ބަޔާންކުރާ މާއްދާތައް. އެގޮތުން މިމާއްދާތަކުގައި އެއްބަސްވުމާ ހިލާފުކަމެއް ވެއްޖެނަމަ ވަގުތުން ލިޔުމުން ކަސްޓަމަރަށް އެކަމުގެ ނޯޓިސް ދެވޭނެ ގޮތެއް ބަޔާންކޮށްފައި އޮތުން؛
(އ) ކަސްޓޯޑިއަލް އެގްރީމެންޓް ބާތިލުކުރާނެ އުސޫލަކާއި، ގޮތްތަކާއި، ކަސްޓަމަރުގެ އެސެޓްތަކާއި އެންމެހައި ރިކޯޑުތައް އެހެންފަރާތަކަށް ނުވަތަ އެހެން ކަސްޓޯޑިއަނަކަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތްތަކާއި އެކަމުގައި ނަގާނެ މުއްދަތުތައް؛ އަދި
(ވ) ކަސްޓޯޑިއަނާއި ކަސްޓަމަރާ ދެމެދު އެއްބަސްވެފައިވާ އެހެންވެސް މާއްދާތަކެވެ.
36 ވަނަ މާއްދާ – ޑެލިގޭޓްކުރުން
ކަސްޓޯޑިއަންކަމުގެ ލައިސަންސް ލައިސަންސް އެހެންފަރާތަކަށް ބަދަލުނުކުރެވުނު ކަމުގައިވީނަމަވެސް، ކަސްޓޯޑިއަލް އެގްރީމެންޓެއްގެ ދަށުން ނުވަތަ މިގަވާއިދުގެ ދަށުން ކަސްޓޯޑިއަން އަދާކުރަންޖެހޭ މަސްއޫލިއްޔަތުުތައް އަދާކުރުމުގައި އެހީތެރިކަން ހޯދުމުގެ ގޮތުން އެހެންފަރާތަކަށް މަސައްކަތްތައް ހަވާލުކުރެވިދާނެއެވެ. މިގޮތުން މަސައްކަތް ހަވާޅުކުރެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ނަތީޖާ ނުކުމެދާނެ ހާލަތުތަކުގައި މެނިވީއެވެ.
(ހ) މިގަވާއިދާ ނުވަތަ އެހެން އެއްވެސް ގާނޫނަކާއި ގަވާއިދަކާ ހިލާފުވުން؛
(ށ) ކަސްޓަމަރާއެކު ކޮށްފައިވާ އެއްބަސްވުމަކާ ހިލާފުވުން. މިގޮތުން މިފަދަ އެއްބަސްވުމެއްގައި މަސައްކަތް ތިންވަނަ ފަރާތަކާ ހަވާލުކުރަން މަނާ ކުރާ މާއްދާއެއް ހިމެނިފައި އޮވެދާނެއެވެ؛
(ނ) ކަސްޓަމަރުގެ ރުހުމަކާ ނުލައި، ތިންވަނަ ފަރާތަކަށް ލިޔެކިއުންތައް ދޫކުރަންޖެހުން ނުވަތަ އެފަރާތަކަށް ލިޔެކިޔުންތައް ފެންނާނެފަދަ ގޮތެއް މެދުވެރިވެދާނެކަމަށް ބެލެވުން.
37 ވަނަ މާއްދާ - މާނަކުރުން
ކަސްޓޯޑިއަނަކު އެފަރާތުގެ މަސްއްކަތް ނުވަތަ މަސްއޫލިއްޔަތު އެހެންފަރާތަކަށް ހަވާލުކުރާނަމަ އެކަން ކުރަންވާނީ ލިޔުމުންނެވެ. އަދި އެގޮތުން މަސްއޫލިއްޔަތު ހަވާލުކުރެވޭ ފަރާތަކުން (މީގެ ފަހުން "ޑެލިގޭޓް" ކަމަށް ބަޔާންކޮށްފައިވާ) އެފަރާތަކާ ހަވާލުކުރެވޭ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާތެރިކަމާއެކު ޒިންމާދާރުގޮތެއްގައި މަތިން ދާއިރާގެ ބެސްޓް ޕްރެކްޓިސްތައް ނުވަތަ އެއަށްވުރެ މަތީ ފަންނީ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިން އަމަލުކުރުމަށް އެއްބަސްވާންވާނެއެވެ.
38 ވަނަ މާއްދާ - މާނަކުރުން
ޑެލިގޭޓަކީ ކަސްޓޯޑިއަންއާ ނުވަތަ ކަސްޓަމަރާ ގުޅިފައިވާ ފަރާތެއްނަމަ، މަތީގައި ބަޔާންކޮށްފައިވާ މާއްދާތަކުގެ ދަށުން ކަސްޓޯޑިއަން އެޑެލިގޭޓަކު އަދާކުރުމަށް ހަވާލުކުރާ ހިދުމަތްތަކަށާއި، މަސްއޫލިއްޔަތުތަކަށާއި، ތަކެއްޗަށާއި، މަސައްކަތްތަކަށް އެކަސްޓޯޑިއަނަކު ޒިންމާވާންވާނެއެވެ.
39 ވަނަ މާއްދާ - މާނަކުރުން
މިގަވާއިދުގެ 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުގައި މެނުވީ، އަންނަނިވި ކަންތައްތައް ކަސްޓޯޑިއަން ކަށަވަރުކޮށްދޭނަމަ، ޑެލިގޭޓަކު ކުރާ އަމަލެއްގެ ސަބަބުން ނުވަތަ އިހުމާލެއްގެ ސަބަބުން ނުކުމެދާނެ ނަތީޖާއަކަށް ކަސްޓޯޑިއަނަކު ޒިންމާނަގާކަށް ނުޖެހޭނެއެވެ.
(ހ) ޑެލިގޭޓަކާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު ހަވާލުކުރުމުގެ ކުރިން އެކަމެއް އަދާކުރެވޭ ވަރުގެ ގާބިލުކަން އެޑެލިގޭޓެއްގެ ކިބައިގައި ހުރިކަން ކަށަވަރުކުރުމަށްޓަކައި އެޅެންހުރި ފިޔަވަޅުތައް އެންމެ ރަނގަޅަށް އަޅާފައިވާކަން؛
(ށ) ޑެލިގޭޓަކާ ހަވާލުކުރެވުނު މަސްއޫލިއްޔަތުތައް ހަވާލުކުރުމަކީ އެކަށީގެންވާ ވިސްނުންތެރި ރަނގަޅު ކަމެއްކަން؛
(ނ) މަސްއޫލިއްޔަތު ޑެލިގޭޓަކާ ހަވާލުކުރުމަށްފަހު، ހުރިހައި ވަގުތެއްގައިވެސް މަސްއޫލިއްޔަތު އަދާކުރެވޭ ވަރުގެ ގާބިލުކަން އެޑެލިގޭޓެއްގެ ކިބައިގައި ހުރިކަން ކަށަވަރުކުރުމަށްޓަކައި އެޅެންހުރި ފިޔަވަޅުތައް އެންމެ ރަނގަޅަށް އަޅާފައިވާކަން؛ އަދި
(ރ) ޑެލިގޭޓް މަސައްކަތް ކުރަމުންދާގޮތް ކަސްޓޯޑިއަން ފަރުވާތެރިކަމާއެކު ބަލަމުން ގެންގޮސްފައިވާކަން.
40 ވަނަ މާއްދާ – ރިސްކް މެނޭޖަމަންޓް އަދި އިންޓާނަލް ކޮންޓްރޯލްތައް
ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ކަސްޓޯޑިއަން އެއްބަސްވެފައިވާ، ހުއްދަދީފައިވާ ކަސްޓޯޑިއަލް ހިދުމަތްތަކާ ކަސްޓޯޑިއަލް އެސެޓްތައް ބެލެހެއްޓުމާ ގުޅޭގޮތުން އަމަލުކުރަންޖެހޭ އިންޓާނަލް ކޮންޓްރޯލްތަކާއި އުސޫލުތައް ކޮންމެ ކަސްޓޯޑިއަނަކުވެސް ގާއިމްކޮށް އެއަށް އަމަލުކުރަންވާނެއެވެ.
41 ވަނަ މާއްދާ - މާނަކުރުން
ކޮންމެ ކަސްޓޯޑިއަނަކުވެސް ލައިސަންސަށް އެދި ހުށަހަޅާއިރު، ޗީފް ކޮމްޕްލައެންސް އޮފިސަރ (ސީއީއޯ) އެއް އައްޔަންކޮށް އެމީހަކީ ކާކުކަން އޮތޯރިޓީއަށް އަންގަންވަނެއެވެ. ސީއީއޯގެ ގޮތުގައި އައްޔަންކުރާ ފަރާތެއް އެމަގާމަށް އައްޔަންކުރުމަކުން، އެ މީހަކު ކަސްޓޯޑިއަންގެ ވިޔަފާރީގައި އެހެން މަގާމެއް އަދާކުރުމަކަށް ހުރަހެއް ނާޅައެވެ. އެހެންނަމަވެސް އެމީހަކީ، ސީއީއޯ ގެ މަސްއޫލިއްޔަތުތައް، އެ މީހަކު އަދާކުރާ އެހެން މަގާމެއް ފުރަމުންވެސް، އަދާކުރެވޭ ވަރުގެ ގާބިލު ފަރާތަކަށް ވާންވާނެއެވެ.
42 ވަނަ މާއްދާ - މާނަކުރުން
ސީއީއޯ ގެ މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.
(ހ) ތިރީގައި ބަޔާންކުރެވިފައިވާ ކޮމްޕްލަޔަންސް މެނުއަލް ގާއިމްކޮށް ބެލެހެއްޓުން އަދި މަދުވެގެން އަހަރަކު އެއްފަހަރު އެމެނުއަލް އަޕްޑޭޓްކުރަމުން ގެންދިއުން، އަދި
(ށ) ކަސްޓޯޑިއަންގެ ކޮމްޕްލައެންސް ޕޮލިސީތައް ބަޔާންކުރާ އަދި އެ ޕޮލިސީތައް ގާއިމްކުރުމާއި، ތަންފީޒުކޮށް، ދެމެހެއްޓުމާއި، އިސްލާހުކުރުމާއި، މުރާޖައާކުރުމާއި، އެޕޮލިސީތައް ޓެސްޓުކުރުމުގައި އަމަލުކުރެވޭ އުސޫލުތަކާބެހޭ ގޮތުން ރިޕޯޓެއް ތައްޔާރުކޮށް، މަދުވެގެން އަހަރަކު އެއްފަހަރު ކަސްޓޯޑިއަންގެ ޑިރެކްޓަރުންގެ ބޯޑަށް (ނުވަތަ އެމުއައްސަސާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ އެދަރަޖައިގެ އެހެންފަރާތަކަށް) ހުށަހެޅުން.
43 ވަނަ މާއްދާ - މާނަކުރުން
އިންޓާނަލް ކޮންޓްރޯލްތަކާއި، އުސޫލުތަކާއި އަމަލުކުރާނެ ގޮތްތައް ކޮމްޕްލައެންސް މެނުއަލްއެއްގައި ލިޔެފައި އޮންނަންވާނެއެވެ. އަދި އެކޮމްޕްލައެންސް މެނުއަލްއެއްގައި އަންނަނިވި ކަންތައްތައް ހިމަނަންވާނެއެވެ.
(ހ) ކޮންޓްރޯލް އަދި ޕޮލިސީ މަގްސަދުތައް ފާހަގަކޮށްފައި ހުރުން. މިގޮތުން ފާހަގަކުރާއިރު، ކަސްޓޯޑިއަން، ކަސްޓަމަރަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ބާވަތާއި އިންތަކަށާއި، އެހިދުމަތްތައް ފޯރުކޮށްދިނުމުގައި، އާންމުންނަށާއި، ކަސްޓަމަރުންނަށް ކަސްޓޯޑިއަން ދައްކައިދޭ މަސައްކަތުގެ ފެންވަރަށް ރިއާޔަތްކުރަންވާނެއެވެ.
(ށ) ގާއިމްކޮށްފައިވާ އިންޓާނަލް ކޮންޓްރޯލްތަކާއި، އުސޫލުތަކާއި، އަމަލުކުރާނެ ގޮތްތަކާއި އެކަންތައްތައް ހިންގާނެ ގޮތްތައް ބަޔާންކުރުން. މިގޮތުން، ކަސްޓަމަރުންގެ ސެކުއުރިޓީޒްތަކާއި ފައިސާ ބެލެހެއްޓުމާއި، އަކައުންޓުތައް ގާއިމްކޮށް ބެލެހެއްޓުމާއި، ލިބޭ އާމްދަނީއާމެދު އަމަލުކުރެވޭނެ ގޮތާއި މުއާމަލާތުތައް ކުރެވޭނެ ގޮތާއި ފަންޑުތަކާއި ސެކިއުރިޓީ ޕޮޒިށަންތައް، ރިކޮންސިލިއޭޓްކުރުމާއި ކަސްޓަމަރުންނަށް ރިޕޯޓު ހުށަހެޅުމާ ގުޅޭ ގޮތުން ހަދާފައިވާ އުސޫލުތައް އޭގެތެރޭގައި ބަޔާންކުރަންވާނެއެވެ.
(ނ) ޕޮލިސީ ހަރުދަނާކަމާއެކު ތަންފީޒުކުރުމަށްޓަކައި އޭގައި ބަޔާންކުރާ ކަންތައްތައް ކުރުމަށްޓަކައި ކަސްޓޯޑިއަން އެމަސްއޫލިއްޔަތުތައް ހަވާލުކޮށްފައިވާ އޮފިސަރުންނާއި ސުޕަވައިޒަރުން ފާހަގަކުރުމާއި؛ އަދި
(ރ) އިންޓާނަލް ކޮންޓްރޯލްތަކާއި، އުސޫލުތަކާއި، އަމަލުކުރާނެ ގޮތްތައް މުރާޖައާ ކުރާނެ ގޮތްތައް ބަޔާންކުރުން.
44 ވަނަ މާއްދާ - މާނަކުރުން
އިންޓާނަލް ކޮންޓްރޯލްތަކާއި، އުސޫލުތަކާއި، އަމަލުކުރާނެ ގޮތްތައް މުރާޖައާ ކުރާނެ ގޮތްތައް ގާއިމްކޮށްފައި ހުންނަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ކަށަވަރުކޮށްދިނުމުގެ އިތުރަށް، ކަސްޓޯޑިއަލް ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަދި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ވަކި ހާއްސަ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގައި އެކުލެވޭ އިންހެރެންޓް ރިސްކްތައް ކުޑަކުރެވޭނެފަދަ ގޮތަކަށެވެ.
(ހ) މުއައްސަސާއާއި ކަސްޓަމަރުގެ އެސެޓްތައް (ކަސްޓޯޑިއަލް އަދި އެހެނިހެން އެސެޓްތައްވެސް ހިމެނޭގޮތަށް) ރައްކާތެރިކޮށް ބެލެހެއްޓުމާއި ނަހަމަ ގޮތުގައި ހުއްދަ ނެތި އެސެޓްތައް ބޭނުން ކުރިއަ ނުދިނުމަށާއި، އެފަދަ ކަމެއް ކޮށްފިނަމަ އެކަމެއް އަވަހަށް އެނގޭނެ ފަދަ ފިޔަވަޅުތައް އެޅުން.
(ށ) އެކައުންޓުތަކާއި ކަމާގުޅޭ އެހެނިހެން ރިކޯޑުތައް ބެލެހެއްޓުމަށާއި މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުތަކަކަށް ހެދުން؛
(ނ) އެސެޓްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފިނަމަ ވަގުތުން ދެނެގަނެވޭނެ ގޮތްތައް؛ އަދި
(ރ) ގާނޫނީ އަދި ރެގިއުލޭޓަރީ ކަންތައްތަކާ އެއްގޮތަށް އަމަލުކުރުމަށް.
45 ވަނަ މާއްދާ - މާނަކުރުން
ކޮންމެ ކަސްޓޯޑިއަންއެއްގައި ލިޔެފައިވާ ކޮމްޕްލައެންސް ޕޮލިސީތައް ގާއިމްކޮށް، ދަމަހައްޓައި، މުރާޖައާކޮށް، ޓެސްޓުކޮށް، އެޕޮލިސީތައް އިސްލާހުކުރެވޭނެ ގޮތްތަކެއް އެކަށެއެޅިފައިވާކަން އަދި ގާނޫނުތަކާއި ގަވާއިދުތަކާއި، އެއްބަސްވުންތަކުގެ ދަށުން ނަގަންޖެހޭ ޒިންމާތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުމަށް ބޭނުންވާ ސުޕަވައިޒްކުރެވޭނެ ގޮތްތަކެއް ކަނޑައަޅާފައިވާކަން، އެކަސްޓޯޑިއަންގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަހަރަކު އެއްފަހަރު ކަށަވަރުކޮށްދޭންވާނެއެވެ.
46 ވަނަ މާއްދާ - މާނަކުރުން
ކަސްޓޯޑިއަންގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ސީއީއޯ އާއެކު މަދުވެގެން ތިންމަހުން އެއްމަހު ބައްދަލުކުރަންވާނެއެވެ.
47 ވަނަ މާއްދާ – ކަސްޓޯޑިއަނުން ބަލަހައްޓަންޖެހޭ ފޮތްތަކާއި ރިކޯޑުތައް
މިގަވާއިދުގައިވާ ކަންތައްތަކާ އެއްގޮތަށް ކަސްޓޯޑިއަން އަމަލުކުރަމުންދާކަން އެނގޭނެ އަދި އެގޮތުގެ މަތިން އަމަލުކުރަމުން ދިޔުމަށް ބޭނުންވާ ރިކޯޑުތައް ކަސްޓޯޑިއަން ބަލަހައްޓަންވާނެއެވެ.
48 ވަނަ މާއްދާ – އޮޑިޓަރު އައްޔަންކުރުމާއި ވަކިކުރުން
ކަސްޓޯޑިއަނަކަށް ކަސްޓޯޑިއަންކަމުގެ ލައިސަންސް ލިބޭތާ 1 (އެކެއް) މަސްދުވަސް ތެރޭގައި، ކަސްޓޯޑިއަންގެ މާލީ އެކައުންޓުތައް އޮޑިޓްކުރުމަށްޓަކައި އޮތޯރިޓީއިން ގަބޫލުކުރާ މިނިވަން ގާބިލު އޮޑިޓަރެއް އައްޔަންކުރަންވާނެއެވެ. ނުވަތަ އައްޔަންކުރެވޭނެކަން ކަށަވަރު ކުރަންވާނެއެވެ.
49 ވަނަ މާއްދާ - މާނަކުރުން
އޮޑިޓަރެއް އައްޔަންކުރާތާ ނުވަތަ އައްޔަންކުރެވޭނެކަން ކަށަވަރުކުރާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެކަން ކަސްޓޯޑިއަން އޮތޯރިޓީއަށް އަންގަންވާނެއެވެ.
50 ވަނަ މާއްދާ - މާނަކުރުން
މިގަވާއިދުގެ ދަށުން ބޭނުންވާ އަހަރީ މާލީ ބަޔާންތައް ތައްޔާރުކޮށް އެބަޔާންތައް އޮޑިޓްކުރުމަށްޓަކައި ކަސްޓޯޑިއަން އައްޔަންކޮށްފައިވާ އޮޑިޓަރަށް ކަސްޓޯޑިއަން ހުށަހަޅަންވާނެއެވެ.
51 ވަނަ މާއްދާ - މާނަކުރުން
ކަސްޓޯޑިއަންއަށް ލިޔުމުން ނޯޓިސް ދިނުމަށްފަހު އޮޑިޓަރަކަށް، އެ ކަސްޓޯޑިއަންގެ އޮޑިޓަރުކަމުގެ މަގާމުން އިސްތިއުފާ ދެވިދާނެއެވެ.
52 ވަނަ މާއްދާ - މާނަކުރުން
އޮޑިޓަރެއް، އޭނާގެ މަގާމުން އިސްތިއުފާ ދީފިނަމަ ނުވަތަ ކަސްޓޯޑިއަން އެއޮޑިޓަރެއް މަގާމުން ވަކިކޮށްފިނަމަ، ވަކިކުރުމާއެކު ނުވަތަ އިސްތިއުފާ ދިނުމާއެކު އެކަން އޮތޯރިޓީއަށް އޮޑިޓަރު ލިޔުމުން އަންގަންވާނެއެވެ. މިގޮތުން ނޯޓިސް ދޭއިރު، އިސްތިއުފާ ދިން ސަބަބު ނުވަތަ މަގާމުން ވަކިކުރެވުނު ސަބަބު ބަޔާންކުރަންވާނެއެވެ. އަދި އޮޑިޓްކުރުމުގެ ތެރޭގައި އެއްވެސް މައްސަލައެއް ދިމާވެފައިވާނަމަ، ނުވަތަ ލިޔުންތައް ދިރާސާކުރުމުގައި މައްސަލައެއް ދިމާވެފައިވާނަމަ އެކަމެއް ދިމާވެފައިވާ ގޮތުގެ ތަފުސީލުވެސް ނޯޓިސްގައި ހިމަނަންވާނެއެވެ.
53 ވަނަ މާއްދާ – އޮޑިޓަރުގެ މަސައްކަތާއި މަސްއޫލިއްޔަތުތައް
ކަސްޓޯޑިއަލް އެގްރީމެންޓްގެ ދަށުން ކަސްޓޯޑިއަންގެ ބެލުމުގެ ދަށުގައިވާ ކަސްޓަމަރުންގެ އެސެޓްތައް މަދުވެގެން ކޮންމެ އަހަރަކު އެއްފަހަރު އަމިއްލައަށް ދިރާސާކޮށް، އެސެޓްތައް އޮޑިޓަރު ކަށަވަރުކުރަންވާނެއެވެ.
54 ވަނަ މާއްދާ - މާނަކުރުން
ކަސްޓޯޑިއަންގެ ބެލުމުގެ ދަށުގައިވާ ކަސްޓަމަރުންގެ އެންމެހައި ފައިސާއާއި، ސެކިއުރިޓީޒްއާއި އެސެޓްތައް އޮޑިޓަރު ކަށަވަރުކުރަންވާނެއެވެ. މިގޮތުން، ސެކިއުރިޓީޒްތައް އަމިއްލައަށް ދިރާސާކޮށް، ކަސްޓަމަރާއި ކަސްޓޯޑިއަންގެ ފޮތްތަކާއި ރިކޯޑުތަކުގައި އަދި ކަސްޓޯޑިއަންގެ ބެލުމުގެ ދަށުގައިވާ ކަސްޓަމަރުގެ ކަސްޓޯޑިއަލް އެކައުންޓުތަކުގެ ރިކޯޑުތަކުގައާއި، ފޮތްތަކުގައި ހުރިހައި އެސެޓްތައް ހިމެނިފައިވޭތޯ ބަލަންވާނެއެެވެ.
55 ވަނަ މާއްދާ - މާނަކުރުން
އޮޑިޓަރު ހުށަހަޅާ އޮޑިޓް ރިޕޯޓުގައި މާލީ އެކައުންޓުތަކާ ގުޅިގެން އޮޑިޓަރުގެ ލަފާ ހިމަނަންވާނެއެވެ.
56 ވަނަ މާއްދާ - މާނަކުރުން
އޮޑިޓަރުގެ ދިރާސާތަކުން ފާހަގަކުރެވޭ މައްސަލަތައް 1 (އެކެެއް) މަސައްކަތު ދުވަހުގެ ތެރޭގައި އޮތޯރިޓީއަށް އޮޑިޓަރު އަންގަންވާނެއެވެ.
57 ވަނަ މާއްދާ – އިންޓާނަލް ކޮންޓްރޯލް އޮޑިޓް އަދި ރިޕޯޓުކުރުން
އޮތޯރިޓީއިން ގަބޫލުކުރާ މިނިވަން ގާބިލު އޮޑިޓަރެއް މެދުވެރިކޮށް މަދުވެގެން ކޮންމެ އަހަރަކު އެއްފަހަރު ކަސްޓޯޑިއަންގެ އިންޓާނަލް ކޮންޓްރޯލް ރިޕޯޓެއް ކަސްޓޯޑިއަން ހޯދަންވާނެއެވެ. އަދި މިއޮޑިޓަރު ވާންވާނީ 48 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އޮޑިޓަރާއި ތަފާތު އޮޑިޓަރަކަށެވެ.
58 ވަނަ މާއްދާ - މާނަކުރުން
އިންޓާނަލް ކޮންޓްރޯލް ރިޕޯޓުގައި އޮޑިޓަރުގެ ލަފާ ހިމަނަންވާނެއެވެ. އަދި ކަސްޓޯޑިއަންގެ އިންޓާނަލް ކޮންޓްރޯލްގެ އުސޫލުތަކާއި، އަމަލުކުރުމަށް ނިންމާފައިވާ ގޮތްތައް، އެކަސްޓޯޑިއަން ފޯރުކޮށްދޭ ހިދުމަތްތަކާއި ކުރާ މަސައްކަތްތަކާ އެކަށީގެންވާކަމާއި، ކަސްޓޯޑިއަން އެއުސޫލުތައް އެންމެ ރަނގަޅުގޮތުގައި ބޭނުންކޮށް، ޓެސްޓުކޮށް މުރާޖައާ ކުރަމުންދާކަމާއި، ކޮމްޕްލައެންސް މެނުއަލްގައި ބަޔާންކުރާ މަގްސަދުތައް އެ އިންޓާނަލް ކޮންޓްރޯލްގެ އުސޫލުތަކުން ހާސިލުވާން އޮޑިޓަރުގެ ލަފާއިން އެނގެން އޮންނަންވާނެއެވެ.
59 ވަނަ މާއްދާ - މާނަކުރުން
އޮޑިޓަރުގެ ދިރާސާތަކުން ފާހަގަކުރެވޭ މައްސަލަތައް 1 (އެކެއް) މަސައްކަތު ދުވަހުގެ ތެރޭގައި އޮތޯރިޓީއަށް އޮޑިޓަރު އަންގަންވާނެއެވެ.
60 ވަނަ މާއްދާ – ކޮންމެ އަހަރަކު ހުށަހަޅަންގެހޭ މާލީ ބަޔާންތަކާއި އޮޑިޓް ރިޕޯޓުތައް
ކަސްޓޯޑިއަލް ހިދުމަތް ދޭ ފަރާތްތަކުން ކޮންމެ އަހަރަކު އަންނަނިވި ލިޔުންތައް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ހ) ކަސްޓޯޑިއަލް ހިދުމަތްތަކުގެ ބާބެއް އެކުލެވޭގޮތަށް ތައްޔާރުކުރެވޭ އަހަރީ މާލީ ބަޔާންތައް؛
(ށ) މާލީ އޮޑިޓް ރިޕޯޓާއި އޮޑިޓް ކުރާފަރާތުގެ ލަފާ؛
(ނ) އިންޓާރނަލް ކޮންޓްރޯލް ރިޕޯޓާއި އޮޑިޓް ކުރާފަރާތުގެ ލަފާ؛ އަދި
(ރ) ކަސްޓޯޑިއަން، ކަމާ ގުޅޭ ހުރިހައި ގާނޫނަކާއި ގަވާއިދަށް ފުރިހަމައަށް އަމަލުކުރާކަމަށް ޗީފް އެގްޒެކެޓިވް އޮފިސަރާއި ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން ކަށަވަރުކޮސްދީފައިވާ ލިޔުމެއް އަދި އަމަލުނުކޮށްވާނަމަ، ހިލާފުވެފައިވާ ގޮތްތަކާއި، އެކަންތައްތައް އިސްލާހުކުރުމަށްޓަކައި ނެގިފައިވާ ފިޔަވަޅުތައް.
61 ވަނަ މާއްދާ - މާނަކުރުން
އޮޑިޓްކުރުމަށްޓަކައި ބޭނުންވާ މައުލޫމާތުތައް ފުރިހަމައަށް އެކުލެވިގެންވާކަން ނުވަތަ އެރިކޯޑުތަކާއި މައުލޫމާތުތަކުގެ ތެދުކަމާމެދު އޮޑިޓަރުގެ ލަފާގައި އެއްވެސް މައްސަލައެއް ފާހަގަކޮށްފައިވާނަމަ ކަސްޓޯޑިއަން ދެ ޑިރެކްޓަރުން ސޮއިކޮށްފައިވާ ލިޔުމެއްގައި އަންނަނިވި ނުކުތާތައް ހިމެނޭގޮތަށް ރިޕޯޓާއެކު ހުށަހަޅަންވާނެއެވެ.
(ހ) އޮޑިޓްކުރުމަށްޓަކައި އޮޑިޓްކުރާފަރާތަށް ބޭނުންވާ ހުރިހައި އެކައުންޓުތަކާ ގުޅޭ ރިކޯޑުތައް ކަސްޓޯޑިއަން ފޯރުކޮށްދީފައިވާކަން؛
(ށ) ކަސްޓޯޑިއަން ކޮށްފައިވާ އެންމެހައި މުއާމަލާތުތައް ރަނގަޅަށް އެކައުންޓްތަކުގައި ރިކޯޑުކޮށްފައިވާކަން.
62 ވަނަ މާއްދާ- ކަސްޓަމަރުންގެ މަންފާއަށް މަސައްކަތްކުރުމުގެ މަސްއޫލިއްޔަތު
ކަސްޓޯޑިއަންގެ ވިޔަފާރި ހިންގުމުގައި އޮޅުވާލުމާއި ނުވަތަ މުހިންމު މައުލޫމާތު އެނގިހުރެ އުނިކޮށް ނުވަތަ ހިޔާނާތްކަމަށް ބެލެވޭ ގޮތަކަށް އަމަލުތައް ބެހެއްޓުމަކީ ގާނޫނާ ހިލާފުކަމެކެވެ.
63 ވަނަ މާއްދާ - މާނަކުރުން
ފައިޑިއުށަނަރީއެއްގެ ހައިސިއްޔަތުން ކަސްޓަމަރަށް ކަސްޓޯޑިއަން ފުރިހަމައަށް ވަފާތެރިވެ އަދި ކަސްޓަމަރުގެ ރުހުމާނުލައި ކަސްޓަމަރުގެ ރުހުމާނުލައި ކަސްޓަމަރަށް މަންފާވާނެކަމަކަށް ބުރޫއަރާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.
64 ވަނަ މާއްދާ - މާނަކުރުން
އެއްވެސް މުއާމަލާތެއް ނުވަތަ އެއްވެސް ފަރާތަކުން ދޭ އިރުށާދެއް ނުވަތަ އަންގާ އެންގުމަކީ (މީގެ ފަހުން 'މުއާމަލާތު' ކަމަށް ހަވާލާދީފައިވާ) މިގަވާއިދާ ހިލާފުކަމެއްކަމަށް ނުވަތަ ކަސްޓޯޑިއަންކަމުގެ ލައިސަންސްގެ އިމުން ބޭރުވާނެ ކަމެއްކަމަށް ނުވަތަ އެކަމާ ގުޅޭ ކަސްޓޯޑިއަލް އެގްރީމަންޓާ ހިލާފުކަމެއް ކަމަށް ނުވަތަ އެނޫންވެސް އެ ކަމެއް ބިނާކޮށްފައިވާ ލިޔުމަކާ (މިސާލަކަށް އެސެޓް މެނޭޖަރަކާ ކަސްޓަމަރަކާ ދެމެދު ވެވޭ އެއްބަސްވުން) ހިލާފުވާނެ ކަމެއް ކަމަށް ކަސްޓޯޑިއަނަކަށް އިންކާރުކުރެވިދާނެއެވެ. އަދި އެސެޓް މެނޭޖަރ މެދުވެރިކޮށް އެމުއާމަލާތެއް ބާތިލްކޮށް ނުވަތަ އެ މުއާމަލާތެއް ކުރުމުގެ ކުރިން ހުރި ހާލަތަށް ރުޖޫއަވުމަށްޓަކައި ކުރަންޖެހޭ މަސައްކަތެއްކޮށް އެ މުއާމަލާތެއްގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުހޯދިދާނެއެވެ. މިފަދަ ހާލަތެއްގައި ކަސްޓަމަރަށް ވަގުތުން އެކަން ކަސްޓޯޑިއަން އަންގަންވާނެއެވެ.
65 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގެ 62، 63 ނުވަތަ 64 ވަނަ މާއްދާއާ ހިލާފަށް އަމަލުކުރުމަކީ ކުށެކެވެ. އަދި ކުށްވެރިވާ ފަރާތް ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގެ 59 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޖޫރިމަނާކުރެވޭނެއެވެ.
66 ވަނަ މާއްދާ- ކަސްޓަމަރުންނަށް ނުވަތަ ކަސްޓަމަރުންނަށް ވުމަށް އެދޭ ފަރާތްތަކަށް ލިޔުމުން ހުށަހަޅާ ޑިސްކްލޯޝާރ ސްޓޭޓްމަންޓާއި އަދި އަހަރީ ރިޕޯޓާ ގުޅޭ މާއްދާތައް
ކަސްޓަމަރަށް ނުވަތަ ކަސްޓަމަރުންނަށް ވުމަށް އެދޭ ފަރާތްތަކަށް ކަސްޓޯޑިއަންގެ އެންމެ ފަހުން ށާއިއުކުރި އަހަރީ ރިޕޯޓު އަދި ޑިސްކްލޯށަރ ސްޓޭޓްމަންޓެއް ލިޔުމުން ފޯރިކޮށްދޭން ވާނެއެވެ. އަދި އޭގައި ކަސްޓޯޑިއަންގެ ވިޔަފާރި ހިންގާ ގޮތާއި އަދި ތައުލީމާއި ތަޖުރިބާ އެނގޭނެ މައުލޫމާތުތައް ހިމަނަންވާނެއެވެ. އަދި މި ބަޔާން ފޯރިކޮށްދޭންވާނީ އަންނަނިވި ގޮތުގެ މަތިންނެވެ.
(ހ) ކަސްޓަމަރާއެކު ކަސްޓޯޑިއަލް އެގްރިމެންޓެއްގައި ސޮއިކުރުމުގެ އެންމެ މަދުވެގެން 48 (ސާޅީސް އަށެއް) ގަޑިއިރު ކުރިން، ނުވަތަ
(ށ) ކަސްޓަމަރާއެކު ކަސްޓޯޑިއަލް އެގްރީމެންޓެއްގައި ސޮއިކުރާއިރު؛ އެއީ އެއްބަސްވުމުގެ ދަށުން ސޮއިކުރުމަށް ފަހު 5 (ފަހެއް) މަސައްކަތު ދުވަހުގެ ތެރޭގައި އެއްވެސް ބަދަލެއް ދިނުމަކާ ނުލައި ކަސްޓަމަރަށް އެއްބަސްވުން ބާތިލްކުރުމުގެ ހުއްދަ އޮތްނަމައެވެ.
67 ވަނަ މާއްދާ - މާނަކުރުން
ކޮންމެ ކަސްޓަމަރަކަށް މައުލޫމާތު ފުރިހަމަވެފައިވާ ނުވަތަ އެންމެފަހުގެ ޑިސްކްލޯށަރ ސްޓޭޓްމަންޓްތަކާއި އަހަރީ ރިޕޯޓް އެއްވެސް އަގަކާ ނުލައި ކަސްޓޯޑިއަން ލިޔުމުން ފޯރުކޮށްދޭންވާނެއެވެ.
68 ވަނަ މާއްދާ - މާނަކުރުން
ޑިސްކްލޯށަރ ސްޓޭޓްމަންޓުތަކުގައި ހިމަނަންޖެހޭ މައުލޫމާތުތަކުގެ ތެރޭގައި، 66 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރަށް އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
(ހ) ކަސްޓޯޑިއަންކަމުގެ ލައިސަންސް ފުރަތަމަ ދިން ތާރީހް އަދި އާކޮށްފައިވާ (އާކޮށްފައިވާނަމަ ނުވަތަ ކުރެވޭނެ މަސައްކަތްތަކަށް އިސްލާހުގެނެވިފައިވާނަމަ) އެންމެ ފަހުގެ ތާރީހް:
(ށ) ކަސްޓޯޑިއަލް ލައިސަންސްގެ ދަށުން ހުއްދަދީފައިވާ ހިދުމަތްތަކާއި ގުޅޭ މަސައްކަތުގެ ދާއިރާގެ ތަފްސީލް
(ނ) ހުށަހަޅާ ކަސްޓޯޑިއަލްގެ ބާވަތްތައް އަދި؛
(ރ) ހިދުމަތްތަކަށް ނެގޭ ފީ ނުވަތަ އަގު ނަގާނެ ނުވަތަ ކަނޑައަޅާ އުސޫލެއް. އެއީ އިންސައްތައިގެ އުސޫލުން ނުވަތަ ހޭދަވާ ވަގުތަށް ބަލައިގެންނަމަ އެގޮތުގެ މަތިންކަން ނުވަތަ ކަނޑައަޅާފައިވާ ވަކި ފީއެއް ނުވަތަ އަގެއް ނަގާގޮތަށް ނަމަ އެކަން ނުވަތަ ހިދުމަތަށް އެދޭ ފީއެއް ނުވަތަ އަގެއް ކަނޑައަޅާ އުސޫލުން ނަމަ އެކަން، ނުވަތަ ކުރާ ކޮންމެ މުއާމަލާތަކަށް އަގެއ ކަނޑައަޅާ އުސޫލުން ނަމަ އެކަން ނުވަތަ އެނޫންވެސް އެހެން ގޮތަކަށް އަގު ކަނޑައަޅާނަމަ އެއުސޫލެއް.
69 ވަނަ މާއްދާ - މާނަކުރުން
ކަސްޓޯޑިއަން ކަސްޓަމަރަށް ނުވަތަ ކަސްޓަމަރަށްވާނެ ފަރާތަށް އަންނަނިވި ކަންތައްތަކާ ގުޅޭގޮތުން ހުރިހާ މުހިންމު ނުކުތާތަކެއް ހާމަކުރަންވާނެއެވެ.
(ހ) ކަސްޓޯޑިއަން ނުވަތަ ކަސްޓޯޑިއަންއާ ގުޅިފައިވާ އެހެން ފަރާތެއްގެ މާލީ ކަންކަމުގެ ސަބަބުން ކަސްޓޯޑިއަން ކަސްޓަމަރަށޤ އަދާކޮށްދޭންޖެހޭ ޒިންމާތައް އަދާކޮށްދިނުމަށް އެއްވެސް އުނިކަމެއް އައިސްފާނެނަމަ އެފަދަ މާލީ ކަންކަމާބެހޭ މައުލޫމާތު؛
(ށ) ކަސްޓަމަރުގެ ކަސްޓޯޑިއަލް އެސެޓްތައް ނުވަތަ އެހެނިހެން ފައިސާތަކާއި ސެކިއުރިޓީޒްގެ މައްޗަށް ކަސްޓޯޑިއަން ނުވަތަ ކަސްޓޯޑިއަނާ ގުޅިފައިވާ ފަރާތަކުން ބާރު ހިންގޭ މިންވަރު؛
(ނ) ކަސްޓަމަރަށް އެއްބަސްވުމުގެ ދަށުްނ ކޮށްދޭންޖެހޭ ކަންތައްތައް ކޮށްދިނުމުގައި ކަސްޓޯޑިއަންގެ ގާބިލުކަމަށް ނުވަތަ ތެދުވެރިކަމަށް ނުވަތަ އުނިކަމެއް އަތުވެދާނެފަދަ ގާނޫނީ ގޮތުން ނުވަތަ އަހުލާގީ ގޮތުން ހިނގާފައިވާ އެއްވެސް ކަމެއް.
70 ވަނަ މާއްދާ - މާނަކުރުން
އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި މިގަވާއިދަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް ގެނެވިދާނެއެވެ. އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުން ބެލުމަށްފަހު މި ގަވާއިދުގެ ބައެއް މާއްދާތަކަށް އަމަލުނުކޮށް ދޫކޮށްލުމަށްވެސް އޮތޯރިޓީއަށް ނިންމިދާނެއެވެ.
71 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާ ހިނދަކު، ނުވަތަ އެބަހެއް ބޭނުންކޮށްފައިވާ ހާލަތެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާހާ ހިނދަކު ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގައި މާނަކޮށްފައިވާ ބަސްތައް މިގަވާއިދުގައިވެސް ބޭނުންކޮށްފައިވަނީ އެ ގާނޫނުގައި ބޭނުންކޮށްފައިވާ މާނައިގައެވެ.
'ގާނޫނު' ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2006-02) އަށެވެ.
'އޮތޯރިޓީ' ކަމަށް ބުނެފައި އެވަނީ ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއެވެ.
'ކަސްޓޯޑިއަން' ކަމަށް ބުނެފައި އެވަނީ، ކަސްޓަމަރަކަށް ނުވަތަ ކަސްޓަމަރު ހަމަޖައްސައިގެން ކަސްޓަމަރުގެ މުދާ ބަލަހައްޓައިދިނުމާއި އެސެޓްތައް ރައްކާތެރިކޮށް ބެލެހެއްޓުންފަދަ އެހެނިހެން ކަސްޓޯޑިއަލް ހިދުމަތްތައް ފޯރުކޮށްދޭ ފަރާތަކަށެވެ. އަދި މިގަވާއިދުގެ ދަށުން ކަސްޓޯޑިއަލްގެ ހިދުމަތްތައް ދިނުމަށް ލައިސަންސް ދީފައިވާ ކޮންމެ ފަރާތަކަށެވެ.
'ކަސްޓޯޑިއަލް އެގްރީމެންޓް' ކަމަށް ބުނެފައި އެވަނީ ކަސްޓަމަރާއި ކަސްޓޯޑިއަންއާ ދެމެދުގައި ވެވޭ އެއްބަސްވުމަށާއި ކަސްޓަމަރުގެ އެސެޓްތައް (ކަސްޓޯޑިއަލް އެސެޓްތައް) ބެލެހެއްޓުމަށް ކަސްޓޯޑިއަން ކަނޑައަޅާ ށަރުތުތަކަށެވެ. އޭގެ ތެރޭގައި ރައްކާތެރިކޮށް ބެލެހެއްޓުމާއި ލިބިގަތުން އަދި ދޫކޮށްލުން ފަދަ ކަންތައްތައް ހިމެނެއެވެ.
"ކަސްޓޯޑިއަލް އެސެޓްތައް" ކަމަށް ބުނެފައި އެވަނީ، ކަސްޓަމަރާއި އެކު ވެފައިވާ ކަސްޓޯޑިއަލް އެގްރީމެންޓެއްގެ ދަށުން ކަސްޓޯޑިއަންގެ ބެލުމުގެ ދަށުގައިވާ އެސެޓްތަކަށެވެ. އޭގެ ތެރޭގައި ނަގުދު ފައިސާއާއި މުދަލާއި އެހެނިހެން އެސެޓްތައް ހިމެނެއެވެ.
'ކަސްޓަމަރު' ކަމަށް ބުނެފައި އެވަނީ ކަސްޓޯޑިއަލް އަދި އެއާ ގުޅޭ އެހެނިހެން ހިދުމަތްތައް އެފަރާތަށް ފޯރުކޮށްދިނުމަށް ކަސްޓޯޑިއަންއާ އެފަރާތާއެކު އެގްރީމެންޓްކޮށްފައިވާ ފަރާތަށެވެ.
'ޕެންށަނާބެހޭ ގާނޫނު' ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޕެންށަނާއި ބެހޭ ގާނޫނު (ގާނޫނު ނަންބަރު 2009-08) އަށެވެ.
'ޕެންށަން އެސެޓްސް' ބޭނުންކޮށްފައި އެވަނީ، ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނުގައި ބޭނުންކޮށްފައިވާ މާނައިގައެވެ.
'ހުއްދަދީފައިވާ ކަސްޓޯޑިއަލް ހިދުމަތްތައް' ކަމަށް ބުނެފައި އެވަނީ، ކަސްޓޯޑިއަން ހުށަހަޅާ ހިދުމަތްތަކާއި އަދި ލައިސަންސަށް އެދި ހުށަހަޅާއިރު ވަކިވަކިން ފާހަގަކޮށްފައިވާ ހިދުމަތްތަކާއި، ކަންތައްތައް އަދި ހިދުމަތްތަކުގެ ތެރެއިން އޮތޯރިޓީއިން ކަސްޓޯޑިއަން އަށް ދީފައިވާ ލައިސަންސްެ ގެ ދަށުން ދޫކޮށްފައިވާ ހިދުމަތްތަކަށެވެ. މީގެ ތެރޭގައި މުދާ ރައްކާތެރިކޮށް ބެލެހެއްޓުން (ޕޯޓް ފޯލިއޯ ސެކިއުރިޓީޒް، ނަގުދު ފައިސާ އަދި އެހެނިހެން މުދާ) ބުކް އެންޓްރީ ޓްރާންސެކްށަންސް އާއި އިންކަމް ކަލެކްށަން ޓްރޭޑް ސެޓްލްމަންޓް، ކޯޕަރޭޓް އެކްށަން މޮނިޓަރިނގ، ޓެކްސް ވިތު ހޯލްޑިންގ، ޓްރާންސްފަރ އޭޖެންސީ ސަޕޯޓް، އޮޑިޓްކުރުން، ފައިނޭންށިއަލް ރިޕޯޓިންގ، ފައިސާ މެނޭޖްކުރުން، ސެކިއުރިޓީޒް ލޭންޑިންގ އަދި ބޭރުގެ ފައިސާ އެކްސްޗޭންޖް ކުރުން ހިމެނެއެވެ.
( މި ގަވާއިދުގައި އެޓޭޗްކުރެވިފައިވާ ފޯމުތައް ގަވާއިދުގެ ޕީ.ޑީ.އެފް ފައިލްގައި ހިމެނިފައިވާނެއެވެ)
މައި ގަވާއިދު
ކަސްޓޯޑިއަލް ހިދްމަތްދޭ މުއްސަސާތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2011-36)
މި ގަވާއިދަށް ގެނެވުނު އިސްލާހު
ކިޔުންތެރިންގެ ހިޔާލު