-

ސުކޫލު ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަން ރަޖިސްޓަރީ ކުރުމާއި ހިންގުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2021-165)

(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ސުކޫލުތައް ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަން ރަޖިސްޓަރީކުރުމާއި، އެފަދަ ތަންތަން ހިންގުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާން ކުރުމަށް ޓަކައި، ގާނޫނު ނަންބަރު 24/2020 (ތައުލީމުގެ ގާނޫނު) ގެ 36 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ސުކޫލު ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަން ރަޖިސްޓަރީ ކުރުމާއި ހިންގުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ސުކޫލުތައް ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަން ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރުމާއި ހިންގުމުގައި އަމަލުކުރާނެ އެންމެހައި އުސޫލުތައް ބަޔާންކުރުމެވެ. 

 

3 ވަނަ މާއްދާ - ސުކޫލު ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަން

މި ގަވާއިދުގެ ބޭނުމަށް ޓަކައި ސުކޫލުތައް ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަން ކަމުގައި ބަލާނީ، އަންނަނިވި ގިންތިތަކުގައި ހިމެނޭ، އޮންލައިންކޮށް ކިޔަވައިދޭ ތަންތަނާއި، ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދޭ ތަންތަނެވެ.

(ހ) ބޭބީ ނާސަރީއާއި، ނާސަރީއަށް ކިޔަވައިދޭ ތަންތަން.

(ށ) ޕްރީސްކޫލާއި، ޅަފަތުގެ ތައުލީމުގެ ބޭނުމަށް ހިންގާ އެ ފެންވަރުގެ ތަންތަން.

(ނ) ޓިއުށަން ދޭ ތަންތަން.

(ރ) ގުރްއާން ކްލާސްތައް.

(ބ) ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދީންނަށް ތައުލީމާއި ތަމްރީނުދޭ ތަންތަން.

(ޅ) 18 (އަށާރަ) އަހަރުން ދަށުގެ ކުދީންނަށް ދެވޭ ތައުލީމާއި ތަމްރީނާއި ހުނަރު ފޯރުކޮށްދިނުމަށް ހިންގާ، މަތީގައިވާ އަކުރުތަކުގައި ހިމެނިފައިނުވާ އެހެނިހެން ތަންތަން.

 

4 ވަނަ މާއްދާ - ސުކޫލު ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަން ރަޖިސްޓަރީކުރުން

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސުކޫލުތައް ފިޔަވައި،އޮންލައިންކޮށް ކިޔަވައިދޭ ތަންތަނާއި، ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދޭ ތަންތަން ހިންގަންވާނީ، މި ގަވާއިދުގެ ދަށުން މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްގެންނެވެ. 

(ށ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރާ ތަންތަން ރަޖިސްޓަރީ ކުރުމަށް މިނިސްޓްރީއަށް ހުށަހަޅަންވާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ އެޕްލިކޭށަން ފޯމާއި، ޖަދުވަލު 2 ގައިވާ "ކިޔަވައިދޭ ތަންތަން ހިންގަން ގަސްތު ކުރާ ގޮތުގެ ހުށަހެޅުން" (ޕްރޮޕޯޒަލް) އާއި، ޖަދުވަލު 5 އާއި ޖަދުވަލު 6 ގައި ހިމެނޭ ލިޔުންތަކާ އެކުގައެވެ.

(ނ) އެޕްލިކޭށަން ފޯމު ފުރިހަމަކޮށްފައި ހުށަހަޅާއިރު، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ ޗެކުލިސްޓު ފުރިހަމަކޮށްފައި ހުށަހަޅަން ވާނެއެވެ.

(ރ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރަން ހުށަހަޅާ ތަންތަން ރަޖިސްޓަރީ ކޮށްދެވޭނީ މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ކިޔަވައިދޭ ތަނެއްގައި ހުންނަންޖެހޭ "މިނިމަމް ސްޓޭންޑަރޑް ފެސިލިޓީސް" ގައި ހިމެނޭ ވަސީ ލަތްތައް އެ ތަނެއްގައި ފުރިހަމަވާނަމައެވެ.

(ބ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރަން ހުށަހަޅާ ތަން ތަން ރަޖިސްޓަރީ ކޮށްދެވޭނީ، އެ ތަނުގައި ހިންގާ ޕްރޮގްރާމްތައް ހިންގުމުގެ ހުއްދައަށް އެދި މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ "ސުކޫލު ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަނުން ޕްރޮގްރާމް ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު" ފުރިހަމަކޮށްފައި ހުށަހެޅުމުންނެވެ.

 

5 ވަނަ މާއްދާ - ރަޖިސްޓަރީކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތުގެ ށަރުތުތައް

(ހ) ކިޔަވައިދޭ ތަނެއް ރަޖިސްޓަރީކުރަން އެދި ހުށަހަޅާ ފަރާތަކީ، ގާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ ދަށުން ނުވަތަ ގާނޫނު ނަންބަރު 1/2003 (ޖަމްއިއްޔާތަކާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.

(ށ) ރަޖިސްޓަރީ ކޮށްދިނުމަށް އެދި ހުށަހަޅާ ގާނޫނީ ށަހްސެއްގެ ކިބައިގައި، އަންނަނިވި ށަރުތުތައް ފުރިހަމަވާން ވާނެއެވެ.

  1. ކިޔަވައިދޭ ތަނެއް ރަޖިސްޓަރީކޮށްގެން އެ ތަން ހިންގުމަށް އެ ށަހްސަކުން ނިންމައިފައިވާކަމުގެ ލިޔުން ނުވަތަ އެ ށަހްސެއްގެ ބޯޑުން ނުވަތަ ހިންގާ ކޮމިޓީން ނިންމައިފައިވާ ނިންމުން؛
  2. ށަހްސެއްގެ ބޯޑު އޮފް ޑައިރެކްޓަރުންގެ ނުވަތަ ހިންގާ ކޮމިޓީގެ މެންބަރުންގެ ފާއިތުވި 5) ފަހެއް) އަހަރުދުވަހުގެ ކުށުގެ ރިކޯޑެއް ނެތުން؛
  3. ގާނޫނީ ށަހްސުގެ ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ކުށުގެ ރިކޯޑެއް ނެތުން؛
  4. ރަޖިސްޓަރީ ކޮށްދިނުމަށް އެދި ހުށަހެޅުމާ ހަމައަށް ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖިނާއީ ބޮޑު ކުށެއްގެ ދައުވާއެއް ނުވަތަ ތުހުމަތެއް ކުރެވި ދައުލަތުގެ ތަހުގީގީ އިދާރާއަކުން މައްސަލަ ބަލަމުންދާ، އަދި އެއްވެސް ށަރުއީ ކޯޓެއްގައި ދައުވާއެއް އުފުލައިފައިވާ ގާނޫނީ ށަހުސެއް ކަމުގައި ނުވުމާއި، އެ މާއްދާގައި ބަޔާންކޮށްފައިވާ ކުށެއް ސާބިތުވެފައިވާ ގާނޫނީ ށަހުސެއް ކަމުގައި ނުވުން؛

 

6 ވަނަ މާއްދާ - ސުކޫލު ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަނުގައި ޕްރޮގްރާމް ރަޖިސްޓަރީކުރުން

(ހ) ކިޔަވައިދޭ ތަނެއް ރަޖިސްޓަރީ ކުރާއިރު ހުއްދަދޭ ޕްރޮގްރާމްތަކުގެ އިތުރުން، އިތުރު ޕްރޮގްރާމެއް ހިންގާނަމަ، އެ ޕްރޮގްރާމެއް ވަކިން ރަޖިސްޓަރީ ކުރަން ޖެހޭނެއެވެ. މި ފަދަ ޕްރޮގްރާމްތައް ރަޖިސްޓަރީ ކުރުމަށް، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ "ސުކޫލު ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަނުން ޕްރޮގްރާމް ރަޖިސްޓަރީކުރުމަށް އެދޭ ފޯމު" ފުރިހަމަކޮށްފައި، އެ ފޯމު ހުށަހަޅަންވާނެއެވެ.

(ށ) ކިޔަވައިދޭ ތަނުގައި ހިންގުމަށް ހުއްދަ ދީފައިވާ ޕްރޮގްރާމަކަށް އެއްވެސް ބަދަލެއް ގެނެވޭނީ،މިނިސްޓްރީގެ ހުއްދަ ލިޔުމުން ލިބިގެންނެވެ.

(ނ) ރަޖިސްޓަރީ ކުރަން އެދޭ ޕްރޮގްރާމަކީ، ދިވެހިރާއްޖޭގެ ގައުމީ މަންހަޖާ ތަފާތު ޕްރޮގްރާމެއް ނަމަ، ދިވެހިރާއްޖޭގެ ނޭށަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭށަނުން އެ ޕްރޮގްރާމް ކުރިޔަށް ގެންދިއުމުގެ ހުއްދައާއި، މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީ (އެމް.ކިޔު.އޭ) ގެ އެޕްރޫވަލް ހޯދަންޖެހޭ ޕްރޮގްރާމެއް ނަމަ އެ އޮތޯރިޓީން ހުއްދަ ދީފައިވާކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.

(ރ) ރަޖިސްޓަރީ ކޮށްފައިވާ ޕްރޮގްރާމަކަށް އެއްވެސް ބަދަލެއް ގެންނަނަމަ، ގެންނަން ބޭނުންވާ ބަދަލާއެކު، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ "ސުކޫލު ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަނުން ޕްރޮގްރާމް ރަޖިސްޓަރީކުރުމަށް އެދޭ ފޯމު" ހުށަހަޅައި އަލުން ރަޖިސްޓަރީ ކުރަންވާނެއެވެ. އަދި ޕްރޮގްރާމެއް އުނިކުރުމަށް ބޭނުންވާނަމަ، މިނިސްޓްރީއަށް ލިޔުމުން އެކަން އަންގަންވާނެއެވެ.

 

7 ވަނަ މާއްދާ - ކިޔަވައިދޭ ތަންތަނާއި ޕްރޮގްރާމް ރަޖިސްޓަރީ ކުރުމަށް ފީނެގުން

ރަޖިސްޓަރީކޮށްދޭ ތަންތަނާއި ޕްރޮގްރާމް ރަޖިސްޓަރީ ކުރުމަށް ފީ ނަގާނީ އަންނަނިވި ގޮތުގެ މަތީންނެވެ. 

(ހ) އަލަށް ރަޖިސްޓަރީކުރާ ތަންތަން ރަޖިސްޓަރީ ކުރުމާއި ޕްރޮގްރާމް ރަޖިސްޓަރީކުރުމަށް ރަޖިސްޓްރޭށަން ފީގެ ގޮތުގައި، 1،000 (އެއްހާސް) ރުފިޔާ.

(ށ) ރަޖިސްޓަރީގައި ހިމެނޭ މައުލޫމާތެއް ބަދަލުކުރާނަމަ، 500 (ފަސްސަތޭކަ) ރުފިޔާ.

(ނ) ރަޖިސްޓަރީ ގެއްލިގެން ނުވަތަ ހަލާކުވެގެން އަލުން ރަޖިސްޓަރީ ހައްދާނަމަ، 2،000 (ދެހާސް) ރުފިޔާ.

(ރ) އައު ޕްރޮގްރާމެއް ރަޖިސްޓަރީ ކުރާނަމަ، 250 (ދުއިސައްތަ ފަންސާސް) ރުފިޔާ.

 

8 ވަނަ މާއްދާ - ކުދީން ވެއްދުމާއި ވަކިކުރުން

(ހ) ދިވެހިރާއްޖޭގައި 18 (އަށާރަ) އަހަރުން ދަށުގެ ކުދީންނަށް ތައުލީމާއި ހުނަރު ފޯރުކޮށްދިނުމަށް މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ އެއްވެސް ތަނަކުން ޖާގަ ހޯދުމަށް ދަރިވަރަކު އެދިއްޖެ ހާލަތެއްގައި، އެ ތަނެއްގައި އެ ދަރިވަރެއްގެ އުމުރާ ގުޅޭ ތައުލީމު ނުވަތަ ހުނަރު ފޯރުކޮށްދޭނަމަ، ތަނުގައި ޖާގަ އޮތް މިންވަރަކުން، ވަންނަން އެދޭ ދަރިވަރުންނަށް، އެއްވެސް ތަފާތުކުރުމެއް ނެތި ފުރުސަތު ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް އެ ތަނެއްގައި ކިޔަވައިދޭ އުމުރުފުރާތަކާއި ޕްރޮގްރާމްތަކަށް ރިއާޔަތްކޮށް އެ ތަނަކަށް ކުދީން ވެއްދުމާއި ވަކިކުރުމުގެ އުސޫލު އެކުލަވައިލައިފައި، ކިޔަވައިދޭ ތަންތަން ރަޖިސްޓަރީކުރުމަށް އެދޭ ފޯމާއެކު މިނިސްޓްރީއަށް ހުށަހަޅައިގެން އެ އުސޫލު ފާސްކުރަންވާނެއެވެ.

(ނ) ކިޔަވައިދޭ ތަނަކުން ދަރިވަރުން ވަކިކުރުމަށް އެ ތަނަކުން އެކުލަވައިލައި އާންމުކޮށްފައިވާ އުސޫލާ ހިލާފަށް އެއްވެސް ދަރިވަރަކު ވަކިކޮށްގެން ނުވާނެއެވެ.

(ރ) ކުދީން ވެއްދުމާއި ވަކިކުރުމުގެ އުސޫލުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. އެ ތަނަކަށް ކުދީން ވެއްދުމުގައި ބަލާނެ ށަރުތުތައް؛
  2. ކުދީން ވެއްދުމުގެގޮތުން ބެލެނިވެރިޔާ އަމަލު ކުރަންޖެހޭނެ ގޮތާއި ، ބެލެނިވެރިޔާގެ އިގުރާރުގެ ނަމޫނާ؛
  3. ކިޔަވައިދޭ ތަނުން ކުއްޖަކު ވަކިކުރަން ބެލެނިވެރިޔާ ބޭނުންވެއްޖެނަމަ އަމަލުކުރަންޖެހޭ ގޮތް؛
  4. ކިޔަވައިދޭ ތަނުން ބޭނުންވެގެން ކުދީން ވަކިކުރެވޭނެ ހާލަތްތަކާއި، އެފަދަ ހާލަތުގައި ފީ ރީފަންޑު ކުރުމާއި ނުކުރުމުގައި އަމަލުކުރާނެ ގޮތް؛

(ބ) ކުދީން ވެއްދުމަށް އެދޭ ފޯމު ދޫކުރާއިރު، ކުދީން ވެއްދުމާއި ވަކިކުރުމުގެ އުސޫލު ބެލެނިވެރިޔާއަށް ލިޔުމުން ދޭންވާނެއެވެ.

(ޅ) ކިޔަވައިދޭ ތަނުން ވަކިވެފައިވާ ކުއްޖަކު، އެ ތަނެއްގައި ކިޔެވިކަމުގެ ލިޔުން ނުވަތަ ވަކިވިކަމުގެ ލިޔުމަކަށް އެދިއްޖެނަމަ، އެފަދަ ލިޔުމަކަށް އެދޭތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ކުއްޖާއަށް ނުވަތަ ބެލެނިވެރިޔާއަށް އެ ލިޔުމެއް ދޫކުރަންވާނެއެވެ.

(ކ) މި މާއްދާގެ ބޭނުމަށް، 7 (ހަތެއް) ދުވަހުގެ މުއްދަތު ގުނާނީ، ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭގޮތަށެވެ.

 

9 ވަނަ މާއްދާ - ކުދީން އަތުން ނަގާ ފީ

(ހ) ކިޔަވައިދޭ ތަންތަނުން، އެއްވެސް ބާވަތެއްގެ ފީއެއް އެއްވެސް ނަމެއްގައި ނަގަންވާނީ، ފީގެ އަދަދުތަކުގެ ތަފުސީލުތައް މިނިސްޓްރީއަށް ހުށަހަޅައިގެން ފާސްކުރުމަށްފަހުގައެވެ. މިގޮތުން ފާސްކޮށްދޭ ފީގެ ތަފުސީލު، ކިޔަވައިދޭ ތަނުން އާންމުކުރަން ވާނެއެވެ

(ށ) ދަރިވަރުންގެ އަތުން ފީ ނަގާނެގޮތުގެ އުސޫލު އެކުލަވައިލުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަން ވާނެއެވެ. މިގޮތުން ފީ ކަނޑައެޅުމުގައި ދަރިވަރުންގެ އުމުރުފުރަޔަށާއި، ކުލާހުގައި ދަރިވަރުން ހޭދަކުރާ ވަގުތަށާއި، ކިޔަވައިދިނުމަށް ބޭނުންކުރާ ވަސީލަތްތަކަށާއި، ދަރިވަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ބަލަންވާނެއެވެ. އަދި މި އުސޫލުގައި ފީދެއްކުން ލަސްވާ ހާލަތާއި ފީނުދައްކާ ހާލަތުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ނ) ކިޔަވައިދޭ ތަންތަނުން ކުދީން އަތުން ނެގުމަށް މިނިސްޓްރީން ފާސްކޮށްދޭ ފީގެ މިންވަރު ބޮޑުވެގެންދާ ގޮތަށް ދިރާސީ އަހަރެއްގެ ތެރޭގައި ފީއަށް ބަދަލެއް ނުގެނެވޭނެއެވެ. އެހެންނަމަވެސް، މިނިސްޓްރީން ފާސްކޮށްފައިވާ ފީއަށްވުރެ ކުޑަ ފީއެއް ނެގުމަށް ނުވަތަ މިނިސްޓްރީން ފާސްކޮށްފައިވާ ފީގެ ތެރެއިން ބައެއް މާފުކޮށްދިނުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ރ) ރަޖިސްޓަރީކޮށްފައިވާ ކިޔަވައިދޭ ތަނަކުން، މިނިސްޓްރީން އެ ތަނަކަށް ފާސްކޮށްދީފައިވާ ފީއަށް ބަދަލު ގެންނަން ބޭނުންވާނަމަ، ނުވަތަ މިނިސްޓްރީން ފާސްކޮށްދީފައިވާ ފީގެ އިތުރުން، އިތުރު ފީއެއް ނަގަން ބޭނުންވާނަމަ، ދިރާސީ އަހަރު ފެށުމުގެ 3 (ތިނެއް) މަސްދުވަހުގެ ކުރިން، ގެންނަން ބޭނުންވާ ބަދަލުގެ ތަފުސީލާއެކު ހުއްދައަށް އެދި މިނިސްޓްރީއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

 

10 ވަނަ މާއްދާ - ކިޔަވައިދޭ ތަނުގެ މަސްއޫލުވެރި ފަރާތުގެ ޒިންމާތައް

(ހ) ކިޔަވައިދޭ ތަނެއް އެ ފަރާތެއްގެ ނަމުގައި ރަޖިސްޓަރީކުރެވިފައިވާ ފަރާތަކީ އެ ތަނެއްގެމަސްއޫލުވެރި ފަރާތެވެ.

(ށ) ކިޔަވައިދޭ ތަނެއް އެ ފަރާތެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ޒިންމާތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  1. ތަން ހިންގުމަށް ބޭނުންވާ މާލީ ކަންކަން ހަމަޖެއްސުން؛
  2. ތަން ހިންގުމަށް ބޭނުންވާ އިމާރާތާ ގުޅޭ އެންމެހައި ކަންކަން ހަމަޖެއްސުން؛
  3. ތަނަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދިނުމާއި، ތަން ހިންގާ މުއްދަތުގައި އެ ވަސީލަތްތައް ބޭނުންކުރެވޭ ހާލަތުގައި ދެމެހެއްޓުން؛
  4. ކިޔަވައިދޭ ތަނުގެ އިސްވެރިޔާގެ ޒިންމާ މަސްއޫލުވެރި ފަރާތުން އަދާކުރާނަމަ،ތަނުގެ މަސްއޫލުވެރިޔާ، ގާނޫނު ނަންބަރު 24/2020 (ތައުލީމުގެ ގާނޫނު) ގެ 38 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ "މުދައްރިސުން ރަޖިސްޓަރީކޮށް ލައިސަންސް ދިނުމުގެ ގަވާއިދު" އެކުލަވައިލުމުން އެ ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ރަޖިސްޓަރީކޮށް ލައިންސަންސް ހޯދުން؛
  5. ކިޔަވައިދޭ ތަނުގައި މަސައްކަތްކުރާ މުދައްރިސުންނާއި ފަންނީ މުވައްޒަފުން، ގާނޫނު ނަންބަރު 24/2020 (ތައުލީމުގެ ގާނޫނު) ގެ 38 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ "މުދައްރިސުން ރަޖިސްޓަރީކޮށް ލައިސަންސް ދިނުމުގެ ގަވާއިދު" އެކުލަވައިލުމުން، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ރަޖިސްޓަރީކޮށް ލައިސަންސް ހޯދައިފައިވާ މުވައްޒަފުންކަން ކަށަވަރުކުރުން؛
  6. ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި، ގާނޫނުތަކާއި، އަމަލުކުރަމުންދާ ގަވާއިދުތަކާ ހިލާފު އެއްވެސް ކަމެއް، ކިޔަވައިދޭ ތަނުގައި ނުހި ނގާކަން ކަށަވަރުކުރުމާއި، ތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ކިޔަވާ ކުދީންގެ ކިބައިން އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ، އެކަން ހުއްޓުވުމަށް މަސައްކަތްކުރުމާއި، އެކަމާ ގުޅޭގޮތުން އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅު އެޅުން؛
  7. ދަރިވަރުންނަށް އެ ތަނަކުން ލިބެންޖެހޭ އެންމެހައި ހައްގުތައް ލިބިދެވޭކަން ކަށަވަރުކުރުން؛
  8. ތަނުގައި ހިންގާ ޕްރޮގްރާމްތަކާއި، މާލީ ހިސާބުގެ އަހަރީ ރިޕޯޓާއި،ތަފާސްހިސާބު، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން ފޯރުކޮށްދިނުން.

(ނ) ކިޔަވައިދޭ ތަން ހިންގަމުންދަނީ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކަން ކަށަވަރުކުރުން.

 

11 ވަނަ މާއްދާ - ކިޔަވައިދޭ ތަނުގެ އިސްވެރިޔާގެ ށަރުތުތަކާއި ޒިންމާތައް

(ހ) ކިޔަވައިދޭ ތަނުގެ އިސްވެރިޔާ، ގާނޫނު ނަންބަރު 24/2020 (ތައުލީމުގެ ގާނޫނު) ގެ 38 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ "މުދައްރިސުން ރަޖިސްޓަރީކޮށް ލައިސަންސް ދިނުމުގެ ގަވާއިދު" އެކުލަވައިލުމުން، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ރަޖިސްޓަރީކޮށް ލައިސަންސް ހޯދުން.

(ށ) ކިޔަވައިދޭ ތަނެއްގެ އިސްވެރިޔާގެ ޒިންމާތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ކުދީންގެ އުމުރާ ގުޅޭގޮތުން ކުއްޖާގެ ވިސްނުން ތަރައްގީވަމުންދާ ގޮތް ބަލައި،ކުއްޖާގެ ގާބިލިއްޔަތާ އެކަށީގެންވާ ގޮތެއްގައި އުނގަންނައިދެވޭނެ ފަދަ މާހައުލެއް ގާއިމުކުރުން؛
  2. ކިޔަވައިދޭ މާހައުލަކީ ހަނގާކުރުމާއި ފުރައްސާރަކުރުން ފަދަ ކަންކަމާއި އެނޫންވެސް ގޯނާތަކުން ރައްކައުތެރި، އަމާން މާހައުލެއްކަން ކަށަވަރުކުރުން؛
  3. ކިޔަވައިދޭ ތަން ސާފުތާހިރު ތަނެއްގެ ގޮތުގައި ބެލެހެއްޓުމާއި، އެ ތަނަކީ ބަލިތަކުން ރައްކައުތެރިކަން ލިބިފައިވާ ތަނެއްކަން ކަށަވަރުކުރުމަށް ހަރުދަނާ ނިޒާމެއް ގާއިމުކުރުން؛
  4. ކިޔަވައިދޭ ތަނުގައި ދަރިވަރުންނަށް ރައްކައުތެރި މާހައުލެއް ގާއިމުކުރުން؛
  5. ކިޔަވައިދޭ ތަނުގައި ހިންގާ ހުރިހާ ޕްރޮގްރާމްތަކަކީ މި ގަވާއިދުގެ ދަށުން މިނިސްޓްރީން ފާސްކޮށްފައިވާ ޕްރޮގްރާމްތަކެއްކަން ކަށަވަރުކުރުމާއެކު، ތަނުގައި ހިންގާ ޕްރޮގްރާމުތަކުގެ ފެންވަރު ހިފެހެއްޓުން؛
  6. ކިޔަވައިދޭ ތަން ހިންގަނީ މިނިސްޓްރީން ކަނޑައަޅައިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންކަން ކަށަވަރުކުރުން؛
  7. ކިޔަވައިދޭ ތަން ހިންގަނީ މި ގަވާއިދުގެ ދަށުން މިނިސްޓްރީން ދޫކޮށްފައިވާ ރަޖިސްޓަރީގެ ދަށުން ދޫކޮށްފައިވާ ކިޔަވައިދޭ ގިންތި ނުވަތަ ޕްރޮގްރާމްތަކުގެ ހުއްދައާ އެއްގޮތަށްކަން ކަށަވަރުކުރުން؛
  8. ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި، ގާނޫނުތަކާއި، އަމަލުކުރެވެމުންދާ ގަވާއިދުތަކާ ހިލާފު އެއްވެސް ކަމެއް ތަނުގައި ނުހިނގާކަން ކަށަވަރުކުރުން؛
  9. ތަނުގައި ހިންގާ ޕްރޮގްރާމްތަކާއި، މާލީ ހިސާބުގެ އަހަރީ ރިޕޯޓާއި، ތަފާސްހިސާބު،މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން ފޯރުކޮށްދިނުން.

 

12 ވަނަ މާއްދާ - ކިޔަވައިދޭ ތަނުގައި މަސައްކަތްކުރާ މުދައްރިސުންނާއި ފަންނީ މުވައްޒަފުންގެ ށަރުތުތަކާއި ޒިންމާތައް

ކިޔަވައިދޭ ތަނުގައި މަސައްކަތްކުރާ ޓީޗަރުންނާއި ފަންނީ މުވައްޒަފުން، ގާނޫނު ނަންބަރު 24/2020 (ތައުލީމުގެ ގާނޫނު) ގެ 38 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ "މުދައްރިސުން ރަޖިސްޓަރީކޮށް ލައިސަންސް ދިނުމުގެ ގަވާއިދު" އެކުލަވައިލުމުން، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ރަޖިސްޓަރީކޮށް ލައިސަންސް ހޯދަންވާނެއެވެ.

 

13 ވަނަ މާއްދާ - ކިޔަވައިދޭ ތަނުގެ ހިދުމަތް ދާއިމީކޮށް ހުއްޓައިލުން

ހިނގަމުންދާ ކިޔަވައިދޭ ތަނެއްގެ ހިދުމަތް ދާއިމީކޮށް ހުއްޓައިލަން ޖެހިއްޖެ ހާލަތެއްގައި ، ހިދުމަތް ހުއްޓައިލުމުގެ 60) ފަސްދޮޅަސް) ދުވަހުގެ ކުރިން، މިނިސްޓްރީއަށާއި އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކިޔަވަމުންދާ ދަރިވަރުންގެ ބެލެނިވެރިންނަށް ލިޔުމުން އެކަން އަންގަންވާނެއެވެ. ނަމަވެސް ބޭބީ ނާސަރީއާއި ނާސަރީގެ ކްލާސްތައް ހުއްޓައިލެވޭނީ ހިނގަމުންދާ ޓާމުގެ ކިޔެވުން ނިމުމުންނެވެ. 

 

14 ވަނަ މާއްދާ - ކިޔަވައިދޭ ތަނުގެ ހިދުމަތް ވަގުތީގޮތުން ހުއްޓައިލުން

(ހ) އިންސާނީ ބާރު ނުފޯރާފަދަ ގުދުރަތީ ހާދިސާއެއް ނުވަތަ ކާރިޘާއެއް މެދުވެރިވެގެން ކިޔަވައިދޭ ތަނެއްގެ ހިދުމަތް ވަގުތީގޮތުން ހުއްޓައިލަން ޖެހިއްޖެ ހާލަތެއްގައި، ވީ އެންމެ އަވަހަކަށް އެކަން މިނިސްޓްރީއަށް އެންގުމާއެކު، ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި ލިޔުމުން މިނިސްޓްރީއަށް އަންގައި، އެކަން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތު ފިޔަވައި އެހެން ސަބަބަކާހުރެ ހިނގަމުންދާ ކިޔަވައިދޭ ތަނެއްގެ ހިދުމަތް ވަގުތީގޮތުން ހުއްޓައިލަން ޖެހިއްޖެ ހާލަތެއްގައި، ހުއްޓައިލުމުގެ ރަސްމީ 10 (ދިހަ) ދުވަހުގެ ކުރިން، ލިޔުމުން މިނިސްޓްރީއަށް އެކަން އަންގައި، އާންމުކޮށް އެކަން އިއުލާނު ކުރަންވާނެއެވެ. މިގޮތުން ވަގުތީގޮތުން ހުއްޓައިލެވޭނެ މުއްދަތު ކަނޑައަޅާނީ މިނިސްޓްރީއާ މަށްވަރާ ކުރުމަށް ފަހުގައެވެ. އިއުލާނު ކުރާއިރު، ހިދުމަތް މެދުކަނޑައިލެވޭ މުއްދަތާއި، ކިޔަވައިދިނުން އަލުން ފަށާނެ ތާރީހު އެނގޭނޭހެން އިއުލާނުގައި ބަޔާންކުރަންވާނެއެވެ. ބޭބީ ނާސަރީއާއި ނާސަރީގެ ކްލާސްތައް ވަގުތީގޮތުން ހުއްޓައިލެވޭނީ، ހިނގަމުންދާ ޓާމުގެ ކިޔެވުން ނިމުމުންނެވެ.

 

14 ވަނަ މާއްދާ - ރަޖިސްޓަރީ ނުކޮށް ހިންގަމުންދާ ތަންތަނާމެދު ފިޔަވަޅު އެޅުން

(ހ) 18 (އަށާރަ) އަހަރުން ދަށުގެ ކުދީންނަށް ކިޔަވައިދޭ އެއްވެސް ތަނެއް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަޖިސްޓަރީކުރުމަކާ ނުލައި ހިންގުމަކީ މަނާކަމެކެވެ.

(ށ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ އެއްވެސް ތަނެއްގައި، އެ ތަނެއްގައި ހިންގުމަށް ހުއްދަދީފައިވާ ޕްރޮގްރާމްތައް ފިޔަވައި އިތުރު ޕްރޮގްރާމެއް ހިންގުމަކީ މަނާކަމެކެވެ.

(ނ) ރަޖިސްޓަރީކުރުމަކާ ނުލައި ތައުލީމު ދޭ ތަންތަން ހިންގާކަމުގެ ށަކުވާއެއް ނުވަތަ މައުލޫމާތެއް ލިބިއްޖެނަމަ، އެފަދަ ތަންތަން ބަލައި ފާސްކުރުމަށްފަހު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަޖިސްޓަރީކުރުމަށް އެންގުމާއެކު، އެ ތަންތަން ވަގުތުން ބަންދުކުރުމަށް އެންގުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި މި މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހެޅޭނެއެވެ.

 

16 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފަށާއިރު ހިނގަމުންދާ ތަންތަން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، ރަޖިސްޓަރީނުކޮށް ހިންގަމުންދިޔަ ކިޔަވައިދޭ ތަންތަން، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ރަޖިސްޓަރީ ކުރަންވާނެއެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓަރީކޮށްގެން ހިންގަމުންދިޔަ ކިޔަވައިދޭ ތަންތަން، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 20 (ވިހި) މަސްދުވަހުގެ ތެރޭގައި، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ރަޖިސްޓަރީ ކުރަންވާނެއެވެ. 

 

17 ވަނަ މާއްދާ - ރަޖިސްޓަރީ ބާތިލު ކުރުން

އަންނަނިވި ހާލަތްތަކުގައި، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކިޔަވައިދޭ ތަނެއްގެ ރަޖިސްޓަރީ ބާތިލުކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ހ) ކިޔަވައިދޭ ތަނުގެ ހިދުމަތް ހުއްޓައިލައި ރަޖިސްޓަރީ ބާތިލު ކުރުމަށް މަސްއޫލުވެރި ފަރާތުން ލިޔުމުން މިނިސްޓްރީއަށް ހުށަހަޅައިފިނަމަ، ރަޖިސްޓަރީ ބާތިލު ކޮށްދެވޭނެއެވެ. މި ގޮތުން ރަޖިސްޓަރީ ބާތިލު ކޮށްދެވޭނީ، ތަން ބަންދުކުރުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން،ތަނުގައި ކިޔަވަމުންދިޔަ ދަރިވަރުންނަށާއި، ދަރިވަރުންގެ ބެލެނިވެރީންނަށާއި، ތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް، ތަން ބަންދުކުރާކަން އަންގައިފައިވާ ނަމައެވެ.

(ށ) ބަންދުކުރުމަށް އެދި މިނިސްޓްރީއަށް ހުށަހަޅާއިރު، ތަނުގައި ކިޔަވާ ދަރިވަރުންނާއި، ދަރިވަރުންގެ ބެލެނިވެރީންނަށާއި، ތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކަން އަންގައިފައިވާ ކަމުގެ ލިޔުމާއި، ތަނުގެ ރަޖިސްޓަރީގެ އަސްލު ހުށަހަޅަންވާނެއެވެ.

(ނ) ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާއި އަމަލުކުރެވެމުންދާ ގަވާއިދުތަކާ ހިލާފު އެއްވެސް ކަމެއް ތަނުގައި ހިނގާކަން ނުވަތަ ހިނގިކަން މިނިސްޓްރީއަށް ސާބިތުވެއްޖެނަމަ،އެ ތަނެއްގެ ރަޖިސްޓަރީ ބާތިލު ކުރެވޭނެއެވެ.

(ރ) ކިޔަވައިދޭ ތަނެއްގެ މަސްއޫލުވެރިއެއްގެ ފަރާތުން އެއްވެސް ކުއްޖެއްގެ ސަލާމަތާއި ކަރާމާތަށް އިހުމާލުވެ ނުވަތަ ކުއްޖަކަށް ގެއްލުންވާ ފަދަ އަމަލެއް ހިންގައިފިކަމަށް ތަހުގީގީ އިދާރާއަކަށް އެކަށޭނަ ހެއްކާއި ގަރީނާ ލިބިއްޖެ ހާލަތެއްގައި، އެއްވެސް އިންޒާރަކާ ނުލައި އެ ތަނެއްގެ ރަޖިސްޓަރީ ބާތިލު ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ބ) ކިޔަވައިދޭ ތަނެއްގައި، މި ގަވާއިދާއި، މިނިސްޓްރީން އެކުލަވައިލައިފައިވާ އެހެނިހެން ގަވާއިދުތަކާއި، މިނިސްޓްރީންއާންމުކޮށްފައިވާ އުސޫލުތަކާއި ސިޔާސަތުތަކާ ހިލާފު އެއްވެސް ކަމެއް ކޮށްފިނަމަ، އެ ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެތަނަކަށް ދޫކޮށްފައިވާ ރަޖިސްޓަރީ ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ޅ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ކިޔަވައިދޭ ތަނެއްގައި ހުންނަންޖެހޭ "މިނިމަމް ސްޓޭންޑަރޑް ފެސިލިޓީސް" ގައި ހިމެނޭ ވަސީލަތްތައް އެ ތަނެއްގައި ފުރިހަމަ ނުވާނަމަ، އެ ކަންކަން ރަނގަޅުކުރުމަށް މިނިސްޓްރީން އަންގާ މުއްދަތުގެ ތެރޭގައި އެ ކަންކަން ރަނގަޅުކޮށްފައި ނުވާނަމަ، އެ ތަނަކަށް ދޫކޮށްފައިވާ ރަޖިސްޓަރީ ބާތިލު ކުރެވޭނެއެވެ.

 

18 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

19 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް މާނަކޮށްފައިވާ ނުވާހައި ހިނދެއްގައި، ތިރީގައިވާ ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވަނީ އެ އަކުރުތަކުގައި ދީފައިވާ މާނައެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް އެޑިޔުކޭށަނަށެވެ.

(ށ) "ސުކޫލު ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 24/2020 (ތައުލީމުގެ ގާނޫނު) ގެ 36 ވަނަ މާއްދާގެ ދަށުން ބަޔާންކޮށްފައިވާ އެންމެހައި ތަންތަނަށެވެ.

(ނ) "ޓިއުށަން ދޭ ތަންތަން" ކަމަށް ބުނެފައި އެވަނީ، އާންމު ތައުލީމުދޭ ސުކޫލުތަކުން ނުވަތަމަދަރުސާތަކުން ދޭ ފިލާވަޅުތައް އޮޅުންފިލުވައިދީ ދަސްކޮށްދިނުމަށް ޓަކައި ހިންގާ ކްލާސްތަކަށެވެ. ޓިއުށަން ކްލާހެއްކަމަށް ބެލޭނީ ، އެއްފަހަރާ އެއްތަނެއްގައި 5 (ފަހެއް) ކުދީންނަށްވުރެ ގިނަ ކުދީންނަށް ޓިއުށަން ދޭނަމައެވެ.

(ރ) "ގުރްއާން ކްލާސްތައް" ކަމަށް ބުނެފައި އެވަނީ، އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ ދަރިވަރުންނަށް ގުރްއާން ކިޔަވަން ދަސްކޮށްދޭ ކްލާސްތަކަށެވެ. އެގޮތުން، ކްލާހެއްކަމަށް ބެލޭނީ، އެއްފަހަރާ އެއްތަނެއްގައި 5 (ފަހެއް) ކުދީންނަށްވުރެ ގިނަ ކުދީންނަށް ކިޔަވައިދޭނަމައެވެ.

(ބ) "ބޭބީ ނާސަރީއާއި ނާސަރީ" ކަމަށް ބުނެފައި އެވަނީ، ޕްރީސްކޫލު (އެލް.ކޭ.ޖީ. އާއި ޔޫ.ކޭ.ޖީ) ގެ ކުރިން ފުރިހަމަކުރާ ތައުލީމީ މަރުހަލާއަށެވެ.

(ޅ) "ޕްރީސްކޫލް ތައުލީމު" ކަމަށް ބުނެފައި އެވަނީ، ފަށާ ތައުލީމުގެ ކުރިޔަށް، އުމުރުން 4 (ހަތަރެއް) އަހަރާއި 6 (ހައެއް) އަހަރާ ދެމެދުގެ ކުދީންނަށް ދެވޭ ތައުލީމުގެ މަރުހަލާއަށެވެ.

 

މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި

މައި ގަވާއިދު

ސުކޫލު ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަން ރަޖިސްޓަރީ ކުރުމާއި ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-165)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

ތައުލީމުގެ ގާނޫނު (ގާނޫނު ނަންބަރު 24/2020)

ކިޔުންތެރިންގެ ހިޔާލު