-

މާލިއްޔަތުގެ ގާނޫނު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2006-03)

(1ވަނަ، 2ވަނަ، 3ވަނަ، 4ވަނަ، 5ވަނަ، 6ވަނަ، 7ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގާނޫނަކީ، ދައުލަތުގެ ފައިސާއާއި މުދާ ކޮންޓްރޯލު ކުރުމަށާއި ބެލެހެއްޓުމަށް އުސޫލުތަކެއް ކަނޑައެޅުމާއި، ދައުލަތުގެ ފައިސާއާއި މުދަލާ ގުޅޭގޮތުން މާލީ އުސޫލުތަކާއި އެކަންކަމާގުޅޭ އެހެނިހެން އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ދައުލަތުގެ މާލިއްޔަތުގެ ގާނޫނު" އެވެ.

 

ޗެޕްޓަރ 1 

ދައުލަތުގެ ފައިސާއާއި މުދާ

 

2 ވަނަ މާއްދާ - ދައުލަތުގެ ފައިސާ ދޫކުރުމާއި ހަރަދުކުރުން

(ހ) އަންނަނިވި ހާލަތުތަކުގައި މެނުވީ، ދަރަންޏަށް ޒިންމާވާގޮތަށް، ދައުލަތުގެ ފައިސާ ހަރަދުކުރަން ޖެހޭފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލުކޮށްގެންނުވާނެއެވެ.

  1. ދަރަންޏަށް ޒިންމާވާންޖެހޭގޮތަށް ހަރަދުކުރަންޖެހިފައިވާ ފައިސާ، ގާނޫނީ ހަމަތަކުގެ މަތިން ހަރަދުކުރެވޭގޮތަށް ހުރުން.
  2. ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން ހުއްދަކުރެވިގެން ދަރަންޏަށް ޒިންމާވާގޮތަށް ހަރަދު ކުރަންޖެހިފައިވާ ފައިސާއެއް ކަމުގައިވުން.

(ށ) އަންނަނިވި ހާލަތުތަކުގައި މެނުވީ އެއްވެސް ފަރާތަކުން ދައުލަތުގެ ފައިސާ ދޫކޮށްގެންނުވާނެއެވެ.

  1. ހަރަދުކުރުމަށް ބޭނުންވާ މިންވަރަށް، ގާނޫނީ ހަމަތަކުގެ މަތިން ދައުލަތުގެ ފައިސާ ލިބެންހުރުން.
  2. ހަރަދުކުރުމަށްް ބޭނުންވާ ފައިސާއަކީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން، ހަރަދުކުރުމަށްް ހުއްދަކޮށްފައިވާ ފައިސާއަކަށްވުން.

 

3 ވަނަ މާއްދާ - ހުއްދަ އޮތް ލޯނަކަށްމެނުވީ ދައުލަތުގެ ފައިސާ ދޫނުކުރުން (އިސްލާހު ކުރެވިފައި)

މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ހުއްދަކޮށްފައިވާ ލޯނަކަށް މެނުވީ، ނުވަތަ ރައީސުލްޖުމްހޫރިއްޔާ ލޯނު ދޫކުރުމަށް ހުއްދަކޮށްފައިވާ ވަކި ގިންތިއެއްގެ ތެރެއިން މިނިސްޓަރު ހުއްދަކޮށްފައިވާ ލޯނަކަށް މެނުވީ، ނުވަތަ ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 82 ވަނަ މާއްދާގެ ދަށުން ކައުންސިލުން ދޫކުރާ ލޯނަކަށް މެނުވީ، ދައުލަތުގެ ފައިސާ އެއްވެސް ފަރާތަކަށް ލޯނުގެ ގޮތުގައި ދޫކޮށްގެން ނުވާނެއެވެ.

 

4 ވަނަ މާއްދާ - ލޯނުގެ ގޮތުގައި ފައިސާ ދޫކުރުން

(ހ) މި ގާނޫނުގައި، ނުވަތަ އެހެންވެސް ގާނޫނެއްގައި އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ދައުލަތުގެ ފައިސާ، ލޯނުގެ ގޮތުގައި ދޫކުރެވޭނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހަމަތަކާއި މިންގަނޑުތަކުގެ ތެރޭގައި، އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން، ދައުލަތުގެ ބޭނުންތަކަށް އެކަންޏެވެ.

(ށ) މިގާނޫނުގެ ބޭނުމަށްޓަކައި "ދައުލަތުގެ ބޭނުންތައް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި މަސްލަހަތުތައް ހިމެނިގެންވާ ބޭނުންތަކަށެވެ.

  1. މުޅި މުޖްތަމައަށް ނުވަތަ މުޖްތަމައުގެ ބޮޑު ބަޔަކަށް އެކަމުން ލިބޭނެ މަންފާއެއް އޮތުން؛
  2.  އެކަމަކީ، ސަރުކާރަކަށްވީތީ އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާ ސީދާ ގުޅުންހުރި ކަމަކަށްވުން؛
  3. އެކަމެއް ކުރުމުގެ އެންމެ މައިގަނޑު އެއް ސަބަބަކީ، ވަކި ފަރުދެއްގެ މަސްލަހަތު ހިމާޔަތްކޮށްދިނުން ކަމުގައި ބެލެވޭ ކަމެއް ކަމުގައި ނުވުން؛
  4. އެކަމަކީ، އާންމު ސިއްހަތާއި، އާންމު ރައްކާތެރިކަމާއި، އާންމު މަސްލަހަތާއި، އަމަންއަމާންކަމާއި، ގައުމުގެ ކުރިއެރުމާއި، ގައުމުގެ ފުދުންތެރިކަމުގެ ތެރެއިން ކަމެއް ހާސިލުވުމަށް މަގުފަހިކުރާ ކަމަކަށްވުން.

(ނ) ދައުލަތުން ލޯނު ދޫކުރަންވާނީ އާންމު ކުރެވިފައިވާ ހަމަހަމަ އުސޫލެއްގެ މަތިން ކަނޑައެޅޭ ސިޔާސަތެއްގެ ދަށުންނެވެ. ދައުލަތުން ދޫކޮށްފައިވާ ލޯނެއް މައާފުކޮށްދެވޭނެ ހާލަތްތައް މިސިޔާސަތުގައި ކަނޑައަޅަންވާނެއެވެ

(ރ) ދައުލަތުން ލޯނުގެ ގޮތުގައި ފައިސާ ދޫކުރަންވާނީ ރައީސުލްޖުމްހޫރިއްޔާ އެފަދަ ލޯނެއް ދޫކުރުމަށް ހުއްދަ ދެއްވުމުންނެވެ. ލޯނު ދޫކުރުމުގެ ހުއްދައަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާ ލިޔުމުގައި ލޯނު ދޭން ބޭނުންވާ ސަބަބާއި، ލޯނުގެ ޕްރިންސިޕަލް އަދަދާއި، އިންޓަރެސްްޓް ރޭޓާއި، އެހެނިހެން ޗާޖެއްވާނަމަ އެޗާޖަކާއި، ލޯނު އަނބުރާ ހޯދުމަށް ކަނޑައެޅިފައިވާ ގޮތުގެ މައުލޫމާތު ހުށަހަޅަންވާނެއެވެ.

(ބ) ދައުލަތުން ދޫކުރާ ލޯނެއްގެ ފައިސާ ގަވާއިދުން އަނބުރާ ދައްކަމުން ނުގެންދާނަމަ މިނިސްޓަރު އެކަމާމެދު އެޅެންހުރި ފިޔަވަޅުތައް އަޅަންވާނެއެވެ.

(ޅ) ދައުލަތުގެ ފައިސާ އެއްވެސް ފަރާތަކަށް ލޯނެއްގެ ގޮތުގައި ދޫކޮށްފިނަމަ، ނުވަތަ ދޫކޮށްފައިވާނަމަ، އެލޯނެއްގެ މައުލޫމާތާއި ހިސާބު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓަރު ބަލަހައްޓަންވާނެއެވެ.

(ކ) ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އު ސޫލުން 4ހިންގުމުގެ ގާނޫނު( ގެ 82 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުގައި، ވަކި ކައުންސިލަކަށް އެ އަހަރަކަށް ލިބޭ އާމްދަނީއިން ހަރަދުތައް ކަނޑައި ބާކީ ހުންނަ ފައިސާ، އެއްބަސްވާ ގޮތެއްގެމަތިން އެހެން ކައުންސިލަކަށް ލޯނުގެ ގޮތުގައި ދޫކުރެވިދާނެއެވެ. (އިތުރު ކުރެވިފައި)

(އ) މި މާއްދާގެ (ކ) ގެ ދަށުން އެއް ކައުންސިލުން އަނެއް ކައުންސިލަށް ލޯނުގެ ގޮތުގައި ދޫކުރާ ފައިސާ، އެއްބަސްވެފައިވާ ގޮތުގެމަތިން އަނބުރާ ނުދައްކާނަމަ، އެފަރާތަކަށް ސަރުކާރުން ދޭ ފައިސާއިން އުނިކޮށް، އެ ފައިސާ އަނެއް ކައުންސިލަށް ދޫކުރުމުގެ ބާރު ސަރުކާރަށް ލިބިގެންވެއެވެ. (އިތުރު ކުރެވިފައި)

(ބ) މި މާއްދާގެ (ކ) ގެ ދަށުން ކައުންސިލަކުން ދޭ ލޯނާ ގުޅޭ އެންމެހައި މަޢުލޫމާތާއި، ލޯނު އަނބުރާ ދައްކަމުންދާގޮތުގެ ތަފްސީލުތައް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ލޯނު ދޫކުރި ކައުންސިލުން މިނިސްޓްރީއާ ގަވާއިދުން ހިއްސާކުރަމުން ގެންދަންވާނެއެވެ. (އިތުރު ކުރެވިފައި)

(މ) މި މާއްދާގެ (ކ) ގެ ދަށުން ކައުންސިލުތަކުން ދޭ ލޯނާގުޅޭ އެންމެހައި މަޢުލޫމާތު މި މާއްދާގެ (ވ) ގައިވާ ގޮތުގެމަތިން މިނިސްޓްރީއާ ހިއްސާކުރުމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

 

5 ވަނަ މާއްދާ - ދައުލަތުން ދަރަންޏަށް ފައިސާ ނެގުން (އިސްލާހު1 / އިސްލާހު2، އިސްލާހު3 (ސުރުހީ) ކުރެވިފައި)

(ހ) ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމަށް ހުށަހަޅާ ކޮންމެ ހުށަހެޅުމެއް ހުށަހަޅަންވާނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓަރަށެވެ. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ ހުށަހެޅުމެއް މިނިސްޓަރަށް ލިބިއްޖެނަމަ، އެ ދަރަނި ނެގުމާ ގުޅޭގޮތުން، ގާނޫނުގައިވާ ގޮތުގެމަތިން ކުރަންޖެހޭ ކަންކަން ކުރުމަކީ، މިނިސްޓަރުގެ މަސްއޫލިއްޔަތެކެވެ.

(ނ) ދައުލަތަށް ދަރަންޏަށް ފައިސާ ނަގަންވާނީ، އެ ދަރަނި ނެގުމުގެ ސަބަބުން ގައުމުގެ އިގްތިސާދަށާއި ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރު ދިރާސާކުރުމަށްފަހު، އެ އަހަރެއްގެ އަހަރީ ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރުނުވާނެ ގޮތަކަށް، މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތެއްގެމަތިންނެވެ. (އިސްލާހު ކުރެވިފައި)

(ރ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ދައުލަތުން ދަރަންޏަށް ފައިސާ ނަގާނަމަ ދަރަންޏަށް ނެގި ޕްރިންސިޕަލް އަދަދާއި، އެއަށް ދޭންޖެހޭ އިންޓްރެސްޓާއި، އެ ފައިސާ ދަރަންޏަށް ނެގުމުގައި ހިނގާ އެހެނިހެން ހަރަދުތައް ބަޖެޓުގައި ކަނޑައެޅި ފާސްވެފައިވާ ގޮތުގެމަތިން ދޭންވާނީ، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުންނެވެ. (އިސްލާހު ކުރެވިފައި)

(ބ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ދައުލަތުން ދަރަނި ނަގާ ކޮންމެ ފަހަރަކު، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން، އެ ދރަންޏަކާ ގުޅޭ މައުލޫމާތު، އެ ދަރަނި ނަގާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރ ފޮނުވަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައިވާ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ފޮނުވާއިރު އެ ދަރަންޏެއް ނެގި ބޭނުމާއި، މުޖުތަމައަށް ކުރާނެ ފައިދާއާއި، ދަރަންޏަށް ނެގި ޕްރިންސިޕަލް އަދަދާއި، އެއަށް ޖޭންޖެހޭ އިންޓްރަސްޓާއި، އެ ފައިސާ ދަރަންޏަށް ނެގުމުގައި ހިނގާ އެހެން ކަރަދުތައް އެނގެން އޮންނަންވާނެއެވެ. އަދި އެ ދަރަންޏެއް ނެގުމާ ގުޅޭގޮތުން ކުރެވެނު ދިރާސާގެ ރިޕޯޓުގެ ކޮޕީވެސް ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.

(ކ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދައުލަތުގެ ނަމުގައި ދަރަނި 5ނަގަންވާނީ، އެ އަހަރެއްގެ އަހަރީ ބަޖެޓުގައި ދަރަނި ނެގުމަށް ކަނޑައަޅާފައިވާ މިންގަނޑަށްވުރެ އިތުރުނުވާނެ ގޮތަށެވެ. (އިތުރު ކުރެވިފައި)

 

5-1 ވަނަ މާއްދާ - ކައުންސިލުތަކުން ދަރަންޏަށް ފައިސާ ނެގުން (އިތުރު ކުރެވިފައި)

(ހ) ކައުންސިލުތަކުން ދަރަންޏަށް ފައިސާ ނަގަންވާނީ އެ ކައުންސިލު ނިސްބަތްވާ ރަށެއް ނުވަތަ ސިޓީއެއްގެ ތަރައްގީގެ ޕްލޭންގައި ހިމެނިފައިވާ މަށްރޫޢެއް ހިންގުމަށްޓަކައި އެ ދަރަންޏެއް ނެގުމަށް އެ ކައުންސިލެއްގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ގަރާރެއް މިނިސްޓަރަށް ހުށަހަޅައި، އެކަމަށް މިނިސްޓަރު ހުއްދަ ދިނުމުންނެވެ. 

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކައުންސިލުން ދަރަންޏަށް ފައިސާ ނެގުމަށް ފާސްކުރާ ގަރާރުގައި އަންނަނިވި މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

  1. ދަރަނި ނެގުމުގެ ސަބަބުން ރަށް، ސިޓީ ނުވަތަ އިދާރީ ދާއިރާގެ ތަރައްގީއަށާއި އިގްތިސާދަށް ކުރާނެ ފައިދާއަކީ ކޮބައިކަން؛
  2. ދަރަނި ނެގުމުގެ ސަބަބުން ކައުންސިލުގެ މާލިއްޔަތަށް ކުރާނެ އަސަރު ދިރާސާކުރުމަށްފަހު، ކަނޑައަޅާ މުއްދަތާއި، މިންވަރާއި، ދަރަނީގެ އިންޓްރެސްޓާއި، ދަރަނި ނެގުމަށް ނުވަތަ ދަރަނި ހޯދުމަށް ކުރަންޖެހޭ އެންމެހައި ހަރަދުތަކުގެ ތަފްސީލާއި، ދަރަނި ނެގުމަށް އެދޭ ފަރާތުގެ ކޭށް ފްލޯ ޕްލޭނާއި ދަރަނީގެ މިންގަނޑު އަންގައިދޭ ބަޔާން؛
  3. ދަރަނި ނެގުމަށް ނިންމި ސަބަބާއި، ދަރަނި ބޭނުންކޮށްގެން ހިންގުމަށް ނިންމާފައިވާ މަށްރޫޢުގެ ތަފްސީލުތަކާއި، އެ މަށްރޫޢެއްގެ ސަބަބުން ކުރާނެ ފައިދާއާއި، މަށްރޫޢުގެ ފީސިބިލިޓީއާއި ދަރަނި އަދާކުރާނެ ގޮތުގެ ތަފްސީލު؛
  4. ދަރަންޏަށް ތިންވަނަ ފަރާތަކުން ގެރެންޓީއެއްދޭނަމަ އެފަރާތުންދޭ ގެރެންޓީގެ ތަފްސީލު؛
  5. ވަކި ބޭންކެއް ނުވަތަ މާލީ އިދާރާއެއް ނުވަތަ ފައިނޭންށަލް އިންސްޓިޓިއުށަނަކުން ދަރަނި ނެގުމަށް ނިންމި ސަބަބު؛
  6. ލޯނު ދޫކުރާ ފަރާތުގެ މާލީ ގާބިލުކަން ދެނެގަތުމަށް ކަމާ ގުޅުންހުރި އިދާރާއަކުން ހަދާފައިވާ އެސެސްމަންޓް (ކްރެޑިޓަރ ޑިއު ޑިލިޖެންސް)؛
  7. ދަރަނި ނެގުމަށް އެއްވެސް ސެކިއުރިޓީއެއް ދޭނަމަ އެކަމުގެ ތަފްސީލު؛
  8. ލޯނު އެއްބަސްވުމުގެ ދެލިކޮޕީއާއި، އެއްބަސްވުމާގުޅޭ އެންމެހައި ލިޔެކިޔުންތައް.

(ނ) ކައުންސިލުން ލޯނު ނެގުމަށް އެދި ހުށަހެޅުމުން ލޯނު ނެގުމަށް ހުއްދަ ދިނުމުގައި އަންނަނިވި ކަންކަމަށް މިނިސްޓްރީން ރިޢާޔަތްކުރަންވާނެއެވެ.

  1. މަށްރޫޢުގެ ފީސިބިލިޓީ؛ 
  2. މަށްރޫޢުގެ ސަބަބުން ކައުންސިލު ނިސްބަތްވާ ރަށް، ސިޓީ ނުވަތަ އިދާރީ ދާއިރާގެ އިތުރުން ގައުމަށް ކުރާނެ ފައިދާ؛
  3. ކައުންސިލުގެ ދަރަނި އަދާކުރުމުގެ ގާބިލުކަން ހުރި މިންވަރު؛ 
  4. މުޅި ދައުލަތުގެ ދަރަނީގެ މިންވަރު؛ އަދި 
  5. ގާނޫނު ނަންބަރު 2013-07 (ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު) ގެ ދަށުން ކައުންސިލުތަކަށް ދަރަނި ނެގޭނެކަމަށް ކަނޑައަޅާފައިވާ މިންގަނޑު.

(ރ) މި މާއްދާގައިވާ ގޮތުގެމަތިން ކައުންސިލުން ދަރަންޏެއް ނެގުމަށްފަހު، އެ ދަރަންޏާގުޅޭ އެންމެހައި މަޢުލޫމާތުތަކާއި ލިޔެކިޔުންތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މިނިސްޓަރަށާއި އޮތޯރިޓީއަށް ފޮނުވަންވާނެއެވެ.

(ބ) މި މާއްދާގައިވާ ގޮތުގެމަތިން ކައުންސިލުތަކުން ދަރަންޏަށް ފައިސާ ނެގުމުގައި ގާނޫނު ނަންބަރު 2013-07 (ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ދަރަނި ނެގުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުސޫލުތަކަށް ތަބާވާންވާނެއެވެ.

(ޅ) މި މާއްދާގައިވާ ގޮތުގެމަތިން ކައުންސިލަކުން ނަގާ ދަރަންޏަށް ޒިންމާވާންޖެހޭނީ އެ ކައުންސިލަކުންނެވެ. އަދި ދަރަންޏަށް ނެގި ޕްރިންސިޕަލް ޢަދަދާއި، އެއަށް ދޭންޖެހޭ އިންޓްރެސްޓާއި، އެ ފައިސާ ދަރަންޏަށް ނެގުމުގައި ހިނގާ އެހެން ހަރަދުތައް، ކައުންސިލުގެ ބަޖެޓުގައި ކަނޑައެޅި ފާސްވެފައިވާ ގޮތުގެމަތިން ދޭންވާނީ، އެ ކައުންސިލެއްގެ ބަޖެޓުންނެވެ.

 

5-2 ވަނަ މާއްދާ - ކައުންސިލުން ނަގާ ދަރަންޏަށް ގެރެންޓީ ދިނުމާއި، ކައުންސިލުން ގެރެންޓީ ދިނުން (އިތުރު ކުރެވިފައި)

(ހ) މި ގާނޫނުގެ 1-5 ވަނަ މާއްދާގެ ދަށުން ކައުންސިލުން ނަގާ ދަރަންޏަކަށް އެ ދަރަންޏެއް ނަގާ ބޭންކަކުން ނުވަތަ އިދާރާއަކުން ގެރެންޓީއެއް ދިނުމަށް ށަރުޠުކުރާނަމަ، އެ ކައުންސިލެއްގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ގަރާރެއް މިނިސްޓަރަށް ހުށަހަޅައި، އެކަމަށް މިނިސްޓަރު ހުއްދަ ދިނުމަށްފަހު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ ގެރެންޓީއެއް ދެވިދާނެއެވެ.

(ށ) ކައުންސިލުތަކުން ގެރެންޓީ ދޫކުރެވޭނެ ހާލަތްތަކާއި، ގެރެންޓީ ދޫކުރެވޭނެ ބާވަތުގެ މަށްރޫޢުތަކާއި، ގެރެންޓީ ދޫކުރެވޭނެ ފަރާތްތަކާއި، ގެރެންޓީ ދޫކުރެވޭނެ ށަރުޠުތަކާއި އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

5-3 ވަނަ މާއްދާ - ކައުންސިލުތަކުން ހިއްސާާވާ އަމިއްލަ ވިޔަފާރިތަކުގެ މާލީ ހިންގުން (އިތުރު ކުރެވިފައި)

(ހ) ލޯކަލް އޮތޯރިޓީ ކުންފުނިތަކާއި، ކައުންސިލުތަކުން ހިއްސާވާ އަމިއްލަ ވިޔަފާރިތަކަށް ކެޕިޓަލްގެ ގޮތުގައި ނުވަތަ އެނޫންވެސް ގޮތަކުން ކައުންސިލުތަކުން ހަރަދުކުރަންވާނީ މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅާ އުސޫލުގެ ދަށުންނެވެ.

(ށ) ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ބީލަމުގެ ކަންކަން ހިންގާނެ އު ސޫލު ކަނޑައެޅުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

 

5-4 ވަނަ މާއްދާ - ދައުލަތުގެ ނަމުގައި ގެރެންޓީ ދިނުން (ސުރުހީ އާއި މާއްދާ އިތުރު ކުރެވިފައި)

(ހ) ދައުލަތުގެ ނަމުގައި ގެރެންޓީއެއް ދިނުމަށް އެދި ހުށަހަޅާ ކޮންމެ ހުށަހެޅުމެއް ހުށަހަޅަންވާނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓަރަށެވެ.

(ށ) ދައުލަތުގެ ނަމުގައި ގެރެންޓީއެއް ދޭންވާނީ، އެ ގެރެންޓީއެއް ދިނުމުގެ ސަބަބުން ގައުމުގެ އިގްތިސާދަށާއި ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރު ދިރާސާކުރުމަށްފަހު ގެރެންޓީ ދިނުމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތެއްގެމަތިންނެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ދައުލަތުން ގެރެންޓީއެއް ދޫކުރާ ކޮންމެ ފަހަރަކު، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން، އެ ގެރެންޓީއަކާގުޅޭ މައުލޫމާތު، އެ ގެރެންޓީ ދޫކުރާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ފޮނުވަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ފޮނުވާއިރު އެ ގެރެންޓީއެއް ދޫކުރި ބޭނުމާއި، ގެރެންޓީ ކުރި އަދަދާއި އެ ގެރެންޓީއެއް ދޫކުރުމާ ގުޅޭގޮތުން ކުރެވުނު ދިރާސާގެ ރިޕޯޓުގެ ކޮޕީވެސް ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.

 

6 ވަނަ މާއްދާ - ލޯނާއި ގެރެންޓީގެ މައްލޫމާތު ލިޔެ ބެލެހެއްޓުން

ދައުލަތުގެ ފަރާތުން ދަރަންޏަށް ނަގާފައިވާ ފައިސާއާއި، ދައުލަތުން ދޭ ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގސްގެ ހިސާބުތައް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓަރު ލިޔެ ބަލަހައްޓަންވާނެއެވެ. (އިސްލާހު ކުރެވިފައި)

 

7 ވަނަ މާއްދާ - ދައުލަތުގެ މުދާ ހުއްދަކުރެވިގެން ވިއްކުމާއި އެއާމެދު އަމަލުކުރުން އަދި ކުއްޔަށް ދިނުން (އިސްލާހު1 / އިސްލާހު2، އިސްލާހު3 (ސުރުހީ އާއި މާއްދާ އިސްލާހު ކުރެވިފައި)

(ހ) ކައުންސިލުތައް ފިޔަވައި ދައުލަތުގެ އޮފީސްތަކުން، ދައުލަތުގެ މުދާ ވިއްކުމުގައި އަމަލުކުރާނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެކަމަކާ ގުޅުންހުރި ދައުލަތުގެ އޮފީހަކުން މިނިސްޓަރަށް ހުށަހެޅުމުން، މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިބިގެންނެވެ. (އިތުރު ކުރެވިފައި)

(ށ) ކައުންސިލުގެ މިލްކުވެރިކަމުގެ ދަށުގައިވާ މުދާ ފިޔަވައި، ދައުލަތުގެ މުދަލެއް ދޫކޮށްލަންވާނީ، ނުވަތަ ރަހުނުކުރަންވާނީ، ނުވަތަ ނައްތާލަންވާނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން އެކަންކަން ކުރުމަށް މިނިސްޓަރު ދޭ ލަފަޔާ އެއްގޮތްވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތެއްގެމަތިންނެވެ. (އިތުރު ކުރެވިފައި)

(ނ) ދައުލަތުގެ މުދަލާއި ތަންތަން ކުއްޔަށް ދިނުމާބެހޭ އުސޫލުތައް ބަޔާންކުރާ ހާއްސަ ގާނޫނެއްގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، ދައުލަތުގެ މުދަލާއި ތަންތަން ކުއްޔަށް ދިނުމުގައި އަމަލުކުރާނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. (އިތުރު ކުރެވިފައި)

 

7-1 ވަނަ މާއްދާ - ކައުންސިލުގެ މުދާ ހުއްދަކުރެވިގެން ވިއްކުމާއި އެއާމެދު ޢަމަލުކުރުން

(ހ) ކައުންސިލުގެ މުދަލެއް ދޭންވާނީ، ނުވަތަ ވިއްކާލަންވާނީ، ނުވަތަ ކުއްޔަށްދޭންވާނީ، ނުވަތަ ދޫކޮށްލަންވާނީ، ނުވަތަ ރަހުނުކުރަންވާނީ، ނުވަތަ ނައްތާލަންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އެ ކައުންސިލަކުން ފާސްކުރާ ގޮތެއްގެމަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކައުންސިލުން މުދަލެއް ދިނުމަށް ނުވަތަ ވިއްކާލުމަށް ނުވަތަ ކުއްޔަށްދިނުމަށް ނުވަތަ ދޫކޮށްލުމަށް ނުވަތަ ރަހުނުކުރުމަށް ނުވަތަ ނައްތާލުމަށް ނިންމައިފިނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ މަޢުލޫމާތު މިނިސްޓްރީއާ ހިއްސާކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

 

8 ވަނަ މާއްދާ - މާލީ އަހަރު ނިމުމަށްފަހު ފައިސާ ހޯދުން

މާލީ އަހަރެއްގެ ތެރޭގައި ހޯދާފައިވާ މުދަލަކަށް، ނުވަތަ ހިދްމަތަކަށް ދައްކަންޖެހޭ ފައިސާގެ ބިލެއް، އެމާލީ އަހަރެއް ނިމޭ ފަހުން އަންނަ ސަރުކާރު ބަންދުނޫން 30 ދުވަހުގެ ތެރޭގައި މިނިސްޓަރަށް ހުށަހަޅައިފިނަމަ، އެ ބިލުގައިވާ ފައިސާ، ނިމުނު މާލީ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގެ ފައިސާއިން ނުވަތަ މި ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، އެޑްވާންސް ފަންޑުން ދިނުމަށް މިނިސްޓަރަށް ހުއްދަ ކުރެވިދާނެއެވެ.

 

9 ވަނަ މާއްދާ - ދައުލަތުގެ ފައިސާއެއް ނުލިބޭނެ ކަމަށް ދޫކޮށްލުން (ސުރުހީ އާއި މާއްދާ  އިސްލާހު ކުރެވިފައި)

ދައުލަތުގެ ފައިސާއިން މަދުވާ މަދުވުމެއް، ނުވަތަ ގެއްލޭ ގެއްލުމެއް ނުވަތަ އުނިވާ އުނިވުމެއް، ނުވަތަ އަނބުރާ ނުލިބޭނެ ކަމަށް ބެލެވޭ ދައުލަތުގެ ފައިސާ، ނުވަތަ ގެއްލިފައިވާ ނުވަތަ ނައްތާލެވިފައިވާ ނުވަތަ ހަލާކުވެފައިވާ، ނުވަތަ ބޭނުންކުރަން ކަމުނުދާ ދައުލަތުގެ މުދަލެއް އަނބުރާ ނުލިބޭނެކަމަށް ދޫކޮށްލެވޭނީ، ރައީސުލްޖުމްހޫރިއްޔާގެ ހުއްދައާއެކު، އަދި އެފަދަ ހާލަތްތަކާއި އެކަމުގައި އަމަލުކުރާނެ ގޮތް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައެޅުމަށްފަހު، އެ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން ކަމާބެހޭ ހިސާބުތަކުގައި ހިމެނުމަށްފަހުގައެވެ. 

 

9-1 ވަނަ މާއްދާ - ދައުލަތުން ހިންގާ މުއާމަލާތްތަކަށް ލުއި ނުވަތަ މަންފާ ދިނުމާއި ދައުލަތަށް ލިބެންޖެހޭ ފައިސާ މައާފުކޮށްދިނުން 

(ސުރުހީ އާއި މާއްދާ އިތުރު ކުރެވިފައި)

(ހ) ކައުންސިލުތައް ފިޔަވައި، ދައުލަތުގެ ނަމުގައި، ދައުލަތުގެ އޮފީސްތަކުން ހިންގާ މުއާމަލާތަކާ ގުޅިގެން ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް، އެއްވެސް ލުޔެއް ނުވަތަ މަންފާއެއް އެއްވެސް ފަރާތަކަށް ދޭންވާނީ، ނުވަތަ ދައުލަތަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް މައާފުކޮށްދިނުމަށް އެއްބަސްވާންވާނީ، މި މާއްދާގެ (ނ) ގައި ބަޔާންކުރާ ހާލަތްތަކުންކުރެ ހާލަތެއްގައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުގެމަތިން އެކަމަކާ ގުޅުންހުރި ދައުލަތުގެ އޮފީހަކުން މިނިސްޓަރަށް ހުށަހެޅުމުން، މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާ އެކަމަށް ހުއްދަ ދިނުމަށްފަހުގައެވެ. (އިތުރު ކުރެވިފައި)

(ށ) ކައުންސިލުތަކުން ހިންގާ މުއާމަލާތަކާ ގުޅިގެން، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް އެއްވެސް ލުޔެއް ނުވަތަ މަންފާއެއް ދޭންވާނީ، ނުވަތަ ކައުންސިލަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް މައާފުކޮށްދެވޭނީ،މި މާއްދާގެ (ނ) ގައި ބަޔާންކުރާ ހާލަތްތަކުންކުރެ ހާލަތެއްގައި، އެ ކައުންސިލެއްގެ މާލީ ޒިންމާދާރު ވެރިޔާ އެކަން އެ ކައުންސިލަށްހުށަހެޅުމުން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެފަދަ ލުޔެއް ނުވަތަ މަންފާއެއް ދިނުމަށް އެ ކައުންސިލަކުން ފާސްކުރާ ގޮތެއްގެމަތިންނެވެ. (އިތުރު ކުރެވިފައި)

(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާފަދަ ލުޔެއް ނުވަތަ މަންފާއެއް އެ އްވެސް މީހަކަށް ނުވަތަ އެއްވެސް ފަރާތަކަށް ދޭންވާނީ، ނުވަތަ ދިނުމަށް އެއްބަސްވާންވާނީ، ނުވަތަ ލިބެންޖެހޭ އެއްވެސް ފައިސާއެއް މައާފުކޮށްދޭންވާނީ، އެމީހަކަށް ނުވަތަ އެފަރާތަކަށް ލިބޭ ގެއްލުމެއްގައި ނުވަތަ ކުރިމަތިވާ ދަތި ހާލަތެއްގައި، އެފަދަ ލުޔެއް ނުވަތަ މަންފާއެއް ދިނުމަކީ، އެކަމުގައި އިޖްތިމާއީ މަސްލަހަތެއް ހިމެނޭ ކަމެއް ކަމުގައި، ނުވަތަ އަދުލުވެރި ކަމެއް ކަމުގައި، ނުވަތަ އެ ސަރަހައްދުގެ އެކަށީގެންވާ ނިސްބަތެއްގެ ބައެއްގެ މަސްލަހަތު ހިމެނޭ ކަމެއް ކަމަށް ސަރުކާރަށް ނުވަތަ ކައުންސިލަށް ފެންނަ ހާލަތްތަކުގައެވެ. (އިތުރު ކުރެވިފައި)

(ރ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާފަދަ ލުޔެއް ނުވަތަ މަންފާއެއް ނުވަތަ ލިބެންޖެހޭ އެއްވެސް ފައިސާއެއް މައާފުކޮށްދީފިނަމަ އެ މުއާމަލާތްތަކުގެ ތަފްސީލުތައް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން ކަމާގުޅޭ ދައުލަތުގެ އޮފީހަކުން ލިޔެ ބަލަހައްޓަންވާނެއެވެ.

(ބ) މި މާއްދާގެ (ށ) ގެ ދަށުން ނިންމާ އެންމެހައި ނިންމުންތައް އެ ނިންމުމެއް ނިންމާތާ ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. (އިތުރު ކުރެވިފައި)

 

10 ވަނަ މާއްދާ - ހާއްސަ އެހީ (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(ހ) ގާނޫނުން އުފެދޭ ޒިންމާއެއްގެ ދަށުން ހޭދަކުރަންޖެހޭ ފައިސާއަކަށް ނުވާގޮތަށް ނުވަތަ ގާނޫނީ އިލްތިޒާމެއް އުފުލުމުގެ ގޮތުން އަދާކުރަންޖެހޭ ފައިސާއަކަށް ނުވާގޮތަށް، ހާއްސަ އެހީގެ ގޮތުގައި ދައުލަތުގެ ފައިސާއިން މީހަކަށް ނުވަތަ ފަރާތަކަށް ފައިސާގެ އެހީއެއް ދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ދައުލަތުގެ ފައިސާއިން ހާއްސަ އެހީއްގެ ގޮތުގައި، މީހަކަށް ނުވަތަ ފަރާތަކަށް އެހީއެއް ދެވޭނީ، އެމީހަކަށް ނުވަތަ ފަރާތަކަށް ލިބޭ ގެއްލުމެއްގައި، ނުވަތަ ކުރިމަތިވާ ދަތި ހާލަތެއްގައި، ކޮންމެވެސް އެހީއެއް ދައުލަތުން ވެދިނުމަކީ، އިޖްތިމާއީ މަސްލަހަތެއް ހިމެނޭ ކަމެއް ކަމުގައި ނުވަތަ އަދުލުވެރި ކަމެއް ކަމުގައި ސަރުކާރަށް ފެންނ ހާލަތްތަކުގައެވެ. އެހެންނޫންނަމަ، އެފަދަ އެހީއެއް ވެދޭންވާނީ މީހަކަށް ނުވަތަ ފަރާތަކަށް ދިމާވެފައިވާ މާލީ ދައްޗަކުން އެމީހަކު ނުވަތަ އެފަރާތެއް ސަލާމަތްކޮށްދިނުމަކީ މުޖުތަމައުގެ އެކަށީގެންވާ ނިސްބަތެއްގެ ބައެއްގެ މަސްލަހަތު އެކަމުގައި ހިމެނިގެންވާ ކަމަކަށްވުމުގެ އިތުރަށް، އެ ހާލަތުގައި އެމީހަކު ނުވަތަ އެ ފަރާތެއް ސަލާމަށްކޮށްދިނުމަކީ އެންމެ އަދުލުވެރި، އިންސާފުވެރި ގޮތްކަމަށް ސަރުކާރަށް ފެންނަ ހާލަތްތަކުގައެވެ.

(ނ) ކައުންސިލުތަކުން ފޯރުކޮށްދޭ އެހީ ފިޔަވައި، މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ހާއްސަ އެހީގެ ގޮތުގައި މީހަކަށް ނުވަތަ ފަރާތަކަށް ދައުލަތުގެ ފައިސާއިން އެހީއެއް ވެދެވޭނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާގެ އެންގުމަކަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ހުއްދައާއެކު މިނިސްޓަރަށެވެ. (އިސްލާހު ކުރެވިފައި)

(ރ) ކައުންސިލުތަކުން ހާއްސަ އެހީގެ ގޮތުގައި އެއްވެސް ފަރާތަކަށް އެހީއެއް ވެދެވޭނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މަގްސަދުތަކުގެ ތެރެއިން މަގްސަދެއް ހާސިލުކުރުމަށްޓަކައި، އެމީހަކަށް ނުވަތަ ފަރާތަކަށް އެހީއެއް ވެދިނުމަށް އެ ކައުންސިލަކުން ފާސްކުރާ ގޮތެއްގެމަތިންނެވެ. (އިތުރު ކުރެވިފައި)

(ބ) މި މާއްދާގެ (ހ) އަދި (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން ހާއްސަ އެހީގެ ގޮތުގައި ދައުލަތުގެ ފައިސާއިން މީހަކަށް ނުވަތަ ފަރާތަކަށް ފައިސާގެ އެހީއެއް ދީފިނަމަ އެ މުއާމަލާތްތަކުގެ ތަފްސީލުތައް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން ކަމާގުޅޭ ދައުލަތުގެ އޮފީހަކުން ލިޔެ ބަލަހައްޓަންވާނެއެވެ. (އިތުރު ކުރެވިފައި)

(ޅ) މި މާއްދާގެ ދަށުން ނިންމާ އެންމެހައި ނިންމުންތައް އެ ނިންމުމެއް ނިންމާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އާންމުކޮށް ށާއިއުކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

 

10-1 ވަނަ މާއްދާ - ކައުންސިލުތަކުން އަމިއްލަ ޖަމްޢިއްޔާތަކަށާއި ޖަމާޢަތްތަކަށް ދޭ އެހީ

(ހ) ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 73 ވަނަ މާއްދާގެ ދަށުން، ކައުންސިލުތަކުން އިދާރީ ދާއިރާގެ ނުވަތަ ރަށުގެ ނުވަތަ ސިޓީގެ ތަރައްގީގެ ޕްލޭންގައި ހިމެނޭ މަށްރޫޢުތައް ހިންގުމަށްޓަކައި، އަމިއްލަ ޖަމްޢިއްޔާތަކަށާއި ޖަމާޢަތްތަކަށް، ދައުލަތުގެ ފައިސާއިން އެހީ ދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކައުންސިލުން އެއްވެސް ފަރާތަކަށް އެހީ ދޭންވާނީ، އެއިން ފަރާތަކަށް އެހީ ދިނުމަށް އެ ކައުންސިލެއްގެ އަޣުލަބިއްޔަތުން ފާސްކުރާ ގޮތެއްގެމަތިން، އަދި ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި މިންގަނޑުތަކާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ އުސޫލުތަކާ ހިލާފުނުވާނެ ގޮތުގެމަތިންނެވެ. (އިތުރު ކުރެވިފައި)

 

ޗެޕްޓަރ 2

ދައުލަތުގެ ފައިސާ މެނޭޖްކުރުން އަދި ސަރުކާރުގެ ބޭންކިންގ  އެރޭންޖްމަންޓް (ސުރުހީ އިސްލާހު ކުރެވިފައި)

 

11 ވަނަ މާއްދާ - ދައުލަތުގެ ފައިސާ މެނޭޖްކުރުން (އިސްލާހު ކުރެވިފައި)

ދައުލަތުގެ ފައިސާ އެކަށީގެންވާ ހަރުދަނާ ގޮތެއްގައި މެނޭޖްކުރުމަށްޓަކައި ދައުލަތުގެ އޮފީސްތަކުން ޢަމަލުކުރަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް މިނިސްޓަރަށް އެކުލަވާލެވިދާނެއެވެ. މިގޮތުން، އަންނަނިވި މަގްސަދުތައް ހާސިލުކުރުމަށްޓަކައި ޓްރެށަރީ ސިންގަލް އެކައުންޓު ގެ ނިޒާމް ގާއިމުކޮށް ހިންގުމުގެ ގަވާއިދުތަކާއި އުސޫލުތައް ވެސް އެކުލަވާލެވިދާނެއެވެ.

(ހ) ސަރުކާރުގެ ކޭށް ފްލޯ އެކަށީގެންވާ ހަރުދަނާ ގޮތެއްގައި މެނޭޖްކުރުން؛ އަދި 

(ށ) ސަރުކާރުގެ ބޭންކު އެކައުންޓުތަކުގެ ކޭށް ބެލެންސް އެކަށީގެންވާ ހަރުދަނާ ގޮތެއްގައި މެނޭޖްކުރުން.

 

12 ވަނަ މާއްދާ - ސަރުކާރުގެ ބޭންކިންގ އެރޭންޖްމަންޓް (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(ހ) ދައުލަތުގެ ފައިސާ ޖަމާކޮށް ބަހައްޓާނީ ޓްރެށަރީ ސިންގަލް އެކައުންޓުގެ ނިޒާމްއިން ހުޅުވާ ޕަބްލިކް ބޭންކު އެކައުންޓުތަކުގައެވެ. މި އެކައުންޓުތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އަދި ދިވެހިރާއްޖޭގައި ހިންގާ ބޭންކުތަކުގައި ހުޅުވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެކައުންޓުތައް އޮޕަރޭޓުކުރާނީ މިނިސްޓަރު ކަނޑައަޅާ ފަރާތްތަކަކުންނެވެ.

(ނ) ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 100 ވަނަ މާއްދާގެ ދަށުން ކައުންސިލުތަކުން ހުޅުވާ ބޭންކު އެކައުންޓުތައް ބެލެވޭނީ ޕަބްލިކް ބޭންކު އެކައުންޓުތަކުގެ ބައެއްގެ ގޮތުގައެވެ.

(ރ) ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 100 ވަނަ މާއްދާގެ ދަށުން ކައުންސިލުތަކުން ހުޅުވާ އެކައުންޓުތަކާއި ދައުލަތުގެ އޮފީސްތަކުން ހުޅުވާ އެކައުންޓުތަކުގެ މަޢުލޫމާތު މިނިސްޓަރަށް ދިނުމުގެ ހުއްދަ، އެކައުންޓު ހުޅުވާ ކައުންސިލުން ނުވަތަ ދައުލަތުގެ އޮފީހުން، އެކައުންޓު އޮތް ބޭންކަށް ދޭންވާނެއެވެ. އަދި، އެފަދަ އެކައުންޓުތަކުގެ މަޢުލޫމާތަށް އެދި މިނިސްޓަރު ހުށަހަޅައިފިނަމަ އެ ބޭންކަކުން އެ މަޢުލޫމާތެއް މިނިސްޓަރަށް ފޯރުކޮށްދޭންވާނެއެވެ.

(ބ) ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް ޢަމަލުކުރަން ފަށާއިރު، ކައުންސިލުތަކާއި ދައުލަތުގެ އޮފީސްތަކާއި ސަރުކާރުގެ ޑިޕާޓްމަންޓުތަކާއި ސަރުކާރުގެ އޭޖެންސީތަކުން ރާއްޖޭގައި ހިންގާ ބޭންކުތަކުގައި ހުޅުވާފައިވާ އެކައުންޓުތަކުގެ މައްޗަށް، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކަންކަން ހިނގާނެއެވެ.

(ޅ) ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް ޢަމަލުކުރަން ފަށާއިރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ސަރުކާރުން ހުޅުވާފައިވާ ޕަބްލިކް ބޭންކު އެކައުންޓާއި އެހެންވެސް އެކައުންޓުތަކާއި، ކައުންސިލުތަކާއި ދައުލަތުގެ އޮފީސްތަކާއި ސަރުކާރުގެ ޑިޕާޓްމަންޓުތަކާއި ސަރުކާރުގެ އޭޖެންސީތަކުން ރާއްޖޭގައި ހިންގާ ބޭންކުތަކުގައި ހުޅުވާފައިވާ އެކައުންޓުތައް ބެލެވޭނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕަބްލިކް ބޭންކު އެކައުންޓުތަކުގެ ބައެއްގެ ގޮތުގައެވެ.

 

13 ވަނަ މާއްދާ - ޕަބްލިކް ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރުން

ޕަބްލިކް ފަންޑަކުން އެޑްވާންސްގެ ގޮތުގައި ދޫކުރާ ފައިސާ ފިޔަވައި، އެ އޮފީހަކުން ހޯދާ ހުރިހާ ފައިސާއަކާއި، ބަލައިގަންނަ ހުރިހާ ފައިސާއެއް، ޕަބްލިކް ބޭންކް އެކައުންޓުގައި ޖަމާކުރަންވާނެއެވެ. އެ ފައިސާ ހޯދީ، ނުވަތަ ލިބުނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މަރުކަޒެއް ނެތް ރަށެއްގައިނަމަ، އެފައިސާ ޖަމާކުރާނީ، އެ އޮތޯރިޓީގެ އެކައުންޓެއް އޮތް ބޭންކެއްގައެވެ. އެފަދަ ބޭންކެއްވެސް ނެތް ރަށެއްގައި ހިނގާ ސަރުކާރުގެ އޮފީހަކުން، އެފަދަ ފައިސާއާމެދު އަމަލުކުރާނީ މި ގާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.

 

14 ވަނަ މާއްދާ - ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރެވޭ ފައިސާ ހިސާބުކޮށް ތަފްސީލު ހިމެނުން

މި ގާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، އިންވެސްޓްކުރާ ދައުލަތުގެ ފައިސާގެ ޕްރިންސިޕަލް އަދަދު ފިޔަވައި، ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރެވޭ ހުރިހާ ފައިސާއެއް ހިސާބުކުރާނެ ގޮތް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ. އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން އެފައިސާ ހިސާބުކޮށް، ޕަބްލިކް ފަންޑުގެ ހިސާބުތަކުގައި އޭގެ ތަފްސީލު ހިމަނަންވާނެއެވެ. (އިސްލާހު ކުރެވިފައި)

 

15 ވަނަ މާއްދާ - ޕަބްލިކް ބޭންކް އެކައުންޓުން ފައިސާ ދޫކުރުން

(ހ) އަންނަނިވި ހާލަތުތަކުގައި މެނުވީ، ޕަބްލިކް ބޭންކް އެކައުންޓުން ފައިސާ ނަގައިގެން ނުވާނެއެވެ.    

  1. މި ގާނޫނު ހުއްދަކުރާ ގޮތެއްގެ މަތިން، ވަގުތުން ވަގުތަށް ބޭނުންނުވާ ފައިސާ އިންވެސްޓްކުރަން މި ގާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެމަތިން؛ ނުވަތަ
  2. މި ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން ފައިސާ ހަރަދުކުރުމަށް ހުއްދަދޭ ލިޔުމުގައިވާ ގޮތުގެމަތިން؛ ނުވަތަ
  3. މި ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑުން ފައިސާ ހަރަދުކުރުމަށް ހުއްދަދޭ ލިޔުމުގައިވާ ގޮތުގެމަތިން؛ ނުވަތަ
  4. މި ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، އެޑްވާންސް ފަންޑުން؛ ނުވަތަ
  5. ޓްރަސްޓް އެކައުންޓެއްގެ ޓްރަސްޓް ސްޓޭޓްމަންޓްގައިވާ ގޮތުގެމަތިން ޓްރަސްޓް ފަންޑުން.

(ށ) މި ގާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ނަގާ ފައިސާ ފިޔަވައި، ޕަބްލިކް ބޭންކް އެކައުންޓުން ނަގާ ހުރިހާ ފައިސާއެއް ހިސާބުކުރާނެ ގޮތް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ. އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން އެ ފައިސާ ހިސާބުކޮށް، ޕަބްލިކް ފަންޑުގެ ހިސާބުތަކުގައި އޭގެ ތަފްސީލު ހިމަނަންވާނެއެވެ. (އިސްލާހު ކުރެވިފައި)

 

16 ވަނަ މާއްދާ - ޕަބްލިކް ބޭންކް އެކައުންޓުގައި ހުރި ފައިސާގެ ތެރެއިން ވަގުތުން ވަގުތަށް ބޭނުންނުވާ ފައިސާ އިންވެސްޓްކުރުން

(ހ) ޕަބްލިކް ބޭންކް އެކައުންޓުގައިހުރި ފައިސާގެ ތެރެއިން، ވަގުތުން ވަގުތަށް ބޭނުންނުވާ ފައިސާ، އެ އެކައުންޓުން ނަގައި، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އަދި މާލީ ރައްކާތެރިކަމާގުޅޭ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން، މިނިސްޓަރަށް އިންވެސްޓް ކުރެވިދާނެއެވެ.

  1. ބޭރު ގައުމެއްގެ ސަރުކާރަކުން ނުވަތަ ބައިނަލްއަގްވާމީ މާލީ އިދާރާއަކުން ދޫކޮށްފައި، ނުވަތަ ގެރެންޓީ ކޮށްފައިވާ ސެކިއުރިޓީޒްއަށް.
  2. މިނިސްޓަރަށް ގަބޫލުކުރެވޭ ބޭންކެއްގެ އެކައުންޓުގައި ޑިޕޮޒިޓުގެ ގޮތުގައި ބެހެއްޓުމަށް. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިންވެސްޓްކުރާ ދައުލަތުގެ ފައިސާގެ ހިސާބު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ. އަދި އެ ގަވާއިދުގައިވާ ގޮތުގެމަތިން އެ ފައިސާގެ ހިސާބުތައް މިނިސްޓަރު ބަލަހައްޓަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުރާ ކޮންމެ އިންވެސްޓްމަންޓަކުން ލިބޭ އިންޓަރެސްޓެއްވެސް ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށް، މި ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެއާމެދު އަމަލުކުރަން ވާނެއެވެ.

(ރ) ލޯކަލް ކައުންސިލުތަކަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ މި މާއްދާއިން އިސްތިސްނާވެގެންވެއެވެ. (އިތުރު ކުރެވިފައި)

 

17 ވަނަ މާއްދާ - ހަރަދުކުރުމަށް ހުއްދަދިނުން (ސުރުހީ އިސްލާހު ކުރެވިފައި)

(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ޕަބްލިކް ބޭންކް އެކައުންޓުގައިވާ ދައުލަތުގެ ފައިސާގެ ތެރެއިން ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑް، ނުވަތަ ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑުގައިވާ ފައިސާ ހަރަދުކުރަންވާނީ މިނިސްޓަރު ސޮއިކޮށް ލިޔުމުން ދޫކުރާ ހުއްދައެއްގެ ދަށުންނެވެ. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ ދޫކުރަންވާނީ ފާސްކޮށްފައިވާ ބަޖެޓެއްގައި ހިމެނޭ ހަރަދެއް ކުރުމަށެވެ. 

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ ދޫކުރާނީ ކޮންމެ މާލީ އަހަރެއް ފެށޭއިރުއެވެ. އަދި މިގޮތުން ދޫކުރާނީ އަހަރަކު އެއް ހުއްދައެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދައިގެ ދަށުން، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑާއި، ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑުން މާލީ އަހަރެއްގެ ތެރޭގައި ކުރެވޭ ޖުމްލަ ހަރަދު، އެ މާލީ އަހަރެއްގެ ބަޖެޓުގައި، އެ ފަންޑުން ހަރަދުކުރުމަށް ފާސްކޮށްފައިވާ ޖުމްލަ ހަރަދަށްވުރެ %5 (ފަހެއް އިންސައްތަ) އިތުރުވެގެންނުވާނެއެވެ. (އިސްލާހު ކުރެވިފައި)

(ބ) ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑާއި، ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑާއި، ޓްރަސްޓް ފަންޑުން މާލީ އަހަރެއްގެ ތެރޭގައި ކުރެވޭ ޖުމްލަ ހަރަދު، އެ މާލީ އަހަރެއްގެ ބަޖެޓުގައި، އެ ފަންޑުން ހަރަދުކުރުމަށް ފާސްކޮށްފައިވާ ޖުމްލަ ހަރަދަށްވުރެ އިތުރުނުވާނެ ގޮތުގެމަތިން، އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ފަންޑެއްގައި ހުރި ފައިސާ އެއްބައިން އަނެއް ބަޔަށް ބަދަލުކުރެވިދާނެއެވެ. މިގޮތުން އެކި ކަންކަމަށް ކަނޑައަޅާފައިވާ ފައިސާ އެހެން ކަމަކަށް ހަރަދުކުރުމަށް ހުއްދަދެވޭނެ ހާލަތްތަކާއި، މިންވަރުތަކާއި، އެގޮތުން ގެންނަ ބަދަލުތަކާ ގުޅިގެން ހޯދަންޖެހޭ ހުއްދަ ހޯދުމުގައި ހުށަހަޅަންޖެހޭ މައުލޫމާތާއި އެކަމާބެހޭ އިޖުރާއަތުތައް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ޅ) ފާސްކޮށްފައިވާ ބަޖެޓަކާ ގުޅިގެން ދޫކުރެވިފައިވާ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ހުއްދައެއް އެ ބަޖެޓުގެ މުއްދަތު ހަމަވުމުން، މި ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެނުވީ ހަރަދެއް ކުރުމަށް ބޭނުމެއް ނުކުރެވޭނެއެވެ. (އިތުރު ކުރެވި،އިސްލާހު ކުރެވިފައި)

(ކ) ދައުލަތުގެ ހަރަދުކުޑަކުރުމުގެ ގޮތުން މިނިސްޓަރު ވަކިގޮތަކަށް ހަރަދުކުރުމަށް ކަނޑައަޅާފައިވާ ހާލަތްތަކުގައި ފިޔަވައި، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުގައި ހިމެނޭ ފައިސާގެ ތެރެއިން ކައުންސިލުތަކުގެ ބަޖެޓުގައި ހިމެނޭ ފައިސާ އެ ކައުންސިލެއްގެ ބަޖެޓުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން މިނިސްޓަރުގެ އިތުރު ހުއްދައެއް ހޯދުމަކާ ނުލައި ހަރަދުކުރެވިދާނެއެވެ. (އިތުރު ކުރެވިފައި)

 

 

 ޗެޕްޓަރ 3

ޕަބްލިކް ފަންޑުތައް

 

18 ވަނަ މާއްދާ - ޕަބްލިކް ފަންޑުތަކުގެ ހިސާބުތައް

(ހ) އަންނަނިވި ޕަބްލިކް ފަންޑުތަކުގެ ހިސާބުތައް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅައި، އެ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓަރު ބަލަހައްޓަންވާނެއެވެ. (އިސްލާހު ކުރެވިފައި)

  1. ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑް؛
  2. ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑް؛
  3. އެޑްވާންސް ފަންޑް؛
  4. ޓްރަސްޓް ފަންޑް؛ އަދި (އިސްލާހު ކުރެވިފައި)
  5. ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް. (އިތުރު ކުރެވިފައި)

(ށ) ޕަބްލިކް ފަންޑުތަކުގައިހުރި ފައިސާގެ ޖުމްލަ، ޕަބްލިކް ބޭންކް އެކައުންޓުގައިހުރި ފައިސާއާއި، މި ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން އިންވެސްޓް ކޮށްފައިވާ ފައިސާގެ ޖުމްލައާ އެއްވަރުވާން ވާނެއެވެ.

 

19 ވަނަ މާއްދާ - ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށް ފައިސާ ޖަމާކުރުން

އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ދައުލަތުގެ ފައިސާގެ ތެރެއިން އަންނަނިވި ފައިސާ ފިޔަވައި އެހެން ހުރިހާ ފައިސާއެއްވެސް ޖަމާކުރަންވާނީ، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށެވެ.

(ހ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މަރުކަޒެއް ނުވަތަ އެ އޮތޯރިޓީގެ އެކައުންޓެއް އޮތް ބޭންކެއް ނެތް ރަށެއްގައި، ނުވަތަ ރާއްޖޭން ބޭރުގައި ހިނގާ ސަރުކާރުގެ އޮފީހަކުން ހޯދާ، ނުވަތަ އެފަދަ އޮފީހަކަށް ލިބޭ ނުވަތަ، އެފަދަ އޮފީހެއްގައި ހުރި ދައުލަތުގެ ފައިސާ؛

(ށ) ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑަށް ޖަމާކުރަންވާނެކަމަށް މި ގާނޫނުގެ 21 ވަނަ މާއްދާގައި ބަޔާންކުރާ ދައުލަތުގެ ފައިސާ؛

(ނ) އެޑްވާންސް ފަންޑަށް ޖަމާކުރަންވާނެކަމަށް މި ގާނޫނުގެ  24 ވަނަ މާއްދާގައި ބަޔާންކުރާ ދައުލަތުގެ ފައިސާ؛

(ރ) ޓްރަސްޓް ފަންޑުގައި ހިމެނޭ އެކައުންޓުތަކަށް ޖަމާކުރަންވާނެކަމަށް މި ގާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ދައުލަތުގެ ފައިސާ؛

(ބ) އިންޓަރެސްޓް ސަސްޕެންސް އެކައުންޓަށް ޖަމާކުރަން ވާނެކަމަށް މި ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކުރާ ދައުލަތުގެ ފައިސާ.

 

20 ވަނަ މާއްދާ - ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން ފައިސާ ދޫކުރުން

(ހ) އަންނަނިވި ހާލަތުތަކުގައި މެނުވީ، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން ދައުލަތުގެ ފައިސާ ދޫކޮށްގެން ނުވާނެއެވެ.

  1. އެ އަހަރަކަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައިވާ ގޮތުގެމަތިން؛ ނުވަތަ
  2. ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން ފައިސާ ދޫކުރުމަށް ހުއްދަކުރާ ގާނޫނެއްގައިވާ ގޮތުގެމަތިން؛ ނުވަތަ
  3. ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން ދައުލަތުގެ ފައިސާއިން، ރިފަންޑް ދިނުމަށްް.
  4. މި ގާނޫނުގެ 17 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން. (އިތުރު ކުރެވިފައި)

(ށ) ހަރަދުކުރުމަށް ހުއްދަދޭ ލިޔުމެއް ހޯދުމަށްފަހުގައި މެނުވީ، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން ދައުލަތުގެ ފައިސާ ދޫކޮށްގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ކޮންސޮލިޑޭޓެޑް ރެވެނިއު ފަންޑުގައި ހިމެނޭ ފައިސާގެ ތެރެއިން ކައުންސިލުގެ ބަޖެޓުގައި ހިމެނޭ ފައިސާ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހަރަދުކުރުމަށް ހުއްދަދޭ ލިޔުމެއްނެތި ކައުންސިލުން ނިންމާ ގޮތެއްގެމަތިން ހަރަދުކުރުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ. (އިތުރު ކުރެވިފައި)

 

21 ވަނަ މާއްދާ - ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑަށް ފައިސާ ޖަމާކުރުން

ދައުލަތުގެ ފައިސާގެ ތެރެއިން އަންނަނިވި ފައިސާ ޖަމާކުރަންވާނީ، ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑަށެވެ.

(ހ) މިގާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަދަ ދައުލަތުގެ ބޭނުންތަކަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން، ދައުލަތުން ދޭ ލޯނުގެ ގޮތުގައި ދޫކުރުމަށާއި، ކެޕިޓަލް ހަރަދުތަކަށް ދޫކުރުމަށް ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ވާގޮތުގެމަތިން، ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑަށް ދޫކުރެވޭ ފައިސާ.

(ށ) ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑުން ދޫކުރި ލޯނުގެ ޕްރިންސިޕަލަށް ދައްކާ ފައިސާ.

(ނ) ދައުލަތުގެ މުދަލެއް ވިއްކައިގެން ލިބޭ ފައިސާ.

(ރ) ބައިނަލްއަގްވާމީ ޖަމާއަތަކުންވިޔަސް، އަދި އެހެން ފަރާތަކުންވިޔަސް، ކެޕިޓަލް ހަރަދު ކުރުމަށް އެއްވެސް ށަރުތަކާ ނުލައި، އެހީގެ ގޮތުގައިދޭ ފައިސާ.

(ބ) ކެޕިޓަލް ހަރަދު ކުރުމަށް، ނުވަތަ އެހެންވެސް ކަމަކަށް، އެކި ފަރާތްތަކުން ދައުލަތަށް ދޫކުރާ ލޯނުގެ ފައިސާއާއި، ދައުލަތުން ދަރަންޏަށް ހޯދާ ފައިސާ.

 

22 ވަނަ މާއްދާ - ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑުން ފައިސާ ދޫކުރުން

(ހ) އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެގެން މެނުވީ، ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑުން ދައުލަތުގެ ފައިސާ ދޫކޮށްގެން ނުވާނެއެވެ. (އިސްލާހު ކުރެވިފައި)

  1. އެ އަހަރަކަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައިވާ ގޮތުގެމަތިން؛ ނުވަތަ (އިތުރު ކުރެވިފައި)
  2. މި ގާނޫނުގެ 17 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން. (އިތުރު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަރަދުކުރުމަށް ހުއްދަދޭ ލިޔުމެއްގައިވާ ގޮތުގެމަތިން މެނުވީ، ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑުން ދައުލަތުގެ ފައިސާ ހަރަދުކޮށްގެން ނުވާނެއެވެ. (އިސްލާހު ކުރެވިފައި)

(ނ) (އުނި ކުރެވިފައި)

 

23 ވަނަ މާއްދާ - އެޑްވާންސް ފަންޑުން ފައިސާ ދޫކުރުން

(ހ) އެޑްވާންސް ފަންޑުން ފައިސާ ދޫކުރެވޭނީ، އަންނަނިވި ކަންކަމަށެވެ.

  1. ސަރުކާރުގެ އާންމު ހިދްމަތްތަކަށާއި، ކެޕިޓަލް ހަރަދުތަކަށް ވަގުތީގޮތުން ދޭންޖެހޭ ފައިސާއާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މަރުކަޒެއް ނުވަތަ އެ އޮތޯރިޓީގެ އެކައުންޓެއް އޮތް ބޭންކެއް ނެތް ރަށެއްގައި، ނުވަތަ ރާއްޖޭން ބޭރުގައި ހިނގާ ސަރުކާރުގެ އޮފީސްތަކުގެ ހަރަދުތަކަށް އެޑްވާންސްގެ ގޮތުގައި ދޫކުރާ ފައިސާ ދޫކުރުމަށް؛
  2. ކުރިން ވިސްނައިގަންނަން ނުވަތަ ރާވަން ނޭނގޭ އަދި ކުއްލިއަކަށް ދިމާވާ ބޭނުމަކަށް ދައުލަތުގެ ފައިސާ ދޫކުރަންޖެހޭ ފަދަ ހާލަތެއްގައި ފައިސާ ދޫކުރުމަށް؛ އަދި
  3. ގާނޫނު ހުއްދަކުރާ ގޮތެއްގެ މަތިން އެހެން އެއްވެސް ޕަބްލިކް ފަންޑަކުން ފައިސާ ދޫކުރެވެން ނެތް ހާލަތެއްގައި ފައިސާ ދޫކުރުމަށް.

(ށ) މި މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާއި 3 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، އެއްވެސް ފައިސާއެއް އެޑްވާންސް ފަންޑުން ދޫކޮށްފައިވާނަމަ އެ ފަންޑަށް އެ ފައިސާ އަނބުރާ ޖަމާކުރުމަށްޓަކައި، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން، ނުވަތަ ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑުން، ނުވަތަ އެ ދެ ފަންޑުން ފައިސާ ނެގުމަށް ބޭނުންވާކަން މިނިސްޓަރު، ވިދިގެން އަންނަ މާލީ އަހަރުގެ ބަޖެޓުގައި، ނުވަތަ ހިނގަމުންދާ ބަޖެޓަށް ފައިސާ އިތުރު ކުރުމަށް ކަނޑައަޅަންްވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމަކަށް މިނިސްޓަރުގެ ހުއްދައެއް ލިޔުމަކުން ލިބިގެން އެ ލިޔުމުގައިވާ ގޮތުގެމަތިން މެނުވީ، އެޑްވާންސް ފަންޑުން ފައިސާ ދޫކޮށްގެން ނުވާނެއެވެ.

 

24 ވަނަ މާއްދާ - އެޑްވާންސް ފަންޑަށް ފައިސާ ޖަމާކުރުން

ދައުލަތުގެ ފައިސާގެ ތެރެއިން އަންނަނިވި ފައިސާ ޖަމާ ކުރަންވާނީ، އެޑްވާންސް ފަންޑަށެވެ.

(ހ) މި ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން އެޑްވާންސް ފަންޑުން އެޑްވާންސްގެ ގޮތުގައި ދޫކޮށްފައިވާ ފައިސާގެ ތެރެއިން އެ ފަންޑަށް އަނބުރާ ދައްކާ ފައިސާ؛

(ށ) މި ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާއި 3 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، އެޑްވާންސް ފަންޑުން ދޫކޮށްފައިވާ ފައިސާއާ ގުޅިގެން އެ ފަންޑަށް އަނބުރާ ދެއްކުމަށް މިގާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގައިވާގޮތުގެމަތިން ބަޖެޓުގައި ކަނޑައަޅައި ފާސްކޮށްފައިވާ ފައިސާ.

 

25 ވަނަ މާއްދާ - ޓްރަސްޓް ފަންޑް އެކުލެވިގެންވާގޮތް

(ހ) ޓްރަސްޓް ފަންޑް އެކުލެވިގެންވަނީ މި ގާނޫނުގެ  30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިންޓަރެސްޓް ސަސްޕެންސް އެކައުންޓާއި، އަދި އެހެން ގާނޫނަކުން ޓްރަސްޓް ފަންޑުގެ ބައެއްގެ ގޮތުގައި އެއްވެސް ޓްރަސްޓް އެކައުންޓެއް އުފައްދާނަމަ، އެ ޓްރަސްޓް އެކައުންޓަކާއި،  މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޓްރަސްޓް އެކައުންޓުތަކުގެ މައްޗަށެވެ.

(ށ)  އަންނަނިވި ބޭނުންތަކަށްޓަކައި އެކި ދުވަސްވަރު އުފައްދާ ޓްރަސްޓް އެކައުންޓުތައްވެސް ޓްރަސްޓް ފަންޑުގައި ހިމެނޭނެއެވެ.

  1. ސަރުކާރުގެ ވަކި ބޭނުންތަކަކަށް ހަރަދު ކުރުމަށް ބަޖެޓުގައި ކަނޑައަޅައި ފާސްކޮށްފައިވާ ދައުލަތުގެ ފައިސާ ބެލެހެއްޓުމަށް؛
  2. ސަރުކާރުގެ އޮފީހެއް ކަމުގައިނުވާ އެހެން ފަރާތަކަށްޓަކައި، ދައުލަތުން ފައިސާ ބަހައްޓައި ދިނުމަށް؛
  3. ދައުލަތުގެ ވަކި ބޭނުމަކަށް ހަދިޔާގެ ގޮތުގައި ނުވަތަ ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާއާއި، ވަކި ށަރުތުތަކެއްގެ މަތިން ދައުލަތަށް ލިބޭ ފައިސާ، ދައުލަތުގެ ފައިސާގެ ގޮތުގައި ވަގުތީގޮތުން ބެހެއްޓުމަށް؛
  4. ދައުލަތަށް ލިބޭ ފައިސާއެއްގެ ވަކި ބޭނުމެއް އެނގެންދެން، ވަގުތީގޮތުން ބެހެއްޓުމަށް؛
  5. ޓްރަސްޓް އެކައުންޓުގެ ވަކި ހާއްސަ ބޭނުމަކަށް ބަޖެޓުގައި ކަނޑައަޅާ ފާސް ކޮށްފައިވާ ދައުލަތުގެ އެންމެހައި ފައިސާ؛
  6. ޓްރަސްޓް އެކައުންޓުގެ ހާއްސަ ބޭނުމަކަށްޓަކައި ލިބިފައިވާ ދައުލަތުގެ އެންމެހައި ފައިސާ.

(ނ) މިނިސްޓަރުގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ، އަދި 
މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބޭނުމަށްޓަކައި މެނުވީ، ޓްރަސްޓް އެކައުންޓެއް އުފައްދައިގެން ނުވާނެއެވެ.

 

26 ވަނަ މާއްދާ - ޓްރަސްޓް އެކައުންޓުތަކުގެ ޓްރަސްޓް ސްޓޭޓްމަންޓް

(ހ) މި ގާނޫނުގެ، ނުވަތަ އެހެން ގާނޫނެއްގެ ދަށުން ޓްރަސްޓް އެކައުންޓެއް ގާއިމުކޮށްފިނަމަ، އެ އެކައުންޓަކާ ގުޅޭ ޓްރަސްޓް ސްޓޭޓްމަންޓެއް އޮންނަންވާނެއެވެ.

(ށ) މި ގާނޫނުގައި "ޓްރަސްޓް ސްޓޭޓްމަންޓް" ކަމަށް ބުނެފައިއެވަނީ، އުފައްދާ ޓްރަސްޓް އެކައުންޓުގެ ނަމާއި، ބޭނުމާއި، އެ އެކައުންޓަށް ޖަމާކުރާ ފައިސާގެ ބާވަތާއި އަދަދާއި، އެ އެކައުންޓުން ކުރުން ހުއްދަ ހަރަދާއި، އެ އެކައުންޓު ހިންގުމުގެ ޒިންމާ އުފުލާ ފަރާތާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން އެ އެކައުންޓާ ގުޅޭގޮތުން ބަލަހައްޓަންޖެހޭނެ އެހެން ހުރިހާ ތަފްސީލުތައް ހިމެނޭ ގޮތަށް މިނިސްޓަރު ތައްޔާރުކޮށް، މިނިސްޓަރު ސޮއިކޮށްފައިވާ، އެ އެކައުންޓާގުޅޭ ރަސްމީ ތަފްސީލުތައް ހިމެނޭ އެ އެކައުންޓާގުޅޭ އެންމެ އިސް ލިޔުމަށެވެ.

(ނ) މި ގާނޫނުގެ 30 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، އިންޓަރެސްޓް ސަސްޕެންސް އެކައުންޓަށް ތައްޔާރުކުރެވިފައިވާ ޓްރަސްޓް ސްޓޭޓްމަންޓެއް އޮންނަންވާނެއެވެ.

(ރ) ހުރިހާ ޓްރަސްޓް  ސްޓޭޓްމަންޓެއްވެސް ތައްޔާރުކުރަންވާނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ. އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން، ޓްރަސްޓް ސްޓޭޓްމަންޓް އިސްލާހުކުރުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

 

27 ވަނަ މާއްދާ - ޓްރަސްޓް އެކައުންޓުތަކަށް ފައިސާ ޖަމާކުރުން

ޓްރަސްޓް އެކައުންޓުގެ ޓްރަސްޓް ސްޓޭޓްމަންޓްގައިވާ ގޮތުގެމަތިން މެނުވީ، ދައުލަތުގެ ފައިސާ، ޓްރަސްޓް އެކައުންޓަކަށް ޖަމާކޮށްގެން ނުވާނެއެވެ.

 

28 ޓްރަސްޓް އެކައުންޓުން ފައިސާ ދޫކުރުން

(ހ) ޓްރަސްޓް އެކައުންޓެއްގެ ޓްރަސްޓް ސްޓޭޓްމަންޓްގައިވާ ގޮތުގެމަތިން މެނުވީ، އެ ޓްރަސްޓް އެކައުންޓަކުން ދައުލަތުގެ ފައިސާ ދޫކޮށްގެން ނުވާނެއެވެ. އަދި ޓްރަސްޓް އެކައުންޓެއްގައި ހުރި ފައިސާއަށްވުރެ އިތުރަށް އެ އެކައުންޓުން ފައިސާ ނަގައިގެން ނުވާނެއެވެ.

(ށ) އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް މެނުވީ، ޓްރަސްޓް އެކައުންޓަކުން ފައިސާ ދޫކޮށްގެން ނުވާނެއެވެ.

  1. އެހެން ގާނޫނެއްގެ ދަށުން ހުޅުވުނު އެކައުންޓެއްނަމަ، އެ ގާނޫނުގައިވާ އަދި އެ އެކައުންޓުގެ ޓްރަސްޓް ސްޓޭޓްމަންޓްގައިވާ ގޮތުގެމަތިން؛
  2. އިންޓަރެސްޓް ސަސްޕެންސް އެކައުންޓުނަމަ، މި ގާނޫނުގެ 30 ވަނަ މާއްދާގައިވާ އަދި އެ އެކައުންޓުގެ ޓްރަސްޓް ސްޓޭޓްމަންޓްގައިވާ ގޮތުގެމަތިން؛
  3. އެހެން ޓްރަސްޓް އެކައުންޓެއްނަމަ، އެ އެކައުންޓެއްގެ ޓްރަސްޓް ސްޓޭޓްމަންޓްގައިވާ ގޮތުގެމަތިން.

 

29 ވަނަ މާއްދާ - ޓްރަސްޓް އެކައުންޓުތައް ބަންދުކުރުން

(ހ) މި ގާނޫނުގެ 25 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މަގްސަދަށްޓަކައި ގާއިމުކޮށްފައިވާ ޓްރަސްޓް އެކައުންޓެއްގެ މަގްސަދު ފުރިހަމަވުމުން، ނުވަތަ އެ އެކައުންޓު އުފެއްދި މަގްސަދު ފުރިހަމަ ނުކުރެވޭކަމަށް މިނިސްޓަރަށް ފެނިއްޖެނަމަ، އެ އެކައުންޓު ބަންދުކުރުމަށް އެންގުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ށ) އިންޓަރެސްޓް ސަސްޕެންސް އެކައުންޓް

ޓްރަސްޓް އެކައުންޓެއް ބަންދުކުރުމަށް މިނިސްޓަރު އަންގައިފިނަމަ، އެ އެކައުންޓުން ދޭންޖެހިފައިވާ ފައިސާ ދިނުމަށްފަހު، އެ އެކައުންޓުގައި ބާކީހުރި ދައުލަތުގެ ފައިސާއާމެދު އަމަލުކުރާނީ، އެ އެކައުންޓު ބަންދުކުރުމުގައި އަމަލުކުރަންވީގޮތް އެ އެކައުންޓުގެ ޓްރަސްޓް ސްޓޭޓްމަންޓްގައި ކަނޑައަޅާފައިވާނަމަ، އެ ގޮތުގެމަތިންނެވެ. ޓްރަސްޓް ސްޓޭޓްމަންޓްގައި ގޮތެއް ކަނޑައަޅާފައި ނުވާނަމަ، އެ ފައިސާ ޖަމާކުރާނީ، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށެވެ.

 

30 ވަނަ މާއްދާ - އިންޓަރެސްޓް ސަސްޕެންސް އެކައުންޓް

(ހ)  ޓްރަސްޓް ފަންޑުގެ ބައެއްގެ ގޮތުގައި، "އިންޓަރެސްޓް ސަސްޕެންސް އެކައުންޓް" ގެ ނަމުގައި އެކައުންޓެއް އޮންނަންވާނެއެވެ.

(ށ) މި ގާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކުރާ އިންވެސްޓްމަންޓުތަކަށް ލިބޭ އެންމެހައި އިންޓަރެސްޓް ފައިސާ ޖަމާކުރަންވާނީ، އިންޓަރެސްޓް ސަސްޕެންސް އެކައުންޓަށެވެ.

(ނ) އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައި   ނުވާހާ ހިނދަކު، އިންޓަރެސްޓް ސަސްޕެންސް އެކައުންޓުގައި ހުރި ދައުލަތުގެ ފައިސާ އެ އެކައުންޓުން ނަގައި ޖަމާ ކުރަންވާނީ، ޕަބްލިކް ފަންޑަކަށް، ނުވަތަ އިންޓަރެސްޓް ސަސްޕެންސް އެކައުންޓުގެ ޓްރަސްޓް ސްޓޭޓްމަންޓްގައިވާ ގޮތުގެމަތިން އެހެން ޓްރަސްޓް އެކައުންޓަކަށް، ނުވަތަ އެކައުންޓުތަކަށެވެ.

 

30-1 ވަނަ މާއްދާ - (ސުރުހީ އާއި މާއްދާ އިތުރު ކުރެވިފައި)

ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ފައިސާ އިންވެސްޓްކުރުމަށާއި، ދައުލަތުގެ ދަރަނި އަދާކުރުމަށާއި، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ބޭނުމަށްޓަކައި، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ގޮތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ކަސްޓޯޑިއަން އެކައުންޓެއް ގާއި މުކޮށް ބަލަހައްޓަންވާނެއެވެ. (އިތުރު ކުރެވިފައި)

(ށ) ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަކީ މި ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕަބްލިކް ބޭންކް އެކައުންޓާ ވަކިން ގާއިމުކޮށްފައިވާ ފަންޑެކެވެ. (އިތުރު ކުރެވިފައި)

(ނ) ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އަށް 7 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، ގާއިމުކޮށްފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް ބެލެވޭނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ގޮތުގައެވެ. (އިތުރު ކުރެވިފައި)

(ރ) ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާނެ ފައިސާއާއި، އެ ފަންޑުން އިންވެސްޓްކުރުމާއި ހަރަދުކުރުމުގެ ސިޔާސަތު ކަނޑައަޅާނީ މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ. (އިތުރު ކުރެވިފައި)

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ސިޔާސަތުގެ ދަށުން އެ ފަންޑުން އިންވެސްޓްކުރުމަށް މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 5 (ފަހެއް) މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އިންވެސްޓްމަންޓް ކޮމިޓީއެއް އޮންނަންވާނެއެވެ. (އިތުރު ކުރެވިފައި)

(ޅ) މި މާއްދާގެ (ބ) ގެ ދަށުން އައްޔަންކުރާ އިންވެސްޓްމަންޓް ކޮމިޓީ އެކުލެވިގެންވާ ގޮތާއި، އެ ކޮމިޓީގެ ބައްދަލުވުންތަކާއި އިދާރީ ހިންގުމާއި، އެ ކޮމިޓީގެ ނިންމުންތައް ނިންމުމާގުޅޭ އިޖުރާއަތު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

(ކ) ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ފައިސާގެ ހިސާބު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅާ ގޮތުގެމަތިން ބަލަހައްޓައި އޮޑިޓްކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

(އ) ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް ހިންގާނީ މިނިސްޓްރީންނެވެ. އަދި އެ ފަންޑް ހިންގުމާގުޅޭ އެންމެހައި އުސޫލުތައް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

 

 

ޗެޕްޓަރ 4

ބަޖެޓު އެކުލަވާލައި، ހުށަހެޅުން

 

31 ވަނަ މާއްދާ - ބަޖެޓު އެކުލަވާލައި މިނިސްޓަރަށް ފޮނުވުން (އިސްލާހު ކުރެވިފައި)

ދައުލަތުގެ ކޮންމެ އޮފީހަކުން، އެތަނަކަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި، އެތަނުން ހިނގާނެކަމަށް ލަފާކުރާ ރިކަރަންޓް ހަރަދާއި، ކެޕިޓަލް ހަރަދު ހިމަނައިގެން އެ އަހަރަކަށް ލަފާކުރާ ބަޖެޓު އެކުލަވާލައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން، އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ތާރީހަށް، ނުވަތަ އެ ތާރީހުގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް އެ ބަޖެޓު ފޮނުވަންވާނެއެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ކުރާނީ، އެއިން ކޮންމެ އޮފީހެއްގައި މި ގާނޫނުގެ ދަށުން ކަނޑައަޅާ ޒިންމާދާރު ވެރިޔާއެވެ.

 

32 ވަނަ މާއްދާ - ދައުލަތުގެ އަހަރީ ބަޖެޓު

(ހ) ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކޮންމެ މާލީ އަހަރަކަށް އެކުލަވާލެވޭ އެ އަހަރުގެ ދައުލަތުގެ ބަޖެޓު، މިނިސްޓަރު ތައްޔާރުކޮށް، ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ އެންމެ ލަސްވެގެން 2 މަސްދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބަޖެޓު ހުށަހަޅާއިރު، އެބަޖެޓުގައި، ބަޖެޓު އެކުލަވާލެވޭ މާލީ އަހަރަކަށް ދައުލަތުން ހިނގާނެކަމަށް ލަފާކުރި ހަރަދާއި، ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އެއްޗެއްގެ ހިސާބާއި، އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ހަރަދާއި، ދައުލަތަށް ލިބުނު އެއްޗެއްގެ ހިސާބު، އެ ބަޖެޓުގައި ވަކި ސުރުހީތަކެއްގެ ދަށުން ފާހަގަކޮށް ބަޔާން ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ދައުލަތުގެ އަހަރީ ބަޖެޓު ހުށަހަޅާއިރު، ކެޕިޓަލް ހަރަދުކުރުމަށް ހުށަހަޅަންވާނީ، ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑުންނެވެ. އަދި ރިކަރަންޓް ހަރަދުކުރުމަށް ހުށަހަޅަންވާނީ، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުންނެވެ.

(ރ) ދައުލަތުގެ ކޮންމެ އޮފީހަކަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި، އެތަނަކަށް ހިނގާނެކަމަށް ލަފާކުރާ ރިކަރަންޓް ހަރަދާއި، ކެޕިޓަލް ހަރަދުގެ ހުލާސާ، ދައުލަތުގެ އަހަރީ ބަޖެޓުގައި ހިމަނަންވާނެއެވެ. އަދި ދައުލަތުގެ އޮފީސްތަކުގެ ޕްރޮގްރާމް ބަޖެޓުގެ ތަފްސީލު ދައުލަތުގެ އަހަރީ ބަޖެޓުގައި ހިމަނަންވާނެއެވެ. (އިސްލާހު1، އިސްލާހު2 ކުރެވިފައި)

(ބ) ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާއެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ނުވަތަ ސަޕްލިމެންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް އެދި ހުށަހަޅާނަމަ، މިމާއްދާގައި ބަޖެޓް ތައްޔާރުކުރުމަށް ބަޔާންކޮށްފައިވާ ގޮތަށް، އެހުށަހެޅުމެއް ތައްޔާރުކޮށް، އެފައިސާއެއް ނުވަތަ ބަޖެޓެއް ބޭނުންވާ ދުވަހެއްގެ 1 މަސްދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

(ޅ) ދައުލަތުގެ އަހަރީ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާއިރު، ދައުލަތުން ޑެފިސިޓް ފައިނޭންސްކުރާނެގޮތް ބަޔާންކުރަންވާނެއެވެ.

 

33 ވަނަ މާއްދާ -  މަސައްކަތް ބަދަލުވުމުން ބަޖެޓުގައި ކަނޑައަޅާފައިވާ ފައިސާވެސް ބަދަލުކުރުން (އިސްލާހު ކުރެވިފައި)

ދައުލަތުގެ އޮފީހަކާ ގުޅޭގޮތުން ހާއްސަ ކެޕިޓަލް ހަރަދުގެ ގޮތުގައި، ނުވަތަ ފާސްވެފައިވާ ބަޖެޓެއްގައި ވަކި ހިދްމަތަކަށް ދައުލަތުގެ ފައިސާ ކަނޑައަޅާފައިވަނިކޮށް، އެ މަސައްކަތުގެ ނުވަތަ އެ ހިދްމަތުގެ ޒިންމާ ދައުލަތުގެ އެހެން އޮފީހަކަށް ބަދަލުވެއްޖެނަމަ، ހަރަދުނުވެ ބަޖެޓުގައި ހުރި ފައިސާ، މިނިސްޓަރުގެ ހުއްދައާއެކު އަލަށް އެ މަސައްކަތް ހަވާލުވި ނުވަތަ އަލަށް އެ ޒިންމާއާ ހަވާލުވި އޮފީހަކަށް ބަދަލުކޮށް، އެ އޮފީހަކުން އެ ހަރަދު ކުރެވިދާނެއެވެ.

 

34 ވަނަ މާއްދާ - ހަރަދު ކުރުމަށް ބަޖެޓުގައި ކަނޑައެޅުނު ފައިސާ (އިސްލާހު ކުރެވިފައި)

(ހ) ވަކި މާލީ އަހަރަކާގުޅޭ ގޮތުން ފާސްކޮށްފައިވާ ބަޖެޓަކުން ދައުލަތުގެ ފައިސާއެއް އެ މާލީ އަހަރުގެ ތެރޭގައި ހަރަދުކޮށްފައިނުވާނަމަ، މި ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެނުވީ، އެ މާލީ އަހަރު ނިމުމަށްފަހު، އެ ފައިސާ ހަރަދުކޮށްގެން ނުވާނެއެވެ.

(ށ) (އުނި ކުރެވިފައި)

(ނ) (އުނި ކުރެވިފައި)

 

ޗެޕްޓަރ 5

މާލީ ހިސާބުތައް

 

35 ވަނަ މާއްދާ - އަހަރީ ރިޕޯޓު ތައްޔާރުކޮށް އޮޑިޓަރ ޖެނެރަލަށް ހުށަހެޅުން

(ހ) ދައުލަތުގެ ކޮންމެ އޮފީހެއްގައި މި ގާނޫނުގެ ދަށުން ކަނޑައަޅާ ޒިންމާދާރު ވެރިޔާ، ކޮންމެ މާލީ އަހަރެއް ނިމޭތާ 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި، ތިރީގައިވާ މައުލޫމާތު ހިމެނޭ ރިޕޯޓެއް، އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ. (އިސްލާހު1،  އިސްލާހު2 ކުރެވިފައި)

  1. ނިމުނު މާލީއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި އެ އޮފީހުން ލަފާކުރި އާމްދަނީއާއި ހަރަދުގެ ހިސާބު؛
  2. ނިމުނު މާލީ އަހަރުގެ ތެރޭގައި އެ އޮފީހަށް ލިބުނު އާމްދަނީއާއި ހިނގި ހަރަދުގެ ހިސާބު؛ (އިސްލާހު ކުރެވިފައި)
  3. ނިމުނު މާލީ އަހަރުގެ ތެރޭގައި އެ އޮފީހުން ހިންގި މާލީ މުއާމަލާތްތަކުގެ ރިޕޯޓު. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު ތައްޔާރުކުރަންވާނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ. (އިސްލާހު ކުރެވިފައި)

(ނ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު ތައްޔާރުކުރުމަށްޓަކައި، އެ އޮފީސްތަކަށް ބޭނުންވާ މައްލޫމާތުގެ ތެރެއިން މިނިސްޓަރުގެ ބެލުމުގެ ދަށުގައިވާ މައުލޫމާތު އެމާލީ އަހަރެއް ނިމޭތާ 1 މަސް ދުވަހުގެ ތެރޭގައި މިނިސްޓަރު ފޮނުވަންވާނެއެވެ.

(ރ) ދައުލަތުގެ އޮފީހެއް އުވާލެވިއްޖެނަމަ، އެ އޮފީސް އުވާލެވުނު ދުވަހާ ހަމައަށް، އެ އަހަރަކުން ހިނގާފައިވާ މުއްދަތަށް، މި މާއްދާގައި ބަޔާންކުރާފަދަ ރިޕޯޓެއް، އެ އޮފީހެއް އުވާލެވުނުއިރު އެ އޮފީހުގައި ހުރި، މި ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ޒިންމާދާރު ވެރިޔާ ތައްޔާރުކޮށް، އެ އޮފީހެއް އުވާލެވޭތާ 2 (ދޭއް) މަސް ދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ. (އިސްލާހު1،  އިސްލާހު2 ކުރެވިފައި)

(ބ) ގައުމީ ފެންވަރުގައި ބާއްވާ ނުވަތަ ހިންގާ ބޮޑެތި ހާއްސަ ހަރަކާތްތަކަށް ފައިސާ ހަރަދުކުރެވުނު ގޮތުގެ ފުރިހަމަ މައުލޫމާތު ހިމެނޭ ރިޕޯޓެއް، އެ ހަރަކާތެއް ނިމޭތާ 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި، އެ ހަރަކާތެއް ހިންގި އޮފީހަކުން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ޅ) މި މާއްދާގެ (ހ) ގައިވާ ހިސާބު ތައްޔާރުކޮށް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާނީ، މި ގާނޫނުގައިވާ ގޮތުގެމަތިންނެވެ. (އިތުރު ކުރެވިފައި)

 

36 ވަނަ މާއްދާ - އަހަރީ ރިޕޯޓު އޮޑިޓްކުރުމާއި ރިޕޯޓު ހުށަހެޅުން

(ހ) މި ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓު، އެމާއްދާގައި ބުނެފައިވާ އޮފީހަކުން އޮޑިޓަރ ޖެނެރަލަށް ލިބޭތާ 2 މަސްދުވަހުގެ ތެރޭގައި، އޮޑިޓަރ ޖެނެރަލް އެ ރިޕޯޓު އޮޑިޓް ކުރަންވާނެއެވެ. އަދި އެ ރިޕޯޓު އޮޑިޓް ކުރުމަށްފަހު، އޮޑިޓަރ ޖެނެރަލް ލިޔެފައިވާ ރިޕޯޓު، އެ އޮފީހުގައި، މިގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ޒިންމާދާރު ވެރިޔާއަށް ފޮނުވަންވާނެއެވެ.

(ށ) މި ގާނޫނުގެ 35 ވަނަ މާއްދާގައިވާ ގޮތުގެމަތިން އޮޑިޓަރ ޖެނެރަލަށް ލިބެންޖެހޭ ރިޕޯޓެއް، އޮޑިޓަރ ޖެނެރަލަށް ނުލިބުނުނަމަ، 14 ދުވަހުގެ ތެރޭގައި، އޮޑިޓަރ ޖެނެރަލް އެކަން ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމަކުން އަންގަންވާނެއެވެ.

 

37 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާއަށް  އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓު ހުށަހެޅުން (އިސްލާހު ކުރެވިފައި)

މި ގާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ދައުލަތުގެ ކޮންމެ އޮފީހެއްގައި މި ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ޒިންމާދާރު ވެރިޔާއަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓު ލިބޭތާ 1 މަސްދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލްގެ ރިޕޯޓާއި، މި ގާނޫނުގެ 35 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތައްޔާރުކޮށްފައިވާ ރިޕޯޓުގެ ކޮޕީއެއް، އޭނާ ރައީސުލްޖުމްހުރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުވަންވާނެއެވެ.

 

38 ވަނަ މާއްދާ - ދައުލަތުގެ އަހަރީ ހިސާބުތައް

(ހ) ކޮންމެ މާލީ އަހަރެއް ނިމޭތާ 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި، އެ އަހަރެއްގެ ދައުލަތުގެ އަހަރީ ހިސާބުތައް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން، އެކައުންޓަންޓް ޖެނެރަލް ތައްޔާރުކޮށް، މިނިސްޓަރަށް ހުށަހަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދައުލަތުގެ އަހަރީ ހިސާބުތަކުގައި، އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.

  1. ރައްޔިތުންގެ މަޖިލީހުން މާލީ އަހަރަކަށް ފާސްކުރި ބަޖެޓުގައި ކޮންމެ ޕަބްލިކް ފަންޑަކަށް ލަފާކުރި އާމްދަނީއާއި ހަރަދުގެ ހިސާބު؛ އަދި
  2. އެ މާލީ އަހަރުގެ ތެރޭގައި ކޮންމެ ޕަބްލިކް ފަންޑަކަށް ލިބުނު އާމްދަނީއާއި ހިނގި ހަރަދުގެ ހިސާބު؛ އަދި
  3. އެ މާލީ އަހަރު ނިމުނުއިރު، ދައުލަތުގެ އެސެޓްތަކާއި ލަޔަބިލިޓީތައް، އަދި ހިނގާފާނެކަމަށް ބެލެވޭ (ކޮންޓިންޖެންޓް) ލަޔަބިލިޓީތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ހިސާބު.

(ނ) ދައުލަތުގެ އަހަރީ ހިސާބުތައް، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މިނިސްޓަރަށް ލިބޭތާ 14 ދުވަހުގެ ތެރޭގައި، މިނިސްޓަރު އެ ހިސާބުތައް އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ދައުލަތުގެ އަހަރީ ހިސާބުތައް، މާލީ އަހަރެއް ނިމޭތާ 3 މަހާއި 14 ދުވަހުގެ ތެރޭގައި، އޮޑިޓަރ ޖެނެރަލަށް މިނިސްޓަރުގެ ފަރާތުން ނުލިބިއްޖެނަމަ، އެކަން 14 ދުވަހުގެ ތެރޭގައި ލިޔުމަކުން އޮޑިޓަރ ޖެނެރަލް، ރައީސުލްޖުމްހޫރިއްޔާއަށްް އަންގަންވާނެއެވެ.

 

39 ވަނަ މާއްދާ - އަހަރީ ހިސާބުތަކާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލުގެ ރިޕޯޓު ހުށަހެޅުން

މި ގާނޫނުގެ 38 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ދައުލަތުގެ އަހަރީ ހިސާބުތައް މިނިސްޓަރުގެ ފަރާތުން އޮޑިޓަރ ޖެނެރަލަށް ލިބޭތާ 2 މަސްދުވަހުގެ ތެރޭގައި، އޮޑިޓަރ ޖެނެރަލުގެ ރިޕޯޓު މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.

 

40 ވަނަ މާއްދާ - އަހަރީ ހިސާބުތަކާއި އޮޑިޓް ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުން

މި ގާނޫނުގެ 39 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އޮޑިޓަރ ޖެނެރަލުގެ ރިޕޯޓު މިނިސްޓަރަށް ލިބޭތާ 14 ދުވަހުގެ ތެރޭގައި އެ ރިޕޯޓާއި، މި ގާނޫނުގެ 38 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތައްޔާރުކޮށްފައިވާ ދައުލަތުގެ އަހަރީ ހިސާބުތައް، މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަންވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް އެރިޕޯޓާއި ހިސާބުތައް ހުށަހަޅާ ތާރީހުން ފެށިގެން 14 ދުވަހުގެ ތެރޭގައި، އެރިޕޯޓާއި ހިސާބުތައް ރައްޔިތުންގެ މަޖިލީހަށްވެސް ފޮނުވަންވާނެއެވެ.

 

41 ވަނަ މާއްދާ - ހިސާބުތައް ބެލުން

ސަރުކާރުގެ އޮފީހެއްގެ މާލީ ލިޔެކިޔުމާއި ފައިސާގެ ހިސާބުތައް، ބޭނުންވެއްޖެ ކޮންމެ ހިނދެއްގައިވެސް މިނިސްޓަރަށް ނުވަތަ މިނިސްޓަރު އެކަމަށް ކަނޑައަޅާ މީހަކަށް ބެލިދާނެއެވެ.

 

ޗެޕްޓަރ 6

އިދާރީ ކަންކަން

 

42 ވަނަ މާއްދާ - މިނިސްޓަރު މަސްއޫލިއްޔަތު އުފުލުން

އަންނަނިވި ކަންކަމަކީ، މިނިސްޓަރު މަސްއޫލިއްޔަތު އުފުލަން ޖެހޭނެ ކަންކަމުގެ ތެރޭގައި ހިމެނިގެންވާ ކަންކަމެވެ.

(ހ) މި ގާނޫނު ހިންގުން؛

(ށ) ޕަބްލިކް ބޭންކް އެކައުންޓާއި ޕަބްލިކް ފަންޑުތަކާއި ދައުލަތުގެ މާލީ ކަންކަން ކޮންޓްރޯލު ކުރުމާއި ބެލެހެއްޓުން؛ އަދި

(ނ) ޕަބްލިކް ބޭންކް އެކައުންޓާއި، ޕަބްލިކް ފަންޑުތަކާއި، ދައުލަތުގެ މާލީ ކަންކަމާބެހޭ ފުރިހަމަ އަދި ތެދު ހިސާބު އޮޑިޓަރ ޖެނެރަލަށާއި، ރައްޔިތުންގެ މަޖިލީހަށް ގަވާއިދުން ހުށަހެޅުމަށް ކުރަންޖެހޭ ކަންކަން ކުރުން.

 

43 ވަނަ މާއްދާ - މިނިސްޓަރުގެ މަސްއޫލިއްޔަތު ހަވާލުކުރުން

(ހ) މި ގާނޫނުގައި، މިނިސްޓަރުގެ ބާރާއި ވާޖިބުތައް ކަމުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިންްް އެފަހަރަކު މިނިސްޓަރު ހަވާލުކުރަން ބޭނުންވާ ކަންކަން، ފައިނޭންށަލް ކޮންޓްރޯލަރާ ހަވާލުކުރެވިދާނެއެވެ. ނަމަވެސް މިނިސްޓަރު ފައިނޭންށަލް ކޮންޓްރޯލަރާ ހަވާލުކުރާބާރާއި ވާޖިބުތައް ފައިނޭންށަލް ކޮންޓްރޯލަރަށް އެހެންމީހަކާ ހަވާލެއް ނުކުރެވޭނެއެވެ.

 (ށ) މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މިނިސްޓަރުގެ ބާރާއި ވާޖިބުތައް ފައިނޭންށަލް ކޮންޓްރޯލަރާ ހަވާލުކުރި ކަމުގައިވީ ނަމަވެސް، މިނިސްޓަރު އުފުލަންޖެހޭ ޒިންމާއިން މިނިސްޓަރަށް ބަރީއަައެއް ނުވެވޭނެއެވެެ.

 (ނ) މިމާއްދާގެ (ހ) ގެ ދަށުން ފައިނޭންށަލް ކޮންޓްރޯލަރާ މިނިސްޓަރު ހަވާލުކުރާ ބާރާއި ވާޖިބުތައް ހަވާލުކުރަންވާނީ، މިނިސްޓަރު ސޮއިކޮށްފައިވާ ލިޔުމަކުންނެވެ.

 

44 ވަނަ މާއްދާ - އެކައުންޓަންޓް ޖެނެރަލް އައްޔަންކުރުމާއި އޭނާގެ މަސްއޫލިއްޔަތު (ސުރުހީ އާއި މާއްދާ އިސްލާހު ކުރެވިފައި)

(ހ) ދައުލަތުގެ ފައިސާއާއި، ހިސާބާއި ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމް ބަލަހައްޓައި ހިންގުމަށްޓަކައި މިނިސްޓްރީގައި އެކައުންޓަންޓް ޖެނެރަލްއެއް ހުންނަންވާނެއެވެ.  

(ށ) އެކައުންޓަންޓް ޖެނެރަލްގެ މަގާމަށް މީހަކު އައްޔަންކުރާނީ މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ. (އިސްލާހު ކުރެވިފައި)

(ނ) އެކައުންޓަންޓް ޖެނެރަލްގެ މަގާމަށް އައްޔަންކުރަންވާނީ އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތެކެވެ. (އިތުރު ކުރެވިފައި)

  1. ދިވެހި ރައްޔިތަކު ކަމުގައިވުން؛ 
  2. މަގާމާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ނުވަތަ އެއާ އެއް ފެންވަރެއްގެ ސަނަދެއް ސަރުކާރު ގަބޫލުކުރާ އިދާރާއަކުން ހާސިލުކޮށްފައިވުމާއެކު، ދައުލަތުގެ ފައިސާއާބެހޭ ދާއިރާގައި 
    5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން؛
  3. ކޮރަޕްށަންގެ ނުވަތަ ހިޔާނާތުގެ، ވައްކަމުގެ، ނުވަތަ ޓެކުމުގެ ނުވަތަ މިބާވަތުގެ އެއްވެސް ކުށެއް ށަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.

(ރ) އެކައުންޓަންޓް ޖެނެރަލްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ. (އިތުރު ކުރެވިފައި)

  1. ދައުލަތުގެ ފައިސާއާއި، ހިސާބާއި ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމް، މި ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ބެލެހެއްޓުމާއި ހިންގުން؛ 
  2. ދައުލަތުގެ ފައިސާ ބަލައިގަނެވެނީ، ނުވަތަ ރައްކާތެރިކަމާއެކު ބެލެހެއްޓެނީ، ނުވަތަ ހަރަދުކުރެވެނީ، ނުވަތަ އިންވެސްޓްކުރެވެނީ މި ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންތޯ ބެލުން؛
  3. ދައުލަތުގެ މުދާ ގަނެވެނީ، ނުވަތަ ރައްކާތެރިކަމާއެކު ބެލެހެއްޓެނީ، ނުވަތަ ބޭނުންކުރެވެނީ، ނުވަތަ ވިއްކެނީ، ނުވަތަ ނައްތާލެވެނީ،ނުވަތަ ދޫކޮށްލެވެނީ މި ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންތޯ ބެލުން؛
  4. މި މާއްދާގެ މި އަކުރުގެ (1) ވަނަ ނަންބަރުން ފެށިގެން (3) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ކަނޑައަޅާ އެނޫންވެސް މަސްއޫލިއްޔަތު އަދާކުރުން.

(ބ) އެކައުންޓަންޓް ޖެނެރަލް އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، އެކަން ބަޔާންކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމަކުން ހުށަހަޅައި، އެ ލިޔުން ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، އެކައުންޓަންޓް ޖެނެރަލް އެ މަގާމުން ވަކިވީއެވެ. (އިތުރު ކުރެވިފައި)

(ޅ) އެކައުންޓަންޓް ޖެނެރަލަށް، އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާ ނުކުރެވޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެނަމަ، މިނިސްޓަރުގެ މަށްވަރާގެ މަތިން، އެކައުންޓަންޓް ޖެނެރަލް އޭނާގެ މަގާމުން ވަކިކުރެވިދާނެއެވެ. (އިތުރު ކުރެވިފައި)

 

44-1 ވަނަ މާއްދާ - ދައުލަތުގެ އިންޓަރނަލް އޮޑިޓްގެ ނިޒާމް (ސުރުހީ އާއި މާއްދާ އިތުރު ކުރެވިފައި)

(ހ) ދައުލަތުގެ ވުޒާރާތަކާއި، އޮފީސްތަކާއި، ޑިޕާޓްމަންޓްތަކާއި، މުއައްސަސާތަކާއި، ކައުންސިލުތަކުގެ މާލީ މުއާމަލާތްތައް ވިލަރެސްކޮށް،އެތަންތަން ހިންގަނީ ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށްތޯއާއި،އެތަންތަނުގެ މަސައްކަތް ހިންގެނީ އެކަށީގެންވާ ހަލުވިކަމާއި ހަރުދަނާކަމާއެކު، ހަރަދުކުރެވޭ ފައިސާއާ އެއްވަރެއްގެ މަންފާއެއް ލިބޭގޮތަށް އިގްތިސާދު ކުރެވިގެންތޯ ބަލައި ކަށަވަރުކުރުމަށްޓަކައި މިނިސްޓަރު ދައުލަތުގެ އިންޓަރނަލް އޮޑިޓްގެ ނިޒާމެއް ގާއިމުކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދައުލަތުގެ އިންޓަރނަލް އޮޑިޓްގެ ނިޒާމުގެ މަސައްކަތްތައް ބަލައި ވިލަރެސްކުރުމަށްޓަކައި، މިނިސްޓަރުގެ ލަފާގެމަތިން، ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީގެ ނަމުގައި، 7 (ހަތެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އޮންނަންވާނެއެވެ. މި ކޮމިޓީއަށް މެންބަރުން އައްޔަންކުރާނީ މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ. (އިތުރު ކުރެވިފައި)

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކު ރާ އޮޑިޓް ކޮމިޓީގެ ދައުރަކީ 3 (ތިނެއް) އަހަރު ދުވަހެވެ. (އިތުރު ކުރެވިފައި)

(ރ) މި މާއްދާގެ (ށ) ގެ ދަށުން އެކުލަވާލާ ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީ ޖަވާބުދާރީވާނީ މިނިސްޓަރަށެވެ. (އިތުރު ކުރެވިފައި)

(ބ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީއަށް ލިބިގެންވާ ބާރުތަކާއި މަސްއޫލިއްޔަތު ތިރީގައި އެވަނީއެވެ. (އިތުރު ކުރެވިފައި)

  1. ދައުލަތުގެ މަސްއޫލު އޮފީސްތަކުގައި އޮޑިޓްގެ ނިޒާމް އުފެއްދުމަށް އެންގުމާއި، އެ ނިޒާމް ހިނގާނުހިނގާ ގޮތް ބަލައި ވިލަރެސްކުރުމާއި، ކަމާގުޅުންހުރި އުސޫލުތަކާއި ގައިޑްލައިންތައް ހެދުމާއި، ދައުލަތުގެ އިންޓަރނަލް އޮޑިޓްގެ ނިޒާމާގުޅޭ އެންމެހައި ކަންކަން ކުރުން؛
  2. މި ގާނޫނާއި ގަވާއިދަށް އަމަލުކުރެވެމުން ދާކަން ކަށަވަރުކުރުމަށް، ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީގެ މަސައްކަތާ ގުޅުންހުރި މައުލޫމާތު، ދައުލަތުގެ އޮފީސްތަކާއި އަދި ދައުލަތުގެ އެނޫންވެސް މުއައްސަސާތަކުން ހޯދުމާއި، އެތަންތަނުގެ މުވައްޒަފުން ހާޒިރުކުރަން ޖެހިއްޖެ ހިނދެއްގައި ކޮމިޓީއަށް ހާޒިރުކޮށް މައުލޫމާތު ހޯދުން؛
  3. ދައުލަތުގެ މަސްއޫލު އޮފީސްތަކާއި އަދި ދައުލަތުގެ އެނޫންވެސް މުއައްސަސާތަކުގެ ހިންގުމާގުޅޭ ހިރާސްތަކާއި އިންޓަރނަލް ކޮންޓްރޯލް މުރާޖައާކޮށް، އިސްލާހުކުރަން ފެންނަ ކަންތައްތަކާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުން؛
  4. ދައުލަތުގެ އިންޓަރނަލް އޮޑިޓްގެ މަސައްކަތް ވިލަރެސްކުރުމާއި،އިންޓަރނަލް އޮޑިޓް ރިޕޯޓުތައް ދިރާސާކޮށް އެ ރިޕޯޓުތަކާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުން؛
  5. ދައުލަތުގެ މަސްއޫލު އޮފީސްތަކުގެ އިންޓަރނަލް އޮޑިޓްގެ ނިޒާމުގެ މުވައްޒަފުންގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި އެކުލަވާލަންޖެހޭ އުސޫލުތައް އެކުލަވާލުން.

 

44-2 ވަނަ މާއްދާ - ޗީފް އިންޓަރނަލް އޮޑިޓަރ އައްޔަންކުރުން (ސުރުހީ އާއި މާއްދާ އިތުރު ކުރެވިފައި)

(ހ) މި ގާނޫނުގެ 1-44 ގައި ބަޔާންކުރާ އިންޓަރނަލް އޮޑިޓް ގެ ނިޒާމުގެ އެންމެހައި ކަންކަން ރާވައި ހިންގުމުގެ އެންމެ އިސްވެރިޔަކީ ޗީފް އިންޓަރނަލް އޮޑިޓަރެވެ. (އިތުރު ކުރެވިފައި)

(ށ) ޗީފް އިންޓަރނަލް އޮޑިޓަރުގެ މަގާމަށް މީހަކު އައްޔަންކުރާނީ މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ. (އިތުރު ކުރެވިފައި)

(ނ) ޗީފް އިންޓަރނަލް އޮޑިޓަރުގެ މަގާމަށް އައްޔަންކުރަންވާނީ އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތެކެވެ. (އިތުރު ކުރެވިފައި)

  1. ދިވެހިރައްޔިތެއް ކަމުގައިވުން؛ 
  2. އިންޓަރނަލް ނުވަތަ އެކްސްޓަރނަލް އޮޑިޓްކުރުމުގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛
  3. ޗީފް އިންޓަރނަލް އޮޑިޓަރުގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެވޭވަރުގެ ތައުލީމާއި ގާބިލުކަން ހުރި މީހަކު ކަމުގައިވުމާއެކު، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސްގެ މެންބަރަކު ކަމުގައިވުން؛
  4. ކޮރަޕްށަން ނުވަތަ ހިޔާނާތުގެ ނުވަތަ ވައްކަމުގެ ނުވަތަ ޓެކުމުގެ ނުވަތަ މިބާވަތުގެ ފައިސާއާއި މާލީ މުއާމަލާތްތަކާގުޅޭ ކުށެއް ށަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

(ރ) ޗީފް އިންޓަރނަލް އޮޑިޓަ ރ އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، އެކަން ބަޔާންކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމަކުން ހުށަހަޅައި، އެ ލިޔުން ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، ޗީފް އިންޓަރނަލް އޮޑިޓަރ އެ މަގާމުން ވަކިވީއެވެ. (އިތުރު ކުރެވިފައި)

(ބ) ޗީފް އިންޓަރނަލް އޮޑިޓަރަށް، އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާ ނުކުރެވޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެނަމަ، މިނިސްޓަރުގެ މަށްވަރާގެ މަތިން، ޗީފް އިންޓަރނަލް އޮޑިޓަރ އޭނާގެ މަގާމުން ވަކިކުރެވިދާނެއެވެ. (އިތުރު ކުރެވިފައި)

 

44-3 ވަނަ މާއްދާ - ޗީފް އިންޓަރނަލް އޮޑިޓަރު ގެ މަސްއޫލިއްޔަތުތައް (ސުރުހީ އާއި މާއްދާ އިތުރު ކުރެވިފައި)

ޗީފް އިންޓަރނަލް އޮޑިޓަރު ގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ދައުލަތުގެ އިންޓަރނަލް އޮޑިޓްގެ ނިޒާމް ބައިނަލްއަގްވާމީ މިންގަނޑުތަކާއި މި ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފުނުވާނެހެން ދައުލަތަށް އެންމެ ފައިދާހުރި ގޮތަކަށް ބައްޓަންކޮށް ހިންގުމާއި އެ ނިޒާމްތަރައްގީކުރުން؛ (އިތުރު ކުރެވިފައި)

(ށ) ދައުލަތުގެ އޮފީސްތަކުގެ ތެރެއިން، އެ އޮފީހެއްގެ ބަޖެޓާއި، އެ އޮފީހަކުން ހިންގާ މަށްރޫއުތަކަށް ރިއާޔަތްކޮށް، އިންޓަރނަލް އޮޑިޓް ޔުނިޓުތައް ގާއިމުކުރާނެ އޮފީސްތައް، މިނިސްޓަރުގެ ލަފާގެމަތިން ކަނޑައެޅުން؛އެގޮތުން އެކުލަވާލާ އިންޓަރނަލް އޮޑިޓް ޔުނިޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން މަގާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ޖަވާބުދާރީވާނީ ޗީފް އިންޓަރނަލް އޮޑިޓަރަށެވެ. (އިތުރު ކުރެވިފައި)

(ނ) ދައުލަތުގެ އިންޓަރނަލް އޮޑިޓްގެ ނިޒާމަށް ބޭނުންވާ އެންމެހައި ތަމްރީނުތައް ރާވައި ހިންގުމާއި، ކަމާގުޅުންހުރި ފަންނުތަކަށް މި ނިޒާމުގެ މުވައްޒަފުން އަހުލުވެރިކުރުވުން؛ (އިތުރު ކުރެވިފައި)

(ރ) ކުރު ރާސްތާ އަދި ދިގު ރާސްތާގެ އޮޑިޓް ޕްލޭން އެކުލަވާލައި ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީން ފާސްކުރުމަށްފަހު އެ ޕްލޭން ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ރާވައި ހިންގުން. (އިތުރު ކުރެވިފައި)

 

45 ވަނަ މާއްދާ - ދައުލަތުގެ މަސްއޫލު އޮފީސް (ސުރުހީ އާއި މާއްދާ އިސްލާހު ކުރެވިފައި)

(ހ) މި ގާނޫނުގެ ބޭނުމަށްޓަކައި ދައުލަތުގެ މަސްއޫލު އޮފީސްތައް ކަމުގައި ބަލާނީ އަންނަނިވި ތަންތަނެވެ. (އިސްލާހު ކުރެވިފައި)

  1. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީތަކާއި، އެޓަރނީ ޖެނެރަލްގެ އޮފީސް.
  2. މާލީ ހިންގުމާ އަދި މާލީ ޒިންމާ އުފުލުން ވަކިން އޮންނަ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އޮފީސްތައް؛ (އިސްލާހު ކުރެވިފައި)
  3. ލޯކަލް ކައުންސިލުތައް. (އިތުރު ކުރެވިފައި)

(ށ) ދައުލަތުގެ މަސްއޫލު އޮފީހެއްގެ ގޮތުގައި ނުބެލެވޭ ދައުލަތުގެ ކޮންމެ އޮފީހެއްގެ މާލީ ކަންކަމާއި، މާލީ މުއާމަލާތްތައް ހުންނަންވާނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން އެ އޮފީހަކާގުޅޭ ދައުލަތުގެ މަސްއޫލު އޮފީހެއްގެ ބެލުމުގެ ދަށުގައެވެ. (އިސްލާހު ކުރެވިފައި)

(ނ) ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ދައުލަތުގެ އޮފީހެއްގެ މާލީ ކަންތައްތަކާއި، މާލީ މުއާމަލާތްތަކަށް އެ ގަވާއިދުގައިވާ ގޮތުގެމަތިން ޒިންމާވާންޖެހޭ ދައުލަތުގެ މަސްއޫލު އޮފީހުން މި ގާނޫނުގެ މަގްސަދަށްޓަކައި އެކަންކަމަށް ޒިންމާވާންޖެހޭނެއެވެ. (އިސްލާހު ކުރެވިފައި)

 

46 ވަނަ މާއްދާ - ޒިންމާދާރު ވެރިޔާ އައްޔަންކުރުމާއި އޭނާގެ މަސްއޫލިއްޔަތުތައް

(ހ) މި ގާނޫނުގެ ބޭނުމަށްޓަކައި، ސަރުކާރުގެ ކޮންމެ މަސްއޫލު އޮފީހެއްގައި، މިގާނޫނުގެ ދަށުން ހިންގަންޖެހޭ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތާ ހަވާލުވެހުރި ޒިންމާދާރު ވެރިޔަކު ހުންނަންވާނެއެވެ.

(ށ) މިގާނޫނުގެ ދަށުން ކަނޑައަޅާ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތުތައް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި އޮންނަންވާނެއެވެ.

 

ޗެޕްޓަރ 7 (މުޅި ޗެޕްޓަރު އިތުރު ކުރެވިފައި)

ދައުލަތުގެ ޕްރޮކިއުމަންޓް

 

46-1 ވަނަ މާއްދާ - ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމް ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމް (އިތުރު ކުރެވިފައި)

(ހ) ދައުލަތުގެ ތަންތަނަށް ބޭނުންވާ ތަކެތި ގަތުމަށާއި، ހިދުމަތް ހޯދުމަށާއި، ދައުލަތުގެ ތަންތަނަށް ބޭނުންވާ އެކިއެކި މަސައްކަތް ކުރުވުމަށްޓަކައި، ނަޒާހަތްތެރިކަމާއެކު ހާމަކަންބޮޑު ވާދަވެރި މާހައުލެއްގައި ޕްރޮކިއުމަންޓްގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި، ދައުލަތުގެ ޕްރޮކިއުމަންޓް ސިޔާސަތެއް ކަނޑައަޅާފައި އޮ ންނަންވާނެއެވެ.

(ށ) ދައުލަތުގެ ޕްރޮކިއުމަންޓް ސިޔާސަތު ކަނޑައަޅާނީ މި ގާނޫނުގެ 2-46 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ލަފާގެމަތިން މިނިސްޓަރެވެ.

(ނ) ދައުލަތުގެ ތަންތަނަށް ބޭނުންވާ ތަކެތި ގަތުމަށާއި، ހިދުމަތް ހޯދުމަށާއި، ދައުލަތުގެ ތަންތަނަށް ބޭނުންވާ އެކިއެކި މަސައްކަތް ކުރުވުމަށްޓަކައި، ނަޒާހަތްތެރިކަމާއެކު ހާމަކަންބޮޑު ވާދަވެރި މާހައުލެއްގައި ޕްރޮކިއުމަންޓްގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި، އެކަންކަމާގުޅޭ ޕްރޮކިއުމަންޓް އުސޫލުތަކާއި ހަމަތައް މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.

 

46-2 ވަނަ މާއްދާ - ދައުލަތުގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑު (އިތުރު ކުރެވިފައި)

(ހ) ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމް ހަރުދަނާކުރުމާއި ޕްރޮކިއުމަންޓާގުޅޭ ސިޔާސަތުތައް އެކުލަވާލުމުގައި މިނިސްޓަރަށް ލަފާދިނުމަށްޓަކައި، 7 (ހަތެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ދައުލަތުގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑެއް އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޯޑަށް އައްޔަންކުރާ މެންބަރުންވާންވާނީ ފައިނޭންސް ޕްލޭނިންގ، ނުވަތަ އިންޖިނިއަރިންގ، ނުވަތަ އިންފޮރމޭށަން ޓެކްނޮލޮޖީ، ނުވަތަ ގާނޫނީ ދާއިރާ ނުވަތަ ކޮމަރސްފަދަ ޕްރޮފެށަނަލް ދާއިރާއަކުން މަތީ ތައުލީމު ލިބިފައިވުމާއެކު އެފަދަ ދާއިރާއަކުން މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޯޑަށް މެންބަރުން އައްޔަންކޮށް ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

(ރ) ދައުލަތުގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ބައްދަލުވުންތަކުގެ އިދާރީ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރާނީ މިނިސްޓްރީންނެވެ.

(ބ) ދައުލަތުގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ މެންބަރުންގެ ދައުރާއި، މެންބަރުން އިސްތިއުފާދިނުމާއި ވަކިކުރުމާ ގުޅޭ ކަންކަމާއި، އެ ބޯޑު ހިންގުމާގުޅޭ އުސޫލުތަކާއި އެ ބޯޑުގެ ޖަލްސާތަކާއި ނިންމުންތައް ނިންމުމާގުޅޭ އެންމެހައި އުސޫލުތައް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

46-3 ވަނަ މާއްދާ - ޕްރޮކިއުމަންޓް އެޕީލް ބޯޑު (އިތުރު ކުރެވިފައި)

(ހ) ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ ދަށުން ހުޅުވާލެވޭ ބީލަންތައް ކުރިއަށް ގެންދިއުމުގައި މި ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ބީލަންވެރިޔަކަށް ގަބޫލުކުރެވިއްޖެނަމަ، އެފަދަ މައްސަލަތައް ބެލުމަށްޓަކައި މިނިސްޓަރުގެ ލަފާގެމަތިން، ޕްރޮކިއުމަންޓް އެޕީލް ބޯޑުގެ ނަމުގައި 7 (ހަތެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް އޮންނަންވާނެއެވެ. މި ބޯޑަށް މެންބަރުން އައްޔަންކުރާނީ މިނިސްޓަރުގެ ލަފާގެމަތިން، ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދައުލަތުގެ ޕްރޮކިއުމަންޓް އެޕީލް ބޯޑަށް އައްޔަންކުރާ މެންބަރުންވާންވާނީ ފައިނޭންސް ޕްލޭނިންގ، ނުވަތަ އިންޖިނިއަރިންގ، ނުވަތަ އިންފޮރމޭށަން ޓެކްނޮލޮޖީ، ނުވަތަ ގާނޫނީ ދާއިރާ ނުވަތަ ކޮމަރސްފަދަ ޕްރޮފެށަނަލް ދާއިރާއަކުން މަތީ ތައުލީމު ލިބިފައިވުމާއެކު އެފަދަ ދާއިރާއަކުން މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕްރޮކިއުމަންޓް އެޕީލް ބޯޑަށް ހުށަހެޅޭނީ ބީލަމުގެ މަރުހަލާ ފެށޭ ހިސާބުން ފެށިގެން އެ ބީލަމެއް އެވޯޑްކޮށް އެއްބަސްވުމެއްގައި ސޮއިކުރުމާ ހަމައަށް ހިނގާފައިވާ ކަންކަމެވެ.

(ރ) ޕްރޮކިއުމަންޓް އެޕީލް ބޯޑުގެ މެންބަރުންގެ ދައުރާއި، މެންބަރުން އިސްތިއުފާދިނުމާއި ވަކިކުރުމާގުޅޭ ކަންކަމާއި، އެ ބޯޑު ހިންގުމާގުޅޭ އުސޫލުތަކާއި އެ ބޯޑުގެ ޖަލްސާތަކާއި ނިންމުންތައް ނިންމުމާގުޅޭ އެންމެހައި އުސޫލުތައް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

46-4 ވަނަ މާއްދާ - ބީލަންވެރިންނާއި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން ސަސްޕެންޑްކުރުން (އިތުރު ކުރެވިފައި)

(ހ) ބީލަން ހުށަހެޅުމުގައި އަމަލުކުރަންޖެހޭނެ ކަމަށް މި ގާނޫނުގައި ކަނޑައަޅާފައިވާ ގޮތާ ހިލާފަށް އަމަލުކުރުމާއި، ބީލަމުގައި މަކަރާއި ހީލަތް ހެދުމާއި، ނަހަމަ މަންފާއެއް ލިބިގަތުމަށް އެކުގައި ކަމާގުޅުންހުރި މުވައްޒަފަކާއެކު މަސައްކަތްކުރުމާއި (ކޮލޫސިވް)، ބާރުގެ ބޭނުންކުރުމާއި، ބިރުދެއްކުމާއި (ކޮއަރސިވް)، ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް ހުރަސްއެޅުމުގެ އަމަލުތައް ހިންގުމާއި، ބީލަމުގެ އަގަށް ނުފޫޒު ފޯރުވުންފަދަ އަމަލެއް ހިންގާފައިވާ ހާލަތުގައި އެ ބީލަންވެރިޔަކު ނުވަތަ ކޮންޓްރެކްޓަރަކު ދައުލަތުގެ ބީލަންތަކުން ސަސްޕެންޑް ކުރުމުގެ އުސޫލު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.

(ށ) ކޮންޓްރެކްޓަކާ ހަވާލުވުމަށްފަހު އެފަރާތަކުން އެ ހަވާލުވި މަސައްކަތެއް ފުރިހަމަނުކޮށް ދޫކޮށްލުން ނުވަތަ ކޮންޓްރެކްޓަރުގެ އިހުމާލެއްގެ ސަބަބުން ލިބޭ ގެއްލުމަކަށް ބަލައި ކޮންޓްރެކްޓް ބާތިލުކޮށްފައިވާ ހާލަތުގައި އެ ކޮންޓްރެކްޓަރަކު ދައުލަތުގެ ބީލަންތަކުން ސަސްޕެންޑް ކުރުމުގެ އުސޫލު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.

 

                 

ޗެޕްޓަރ 8 (އިސްލާހު ކުރެވިފައި)

އެހެނިހެން ކަންތައްތައް

 

47. ވަނަ މާއްދާ – ހުއްދަނޫން އަމަލުކުރުން

އަންނަނިވި ހާލަތުތަކުގައި، އެ ހާލަތެއްގައި ޒިންމާވާންޖެހޭ މީހަކު، ހުއްދަނޫން އަމަލެއްކޮށްފި ކަމުގައި މި ގާނޫނުގެ ދަށުން  ބެލެވޭނެއެވެ.

(ހ) ދައުލަތުގެ ފައިސާ، ނުވަތަ މުދާނެގުމާއި، ނުވަތަ އަނބުރާ ހޯދުމާއި، ނުވަތަ ޖަމާކުރުމުގެ، ނުވަތަ ހިސާބުތަކަށް ވެއްދުމުގެ ޒިންމާ އުފުލަންޖެހޭ މީހަކަށްވެ ހުރެ، ފައިސާ ނުވަތަ މުދާ   ނެގުމަށް، ނުވަތަ އަނބުރާ ހޯދުމަށް، ނުވަތަ ޖަމާކުރުމަށް، ނުވަތަ ހިސާބުތަކަށް ވެއްދުމަށް އިހުމާލުވުން؛ ނުވަތަ

(ށ) މި ގާނޫނުގައި، ނުވަތަ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތްނޫން ގޮތަކަށް ދައުލަތުގެ ފައިސާއިން ހަރަދުކުރުން، ނުވަތަ ދައުލަތުގެ މުދަލެއް ވިއްކާލުން، ނުވަތަ ނައްތާލުން، ނުވަތަ ދޫކޮށްލުން؛ ނުވަތަ

(ނ) ޒިންމާވާންޖެހޭ ދައުލަތުގެ ފައިސާ މަދުވުން؛ ނުވަތަ

(ރ) ޒިންމާވާންޖެހޭ ދައުލަތުގެ މުދަލަކަށް ގެއްލުމެއްވުން.

(ބ) މި ގާނޫނާއި މި ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް އަމަލުކުރުން. (އިތުރު ކުރެވިފައި)

 

48 ވަނަ މާއްދާ - ހުއްދަނޫން އަމަލުކުރުމުން ފިޔަވަޅު އެޅުން (ސުރުހީ އާއި މާއްދާ އިސްލާހު ކުރެވިފައި)

ހުއްދަނޫން އަމަލުކުރުމުން ފިޔަވަޅު އެޅުން 48.

(ހ) މި ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ، ހުއްދަނޫން އަމަލެއް އެއްވެސް ފަރާތަކުން ކުރިކަމަށް ތުހުމަތު ކުރެވިއްޖެނަމަ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން، ތިރީގައިވާ ގޮތުގެމަތިން އަމަލުކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)

  1. ހުއްދަނޫން އަމަލެއް ކުރިކަމަށް ތުހުމަތުކުރެވޭ ފަރާތް ވަޒީފާ އަދާކުރާ ދައުލަތުގެ އޮފީހެއްގައި މިފަދަ މައްސަލަތައް ބެލުމަށް ކަނޑައަޅާފައިވާ އިންތިޒާމުގެ ތެރެއިން އެ މައްސަލައެއް ބެލުމަށްފަހު، އެ މައްސަލައަކީ ޖިނާއީ ކުށެއް ހިމެނޭ މައްސަލައެއްކަމަށް ފެނިއްޖެނަމަ އެކަމަކާ ގުޅޭ ތަހްގީގީ އިދާރާއަކަށް އެ މައްސަލައެއް ފޮނުވުން؛ 
  2. ހުއްދަނޫން އަމަލެއް ކުރިކަމަށް ތުހުމަތުކުރެވޭ ފަރާތް ވަޒީފާ އަދާކުރާ ދައުލަތުގެ އޮފީހެއްގައި މިފަދަ މައްސަލަތައް ބެލުމަށް ކަނޑައަޅާފައިވާ އިންތިޒާމުގެ ތެރެއިން އެ މައްސަލައެއް ބެލުމަށްފަހު، އެމީހެއްގެ ފަރާތުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން އެފަރާތެއް ޖޫރިމަނާކޮށް އެ ފައިސާ ދެއްކުމަށް އެންގުން. އަދި ޖޫރިމަނާ ފައިސާ ނުދައްކާނަމަ، އެ ފައިސާ ހޯދުމަށް ށަރީއަތަށް މައްސަލަ ހުށަހެޅުން.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ޖޫރިމަނާކުރެވޭ އަދަދު ވާންވާނީ، އަންނަނިވި ގޮތުގެމަތިން ކަނޑައެޅޭ އަދަދަކަށެވެ. (އިސްލާހު1، އިސްލާހު2 ކުރެވިފައި)

  1. ހުއްދަނޫން އަމަލު ހިންގުމުގައި ހިމެނުނު ދައުލަތުގެ ފައިސާގެ އަދަދު، ނުވަތަ ދައުލަތުގެ މުދަލުގެ އަގާ އެއްވަރުގެ އަދަދެއް؛ ނުވަތަ (އިތުރު ކުރެވިފައި)
  2. މުވައްޒަފު ޒިންމާވާންޖެހޭ ގޮތަށް އުނިވެފައިވާ ފައިސާގެ އަދަދާ އެއްވަރުގެ އަދަދެއް؛ ނުވަތަ (އިތުރު ކުރެވިފައި)
  3. މުވައްޒަފު ވިއްކާލި، ނުވަތަ ދޫކޮށްލި، ނުވަތަ ހަލާކުކުރި، ނުވަތަ ގެއްލުންދިން ދައުލަތުގެ މުދަލުގެ އަގާ އެއްވަރުގެ އަދަދެއް. (އިތުރު ކުރެވިފައި)

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ކުރެވޭ ޖޫރިމަނާއެއްގެ މަގްސަދަކަށްވާންވާނީ، ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ފުރިހަމައަށް ހޯދުމެވެ. އަދި ގެއްލުމުގެ ބަދަލު ފުރިހަމައަށް ލިބެންދެން، ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ދެމިއޮންނާނެއެވެ. (އިސްލާހު ކުރެވިފައި)

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅެއް އެޅުމަކީ، ހުއްދަނޫން އަމަލެއް ކުރިކަމަށް ތުހުމަތުކުރެވޭ ފަރާތެއް ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން މަދަނީ ދައުވާއެއް އުފުލުމަށް އޮތް ހުރަހެއްނޫނެވެ. (އިތުރު ކުރެވިފައި)

(ބ) ހުއްދަނޫން އަމަލެއް ކުރިކަމަށް ތުހުމަތުކުރެވޭ ފަރާތް ވަޒީފާ އަދާކުރާ ދައުލަތުގެ އޮފީހެއްގައި މިފަދަ މައްސަލަތައް ބެލުމަށް ކަނޑައަޅާފައިވާ އިންތިޒާމުގެ ތެރެއިން އެ މައްސަލައެއް ބެލުމަށްފަހު، އެ މައްސަލައަކީ އިދާރީގޮތުން ފިޔަވަޅު އަޅަންޖެހޭ މައްސަލައެއްކަމަށް ފެންނަނަމަ، އެމީހަކާމެދު އިދާރީ ފިޔަވަޅު އެޅުމަށްޓަކައި އަންނަނިވި ގޮތުގެމަތިން އަމަލުކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

  1. ސިވިލް ސަރވިސް މުވައްޒަފެއްނަމަ، ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސް ގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމަށް ފޮނުވުން؛
  2. ސިވިލް ސަރވިސް ނޫން މުވައްޒަފެއްނަމަ، ކަނޑައެޅިފައިވާ އުސޫލުން ފިޔަވަޅު އެޅުމަށް ވަޒީފާދިން ފަރާތަށް އެންގުން.

(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ މައްސަލަތައް ބެލުމުގައި، ޖިނާއީގޮތުން ތަހްގީގުކުރަންޖެހޭ މައްސަލަތައް ފިޔަވައި، އެހެން މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ އިންތިޒާމު ދައުލަތުގެ އޮފީސްތަކުގައި ހަމަޖެއްސުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ. އަދި މިކަމާގުޅޭ އުސޫލުތައް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ހިމަނަންވާނެއެވެ. (އިތުރު ކުރެވިފައި)

 

49 ވަނަ މާއްދާ - ގަވާއިދު ހެދުން

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ހަދައި ހިންގާނީ، ރައީސުލްޖުމްހޫރިއްޔާ އެކަމަށް ކަނޑައަޅާ ފަރާތަކުން، ނުވަތަ ފަރާތްތަކަކުންނެވެ.

 

50 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރުން

މި ގާނޫނު ފާސްވެ ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާތާ ލަސްވެގެން 1 އަހަރު ދުވަހުގެތެރޭގައި މިގާނޫނަށް  އަމަލުކުރަން ފަށަންވާނެއެވެ. އެހެންނަމަވެސް، އުސޫލީ ބަދަލުތައް ގެނެސްގެން ހިންގެން ހުރި މިގާނޫނުގެ މާއްދާތައް، މިގާނޫނު ހިންގަން ފަށާ ދުވަހުން ފެށިގެން 3 އަހަރު ދުވަހުގެ މުއްދަތަށް ފަސްކުރުމުގެ ބާރާއި، އެމުއްދަތުގެ ތެރޭގައި އެކިއެކި މާއްދާތައް ހިންގަން ފެށުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

 

50-1 ވަނަ މާއްދާ - ގާނޫނަށް އިސްކަން ދިނުން (ސުރުހީ އާއި މާއްދާ އިތުރު ކުރެވިފައި)

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނުގައި ވަކިގޮތަކަށް އަމަލުކުރުމަށް ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭގޮތުންނާއި، ދައުލަތުގެ ފައިސާއާއި މުދަލާ ގުޅޭ އެހެން ކަންކަމަށް އަމަލުކުރުމުގައި އިސްކަންދޭންވާނީ މި ގާނޫނަށެވެ. (އިތުރު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނުގައި ހިމަނާފައިވާ "ދައުލަތުގެ މުދާ" ނުވަތަ "ދައުލަތުގެ ފައިސާ" އަދި "ދައުލަތުގެ އޮފީސް"، މިއިން ކޮންމެ އިބާރާތެއް މާނަކުރުމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި، އެ އޮތޯރިޓީގެ މުދާ ނުވަތަ ފައިސާ އިސްތިސްނާވާނެއެވެ. އަދި، އެ އޮތޯރިޓީގެ ބެލުމުގެ ދަށުގައިވާ މުދަލާއި ފައިސާއާމެދު އަމަލުކުރަންވާނީ ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) ގައި ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ. (އިތުރު ކުރެވިފައި)

 

51 ވަނަ މާއްދާ – މާނަ

(ހ) މި ގާނޫނުގައި އިބާރާތެއް ހިމެނިފައިވާގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަ ނުވާހާ ހިނދަކު: 

"ހާއްސަ އެހީ" ކަމަށް ބުނެފައި އެވަނީ، މިގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތުގެ އެހީއަށެވެ. 

"ކޮންޓިންޖެންޓް ލަޔަބިލިޓީ" ކަމަށް ބުނެފައިއެވަނީ، ޔަގީންކަމާއެކު ބަޔާންކޮށްދޭން ދަތިކަމެއް ކުރިމަގުގައި ހިނގައިފިނަމަ، އެކަމެއް ހިނގުމުގެ ސަބަބުން އަދާކުރަންޖެހިދާނެ ދަރަންޏަށް ނުވަތަ ފައިސާއަށެވެ.

"ކެޕިޓަލް ހަރަދު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ބޭނުންތަކަށް ޓަކައި އޭގެ ޒާތުގައި ކެޕިޓަލް ހަރަދުތައް ހިމެނޭ މަސައްކަތްތަކަށާއި، މަށްރޫއުތަކަށެވެ. އެ މަސައްކަތުގައި މާއްދީގޮތުން މުދަލެއް ހިމެނިގެންވުން ލާޒިމެއް ނޫނެވެެ. 

"އަންޑަރޓޭކިންގ" ކަމަށް ބުނެފައި އެވަނީ، އެއްފަރާތަކުން އަނެއްފަރާތަކަށް ފައިސާގެ ޒިންމާ ނަގާނެކަމަށް ބުނެ އެއްބަސްވާ އެއްބަސްވުމަށެވެ. 

"އިންޑެމްނިޓީ" ކަމަށް ބުނެފައި އެވަނީ، ގެއްލުމުގެ ބަދަލު ދިނުމަށް ނުވަތަ ދެ ފަރާތެއްެގެ ދެމެދު ކުރެވިފައިވާ އެއްބަސްވުމެއްގެ ސަބަބުން ދެފަރާތުންކުރެ ފަރާތަކަށް ލިބިދާނެެ ގެއްލުމަކަށް ބަދަލު ދިނުމަށް އެއްބަސްވެ، އެއްފަރާތުން އަނެއްފަރާތަށް ދީފައިވާ ގެރެންޓީއެއް ނުވަތަ ޔަގީންކަމަކަށެވެ. 

"އެސެޓްސް" ކަމަށް ބުނެފައިއެވަނީ، ދަރަނި އަދާ ކުރުމަށްޓަކައި ބޭނުންކުރެވިދާނެ، އަދި މާލީގޮތުން އަގު ކުރެވޭ ގޮތަށް ފަރާތެއްގެ މިލްކުގައިވާ އެއްޗެއްސަށާއި، ވިޔަފާރިއަށާއި، މުދަލަށެވެ. 

"އެޑްވާންސްގެ ގޮތުގައި ދޫކުރާ ފައިސާ" ކަމަށް ބުނެފައިއެވަނީ، ކުރިއަށް ދޫކުރެވޭ ފައިސާއަށެވެ.

"މާލީ އަހަރު" ކަމަށް ބުނެފައި އެވަނީ، 1 ޖަނަވަރީން ފެށިގެން 31 ޑިސެމްބަރުގެ ނިޔަލަށް ހިނގާ މުއްދަތަށެވެ. މި މުއްދަތު ގުނުމުގައި، އެ މުއްދަތުގެ ފެށޭ ދުވަހާއި ނިމޭ ދުވަސް ހިމެނެއެވެ.

"މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ. (އިސްލާހު ކުރެވިފައި)

"ފަރާތް" ކަމަށް ބުނެފައި އެވަނީ، މީހަކު ނުވަތަ ކުންފުންޏެއް، ނުވަތަ ގާނޫނީގޮތުން، ނުވަތަ އެނޫން ގޮތަކުންވެސް އުފައްދާފައިވާ ޖަމާއަތެއް، ނުވަތަ ޖަމްއިއްޔާއެއް ހިމެނޭގޮތަށެވެ. 

"ފާސްކުރާ ބަޖެޓު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 96 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މާލީ އަހަރަކަށް ކަނޑައެޅިފައިވާ ބަޖެޓާއި ހިނގަމުންދާ ބަޖެޓަކަށް އިތުރުކުރުމަށް ކަނޑައެޅޭ ފައިސާއަށެވެ. (އިސްލާހު ކުރެވިފައި)

"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ކަމަށް ބުނެފައިއެވަނީ، މިގާނޫނުގެ 49 ވަނަ މާއްދާގެ ދަށުން ހަދައި ހިންގޭ ގަވާއިދުތަކަށާއި އުސޫލުތަކަށެވެ. 

"ދައުލަތުގެ މުދާ" ކަމަށް ބުނެފައި އެވަނީ، ދައުލަތަށް މިލްކުވެގެންވާ، ނުވަތަ ދައުލަތުގެ ނަމުގައި މީހެއްގެ ބެލުމުގެ ދަށުގައިވާ އުފުލޭ، ނުވަތަ ނުއުފުލޭ މުދަލަށެވެ. 

"ދައުލަތުގެ ފައިސާ" ނުވަތަ "ފައިސާ" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގައި އެއްވެސް ފަރާތަކުން ދައުލަތަށްޓަކައި ނުވަތަ ދައުލަތުގެ ނަމުގައި ޓެކްސް، ޗާޖު، ފީ، ޑިއުޓީ، ޖޫރިމަނާ، ނުވަތަ އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ ނުވަތަ ބެހެއްޓިފައިވާ ހުރިހާ ފައިސާއަށާއި، ފައިސާގެ ގޮތުގައި ބަދަލުކުރެވޭ ލިޔުމަށާއި، ސެކިޔުރިޓީޒްއަށާއި، އެހެން ފަރާތަކަށްޓަކައި ނުވަތަ އެހެން ފަރާތެއްގެ ނަމުގައި ދައުލަތުގައި ބެހެއްޓިފައިވާ ފައިސާއަށާއި، ލޯނުގެ ފައިސާއަށާއި، ވަކި ފަރާތަކުން ދީފައިވާ ފައިސާއަށާއި، ހަދިޔާއަށާއި، ލިބޭ ނުވަތަ ލިބެންވާ އިންޓަރެސްޓުގެ ފައިސާއަށެވެ.

"ލަޔަބިލިޓީޒް" ކަމަށް ބުނެފައިއެވަނީ، ވިޔަފާރިއެއްގެ މިލްކުވެރިންނަށް ނުވަތަ އެވިޔަފާރިއަށް ދަރަނި ދޫކޮށްފައިވާ ފަރާތްތަކަށް އެވިޔަފާރިއަކުން ދަރާފައިވާ ދަރަންޏަށެވެ. ނުވަތަ އަދާކުރަންޖެހޭ ފައިސާއަށެވެ. 

"ގެރަންޓީ" ކަމަށް ބުނެފައި އެވަނީ، އެއްބަސްވުމެއްގައި ނުވަތަ މުއާމަލާތެއްގައި ހިމެނޭ ފަރާތަކުން އެ އެއްބަސްވުމުގެ ނުވަތަ އެ މުއާމަލާތުގެ ށަރުތަކާ ހިލާފުވުމުގެ ސަބަބުން ނުވަތަ އެ އެއްބަސްވުން ނުވަތަ މުއާމަލާތް ށަރުތުކުރާ ކަންކަމުގެ ތެރެއިންް ކަމެއް ނުކުރުމުގެ ސަބަބުން، އުފެދޭ ނަތީޖާއާމެދު އެ އެއްބަސްވުމުގައި ނުވަތަ މުއާމަލާތުގައި ބައިވެރިނުވާ ތިންވަނަ ފަރާތަކުން ޒިންމާ އުފުލާނެކަން ކަށަވަރުކޮށްދިނުމަށެވެ. 

"ސަރުކާރުގެ އޮފީސް" ކަމަށް ބުނެފައި އެވަނީ، ގާނޫނުހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި އިދާރާތަކަށާއި، ގާނޫނުއަސާސީއާއި ގާނޫނުގެ ދަށުން އުފެދޭ އެންމެހައި މުއައްސަސާތަކާއި، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށެވެ. (އިސްލާހު ކުރެވިފައި)

"ސަޕްލިމެންޓަރީ ބަޖެޓް" ކަމަށް ބުނެފައިއެވަނީ، މާލީ އަހަރަކަށް ބަޖެޓެއް ފާސްކުރުމަށްފަހު، އެބަޖެޓްގެ ބަޔެއްގެ ގޮތުގައި ފާސްކުރާ އިތުރު ބަޖެޓަކަށެވެ. 

"ޒިންމާދާރު ވެރިއެއް" ކަމަށް ބުނެފައި އެވަނީ، މިގާނޫނުގެ 46 ވަނަ މާއްދާގެ ދަށުން، ސަރުކާރުގެ މަސްއޫލު އޮފީސްތަކުގައި، މިގާނޫނުގައިވާ ކަންކަން ހިންގުމަށްޓަކައި ކަނޑައަޅާ ވެރިޔާއަށެވެ.

"ކައުންސިލުގެ ދަރަނި" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 1-5 ގެ ދަށުން ކައުންސިލުން އަމިއްލައަށް ޒިންމާވާގޮތަށް ކައުންސިލުގެ މެންބަރުން ފާސްކޮށްގެން ނަގާ ދަރަންޏަށެވެ. (އިތުރު ކުރެވިފައި)

"ކައުންސިލު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫ ލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އަތޮޅު، ރަށް ނުވަތަ ސިޓީ ކައުންސިލަށެވެ. (އިތުރު ކުރެވިފައި)

"ސަރުކާރު" ކަމަށް ބުނެފައި އެވަނީ، ލޯކަލް ކައުންސިލުތައް ނުހިމެނޭ ގޮތުން ވެރިކަން ހިންގުމުގެ ބާރަށެވެ. (އިތުރު ކުރެވިފައި)

"ދައުލަތުގެ ދަރަނި" ކަމަށް ބުނެފައި އެވަނީ، ސަރުކާރާއި، ލޯކަލް ކައުންސިލުތައް ހިމެނޭ ގޮތުން، ދައުލަތުގެ ޖުމްލަ ދަރަންޏަށެވެ. (އިތުރު ކުރެވިފައި)

"ދައުލަތުގެ އޮފީސްތަކުގެ ޕްރޮގްރާމް ބަޖެޓް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އޮފީސްތަކުގެ ހަރަދުތައް، އެ އޮފީސްތަކުން ހާސިލުކުރަން ކަނޑައަޅާ ސްޓްރެޓީޖިކް ލަނޑުދަނޑިތަކާއި މަގްސަދުތަކުގެ މައްޗަށް ބިނާކޮށް ޕްރޮގްރާމްތަކަކަށް ތަރުތީބުކޮށް ބަހާލެވިފައިވާ، އަދި ހަރަދުކުރާ ކަންކަމުން ހާސިލުކުރެވޭ ނަތީޖާއާ ގުޅުވައިދޭ ބަޖެޓް އޮނިގަނޑަށެވެ. (އިތުރު ކުރެވިފައި)

(ށ) މި ގާނޫނުގައި ލަފުޒެއް ނުވަތަ އިބާރާތެއް ހިމެނިފައިވާ ގޮތުން، އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހާ ހިނދަކު:

  1. މުފުރަދު ގޮތުގައި ބޭނުންކޮށްފައިވާ ލަފުޒެއްގައި އޭގެ ޖަމްއު މާނަ ހިމެނިގެންވެއެވެ. އަދި ޖަމްއު ގޮތުގައި ބޭނުންކޮށްފައިވާ ލަފުޒެއްގައި އޭގެ މުފްރަދު މާނަ ހިމެނިގެންވެއެވެ؛ އަދި
  2. މި ގާނޫނުގައި މާނަކޮށްދީފައިވާ ލަފުޒެއް، ބަހުގެ ހަމަތަކަށާއި، ވާހަކަ ދައްކާ އުސޫލުތަކަށް ބަދަލުވަމުންދާ ހާލަތުތަކުގައި، ލަފުޒު ބަދަލުވަމުންދާ ގޮތުގައިވެސް އެ މާނަ ދޭހަވެގެންވެއެވެ.

 

މައި ގާނޫނު

މާލިއްޔަތުގެ ގާނޫނު (ގާނޫނު ނަންބަރު 02006-03)

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

5 ވަނަ އިސްލާހު

6 ވަނަ އިސްލާހު

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާއި އުސޫލު

  1. ދައުލަތުގެ މާލިއްޔަތުގެ ގާނޫނު (ގާނޫނު ނަންބަރު 2006-03) އަށް 6 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު (ގާނޫނު ނަންބަރު 2021-27)
  2. ސެކިއުރިޓީޒް ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-126)
  3. ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނައްތައިލުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލު (އުސޫލު – 9 ސެޕްޓެމްބަރު 2020)
  4. ދައުލަތުން ލޯނު ދޫކުރުމާއި އޮންލެންޑް ކުރުމުގައި ޢަމަލު ކުރާނެގޮތުގެ އުސޫލު (29 ސެޕްޓެމްބަރު 2019)
  5. ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނެއްތައިލުމުގައި އަމަލު ކުރަނެގޮތުގެ އުސޫލު (އުސޫލު – 26 އޯގަސްޓު 2019)
  6. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓު ބައިކުރުމާއި އެއްބައިން އަނެއް ބަޔަށް ބަދަލުކުރުމުގެ އުސޫލު (9 މެއި 2019)
  7. ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލު (13 އޯގަސްޓް 2017)
  8. ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރ 2017-20)
  9. ދައުލަތުގެ މަލިއްޔަތުގެ ގަވާއިދު (11 ފެބްރުއަރީ 2011)
  10. މަސްތުވާ ތަކެތި ކޮންޓްރޯލްކުރުމުގެ ގައުމީ ފަންޑުގެ ގަވަރނިންގ ބޯޑުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-18)
  11. ޕްރައިވެޓައިޒޭށަނާބެހޭ ގަވާއިދު – ބާބު 13 (2009)

 

ގުޅުން ހުރި ގާނޫނު/ގަވާއިދު

ޑީލިންގ ކުންފުނި (ޑީލާޒް) އަދި ޑީލާޒް ތަމްސީލުކުރާ ފަރާތްތަކަށް (ބްރޯކާޒް) ލައިސަންސް ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2011-50)

ކިޔުންތެރިންގެ ހިޔާލު