-

ސިޔާސީ ޕާޓީގެ ގާނޫނު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2013-04)

(1ވަނަ، 2ވަނަ، 3ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

އެއްވަނަ ބާބު

އިބްތިދާއީ މާއްދާތައް

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީ އުފެއްދުމާއި، ރަޖިސްޓަރީކުރުމާއި، ހިންގުމާއި، ޕާޓީގެ މެންބަރުކަމާއި، ޕާޓީގެ ނަމުގައި އިންތިހާބުތަކަށް ކުރިމަތިލުމާއި، ޕާޓީއަށް މުދަލާއި ފައިސާ ހޯދުމާއި، ޕާޓީގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، މުދަލާއި ފައިސާއިން މުއާމަލާތުކުރުމާއި، ޕާޓީ އުވާލުމާ، މިކަންކަމުގެ އުސޫލުތައް ކަނޑައެޅުމާއި،  ޕާޓީތަކުން ތަބާވާންޖެހޭ ހަމަތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "ސިޔާސީ ޕާޓީގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ސިޔާސީ ޕާޓީގެ ތައާރުފު

(ހ) ސިޔާސީ ޕާޓީއަކީ، ރައްޔިތުންގެ ބަޔަކު، ރަޖިސްޓަރީވެފައިވާ ވަކި އައިޑެންޓިޓީއެއް އޮތް ބައެއްގެ ގޮތުގައި،  އެބައިމީހުންގެ އަމިއްލަ އިހްތިޔާރާއި މިނިވަންކަމުގައި، ސުލްހަވެރިކަމާއެކު، ދީމުގްރާތީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން، ސިޔާސީ މައިދާނުގަޔާއި ސިޔާސީކަންކަމުގައި ހަރަކާތްތެރިވެ، ބައިވެރިވެއުޅުމަށާއި، ރައްޔިތުންގެ ވޯޓުން މީހަކު އިންތިހާބުކުރުމަށް ގާނޫނުއަސާސީގައި ނުވަތަ ގާނޫނުގައި ބުނެފައިވާ އިންތިހާބުތަކަށް، ޕާޓީގެ ނަމުގައި ކެންޑިޑޭޓުން ކުރިމަތި ލެއްވުމަށާއި، އެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށާއި، އެ ކެންޑިޑޭޓުން ހޮވުމަށް މަސައްކަތް ކުރުމަށް، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އުފައްދައި، ރަޖިސްޓަރީކޮށްގެން މި ގާނޫނާއި ރާއްޖޭގެ އެހެން ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ހިންގާ ޖަމާއަތެކެވެ.

(ށ) ސިޔާސީ ޕާޓީއެއްގެ ނަމުގައި ހިންގޭ ހަރަކާތްތަކަކީ، އެ ޕާޓީ އެއްގެ އަމަލުކަމުގައި ގާނޫނު ގަބޫލުކުރާނެއެވެ. އަދި، ގާނޫނުގެ ދާއިރާގެ ތެރޭގައި، ގާނޫނުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ހިންގާ އަމަލަކީ، އެ ޕާޓީގެ ނަމުގައި ހިންގާ ގާނޫނުގެ ނަޒަރުގައި ސައްހަ އަމަލުކަމުގައި ގާނޫނު ގަބޫލުކުރާނެއެވެ.

 

3 ވަނަ މާއްދާ - ސިޔާސީ ޕާޓީތަކުގެ ބޭނުން

(ހ) ސިޔާސީ ޕާޓީއެއް އުފައްދަނީ، އަންނަނިވި ކަންކަން ހާސިލުކުރުމުގެ ބޭނުމުގައެވެ.

  1. ވެރިކަމުގެ ނިޒާމުގެ ތެރެއަށް ރައްޔިތުންގެ ބޭނުންތަކާއި ށުއޫރުތައް ވާސިލުކުރެވޭނެ ގޮތް ހެދުން؛
  2. ރައްޔިތުންގެ ހިޔާލާއި ފިކުރު މިނިވަންކަމާއެކު ބައްޓަންކުރުމަށް ޖާގަ ދިނުން؛
  3. ތަފާތު ވިސްނުންތަކަށް ސިޔާސީ މައިދާނުގައި ޖާގަ ދިނުން؛
  4. ހިޔާލު ތަފާތުވުމާއެކުވެސް އެކީ އެއް ބައެއްގެ ގޮތުގައި ދިވެހި ގައުމު ދެމިއޮތުމަށް ބާރުއެޅުން؛
  5. ގައުމުގެ ސިޔާސީ ހަޔާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ފުރުސަތު ދިނުން؛
  6. ދައުލަތުގެ އެކިއެކި ކަންކަން ހިންގާނެ މީހުންނަށް ތަމްރީނާއި ތަޖުރިބާ ހޯދައިދިނުން؛
  7. ގާނޫނުއަސާސީގެ ދަށުން ދިވެހިރާއްޖޭގައި ބާއްވާ އިންތިހާބުތަކުގައި ސިޔާސީ ޕާޓީތަކުގެ ނަމުގައި ވާދަކުރެވޭނެ އިންތިޒާމް ހަމަޖެއްސުން؛ އަދި
  8. މި އަކުރުގެ (1) ވަނަ ނަންބަރުން (7) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކުރެވިގެންވާ ކަންކަމުގައި ރައްޔިތުންނާއި ދައުލަތުގެ މުއައްސަސާތައް ގުޅުވައިދިނުން.

(ށ) ކޮންމެ ސިޔާސީ ޕާޓީއެއްގެ ވެސް މަގްސަދުތައް، އެ ޕާޓީގެ އަސާސީ ގަވާއިދުގައި ކަނޑައެޅި ބަޔާންވެފައި އޮންނަންވާނެއެވެ

 

4 ވަނަ މާއްދާ - ސިޔާސީ ޕާޓީތަކުގެ ގާނޫނީ ހައިސިއްޔަތު

މި ގާނޫނުގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީއެއް ރަޖިސްޓަރީވުމުން، އެ ޕާޓީއަކީ، ޕާޓީ ރަޖިސްޓަރީވެފައިވާ ނަމުގައި، ޕާޓީގެ ފަރާތުން އިންތިހާބުތަކަށް ކެންޑިޑޭޓުން ކުރިމަތިލެއްވުމާއި، އެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމާއި، އެ ކެންޑިޑޭޓުން ހޮވުމަށް މަސައްކަތް ކުރުމާއި، މި ގާނޫނާއި ރާއްޖޭގެ އެހެން ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން، ޕާޓީގެ އަސާސީ ގަވާއިދުގައިވާ ކަންތައްތައް ހިންގުމާއި، އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާލިބިގަތުމާއި، ޕާޓީއަށް ފައިސާއާއި އުފުލޭމުދަލާއި ނުއުފުލޭ މުދާ، ގާނޫނު ހުއްދަކުރާ ގޮތުގެމަތިން ހޯދުމާއި ލިބިގަތުމާއި،  ޕާޓީގެ ފައިސާއާއި މުދަލުން ގާނޫނު ހުއްދަކުރާ ގޮތުގެމަތިން  މުއާމަލާތު ކުރުމާއި، މިކަންކަމުގެ ހައްގު ލިބިގެންވާ ވަކި ގާނޫނީ ށަހްސެކެވެ.

 

5 ވަނަ މާއްދާ - ސިޔާސީ ޕާޓީތަކުގެ ހައްގުތަކާއި އިމްތިޔާޒުތައް

އަންނަނިވި ހައްގުތަކާއި އިމްތިޔާޒުތައް ސިޔާސީ ޕާޓީތަކަށް ލިބިގެންވެއެވެ.

(ހ) މިނިވަންކަމާއި ރައްކާތެރިކަމާއެކު ސިޔާސީ ހަރަކާތް ހިންގައި އެފަދަ ހަރަކާތުގައި ބައިވެރިވުން.

(ށ) ރާއްޖޭގައި ހިންގާ އެހެން ސިޔާސީ ޕާޓީތަކާ މުއާމަލާތުކޮށް ގުޅުން ބަދަހިކުރުން.

(ނ) އެއްވެއުޅުމާއި ހިޔާލުފާޅުކުރުން.

(ރ) ނޫސް މަޖައްލާ ށާއިއުކުރުމާއި، މައުލޫމާތާއި ހަބަރު ފެތުރުމުގެ މިނޫންވެސް ވަސީލަތްތައް ހިންގުން.

(ބ) އިންތިހާބުތަކުގައި ކެންޑިޑޭޓުން ބައިވެރިކުރުވުން.

(ޅ) ޕާޓީގެ ނަމުގައި ނުވަތަ ޕާޓީއަށްޓަކައި އާމްދަނީ ހޯދޭނެ މަސައްކަތްކުރުން.

(ކ) ބައިނަލްއަގްވާމީ ޖަމާއަތްތަކާއެކު މުއާމަލާތްކޮށް، ގުޅުން ބަދަހިކުރުން.

 

6 ވަނަ މާއްދާ - ސިޔާސީ ޕާޓީގެ މަސްއޫލިއްޔަތު

ދިވެހިރާއްޖޭގައި ހިންގާ ކޮންމެ ސިޔާސީ ޕާޓީއަކުންވެސް އަންނަނިވި މަސްއޫލިއްޔަތުތައް އުފުލަންވާނެއެވެ.

(ހ) ދީމުގްރާތީ ހަމަތަކުގެ މަތިން ޕާޓީ ހިންގުން.

(ށ) ޕާޓީގެ އެންމެހައި ކަންކަން ފާޅުކަން ބޮޑުކޮށް ދެފުށް ފެންނަ ގޮތަށް ބެހެއްޓުން.

(ނ) ޕާޓީގެ ކަންކަން މީޑިއާ އެހެން ވަސީލަތްތައް މެދުވެރިކޮށް ރައްޔިތުންނަށް ހާމަކުރަމުން ގެންދިއުން.

(ރ) ޕާޓީގެ ފައިސާއާއި މުދާ އޮޑިޓަރ ޖެނެރަލް ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ބެލެހެއްޓުން.

(ބ) ޕާޓީން ހިންގާ ނުވަތަ ކުރާ މުއާމަލާތްތައް ލިޔުމަށް ތިރިކޮށް، އެ ލިޔެކިޔުން ރައްކާތެރިކަމާއެކު ބެލެހެއްޓުން.

(ޅ) ކޮމިށަނަށް ފޮނުވަންޖެހޭ މައުލޫމާތާއި ރިޕޯޓުތައް ގަވާއިދުން ފޮނުވުން.

(ކ) ޕާޓީގެ އަހަރީ ރިޕޯޓު ކޮމިށަނުން ކަނޑައަޅާ ނަމޫނާއާ އެއްގޮތްވާ ގޮތުގެމަތިން ގަވާއިދުން ފޮނުވުން.

 

7 ވަނަ މާއްދާ - ސިޔާސީ ޕާޓީއަކުން ކޮށްގެން ނުވާނެ ކަންތައްތައް

(ހ)  އަންނަނިވި ކަންކަން ސިޔާސީ ޕާޓީއަކުން ކޮށްގެން ނުވާނެއެވެ.

  1. އިސްލާމްދީނުގެ އަސްލަކާ ހިލާފު އަމަލެއް ހިންގުން.
  2. ގާނޫނުއަސާސީއާއި ގާނޫނާ ހިލާފު އަމަލެއް ހިންގުން.
  3. ޓެރަރިޒަމަށް ވާގިދޭ އަމަލެއް ހިންގުން.
  4. ހަރުކަށި އަމަލު ހިންގުމަށް ގޮވާލުމާއި އެކަމަށް ހިތްވަރު ދިނުން.
  5. ބިރުވެރިކަން އުފެއްދުން.
  6. ހަތިޔާރު ގެންގުޅުމާއި ގާނޫނާ ހިލާފަށް އެފަދަ ކަމެއް ކުރާ ޖަމާއަތަކާ ގުޅުން ހިންގުން.
  7. ވަކި ރަށަކަށް ނުވަތަ ވަކި އަތޮޅަކަށް ނުވަތަ ވަކި ސަރަހައްދަކަށް އެކަނި އަމާޒުކޮށްގެން ޕާޓީ ހިންގުން.
  8. ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކުރިމަތިވެދާނެ ފަދަ ޖާސޫސީ ހަރަކާތް ހިންގުން.
  9. ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އިންތިހާބެއްގައި ވާދަކުރުމަށް ކެމްޕޭންކުރުމަށްޓަކައި ބިދޭސީ ސަރުކާރަކުން ނުވަތަ ބިދޭސީ ޖަމާއަތަކުން ނުވަތަ ބިދޭސީ ފަރުދެއްގެ އަތުން ފައިސާ ހޯދުން.
  10. ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުވުން.
  11. އިންތިހާބުތަކުގެ ގާނޫނުތަކާ ހިލާފު ކަންކަން ކުރުން.

(ށ)  ޕާޓީއަކުން ކޮށްގެން ނުވާނެކަމަށް މި މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ ކަމެއް، ޕާޓީގެ މަގާމަކަށް އިންތިހާބުކޮށްފައިވާ ނުވަތަ އައްޔަންކޮށްފައިވާ މީހަކުވެސް، ރާއްޖޭގައި ބޭއްވޭ އިންތިހާބަކަށް ޕާޓީގެ ނަމުގައި ކުރިމަތިލާފައިވާ މީހަކުވެސް އަދި ޕާޓީގެ ނަމުގައި އެ އިންތިހާބެއް ކާމިޔާބުކޮށްފައިވާ މީހަކުވެސް ކޮށްގެންނުވާނެއެވެ.

 

8 ވަނަ މާއްދާ - ސިޔާސީ ޕާޓީ އުފެއްދުމާއި ހިންގުން

(ހ) ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފައްދައި، ހިންގަންވާނީ، މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށް، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ށ) މި ގާނޫނުގެ މަގްސަދަށްޓަކައި މި ގާނޫނަށް އަމަލުކުރަން ފަށާއިރު ކޮމިށަންގައި ރަޖިސްޓަރީކުރެވިފައިވާ ޕާޓީތަކުގެ ތެރެއިން 3,000 (ތިންހާސް) މެންބަރުން ހަމަވާ ޕާޓީތަކަކީ މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ޕާޓީތަކެއް ކަމުގައި ބެލެވޭނެއެވެ (އިސްލާހު ކުރެވިފައި)

(ނ) މި މާއްދާގެ (ށ) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކަމަށް ބެލެވޭ ޕާޓީތަކުގެ ތެރެއިން މި ގާނޫނުގައިވާ އެހެން ށަރުތުތައް ހަމަނުވާ ޕާޓީތަކަށް އެ ށަރުތުތައް ހަމަކުރުމަށް (ތިނެއް) މަސް  ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.

(ރ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު ކޮމިށަންގައި ރަޖިސްޓަރީކުރެވިފައިވާ ޕާޓީތަކުގެ ތެރެއިން 3,000 (ތިންހާސް) މެންބަރުން ހަމަނުވާ ޕާޓީތަކަށް 3,000 (ތިންހާސް) މެންބަރުން ހަމަކުރުމަށް 3 (ތިނެއް) މަސްދުވަހުގެ މުއްދަތެއް ދެވޭނެއެވެ. (އިތުރު ކުރެވިފައި)

 

9 ވަނަ މާއްދާ - ސިޔާސީ ޕާޓީގެ މެންބަރުން

(ހ) އުމުރުން 18 (އަށާރަ) އަހަރު ވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށްމެ، ސިޔާސީ ޕާޓީއެއްގައި ބައިވެރިވެ، ބައިވެރިވާ ޕާޓީއެއްގެ އަސާސީ ގަވާއިދުގައިވާ ގޮތުގެމަތިން މެންބަރަކަށް ވުމުގެ ހައްގު ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްކަމުގައިވީނަމަވެސް، ދައުލަތުގެ ވަކި މަގާމަކަށް އައްޔަނުކުރެވޭ މީހަކީ، ނުވަތަ ކުރިމަތިލާ މީހަކީ، ނުވަތަ އެފަދަ މަގާމެއްގައި ހުރި މީހަކީ، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވެވޭނެ މީހެއްކަމަށް ގާނޫނުއަސާސީގައި ނުވަތަ ގާނޫނުގައި ބަޔާންކޮށްފައިވާނަމަ، އެ ހާލަތުގައި ހުންނަ މީހާއަށް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވެވޭނެއެވެ.

(ނ) އެއްވެސް މީހަކަށް އެއްފަހަރާ އެއް ސިޔާސީ ޕާޓީއަށް ވުރެ ގިނަ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުހުރެވޭނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެވޭނީ، އެ ޕާޓީއެއްގެ މެންބަރަކަށް ވުމަށް އެދި އެ ޕާޓީއެއްގެ އަސާސީ ގަވާއިދާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އަދި އެމީހެއްގެ ނަމާއި، އެޑްރެހާއި، އައިޑެންޓިޓީ ކާޑުގެ ނަންބަރާއި، އުމުރާއި، އިނގިލީގެ ނިޝާނާއި، ސޮއި އަދި ސޮއިކުރި ތާރީހު އެނގެން އޮންނަގޮތަށް ހުށަހަޅާފައިވާނަމައެވެ. އަދި އެއާއެކު، އެމީހެއްގެ މުއްދަތު ހަމަނުވާ އައިޑެންޓިޓީ ކާޑުގެކޮޕީއެއް ހުށަހަޅާފައިވާންވާނެއެވެ. (އިތުރު ކުރެވިފައި)

(ބ) ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމަށް އެދި ހުށަހަޅާފައިވާ ނުވަތަ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެފައިވާ މީހަކާ ގުޅޭގޮތުން، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކާއި ތަކެތި ހުށަހަޅާފައިނުވާ ފަރާތްތައް، ގާނޫނު ނަންބަރު ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 1 (އެކެއް) މަސްދުވަސް ތެރޭގައި މި މާއްދާގެ (ރ) އާ އެއްގޮތަށް މައުލޫމާތާއި ތަކެތި ހުށަހަޅައި އެކަންކަން ފުރިހަމަކުރަންވާނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި އެ މައުލޫމާތާއި ތަކެތި ހުށަހަޅާފައިނުވާނަމަ، އެފަދަ މީހެއް އެ ސިޔާސީ ޕާޓީއެއްގެ މެންބަރުކަމުން ވަކިވާނެއެވެ. އަދި ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، މި ގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ދޫކުރުމުގައި ރިއާޔަތްކުރަންވާނީ، މި މާއްދާގެ (ރ) އާއި މި އަކުރާ އެއްގޮތަށް އަމަލުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުތަކަށެވެ. (އިތުރު ކުރެވިފައި)

 

10 ވަނަ މާއްދާ - ސިޔާސީ ޕާޓީ އެއްގެ ޕްރައިމަރީ ގައި ވާދަކޮށްފައިވާ ކެންޑިޑޭޓަކު އެހެން ހައިސިއްޔަތަކުން އިންތިހާބުތަކުގައި ވާދަ ނުކުރުން (އިތުރު ކުރެވިފައި)

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް އޮތްކަމުގައިވީ ނަމަވެސް، ސިޔާސީ ޕާޓީ އެއްގައި ރަޖިސްޓަރީ ކޮށްފައިވާ މެންބަރަކު، ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރުލިބިގެން ބާއްވާ އެއްވެސް އިންތިހާބެއްގައި ސިޔާސީ ޕާޓީ ގެ ޓިކެޓް ހޯދުމަށް އެ ޕާޓީ ގެ ޕްރައިމަރީ ގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިހާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިންތިހާބެއްގައި ސިޔާސީ ޕާޓީ ގެ ޓިކެޓް ހޯދުމަށްޓަކައި ސިޔާސީ ޕާޓީ އެއްގެ ޕްރައިމަރީ ގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިހާބުގައި އެހެން އެއްވެސް ހައިސިއްޔަތަކުން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް އިލެކްށަންސް ކޮމިށަނަށް ހުށަހަޅައިފިނަމަ، އެ ކޮމިށަނުން އެ މީހެއްގެ ކެންޑިޑެސީ ބާތިލު ކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - ހަމަހަމަ ކަމާއެކު  މުއާމަލާތުކުރުން

(ހ) ސިޔާސީ ޕާޓީތަކަށް ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ވަސީލަތަކީ ނުވަތަ ފުރުސަތަކީ ނުވަތަ ހިދުމަތަކީ ހަމަހަމަ ކަމާއެކު ހުރިހާ ސިޔާސީ ޕާޓީތަކަކަށް ފޯރުކޮށްދޭ ވަސީލަތެއް ނުވަތަ ފުރުސަތެއް ނުވަތަ ހިދުމަތެއް ކަމަށް ވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްކަމުގައިވީނަމަވެސް، ދައުލަތުގެ މުއައްސަސާތަކުން ސިޔާސީ ޕާޓީތަކަށް ފޯރުކޮށްދޭ ވަސީލަތްތަކާއި ފުރުސަތުތަކާއި ހިދުމަތްތައް އެ ޕާޓީތަކަށް ފޯރުކޮށްދިނުމުގައި، އެ ސިޔާސީ ޕާޓީތަކުގެ ކާމިޔާބީގެ މައްޗަށް ބަލައި، އެ ކާމިޔާބުގެ ނިސްބަތަށް ބިނާކޮށްގެން، އަދި ދުރާލާ އާންމުކޮށްފައިވާ އުސޫލެއް މެދުވެރިކޮށް، ޕާޓީގެ ކާމިޔާބީގެ ނިސްބަތުން ވަސީލަތްތަކާއި ފުރުސަތުތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމަކީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހަމަހަމަކަމުގެ އުސޫލަށް އުނިކަން އަންނާނެ ކަމެއް ނޫނެވެ.

(ނ) މި ގާނޫނުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، ޕާޓީގެ ކާމިޔާބީ ވަޒަންކުރާނީ، އަންނަނިވި ތިން ނުކުތާއަށް ރިއާޔަތްކުރުމުން ނުކުންނަ ޖުމްލަ ނަތީޖާގެ މައްޗަށެވެ.

  1. އެންމެ ފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީއަކުން ހޯދި ވޯޓުގެ ޖުމްލަ އަދަދު؛
  2. ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީ ތަމްސީލުކުރާ މެންބަރުންގެ އަދަދު؛ އަދި
  3. އެ ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ މެންބަރުންގެ އަދަދު.

 

ދެވަނަ ބާބު

ސިޔާސީ ޕާޓީ އުފެއްދުން

 

12 ވަނަ މާއްދާ - ސިޔާސީ ޕާޓީ އުފެއްދުން

(ހ) ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހަޅާ ފަރާތުން އެ ޕާޓީއެއްގެ މެންބަރަކަށްވުމަށް އެދިފައިވާ، މަދުވެގެން 3,000 (ތިންހާސް) މީހުންގެ ސޮއި ހޯދައި، ކޮމިށަނަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާއިރު، އެ ޕާޓީގެ މެންބަރަކަށްވުމަށް އެދި ސޮއިކުރި މީހުންގެ ނަމާއި، އެޑްރެހާއި، އައިޑެންޓިޓީ ކާޑުގެ ނަންބަރާއި، އުމުރާއި، އިނގިލީގެ ނިށާނާއި، ސޮއިކުރި ތާރީހު އެނގެން އޮންނަންވާނެއެވެ. އަދި އެއާއެކު އެ މީހުންގެ މުއްދަތު ހަމަނުވާ އައިޑެންޓިޓީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމަށް އެދި މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކޮމިށަނަށް ހުށަހަޅާ މީހަކީ، މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެގެން ނުވާނެއެވެ. އަދި، އޭނާއަކީ، އެހެން ޕާޓީއެއްގެ މެންބަރަކަށްވާނަމަ، އެ ޕާޓީގައި ހުރެ އެހެން ޕާޓީއެއްގެ މެންބަރަކަށްވުމަށް އެދި، ކޮމިށަނަށް ހުށަހެޅުމާއެކު، އޭނާ ކުރިން ހުރި ޕާޓީގެ މެންބަރުކަމުން ވަކިވާނެއެވެ. އަދި، ކޮމިށަނުގެ ބޭނުމަށްޓަކައި އޭނާއަކީ، އޭނާ މެންބަރަކަށްވުމަށް އެދި ފަހުން ހުށަހެޅި ޕާޓީގެ މެންބަރަކަށްވުމަށް އެދޭ މީހަކުކަމުގައި ބެލެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ޕާޓީއެއްގެ މެންބަރުންގެ ގޮތުގައި އެ ޕާޓީއަކުން ހުށަހަޅާ ނަންތަކުގެ ސައްހަކަން، އެ ނަމެއް ހުށަހެޅޭތާ ގިނަވެގެން 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި ކޮމިށަނުން ކަށަވަރުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ޕާޓީއަކުން ހުށަހަޅާފައިވާ ނަންތަކުގެ ސައްހަކަން ކޮމިށަނުން ބަލާއިރު، އެ ޕާޓީއެއްގައި ހިމެނޭ ސައްހަ މެންބަރުންގެ އަދަދު، 3,000 (ތިންހާސް) މެންބަރުންނަށްވުރެ މަދުވާނަމަ، އެކަން އެ ޕާޓީއަކަށް އަންގައި، އެ ޕާޓީގެ މެންބަރުންގެ އަދަދު މި މާއްދާގައި ބަޔާންކުރާ އަދަދާ ހަމަކުރުމުގެ ފުރުސަތު އެ ޕާޓީއަކަށް ކޮމިށަނުން ދޭންވާނެއެވެ. އެފަދައިން އިތުރު ފުރުސަތު ދިނުމުގައި، ގިނަވެގެން ދެވޭނީ 3 (ތިނެއް) މަސްދުވަހުގެ ފުރުސަތެކެވެ. (އިސްލާހު ކުރެވިފައި)

(ބ) ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދޭ މީހުންގެ ސޮއި ހޯދުމުގައި، ނުވަތަ ސިޔާސީ ޕާޓީއަކަށް މެންބަރުން ވެއްދުމަށް ސޮއި ހޯދުމުގައި، އެއްވެސް ބާރެއް ބޭނުންކުރުމަކީ، ނުވަތަ ބިރެއް ދެއްކުމަކީ، ނުވަތަ އޮޅުވާލައިގެން އެކަން ކުރުމަކީ މަނާކަމެކެވެ.

 

13 ވަނަ މާއްދާ - ސިޔާސީ ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން

(ހ) މި ގާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ ސޮއި ކޮމިށަނަށް ހުށަހެޅުމަށްފަހު ލަސްވެގެން 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި، މި މާއްދާގެ (ނ) ގައި ބުނެފައިވާ ކަންތައްތަކާ ބެހޭގޮތުންނާއި، އެ ޕާޓީގެ އަސާސީ ގަވާއިދާބެހޭ ގޮތުންނާއި، އެ ޕާޓީގެ މައިގަނޑު މެނިފެސްޓޯއާ ބެހޭގޮތުން ނިންމުންތައް ނިންމުމަށް ބައްދަލުވުމެއް ބާއްވަންވާނެއެވެ. މި ބައްދަލުވުން ބޭއްވުމުގެ 3 (ތިނެއް) ދުވަސް ކުރިން ބައްދަލުވުމުގެ މައުލޫމާތު، ކޮމިށަނަށް ލިޔުމުން އަންގަންވާނެއެވެ. މި ބައްދަލުވުމަށް ކިޔާނީ ސިޔާސީ ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުމެވެ.

(ށ) (ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ބައްދަލުވުމުގައި، މި ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ 3,000 (ތިންހާސް) މީހުންގެ ތެރެއިން މަދުވެގެން 300 (ތިންސަތޭކަ) މީހުން ބައިވެރިވާން ވާނެއެވެ. އަދި މި 300 (ތިންސަތޭކަ) މީހުންގެ ނަމާއި، އެޑްރެހާއި، އައިޑެންޓިޓީ ކާޑު ނަންބަރާއި، ފޯނު ނަންބަރާއި ސޮއި އޮތް ލިސްޓެއް ބައްދަލުވުމުގެ ޔައުމިއްޔާގައި ހިމަނަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ނ) ސިޔާސީ ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުމުގައި، އަންނަނިވި ކަންކަން ނިންމަންވާނެއެވެ.

  1. ޕާޓީގެ ނަން (ދިވެހި ބަހުން ކިޔާ ނަމާއި، އިނގިރޭސި ބަހުން ނަމެއް ކިޔާނަމަ
    އެ ނަމަކާއި، ރަމްޒީ ނަމެއް ކިޔާނަމަ އެ ނަމެއް).
  2. ޕާޓީގެ އަސާސީ ގަވާއިދު ފާސްކުރުން.
  3. ޕާޓީގެ ދާއިމީ މަގާމުތަކަށް މީހުން އިންތިހާބު ކުރެވެންދެން ޕާޓީ ތަމްސީލުކުރުމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ހަވާލުކުރާ ފަރާތްތައް އައްޔަންކުރުން.

(ރ) ސިޔާސީ ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވުމަށް އަންނަނިވި ފަރާތްތަކަށް ދައުވަތު ދޭންވާނެއެވެ.

  1. ކޮމިށަންގެ ކަމާބެހޭ މުވައްޒަފަކު.
  2. ރާއްޖޭގައި ހަރަކާތްތެރިވާ މީޑިއާގެ ހުރިހާ ފަރާތްތަކަށް.

 

14 ވަނަ މާއްދާ - ޕާޓީގެ އަސާސީ ގަވާއިދު

ކޮންމެ ސިޔާސީ ޕާޓީއެއްގައިވެސް، މި ގާނޫނުގައިވާ ގޮތުގެމަތިން އެކަށައަޅާފައިވާ ޕާޓީގެ އަސާސީ ގަވާއިދެއް އޮންނަންވާނެއެވެ. އެ އަސާސީ ގަވާއިދުގައި އަންނަނިވި ކަންކަން ކަނޑައަޅަންވާނެއެވެ.

(ހ) ދިވެހިބަހާއި އިނގިރޭސި ބަހުން ޕާޓީގެ ނަން.

(ށ) ޕާޓީއަށް ރަމްޒީ ގޮތުން ކިޔާ ނަމެއް އޮތްނަމަ އެ ނަމެއް.

(ނ) ޕާޓީގެ ނިށާން ނުވަތަ ލޯގޯ އަދި ދިދަ.

(ރ) ޕާޓީގެ ސިއްކަ.

(ބ) ޕާޓީގެ ކުލަ ނުވަތަ ކުލަތައް.

(ޅ) ޕާޓީގެ މައި އޮފީސް ހުންނާނެ ތަން.

(ކ) ޕާޓީގެ މައިގަނޑު މަގްސަދުތަކާއި، މައިގަނޑު މަގްސަދުން ހާސިލުކުރަން ކަނޑައަޅާ ކަންކަން.

(އ) ޕާޓީ ރޭވި އިންތިޒާމްކުރެވިފައިވާ ގޮތުގެ ތަފުސީލު.

(ވ) ޕާޓީގެ އެންމެހައި މަގާމުތަކުގެ އޮނިގަނޑު ރޭވިފައިވާ ގޮތް.

(މ) ޕާޓީގެ އިންތިހާބުކުރެވޭ މަގާމުތަކާއި، އެ މަގާމުތަކަށް މީހުން އިންތިހާބު ކުރާނެ ގޮތުގެ އުސޫލު.

(ފ) ޕާޓީ ހިންގާނެ ގޮތުގެ އެންމެހައި ސިޔާސަތުތަކާއި، އުސޫލުތަކާއި، ހަމަތަކާއި، ގަވާއިދުތައް.

(ދ) ޕާޓީގެ ގުނަވަންތަކުން ބާއްވަންޖެހޭ ބައްދަލުވުންތަކާއި، ބައްދަލުވުންތައް ބާއްވާނެ އަދަދާއި، އެ ބައްދަލުވުން ބާއްވަންޖެހޭ މުއްދަތު.

(ތ) ޕާޓީގެ އެކިއެކި ބައްދަލުވުންތަކުގެ ގާނޫނީ އަދަދާއި ބައްދަލުވުމުގައި ވޯޓު ދޭނެ އުސޫލުތައް.

(ލ) ޕާޓީގެ ގައުމީ ބައްދަލުވުން އެކުލަވައި ބާއްވާނެ އުސޫލު.

(ގ) ޕާޓީ އުވާލެވޭނެ ހާލަތްތަކާއި އުވާލުމުގެ އިޖުރާއަތު.

(ޏ) ޕާޓީގެ އަސާސީ ގަވާއިދު ބަދަލުކުރެވޭނެ އުސޫލު.

(ސ) ޕާޓީގެ މެންބަރަކަށް ވެވޭނެ ގޮތާއި މެންބަރުކަމުން ވަކިވެވޭނެ ގޮތާއި ވަކިކުރެވޭނެ އުސޫލުތައް.

(ޑ) ޕާޓީގެ އިންތިހާބުކުރެވޭ މަގާމެއް ފުރަމުންދާ މީހަކު، އެ މަގާމަކުން ވަކިކުރެވޭނެ އުސޫލުތަކާއި،
އެ ފަދަ މެންބަރަކު ޕާޓީގެ މެންބަރު ކަމުން ވަކި ކުރެވޭނެ އުސޫލު.

(ޒ) ޕާޓީގެ އިންތިހާބުކުރެވޭ މަގާމުތަކުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި ބާރުތައް.

(ޓ) މަދުވެގެން ކޮންމެ 5 (ފަހެއް) އަހަރަކުން 1 (އެކެއް) ފަހަރު ގައުމީ ބައްދަލުވުން ބާއްވާނެކަން.

(ޔ) ޕާޓީގެ މެންބަރުންގެ ހައްގުތަކާއި ވާޖިބުތައް.

(ޕ) ޕާޓީގެ މެންބަރުންގެ ކަންތައްތައް ބަލަހައްޓާ ކޮމިޓީ އެކުލެވިގެންވާ ގޮތާއި އެ ކޮމިޓީގެ މަސްއޫލިއްޔަތުތައް.

(ޖ) އިސްތިއުނާފު ކޮމިޓީ އެކުލެވިގެންވާ ގޮތާއި އެ ކޮމިޓީގެ  މަސްއޫލިއްޔަތުތައް.

(ޗ) ޕާޓީއެއް އުވާލުމުގެ މަރުހަލާގައި އެ ޕާޓީގެ މިލްކުގައިވާ މުދަލާއި އެ ޕާޓީގެ ދަރަންޏާމެދު އަމަލުކުރާނެ ގޮތް.

        (ހހ) އެއް ޕާޓީން އަނެއް ޕާޓީއާ ގުޅުން އުފެއްދުމުގައި އަމަލުކުރާނެ ގޮތް.

 

15 ވަނަ މާއްދާ - ދެ ޕާޓީއެއްގެ ނަން އެއްގޮތް ނުވުން

(ހ) ސިޔާސީ ޕާޓީއެއްގެ ގޮތުގައި ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީކުރާ ޕާޓީއެއްގެ ނަމާއި، ނިށާނާއި ސިއްކައާއި އެނޫންވެސް ޕާޓީ ރަމްޒުކޮށްދޭ އެއްޗެހި، އެ ދަފުތަރުގައި ކުރިން ރަޖިސްޓަރީކޮށްފައިވާ އެހެން ޕާޓީއެއްގެ ނަމާއި، ނިށާނާއި، ސިއްކައާއި، އެނޫންވެސް ޕާޓީ ރަމްޒުކޮށްދޭ އެއްޗެއްސާ އެއްގޮތްވެގެން ނުވާނެއެވެ.

(ށ) ސިޔާސީ ޕާޓީއެއްގެ ނަމުގައި،  މީހެއްގެ އަމިއްލަ ނަން ނުވަތަ ވަނަން ނުވަތަ ދިވެހިރާއްޖޭގެ ވަކި ސަރަހައްދަކަށް ނުވަތަ ވަކި އަތޮޅަކަށް ނުވަތަ ވަކި ރަށަކަށް ނުވަތަ ވަކި އަވަށަކަށް ކިޔާނަން ހިމަނައިގެން ނުވާނެއެވެ.

 

 

ތިންވަނަ ބާބު

މެންބަރުންގެ ހައްގުތައް

 

16 ވަނަ މާއްދާ

(ހ) ޕާޓީގެ މެންބަރުންގެ ގޮތުގައި ޕާޓީއަށް ވައްދާނެ މެންބަރުން،  ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެމަތިން ކަނޑައަޅާނީ ޕާޓީގެ ކަމާބެހޭ ގުނަވަނުންނެވެ.

(ށ) މެންބަރަކަށް ވުމަށް އެދި ހުށަހަޅާފައިވާ ފޯމެއް ގަބޫލުނުކުރުމަށް ޕާޓީގެ ކަމާބެހޭ ގުނަވަނުން ކަނޑައަޅައިފިނަމަ އެ ގޮތަށް ކަނޑައެޅި ސަބަބު އެ ފަރާތަކަށް ދޭންވާނެއެވެ.

(ނ) ޕާޓީގެ ކޮންމެ މެންބަރަކަށްވެސް ކުރިން ނޯޓިސް ދިނުމަކާ ނުލައި ޕާޓީގެ މެންބަރުކަމުން ވަކިވެވިދާނެއެވެ.

 

17 ވަނަ މާއްދާ - މެންބަރަކާމެދު ސުލޫކީ ފިޔަވަޅު އެޅުމާއި މެންބަރުކަމުން ވަކިކުރުން

(ހ) ޕާޓީގެ އަސާސީ ގަވާއިދުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. މެންބަރުންގެ މައްޗަށް އެޅޭނެ ސުލޫކީ ފިޔަވަޅުތައް.
  2. މެންބަރުންގެ މައްޗަށް ސުލޫކީ ފިޔަވަޅު އެޅޭނެ ސަބަބުތައް.
  3. މެންބަރުންގެ މައްޗަށް ސުލޫކީ ފިޔަވަޅު އެޅޭނެ ޕާޓީގެ ގުނަވަންތަކަކީ ކޮބައިކަން.
  4. މެންބަރުންގެ މައްޗަށް ހުށަހެޅޭ ސުލޫކީ މައްސަލަތައް ބަލާނެ ފަރާތާއި ބަލާނެ ގޮތް.
  5. މެންބަރުންގެ މައްޗަށް އެޅޭ ސުލޫކީ ފިޔަވަޅުތައް އިސްތިއުނާފުކުރެވޭނެ ގޮތާއި އެގޮތުން ހުށަހެޅޭ އިސްތިއުނާފުގެ މައްސަލަތައް ބަލާނެ ގޮތް.

(ށ) މެންބަރެއްގެ މައްޗަށް ސުލޫކީ މައްސަލައެއް ހުށަހެޅިއްޖެނަމަ އެ މައްސަލައެއްގައި ދިފާއުވުމުގެ ފުރުސަތު އެ މެންބަރަކަށް ލިބިދޭންވާނެއެވެ.

(ނ) މެންބަރެއްގެ މައްޗަށް ސުލޫކީ ފިޔަވަޅެއް އެޅިއްޖެނަމަ ސުލޫކީ ފިޔަވަޅު އެޅި ސަބަބު ލިޔުމަކުން އެ މެންބަރަކަށް ދޭންވާނެއެވެ.

(ރ) މެންބަރަކު ޕާޓީން ވަކި ކުރަންވާނީ ހަމައެކަނި އެ މެންބަރަކު ގަސްދުގައި އެ ޕާޓީގެ އަސާސީ ގަވާއިދާ ނުވަތަ ސުލޫކީ މިންގަނޑުތަކާ ހިލާފުވެ، އެކަމުގެ ސަބަބުން ޕާޓީގެ މަސްލަހަތަށް ގެއްލުމެއް ލިބިފައިވާނަމައެވެ.

(ބ) ގާނޫނުއަސާސީއާއި ގާނޫގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި ބާއްވާ އިންތިހާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަޑާ ހިލާފުވެގެން ޕާޓީން ވަކިކުރިކަމުގައި ވިޔަސް، އެ މީހަކު އިންތިހާބުވެފައިވާ މަގާމުގައި ދެމި ހުންނާނެއެވެ.

 

18 ވަނަ މާއްދާ - ޕާޓީގެ ނަމުގައި އިންތިހާބަކަށް ކުރިމަތިލުން

(ހ) ގާނޫނުއަސާސީގެ ދަށުން ބާއްވާ އެއްވެސް އިންތިހާބަކަށް ޕާޓީގެ ނަމުގައި ކުރިމަތިލާނެ މީހެއް ނުވަތަ މީހުން ޕާޓީއަކުން ކަނޑައަޅާނީ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.

(ށ) ގާނޫނުއަސާސީގެ ދަށުން ބާއްވާ އެއްވެސް އިންތިހާބަކަށް ޕާޓީގެ ނަމުގައި ކުރިމަތިލާނެ މީހެއް ނުވަތަ މީހުން ކަނޑައެޅުމަށްޓަކައި ގެންގުޅޭނެ ހަމަތަކާއި އުސޫލުތައް ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

 

ހަތަރުވަނަ ބާބު

ސިޔާސީ ޕާޓީގެ ދަފްތަރާއި ޕާޓީ ރަޖިސްޓަރީކުރުން

 

19 ވަނަ މާއްދާ - ސިޔާސީ ޕާޓީގެ ދަފްތަރު

(ހ) ސިޔާސީ ޕާޓީގެ ދަފްތަރެއް، މި ގާނޫނުގެ ދަށުން، ކޮމިށަނުން ލިޔެ ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަފްތަރުގައި ހިމަނާނީ، އަންނަނިވި ކަންކަމެވެ.

  1. ޕާޓީގެ ނަން.
  2. ދަފްތަރުގައި ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅި ތާރީހު.
  3.  ޕާޓީއަށް ދީފައިވާ ރަޖިސްޓަރީ ނަންބަރު.
  4. ޕާޓީ ރަޖިސްޓަރީކޮށްދިނުމަށްފަހު ދޫކުރާ ސެޓްފިކެޓުގައި ހިމެނިގެންވާ ތާރީހާއި ނަންބަރު.
  5. ޕާޓީ ތަމްސީލުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މީހުންގެ ނަމާއި، އެޑްރެހާއި، ޕާޓީގައި ފުރަމުންދާ މަގާމު.
  6. ޕާޓީގެ އަސާސީ ގަވާއިދު.
  7. ޕާޓީގެ މެނިފެސްޓޯ.
  8. ޕާޓީގެ އަސާސީ ގަވާއިދަށް ނުވަތަ މެނިފެސްޓޯއަށް ބަދަލެއް އައިސްފައިވާނަމަ، އޭގެ ތަފްސީލު.
  9. ޕާޓީގެ މެންބަރުންނަށް އަންނަ ބަދަލުތައް.
  10. ޕާޓީ އުވާލުމުގެ އުސޫލާއި، އުވާލުމުގެ ބާރުއޮތް ފަރާތް، އަދި އުވާލާނަމަ އެ ފަރާތުގެ ނިންމުން.

 

20 ވަނަ މާއްދާ - ރަޖިސްޓަރީކުރުމަށް ހުށަހެޅުން

(ހ) ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބާއްވާ ބައްދަލުވުން ބާއްވާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ ޕާޓީއެއް ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީކުރުމަށް ހުށަހަޅަންވާނެއެވެ.

(ށ) ޕާޓީ ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާނީ، މި ގާނޫނުގެ ޖަދުވަލު ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު، މި މާއްދާގެ (ނ) ގައި ބުނެފައިވާ ރަޖިސްޓަރީ ފީއާ އެކުގައެވެ.

(ނ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން ރަޖިސްޓަރީކުރުމަށް ހުށަހަޅާ ކޮންމެ ޕާޓީއަކުން، ރަޖިސްޓަރީ ފީގެ ގޮތުގައި 10,000 (ދިހަ ހާސް) ރުފިޔާ ދައްކަންވާނެއެވެ.

 

21 ވަނަ މާއްދާ - ރަޖިސްޓަރީކުރަން ހުށަހަޅާއިރު ފޯމާއެކު ހިމަނަންޖެހޭ ލިޔުން

(ހ) ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީކުރުމަށް ހުށަހަޅާއިރު، އެ ހުށަހެޅުމާއެކު ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުމުގެ ޔައުމިއްޔާގެ ކޮޕީއަކާއި، ޕާޓީގެ އަސާސީ ގަވާއިދުގެ ކޮޕީއަކާއި، ޕާޓީގެ މެނިފެސްޓޯގެ ކޮޕީއަކާއި، ޕާޓީގެ ނިށާނާއި ސިއްކައާއި އެނޫންވެސް ޕާޓީ ރަމްޒުކޮށްދޭ އެއްޗެހި ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ތަފްސީލުތަކަކީ، އާންމުކޮށް ލިބެންހުންނަންވާނެ މައުލޫމާތުތަކެކެވެ. އަދި އެ މައުލޫމާތުތައް ކޮމިށަނުން ކަނޑައަޅާ އުސޫލެއްގެ މަތިން އާންމުންގެ ތެރެއިން މީހަކު ބަލަން ބޭނުންވެއްޖެ ހިނދެއްގައި ފީއެއް ދެއްކުމަކާ ނުލައި
އެ މީހަކަށް ބެލޭނެ ނިޒާމެއް ހަމަޖެހިފައި އޮންނަންވާނެއެވެ.

(ނ) ސިޔާސީ ޕާޓީއެއް ރަޖިސްޓަރީކޮށް ދިނުމަށް ކޮމިށަނުން ނިންމާ ނިންމުންވެސް އެއީ އާންމުކޮށް ލިބެންހުންނަންވާނެ މައުލޫމާތެކެވެ. އަދި އެގޮތަށް ނިންމާ ނިންމުން 7 (ހަތެއް) ދުވަހުގެ ތެރޭގައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

22 ވަނަ މާއްދާ - ރަޖިސްޓަރީކުރުމަށް ހުށަހަޅާއިރު، މައުލޫމާތު ފުރިހަމަނުވުން

ސިޔާސީ ޕާޓީއެއް ރަޖިސްޓަރީކޮށްދިނުމަށް އެދި ހުށަހެޅުމުން، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކޮމިށަނަށް ފާހަގަކުރެވޭ ނަމަ، އެކަމެއް ޕާޓީ ރަޖިސްޓަރީކުރުމަށް ހުށަހަޅާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ޕާޓީ ތަމްސީލުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތަށް، ކޮމިށަނުން ލިޔުމަކުން އަންގަންވާނެއެވެ. އަދި އެކަމެއް ފުރިހަމަކުރުމަށް  އެ އެންގުން އަންގާ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތު ދޭންވާނެއެވެ.

(ހ) ޕާޓީއެއް ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީކުރުމަށް، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ބޭނުންވާ މައުލޫމާތު ފުރިހަމަނުވުން؛

(ށ) ޕާޓީގެ އަސާސީ ގަވާއިދުގައި ހުންނަންޖެހޭނެކަމަށް، މި ގާނޫނުގައި ބަޔާންކުރާ ކަންކަން ފުރިހަމަނުވުން؛

(ނ) ޕާޓީ އުފެއްދުމަށް ހުށަހަޅާ މީހުން ކަމުގައި ބަޔާންކޮށްފައިވާ މީހުންގެ ތެރޭގައި ޕާޓީގެ މެންބަރަކު ކަމުގައި ހިމެނިގެންނުވާނެ ކަމަށް މި ގާނޫނުން ނުވަތަ އެހެން ގާނޫނަކުން ކަނޑައަޅާ ފަރާތެއް ހިމެނޭކަމަށް ގަބޫލުކުރެވުން؛ ނުވަތަ

(ރ) ޕާޓީ އުފެއްދުމަށް ހުށަހަޅާ މީހުންގެ ގޮތުގައި ބަޔާންކޮށްފައިވާ މީހުންގެ އަދަދު މި ގާނޫނުގައި ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުވުން.

 

23 ވަނަ މާއްދާ - ރަޖިސްޓަރީކޮށްދިނުން

(ހ) ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީކުރުމަށް ހުށަހަޅާ ހުށަހެޅުމަކީ މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވެފައިވާ ހުށަހެޅުމެއް ކަމުގައިވާނަމަ، އެ ހުށަހެޅުން ލިބޭތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ޕާޓީއެއް ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީކޮށްދީ، އެކަން އެ ޕާޓީއެއް ތަމްސީލުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މީހާއަށް ކޮމިށަނުން ލިޔުމަކުން އަންގަންވާނެއެވެ.

(ށ) އެއްވެސް ސަބަބަކާހުރެ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޕާޓީ ރަޖިސްޓަރީކޮށްދީފިކަން، ނުވަތަ ރަޖިސްޓަރީކޮށް ނުދޭކަން، އެ ޕާޓީ ތަމްސީލުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މީހާއަށް 30 (ތިރީސް) ދުވަހުގެ ތެރޭގައި އަންގާފައިނުވާނަމަ،
އެ ޕާޓީއަކީ ރަޖިސްޓަރީކުރެވިފައިވާ ޕާޓީއެއް ކަމުގައި ބެލޭނެއެވެ. އަދި އެ ޕާޓީގެ މަސައްކަތައިގެން ކުރިއަށްދިއުމުގެ ހައްގު އެ ޕާޓީއަށް ލިބިގެންވެއެވެ. އަދި މި ހާލަތުގައި ޕާޓީ ތަމްސީލުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތަށް ކޮމިށަނުން ޕާޓީގެ ރަޖިސްޓަރީ ދޫކުރަންވާނެއެވެ.

(ނ) ސިޔާސީ ޕާޓީގެ ދަފްތަރުގައި ޕާޓީއެއް ރަޖިސްޓަރީކޮށްދިނުމުން، އެ ޕާޓީގެ ގޮފިތައް އުފެއްދުމުގެ އިހްތިޔާރު އެ ޕާޓީއަށް ލިބިގެންވެއެވެ. މިގޮތުން އުފައްދާ ގޮފިތަކުގެ ރަޖިސްޓަރީއެއް އެ ޕާޓީއަކުން ލިޔެ ބަލަހައްޓަންވާނެއެވެ.

 

24 ވަނަ މާއްދާ - ރަޖިސްޓަރީކޮށް ނުދިނުން

ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީކުރުމަށް ހުށަހެޅުމުގައި، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުށަހަޅަންޖެހޭ ތަފްސީލުތައް ހުށަހަޅާފައިނުވާނަމަ، ނުވަތަ ހުށަހަޅާފައިވާ ހުށަހެޅުންތައް ފުރިހަމަނުވުމުގެ ސަބަބުން އެކަން އިސްލާހުކުރުމަށް ދެވޭ ފުރުސަތުގައި އެކަން އިސްލާހުކޮށްފައިނުވާނަމަ، ނުވަތަ ރަޖިސްޓަރީކުރުމަށް ހުށަހަޅާ ޕާޓީއަކީ ރަޖިސްޓަރީކޮށްދީފައިވާ އެހެން ޕާޓީއަކާ ނުވަތަ ރަޖިސްޓަރީކުރުމަށް ހުށަހަޅާފައިވާ ޕާޓީއަކާ އެއް ނަމެއް ދީފައިވާ ޕާޓީއެއްނަމަ، ސިޔާސީ ޕާޓީގެ ދަފްތަރުގައި އެ ޕާޓީއެއް ރަޖިސްޓަރީކޮށް ނުދިނުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

25 ވަނަ މާއްދާ - ޕާޓީގެ މުހިންމު ތަފްސީލުތަކަށް އަންނަ  ބަދަލު އެންގުން

(ހ) ސިޔާސީ ޕާޓީއެއްގެ ނަމަށް، ނުވަތަ އެޑްރެހަށް، ނުވަތަ އަސާސީ ގަވާއިދަށް، ނުވަތަ މެނިފެސްޓޯއަށް، ނުވަތަ ޕާޓީ ތަމްސީލުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތަށް، ނުވަތަ އެ ފަރާތުގެ އެޑްރެހަށް އެއްވެސް ބަދަލެއް އަތުވެއްޖެ ކަމުގައިވާނަމަ، އެ ބަދަލެއް އަންނަތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެކަން ކޮމިށަނަށް ލިޔުމަކުން އަންގަންވާނެއެވެ.

(ށ) ޕާޓީގެ ނަމަށް، ނުވަތަ އެޑްރެހަށް، ނުވަތަ އަސާސީ ގަވާއިދަށް، ނުވަތަ މެނިފެސްޓޯއަށް އެއްވެސް ބަދަލެއް އައިސްގެން އެކަން ކޮމިށަނަށް އަންގާއިރު، އެކަން އެގޮތަށް ބަދަލުކުރުމަށް ކަނޑައެޅި ބައްދަލުވުމުގެ ތަފްސީލު ޔައުމިއްޔާގެ ކޮޕީއެއް ފޮނުވަންވާނެއެވެ.

(ނ) މި ގާނޫނުގެ 13 ވަނަ މާއްދާގެ (ޕ) ގައި ބުނެފައިވާ ކޮމިޓީން، ޕާޓީއަށް އަލަށް ވަންނަ މެންބަރުންނާއި، ޕާޓީން ވަކިވާ މެންބަރުންނާއި، އަދި އެއިރަކު ޕާޓީގައި ތިބި މެންބަރުންގެ ނަމާއި، އެޑްރެހާއި، އައިޑެންޓިޓީ ކާޑުގެ ނަންބަރާއި، އުމުރު އެނގޭނެ ލިސްޓެއް ކޮންމެ 6 (ހައެއް) މަހަކުން 1 (އެކެއް) ފަހަރު ކޮމިށަނަށް ފޮނުވަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) އާއި (ނ) ގައި ބުނެފައިވާ ބަދަލެއްގެ މައުލޫމާތު ކޮމިށަނަށް އެންގުމުން،
އެ އެންގުން ކޮމިށަނަށް ލިބޭތާ ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، ސިޔާސީ ޕާޓީގެ ދަފްތަރުގައި އެ ބަދަލެއް ހިމަނަންވާނެއެވެ.

(ބ) ޕާޓީއަކުން އެ ޕާޓީގެ ނަމަށް، ނުވަތަ އަސާސީ ގަވާއިދަށް، ނުވަތަ މެނިފެސްޓޯއަށް ގެންނަ ބަދަލަކީ، މި ގާނޫނުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ގެނެސްފައިވާ ބަދަލަކަށް ނުވާނަމަ، އެ ބަދަލުގެ މައުލޫމާތު ކޮމިށަނަށް ލިބޭތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެކަން، އެ ޕާޓީ ތަމްސީލުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މީހާއަށް ކޮމިށަނުން އަންގަންވާނެއެވެ. އެކަން އެ މީހަކަށް، ކޮމިށަނުން އަންގާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެކަމެއް އިސްލާހުކުރުމަކީ، އެ ޕާޓީއަކުން ކުރަންޖެހޭނެ ކަމެކެވެ.

 

26 ވަނަ މާއްދާ - ރަޖިސްޓަރީކުރުމަށް އިންކާރުކުރުމުން މައްސަލަ ށަރީއަތަށް ހުށަހެޅުން

ޕާޓީއެއް ރަޖިސްޓަރީކުރުމަށް ނުވަތަ ރަޖިސްޓަރީކޮށްދީފައިވާ ޕާޓީއަކުން ގެންނަ ބަދަލެއް ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމަނައިދިނުމަށް ކޮމިށަނުން އިންކާރުކޮށްފިނަމަ، އެ މައްސަލައެއް ހައިކޯޓަށް ހުށަހެޅުމުގެ ހައްގު އެ ޕާޓީއަކަށް ލިބިގެންވެއެވެ.

 

27 ވަނަ މާއްދާ - ޕާޓީއެއް ރަޖިސްޓަރީވުމާ ގުޅިގެން ކުރަންޖެހޭ ކަންކަން

ސިޔާސީ ޕާޓީއެއްގެ ގޮތުގައި މި ގާނޫނުގައިވާ ގޮތުގެމަތިން ޕާޓީއެއް ރަޖިސްޓަރީވުމާ ގުޅިގެން އަންނަނިވި ކަންކަން އެ ޕާޓީއަކުން ކުރަންވާނެއެވެ.

(ހ) ޕާޓީ ރަޖިސްޓަރީކުރާތާ ލަސްވެގެން 9 (ނުވައެއް) މަސް ދުވަހުގެ ތެރޭގައި ގައުމީ ބައްދަލުވުން ބޭއްވުން.

(ށ) ޕާޓީ ރަޖިސްޓަރީކުރާތާ ލަސްވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ޕާޓީގެ މަގާމުތަކަށް ދާއިމީ މެންބަރުން އިންތިހާބުކުރުން.

 

28 ވަނަ މާއްދާ - ޕާޓީގެ މެންބަރުންގެ ރަޖިސްޓަރީ

(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ރަޖިސްޓަރީ ކޮމިށަނުން ބަލަހައްޓަންވާނެއެވެ.

(ށ) ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ކޮންމެ ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީވެފައިވާ މެންބަރުންގެ އަދަދު  ކޮންމެ 6 (ހައެއް) މަހަކުން 1 (އެކެއް) ފަހަރު ކޮމިށަނުން ބަލައި ކަށަވަރުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ފަދައިން ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ރަޖިސްޓަރީ ބަލައި ކަށަވަރުކުރާއިރު، އެއްވެސް ޕާޓީއެއްގައި 3,000 (ތިންހާސް) މެންބަރުން ހަމަނުވާ ކަމަށް ކޮމިށަނަށް ފާހަގަކުރެވިއްޖެނަމަ، އެ ޕާޓީގައި 3,000 (ތިންހާސް) މެންބަރުން ހަމަ ކުރުމަށް 3 (ތިނެއް) މަސްދުވަހުގެ ނޯޓިހެއް ކޮމިށަނުން އެ ޕާޓީއަކަށް ދޭންވާނެއެވެ. (އިސްލާހު ކުރެވިފައި)

 

29 ވަނަ މާއްދާ - ޕާޓީގެ އިދާރީ އޮފީސް

(ހ) ކޮންމެ ސިޔާސީ ޕާޓީއެއްގެވެސް އިދާރީ އޮފީހެއް ހުންނަންވާނެއެވެ.

(ށ) ސިޔާސީ ޕާޓީއެއްގެ އޮފީހެއް ބޭރު ގައުމެއްގައި، އެ ގައުމެއްގެ ގާނޫނާއި ގަވާއިދާ ހިލާފުނުވާނޭ ގޮތުގެމަތިން ހުޅުވައި ހިންގުމަކަމަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

 

ފަސްވަނަ ބާބު

ސިޔާސީ ޕާޓީ އުވާލުން

 

30 ވަނަ މާއްދާ - ސިޔާސީ ޕާޓީއެއް އުވާލުން

(ހ) އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް މެދުވެރިވެއްޖެ ނަމަ، ކޮމިށަނުން ސިޔާސީ ޕާޓީ އުވާލަންވާނެއެވެ.

  1. މި ގާނޫނުގެ 27 ވަނަ މާއްދާގެ (ނ) ނުވަތަ 8 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތު ސިޔާސީ ޕާޓީއަކަށް ދިނުމަށްފަހުވެސް ޕާޓީއެއްގައި މެންބަރުން ތިބެންޖެހޭ އެންމެ މަދު އަދަދަށް ޕާޓީއަށް މެންބަރުން ހަމަވެފައި ނެތުން. (އިސްލާހު ކުރެވިފައި)
  2. ޕާޓީއެއްގެ އަސާސީ ގަވާއިދުގައި، އެ ޕާޓީއެއް އުވާލުމަށް ކަނޑައެޅިފައިވާ އުސޫލުން އެ ޕާޓީއެއް އުވާލުމަށް ނިންމުން؛
  3. މި ގާނޫނުގެ 30 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ސިޔާސީ ޕާޓީއެއް އުވާލުމަށް ހައިކޯޓުން އަމުރުކުރުން؛
  4. 5 (ފަހެއް) އަހަރަކުން 1 (އެކެއް) ފަހަރު ޕާޓީގެ ގައުމީ ބައްދަލުވުމެއް ނުބޭއްވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޕާޓީއެއް އުވާލައިފިނަމަ، އެ ޕާޓީއެއްގެ ނަން ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށް، 7 (ހަތެއް) ދުވަހުގެ ތެރޭގައި ކޮމިށަނުން އެކަން އާންމުކޮށް އިއުލާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ބުނެފައިވާ ގޮތުގެމަތިން ޕާޓީއެއް އުވާލުމަށް އެ ޕާޓީއަކުން ނިންމާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެ ޕާޓީއެއް ތަމްސީލުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މީހާ އެކަން ކޮމިށަނަށް އަންގަންވާނެއެވެ.

 

31 ވަނަ މާއްދާ - ޕާޓީއެއް އުވާލުމަށް ހައިކޯޓުން އަމުރުކުރުން

(ހ) ޕާޓީއެއް އުވާލުމަށް ހައިކޯޓުން އަމުރުކުރެވޭނީ، އަންނަނިވި ސަބަބުތަކުން ކުރެ ސަބަބަކާހުރެ، ކޮމިށަނުން ނުވަތަ އަމިއްލަ ފަރާތަކުން ހައިކޯޓަށް ހުށަހަޅާ މައްސަލައެއް ބެލުމަށްފަހު، ހައިކޯޓުން އެކަމަށް ކަނޑައަޅާ ނިޔާއެއްގެ ދަށުންނެވެ.

  1. ގާނޫނުއަސާސީގެ ބާރު ކަނޑުވާލުން.
  2. ދިވެހރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް، އުނިކަން ގެނައުން.
  3.  ސިޔާސީ ޕާޓީއެއްގެ ހަރަކާތްތައް ހިންގަނީ ދޭދޭ ޖަމާއަތްތަކާއި ފަރުދުންގެ މެދުގައި ހަރުކަށި އަމަލު ހިންގައި ދެކޮޅުވެރިކަން އުފައްދައި ފެތުރުމަށް ކަމުގައިވުން.
  4. ޕާޓީއަކުން ގާނޫނާ ހިލާފަށް ގަދަބާރުން ކަންތައް ކުރުމާއި، ޓެރަރިޒަމްގެ އަމަލުތައް ނުވަތަ މިލިޓަރީ އަމަލުތައް ނުވަތަ ޕެރަ މިލިޓަރީ އަމަލުތައް ހިންގުން ނުވަތަ އެފަދަ އަމަލު ހިންގާ ޖަމާއަތްތައް އުފެއްދުމާއި ހިންގުމާއި އެފަދަ އަމަލު ހިންގާ ޖަމާއަތްތަކާ ގުޅުން ބެހެއްޓުން.
  5. މި މާއްދާގެ 1 އިން 4 އަށް ބަޔާންކޮށްފައިވާ ކަމެއްކުރަން އުޅޭކަން ނުވަތަ ކުރަން އުޅުނުކަން ސާބިތުވުން.
  6. މި ގާނޫނާ ތަކުރާރުކޮށް ހިލާފުވުން.
  7. ޕާޓީގެ މަގްސަދު ހާސިލުކުރުމަށް ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި އެކަށީގެންވާ ގޮތަށް މަސައްކަތްކޮށްފައި ނުވުން ނުވަތަ އެ މުއްދަތުގައި އެކަށީގެންވާ ރަނގަޅު ގޮތެއްގައި ޕާޓީ ހިންގާފައި ނުވުން.
  8. ވޭތުވެދިޔަ 6 (ހައެއް) އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި ބޭއްވުނު އެއްވެސް އިންތިހާބެއްގައި ޕާޓީގެ ނަމުގައި އެއްވެސް ފަރާތަކުން ވާދަކޮށްފައި ނެތުން.

(ށ) ޕާޓީއެއް އެކަށީގެންވާ ގޮތަށް ރަނގަޅަށް ހިނގާކަމަށް ބެލެވޭނީ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމުންނެވެ.

  1. ޕާޓީގެ ގުނަވަންތައް ގަވާއިދުން ހިންގުން.
  2.  ޕާޓީގެ އެންމެހައި މަގާމުތަކުގައި މީހުން ތިބުން. އަދި އިންތިހާބުކުރަންޖެހޭ މަގާމުތަކަށް މީހުން އިންތިހާބުކޮށްފައި ތިބުން.
  3.  މި ގާނޫނުގައި ބަޔާންކޮށްފައިވާ ބައްދަލުވުންތައް ގަވާއިދުން ބޭއްވުން.
  4.  ޕާޓީގެ މަގްސަދު ހާސިލުކުރަން ކޮންމެ މަހަކުވެސް ކޮންމެވެސް ހަރަކާތެއް ހިންގުން.
  5. ޕާޓީގެ ލިޔެކިޔުންތައް ގަވާއިދުން ލިޔެ ބެލެހެއްޓުން.
  6. ޕާޓީގެ ފައިސާގެ ހިސާބުތައް ގަވާއިދުން ބެލެހެއްޓިފައިވުން.
  7. މި ގާނޫނުގެ ދަށުން ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް ހުށަހަޅަމުންދިޔުން.
  8.  އިންތިހާބުތަކުގައި ބައިވެރިވުން.

 

32 ވަނަ މާއްދާ - ޕާޓީ އުވާލުމުން ޕާޓީގެ ނަމުގައި އިންތިހާބުވެފައިވާ މެންބަރުން ވަކިވުން

(ހ) ސިޔާސީ ޕާޓީއެއް އުވުމުން ނުވަތަ އުވާލުމުން ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި މީހުން
އެ ޕާޓީގެ މެންބަރުކަމުން ވަކިވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްކަމުގައިވީނަމަވެސް، ގާނޫނުއަސާސީގެ ދަށުން ބާއްވާ އިންތިހާބަކަށް ކުރިމަތިލާފައިވާ މީހަކު، އެ އިންތިހާބަކަށް ކުރިމަތިލައި ގޮނޑިއެއް ކާމިޔާބުކޮށްފައިވަނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ކަމުގައި ވަނިކޮށް، އޭނާ ނިސްބަތްވާ ޕާޓީ އުވިއްޖެނަމަ، ނުވަތަ އުވާލައިފިނަމަ، އޭނާގެ ޕާޓީގެ ހައިސިއްޔަތު މި މާއްދާގެ (ހ) ގެ ދަށުން ގެއްލުނުކަމުގައިވީނަމަވެސް، އޭނާ އެ އިންތިހާބުވި މަގާމުގެ މުއްދަތަށް އޭނާ އެ މަގާމުގައި ދެމިހުންނާނެއެވެ.

 

33 ވަނަ މާއްދާ - ޕާޓީ އުވާލުމުން ޕާޓީގެ މުދަލާއި ދަރަންޏާމެދު އަމަލުކުރާނެ ގޮތް

(ހ) މި ގާނޫނުގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީއެއް އުވާލާ ހިނދު، ޕާޓީގެ ނަމުގައި މިލްކުކޮށްފައިވާ ބިންބިމާއި އިމާރާތް ފަދަ ތަންތަނާއި އެންމެހައި މުދާ އޮޑިޓަރ ޖެނެރަލް ކަނޑައަޅާ އާންމުކޮށްފައިވާ އުސޫލެއްގެ މަތިން، ބާޒާރުގައި ލިބެންއޮތް އެކަށޭނަ އަގަކަށް ހުޅުވާލެވިފައިވާ އުސޫލަކުން ވިއްކާލަންވާނެއެވެ.

(ށ) ޕާޓީއެއް އުވާލާ ހިނދު، އެ ޕާޓީގެ އެއްވެސް ދަރަންޏެއް އޮތްނަމަ، މި މާއްދާގެ (ހ) ގެ ދަށުން ޕާޓީގެ ނަމުގައި މިލްކުކޮށްފައިވާ ބިންބިމާއި އިމާރާތްފަދަ ތަންތަނާއި އެންމެހައި މުދާ ވިއްކުމުން ލިބޭފައިސާ ފުރަތަމަ ބޭނުންކުރަންވާނީ، އެ ދަރަންޏެއް އަދާކުރުމަށެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން އަދާކުރަންޖެހޭ ދަރަނި އަދާކުރުމަށްފަހު، އެއްވެސް ފައިސާއެއް އިތުރަށް ހުރިނަމަ، އެ ފައިސާއެއް ޖަމާކުރާނީ، ދައުލަތުގެ ކޮންސޮލިޑޭޓެޑް ރެވެނިޔު ފަންޑަށެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން އަދާކުރަންޖެހޭ ދަރަނި އަދާކުރުމަށްފަހު، އެއްވެސް މިންވަރަކަށް ފައިސާ މަދުވާނަމަ، އެ މަދުވާ އަދަދެއްގެ ފައިސާ ދެއްކުމުގެ ޒިންމާ އުފުލާނީ، ޕާޓީގެ ނިންމުންތައް ނިންމުމަށް އޮތް ގުނަވަނުން ކަނޑައަޅާ ގޮތެއްގެމަތިން، އޮޑިޓަރ ޖެނެރަލްގެ ހުއްދަ ލިބިގެންނެވެ.

 

 

 

 

ހަވަނަ ބާބު

މާލީކަންކަމާ ބެހޭ

 

34 ވަނަ މާއްދާ - ފައިސާއާއި ތަކެތި ހޯދާ ފަރާތްތައް

(ހ) ސިޔާސީ ޕާޓީ ހިންގުމަށް ބޭނުންވާ ފައިސާއާއި ތަކެތި ހޯދަންވާނީ،  އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށެވެ.

  1. މެންބަރުންގެ އަތުންނާއި ހެޔޮ އެދޭ ފަރާތްތަކުން.
  2. ސަރުކާރުންދޭ މާލީ އެހީ.
  3. ވިޔަފާރީގެ މުއާމަލާތްތަކުން.
  4. ފައިސާ ހޯދަން ހިންގާ ހަރަކާތްތަކުން.
  5. ދަރަންޏަށް ފައިސާ ނަގައިގެން.

(ށ) ފައިސާ ނުވަތަ އެހެންވެސް މާއްދީ އެހީއެއް ސިޔާސީ ޕާޓީއަކަށް ދޭ ފަރާތުގެ ނަމާއި، އެޑްރެހާއި، ދިން އެހީ ގެ ތަފްސީލު އެ ސިޔާސީ ޕާޓީއަކުން ލިޔެ ބަލަހައްޓަންވާނެއެވެ.

 

35 ވަނަ މާއްދާ - ދައުލަތުގެ ބަޖެޓުން ދޭ ފައިސާ

ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ވާންވާނީ ކޮންމެ އަހަރެއްގައި ދައުލަތުގެ ބަޖެޓުގައި އެކަމަށް ކަނޑައެޅި ދޫކުރެވޭ ފައިސާއަކަށެވެ. އަދި އެގޮތުން ދޫކުރެވޭ ފައިސާއަކީ، ދައުލަތުގެ އަހަރީ ބަޖެޓުގެ %0.1 (ސުމެއް ޕޮއިންޓް އެކެއް އިންސައްތަ) އާއި %0.2 (ސުމެއް ޕޮއިންޓް ދޭއް  އިންސައްތަ) އާ ދެމެދުގެ އަދަދަކަށް ވާންޖެހޭނެއެވެ.

 

36 ވަނަ މާއްދާ - ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ބަހާނެ ގޮތް

(ހ) މި ގާނޫނުގެ 34 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ ސިޔާސީ ޕާޓީތަކުގެ މެދުގައި ބަހާނީ ސިޔާސީ ޕާޓީގެ ދަފްތަރުގައި އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓަރީކުރެވިފައިވާ މެންބަރުންގެ އަދަދުގެ ނިސްބަތުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުން ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ ލިބޭނީ ކޮމިށަންގައި ރަޖިސްޓަރީކުރެވިފައިވާ ޕާޓީތަކުގެ ތެރެއިން 10,000 (ދިހަހާސް) މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ. (އިސްލާހު ކުރެވިފައި)

(ނ) ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ ސިޔާސީ ޕާޓީތަކުގެ މެދުގައި ބެހުމުގައި ކޮމިށަނުން އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

  1. ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓު ކޮމިށަނަށް ހުށަހަޅާފައިވުން.
  2. ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓު ކޮމިށަނަށް ހުށަހަޅާފައިވުން.
  3. ޕާޓީގެ މަގްސަދުތައް ހާސިލުކުރަން މަސައްކަތް ކޮށްފައިވާކަން އަހަރީ ރިޕޯޓުން ފެންނަން އޮތުން.

(ރ) ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ހިނގަމުންދާ އަހަރު ފާސްކުރާފަހުން، 10,000 (ދިހަހާސް) މެންބަރުން ހަމަކުރާ ޕާޓީއަކަށް، ކުރިއަށް އޮތް އަހަރުގެ ބަޖެޓު ހިނގަން ފެށުމުން، އެ އަހަރު ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ، ސިޔާސީ ޕާޓީތަކަށް ދޫކުރާއިރު، އެ ފައިސާއެއް ނުލިބޭނެއެވެ. (އިސްލާހު ކުރެވިފައި)

(ބ) ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ހިނގަމުންދާ އަހަރު ފާސްކުރާފަހުން، 10,000 (ދިހަހާސް) މެންބަރުން ހަމަކުރާ ޕާޓީއަކަށް، ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ، ލިބޭނީ ވިދިގެން އަންނަ އަހަރުގެ ބަޖެޓު ފާސްވުމަށްފަހު އެ ބަޖެޓުން ދޫކުރާ ފައިސާއިންނެވެ. (އިސްލާހު ކުރެވިފައި)

(ޅ) ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ، ދައުލަތުގެ ބަޖެޓު ނިސްބަތްވާ އަހަރުގެ ފުރަތަމަ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީތަކާ ހަވާލުކޮށް ނިންމަންވާނެއެވެ. (އިސްލާހު ކުރެވިފައި)

 

37 ވަނަ މާއްދާ - ޕާޓީތަކަށް އިމާރާތެއް ދޫކުރުން (ސުރުހީ އާއި މާއްދާ އިސްލާހު ކުރެވިފައި)

(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޕާޓީތަކުގެ ތެރެއިން 20,000 (ވިހިހާސް) މެންބަރުން ހަމަވާ ޕާޓީތަކުގެ އިދާރީ އޮފީހާއި އެ ޕާޓީގެ ހަރަކާތްތައް ހިންގުމަށް މާލޭން މަދުވެގެން 1,000 (އެއްހާސް) އަކަފޫޓުގެ އިމާރާތެއް ނުވަތަ އިމާރާތަކުން ބައެއް ހަމަހަމަ އުސޫލަކުން ސަރުކާރުން ހަމަޖައްސައިދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަމަޖައްސައިދޭ ތަނަކީ، ކުލި ދައްކާ އުސޫލުން ހަވާލުކުރެވޭ، އަދި ޕާޓީގެ މެންބަރުންގެ އަދަދު މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނިސްބަތަށްވުރެ މަދުވާ ހިނދު، އެ ޕާޓީގެ ކިބައިން ވަކިކުރެވޭ ތަނަކަށް ވާންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރެވޭ ތަނަކާ ގުޅޭގޮތުން އުފުލަންޖެހޭ އެންމެހައި މާލީ ޒިންމާތައް އުފުލާނީ އެ ތަން ދޫކުރެވޭ ސިޔާސީ ޕާޓީއަކުންނެވެ. އަދި އެ ތަނަށް އެ ސިޔާސީ ޕާޓީއަކުން ކޮށްފައިވާ އެއްވެސް ހަރަދަކާ ގުޅޭގޮތުން، މި މާއްދާގެ (ށ) ގެ ދަށުން އެ ތަނެއް ސިޔާސީ ޕާޓީއެއްގެ ކިބައިން ވަކިކުރެވޭއިރު، ސަރުކާރުން އުފުލަންޖެހޭ އެއްވެސް މާލީ ޒިންމާއެއް ނޯންނާއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން އެއްވެސް ސިޔާސީ ޕާޓީއަކާ ތަން ހަވާލުކުރަންވާނީ ސަރުކާރުގެ ކަމާބެހޭ އިދާރާއާ އެ ސިޔާސީ ޕާޓީއާ ދެމެދު ލިޔުމުން ވެވޭ އެއްބަސްވުމަކުންނެވެ. އެ އެއްބަސްވުމުގައި، އެ ތަނަށް ދައްކަންޖެހޭ ކުއްޔާއި، އެ ތަނާ ގުޅޭގޮތުން ކުރާ ހަރަދުތަކާއި، މި މާއްދާގެ (ށ) ގެ ދަށުން އެ ތަނެއް ސިޔާސީ ޕާޓީއެއްގެ ކިބައިން ވަކިކުރެވޭއިރު އަމަލުކުރަންޖެހޭ އިޖުރާއާތުތައް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

38 ވަނަ މާއްދާ - ވަކި ފަރާތްތަކުން ދޭ ފައިސާ ގަބޫލުކުރުމުގެ ކުރިން ހުއްދަ ހޯދުން

އަންނަނިވި ފަރާތްތަކުން އެހީގެ ގޮތުގައި ދޭ ފައިސާއާއި ތަކެތި، ޕާޓީއަކުން ބަލައިގަންނަންވާނީ ކޮމިށަނުގެ ހުއްދަ ލިޔުމަކުން ހޯދުމަށްފަހުގައެވެ.

(ހ) ބިދޭސީ ސަރުކާރުތަކުންނާއި، ބިދޭސީ ޖަމާއަތްތަކުންނާއި، ބިދޭސީ އިދާރާތަކުންނާއި، އެނޫންވެސް ބިދޭސީ ފަރާތްތައް.

(ށ) ބައިނަލްއަގްވާމީ ޖަމާއަތްތައް.

(ނ) ނަން ހާމަކުރުމަށް ބޭނުންނުވާ ފަރާތްތައް.

 

39 ވަނަ މާއްދާ - ފައިސާއާއި ތަކެތި ހޯދުމަށް ނުފޫޒު ނުފޯރުވުން

(ހ) ޕާޓީއަކަށް މާލީ އެހީއާއި ތަކެތި ހޯދުމަށްޓަކައި، އެ ޕާޓީން ކުރާ މަސައްކަތްތަކުގައި، އެއްވެސް މީހަކަށް ނުވަތަ ފަރާތަކަށް އެއްވެސް ބާވަތެއްގެ ބާރެއް ބޭނުންކޮށްގެން ނުވަތަ ބިރެއް ދައްކައިގެން ނުވާނެއެވެ.

(ށ) ޕާޓީއަކަށް މާލީއެހީއާއި ތަކެތި ހޯދުމަށްޓަކައި އެ ޕާޓީން ކުރާ މަސައްކަތުގައި ވަކި މީހަކަށް ހާއްސަ އިމްތިޔާޒުތަކެއް ހޯދައިދޭނެކަމުގެ ނުވަތަ ޒާތީ ފައިދާތަކެއް ހޯދައިދޭނެކަމުގެ ހުށަހެޅުމެއް ހުށަހަޅައިގެން ނުވާނެއެވެ.

 

 

ހަތްވަނަ ބާބު

ފައިސާގެ ހިސާބުތައް ބެލެހެއްޓުމުގެ ޒިންމާ

 

40 ވަނަ މާއްދާ - ފައިސާ ބަލަހައްޓާނެ ވަކި މީހަކު ކަނޑައެޅުން

ކޮންމެ ޕާޓީއަކުންވެސް، އެ ޕާޓީއެއްގެ ފައިސާގެ ކަންކަން ބަލަހައްޓާނެ ވަކި މީހަކު އައްޔަންކުރަންވާނެއެވެ. އަދި އެމީހަކު މި ގާނޫނުގެ 40 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޕާޓީއަށް ލިބޭ ފައިސާއާއި ތަކެތީގެ ހިސާބުތަކާއި ޕާޓީން ކުރާ ހަރަދުގެ ހިސާބުތައް ބަލަހައްޓަންވާނެއެވެ.

 

41 ވަނަ މާއްދާ - ފައިސާގެ ހިސާބުތައް ބެލެހެއްޓުން

(ހ) ކޮންމެ ޕާޓީއަކަށް ލިބޭ އާމްދަނީއާއި، އެ ޕާޓީއަކުން ކުރާ ހަރަދުގެ ތަފްސީލު ހިސާބުތައް، އަންނަނިވި އުސޫލުން ލިޔެ ބަލަހައްޓަންވާނެއެވެ.

  1. ދައުލަތުގެ މުދަލާއި ފައިސާގެ ހިސާބުތައް ބަލަހައްޓާ އުސޫލުން އެކަން ކުރުން.
  2. ޕާޓީގެ ނަމުގައި ބޭންކު އެކައުންޓެއް ހުޅުވައި އެ އެކައުންޓަށް ޕާޓީގެ ފައިސާ ޖަމާކޮށް، ބެލެހެއްޓުން.
  3. ޕާޓީގެ މުދަލާއި ތަކެތީގެ އިންވެންޓްރީއެއް ހަދައި ބެލެހެއްޓުން.
  4. ލިބޭ މުދަލާއި ފައިސާގެ ތަފުސީލުތައް ލިޔެ ބެލެހެއްޓުން.
  5. ހިނގާ ހުރިހާ ހަރަދެއްގެ ތަފުސީލު ލިޔެ ބެލެހެއްޓުން.
  6. އޮޑިޓަރ ޖެނެރަލް ގަބޫލުކުރާ ފަރާތެއް މެދުވެރިކޮށް އަހަރަކު 1 (އެކެއް) ފަހަރު ފައިސާގެ ހިސާބުތައް އޮޑިޓްކުރުން.
  7. އޮޑިޓް ރިޕޯޓު ގަވާއިދުން ކޮމިށަނަށް ހުށަހެޅުން.
  8. ޕާޓީއަށް އެހީ ދޭ ފަރާތްތަކުގެ މައުލޫމާތު ލިޔެ ބެލެހެއްޓުން.

(ށ) ޕާޓީއަކަށް ލިބޭ އާމްދަނީއާއި އެ ޕާޓީއަކުން ކުރާ ހަރަދުތައް ހިމެނޭ ލިޔެކިޔުމަކީ، ކޮމިށަނަށް ކޮންމެ ވަގުތެއްގައިވެސް ބެލޭނެ އެއްޗެއްސެވެ.

 

42 ވަނަ މާއްދާ - އޮޑިޓް ރިޕޯޓު ހުށަހެޅުން

ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، ޕާޓީގެ އަހަރީ ހިސާބުތައް އޮޑިޓަރ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓްކުރުމަށްފަހު، އޮޑިޓް ރިޕޯޓު ކޮމިށަނަށާއި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.

 

43 ވަނަ މާއްދާ - އާމްދަނީއާއި ހަރަދު މެންބަރުންނަށް އެންގުން

ޕާޓީއަށް ލިބޭ އާމްދަނީއާއި ޕާޓީން ކުރާ ހަރަދަކީ، ޕާޓީގެ ހުރިހާ މެންބަރުންނަށްވެސް އެނގެންވާނެ މައުލޫމާތެކެވެ.

 

44 ވަނަ މާއްދާ - ފައިސާއާއި ތަކެތި ހޯދުމުގައާއި ހިސާބު ބެލެހެއްޓުމުގައި ގަވާއިދާ ހިލާފުވުން

(ހ) އެއްވެސް ޕާޓީއަކުން މި ގާނޫނާ ހިލާފު ގޮތަކަށް ފައިސާއާއި ތަކެތި ހޯދައިފިނަމަ އެ ފައިސާއާއި ތަކެތީގެ އަގުގެ ދެގުނައަށްވުރެ ބޮޑުނޫން އަދަދަކުން އެ ޕާޓީއެއް ޖޫރިމަނާ ކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) އެއްވެސް ޕާޓީއަކުން މި ގާނޫނާ އެއްގޮތަށް ހިސާބުގެ ލިޔެކިޔުންތައް ބަލަހައްޓާފައިނުވާނަމަ، ނުވަތަ މި ގާނޫނުގެ ދަށުން ކޮމިށަނަށް ހުށަހަޅަންޖެހޭ އެއްވެސް މާލީ ރިޕޯޓެއް ހުށަހަޅާފައިނުވާނަމަ، 20,000 (ވިހި ހާސް) ރުފިޔާއާއި 50,000 (ފަންސާސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން އެ ޕާޓީއެއް ޖޫރިމަނާ ކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ އަދަދުން ޕާޓީ ޖޫރިމަނާކުރުމުގެ އިތުރަށް،
މި ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން އެ ޕާޓީއަކުން ކަނޑައަޅާފައިވާ ފަރާތް
5,000 (ފަސްހާސް) ރުފިޔާއާއި 10,000 (ދިހަހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

 

އަށްވަނަ ބާބު

ސުލޫކީ މިންގަނޑުތައް

 

45 ވަނަ މާއްދާ - ސުލޫކީ މިންގަނޑުތަކަށް ތަބާވުން

ސިޔާސީ ޕާޓީތަކުންނާއި އެ ފާޓީތަކުގެ މެންބަރުންނާއި އެ ޕާޓީތަކުގެ ފަރާތުން އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނާއި އެ ޕާޓީތަކަށް މަސައްކަތްކޮށްދޭ ފަރާތްތަކުން، އަންނަނިވި ސުލޫކީ މިންގަނޑުތަކަށް ތަބާވުމަކީ މި ގާނޫނު ލާޒިމުކުރާ ކަމެކެވެ.

(ހ) ދިވެހިރާއްޖޭގެ ވަކި ސަރަހައްދަކަށް ނިސްބަތްވާތީ، ނުވަތަ ވަކި ބަހުރުވައަކުން ވާހަކަދައްކާތީ، ނުވަތަ އިސްލާމްދީނުގެ ވަކި މަޒްހަބަކަށް ނިސްބަތްވާތީ، ނުވަތަ ވަކި ޖިންސެއްގެ މީހަކަށްވާތީ، އެކަންކަމުގެ މައްޗަށް ބިނާކޮށް އާންމު ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ފިތުނަވެރިކަން އުފައްދައި ފެތުރުމަށް އެއްވެސް ޕާޓީއަކުން މަސައްކަތްނުކުރުން.

(ށ) ދިވެހިރާއްޖޭގެ ވަކި ސަރަހައްދަކަށް ނިސްބަތްވާތީ، ނުވަތަ ވަކި ބަހުރުވައަކުން ވާހަކަދައްކާތީ، ނުވަތަ އިސްލާމްދީނުގެ ވަކި މަޒްހަބަކަށް ނިސްބަތްވާތީ، ނުވަތަ ވަކި ޖިންސެއްގެ މީހަކަށްވާތީ، އެއީ ވޯޓު ދިނުމަށް ނުވަތަ ނުދިނުމަށް އޮތް ސަބަބެއްކަމުގައި ބަޔަކަށް ހުށަނޭޅުން.

(ނ) ސިޔާސީ ޕާޓީތަކަށް ފާޑުކިޔުމުގައި، ޕާޓީތަކުގެ ވެރިންނާއި މެންބަރުންނާއި ޕާޓީތަކަށް މަސައްކަތްކުރާ މީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިޔުން.

(ރ) ސާބިތުކޮށްދެވެން ނެތް ތުހުމަތުތަކުގެ މައްޗަށް ނުވަތަ ހިނގާދިޔަ ކަމެއްގެ ހަގީގަތް އޮޅިގެންދާ ފަދަ ގޮތަކަށް އެއްވެސް ޕާޓީއަކާ ބެހޭގޮތުން ނުވަތަ ޕާޓީއެއްގެ މެންބަރަކާ ބެހޭގޮތުން ނުވަތަ ޕާޓީއަކަށް މަސައްކަތްކުރާ ފަރާތަކާ ބެހޭގޮތުން ފާޑުނުކިޔުން.

(ބ) މިސްކިތްތަކާއި ސިއްހީ ހިދުމަތްދިނުމަށް ކަނޑައެޅިފައިވާ ތަންތަނަކީ ސިޔާސީ ހަރަކާތްތައް ބާއްވާ ތަންތަން ކަމުގައި ނުހެދުން.

(ޅ) އެހެން ގާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ އާންމު ބައްދަލުވުންތަކާއި، ހަރަކާތްތައް ނުބޭއްވުން.

(ކ) ރިށްވަތުދިނުމާއި، ބިރުދެއްކުމާއި، އިންތިހާބާބެހޭ ގާނޫނުތަކާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުގައި ކުރުން މަނާކޮށްފައިވާ ކަންކަން ނުކުރުން.

(އ) އެއްވެސް ޕާޓީއެއްގެ މެންބަރުން، ނުވަތަ އެ ޕާޓީއަކަށް ތާއީދުކުރާ ބަޔަކު އެހެން ޕާޓީއަކުން ހިންގަމުންގެންދާ ބައްދަލުވުމަކަށް ހުރަސްއެޅޭ ފަދަ އަމަލެއް ނުކުރުން.

(ވ) އެއް ޕާޓީއަކުން ބަހައްޓާ ޕޯސްޓަރުތަކާއި، ނިށާންތަކާއި، ޕާޓީއެއް ރަމްޒުކޮށްދޭ އެއްޗެއް އެހެން ޕާޓީއަކުން ނައްޓައި، ހަލާކު ނުކުރުން.

(މ) އެއް ޕާޓީއަކުން ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި، އެވަގުތަކާ ދިމާކޮށް، އެހެން ޕާޓީއަކުން ބައްދަލުވުމެއް ބާއްވަން މަސައްކަތް ނުކުރުން.

(ފ) އެއްވެސް ޕާޓީއެއްގެ ނުވަތަ އިންތިހާބެއްގައި ވާދަކުރާ އެ ޕާޓީއެއްގެ ކެންޑިޑޭޓެއްގެ ނުވަތަ
އެ ޕާޓީއަކަށް ތާއިދުކުރާ މީހެއްގެ ނިށާނެއް، ނުވަތަ ޕާޓީއެއް ރަމްޒުކޮށްދޭ އެއްޗެއް، މީހެއްގެ ގެއެއްގައި ނުވަތަ އިމާރާތެއްގައި ނުވަތަ ބިމެއްގައި ހަރުކުރާނަމަ، އެ ތަނެއްގެ ވެރިފަރާތުގެ ހުއްދަ ހޯދުން.

(ދ) ޕާޓީއަކުން އެއްވެސް ތަނެއްގައި އާންމު ބައްދަލުވުމެއް ބާއްވާނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން އަމަލުކުރުން.

(ތ) ޕާޓީއެއްގެ ބައްދަލުވުމަކަށް އުނދަގޫކުރާ ނުވަތަ އެތަނެއްގައި އޮތް އިންތިޒާމް ނަގާލުމަށް މަސައްކަތްކުރާ މީހަކާ ނުވަތަ ބަޔަކާމެދު އަމިއްލައަށް ފިޔަވަޅު ނޭޅުން.

 

46 ވަނަ މާއްދާ - ސަރުކާރުގެ މުވައްޒަފުން މަގާމުގެ ނާޖާއިޒު ފައިދާ ނުހޯދުން

ޕާޓީއެއްގެ މެންބަރުންގެ ތެރެއިން ދައުލަތުގެ އިދާރާއެއްގެ މުވައްޒަފަކު، އޭނާ ވަޒީފާ އަދާކުރާ ތަނަކުން ކުރާކަމަކުން ނުވަތަ ކުރާކަމަކާ ގުޅިގެން ނުވަތަ އެ މުވައްޒަފެއްގެ ވަޒީފާ ބޭނުންކޮށްގެން އޭނާ ނިސްބަތްވާ ޕާޓީއަށް ނާޖާއިޒު ފައިދާއެއް ހޯދައިގެން ނުވަތަ ހޯދައިދީގެން ނުވާނެއެވެ.

 

47 ވަނަ މާއްދާ - އަމިއްލަ ފައިދާއަށާއި ޕާޓީގެ ފައިދާއަށް ދައުލަތުގެ ތަކެތި ބޭނުން ނުކުރުން

ޕާޓީއެއްގެ މެންބަރުންގެ ތެރެއިން ދައުލަތުގެ އިދާރާއެއްގެ މުވައްޒަފަކު، ދައުލަތުގެ އެއްވެސް އެއްޗެއް އަމިއްލަ ފައިދާއަށްޓަކައި، ނުވަތަ އެ މީހަކު ނިސްބަތްވާ ޕާޓީއެއްގެ ފައިދާއަށްޓަކައި، ބޭނުންކޮށްގެން ނުވާނެއެވެ. އަދި ދައުލަތުގެ މުވައްޒަފެއްގެ ރަސްމީގަޑީގައި، އެ މުވައްޒަފަކު އަމިއްލައަށް ނުވަތަ ދައުލަތުގެ އެހެން މުވައްޒަފަކު ލައްވައި، އެ މުވައްޒަފަކު ނިސްބަތްވާ ޕާޓީއެއްގެ ފައިދާއަށްޓަކައި، އެ ޕާޓީއެއްގެ މަސައްކަތެއް ނުވަތަ ކަމެއް ކުރުވައިގެން ނުވާނެއެވެ.

 

48 ވަނަ މާއްދާ - ދައުލަތުގެ އިމާރާތެއް ޕާޓީއަކުން ބޭނުންނުކުރުން

ދައުލަތުގެ އެއްވެސް އިމާރާތެއް ނުވަތަ މުދަލެއް ނުވަތަ ވަސީލަތެއް ހަމައެކަނި އެއް ޕާޓީއެއްގެ ބައްދަލުވުންތަކަށް ނުވަތަ ހަރަކާތްތަކަށް ބޭނުންކުރެވޭގޮތަށް ހަމަޖައްސައިގެން ނުވާނެއެވެ.

 

49 ވަނަ މާއްދާ - އަދަބު

(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަކާ ހިލާފުވެއްޖެނަމަ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން
އެ ފަރާތެއް ޖޫރިމަނާކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

  1. ޕާޓީއެއްގެ މެންބަރުކަމަށް ގަވާއިދާ ހިލާފަށް މީހެއްގެ ނަން ހުށަހަޅައިފިނަމަ އެކަން ކުރި ފަރާތެއް 5,000 (ފަސް ހާސް) ރުފިޔާއާއި 10,000 (ދިހަ ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
  2. މި މާއްދާގެ (ހ) ގެ (1) ފިޔަވައި މި ގާނޫނުގެ އެހެން މާއްދާއަކާ ހިލާފުވާ ފަރާތެއް 30,000 (ތިރީސް ހާސް) ރުފިޔާއާއި 75,000 (ހަތްދިހަފަސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.

(ށ) ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ އެ ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން ދޭ އެހީން އެ ޖޫރިމަނާ ފައިސާ އުނިކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

 

ނުވަވަނަ ބާބު

އެހެނިހެން ކަންކަން

 

50 ވަނަ މާއްދާ - ލިޔެކިޔުން ފޮނުވުން

(ހ) މި ގާނޫނުގެ ދަށުން ޕާޓީ ތަމްސީލުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތަށް ކޮމިށަނުން ފޮނުވަންޖެހޭ ލިޔުންތަކާއި އެންގުންތައް، މި ގާނޫނުގެ ދަށުން އިދާރީ އޮފީސްކަމަށް ކޮމިށަނަށް ދީފައިވާ އެޑްރެހަށް ފޮނުވުމުން، މި ގާނޫނުގެ މަގްސަދަށްޓަކައި އެ ފަރާތަށް ފޮނުވުނީކަމަށް ބެލެވޭނެއެވެ.

(ށ) މި ގާނޫނުގައި ބުނެފައިވާ ކަންކަން ކުރުމަށާއި ތަކެތި ހުށަހެޅުމަށް ދީފައިވާ މުއްދަތުތައް ގުނުމުގައި ސަރުކާރު ބަންދު ދުވަސްތަކެއް ނުހިމެނޭނެއެވެ.

 

51 ވަނަ މާއްދާ - ގަވާއިދު ހެދުން

(ހ) މި ގާނޫނު ތަންފީޒުކޮށް މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ހިންގާނީ ކޮމިށަނުންނެވެ.

(ށ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި ކޮމިށަނުން ހަދައި، އާންމުކުރަންވާނެއެވެ.

 

52 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

53 ވަނަ މާއްދާ - ޖަދުވަލަކީ ގާނޫނުގެ ބައެއް ކަމަށް ކަނޑައެޅުން

މި ގާނޫނުގެ ޖަދުވަލަކީ މި ގާނޫނުގެ މުހިންމު ބައެކެވެ. މި ގާނޫނު ފުރިހަމަވާނީ، އެ ޖަދުވަލާ އެކީގައެވެ.

 

54 ވަނަ މާއްދާ - މާނަ

(ހ) މި ގާނޫނުގައި އެ ލަފްޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައި އޮތްގޮތުން ކަނޑައެޅިގެން އެހެންގޮތަކަށް ދޭހަނުވާހާ ހިނދަކު:

  1. "ކޮމިށަން" ކަމަށް ބުނެފައިއެވަނީ، ގާނޫނުއަސާސީގެ 167 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިލެކްށަންސް ކޮމިށަނަށެވެ.
  2. "މެނިފެސްޓޯ" ކަމަށް ބުނެފައިއެވަނީ، ޕާޓީގެ އުސޫލުތަކާއި، ސިޔާސަތުތަކާއި، ޕާޓީގެ ފަރާތުން ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކާއި ކުރުމަށް ގަސްދުކުރާ ކަންތައްތަކަށެވެ.
  3. "ޕާޓީ ތަމްސީލުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތް" ކަމަށް ބުނެފައިއެވަނީ، ޕާޓީގެ ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ މަސްއޫލިއްޔަތު އުފުލުމަށާއި، ޕާޓީ ތަމްސީލުކުރުމަށްޓަކައި ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެމަތިން އައްޔަންކޮށްފައިވާ ނުވަތަ އިންތިހާބުކޮށްފައިވާ މީހާއަށެވެ.
  4. "ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބައްދަލުވުމަށެވެ.
  5. "އާންމު ބައްދަލުވުން" ކަމަށް ބުނެފައިއެވަނީ، އާންމުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމަށެވެ.
  6. ''ގައުމީ ބައްދަލުވުން" ކަމަށް ބުނެފައި އެވަނީ ޕާޓީގެ ހުރިހާ މެންބަރުން ތަމްސީލުކުރެވޭ ގޮތަށް ބާއްވާ ބައްދަލުވުމަށެވެ.

(ށ) މި ގާނޫނުގައި އެކަހެރި ނަން ބޭނުންކޮށްފައިވާ ތަންތާނގައި ގިނަ ނަމުގެ ގޮތުގައި އަދި ގިނަ ނަން ބޭނުންކޮށްފައިވާ ތަންތާނގައި އެކަހެރި ނަން ދޭހަވާގޮތަށް މާނަކުރެވިދާނެއެވެ.

 

 

----------------

 

ޖަދުވަލު

ސިޔާސީ ޕާޓީ ރަޖިސްޓަރީކުރުމަށް އެދޭ ފޯމު

(މި ފޯމް ގެ ޕީޑީއެފް އެޓޭޗްކުރެވިފައިވާނެ. ވޯޑް ފޮމޭޓް ފަހުން އަޕްލޯޑް ކުރެވޭނެ) 

 

މައި ގާނޫނު

ސިޔާސީ ޕާޓީގެ ގާނޫނު (ގާނޫނު ނަންބަރު 2013-04)

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

ސިޔާސީ ޕާޓީގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-110)

ކިޔުންތެރިންގެ ހިޔާލު