-

ޕްރޮސިކިއުޓަރ ޖެނެރަލްގެ ގާނޫނު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2008-09)

(1ވަނަ، 2ވަނަ، 3ވަނަ އިސްލާހު މާއްދާ ކޮންސޮލިޑޭޓް ކުރެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނުއަސާސީގައިވާ ގޮތުގެމަތިން އައްޔަންކުރާ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ބަޔާންކުރުމަށާއި، އެކަންކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "ޕްރޮސިކިއުޓަރ ޖެނެރަލްގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގާއިމްކުރުން

(ހ) މި ގާނޫނުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށްޓަކައި، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހްގައި "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ގެ ނަމުގައި އޮފީހެއް ގާއިމްކުރަންވާނެއެވެ.

(ށ) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަކީ، އަމިއްލަ ނަމުގައި ދައްވާކުރުމާއި، ދައްވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ށަހްސެކެވެ.

 

3 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލް އައްޔަންކުރުމަށް ނަން ހުށަހެޅުން

(ހ) ޕްރޮސިކިއުޓަރ ޖެނެރަލްކަމަށް މީހަކު އައްޔަންކުރާނީ، މިމާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) ޕްރޮސިކިއުޓަރ ޖެނެރަލް އައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު، އެއް ނަން ނުވަތަ އެއަށްވުރެ ގިނަ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަން ނުވަތަ ނަންތަކަކީ އާންމުކޮށް އިއްލާންކޮށްގެން އެކަމަށް އިޖާބަދޭ މީހުންގެ ތެރެއިން ހޮވާލެވޭ ނަމެއް ނުވަތަ ނަންތަކެއް ކަމުގައި ވާންވާނެއެވެ. އަދި މިގޮތުން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތައް ފޮނުވާއިރު، އާންމުކޮށް އިއްލާންކޮށްގެން އެކަމަށް އިޖާބަދިން އެހެން މީހުންގެ ނަންތައްވެސް ރައްޔިތުންގެ މަޖިލީހުގެ މައްލޫމާތައްޓަކައި އެ މަޖިލީހަށް ފޮނުވަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަން ނުވަތަ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ މީހަކު، ޕްރޮސިކިއުޓަރ ޖެނެރަލްކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.

 

4 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލްގައި ހުރުން ލާޒިމުވާ ސިފަތައް

ޕްރޮސިކިއުޓަރ ޖެނެރަލް، ޕްރޮސިކިއުޓަރ ޖެނެރަލްކަމުގެ މަގާމުގައި ދެމިހުންނައިރު ތިރީގައިމިވާ ސިފަތައް އޭނާގެ ކިބައިގާ ފުރިހަމަވާންވާނެއެވެ.

(ހ) މުސްލިމަކު ކަމުގައިވުން؛

(ށ) ދިވެހި ރައްޔިތަކު ކަމުގައިވުން؛

(ނ) އުމުރުން 25 އަހަރު ވެފައިވުން؛

(ރ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިށްވަތުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛

(ބ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން؛

(ޅ) ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން؛

(ކ) ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެވޭ ވަރުގެ ތައްލީމާ ގާބިލުކަންހުރި މީހަކު ކަމުގައިވުން. މިގޮތުން، ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ލިބިފައިވުމާއި، ށަރުއީ ނުވަތަ ގާނޫނީ ދާއިރާގައި ދިވެހިރާއްޖޭގައި މަސައްކަތް ކުރާތާ މަދުވެގެން 4 (ހަތަރެއް) އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން؛

(އ) ޕްރޮސިކިއުޓަރ ޖެނެރަލްކަމުގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާ ކުރާ މީހަކު ކަމުގައި ނުވުން؛

(ވ) ށަރުއީ ނުވަތަ ގާނޫނީ ދާއިރާއާ ގުޅުންހުރި މަސައްކަތެއްކުރާ ކުންފުންޏެއް ނުވަތަ ޕާޓްނަރށިޕެއް ނުވަތަ މިނޫންވެސް މިފަދަ ތަނެއްގައި ހިއްސާއެއް ނުވަތަ މަގާމެއް އޮތް މީހަކު ކަމުގައި ނުވުން؛

(މ) ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން؛

 

5 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމުގެ މުއްދަތު

(ހ) މި ގާނޫނުގެ ދަށުން އައްޔަންކުރާ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމުގެ މުއްދަތަކީ އޭނާ އައްޔަންކުރެވޭ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރު ދުވަހުގެ 1 (އެކެއް) ދައުރެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، މި ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ މީހަކު ފިޔަވައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަންކޮށްފައިވާ މީހެއްގެ މަގާމުގެ މުއްދަތު، އިތުރު 5 (ފަހެއް) އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް، އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެވިދާނެއެވެ.

 

6 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމު ހުސްވުން

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމު އެއްވެސް ހާލަތެއްގައި ހުސްވެއްޖެނަމަ، މަގާމު ހުސްވާތާ އެންމެ ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި ގާނޫނުގެ 3 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، އެ މަގާމަށް މީހަކު އައްޔަންކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް

(ހ)ޕްރެސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އެހީތެރިވެދިނުމަށްޓަކައި ޑެޕިއުޓީ ޕްރެސިކިއުޓަރ ޖެނެރަލްގެ މަގާމަށް މީހަކު ނުވަތަ ބަޔަކު އައްޔަންކުރަންވާނެއެވެ (އިސްލާހު ކުރެވިފައި)

(ށ) ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް މީހުން އައްޔަންކޮށް ވަކި ކުރާނީ ޕްރޮސިކިއުޓަރ ޖެނެރަލްއެވެ (އިސްލާހު ކުރެވިފައި)

(ނ) ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްއަށް އައްޔަންކުރާ މީހެއްގައި މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް ފުރިހަމަވާންވާނެއެވެ.

(ރ) ޑެޕިއުޓީ ޕްރެސިކިއުޓަރ ޖެނެރަލްގެ މަގާމަށް އެކަކަށްވުރެ ގިން މީހުން އައްޔަންކުރާނަމަ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް މަސްއޫލުވާ އެންމެހައި ކަންކަން ކުރުމާއި، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިފައިވާ ބާރު، ވަގުތީ ގޮތުން ހަވާލުކުރާނެ މީހަކު، ޑެޕިއުޓީ ޕްރެސިކިއުޓަރ ޖެނެރަލްގެ މަގާމުގައި ތިބި މީހުންގެ ތެރެއިން ކަނޑައެޅިފައި ހުންނަންވާނެއެވެ (އިސްލާހު ކުރެވިފައި)

  1. ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމު ހުސްވުން؛ ނުވަތަ
  2. އެއްވެސް ސަބަބަކާހުރެ ޕްރޮސިކިއުޓަރ ޖެނެރަލް އޭނާގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދުން.

(ބ) މި މާއްދާގެ (ރ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލް އުފުލަންޖެހޭ އެންމެހައި ޒިންމާތައް ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އުފުލަންވާނެއެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލް ޖަވާބުދާރީވާންޖެހޭ ފަރާތްތަކަށް ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް ޖަވާބުދާރީވާންވާނެއެވެ.

(ޅ) ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމު އެއްވެސް ހާލަތެއްގައި ހުސްވެއްޖެނަމަ، މަގާމު ހުސްވާތާ އެންމެ ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި މާއްދާ ގައިވާ ގޮތުގެމަތިން، ޕްރޮސިކިއުޓަރ ޖެނެރަލް، އެ މަގާމަށް މީހަކު އައްޔަންކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލް މަގާމާ ހަވާލުވުން

ޕްރޮސިކިއުޓަރ ޖެނެރަލަށް، އޭނާގެ މަގާމާ ހަވާލުވެވޭނީ ފަނޑިޔާރެއްގެ ކުރިމަތީގައި އަންނަނިވި ހުވައިކޮށް، ހުވައިގެ އިގްރާރުގައި ސޮއިކުރުމުންނެވެ.

"އަހުރެން ....... (މީހާގެ ނަން) ...... އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ރައްކާތެރިވުމަށާއި، ދިވެހި ގައުމަށް އިހްލާސްތެރިވުމަށާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެމަތިން، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވައިކުރަމެވެ."

 

9 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލް މަގާމުން ވަކިކުރުން

ޕްރޮސިކިއުޓަރ ޖެނެރަލް، އޭނާގެ މަގާމުން ވަކިކުރެވޭނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އެވާފަދަ ހާލަތެއްގައި، މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިންނެވެ.

(ހ) ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމާ އެކަށީގެންނުވާ ފަދަ ކަމެއް ކުރިކަމަށް، ނުވަތަ އެ މަގާމު އަދާކުރުމަށް އުޒުރުވެރިވާފަދަ ހާލަތެއް މެދުވެރިވެއްޖެކަމަށް، ނުވަތަ އެ މަގާމު އަދާކުރުމުގެ ގާބިލްކަން ނެތްކަމަށް ފެނިއްޖެ ހިނދެއްގައި؛

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފެނިގެން، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގްލަބިއްޔަތުން ފާސްކުރުމުން، ޕްރޮސިކިއުޓަރ ޖެނެރަލް އޭނާގެ މަގާމުން ވަކިވީއެވެ.

 

10 ވަނަ މާއްދާ - މަގާމުން އިސްތިއުފާދިނުން

(ހ) ޕްރޮސިކިއުޓަރ ޖެނެރަލް، އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެ ހިނދެއްގައި، ސިޓީއަކުން އެކަން ބަޔާންކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، ޕްރޮސިކިއުޓަރ ޖެނެރަލް، އޭނާގެ މަގާމުން ވަކިވީއެވެ.

(ށ) ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެ ހިނދެއްގައި ސިޓީއަކުން އެކަން ބަޔާންކޮށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހަޅައި، އެ ސިޓީ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބުމުން ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އޭނާގެ މަގާމުން ވަކިވީއެވެ.

 

11 ވަނަ މާއްދާ - މުސާރައާއި އިނާޔަތްތައް

(ހ) ޕްރޮސިކިއުޓަރ ޖެނެރަލްއަށް ދެވޭ މުސާރައާއި އެހެނިހެން އިނާޔަތްތައް ކަނޑައަޅާނީ، ރައްޔިތުންގެ މަޖިލީހުންނެވެ.

(ށ) ޕްރޮސިކިއުޓަރ ޖެނެރަލްއަށް ދެވޭ މުސާރައާއި އިނާޔަތްތައް، އޭނާގެ މަގާމުގެ މުއްދަތުގައި އުންޏެއް ނުކުރެވޭނެއެވެ.

(ނ) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަށް ދެވޭ މުސާރައާއި އިނާޔަތްތައް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މަށްވަރާއާއެކު ކަނޑައަޅާނީ ޕްރޮސިކިއުޓަރ ޖެނެރަލެވެ.

 

11-1 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލް މިނިވަންކަމާއެކު މަސްއޫލިއްޔަތު އަދާކުރުން (އިތުރު ކުރެވިފައި)

(ހ) ޕްރޮސިކިއުޓަރ ޖެނެރަލްއާ ގާނޫނުއަސާސީންނާއި ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އޭނާ އަދާކުރަންވާނީ، ތައައްސުބުން އެއްކިބާވެހުރެ، މިނިވަންކަމާއެކުގައެވެ.

(ށ) ޕްރޮސިކިއުޓަރ ޖެނެރަލަކީ، އޭނާގެ މަގާމުގެ ވާޖިބުތައް އަދާކުރުމުގައާއި އޭނާގެ ބާރުތައް ބޭނުންކުރުމުގައި، އެއްވެސް ފަރާތެއްގެ ނުފޫޒެއްގެ ދަށުގައިވާ މީހެއް ކަމުގައި ވެގެންނުވާނެއެވެ.

(ނ) ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރަންވާނީ، އަދި ބާރުތައް ބޭނުންކުރަންވާނީ، އެއްވެސް ފަރާތަކަށް ޖެހިލުންވުމެއް ނެތި، ވަކި ފަރާތަކަށް މަންފާއެއް ހޯދައިދިނުމެއް ނެތި، ބަންޑާރަނައިބު ކަނޑައަޅާ މައިގަނޑު ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

12 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލްގެ ސުލޫކީ މިންގަނޑުތައް

(ހ) ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައާއި ބާރުތައް ބޭނުންކުރުމުގައާއި، އޭނާގެ މަގާމުގެ މުއްދަތުގައި، ޕްރޮސިކިއުޓަރ ޖެނެރަލް އަންނަނިވި ގޮތަށް އަމަލުކުރަންވާނެއެވެ.

  1. ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެމަތިން ކަންކަންކުރުން؛
  2. ގާނޫނުގެ ވެރިކަން ކުރިއަރުވައި، ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކުރުން؛
  3. ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައާއި ބާރުތައް ބޭނުންކުރުމުގައި ގައުމީ މަސްއޫލިއްޔަތާއި ރައްޔިތުންގެ ލާބައާއި މަންފާ އަބަދުމެ ކުރިއަށްނެރެ އިސްކަންދިނުން؛
  4. އެއްވެސް ރައްޔިތެއްގެ ނަސްލަށް، ނުވަތަ އުފަންވީ ގައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެ މީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރި ކަމަށް، ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަންރަށަށް، ނުވަތަ ވާހަކަ ދައްކާ ބަހަށާއި އިޖްތިމާއީ ދަރަޖަ ނުވަތަ މަގާމަށް ބަލައި ތަފާތުނުކުރުން؛
  5. ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައާއި ބާރުތައް ބޭނުންކުރުމުގައި އެއްވެސް މީހަކު ނުވަތަ އެއްވެސް ފަރާތަކުން އަންގާ ގޮތަށް ކަންކަންކުރާ، އަދި އެއްވެސް މީހެއްގެ ނުވަތަ އެއްވެސް ފަރާތެއްގެ ނުފޫޒެއްގެ ދަށުގައިވާ މީހަކަށް ވެގެންނުވުން؛
  6. އެއްވެސް ފަރާތަކަށް ޖެހިލުންވުމެއްނެތި، ވަކިފަރާތަކަށް މަންފާއެއް ހޯދައިދިނުމެއްނެތި، ތައައްސުބުން އެއްކިބާވެހުރެ، ބަންޑާރަނައިބު ލިޔުމުން ކަނޑައަޅައި އާންމުކޮށް ށާއިއުކޮށްފައިވާ މައިގަނޑު ސިޔާސަތުތަކާއި، އެއްގޮތަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތްތައް ކުރުމާއި، ކަންކަން ނިންމުން؛
  7. ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތުގެ އަސާސް ހަމަހަމަކަމާއި، ހާމަކަމާއި، ޖަވާބުދާރީވުމުގެ މައްޗަށް ބިނާކުރުން؛
  8. އޭނާ ކުރާކަމަކުން، ނުވަތަ ބައިވެރިވުމަކުން، ނުވަތަ ދައްކާ ވާހަކައަކުން، ނުވަތަ ފާޅުކުރާ ހިޔާލަކުން، ނުވަތަ އެނޫންވެސް އެހެން ގޮތަކުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ މިނިވަންކަމާއި، މުސްތަގިއްލުކަމާއި، އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ އެއްވެސް ކަމެއް ނުކުރުން؛
  9. މަގާމުގެ ހައިޘިއްޔަތުން އޭނާއަށް ލިބިފައިވާ މައުލޫމާތެއްގެ ނުވަތަ އޭނާ އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނާޖާއިޒް މަންފާއެއް ހާސިލްކުރުމަށް ނުވަތަ އެހެން މީހަކަށް އެފަދަ މަންފާއެއް ހޯދައިދިނުމަށް ބޭނުންނުކުރުން؛
  10. މަގާމުގެ ހައިޘިއްޔަތުން އޭނާއަށް ލިބިފައިވާ މައުލޫމާތެއް އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ފިޔަވައި، ތިންވަނަ ފަރާތަކަށް އެމައުލޫމާތެއް ހާމަނުކުރުން؛
  11. ޕްރޮސިކިއުޓަރ ޖެނެރަލްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ބުރޫއަރާފާނެފަދަ ނުވަތަ މަސްލަހަތު ފުށުއަރާފަދަ އެއްވެސް ކަމެއް ނުކުރުން (އިސްލާހު ކުރެވިފައި) 
  12. ޕްރޮސިކިއުޓަރ ޖެނެރަލް، ހުރިހާ ވަގުތެއްގައިވެސް، ހުރިހާ އަމަލެއްގައިވެސް މުޖުތަމައު ގަބޫލުކުރާ ފެންވަރުގައި، އޭނާގެ އަހްލާގާއި އަބުރުގެ ރައްކާތެރިކަން ދެމެހެއްޓުން؛
  13. ޕްރޮސިކިއުޓަރ ޖެނެރަލަށް ގާނޫނުން ލިބިދޭ ބާރާއި އިހްތިޔާރު ނުރަނގަޅު ނިޔަތެއްގައި ވަކިފަރާތަކަށް ގެއްލުމެއް ދިނުމުގެ ބޭނުމުގައި ބޭނުންނުކުރުން ނުވަތަ ގާނޫނާ ހިލާފު އަމަލެއް ކުރުމަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް މަގާމުގެ ބޭނުން ނުކުރުން (އިތުރު ކުރެވިފައި)  
  14. ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމުގެ ގަދަރަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް، އެއްވެސް ވަގުތެއްގައި ނުކުރުން؛ (އިތުރު ކުރެވިފައި)
  15. ކަނޑައެޅިގެން ވަކި މީހަކަށް ގެއްލުން ދިނުމުގެ ނިޔަތުގައި ނުވަތަ އޭނާގެ އަބުރު ނަގާލުމުގެ ނިޔަތުގައި ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް މަގާމުގެ ބޭނުންކޮށްގެން ކަމެއް ނުކުރުން؛ (އިތުރު ކުރެވިފައި)
  16. އާންމު އުސޫލަކުން ކޮންމެ މީހަކަށްވެސް ލިބެންއޮތް ހަދިޔާއެއް ނުވަތަ އެހީއެއް ނުވަތަ މަންފާއެއް ނުވަތަ މެހެމާންދާރީއެއް ފިޔަވައި އެނޫން ހަދިޔާއެއް، ނުވަތަ އެހީއެއް، ނުވަތަ މަންފާއެއް ނުވަތަ މެހެމާންދާރީއެއް އެއްވެސް ފަރާތަކުން ނުހޯދުން. (އިތުރު ކުރެވިފައި)

(ށ) ޕްރޮސިކިއުޓަރ ޖެނެރަލް އޭނާގެ މަގާމުގެ ވާޖިބު އަދާކުރުމުގައި، މި ގާނޫނުގައި ބަޔާންވެގެންވާ ސުލޫކީ ހަމަތަކުގެ އެންމެމަތީ މިންގަނޑުގައި ހިފަހައްޓައި، އެހެން މީހުންނަށްވެސް އެ ހަމަތަކަށް ތަބާވާކަން އެނގޭ މިންވަރަށް، ހުރިހާ ހާލަތެއްގައިވެސް އެ ހަމަތަކަށް ތަބާވާންވާނެއެވެ (އިސްލާހު ކުރެވިފައި)

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ސުލޫކީ ހަމަތަކަށް ޕްރޮސިކިއުޓަރ ޖެނެރަލް ތަބާވުން އެ އަކުރުގެ ދަށުން ލާޒިމުކުރާ ފަދައިން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންވެސް އެ ސުލޫކީ ހަމަތަކަށް ތަބާވާކަން، ޕްރޮސިކިއުޓަރ ޖެނެރަލް ކަށަވަރުކުރަންވާނެއެވެ (އިތުރު ކުރެވިފައި)

(ރ) ޕްރޮސިކިއުޓަރ ޖެނެރަލް ފަރުދީ ހައިސިއްޔަތުންނާއި މަގާމުގެ ހައިސިއްޔަތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މިނިވަންކަމާއި، އަބުރުވެރިކަމާއި، ހަމަހަމަކަމާއި އަހްލާގީ އަދި ސުލޫކީ މިންގަނޑުތައް ހިފަހައްޓަންވާނެއެވެ (އިތުރު ކުރެވިފައި)

 

12-1 ވަނަ މާއްދާ - ޒިންމާ އަދާކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތައް (އިތުރު ކުރެވިފައި)

(ހ) ޕްރޮސިކިއުޓަރ ޖެނެރަލް އޭނާގެ މަގާމުގެ ޒިންމާތަކާއި ވާޖިބުތައް އަދާކުރުމުގައި އަންނަނިވި ހަމަތައް ހިފަހައްޓަންވާނެއެވެ.

  1. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި އެންމެހައި ގާނޫނުތަކަށް ތަބާވެ، އެ ގާނޫނުތަކަށް އިހްތިރާމްކުރުމާއި، އެ ގާނޫނުތަކުގެ ދަށުން ހުއްދަ އަމުރެއް ކުރާ ފަރާތެއްގެ އަމުރަށް ރަސްމީ ވާޖިބު އަދާކުރުމުގައި ތަބާވަމުންދިއުން؛
  2. ގާނޫނުގެ ވެރިކަން ނަގަހައްޓައި، ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކުރުން؛
  3. ޒާތީ އެއްވެސް ތައައްސުބަކާ ނުލައި، އަދި ހަމައެކަނި ކުރިމަތީގައިވާ ހެކީގެ މައްޗަށް ނިންމުންތައް ނިންމުމާއި، އެކަން ކުރުމުގައި ތިމާގެ މަސައްކަތަށާއި ތިމާގެ ވާޖިބަށް އިހްލާސްތެރިވުމާއި އިންސާފުވެރިވުމާއި، ފަރުވާތެރިވުން؛
  4. ރަސްމީ މަސައްކަތުގެ ދާއިރާގެ ތެރޭގައި އެހެން މީހުންނާ މުއާމަލާތް ކުރުމުގައާއި، ކުށުގެ ތުހުމަތުކުރެވޭ ފަރާތްތަކާ މުއާމަލާތް ކުރުމުގައި، އިހްތިރާމާއެކު މުއާމަލާތްކުރުން؛
  5. ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިދޭ ބާރާއި އިހްތިޔާރު، ނުރަނގަޅު ނިޔަތެއްގައި ވަކިފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް ނުވަތަ ގެއްލުމެއް ދިނުމުގެ ބޭނުމުގައި ބޭނުންނުކުރުމާއި، ގާނޫނުގެ ދާއިރާގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިދޭ އިހްތިޔާރު ސައްހަގޮތުގައި ބޭނުންކުރުމާއި، އެ އިހްތިޔާރު ބޭނުންކުރުމުގައި އެހެން މީހުންގެ ހައްގުތަކަށާއި ވާޖިބުތަކަށާއި މަސްލަހަތުތަކަށް އިހްތިރާމްކުރުން؛
  6. މި ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ 16 ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި، އެއްވެސް ފަރާތެއްގެ އެހީއާއި އިނާޔަތާއި މެހެމާންދާރީއާއި ހަދިޔާ، ސީދާގޮތުގައި ނުވަތަ ނުސީދާގޮތުގައި ނަމަވެސް ނުހޯދުން؛
  7. ތިމާއަށް ވަކި މީހަކު ނުވަތަ ވަކި ފަރާތަކުން ކޮށްދީފައިވާ ކަމެއްގެ މުގާބިލުގައި، އެހެން ކަމެއް ތިމާ ކޮށްދޭންޖެހުން ލާޒިމުވާ ހާލަތަށް ތިމާ ނުގެންދިއުން؛
  8. މަގާމުގައި ދެމިހުންނައިރު އަދި މަގާމުން ވަކިވުމަށްފަހުގައިވެސް، ތިމާގެ މަގާމު އަދާކުރުމުގައި ތިމާއަށް ލިބިފައިވާ މައުލޫމާތުތަކާއި، މައްސަލަތަކާ ގުޅިގެން ލިބިފައިވާ، ސިއްރު ހިފަހައްޓަންޖެހޭ މައުލޫމާތުތައް ސިއްރުގެ ގޮތުގައި ހިފެހެއްޓުން؛
  9. ގާނޫނުގައިވާ ގޮތުގެމަތިން، ސައްހަގޮތުގައި އެހެން ފަރާތަކަށް ހާމަކުރަންޖެހޭ މައުލޫމާތު ހާމަކުރުމާއި، އެ މައުލޫމާތު އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި، ރަސްމީ ވާޖިބު އަދާކުރުމުގައި ސައްހަ މައުލޫމާތު ފޯރުކޮށްދިނުމާއި، ނުރަނގަޅު ނުވަތަ ދޮގު މައުލޫމާތާއި ހަގީގަތް އޮޅޭގޮތަށް މައުލޫމާތު ހާމަނުކުރުން؛
  10. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތަށް މީހުން އިހްތިޔާރުކުރުމުގައާއި މީހުން އައްޔަންކުރުމުގައި އެންމެ އަސާސީ ރުކުނަކީ މަސައްކަތަށް އެކަށޭނަ ގާބިލުކަމާއި ތައުލީމީ ފެންވަރު ހުރުން ކަމުގައި ބެލުމާއި، ވަޒީފާ ދިނުމާއި ވަޒީފާގެ ކުރިއެރުން ދިނުމާއި މުވައްޒަފުންނާގުޅޭ އެހެނިހެން ކަންކަމުގައި ބަލަންޖެހޭ މައިގަނޑު މިންގަނޑަކީ ތައުލީމީގޮތުންނާއި އަހްލާގީގޮތުންނާއި މަސައްކަތުގެގޮތުން އެކަށޭނަ ބަޔަކަށްވުން ކަމުގައި ބެލުން؛
  11. ސިޔާސީ ބަހުސްތަކުގައި ބައިވެރިނުވުމާއި، ސިޔާސީ މަގްސަދެއް ހާސިލްކުރުމަށް ވަޒީފާ ބޭނުންނުކުރުމާއި، ސިޔާސީ ހަރަކާތްތަކަށް ތާއީދުކުރަނީކަން ނުވަތަ ދެކޮޅުހަދަނީކަން ދޭހަވާފަދަ ކަމެއް ނުކުރުމާއި، ސިޔާސީ ނުފޫޒަށް ތިމާ ލެނބޭކަން ދޭހަވާ ފަދަ އެއްވެސް ކަމެއް ނުކުރުން؛
  12. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ކޮރަޕްށަންގެ އަމަލުތަކަށް ހުށަހެޅިދާނެ ހާލަތްތައް އަބަދުމެ ވަޒަންކުރަމުން ދިއުމާއި، ކޮރަޕްށަނަށް މަގުފަހިނުވާނެ ގޮތުގެމަތިން އެފަރާތްތަކުގެ އަމަލުތައް ހުންނާނެގޮތަށް، އެ މީހުންގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި މަސައްކަތުގެ އަހްލާގާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިދާރީ އުސޫލުތައް ބައްޓަންކުރަމުންދިއުން؛
  13. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ކޮރަޕްށަންގެ އަމަލުތަކުން ދުރުކުރުމަށްޓަކައި ހިންގަންޖެހޭ އުސޫލުތައް ހިންގުމާއި، އެ މީހުންނަށް ތައުލީމާއި ތަމްރީނުދިނުމާއި، ނުހައްގު މުއްސަނދިކަމުން ސަލާމަތްވެ ތިބޭކަން ކަށަވަރުކުރުމުގެ ގޮތުން އެ މީހުންގެ މާލީ ހާލަތަށް ސަމާލުވެ ތިބުމާއި، ކޮރަޕްށަނުން ރައްކާތެރިވެގެންވާ ނަމޫނާއެއް މުވައްޒަފުންނަށް ދެއްކުން.

(ށ) ޕްރޮސިކިއުޓަރ ޖެނެރަލަށް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފަކަށް ކަމުގައިވީނަމަވެސް، ސުލޫކީ ހަމަތަކާ ހިލާފަށް ވަކިކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް އަންގާނަމަ ނުވަތަ ބާރުއަޅާނަމަ ނުވަތަ މަޖުބޫރުކުރުވާނަމަ، ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުގެ މަސައްކަތް ނަޒާހަތްތެރިކަމާއެކު ކުރިއަށްގެންދިއުމަށް ހުރަސްއެޅޭފަދަ ނުރަނގަޅު ނުފޫޒެއް ފޯރުވާނަމަ، ލަސްނުކޮށް އެންޓި-ކޮރަޕްށަން ކޮމިށަނަށާއި، ރައްޔިތުންގެ މަޖިލީހަށް އެކަން ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޒިންމާތަކަކީ، ޕްރޮސިކިއުޓަރ ޖެނެރަލާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެވެސް ވަޒީފާގެ މައިގަނޑު އެއް އަސާސް ކަމުގައި ބެލެވޭނެއެވެ. އެއީ ވަޒީފާގެ އެއްބަސްވުމެއްގައި އެއިން ކަމެއް ހިމެނިފައިނުވި ނަމަވެސްމެއެވެ. އަދި، އެއިން ކަމަކާ ހިލާފުވުމަކީ، އެ މީހަކާމެދު ތައުދީބީ ފިޔަވަޅު އެޅުމުގެ ހާލަތެއް އުފަންވުން ކަމުގައި ބެލެވޭނެއެވެ.

 
12-2 ވަނަ މާއްދާ - އިތުރު ވަޒީފާ އަދާނުކުރުމާއި މަސްލަހަތު ފުށުއަރާ ވިޔަފާރި ނުކުރުން (އިތުރު ކުރެވިފައި)

(ހ) ޕްރޮސިކިއުޓަރ ޖެނެރަލް، އާމްދަނީއެއް ލިބޭ އިތުރު ވަޒީފާއެއް އަދާކޮށް، ނުވަތަ މަގާމެއް ފުރައިގެން ނުވާނެއެވެ. ނުވަތަ އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއް ކޮށްގެންނުވާނެއެވެ.

(ށ) ޕްރޮސިކިއުޓަރ ޖެނެރަލް، އޭނާއަށް އެއްވެސް ފައިދާއެއް ނުވަތަ މަންފާއެއް ލިބޭގޮތުން، ނުވަތަ އެހެން ފަރާތަކަށް ފައިދާއެއް ނުވަތަ މަންފާއެއް ހޯދައިދިނުމުގެ ގޮތުން، ނުވަތަ ހިލޭ ސާބަހަށް ކަމުގައިވިޔަސް އަމިއްލަ ފަރާތްތަކަށް ގާނޫނީ ހިދުމަތްދީގެން ނުވާނެއެވެ.

(ނ) ޕްރޮސިކިއުޓަރ ޖެނެރަލް، އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކޮށްގެންނުވާނެއެވެ. އަދި ވިޔަފާރީގެ އުސޫލުން އެއްވެސް ކަމެއް ކޮށްގެންނުވާނެއެވެ. އަދި ދައުލަތުގެ މުދަލާއި ބިން ގަނެ ނުވަތަ ކުއްޔަށް ހިފައިގެންނުވާނެއެވެ. އަދި ދައުލަތާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުއާމަލާތެއްގައި ސީދާގޮތުންވިޔަސް ނުވަތަ ނުސީދާގޮތުންވިޔަސް ޕްރޮސިކިއުޓަރ ޖެނެރަލްގެ މާލީ އެއްވެސް މަސްލަހަތެއް ބާއްވައިގެންނުވާނެއެވެ.

(ރ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، ދިވެހިރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއްގެ ސިގްނިފިކަންޓް ށެއަރހޯލްޑަރެއް ކަމުގައިނުވާ ގޮތުން، އެފަދަ ކުންފުންޏެއްގެ ހިއްސާ މިލްކުކުރުމަކީ، މި މާއްދާގެ ބޭނުމަށްޓަކައި ވިޔަފާރިކުރުން ކަމުގައެއް ނުބެލެވޭނެއެވެ. މި މާއްދާގެ ބޭނުމަށްޓަކައި "ދިވެހިރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއްގެ ސިގްނިފިކަންޓް ށެއަރހޯލްޑަރެއް" ކަމަށް ބަޔާންކޮށްފައިއެވަނީ، ދިވެހިރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއްގެ ހިއްސާގެ ރައުސުލްމާލުގެ %5 (ފަހެއް އިންސައްތަ) އަށްވުރެ ގިނަ އަދަދެއްގެ ހިއްސާގެ މައްޗަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ބާރު ފޯރުވޭ މަގާމެއްގައި ހުރި ހިއްސާދާރަކަށެވެ.

(ބ) ޕްރޮސިކިއުޓަރ ޖެނެރަލްގެ ހައިސިއްޔަތުން މެނުވީ، ދައުލަތުގެ އެހެން އެއްވެސް ކޮމިށަނެއްގައި، ނުވަތަ ކައުންސިލެއްގައި، ނުވަތަ މަޖިލީހެއްގައި، ނުވަތަ ކޮމިޓީއެއްގައި، ނުވަތަ ބޯޑެއްގައި، ނުވަތަ އެނޫންވެސް ތަނެއްގައި، އުޖޫރައަކަށްވިޔަސް ނުވަތަ އުޖޫރައަކާ ނުލައި ނަމަވެސް، ބައިވެރިވެގެންނުވާނެއެވެ.

(ޅ) ޕްރޮސިކިއުޓަރ ޖެނެރަލް ކޮންސަލްޓަންޓެއްގެ ހައިސިއްޔަތުން އެއްވެސް ފަރާތަކަށް މަސައްކަތްކޮށްދީގެންނުވާނެއެވެ.

(ކ) ޕްރޮސިކިއުޓަރ ޖެނެރަލް އަދާކުރަންޖެހޭ މަސްއޫލިއްޔަތާ ފުށުއަރާފާނެ ބާވަތުގެ މަދަނީ ޖަމާއަތެއްގެ މެންބަރަކަށް ޕްރޮސިކިއުޓަރ ޖެނެރަލް ވެގެންނުވާނެއެވެ.

(އ) މި މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ނަމުގައި އޮތް ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއް، ބާޒާރުގައި އެފަދަ ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއްގެ އަގު އާންމުކޮށް ހުރި އަގަށްވުރެ ބޮޑުނޫން އަގަކަށް ވިއްކާލުމާއި، އެފަދަ ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއް ބާޒާރުގައި އާންމުކޮށް ކުއްޔަށްދީއުޅޭ އަގަށްވުރެ ބޮޑުނޫން އަގެއްގައި ކުއްޔަށްދީގެން އާމްދަނީ ހޯދުން، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ވިޔަފާރިއާއި މަސައްކަތުގެ ތެރޭގައި ހިމެނިގެން ނުވެއެވެ.

(ވ) ޕްރޮސިކިއުޓަރ ޖެނެރަލްކަމުން ވަކިވުމަށްފަހު، ފުރަތަމަ ހިނގާ 12 (ބާރަ) މަސްދުވަހުގެ މުއްދަތު ފާއިތުވަންދެން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ހައިސިއްޔަތުން އޭނާ އަދާކުރި މަސްލަހަތާ ފުށުއަރާ ވަޒީފާއެއް ނުވަތަ މަސައްކަތެއް، ޕްރޮސިކިއުޓަރ ޖެނެރަލް ކޮށްގެންނުވާނެއެވެ.

 
12-3 ވަނަ މާއްދާ - މަސްލަހަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުން (އިތުރު ކުރެވިފައި)

(ހ) ޕްރޮސިކިއުޓަރ ޖެނެރަލް އަދާކުރަންޖެހޭ ރަސްމީ ވާޖިބާއި އޭނާގެ މަސްލަހަތާ ދެމެދު އެއްވެސް ފުށުއެރުމެއް އުފެދުމަކަށް ފުރުސަތުދީގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްލަހަތު ފުށުއެރުންކަމަށް ބުނެފައިއެވާ އުސޫލުގައި، އޭނާ އިނދެގެންއުޅޭ މީހާއާއި، އޭނާގެ ދަރިންނާއި، އޭނާ ސީދާ ބަލަހައްޓަމުން ގެންދާ އެހެން މީހުންގެ މަސްލަހަތު ފުށުއެރުމަކީވެސް، އެފަރާތުގެ މަސްލަހަތު ފުށުއެރުން ކަމުގައި ބެލެވޭނެއެވެ.

(ނ) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބަލަމުންދާ މައްސަލައެއް ބެލުމުގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްލަހަތު ފުށުއަރާފާނެ ފަދަ ހާލަތެއް ދިމާވެއްޖެނަމަ، ނުވަތަ ދިމާވެދާނެކަމަށް ގަބޫލުކުރެވޭނަމަ، އެކަން ބަޔާންކުރުމަށްފަހު، އެ މައްސަލައެއް ބެލުމުން ތަނާޒުލުވާންވާނެއެވެ. އަދި އެ މައްސަލައެއް ބެލުމުގައި އެއްވެސް ފަރާތަކަށް އެއްވެސް މިންވަރަކަށް ނުފޫޒު ފޯރުވައިގެންނުވާނެއެވެ. އަދި އެ މައްސަލައެއް ނިންމުމުގައި އޭގެ ފަހުން އެއްވެސް މިންވަރަކަށް ބައިވެރިވެގެންނުވާނެއެވެ.

(ރ) މި މާއްދާގެ (ހ)، (ށ)، އަދި (ނ) ގައި ބަޔާންވެގެންވާ އުސޫލުތައް، ކަމާގުޅޭ ނިސްބަތަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ މައްޗަށްވެސް ހިނގާނެއެވެ.

(ބ) މި މާއްދާގެ (ހ)، (ށ)، އަދި (ނ) ގައި ބަޔާންވެގެންވާ އުސޫލަކާ ޕްރޮސިކިއުޓަރ ޖެނެރަލް ހިލާފުވުމަކީ، އޭނާ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރީކަމުގައި ބަލައި، އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއްކަމުގައި ބެލެވޭނެއެވެ.

(ޅ) މި މާއްދާގެ (ހ)، (ށ)، އަދި (ނ) ގައި ބަޔާންވެގެންވާ އުސޫލަކާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފަކު ހިލާފުވުމަކީ، މި ގާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، އޭނާ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރީކަމަށް ބަލައި، އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއްކަމުގައި ބެލެވޭނެއެވެ.

 

12-4 ވަނަ މާއްދާ - ސިޔާސަތުތައް އެކަށައެޅުން (އިތުރު ކުރެވިފައި)

މި ގާނޫނުގެ 12 ވަނަ މާއްދާއާއި 1-12 ވަނަ މާއްދާގައި ބަޔާންވެގެންވާ ހަމަތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށްޓަކައި ބޭނުންވާ ސިޔާސަތުތަކާއި އުސޫލުތަކާއި ތަމްރީނުތަކާއި ހަމަތަކާގުޅޭ ތަފްސީލުތައް މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވާލައި ތަންފީޒުކުރަންވާނެއެވެ. އަދި އެ ހަމަތަކަށް އަމަލުކުރުމުގައި ކުރުން ހުއްދަވެގެންވަނީ ކޮން ކަމެއްކަން ނުވަތަ މަނާވެގެންވަނީ ކޮން ކަމެއްކަން އެނގޭނެ މިންވަރަށް އެ ހަމަތައް ތަފްސީލުކޮށްދޭންވާނެއެވެ.

 

12-5 ވަނަ މާއްދާ - ސުލޫކީ ހަމަތަކާ ހިލާފުވުން (އިތުރު ކުރެވިފައި)

(ހ) މި ގާނޫނުގައި ބަޔާންވެގެންވާ ސުލޫކީ ހަމަތަކުގެ ތެރެއިން ހަމައަކާ ޕްރޮސިކިއުޓަރ ޖެނެރަލް ހިލާފުވުމަކީ، މި ގާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، އޭނާ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރީކަމަށް ބަލައި، އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއް އުފަންވީ ކަމުގައި ބެލެވޭނެއެވެ.

(ށ) ޕްރޮސިކިއުޓަރ ޖެނެރަލް ސުލޫކީ ހަމަތަކާ ހިލާފަށް ކުރި ކަމަކުން، އޭނާގެ މައްޗަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅު އެޅިކަމުގައިވީނަމަވެސް، އެކަމަކީ، އެ ސުލޫކީ ހަމަތަކާ ހިލާފަށް ކުރި ކަންތަކުގައި ޖިނާއީ ކުށެއްގެ އަމަލު ހިމެނިގެންވާ ކަމެއް ކަމުގައިވާނަމަ، އޭނާގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރުމަށް އޮތް ހުރަހެއް ނޫނެވެ.

 
12-6 ވަނަ މާއްދާ - މާލީ ހިސާބު ހުށަހެޅުން (އިތުރު ކުރެވިފައި)

(ހ) އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ނުވަތަ އެފަދަ ގާނޫނެއްގެ ދަށުން އެހެންގޮތަކަށް އަމަލުކުރަމުން އައިކަމުގައިވީނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލް މާލީ ހިސާބު ހުށަހެޅުމުގައި އަމަލުކުރާނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) ޕްރޮސިކިއުޓަރ ޖެނެރަލްކަމަށް އައްޔަންކުރެވޭ މީހާ، އޭނާގެ މަގާމާ ހަވާލުވިއިރު، އޭނާއަށް ލިބިފައިވާ އާމްދަނީއާއި އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު، އެ މަގާމާ އޭނާ ހަވާލުވާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މާލީ ހިސާބު ހުށަހެޅުމުގެ އިތުރަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމާ ހަވާލުވާ ތާރީހުން ފެށިގެން ކޮންމެ އަހަރެއްގެ މާލީ ހިސާބު އެ އަހަރެއް ނިމޭތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަމުން ގެންދަންވާނެއެވެ. މި މާއްދާގެ ބޭނުމަށްޓަކައި އަހަރު ކަމަށް މާނަކޮށްފައިއެވަނީ، އެ މީހަކު ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމާ ހަވާލުވާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރުދުވަސް ހަމަވާ ތާރީހަށެވެ.

(ރ) ޕްރޮސިކިއުޓަރ ޖެނެރަލް މަގާމުން ވަކިވުމަށްފަހު ނުވަތަ އިސްތިއުފާ ދިނުމަށްފަހު ހިނގާ ފުރަތަމަ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އޭނާ މަގާމުން ވަކިވިއިރު އޭނާއަށް ލިބިފައިވާ އާމްދަނީއާއި އާމްދަނީ ލިބޭ ގޮތްތަކާއި އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ށ)، (ނ)، އަދި (ރ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މާލީ ހިސާބު ހުށަހަޅާއިރު، އޭނާ އިނދެގެންއުޅޭ މީހާއާއި، 18 (އަށާރަ) އަހަރު ނުފުރޭ ދަރިންގެ މާލީ ހިސާބުވެސް ހުށަހަޅަންވާނެއެވެ.

(ޅ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، އަދި (ބ) ގެ ދަށުން ހުށަހެޅުން ލާޒިމުކުރާ މާލީ ހިސާބުތައް ތައްޔާރުކުރާނީ، އޮޑިޓަރ ޖެނެރަލް ކަނޑައަޅައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ނަމޫނާއާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ކ) މި މާއްދާގެ ދަށުން އޮޑިޓަރ ޖެނެރަލަށް ހުށަހަޅާ ބަޔާނުގައި މައްސަލައެއްވާ ކަމަށް އޮޑިޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި، އެ މައްސަލައެއް އޮޑިޓަރ ޖެނެރަލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

 

12-7 ވަނަ މާއްދާ - ސުލޫކީ ހަމަތަކާ މުވައްޒަފުން ހިލާފުވުން (އިތުރު ކުރެވިފައި)

(ހ) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފަކު މި ގާނޫނުގެ 1-12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ސުލޫކީ ހަމައަކާ ހިލާފުވެއްޖެނަމަ، އެ ހިލާފުވި މިންވަރެއްގެ ކުޑަބޮޑު މިނަށް ބަލައި، އެ މުވައްޒަފަކާމެދު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ގަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ސުލޫކާ ހިލާފުވެގެން އެ މުވައްޒަފުންނާމެދު އެޅޭނެ ފިޔަވަޅުތައް، މި ގާނޫނުގެ ދަށުން ހަދާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފަކު ސުލޫކީ ހަމަތަކާ ހިލާފަށް ކުރިކަމަކީ، އޭގައި ޖިނާއީ ކުށެއްގެ އަމަލު ހިމެނިގެންވާ ކަމެއް ކަމުގައިވާނަމަ، މި މާއްދާގެ (ހ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އެޅުމަކީ، އޭނާގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރުމަށް އޮތް ހުރަހެއް ނޫނެވެ.

 

13 ވަނަ މާއްދާ – ހިމާޔަތް

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުންނާއި، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުތަކުގެ ދަށުން އަމަލުކުރުމުގެ ގޮތުން ގާނޫނުގައިވާ ގޮތުގެމަތިން، ނުވަތަ ގާނޫނަކުން ލިބިދޭ ބާރެއްގެ ދާއިރާގެ ތެރޭގައި، ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން، ހެޔޮނިޔަތުގައި ކުރާ ކަމަކާމެދު، ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު އެއްވެސް މަދަނީ ނުވަތަ ޖިނާއީ ދައްވާއެއް ނުއުފުލޭނެއެވެ.

 

14 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުން

ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކުން ބޭނުންވެއްޖެ ހިނދެއްގައި، އެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ޕްރޮސިކިއުޓަރ ޖެނެރަލް ހާޒިރުވާންވާނެއެވެ. އަދި އެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމިޓީން ޕްރޮސިކިއުޓަރ ޖެނެރަލްއާ ކުރެވޭ ސުވާލުތަކަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބުދޭންވާނެއެވެ.

 

15 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

(ހ) ޖިނާއީ ކުށްތަކާ ގުޅިގެން ދިވެހިރާއްޖޭގައި ކުރާ އެންމެހައި ދައްވާތަކާބެހޭ ކަންކަން ބެލެހެއްޓުން؛

(ށ) ތަހްގީގްކުރާ އެކިއެކި އިދާރާތަކުން ހުށަހަޅާ ހެއްކާއި ގަރީނާ ވަޒަންކޮށް، ދައްވާއެއް އުފުލަންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުން؛

(ނ) ޖިނާއީ ކުށެއް ކޮށްފިކަމުގެ ތުހުމަތު ކުރެވިއްޖެ ކޮންމެ މީހެއްގެ މައްޗަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ އިހްތިސާސް ހުއްދަކުރާ ކޮންމެ ކޯޓެއްގައިމެ ދައްވާ އުފުލުން؛

(ރ) ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ އަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި، ހިންގާ ތަހްގީގްތައް ބަލައި އެ ކަންކަން ހިންގަނީ ގާނޫނާ އެއްގޮތަށްތޯ ބެލުން؛

(ބ) ށަރީއަތަށް މައްސަލަ ހުށަހެޅުމުގެ ކުރީގައި މީހަކު ހައްޔަރުކޮށް، ނުވަތަ ބަންދުކޮށް، ނުވަތަ މިނޫންވެސް ގޮތަކުން މީހެއްގެ މިނިވަންކަން ހިފެހެއްޓޭނޭ ހާލަތްތަކާއި ށަރުތުތައް މުތާލިއާކުރުމާއި މުރާޖައާކުރަމުން ގެންދިއުމާއި، އެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ބެލުން؛

(ޅ) ޖިނާއީ ކުށެއްކަމަށް ތުހުމަތުކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ށަކުވާއެއް ހުށަހަޅައިފިނަމަ ނުވަތަ މިނޫންވެސް ގޮތަކުން މިފަދަ ކަމެއްގެ މައުލޫމާތު ލިބިއްޖެ ހިނދެއްގައި، އެކަމެއް ތަހްގީގްކުރުމަށް، ތަހްގީގްކުރުމުގެ ބާރު ގާނޫނުގެ ދަށުން ލިބިގެންވާ ފަރާތަކަށް އަންގާ ތަހްގީގްކުރުމުގެ އަމުރު ނެރުން؛

(ކ) ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުން، ޖިނާއީ ދައްވާއެއް ކުރުމުގެ ބާރު ލިބިފައިވާ އެއްވެސް ފަރާތަކުން ހިންގަން ފަށާފައިވާ ޖިނާއީ ދައްވާއެއް ކުރިއަށް ގެންދިއުމާ ހަވާލުވުމާއި، މިފަދަ ދައްވާތައް މުރާޖައާކޮށް، އަނބުރާ ގެންނަން ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެ ކޮންމެ ދައްވާއެއް ކޯޓުން ހުކުމެއް އިއްވުމުގެ ކުރީގައި އަނބުރާ ގެނައުން؛

(އ) ކުށެއް ކުރިކަމަށް ތުހުމަތު ކުރެވިފައިވާ މީހަކާމެދު ދައްވާ އުފުލުމަށް ނުވަތަ ދައްވާ ނުއުފުލުމަށް ނިންމާފައިވާ ނިންމުމެއް މުރާޖައާކޮށް އެ ނިންމުން ބަދަލުކުރުމާއި، ކޮށްފައިވާ ދައްވާއެއް އަނބުރާ ގެނައުން؛

(ވ) ޖިނާއީ މައްސަލައަކާ ގުޅިގެން ކޯޓަކުން އިއްވާފައިވާ ހުކުމެއް ނުވަތަ ނިންމާފައިވާ ނިންމުމެއް އިސްތިއުނާފުކުރަން ހުށަހެޅުން؛

(މ) ޖިނާއީ މައްސަލަތަކުގައި ދައްވާކުރުމުގެ އެންމެހައި އުސޫލުތައް ކަނޑައެޅުން؛

(ފ) ގާނޫނުއަސާސީގެ އެންމެހައި ހަމަތަކާއި، ގާނޫނާއި، އެންމެހައި ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުން؛

 (ދ) ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކިއެކި އިދާރީ ދާއިރާތަކުގައި، މިގާނޫނުގެ 2 ވަނަ މާއްދާގައި ބުނާ އޮފީހުގެ ގޮފިތައް ގާއިމުކުރުން؛

(ތ) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑު އެކުލަވާލައި ތަންފީޒުކުރުން؛

 

16 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ބަދަލުކުރުމާއި ވަކިކުރުން

(ހ) ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ބާރުތައް ތަންފީޒުކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ކޮންމެ އަހަރަކު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ހިންގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓާ ހިލާފުނުވާ ގޮތެއްގެމަތިން އިތުރު މުވައްޒަފުން އައްޔަންކުރުމާއި، ތަމްރީނުދިނުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި އަދި މަގާމުން ވަކި ކުރުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ށ) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބޭނުންވާ ފަންނީ އަދި އެހެނިހެން މުވައްޒަފުންގެ ހާއްސަ އޮނިގަނޑެއް އޮންނަންވާނެއެވެ. އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި، އެ އޮނިގަނޑުގައި ހިމެނޭ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، މަގާމުގެ ކުރިއެރުމާއި، މަގާމާއި ހިދުމަތުގެ ށަރުތުތައް ހިމަނާފައި އޮންނަންވާނެއެވެ.

 

17 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތް އެހެން ފަރާތަކާ ހަވާލުކުރުން

(ހ) ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު އަދާކުރުމާއި އޭނާއަށް ލިބިދޭ ބާރުގެ ދަށުން ކަމެއް ހިންގުމުގައި އޭނާގެ އިރުށާދުގެ ދަށުން އެ ކަމެއް ހިންގުން އޭނާގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ އެހެން މީހަކާ ނުވަތަ އެހެން ބަޔަކާ ހަވާލުކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް އެހެން މީހަކާ ނުވަތަ އެހެން ބަޔަކާ ހަވާލުކުރާ ކަމެއް، ހަވާލުކުރަންވާނީ، ޕްރޮސިކިއުޓަރ ޖެނެރަލް ލިޔުމުން ދޭ ހުއްދައެއްގެ ދަށުން، އެހުއްދައިގައިވާ މިންވަރަށެވެ.

 

18 ވަނަ މާއްދާ - މާލީ ކަންކަން

(ހ) ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ ފައިސާ، ކޮންމެ އަހަރަކުވެސް، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓެއްގެ ދަށުން ދައުލަތުގެ މާލިއްޔާއިން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ދޫކުރަންވާނެއެވެ. މިކަމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މަށްވަރާގެ މަތިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، އެ އޮފީހުގެ ބަޖެޓް އެކުލަވާލައި ދައުލަތުގެ ބަޖެޓާއެކު ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

(ށ) އެއްވެސް ބަޔަކު ނުވަތަ ޖަމާއަތަކުން ނުވަތަ ބޭރު ގައުމެއްގެ ސަރުކާރުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށްދޭ މާލީ އެހީއެއް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސްއޫލިއްޔަތުތައް އަދާކުރަން މެނުވީ ބޭނުންކޮށްގެން ނުވާނެއެވެ.

(ނ) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އާމްދަނީއާއި ހަރަދާއި މިލްކިއްޔާތާއި، މާލީ ޒިންމާތަކާބެހޭ ހިސާބު، އޮޑިޓަރ ޖެނެރަލްގެ މަށްވަރާއާއެކު، އޮޑިޓަރ ޖެނެރަލް ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ލިޔެ ބަލަހައްޓައި އޮޑިޓްކުރުމަށްފަހު، އެކުލަވާލެވޭ މާލީ ބަޔާނެއް، މި ގާނޫނުގެ 19 ވަނަ މާއްދާގައި ބުނެފައިވާ އަހަރީ ރިޕޯޓާއެކު، ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.

 

19 ވަނަ މާއްދާ - އަހަރީ ރިޕޯޓް

(ހ) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް އެކުލަވާލެވޭ އަހަރީ ރިޕޯޓެއް، ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓުގައި، އެ ރިޕޯޓުގެ މުއްދަތުގައި ހިނގާދިޔަ، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދާއި، އެ މައްސަލަތައް ހުށަހެޅި ފަރާތްތަކާއި، މައްސަލަތަކާމެދު ފިޔަވަޅު އެޅުނު ގޮތުގެ ތަފްސީލު؛
  2.  ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ހިންގުމުގެ ދާއިރާއާއި މުވައްޒަފުންނާ ގުޅޭގޮތުން އިދާރީ ގޮތުން އެ އަހަރެއްގެ ތެރޭގައި ހިނގި ކަންކަމުގެ ތަފްސީލު؛

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ފޮނުވާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެ ރިޕޯޓު އާންމުކޮށް ށާއިއްކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ދިމާވާ ހާއްސަ ހާލަތެއްގައި، ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި، އެހާލަތަކާ ގުޅޭ ހާއްސަ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

 

20 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލް އައްޔަންކުރުން

(ހ) ގާނޫނުއަސާސީގެ 299 ވަނަ މާއްދާގެ ދަށުން އިންތިހާބުކުރެވޭ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި މި ގާނޫނުގައިވާ ގޮތުގެމަތިން ޕްރޮސިކިއުޓަރ ޖެނެރަލެއް އައްޔަންކޮށް ނިންމަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އަމަލުކުރުމަށްޓަކައި:

  1. ގާނޫނުއަސާސީގެ 296 ވަނަ މާއްދާގެ (ށ) ގެ ދަށުން އިންތިހާބުކުރެވޭ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާ ދުވަހުން ފެށިގެން 20 (ވިހި) ދުވަހުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަނުކުރަން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަން ނުވަތަ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.
  2. މި މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި، 3 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަމެއް ނުވަތަ ނަންތަކެއް ހުށަހަޅާ ދުވަހުން ފެށިގެން 20 (ވިހި) ދުވަހުގެ ތެރޭގައި މަޖިލީހުން ވަކިގޮތެއް ނިންމައި ރައީސުލްޖުމްހޫރިއްޔާއަށް އަންގަންވާނެއެވެ.
  3. މި މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަމެއް މަޖިލީހުން ފާސްނުކޮށްފިނަމަ، އެކަން ރައީސުލްޖުމްހޫރިއްޔާއަށް އަންގާ ދުވަހުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައުނަމެއް ނުވަތަ ނަންތަކެއް މަޖިލީހަށް ހުށަހަޅަންވާނެއެވެ.

 

21 ވަނަ މާއްދާ - އިންތިގާލީ މަރުހަލާގައި އައްޔަންކުރެވޭ ޕްރޮސިކިއުޓަރ ޖެނެރަލް

(ހ) ގާނޫނުއަސާސީގެ 288 ވަނަ މާއްދާގައިވާ ގޮތުގެމަތިން އައްޔަންކުރާ ޕްރޮސިކިއުޓަރ ޖެނެރަލަށް މި ގާނޫނުގެ ދަށުން އައްޔަންކުރާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އެންމެހައި މަސްއޫލިއްޔަތުތަކާއި ބާރުތައް ލިބިގެންވެއެވެ. އަދި ގާނޫނުއަސާސީގެ 288 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އައްޔަންކުރާ ޕްރޮސިކިއުޓަރ ޖެނެރަލްގެ މައްޗަށް މި ގާނޫނަށް އަމަލުކުރަންފަށާ ދުވަހުން ފެށިގެން، މި ގާނޫނުގެ 3 ވަނަ މާއްދާއާއި 5 ވަނަ މާއްދާއާއި 20 ވަނަ މާއްދާގެ (ހ) ފިޔަވައި، މި ގާނޫނުގެ އެހެން މާއްދާތައް ހިނގާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އައްޔަންކުރާ ޕްރޮސިކިއުޓަރ ޖެނެރަލް އޭނާގެ މަގާމުގައި ދެމިހުންނާނީ މި ގާނޫނުގެ 20 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، ޕްރޮސިކިއުޓަރ ޖެނެރަލެއް އައްޔަންކުރުމާ ހަމައަށެވެ.

 

22 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަންފަށާ ތާރީހް

މި ގާނޫނަށް އަމަލުކުރަންފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއްކުރާ ދުވަހުން ފެށިގެންނެވެ.

 

23 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ހަދައި ހިންގާނީ، ޕްރޮސިކިއުޓަރ ޖެނެރަލެވެ. އަދި މި ގާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޕްރޮސިކިއުޓަރ ޖެނެރަލް އައްޔަންކުރާތާ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި އެގަވާއިދުތައް ހަދައި ނިންމަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަދާފައިވާ ގަވާއިދަކަށް އުނި އިތުރު ގެނައުމަށް ނުވަތަ އެމާއްދާގައި ބުނާ މުއްދަތުގެ ފަހުން މި ގާނޫނުގެ ދަށުން އިތުރު ގަވާއިދެއް ހަދަން ޕްރޮސިކިއުޓަރ ޖެނެރަލް ބޭނުންވެއްޖެ ހާލަތެއްގައި އެ ގަވާއިދެއް ހެދުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ގާނޫނުއަސާސީގެ 288 ވަނަ މާއްދާގެ ދަށުން އައްޔަންކުރެވޭ ޕްރޮސިކިއުޓަރ ޖެނެރަލް އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ހަދަން ޖެހޭ ގަވާއިދެއް ހެދުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅާއެވެ.

 

24 ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ

މި ގާނޫނުގައި އެ އިބާރާތެއް ހިމެނިފައިވާގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަ ނުވާނަމަ:

"ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ކަމަށް ބުނެފައިއެވަނީ، ޕްރޮސިކިއުޓަރ ޖެނެރަލް، އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި، މި ގާނޫނުގެ 2 ވަނަ މާއްދާގެ ދަށުން އުފައްދާ އޮފީހަށެވެ (އިސްލާހު ކުރެވިފައި)

"އޮޑިޓަރ ޖެނެރަލް" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 4/2007 (އޮޑިޓް ގާނޫނު) ގެ ދަށުން އިސްކޮށްފައިވާ އޮޑިޓަރ ޖެނެރަލަށެވެ.

   

ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

 

މައި ގާނޫނު

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 73/2021)

ކިޔުންތެރިންގެ ހިޔާލު