ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު (ކޮންސޮލިޑޭޓެޑް)
(ކޮންސޮލިޑޭޓެޑް ނަންބަރު 2013-05)
(1ވަނަ އިސްލާހު ހިމެނިފައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އިމްތިޔާޒުތަކާއި ބާރުތަކުގެ ތެރެއިން ބައެއް އިމްތިޔާޒުތަކާއި ބާރުތައް ބަޔާންކުރުމުގެ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ، "ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު" އެވެ.
(ނ) ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާއި އިމްތިޔާޒުތަކާއި ހައްގުތަކުގެ މާނައިގައި ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ހައްގުތަކާއި ބާރުތަކާއި، އެ މަޖިލީހުގެ ކޮމިޓީތަކަށާއި، އެ މަޖިލީހުގެ މެންބަރުންނަށް ލިބިގެންވާ ހައްގުތަކާއި ބާރުތައް ހިމެނިގެންވެއެވެ. އަދި އެ މަޖިލީހުން ކުރަމުންދާ އިދާރީ މަސައްކަތްތަކާއި، ގާނޫނީ މަސައްކަތްތަކާ، އެ މަސައްކަތްތަކުގެ އެކިއެކި މަރުހަލާތައް، ކުރިއަށް ގެންދާނެގޮތް ކަނޑައެޅުމުގެ ބާރާއި، އެ މަސައްކަތްތައް އެކިއެކި މަރުހަލާތަކުގައި ތަރުޖަމާކުރުމާއި، ހިންގުމާއި، ކޮންޓްރޯލްކުރުމާއި، ރައްކާތެރިކުރުމުގެ ފުރިހަމަ ބާރުވެސް ހިމެނިގެންވެއެވެ.
2 ވަނަ މާއްދާ - މަޖިލީހުގެ އެންމެހައި ކަންކަން ހިނގާނެގޮތް ކަނޑައެޅުން
ރައްޔިތުންގެ މަޖިލީހުގެ އެންމެހައި ކަންކަން ހިނގާނެގޮތް ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ.
3 ވަނަ މާއްދާ - މައިގަނޑު ހައްގުތައް
ތިރީގައި މިވަނީ، ގާނޫނުއަސާސީގެ 90 ވަނަ މާއްދާގެ (ހ) އާއި (ށ) އިން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ އިމްތިޔާޒުތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތާ ގުޅިގެން، އެ މަޖިލީހަށާއި، އެ މަޖިލީހުގެ ކޮމިޓީތަކަށާއި އެ މަޖިލީހުގެ މެންބަރުންނަށް މި ގާނޫނުގެ ދަށުން ލިބިދޭ ބައެއް ބާރުތަކާއި، އިމްތިޔާޒުތަކެވެ.
(ހ) ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ނުވަތަ އެ މަޖިލީހުގެ ކޮމިޓީއެއްގައި މަޖިލީހުގެ މެންބަރަކު އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތުގެމަތިން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި އަމަލުކުރި ގޮތެއްގެ ސަބަބުން، ކޯޓަކަށް ނުވަތަ އެއްވެސް އެހެން މުއައްސަސާއަކަށް އެ މެންބަރަކު ހާޒިރުކޮށް ނުވަތަ އެ މެންބަރަކާ މެދު އެއްވެސް ތަހުގީގެއް ހިންގައި ސުވާލެއްކޮށް ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދުކޮށް ނުވަތަ ދައުވާއެއްކޮށް ހަދައިގެން ނުވާނެއެވެ.
(ށ) މެންބަރަކު އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް މަޖިލީހަށް އަންނަ އައުމުގައާއި، މަޖިލީހުގެ މަސައްކަތުން އެނބުރި ދިއުމުގައި އަދި މަޖިލިސްކުރާ ގޭގައި ހާޒިރުވެ ހުންނަ ވަގުތުގައި ބަންދުކޮށް ހައްޔަރުކޮށްގެން ނުވާނެއެވެ. ނަމަވެސް މެންބަރަކު ޖިނާއީ ކުށެއް ކުރަނިކޮށް ފެނިއްޖެނަމަ އެ ހާލަތުގައި އެ މެންބަރަކު ހައްޔަރުކުރުމާއި، އަދި އެ ކުށުގެ ތުހުމަތުގައި ގާނޫނުގައިވާ ގޮތުގެމަތިން އެ މެންބަރަކާމެދު ފިޔަވަޅު އެޅުމަށް މި މާއްދާ ހުރަހެއްނާޅައެވެ.
(ނ) ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެ މެންބަރަކު އިންތިހާބުވެފައިވާ ދާއިރާއަށް ކުރާ ދަތުރުތަކުގައާއި، އަދި މަޖިލީހުގެ މަސައްކަތާ ގުޅޭގޮތުން އެކި ކަންކަމުގައި މެންބަރުން އެހެނިހެން އަތޮޅުތަކާއި ރަށްރަށަށް ކުރާ ދަތުރުތަކުގައި، އެ އަތޮޅެއްގައި ނުވަތަ އެ ރަށެއްގައި ހުންނަ ދައުލަތުގެ އޮފީސްތަކާއި، އިދާރާތަކާއި އެހެނިހެން މުއައްސަސާތަކުން އެ މެންބަރަކު އެދޭ ކަންކަމުގައި އެހީތެރިކަމާއި އެއްބާރުލުން ދޭންވާނެއެވެ.
(ރ) ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ސަރުކާރުގެ އޮފީހަކަށް ނުވަތަ ދައުލަތުގެ މުއައްސަސާއަކަށް ޒިޔާރަތްކޮށްފިނަމަ، އެތަންތަނުން އެ މެންބަރަކު އެދޭ ކަންކަމުގައި އެއްބާރުލުމާއި އެހީތެރިކަން ދޭންވާނެއެވެ. އަދި އެ މެންބަރަކު އެދޭ މައުލޫމާތު ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ.
4 ވަނަ މާއްދާ - އިމްތިޔާޒަށް އުނިކަން ލިބޭފަދަ އަމަލު
(ހ) ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށާއި، އެ މަޖިލީހުގެ ގަދަރަށާއި، އެ މަޖިލީހުގެ މަސައްކަތަށް އުނިކަމެއް ލިބިދާފަދަ ނުވަތަ ހުރަހެއް އެޅިދާފަދަ ކޮންމެ އަމަލަކީ މަޖިލީހުގެ އިމްތިޔާޒަށް އުނިކަމެއް ލިބިދިނުން ކަމުގައި ބެލެވޭނެއެވެ.
(ށ) އަންނަނިވި ކަންކަމަކީ، މަޖިލީހުގެ އިމްތިޔާޒަށް އުނިކަން ލިބޭ ކަންކަމެވެ.
- މަޖިލީހުގެ ޖަލްސާތައް އަޑުއެހުމަށާއި، ކޮމިޓީގެ ބައްދަލުވުންތައް އަޑުއެހުމަށްޓަކައި މަޖިލީހުގެ ގެއަށް ވަނުމަށް ހުއްދަދެވޭ މެހެމާނުންގެ މެދުގައި، މަޖިލީހުގެ ނިޒާމަށް އުނިކަން ލިބޭފަދަ އަމަލު ހިންގުމާއި، ހަމަނުޖެހުން ހިންގުން؛
- މި މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކުރާފަދަ އަމަލެއް ހިންގުމަކީ ކުށެކެވެ. މިފަދަ އަމަލެއް ހިންގާ ފަރާތެއްގެ އަދަބަކީ 500 (ފައްސަތޭކަ) ރުފިޔާއާއި 1,000 (އެއްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. ނުވަތަ 3 (ތިނެއް) މަސްދުވަހާއި 6 (ހައެއް) މަސްދުވަހާ ދެމެދުގެ މުއްދަތަށް ޖަލަށްލުމެވެ.
- މަޖިލީހުގެ މަސައްކަތަކާ ގުޅިގެން މައުލޫމާތު ދިނުމަށް ހާޒިރުކުރެވޭ މީހަކު މައުލޫމާތު އޮޅުވާލައިގެން ދިނުމަށް ނުވަތަ ހަގީގަތް އޮޅިދާފަދަ ގޮތަކަށް ދިނުމަށް ބާރުއެޅުމުގެގޮތުން، އޭނާއަށް ބިރުދެއްކުމާއި، އޭނާއަށް ހަމަލާއެއް ދިނުމާއި، އޭނާއަށް ނުފޫޒު ފޯރުވުމާއި، އެއްވެސް ގޮތަކުން ރިށްވަތެއް ދޭން މަސައްކަތްކުރުން؛
- މި މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުގައި ބަޔާންކުރާފަދަ އަމަލެއް ހިންގުމަކީ ކުށެކެވެ.
މި ކުށް ކުރީ ވަކި ފަރުދަކުނަމަ އޭނާގެ އަދަބަކީ، 1,000 (އެއްހާސް) ރުފިޔާއާއި 5,000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. މިފަދަ ކަމެއް ޖަމާއަތަކުން ނުވަތަ އޮގަނައިޒޭށަނަކުން ނުވަތަ މުއައްސަސާއަކުން ކޮށްފިނަމަ އެފަރާތެއްގެ އަދަބަކީ 3,000 (ތިންހާސް) ރުފިޔާއާއި 7,000 (ހަތްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. ނުވަތަ 3 (ތިނެއް) މަސްދުވަހާއި 6 (ހައެއް) މަސްދުވަހާ ދެމެދުގެ މުއްދަތަށް ޖަލަށްލުމެވެ. - މަޖިލީހުގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތްކުރާ މީހުން ރަސްމީ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅުމާއި ދަތިކުރުން؛
- މި މާއްދާގެ (ށ) ގެ 5 ވަނަ ނަންބަރުގައި ބަޔާންކުރާފަދަ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިނަމަ ނުވަތަ އެފަދަ ކަމެއް ހިންގިކަމުގެ ތުހުމަތު ކުރެވިއްޖެނަމަ އެކަމެއް ފުލުހުންގެ އިދާރާ މެދުވެރިކޮށް ތަހުގީގުކުރުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ.
- މުޅި މަޖިލީހަށް ނުވަތަ ކޮމިޓީއަކަށް، ގަސްދުގައި ކަމެއް އޮޅުވާލުން؛
- މި މާއްދާގެ (ށ) ގެ 7 ވަނަ ނަންބަރުގައި ބަޔާންކުރާފަދަ ކަމެއް ހިންގައިފިނަމަ އެފަރާތެއްގެ އަދަބަކީ 3,000 (ތިންހާސް) ރުފިޔާއާއި 10,000 (ދިހަހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. ނުވަތަ 3 (ތިނެއް) މަސްދުވަހާއި 6 (ހައެއް) މަސްދުވަހާ ދެމެދުގެ މުއްދަތަށް ޖަލަށްލުމެވެ.
5 ވަނަ މާއްދާ - މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގެ ބައްދަލުވުންތައް
މި ގާނޫނުގައި އެހެން ގޮތަކަށް ބުނެފައި ނުވާހާހިނދަކު، "މަޖިލީހުގެ ޖަލްސާ" އެއްގެ މާނައިގައި އަންނަނިވި މަރުހަލާތައް ހިމެނިގެންވެއެވެ.
(ހ) ގާނޫނު ހުއްދަކުރާ ގޮތެއްގެމަތިން، ބާއްވާ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގެ އެފަދަ ބައްދަލުވުންތައް ފެށިގެން ނިމޭ ހިސާބަށް؛
(ށ) މަޖިލީހުގެ ނުވަތަ ކޮމިޓީއެއްގެ މަސައްކަތް ހިންގުމަށްޓަކައި ދެކެވޭ ވާހަކައާއި އަޅާ ފިޔަވަޅުތަކާއި، މަޖިލީހުގެ މަސައްކަތާ ސީދާ ގުޅުންހުރި ގޮތެއްގައި ނުވަތަ އެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ދެކެވޭ ވާހަކައާއި ނިންމާ ނިންމުންތައް ނިންމާ ވަގުތު.
6 ވަނަ މާއްދާ - ސަލާމަތީ ކަންކަން ބެލެހެއްޓުން
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހިމާޔަތާއި ރައްކާތެރިކަން ދައުލަތުގެ ސަލާމަތީ ބާރުތަކުން ހަމަޖައްސައިދޭންވާނެއެވެ.
7 ވަނަ މާއްދާ - މެންބަރުކަމުގެ މާލީ އިނާޔަތް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެކަށީގެންވާ މުސާރައާއި އިނާޔަތްތައް ދޭންވާނެއެވެ. މެންބަރުންގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ގާނޫނުއަސާސީގެ 102 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުންނެވެ.
(ހ) ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކާއި އެ މެންބަރެއްގެ އަނބިމީހާ/ފިރިމީހާ އަދި އުމުރުން 18 (އަށާރަ) އަހަރު ނުފުރޭ ދަރިން، ރާއްޖެއާއި ސާކް ގައުމުތަކާއި އަދި އާސިއާންގެ ގައުމުތަކުން ސިއްހީ ފަރުވާ ލިބޭނެފަދަ މެޑިކަލް އިންށުއަރަންސް ސްކީމެއްގައި ބައިވެރިކޮށްދޭންވާނެއެވެ.
(ށ) ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކަށާއި އެ މެންބަރެއްގެ އަނބިމީހާ/ފިރިމީހާއަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ.
(ނ) ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ނައިބު ރައީސަށް، ރާއްޖޭގައި އެއްގަމު ދަތުރުފަތުރު ކުރުމުގެ ވަސީލަތްތައް، ދައުލަތުން ހަމަޖައްސައިދޭންވާނެއެވެ. މީގެ އިތުރުން މަޖިލީހުގެ މަސައްކަތުގައި ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތަކުގައި އަދި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ކުރާ ރަސްމީ ދަތުރުތަކުގައި، ދަތުރުފަތުރު ކުރުމުގެ ވަސީލަތްތައް، ދައުލަތުގެ ހަރަދުގައި ހަމަޖައްސައިދޭންވާނެއެވެ.
(ރ) ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ނައިބު ރައީސްގެ ސަލާމަތީ ކަންކަން ދައުލަތުގެ ސަލާމަތީ ބާރުތަކުން ހަމަޖައްސައިދޭންވާނެއެވެ.
(ބ) މި މާއްދާގެ (ށ) އާއި (ނ) އަދި (ރ) ގައި ބަޔާންވެގެންވާ އިނާޔަތްތައް ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމަށް މަގާމުގައި ދެމިހުންނަ މުއްދަތުގައި، ލިބިދެވޭނެއެވެ.
8 ވަނަ މާއްދާ - ހިދުމަތުގެ އިނާޔަތް
(ހ) ރައްޔިތުންގެ މަޖިލީހުގެ 1 (އެކެއް) ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ މަގާމުގައި ހުންނަ މީހަކަށް އޮންނަ މުސާރައެއްގެ %30 (ތިރީސް އިންސައްތަ) ދައުލަތުން ދޭންވާނެއެވެ.
(ށ) ރައްޔިތުންގެ މަޖިލީހުގެ 2 (ދޭއް) ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ މަގާމުގައި ހުންނަ މީހަކަށް އޮންނަ މުސާރައެއްގެ %45 (ސާޅީސްފަހެއް އިންސައްތަ) ދައުލަތުން ދޭންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރެވިފައިވާ މާލީ އިނާޔަތް ލިބޭނީ އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުން ވަކިވުމަށްފަހު އަދި އެ މެންބަރެއްގެ އުމުރުން 55 (ފަންސާސް ފަހެއް) އަހަރު ފުރުމަށް ފަހުގައެވެ.
(ރ) ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކުރާނަމަ، އެ ވަޒީފާއެއް އަދާކުރަމުންދާ މުއްދަތުގައި މި އިނާޔަތެއް ނުލިބޭނެއެވެ.
(ބ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މާލީ އިނާޔަތް ލިބޭކަމުގައިވާނަމަ ދައުލަތުގެ އިތުރު ޕެންށަނެއް ނުވަތަ މާލީ އިނާޔަތެއް ދައުލަތުން ނުލިބޭނެއެވެ.
(ޅ) ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮންނަފަދަ ހެލްތް އިންށުއަރަންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭންވާނެއެވެ.
(ކ) ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް އޮފިށަލް ޕާސްޕޯޓް ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ.
9 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހިދުމަތުގެ އިނާޔަތްތައް
(ހ) ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން 1 (އެކެއް) ދައުރު ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނަ މީހަކަށް އޮންނަ މުސާރައެއްގެ %30 (ތިރީސް އިންސައްތަ) ދައުލަތުން ދޭންވާނެއެވެ.
(ށ) ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކޮށްފައިވާ މީހަކަށް މާލީ އިނާޔަތް ދިނުމުގައި މި ގާނޫނުގެ 8 ވަނަ މާއްދާގެ (ނ) އާއި (ރ) އަދި (ބ) ގައި ކަނޑައެޅިފައިވާ އުސޫލުތަކަށް އަމަލުކުރަންވާނެއެވެ.
(ނ) ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކޮށްފައިވާ ކޮންމެ މީހަކަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ.
(ރ) ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކޮށްފައިވާ މީހަކު މަގާމުން ވަކިވުމަށްފަހު 5 (ފަހެއް) އަހަރު ހަމަވަންދެން ދައުލަތުގެ ސަލާމަތީ ބާރުތަކުން ހިމާޔަތާއި ރައްކާތެރިކަން ހަމަޖައްސައިދޭންވާނެއެވެ.
10 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ ހިދުމަތުގެ އިނާޔަތްތައް
(ހ) ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން 1 (އެކެއް) ދައުރު ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނަ މީހަކަށް އޮންނަ މުސާރައެއްގެ %30 (ތިރީސް އިންސައްތަ) ދައުލަތުން ދޭންވާނެއެވެ.
(ށ) ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ކޮށްފައިވާ މީހަކަށް މާލީ އިނާޔަތް ދިނުމުގައި މި ގާނޫނުގެ 8 ވަނަ މާއްދާގެ (ނ) އާއި (ރ) އަދި (ބ) ގައި ކަނޑައެޅިފައިވާ އުސޫލުތަކަށް އަމަލުކުރަންވާނެއެވެ.
(ނ) ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ކޮށްފައިވާ މީހަކަށް މި ގާނޫނުގެ 8 ވަނަ މާއްދާގެ (ޅ) އާއި (ކ) ގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން ހެލްތް އިންށުއަރަންސާއި އޮފިށަލް ޕާސްޕޯޓް ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ.
11 ވަނަ މާއްދާ - ބައެއް ވާޖިބުތައް އަދާކުރަން ނުޖެހުން
(ހ) ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ނުވަތަ މަޖިލީހުގެ ރަސްމީ މަސައްކަތަކަށް ހުރަސްއެޅޭފަދަ ގޮތަކަށް، ށަރުއީ ކޯޓަކަށް ނުވަތަ އެހެންވެސް މުއައްސަސާއަކަށް މެންބަރަކު ހާޒިރުކޮށްގެން ނުވާނެއެވެ.
(ށ) ތަހުގީގަކަށް ނުވަތަ ށަރީއަތަށް ހާޒިރުވުމުގެ ލިޔުމެއް މަޖިލިސްކުރާ ގޭގައި މެންބަރަކު ހުއްޓާ ހަވާލުކޮށްގެން ނުވާނެއެވެ.
12 ވަނަ މާއްދާ – ހައްޔަރުކުރުން
(ހ) މަދަނީ މައްސަލައެއްގައި ނުވަތަ ޖިނާއީ މައްސަލައެއްގައި ހެއްކެއްގެ ގޮތުގައިވިޔަސް، ތަހުގީގަކަށް ނުވަތަ ށަރީއަތަށް ހާޒިރުވުމަށް މެންބަރަކަށް އަންގާ އަމުރެއް ހިމެނޭ ލިޔުމެއް، މަޖިލީހުގެ މަސައްކަތުގައި، މަޖިލިސްކުރާ ގޭގައި އެ މެންބަރަކު ހުއްޓާ، އޭނާއަކަށް ރައްދެއް ނުކުރެވޭނެއެވެ.
(ށ) މަޖިލީހުގެ މެންބަރުންގެ ގަޔަށް އަތްލައި ނުވަތަ އެނޫން ގޮތަކަށްވެސް އާންމު ތަނެއްގައި ބަލައި ފާސްކޮށްގެން ނުވާނެއެވެ. ނަމަވެސް އޭނާގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭނަމަ އެފަދަ ހާލަތުގައި، ބަލައި ފާސްކުރަންވެއްޖެނަމަ އިހްތިރާމާއެކު އެ މެންބަރަކު ބަލައި ފާސްކުރެވިދާނެއެވެ.
(ނ) މިގޮތަށް އާންމު ތަނެއްގައި މެންބަރަކު ބަލައި ފާސްކުރާނަމަ، އެކަން ކުރަންވާނީ ށައްކެއްނެތި ޔަގީންކުރެވޭ މިންވަރަށް އެފަދަ މެންބަރަކާމެދު އެފަދަ ކަމަކަށް ތުހުމަތު ކުރެވޭނަމައެވެ.
13 ވަނަ މާއްދާ - މެންބަރުން ބަންދުކުރުމާއި ދޫކޮށްލުން
(ހ) ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން ބޭނުންވެއްޖެނަމަ އެކަން ކުރަންވާނީ ސުޕީރިއަރ ކޯޓެއް ނުވަތަ އެއަށްވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަކަށެވެ. މިފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ އެ މައްސަލައެއް ތަހުގީގުކުރާ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅުމުން ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެނަމަ އޭނާއެވެ.
(ށ) ކޯޓު އަމުރެއްގެ ދަށުން ނުވަތަ މި މާއްދާގެ (ހ) ގައިވާފަދަ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެންބަރަކު ހައްޔަރުކޮށްފިނަމަ ހައްޔަރުކުރި ފަރާތުން ލަސްނުކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެކަން ލިޔުމަކުން އަންގަންވާނެއެވެ.
(ނ) ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރުމުގެ މައްސަލައެއް ނުވަތަ ވަޒީރެއްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ނުވަތަ ފަނޑިޔާރުންނާއި މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ މެންބަރުންނާއި މިނިވަން މުސްތަގިއްލު މަގާމުތަކުގައި ތިބޭ މީހުން މަގާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައިވާ ވަގުތެއްގައި މެންބަރަކު ބަންދުކޮށްފިނަމަ މަޖިލީހަށް ހުށަހެޅިފައިވާ މައްސަލައާމެދު މަޖިލީހުން ގޮތެއް ނިންމުމަށް ބާއްވާ ޖަލްސާއަށް ބަންދުކުރި ފަރާތުން އެ މެންބަރަކު ހާޒިރުކޮށްދޭންވާނެއެވެ. އަދި ބަންދުގައި ހުރި މެންބަރަކު ބައިވެރިނުކޮށް މިފަދަ ޖަލްސާއެއްގައި އެއްވެސް ވޯޓެއް ނަގައިގެން ނުވާނެއެވެ.
14 ވަނަ މާއްދާ - އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުން
މި ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ރައީސަށް މެންބަރަކު ބަންދުކުރިކަމުގެ މައުލޫމާތު ލިބިއްޖެނަމަ، ވީ އެންމެ އަވަހަކަށް އެކަން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީ އެއްކުރަންވާނެއެވެ.
15 ވަނަ މާއްދާ - އިމްތިޔާޒު ކޮމިޓީން މައްސަލަ ބަލައި، ރިޕޯޓު ހުށަހެޅުން
މި ގާނޫނުގެ 14 ވަނަ މާއްދާގެ ދަށުން، އިމްތިޔާޒު ކޮމިޓީއަށް ފޮނުވޭ މައްސަލައެއް ބެލުމަށްފަހު، މަޖިލީހުގެ ރައީސަށް އެ ކޮމިޓީން ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
16 ވަނަ މާއްދާ - ޖަލްސާއަށް ހާޒިރުވުމުގެ ހައްގު
މަދަނީ ނުވަތަ ޖިނާއީ މައްސަލައެއްގެ ތަހުގީގުގެ މަރުހަލާގައި ނުވަތަ ޖިނާއީ ކުށެއްގައި 12 (ބާރަ) މަސްދުވަހަށްވުރެ ކުރު ހުކުމެއް ތަންފީޒުކުރުމުގެ މަރުހަލާގައި މަޖިލީހުގެ މެންބަރަކު ހައްޔަރު ކޮށްފައިވާނަމަ، ހައްޔަރުކޮށްފައިވާ ފަރާތަކުން އެ މެންބަރަކު މަޖިލީހުގެ ޖަލްސާތަކަށާއި މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުންތަކަށް ހާޒިރުކޮށްދޭންވާނެއެވެ.
17 ވަނަ މާއްދާ - މީހުން ހާޒިރުކުރުމުގެ ބާރު
ރައްޔިތުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކުން އަންނަނިވި ކަންތައްތައް ކުރުމުގެ ބާރު ލިބިގެންވެއެވެ.
(ހ) ކޮންމެ މީހަކަށްމެ، ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، އެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން ހެކިބަސް ދިނުމަށާއި ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އެންގުން.
(ށ) ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވުމަށް ވަކި މީހަކަށް ނުވަތަ ވަކި މުއައްސަސާއަކަށް އެންގުން.
(ނ) މުއައްސަސާތަކުންނާއި، މީސްމީހުން ހުށަހަޅާ ށަކުވާތަކާއި، އިލްތިމާސްތަކާއި، އެހެނިހެން ހުށަހެޅުންތައް ބަލައިގަތުން.
18 ވަނަ މާއްދާ - ސުވާލަށް ޖަވާބުދިނުން
(ހ) މަޖިލީހަށް ނުވަތަ ކޮމިޓީއަކަށް ހާޒިރުކުރެވޭ މީހާއާއި ކުރެވޭ ސުވާލުތަކަށް އެމީހަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބުދޭންވާނެއެވެ.
(ށ) މަޖިލީހުން ނުވަތަ ކޮމިޓީއަކުން ސުވާލުކުރެވޭ މީހަކު، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޖަވާބުނުދީފި ހިނދެއްގައި ނުވަތަ ލިޔުމެއް ނުވަތަ މައުލޫމާތެއް ފޮނުވުމަށް ނުވަތަ ގެނައުމަށް އަންގާފައިވާ މީހާ، އެ ލިޔުމެއް ނުވަތަ މައުލޫމާތެއް ނުފޮނުވައިފިނަމަ، ނުވަތަ ނުގެނެސްފިނަމަ، އޭނާއަކީ މަޖިލީހުގެ އަމުރަށް ނުކިޔަމަންތެރިވި މީހެއްކަމުގައި ބެލެވޭނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާފަދަ ކަމެއް ހިންގައިފިނަމަ އެފަރާތެއްގެ އަދަބަކީ 1,000 (އެއްހާސް) ރުފިޔާއާއި 3,000 (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. ނުވަތަ 3 (ތިނެއް) މަސްދުވަހާއި 6 (ހައެއް) މަސްދުވަހާ ދެމެދުގެ މުއްދަތަށް ޖަލަށްލުމެވެ.
19 ވަނަ މާއްދާ - ގައުމީ ސަލާމަތާ ގުޅުންހުރެދާނެ ކަންކަމުގައި ޖަވާބުދިނުން
(ހ) މަޖިލީހަށް ލިޔުމެއް ނުވަތަ ރިކޯޑެއް ފޮނުވުމަށް އެންގޭ އިދާރާއަކުން، ފޮނުވަންޖެހޭ ލިޔުމެއް ނުވަތަ ރިކޯޑެއް ފޮނުވުމަކީ، ގައުމީ ސަލާމަތަށް އުނިކަން އަތުވެދާނެ ކަމެއްކަމަށްވާނަމަ، އެ ލިޔުން ނުވަތަ ރިކޯޑު ހުށަހަޅާނީ ސަލާމަތީ ހިދުމަތްތަކާބެހޭ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށެވެ. އެއީ ގައުމީ ސަލާމަތަށް އުނިކަމެއް އަންނާނެ ލިޔުމެއް ނުވަތަ ރިކޯޑެއްކަމުގައި ކަނޑައަޅާނީ އެ ކޮމިޓީންނެވެ.
(ށ) މަޖިލީހުގެ ބޭނުމަކަށް ނުވަތަ ކޮމިޓީގެ ބޭނުމަކަށް ހާޒިރުކުރެވޭ މީހާ، ކޮމިޓީއަށް ނުވަތަ މަޖިލީހަށް ހާމަކުރަންޖެހޭ މައުލޫމާތަކީ އެ މައުލޫމާތެއް އާންމުވުމުގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އެއްވެސް ހައްގަކަށް އުނިކަމެއް އަތުވެދާނެ ނުވަތަ ށަރީއަތަށާއި ތަހުގީގަށް ނޭދެވޭ އަސަރެއް ކޮށްފާނެ މައުލޫމާތެއްކަމަށް ބުނެ އެފަރާތަކުން އެކަމުގެ މަގުބޫލު ސަބަބުތައް ދެއްކުމާއެކު އެކަން ސިއްރުކޮށްދޭން އެދިއްޖެނަމަ އެފަދަ ބައްދަލުވުންތައް ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ހަމަޖައްސައިދޭންވާނެއެވެ.
20 ވަނަ މާއްދާ - ހާޒިރުކުރެވޭ މީހުންގެ އިމްތިޔާޒު
(ހ) މަޖިލީހުގެ ބޭނުމަކަށް ނުވަތަ މަޖިލީހުގެ ކޮމިޓީއެއްގެ ބޭނުމަކަށް ހާޒިރުކުރެވޭ މީހަކު މަޖިލީހަށް ނުވަތަ އެ ކޮމިޓީއަށް ބަޔާނެއް ނުވަތަ މައުލޫމާތެއް ދީގެން، ގާނޫނީ ބާރެއް ލިބިފައިވާ އެއްވެސް ފަރާތަކުން އެމީހަކާ ސުވާލެއް ނުކުރެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާފަދަ ބަޔާނެއް ނުވަތަ މައުލޫމާތެއް ދީގެން އެފަދަ މީހެއްގެ މައްޗަށް ދައުވާއެއްކޮށްގެން ނުވާނެއެވެ. އަދި އެފަދަ މީހަކަށް އެއްވެސް ބާވަތެއްގެ ދައްޗެއް ނުވަތަ އުދަނގުލެއްކޮށްގެން ނުވާނެއެވެ.
(ނ) މަޖިލީހުން ކުރާ ސުވާލަކަށް ޖަވާބު ދިނުމަށް ހާޒިރުކުރެވޭ މީހަކު، ނުވަތަ މަޖިލީހަށް ބަޔާނެއް ދޭ މީހަކު މަޖިލީހުގައި ނުވަތަ މަޖިލީހުގެ ކޮމިޓީއެއްގައި ދައްކާ ވާހަކައަކީ ނުވަތަ މަޖިލީހަށް ލިޔުމެއް، ނުވަތަ މައުލޫމާތެއް ހުށަހަޅަންޖެހޭ މީހަކު ހުށަހަޅާ ލިޔުމަކީ، ނުވަތަ ދޭ މައުލޫމާތަކީ އެ މައުލޫމާތެއް ދިން މީހަކާމެދު ފަހުން ކުރެވިދާނެ އެއްވެސް ދައުވާއެއްގައި، އޭނާއާ ދެކޮޅަށް ބޭނުންކުރެވިދާނެ އެއްޗެއް ނޫނެވެ.
21 ވަނަ މާއްދާ - މަޖިލީހުގެ މުވައްޒަފުންނަށް ދެވޭ ރައްކާތެރިކަން
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ސައްހަ އަމުރެއްގެ ދަށުން، ނުވަތަ މަޖިލީހުގެ މުވައްޒަފެއްގެ ގާނޫނީ ހައިސިއްޔަތުގެ ދާއިރާގެ ތެރޭގައި ހެޔޮ ނިޔަތުގައި ކުރާ ކަމަކުން ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު އޭނާގެ މައްޗަށް އެއްވެސް މަދަނީ ނުވަތަ ޖިނާއީ ދައުވާއެއް ނުއުފުލޭނެއެވެ. އަދި މިފަދަ ކަމެއްގައި އެ މުވައްޒަފަކު ހައްޔަރެއްކޮށް، ނުވަތަ ބަންދެއްކޮށްގެން ނުވާނެއެވެ. އަދި އެކަމާ ގުޅިގެން އޭނާގެ އަތުން އަތުލެވޭނެ އެއްވެސް ބަދަލެއްވެސް އޮވެގެން ނުވާނެއެވެ.
22 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުން ރުހުންދިނުން
(ހ) ސަރުކާރާއި ދައުލަތުގެ މަގާމުތަކަށް އައްޔަންކުރުމުގެ ކުރިން ނުވަތަ އައްޔަންކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭނެކަމަށް ގާނޫނުއަސާސީގައި ނުވަތަ ގާނޫނެއްގައި ބުނެފައިވާ މަގާމުތަކަށް އައްޔަންކުރާ މީހުން އައްޔަންކުރުމުގެ ކުރިން ނުވަތަ އައްޔަންކުރުމުގެ ފަހުން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭނެއެވެ.
(ށ) ރައްޔިތުންގެ މަޖިލީހުން ރުހުން ނުދީފިނަމަ، އެފަރާތެއް އެ މަގާމަށް އައްޔަނެން ނުކުރެވޭނެއެވެ. އަދި އައްޔަންކޮށްފައިވާނަމަ، ރުހުން ނުދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއެކު، އެފަރާތެއް މަގާމުން ވަކިވީއެވެ.
23 ވަނަ މާއްދާ - ނާޖާއިޒު ފައިދާ ނުވަތަ މަންފާ ނުނެގުން
(ހ) ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު، ނުވަތަ އެއިން މެންބަރެއްގެ މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެހީތެރިވެދޭ އެއްވެސް މުވައްޒަފަކު، މަގާމުގެ ހައިސިއްޔަތުން އެއިން މީހަކަށް ލިބިފައިވާ މައުލޫމާތެއްގެ ނުވަތަ އެއިން މީހަކު އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނާޖާއިޒު ފައިދާއެއް ނުވަތަ ނާޖާއިޒު މަންފާއެއް ހާސިލުކުރުމަށް ނުވަތަ އެހެން މީހަކަށް އެފަދަ ފައިދާއެއް ނުވަތަ މަންފާއެއް ހޯދައިދިނުމަށް ބޭނުންކޮށްގެން ނުވާނެއެވެ.
(ށ) މަޖިލީހުގައި ހިނގަމުންދާ މައްސަލައެއްގައި، މެންބަރެއްގެ ސީދާ ޒާތީ މަސްލަހަތެއްއޮތް ނުވަތަ ސީދާ މާލީ މަސްލަހަތެއްއޮތް މެންބަރަކު ނުވަތަ އަދާކުރާ ވަޒީފާއަކާ ނުވަތަ މަގާމަކާ ގުޅޭ މަސްލަހަތެއްއޮތް މީހަކު، އެ މައްސަލައިގައި ވޯޓުދީގެން ނުވާނެއެވެ.
(ނ) މަޖިލީހުގެ ކޮމިޓީތަކުގައިވެސް މަތީގައިވާ އުސޫލުތަކަށް އަމަލުކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައިވާފަދަ ކަމެއް އެކަށޭނަ ސަބަބެއްނެތި އެއްވެސް ފަރާތަކުން ކޮށްފިނަމަ އެފަރާތެއްގެ އަދަބަކީ 1,000 (އެއްހާސް) ރުފިޔާއާއި 5,000 (ފަސްހާސް) ރުފިޔާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. ނުވަތަ 3 (ތިނެއް) މަސްދުވަހާއި 6 (ހައެއް) މަސްދުވަހާ ދެމެދުގެ މުއްދަތަށް ޖަލަށްލުމެވެ.
24 ވަނަ މާއްދާ - މެހެމާނުންނާމެދު އަމަލުކުރުން
މަޖިލީހުގެ ގެއަށް މެހެމާނުން ވެއްދުމާއި، މަޖިލީހުގެ ކޮމިޓީތައް ހިނގަމުންދާ ވަގުތުތަކުގައި އެ ކޮމިޓީގެ މެންބަރުން ފިޔަވައި މަޖިލީހުގެ އެހެން މެންބަރުންނާއި، މެހެމާނުންނާއި، ނޫސްވެރިން އެ ކޮމިޓީއަކަށް ވެއްދުމުގައި އަމަލުކުރާނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
25 ވަނަ މާއްދާ - މަޖިލީހުގެ މައުލޫމާތު ހާމަނުކުރުން
(ހ) މަޖިލީހުގެ ނުވަތަ ކޮމިޓީއެއްގެ މަސައްކަތަކާ ގުޅޭގޮތުން، އެކަމުގައި ހިމެނިގެންވާ މެންބަރަކު، މަޖިލިސް ނޫން އެހެން އެއްވެސް ފަރާތަކަށް، މަޖިލީހުން ހާމަކޮށްފައިނުވާ ސިއްރު މައުލޫމާތެއް ހާމަކޮށްގެން ނުވާނެއެވެ.
(ށ) މަޖިލީހުގެ ނުވަތަ ކޮމިޓީއެއްގެ މަސައްކަތަކާ ގުޅޭގޮތުން، މަޖިލިސް ނޫން އެހެން އެއްވެސް ފަރާތަކަށް، މަޖިލީހުން ހާމަކޮށްފައިނުވާ ސިއްރު މައުލޫމާތެއް، މަޖިލީހުގެ އެއްވެސް މުވައްޒަފަކަށް ހާމަކުރެވޭނީ އެކަމަށް ހުއްދަ ލިބިގެން، ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން އެ މައުލޫމާތެއް ހާމަކުރުމަށް ހުއްދަދެވިފައިވާ ފަރާތަށް ނުވަތަ ފަރާތްތަކަށެވެ.
26 ވަނަ މާއްދާ - ހަދިޔާއާއި މާލީ އިނާޔަތްތައް ދިނުމުން މަނާވެގަތުން
އަންނަނިވި ކަންކަމުގައި އަންނަނިވި މީހުންނަށް އެއްވެސް ބާވަތެއްގެ ފީއެއް، ހަދިޔާއެއް، ބަދަލެއް، ފައިދާއެއް، އުޖޫރައެއް، ލޯނެއް ނުވަތަ އެހެންވެސް އެއްޗެއް އެއްވެސް ފަރާތަކުން ދިނުމަކީ، ނުވަތަ ދިނުމަށް މަގުފަހިކުރުމަކީ، ކުށެކެވެ.
(ހ) މަޖިލީހަށް ހުށަހެޅިފައިވާ ބިލެއް ނުވަތަ ގަރާރެއް ނުވަތަ މައްސަލައަކާ އެއްކޮޅަށް، ނުވަތަ ދެކޮޅަށް ވާހަކަ ދެއްކުމަށްޓަކައި މަޖިލީހުގެ ރައީސަށް ނުވަތަ މަޖިލީހުގެ މެންބަރަކަށް ނުވަތަ މަޖިލީހުގެ މުވައްޒަފަކަށް ނުފޫޒެއް ފޯރުވުމުގެގޮތުން؛
(ށ) މަޖިލީހަށް ހުށަހެޅިފައިވާ ބިލެއް ނުވަތަ ގަރާރެއް ނުވަތަ މައްސަލައެއް، މަޖިލީހުގައި ނުވަތަ ކޮމިޓީއެއްގައި ކުރިއަށް ގެންދިއުމުގައި، މަޖިލީހުގެ ރައީސަށް ނުވަތަ މަޖިލީހުގެ މެންބަރަކަށް ނުވަތަ މަޖިލީހުގެ މުވައްޒަފަކަށް ނުފޫޒު ފޯރުވުމުގެގޮތުން؛
(ނ) މަޖިލީހަށް ނުވަތަ ކޮމިޓީއަކަށް ހުށަހެޅިފައިވާ ބިލެއް ނުވަތަ ގަރާރެއް ނުވަތަ މައްސަލައަކާ އެއްކޮޅަށް، ނުވަތަ ދެކޮޅަށް ތާއީދު ހޯދުމަށްޓަކައި އެހީތެރިވެދިނުމުގެގޮތުން ނުވަތަ އެކަމަށްޓަކައި މަޖިލީހުގެ ރައީސަށް ނުވަތަ މަޖިލީހުގެ މެންބަރަކަށް ނުވަތަ މަޖިލީހުގެ މުވައްޒަފަކަށް ނުފޫޒު ފޯރުވުމުގައި، މީހެއްގެ އެހީތެރިކަން ހޯދުމުގެގޮތުން؛
(ރ) މި މާއްދާގެ (ހ) އާއި (ށ) އަދި (ނ) ގައި ބަޔާންކުރާފަދަ ކަމެއް ހިންގައިފިނަމަ އެފަރާތެއްގެ އަދަބަކީ 1,000 (އެއްހާސް) ރުފިޔާއާއި 3,000 (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. ނުވަތަ 3 (ތިނެއް) މަސްދުވަހާއި 6 (ހައެއް) މަސްދުވަހާ ދެމެދުގެ މުއްދަތަށް ޖަލަށްލުމެވެ.
27 ވަނަ މާއްދާ - މަޖިލީހުގެ ރައީސްގެ ބާރުތައް
(ހ) ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުކުރާ މަޖިލީހުގެ ރައީސަކު ހުންނަންވާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ އެންމެހައި ކަންކަން ހިންގުމުގެ އެންމެ އިސް ވެރިޔަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއެވެ. ގާނޫނުއަސާސީއާއި މި ގާނޫނާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ޖަލްސާތަކާއި، ކޮމިޓީތަކާއި، މަޖިލީހުގެ އެންމެހައި ކަންކަން ހިންގުމުގެ އެންމެ އިސް ވެރިޔަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއެވެ.
(ށ) ގާނޫނުއަސާސީގައި ނުވަތަ ގާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މަޖިލީހުގެ އިމާރާތާއި މަޖިލިސްކުރާ މާލަމާއި، އެ މާލަމަށް އައުމަށްޓަކައި މަޖިލީހުގެ ގޯއްޗާއި އިމާރާތުގެ ތެރެއިން ހިނގަންޖެހޭ މަގުތަކާއި ކޮރިޑޯތަކާއި، މަޖިލީހުގެ އިމާރާތާ އިންވެގެންވާ މަޖިލީހުގެ ގޯތީގެ ސަރަހައްދަކީ، މަޖިލީހުގެ ރައީސްގެ ބެލެހެއްޓުމާއި އަމުރުގެ ދަށުގައިވާ ތަންތަނެވެ.
(ނ) މަޖިލީހުގެ ކޮމިޓީކުރާ ކޮޓަރިތަކާއި، އެ ކޮޓަރިތައް ހިމެނޭ އިމާރާތާއި، އެ ކޮޓަރިތަކަށް އައުމަށް އެ އިމާރާތުގެ ތެރެއިން ހިނގަންޖެހޭ މަގުތަކާއި ކޮރިޑޯތަކާއި، އެ އިމާރާތާ އިންވެގެންވާ ގޯތީގެ ސަރަހައްދަކީވެސް، މި މާއްދާގެ މަގްސަދުތަކަށްޓަކައި، މަޖިލީހުގެ ރައީސްގެ ބެލެހެއްޓުމާއި އަމުރުގެ ދަށުގައިވާ ތަންތަނެވެ.
(ރ) މަޖިލީހުގެ އެއްވެސް މަސައްކަތެއް، ރައްޔިތުންގެ މަޖިލީހުގެ ގެއިން ބޭރުގައި ހިނގާނަމަ، އެ މަސައްކަތެއް ކުރުމަށް ހާއްސަކުރެވިފައިވަނީ ވަކި އިމާރާތެއް ނުވަތަ ކޮޓަރިއެއް ކަމުގައިވާނަމަ، އެ އިމާރާތަކީ ނުވަތަ ކޮޓަރިއަކީ، މަޖިލީހުގެ ރައީސްގެ ބެލެހެއްޓުމާއި އަމުރުގެ ދަށުގައިވާ ތަނެކެވެ.
(ބ) ރައްޔިތުންގެ މަޖިލީހުގެ ގެއާއި، އެގޭގެ ގޯތިތެރެއާއި، ރައްޔިތުންގެ މަޖިލީހުގެ ދަށުން ހިނގާ އެންމެހައި ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަނޑައަޅާ ގޮތުގެމަތިން ދައުލަތުގެ ސަލާމަތީ ބާރުތަކުންނެވެ.
27-1 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅޭނެ ރަސްމީ ތަން (އިތުރު ކުރެވިފައި)
(ހ) ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އޭނާގެ އާއިލާ ދިރިއުޅޭނެ ރަސްމީ ތަނަކާއި، އެ ތަނަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި، އެ ތަނަށް ހިނގާނެ ހަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުމަށް ހަމަޖައްސައިދޭ ރަސްމީ ތަނަކީ، ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ގޮތަކަށް ހުރި ތަނެއް ކަމުގައިވާންވާނެއެވެ.
(ނ) ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅޭ ރަސްމީ ތަނުގެ ސެކިއުރިޓީ ބަލަހައްޓާނީ، މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްއިންނެވެ.
(ރ) ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅޭ ރަސްމީ ތަނަށް ބޭނުންވާނެ މުވައްޒަފުން ހަމަޖައްސާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެވެ.
(ބ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އާއިލާ ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސާ އެކުގައި ދިރިއުޅޭ، އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއާއި، އުމުރުން 18 (އަށާރަ) އަހަރު ނުފުރޭ ދަރިންނާއި، 18 (އަށާރަ) އަހަރު ފުރިފައިވީނަމަވެސް ކާވެންޏެއް ނުކޮށް ތިބޭ ދަރިންނާއި، ހާއްސަ އެހީއަށް ބޭނުންވާ ދަރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަންމައާއި ބައްޕައަށެވެ.
27-2 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހިމާޔަތާއި ރައްކާތެރިކަން (އިތުރު ކުރެވިފައި)
ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން، މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްއިން ހަމަޖައްސައިދޭންވާނެއެވެ.
28 ވަނަ މާއްދާ - މަޖިލީހުގެ ހަރަދުތައް
(ހ) ގާނޫނުއަސާސީގައި ބަޔާންކުރާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ބޭނުންވާ ބަޖެޓު އެކުލަވާލައި، ދައުލަތުގެ ބަޖެޓުގައި ހިމެނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހަޅައި ފާސްކުރަންވާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބަޖެޓުގެ ގޮތުގައި މަޖިލީހުން ފާސްކުރާ ބަޖެޓުގައިވާ ފައިސާ ސަރުކާރުން މަޖިލީހުގެ އިދާރާއަށް ދޫކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ގައުމަށް ދިމާވާ ހާއްސަ ހާލަތެއްގެ ސަބަބުން، ބަޔާންވެގެންވާ ވަކި މުއްދަތަކަށް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރާ ގޮތެއްގެމަތިން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ހަރަދުތައް ކުޑަކުރުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
29 ވަނަ މާއްދާ - ކުށާއި އަދަބު
މި ގާނޫނުގައި ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަންކަމާއި އަދި ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާއި އިމްތިޔާޒުތަކަށް އުނިކަން އަންނަ ކަންކަމާމެދު ފިޔަވަޅު އަޅާނީ އެ މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިގެން ށަރީއަތް މެދުވެރިކޮށެވެ.
30 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާބެހޭ ކަންތައްތައް ހަމަޖައްސައި، ލިޔެކިޔުންތައް ބަލަހައްޓައި، އިދާރީ މަސައްކަތްތައް ރާވައި ހިންގުމަށާއި، މަޖިލީހުގެ ރައީސަށާއި މެންބަރުންނަށް އެމީހުންގެ މަސައްކަތުގައި އެހީތެރިވުމަށް މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން އެ މަޖިލީހުގެ އަމީން އާންމުގެ މަގާމަށް މީހަކު އައްޔަންކުރަންވާނެއެވެ.
31 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަގާމުތައް
ސަރުކާރާއި ދައުލަތުގެ މަގާމުތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރަންޖެހޭ މަގާމުތައްކަމަށް ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ބަޔާންކޮށްފައިވާ މަގާމުތަކަށް މީހުން އައްޔަންކޮށް ވަކިކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ.
32 ވަނަ މާއްދާ - ޕާލަމެންޓަރީ ސަރވިސް
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަކީ ސިވިލް ސަރވިސްގައި ނުހިމެނޭ ޕާލަމެންޓަރީ ސަރވިސްގެ މުވައްޒަފުންނެވެ. އަދި ޕާލަމެންޓަރީ ސަރވިސްގެ މުވައްޒަފުން ލެއްވުމާއި، ވަކިކުރުމާއި، މުވައްޒަފުންގެ މުސާރަ ކަނޑައެޅުމާއި އަދި މިނޫންވެސް މުވައްޒަފުންނާބެހޭ ގަވާއިދުތައް ހަދައި ހިންގާނީ ރައްޔިތުންގެ މަޖިލީހުންނެވެ.
33 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން
މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމުންނެވެ.
34 ވަނަ މާއްދާ - ގަވާއިދު ހެދުން
މި ގާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި ގާނޫނަކަށްވެ، ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާތާ 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މި ގާނޫނުން ލިބިދޭ އިމްތިޔާޒުތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވީތީ، ލިބިދޭންޖެހޭ އިމްތިޔާޒުތައް ލިބިދިނުމަށްޓަކައި ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ނިންމަންވާނެއެވެ.
35 ވަނަ މާއްދާ – މާނަކުރުން
މި ގާނޫނުގައި އެހެން ގޮތަކަށް ބުނެފައި ނުވާހާހިނދަކު؛
(ހ) "ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، މުޅި މަޖިލީހުގެ ކޮމިޓީއަކަށް، ނުވަތަ މަޖިލީހުގެ ދައުރަކަށް އުފެއްދޭ ކޮމިޓީއަކަށް، ނުވަތަ ވަކި ކަމަކަށް އުފެއްދޭ ވަގުތީ ކޮމިޓީއަކަށް، ނުވަތަ ދާއިމީ ކޮމިޓީއަކަށް، ނުވަތަ އެނޫންވެސް ގޮތެއްގައި މަޖިލީހުން އެ މަޖިލީހުގެ މެންބަރުންގެ މައްޗަށް އެކުލަވާލާ ކޮންމެ ކޮމިޓީއަކަށެވެ.
(ށ) "މެންބަރު" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް، ނުވަތަ އެ މަޖިލީހުގެ މެންބަރުންނަށެވެ. އަދި މި މާނަކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްވެސް ހިމެނިގެންވެއެވެ.
(ނ) "މަޖިލީހުގެ މުވައްޒަފެއް" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުގެ އެންމެހައި މުވައްޒަފުންނަށެވެ.
(ރ) "މަޖިލިސް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި، ކޮމިޓީތަކާއި، މަޖިލީހުގެ ގެއާއި، އެ ގޭގެ ގޯތިތެރެއާއި މަޖިލީހުގެ ގޭގެ ސަރަހައްދުކަމަށް މަޖިލީހުގެ ރައީސް ކަނޑައަޅާ ސަރަހައްދު ހިމެނޭގޮތަށެވެ.
(ބ) "މަޖިލީހުގެ ގެ" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުގެ ގެކަމަށް ބެލެވޭ އިމާރާތާއި، އެ އިމާރާތުގެ ގޯތިތެރެއާއި، ސަރަހައްދުކަމަށް މަޖިލީހުގެ ރައީސް ކަނޑައަޅާ ސަރަހައްދު ހިމެނޭގޮތަށެވެ.
(ޅ) "މީހަކު ނުވަތަ ފަރާތެއް" ކަމަށް ބުނެފައި އެވަނީ، މަޖިލީހާއި މަޖިލީހުގެ މެންބަރުންނާއި މުވައްޒަފުން ހިމެނޭގޮތަށެވެ.
(ކ) "މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، މަޖިލީހުގެ އިދާރާގައި މަސައްކަތްކުރާ ވަގުތީ އަދި ދާއިމީ މުވައްޒަފުންނަށެވެ.
(އ) "ރައްޔިތުންގެ މަޖިލީހުގެ ރައީސް" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހިމެނިގެންވާގޮތަށެވެ.
(ވ) "މެހެމާނުން" ކަމަށް ބުނެފައި އެވަނީ، މަޖިލީހުގެ މެންބަރުންނާއި، މަޖިލީހުގެ މުވައްޒަފުން ފިޔަވައި އެހެން ކޮންމެ މީހަކަށެވެ.
(މ) "ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ދައުރެއް" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުގެ އެއް އިންތިހާބުން އަނެއް އިންތިހާބާ ދެމެދުގައި މެންބަރުކަމުގައި މެދުނުކެނޑި ދެމިހުރުމަށެވެ.
(ފ) "ޒާތީ މަސްލަހަތު" ކަމަށް ބުނެފައި އެވަނީ، ސީދާ އެމީހަކާ ގުޅުންހުރި ހަމައެކަނި އެމީހަކަށް މަންފާ ލިބޭ ކަންކަމަށެވެ.
(ދ) "ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ މީހެއް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާ މެންބަރުންގެ ތެރެއިން މަޖިލީހުގެ އުމުރުގެ ދައުރެއްގެ، އެންމެ މަދުވެގެން 4 (ހަތަރެއް) އަހަރު މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށެވެ. އަދި އެފަދަ މީހަކަށް ހައްގުވާ މާލީ އިނާޔަތާއި އެހެން އިނާޔަތްތައް ދިނުމުގައި އެމީހަކު ވަކިވާ ތާރީހުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ މަޖިލީހުގެ އުމުރުގެ ހުރިހާ ދައުރެއް ގުނޭނެއެވެ. މިގޮތުން މަޖިލީހުގެ ދައުރު ގުނުމުގައި، ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ދައުރެއްގެ އެންމެ މަދުވެގެން 4 (ހަތަރެއް) އަހަރު މެންބަރުކަން ކުރުމުން، އެއީ ދައުރެއްގެ ގޮތުގައި ގުނޭނެއެވެ.
މައި ގާނޫނު
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު (ގާނޫނު ނަންބަރު 5/2013)
ކިޔުންތެރިންގެ ހިޔާލު