-

ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2016-29)

(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްގެ ގޮތުގައި އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސް، އަދި ފީގެ ގޮތުގައި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުމާގުޅޭ އެންމެހައި ކަންކަން ބަޔާންކުރާ ގާނޫނެވެ (އިސްލާހު ކުރެވިފައި)

(ށ) މި ގާނޫނަށް ކިޔާނީ، "ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - އެއަރޕޯޓް ސަރވިސް ޗާޖް ނެގުން

(ހ) ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ އަންނަނިވި ފަސިންޖަރުންގެ އަތުން، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެއަރޕޯޓް ސަރވިސް ޗާޖްގެ ނަމުގައި ޓެކުހެއް ނެގޭނެއެވެ.

  1. ކޮންމެ ބިދޭސީ ފަސިންޖަރެއްގެ އަތުން، 25 (ފަންސަވީސް) އެމެރިކާ ޑޮލަރު؛
  2. ކޮންމެ ދިވެހި ފަސިންޖަރެއްގެ އަތުން، 12 (ބާރަ) އެމެރިކާ ޑޮލަރު.

(ށ) ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، ޢުމުރުން 2 (ދޭއް) އަހަރު ފުރިހަމަނުވާ ކުޑަކުދިން، އެއަރޕޯޓް ސަރވިސް ޗާޖް ނެގުމުން އިސްތިސްނާވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ނަގާ އެއަރޕޯޓް ސަރވިސް ޗާޖް ނަގާނީ 31 ޑިސެންބަރު 2021 ގެ ނިޔަލަށެވެ

(ނ) މި މާއްދާގެ (ހ) އަށް ޢަމަލުކުރަން ފަށާނީ، މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން 4 (ހަތަރެއް) މަސްދުވަސް ހަމަވާ ތާރީހު ހިމެނޭ މަހާ ވިދިގެން ފެށޭ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ (އިތުރު ކުރެވިފައި)

 

2-1 ވަނަ މާއްދާ - ޑިޕާޗަރ ޓެކްސް (އިތުރު ކުރެވިފައި)

(ހ)  ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޑިޕާޗަރ ޓެކްސްގެ ނަމުގައި ޓެކްސްއެއް ނެގޭނެއެވެ.

 

ދަތުރުކުރާ ކްލާސް

  ދިވެހިން 

  ބިދޭސިން 

އިކޮނޮމީ   12 އެމެރިކާ ޑޮލަރު 30 އެމެރިކާ ޑޮލަރު
ބިޒްނަސް ކްލާސް    60 އެމެރިކާ ޑޮލަރު   60 އެމެރިކާ ޑޮލަރު
ފަސްޓް ކްލާސް   90 އެމެރިކާ ޑޮލަރު  120 އެމެރިކާ ޑޮލަރު
ޕްރައިވެޓް ޖެޓް  120 އެމެރިކާ ޑޮލަރު     120 އެމެރިކާ ޑޮލަރު

 

(ށ) މި މާއްދާގެ (ހ) ގެ ދަށުން ނަގާ ޓެކްސް ނަގާނީ، 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ. 

(ނ) ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން 2 (ދޭއް) އަހަރު ފުރިހަމަނުވާ ކުޑަކުދިން، ޑިޕާޗަރ ޓެކްސް ނެގުމުން އިސްތިސްނާވާނެއެވެ.

 

3 ވަނަ މާއްދާ - އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ

(ހ)  ޓްރާންސިޓް ފަސިންޖަރުން ހިމެނޭ ގޮތުން، ވެލާނާ އިންޓަރނޭށަނަލް އެއަރޕޯޓުން ދިވެހިރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން، މި ގާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއަރޕޯޓް ސަރވިސް ޗާޖާއި މި ގާނޫނުގެ 1-2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޑިޕާޗަރ ޓެކްސްގެ އިތުރުން، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ނަމުގައި ފީއެއް ނެގޭނެއެވެ (އިސްލާހު ކުރެވިފައި)

  1. މޭ 2017 އިން ފެށިގެން 31 ޑިސެންބަރު 2021 ގެ ނިޔަލަށް:

    ފަސިންޖަރުން ޢަދަދު (އެމެރިކާ ޑޮލަރުން)
    ދިވެހި ފަސިންޖަރުން 12
    ދިވެހި ފަސިންޖަރުން 25
  2. 1 ޖަނަވަރީ 2022 އިން ފެށިގެން:

    ދަތުރުކުރާ ކްލާސް

    ދިވެހިންގެ އަތުން

    ބިދޭސީންގެ އަތުން

    އިކޮނޮމީ ކްލާސް 12 އެމެރިކާ ޑޮލަރު 30 އެމެރިކާ ޑޮލަރު
    ބިޒްނަސް ކްލާސް 60 އެމެރިކާ ޑޮލަރު 60 އެމެރިކާ ޑޮލަރު
    ފަސްޓް ކްލާސް 90 އެމެރިކާ ޑޮލަރު  90 އެމެރިކާ ޑޮލަރު
    ޕްރައިވެޓް ޖެޓް 120 އެމެރިކާ ޑޮލަރު  120 އެމެރިކާ ޑޮލަރު

 

(ށ) ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތައް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުމުން އިސްތިސްނާވާނެއެވެ.

(ނ) (އުނި ކުރެވިފައި)

 

4 ވަނަ މާއްދާ - އެއަރޕޯޓް ސަރވިސް ޗާޖް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗަރ ޓެކްސް ނެގުމުގެ ޒިންމާ (ސުރުހީ އިސްލާހު ކުރެވިފައި)

(ހ) ދިވެހިރާއްޖެއަށް ށެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ އެއަރލައިނެއްގައި، ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން މީރާއިން ކަނޑައަޅާ އުސޫލެއްގެ ދަށުން، މި ގާނޫނުގެ ދަށުން ނަގާ އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސް ނެގުމާއި، މި ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ބަޔާން ހުށަހެޅުމާއި، މި ގާނޫނުގެ 6 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ދައުލަތަށް ހަމައަށް ފައިސާ ދެއްކުމަކީ އެ އެއަރލައިނެއްގެ ޒިންމާއެކެވެ (އިސްލާހު ކުރެވިފައި)

(ށ) ދިވެހިރާއްޖެއަށް ޝެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ އެއަރލައިނެއްގައި ވެލާނާ އިންޓަރނޭށަނަލް އެއަރޕޯޓުން ދިވެހިރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން މީރާއިން ކަނޑައަޅާ އުސޫލެއްގެ ފަހުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުމާއި، މި ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ބަޔާން ހުށަހެޅުމާއި، މި ގާނޫނުގެ 6 ވަނަ މާއްދާއާ އެއްގޮތަށް ދައުލަތަށް ހަމައަށް ފައިސާ ދެއްކުމަކީ އެ އެއަރލައިންގެ ޒިންމާއެކެވެ.

(ނ) ދިވެހިރާއްޖެއަށް ށެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ އެއަރލައިނެއްގެ މަތިންދާބޯޓަކުން 4 ނޫން ގޮތަކަށް، ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން މީރާއިން ކަނޑައަޅާ އުސޫލެއްގެ ދަށުން، މި ގާނޫނުގެ ދަށުން ނަގާ އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސް ނެގުމާ އި، މި ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ބަޔާން ހުށަހެޅުމާއި، މި ގާނޫނުގެ 6 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ދައުލަތަށް ހަމައަށް ފައިސާ ދެއްކުމަކީ އެ ބޯޓެއް ފުރި އެއަރޕޯޓް ހިންގާ ފަރާތުގެ ޒިންމާއެކެވެ (އިސްލާހު ކުރެވިފައި)

(ރ) ދިވެހިރާއްޖެއަށް ޝެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ އެއަރލައިނެއްގެ މަތިންދާބޯޓަކުން ނޫން ގޮތަކަށް ވެލާނާ އިންޓަރނޭށަނަލް އެއަރޕޯޓުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން މީރާއިން ކަނޑައަޅާ އުސޫލެއްގެ ދަށުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުމާއި، މި ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ބަޔާން ހުށަހެޅުމާއި، މި ގާނޫނުގެ 6 ވަނަ މާއްދާއާ އެއްގޮތަށް ދައުލަތަށް ހަމައަށް ފައިސާ ދެއްކުމަކީ ވެލާނާ އިންޓަރނޭށަނަލް އެއަރޕޯޓް ހިންގާ ފަރާތުގެ ޒިންމާއެކެވެ.

 

5 ވަނަ މާއްދާ - ބަޔާން ހުށަހެޅުން

(ހ) ކޮންމެ މީލާދީ މަހަކު، ދިވެހިރާއްޖޭގެ އެއަރޕޯޓަކުން އެ މަހެއްގެ ތެރޭގައި ދިވެހިރާއްޖޭން ބޭރަށް ފުރި ފަސިންޖަރުންނާބެހޭ މައުލޫމާތާއި، އެ ފަރާތްތަކުގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނުވަތަ ޑިޕާޗަރ ޓެކްސްގެ ގޮތުގައި ނަގަންޖެހޭ އަދަދާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ނަގަންޖެހޭ އަދަދު އަންގައިދޭ ބަޔާނެއް، މީރާއިން ކަނޑައަޅާ ނަމޫނާއަކާ އެއްގޮތަށް ތައްޔާރުކުރުމަށްފަހު، ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް ހުށަހަޅަންވާނެއެވެ (އިސްލާހު ކުރެވިފައި)

(ށ) އެއަރޕޯޓް ސަރވިސް ޗާޖް ނުވަތަ ޑިޕާޗަރ ޓެކްސް ނުވަތަ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަންޖެހޭ ފަރާތެއް އެ މަހެއްގައި ދިވެހިރާއްޖޭން ބޭރަށް ނުފުރިކަމުގައިވިޔަސް، މި މާއްދާގެ (ހ) ގައި ބުނެފައިވާ ބަޔާން، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މީރާއަށް ހުށަހަޅަންވާނެއެވެ (އިސްލާހު ކުރެވިފައި)

(ނ) މި މާއްދާގެ ދަށުން ހުށަހަޅަންޖެހޭ ބަޔާން ކަނޑައެޅިފައިވާ ތާރީހަށް މީރާއަށް ހުށަނާޅައިފިނަމަ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ފަރާތް ޖޫރިމަނާވާނެއެވެ.

 

6 ވަނަ މާއްދާ - އެއަރޕޯޓް ސަރވިސް ޗާޖް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗަރ ޓެކްސް ދެއްކުން (އިސްލާހު ކުރެވިފައި)

(ހ) މި ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާ އެއްގޮތަށް ތައްޔާރުކުރާ ބަޔާނުގައިވާ އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައްކަންޖެހޭ އަދަދު، އެ މަހެއްގެ ބަޔާން ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިން މީރާއަށް ދައްކަންވާނެއެވެ. 

(ށ) އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، މީރާއަށް ދައްކަންވާނީ އެމެރިކާ ޑޮލަރުންނެވެ. 

(ނ) މި މާއްދާގެ ދަށުން ދައްކަންޖެހޭ އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސް އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، ކަނޑައެޅިފައިވާ ތާރީހަށް މީރާއަށް ނުދައްކައިފިނަމަ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ފަރާތް ޖޫރިމަނާވާނެއެވެ.

 

7 ވަނަ މާއްދާ - މީރާއަށް މަޢުލޫމާތު ފޯރުކޮށްދިނުން

މި ގާނޫނު ތަންފީޒުކުރުމުގެ ބޭނުމަށް މީރާއިން ބޭނުންވާ ދިވެހިރާއްޖޭން ބޭރަށް ފުރާ ފްލައިޓްތަކާއި ފަސިންޖަރުންނާބެހޭ މަޢުލޫމާތު، މީރާއިން އެދިއްޖެ ހާލަތެއްގައި، މޯލްޑިވްސް އިމިގްރޭޝަނުން ފޯރުކޮށްދޭންވާނެއެވެ.

 

8 ވަނަ މާއްދާ - އަނބުރާ ނުލިބޭނެ ދަރަނި (އިސްލާހު ކުރެވިފައި)

އެއަރޕޯޓް ސަރވިސް ޗާޖް ނުވަތަ ޑިޕާޗަރ ޓެކްސް ނުވަތަ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި އެއަރލައިނަށް ނުވަތަ އެއަރޕޯޓް ހިންގާ ފަރާތަށް ތިންވަނަ ފަރާތަކުން ލިބެންޖެހި ނުލިބިވާ ފައިސާ، އަނބުރާ ނުލިބޭނެ ދަރަނީގެ ގޮތުގައި އުނިކުރެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިންނެވެ

 

8-1 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ނަގާ ޓެކްސްއާއި ފީ ފަސިންޖަރުންނަށް އަނބުރާ ދެއްކުން (އިސްލާހު ކުރެވިފައި)

(ހ) މ ގާނޫނުގެ ދަށުން އެއަރޕޯޓް ސަރވިސް ޗާޖް ނުވަތަ ޑިޕާޗަރ ޓެކްސް ނުވަތަ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުން ހުއްދަ ނޫން ފަރާތަކުން އެއިން ޓެކްސްއެއް ނުވަތަ ފީއެއް ނަގައިފިނަމަ، ނުވަތަ އެއަރޕޯޓް ސަރވިސް ޗާޖް ނުވަތަ ޑިޕާޗަރ ޓެކްސް ނުވަތަ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަން ނުޖެހޭ ފަރާތެއްގެ އަތުން ނުވަތަ ނަގަންޖެހޭ އަދަދަށްވުރެ އިތުރަށް އެއިން ޓެކްސްއެއް ނުވަތަ ފީއެއް ނަގައިފިނަމަ، އެ ފައިސާ ނެގި މުއްދަތަށް ނިސްބަތްވާ އެއަރޕޯޓް ޓެކްސްއާއި ފީގެ ބަޔާން މީރާއަށް ހުށަހަޅަންޖެހޭ ސުންގަޑީގެ ކުރިން އެ ފައިސާ، އެ ފަސިންޖަރަށް އަނބުރާ ދޭންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ފަސިންޖަރަށް އެ ފައިސާ އަނބުރާ ރައްދުކޮށްފައިނުވާނަމަ، އެ ފައިސާ މީރާއަށް ދައްކަންވާނެއެވެ.

 

9 ވަނަ މާއްދާ - ރެކޯޑު ބެލެހެއްޓުން

(ހ) އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސް އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ދައްކަންޖެހޭ އެއްވެސް ފަރާތަކުން ދައްކަންޖެހޭ ފައިސާގެ އަދަދަކީ ސައްހަ އަދަދެއްކަން ޔަގީންކޮށްދިނުމުގެ ބޭނުމަށް އަންނަނިވި ރެކޯޑުތައް ބަލަހައްޓަންވާނެއެވެ (އިސްލާހު ކުރެވިފައި)

  1. އެކި ފަރާތްތަކުން އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި އެ ފަރާތްތަކަށް ފޮނުވާ އިންވޮއިސްތަކާއި، ފައިސާ ލިބުމުން ތައްޔާރުކުރާ ރަސީދުތަކާއި، ފައިސާ ހޯދުމަށްޓަކައި އެ ފަރާތްތަކާ ދެމެދު ލިޔުމުން ކުރެވޭ އެނޫންވެސް މުއާމަލާތުތައް؛ އަދި
  2. އެ އެއަރލައިނުން އޮޕަރޭޓްކުރާ، ނުވަތަ އެ އެއަރޕޯޓުން ފުރާ ފްލައިޓްތަކުގެ މެނިފެސްޓް؛ އަދި
  3. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެނޫންވެސް މައުލޫމާތު.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރެކޯޑުތައް 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓަންވާނެއެވެ. މިފަދަ ލިޔެކިޔުންތައް ހުންނަންވާނީ ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުންނެވެ. އަދި އެ ލިޔެކިޔުންތަކުގައި ހިމެނޭ ޢަދަދުތައް ހުންނަންވާނީ ދިވެހި ރުފިޔާ ނުވަތަ އެމެރިކާ ޑޮލަރު ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ގަބޫލުކުރާ ބޭރު ފައިސާގެ ތެރެއިން ކޮމިޝަނަރ ޖެނެރަލް ކަނޑައަޅާ ފައިސާއަކުންނެވެ.

 

10 ވަނަ މާއްދާ - ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގައިވާ ގޮތުގެމަތިން ޢަމަލުކުރުން

(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގައި ބަޔާންކޮށްފައިވާ އުސޫލުތައް މި ގާނޫނަށް ހިނގާނެއެވެ. އަދި މި ގާނޫނުގައި ކަނޑައެޅިގެން ވަކި ގޮތަކަށް ޢަމަލުކުރުމަށް ބަޔާންކޮށްފައިނުވާ ހާލަތްތަކުގައި ޢަމަލުކުރާނީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގައިވާ ގޮތުގެމަތިންނެވެ.

(ށ) މި ގާނޫނު ކިޔާނީ ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އާ އެކުގައެވެ. އަދި މި ގާނޫނުގައި މާނަކޮށްފައިނުވާ ކޮންމެ ލަފްޒެއް ނުވަތަ ޢިބާރާތެއް ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާހާ ހިނދަކު މާނަކުރާނީ އެ ގާނޫނުގައި އެ ލަފްޒެއް ނުވަތަ ޢިބާރާތެއް މާނަކޮށްފައިވާ ގޮތަށެވެ.  

 

11 ވަނަ މާއްދާ - މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރިހާ ހަމައަށް ނުދައްކާ ހުރި އެއަރޕޯޓް ސަރވިސް ޗާޖް

(ހ) މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީހާ ހަމައަށް، ގާނޫނު ނަންބަރު 78/1971 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނެގުމާބެހޭ ގާނޫނު) ގެ ދަށުން ދައްކަންޖެހި ނުދައްކާ ހުރި އެއަރޕޯޓް ސަރވިސް ޗާޖް، މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ހަލާސްކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފައިސާގެ ތަފްސީލު، މީރާއިން ކަނޑައަޅާނަމޫނާއަކާ އެއްގޮތަށް ތައްޔާރުކުރުމަށްފަހު، މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މީރާއަށް ހުށަހަޅަންވާނެއެވެ.

 

12 ވަނަ މާއްދާ - މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރިހުގެ ކުރިން ވެފައިވާ އެއްބަސްވުން

މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުގެ ކުރިން ވެފައިވާ އެއްބަސްވުމެއްގައި، އެއަރޕޯޓް ސަރވިސް ޗާޖް ނުވަތަ ޑިޕާޗަރ ޓެކްސްއަށް ރިއާޔަތްކޮށްފައިވާ މާއްދާތައް ނުވަތަ މާއްދާއެއްގެ ބައެއް ނަމަވެސް، މި ގާނޫނާ ތައާރުޟުވާ މިންވަރަކަށް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ބާތިލުވާނެއެވެ (އިސްލާހު ކުރެވިފައި)

 

13 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނުގެ ދަށުން އެއަރލައިންތަކާއި އެއަރޕޯޓް ހިންގާ ފަރާތްތައް ރަޖިސްޓަރީކުރުމުގެ އުސޫލުތަކާއި މި ގާނޫނު ތަންފީޒުކުރުމަށްޓަކައި ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި، މި ގާނޫނު ތަންފީޒުކޮށް، މި ގާނޫނުގައިވާ އެންމެހައި ކަންކަން ހިންގައި ބަލަހައްޓާނީ މީރާއިންނެވެ. މިގޮތުން މީރާއިން ހަދާ ގަވާއިދުގައި، މި ގާނޫނާ ގުޅިގެން އެއަރޕޯޓް ސަރވިސް ޗާޖް ނެގުމުގެ އުސޫލުތަކަށް އައި ބަދަލުތަކަށް ޢަމަލުކުރުމުގައި ގެންގުޅޭނެ އިންތިގާލީ އުސޫލުތައް ކަނޑައަޅަންވާނެއެވެ.

(ށ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުންދިވެހިސަރުކާރުގެ ގެޒެޓް ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި، އާންމުކޮށް ޝާއިޢުކުރަންވާނެއެވެ.

(ނ) 1 ޖަނަވަރީ 2022 ގައި، ނުވަތަ އެ ތާރީހުގެ ފަހުން ދަތުރުކުރުމަށްޓަކައި، ޓިކެޓު ގަންނަ ނުވަތަ ފުރާ ދުވަސް ބަދަލުކުރާ ފަސިންޖަރުންގެ އަތުން ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުމުގައި އަމަލުކުރާނެ އިންތިގާލީ އުސޫލުތަކާއި، ޑިޕާޗަރ ޓެކްސް ނެގުމުގައި ދަތުރުކުރާ ކްލާސްތައް ކަނޑައަޅާނެ މިންގަނޑުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ (އިތުރު ކުރެވިފައި)

 

14 ވަނަ މާއްދާ - އުވާލެވޭ ގާނޫނު

މި ގާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 78/1971 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނެގުމާބެހޭ ގާނޫނު)އުވުނީއެވެ.

 

15 ވަނަ މާއްދާ -  ގާނޫނަށް ޢަމަލުކުރަން

މި ގާނޫނަށް ޢަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގްކޮށް، ދިވެހިސަރުކާރުގެގެޒެޓުގައި ޝާއިޢުކުރާ ތާރީހުން ފެށިގެންނެވެ.

 

16 ވަނަ މާއްދާ - މާނަކުރުން

މި ގާނޫނުގައި ޢިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެންމާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި ޢިބާރާތްތަކާއި ލަފްޒުތަކަށް ދީފައި އެވަނީ، އެ ޢިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ޓްރާންސިޓް ފަސިންޖަރުން" ކަމަށް ބުނެފައި އެވަނީ، އެއް ގައުމަކުން ފުރައިގެންއަނެއް ގައުމަކަށްދާ މަގުމަތީގައި، ފްލައިޓް ބަދަލުކުރުންފަދަ ބޭނުމަކަށް 24 (ސައުވީސް) ގަޑިއިރަށްވުރެ ދިގުނޫން މުއްދަތަކަށް ދިވެހިރާއްޖޭގައި މަޑުކުރާފަސިންޖަރުންނަށެވެ.

(ށ) "ކޮމިޝަނަރ ޖެނެރަލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން ޢައްޔަންކޮށްފައިވާ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަށެވެ.

(ނ) "މީރާ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ.

(ރ) "އެއަރޕޯޓް ހިންގާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2/2001 (ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ގާނޫނު) ގެ ދަށުން ބައިނަލްއަގްވާމީ އެއަރޮޑްރޯމްއެއް ހިންގުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނު (ގާނޫނު ނަންބަރު 29/2016)

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 11/2017)

 

އުވާލެވުނު ގާނޫނު

އެއަރޕޯޓަކުން ރާއްޖޭންބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނެގުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 71/1978)

ކިޔުންތެރިންގެ ހިޔާލު