-

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2013-06)

  (1ވަނަ އިސްލާހު ކޮންސޮލލިޑޭޓް ކުރެވިފައި)

އެއްވަނަ ބާބު

ފެށުން

1 ވަނަ މާއްދާ - ތައާރުފާއި ނަން       

(ހ) މި ގާނޫނަކީ، ދިވެހިރާއްޖޭގައި ހިންގާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއަރުވައި ތަރައްގީކުރުމަށްޓަކައި ބޭނުންވާ އޮނިގަނޑު އެކަށައަޅައި، ކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ގާނޫނުގެ މަގްސަދުތައް           

މި ގާނޫނުގެ މައިގަނޑު މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް ފަހި މާހައުލެއް ދިވެހިރާއްޖޭގައި ގާއިމުކޮށް، ދިވެހިރާއްޖޭގެ އިގްތިސާދުގައި އެ ވިޔަފާރިތަކުގެ ދައުރު ފުޅާކޮށް، އެ ވިޔަފާރިތަކަކީ ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ވާދަވެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީވުމުގެ ގާބިލުކަން ލިބިފައިވާ ވިޔަފާރިތަކަކަށް ހެދުމަށް މަގުފަހިކުރުން؛

(ށ) އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައި ދިގު މުއްދަތުގެ ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް މަގުފަހިކުރުމާއި، މެދު ފަންތީގެ އާމްދަނީ ލިބޭ ފަރާތްތައް އިތުރުކުރުން؛

(ނ) އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަސަރުކުރާ ސަރުކާރުގެ ސިޔާސަތުތަކާއި އެ ވިޔަފާރިތަކާ ގުޅޭގޮތުން ސަރުކާރުން ހިންގާ ޕްރޮގްރާމްތަކާއި ހަރަކާތްތައް ވިލަރެސްކޮށް، ހިނގާ ނުހިނގާގޮތް ބަލައި، ވަޒަންކުރެވޭނެ ގޮތްތައް ގާއިމުކުރުން؛

(ރ) ވިޔަފާރި ހިންގުމާއި، މާލީ ގާބިލުކަމާއި، ހުނަރާއި، ތަޖުރިބާއާއި އެފަދަ އެހެން ކަންކަމުގައި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ދިވެހިރާއްޖޭގައި ހިންގާ ބޮޑެތި ވިޔަފާރިތަކާ ދެމެދުގައި އޮތް ފަރަގު ކުޑަކުރުން؛

(ބ) އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއާގުޅޭ ދިރާސާތައް ހެދުމާއި ސިޔާސަތުތައް ކަނޑައެޅުމަށްޓަކައި ބޭނުންވާނެ މައުލޫމާތު އެއްކޮށް، ބެލެހެއްޓުން؛

(ޅ) އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި މަރުކަޒީކޮށް ރަޖިސްޓަރީކުރުމުގެ ނިޒާމެއް ގާއިމުކުރުން.

 

ދެވަނަ ބާބު

ވިޔަފާރި ގިންތިކުރުން

 

3 ވަނަ މާއްދާ - ވިޔަފާރީގެ ގިންތިތައް (އިސްލާހު ކުރެވިފައި)     

(ހ) މި ގާނޫނުގެ ބޭނުމަށްޓަކައި ވިޔަފާރި ބެހިގެންވަނީ އަންނަނިވި 3 (ތިނެއް) ގިންތިއަށެވެ.

  1. އެންމެ ކުދި ފަންތީގެ ވިޔަފާރި؛
  2. ކުދި ފަންތީގެ ވިޔަފާރި؛ އަދި
  3. މެދު ފަންތީގެ ވިޔަފާރި.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ ތެރެއިން ވަކި ގިންތިއަކަށް ވިޔަފާރިއެއް ކަނޑައެޅުމުގައި ބަލާނީ، އެ ވިޔަފާރިއެއްގައި ހިމެނޭ މުވައްޒަފުންގެ އަދަދަށާއި، އަހަރަކަށް ލިބޭ އާމްދަނީގެ ޖުމްލަ އަދަދަށާއި، އަހަރަކަށް ލިބޭ ސާފު ފައިދާގެ އަދަދަށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ ތެރެއިން ވަކި ގިންތިއެއްގައި ވިޔަފާރިއެއް ހިމެނުމުގައި ބަލާނީ، އަންނަނިވި ތާވަލުގައި ބަޔާންކުރާ މިންގަނޑުތަކުން އެ ވިޔަފާރިއެއް ނިސްބަތްވާ ވަކި ގިންތިއަކަށެވެ.

 

ނިސްބަތްވާ ގިންތި     މުވައްޒަފުންގެ އަދަދު  ޖުމްލަ އާމްދަނީ  ސާފު ފައިދާ (ނެޓް ޕްރޮފިޓް)
އެންމެ ކުދި 0-5    500،000 (ފަސްލައްކަ ރުފިޔާއާ ހަމައަށް 75،000 (ހަތްދިހަފަސްހާސް ރުފިޔާއާ ހަމައަށް)
 ކުދި    6-30     500،000 (ފަސްލައްކަ ރުފިޔާއަށްވުރ މަތި، 5،000،000 (ފަސްމިލިޔަން) ރުފިޔާއާ ހަމައަށް  75،000 (ހަތްދިހަފަސްހާސް) ރުފިޔާއަށްވުރެން މަތި، 750،000 (ހަތްލައްކަ ފަންސާސްހާސް) ރުފިޔާއާ ހަމައަށް.
 މެދު    31-100      500،000 (ފަސްލައްކަ ރުފިޔާއަށްވުރ މަތި، 5،000،000 (ފަސްމިލިޔަން) ރުފިޔާއަށްވުރެ މަތި، 20،000،000 (ވިހިމިލިޔަން ރުފިޔާއާ ހަމައަށް  750،000 (ހަތްލައްކަ ފަންސާސްހާސް) ރުފިޔާއަށްވުރެން މަތި، 3،000،000 (ތިންމިލިޔަން) ރުފިޔާއާ ހަމައަށް.

 

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ވިޔަފާރި ގިންތިކުރާއިރު، ވަކި ވިޔަފާރިއެއްގައި ހިމެނޭ މުވައްޒަފުންގެ އަދަދާއި، އެ ވިޔަފާރިއަކަށް ލިބޭ އާމްދަނީގެ އަދަދާއި ސާފު ފައިދާގެ އަދަދު، އެއިން ވަކި އެއް ގިންތިއެއްގައި ބަޔާންކޮށްފައިވާ 3 (ތިނެއް) މިންގަނޑަށް ނުފެތޭނަމަ، އެ ވިޔަފާރި ގިންތިކުރާނީ، މި ގާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކުރާ ފޯމިއުލާ ބޭނުންކޮށްގެން، ކޮންމެ މިންގަނޑަކަށް ވަކި ނިސްބަތަކުން އިސްކަންދޭ އުސޫލުން ނުކުންނަ ނަތީޖާއަށް ރިއާޔަތްކޮށެވެ.

(ބ) މި ގާނޫނުގެ ދަށުން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިކުރުމުގެ ބޭނުމަށްޓަކައި، އެއްވެސް ވިޔަފާރިއެއް ގެ މުވައްޒަފުންގެ އަދަދު ނުވަތަ ޖުމްލަ އާމްދަނީގެ އަދަދު ނުވަތަ ސާފު ފައިދާގެ އަދަދު، މި މާއްދާގެ (ނ) ގައި ހިމެނޭ ތާވަލުގައި ބަޔާންކޮށްފައިވާ އެންމެ މަތީ އަދަދަށްވުރެ އިތުރުނަމަ، އެ ވިޔަފާރިއަކީ، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ނުބެލޭނެއެވެ. 

(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގިންތިތަކުގައި ހިމެނޭ ވިޔަފާރި ތަރައްގީކުރުމަށް ސަރުކާރުން އެކަށައަޅާ ސިޔާސަތުތައް ތަންފީޒުކުރުމަށް އަމަލީގޮތުން ހިންގާނެ ހަރަކާތްތައް ކަނޑައަޅައި، އެ ހަރަކާތްތައް ތަންފީޒުކުރުމާއި، ކަމާގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރާނެ އިސް ފަރާތަކީ މިނިސްޓްރީއެވެ.

 

4 ވަނަ މާއްދާ - އެއް ގިންތިން އަނެއް ގިންތިއަށް ބަދަލުކުރުން (އިސްލާހު ކުރެވިފައި) 

(ހ) މި ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ ތެރެއިން، އެއް ގިންތިއެއްގައި ހިމެނޭ ވިޔަފާރިއެއް އަނެއް ގިންތިއަކަށް ބަދަލުކުރެވޭނީ އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައެވެ.

  1. މި މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން، ރަޖިސްޓްރާރަށް ހުށަހަޅާ ވިޔަފާރިތަކުގެ މައުލޫމާތުތަކަށް ރިއާޔަތްކޮށް، ކޮންމެ އަހަރަކު އެއް ފަހަރު، އެ އަހަރުގެ އޮގަސްޓު މަސް ނިމުމުގެ ކުރިން؛ ނުވަތަ
  2. ވިޔަފާރިއެއްގައި ހިމެނޭ މުވައްޒަފުންގެ އަދަދު ނުވަތަ ވޭތުވެދިޔަ އަހަރު ލިބުނު އާމްދަނީގެ ޖުމްލަ އަދަދު ނުވަތަ ސާފު ފައިދާގެ އަދަދަށް އަންނަ ބަދަލަކާ ގުޅިގެން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން، އެ ވިޔަފާރިއަކުން ރަޖިސްޓްރާރަށް ހުށަހަޅާފައިވުން. 

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ޓެކްސް ބަޔާނާއެކީ މީރާއަށް ހުށަހަޅާ އަންނަނިވި މައުލޫމާތު، ކޮންމެ އަހަރެއްގެ ޖުލައި މަސް ނިމުމުގެ ކުރިން ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

  1. ވިޔަފާރިތަކުގެ މުވައްޒަފުންގެ އަދަދު؛
  2. ވިޔަފާރިތަކުގެ ވޭތުވެދިޔަ އަހަރުގެ ޖުމްލަ އާމްދަނީގެ އަދަދު؛ އަދި
  3. ވިޔަފާރިތަކުގެ ވޭތުވެދިޔަ އަހަރުގެ ސާފު ފައިދާގެ އަދަދު.

(ނ) ގާނޫނު ނަންބަރު 6/2013 (ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އަލުން ގިންތިކޮށް ދަފްތަރުކުރަންވާނެއެވެ.

 

5 ވަނަ މާއްދާ - އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދަފްތަރު (އިސްލާހު ކުރެވިފައި) 

(ހ) މި ގާނޫނުގެ ދަށުން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް، މި ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގިންތިތަކަށް ކަނޑައަޅައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދަފްތަރުކޮށް، ރަޖިސްޓްރާރ ލިޔެ ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަފްތަރުގައި ހިމެނޭ މައުލޫމާތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން، އާންމުންނަށް ފޯރުކޮށްދެވޭނެ ނިޒާމެއް ރަޖިސްޓްރާރ ގާއިމުކުރަންވާނެއެވެ. އަދި އެ ދަފްތަރުގައި ހިމެނޭ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމުގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން ފީއެއް ނެގުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ - (އުނި ކުރެވިފައި) 

 

7 ވަނަ މާއްދާ - (އުނި ކުރެވިފައި) 

 

8 ވަނަ މާއްދާ - އިނާޔަތް ލިބުމުގެ ށަރުތުތައް       

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގިންތިއެއްގައި ހިމެނޭ ވިޔަފާރިތަކަށް މި ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް މަންފާއެއް ނުވަތަ އިނާޔަތެއް ލިބިދެވޭނީ، އެ ވިޔަފާރިއަކާ ގުޅޭގޮތުން އަންނަނިވި ކަންކަން ފުރިހަމަވާނަމައެވެ.

(ހ) މި ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގިންތިއެއްގައި ހިމެނޭ ވިޔަފާރިއެއްގެ ގޮތުގައި އެ ވިޔަފާރި ރަޖިސްޓަރީކޮށްފައިވުން؛

(ށ) އެ ވިޔަފާރިއަކީ:

  1. ފަރުދަކު ހިންގާ އަމިއްލަ ވިޔަފާރިއެއްނަމަ، ދިވެހި ރައްޔިތެއްގެ ވިޔަފާރިއަކަށްވުން؛
  2. ކޯޕަރޭޓިވް ސޮސައިޓީއަކުން ހިންގާ ވިޔަފާރިއެއްނަމަ، އެ ސޮސައިޓީގެ މެންބަރުންނަކީ ދިވެހި ރައްޔިތުން ކަމުގައިވުން؛
  3. ޕާޓްނަރށިޕަކުން ހިންގާ ވިޔަފާރިއެއްނަމަ، އެ ޕާޓްނަރށިޕްގައި ހިމެނޭ ޕާޓްނަރުންނަކީ ދިވެހި ރައްޔިތުން ކަމުގައިވުން؛ ނުވަތަ
  4. ކުންފުންޏަކުން ހިންގާ ވިޔަފާރިއެއްނަމަ، އެ ކުންފުނީގައި ހިމެނޭ ހިއްސާދާރުންނަކީ ދިވެހިރައްޔިތުން ކަމުގައިވުން؛

(ނ) އެ ވިޔަފާރިއަކީ އެހެން ވިޔަފާރިއަކުން ސީދާ ގޮތުގައި ނުވަތަ ނުސީދާ ގޮތުގައި ކޮންޓްރޯލްކުރާ ވިޔަފާރިއެއްކަމަށްވާނަމަ، އެ ދެވަނަ ވިޔަފާރިއަކީވެސް މި ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގިންތިއެއްގައި ހިމެނޭ ވިޔަފާރިއަކަށްވުމާއެކު، މި މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ވިޔަފާރިއަކަށްވުން؛

(ރ) އެ ވިޔަފާރީގެ މިލްކުވެރިކަމުގެ އެއްވެސް ހިއްސާއެއް، އާންމުންނަށް ހިއްސާ ވިއްކުމުގެ އުސޫލުން ދޫކޮށްފައިނުވުން.

 

9 ވަނަ މާއްދާ - އިނާޔަތްލިބޭ ފަރާތްތަކުން ރިޕޯޓު ހުށަހެޅުން       

މި ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަކަށް މި ގާނޫނުގެ ދަށުން އެއްވެސް އިނާޔަތެއް ލިބޭނަމަ، އެ އިނާޔަތެއް ލިބެމުންދާ މުއްދަތުގައި ހިނގާ ކޮންމެ އަހަރަކުމެ، އެ އަހަރުގެ ތެރޭގައި އެ ވިޔަފާރިއަކާ ގުޅޭގޮތުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މައުލޫމާތު އެ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

 

10 ވަނަ މާއްދާ - އިސްކަންދޭ ދާއިރާތަކަށް އިނާޔަތްދިނުން ހުއްދަކުރުން          

މި ގާނޫނުގެ އެހެން މާއްދާތަކުގައި ވަކި ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގިންތިތަކަށް، އެ ގިންތިތަކުގެ ނިސްބަތުން އިނާޔަތްދިނުމުގައި، ވަކި ދާއިރާއެއްގައި ހަރަކާތްތެރިވާ، ހާއްސަ ރައްކާތެރިކަމެއް ބޭނުންވާ ބައެއް ވިޔަފާރިތަކަށް، ސަރުކާރުން ވަކި ސިޔާސަތުތަކެއް ކަނޑައަޅައި، ވަކި ޕްރޮގްރާމްތަކެއް ހިންގައި، ވަކި އިނާޔަތްތަކެއް ދީ، ވަކި މަންފާތަކެއް ލިބޭނެ ގޮތް ހަދައިދިނުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ.

 

ތިންވަނަ ބާބު

ކައުންސިލު

11 ވަނަ މާއްދާ - ކައުންސިލު އުފެއްދުން     

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 2 (ދޭއް) މަސް ދުވަހުގެ ތެރޭގައި، "ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކައުންސިލު" ގެ ނަމުގައި، ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެއެވެ.

(ށ) މާއްދާގެ (ހ) ގެ ދަށުން އުފައްދާ ކައުންސިލަކީ، މި ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގިންތިތަކުގައި ހިމެނޭ ވިޔަފާރި ތަރައްގީކުރުމަށް ސަރުކާރުން އެކަށައަޅާ ސިޔާސަތުތައް ތަންފީޒުކުރުމަށް އަމަލީގޮތުން ހިންގާނެ ހަރަކާތްތައް ކަނޑައެޅުމުގައި މިނިސްޓްރީއަށް ލަފާދޭ މައިގަނޑު ފަރާތެވެ (އިސްލާހު ކުރެވިފައި) 

(ނ) ކައުންސިލަށް މެންބަރުން އައްޔަންކޮށް ވަކިކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.

(ރ) ކައުންސިލުގެ ރައީސަކީ މަގާމުގެ ހައިސިއްޔަތުން މިނިސްޓަރެވެ. ކައުންސިލުގެ މެންބަރުންގެ ތެރެއިން ސިވިލް ސޮސައިޓީ ތަމްސީލުކުރާ މެންބަރަކު ކައުންސިލުގެ ނައިބު ރައީސްކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.

(ބ) ކައުންސިލުގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ މިނިސްޓްރީންނެވެ (އިސްލާހު ކުރެވިފައި) 

 

12 ވަނަ މާއްދާ - ކައުންސިލުގެ މަސްއޫލިއްޔަތުތައް      

(ހ) ކައުންސިލުގެ މަސްއޫލިއްޔަތުތަކަކީ، މި މާއްދާގެ (ށ) ގައި ބަޔާންކުރާ މަގްސަދުތައް ހާސިލްކުރުމަށް މިނިސްޓަރަށް ލަފާއެރުވުމެވެ.

(ށ) ކައުންސިލުގެ މައިގަނޑު މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

  1. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއަރުވައި ތަރައްގީކުރުމަށްޓަކައި ގައުމީ އޮނިގަނޑެއް އެކުލަވާލުން؛
  2. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއަރުވައި ތަރައްގީކުރުމަށް ސަރުކާރުން އެކަށައަޅާ ސިޔާސަތުތައް ތަންފީޒުކުރުމަށް އަމަލީ ގޮތުން ހިންގާނެ ހަރަކާތްތައް ކަނޑައެޅުން؛
  3. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއަރުވައި ތަރައްގީކުރުމުގެ ގޮތުން ހިންގާ އެންމެހައި ހަރަކާތްތަކަށް ބަޖެޓު ތައްޔާރުކުރުމާއި، އެގޮތުން ތައްޔާރުކުރާ ބަޖެޓުގައި މި ގާނޫނުގެ ދަށުން އުފައްދާ އިދާރާތަކާއި، މަރުކަޒުތަކާއި، ސްކީމްއާއި، ފަންޑާއި، މި ގާނޫނުގެ ދަށުން އެކިއެކި ހަރަކާތްތައް ހިންގުމަށް ހިނގާނެ ހަރަދު ހިމެނުން؛
  4. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއަރުވައި ތަރައްގީކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ރޭވޭ ޕްރޮގްރާމްތަކަކީ، ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ލަނޑުދަނޑިތައް ހާސިލުކުރެވޭ ގޮތަށް ރޭވޭ ޕްރޮގްރާމްތަކެއް ކަން ކަށަވަރުކުރުން؛
  5. ކަމާބެހޭ މިނިސްޓްރީތަކާއި، ސަރުކާރުގެ އިދާރާތަކާއި، ޕްރައިވެޓް ސެކްޓަރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ ފަރާތްތަކުގެ މަށްވަރާއާއެކު، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަސަރުކުރާ ސިޔާސަތުތަކާއި ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިނގާނުހިނގާ ގޮތް ބަލައި، ވަޒަންކުރުން؛
  6. ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތްދޭ މަރުކަޒުތައް ހިނގާނުހިނގާ ގޮތް ބަލައި، އެތަންތަނުން ހިންގާ ހަރަކާތްތަކުން ނަތީޖާ ނެރެވޭ މިންވަރު ބެލުން؛
  7. ދަރަނި ނެގުމާއި ފައިސާ ރައްކާކުރުމުގެ ހިދުމަތްތަކާއި، ކެޕިޓަލް މާކެޓްތަކުގައި ބައިވެރިވުމާއި، އެނޫންވެސް މާލީ ހިދުމަތްތައް ހޯދޭނެ ގޮތްތައް އިތުރުކުރުމަށް ކަނޑައަޅާ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސައްކަތްކުރުން؛
  8. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވިޔަފާރީގެ ފުރުސަތުތައް އިތުރުކޮށް ދިނުމަށް މަސައްކަތްކުރުން؛
  9. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީގެ ގޮތުގައި ފައިސާ ހޯދައި ދިނުމަށް މަސައްކަތްކުރުމާއި އެގޮތުން ދޫކުރެވޭ ފައިސާ ބޭނުންކުރެވެނީ އެންމެ ފައިދާ ހުރި އަދި އެދެވޭ ގޮތުގައިކަން ޔަގީންކުރުމަށްޓަކައި، އެހީ ދޫކުރުމުގެ އުސޫލުތައް ރާވައި، ހިންގައި، މުރާޖައާކުރުން؛
  10. މި ގާނޫނުގެ މަގްސަދުތައް ހާސިލްކުރުމުގައި އެހީތެރިވުމާއި، ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތްދޭ މަރުކަޒުތަކުން ދިނުމަށް ކަނޑައެޅިފައިވާ ހިދުމަތްދިނުން ފަދަ ކަންކަމުގައި، ކަމާބެހޭ މިނިސްޓްރީތަކާއެކު މަސައްކަތްކުރުމަށް ޕްރައިވެޓް ސެކްޓަރަށް ހިތްވަރުދިނުމާއި، ޕްރައިވެޓް ސެކްޓަރުން އެފަދަ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިތްވަރުދޭ ޕްރޮގްރާމްތައް ހިންގުން؛
  11. ގައުމީ ތަރައްގީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެމަތިން ނުވަތަ ގާނޫނެއްގައިވާ ގޮތުގެމަތިން އިސްކަންދޭ ދާއިރާތަކުގެ ގޮތުގައި ކައުންސިލުން ކަނޑައަޅާ ދާއިރާތަކުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ހާއްސަ އަހަންމިއްޔަތުކަމެއް ދިނުން؛
  12. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހިވާފަދަ ފުރިހަމަ އޮނިގަނޑެއްގެ ދަށުން، އެ ވިޔަފާރިތައް ރެގިއުލޭޓްކުރުމަށްޓަކައި، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ށަރުތުތަކާއި ހުރަސްތައް މަދު އޮނިގަނޑެއް ގާއިމުކުރުމަށް މަސައްކަތްކުރުން؛
  13. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިންގުމުގައި ގުޑް ގަވަރނަންސްގެ އުސޫލުތަކަށް އަހުލުވެރިކުރުވުމަށާއި އަދި އެ އުސޫލުތައް ޕްރޮމޯޓް ކުރުމަށްޓަކައި މަސައްކަތްކުރުން؛
  14. މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަންޑުން ފައިސާ ދޫކުރާ  އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ހާލަތު ދިރާސާކުރުމަށްޓަކައި އިސްކަންދޭ ދާއިރާތަކަށް އަހަންމިއްޔަތުކަންދީގެން އޮނިގަނޑެއް އެކުލަވާލުން؛
  15. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން އުފައްދާ ބްރޭންޑްތައް އުފެއްދުމުގައާއި، ހިމާޔަތްކުރުމުގައި އެހީތެރިވެދިނުން؛
  16. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމާއި ތަރައްގީކުރުމާގުޅޭ ދިރާސާތައްކުރުމާއި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ފަށައިގަންނަ މިންވަރާއި، ހުއްޓާލާ މިންވަރާއި، ހިނގާ ގޮތާއި، ހަރަކާތްތެރިވާ ދާއިރާތައް އަންގައިދޭ މައުލޫމާތު ށާއިއުކުރުން؛ އަދި
  17.  މި ގާނޫނުގެ މަގްސަދުތައް ހާސިލުކުރުމަށް ބޭނުންވާ ކަންކަމާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ނުވަތަ އެހެން ގާނޫނެއްގައި ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.

(ނ) ކައުންސިލުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި މި ގާނޫނުގެ މަގްސަދުތަކަށް ރިއާޔަތްކުރަންވާނެއެވެ. އަދި ކައުންސިލުގެ ނިންމުންތައް ނިންމަންވާނީ، މި ގާނޫނުގެ މަގްސަދުތަކަށް ހަނިކަމެއް ނާންނާނެ ގޮތުގެމަތިން އަދި އެ މަގްސަދުތައް ދިރުވައި، ނެގެހެއްޓޭނެ ގޮތެއްގެމަތިންނެވެ.

 

13 ވަނަ މާއްދާ - ކައުންސިލުގެ މެންބަރުން (އިސްލާހު ކުރެވިފައި)        

އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކައުންސިލު އެކުލެވިގެންވަނީ، އަންނަނިވި 14 (ސާދަ) މެންބަރުންގެ މައްޗަށެވެ.

(ހ) އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓަރު؛

(ށ) މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓަރު؛

(ނ) ފަތުރުވެރިކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓަރު؛

(ރ) މާލީ ކަންކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓަރު؛

(ބ) އަންހެން ވިޔަފާރިވެރިން ތަމްސީލުކުރާ މަންދޫބެއް؛

(ޅ) މަސްވެރިކަމުގެ ދާއިރާއިން، އެ ދާއިރާގެ ސިވިލް ސޮސައިޓީގެ މަންދޫބެއް؛

(ކ) ދަނޑުވެރިކަމުގެ ދާއިރާއިން، އެ ދާއިރާގެ ސިވިލް ސޮސައިޓީގެ މަންދޫބެއް؛

(އ) ފަތުރުވެރިކަމުގެ ދާއިރާއިން، އެ ދާއިރާގެ ސިވިލް ސޮސައިޓީގެ މަންދޫބެއް؛

(ވ) އިންފޮމޭށަން، ކޮމިއުނިކޭށަން އަދި ޓެކްނޮލޮޖީގެ ދާއިރާއިން، އެ ދާއިރާގެ ސިވިލް ސޮސައިޓީގެ މަންދޫބެއް؛

(މ) އިމާރާތްކުރުމުގެ ދާއިރާއިން ، އެ ދާއިރާގެ ސިވިލް ސޮސައިޓީގެ މަންދޫބެއް؛

(ފ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންށަލް ސެކްޓަރގެ އިސް އޮފިށަލެއް ؛

(ދ) މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އިސް އޮފިށަލެއް؛

(ތ) މި ގާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކުރާ ބިޒްނަސް ސެންޓަރ ކޯޕަރޭށަން
ލިމިޓެޑް (ބީ.ސީ.ސީ) ގެ މެނޭޖިންގ ޑިރެކްޓަރ ނުވަތަ ސީ.އީ.އޯ؛

(ލ) ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އުފައްދާފައިވާ އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭށަން ލިމިޓެޑް (އެސް.ޑީ.އެފް.ސީ) ގެ މެނޭޖިންގ ޑިރެކްޓަރ ނުވަތަ ސީ.އީ.އޯ.

 

14 ވަނަ މާއްދާ - ކައުންސިލު ހިންގުމާބެހޭ ކަންތައްތައް         

(ހ) ކައުންސިލުގެ ޖަލްސާތައް ބާއްވާނެ މުއްދަތުތަކާއި، އެ ޖަލްސާތައް ކުރިއަށްގެންދާނެ ގޮތާއި، ކައުންސިލަށް ކަންކަން ހުށަހެޅޭނެ ގޮތާއި ކަންކަން ނިންމޭނެ ގޮތާއި، ޖަލްސާތަކުގެ ޔައުމިއްޔާއާއި، ކައުންސިލު ހިންގުމުގެ އެހެނިހެން ކަންކަމާގުޅޭ ގަވާއިދު ކައުންސިލުން ހަދަންވާނެއެވެ.

(ށ)  މި ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)، (ށ(، (ނ) އަދި (ރ) ގައި 14 ބަޔާންކޮށްފައިވާ މެންބަރުންކުރެ މެންބަރަކު، ކައުންސިލުގެ ޖަލްސާއަކަށް ހާޒިރުވެވެން ނެތް ހާލަތެއްގައި، އެ މެންބަރެއްގެ ބަދަލުގައި ޖަލްސާއަށް ހާޒިރުވުމަށް، އެ ވުޒާރާއެއްގެ އިސް އޮފިށަލަކު އައްޔަންކުރުމުގެ އިހްތިޔާރު އެ މެންބަރަކަށް ލިބިގެންވެއެވެ (އިތުރު ކުރެވިފައި)    

 

15 ވަނަ މާއްދާ - ކައުންސިލުގެ ޖަލްސާ      

ކައުންސިލުގެ ޖަލްސާ، މީލާދީ އަހަރުގެ ކޮންމެ ކުއާޓަރއެއްގައި މަދުވެގެން 2 (ދޭއް) ފަހަރު ބާއްވަންވާނެއެވެ (އިސްލާހު ކުރެވިފައި) 

 

16 ވަނަ މާއްދާ - ގާނޫނީ އަދަދާއި ވޯޓުދިނުން  

(ހ) ކައުންސިލުގެ ޖަލްސާއެއް ބޭއްވޭނީ ކައުންސިލުގެ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ.

(ށ) ކައުންސިލުން އެއްވެސް ކަމެއް ނިންމޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގްލަބިއްޔަތު އެކަމަކަށް ލިބިގެންނެވެ.

 

17 ވަނަ މާއްދާ - މެންބަރުކަމުން ވަކިވުމާއި އިސްތިއުފާ ދިނުން      

(ހ) މަގާމުގެ ހައިސިއްޔަތުން ކައުންސިލުގައި ހިމެނޭ މެންބަރުން، ކައުންސިލުގެ މެންބަރުކަމުގައި ދެމިތިބޭނީ، އެ މީހުން ކައުންސިލުގައި ހިމެނުނު މަގާމުގައި ދެމިތިބޭ މުއްދަތަށެވެ.

(ށ) ކައުންސިލުގެ މެންބަރުކަމުން އިސްތިއުފާދެވޭނީ މަގާމުގެ ހައިސިއްޔަތުން ކައުންސިލުގައި ހިމެނޭ މެންބަރުން ފިޔަވައި، އެހެން މެންބަރުންނަށެވެ.

(ނ) މި މާއްދާގެ (ށ) ގައި ކައުންސިލުގެ މެންބަރުކަމުން އިސްތިއުފާ ދެވިދާނެކަމަށް ބުނެފައިވާ މެންބަރުންގެ ތެރެއިން މެންބަރަކު، މެންބަރުކަމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމުން ހުށަހަޅައި، އިސްތިއުފާގެ ލިޔުން ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.

 

18 ވަނަ މާއްދާ - އިނާޔަތްތައް   

މަގާމުގެ ހައިސިއްޔަތުން ކައުންސިލުގައި ހިމެނޭ މެންބަރުން ފިޔަވައި އެހެން މެންބަރުންނަށް،
އެ މެންބަރުން ހާޒިރުވާ ކޮންމެ ޖަލްސާއަކަށް ފައިސާގެ އިނާޔަތެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާއަށް ކަނޑައެޅިދާނެއެވެ. އަދި އެގޮތަށް ފައިސާގެ އިނާޔަތެއްދޭން ކަނޑައަޅައިފިނަމަ، އެ އިނާޔަތެއްގެ މިންވަރު ކަނޑައަޅާނީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މަށްވަރާގެ މަތިން، ރައީސުލްޖުމްހޫރިއްޔާއެވެ.

 

19 ވަނަ މާއްދާ - މެންބަރެއްގެ ޒާތީ މަސްލަހަތެއް އޮތް ކަމަކުން އެއްކިބާވުން          

(ހ) ކައުންސިލުގެ މެންބަރެއްގެ މަގާމު އަދާކުރުމުގައި އެ ކައުންސިލުގެ އެއްވެސް މެންބަރަކު އޭނާގެ ޒާތީ މަސްލަހަތު ހިމާޔަތްކުރުމަށް އެއްވެސް ކަމެއް ކޮށްގެންނުވާނެއެވެ. އަދި ޒާތީ މަސްލަހަތު ހިމެނޭ ކަމެއް ނިންމުމުގައި ބައިވެރިވެގެންވެސް ނުވާނެއެވެ.

(ށ) ކައުންސިލުން ނިންމުމަށްޓަކައި މަށްވަރާކުރަމުންދާ ކަމަކީ ކައުންސިލުގެ މެންބަރެއްގެ ޒާތީ މަސްލަހަތެއް އޮތް ކަމެއް ކަމުގައިވާނަމަ، އެކަން ކައުންސިލުގެ އެހެން މެންބަރުންނަށް އެންގުމާއެކު، އެކަމާ ގުޅޭގޮތުން ހިނގަމުންދާ މަށްވަރާތަކުން ނުވަތަ އެކަން ނިންމުމުން އެއްކިބާވާންވާނެއެވެ.

 

20 ވަނަ މާއްދާ - މެންބަރެއްގެ މަސްލަހަތު ހިމާޔަތްކުރުން ކަމުގައި ބެލެވޭނެ ހާލަތުތައް           

ކައުންސިލުގެ މެންބަރެއްގެ ޒާތީ މަސްލަހަތު ހިމާޔަތްކުރުން ކަމުގައި ބެލެވޭނީ، މެންބަރަކު ކުރާ އަމަލެއްގެ ސަބަބުން ނުވަތަ ކައުންސިލުގެ މަސައްކަތާ ގުޅޭގޮތުން އިހްތިޔާރުކުރާ ގޮތެއްގެ ސަބަބުން ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން އަންނަނިވި ކަންކަމުންކުރެ ކަމަކަށް މަގުފަހިވާކަމަކަށް ވާނަމައެވެ.

(ހ) ކައުންސިލުގެ މެންބަރެއްގެ މިލްކިއްޔާތުގައި ހުރި މުދަލެއްގެ އަގު މަތިވުމަށް ނުވަތަ އެގޮތުގައި އެ އަގު ދެމެހެއްޓުމަށް؛ ނުވަތަ

(ށ) ކައުންސިލުގެ މެންބަރެއްގެ މާލީ ޒިންމާއެއްކަމުގައިވާ ޒިންމާއެއް ނެތިދިޔުމަށް ނުވަތަ
އެ ޒިންމާގެ ނިސްބަތް ކުޑަވެގެން ދިޔުމަށް؛ ނުވަތަ

(ނ) ތިމާއަށް ކުރިން ނެތް މާލީ ހައްގެއް ތިމާއަށް އަލަށް ލިބިދިނުމަށް؛ ނުވަތަ

(ރ) ތިމާއަށް ލިބޭ އާމްދަނީއެއް އިތުރުވެގެންދިޔުމަށް؛ ނުވަތަ

(ބ) ޖަމްއިއްޔާއެއް، ޖަމާއަތެއް، ޓްރޭޑް ޔޫނިއަނެއް، ޕާޓްނަރށިޕެއް ނުވަތަ އެނޫންވެސް އެފަދަ މަސައްކަތެއް ހިނގަމުންދާ ތަނެއްގެ އިސްވެރިޔަކަށްވުމަށް ނުވަތަ ނުފޫޒު ފޯރުވޭފަދަ މަގާމަކަށް އައްޔަންވުމަށް.

 

21 ވަނަ މާއްދާ - މެންބަރެއްގެ މަސްލަހަތު ހިމާޔަތްކުރުން ކަމުގައި ނުބެލެވޭނެ ހާލަތުތައް

ކައުންސިލުގެ މެންބަރަކު އޭނާގެ ޒާތީ މަސްލަހަތު ހިމާޔަތްކުރަން މަސައްކަތްކުރަނީކަމުގައި އަންނަނިވި ހާލަތުތަކުގައެއް ނުބެލެވޭނެއެވެ.

(ހ) ކައުންސިލުގެ މެންބަރަކު އަމަލުކުރި ގޮތަކީ އޭގެ ސަބަބުން ވަކި މީހަކަށް ފައިދާވުމަށްވުރެ ބޮޑަށް ގިނަ ރައްޔިތުންތަކަކަށް އޭގެ ފައިދާ ލިބޭ ކަމަކަށްވުން؛

(ށ) ކައުންސިލުގެ މެންބަރަކަށް ފައިދާއެއްވުމާ އެކުއެކީގައި، އެ ގިންތީގައި ތިބި ގިނަ ރައްޔިތުންތަކަކަށް އޭގެ ފައިދާ ލިބޭ ކަމަކަށްވުން.

 

20 ވަނަ މާއްދާ - ކައުންސިލުގެ އަހަރީ ރިޕޯޓު        

ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ 1 އިން ފެށިގެން ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ހިނގާ މުއްދަތުގެ ތެރޭގައި ނުވަތަ ކައުންސިލު ހިންގަން ފަށާ އަހަރުނަމަ، އެ އަހަރުގެ ބާކީއޮތް މުއްދަތުގައި އެ ކައުންސިލުން ހިންގާފައިވާ މައިގަނޑު ހަރަކާތްތަކާއި ނިންމާފައިވާ މައިގަނޑު ނިންމުންތައް އެނގޭނެ އަހަރީ ރިޕޯޓެއް ކައުންސިލުން އެކުލަވާލަންވާނެއެވެ. އަދި އެ ރިޕޯޓު، ވިދިގެން އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވައި އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

ހަތަރުވަނަ ބާބު (އިތުރު ކުރެވިފައި)   

ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތްދޭ މަރުކަޒުތައް

 

23 ވަނަ މާއްދާ - އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްގީކުރުމުގެހިދުމަތްދޭ ކުންފުނި    

(ހ)  މި ގާނޫނުގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރުމަށް މި ގާނޫނުގެ ދަށުން އެކަށައަޅާ ސިޔާސަތުތަކާއި އެ ވިޔަފާރިތަކާ ގުޅޭގޮތުން ސަރުކާރުން ހިންގާ ޕްރޮގްރާމްތަކާއި ހަރަކާތްތައް ވިލަރެސްކޮށް، ރާވަ އި، ހިންގުމަށްޓަކައި، މިނިސްޓްރީގެ ބެލުމުގެ ދަށުން ހިނގާ، ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏެއް ގާއިމުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުންފުންޏަކީ، ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 3/2017 (20 މާޗް 2017) އިން އުފައްދާފައިވާ ބިޒްނަސް ސެންޓަރ ކޯޕަރޭށަން ލިމިޓެޑް (ބީ.ސީ.ސީ) އެވެ.

(ނ) ބީ.ސީ.ސީގެ މައިގަނޑު މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.

  1. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން؛
  2. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން އިސްކަންދިނުމަށް މިނިސްޓަރު ކަނޑައަޅާ ދާއިރާތަކަށް ހިދުމަތް ފޯރުކޮށްދިނުމުގައި ހާއްސަ އަހަންމިއްޔަތުކަމެއް ދިނުން؛
  3. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ގުޅުންހުރި، ވިޔަފާރި ހިންގުމުގެ އާ ގޮތްތައް ކުރިއެރުވުމަށް ބޭނުންވާނެ ޕްރޮގްރާމްތައް ހިންގުމާއި ހިދުމަތްދިނުން؛
  4. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި، އެ ވިޔަފާރިތަކަށްއެހީތެރިކަން ފޯރުކޮށްދިނުން؛
  5. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހިދުމަތް ފޯރުކޮށްދިނުމުގައި، ކުންފުންޏަށް މާލީ ފައިދާ ހޯދުމަށް އިސްކަން ދިނުމަށްވުރެ ހިދުމަތް ފޯރުކޮށްދިނުމުގެ ރޫހުގައި ޕްރޮގްރާމްތައް ހިންގުން.

(ރ) މި ގާނޫނުގެ ދަށުން ބީ.ސީ.ސީއާ ހަވާލުކުރެވޭ މަސްއޫލިއްޔަތުތައް އަދާކުރުމާގުޅޭ ސިޔާސަތުތަކާއި އެހެނިހެން އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ބ) ބީ.ސީ.ސީއާއި މި ގާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކުރާ މަރުކަޒުތައް ހިންގުމަށް ކައުންސިލުގެ ލަފާގެ މަތިން ވަކި ބަޖެޓެއް އެކުލަވާލުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. މިގޮތުން އެކުލަވާލާ ބަޖެޓު، ދައުލަތުގެ ބަޖެޓުގައި ހިމެނިދާނެއެވެ.

 

24 ވަނަ މާއްދާ - ވިޔަފާރި ތަރައްގީ ކުރުމުގެ ހިދުމަތްދޭ މަރުކަޒު

 (ހ)  ގާނޫނު ނަންބަރު 6/2013 (ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތް ދެމުންދާ މަރުކަޒުތައް ބީ.ސީ.ސީއިން އަލުން ގާއިމުކުރުމާއެކު، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތް ދިނުމަށް އިތުރަށް ބޭނުންވާނެ މަރުކަޒުތައް، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ބީ.ސީ.ސީއިން ގާއިމުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަރުކަޒުތައް ގާއިމުކުރާނެ ގޮތާއި، ގާއިމުކުރާނެ ތަންތަން ކަނޑައެޅުމުގެ އުސޫލާއި، އެ މަރުކަޒުތަކުން ދިނުމަށް ކަނޑައަޅާ ހިދުމަތްތަކާއި، އެ މަރުކަޒުތައް ހިންގުމާގުޅޭ އެހެނިހެން އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

25 ވަނަ މާއްދާ - އަހަރީ ބަޖެޓާއި މަސައްކަތުގެ ޕްލޭން 

މިގާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުންފުނީގެ އަހަރީ ބަޖެޓާއި، މަސައްކަތްތައް ތަންފީޒުކުރާނެ ގޮތުގެ އެކްށަން ޕްލޭން ކުންފުނިން އެކުލަވާލައި، މިނިސްޓްރީއަށް ހުށަހަޅައި، ކައުންސިލުގެ ލަފާގެ މަތިން، މިނިސްޓްރީގެ ރުހުން ހޯދަންވާނެއެވެ.

 

26 ވަނަ މާއްދާ - އަހަރީ ރިޕޯޓު 

ގާނޫނު ނަންބަރު 6/2013 (ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެ އަހަރުގެ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ހިނގާ މުއްދަތުގެ ތެރޭގައި، އަދި ޖެހިގެން އަންނަ ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ 1 އިން ފެށިގެން ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ހިނގާ މުއްދަތުގެ ތެރޭގައި، މި ގާނޫނުގެ ދަށުން ބީ.ސީ.ސީއިން ހިންގާފައިވާ މައިގަނޑު ހަރަކާތްތަކާއި، ނިންމާފައިވާ މުހިންމު ނިންމުންތަކާއި، މި ގާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސައްކަތުގެ ޕްލޭން ތަންފީޒުކުރުމަށް ކުރެވުނު މަސައްކަތްތައް ބަޔާންކޮށް، ބީ.ސީ.ސީއިން އަހަރީ ރިޕޯޓެއް އެކުލަވާލަންވާނެއެވެ. އަދި، ވިދިގެން އަންނަ މާޗް މަހުގެ ނިޔަލަށް، މިނިސްޓްރީއަށާއި ކައުންސިލަށް އެ ރިޕޯޓު ފޮނުވަންވާނެއެވެ.

 

27 ވަނަ މާއްދާ - ފީނެގުން 

މި ގާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބީ.ސީ.ސީއާއި މި ގާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތްދޭ މަރުކަޒުތަކުން، މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހިދުމަތްތަކަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ފީއެއް ނެގިދާނެއެވެ.

 

ފަސްވަނަ ބާބު

މާލީ އެހީތެރިކަން ފޯރުކޮށްދިނުން

 

28 ވަނަ މާއްދާ - މާލީ އެހީތެރިކަން ފޯރުކޮށްދޭ ސްކީމް ގާއިމުކުރުން

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި، މި ގާނޫނުގެ 29 ވަނަ މާއްދާގައިވާ މަގްސަދު ހާސިލުކުރުމަށްޓަކައި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ސްކީމެއް، މިނިސްޓަރު ގާއިމުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސްކީމް ހިންގާނީ މި ގާނޫނުގެ 30 ވަނަ މާއްދާގައިވާ ގޮތުގެމަތިން މިނިސްޓަރު އުފައްދާ ފަންޑު މެދުވެރިކޮށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސްކީމް ހިންގާނީ ކައުންސިލުން ކަނޑައަޅާ މައިގަނޑު ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި އެ ސްކީމްގެ މަސައްކަތްތަކަށް މިނިސްޓަރު ޒިންމާ އުފުލަންވާނެއެވެ.

 

29 ވަނަ މާއްދާ - ސްކީމްގެ މަގްސަދު (އިސްލާހު ކުރެވިފައި)

މި ގާނޫނުގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސްކީމްގެ މަގްސަދުތަކަކީ، ދަރަންޏަށް ފައިސާ ހޯދުމުގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ނައްތާލުމުގައި އެހީތެރިވެދިނުމުގެ ގޮތުން، އަންނަނިވި ކަންކަން ކުރުމެވެ.

(ހ) ވިޔަފާރިތަކަށް ދަރަންޏަށް ފައިސާ ދޫކުރުން؛

(ށ) ވިޔަފާރިތަކަށް ލޯނު ދޫކުރުމުގައި ލުއި ފަސޭހަ އުސޫލުތަކެއް ގެންގުޅުމަށް ބޭންކުތަކަށް ހިތްވަރު ދިނުން؛

(ނ) ދަރަންޏަށް ފައިސާ ހޯދުމުގެ ގާބިލުކަން އެ ވިޔަފާރިތަކުގެ ކިބައިގައި އިތުރުކުރުމުގެ ގޮތުން ކްރެޑިޓް ގެރެންޓީ ސްކީމެއް ތައާރަފްކުރުން؛

(ރ) ވިޔަފާރިތައް ކުރިއަރުވައި ތަރައްގީކުރުމަށް، ކައުންސިލުގެ ލަފާގެ މަތިން މިނިސްޓްރީން ކަނޑައަޅާ އެހެނިހެން ހަރަކާތްތަކާއި ޕްރޮގްރާމްތައް ހިންގުން.

 

30 ވަނަ މާއްދާ - ފަންޑު ގާއިމުކުރުން

މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ފުރަތަމަ ފާސްކުރާ ދައުލަތުގެ ބަޖެޓު ފާސްކުރާތާ 2 (ދޭއް) މަސް ދުވަހުގެ ތެރޭގައި، މި ގާނޫނުގެ 28 ވަނަ މާއްދާގެ ދަށުން ގާއިމުކުރާ ސްކީމްގެ ބޭނުމަށްޓަކައި މިނިސްޓަރު ފަންޑެއް ގާއިމުކުރަންވާނެއެވެ.

 

31 ވަނަ މާއްދާ - ފަންޑުގެ ސިޔާސަތު      

މި ގާނޫނުގެ ދަށުން ފަންޑުން ފައިސާ ދޫކުރުމުގެ ސިޔާސަތު ބިނާވެގެންވަނީ އަންނަނިވި އުސޫލުތަކުގެ މައްޗަށެވެ.

(ހ) ރަހުނު ބެހެއްޓުމަކާ ނުލައި، ނުވަތަ ރަހުނު ބަހައްޓައިގެން، ފަންޑުން ކަނޑައަޅާ ވިޔަފާރިއާ ގުޅުންހުރި ށަރުތުތަކެއްގެ މައްޗަށް ބިނާކޮށް، ފޯރުކޮށްދެވޭ އެހީތެރިކަމަކަށްވުން؛

(ށ) ލިބިގެންވާ ފަންނާއި ހުނަރު ބޭނުންކުރުމުގެ ފުރުސަތު ލިބިފައިނެތް، ނުވަތަ އޭގެ އެންމެ ފުޅާމިނުގައި އެ ފަންނާއި ހުނަރުގެ ބޭނުން ހިފެން ނެތް ފަރާތްތަކަށް، އެ ފަރާތްތަކަށް ލިބިފައިވާ ފަންނާއި ހުނަރު ބޭނުންކުރާނެ ފުރުސަތުތައް ތަނަވަސްކޮށްދިނުން؛

(ނ) ފުދުންތެރި ކަމެއްނެތް ފަރާތަށް، ހަމައެކަނި އެވަގުތަކަށް ބޭނުންވާ އެހީއެއް ފޯރުކޮށްދިނުމަށްވުރެ، އަމިއްލަ މަސައްކަތެއް ފަށައިގަތުމަށް އެހީތެރިވެދީގެން އެގޮތުގައި ފަށާ މަސައްކަތް، ކުރިއަށް ގެންދެވޭނެ ގޮތުގެމަތިން އެ މަސައްކަތް އާލާކޮށް ދެމެހެއްޓޭނެ މަގުފަހިކޮށްދިނުން.

 

32 ވަނަ މާއްދާ - ފަންޑުން ފައިސާ ދޫކުރެވޭނެ ކަންކަން

މި ގާނޫނުގެ ދަށުން، ފަންޑުން ފައިސާ ދޫކުރާނީ، އަންނަނިވި ކަންކަމަށެވެ.

(ހ) ކުރުމަށް ގަސްދުކުރާ ވިޔަފާރިއަކަށް ބޭނުންވާ އިމާރާތެއް އެޅުމަށް، ނުވަތަ ބޮޑުކުރުމަށް، ނުވަތަ މަރާމާތުކުރުމަށް، ނުވަތަ ފުރިހަމަކުރުމަށް، ނުވަތަ ކުރުމަށް ގަސްދުކުރާ ވިޔަފާރިއަކަށް ނުވަތަ މަސައްކަތަކަށް އެތަނެއް ތައްޔާރުކުރުމަށް؛

(ށ) ވިޔަފާރިއަކަށް ބޭނުންވާ މެށިނު ގަތުމަށް، ނުވަތަ ސާމާނު ގަތުމަށް، ނުވަތަ އާލާތް ގަތުމަށް؛

(ނ) ވިޔަފާރީގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ކުރުމަށްޓަކައި އަތުގައި ބަހައްޓަންޖެހޭ ފައިސާ ބެހެއްޓުމަށް؛

(ރ) ވިޔަފާރީގައި އޮތް ދަރަންޏެއް ހަލާސްކުރުމަށް މާލީ އިދާރާއެއް ނުވަތަ ބޭންކެއްގެ ލަފައާއެކު ފައިސާ ދޫކުރުމަށް؛

(ބ) ވިޔަފާރީގެ ވަކިކަމަކާ ގުޅިގެން ހޯދަންޖެހޭ އެއްޗެއް ހޯދުމަށްޓަކައި، ދަރަނީގެ އުސޫލުން، އެ އެއްޗެއް ލިބެން އޮތް ކަމަށްވާނަމަ، އެ އެއްޗަކަށް އެ އުސޫލުން ދައްކަންޖެހޭ ފައިސާއެއް ދެއްކުމަށް؛

(ޅ) ކުރަން ގަސްދުކުރާ ވިޔަފާރިއަކާގުޅިގެން ބިމެއް ނުވަތަ ތަނެއް ނުވަތަ އިމާރާތެއް ނުވަތަ އެއްޗެއް ކުއްޔަށް ހިފުމަށް ބޭނުންވާނަމަ، އެކަމެއް ކުރުމަށް؛ އަދި

(ކ) މި ގާނޫނުގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކްރެޑިޓް ގެރެންޓީ ސްކީމް ތައާރަފް ކުރުމާއެކު، އެ ސްކީމް ހިންގުމަށް ކައުންސިލުން ނިންމާ އަދަދަކަށް ފައިސާ ދިނުމަށް.

(އ) ސަރުކާރުން ހިންގާ ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ފުރިހަމަކުރުމަށްޓަކައި، އެފަދަ ކޯހަކަށް ހިނގާ ހަރަދު ދެއްކުމަށް ދެވޭ ފައިސާގެ އެހީ ނުވަތަ އަނބުރާ ދައްކާގޮތަށް ދެވޭ ލޯނަކަށް (އިތުރު ކުރެވިފައި)

(ވ) ކައުންސިލުގެ ލަފާގެ މަތިން މިނިސްޓްރީން ކަނޑައަޅާ، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ މަށްރޫއެއް، މި ގާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބީ.ސީ.ސީ މެދުވެރިކޮށް ހިންގުމަށްޓަކައި، ބީ.ސީ.ސީއަށް (އިތުރު ކުރެވިފައި)

 

33 ވަނަ މާއްދާ - ފައިސާ ދޫކުރެވިދާނެ ގޮތް   

(ހ) މި ގާނޫނުގެ ދަށުން އުފައްދާ ފަންޑުން އަންނަނިވި ގޮތްތަކަށް ފައިސާ ދޫކުރެވިދާނެއެވެ.

  1. އެއްވެސް ރަހުނެއް ބެހެއްޓުމަކާ ނުލައި، ފަންޑުން ފައިސާއަށް އެދޭ ފަރާތް ހިމެނޭ ވިޔަފާރީގައި ހިމެނޭ މީހުންގެ ނުވަތަ އިތުބާރުކުރެވޭ އެހެން ފަރާތެއްގެ ޔަގީންކަށަވަރުކަމުގެ މައްޗަށް ފައިސާ ދޫކުރުން؛ ނުވަތަ
  2. ރަހުނު ބަހައްޓައިގެން، ދިގު މުއްދަތަކުން އަދާކުރާގޮތަށް ފައިސާ ދޫކުރުން؛ ނުވަތަ
  3. ކައުންސިލުން ލަފާދޭ އުސޫލެއްގެ މަތިން، މި ގާނޫނުގެ 28 ވަނަ މާއްދާގައި ބަޔާންކުރާ ކްރެޑިޓް ސްކީމަށް ފައިސާ ދޫކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގެންގުޅެންޖެހޭ ތަފްސީލު އުސޫލުތައް، މިނިސްޓަރު އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

34 ވަނަ މާއްދާ - ފަންޑުގެ އެއްބަސްވުން     

(ހ) މި ގާނޫނުގެ ދަށުން ފަންޑުން ފައިސާ ދޫކުރުމަށްޓަކައި، ފައިސާއަށް އެދޭ ފަރާތާއި ފަންޑާ ދެމެދު، މި ގާނޫނުގައިވާ ގޮތުގެމަތިން އެކުލަވާލެވޭ އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ.

(ށ) މި އެއްބަސްވުމުގައި ފައިސާގެ ތަފްސީލާއި، ފައިސާ އަނބުރާ ދައްކާނެ ގޮތުގެ ތަފްސީލު ހިމަނަންވާނެއެވެ.

 

35 ވަނަ މާއްދާ - އެހެންކަމަކަށް ފައިސާ ބޭނުންނުކުރުން         

މި ގާނޫނުގެ ދަށުން ފަންޑުން ދޫކުރާ ފައިސާއެއް، އެ ފައިސާ ދޫކުރި ބޭނުމަށް ނޫން ކަމަކަށް، އެއްވެސް ހާލެއްގައި، ބޭނުންކޮށްގެންނުވާނެއެވެ.

 

36 ވަނަ މާއްދާ - ފައިސާގެ އަދަދު

މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ވިޔަފާރިތަކަށް ދޫކުރާ ފައިސާގެ އެންމެ ބޮޑު އަދަދަކީ 3،00،000 (ތިން މިލިއަން) ރުފިޔާއެވެ (އިސްލާހު ކުރެވިފައި)

 

37 ވަނަ މާއްދާ - ފީ ނެގުން

ފައިސާ ދޫކުރުމަށް ފަންޑުން ފީއެއް ނެގިދާނެއެވެ. އެ ފީއަކީ، ފައިސާ ދޫކުރުމަށްޓަކައި ކުރާ ހަރަދު ހަމަޖެއްސުމުގެ ގޮތުން ފަންޑަށް ނަގާ ފީއެކެވެ.

 

38 ވަނަ މާއްދާ - ޔަގީންކަށަވަރުކަން ދިނުން

(ހ) ފަންޑުން ފައިސާ ދޫކުރާއިރު، ގާނޫނުގައިވާ ގޮތުގެމަތިން އެ ފައިސާ އަނބުރާ ދައްކާނެކަމުގެ ޔަގީންކަށަވަރުކަން ދޭ ފަރާތްތަކުގެ ލިޔުން ފަންޑުން ހޯދަންވާނެއެވެ.

(ށ) މި ގާނޫނުގެ 33 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ފަންޑުން ފައިސާ ދޫކުރެވޭ ފަރާތުން އެ ފައިސާ އަނބުރާ ދައްކަންޖެހޭ ގޮތަށް އެ ފައިސާ ނުދައްކައިފި ހިނދެއްގައި، އެ ނުދައްކާ އޮތް ފައިސާގެ އަދަދު ދެއްކުމުގެ ސީދާ ޒިންމާ، މި މާއްދާގެ

(ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޔަގީންކަށަވަރުކަން ދޭ ފަރާތުން އުފުލަންޖެހޭނެއެވެ.

 

39 ވަނަ މާއްދާ - ފަންޑަށް ފައިސާ ޖަމާކުރުން

ތިރީގައި ބަޔާންކޮށްފައިވާ ފައިސާ ފަންޑަށް ޖަމާކުރަންވާނެއެވެ.

(ހ) ދައުލަތުގެ ބަޖެޓުން ފަންޑަށް ދޫކުރާ ފައިސާ؛

(ށ) ސަރުކާރުން ނުވަތަ ލާމަރުކަޒީ އިދާރާއަކުން ނުވަތަ އެހީދޭ ފަރާތަކުން، ނުވަތަ އެހެން ފަރާތަކުން ފަންޑުގެ ބޭނުމަށްޓަކައި އެކި ފަހަރު މަތިން ދޭ ފައިސާ؛

(ނ) ފަންޑުން ދޫކުރާ ފައިސާއާ ގުޅިގެން ނުވަތަ ފަންޑުން ދޭ ހިދުމަތަކާ ގުޅިގެން ނަގާ ފީގެ ފައިސާ؛

(ރ) ފަންޑުގައި ހުރި ފައިސާއިން ކުރާ އިންވެސްޓްމަންޓުތަކުން ލިބޭ ފައިސާ؛ އަދި

(ބ) ސްކީމާ ގުޅުންހުރި އެއްވެސް ކަމެއްގެ ސަބަބުން އެއްވެސް ގޮތަކުން ލިބެންޖެހޭ ފައިސާ.

 

40 ވަނަ މާއްދާ - ބަޖެޓުން ފައިސާ ދޫކުރުން

(ހ) މި ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަންޑުން، މި ގާނޫނުގައިވާ ގޮތުގެމަތިން ފައިސާ ދޫކުރުމަށްޓަކައި މަދުވެގެން 50,000,000 (ފަންސާސް މިލިއަން) ރުފިޔާ، ފަންޑަށް ދޫކުރާ ފައިސާގެ ގޮތުގައި، ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުގައި ހިމަނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ފައިސާގެ އިތުރުން، މި ގާނޫނުގެ 30 ވަނަ  މާއްދާގައި ބަޔާންކޮށްފައިވާ ފަންޑު ހިންގުމަށާއި، މި ގާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބީ.ސީ.ސީ ހިންގުމަށް ކެޕިޓަލް ނުވަތަ ލޯނުގެ ގޮތުގައި ބޭނުންވާނެ ބަޖެޓާއި މި ގާނޫނުގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސްކީމް ހިންގުމަށާއި، އެ ސްކީމްގެ މަގްސަދުތައް ހާސިލުކުރުމަށާއި، މި ގާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުމަށް ބޭނުންވާ ބަޖެޓު، ކައުންސިލުގެ ލަފާގެ މަތިން މިނިސްޓްރީން އެކުލަވާލައި، ދައުލަތުގެ ބަޖެޓުގައި ހިމެނުމަށް މާލީ ކަންކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓަރަށް ހުށަހަޅަންވާނެއެވެ (އިސްލާހު ކުރެވިފައި)

(ނ) މި މާއްދާގެ (ށ) ގެ ދަށުން ދޫކުރާ ފައިސާއަކީ، މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ފައިސާއާ ވަކިން ދޫކުރަންޖެހޭ ފައިސާއެކެވެ.

 

41 ވަނަ މާއްދާ - އިދާރީ ހިންގުން 

ސްކީމް އިދާރީގޮތުން ހިނގާނީ މިނިސްޓްރީގެ ވަކި ޔުނިޓެއްގެ ގޮތުގައި އެޑްމިނިސްޓްރޭޓަރެއްގެ ބެލުމުގެ ދަށުންނެވެ.

 

42 ވަނަ މާއްދާ - ސްކީމްގެ އަހަރީ ރިޕޯޓު

ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ 1 އިން ފެށިގެން ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ހިނގާ މުއްދަތުގެ ތެރޭގައި ނުވަތަ ސްކީމް ހިންގަން ފަށާ އަހަރުނަމަ، އެ އަހަރުގެ ބާކީ އޮތް މުއްދަތުގައި ސްކީމާއި ފަންޑު ހިނގާފައިވާ ގޮތުގެ އަހަރީ ރިޕޯޓެއް އެޑްމިނިސްޓްރޭޓަރު އެކުލަވާލައި، ވިދިގެން އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް މިނިސްޓަރަށާއި ކައުންސިލަށް ފޮނުވަންވާނެއެވެ.

 

ހަވަނަ ބާބު

ރަޖިސްޓަރީކުރުމާއި ދަފްތަރުކުރުން

 

43 ވަނަ މާއްދާ - ރަޖިސްޓަރީކުރުން     

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގަން ފަށާ ވިޔަފާރިއަކީ، މި ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގިންތިތަކުގެ ތެރެއިން ގިންތިއެއްގައި ހިމެނޭ ވިޔަފާރިއެއްނަމަ، އެ ވިޔަފާރިއެއް ރަޖިސްޓަރީކުރާ ތާރީހުން ފެށިގެން ގިނަވެގެން 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި، އެ ގިންތިތަކުގެ ތެރެއިން ގިންތިއެއްގެ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓަރީކުރަންވާނެއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގަމުން ގެންދާ ވިޔަފާރިތަކުގެ ތެރެއިން، މި ގާނޫނުގެ 3 ވަނަ މާއްދާގެ ދަށުން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ށަރުތުތައް ފުރިހަމަވާ ވިޔަފާރިތައް، މި ގާނޫނަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި، މި ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮންމެވެސް އެއް ގިންތިއެއްގެ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓަރީކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން ރަޖިސްޓަރީކުރަން އެދި ހުށަހަޅާނީ، މިނިސްޓްރީން ކަނޑައަޅާ ފޯމު މެދުވެރިކޮށް، ރަޖިސްޓްރާރަށެވެ. އަދި އެގޮތަށް އެކަން ކުރުމުގެ ޒިންމާ އުފުލާނީ އެ ވިޔަފާރިއެއްގެ މަސްއޫލުވެރި ފަރާތެވެ.

(ރ) މި މާއްދާގެ (ހ) ނުވަތަ (ށ) ގައިވާ ގޮތުގެމަތިން ރަޖިސްޓަރީކުރަން ހުށަހަޅާއިރު، އެ ވިޔަފާރިއަކާގުޅޭ އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.

  1. ވިޔަފާރީގެ ރަޖިސްޓަރީގެ ކޮޕީ؛
  2. ވިޔަފާރީގައި ހިމެނޭ މުވައްޒަފުންގެ އަދަދު؛
  3. އަހަރެއްގެ މައްޗަށް ލިބޭނެ ކަމަށް އަންދާޒާކުރާ ޖުމްލަ އާމްދަނީ؛ އަދި
  4. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެހެނިހެން މައުލޫމާތު.
  5. ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން އެ ވިޔަފާރި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ ކަން އަންގައިދޭ ލިޔުން.

(ބ) މި މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި ވިޔަފާރި ތަނެއްގެ މަސްއޫލުވެރި ފަރާތް ކަމަށް ބުނެފައިއެވަނީ އަންނަނިވި ފަރާތްތަކަށެވެ.

  1. ކުންފުންޏެއްނަމަ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު؛
  2. ޕާޓްނަރށިޕެއްނަމަ، އެ ޕާޓްނަރށިޕްގެ ޕާޓްނަރުން؛
  3. ކޯޕަރޭޓިވް ސޮސައިޓީއެއްނަމަ، އެ ސޮސައިޓީގެ ހިންގާ ކޮމިޓީ؛ އަދި
  4. އަމިއްލަ ވިޔަފާރިއެއްނަމަ، ވިޔަފާރީގެ މަސްއޫލުވެރިޔާ.

 

44 ވަނަ މާއްދާ – (އުނި ކުރެވިފައި)

 

ހަތްވަނަ ބާބު

މުދަލާއި ހިދުމަތް ބޭނުންކުރުން

 

45 ވަނަ މާއްދާ - ދައުލަތަށް މުދަލާއި ހިދުމަތް ހޯދުން

ބީލަމުގެ އުސޫލުން ސަރުކާރުގެ އިދާރާއަކަށް ނުވަތަ ދައުލަތުގެ މުއައްސަސާއަކަށް ހޯދާ މުދަލާއި ހިދުމަތް ހޯދުމުގައި، ބީލަން ހުށަހަޅާ ފަރާތްތަކުގެ ބީލަންތައް ވަޒަންކުރުމުން، ބީލަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެއްފަރާތަށްވުރެ ގިނަފަރާތަށް އެއްވަރަކަށް މާރކްސް ލިބިއްޖެނަމަ، އެފަރާތްތަކުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއް ހިމެނޭނަމަ، އެފަރާތަކަށް އިސްކަންދޭންވާނެއެވެ.

 

46 ވަނަ މާއްދާ - އަތްތެރި މަސައްކަތުގެ އުފެއްދުންތައް

(ހ) ދިވެހިރާއްޖޭގެ ކޮންމެ ރިޒޯޓެއްގައި ވިއްކާ ނުވަތަ ބޭނުންކުރާ ނުވަތަ ހަދިޔާގެ ގޮތުގައި ދޭ އަތްތެރި މަސައްކަތުގެ އުފެއްދުންތަކުގެ ތެރޭގައި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން އުފައްދާފައިވާ އުފެއްދުންތައް ހިމަނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުފެއްދުންތަކަކީ ދިވެހި އުފެއްދުމެއްކަން،
އެ އުފެއްދުންތަކުން އެނގެން ހުންނަންވާނެއެވެ.

 

އަށްވަނަ ބާބު (އުނި ކުރެވިފައި)

47 ވަނަ މާއްދާ - (އުނި ކުރެވިފައި)

 

48 ވަނަ މާއްދާ - (އުނި ކުރެވިފައި)

 

49 ވަނަ މާއްދާ – (އުނި ކުރެވިފައި)

 

50 ވަނަ މާއްދާ - (އުނި ކުރެވިފައި)

 

51 ވަނަ މާއްދާ - (އުނި ކުރެވިފައި)

 

52 ވަނަ މާއްދާ - (އުނި ކުރެވިފައި)

 

53 ވަނަ މާއްދާ - (އުނި ކުރެވިފައި)

 

ނުވަވަނަ ބާބު

އާންމު މާއްދާތައް

54 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

55 ވަނަ މާއްދާ - ގަވާއިދު ހެދުން

(ހ) ކައުންސިލުން ހަދަންޖެހޭކަމަށް މި ގާނޫނުގައި ބުނެފައިވާ ގަވާއިދުތައް ހަދައި ހިންގާނީ ކައުންސިލުންނެވެ. އެ ގަވާއިދުތައް މި ގާނޫނުގެ ދަށުން ކައުންސިލު އުފައްދާ ތާރީހުން ފެށިގެން 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި ހަދައި، އާންމުކޮށް ށާއިއުކުރަންވާނެއެވެ.

(ށ)  މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެހެން ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓަރެވެ.
އެ ގަވާއިދުތައް، މިގާނޫނަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި ހަދައި، އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

56 ވަނަ މާއްދާ – މާނަކުރުން

މި ގާނޫނުގައި ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، މި ގާނޫނުގައި އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިއެވަނީ، ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތް" ކަމަށް ބުނެފައިއެވަނީ، ވިޔަފާރި ފަށައިގަތުމާބެހޭ ތަމްރީނުދިނުމާއި، ވިޔަފާރީގެ ޕްލޭންތައް ތައްޔާރުކުރުމާއި، މާލީ ކަންކަމާއި، މާކެޓްކުރުމާ ގުޅޭ ހިދުމަތްތައް ހިމެނޭގޮތުން، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއްގެ ވިޔަފާރި ކުރިއެރުވުމާއި ތަރައްގީކުރުމާ ގުޅުންހުރި ހިދުމަތްތަކަށެވެ.

(ށ) "މުވައްޒަފު" ކަމަށް ބުނެފައިއެވަނީ، ވަޒީފާ އަދާކުރުމުގެ އެއްބަސްވުމެއްގެ ދަށުން  ހިދުމަތްދޭ މީހާއަށެވެ. އަދި މި ބަހުގެ މާނައިގައި، މިނިވަންނޫން ކޮންޓްރެކްޓަރާއި ވަޒީފާދޭ ފަރާތަށް ކުރިން މަސައްކަތްކޮށްދީފައިވާ މުވައްޒަފުންވެސް ހިމެނޭނެއެވެ. (އިސްލާހު ކުރެވިފައި)

(ނ) "އަތްތެރި މަސައްކަތުގެ އުފެއްދުންތައް" ކަމަށް ބުނެފައިއެވަނީ، ލަކުޑީގެ އުފެއްދުމާއި، ކުރެހުމާއި، ވިޔެފައިވާ ތަކެއްޗާއި، ކަންވާރުފަދަ ތަކެތި ހިމެނޭ ގޮތުން، އެކިއެކި އާލާތް ބޭނުންކޮށްގެން އަތުން އުފައްދާ ފަންނުވެރި އުފެއްދުންތަކަށެވެ.

(ރ) "މީހެއް" ނުވަތަ "ފަރާތް" ކަމަށް ބުނެފައިއެވަނީ، ތަބީއީ ށަހްސުތަކަށާއި ގާނޫނީ ށަހްސުތަކަށެވެ.

(ބ) "ރަޖިސްޓްރާރ" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގައި ބަޔާންކުރާ ރަޖިސްޓްރާރ އޮފް ކޮންޕެނީޒް އަށެވެ.

(ޅ) "އިސްކަންދޭ ދާއިރާ" ކަމަށް ބުނެފައިއެވަނީ، ގައުމީ ތަރައްގީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެމަތިން، ހާއްސަ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށް ކަނޑައަޅާ ވިޔަފާރިއާއި، ވިޔަފާރީގެ ދާއިރާއާއި، ވިޔަފާރިކުރާ ފަރާތްތައް ހިމެނޭ ގޮތަށެވެ.

(ކ) "ކައުންސިލު" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން އުފައްދާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކައުންސިލަށެވެ.

(އ) "ސްކީމް" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 28 ވަނަ މާއްދާގެ ދަށުން ގާއިމުކުރާ ކްރެޑިޓް ގެރެންޓީ ސްކީމަށެވެ.

(ވ) "މިނިސްޓަރު" ކަމަށް ބުނެފައިއެވަނީ، އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވަޒީރަށެވެ.

(މ) "ޖުމްލަ އާމްދަނީ" ކަމަށް ބުނެފައިއެވަނީ، މުދަލާއި ހިދުމަތް ވިއްކައިގެން ލިބޭ ޖުމްލަ އަދަދުން އެއްވެސް ހަރަދެއް ކެނޑުން ނުވަތަ އުނިކުރުމުގެ ކުރިން އަންނަ ޖުމްލަ އަދަދަށެވެ.

(ފ) "މިނިސްޓްރީ" ކަމަށް ބުނެފައިއެވަނީ، އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ (އިތުރު ކުރެވިފައި)

(ދ) "ސީދާގޮތުގައި ނުވަތަ ނުސީދާގޮތުގައި ކޮންޓްރޯލްކުރުން" ކަމަށް ބުނެފައިއެވަނީ (އިތުރު ކުރެވިފައި)

  1. އެ ވިޔަފާރިއަކީ ކުންފުންޏެއްނަމަ، ކުންފުނީގެ ވޯޓު ދިނުމުގެ ބާރު ލިބިދޭ ހިއްސާގެ ތެރެއިން މަދުވެގެން %25 (ފަންސަވީސް އިންސައްތަ) ސީދާކޮށް ނުވަތަ ނުސީދާކޮށް، ނުވަތަ އެހެން ފަރާތެއް ނުވަތަ ފަރާތްތަކެއް މެދުވެރިކޮށް ކޮންޓްރޯލްކުރުމަށް؛ ނުވަތަ
  2. އެ ވިޔަފާރިއަކީ ޕާޓްނަރށިޕެއްނަމަ، ޕާޓްނަރށިޕްގެ ވޯޓު ދިނުމުގެ ބާރު ލިބިދޭ މަސްލަހަތުގެ މަދުވެގެން %25 (ފަންސަވީސް އިންސައްތަ) ސީދާކޮށް ނުވަތަ ނުސީދާކޮށް، ނުވަތަ އެހެން ފަރާތެއް ނުވަތަ ފަރާތްތަކެއް މެދުވެރިކޮށް ކޮންޓްރޯލްކުރުމަށެވެ.

(ތ) "އިސް އޮފިށަލް" ކަމަށް ބުނެފައިއެވަނީ، ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންއާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު، އަދި މި ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)، (ށ)، (ނ)، އަދި (ރ) ގައި ބަޔާންކޮށްފައިވާ މިނިސްޓަރަކު މި ގާނޫނުގެ 13 ވަނަ މާއްދާ ނުވަތަ 14 ވަނަ މާއްދާގެ ބޭނުމަށް ކަނޑައަޅާ، އެ އިދާރާތަކުގެ އެސިސްޓަންޓް ޑިރެކްޓަރ ފެންވަރުން ފެށިގެން މަތީ ފެންވަރުގެ މުވައްޒަފުންނަށެވެ (އިތުރު ކުރެވިފައި)

 

 

ޖަދުވަލު 1 (އިތުރު ކުރެވިފައި)

ވިޔަފާރިއެއްގައި ހިމެނޭ މުވައްޒަފުންގެ އަދަދާއި، އެ ވިޔަފާރިއަކަށް ލިބޭ އާމްދަނީގެ އަދަދާއި ސާފު ފައިދާގެ އަދަދު، އެއިން ވަކި އެއް ގިންތިއެއްގައި ބަޔާންކުރާ މިންގަނޑުތަކަށް ނުފެތޭނަމަ، އެ ވިޔަފާރިއެއް ގިންތިކުރާނެ ގޮތް:

  1. މި ގާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ވިޔަފާރި ގިންތިކުރާއިރު، ވަކި ވިޔަފާރިއެއްގައި ހިމެނޭ މުވައްޒަފުންގެ އަދަދާއި ، އެ ވިޔަފާރިއަކަށް ލިބޭ އާމްދަނީގެ އަދަދާއި، ސާފު ފައިދާގެ އަދަދު، އެއިން ވަކި އެއް ގިންތިއެއްގައި ބަޔާންކޮށްފައިވާ 3 (ތިނެއް) މިންގަނޑަށް ނުފެތޭނަމަ، އެ ވިޔަފާރި ގިންތިކުރާނީ، ކޮންމެ މިންގަނޑަކަށް އަންނަނިވި ނިސްބަތުން އިސްކަންދޭ އުސޫލުން ރިއާޔަތްކޮށްގެންނެވެ.
    (ހ) މުވައްޒަފުންގެ އަދަދު – %40  (ސާޅީސް އިންސައްތަ)؛
    (ށ) އާމްދަނީގެ ޖުމްލަ އަދަދު – %30 (ތިރީސް އިންސައްތަ)؛
    (ނ) ސާފު ފައިދާގެ އަދަދު – %30 (ތިރީސް އިންސައްތަ).

  2. (ހ) ޖަދުވަލުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ނިސްބަތަށް އިސްކަންދޭނީ، އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެން ނުކުންނަ ނަތީޖާއަށް ބަލައިގެންނެވެ.
    (ފޯމިއުލާ އެޓޭޗްކުރިވަފައިވާ ފައިލުގައި)

    (ށ)  ނަންބަރުގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމިއުލާގައި E ގެ ގޮތުގައި ބޭނުންކުރާނީ، މި ޖަދުވަލުގެ (3) ވަނަ ނަންބަރުގައިވާ ތާވަލުގެ ކޮލަމް (i") މުވައްޒަފުންގެ އަދަދު" ގައި، އެ ވިޔަފާރިއެއްގައި ހިމެނޭ މުވައްޒަފުންގެ އަދަދު ނިސްބަތްވާ ރޯގައި ހިމެނޭ ކޮލަމް (iv") ފޯމިއުލާގައި ބޭނުންކުރާނެ އަދަދު" ގައި ދެވިފައިވާ އަދަދެވެ.

    (ނ) މި ނަންބަރުގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމިއުލާގައި T ގެ ގޮތުގައި ބޭނުންކުރާނީ، މި ޖަދުވަލުގެ (3) ވަނަ ނަންބަރުގައިވާ ތާވަލުގެ ކޮލަމް (ii") ޖުމްލަ އާމްދަނީ" ގައި، އެ ވިޔަފާރިއެއްގެ ޖުމްލަ އާމްދަނީގެ އަދަދު ނިސްބަތްވާ ރޯގައި ހިމެނޭ ކޮލަމް (iv") ފޯމިއުލާގައި ބޭނުންކުރާނެ އަދަދު" ގައި ދެވިފައިވާ އަދަދެވެ.

    (ރ) މި ނަންބަރުގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމިއުލާގައި P ގެ ގޮތުގައި ބޭނުންކުރާނީ، މި ޖަދުވަލުގެ (3) ވަނަ ނަންބަރުގައިވާ ތާވަލުގެ ކޮލަމް (iii") ސާފު ފައިދާ (ނެޓް ޕްރޮފިޓް)" ގައި، އެ ވިޔަފާރިއެއްގެ ސާފު ފައިދާގެ އަދަދު ނިސްބަތްވާ ރޯގައި ހިމެނޭ ކޮލަމް (iv") ފޯމިއުލާގައި ބޭނުންކުރާނެ އަދަދު" ގައި ދެވިފައިވާ އަދަދެވެ.
  3. ޖަދުވަލުގެ (2) ވަނަ ނަންބަރުގައިވާ ފޯމިއުލާގައި E ،T ،އަދި P ގެ ގޮތުގައި ބޭނުންކުރާނެ ނަންބަރުތައް އަންނަނިވި ތާވަލުގައި ބަޔާންކޮށްފައި އެވަނީއެވެ.

    (iii) (iii) (iii) (iv)
    މުވައްޒަފުންގެ އަދަދު    ޖުމްލަ އާމްދަނީ    ސާފު ފައިދާ (ނެޓް ޕްރޮފިޓް)    ފޯމިއުލާގައި ބޭނުންކުރާނެ އަދަދު
    0-5 500،000 - 0 75،000 - 0 1
    6-30    5،000،000 - 500،000 750،000 - 75،000 2
    31-100 20،000،000 - 5،000،001 750،001 - 3،000،000    3
  4. މި ޖަދުވަލުގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފޯމިއުލާ ބޭނުންކޮށްގެން ހިސާބުކުރުމުން ނުކުންނަ ނަތީޖާއަށް ނިސްބަތްކޮށް، އެ ވިޔަފާރިއެއް ވަކި ގިންތިއަކަށް ކަނޑައެޅުމުގައި ބަލާނީ:
    (ހ) 0 (ސުމެއް) އަށްވުރެ ގިނަ، 1 (އެކެއް) އާ ހަމައަށް ނަމަ، އެންމެ ކުދި ފަންތީގެ ވިޔަފާރި؛
    (ށ) 1 (އެކެއް) އަށްވުރެ ގިނަ، 2 (ދޭއް) އާ ހަމައަށްނަމަ، ކުދި ފަންތީގެ ވިޔަފާރި؛
    (ނ) 2 (ދޭއް) އަށްވުރެ ގިނަ، 3 (ތިނެއް) އާ ހަމައަށްނަމަ، މެދު ފަންތީގެ ވިޔަފާރި؛

 

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަުރ 3/2016)
  2. ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ކައުންސިލުގެ ހިންގާ ގަވާއިދު (ގަވާއިދު ނަންބަރު 285/2014)

ކިޔުންތެރިންގެ ހިޔާލު