އާއިލާއާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް)
(ކޮންސޮލިޑޭޓެޑް ނަންބަރު 2000-04)
(1ވަނަ، 2ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގާނޫނަކީ، ކާވެންޏާއި، ވަރިއާއި، އަނބިދަރިންނަށް ހަރަދު ދިނުމާއި، ކުދިންގެ ހަޒާނަތާއި، ބަލަދުވެރިކަމާއި، ދަރިލެއްވުމާއި، ނަސަބު ސާބިތުކުރުމާއި، އާއިލީ ދިރިއުޅުމާ ގުޅިފައިވާ އެހެނިހެން ބައެއް ކަންތައްތަކާ ބެހޭގޮތުން، ދިވެހިރާއްޖޭގައި އަމަލުކުރާނޭ އުސޫލުތައް ބަޔާންކޮށްފައިވާ ގާނޫނެވެ.
(ށ) މިގާނޫނަށް ކިޔާނީ، "އާއިލާއާބެހޭ ގާނޫނު" އެވެ.
ކާވެނި
2 ވަނަ މާއްދާ – ކާވެނިކުރުން
ދިވެހިރައްޔިތަކު އެހެން ދިވެހި ރައްޔިތަކާ ކާވެނި ކުރަނީނަމަ، ނުވަތަ ދިވެހި ރައްޔިތަކު ބިދޭސީއަކާ ކާވެނި ކުރަނީނަމަ، ކާވެނި ކުރަންވާނީ މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
3 ވަނަ މާއްދާ – ކާވެނިކޮށްދިނުން
(ހ) ދިވެހިރާއްޖޭގައި ކާވެންޏެއް އަގްދު ކޮށްދޭންވާނީ، އެކާވެންޏެއް ކުރަން އެދޭ ދެމީހުންކުރެ އެކަކު ކާވެންޏަށް އެދި ހުށަހަޅައި، އަނެކަކު އެކަން ގަބޫލުކޮށް، މި ގާނޫނުގައިވާ ގޮތުގެ މަތިން ވަލީ ލިބި، މި ގާނޫނުގައިވާ ގޮތުގެ މަތިން ކާވެނި ކުރުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އެހެން ކަންތައްތައް ފުރިހަމަ ކުރުމުން، ކާވެނިކުރަން އެދޭ ފިރިހެނާއި އަންހެނާގެ އިތުރަށް ވަލީވެރިޔާއާއި، ދެހެކިންގެ ހާޒިރުގައި، ށަރުއީ މައުޒޫނެކެވެ.
(ށ) މި ގާނޫނުގެ 9 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވާ ހާލަތުތަކުގައި، އެމާއްދާގެ (ނ) ގައި ބުނެފައިވާ ގޮތުގެމަތިން ހާކިމުގެ ވަލީ، އެ ކާވެންޏެއްކޮށްދޭ ށަރްއީ މައުޒޫނާ ހަވާލުވުމުންނާއި، ވަލީވެރިޔާ އެހެންމީހަކާ ވަލީ ހަވާލުކުރާ ހާލަތުތަކުގައި ވަލީ ހަވާލުކުރެވޭމީހާ ހާޒިރުވުމުން، މިމާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ވަލީވެރިޔާ ހާޒިރުވީކަމަށް ބެލޭނެއެވެ.
4 ވަނަ މާއްދާ - ކާވެނިކޮށްދޭ އެންމެ ހަގު އުމުރު
(ހ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ހާލަތުގައި މެނުވީ، މި ގާނޫނުގެ ދަށުން ކާވެނި އަގްދުކޮށްދޭންވާނީ، ކާވެނިކުރަން އެދޭދެމީހުންކުރެކޮންމެ މީހެއްގެ އުމުރުން މީލާދީ ގޮތުން އަށާރަ އަހަރު ފުރިފައިވާ ނަމައެވެ.
(ށ) އުމުރުން މީލާދީގޮތުން އަށާރަ އަހަރު ފުރިފައިނުވާ މީހަކު ކާވެނި ކުރަން އެދި ހުށަހަޅައިފިނަމަ، އެމީހަކީ ބާލިގުވެފައިވާ މީހަކު ކަމުގައިވާނަމަ، އެމީހެއްގެ ޖިސްމާނީ ދުޅަހެޔޮކަމަށާއި ދިރިއުޅުމުގެ ފުދުންތެރި ކަމަށާއި، ކާވެނިކުރަން އެމީހަކު ބޭނުންވާ ސަބަބަށް ރިއާޔަތްކޮށް، އެމީހަކު ކާވެނިކުރުމުގެ ހުއްދަ ދިނުމުގެ އިހްތިޔާރު ކާވެނީގެ ރެޖިސްޓްރާރަށް ލިބިގެންވެއެވެ.
5 ވަނަ މާއްދާ - ކާވެނިކުރެވޭނެ މީހުން
ކާވެނި ކުރަންވާނީ، އިސްލާމީ ށަރީއަތުގައި އެމީހަކާ ކާވެނި ހަރާމްނޫންމީހަކާއެވެ.
6 ވަނަ މާއްދާ - ކާވެނިކޮށްގެން އިން އަންހެނާގެ ކާވެނި
(ހ) މީހެއްގެ އަންބަކަށް، ނުވަތަ މީހެއްގެ އިސްމަތުގައި އިން އަންހެނަކަށް އެހެން ފިރިހެނަކާ ކާވެންޏެއް ނުކުރެވޭނެއެވެ.
(ށ) ރަޖްއީ ވަރިއަކުން ވަރިވެފައިވާ އަންހެނަކު ފުރިހަމަ ކުރަންޖެހޭ އިއްދާގެ މުއްދަތު ފުރިހަމަ ކުރުމުގެ ކުރިން، އެ އަންހެނާ އެންމެފަހުން އިނދެގެން އުޅުނު ފިރިހެނާ ނޫން އެހެން މީހަކާ ކާވެންޏެއް ނުކުރެވޭނެއެވެ.
(ނ) ވަރިވެފައިވާ އަންހެނާއަކީ، ތިންފަށްވެފައިވާ މީހަކުނަމަ، އެ އަންހެނާއާ އެހެން ފިރިހެނަކު އިނދެ، ޖިމާއުވެ، ވަރިކޮށް، އިއްދާ ފުރިހަމަ ކުރުމަށްފަހު މެނުވީ، ތިންފަށްކުރި ފިރިހެނާއަކަށް އެއަންހެނާއަކާ ކާވެންޏެއް ނުކުރެވޭނެއެވެ.
(ރ) ހުވަފަތްވެފައިވާ އަންހެނަކަށްނަމަ، އެމީހާގެ ފިރިމީހާ މަރުވި ތާރީހުން ފެށިގެން ހިޖްރީގޮތުން ހަތަރުމަހާއި ދިހަދުވަސް ވުމުގެ ކުރިން، އަލުން، ކާވެންޏެއް ނުކުރެވޭނެއެވެ.
7 ވަނަ މާއްދާ - ފިރިހެނަކަށް އެއް އިސްމަތެއްގައި ކާވެނިކުރެވޭ މިންވަރު
އެއްވެސް ފިރިހެނަކަށް އެއް އިސްމަތެއްގައި ހަތަރު އަންހެނުންނަށްވުރެ ގިނައަންހެނުންނަކާ ކާވެންޏެއް ނުކުރެވޭނެއެވެ. އަދި އެފަދަ ފިރިހެނެއްގެ އިއްދާގައި އަންހެނަކު އިންނަމަ، މި މާއްދާގެ ބޭނުމަށްޓަކައި ބެލޭނީ، އެއް އިސްމަތެއްގައި އަންބަކު އިނީކަމަށެވެ.
8 ވަނަ މާއްދާ - ގައިރު މުސްލިމުންނާ ކާވެނިކުރުން
(ހ) ދިވެހި އެއްވެސް އަންހެނަކަށް ގައިރުމުސްލިމް ފިރިހެނަކާ ކާވެންޏެއް ނުކުރެވޭނެއެވެ.
(ށ) ދިވެހި އެއްވެސް ފިރިހެނަކު، ގައިރުމުސްލިމް އަންހެނަކާ ކާވެނިކުރަން އެދޭނަމަ، އެކާވެނި ކުރެވޭނީ، އެ ގައިރުމުސްލިމް އަންހެނާއަކީ އިސްލާމީ ށަރީއަތުގައި މުސްލިމް ފިރިހެނަކު އިނުން ހުއްދަ ގައިރު މުސްލިމަކު ކަމުގައިވާނަމައެވެ.
9 ވަނަ މާއްދާ - ރުހުމާއި ވަލީ
(ހ) މި ގާނޫނުގެ ދަށުން ކާވެންޏައް އަގްދުކޮށް ރަޖިސްޓަރީ ކުރެވޭނީ، އެކާވެންޏައް ކުރުމަށް، އެ ކާވެންޏެއްގެ ދެފަރާތް ކަމުގައިވާ ފިރިހެނާއާއި އަންހެނާގެ ރުހުން ލިބިފައި އޮވެގެންނެވެ. އަދި ކާވެނި ކުރަން އެދޭ އަންހެނާގެ ވަލީވެރިޔާގެ ވަލީ، ނުވަތަ މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އެކާވެންޏެއް ކުރުމަށް ހާކިމުގެ ވަލީ ލިބިފައި އޮވެގެންނެވެ.
(ށ) ކާވެނިކުރަން އެދޭ އަންހެނާގެ ވަލީވެރިޔާގެ ވަލީ، ތިރީގައިވާ ސަބަބުތަކުން ސަބަބެއް މެދުވެރިވެގެން، ލިބެން ނެތްނަމަ، އެކާވެންޏެއް ކުރެވޭނީ، ހާކިމުގެ ވަލީ ލިބިގެންނެވެ.
- ނަސަބުގެ ގޮތުން ވަލީއަރާ މީހަކު ދުނިޔޭގައި ނެތުން.
- މަގުބޫލު ސަބަބެއްނެތި، ވަލީވެރިޔާ ވަލީ ދިނުމުން މަނާވެގަތުން.
- ވަލީވެރިޔާ ވީތަނެއް ނޭނގުން.
- ވަލީވެރިޔާއަކީ ވަލީދިނުމުގެ ށަރްތު ފުރިހަމަވާ މީހަކު ކަމުގައި ނުވުން
(ނ) މިމާއްދާގެ (ށ) ގައިވާ ސަބަބުތަކުން ކުރެ ސަބަބެއް މެދުވެރިވެއްޖެކަމަށް ކޯޓަށް ސާބިތުވެ، ކާވެންޏެއް ކޮށްދޭ ށަރުއީ މައުޒޫނާ ހާކިމުގެ ވަލީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ހަވާލުކުރެވޭނެއެވެ.
10 ވަނަ މާއްދާ - ކާވެނީގެ ރަން
(ހ) ކާވެނި އަގްދުވުމާއެކު، ކާވެނިކުރާ އަންހެނާއަށް ށަރުއީ ހަމަތަކުގެ މަތިން ކާވެނީގެ ރަން، ހައްގުވާނެއެވެ. އަދި ކާވެނީގެ ރަން، ށަރުއީ ހަމަތަކުގެ މަތިން ދިނުން، ކާވެނިކުރާ ފިރިހެނާއަށް ވާޖިބު ވާނެއެވެ.
(ށ) ކާވެނީގެ ރަނުގެ ބާވަތާއި މިންވަރު ކަނޑައެޅުމާއި، ކާވެނީގެ ރަން ލިބިގަތުމަކީ، ކާވެނިކުރާ އަންހެނާގެ ހައްގެކެވެ. ފަހެ، މިއިން ކަމަކާމެދު ގޮތެއް ނިންމުމުގެ ހައްގު އެހެން އެއްވެސް ފަރާތަކަށް ލިބިގެނެއް ނުވެއެވެ.
(ނ) ށަރުއީގޮތުން ހުއްދަ، އަގެއްހުރި ކޮންމެ އެއްޗެއް، ނުވަތަ ށަރީއަތް ހުއްދަކުރާ ކޮންމެ މަންފާއެއް ނުވަތަ މަސައްކަތެއް، ކާވެނީގެ ރަނުގެ ގޮތުގައި ފުދޭނެއެވެ.
11 ވަނަ މާއްދާ - ކާވެނީގެ އެއްބަސް ވުމަކަށް އަމަލުކުރުން
(ހ) ކާވެނިކުރާއިރު، އެކާވެނީގައި ހިމެނޭ ދެފަރާތުން ދިރިއުޅުން ބިނާކުރުމުގައި ތަބާވާނެ މައިގަނޑު އުސޫލުތައް، ދެފަރާތުގެ ދެމެދުގައި ލިޔުމަކުންވެވޭއެއްބަސްވުމެއްގައި ހިމަނައި، އެ އެއްބަސްވުމަށް އަމަލުކުރުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުން އެކުލަވާލަންވާނީ، އިސްލާމީ ށަރީއަތުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ (އިތުރު ކުރެވިފައި)
12 ވަނަ މާއްދާ - އެއް އަންބަށްވުރެގިނަ އަންބަށް ކާވެނިކުރުން
(ހ) އެއް އަންބަށްވުރެ ގިނަ އަންބަށް ކާވެނިކުރެވޭނީ، އެ ކާވެނިކުރަން އެދޭ ފިރިހެނާ،މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކާވެނީގެ ރެޖިސްޓްރާރަށް ހުށަހެޅުމުން، ކާވެނީގެ ރެޖިސްޓްރާރ އެކަމަށް ހުއްދަ ދިނުމުންނެވެ.
(ށ) އެއް އަންބަށްވުރެ ގިނަ އަންބަށް ކާވެނިކުރުމުގެ ހުއްދަދެވޭނީ، ކާވެނިކުރަން ހުށަހަޅާ ފިރިހެނާއަކީ، އެމީހެއްގެ އަނބިންނާއި އަދި އޭނާ ބަލަންޖެހޭ އެންމެން ބެލުމުގެ ތަނަވަސަކަންހުރި މީހަކުތޯ ބެލުމަށްފަހު، އަދި ކާވެނިކުރަން އެދި ހުށަހަޅާ ސަބަބުތަކަކީ، ށަރުއީ ހަމަތަކުގެމަތިން ބަލާއިރު، ކާވެނީގެ ރެޖިސްޓްރާރަށް ގަބޫލުކުރެވޭ ސަބަބުތަކެއް ކަމުގައި ވާނަމައެވެ.
13 ވަނަ މާއްދާ - ބާތިލު ކާވެނި
ކާވެނި ސައްހަވުމަށްޓަކައި އިސްލާމީ ށަރީއަތުގައި ފުރިހަމަވާންޖެހޭ ށަރްތުތައް ފުރިހަމަވެފައި ނުވާ ކޮންމެ ކާވެންޏަކީ، ބާތިލު ކާވެންޏެކެވެ.
14 ވަނަ މާއްދާ - ކާވެނިކުރުމުގެ ހުއްދަ.
(ހ) ކާވެނިކުރުމުގެ ހުއްދަދޭނީ، ކާވެނީގެ ރެޖިސްޓްރާރެވެ. ފަހެ، ކާވެނީގެ ރެޖިސްޓްރާރުގެ ހުއްދަނެތި އެއްވެސް ކާވެންޏައް އަގްދުކޮށްދީގެނެއް ނުވާނެއެވެ.
(ށ) ކާވެނިކުރުމުގެ ހުއްދަ ދެވޭނީ، ކުރުމަށް ހުށަހަޅާފައިވާ ކާވެންޏަކީ، ށަރުއީގޮތުންނާއި ގާނޫނީގޮތުން ފުރިހަމަވާންޖެހޭ ށަރްތުތައް ފުރިހަމަ ވެފައިވާ ކާވެންޏެއް ކަމުގައިވާނަމައެވެ.
15 ވަނަ މާއްދާ - ކާވެނިކުރުމަށް އެދިހުށަހެޅުން
ކާވެނިކުރަން އެދޭ ދެމީހުން، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ކާވެނި ކުރުމުގެ ހުއްދައަށް އެދި، ލަސްވެގެން، އެ ކާވެނި ކުރަން ގަސްތުކުރާ ތާރީހުގެ ހަތްދުވަސް ކުރިން ކާވެނީގެ ރެޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.
16 ވަނަ މާއްދާ - ދިވެހި- ބިދޭސީ ކާވެނި
ބިދޭސީއަކާ ދިވެހި ރައްޔިތަކާ ކާވެނި ކުރެވޭނީ، ތިރީގައިވާ ށަރްތުތައް ފުރިހަމަވެގެންނެވެ.
(ހ) ކާވެނި ކުރަންއެދޭ ފިރިހެނާއާއި އަންހެނާގެ ކިބައިގައި، ށަރުއީގޮތުން ކާވެނި ސައްހަވުމަށްޓަކައި ހުރުން ލާޒިމުވާ ސިފަތައް ފުރިހަމަވުން.
(ށ) ބިދޭސީ ފިރިހެނަކުނަމަ ދިވެހި އަންހެނަކާ ކާވެނި ކުރަނީނަމަ، އެ ބިދޭސީ ފިރިހެނާއަކީ، ރާއްޖޭގެ ކަމާބެހޭ ކޯޓުން ބަލާ ހަމަތަކުގެ މަތިން، އާއިލާގެ ހަރަދު ބެލެހެއްޓޭ ވަރުގެ މީހަކު ކަމުގައިވުން.
17 ވަނަ މާއްދާ - ބިދޭސީ ފިރިހެނުންގެ އިގްރާރު
ބިދޭސީ ފިރިހެނަކު ދިވެހި އަންހެނަކާ ކާވެނި ކުރަނީނަމަ، އެ ކާވެންޏެއް ކުރުމުގެކުރިން، ދިވެހި އަންހެނަކާ ކާވެނިކުރާ ބިދޭސީ ފިރިހެނާގެ މައްޗަށް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ލާޒިމުކުރާ ކަންތައްތައް ގަބޫލުކުރާކަމުގެ އިގްރާރެއްގައި، އެ ބިދޭސީ ފިރިހެނާ ސޮއިކުރަން ވާނެއެވެ.
18 ވަނަ މާއްދާ - މިގާނޫނު ފާސްވުމުގެ ކުރިން ކޮށްފައިވާ ދިވެހި- ބިދޭސީ ކާވެނި
މި ގާނޫނު ފާސްވުމުގެ ކުރިން ކޮށްފައިވާ ދިވެހި- ބިދޭސީ ކާވެނިތަކުގެމައްޗަށްވެސް، މި ގާނޫނުގެ 33 ވަނަ މާއްދާއާއި 34 ވަނަ މާއްދާގައިިވާ ހުކުމްތައް ހިނގާނެއެވެ.
ކާވެނި ރަޖިސްޓްރީކުރުން
19 ވަނަ މާއްދާ – ކާވެނި ރަޖިސްޓަރީކުރުން
(ހ) ދިވެހިރާއްޖޭގައި ކުރާ ކާވެންޏާއި، ދިވެހިރާއްޖެއިން ބޭރުގައި ދިވެހި ރައްޔިތުން ކުރާ ކާވެންޏާއި، ދިވެހި ރައްޔިތުން ބިދޭސީންނާ ކުރާ ކާވެނި، މިގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރަޖިސްޓަރީ ކުރަންވާނެއެވެ.
(ށ) މި ގާނޫނާ ހިލާފަށް ކޮށްފައިވާ އެއްވެސް ކާވެންޏެއް، މި ގާނޫނުގެ ދަށުން ރަޖިސްޓަރީއެއް ނުކުރެވޭނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ކާވެންޏެއް މި ގާނޫނުގެ ދަށުން ރަޖިސްޓަރީ ކޮށްދެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނާ ފީއެއް ކާވެނީގެ ރެޖިސްޓްރާރަށް ދެއްކުމުންނެވެ.
20 ވަނަ މާއްދާ - ކާވެނީގެ ދަފުތަރު
(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރެވޭ ކާވެނީގެ މައްލޫމާތު ރެކޯޑުކުރެވޭ ކާވެނީގެ ދަފުތަރެއް އޮންނަންވާނެއެވެ.
(ށ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން، ކުރެވޭ ކާވެނީގެ މައްލޫމާތު ލިޔެ ދަފުތަރު ބަލަހައްޓާނީ، ކާވެނީގެ ރެޖިސްޓްރާރެވެ.
21 ވަނަ މާއްދާ - ކާވެނީގެ ދަފުތަރުގައިވާ ކުށް ރަގަޅުކުރުން
ކާވެންޏާ ބެހޭގޮތުން ކާވެނީގެ ދަފުތަރުގައިވާ އެއްވެސް މައްލޫމާތަކީ ތެދުނޫން މައްލޫމާތެއް ކަމަށް ސާބިތު ވެއްޖެނަމަ، ކާވެނި ކޮށްފައިވާ ދެމަފިރިންގެ ހާޒިރުގައި، ނުވަތަ އެދެމަފިރިން މަރުވެފައިވާނަމަ ދެހެކިންގެ ހާޒިރުގައި، އެ ތެދުނޫން މައްލޫމާތު ލިޔެފައިވާ ތަނުގައި ރެޖިސްޓްރާރ ރޮނގެއް ދަމައި ކަނޑާލުމަށްފަހު، ތެދު މައްލޫމާތު ލިޔެ، ސޮއިކުރަންވާނެއެވެ.
22 ވަނަ މާއްދާ - ރާއްޖެއިން ބޭރުގައި ކުރާ ކާވެނި
ދިވެހި ރައްޔިތަކު ދިވެހިރާއްޖެއިން ބޭރުގައި ކާވެންޏެއް ކޮށްފިނަމަ، އަދި އެ ކާވެޏެއްކުރީ ދިވެހިރާއްޖޭގެ ރަސްމީ އޮފީހެއް ހުންނަ ގައުމެއްގައި ކަމަށްވާނަމަ، ކާވެނިކުރާ ދުވަހުން ފެށިގެން ދެމަސް ދުވަހުގެ ތެރޭގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، އެ ކާވެންޏެއް ކުރިފަރާތުން އެ އޮފީހެއްގައި ރަޖިސްޓަރީ ކުރުމަށް ހުށަހަޅަންވާނެއެވެ. އަދި ކާވެނިކުރީ ދިވެހިރާއްޖޭގެ ރަސްމީ އޮފީހެއްނެތް ގައުމެއްގައި ކަމަށްވާނަމަ، ކާވެނިކުރާ ދުވަހުން ފެށިގެން ހަމަސްދުވަހުގެ ތެރޭގައި އެ ކާވެންޏެއް، މިމާއްދާގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރުމަށް ހުށަހަޅަންވާނެއެވެ.
ވަރިކުރުމާއި ކާވެނި ރޫޅާލުން
23 ވަނަ މާއްދާ – ވަރިކުރުމަށް ހުށަހެޅުން
(ހ) ފިރިމީހާ، އަނބިމީހާ ވަރިކުރަން ބޭނުންވެއްޖެނަމަ، ވަރިކުރަންވާނ،ީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނެފައިވާ މައްލޫމާތާއެކު ކަމާބެހޭ ކޯޓަށް އެކަން ހުށަހަޅައި، ގާޒީ ހުއްދަ ދިނުމުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ފިރިމީހާ އޭނާގެ އަނބިމީހާ ވަރިކުރަން ބޭނުންކަމަށް ކޯޓަށް ހުށަހެޅުމުން، އެ ދެމަފިރިން ކޯޓަށް ހާޒިރުކޮށް، ވަރިކުރުމާމެދު އަނބިމީހާގެ އިއުތިރާޒެއް ނެތްކަމަށް ބުނެފިނަމަ، ގާޒީގެ ހުއްދަޔާއެކު، ކޯޓުގައި ފިރިމީހާއަށް އަނބިމީހާ ވަރި ކުރެވިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ފިރިމީހާ އަނބިމީހާ ވަރިކުރަން ބޭނުންކަމަށް ކޯޓަށް ހުށަހެޅުމުން، އަނބިމީހާ ބޭނުންވަނީ ފިރިމީހާއާއެކު ކާވެނީގައި ދެމިހުންނަށް ކަމަށް ބުނެފިނަމަ، ކަމާބެހޭ ކޯޓުގެ އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް، ގާޒީ މި ގާނޫނުގެ 25 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން، އެދެމަފިރިން ސުލްހަ ކުރުމަށް މަސައްކަތް ކުރަންވާނެއެވެ.
(ރ) މި ގާނޫނުގެ 25 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން މަސައްކަތްކޮށްގެން، ދެމަފިރިއަކު ސުލްހަ ނުކުރެވުނުކަން އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިން ގާޒީ އަންގައިފިނަމަ، އަދި އެދެމަފިރިންނަށް ސުލްހަވެރިކަމާއެކު ކާވެނީގައި ދެމި ނުތިބެވޭނެކަމަށް ގާޒީއަށް ފެނިއްޖެނަމަ، އަނބިމީހާ ވަރިކުރުމުގެ ހުއްދަ ގާޒީ، ފިރިމީހާއަށް ދޭންވާނެއެވެ.
(ބ) މި ގާނޫނުގެ 25 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން މަސައްކަތްކޮށްގެން، ދެމަފިރިއަކު ސުލްހަ ވެއްޖެކަމަށް އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިން ގާޒީއަށް އަންގައިފިނަމަ، ނުވަތަ އެނޫންވެސް ގޮތަކުން ދެމަފިރިން ސުލްހަ ވެއްޖެކަމަށް އެ ދެމަފިރިއަކު ކޯޓަށް އަންގައިފިނަމަ، ވަރިކުރުމަށް ފިރިމީހާ ކޯޓަށް ހުށަހެޅި ހުށަހެޅުންތައް ބާތިލުވީއެވެ.
24 ވަނަ މާއްދާ - ވަރިވުމަށް އެދިހުށަހެޅުން
(ހ) އަންބަކު އޭނާގެ ފިރިމީހާގެގާތުން، ތިރީގައި ބުނެފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބަކަށްޓަކައި ވަރިވާން ބޭނުންނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ކަމާބެހޭ ކޯޓަށް އެކަން ހުށަހެޅިދާނެއެވެ.
އަނބިމީހާ ކަރާމަތަށް ގެއްލުން ލިބޭފަދަ އަމަލެއް ފިރިމީހާ ކުރުން.
އަނބިމީހާއަށް ފިރިމީހާ އަނިޔާވެރިވުން.
ދީނީގޮތުން ހަރާމްކަމެއް ކުރުމަށް އަނބިމީހާއަށް މަޖުބޫރުކުރުން
މަގުބޫލު ސަބަބެއްނެތި، އަނބިމީހާއާއެކު އެއްދާންކުރުމުން، ހަތަރު މަސްދުވަހަށްވުރެ ދިގުމުއްދަތަކަށް ފިރިމީހާ މަނާވެގަތުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަންބަކު އޭނާގެ ފިރިމީހާގެ ގާތުން ވަރިވުމަށް އެދި ކޯޓަށް ހުށަހަޅައިފިނަމަ، އެ މައްސަލައެއް ބަލައި، އަދި ވަރިވުމަށް އެދި ހުށަހަޅާ ސަބަބަކީ މި ގާނޫނުގެ 28 ވަނަ މާއްދާގައި ބުނެފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއްކަމަށް ނުވާނަމަ، ކަމާބެހޭ ކޯޓުގެ އާއިލީ މައްސަލަތައް ހައްލުކުމާބެހޭ ބަޔަށް ގާޒީ އެ މައްސަލައެއް ފޮނުވަންވާނެއެވެ. އެފަދަ ބައެއް އެ ރަށެއްގެ ކޯޓުގައި ނެތް ރަށެއްނަމަ، މި ގާނޫނުގެ 25 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން، އެ ދެމަފިރިން ސުލްހަކުރުމަށް ގާޒީ މަސައްކަތް ކުރަންވާނެއެވެ.
(ނ) މިގާނޫނުގެ 25 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ދެމަފިރިއަކު ސުލްހަ ނުކުރެވުނުކަން އާއިލީ މައްސަލަތައް ހައްލުކުރުމާ ބެހޭބައިން ކޯޓަށް އެންގުމުން، ދެމަފިރިންނަށް ކާވެނީގައި ދެމިނުތިބެވޭނެކަމަށް ގާޒީއަށް ފެނިއްޖެނަމަ، ކޯޓުން އެދެމަފިރިން ބާއިނު ވަރިއަކުން ވަރިކޮށްދޭންވާނެއެވެ.
(ރ) މި ގާނޫނުގެ 25 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ދެމަފިރިއަކު ސުލްހަވެއްޖެކަމަށް އެންގުމުން، ނުވަތަ އެނޫންވެސް ގޮތަކުން އެ ދެމެފިރިއަކު ސުލްހަވެއްޖެކަމަށް އެ ދެމަފިރިއަކު ލިޔުމަކުން ކޯޓަށް އެންގުމުން، ވަރިވުމަށް އެދި އަނބިމީހާ ކޯޓަށް ހުށަހެޅި ހުށަހެޅުންތައް ބާތިލުވާނެއެވެ.
25 ވަނަ މާއްދާ – ސުލްހަކުރުން
(ހ) މި ގާނޫނުގެ 23 ވަނަ މާއްދާއާއި 24 ވަނަ މާއްދާގެ ދަށުން ސުލްހަކުރުމަށް ހުށަހެޅޭ މައްސަލައެއް، އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް ފޮނުވުން، ނުވަތަ އެފަދަ ބައެއް އެ ރަށެއްގެ ކޯޓުގައި ނެތް ރަށެއްނަމަ، އެ މައްސަލައެއް ކޯޓަށް ހުށަހެޅުމުން، އެ ދެމަފިރިއަކު ސުލްހަކުރުމަށް ވީހާއަވަހަކަށް މަސައްކަތް ކުރަންވާނެއެވެ. އަދި މިގޮތުން ހުށަހެޅޭ މައްސަލަތަކުގައި، ދެމަފިރިއަކު ސުލްހަކުރުމުގެ މައްސަލަ، ލަސްވެގެން ތިން މަސްދުވަހުގެ ތެރޭގައި ނިންމަންވާނެއެވެ.
(ށ) މި މާއްދާއްގެ (ހ) ގައިވާ ގޮތުގެ މަތިން ދެމަފިރިއަކު ސުލްހަކުރުމުގެ މަސައްކަތްކުރަންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިން ދެމަފިރިއަކު ސުލްހަކުރާއިރު، އެ ދެމަފިރިންނާއި އެ ދެމަފިރިންގެ ތިމާގެ މީހުންގެ ތެރެއިން މައްސަލައިގެ މައްލޫމާތު ލިބި ތިބި ބައެއްގެ ހާޒިރުކޮށްގެން، އެ ދެމަފިރިން ސުލްހަކުރުމަށް އިސްކަންދޭންވާނެއެވެ.
26 ވަނަ މާއްދާ - ކާވެނި ރުޖޫއަކުރުން
(ހ) ރަޖުއީ ވަރިއަކުން ވަރިކުރުމަށްފަހު، ކާވެނި ރުޖޫއަ ކުރަނީ ރާއްޖޭގައިނަމަ، ކާވެނި ރުޖޫއަ ކުރަންވާނީ، ކޯޓަށް ހުށަހަޅައިގެން، ށަރުއީ ހަމަތަކުގެ މަތިންނެވެ. ނަމަވެސް ކާވެނި ރުޖޫއަ ކުރުމަށް އަންހެންމީހާ އިއުތިރާޒު ކޮށްފިނަމަ، އޭނާ އެ އިއުތިރާޒުކުރީ ށަރުއީގޮތުން މަގުބޫލު ސަބަބެއް އޮވެގެން ކަމަށްވާނަމަ، އެ ދެމީހުންގެ ކާވެނި، ކޯޓުން ރުޖޫއަކޮށްދީގެނެއް ނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން ކާވެންޏެއް ރުޖޫއަ ކުރުމުން، ރުޖޫއަ ކުރެވުނު ކާވެންޏާބެހޭ މައްލޫމާތު ކޯޓުން ކާވެނީގެ ރެޖިސްޓްރާރަށް ފޮނުވަންވާނެއެވެ.
(ނ) މި ގާނޫނުގެ 24 ވަނަ މާއްދާއާއި 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާގެ ދަށުން ކޯޓުން ދެމަފިރިއަކު ވަރި ކޮށްދީފިނަމަ، ނުވަތަ ކާވެންޏެއް ފަސްހު ކޮށްދީފިނަމަ، އެ ކާވެންޏެއް ރުޖޫއައެއް ނުކުރެވޭނެއެވެ.
27 ވަނަ މާއްދާ - ހުލްއު ވަރި
އަނބިމީހާ ފިރިމީހާއަށް އެއްޗެއް ދީގެން ވަރިވުމަށް ފިރިމީހާއާއި އަނބިމީހާ އެއްބަސްވާ ހާލަތުތަކުގައި، ކޯޓަށް ހުށަހަޅައިގެން، ހުލްއު ވަރިއަކުން ވަރިވުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
28 ވަނަ މާއްދާ - ކާވެނި ފަސްހުކުރުން
ތިރީގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބަކަށްޓަކައި އަނބިމީހާ ވަރިވުމަށް އެދި ކޯޓަށް ހުށަހަޅައިފިނަމަ، މި ގާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް އެ މައްސަލައެއް ހުށަހެޅުމަކާ ނުލައި، ކޯޓުން ކާވެނި ފަސްހު ކޮށްދޭންވާނެއެވެ.
- ފިރިމީހާ ވީތަނެއް ނޭނގި، އެއް އަހަރަށްވުރެ ދިގު މުއްދަތެއް ފާއިތުވުން.
- ފިރިމީހާ އަނބިމީހާއަށް ކުރަންޖެހޭ ހަރަދުނުކޮށް ވިދިވިދިގެން ތިންމަސްދުވަސްވުމުން، ހަރަދު ހޯދުމަށްެ އެދި އެ މައްސަލައެއް އަނބިމީހާ ކޯޓަށް ދެފަހަރު ހުށަހަޅައި، ހަރަދުދިނުމަށް ކޯޓުން ދެފަހަރުމެ ފިރިމީހާއަށް އެންގުމުންވެސް، ފިރިމީހާ އަނބިމީހާއަށް ހަރަދު ނުދިނުން.
- ކާވެނިކުރިއިރު، ފިރިމީހާއަކީ ޖިންސީގޮތުން ނުކުޅެދިގެންވާ މީހެއްކަން އަނބިމީހާއަށް އެނގިފައި ނެތުމާއެކު، ކާވެނިކުރުމުގެ ފަހުން އަނބިމީހާ އެ މައްސަލަ ހުށަހެޅުމުން، ފިރިމީހާއަކީ ޖިންސީގޮތުން ނުކުޅެދިގެންވާ މީހެއްކަން ށަރީއަތަށް ގަބޫލުކުރެވޭ މިންވަރަށް ހެކި ލިބުން.
- ފިރިމީހާ ދުނިޔެއިން މޮޔަވެފައި ހުންނަތާ ދެއަހަރު ވެފައިވުން.
- ފަރުވާއެއް ހޯދިފައި ނުވާ ގައިން ގަޔަށް އަރާ، ނުރައްކާތެރި ބައްޔެއް ފިރިމީހާއަށް ޖެހިފައިވުން.
- ކާވެނި ފަސްހުކުރުމަށް އިސްލާމީ ށަރީއަތް ހުއްދަކުރާ އެހެން ކަމެއް މެދުވެރިވުން.
29 ވަނަ މާއްދާ - ތިންފަށް ވަރިން ވަރިނުކުރުން
ފިރިމީހާ ތިންފަށް ވަރިއަކުން އަނބިމީހާ ވަރިކޮށްގެނެއް ނުވާނެއެވެ. ފަހެ، ފިރިމީހާ އަނބިމީހާ ވަރިކުރާއިރު، ކޮންމެ އިބާރާތަކުން ވަރިކުރިޔަސް، އަދި ވަރީގެ އިބާރާތް ކިތަންމެ ވަރަކަށް ފަށްކުރިކަމުގައިވިނަމަވެސް، ވަރިވާނީ އެއްފަށް ވަރިއަކުންނެވެ.
30 ވަނަ މާއްދާ - ފިރިމީހާ މަރުވެއްޖެ ކަމަށް ގަބޫލުކުރެވޭ ގޮތްތަކެއް މެދުވެރިވުން
ފިރިމީހާ މަރުވެއްޖެކަމަށް ގަބޫލުކުވޭ ގޮތްތަކެއް މެދުވެރިވެގެން، ފިރިމީހާގެ އެއްވެސް ހަބަރެއް ނުވާތާ ހަތަރު އަހަރުވުމަށްފަހު، ކޯޓުން އެ މައްސަލައެއް ބަލައި، ފިރިމީހާ މަރުވެއްޖެކަމަށް ހުކުމްކުރާ ތާރީހުން ފެށިގެން އެ ދެމަފިރިންގެ ކާވެނީގެ އަގްދު ނިމުމަކަށް އައީއެވެ.
31 ވަނަ މާއްދާ - ވަރި ރަޖިސްޓަރީ ކުރުމާއި ވަރީގެ ދަފުތަރު
މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައިވާ ގޮތުގެ މަތިން، ވަރި ރަޖިސްޓަރީކޮށް، ކުރެވޭ ވަރީގެ މައްލޫމާތު ވަރީގެ ދަފުތަރުގައި ލިޔެ، ކާވެނީގެ ރެޖިސްޓްރާރ ބަލަހައްޓަންވާނެއެވެ.
32 ވަނަ މާއްދާ - ވަރިކުރުމުގެ ކުރިން ދެމަފިރިން އެކުގައި ހާސިލްކޮށްފައިވާ މުދާ އަދުލުވެރި ބެހުމަކުން ބެހުން (އިސްލާހު ކުރެވިފައި)
(ހ) ކާވެނި ރޫޅޭ ހާލަތުގައި، ކާވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދަލާއި ފައިސާއާމެދު އަމަލުކުރާނެ އުސޫލެއް ބަޔާންކޮށް މި ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކާވެނީގެ އެއްބަސްވުމެއް ދެމަފިރިންގެ މެދުގައި ކޮށްފައިވާނަމަ، ވަރިކުރުމުގެ ހުއްދަދިނުމުގެ ކުރިން ނުވަތަ ކާވެނި ރޫޅައިދިނުމުގެ ކުރިން، ނުވަތަ ވަރި ރަޖިސްޓަރީކޮށްދިމުނުގެ ކުރިން، ކާވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދަލާއި ފައިސާ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ ދެމަފިރިންގެ މެދުގައި އަދުލުވެރި ބެހުމަކުން ބެހުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، މި ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކާވެނީގެ އެއްބަސްވުމެއް ދެމަފިރިންގެ މެދުގައި ކޮށްފައިވާ ނަމަވެސް، ނުވަތަ އެއްބަސްވުމެއް ފެމަފިރިންގެ މެދުގައި ކޮށްފައިނުވާ ނަމަވެސް، އެ ދެމަފިރިންކުރެ ކޮންމެ ފަރާތަކަށްވެސް އިސްލާމީ ށަރީއަތުން ލިބެންޖެހޭ އެންމެހައި ހައްގުތައް ފުރިހަމައަށް އެ ފަރާތަކަށް ލިބިދޭންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން އަދުލުވެރި ބެހުމަކުން މުދާ ބަހަންވާނީ، މި ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ވެވޭ އެއްބަސްވުމުގައިވާ ގޮތުގެމަތިން، ކާވެނި ރޫޅޭ ހާލަތުގައި ކާވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދަލާމެދު އަމަލުކުރާނެ ގޮތަކާމެދު ދެމަފިރިންގެ މެދުގައި ހިލާފު އުފެދިއްޖެ ހާލަތުގައެވެ.
(ރ) ކާވެނި ރޫޅޭ ހާލަތުގައި ކާވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދަލާމެދު އަމަލުކުރާނެ ގޮތަކާމެދު މި ގާނޫނުގެ 11 ވަނަ މާއްދަގެ ދަށުން ވެފައިވާ އެއްބަސްވުމުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ކަންކަމަށް އިސްކަންދިނުމުގެ އިތުރުން، ދެމަފިރިންގެ މެދުގައި މިކަމުގައި އުފެދިފައިވާ ހިލާފުތަކަށް ހައްލެއް ހޯދުމުގެ ގޮތުން މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން އަދުލުވެރި ބެހުމަކުން މުދާ ބަހާއިރު، އަންނަނިވި އިޖުރާއަތުތައް ފުރިހަމަކުރަންވާނެއެވެ.
- ކާވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދަލެއް ނުވަތަ ފައިސާއެއްވާނަމަ، އެ މުދަލަކީ ކޮބައިކަމާއި ނުވަތަ އެ ފައިސާގެ މިންވަރަކީ ކޮބައިކަމުގައި ކަނޑައެޅުން؛ އަދި
- އެ މުދަލުން ނުވަތަ ފައިސާއިން ފިރިމީހާއަށާއި އަނބިމީހާއަށް ހައްގުވާ ބައި ނުވަތަ މިންވަރު ކަނޑައެޅުން.
(ބ) މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކާވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދަލަކީ ނުވަތަ ފައިސާއަކީ ކޮބައިކަން ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ކޯޓުން ރިއާޔަތްކުރަންވާނެއެވެ.
- ކާވެނީގެ މުއްދަތުގެ ކުރިން ދެމަފިރިން ވަކިން ހާސިލުކޮށްފައިވާ މުދާ ނުވަތަ ފައިސާގެ ތެރެއިން، ކާވެނީގެ މުއްދަތުގައި އެ މުދަލަކުން ނުވަތަ ފައިސާއަކުން ތަސައްރަފުކުރެވި، އެ މުދަލަކަށް ނުވަތަ ފައިސާއަށް އިތުރުވުމެއް ނުވަތަ ކުރިއެރުމެއް ލިބިފައިވާނަމަ، އިތުރުވި ނުވަތަ ކުރިއެރި ނިސްބަތަށް ބަލައި، އެ ނިސްބަތަކީ ކާވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދަލެއް ނުވަތަ ފައިސާއެއް ކަމުގައި ބެލުން؛
- ކާވެނީގެ މުއްދަތުގައި ހޯދާފައިވާ މުދަލެއް ރަޖިސްޓަރީކުރެވިފައިވަނީ، ނުވަތަ ފައިސާއެއް ބެހެއްޓިފައިވަނީ، ދެމަފިރިން ކުރެ ކޮންމެވެސް އެއް ފަރާތެއްގެ ނަން މަތީގައި ކަމަށްވިޔަސް، އެކަމަކީ އެ މުދަލުގެ ނުވަތަ ފައިސާގެ މިލްކުވެރިކަން ހަމައެކަނި އެފަރާތުގެ މައްޗަށް އޮތްކަން ސާބިތުކޮށްދޭ ކަމެއް ކަމުގައި ނުބެލުން.
(ޅ) މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކާވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދަލަކުން ނުވަތަ ފައިސާއަކުން އަނބިމީހާއަށާއި ފިރިމީހާއަށް ހައްގުވާ ބައި ނުވަތަ މިންވަރު ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ކޯޓުން ރިއާޔަތްކުރަންވާނެއެވެ.
- އެ މުދާ ނުވަތަ ފައިސާ ހޯދުމަށް ދެމަފިރިން ވަކިވަކީން މަސައްކަތްކޮށްފައިވާ ނުވަތަ ހޭދަކޮށްފައިވާ މިންވަރު؛
- ކަވެނިކޮށްގެން އުޅުނު މުއްދަތު؛
- އަމަލީ ގޮތުން ނުވަތަ މާލީ ގޮތުން މުދާ ނުވަތަ ފައިސާ ހޯދުމުގައި އަނބިމީހާގެ ހިއްސާއެއް ނެތް ނަމަވެސް، ކާވެނީގެ މުއްދަތުގައި ކާވެނި އާރާސްތުކުރުމަށްޓަކައި އަނބިމީހާގެ ހައިސިއްޔަތުން ނުވަތަ ދަރިންގެ މަންމަގެ ހައިސިއްޔަތުން ކޮށްފައިވާ މަސައްކަތް؛
- އެ މުދާ ނުވަތަ ފައިސާއަކަށް ނިސްބަތްވާ ދަރަންޏެއް ދެމަފިރިންކުރެ އެއްވެސް ފަރާތަކަށް ދައްކަންޖެހިފައިވާނަމަ، އެކަން.
(ކ) މި މާއްދާގެ ދަށުން ކޯޓުން އަދުލުވެރި ބެހުމަކުން މުދާ ބަހާއިރު، ބެހުމަށް ކަނޑައަޅާ އެއްވެސް މުދަލަކީ އޭގެ ޒާތުގައި ބެހުމަށް ދަތި މުދަލެއްނަމަ، އެ މުދަލެއް ބެހުމުގެ ބަދަލުގައި، އެ މުދަލަކުން ދެމަފިރިން ކުރެ ކޮންމެ މީހަކަށް ހައްގުވާ މިންވަރު، އެ އިރެއްގައި އެ މުދަލެއް ބާޒާރުގައި ވިއްކާލެވެން އޮތް އަގެއްގައި އަގުމަގުކުރުމަށްފަހު، އެ އަގަށްވާ ފައިސާ ކަނޑައަޅައި، އެ ފައިސާ ދެމަފިރިންކުރެ އެކަކަށް ދިނުމަށާއި، އަނެއް ފަރާތުގައި އެ މުދާ ބެހެއްޓުމަށް އަމުރުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
(އ) މި މާއްދާގެ (ކ) ގެ ދަށުން ފައިސާ ދިނުމަށްފަހު މުދާ ބަހައްޓާނެ ފަރާތެއް ކަނޑައަޅާނީ ދެމަފިރިން އެއްބަސްވާ ގޮތެއްގެމަތިންނެވެ.
(ވ) މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން ދެމަފިރިންނަށް އެއްބަސްނުވެވޭ ހާލަތުގައި، ފައިސާ ދީ މުދާ ބަހައްޓާނެ ފަރާތެއް ކަނޑައަޅާނީ މި ގަނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކޯޓުންނެވެ.
(މ) މި މާއްދާގައި "ކާވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދަލާއި ފައިސާ" ކަމަށް ބުނެފައި އެވަނީ، ކާވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ނުވަތަ ވަކިވަކިން ހޯދާފައިވާ އުފުލޭ މުދަލާއި ނުއުފުލޭ މުދަލާއި ނަގުދު ފައިސާ އަދި މި މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރާއި މި ގަނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މުދަލާއި ފައިސާއަށެވެ.
(ފ) މި މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި މެނުވީ، މި ގާނޫނުގެ ބޭނުމަށްޓަކައި، ކާވެނި ކުރުމުގެ ކުރިން، ދެމަފިރިން ވަކިން ހޯދާފައިވާ މުދަލާއި ފައިސާއާއި، ދެމަފިރިންގެ އެކަހެރި ނަމުގައި ހޯދާފައިވާ މުދަލާއި ފައިސާ އަދި ތަރިކައިގެ އުސޫލުން ނުވަތަ ހިބައިން ނުވަތަ ވަސިއްޔަތުން ލިބޭ މުދަލާއި ފައިސާ މާނަކުރަންވާނީ ދެމަފިރިން ވަކިން ހޯދާފައިވާ މުދަލާއި ފައިސާގެ ގޮތުގައެވެ.
(ދ) މި މާއްދާގެ (ފ) ގައި ބަޔާންކޮށްފައިވާ މުދަލާއި ފައިސާ، މި މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ކާވެނީގެ މައްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދަލާއި ފައިސާގެ ތެރޭގައި ހިމެނޭނީ، ހަމައެކަނި މި މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައެވެ.
(ތ) މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މި ގާނޫނުގެ ދަށުން އަންނަނިވި ކަންކަން ހިމެނޭނެހެން މިނިސްޓްރީން ގަވާއިދު ހަދައި އެކުލަވާލަންވާނެއެވެ.
- ކާވެނި ކުރުމުގެ ކުރިން ދެމަފިރިން ވަކިން ހާސިލުކޮށްފައިވާ މުދަލާއި އެކަހެރި ނަމުގައި ހޯދާފައިވާ މުދާ ކަނޑައަޅާނެ މިންގަނޑުތަކާއި އުސޫލު؛
- ކާވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދާ ނުވަތަ ފައިސާ ކަނޑައަޅާނެ އުސޫލު؛
- މުދާ ނުވަތަ ފައިސާ ހޯދުމަށް ދެމަފިރިން ވަކިވަކީން މަސައްކަތްކޮށްފައިވާ ނުވަތަ ހޭދަކޮށްފައިވާ މިންވަރު ކަނޑައަޅާނެ އުސޫލު؛
- ކާވެނީގެ މުއްދަތަށް ބަލައި، އަނބިމީހާއަށާއި ފިރިމީހާއަށް ހައްގުވާ ބައި ނުވަތަ މިންވަރު ކަނޑައަޅާނެ އުސޫލު؛
- ކާވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދަލާއި ފައިސާ އަގުކުރުމާބެހޭ އުސޫލު؛
- ކާވެނި ކުރުމުގެ ކުރިން ދެމަފިރިން ވަކިން ހާސިލުކޮށްފައިވާ މުދަލާއި ފައިސާއާއި އެކަހެރި ނަމުގައި ހޯދާފައިވާ މުދަލާއި ފައިސާ ކާވެނީގެ މުއްދަތުގައި ތަސައްރަފުކުރެވި، އެ މުދަލާއި ފައިސާއަށް އިތުރުވުމެއް ނުވަތަ ކުރިއެރުމެއް ލިބިފައިވާނަމަ، އެކަން ދެނެގަންނާނެ އުސޫލު؛
- ކާވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވަ މުދަލާއި ފައިސާ އަދުލުވެރި ބެހުމަކުން ބަހާއިރު، ބެހުމަށް ކަނޑައަޅާ އެއްވެސް މުދަލަކީ އޭގެ ޒާތުގައި ބެހުމަށް ދަތި މުދަލެއްނަމަ، އެ މުދަލެއް ބެހުމުގެ ބަދަލުގައި އަމަލުކުރާނެ އުސޫލު.
33 ވަނަ މާއްދާ - ވަރިކުރުމާއި ވަރިވުމުގައި ބިދޭސީން މި ގާނޫނަށް އަމަލުކުރުން
ދިވެހި ރައްޔިތަކާ ކާވެނިކޮށްގެން އުޅޭ ބިދޭސީއަކު ވިޔަސް، ވަރި ކުރަންވާނީ، ނުވަތަ ވަރި ވާންވާނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
34 ވަނަ މާއްދާ - ދިވެހި ފިރިހެނަކު ބިދޭސީ އަންބަކު ވަރިކޮށްފިނަމަ ދޭންޖެހޭ ހަރަދު
ދިވެހި ފިރިހެނަކު ބިދޭސީ އަނބިމީހާ ވަރިކޮށްފިނަމަ، މި ގާނޫނުގެ ދަށުން ލާޒިމުކުރާ އެހެނިހެން ހަރަދުތަކުގެ އިތުރަށް އަނބިމީހާގެ ވަޒަނަށް ދެވޭނެގޮތް ހަމަޖައްސައިދީ، އެކަމަށް ހިނގާނެ ހުރިހާ ހަރަދެއް ފިރިމީހާ ދޭންވާނެއެވެ.
ހަރަދު ދިނުން
35 ވަނަ މާއްދާ – ހަރަދު ލެއްވުން
ށަރީއަތުގެ ހަމަތަކާ ހިލާފުނުވާ ގޮތުގެމަތިން ދަރީންގެ ހަރަދާއި އަނބިމީހާގެ ހަރަދާ ގުޅޭގޮތުން ދެމަފިރިންނަށް އެއްބަސްވުމަކަށް އާދެވފައިނުވާނަމަ، ވަރިކުރުމުގެ ހުއްދަދިނުމުގެ ކުރިން ނުވަތަ ކާވެނި ރޫޅައިދިނުމުގެ ކުރިން، ނުވަތަ ވަރި ރަޖިސްޓަރީކޮށްދިނުމުގެ ކުރިން، މި ގާނޫނާއި ށަރުއީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން އަނބިމީހާއަށާއި ދަރީންނަށާއި ވަރިކޮށްފައި އިންނަ އަންހެނާއަށް ހަރަދު ދޭންވާނެ މުއްދަތާއި މިންވަރާ ބެހޭގޮތުން ގޮތެއް ކަނޑައަޅައި، އެ ހަރަދުތައް ދިނުމަށް ފިރިމީހާއަށް ނުވަތަ ވަރިކުރި ފިރިހެނާއަށް ކޯޓުން އަންގަންވާނެއެވެ (އިސްލާހު ކުރެވިފައި)
36 ވަނަ މާއްދާ - ހަރަދުގެ މިންވަރު ކަނޑައެޅުން
އަނބިމީހާއަށާއި ދަރިންނަށާއި ވަރިކޮށްފައި އިންނަ އަންހެނާއަށް ހަރަދު ދޭންވާ މުއްދަތާއި މިންވަރު، ކޯޓުން ކަނޑައަޅަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.
37 ވަނަ މާއްދާ - ވަގުތީ ގޮތުން ހަރަދު ދިނުން
ހަރަދު ދިނުމާބެހޭ ގޮތުން ކޯޓުން ވަކި ގޮތަކަށް ނިންމަންދެން، ވަގުތީގޮތުން ހަރަދު ދޭނޭ ގޮތެއް ކަނޑައެޅުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
38 ވަނަ މާއްދާ - ހުންނާނެ ތަނެއް ލިބިގަތުމުގެ ހައްގު
ކާވެނިކޮށްގެން އުޅުނުއިރު އަނބިމީހާ އުޅުނީ ފިރިމީހާގެ ގޭގައި ކަމަށްވާނަމަ، އިއްދާގެ މުއްދަތުގެ ތެރޭގައި ނުވަތަ ކުދިންގެ ހަޒާނަތު ހަވާލުކޮށްފައިވަނީ އަންހެނާއާ ކަމަށްވާނަމަ، އެއަންހެނާއަށް ހަޒާނަތު އޮތްހައި ހިނދަކު، ކާވެނިކޮށްގެން އުޅުނުއިރު ދެމަފިރިން އުޅުނު ގެއިން އެއަންހެނާގެ ނުރުހުމުގައި، ނެރެންވާނީ އެއަންހެނާ އުޅޭނެ އެހެންތަނެއް ފިރިހެނާ ދެއްކުމަށްފަހުގައެވެ.
39 ވަނަ މާއްދާ - ދަރިންނަށް ހަރަދުދިނުމުގައި އަމަލުކުރެވިދާނެ ގޮތްތައް
އަނބިމީހާއަށާއި ދަރިންނަށާއި ވަރިކޮށްފައި އިންނަ އަންހެނާއަށް ހަރަދުދިނުމަށް އަންގައި ކޯޓުން ހުކުމް ކުރާއިރު، ހަރަދުގެ ގޮތުގައި ދޭންޖެހޭ މީހާ ދައްކާނެކަން ޔަގީން ކުރުމުގެ ގޮތުން، ހަރަދު ދޭންޖެހޭ މީހާގެ މުދަލެއް ވަކިފަރާތަކާ ހަވާލުކޮށް އެއިންލިބޭ އެއްޗަކުން ހަރަދު ދިނުމަށް އެންގުމުގެ، ނުވަތަ ހަރަދު ދޭންވާ މީހާގެ ފަރާތުން އެކަމާ ހަވާލުވާ ނުވަތަ ޖާމިނުވާ މީހަކު ހަރަދު ދިނުމަށް އެންގުމުގެ، ނުވަތަ ހަރަދު ދޭންވާ މީހާއަށް ލިބޭ އާމްދަނީއަކުން ބައެއް ވަކިކޮށް، އެބައި ހަރަދުގެ ގޮތުގައި ދިނުމަށް އެންގުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
ހަޒާނަތު
40 ވަނަ މައްދާ – ހަޒާނަތުގެ ހައްގު
(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކުއްޖެއްގެ ހަޒާނަތު ހަވާލުކުރުން އެންމެ އިސްވެގެންވަނީ އެކުއްޖެއްގެ މަންމައާއެވެ.
(ށ) ކުއްޖެއްގެ ހަޒާނަތު ހަވާލުކުރުމަށް މި ގާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރްތުތައް މަންމަގެ ކިބައިގައި ނެތްކަމަށް ގާޒީއަށް ފެނިއްޖެނަމަ، ހަޒާނަތުގެ ހައްގު ހަވާލުކުރާނޭ ފަރާތެއް ކޯޓުން ކަނޑައަޅަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ތަރުތީބަށް އިސްކަންދީގެންނެވެ.
(ނ) އަންހެން ކުއްޖެއްގެ ހަޒާނަތު ހަވާލުކުރަނީ ފިރިހެނަކާނަމަ، އެމީހާ ވާންވާނީ އެކުއްޖާއާ ކާވެނި ހަރާމް ފިރިހެނަކަށެވެ.
(ރ) ކުއްޖާގެ ހަޒާނަތު ހަވާލުކުރުމުގައި، ތިމާގެކަމުގެ ދަރަޖައިގެ ގޮތުން ހަމަހަމަ އެކަކަށްވުރެ ގިނަ ބަޔަކު ތިބިނަމަ، އެކުއްޖެއްގެ ހަޒާނަތު ހަވާލުކުރަންވާނީ އެބައެއްގެ ތެރެއިން އެކުއްޖަކަށް އެންމެ އޯގާތެރިކަމަށް ފެންނަ އަދި އެންމެ އަހްލާގު ރަނގަޅު މީހަކާއެވެ.
(ބ) މި މާއްދާގައިވާ ގޮތުގެމަތިން ކުއްޖާގެ ހަޒާނަތު ހަވާލުކުރުމުގައި އަމަލުކުރަންވާނީ، ކުއްޖާގެ މަސްލަހަތަށް އޮތް އެންމެ ރަނގަޅު ގޮތަކަށެވެ.
41 ވަނަ މާއްދާ - ހަޒާނަތު ލިބުމުގެ ށަރްތު
ކުއްޖާގެ ހަޒާނަތު ހަވާލުކުރެވޭ މީހާގެ ކިބައިގައި ތިރީގައި ބަޔާންކުރާ ސިފަތައް ހުންނަންވާނެއެވެ.
(ހ) މުސްލިމަކު ކަމުގައިވުން.
(ށ) ބުއްދިހަމައަށް ހުރުން.
(ނ) ކުއްޖާ ބަލައި ބޮޑުކުރުމަށް ބޭނުންވާ އޯގާތެރިކަމާއި ފަރުވާތެރިކަން ދެވޭ ފަދަ މީހަކު ކަމުގައިވުން.
(ރ) އިސްލާމީ ށަރީއަތުގައި މަނާކޮށްފައިވާ ފާހިށް އަމަލުކުރާ މީހަކުކަމަށް ނުވުން.
އަދި މި މާއްދާގެ (ހ)، (ށ)، (ނ)، (ރ) ގައިވާ ސިފަތައް އެމީހާގެ ކިބައިގައި ހުރުމުގެ އިތުރަށް، އެމީހާ ދިރިއުޅޭ ތަން ވާންވާނީ، އަހްލާގީ ގޮތުންނާއި ޖިސްމާނީގޮތުން އެކުއްޖާއަށް އެއްވެސް ނުރަނގަޅު އަސަރެއް ނުކުރާނެ ތަނެއްކަމުގައެވެ.
42 ވަނަ މާއްދާ - ހަޒާނަތުގެ ހައްގުގެއްލޭގޮތް
ތިރީގައި ބަޔާންކުރާ ގޮތެއް މެދުވެރިވެއްޖެނަމަ ހަޒާނަތުގެ ހައްގު ގެއްލޭނެއެވެ.
(ހ) ހަޒާނަތު ހަވާލުކޮށްފައިވާ މީހާއަކީ، ކުއްޖާގެ މަންމަކަމަށްވާނަމަ، އެ މަންމަ، ކުއްޖާގެ މަހްރަމަކާ ނޫން ފިރިހެނަކާ ކާވެނިކުރުން.
(ށ) ހަޒާނަތު ހަވާލުކޮށްފައިވާ މީހާއަކީ އިސްލާމީ ށަރީއަތުގައި މަނާކޮށްފައިވާ ފާހިށް އަމަލު ފާޅުގައި ކުރާމީހަކު ކަމަށްވުން.
(ނ) ހަޒާނަތު ހަވާލު ކޮށްފައިވަނީ ކުއްޖާގެ މަންމައާ ކަމަށްވާނަމަ، ކުއްޖާގެ މަންމަގެ އަމިއްލަ ރަށަށް ކުއްޖާ ގޮވައިގެން އެމީހަކު ދާ ދިއުން ފިޔަވައި، ހަޒާނަތު ހަވާލު ކުރެވިފައިވާ މީހަކު، ކުއްޖާގެ ބައްޕަގެ ނުވަތަ ބަލަދުވެރިޔާގެ ރުހުމަކާނުލައި، އެމީހަކު ދިރިއުޅޭ ރަށް ބަދަލުކުރުން، ނުވަތަ ހަޒާނަތު ހަވާލު ކުރެވިފައިވާ މީހަކު ދިރިއުޅޭގެ، ކުއްޖާއަށް ޒިޔާރަތް ކުރުމަށް ބައްޕައަށް ލިބިފައިވާ ހައްގަށް އުނިކަމެއް ލިބޭ ފަދަ ގޮތަކަށް، ބަދަލުކުރުން.
(ރ) މުރުތައްދުވުން.
(ބ) ހަޒާނަތު ހަވާލުކުރެވިފައިވާ މީހާ ކުއްޖާއާ އަޅާނުލުން، ނުވަތަ ކުއްޖާއަށް އަނިޔާވެރިވުން.
43 ވަނަ މާއްދާ - ހަޒާނަތު އަނބުރާލިބުން
މި ގާނޫނުގެ 42 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުއްޖާގެ މަންމަގެ ކިބައިގައި ނެތްކަން ސާބިތުވެއްޖެނަމަ، ހަޒާނަތު، ކުއްޖާގެ މަންމަޔަށް އަނބުރާ ލިބޭނެއެވެ.
44 ވަނަ މާއްދާ - ހަޒާނަތުގެ މުއްދަތު
(ހ) ހަޒާނަތު ހަވާލުކުރެވޭ މީހާއަށް ކުއްޖާގެ ހަޒާނަތު އޮންނާނީ، އެކުއްޖެއްގެ އުމުރުން ހިޖުރީގޮތުން ހަތްއަހަރު ފުރެންދެނެވެ. ނަމަވެސް ހަޒާނަތު ހަވާލުކުރެވޭ މީހާ ކޯޓުގައި އެދިއްޖެނަމަ އަންހެން ކުއްޖާގެ އުމުރުން ހިޖުރީގޮތުން އެގާރަ އަހަރު ފުރެންދެން، އަދި ފިރިހެންކުއްޖާގެ އުމުރުން ހިޖުރީގޮތުން ނުވަ އަހަރު ފުރެންދެން ކުއްޖާގެ ހަޒާނަތު އޭނާއާ ހަވާލުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
(ށ) ހަޒާނަތުގެ މުއްދަތު ނިމުމުން، ނުވަތަ ހަޒާނަތުގެ އުމުރު ހަމަވުމުން ކޯޓުން އެހެން ގޮތަކަށް އަމުރުނުކުރާނަމަ، އެކުއްޖެއްގެ މައިންބަފައިން ކުރެ އެކުއްޖަކު އިހްތިޔާރުކުރާ މީހަކާއެކު، ދިރިއުޅުމުގެ ހައްގު އެކުއްޖަކަށް ލިބިގެންވެއެވެ.
45 ވަނަ މާއްދާ - ވަކި ށަރްތުތަކަކާ އެކުހަޒާނަތު ހަވާލުކުރުން
ކުއްޖެއްގެ ހަޒާނަތު ހަވާލުކުރާއިރު، މިގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ށަރްތުތަކަކާއެކު އެކުއްޖެއްގެ ހަޒާނަތު ހަވާލުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
46 ވަނަ މާއްދާ - ކުއްޖާގެ ހަޒާނަތު ހަވާލުކުރެވިފައިވާ މީހާ އެކުއްޖާ ރާއްޖޭން ބޭރަށް ގެންދިއުން
ކުއްޖާގެ ހަޒާނަތު ހަވާލުކުރެވިފައިވާ މީހެއްގެ ކާވެންޏަކާ ބެހޭ އެއްވެސް ށަރީއަތެއް ކޯޓުގައި ހިނގަމުންދާ ހާލަތެއްގައި، ކުއްޖާގެ މަންމަ ނުވަތަ ބައްޕަ ކޯޓުގައި އެދިއްޖެނަމަ، ކުއްޖާގެ ހަޒާނަތު ހަވާލުކުރެވިފައިވާ މީހާއަށް ކުއްޖާ ރާއްޖެއިން ބޭރަށް ގެންދިޔުން މަނާކުރުމުގެ ބާރު، ކޯޓަށް ލިބިގެންވެއެވެ.
ކުއްޖާގެ ބަލަދުވެރިކަމާއި މުދާ
47 ވަނަ މާއްދާ – ބަލަދުވެރިން ބެހިގެންވާގޮތް
ކުއްޖާގެ ބަލަދުވެރިން ބެހިގެންވަނީ، ތިރީގައިވާ ގޮތުގެ މަތިން، އެންމެއިސް ށަރުއީ ބަލަދުވެރިޔާއާއި، ށަރުއީ ބަލަދުވެރިންނާއި، ގާނޫނީ ބަލަދުވެރިންގެ މައްޗަށެވެ. މި ގާނޫނުގައި:
(ހ) ކުއްޖާގެ އެންމެ އިސް ށަރުއީ ބަލަދުވެރިޔަކީ، ކުއްޖާގެ ބައްޕައެވެ.
(ށ) ށަރުއީ ބަލަދުވެރިންނަކީ، ނަސަބުގެ ގޮތުން ކުއްޖާއާހުރި ގުޅުމުގެ ސަބަބުން، ށަރުއީ ހަމަތަކުން ކުއްޖާގެ ބަލަދުވެރިކަން ނަގްލުވާ ފަރާތްތަކެވެ.
(ނ) ގާނޫނީ ބަލަދުވެރިންނަކީ، އެންމެ އިސް ށަރުއީ ބަލަދުވެރިޔާއާއި، ށަރުއީ ބަލަދުވެރިންގެ ތެރެއިން މީހަކު ނެތުމުން، ކުއްޖާގެ ބަލަދުވެރިޔަކު ކަމުގައި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ކޯޓުން އައްޔަންކުރާ ބަލަދުވެރިންނެވެ.
48 ވަނަ މާއްދާ - ބަލަދުވެރިކަން ނަގްލުވާގޮތް
(ހ) ހަޒާނަތުގެ ހައްގު ކޮންމެ މީހަކާ ހަވާލުކުރެވިފައިވިޔަސް، ކުއްޖާއާއި ކުއްޖާގެ މުދަލުގެ އެންމެއިސް ށަރުއީ ބަލަދުވެރިޔަކީ، ކުއްޖާގެ އުމުރުން އަށާރަ އަހަރު ފުރެންދެން އެ ކުއްޖާގެ ބައްޕައެވެ.
(ށ) ކުއްޖާގެ އެންމެ އިސް ށަރުއީ ބަލަދުވެރިޔާ މަރުވެފައިވާނަމަ، ކުއްޖާގެ ށަރުއީ ބަލަދުވެރިކަން ނަގްލުވަމުންދާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ބަޔާންކޮށްފައިވާ ތަރުތީބުންނެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިސް ށަރުއީ ބަދަލުވެރިޔަކު ނުވަތަ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާފަދަ ށަރުއީ ބަލަދުވެރިޔަކު ކުއްޖާގެ ނެތްނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމަށް ކޯޓުން ރިއާޔަތްކުރުމަށްފަހު، ކުއްޖާގެ މަސްލަހަތު ރައްކާތެރިކުރުމަށް އިސްކަންދީގެން، ވަކި ށަރްތުތަކަކާއެކު ނުވަތަ އެފަދަ އެއްވެސް ށަރްތަކާނުލައި، ކުއްޖާގެ ގާނޫނީ ބަލަދުވެރިޔަކު އައްޔަންކުރުމާއި، ވަކިކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
49 ވަނަ މާއްދާ – ބަލަދުވެރިކަން
ކުއްޖާގެ ބަލަދުވެރިކަން ކޯޓުން ހަވާލުކުރާ މީހާގެ ކިބައިގައި ތިރީގައިވާ ސިފަތައް ހުންނަންވާނެއެވެ. ލިބުމުގެ ށަރްތު
- މުސްލިމަކު ކަމުގައިވުން.
- ބާލިއުވެފައިވުން.
- ބުއްދި ހަމަޔަށް ހުރުން.
- އަމާނަތްތެރިޔަކު ކަމުގައިވުން.
50 ވަނަ މާއްދާ - ކުއްޖާގެ މުދަލާ ގުޅިގެން ބަލަދުވެރިން ނަށް ލިބިގެންވާ އިހްތިޔާރު
(ހ) ކުއްޖާގެ އެއްވެސް މުދަލެއް ވިއްކާލުމުގެ ބާރު މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެނުވީ، ކުއްޖާގެ ށަރުއީ ބަލަދުވެރިޔަކަށް ލިބިގެނެއް ނުވެއެވެ. އަދި މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާގޮތުގެމަތިން މެނުވީ، ކުއްޖާގެ އެއްވެސް މުދަލަކާމެދު މުއާމަލާތުކުރުމުގެ ބާރު، ކުއްޖާގެ ގާނޫނީ ބަލަދުވެރިޔަކަށް ލިބިގެންނެއް ނުވެއެވެ.
(ށ) ކުއްޖާގެ މުދަލުގެ ތެރެއިން ނުއުފުލޭ މުދާ، ށަރުއީ ބަލަދުވެރިޔަކަށް ވިއްކާލެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ހާލަތުތަކުގައެވެ.
- އެމުދަލެއް ވިއްކާލައިގެން، އެންމެ މަދުވެގެންވެސް އެ މުދަލުގެ އަސްލު އަގުގެ ދެގުނަ ލިބެން އޮތުން.
- ކުއްޖާގެ އެހެން އެއްވެސް މުދަލެއް ނެތުމާއި، ނުއުފުލޭ މުދާ ވިއްކައިގެން މެނުވީ، ކުއްޖާގެ ކެއިން ބުއިމަށްޓަކައި ފައިސާ ލިބޭނެ އެހެން އެއްވެސް ގޮތެއް ނެތުން.
- މުދާ ހަލާކުވެ ނެތި ހިނގައިދާނެ ކަމުގައި ފެނުން.
(ނ) ކުއްޖާގެ މުދަލުގެ ތެރެއިން އުފުލޭ މުދާ، ށަރުއީ ބަލަދުވެރިޔަކަށް ވިއްކާލެވޭނީ، ނުވަތަ ރަހުނު ކުރެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ހާލަތުތަކުގައެވެ.
- ކުއްޖާ ކެއިންބުއިމަށާއި، ބޭސްފަރުވާ ކުރުމަށާއި، ފޭރާން ހޯދުމަށާ، ކިޔެވުމަށް ބޭނުންވާނެ ފައިސާ ހޯދަންޖެހުން.
- މުދަލަށް އެކަށީގެންވާ އަގެއް ލިބެން އޮތުން.
(ރ) ކުއްޖާގެ ގާނޫނީ ބަލަދުވެރިޔަކަށް، އެ ކުއްޖާގެ އެއްވެސް މުދަލެއް އެހެން މީހަކަށް ދެވޭނީ، ނުވަތަ ވިއްކޭނީ، ނުވަތަ ރަހުނުކުރެވޭނީ، ނުވަތަ އެހެން އެއްޗަކާ ބަދަލުކުރެވޭނީ ނުވަތަ އެއް އަހަރަށްވުރެ ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރެވޭވީ، ކޯޓުގެ ހުއްދައެއް ލިބިގެންނެވެ. ކުއްޖާގެ މަސްލަހަތާއި ކުއްޖާގެ މުދަލާއި ފައިސާ ރައްކާތެރިކުރުމަށްޓަކައި މެނުވީ، އެ ހުއްދަ ކޯޓުން ދީގެނެއް ނުވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޯޓުގެ އަމުރު ނުހޯދަައި، ކުއްޖާގެ ގާނޫނީ ބަލަދުވެރިޔަކު ކުރާ ކޮންމެ މުއާމަލާތަކީ، ބާތިލް މުއާމަލާތެކެވެ. އަދި އެ މުދަލެއް ކުއްޖާގެ މުދަލުގެ ތެރެއަށް އަނބުރާ ރުޖޫއަކުރުމަށް އަމުރުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
51 ވަނަ މާއްދާ - ކުއްޖާގެ ބަލަދުވެރިކަން
މި ގާނޫނުގެ ދަށުން އެހެން ފަރާތަކާ ހަވާލުކޮށްފައިވިޔަސް ކުއްޖާ މަސްލަހަތު ރަނގަޅު ގޮތުގައި ދެމެހެއްޓުމަށްޓަކައި، ކުއްޖާގެ މުދާ ބެލެހެއްޓުމާއި އެއިން މުއާމަލާތު ކުރުމުގެބާރުު ކުއްޖާގެ މަންމައާ ހަވާލުކުރުމަށް މި ގާނޫނު ހުރަހެއް ނާޅާއެވެ. މި މާއްދާގައިވާ ގޮތުގެމަތިން، ކުއްޖާގެ މުދަލާ ގުޅޭގޮތުން އެކުއްޖާގެ މަންމަޔަށް މުއާމަލާތު ކުރެވޭނީ، ގާނޫނީ ބަލަދުވެރިން ކުދިންގެ މުދަލާ ގުޅޭގޮތުން އަމަލު ކުރުމަށް މި ގާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
ދަރިލެއްވުމާއި ނަސަބު ސާބިތުކުރުން
52 ވަނަ މާއްދާ - ދަރި ލެއްވުން
(ހ) ދަރިލެއްވުމުގެ އެންމެ ކުރުމުއްދަތަކީ، ކާވެނިކުރި ވަގުތުން ފެށިގެން، ހިޖުރީގޮތުން ހަމަސްދުވަހެވެ.
(ށ) ދަރިލެއްވުމުގެ އެންމެ ދިގުމުއްދަތަކީ، ވަރިކުރި ވަގުތުން ފެށިގެން، ނުވަތަ ފިރިމީހާ މަރުވި ވަގުތުން ފެށިގެން ހިޖުރީގޮތުން އެއްއަހަރު ދުވަހެވެ.
(ނ) އިސްލާމީ ށަރީއަތުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން ލިއާންކޮށް، ކުއްޖެއްގެ ނަސަބު ނަފީ ކުރުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
53 ވަނަ މާއްދާ - ބާތިލު ކާވެނީގެ ދަރިން
ކާވެންޏަކީ ބާތިލު ކާވެންޏެއްކަމަށް ފަހުން ސާބިތުވެގެން އެކާވެންޏެއް ރޫޅާލައިފިނަމަ އެ ކާވެންޏަކުން ކިބުނު ކުދިންގެ ނަސަބު އެކާވެންޏެއް ކޮށްގެންއުޅުނު ފިރިހެނާއަށް ސާބިތުވާނެއެވެ.
54 ވަނަ މާއްދާ - ނަސަބު ސާބިތުކުރުން
ފިރިހެނަކު، ވަކި ކުއްޖަކީ އޭނާގެ ށަރުއީ ދަރިއަކު ކަމުގައި ށަރީއަތް މެދުވެރިކޮށް ސާބިތުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެކަން ށަރީއަތަށް ހުށަހެޅިދާނެއެވެ. އަދި އެދަފައިން، ނަސަބު ސާބިތުކުރުމަށް އެދޭ މައްސަލަތަކުގައި ނަސަބު ސާބިތު ކުރެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ކޯޓަށް ގަބޫލުކުރެވޭ މިންވަރަށް ހެކި ދެއްކުމުންނެވެ.
ދަރިން ބެލުމާއި އެދަރިންގެ ހަރަދު ބަރަދު ހަމަޖެއްސުން
55 ވަނަ މާއްދާ – މާލީގޮތުން ތަނަވަސްކަން ނެތް ބައްޕައިންގެ ދަރިން ބަލާނެ ފަރާތް
(ހ) މީލާދީގޮތުން އަށާރަ އަހަރު ނުފުރޭ، މާލީގޮތުން ތަނަވަސްކަން ނެތް ދަރިންގެ ބައްޕައަކީ، އެދަރިން ބެލޭފަދަ މާލީ ތަނަވަސްކަމެއް ނެތް މީހެއްކަމަށް ށަރީއަތަށް ސާބިތުވެއްޖެނަމަ، އެ ދައިން ބެލުމާއި އެ ދަރިންގެ ހަރަދުބަރަދުގެ ކަންތައް ހަމަޖެއްސުމާ ބެހޭގޮތުން އެދަރިންގެ ތިމާގެ މީހުންނާ ކޯޓުން ވާހަކަ ދައްކައި، އޭގެތެރެއިން ބަޔަކު ނުވަތަ މީހަކު އެކަމާ ހަވާލުވާން ގަބޫލުވެއްޖެނަމަ، އެ ދަރިންގެ ހަރަދުބަރަދުގެ ކަންތައް ހަމަޖެއްސުން އެބަޔަކާ ނުވަތަ އެމީހަކާ ކޯޓުން ހަވާލުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ހަރަދު މިންވަރު ކަނޑައެޅުމުގައި ހަރަދުދޭންޖެހޭ ދަރިންގެ ޒަރޫރީ ބޭނުންތަކުގެ މައްޗަށާއި، އެދަރިންގެ ތިމާގެ މީހުންގެ ތެރެއިން މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެ ދަރިންގެ ހަރަދުބަރަދުގެ ކަންތައް ހަމަޖެއްސުމާ ހަވާލުވި ބައެއްގެ ނުވަތަ މީހެއްގެ ފުދުންތެރިކަމުގެ މައްޗަށާއި، އެ ދަރިންގެ ތަރިކައިގައި އެމީހުން ހިއްސާކުރާނޭ ނިސްބަތަށް ކޯޓުން ރިއާޔަތް ކުރަންވާނެއެވެ.
56 ވަނަ މާއްދާ - އުޖޫރައެއް ދީގެން ބެލުމާއި ދަރުމަޔަށްބެލުން
(ހ) މި ގާނޫނުގެ ދަށުން ބަލަންޖެހޭ ބެލުމާއި ކުރަންޖެހޭ ހަރަދުބަރަދާ ދަރުމަޔަށް ހަވާލުވާނެ ފަރާތެއް ހުރެފައި، އެއީ އެކަމަށް އެކަށީގެންވާ ފަރާތަކަށްވާނަމަ، އެފަރާތަށް އިސްކަން ދޭންވާނެއެވެ.
(ށ) މި ގާނުގެ ދަށުން ބަލަންޖެހޭ ބެލުމާއި، ކުރަންޖެހޭ ހަރަދުބަރަދާއި، ދަރުމަަޔަށް ހަވާލުވާނެ ފަރާތެއް ހުރިކަމުގައިވިޔަސް، ހަރަދު ދޭންޖެހޭ ފަރާތުން ހަރަދު ދިނުމާމެދު އިއުތިރާޒެއް ނެތްނަމަ، އުޖޫރައެއް ދީގެން، ބެލުން ހަވާލުވާ ފަރާތަކާވެސް ހަވާލުކުރެވިދާނެއެވެ.
(ނ) މި ގާނޫނުގެ ދަށުން ބަލަންޖެހޭ މީހާއަކީ، ދަރިން ބެލުމަށްޓަކައި ދޭންޖެހޭ ހަރަދު ދެވޭފަދަ ތަނަވަސްކަން ހުރި މީހަކަސްވާނަމަ މި ގާނޫނުގެ ދަށުން ދޭންޖެހޭ ހަރަދު ދީގެން ދަރިން ބެލުން އެހެން ފަރާތަކާ ހަވާލުކުރުމާމެދު އިއުތިރާޒްކުރުމުގެ ހައްގު އޭނާއަށް ލިބިގެންނެއް ނުވެއެވެ.
މައިން ބަފައިން ބެލުމާއި އެމީހުންގެ ހަރަދު ބަރަދު ހަމަޖެއްސުން
57 ވަނަ މާއްދާ - ދަރިންމައިން ބަފައިންގެ ޒަރޫރީ ބޭނުން
(ހ) ކޮންމެމީހަކުވެސް އިސްލާމްދީނުގައި މައިންބަފައިނަނަށް ދީފައިވާ މަގާމާ އެއްގޮތްވާ ގޮތުގެމަތިން ކަންކުރުމުގެ ގޮތުން، އެމީހެއްގެ މައިންބަފައިންނަށް، އެމީހެއްގެ ފުދުންތެެރިކަން ހުރި ނިސްބަތަކުން، އެކަށީގެންވާ ހިޔާވަހިކަމެއް ހޯދައިދީ، ކެއިންބުއިން ހަމަޖައްސައިދީ، އުނުފޭރާން ހޯދައިދީ، ބޭސްފަރުވާގެ ކަންތައް ހަމަޖައްސައިދީ، ދިރިއުޅުމުގައި ބޭނުންވާނެ އެކިއެކި ރިއާޔަތްތަކާއި ފަސޭހަތައް ފޯރުވައިދޭންވާނެއެވެ.
(ށ) އެއްވެސް މީހަކު، އޭނާގެ މައިންބަފައިންނަށް އަނިޔާވެރިވެ، އެމީހުންގެ ކަރާމަތަށް ގެއްލުން ލިބޭފަދަ އަމަލެއް އެއްވެސް ހާލެއްގައި ކޮށްގެނެއް ނުވާނެއެވެ.
58 ވަނަ މާއްދާ - ދަރިންގެ ޒިންމާ
(ހ) މި ގާނޫނުގެ 57 ވަނަ މާއްދާގައި ބުނެފައިވާ ކަންކަމުގެ ތެރެއިން ހިޔާވަހިކަން ހޯދައިދިނުމާއި، މިނޫންވެސް މާލީގޮތުން ހޭދައެއް ކުރަންޖެހޭ ކަންތައްތައް ކޮށްދިނުމަކީ ދަރިންގެ ތެރެއިން މީލާދީގޮތުން އަށާރަ އަހަރު ފުރިފައިވާ ކޮންމެ ފިރިހެން ދަރިއެއްގެ ޒިންމާއެކެވެ.
(ށ) އެއްވެސް މީހަކު، އޭނާގެ މައިނބަފައިންނަށް އަނިޔާވެރިވެ، އެމީހުންގެ ކަރާމަތަށް ގެއްލުންލިބޭފަދަ އަމަލެއް އެއްވެސް ހާލެއްގައި ކޮށްގެނެއް ނުވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ހިޔާވަހިކަން ހޯދައިދިނުމާއި، މާލީގޮތުން ހޭދައެއް ކުރަންޖެހޭ ކަންތައްތައް ފިޔަވައި، މައިންބަފައިންގެ ހައްގުތަކަށްޓަކައި އެމީހުންނަށް ދޭންޖެހޭ ރިއާޔަތްތައް ދިނުމުގައި، ފިރިހެންދަރިންނާއި އަންހެންދަރިން ހަމަހަމް ކަމުގައި ބެލޭނެއެވެ.
59 ވަނަ މާއްދާ - މައިންބަފައިން ބެލުން އެހެން ފަަރާތަކާ ހަވާލުކުރުން
މައިންބަފައިން ބެލުމާ ހަވާލުވެފއަިވާ ފަރާތަކީ، އާމްދަނީ ހޯދުމަށްޓަކައި ނުވަތަ އެނޫންވެސް އެހެން ބޭނުމަކަށް ރަށުން ބޭރުގައި ދިގު މުއްދަތަކަށް ދިރިއުޅެންޖެހިފައިވާ މީހަކު ކަމުގައިވާނަމަ، މައިންބަފައިން ބެލުމާބެހޭ ކަންތައްތައް ކޯޓުންގަބޫލުކުރާ ފަރާތަކާ ހަވާލު ކުރަންވާނެއެވެ.
60 ވަނަ މާއްދާ މައިން ބަފައިން ބެލުން ކޯޓުން ވަކިފަރާތަކާ ހަވާލުކުރުން
(ހ) މައިންބަފައިންގެ ހަރަދުބަރަދުގެ ކަންތައް ދަރިންގެ ތެރެއިން ވަކިފަރާތަކާ ކޯޓުން ހަވާލުކުރާނަމަ، މައިންބަފައިންނަށް ބޭނުންވެފައިވާ ށަރޫރީ ބޭނުންތަކުގެ މައްޗަށާއި އެމީހުންގެ ހަރަދުބަރަދުގެ ކަންކަމާ ހަވޅުކުރެވޭ ފަރާތުގެ ފުދުންތެރިކަމުގެ މައްޗަށާއި، މައިންބަފައިންގެ ތަރިކައިގައި އެމީހަކު ހިއްސާކުރާނޭ ނިސްބަތަށް ރިއާޔަތް ކުރަންވާނެއެވެ.
(ށ) މައިންބަފައިން ބެލުމާއި އެމީހުންނަށް ދޭންޖެހޭ ހަރަދުބަރަދާއި އެހެނިހެން ރިއާޔަތްތައް ދިނުމާ ބެހޭގޮތުން ދަރިންގެ މެދުގައި ވަކިގޮތަކަށް އެއްބަސްވެވިފައި ނުވާނަމަ، އިސްވެ ބުނެވުނު ކަންކަމުގައި ޒިންމާދާރުވާ މީހުން ޒިންމާވާންޖެހޭ މިންވަރު، ކޯޓުން ކަނޑައަޅާނީ، މި މާއްދާގެ (ހ) ގައި ބުނެފައިވާ ކަންކަމުގެ މައްޗަށް ރިއާޔަތްކޮށްގެން އެމީހެއްގެ ހާލަތާ އެކަށީގެންވާ ގޮތެއްގެމަތިންނެވެ.
61 ވަނަ މާއްދާ - ވަގުތީ އަމުރު
މައިންބަފައިން ބެލުމާއި އެމީހުންގެ ހަރަދުބަރަދާ ބެހޭގޮތުން ކޯޓަށް ހުށަހެޅޭ މައްސަލަ، ވަކިގޮތަކަށް ނިމުމުގެ ކުރިންވެސް، ވަގުތީގޮތުން މައިނބަފައިން ބެލުމާއި އެމީހުންގެ ހަރަދުބަރަދު ވަކިފަރާތަކާ ހަވާލުކުރަންޖެހޭނެ ކަމަށް ކޯޓަށް ފެނިއްޖެނަމަ، އެކަމާ ބެހޭގޮތުން ވަގުތީ އަމުރެއް ނެރުމުގެ އިހްތިޔާރު، ކޯޓަށް ލިބިގެންވެއެވެ.
އަދަބު
62 ވަނަ މާއްދާ –ކާވެނި ރަޖިސްޓަރީ ނުކުރުން
މި ގާނޫނުގެ 19 ވަނަ މާއްދާއާއި 22 ވަނަ މާއްދާގެ ދަށުން ކާވެނި ރަޖިސްޓަރީކުރުމަށް ހުށަނާޅައި ހުރުމަކީ ކުށެކެވެ. މި ކުށުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، 1000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.
63 ވަނަ މާއްދާ – ކޭވެނި ކުރުމަށް މަޖުބޫރު ކުރުން
އެއްވެސް މީހަކަށް އެމީހެއްގެ ނުރުހުމުގައި ކާވެނި ކުރުމަށް މަޖުބޫރު ކުރުމަކީ ކުށެކެވެ. މިކުށުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، 1000 ރުފިޔާއާއި 5000 ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާކުރުން، ނުވަތަ ހަމަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް އަރުވާލުުމެވެ.
64 ވަނަ މާއްދާ - ދޮގު މައުލޫމާތު ދިނުން
މި ގާނޫނުގެ ދަށުން ކާވެންޏެއް ކުރުމަށްޓަކައި ނުވަތަ ކާވެންޏެއް ރަޖިސްޓްރީ ކުރުމަށްޓަކައި، ދޮގު މައްލޫމާތު ދިނުމަކީ ކުށެކެވެ. މި ކުށުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، 1000 ރުފިޔާއާއި 10000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާކުރުން، ނުވަތަ އެއްއަހަރާއި ދެއަހަރާ ދެމެދުގެ މުއްދަތަކަށް އަރުވާލުން ނުވަތަ ގޭގައި ބަންދުކުރުމެވެ.
65 ވަނަ މާއްދާ – ކޯޓުގެ ހުއްދަނެތި އެއް އަންބަތްވުރެ ގިނަ މީހުންނާ އިނުން
ކާވެންޏެއް ކޮށްގެން ހުރި ފިރިހެނަކު، މި ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތިން ހުއްދަ ނުހޯދައި، އެއްއަންބަށްވުރެ ގިނަ އަންބަށް ކާވެނިކުރުމަކީ ކުށެކެވެ. އަދި މިފަދަ ކާވެންޏަކުން ކާވެނިކުރެވުނު އަންހެނާ، އެކާވެނި ކުރީ އޭނާއަށް އެކަން އެނގިހުރެކަމަސް ވާނަމަ، އޭނާވެސް އެކުރީ ކުށެކެވެ. މިކުށްވެރި ވެއްޖެ މީހެއްގެ އަދަބަކީ، 5000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.
66 ވަނަ މާއްދާ - ފަށްކަނޑަން މީހުންނާ އިނުން
ތިންފަށްވެފައި އިން އަންހެނަކު ފަށް ކެނޑުމުގެ ގަސްތުގައި މީހަކާ އިނުމާއި، މީހަކު ބުނެގެން، ނުވަތައަގެއް ނުވަތަ ހަދިޔާއެއް ދީގެން ނަމަވެސް އެއްވެސް މީހަކު ފަށްކެނޑުމަށްޓަކާ މީހަކާ އިނުމަކީ ކުށެކެވެ. މިކުށުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ 5000 ރުފިޔާއިން ޖޫރިމަނާކުރުން، ނުވަތަ ހަމަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް އަރުވާލުމެވެ.
67 ވަނަ މާއްދާ – ހުއްދަނެތި ކޯޓުން ބޭރުގައި ވަރިކުރުން
މި ގާނޫނާ ހިލާފަށް ވަރި ކުރުމަކީ ކުށެކެވެ. މިކުށުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، 5000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން، ނުވަތަ ހަމަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް އަރުވާލުން ނުވަތަ ގޭގައި ބަންދުކުރުމެވެ.
68 ވަނަ މާއްދާ - ކުށެއް ކުރިކަން ނާންގައި ހުރުން
މި ގާނޫނުގައި ބުނެފައިވާ ކުށެއް މީހަކު ކޮށްފިކަން އެނގިހުރެ ނުވަތަ މި ގާނޫނުގައި ވަކިގޮތަކަށް އަމަލުކުރުމަށް ބުނެފައިވާ ކަމެއް އެނޫން ގޮތަކަށް މީހަކު ކޮށްފިކަން އެނގިހުރެ، ކަމާބެހޭ ފަރާތަށް އެކަމެއް ނާންގައި ހުރުމަކީ ކުށެކެވެ. މިކުށުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، 1000 ރުފިޔާއަށްވުރެ ތިންމަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް އަރުވާލުން ނުވަތަ ގޭގައި ބަންދުކުރުމެވެ.
69 ވަނަ މާއްދާ – ވަރިވުމަށްފަހު ރުޖޫއަނުކޮށް އެކުގައި ދިރިއުޅެމުން ގެންދިއުން
އެއްވެސް މީހަކު އޭނާގެ އަނބިމީހާ ވަރިކުރުމަށްފަހު، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކާވެނި ރުޖޫއަކުރުމެއްނެތި، ދެމަފިރިއަކުފަދައިން ދިރިއުޅެމުން ގެންދިއުމަކީ ކުށެކެވެ. އަދި ފިރިހެނާއާ އެކުގައި ދިރިއުޅެމުން ގެންދާ އަންހެނާވެސް އެކުރަނީ ކުށެކެވެ. މިކުށުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، 1000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން، ނުވަތަ ހަމަސް ދުަވަހަށްވުރެ ދިގުނޫން މުއްދަތަކަށް އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުމެވެ.
70 ވަނަ މާއްދާ – މި ގާނޫނާ ހިލާފުވުން
މި ގާނޫނުގައި އަދަބު ކަނޑައަޅާފައިވާ ކުށްތައް ފިޔަވައި، މި ގާނޫނުގައި ވަކި ގޮތަކަށް އަމަލުކުރުމަށް ނުވަތަ ވަކިގޮތަކަށް އަމަލުކުރުމަށް ނުވަތަ ވަކިގޮތަކަށް އަމަލުނުކުރުމަށް ބުނެފައިވާ ކަމެއްގަަި، މި ގާނޫނުގައި ބުނެފައިވާގޮތާ ހިލާފަށް އަމަލުކޮށްފި މީހެއްގެ އަދަބަކީ، 1000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން، ނުވަތަ ހަމަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް އަރުވާލުމެވެ.
އެހެނިހެން ކަންތައްތައް
71 ވަނަ މާއްދާ - މި ގާނޫނު ފާސްވާއިރު ކުރެވިފައިވާ ސައްހަކާވެނިތައް
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ށަރުއީ ހަމަތަކުގެމަތިން އަގްދުކޮށް ގަވާއިދުން ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކާވެނިތަކުގެ ސައްހަކަމަކަށް މި ގާނޫނުގެ ސަބަބުން ބަދަލެއް ނާންނާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ކާވެނިތައް، މި މާއްދާގެ (ށ) ގެ ދަށުން ރަޖިސްޓްރީ ވުމާއެކު، އެފަދަ ކާވެނިތަކުގެ މައްޗަށާއި، ކާވެންޏާއި ވަރިއާ ގުޅިފައިވާ ކަންތައްތަކުގެ މައްޗަށް އަމަލުކުރެވޭނީ މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
72 ވަނަ މާއްދާ - ގަވާއިދު ހެދުން
މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި، މި ގާނޫނުގައި ބުނާ ކަންތައްތައް ކުރުމަށްޓަކައި ގަވާއިދުތައް ހަދައި ހިންގާނީ، މިނިސްޓްރީންނެވެ (އިސްލާހު ކުރެވިފައި)
73 ވަނަ މާއްދާ – މާނަ
މި ގާނޫނުގައި، އެއިބާރާތެއް ހިމެނިފައިވާ ގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާނަމަ:
(ހ) "ށަރުއީ މައުޒޫނު" ކަމަށް ބުނެފައި އެވަނީ ، ކަމާބެހޭ ރަސްމީ ފަރާތަކުން ކާވެނިކުރުމުގެ ހުއްދަ ދީ، އެކަމަސް އައްޔަން ކޮށްފައިވާ ކޮންމެ މީހަކަށެވެ.
(ށ) "ކާވެނީގެ ރެޖިސްޓްރާރ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގައި ކާވެނީގެ ރެޖިސްޓްރާރ ކުރުމަސް ކަނޑަ އަޅާފައިވާ ކަންތައްތައް ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ކޮންމެ ފަރާތަކަށެވެ.
(ނ) "ގާޒީ" ކަމަށް ބުނެފައިއެވަނީ، ށަރުއަތްކޮށް ނިޔާ ކަނޑައެޅުމަށްޓަކައި އައްޔަންކޮށްފައިވާ މީހުންގެ ތެރެއިން މި ގާނޫނުގައި ގާސިއަކު ކުރަންޖެހޭކަމަށް ބަޔާންކޮށްފައިވާ ކަންތައްތައް ކުރަންޖެހޭ ކޮންމެ މީހަކަށެވެ.
(ރ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ އާއިލާއާބެހޭ އެންމެހައި ސިޔާސަތުތައް އެކަށައަޅައި އާއިލާއާބެހޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓްރީއަށެވެ (އިތުރު ކުރެވިފައި)
74 ވަނަ މާއްދާ – މި ގާނޫނަށް އަމަލުކުރަން ފެށުން
މި ގާނޫނަށް އަމަލުކުރަން ފަށާނީ، 2001 ވަނަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
75 ވަނަ މާއްދާ – އުވާލެވޭ ގާނޫނު
މި ގާނޫނަށް އަމަލުކުރަން ފެށުމުން ގާނޫނު ނަންބަރު (ދިވެހި-ބިދޭސީ ކާވެންޔާއި ވަރީގެ ގާނޫނު) އުވުނީއެވެ.
މި ގާނޫނަށް ގެނެވުނު އިސްލާހު
މައި ގާނޫނު
އާއިލާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 4/2000)
މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާއި އުސޫލު
- ދަރިންނާ މެދު އިހުމަލުވެ، ކުދިން ބެލުމުގެ ޒިންމާ ނެގުމަށް އުޒުރުވެރިވެ، ދައުލަތުގެ ބެލުމުގެ ދަށަށް ދޫކޮށްލާ މީހުން، ސަރުކާރުގެ ނުވަތަ ދައުލަތުގެ މުއައްސަސާތަކުަގއި، ނުވަތަ ސަރުކާރު ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކުރުމާބެހޭ ގޮތުން އަމަލުރކުރާނެ ގޮތުގެ އުސޫލު (22 އޯގަސްޓް 2017)
- އާއިލީ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 3/2010)
- އާއިލާބެހޭ ގަވާއިދު (2 ފެބްރުއަރީ 2006)
ކިޔުންތެރިންގެ ހިޔާލު