އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ގާނޫނު (ގާނޫނު ނަންބަރު 20/2020)

0 occurrences found.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ގާނޫނު

(ގާނޫނު ނަންބަރު 20/2020)

 

އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި މެދުވެރިވެފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި، ވަކިވަކި ފަރުދުންނާއި، އާއިލާތަކާއި، ވިޔަފާރިތަކަށް އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމަށާއި، ދައުލަތް ހިންގުމުގެ ނިޒާމު މެދުކެނޑުމެއްނެތި ކުރިއަށްގެންދިޔުމަށް މަގުފަހިކުރުމަށްޓަކައި، ކަމާބެހޭ ގާނޫނުތަކުގައި ބަޔާންކުރާ އިޖުރާއަތުތަކަށް މިހާރުން މިހާރަށް ކޮންމެހެން ގެންނަންޖެހޭ ވަގުތީ ބަދަލުތައް ގެނެސް، އެކަންކަމާ ގުޅޭގޮތުން އަމަލުކުރާނެ ހާއްސަ އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ގާނޫނު 2020" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު       

މި ގާނޫނުގެ މަގްސަދުތައް، ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި މެދުވެރިވެފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުން؛

(ށ) ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި މެދުވެރިވެފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ބޯހިޔާވަހިކަން ގެއްލިފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދިނުން؛

(ނ) ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި މެދުވެރިވެފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އެއްވެސް ފަރާތެއް މަގުމަތިވިޔަ ނުދިނުމަށްޓަކައި ގާނޫނުން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުން؛

(ރ) ކޮވިޑް-19 އާ ގުޅިގެން ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސްއެޅިފައިވާ ފަރާތްތަކަށް ހާއްސަ ޗުއްޓީ ހަމަޖައްސައިދިނުން؛

(ބ) ހާއްސަ އިސްތިސްނާ ހާލަތްތަކެއްގައި މެނުވީ ކޮވިޑް-19 އާ ގުޅިގެން ވަޒީފާގެ ހާލަތަށް ބަދަލުގެނައުން ހުއްދަނުވާނެ ކަމުގައި ކަނޑައެޅުން؛

(ޅ)   ކޮވިޑް-19 އާ ގުޅިގެން މެދުވެރިވެފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ދައުލަތް ހިންގުމުގެ ނިޒާމު މެދުކެނޑުމެއް ނެތި ކުރިއަށްގެންދިޔުމަށް މަގުފަހިކުރުމަށްޓަކައި އެކަށައަޅަންޖެހޭ ހާއްސަ އުސޫލުތައް އެކަށައެޅުން.

 

3 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރުމުގެ މުއްދަތު  

މި ގާނޫނަށް އަމަލުކުރާނީ، ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު، ނުވަތަ މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި އިއުލާންކުރާ އެނޫންވެސް ކުއްލި ނުރައްކަލުގެ ނުވަތަ ކާރިސާގެ ހާލަތެއް ނިމުމަކަށް ގެންނަތާ 60 (ފަސްދޮޅަސް) ދުވަސް ހަމަވާ ތާރީހުގެ ނިޔަލަށެވެ.

 

ދެވަނަ ބާބު

ވަޒީފާއާގުޅޭ ހާއްސަ އުސޫލުތައް

 

4 ވަނަ މާއްދާ - ކަރަންޓީނުގައި ހުންނަންޖެހޭ ހާލަތުގައި ހާއްސަ ޗުއްޓީ ހަމަޖައްސައިދިނުން      

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި، ދިވެހިރާއްޖެއިން ބޭރަށް ދަތުރުކުރުމަށްފަހު އަނބުރާ އައުމުގެ ސަބަބުން ނުވަތަ ދިވެހިރާއްޖޭގެ ވަކި ރަށެއްގައި ހުރުމަށްފަހު އެ ރަށް ދޫކޮށްދިޔުމުގެ ސަބަބުން ކަރަންޓީން މަރުކަޒެއްގައި ނުވަތަ ގޭގައި ނުވަތަ އެނޫންވެސް ތަނެއްގައި ކަރަންޓީނުވާންޖެހޭ މުވައްޒަފުންނަށް، އެފަދަ މަރުކަޒެއްގައި ނުވަތަ ގޭގައި ނުވަތަ ތަނެއްގައި މަޑުކުރަންޖެހޭ މުއްދަތަށް، މެޑިކަލް ސެޓްފިކެޓެއް ހުށަހަޅަންޖެހުމަކާ ނުލައި، މުސާރަ ލިބޭ ގޮތަށް، ހާއްސަ ޗުއްޓީއެއް ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.

(ށ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް،  ކޮވިޑް-19 އާ ގުޅިގެން އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި، އެ ބައްޔަށް ށައްކުކުރެވޭ އަލާމާތެއް ފެނިގެން ކަރަންޓީން މަރުކަޒެއްގައި ނުވަތަ ގޭގައި ނުވަތަ އެނޫންވެސް ތަނެއްގައި މަޑުކުރަންޖެހޭ މުވައްޒަފުންނަށް، އެ މުއްދަތަށް، މެޑިކަލް ސެޓްފިކެޓެއް ހުށަހަޅަންޖެހުމަކާ ނުލައި، މުސާރަ ލިބޭ ގޮތަށް، ހާއްސަ ޗުއްޓީއެއް ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ހާލަތުގައި، މުވައްޒަފަކު ކަރަންޓީނުވުމަށް އަންގައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން ދޫކުރާ ލިޔުމެއް އޮތް ކޮންމެ ފަރާތަކަށް، އެ ދެ އަކުރުގައި ބަޔާންކުރާ ޗުއްޓީ ހަމަޖައްސައިދޭންވާނެއެވެ.

(ރ)   މި މާއްދާގެ ބޭނުމަށްޓަކައި، 'ކަރަންޓީނުވުން" އަދި "ކަރަންޓީން މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 7/2012 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގައި އެ ދެ ލަފްޒަށް ދީފައިވާ މާނައިގައެވެ.

 

5 ވަނަ މާއްދާ - ދަތުރުފަތުރާ ގުޅިގެން އަޅާ ހާއްސަ ފިޔަވަޅުތަކުގެ ސަބަބުން ވަޒީފާއަށް ދިޔުމަށް ހުރަސްއެޅޭ ފަރާތްތަކަށް ޗުއްޓީ ހަމަޖައްސައިދިނުން

(ހ) ކޮވިޑް-19 އާ ގުޅިގެން އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި، ވަޒީފާ އަދާކުރާ ފަރާތެއް ދިރިއުޅޭ ރަށް ނޫން އެހެން ރަށެއްގައި އެފަރާތެއް ހުރި ވަގުތެއްގައި ދަތުރުފަތުރުކުރުމާ ގުޅޭގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަޅާ ފިޔަވަޅަކާ ގުޅިގެން އޭނާ ވަޒީފާއަށް ނުކުންނަންޖެހޭ ތާރީހަކަށް އޭނާ ވަޒީފާ އަދާކުރާ ރަށަށް އަނބުރާ ދެވެން ނެތް ހާލަތެއް މެދުވެރިވެއްޖެނަމަ، އޭނާ ވަޒީފާއަށް ހާޒިރުނުވެ ހުންނަންޖެހުނު މުއްދަތަށް، މެޑިކަލް ސެޓްފިކެޓެއް ހުށަހަޅަންޖެހުމަކާ ނުލައި، މުސާރަ ލިބޭ ގޮތަށް، ހާއްސަ ޗުއްޓީއެއް ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.

(ށ)   މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަޅާ ފިޔަވަޅެއްގެ ސަބަބުން އޭނާ ހުރި ރަށަކުން އެހެން ތަނަކަށް ދަތުރުނުކުރެވި ހުންނަންޖެހުނުކަން ވަޒީފާދޭ ފަރާތަށް އަންގާފައިވުމާއެކު، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން އެ ފިޔަވަޅަކާ ގުޅިގެން ނެރެފައިވާ އެންގުމެއް ނުވަތަ ދޫކޮށްފައިވާ ލިޔުމެއް އޮތް ކޮންމެ ފަރާތަކަށް، އެ މާއްދާގައި ބަޔާންކުރާ ޗުއްޓީ ހަމަޖައްސައިދޭންވާނެއެވެ.

 

6 ވަނަ މާއްދާ - ބައްޔަށް ޕޮޒިޓިވްވާ ފަރާތްތަކަށް ސަލާމުގެ ޗުއްޓީ ހަމަޖައްސައިދިނުން            

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ކޮވިޑް-19 އާ ގުޅިގެން އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި، އެ ބައްޔަށް ޕޮޒިޓިވްވާ މުވައްޒަފުން، އެކަހެރިކުރުމުގެ މަރުކަޒެއްގައި ނުވަތަ ގޭގައި ހުންނަންޖެހިއްޖެނަމަ ނުވަތަ އެ ބައްޔަށް ފަރުވާ ހޯދަން ސިއްހީ ފަރުވާދޭ ތަނެއްގައި ހުންނަންޖެހިއްޖެނަމަ، އެ މުއްދަތަށް، މެޑިކަލް ސެޓްފިކެޓެއް ހުށަހަޅަންޖެހުމަކާ ނުލައި، މުސާރަ ލިބޭ ގޮތަށް، ހާއްސަ ސަލާމުގެ ޗުއްޓީއެއް ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.

(ށ) ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމާއި، އެކަހެރިކުރުމުގެ މަރުކަޒެއްގައި ނުވަތަ ގޭގައި މަޑުކުރަންޖެހޭ ކަމަށް ބަޔާންކޮށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން ދޫކުރާ ލިޔުމެއް ނުވަތަ ސިއްހީ ފަރުވާދޭ ތަނެއްގައި އެ ބައްޔަށް ފަރުވާ ހޯދިކަމުގެ ލިޔުމެއް އޮތް ކޮންމެ ފަރާތަކަށް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޗުއްޓީ، ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.

(ނ) މި މާއްދާގެ ބޭނުމަށްޓަކައި، "އެކަހެރިކުރުމުގެ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 7/2012 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގައި އެ ލަފްޒަށް ދީފައިވާ މާނައިގައެވެ.

 

7 ވަނަ މާއްދާ - އާއިލީ ޒިންމާގެ ޗުއްޓީ ހަމަޖައްސައިދިނުން     

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ކޮވިޑް-19 އާ ގުޅިގެން އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި، ވަޒީފާއަދާކުރާ ފަރާތެއްގެ އާއިލާގެ މެންބަރަކު އެ ބައްޔަށް ޕޮޒިޓިވްވެއްޖެނަމަ، އަދި އެ އާއިލާގެ މެންބަރަކީ ސީދާ އޭނާ ބެލުން ހަވާލުވެފައިވާ ފަރާތެއް ކަމުގައިވާނަމަ، އަދި އެ ބައްޔަށް ފަރުވާ ހޯދަންޖެހެނީ ގޭގައި މަޑުކޮށްގެން ކަމުގައިވާނަމަ، އޭނާގެ އާއިލާގެ މެންބަރު އެ ބައްޔަށް ފަރުވާ ހޯދުމަށް ހޭދަވާ މުއްދަތުގައި، މެޑިކަލް ސެޓްފިކެޓެއް ހުށަހަޅަންޖެހުމަކާ ނުލައި، މުސާރަ ލިބޭ ގޮތަށް، ހާއްސަ އާއިލީ ޒިންމާގެ ޗުއްޓީއެއް ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގައި، ބައްޔަށް ފަރުވާ ހޯދަމުންދާ އާއިލާގެ މެންބަރު ހުންނަންޖެހެނީ އެކަހެރިކުރުމުގެ މަރުކަޒެއްގައި ނުވަތަ ސިއްހީ ފަރުވާދޭ މަރުކަޒެއްގައި ކަމުގައިވެފައި، އެފަދަ ތަނެއްގައި އޭނާއާއެކު ވަޒީފާ އަދާކުރާ ފަރާތް ހުންނަންޖެހޭ ހާލަތުގައިވެސް މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޗުއްޓީ ހަމަޖައްސައިދޭންވާނެއެވެ.

(ނ)   މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ހާލަތުގައި، މުވައްޒަފުގެ އާއިލާގެ މެންބަރު ބައްޔަށް ޕޮޒިޓިވްވެފައިވާކަމާއި، އޭނާ އެ ބައްޔަށް ފަރުވާ ހޯދުމަށް ގޭގައި ނުވަތަ އެނޫން ތަނެއްގައި މަޑުކުރަންޖެހޭކަން ބަޔާންކޮށް، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ދޫކުރާ ލިޔުމެއް މުވައްޒަފު ހުށަހަޅަންވާނެއެވެ.

 

8 ވަނަ މާއްދާ - ހާއްސަ ޗުއްޓީގެ ގޮތުގައި ދެވޭ ދުވަސްތައް މުވައްޒަފަށް ހައްޤުވާ އެހެން ޗުއްޓީތަކުގެ މުއްދަތުން އުނިނުކުރުން       

(ހ) މި ގާނޫނުގެ 4 ވަނަ މާއްދާއިން ފެށިގެން 7 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގެ ދަށުން ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭންޖެހޭ ހާއްސަ ޗުއްޓީ ހަމަޖައްސައިދޭންވާނީ، ގާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ގާނޫނު) ނުވަތަ މުވައްޒަފުގެ ވަޒީފާއާ ގުޅޭގޮތުން އަމަލުކުރެވޭ އެނޫންވެސް ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން މުވައްޒަފަށް ހައްޤުވާ އެއްވެސް ޗުއްޓީއަކުން އުނިނުވާ ގޮތަށް، އޭގެ އިތުރުން ދެވޭ ހާއްސަ ޗުއްޓީއެއްގެ ގޮތުގައެވެ.

(ށ)   މި ގާނޫނުގެ 4 ވަނަ މާއްދާއިން ފެށިގެން 7 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގެ ދަށުން ވަޒީފާދޭ ފަރާތުން މުވައްޒަފުންނަށް ހަމަޖައްސައިދޭންޖެހޭ ޗުއްޓީތަކުގެ ތެރެއިން، އެއް ބާވަތުގެ ޗުއްޓީއަށްވުރެ ގިނަ ބާވަތުގެ ޗުއްޓީ އެއް މުވައްޒަފަށް ހައްޤުވާނަމަ، އެ އެންމެހައި ޗުއްޓީއެއް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުސޫލުން އެ މުވައްޒަފަކަށް ހަމަޖައްސައިދޭންވާނެއެވެ.

 

9 ވަނަ މާއްދާ - ކޮވިޑް-19 އާ ގުޅިގެން ވަޒީފާގެ އެއްބަސްވުމަށް ބަދަލުގެނައުން ނުވަތަ ވަޒީފާއިން ދޫކޮށްލުން ހުއްދަ ހާލަތްތައް     

(ހ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ އިސްތިސްނާ ހާލަތްތަކުގައި މެނުވީ، މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތުގައި، ކޮވިޑް-19 އާ ގުޅިގެން ވަޒީފާދޭ ފަރާތުން ވަޒީފާ އަދާކުރާ ފަރާތާމެދު އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އަޅައިގެންނުވާނެއެވެ.

 1.  ވަޒީފާ އަދާކުރާ ފަރާތުގެ އުޖޫރައިން އެއްވެސް މިންވަރެއް އުނިކުރުން ނުވަތަ ވަޒީފާ އަދާކުރާ ފަރާތަށް އުޖޫރަ ދިނުމަށް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތު ފަސްކުރުން؛
 2. ވަޒީފާ އަދާކުރާ ފަރާތަށް އުޖޫރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ފޮނުވުން؛
 3. ވަޒީފާ އަދާކުރާ ފަރާތް ވަޒީފާއިން ދޫކޮށްލުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ފިޔަވަޅެއް ވަޒީފާދޭ ފަރާތުން އެޅުމަށް ހުއްދަވާނީ، ކޮވިޑް-19 އާ ގުޅިގެން ވަޒީފާދޭ ފަރާތުގެ ވިޔަފާރިއަށް ނުރަނގަޅު އަސަރެއް ކޮށްފައިވުމާއެކު، އެފަދައިން ކޮށްފައިވާ ނުރަނގަޅު އަސަރުގެ ސަބަބުން ވަޒީފާދޭ ފަރާތަށް ލިބެމުންއައި އާމްދަނީ ދަށްވެ، އެ އާމްދަނީން މުވައްޒަފުންނަށް ކުރިން ދެމުން އައިސްފައިވާ މުސާރައާއި އިނާޔަތްތައް ދެމުންނުގެންދެވޭ މިންވަރަށް ވަޒީފާދޭ ފަރާތުގެ ވިޔަފާރިއަށް އަސަރުކޮށްފައިވާ ހާލަތުގައި އެކަންޏެވެ. އެގޮތުން، ވިޔަފާރިއަށް ނުރަނގަޅު އަސަރުކޮށްފައިވާކަން ބެލުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދު، މި ގާނޫނަށް އަމަލުކުރަން ފަށާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، މި ގާނޫނުގެ 46 ވަނަ މާއްދާގައި ބަޔާންކުރާ ކަމާބެހޭ ވުޒާރާއިން އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކުރާ ފިޔަވަޅެއް މުވައްޒަފަކާމެދު އެޅޭނީ، މުވައްޒަފާ މަށްވަރާކޮށް، އެ ބަދަލު ގެނައުމަށް މުވައްޒަފު އެއްބަސްވާނަމައެވެ.

(ރ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ފިޔަވަޅު މުވައްޒަފަކާމެދު އެޅޭނީ، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތް މެދުވެރިވުމުގެ ސަބަބުން ވަޒީފާދޭ ފަރާތުގެ މުވައްޒަފުންތަކެއް ދޫކޮށްލަންޖެހޭ ހާލަތަށް ގޮސްފައިވުމާއެކު، އެ ފިޔަވަޅު އެޅުމުގެ ކުރިން އަންނަނިވި އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހުގައެވެ.

 1. ވަޒީފާދޭ ފަރާތުގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން މުވައްޒަފުންތަކެއް ދޫކޮށްލަން ޖެހިފައިވާކަން މުވައްޒަފުންނަށް އެންގުން؛ އަދި
 2. ވަޒީފާއިން ދޫކޮށްލުމަށް ނިންމާ މުވައްޒަފުން ކަނޑައެޅުމުގައި ވަޒީފާދޭ ފަރާތުން އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުތައް މުވައްޒަފުންނަށް އެންގުން.

(ބ) މި މާއްދާގެ (ރ) ގެ ބޭނުމަށްޓަކައި، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތް މެދުވެރިވުމުގެ ސަބަބުން ވަޒީފާދޭ ފަރާތުގެ މުވައްޒަފަކު ދޫކޮށްލަންވާނީ އެތަނުގެ މުވައްޒަފުންގެ އޮނިގަނޑު އަލުން އިސްލާހުކުރަންޖެހިގެންނެވެ. އަދި އެފަދައިން މުވައްޒަފުންގެ އޮނިގަނޑު އިސްލާހުކުރުމަކާ ނުލައި، ވަޒީފާދޭ ފަރާތުގެ މުވައްޒަފަކު ދޫކޮށްލުމަށްފަހު، އެ މަގާމަށް އެހެން މުވައްޒަފަކު ހަމަޖެއްސުމަކީ، މި މާއްދާގެ (ރ) ގެ ބޭނުމަށްޓަކައި، މުވައްޒަފަކު ދޫކޮށްލުމަށް އޮތް ސައްހަ ސަބަބެއް ކަމުގައެއް ނުބެލެވޭނެއެވެ.

(ޅ) މި މާއްދާގެ (ހ) ގެ ދަށުން މުވައްޒަފާމެދު އެއްވެސް ފިޔަވަޅެއް އަޅާނަމަ، އެކަން މުވައްޒަފަށް އަންގައި، އެ ފިޔަވަޅެއް އެޅުމުގެ ކުރިން ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް އެކަށީގެންވާ މުއްދަތެއްގެ ނޯޓިހެއް ދޭންވާނެއެވެ. ނުވަތަ ނޯޓިސް ދެވެން ނެތް ހާލަތުގައި، ނޯޓިހުގެ ބަދަލުގައި ދޭންޖެހޭ ފައިސާ އެ މުވައްޒަފަށް ދޭންވާނެއެވެ.

(ކ) މުވައްޒަފަކާމެދު އަޅާ ފިޔަވަޅަކީ، އެ މުވައްޒަފު ވަޒީފާއިން ދޫކޮށްލުން ކަމުގައިވާނަމަ، އެހާތަނަށް އެ މުވައްޒަފަކަށް ހައްޤުވެފައިވާ އެންމެހައި އުޖޫރައަކާއި، އަހަރީ ޗުއްޓީގެ ދުވަސްތަކުގެ ބަދަލުގައި ލިބިދޭންޖެހޭ ފައިސާއާއި، އިތުރު ގަޑީގެ ފައިސާއާއި އެނޫންވެސް އެފަދަ އެންމެހައި ފައިސާއެއް އެ މުވައްޒަފަކަށް ދޭންވާނެއެވެ.

(އ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި މުވައްޒަފަކާމެދު ފިޔަވަޅުއަޅާފައިވާނަމަ، އެ މުވައްޒަފާމެދު ފިޔަވަޅުއަޅާފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.

(ވ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ހުއްދަކުރާ ހާލަތްތަކުގައި، އެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން މުވައްޒަފާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ.

 

10 ވަނަ މާއްދާ - ކޮވިޑް-19 އާ ގުޅިގެން ވަޒީފާއިން ވަކިކުރާ ފަރާތްތައް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ ހައްޤު ލިބިދިނުން

(ހ) މި ގާނޫނުގެ 9 ވަނަ މާއްދާއާ ހިލާފަށް އެއްވެސް ފަރާތަކުން މުވައްޒަފަކާމެދު ފިޔަވަޅު އަޅާފައިވާނަމަ، އެ މުވައްޒަފަކަށް އެކަމުގެ ށަކުވާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ހައްޤު ލިބިގެންވެއެވެ.

(ށ)   މި މާއްދާގެ (ހ) ގެ ދަށުން ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅަންވާނީ، މުވައްޒަފާމެދު ފިޔަވަޅު އަޅާތާ 90 (ނުވަދިހަ) ދުވަސް ހަމަވާ ތާރީހާއި ކޮވިޑް-19 އާ ގުޅިގެން އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެންނަތާ 30 (ތިރީސް) ދުވަސް ހަމަވާ ތާރީހާ، މި ދެ ތާރީހުގެ ތެރެއިން ފަހުން ބައްދަލުވާ ތާރީހެއްގެ ކުރިންނެވެ.

 

ތިންވަނަ ބާބު

ސިއްހީ ފަރުވާއާއި ސިއްހީ މަސައްކަތްތެރިންނާގުޅޭ ހާއްސަ އުސޫލުތައް

 

11 ވަނަ މާއްދާ - ކޮވިޑް-19 ގެ  ފަރުވާއަށް ބޭނުންވާ ސިއްހީ އިންށުއަރަންސް ހަމަޖެއްސުން          

(ހ) ދިވެހިރައްޔިތަކަށް ކޮވިޑް-19 ޖެހިގެން އެ ބައްޔަށް ފަރުވާ ހޯދަންޖެހިއްޖެ ހާލަތެއްގައި، އެ ބައްޔަށް ބޭނުންވާ ފަރުވާ ލިބޭނެ އިންތިޒާމު، ގާނޫނު ނަންބަރު 15/2011  (އިޖްތިމާއީ ސިއްހީ އިންށުއަރަންސްގެ ޤައުމީ ނިޒާމުގެ ގާނޫނު) ގެ ދަށުން ގާއިމުކޮށްފައިވާ ޤައުމީ އިންށުއަރަންސް ސްކީމްގެ ތެރެއިން ނުވަތަ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮވިޑް-19 އަށް ހާއްސަކޮށްގެން ހިންގާ ސްކީމެއް ނުވަތަ ފަންޑެއް މެދުވެރިކޮށް ހަމަޖައްސައިދޭންވާނެއެވެ.

(ށ)   މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ކޮވިޑް-19 އަށް ބޭނުންވާ ފަރުވާ ކަމަށް ބުނެފައި އެވަނީ، ސިއްހީ ފަރުވާދޭ ތަނެއްގައި އެޑްމިޓްވެގެން ދޭންޖެހޭ ފަރުވާއާއި އެފަދަ ތަނެއްގައި އެޑްމިޓްނުވެ ދޭންޖެހޭ ފަރުވާ ހިމެނޭގޮތުންނެވެ. އޭގެ ތެރޭގައި، ޑޮކްޓަރަށް ދެއްކުމާއި، ޓެސްޓުތައް ހެދުމާއި، ބޭހަށް ހިނގާ ހަރަދުތައް ހިމެނެއެވެ.

 

12 ވަނަ މާއްދާ - ބިދޭސީންނަށް ކޮވިޑް-19 ގެ ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެއްސުން        

(ހ) ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ކޮވިޑް-19 އަށް ބޭނުންވާ ފަރުވާދޭނީ، އެމީހުން ބައިވެރިވެފައިވާ ސިއްހީ އިންށުއަރަންސް ސްކީމެއްގެ ދަށުންނެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ވަޒީފާއާބެހޭ ގާނޫނާއި ގަވާއިދުގައިވާ ގޮތުގެމަތިން ބިދޭސީ މުވައްޒަފުން ސިއްހީ އިންށުއަރަންސް ސްކީމެއްގައި ބައިވެރިކޮށްފައިނުވާނަމަ، އެފަދަ ބިދޭސީ މުވައްޒަފުންނަށް ކުރަންޖެހޭ ހަރަދުތަކުގެ ޒިންމާ އުފުލާނީ، ވަޒީފާދޭ ފަރާތުންނެވެ. އަދި އިންށުއަރަންސް ސްކީމެއްގައި ބައިވެރިކޮށްފައިވީނަމަވެސް އެ ސްކީމެއްގައި ނުހިމެނޭ ފަރުވާއަށް ކުރަންޖެހޭ ހަރަދުތަކުގެ ޒިންމާ އުފުލާނީ ވަޒީފާދޭ ފަރާތުންނެވެ.

(ނ) މަސައްކަތްކުރުމަށް ދިވެހިރާއްޖެއަށް އައުމަށްފަހު އެމީހަކަށް ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީންގެ ތެރެއިން ސަރުކާރުގެ ކަމާބެހޭ ފަރާތެއްގެ ބެލުމުގެ ދަށުގައިވާ ބިދޭސީންނަށް ކޮވިޑް-19 އާ ގުޅިގެން ދޭންޖެހޭ ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސާނީ ސަރުކާރުންނެވެ.

(ރ)   މި މާއްދާގެ (ހ)، (ށ)، އަދި (ނ) ގައި ބަޔާންކުރާ ހާލަތްތަކުގައި ފިޔަވައި އެނޫން ހާލަތްތަކުގައި، ކޮވިޑް-19 އާ ގުޅިގެން ބިދޭސީންނަށް ދެވޭ ސިއްހީ ފަރުވާގެ ހަރަދު ހަމަޖައްސާނީ އެ ބިދޭސީއަކު އަމިއްލައަށެވެ.

 

13 ވަނަ މާއްދާ - ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން ރަޖިސްޓަރީކުރުމުގެ ހާއްސަ އުސޫލުތަކެއް ކަނޑައެޅުން     

(ހ) ކޮވިޑް-19 އާ ގުޅިގެން އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި، ކުއްލި ހާލަތުގައި މަސައްކަތްކުރަންޖެހޭ ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން، ގާނޫނު ނަންބަރު 13/2015 (ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގައި ބަޔާންކުރާ އިޖުރާއަތުތަކުގެ ދަށުން ރަޖިސްޓަރީކުރެވެން ނެތް ހާލަތަކަށް ހިނގައްޖެނަމަ، އެ ހާލަތުގައި، އެ އިޖުރާއަތުތައް ފުރިހަމަކުރުމަކާ ނުލައި، މި ބާބުގެ ދަށުން ރަޖިސްޓަރީކުރުމުގެ ކަންކަން ކުރިއަށްގެންދިޔުމުގެ އިހްތިޔާރު، އެ ގާނޫނުގައި ބަޔާންކުރާ ކަމާބެހޭ ކައުންސިލުތަކަށް ލިބިގެންވެއެވެ.

(ށ) މި ބާބުގެ ދަށުން ރަޖިސްޓަރީކުރުމުގެ ކަންކަން ކުރިއަށްގެންދަންވާނީ، ކޮވިޑް-19 އާ ގުޅިގެން ފަރުވާ ދޭންޖެހޭ ފަރާތްތަކަށް ފަރުވާ ދިނުމަށް ބޭނުންވާ އަދަދަށްވުރެ، ރަޖިސްޓަރީކޮށްފައިވާ ސިއްހީ ހިދުމަތްތެރިންގެ އަދަދު މަދުވެއްޖެ ހާލަތެއްގައި، އެކަން މިނިސްޓްރީ އޮފް ހެލްތުން އެންގުމުންނެވެ.

(ނ) މި ބާބުގެ ބޭނުމަށްޓަކައި:

 1. "ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން" ނުވަތަ "ސިއްހީ މަސައްކަތްތެރިން" ކަމަށް ބުނެފައި އެވަނީ، ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ތެރޭގައި ހިމެނޭ މެޑިކަލް ޕްރެކްޓިށަނަރުންނާއި، ނަރުހުންނާއި، އެލައިޑް ހެލްތު ޕްރޮފެށަނަލުންނަށެވެ.
 2. "ކަމާބެހޭ ކައުންސިލު" ކަމަށް ބުނެފައި އެވަނީ، ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގައި ބަޔާންކުރާ މެޑިކަލް އެންޑް ޑެންޓަލް ކައުންސިލާއި، ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލާއި، އެލައިޑް ހެލްތު ކައުންސިލަށެވެ.
 3. "ކުއްލި ހާލަތުގައި މަސައްކަތްކުރަންޖެހޭ ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން" ކަމަށް ބުނެފައި އެވަނީ، ކޮވިޑް-19 އާ ގުޅިގެން އިމަރޖެންސީ ރެސްޕޮންސްގައި މަސައްކަތްކުރާ މެޑިކަލް ޕްރެކްޓިށަނަރުންނާއި، ނަރުހުންނާއި، އެލައިޑް ހެލްތު ޕްރޮފެށަނަލުންނަށެވެ.

 

14 ވަނަ މާއްދާ - ކުއްލި ހާލަތުގައި ރަޖިސްޓަރީކޮށްދިނުމުގެ ށަރުތުތައް     

(ހ) މި ބާބުގެ ދަށުން ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން އަންނަނިވި ގޮތުގެމަތިން ރަޖިސްޓަރީކޮށްދިނުމުގެ އިހްތިޔާރު ކަމާބެހޭ ކައުންސިލުތަކަށް ލިބިގެންވެއެވެ.

 1. ވަކި ފަންނެއްގައި މަސައްކަތްކުރުމަށް ބޭނުންވާ ވަކި ސަނަދެއް ހާސިލުކޮށްފައިވާ، އެހެންނަމަވެސް އިތުރު ތަމްރީނެއް ނުވަތަ އިމްތިހާނެއް ފުރިހަމަކޮށްފައި ނެތުމުގެ ސަބަބުން އެ ފަންނުގައި ރަޖިސްޓަރީކުރެވިފައިނުވާ ފަރާތްތައް ވަގުތީގޮތުން ރަޖިސްޓަރީކޮށްދިނުން.
 2. ރަޖިސްޓްރޭށަން ނުވަތަ ލައިސަންސް ވަގުތީގޮތުން ބާތިލުކުރެވިފައިވާ ފަރާތްތައް، މި ބާބުގެ ދަށުން ވަގުތީގޮތުން ރަޖިސްޓަރީކޮށްދިނުން.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި ބާބުގެ ދަށުން ވަގުތީގޮތުން ރަޖިސްޓަރީކޮށްދޭންވާނީ، ޕްރޮފެށަނަލް ގޮތުންނާއި ސުލޫކީގޮތުން އެ ފަންނެއްގެ މަސައްކަތަށް ގާބިލުކަމަށް އެ ކައުންސިލަކަށް ފެންނަ ފަރާތްތަކެވެ.

(ނ)   މިބާބުގެ ދަށުން ވަކި ފަރާތެއް ނުވަތަ ފަރާތްތަކެއް ރަޖިސްޓަރީކޮށްދިނުމުގައި، ގާނޫނުގެ ދަށުން އެ ފަންނަކަށް ކަނޑައެޅިފައިވާ ށަރުތުތަކަށް އަމަލުކުރުމަށް ކަމާބެހޭ ކައުންސިލަށް ށަރުތުކުރެވިދާނެއެވެ. ނުވަތަ އެފަރާތްތަކުން އަމަލުކުރުން ލާޒިމު ހާއްސަ ށަރުތުތަކެއް ކަނޑައެޅިދާނެއެވެ.

 

15 ވަނަ މާއްދާ - ކުއްލި ހާލަތުގައި ކުރެވޭ ރަޖިސްޓްރޭށަންގެ ހައިސިއްޔަތާއި މުއްދަތު         

(ހ) މި ބާބުގެ ދަށުން ރަޖިސްޓަރީކޮށްދެވޭ ސިއްހީ މަސައްކަތްތެރިންގެ ރަޖިސްޓްރޭށަން ދެމިއޮތްހާ ހިނދަކު، އެފަރާތްތަކަކީ، ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގެ 49 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކެއް ކަމުގައި ބެލެވޭނެއެވެ. އަދި، އެފަދައިން ރަޖިސްޓަރީކުރެވޭ ފަރާތްތަކަށް، އިތުރު ލައިސަންސެއް ހޯދުމަކާ ނުލައި، އެފަރާތެއް ނިސްބަތްވާ ސިއްހީ ހިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގެ ވަގުތީ ހުއްދަ، މި ގާނޫނުން ލިބިދެވުނީއެވެ.

(ށ) މި ބާބުގެ ދަށުން ރަޖިސްޓަރީކުރެވޭ ސިއްހީ މަސައްކަތްތެރިއަކަށް އެފަރާތެއް ރަޖިސްޓަރީކުރެވޭ ފަންނެއްގައި މަސައްކަތްކުރުމުގެ ހުއްދަ ދެމިއޮންނާނީ، ކޮވިޑް-19 އާ ގުޅިގެން އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އަންނަންދެން ނުވަތަ އެއަށްވުރެ ކުރިން އެފަރާތެއްގެ ރަޖިސްޓްރޭށަން ބާތިލުކުރެވިއްޖެނަމަ، އެފަދައިން އެފަރާތެއްގެ ރަޖިސްޓްރޭށަން ބާތިލުކުރެވެންދެނެވެ.

(ނ)   މި ބާބުގެ ދަށުން ރަޖިސްޓަރީކުރެވޭ ފަރާތްތައް ރަޖިސްޓަރީކޮށްދެވެނީ ވަގުތީގޮތުން ކަމަށްވާތީ، އެއިން ފަރާތެއްގެ ރަޖިސްޓްރޭށަން ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިހްތިޔާރު، ކަމާބެހޭ ކައުންސިލަށް ލިބިގެންވެއެވެ.

 

16 ވަނަ މާއްދާ - ރަޖިސްޓްރާރގެ ބާރުތައް     

(ހ) ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގައި އެނޫންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނުގެ ދަށުން ވަކި ކައުންސިލަކުން ކުރުމަށް ބާރު ލިބިދޭ ވަކި ކަމެއް، އެ ކައުންސިލެއްގެ ރަޖިސްޓްރާރ ކުރުމަށް ހުއްދަ ދިނުމަށް އެ ކައުންސިލަކަށް ނިންމިދާނެއެވެ.

(ށ)   މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ކައުންސިލުން ކުރުމަށް ބާރު ލިބިދޭ ވަކި ކަމެއް ކަމަށް ބުނެފައި އެވަނީ، ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގެ ދަށުން ކައުންސިލެއްގެ ރަޖިސްޓްރާރަށް ލިބިދޭ ބާރުގެ އިތުރުން، ވަކި ކައުންސިލަކުން ނިންމަންޖެހޭ ކަންކަމަށެވެ.

 

17 ވަނަ މާއްދާ - ނިންމުންތައް އިސްތިއުނާފުނުކުރެވުން        

މި ބާބުގެ ދަށުން ސިއްހީ މަސައްކަތްތެރިން ރަޖިސްޓަރީކޮށްދިނުމުގައި ވަކި ފަރާތެއް ރަޖިސްޓަރީކޮށްދިނުމަށް ނުވަތަ ވަކި ފަރާތެއްގެ ރަޖިސްޓަރީ ބާތިލުކުރުމަށް ނިންމާ ނިންމުމަކީ ށަރުއީ ކޯޓެއްގައި ނުވަތަ އެނޫންވެސް ދައުލަތުގެ އިދާރާއެއްގައި އިސްތިއުނާފުކުރެވޭނެ ނިންމުމެއް ނޫނެވެ.

 

18 ވަނަ މާއްދާ - ރަޖިސްޓަރީކުރެވޭ ފަރާތްތަކުގެ މައުލޫމާތު ދަފްތަރުކުރުން     

މި ބާބުގެ ދަށުން ރަޖިސްޓަރީކޮށްދެވޭ ސިއްހީ މަސައްކަތްތެރިންގެ މައުލޫމާތު، ކަމާބެހޭ ކައުންސިލުތަކުން ވަކިން ދަފްތަރުކޮށް، އާންމުކޮށް ބެލޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

 

19 ވަނަ މާއްދާ - ވަގުތީގޮތުން ރަޖިސްޓަރީކޮށްދިނުމާގުޅޭ ހާއްސަ އުސޫލު ކަނޑައެޅުން     

މި ގާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތު މެދުވެރިވެގެން މި ބާބުގައި ބަޔާންކުރާ ހާއްސަ އުސޫލުތައް ހިންގަންޖެހިއްޖެ ހާލަތެއްގައި، މި ބާބުގެ ދަށުން ސިއްހީ ހިދުމަތުގެ މަސައްކަތްތެރިން ރަޖިސްޓަރީކޮށްދިނުމުގައި އަމަލުކުރާނެ ހާއްސަ އުސޫލުތައް، ކަމާބެހޭ ކައުންސިލުން އެކުލަވާލާ ގަވާއިދުގައި ކަނޑައަޅައި،  އެ ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

ހަތަރުވަނަ ބާބު

ދިރިއުޅޭ ތަންތަނާއި އަސާސީ ހިދުމަތްތަކާގުޅޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް

 

20 ވަނަ މާއްދާ - ދިރިއުޅުމަށް ކުއްޔަށްދީފައިވާ ތަންތަނުން ނުކުތުމަށް އެންގުމުގައި ނޯޓިސް ދިނުމަށް ލާޒިމުވުން       

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު، ދިރިއުޅުމުގެ ބޭނުމަށް ތަނެއް ކުއްޔަށްދިނުމަށް ވެފައިވާ އެއްބަސްވުމެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ދިރިއުޅުމަށް ކުއްޔަށްދީފައިވާ އެއްވެސް ތަނެއްގެ އެއްބަސްވުން ނިމުމަކަށް ގެނެސް، އެތަނެއްގައި ދިރިއުޅޭ ފަރާތްތައް ތަން ދޫކޮށްދިޔުމަށް ތަނުގެ ވެރިފަރާތަށް އެންގޭނީ، އެތަނެއްގައި ދިރިއުޅޭ ފަރާތްތަކަށް މަދުވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ނޯޓިހެއް ދިނުމަށްފަހުގައެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު ދިރިއުޅުމަށް ކުއްޔަށްދީފައިވާ ތަނެއް ކުއްޔަށް ދީފައިވަނީ، ލިޔުމުން ވެވޭ އެއްބަސްވުމަކާ ނުލައި ކަމުގައިވީނަމަވެސް، އެފަދަ ތަނެއްގައި ދިރިއުޅޭ ފަރާތްތައްވެސް ތަން ދޫކޮށްދިޔުމަށް ތަނުގެ ވެރިފަރާތަށް އެންގޭނީ، އެތަނެއްގައި ދިރިއުޅޭ ފަރާތްތަކަށް މަދުވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ނޯޓިހެއް ދިނުމަށްފަހުގައެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ތަން ދޫކޮށްދިޔުމަށް ދޭ ނޯޓިސް، ތަނުގެ ވެރިފަރާތުން ދޭންވާނީ ލިޔުމުންނެވެ.

(ރ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ހާލަތްތަކުގައި، އެ ދެ އަކުރުގައި ބަޔާންކުރާ މުއްދަތު ހަމަވުމުގެ ކުރިން ކުއްޔަށް ހިފާފައިވާ ފަރާތް ތަން ދޫކޮށްދިޔުމަށް އަންގައިގެންނުވާނެއެވެ. އަދި ށަރީއަތަށް މައްސަލަ ހުށަހެޅުން ހިމެނޭގޮތުން، އެފަދަ ފަރާތެއް ތަނުން ނެރުމަށްޓަކައި އަމަލީގޮތުން އެއްވެސް ކަމެއް ކޮށްގެންނުވާނެއެވެ.

(ބ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ދިރިއުޅޭ ތަން ދޫކޮށްދިޔުމަށް އަންގައި ތަނުގެ ވެރިފަރާތުން ކުއްޔަށްހިފާ ފަރާތަށް ނޯޓިސް ދީފައިވާ ހާލަތުގައިވެސް، ކުއްޔަށްދިނުމުގެ އެއްބަސްވުމުގައި ބަޔާންކުރާ އެހެން އިލްތިޒާމުތައް އަދާކުރުންމަތީ ދެފަރާތުންމެ ދެމިތިބެންވާނެއެވެ.

(ޅ) މި މާއްދާގެ ބޭނުމަށްޓަކައި، "ތަނުގެ ވެރިފަރާތް" ކަމުގައި ބުނެފައި އެވަނީ، ކުއްޔަށް ދޫކޮށްފައިވާ ތަނުގެ ވެރިފަރާތާއި ތަން ކުއްޔަށްދޫކޮށްފައިވާ ފަރާތާއި، އެއިން ފަރާތެއް ތަމްސީލުކުރާ ފަރާތްތައްވެސް ހިމެނޭގޮތުންނެވެ.

(ކ) މި މާއްދާގެ ބޭނުމަށްޓަކައި، ދިރިއުޅޭ ތަން ދޫކޮށް ދިޔުމަށް އެންގުން ކަމަށް ބުނެފައި އެވަނީ، ދިރިއުޅުމަށް ކުއްޔަށް ދޫކޮށްފައިވާ ތަނަކުން، އެތަން ކުއްޔަށް ހިފައިގެންއުޅޭ ފަރާތް ނެރުމަށްޓަކައި ނުވަތަ އެވިކްޓްކުރުމަށްޓަކައި، އެތަން ދޫކޮށްދިޔުމަށް ތަނުގެ ވެރިފަރާތުން އެފަރާތަށް އަންގާ އެންގުމަށެވެ.

(އ) މި މާއްދާއާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ، އެކަމުގެ ށަކުވާ މިނިސްޓްރީ އޮފް ނޭށަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ހުށަހެޅުމުގެ ހައްޤު، އެ އަމަލުގެ ށިކާރައަކަށްވީ ފަރާތަށް ލިބިގެންވެއެވެ.

(ވ)   މި މާއްދާގެ (އ) ގެ ދަށުން ހުށަހެޅޭ ށަކުވާތައް ބެލުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދު، މި ގާނޫނަށް އަމަލުކުރަން ފަށާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ނޭށަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

21 ވަނަ މާއްދާ - އަސާސީ ހިދުމަތްތައް މެދުކަނޑާނުލުން      

(ހ) މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތުގައި، ދިރިއުޅުމަށްޓަކައި ކުއްޔަށްދީފައިވާ އެއްވެސް ތަނަކާ ގުޅޭގޮތުން އެތަނުގެ ވެރިފަރާތް ނުވަތަ އެފަރާތް ތަމްސީލުކުރާ އެހެން ފަރާތަކުންވެސް އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކޮށްގެންނުވާނެއެވެ.

 1. ފެނާއި ކަރަންޓާއި މުވާސަލާތީ ހިދުމަތްތައް މެދުކަނޑާލުން؛
 2. ކުއްޔަށް ހިފާ ފަރާތަށް މިނިވަންކަމާއެކު ތަނުގައި ދިރިއުޅުމަށް ހުރަސްއެޅޭ ފަދަ އަމަލުތައް ކުރުން.

(ށ) މި މާއްދާއާ ހިލާފު އަމަލެއް ކޮށްފި މީހެއްގެ އަދަބަކީ 5,000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.

(ނ) މި މާއްދާއާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ، އެކަމުގެ ށަކުވާ މިނިސްޓްރީ އޮފް ނޭށަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ހުށަހެޅުމުގެ ހައްޤު، އެ އަމަލުގެ ށިކާރައަކަށްވީ ފަރާތަށް ލިބިގެންވެއެވެ.

(ރ)   މި މާއްދާގެ (ނ) ގެ ދަށުން ހުށަހެޅޭ ށަކުވާތައް ބެލުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދު، މި ގާނޫނަށް އަމަލުކުރަން ފަށާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ނޭށަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

22 ވަނަ މާއްދާ - ރަހުނު ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުން        

(ހ) ރަހުނުކޮށްފައިވާ ނުއުފުލޭ މުދަލެއް ނިސްބަތްވާ ދަރަންޏެއް އަދާނުކުރެވިއްޖެ ހާލަތުގައި، ގާނޫނު ނަންބަރު 9/1993 (ރަހުނާބެހޭ ގާނޫނު) ގެ ދަށުން ރަހުނު ތަންފީޒުކުރުމުގެ ހައްޤު، އާންމު އުސޫލުން ރަހުނު ހިފާ ފަރާތަށް ލިބިގެންވީނަމަވެސް، މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތުގައި، މީހުން ދިރިއުޅޭ ގޯއްޗެއް ނުވަތަ އިމާރާތެއް ނުވަތަ އެނޫންވެސް އެފަދަ ތަނަކާ ގުޅޭގޮތުން އަދާކުރަންޖެހޭ ދަރަނި އަދާނުކުރެވޭ ފަރާތްތަކުގެ މައްޗަށް އެ ރަހުނު ތަންފީޒުކުރުމުގެ ގޮތުން ކުރަންޖެހޭ އެއްވެސް ކަމެއް، ރަހުނު ހިފާ ފަރާތުން ނުވަތަ އެނޫންވެސް ފަރާތަކުން ކޮށްގެންނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގައި، ރަހުނު ތަންފީޒުކުރުމުގެ ގޮތުން ކުރާ ކަންކަމުގެ މާނައިގައި ށަރީއަތަށް މައްސަލަ ހުށަހެޅުމާއި، ރަހުނާބެހޭ ގާނޫނުގައި ބަޔާންކުރާ އެނޫންވެސް އިޖުރާއަތުތައް ހިންގުން ހިމެނެއެވެ.

(ނ)   މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، މި މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ ރަހުނު ތަންފީޒުކުރުމުގެ އެއްވެސް މަރުހަލާއެއް ފަށާފައިވާނަމަ، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އެކަމެއް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތުގެ ނިޔަލަށް ވަގުތީގޮތުން ފަސްކުރެވުނީއެވެ.

 

ފަސްވަނަ ބާބު

ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން

 

23 ވަނަ މާއްދާ - ދިރިއުޅޭނެ ތަނެއް ނެތް ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުން      

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ދިރިއުޅޭނެ ތަނެއް ނެތި މަގުމަތިވެފައިވާ ފަރާތްތަކަށް، ނުވަތަ މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު އެ ހާލަތު މެދުވެރިވާ ފަރާތްތަކަށް، މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތުގެ ނިޔަލަށް ސަރުކާރުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭންވާނީ، ހަމަހަމަ އުސޫލަކުން، އަދި ސާފުތާހިރުވުމަށާއި، ފާހާނާކުރުމަށާއި ނިދުމަށާއި، ކެއިންބުއިމަށް އެކަށީގެންވާ ވަސީލަތްތައް ގާއިމުވެފައިވާ ތަނެއްގައެވެ.

(ނ)   މި މާއްދާގެ (ހ) ގެ ދަށުން ސަރުކާރުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދު، މި ގާނޫނަށް އަމަލުކުރަން ފަށާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

24 ވަނަ މާއްދާ - ކާބޯތަކެތި ހޯދޭނެ ގޮތެއް ނެތި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުން       

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ކާބޯތަކެތި ނުލިބި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ނުވަތަ މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު  އެ ހާލަތު މެދުވެރިވާ ފަރާތްތަކަށް، މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތުގެ ނިޔަލަށް ސަރުކާރުން ކާބޯތަކެތި ފޯރުކޮށްދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކާބޯތަކެތި ފޯރުކޮށްދިނުމުގައި، އަންނަނިވި އުސޫލުން އަމަލުކުރެވިދާނެއެވެ.

 1. ކާބޯތަކެތި ފޯރުކޮށްދިނުން ނުވަތަ ކާބޯތަކެތީގެ ބަދަލުގައި ފައިސާގެ އެހީ ފޯރުކޮށްދިނުން؛ އަދި
 2. ސަރުކާރުން ނުވަތަ ތިންވަނަ ފަރާތެއް މެދުވެރިކޮށް ކާބޯތަކެތި ފޯރުކޮށްދިނުން.

(ނ) މި މާއްދާގެ ދަށުން ކާބޯތަކެތި ފޯރުކޮށްދޭންވާނީ، ހަމަހަމަ އުސޫލަކުން، އަދި ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްފަހުގައެވެ.

(ރ)   މި މާއްދާގެ (ހ) ގެ ދަށުން ސަރުކާރުން ކާބޯތަކެތި ފޯރުކޮށްދިނުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދު، މި ގާނޫނަށް އަމަލުކުރަން ފަށާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

25 ވަނަ މާއްދާ - މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ފަރާތްތަކަށް ވަގުތީ ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެއްސުން       

(ހ) މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތުގައި، ގާނޫނާއި ގަވާއިދާ ހިލާފުވެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ފަރާތްތަކާއި، ކަރަންޓީން މަރުކަޒުތަކަށާއި އެކަހެރިކުރުމުގެ މަރުކަޒުތަކަށް ގެންދެވޭ ފަރާތްތަކުގެ ތެރެއިން، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހަކަށް ދޭންޖެހޭ ވަގުތީ ޑީޓޮކްސިފިކޭށަން ފަރުވާ ދެވޭނެ އިންތިޒާމު، މި ގާނޫނުގެ 26 ވަނަ މާއްދާއިން ފެށިގެން 30 ވަނަ މާއްދާގެ ނިޔަލަށްހުރި މާއްދާތަކުގައިވާ ގޮތުގެމަތިން، ނޭށަނަލް ޑްރަގް އެޖެންސީން ހަމަޖައްސަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، "މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހާ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 11 ވަނަ މާއްދާގައި އެ އިބާރާތަށް ދީފައިވާ މާނައިގައެވެ.

(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، "ޑީޓޮކްސިފިކޭށަން ފަރުވާ" ކަމަށް ބުނެފައި އެވަނީ، މަސްތުވާތަކެތި ބޭނުންކުރާ މީހާ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މިންވަރާއި މަސްތުވާތަކެތީގެ ވިހަ އޭނާގެ ހަށިގަނޑުގައާއި ހިއްސުތަކުގައި ހިފާފައިވާ މިންވަރު މާއްދީގޮތުން ކަނޑުވާލުމަށްޓަކައި، ދެވޭ ފަރުވާއަށެވެ.

(ރ)   މި މާއްދާގެ (ހ) ގެ ދަށުން ވަގުތީ ޑީޓޮކްސިފިކޭށަން ފަރުވާ ދިނުމުގެ އިންތިޒާމު ހަމަޖެއްސުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދު، މި ގާނޫނަށް އަމަލުކުރަން ފަށާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ނޭށަނަލް ޑްރަގް އެޖެންސީން އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

26 ވަނަ މާއްދާ - ފަރުވާދޭ ވަގުތީ މަރުކަޒު ކަނޑައެޅުން       

(ހ) މި ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ޑީޓޮކްސިފިކޭށަން ފަރުވާ ދޭނީ، އެކަމަށްޓަކައި ނޭށަނަލް ޑްރަގް އެޖެންސީން ކަނޑައަޅާ ފަރުވާދޭ މަރުކަޒެއް މެދުވެރިކޮށެވެ.

(ށ)   މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަރުކަޒު ހިންގައި ބަލަހައްޓާނީ، ނޭށަނަލް ޑްރަގް އެޖެންސީންނެވެ. އަދި އެ އެޖެންސީން އެދިއްޖެ ހިނދެއްގައި، އެ މަރުކަޒުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ކަންކަން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހަމަޖައްސައިދޭންވާނެއެވެ.

 

27 ވަނަ މާއްދާ - ފަރުވާ ދެވޭނެ ފަރާތްތައް   

މި ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ޑީޓޮކްސިފިކޭށަން ފަރުވާ ދެވޭނީ، އަންނަނިވި ފަރާތްތަކަށެވެ.

(ހ) ގާނޫނާއި ގަވާއިދާ ހިލާފުވެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ފަރާތްތަކާއި ކަރަންޓީން މަރުކަޒުތަކަށާއި އެކަހެރިކުރުމުގެ މަރުކަޒުތަކަށް ގެންދެވޭ ފަރާތްތަކުގެ ތެރެއިން، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ، އުމުރުން 18 (އަށާރަ) އަހަރުން މަތީގެ މީހުން؛

(ށ)   ގާނޫނާއި ގަވާއިދާ ހިލާފުވެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ފަރާތްތަކާއި ކަރަންޓީން މަރުކަޒުތަކަށާއި އެކަހެރިކުރުމުގެ މަރުކަޒުތަކަށް ގެންދެވޭ ފަރާތްތަކުގެ ތެރެއިން މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ، އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ ކުޑަކުދިން.

 

28 ވަނަ މާއްދާ - ފަރުވާގެ ޕްރޮގްރާމްތައް     

(ހ) މި ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ދެވޭ ޑީޓޮކްސިފިކޭށަން ފަރުވާއަކީ، މި ގާނޫނުގެ 26 ވަނަ މާއްދާގައި ބަޔާންކުރާ ފަރުވާދޭ މަރުކަޒެއްގައި، އަންނަނިވި ދެގޮތުންކުރެ ގޮތަކަށް ދެވޭ ފަރުވާއެއް ކަމުގައިވާންވާނެއެވެ.

 1.  ފަރުވާގެ މަރުކަޒުގައި ދެވޭ އިން-ޕޭށަންޓް ހިދުމަތެއް މެދުވެރިކޮށް؛ ނުވަތަ
 2. ފަރުވާގެ މަރުކަޒުން ހިންގާ އައުޓް-ޕޭށަންޓް ހިދުމަތެއް މެދުވެރިކޮށް.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހިންގޭ ފަރުވާގެ ޕްރޮގްރާމްތައް ވާންވާނީ، ޑީޓޮކްސިފިކޭށަން ފަރުވާ ދިނުމަށް އެކަށީގެންވާ ބައިތަކެއްގެ މައްޗަށް އެކުލެވޭ، ކަމާބެހޭ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ފަރުވާގެ ޕްރޮގްރާމްތަކެއް ކަމުގައެވެ.

(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން، އައުޓް-ޕޭށަންޓް ހިދުމަތެއްގެ ގޮތުގައި ހިންގޭ ޑީޓޮކްސިފިކޭށަން ފަރުވާގެ ޕްރޮގްރާމް ވާންވާނީ، އެ ޕްރޮގްރާމްގެ ދަށުން ފަރުވާދެވޭ ފަރާތްތައް ގަވާއިދުން މޮނިޓަރކޮށް ބެލެހެއްޓޭނެ ގޮތެއްގެމަތިން ދެވޭ ފަރުވާގެ ޕްރޮގްރާމްތަކެއް ކަމުގައެވެ.

 

29 ވަނަ މާއްދާ - ފަރުވާ ދިނުމުގެ އާންމު އުސޫލު     

(ހ) މި ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ޑީޓޮކްސިފިކޭށަން ފަރުވާ ދޭންވާނީ، ފަރުވާ ދެވޭ ފަރާތުގެ ރުހުމާއެކުގައެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ފަރުވާ ދެވޭ ފަރާތަކީ ކުޑަކުއްޖެއް ކަމުގައިވާނަމަ، އެ ކުއްޖާގެ އިތުރުން، އެ ކުއްޖާގެ ބެލެނިވެރިއެއްގެ ރުހުން ލިބިފައިއޮންނަންވާނެއެވެ.

(ނ)   މި ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ހިންގޭ ފަރުވާގެ ޕްރޮގްރާމެއްގައި އެއްވެސް ފަރާތެއް ބައިވެރިކުރަންވާނީ، މި ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން އެމީހަކު ޓެސްޓުކޮށް، އެމީހެއްގެ ހާލަތު ވަޒަންކުރުމަށް ހެދޭ އެސެސްމަންޓެއް ހެދުމަށްފަހުގައެވެ.

 

30 ވަނަ މާއްދާ - ޓެސްޓުކުރުމާއި އެސެސްމަންޓް ހެދުން       

(ހ) ޑީޓޮކްސިފިކޭށަން ފަރުވާގެ ޕްރޮގްރާމެއްގެ ދަށުން އެއްވެސް މީހަކަށް ފަރުވާ ދޭންވާނީ، އެމީހަކު މަސްތުވާތަކެއްޗަށް ޓެސްޓުކުރުމަށްފަހު، އެމީހަކު ދެވިހިފާފައިވާ މަސްތުވާއެއްޗަކީ ކޮބައިކަން ދެނެގަނެ، އެ މަސްތުވާއެއްޗެއްގެ ވިހަ އޭނާގެ ހަށިގަނޑުންނާއި ހިއްސުތަކުން މާއްދީގޮތުން ނައްތާލުމަށްޓަކައި އޭނާއަށް ދޭންޖެހޭ ބޭސް ނުވަތަ ފަރުވާއަކީ ކޮބައިކަން ދެނެގަތުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޓެސްޓު ހެދުމަށްފަހު، އަންނަނިވި ކަންކަމަށް ރިއާޔަތްކޮށް، އެމީހެއްގެ އެސެސްމަންޓެއް ހަދަންވާނެއެވެ.

 1. އޭނާ ބޭނުންކުރަމުން އައިސްފައިވާ މަސްތުވާތަކެތީގެ ބާވަތާއި އޭނާ މަސްތުވާތަކެތި ބޭނުންކުރަމުން އައިސްފައިވާ މުއްދަތު؛
 2. އޭނާގެ ކިބައިން ވިތުޑްރޯވަލްގެ އަލާމާތްތައް ފެންނަން ފަށާފައިވާ ނިސްބަތް؛
 3. އޭނާގެ ހާލަތު ބަލާނެ ފަރާތެއް ނުވަތަ ފަރާތްތަކެއް އޭނާ ދިރިއުޅޭ ތަނުގައި އުޅޭތޯ ނުވަތަ ނޫންތޯ؛
 4. ފަރުވާގެ ޕްރޮގްރާމް ފެށުމަށްފަހު އޭނާ އެހެން މަސްތުވާއެއްޗެއް ބޭނުންކުރުމުގެ އިހްތިމާލު އޮތް މިންވަރު؛
 5. ކަނޑައެޅިފައިވާ އުސޫލުން އޭނާ ގަވާއިދުން މޮނިޓަރކުރެވޭނެކަން ނުވަތަ ނޫންކަން؛
 6. އޭނާގެ ޖިސްމާނީ އަދި ނަފްސާނީ ހާލަތު.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހަދާ އެސެސްމަންޓް ވާންވާނީ، ކޮންމެ މީހެއްގެ ހާލަތު ވަކިން ދެނެގަތުމަށް ހެދޭ އެސެސްމަންޓެއް ކަމުގައެވެ.

(ރ) ޑީޓޮކްސިފިކޭށަން ފަރުވާގެ ޕްރޮގްރާމެއްގެ ދަށުން އެއްވެސް މީހަކަށް ބޭހެއް ދޭންވާނީ، ކަމާބެހޭ ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްގެ ޕްރިސްކްރިޕްށަނަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި އެފަރާތަށް ދެވޭ ބޭސް ބޭނުންކުރާ މިންވަރު މޮނިޓަރކުރެވޭނެ ގޮތެއްގެމަތިންނެވެ.

 

ހަވަނަ ބާބު

ޓެކުހާގުޅޭ ހާއްސަ އުސޫލުތައް

 

31 ވަނަ މާއްދާ - ޓެކުހަށްވާ ފައިސާ ދެއްކުން ވަގުތީގޮތުން ފަސްކުރެވުން     

(ހ) ޓެކްސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ ޓެކުހަކާ ގުޅިގެން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ފައިސާ ދެއްކުމަށް އެ ގާނޫނެއްގައި ކަނޑައަޅާފައިވާ މުއްދަތު، ސަރުކާރުން ކަނޑައަޅާ ތާރީހެއްގެ ނިޔަލަށް ވަގުތީގޮތުން ފަސްކޮށްދިނުމުގެ އިހްތިޔާރު، ސަރުކާރަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޓެކުހަށްވާ ފައިސާ ދެއްކުން ފަސްކޮށްފިނަމަ، އެފަދައިން ފަސްކުރެވޭ މުއްދަތާއި، އެ ފައިސާ އަލުން ދައްކަން ފަށާނެ މުއްދަތު، ސަރުކާރުން ކަނޑައަޅައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

32 ވަނަ މާއްދާ - ޓެކްސް ބަޔާނާއި އެހެން ލިޔެކިޔުން ހުށަހެޅުން ފަސްކުރުން      

(ހ) މި ގާނޫނުގެ 31 ވަނަ މާއްދާގެ ދަށުން އެއްވެސް ޓެކުހަކާގުޅޭ ފައިސާއެއް ދެއްކުމުގެ މުއްދަތު ފަސްކުރާނަމަ، އެކަމާ ގުޅޭގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާނާއި އެނޫންވެސް ލިޔެކިޔުން ހުށަހެޅުން އެ އޮތޯރިޓީން ފަސްކޮށްދޭންވާނެއެވެ.

(ށ)   މި ގާނޫނުގެ 31 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޓެކުހަށްވާ ފައިސާ ދެއްކުން ފަސްކޮށްދިނުމުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ހަމަޖައްސަންޖެހޭ އިދާރީ އިންތިޒާމުތައް، އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

33 ވަނަ މާއްދާ - ޓެކުހަށްވާ ފައިސާ ދެއްކުން ފަސްކުރެވުމުގެ ނަތީޖާ       

މި ބާބުގެ ދަށުން ވަކި ޓެކުހެއް ދެއްކުން ފަސްކުރެވޭ ކަމަށް ބަޔާންކުރާ ހާލަތުގައި، އެ ފަސްކުރެވެނީ އެ ޓެކުހަށްވާ ފައިސާ ދައުލަތަށް ދައްކަންޖެހޭ މުއްދަތެވެ. އަދި އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އެ ފައިސާ ދެއްކުން ފަސްކޮށްދެވޭ މުއްދަތު ހަމަވުމަށްފަހު އެ ފައިސާ އަލުން ދެއްކުމަށް ކަނޑައެޅޭ މުއްދަތުގައި ނުވަތަ ތާރީހުގައި އެ ފައިސާ ދައްކާފައިނުވާނަމަ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން އެ ފައިސާ ހޯދުމުގެ އިހްތިޔާރު ދައުލަތަށް ލިބިގެންވެއެވެ.

 

 

ހަތްވަނަ ބާބު

ށަރީއަތާއި ޓްރައިބިއުނަލްތަކާގުޅޭ ބައެއް އުސޫލުތައް

 

34 ވަނަ މާއްދާ - ށަރީއަތުގެ އަޑުއެހުން އާންމުކޮށް ހުޅުވާލުމާގުޅޭ ހާއްސަ އުސޫލުތައް ކަނޑައެޅުން        

(ހ) ކޮވިޑް-19 އާ ގުޅިގެން އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި، ދިވެހިރާއްޖޭގައި ހިންގާ ށަރީއަތްތަކާއި ޓްރައިބިއުނަލްތަކުގެ އަޑުއެހުންތަކުގެ ތެރެއިން އާންމުކޮށް ހުޅުވާލައިގެން ބާއްވަންޖެހޭ ށަރީއަތްތައް، ކަމާ ގުޅޭގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅޭނެ ގޮތެއްގެމަތިން އެފަދަ ށަރީއަތްތައް އަޑުއެހުމަށް އާންމުންނަށް ފުރުސަތު ދެވޭނެ އިންތިޒާމު، ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ހަމަޖައްސައިދޭންވާނެއެވެ.

(ށ)   މި މާއްދާގެ ބޭނުމަށްޓަކައި ކޯޓުތަކުން ކަނޑައަޅާ އުސޫލުތައް، އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

35 ވަނަ މާއްދާ - އޯޑިއޯ ނުވަތަ ވީޑިއޯ ލިންކް މެދުވެރިކޮށް ށަރީއަތްތައް ކުރިއަށްގެންދިޔުން      

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ކޮވިޑް-19 އާ ގުޅިގެން އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތްހާ ހިނދަކު، އޯޑިއޯ ނުވަތަ ވީޑިއޯ ލިންކް މެދުވެރިކޮށް ށަރީއަތްތަކާއި ޓްރައިބިއުނަލްތަކުގެ އަޑުއެހުންތައް ކުރިއަށްގެންދެވޭނެ އިންތިޒާމު ކޯޓުތަކުގައި ހަމަޖައްސަންވާނެއެވެ.

(ށ) ވަކި ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ހެކިބަސް ނަގަންވާނީ ށަރީއަތުގެ މަޖިލީހަށް ނުވަތަ މައްސަލައިގެ އަޑުއެހުމަށް ހެކިން ހާޒިރުކޮށްގެން ކަމުގައި ބަޔާންކޮށްފައިވީނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގައި ވީޑިއޯ ލިންކް މެދުވެރިކޮށް ހެކިބަސް ނެގުމުގެ އިހްތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ނުވަތަ ޓްރައިބިއުނަލްގެ މެންބަރަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އޯޑިއޯ ނުވަތަ ވީޑިއޯ ލިންކް މެދުވެރިކޮށް ށަރީއަތް ކުރިއަށްގެންދިޔުމަށް ފަނޑިޔާރު ނުވަތަ ޓްރައިބިއުނަލްގެ މެންބަރު ނިންމުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

 1.  މައްސަލައިގެ ބާވަތް؛
 2. ދިވެހިރާއްޖޭގައި ކޮވިޑް-19 ގެ ނުރައްކާ އޮތް މިންވަރު ކަމަށް ސަރުކާރުގެ ކަމާބެހޭ ފަރާތުން ބަޔާންކޮށްފައިވާ މިންވަރު؛
 3. ދިވެހިރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލްކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތައް؛
 4. އަޑުއެހުމުގައި ބައިވެރިވާންޖެހޭ ފަރާތްތަކުގައި، އޯޑިއޯ ނުވަތަ ވީޑިއޯ ލިންކް މެދުވެރިކޮށް އަޑުއެހުމުގައި ބައިވެރިވުމުގެ ގާބިލުކަން ހުރި މިންވަރު.

(ރ) މި މާއްދާގެ ދަށުން އޯޑިއޯ ނުވަތަ ވީޑިއޯ ލިންކް މެދުވެރިކޮށް ށަރީއަތްތަކާއި ޓްރައިބިއުނަލްތަކުގެ އަޑުއެހުންތައް ކުރިއަށްގެންދިޔުމަށް ނިންމައިފިނަމަ، ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި ނުވަތަ އެހެން ގާނޫނެއްގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި، ށަރީއަތުގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ބޭއްވޭނެ އިންތިޒާމު ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން ހަމަޖައްސައިދޭންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ބޭނުމަށްޓަކައި، އޯޑިއޯ ނުވަތަ ވީޑިއޯ ލިންކް މެދުވެރިކޮށް ހިންގޭ ށަރީއަތްތައް، ކަނޑައެޅޭ އުސޫލަކުން އާންމުންނަށް ފެންނާނެ ނުވަތަ އަޑުއެހޭނެ އިންތިޒާމެއް ކޯޓުތަކުން ނުވަތަ ޓްރައިބިއުނަލްތަކުން ހަމަޖައްސައިދިނުމަކީ ށަރީއަތްތައް އާންމުކޮށް ހުޅުވާލައިގެން ބޭއްވުން ކަމުގައި ބެލޭނެއެވެ.

 

36 ވަނަ މާއްދާ - އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް މައްސަލަ ހުށަހެޅުމާއި ލިޔެކިޔުން ހަވާލުކުރުން

އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ކޮވިޑް-19 އާ ގުޅިގެން އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތްހާ ހިނދަކު، ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް މައްސަލައާއި ލިޔެކިޔުން ހުށަހެޅުމުގައާއި، ހަސްމުންނާއި އެނޫންވެސް ފަރާތްތަކަށް ރައްދުކުރަންޖެހޭ ލިޔެކިޔުން ރައްދުކުރުމުގައި އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް އެކަން ކުރެވޭނެ އިންތިޒާމު ކޯޓުތަކުގައާއި ޓްރައިބިއުނަލްތަކުގައި ހަމަޖައްސަންވާނެއެވެ.

 
37 ވަނަ މާއްދާ - ގާނޫނުގައި ބަޔާންކުރާ މުއްދަތުތަކަށް ލުއިދިނުން

(ހ) ކޮވިޑް-19 އާ ގުޅިގެން އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅާ ފިޔަވަޅަކާ ގުޅިގެން އާންމުކޮށް މަސައްކަތްކުރާ ވަގުތަށް ގެނެވޭ ބަދަލެއްގެ ސަބަބުން ނުވަތަ ގޭގައި ތިބުމަށް އަންގާފައިވުމުގެ ސަބަބުން، ގާނޫނެއްގައި 10 (ދިހައެއް) ދުވަހަށްވުރެ ކުރު މުއްދަތެއްގައި ށަރީއަތަށް ވަކި މައްސަލައެއް ހުށަހަޅަންޖެހޭ ކަމަށް ބަޔާންކޮށްފައިވާނަމަ، އެކަމެއް ކުރުމަށް އިތުރު 10 (ދިހައެއް) ދުވަހުގެ މުއްދަތެއް، ކަމާބެހޭ ފަރާތަށް ލިބިގެންވެއެވެ.
 
 (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތުތަކުގެ ތެރޭގައި، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަށް ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތެއް ނުހިމެނެއެވެ.
 
(ނ) ވަކި މައްސަލައެއް ށަރީއަތަށް ހުށަހެޅުމަށް މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތަށްވުރެ ދިގު މުއްދަތެއް ގާނޫނުގައި ކަނޑައަޅާފައިވާނަމަ، އެ މުއްދަތެއްގެ ތެރޭގައި އެކަން ކުރުމަށް އިސްކަންދޭންވާނެއެވެ. އެހެންނަމަވެސް، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތުމުގެ ސަބަބުން، އެ މުއްދަތު ހަމަވުމުގެ ކުރިން ވަކި މައްސަލައެއް ށަރީއަތަށް ހުށަނޭޅޭނެ ކަމަށް ކަމާބެހޭ ފަރާތަށް ފެނިއްޖެނަމަ، ކޯޓުގެ ހުއްދައާއެކު އެ މުއްދަތު އިތުރުކުރުމުގެ އިހްތިޔާރު އެފަރާތަކަށް ލިބިގެންވެއެވެ.

 
38 ވަނަ މާއްދާ - ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ގަވާއިދުތައް އިސްލާހުކުރުމާއި އުސޫލުތައް އެކުލަވާލުން     

(ހ) މި ބާބުގެ ބޭނުމަށްޓަކައި، ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ގަވާއިދުތަކުގައި، މައްސަލަ ހުށަހެޅުމާ ގުޅޭގޮތުންނާއި، މީހުން ހާޒިރުކުރުމާ ގުޅޭގޮތުންނާއި ށަރީއަތްތަކާއި މައްސަލައިގެ އަޑުއެހުންތައް ހިންގުމާ ގުޅޭގޮތުންނާއި، ލިޔެކިޔުން ރައްދުކުރުމުގައި އަމަލުކުރެވޭ އުސޫލުތައް، ކަމާގުޅޭ ނިސްބަތަށް ވަގުތީ ގޮތުން އިސްލާހުކުރުމާއި، އަލަށް އެކުލަވާލަންޖެހޭ އުސޫލުތައް އެކުލަވާލުމުގެ އިހްތިޔާރު ކޯޓުތަކަށާއި ޓްރައިބިއުނަލްތަކަށް ލިބިގެންވެއެވެ.

(ށ) މި ބާބުގެ ބޭނުމަށްޓަކައި އިސްލާހުކުރަންޖެހޭ ގަވާއިދުތަކާއި އެކުލަވާލަންޖެހޭ އުސޫލުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި އެކުލަވާލައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

އަށްވަނަ ބާބު

ދައުލަތް ހިންގުމާގުޅޭ އުސޫލުތައް

 

39 ވަނަ މާއްދާ - ހާޒިރުގައި ކުރުމަށް ލާޒިމުކުރާ ކަންކަން އޯޑިއޯ ނުވަތަ ވީޑިއޯ ލިންކް މެދުވެރިކޮށް ކުރުން

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ދައުލަތުގެ ކަމާބެހޭ ފަރާތެއްގެ ހާޒިރުގައި ކުރުމަށް ގާނޫނަކުން ލާޒިމުކުރާ ކަމެއް، މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތުގައި، އޯޑިއޯ ނުވަތަ ވީޑިއޯ ލިންކް މެދުވެރިކޮށް ކުރުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

(ށ)   މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުސޫލާ އެއްގޮތަށް ކަންކަން ހަމަޖައްސާނީ، ކަމާބެހޭ ދައުލަތުގެ އިދާރާއިން އާންމުކޮށް ށާއިއުކުރާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

40 ވަނަ މާއްދާ - އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ލިޔެކިޔުން ދޫކުރުމާއި ރައްދުކުރުން

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ދައުލަތުގެ އިދާރާއަކުން އެއްވެސް ފަރާތަކަށް ދޫކުރަންޖެހޭ ލިޔުމެއް، މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތުގައި، އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ދޫކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ލިޔުން ދޫކުރާނީ، ކަމާބެހޭ ގާނޫނެއް ނުވަތަ ގަވާއިދެއްގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައިވީނަމަވެސް، އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް އެ ލިޔުން ދޫކުރުމަށް އެ ލިޔުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ނ) އެހެން ގާނޫނެއްގައި ނުވަތަ އެއްބަސްވުމެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ދައުލަތުގެ އިދާރާއަކުން ޕޯސްޓުގެ ޒަރީއާއިން ނުވަތަ އަތުން އަތަށް އެއްވެސް ފަރާތަކަށް ރައްދުކުރަންޖެހޭ ލިޔުމެއް، މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތުގައި، އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ރައްދުކުރެވިދާނެއެވެ.

 

41 ވަނަ މާއްދާ - އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ލިޔެކިޔުން ހުށަހެޅުން     

(ހ) ދައުލަތުގެ އިދާރާއަކުން ފޯރުކޮށްދޭ ހިދުމަތެއް ހޯދުމަށްޓަކައި ނުވަތަ އެނޫންވެސް ސަބަބަކަށްޓަކައި ދައުލަތުގެ އިދާރާއަކަށް އެއްވެސް ފަރާތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުން، މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތުގައި، އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުސޫލާ އެއްގޮތަށް ކަންކަން ހަމަޖައްސާނީ، ކަމާބެހޭ ދައުލަތުގެ އިދާރާއިން އާންމުކޮށް ށާއިއުކުރާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

42 ވަނަ މާއްދާ - މާލީ ހިސާބުތައް ހުށަހެޅުމާއި އޮޑިޓްކުރުން

(ހ) ދައުލަތުގެ އިދާރާއަކުން ނުވަތަ ބޭންކަކުން ނުވަތަ ބޭންކް-ނޫން މާލީ އިދާރާއަކުން ނުވަތަ ގާނޫނީ ށަހްސަކުން ނުވަތަ ގާނޫނަކުން ލާޒިމުކުރާ އެނޫންވެސް ފަރާތަކުން ހުށަހަޅަންޖެހޭ މާލީ ހިސާބެއް ނުވަތަ އަހަރީ ރިޕޯޓެއް ހުށަހެޅުމަށް ކަމާބެހޭ ގާނޫނަކުން ލާޒިމުކޮށްފައިވާ މުއްދަތު ނުވަތަ ތާރީހު މެދުވެރިވަނީ، މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ކަމުގައިވާނަމަ، އެކަން ކުރުމަށް އެ ގާނޫނަކުން ކަނޑައެޅިފައިވާ މުއްދަތަށް ނުވަތަ ތާރީހަށް އަމަލުކުރުން، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު މެދުކެނޑުނީއެވެ.

(ށ) ދައުލަތުގެ އިދާރާއަކުން ނުވަތަ ބޭންކަކުން ނުވަތަ ބޭންކް-ނޫން މާލީ އިދާރާއަކުން ކުރަންޖެހޭ އޮޑިޓެއް ކުރުމަށް ކަމާބެހޭ ގާނޫނަކުން ލާޒިމުކޮށްފައިވާ މުއްދަތު ނުވަތަ ތާރީހު މެދުވެރިވަނީ، މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ކަމުގައިވާނަމަ، އެކަން ކުރުމަށް އެ ގާނޫނަކުން ކަނޑައެޅިފައިވާ މުއްދަތަށް ނުވަތަ ތާރީހަށް އަމަލުކުރުން،  މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު މެދުކެނޑުނީއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ފަސްކުރެވެނީ މާލީ ހިސާބު ނުވަތަ އަހަރީ ރިޕޯޓު ހުށަހެޅުމަށް ކަމާބެހޭ ގާނޫނަކުން ކަނޑައެޅިފައިވާ މުއްދަތެއްނަމަ،  އެ މާއްދާގެ ބޭނުމަށްޓަކައި އެ މުއްދަތު ގުނުން މެދުކެނޑިފައިވަނީ،  12 މާރިޗު 2020 އިން ފެށިގެން، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެންނަ ތާރީހުގެ ނިޔަލަށް ކަމުގައި ބެލޭނެއެވެ. އަދި އަލުން އެ މުއްދަތު ގުނަން ފަށާނީ، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެންނަ ތާރީހުން ފެށިގެންނެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ފަސްކުރެވެނީ ވަކި ކަމެއް ކުރުމަށް ކަނޑައެޅިފައިވާ ތާރީހެއް ކަމުގައިވާނަމަ، އެކަން ކުރުމަށް އަލުން ކަނޑައެޅޭ ތާރީހު ކަމުގައިވާނީ، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެންނަ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަސް ހަމަވާ ތާރީހަށެވެ.

(ބ) މި މާއްދާގެ (ށ) ގެ ދަށުން އޮޑިޓްކުރުމަށް ކަނޑައެޅިފައިވާ މުއްދަތެއް ނުވަތަ ތާރީހެއް ފަސްކުރެވިއްޖެނަމަ، އެކަން ކުރުމަށް އަލުން ކަނޑައެޅޭ ތާރީހު ކަމުގައިވާނީ، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެންނަ ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަސް ހަމަވާ ތާރީހަށެވެ.

(ޅ) މި މާއްދާގެ (ބ) އެހެން އޮތްނަމަވެސް، ވަކި އިދާރާއަކާ ގުޅިގެން ފުރިހަމަކުރަންޖެހޭ އޮޑިޓެއްގެ މަސައްކަތް، މި މާއްދާގެ (ބ) ގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ފުރިހަމަކުރެވެން ނެތްނަމަ، ސަބަބު ބަޔާންކުރުމާއެކު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައި، އެ ކޮމިޓީގެ ހުއްދައާއެކު އެ މުއްދަތު އިތުރުކުރެވިދާނެއެވެ.

(ކ)   މި މާއްދާގެ (ޅ) ގައި ބަޔާންކުރާ ފަދައިން މުއްދަތު އިތުރުކުރެވޭނީ، ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ މުއްދަތަށެވެ.

 

43 ވަނަ މާއްދާ - ވަކި މުއްދަތެއްގެ ތެރޭގައި ކުރުން ލާޒިމު ކަންކަން ފަސްކުރެވުން     

(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ވަކި ގާނޫނެއްގައި ވަކި ކަމެއް ކުރުމަށް މުއްދަތެއް ނުވަތަ ތާރީހެއް ކަނޑައެޅިފައިވާ ހާލަތުގައި، އަދި އެ ގާނޫނެއްގައި ބަޔާންކުރާ މުއްދަތު ނުވަތަ ތާރީހު ދިމާވަނީ، މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތާ ކަމުގައިވާނަމަ، އެކަން ކުރުމަށް އެ ގާނޫނަކުން ކަނޑައެޅިފައިވާ މުއްދަތަށް ނުވަތަ ތާރީހަށް އަމަލުކުރުން، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު މެދުކެނޑުނީއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން، ވަކި ކަމެއް ކުރުމަށް އޮންނަ ތާރީހު ނުވަތަ މުއްދަތު ފަސްކޮށްދެވޭ ކަންކަމުގެ ތެރޭގައި އަންނަނިވި ކަންކަމެއް ނުހިމެނެއެވެ.

 1. ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަށް ކަމާބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުތައް؛
 2. ކުށުގެ ތުހުމަތުގައިވާ ފަރާތްތަކަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ ގާނޫނުގެ ދަށުން ދޭންޖެހޭ މުއްދަތުތައް؛
 3. އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުޑަކުދިން ދައުލަތަށް ނެގުމަށްފަހު ށަރީއަތަށް ހުށަހަޅަންޖެހޭ މައްސަލަތައް؛
 4. ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި ކުއްޔާއި ފީ ދެއްކުމަށް ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުތައް.

(ނ) މި މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، ދައުލަތަށް ދައްކަންޖެހޭ ޓެކުހެއް ނުވަތަ ކުއްޔެއް ނުވަތަ ފީއެއް ދެއްކުމުގައި މި ގާނޫނުގެ 31 ވަނަ މާއްދާގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ދޭންޖެހޭ ލުޔެއް ދިނުމަށް ދައުލަތަށް ލިބިދޭ އިހްތިޔާރު ބޭނުންކުރުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ފަސްކުރެވެނީ ވަކި ކަމެއް ކުރުމަށް ކަނޑައެޅިފައިވާ މުއްދަތެއްނަމަ، އެ މުއްދަތު އަލުން ގުނަން ފަށާނީ، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެންނަ ތާރީހުން ފެށިގެންނެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ފަސްކުރެވެނީ ވަކި ކަމެއް ކުރުމަށް ކަނޑައެޅިފައިވާ ތާރީހެއްނަމަ، އެކަން ކުރުމަށް އަލުން ކަނޑައެޅޭ ތާރީހު ކަމުގައިވާނީ، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެންނަ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަސް ހަމަވާ ތާރީހަށެވެ.

(ޅ) މި މާއްދާގެ (ރ) އާއި (ބ) އެހެންއޮތްނަމަވެސް، އެ ދެ އަކުރުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި، މި މާއްދާގެ (ހ) ގެ ދަށުން ފަސްކޮށްދެވޭ އިލްތިޒާމު އަދާނުކުރެވޭނެ ކަމަށް، ކަމާބެހޭ ގާނޫނު ތަންފީޒުކުރާ އިދާރާއަށް ފެނިއްޖެނަމަ، އެ މުއްދަތު، ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހަށްވުރެ އިތުރުނުވާނެ ފަދައިން އިތުރުކޮށްދިނުމުގެ އިހްތިޔާރު، އެ އިދާރާއަކަށް ލިބިގެންވެއެވެ.

 

ނުވަވަނަ ބާބު

ގާނޫނު ތަންފީޒުކުރުމަށް ހާއްސަ ފިޔަވަޅުތައް އެޅުން

 

44 ވަނަ މާއްދާ - ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުންތަކާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން      

(ހ) ކޮވިޑް-19 އާ ގުޅިގެން އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތްހާ ހިނދަކު، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުންތަކާ ހިލާފުވާ ފަރާތްތަކާމެދު އަންނަނިވި ފިޔަވަޅުތައް އެޅުމުގެ އިހްތިޔާރު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވެއެވެ.

 1. ގާނޫނު ނަންބަރު 7/2012 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުމާ ހިލާފުވާ ފަރާތަކީ އަމިއްލަ ފަރުދެއްނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، 1,000 (އެއްހާސް) ރުފިޔާއާއި، 10,000 (ދިހަހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛
 2. އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުމާ ހިލާފުވާ ފަރާތަކީ ގާނޫނީ ށަހްސެއްނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، 5,000 (ފަސްހާސް) ރުފިޔާއާއި  100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.

(ށ)   މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފިޔަވަޅުތައް، ނުވަތަ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކުރާ އެނޫންވެސް ފިޔަވަޅެއް ތަންފީޒުކޮށްދިނުމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ފުލުހުންނަށް އެންގިދާނެއެވެ.

 

45 ވަނަ މާއްދާ - ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުންތައް ތަންފީޒުކުރުމުގައި ފުލުހުންގެ އެހީތެރިކަން ހޯދުން      

(ހ) މި ގާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުންތައް ތަންފީޒުކުރުމަށް ފުލުހުން ހަރަކާތްތެރިވުމުގައި، އަންނަނިވި ބާރުތައް ފުލުހުންނަށް ލިބިގެންވެއެވެ.

 1.  އެންގުމާ ހިލާފުވާ ފަރާތްތައް އެ އެންގުމާ އެއްގޮތަށް އަމަލުކުރަން އެންގުން؛
 2. އެންގުމާ ހިލާފަށް ތަނެއްގައި އެއްވެއުޅޭނަމަ، އެއްވުން ރޫޅާލުން؛
 3. އެންގުމާ ހިލާފުވާ ފަރާތްތައް ވަގުތުން މި ގާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޖޫރިމަނާކުރުން؛
 4. މި އަކުރުގެ (1) ވަނަ ނަންބަރުގެ ދަށުން އަންގާ އެންގުމާ އެއްގޮތަށް އަމަލުނުކުރާ ފަރާތްތައް ހައްޔަރުކުރުން.

(ށ) މި މާއްދާގެ ދަށުން ފުލުހުން ފިޔަވަޅު އެޅުމުގައި، އެއްވެސް މީހެއްގެ ގަޔަށް އަތްލައި، ނުވަތަ ހިފަހައްޓައި ނުވަތަ ހައްޔަރުކުރަންވާނީ، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 5/2008 (ފުލުހުންގެ ގާނޫނު) އާއި، އެނޫންވެސް ކަމާބެހޭ ގާނޫނުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ ގާނޫނުތަކުގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައެވެ.

(ނ) މި މާއްދާގެ ދަށުން ފުލުހުން އަޅާ ފިޔަވަޅުތައް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަވާއިދުން އަންގަމުން ދިޔުމުގެ އިތުރުން، އެ ފިޔަވަޅުތަކުގެ މައުލޫމާތު، ލިޔެ ބަލަހައްޓަންވާނެއެވެ.

 

ދިހަވަނަ ބާބު

އެހެނިހެން ކަންކަން

 

46 ވަނަ މާއްދާ - ގަވާއިދު ހެދުން       

މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ، އަންނަނިވި ދައުލަތުގެ އިދާރާތަކުންނެވެ.

(ހ) ބޯހިޔާވަހިކަމާގުޅޭ ކަންކަމުގައި މިނިސްޓްރީ އޮފް ނޭށަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން؛

(ށ) ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ދައުލަތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އުސޫލުތައް ކަނޑައެޅުމުގައި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯށަލް ސަރވިސަސްއިން؛

(ނ) ޓެކުހާއި ދައުލަތުގެ މާލިއްޔާއާގުޅޭ ކަންކަމުގައި، މިނިސްޓްރީ އޮފް ފިނޭންސްއިން؛

(ރ) އޮޑިޓާގުޅޭ ކަންކަމުގައި، އޮޑިޓް އޮފީހުން؛

(ބ) ށަރީއަތްތަކާއި ޓްރައިބިއުނަލްތަކުގެ އަޑުއެހުންތަކާގުޅޭ ކަންކަމުގައި ކަމާބެހޭ ޓްރައިބިއުނަލްތަކާއި ކޯޓުތަކުން؛

(ޅ) ވަޒީފާ އަދާކުރާ ފަރާތެއްގެ ހައްޤަކަށް އުނިކަމެއް ލިބޭފަދަ ކަންކަމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން.

 

47 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން           

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

48 ވަނަ މާއްދާ - މާނަކުރުން             

މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގައި ބޭނުންކޮށްފައިވާ އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފްޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިއެވާ މާނަކުރުމެވެ.

(ހ) "ކޮވިޑް-19" ކަމަށް ބުނެފައި އެވަނީ، ސިވިއަރ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (SARS-CoV-2) އިން ޖެހޭ ބަލި ކަމުގައިވާ ކޮރޯނާވައިރަސް ޑިޒީޒް (COVID-19) އަށެވެ.

(ށ) "ކޮވިޑް-19 އާ ގުޅިގެން އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 7/2012 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން 12 މާރިޗު 2020 ގައި އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތަށެވެ.

(ނ) "ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި އިއުލާންކުރާ އެނޫންވެސް ކުއްލި ނުރައްކަލުގެ ނުވަތަ ކާރިސާގެ ހާލަތެއް" ކަމަށް ބުނެފައި އެވަނީ، ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން އިއުލާންކުރާ ކުއްލި ނުރައްކަލުގެ ހާލަތަށް ނުވަތަ ގާނޫނު ނަންބަރު 28/2015 (ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު) ގެ  7 ވަނަ މާއްދާގެ ދަށުން އިއުލާންކުރާ ކާރިސާގެ ހާލަތަށެވެ.

 

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާއި އުސޫލު

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހާއްސަ ޗުއްޓީ ދިނުމުގެ ގަވާއިދު 2020 (ގަވާއިދު ނަންބަރު 96/2020)

ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި އަމަލުކުރާނެ ހާއްސަ އުސޫލު (އުސޫލު – 6 އޮކްޓޫބަރު 2020)

                                         

 

 

ގެޒެޓު ކުރެވުނު ގޮތް

ކިޔުންތެރިންގެ ޚިޔާލު

Please login below to comment.
Login via Twitter.com