-

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހާއްސަ ޗުއްޓީ ދިނުމުގެ ގަވާއިދު 2020

(ގަވާއިދު ނަންބަރު 96/2020)

1 ވަނަ މާއްދާ - ތައާރަފު

(ހ) މި ގަވާއިދަކީ، ދިވެހި ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް، ގާނޫނު ނަންބަރު 20/2020 (އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ގާނޫނު 2020) ގައިވާ ގޮތުގެ މަތިން ދެވޭ ހާއްސަ ޗުއްޓީތައް ދިނުމުގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދެވެ.

(ށ) މިި ގަވާއިދަށް ކިޔާނީ، "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހާއްސަ ޗުއްޓީ ދިނުމުގެ ގަވާއިދު 2020 "އެވެ.

 

2 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުމުގެ މުއްދަތު

މިި ގަވާއިދަށް އަމަލުކުރާނީ، ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު، ނުވަތަ ގާނޫނު ނަންބަރު 20/2020 (އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ގާނޫނު 2020) ތަސްދީގުކޮށް، އެ ގާނޫނަށްއަމަލުކުރަން ފެށުމަށްފަހު، ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި އިއުލާނުކުރާ އެ ނޫން ވެސް ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާގެ ހާލަތެއް ނިމުމަކަށް ގެންނަތާ 60 (ފަސްދޮޅަސް) ދުވަސް ހަމަވާ ތާރީހުގެ ނިޔަލަށެވެ.

 

3 ވަނަ މާއްދާ - ކަރަންޓީނުގައި ހުންނަންޖެހޭ ހާ ލަތުގައި ހާއްސަ ޗުއްޓީ ހަމަޖައްސައިދިނުން

ދިިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން، ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ހާއްސަ ޗުއްޓީ ހަމަޖައްސައިދިނުމުގައި އަމަލުކުރާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

(ހ) ދިިވެހިރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ފަހު، އަނބުރާ އައުމުގެ ސަބަބުން ނުވަތަ ދިވެހިރާއްޖޭގެ ވަކި ރަށެއްގައި ހުރުމަށް ފަހު، އެ ރަށް ދޫކޮށްދިއުމުގެ ސަބަބުން ކަރަންޓީނު މަރުކަޒެއްގައި ނުވަތަ ގޭގައި ނުވަތަ އެ ނޫން ވެސް ތަނެއްގައިކަރަންޓީނު ވާންޖެހޭ މުވައްޒަފުންނަށް، އެ މުއްދަތަށް މި ޗުއްޓީ ދޭންވާނެއެވެ.

(ށ) ކޮވިޑް-19 އަށް ށައްކުކުރެވޭ އަލާމާތެއް ފެނިގެން ކަރަންޓީނު މަރުކަޒެއްގައި ނުވަތަ ގޭގައި ނުވަތަ އެ ނޫން ވެސް ތަނެއްގައި ތިބެންޖެހޭ މުވައްޒަފުންނަށް އެ މުއްދަތަށް މި ޗުއްޓީ ދޭންވާނެއެވެ.

(ނ) މި މާއްދާގައިވާ ޗުއްޓީ ހަމަޖެއްސުމުގައި ކޮވިޑް-19 އަށް ށައްކުކުރެވޭ އަލާމާތެއް ފެނުނުކަމުގައި ބަލާނީ، އެ ފަދަ އަލާމާތެއް ހުރިކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން ދޫކުރާ ލިޔުމެއް މުވައްޒަފު ހުށަހަޅައިފައިވާ ނަމައެވެ. ނަމަވެސް މުވައްޒަފުގެ ބަލި ހާލަތު ހުރިގޮތުން އޭނާ އޮފީހަށް ނުކުންނަން އުޒުރުވެރިވާ ހާ ލަތުގައި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 188 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ސަލާމުގެ ޗުއްޓީ ނެގިދާނެއެވެ.

(ރ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ އިތުރުން، މުވައްޒަފުގެ ކަރަންޓީނު ނިމުނު ކަމުގައިވީ ނަމަވެސް، ކަރަންޓީނު ވެފައިވާ މުވައްޒަފަކު ނުވަތަ ތަނެއްގައި މަޑުކުރަން ޖެހިފައިވާ މުވައްޒަފަކު ރަށުން އައުމުގައި ހުރަސްތަކެއް ކުރިމަތިވެއްޖެ ނަމަ، ނުވަތަ ކަރަންޓީނު ކުރުމާ ގުޅިގެން ނުވަތަ ތަނެއްގައި މަޑުކުރަން ޖެހުމާ ގުޅިގެން ވަޒީފާ އަދާކުރާ އިދާރާއަށް ނުކުތުމަށް އެކަށީގެންވާ ހުރަހެއް އޮތްކަމުގައިވާ ނަމަ، އެ ކަންކަމަށް ރިއާޔަތްކޮށް ފައި މި ޗުއްޓީގެ މުއްދަތު އިތުރުކުރެވިދާނެއެވެ. 

 

4 ވަނަ މާއްދާ - ދަތުރުފަތުރާ ގުޅިގެން އަޅާ ހާއްސަ ފިޔަވަޅުތަކުގެ ސަބަބުން ވަޒީފާއަށް ދިއުމަށް ހުރަސްއެޅޭ ފަރާތްތަކަށް ޗުއްޓީ ހަމަޖައްސައިދިނުން

(ހ) ކޮޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި، ވަޒީފާ އަދާކުރާ ފަރާތެއް ދިރިއުޅޭ ރަށް ނޫން އެހެން ރަށެއްގައި އެ ފަރާތެއް ހުރި ވަގުތެއްގައި ދަތުރުފަތުރު ކުރުމާ ގުޅޭގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަޅާ ފިޔަވަޅަކާ ގުޅިގެން އެ މުވައްޒަފަކު ވަޒީފާއަށް ނުކުންނަންޖެހޭ ތާރީހަށް އޭނާ ވަޒީފާ އަދާކުރާ ރަށަށް އަނބުރާ ދެވެން ނެތް ހާލަތެއް މެދުވެރިވެއްޖެ ނަމަ، އޭނާ ވަޒީފާއަށް ހާޒިރުނުވެ ހުންނަންޖެހުނު މުއްދަތަށް ހާއްސަ ޗުއްޓީ ހަމަޖައްސަންވާނެއެވެ. 

(ށ) މިި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަޅާ ފިޔަވަޅެއްގެ ސަބަބުން، އޭނާ ހުރި ރަށަކުން އެހެން ތަނަކަށް ދަތުރުނުކުރެވި ހުންނަންޖެހުނުކަން، މުވައްޒަފު ވަޒީފާ އަދާކުރާ އިދާރާއިން ކަނޑައަޅައިފައިވާ ގޮތެއްގެ މަތިން އަންގަންވާނެއެވެ. އަދި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން އެ ފިޔަވަޅަކާ ގުޅިގެން ނެރެފައިވާ އެންގުމެއް ނުވަތަ ދޫކޮށްފައިވާ ލިޔުމެއް އިދާރާއަށް ހުށަހަޅަންވާނެއެވެ. 

 

5 ވަނަ މާއްދާ - ބައްޔަށް ޕޮޒިޓިވްވާ ފަރާތްތަކަށް ސަލާމުގެ ޗުއްޓީ ހަމަޖައްސައިދިނުން

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މުވައްޒަފުން، އެކެހެރިކުރުމުގެ މަރުކަޒެއްގައި ނުވަތަ ގޭގައި ހުންނަން ޖެހިއްޖެ ނަމަ ނުވަތަ އެ ބައްޔަށް ފަރުވާ ހޯދަން ސިއްހީ ފަރުވާދޭ ތަނެއްގައި ހުންނަން ޖެހިއްޖެ ނަމަ، އެ މުއްދަތަށް މި ގަވާއިދުގެ ދަށުން ސަލާމުގެ ހާއްސަ ޗުއްޓީ ހަމަޖައްސައިދޭންވާނެއެވެ.

 

6 ވަނަ މާއްދާ - އާއިލީ ޒިންމާގެ ޗުއްޓީ ހަމަޖައްސައިދިނުން

(ހ) ސިިވިލް ސަރވިސްގެ މުވައްޒަފެއްގެ އާއިލާގެ މެންބަރަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ނަމަ، އަދި އެ އާއިލާގެ މެންބަރަކީ ސީދާ އޭނާ ބެލުން ހަވާލުވެފައިވާ ފަރާތެއް ނަމަ، އަދި އެ ބައްޔަށް ފަރުވާ ހޯދަންޖެހެނީ ގޭގައި މަޑުކޮށްގެން ނަމަ، އޭނާގެ އާއިލާގެ މެންބަރު އެ ބައްޔަށް ފަރުވާ ހޯދުމަށް ހޭދަވާ މުއްދަތުގައި އާއިލީ ޒިންމާގެ ހާއްސަ ޗުއްޓީ ހަމަޖައްސައިދޭންވާނެއެވެ.

(ށ) މިި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، ބައްޔަށް ފަރުވާ ހޯދަމުންދާ އާއިލާގެ މެންބަރު ހުންނަންޖެހެނީ އެކެހެރިކުރުމުގެ މަރުކަޒެއްގައި ނުވަތަ ސިއްހީ ފަރުވާދޭ މަރުކަޒެއްގައި ކަމުގައި ވެފައި، އެ ފަދަ ތަނެއްގައި އޭނާއާއެކު މުވައްޒަފު ހުންނަންޖެހޭ ހާލަތުގައި ވެސް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޗުއްޓީ ހަމަޖައްސައިދޭންވާނެއެވެ. 

 

7 ވަނަ މާއްދާ - ޗުއްޓީ ހަމަޖައްސައިދިނުމަށް އެދި ހުށަހެޅުން

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ޗުއްޓީތަކުގައި މުވައްޒަފުން ތިބެންވާނީ، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން، އެ ޗުއްޓީގައި މުވައްޒަފު ހުރިކަން ފޯނުގެ ޒަރީއާއިން ނުވަތަ އެސް.އެމް.އެސް ނުވަތަ އީ-މެއިލް ފަދަ ޒަރީއާއަކުން އެ ކަން އެންގުމަށްފަހުގައެވެ. އަދި މި ގަވާއިދުގައިބަޔާންކޮށްފައިވާ ޗުއްޓީ ތައް ހަމަޖައްސައިދޭންވާނީ، ގާނޫނު ނަންބަރު 7/2012 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން ދޫކުރާ ލިޔުމެއް، މުވައްޒަފު ވަޒީފާ އަދާކުރާ އިދާރާއިން ކަނޑައަޅާ ގޮތެއްގެ މަތިން ހުށަހެޅުމުންނެވެ. އަދި އިދާރާއިން މި އިންތިޒާމު ހަމަޖައްސަންވާނީ މުވައްޒަފަށް ފަސޭހައިން ހުށަހެޅޭ ގޮތެއްގެ މަތިންނެވެ.

(ށ) ސަލާމުގެ ހާއްސަ ޗުއްޓީ ހަމަޖެހޭނީ، ކޮވިޑް-19 އަށް ޕޮޒިޓިވްވާ ފަރާތްތައް ފަރުވާ ހޯދުމަށްފަހު، ގާނޫނު ނަންބަރު 7/2012 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން ދޫކުރާ ލިޔުމެއް ނުވަތަ ސިއްހީ ފަރުވާދޭ ތަނެއްގައި އެ ބައްޔަށް ފަރުވާ ހޯދިކަމުގެ ލިޔުން އިދާރާއަށް ހުށަހެޅުމުންނެވެ.

(ނ) އާއިލީ ޒިންމާގެ ހާއްސަ ޗުއްޓީ ހަމަޖެހޭނީ، މުވައްޒަފުގެ އާއިލާގެ މެންބަރު ބައްޔަށް ޕޮޒިޓިވްވެފައިވާކަމާއި، އޭނާ އެ ބައްޔަށް ފަރުވާ ހޯދުމަށް ގޭގައި ނުވަތަ އެނޫން ތަނެއްގައި މަޑުކުރަން ޖެހޭކަން ބަޔާންކޮށް، ގާނޫނު ނަންބަރު 7/2012 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ދޫކުރާ ލިޔުމެއް، ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން ދޫކުރާ ލިޔުމެއް، މުވައްޒަފު އިދާރާއަށް ހުށަހެޅުމުންނެވެ. 

 

8 ވަނަ މާއްދާ - ޗުއްޓީގައި މުސާރައާއި އިނާޔަތްތައް ދިނުމާއި، މުއްދަތު ގުނުން

(ހ) މިި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ޗުއްޓީ ހަމަޖެހޭ މުވައްޒަފުންނަށް، އެ މުވައްޒަފުން އަހަރީ ޗުއްޓީގައި ހުންނަ މުއްދަތުގައި މުސާރައާއި އިނާޔަތްތައް ލިބޭ ފަދައިން، މުސާރައާއި އިނާޔަތްތައް ދޭންވާނެއެވެ. 

(ށ) މި ގަވާއިދުގެ ދަށުން މުއްދަތު ގުނަންވާނީ، ބަންދު ދުވަސްތައް ހިމެނޭ ގޮތަށް ގާނޫނު ނަންބަރު 7/2012 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ދޫކުރާ ލިޔުން ނުވަތަ ސިއްހީ ފަރުވާދޭ ތަނެއްގައި ކޮވިޑް-19 އަށް ފަރުވާ ހޯދިކަމުގެ ލިޔުމުގައި ބަޔާންކޮށްފައިވާ މުއްދަތަށެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތްކަމުގައި ވީ ނަމަވެސް، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން ޗުއްޓީ އިތުރުކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ރ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ޗުއްޓީތަކުގެ ތެރެއިން، އެއް ބާވަތުގެ ޗުއްޓީއަށް ވުރެ ގިނަ ބާވަތުގެ ޗުއްޓީއެއް މުވައްޒަފަށް ހައްގުވާ ނަމަ، އެ ހުރިހާ ޗުއްޓީއެއް ދޭންވާނެއެވެ. އަދި މި ގަވާއިދުގެ ދަށުން ދެވޭ ޗުއްޓީތައް ދޭންވާނީ، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) ގައި މުވައްޒަފަށް ހައްގުވާ އެއްވެސް ޗުއްޓީއަކުން އުނި ނުވާގޮތަށް، އޭގެ އިތުރުން ދެވޭ ހާއްސަ ޗުއްޓީއެއްގެ ގޮތުގައެވެ. 

 

މައި ގާނޫނު

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ގާނޫނު (ގާނޫނު ނަންބަރު 20/2020)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު