-

ޖިނާއީ އިޖްރާއަތުގެ ގާނޫނު

(ގާނޫނު ނަންބަރު 2016-12)

 

އެއްވަނަ ބައި

އިބްތިދާއީ މާއްދާތައް

 

އެއްވަނަ ބާބު

ތައާރުފާއި މަގްސަދު
 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި ޖިނާއީ ކުށްކުށް ތަޙްޤީޤުކުރުމާއި، ޖިނާއީ ކުށްކުށުގެ ދަޢުވާ އުފުލުމާއި، އެފަދަ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

(ށ) މި ޤާނޫނަށް ކިޔާނީ، "ޖިނާއީ އިޖުރާއަތުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގާނޫނުގެ މަޤްޞަދުތައް، ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ޙައްޤުތަކަށް އުނިކަން ނާންނާނެ ގޮތެއްގެމަތިން ޖިނާއީ ކުށުގެ ތަޙްޤީޤުތައް ކުރިއަށްގެންދިޔުމަށް މަގުފަހިކުރުމާއި، އެފަދަ ތަޙްޤީޤުތައް، ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށްގެންދިޔުމަށް ބޭނުންވާ އުސޫލުތައް ކަނޑައެޅުން؛

(ށ) ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ޙައްޤުތަކަށް އުނިކަން ނާންނާނެ ގޮތެއްގެމަތިން ޖިނާއީ ކުށުގެ ދަޢުވާ އުފުލުމަށް ބާރުއެޅުމާއި، އެފަދަ ދަޢުވާތައް، ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށްގެންދިޔުމަށް ބޭނުންވާ އުސޫލުތައް ކަނޑައެޅުން؛

(ނ) ޖިނާއީ މައްސަލަތަކުގެ ޝަރީޢަތްތައް ވީހާވެސް އިންޞާފުވެރިކޮށް، އަދި އެކަށީގެންވާ އަވަސް މިނެއްގައި ހިންގުމަށްޓަކައި ބޭނުންވާ އުސޫލުތައް ކަނޑައެޅުން..

 

3 ވަނަ މާއްދާގާނޫނު އެމައްޗަށް އެކުލެވިގެންވާ ބައިތައް

މި ގާނޫނު އެކުލެވިގެންވަނީ، އަންނަނިވި ބައިތަކުގެ މައްޗަށެވެ.

(ހ) އިބަތިދާއީ ބައި: ފެށުމުގެ މާއްދާތަކާއި، ގާނޫނުގެ މަޤްޞަދުތަކާއި، ގާނޫނުގައި އެކުލެވޭ މަފްހޫމްތަކުގެ ރަދީފު؛

(ށ) ތަޙްޤީޤް މަރުޙަލާ: ޖިނާއީ ކުށްތަކާ ގުޅިގެން މައްސަލަ ހުށަހެޅުމާއި، މީހުން ހުއްޓުވައި ބަލައި ފާސްކުރުމާއި ހައްޔަރުކުރުމުގައި ގާނޫނު ތަންފީޛުކުރާ އިދާރާތަކުން ޢަމަލުކުރަންޖެހޭ އުސޫލުތަކާއި، ޖިނާއީ ކުށްކުށް ތަޙްޤީޤުކުރުމާ ގުޅޭގޮތުން ގާނޫނު ތަންފީޛުކުރާ އިދާރާތަކަށް ލިބިދޭ ބާރުތަކާއި، އެފަދަ ކުށްކުށް އެ އިދާރާތަކުން ޢަމަލުކުރަންޖެހޭ އެނޫންވެސް އުސޫލުތައް؛

(ނ) ދަޢުވާކުރުމުގެ މަރުޙަލާ: ދަޢުވާކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި، ދަޢުވާ ނުކޮށް ދޫކޮށްލެވޭނެ ޙާލަތްތަކާއި، އުފުލިފައިވާ ދަޢުވާއެއް އަނބުރާ ގެންދެވޭނެ ޙާލަތްތަކާއި، އެކަންކަން ކުރުމުގައި ޢަމަލުކުރަންވީ އުސޫލުތައް؛

(ރ) ޝަރީޢަތުގެ ކުރީގެ މަރުޙަލާ: ޝަރީޢަތުގެ އިބްތިދާއީ އަޑުއެހުމާގުޅޭ އުސޫލުތަކާއި، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމާބެހޭ އުސޫލުތައް؛ 

(ބ) ޝަރީޢަތުގެ މަރުޙަލާ: ޝަރީޢަތަށް ހުށަހެޅޭ މައްސަލަތައް ހިންގުމުގެ އުސޫލުތަކާއި، ހެކި ހުށަހެޅުމާއި ހެކީން ހާޒިރުކުރުމާގުޅޭ އިޖުރާއަތުތަކާއި، ޙުކުމްކުރުމާއި އަދަބު ކަނޑައެޅުމާގުޅޭ އުސޫލުތައް؛

(ޅ) ޝަރީޢަތުގެ ފަހުގެ މަރުޙަލާ: ޛުކުމް ތަންފީޒުކުރުމާގުޅޭ އުސޫލުތަކާއި، އިސްތިއުނާފްކުރުމާގުޅޭ އުސޫލުތައް؛

(ކ) ޢާންމު ބައި؛ ޢާންމު ޖިނާއީ އިޖުރާއަތުތަކާއި، ޤާނޫނަށް ޢަމަލުކުރަން ފެށުމާގުޅޭ އުސޫލުތަކާއި، ގާނޫނުގައި އެކުލެވޭ ލަފްޒުތަކާއި އިބާރާތްތަކުގެ މާނަކުރުން.

 

4 ވަނަ މާއްދާ – ޖިނާއީ ކުށުގެ ދައުވާ އުފުލުން

ޖިނާއީ ކޮންމެ މައްސަލައެއްވެސް ޝަރީޢަތަށް ހުށަހަޅާންވާނީ ދައުލަތުން ކުރާ ދައުވާއެއްގެ ގޮތުގައެވެ. ޖިނާއީ މައްސަލަތަކުގައި ދައުލަތުގެ ނަމުގައި ދަޢުވާކުރާނީ، ޕްރޮސިކިއުޓަރ ޖެނެރަލްއެވެ.

 

5 ވަނަ މާއްދާ – ޖިނާއީ ކުށް ތަހްގީގުކުރުން

(ހ) ދައުލަތުން ކުރާ ކޮންމެ ޖިނާއީ ދަޢުވާއެއްގައި އެކުލެވިގެންވާ ކުށުގެ މައްސަލަ، އެކަށީގެންވާ މިންވަރަކަށް ތަޙްޤީޤުކުރެވިފައި އޮންނަންވާނެއެވެ.

(ށ) ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމުގެ ބާރު ލިބިގެންވަނީ، ގާނޫނު ތަންފީޛުކުރާ އިދާރާތަކަށެވެ.

 

6 ވަނަ މާއްދާ – ޖިނާއީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓުތައް

(ހ) ޖިނާއީ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ އަންނަނިވި ކޯޓުތަކަށެވެ.

  1. އަންނަނިވ ސުޕީރިއަރ ކޯތުތައް؛
    (i) ކްރިމިނަލް ކޯޓު؛
    (ii) ޖުވެނައިލް ކޯޓު؛
    (iii) ޖިނާއީ މައްސަލަ ބެލުމުގެ އިޚްތިޞާޞް ޤާނޫނަކުން ދީ، ސުޕީރިއަރ ކޯޓުގެ ދަރަޖައިގައި އުފައްދާފައިވާ ޚާއްޞަ ކޯޓުތައް.
  2. މެޖިސްޓްރޭޓް ކޯޓުތައް
  3. ފުރަތަމަ މަރުޙަލާގައި ޖިނާއީ މައްސަލަ ބެލުމުގެ އިޚްތިޞާޞް ޤާނޫނަކުން ދީފައިވާ އެނޫންވެސް ކޯޓުތައް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ  ކޯޓުތަކަށް ޖިނާއީ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ، ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގައި ނުވަތަ އެހެން ޤާނޫނެއްގައި އެ ކޯޓުތަކަށް ކަނޑައެޅިފައިވާ އިޚްތިޞާޞްގެ ދާއިރާގެ ތެރޭގައެވެ. އަދި އެއިން އެއްވެސް ކޯޓަކަށް ލިބިދީފައިވާ އިޚްތިޞާޞްގެ ދާއިރާ ޤާނޫނަކުން ހަނިކޮށްފައިވާނަމަ، އެ ކޯޓަކަށް އެ އިޚްތިޞާޞް ލިބިގެންވާނީ، އެ ޤާނޫނަކުން އެ އިޚްތިޞާޞް ހަނިކޮށްފައިވާ މިންވަރަކަށް ކަމުގައި މި ގާނޫނުގެ ބޭނުމަށްޓަކައި ބެލޭނެއެވެ.

(ނ) މެޖިސްޓްރޭޓް ކޯޓަކުން ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާ މައްސަލަތަކުގެ ދަޢުވާ ހުށަހަޅާނީ، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން އެ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށެވެ.

(ރ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ޖިނާއީ ކުށުގެ ޢަމަލު ހިނގި ރަށެއްގައިވާ، ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި، ނުވަތަ ދަޢުވާ ލިބޭ މީހާ ދިރިއުޅޭ ރަށެއްގައިވާ، ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި، އެ ކުށުގެ ދަޢުވާ އުފުލުމުގެ ޙައްޤު، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

(ބ) ޖިނާއީ މައްސަލަތައް އިސްތިއުނާފު މަރުޙަލާގައި ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ، ހައި ކޯޓަށާއި ސުޕްރީމް ކޯޓަށެވެ.

 

 

ދެވަނަ ބާބު

މަފްހޫމްތަކުގެ ރަދީފު

7 ވަނަ މާއްދާ - މަފްހޫމްތަކުގެ އަސާސް

މި ގާނޫނުގައި ބަޔާންކޮށްފައިވާ މަފްހޫމުތައް މި ބާބުގައި ބަޔާންކޮށްފައި އެވަނީ، މި ގާނޫނުގެ އަސްލު އެގޮތުގައި ދެމެހެއްޓުމަށާއި، މި ގާނޫނުގެ މަޤްޞަދު އެންމެ ފުޅާމިނުގައި ޙާޞިލުކުރުމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ. މި ގާނޫނުގެ ހަމަ ކޮންމެ މާއްދާއެއްވެސް ކިޔަންވާނީ، އެ މަފްހޫމުތަކަށް ހަނިކަމެއް ނާންނާނެ ގޮތުގެމަތިންނެވެ.

 

8 ވަނަ މާއްދާ - ހުކުމްކުރުން

"ޙުކުމްކުރުން" ކަމަށް ބުނެފައި އެވަނީ، ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކުން ޖިނާއީ ދަޢުވާއެއްގެ ޝަރީޢަތް ހިންގުމަށްފަހު، އެ ދަޢުވާގައި ބަޔާންކުރާ ކުށް، ދަޢުވާ ލިބޭ މީހާގެ މައްޗަށް ސާބިތުވާކަމަށް ނުވަތަ ސާބިތުނުވާކަމަށް ކަނޑައަޅައި، މި ގާނޫނުގެ 154 ވަނަ މާއްދާގެ ދަށުން ކުރާ ޙުކުމަށެވެ.

 

9 ވަނަ މާއްދާ - ކުށުގެ ތުހުމަތުގައިވާ މީހާ

"ކުށުގެ ތުހުމަތުގައިވާ މީހާ" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށެއް ކުރިކަމުގެ ތުހުމަތުކުރެވިގެން އެ މީހަކާ ދެކޮޅަށް މި ގާނޫނުގެ ދަށުން ތަޙްޤީޤު ހިންގެމުންދާ ނުވަތަ ހިންގާފައިވާ، އެހެންނަމަވެސް އެ ކުށުގެ ދަޢުވާ އުފުލިފައިނުވާ ނުވަތަ ދަޢުވާ އުފުލިފައިވީނަމަވެސް، ކުށް ސާބިތުވެފައިނުވާ މީހާއަށެވެ.

 

10 ވަނަ މާއްދާ - ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓް

"ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓު" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ދަޢުވާއެއް ލިބިގެންވާ ކޯޓު ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކަމަށް މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ކޮންމެ ކޯޓަކަށެވެ.

 

11 ވަނަ މާއްދާ - އިބްތިދާއީ އަޑުއެހުން

"އިބްތިދާއީ އަޑުއެހުން" ކަމަށް ބުނެފައި އެވަނީ، ކުށުގެ ތުހުމަތުކުރެވިފައިވާ މީހާގެ މައްޗަށް ކުރެވިފައިވާ ދަޢުވާ އޭނާއަށް ސާފުވެފައިވޭތޯ ބެލުމަށާއި، ދަޢުވާއަށް އޭނާ ޖަވާބުދާރީވާ ގޮތެއް ބެލުމަށާއި، ދަޢުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ބަލައި، މައްސަލައިގެ ކުރިއަށްހުރި އަޑުއެހުންތައް ރާވައި ތާވަލުކުރުމަށްޓަކައި، ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަށް ހުށަހެޅޭ ކޮންމެ މައްސަލައެއްގައި ބާއްވާ އިބްތިދާއީ އަޑުއެހުމަށެވެ.

 

12 ވަނަ މާއްދާ - އަވަސްނިޔާއިން މައްސަލަ ބެލުން

"އަވަސްނިޔާއިން މައްސަލަ ބެލުން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ މައްސަލައެއްގެ ބެލުން އިބްތިދާއީ އަޑުއެހުމުގައި ދަޢުވާ ލިބޭ މީހާ ކުށަށް އިޢުތިރާފުވާ ޙާލަތުގައި، އޭނާގެ މައްޗަށް ޙުކުމްކުރުމަށްޓަކައި މި ގާނޫނުގެ 162 ވަނަ މާއްދާގެ ދަށުން ޝަރީޢަތް ހިންގުމަށެވެ.

 

13 ވަނަ މާއްދާ - އިސްތިއުނާފުކުރުން

"އިސްތިއުނާފުކުރުން" ކަމަށް ބުނެފައި އެވަނީ، ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކުން ޖިނާއީ ދަޢުވާއެއްގެ ޝަރީޢަތް ހިންގުމަށްފަހު، އެ ދަޢުވާގައި ބަޔާންކުރާ ކުށް، ދަޢުވާ ލިބޭ މީހާގެ މައްޗަށް ސާބިތުވާކަމަށް ނުވަތަ ސާބިތުނުވާކަމަށް ކަނޑައަޅައި، ކުރާ ޙުކުމް، މައްސަލައިގައި ހިމެނޭ ފަރާތަކުން ހައިކޯޓުގައި އިސްތިއުނާފުކުރުމަށެވެ. ނުވަތަ ދަށު ކޯޓުގެ ޙުކުމް އިސްތިއުނާފުކުރުމުން ހައިކޯޓުން އެ މައްސަލަ ބަލައި ކަނޑައަޅާ ޙުކުމް، އެއިން ފަރާތަކުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށެވެ.

 

14 ވަނަ މާއްދާ - މައްސަލަ ބާތިލުކުރުން

"މައްސަލަ ބާޠިލުކުރުން" ކަމަށް ބުނެފައި އެވަނީ، ދަޢުވާ ލިބޭ މީހާގެ މައްޗަށް ކުރެވިފައިވާ ދަޢުވާ އޭނާއަށް ސާފުވެފައިވޭތޯ ބެލުމަށާއި، ދަޢުވާއަށް އޭނާ ޖަވާބުދާރީވާ ގޮތެއް ބެލުމަށާއި، ދަޢުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ބެލުމަށްފަހު، އެ ދަޢުވާއައިގެން ކުރިއަށްދާނެ ތަނެއް ނެތްކަމަށް ފެންނަ ޙާލަތުގައި އެ ދަޢުވާ ކުރިއަށްގެންދެވެން ނެތް ކަމަށް ކަނޑައަޅައި މައްސަލަ ބާޠިލުކުރާ ކުރުމަށެވެ.

 

15 ވަނަ މާއްދާ - ދައުލަތް

"ދައުލަތް" ކަމަށް ބުނެފައި އެވަނީ، ޖިނާއީ މައްސަލައެއްގެ ދަޢުވާ އުފުލާ ޙާލަތުގައި އެ ދަޢުވާއާ ގުޅޭގޮތުންނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްއަށެވެ. އެނޫން ޙާލަތެއްގައި، ދައުލަތުގެ ކަމާބެހޭ އިދާރާއަކަށް ނުވަތަ ފަރާތަކަށެވެ.

 

16 ވަނަ މާއްދާ - ދައުވާކުރުން

"ދަޢުވާކުރުން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށެއް ކުރިކަމުގެ ތުހުމަތުކުރެވޭ މީހަކު އެ ކުށް ކުރިކަމަށް ޤަބޫލުކުރުމުގައި އެކަށީގެންވާ ހެކި ލިބިފައިވާ ޙާލަތުގައި، ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް އުފުލާ ޖިނާއީ ދަޢުވާއަށެވެ.

 

17 ވަނަ މާއްދާ - ދައުވާ ލިބޭ މީހާ

"ދަޢުވާ ލިބޭ މީހާ" ކަމަށް ބުނެފައި އެވަނީ، ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި ޖިނާއީ ކުށެއްގެ ދަޢުވާ އެ މީހަކާމެދު އުފުލިފައިވާ ކޮންމެ މީހަކަށެވެ.

 

18 ވަނަ މާއްދާ - ގާނޫނު ތަންފީޒުކުރާ އިދާރާ

"ގާނޫނު ތަންފީޛުކުރާ އިދާރާ" ކަމަށް ބުނެފައި އެވަނީ، ފުލުހުން ނުވަތަ ޖިނާއީ ކުށްކުށް އިދާރާ ތަޙްޤީޤުކުރުމުގެ ބާރު، ގާނޫނުއަސާސީންނާއި ގާނޫނުން ލިބިދީފައިވާ ކޮންމެ ފަރާތަކަށެވެ.

 

19 ވަނަ މާއްދާ - ށަރީއަތުގެ މަޖިލިސް

"ޝަރީޢަތުގެ މަޖިލިސް" ކަމަށް ބުނެފައި އެވަނީ، ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި ފަނޑިޔާރެއްގެ ކުރިމަތީގައި ބޭއްވޭ ކޮންމެ އަޑުއެހުމަކަށެވެ. އޭގެ ތެރޭގައި، ކުށުގެ ތުހުމަތުގައިވާ މީހާ ހައްޔަރުކުރުމަށްފަހު ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކޮށް، ބޭއްވޭ އަޑުއެހުމާއި، އިބްތިދާއީ އަޑުއެހުމާއި، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާގުޅޭ އަޑުއެހުންތަކާއި، މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ހިމެނެއެވެ.

 

20 ވަނަ މާއްދާ – ށަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން

"ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ މައްސަލައެއްގެ އިބްތިދާއީ އަޑުއެހުމުގައި ދަޢުވާ ލިބޭ މީހާ ދަޢުވާއަށް އިންކާރުކުރާ ޙާލަތުގައި، އެ ދަޢުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ބެލުމަށްފަހު، ދަޢުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްނަމަ، މައްސަލައިގެ ޝަރީޢަތް ހިންގުމަށް ފަނޑިޔާރު ނިންމައި، ޝަރީޢަތުގައި މަޢުޟޫޢީގޮތުން ބެލުމަކާ ނުލައި އެއާމެދު ގޮތެއް ނިންމޭނެ ދިފާޢެއް، ނުވަތަ އިޢުތިރާޟެއް، ނުވަތަ އެނޫންވެސް ހުށަހެޅުމެއް ޝަރީޢަތުގެ ކުރިން ހުށަހެޅުމަށްޓަކައި މައްސަލައިގައި ހިމެނޭ ދެ ފަރާތަށް ދެވޭ ފުރުޞަތުގައި ހުށަހެޅޭ ހުށަހެޅުންތަކަށެވެ.

 

21 ވަނަ މާއްދާ - ށަރީއަތް ހިންގުން

"ޝަރީޢަތް ހިންގުން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ މައްސަލައެއްގެ އިބްތިދާއީ އަޑުއެހުމުގައި ދަޢުވާ ލިބޭ މީހާ ދަޢުވާއަށް އިންކާރުކުރާ ޙާލަތުގައި، އެ ދަޢުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ބެލުމަށްފަހު، ދަޢުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްނަމަ، މައްސަލައިގެ ޝަރީޢަތް ހިންގުމަށް ފަނޑިޔާރު ނިންމައި، ހިންގާ ޝަރީޢަތަށެވެ.

 

22 ވަނަ މާއްދާ - ޖިނާއީ ބޮޑެތި ކުށް

"ޖިނާއީ ބޮޑު ކުށެއް" ކަމުގައި ބުނެފައި އެވަނީ، އަންނަނިވި ކުށްތަކުގެ ތެރެއިން ކުށަކަށެވެ.

(ހ) މީހުން މެރުމުގެ ކުށް؛

(ށ) އިންތިޒާމުވެގެން ހިންގާ ބޮޑެތި ޖިނާއީ ކުށް؛

(ނ) ޓެރަރިޒަމްގެ ކުށް؛

(ރ) މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށް؛

(ބ) މީހުން ޓްރެފިކްކުރުމުގެ ކުށް؛

(ޅ) މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް؛

(ކ) ވައްކަން، ޓެކުން، ޚިޔާނަތްތެރިވުމާއި، މަކަރާއި ޙީލަތް އަދި ފޭރުމުގެ ކުށްކުށުގެ ތެރެއިން 100,000 (އެއްލައްކަ) ރުފިޔާއިން ފެށިގެން މަތީގެ މައްސަލަތައް؛

(އ) ކޮރަޕްޝަންގެ ކުށް؛

(ވ) ގޭންގު ކުށް؛

(މ) މީހެއްގެ ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ނުވަތަ ހިއްސެއް ނެތިދާފަދަ ގޮތަކަށް މާރާމާރީ ހިންގުން؛

(ފ) ދައުލަތުގެ އިސްތިޤުލާލާއި މިނިވަންކަމަށް ގެއްލުންވާ ޢަމަލު ހިންގުން.

 

ދެވަނަ ބައި

ތަހްގީގު މަރުހަލާ

 

ތިންވަނަ ބާބު

މައްސަލަ ހުށަހެޅުން

23 ވަނަ މާއްދާ - މައްސަލަ ހުށަހަޅަންޖެހޭ އިދާރާ

(ހ) މީހަކު ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރާކަމުގެ ނުވަތަ ކުށެއް ކުރަން އުޅޭކަމުގެ އިދާރާ މަޢުލޫމާތު ލިބޭ ކޮންމެ ފަރާތަކަށްވެސް، އެ ކުށާގުޅޭ މައްސަލަތައް ތަޙްޤީޤުކުރުމުގެ ބާރު ލިބިފައިވާ އިދާރާއަކަށް އެ މައްސަލަ ހުށަހެޅިދާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ތަޙްޤީޤުކުރާ އިދާރާއަކަށް މައްސަލަ ހުށަހެޅުމުން، އެ އިދާރާއިން އެ މައްސަލަ ބަލައިނުގެންފިނަމަ ނުވަތަ މައްސަލައިގެ ތަޙްޤީޤު އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންގޮސްފައިނުވާކަމަށް މައްސަލަ ހުށަހެޅި ފަރާތަށް ޤަބޫލުކުރެވޭނަމަ، އެކަމުގެ ޝަކުވާ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެފަދަ ޝަކުވާއެއް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅިއްޖެނަމަ ނުވަތަ އެނޫންވެސް ގޮތަކުން މީހަކު ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރާ ކަމުގެ ނުވަތަ ކުށެއް ކުރަން އުޅޭކަމުގެ މަޢުލޫމާތު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިއްޖެނަމަ، އެކަން ތަޙްޤީޤުކުރުމަށް ތަޙްޤީޤުކުރާ އިދާރާއަށް އަމުރު ކުރުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށްލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މީހަކު ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރާކަމުގެ ނުވަތަ ކުށެއް ކުރަން އުޅޭކަމުގެ މަޢުލޫމާތު އެއްވެސް ފަރާތަކުން ހުށަނޭޅިނަމަވެސް، ޖިނާއީ ކުށެއް ކޮށްފިކަން ނުވަތަ ކުރާކަން ނުވަތަ ކުރަންއުޅޭކަމަށް އެފަދަ މައްސަލަތައް ތަޙްޤީޤުކުރުމުގެ ބާރު ލިބިފައިވާ އިދާރާއަކަށް ތުހުމަތުކުރެވުމުން ނުވަތަ އެނގުމުން، އެ އިދާރާގެ އިސްނެގުމުގެ މަތިން، އެ މައްސަލައެއް ބެލުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

24 ވަނަ މާއްދާ - މައްސަލަ ހުށަހަޅަންވާ ގޮތް

(ހ) މި ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ތަޙްޤީޤުކުރާ އިދާރާއަކަށް މައްސަލަ ހުށަހަޅާއިރު، އެ މައްސަލައެއް ހުށަހަޅާ ފަރާތަށް އެނގުނު މިންވަރަކުން، އަންނަނިވި މަޢުލޫމާތު އެ އިދާރާއަކަށް ދޭންވާނެއެވެ.

  1. މައްސަލަ ހުށަހަޅާ ފަރާތުގެ ކާކުކަން އަންގައިދޭ މަޢުލޫމާތު؛
  2. މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ މަޢުލޫމާތު؛
  3. ކުށެއް ކުރިކަން ނުވަތަ ކުށެއް ކުރަމުންދާކަން ނުވަތަ ނުވަތަ ކުށެއް ކުރަން އުޅޭކަމަށް ޤަބޫލުކުރާ ސަބަބުތައް؛
  4.  ކުށް ކުރި ކަމަށް ނުވަތަ ކުރަން އުޅޭކަމަށް ބެލެވޭ ތާރީޚް؛
  5. މައްސަލަ ހިނގި ނުވަތަ ހިނގާ ތަން ނުވަތަ ހިނގާނެ ކަމަށް ބެލެވޭ ތަން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، މީހަކު ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރާކަން ނުވަތަ ކުށެއް ކުރަން އުޅޭކަމުގެ މަޢުލޫމާތު ތަޙްޤީޤުކުރާ އިދާރާއަށް ދޭ ފަރާތަކީ ކޮން ފަރާތެއްކަން އޭނާ ހާމަކުރަން ބޭނުންނުވާނަމަ، އެ މަޢުލޫމާތު ދިނުން ލާޒިމެއް ނޫނެވެ. އަދި އެ ފަރާތެއްގެ މަޢުލޫމާތު ތަޙްޤީޤުކުރާ އިދާރާއަށް ދިންނަމަވެސް، އެ މަޢުލޫމާތު ސިއްރުކުރަން އޭނާ އެދެފިނަމަ އެ އިދާރާއިން އެކަން ސިއްރުކުރަންވާނެއެވެ. 

(ނ) ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމުގެ ޤާނޫނީ ބާރު ލިބިފައިވާ ކޮންމެ ފަރާތަކުންވެސް އެ ފަރާތަށް މައްސަލަ ހުށަހެޅޭނެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދެއް، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދަންވާނެއެވެ.

 

25 ވަނަ މާއްދާމައްސަލަ ރަޖިސްޓަރީކުރިކަމުގެ ލިޔުން ދޫކުރުން

މި ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަޙްޤީޤުކުރާ އިދާރާއަކަށް މައްސަލައެއް ހުށަހެޅުމުން، އެ މައްސަލައާ ގުޅޭގޮތުން މައްސަލަ ހުށަހަޅާ ފަރާތުން ދޭ މަޢުލޫމާތު ރެކޯޑުކުރުމަށްފަހު، އެ މައްސަލަ އެތަނުގައި ރަޖިސްޓަރީކުރިކަމުގެ ލިޔުމެއް މައްސަލަ ހުށަހެޅި ފަރާތަށް ދޭންވާނެއެވެ.

 

26 ވަނަ މާއްދާމައްސަލަ ނިމުނުގޮތް އެނގުން

(ހ) މި ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަޙްޤީޤުކުރާ އިދާރާއަކަށް ހުށަހެޅޭ މައްސަލަތައް ރަޖިސްޓަރީކުރުމަށްފަހު، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އެ މައްސަލައާމެދު ޢަމަލުކުރެވިދާނެއެވެ.

  1. ކުށް ކުރި ކަމަށް ބުނާ މީހާ އެކަން ކުރި ކަމަށް ބެލުމުގައި އެކަށީގެންވާ ސަބަބު ހުރި ކަމަށްވާނަމަ، އެ މައްސަލަ ތަޙްޤީޤުކުރުން؛ ނުވަތަ
  2. ކުށެއް ކުރާ ކަމަށް ނުވަތަ ކޮށްފާނެ ކަމަށް ބެލެވޭ މީހާ އެކަން ކުރި ކަމަށް ނުވަތަ ކޮށްފާނެ ކަމަށް ބެލުމުގައި އެކަށީގެންވާ ސަބަބު ހުރި ކަމަށްވާނަމަ، އެ މައްސަލަ ތަޙްޤީޤުކުރުން؛ ނުވަތަ
  3. ކުށް ކުރި ކަމަށް ބުނާ މީހާ އެކަން ކުރި ކަމަށް ބެލުމަށް އެކަށީގެންވާ ސަބަބު ނެތްނަމަ، އިތުރަށް އެ މައްސަލައިގެ ތަޙްޤީޤު ކުރިއަށް ނުގެންދިއުން؛ ނުވަތަ
  4. ކުށެއް ކުރާ ކަމަށް ނުވަތަ ކޮށްފާނެ ކަމަށް ބެލެވޭ މީހާ އެކަން ކުރާ ކަމަށް ނުވަތަ ކޮށްފާނެ ކަމަށް ބެލުމުގައި އެކަށީގެންވާ ސަބަބު ނެތްނަމަ، އިތުރަށް އެ މައްސަލައިގެ ތަޙްޤީޤު ކުރިއަށް ނުގެންދިއުން.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މައްސަލައަކާމެދު ގޮތެއް ނިންމުމަށްފަހު، އެ މައްސަލައެއް ހުށަހެޅި ފަރާތަށް ލިޔުމުން އެކަން އަންގަންވާނެއެވެ.

 

 

ހަތަރުވަނަ ބާބު

ތަންތަނާއި މުދާ ބަލައި ފާސްކުރުމާއި މުދާ ހިފެހެއްޓުން

27 ވަނަ މާއްދާ - ތަންތަނާއި މުދާ ބަލައި ފާސްކުރުމުގެ ބާރު

(ހ) މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ތަންތަނާއި މުދާ ބަލައި ފާސްކުރުމުގެ ފާސްކުރުމުގެ ބާރު އިޚްތިޔާރު، ގާނޫނު ތަންފީޛުކުރާ އިދާރާތަކަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ތަންތަނާއި މުދާ ބަލައި ފާސްކުރުމުގެއިޚްތިޔާރު ލިބިގެންވަނީ، ޤާނޫނަކުން ކަނޑައެޅިގެން އެ ބާރު ލިބިދޭ ގާނޫނު ތަންފީޛުކުރާ އިދާރާތަކަށެވެ.

 

28 ވަނަ މާއްދާ -އާންމު ތަންތަނަށް ވަނުން

އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، ގާނޫނު ތަންފީޛުކުރާ އިދާރާއަކުން ތަޙްޤީޤުކުރަމުންދާ ޖިނާއީ ކުށަކާ ގުޅިގެން ޢާންމު ތަނަކަށް ވަންނަންޖެހިއްޖެނަމަ، ކޯޓު އަމުރަކާ ނުލައި، އެތަނަކަށް ވަނުމުގެ ބާރު، ލިބިގެންވަނީ ފުލުހުންނަށެވެ.

 

29 ވަނަ މާއްދާ - އަމިއްލަ ތަންތަނަށް ވަނުން

(ހ) އެހެން ޤާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ގާނޫނު ތަންފީޛުކުރާ އިދާރާއަކުން ތަޙްޤީޤުކުރަމުންދާ ޖިނާއީ ކުށަކާ ގުޅިގެން އަމިއްލަ ތަނަކަށް ވަންނަންޖެހިއްޖެނަމަ، މި މާއްދާގެ (ށ) ގައި ބަޔާންވެގެންވާ ޙާލަތްތަކުގައި ފިޔަވައި، އެތަނަކަށް، އެތަނެއްގެ ވެރިފަރާތުގެ ރުހުމަކާ ނުލައި ވަދެވޭނީ، ކޯޓު އަމުރަކާ އެކުގައެވެ.

(ށ) އަންނަނިވި ޙާލަތްތަކުގައި، އަންނަނިވި ކަންކަން ކުރުމަށްޓަކައި، ކޯޓު އަމުރަކާ ނުލައި، އަމިއްލަ ތަނަކަށް ވަނުމާއި އެކަންކަން ކުރަން އެކަށޭނަ މިންވަރެއްގެ ވަގުތަކަށް އެތަނެއްގައި މަޑުކުރުމުގެ، ނުވަތަ ތިބުމުގެ ބާރު، ގާނޫނު ތަންފީޛުކުރާ އިދާރާގެ އޮފިސަރުންނަށް ލިބިގެންވެއެވެ.

  1. ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ލިބިދޭ ޙާލަތުގައި ހުރި މީހަކު ހައްޔަރުކުރުމަށް؛
  2. ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ ބާރު ލިބިގެންވާ މީހަކު ހައްޔަރުކުރުމަށް؛
  3. ކުށެއް ކުރިކަމަށް ބެލެވޭ މީހަކު ހައްޔަރުކުރުމަށްޓަކައި އޭނާ ފަހާ ދަނިކޮށް އޭނާ އަމިއްލަ ތަނަކަށް ވަދެއްޖެ ޙާލަތެއްގައި، އޭނާ ހޯދުމަށް އެތަނަކަށް ވަނުމަށް.

(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތްނަމަވެސް، އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، މީހަކު ހައްޔަރުކުރުމަށްޓަކައި އަމިއްލަ ތަނަކަށް ވަދެވޭނީ ހަމައެކަނި ފުލުހުންނަށެވެ.

(ރ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ޙާލަތުގައި އަމިއްލަ ތަނަކަށް ފުލުހުންނަށް ވަދެވޭނީ، ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިދޭ ޙާލަތުގައި ހުރި މީހަކު އެތަނެއްގައި ވާކަމަށް އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް، ފުލުހުންނަށް ޤަބޫލުކުރެވުމާއެކު، އެ ހެކީގެ މައްޗަށް ބިނާކޮށް ސަބް އިންސްޕެކްޓަރ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ ފުލުހެއްގެ ހުއްދަ ލިބިގެންނެވެ.

(ބ) މި މާއްދާގެ (ށ)، (ނ) އަދި (ރ) އެހެން އޮތްނަމަވެސް، މީހެއްގެ ފުރާނައަށް ނުވަތަ މީހެއްގެ މުދަލަކަށް ލިބިދާނެ ގެއްލުމަކުން އެ މީހަކު ނުވަތަ އެ މުދަލެއް ސަލާމަތްކުރުމަށްޓަކައި އަމިއްލަ ތަނަކަށް ވަނުމަށް އެއްވެސް ފަރާތަކަށް ލިބިދޭ ޙައްޤަކަށް، ނުވަތަ ޤާނޫނީގޮތުން ޙަވާލުކުރުމުގެ ބާރު ލިބިގެންވާ ލިޔުމެއް ނުވަތަ އަމުރެއް ޙަވާލުކުރުމަށް ނުވަތަ ރައްދުކުރުމަށް އަމިއްލަ ތަނަކަށް ވަނުމަށް ގާނޫނު ތަންފީޛުކުރާ އިދާރާއަކަށް ލިބިދޭ ބާރަކަށް އެއްވެސް ހަނިކަމެއް ނާންނާނެއެވެ.

(ޅ) ކޯޓު އަމުރަކާ ނުލައި އަމިއްލަ ތަނަކަށް ވަނުމަށް މި މާއްދާގެ ދަށުން ގާނޫނު ތަންފީޛުކުރާ އިދާރާއަކަށް ލިބިދޭ ބާރެއްގެ ބޭނުން ހިފުމުގައި، އެތަނަކަށް އެ އިދާރާއެއްގެ އޮފިސަރަކު ވަނީ ކޮން މަޤްޞަދެއްގައި ކަމާމެދު އެތަނުގެ ވެރިފަރާތުން ސުވާލުކޮށްފިނަމަ، އޭނާ އެތަނަށް ވަނީ، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ޙާލަތްތަކުގެ ތެރެއިން ކޮން ޙާލަތެއްގައިކަން ސާފުކޮށްދޭންވާނެއެވެ.

(ކ) ކޯޓު އަމުރަކާ ނުލައި އަމިއްލަ ތަނަކަށް ވަނުމުން އުފެދޭ މައްސަލައެއްގައި، އެތަނަށް ވަތް ވަނުން ބިނާކުރި އެކަށީގެންވާ ސަބަބަކީ ކޮބައިކަން ސާބިތުކޮށްދިނުމަކީ، ގާނޫނު ތަންފީޛުކުރާ އިދާރާގެ ޒިންމާއެކެވެ.

(އ) ކޯޓު އަމުރަކާ ނުލައި އަމިއްލަ ތަނަކަށް ވަތްނަމަވެސް، އަމިއްލަ ތަނެއް ބަލައި ފާސްކުރެވޭނީ، މި ގާނޫނުގެ 31 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.

 

30 ވަނަ މާއްދާއާންމު ތަންތަން ބަލައި ފާސްކުރުން

(ހ) ކޯޓު އަމުރަކާ ނުލައި، މި މާއްދާގައިވާ ގޮތުގެމަތިން ޢާންމު ތަންތަން ބަލައި ފާސްކުރުމުގެ ބާރު، ގާނޫނު ތަންފީޛުކުރާ އިދާރާތަކަށް ލިބިގެންވެއެވެ. 

(ށ) މި މާއްދާގެ (ހ) އިން ގާނޫނު ތަންފީޛުކުރާ އިދާރާތަކަށް ލިބިދޭ ބާރުގެ ތެރޭގައި، އަންނަނިވި ކަންކަން ކުރުމުގެ ބާރުވެސް، އެ އިދާރާތަކަށް ލިބިގެންވެއެވެ.

  1. އެތަނެއް ބަލައި ފާސްކުރުމަށްޓަކައި، އެތަނުގައި ތިބެންޖެހޭނެކަމަށް އެ އިދާރާއަކުން ކަނޑައަޅާ ވަގުތެއް ވަންދެން އެތަނެއްގައި ތިބުން؛
  2. ކުށެއްގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ޤަބޫލުކުރެވޭ އެއްޗެއް ފެނޭތޯ އެތަނެއް ހޯދުން؛
  3. ކުށެއްގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ޤަބޫލުކުރެވޭ އެއްޗެއް ފެނިއްޖެނަމަ، އެ އެއްޗެއް އެ އިދާރާއެއްގެ ބެލުމުގެ ދަށަށް ގެންދިއުން؛
  4. ޢާންމު ތަނެއްގައި ހުރި މީހެއް ކުށެއް ކުރަނިކޮށް ފެނިއްޖެ ހިނދެއްގައި، ނުވަތަ މީހަކު ކުށެއް ކޮށްފިކަމަށް، ނުވަތަ އެ ވަގުތަކު އެ އުޅެނީ ކުށެއް ކުރަން ކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެއްޖެ ހިނދެއްގައި، ނުވަތަ ކޯޓު އަމުރަކުން ހުއްދަ ލިބިގެން، އެ މީހާ އަތުގައި ކުށެއްގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ޤަބޫލުކުރެވޭ އެއްޗެއް އޮތްކަމުގައި އެ އިދާރާއަށް ޤަބޫލުކުރެވޭނަމަ، އެ މީހެއްގެ އަތުން އެ އެއްޗެއް އެ އިދާރާއެއްގެ އޮފިސަރުން އަތުލައި، އެ އިދާރާއެއްގެ ބެލުމުގެ ދަށަށް އެ އެއްޗެއް ގެންދިއުން؛
  5. އެތަނާއި އެތަނުގައިވާ އެއްޗެހީގެ ފޮޓޯ އަދި ވީޑިއޯ ނެގުން؛
  6. އެތަނެއްގައި ހުރި ޢިމާރާތެއް ބަލައި ފާސްކުރުން؛
  7. އެތަނެއް ކޮނެގެން ބެލުން؛
  8. އެތަނެއްގައި ބަންދުކޮށްފައި ހުރި އެއްޗެއް ހުރިނަމަ، އެ އެއްޗެއް ހުޅުވައިގެން ބެލުން؛
  9. އެތަނެއްގައި ތަޅުލާފައިހުރި އެއްޗެއް ހުރިނަމަ، އެ ތަޅު ހުޅުވައިގެން ނުވަތަ ހަލާކުކޮށްލައިގެން އެ އެއްޗެއް ބެލުން.

(ނ) މި މާއްދާގ(ށ) ގެ (4)ވަނަ ނަންބަރުގެ ދަށުން ގާނޫނު ތަންފީޛުކުރާ އިދާރާތަކަށް ލިބިދޭ ބާރު ބޭނުންކުރުމުގައި މީހަކު ބަލައި ފާސްކުރަންޖެހިއްޖެނަމަ، އެކަން ކުރެވޭނީ، މި ގާނޫނުގެ 38 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތްތަކުގައި، އެ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިންނެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ޢާންމު ތަނެއް ބަލައި ފާސްކުރުމުގައި އެތަނެއްގައި ހުރި ޢިމާރާތެއް ބަލައި ފާސްކުރުމުގެ ބާރު މި މާއްދާގެ (ށ) ގެ (6) ވަނަ ނަންބަރުން ގާނޫނު ތަންފީޛުކުރާ އިދާރާތަކަށް ލިބިދެނީ، އެ ޢިމާރާތަކީ އަމިއްލަ ތަނެއްގެ މާނައިގައި ހިމެނޭ ޢިމާރާތެއް ކަމުގައިނުވާ ޙާލަތުގައި އެކަންޏެވެ. އަމިއްލަ ތަނެއްގެ މާނައިގެ ތެރޭގައި ހިމެނޭ ޢިމާރާތެއް ބަލައި ފާސްކުރެވޭނީ، މި ގާނޫނުގެ 31 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.

 

31 ވަނަ މާއްދާއަމިއްލަ ތަންތަން ބަލައި ފާސްކުރުން

(ހ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ކުށަކާގުޅޭ ހެކި އަމިއްލަ ތަނެއްގައި ހުރިކަމަށް ގާނޫނު ތަންފީޛުކުރާ އިދާރާއަކަށް ބެލެވޭނަމަ، އަދި އެއީ އެ ކުށް ސާބިތުކުރުމަށްޓަކައި ހެކީގެ ގޮތުގައި ޝަރީޢަތަށް ހުށަހެޅުމަށް ބޭނުންތެރިވެދާނެ އެއްޗެއް ކަމަށްވާނަމަ، އެ އެއްޗެއް ހޯދުމަށް އެތަނަކަށް، އެތަނުގެ ވެރިފަރާތުގެ ނުވަތަ އެތަނެއްގައި ދިރިއުޅޭ ފަރާތެއް ނުވަތަ އެވަގުތަކު އެތަނަކާ ޙަވާލުވެގެން ހުރި ފަރާތުގެ ރުހުމާ ނުލައި ގާނޫނު ތަންފީޛުކުރާ އިދާރާއަށް ވަދެވޭނީ، ކޯޓު އަމުރެއްގެ ދަށުންނެވެ.

(ށ) އަމިއްލަ ތަންތަން ބަލައި ފާސްކުރުމުގެ އަމުރަކަށް އެދި ގާނޫނު ތަންފީޛުކުރާ އިދާރާއަކުން ކޯޓަށް ހުށަހަޅާއިރު އަންނަނިވި މަޢުލޫމާތު ހިމަނަންވާނެއެވެ.

  1. ބަލައި ފާސްކުރުމަށް ވަންނަން ބޭނުންވާ ތަނުގެ މަޢުލޫމާތު؛
  2. ބަލައި ފާސްކުރުމަށް ވަންނަން ބޭނުންވާ ތަނުގެ ވެރިފަރާތާބެހޭ މަޢުލޫމާތު؛
  3. ހޯދަން ބޭނުންވާ މުދަލުގެ ވެރިފަރާތް އެނގޭނަމަ، އެ ފަރާތުގެ މަޢުލޫމާތު؛
  4. ބަލައި ފާސްކުރުމަށް އެތަނަކަށް ވަންނަން ބޭނުންވާ ސަބަބު؛
  5. އެތަން ބަލައި ފާސްކުރަން ބޭނުންވަނީ ކޮން ޤާނޫނެއްގައި ބަޔާންކުރާ ކޮން ކުށަކާ ގުޅިގެންކަން؛
  6. ހޯދަން ބޭނުންވާ މީހަކު ނުވަތަ އެއްޗެއް އެތަނުގައި ވާކަމަށް ލިބިފައިވާ ހެކި؛
  7. އެ އަމުރުގެ ދަށުން އެއް ފަހަރަށްވުރެ ގިނަ ފަހަރު އެތަނަށް ނުވަތަ ތަންތަނަށް ވަންނަން އެދޭނަމަ، އެކަން؛
  8. އެތަނަށް ވަންނަން ބޭނުންވާ ވަގުތު؛
  9. ހޯދަން ބޭނުންވާ އެއްޗެހީގެ ތަފްޞީލު؛
  10. އަމުރަށް އެދޭ އިދާރާގެ ވެރިއެއްގެ ނަމާއި، ސޮޔާއި، އެ އިދާރާގެ ތައްގަނޑު؛
  11. އަމުރަށް އެދޭ އޮފިސަރުގެ ނަމާއި، ސަރވިސް ނަންބަރު ނުވަތަ ކާކުކަން އަންގައިދޭ ކާޑު ނަންބަރާއި، އޭނާގެ މަޤާމާއި ސޮއި؛
  12. ކޯޓުން އިތުރު މަޢުލޫމާތެއް ހުށަހެޅުމަށް އެދިއްޖެނަމަ، އެ މަޢުލޫމާތު.

 

32 ވަނަ މާއްދާ – ބަލައި ފާސްކުރުމުގެ ކޯޓު އަމުރު

(ހ) އަމިއްލަ ތަނެއް ބަލައި ފާސްކުރުމަށް ނެރޭ ކޯޓު އަމުރެއްގައި އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.

  1. އަމުރު ނެރެވޭ ބޭނުން؛
  2. އަމުރުގެ ދަށުން ބަލައި ފާސްކުރެވޭ ތަން، ނުވަތަ ތަންތަން؛
  3. އަމުރުގެ ދަށުން ބަލައި ފާސްކުރެވޭ ތަނަށް ވަދެވޭނީ އެހެން ތަނަކަށް ވަދެގެން ނުވަތަ އެހެން ތަނެއް މެދުވެރިކޮށް ކަމުގައިވާނަމަ، އެބޭނުމަށްޓަކައި އެތަނަކަށް ވަދެވޭނެކަން؛
  4. ބަލައި ފާސްކުރެވޭ ތަނުގެ ވެރިފަރާތުގެ ނަން؛
  5. އެތަނުން ހޯދަން ބޭނުންވާ މުދަލުގެ ވެރިފަރާތް އެނގޭނަމަ، އެ ފަރާތް؛
  6. އެތަން ބަލައި ފާސްކުރަން ބޭނުންވަނީ ކޮން ޤާނޫނެއްގައި ބަޔާންކުރާ ކޮން ކުށަކާ ގުޅިގެންކަން؛
  7. ހޯދަން ބޭނުންވާ އެއްޗެހީގެ ތަފްޞީލު؛
  8. އެ އަމުރުން ބާރުދޭ ކަންކަން ކުރުމަށްޓަކައި އެކަށީގެންވާ މިންވަރަކަށ ްބާރުގެ ބޭނުންކުރެވިދާނެކަން؛
  9.  އެ އަމުރުގެ ދަށުން ބަލައި ފާސްކުރުމަށްޓަކައި އެއްފަހަރަށްވުރެ ގިނަ ފަހަރު އެތަނަށް ނުވަތަ ތަންތަނަށް ވަދެވޭނަމަ، އެކަން؛
  10. އަމުރު ދެމިއޮންނާނެ މުއްދަތު؛
  11. އެ އަމުރުން ވަނުމަށް ހުއްދަ ދޭ ތަނަކަށް ދުވާލުގެ ނުވަތަ ރޭގަނޑުގެ ކޮންމެ ވަގުތެއްގައިވެސް ވަނުމަށް ހުއްދަދޭނަމަ އެކަން، ނުވަތަ އެފަދަ ތަނަކަށް ވަދެވޭނީ ދުވާލުގެ ނުވަތަ ރޭގަނޑުގެ ކަނޑައެޅިފައިވާ ވަކި ވަގުތުތަކެއްގައި ކަމަށްވާނަމަ އެކަން.
  12. ހުއްދަ ދޭ ފަނޑިޔާރުގެ ނަމާއި ސޮއި އަދި ކޯޓުގެ ތައްގަނޑު.

(ށ) އަމިއްލަ ތަނެއް ބަލައި ފާސްކުރުމުގެ އަމުރެއް ކޯޓުން ނެރެންވާނީ، އަންނަނިވ ސަބަބުތަކުގެ ތެރެއިން ސަބަބެއް އޮތްކަން ކަށަވަރުކުރުމަށްފަހުގައެވެ.

  1. ވަންނަން ބޭނުންވާ ތަނުގައި މީހަކު ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރަމުންދާކަން ނުވަތަ ކުށެއް ކުރަންއުޅޭކަމަށް ޤަބޫލުކުރުމަށް އެކަށީގެންވާ ސަބަބެއް އޮތުން؛ ނުވަތަ
  2. އެތަނަކަށް ވަންނަން ބޭނުންވަނީ ކުށަކާ ގުޅިގެން ހޯދަން ބޭނުންވާ ހެއްކެއް ހޯދުމަށް ކަމުގައިވާނަމަ، އެ އެއްޗެއް އެތަނުގައި ވާކަމަށް ޤަބޫލުކުރުމަށް އެކަށީގެންވާ ސަބަބެއް އޮތުން؛ އަދި

(3) އެތަނަކަށް ވަދެގެން މެނުވީ ޙާޞިލުކުރަން ބޭނުންވާ ކަންތައް ފުރިހަމަ ނުކުރެވޭނެކަމަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއް އޮތުން.

(ނ) ބަލައި ފާސްކުރުމުގެ މަޤްޞަދު ގެއްލިދާނެކަމަށް ބެލެވޭ ޙާލަތެއްގައި މެނުވީ، އަމިއްލަ ތަނެއް ބަލައި ފާސްކުރުމަށް އެތަންތަނަށް ވަނުމުގެ ހުއްދަ ފަނޑިޔާރު ދޭންވާނީ ދުވާލުގެ ވަގުތުގައެވެ. ރޭގަނޑުގެ ވަގުތުގައި އެތަނަށް ވަނުމުގެ ހުއްދަ ދޭންވާނީ، އެ އަމުރުގެ ދަށުން ކުރަންއެދޭ ކަންކަމަށް ބަލާއިރު، ރޭގަނޑުގެ ވަގުތުގައި އެތަނެއް ބަލައި ފާސްކުރުމުގެ މަޤްޞަދެއް އޮތް ކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވޭނަމައެވެ.

(ރ) ބަލައި ފާސްކުރުމުގެ ކޯޓު އަމުރެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އެ އަމުރު ދެމިއޮންނާނީ، އެ އަމުރުގައި ބަޔާންކުރާ ތަން ނުވަތަ ތަންތަން ބަލައި ފާސްކޮށް ނިމެންދެން ނުވަތަ އެ އަމުރުގެ މުއްދަތު ހަމަވަންދެން ނުވަތަ އެ އަމުރު ބާޠިލުކުރަންދެނެވެ.

(ބ) މި މާއްދާގެ ދަށުން ނެރޭ އަމުރަކާ އެއްގޮތްވާ ގޮތުގެމަތިން ހޯދާ ހޯދުމެއްގައި، އެ އަމުރުގައި ބަޔާންކުރާ އެއްޗެއް ނޫން އެހެން އެއްޗެއް ފެނިއްޖެނަމަ، އަދި އެ އެއްޗަކީ، އެހެން ޖިނާއީ ކުށަކާގުޅޭ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއްކަމަށް ގާނޫނު ތަންފީޛުކުރާ އިދާރާގެ އޮފިސަރަށް ބެލެވޭނަމަ، އަދި އެ އެއްޗެއް ފޮރުވުމުގެ ފުރުޞަތު ނުވަތަ ނައްތާލުމުގެ ފުރުޞަތު އޮތްކަމަށް އެ އޮފިސަރަކަށް ޤަބޫލުކުރެވޭނަމަ، އެ އެއްޗެއް ހިފެހެއްޓުމުގެ ބާރު، އެ އަމުރުން ދޭ ކަމުގައި ބެލޭނެއެވެ.

(ޅ) މި މާއްދާގެ ދަށުން ބަލައި ފާސްކުރުމުގެ އަމުރެއް ނެރޭއިރު، ބަލައި ފާސްކުރަންޖެހޭ ތަނާއި ފާސްކުރަންޖެހޭ ސަބަބުތަކަށް ރިޢާޔަތްކޮށް، އެކަންކޮށް ނިންމުމަށް އެކަށީގެންވާ މުއްދަތެއް ފަނޑިޔާރު ދޭންވާނެއެވެ.

 

33 ވަނަ މާއްދާ – ބަލައި ފާސްކުރުމުގެ އަމުރު ތަންފީޒުކުރުން

(ހ) ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމަށް ހުއްދަދެވޭ ތަނެއް، އެ އަމުރުގައި ކަނޑައަޅާފައިވާ މުއްދަތުގައި ބަލައި ފާސްކޮށް ނިންމަންވާނެއެވެ.

(ށ) ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޛުކުރުމުގެ ބާރު، އެ އަމުރަށް އެދޭ ގާނޫނު ތަންފީޛުކުރާ އިދާރާއެއްގެ ހުއްދަކުރެވިފައިވާ ކޮންމެ އޮފިސަރަކަށްމެ ލިބިގެންވެއެވެ. އަދި އެ އަމުރުގެ ދަށުން ކުރުމަށް ބާރުދޭ ކަންކަން ކުރުމުގެ ބާރު، އެ އޮފިސަރުންނަށާއި، އެ އޮފިސަރުންނާއެކު އެ އަމުރު ތަންފީޛުކުރުމަށް ދާ އެ އިދާރާގެ ހުއްދަކޮށްފައިވާ އެހެން އޮފިސަރުންނަށްވެސް ލިބިގެންވެއެވެ.

(ނ) ބަލައި ފާސްކުރުމުގެ އަމުރެއްގައި ހުއްދަ ދީފައިވަނީ ހަމައެކަނި ތަނެއްގެ ވަކި ބައެއް ނުވަތަ ސަރަޙައްދެއް ބަލައި ފާސްކުރުމަށް ކަމުގައިވާނަމަ، އެ ބައެއް ނުވަތަ ސަރަޙައްދެއް ފިޔަވައި އެހެން އެއްވެސް ތަނެއް ބަލައި ފާސްކޮށްގެން ނުވާނެއެވެ.

(ރ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޛުކުރުމުގެ ގޮތުން އަމިއްލަ ތަނަކަށް ވަނުމުގެ ކުރިން، އެތަނުގައި ތިބި ބަޔަކަށް އެތަނަށް ވަންނަކަން އަންގަންވާނެއެވެ.

(ބ) ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޛުކުރުމަށްޓަކައި އެ އަމުރުގައި ބަޔާންކުރާ ތަނަށް ގާނޫނު ތަންފީޛުކުރާ އިދާރާގެ އޮފިސަރަކު ދާއިރު، އެތަނެއްގެ ވެރިފަރާތް އެތަނުގައި ހުރިނަމަ، އެތަން ބަލައި ފާސްކުރަންވާނީ، އެ ފަރާތުގެ ހާޒިރުގައެވެ. އެތަނުގެ ވެރިފަރާތް އެ ތާނގައި ހާޒިރުވެ ނެތް ޙާލަތެއްގައި އެތަން ބަލައި ފާސްކުރަންވާނީ، އެ ފަރާތުގެ މަޞްލަޙަތު ޙިމާޔަތްކޮށްދެވޭނެ އެހެން ފަރާތެއްގެ ހާޒިރުގައެވެ. އަދި ގާނޫނު ތަންފީޛުކުރާ އިދާރާގެ އޮފިސަރު އަންނަނިވި ގޮތުގެމަތިން ޢަމަލުކުރަންވާނެއެވެ.

  1. އެ އޮފިސަރުގެ ތަޢާރުފެއް އެ ފަރާތަށް ދިނުމަށްފަހު އޭނާއަކީ ގާނޫނު ތަންފީޛުކުރާ އިދާރާގެ އޮފިސަރެއްކަން އަންގައިދޭ ރަސްމީ ލިޔުމެއް އޭނާއަށް ދެއްކުން؛ އަދި
  2. ކޯޓު އަމުރުގެ ކޮޕީއެއް އޭނާއަށް ދިނުން.

(ޅ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ބަލައި ފާސްކުރަންޖެހޭ ތަނުގައި އެތަނުގެ ވެރިފަރާތް ނުވަތަ އެ ފަރާތުގެ މަޞްލަޙަތު ޙިމާޔަތްކޮށްދެވޭނެ އެހެން މީހަކު އެތަނުގައި ނެތްނަމަ، އެތަނެއް ބަލައި ފާސްކޮށްގެންނުވާނެއެވެ.

(ކ) ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޛުކުރާ އޮފިސަރު، އެ ބަލައި ފާސްކުރުމާގުޅޭ މަޢުލޫމާތު ލިޔުމުން ރެކޯޑުކުރަންވާނެއެވެ. އެގޮތުން ރެކޯޑުކުރުމުގައި، ބަލައި ފާސްކުރާ ތަނުގައި ހާޒިރުވެ ތިބި މީހުންނާއި، އެތަނަށް ވަތް ވަގުތާއި، އަމުރު ތަންފީޛުކުރި އޮފިސަރުންނާއި، ބަލައި ފާސްކުރެވޭ ތަނުން ނެގޭ ކޮންމެ އެއްޗެއްގެ ތަފްޞީލު، އެ އެއްޗެއް ނެގުނު ތަން އެނގޭނެ ގޮތަށް ބަޔާންކުރަންވާނެއެވެ.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކުރާ މަޢުލޫމާތު ވަގުތުން ވަގުތަށް ލިޔުމުން ރެކޯޑުކުރުމަކީ ޢަމަލީގޮތުން ދަތިކަމަކަށްވާނަމަ، ބަލައި ފާސްކޮށް ނިމުމަށްފަހު ވީއެންމެ އަވަހަކަށް އެ ބަލައި ފާސްކުރުމާގުޅޭ މަޢުލޫމާތު އެ އޮފިސަރު ލިޔުމުން ރެކޯޑުކުރަންވާނެއެވެ. ބަލައި ފާސްކުރުމަކާގުޅޭ މަޢުލޫމާތު ރެކޯޑުކުރުމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

34 ވަނަ މާއްދާ – ބަލައި ފާސްކުރުމާ ގުޅޭގޮތުން ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިދޭ އިތުރު ބާރު

(ހ) ގާނޫނު ތަންފީޛުކުރާ އިދާރާއަކުން ކޯޓު އަމުރެއްގެ ދަށުން އަމިއްލަ ތަނެއް ބަލައި ފާސްކުރުމުގައި، އަންނަނިވި ބާރުތައް، އެ އަމުރު ތަންފީޛުކުރާ އޮފިސަރުންނަށް ލިބިގެންވެއެވެ.

  1. ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ތަނަށް ވަދެ، އެތަން ބަލައި ފާސްކުރުމަށް އެކަށީގެންވާ ވަގުތު އެތަނުގައި ތިބުން؛
  2. އެތަނަށް ވަނުމަށްޓަކައި އެހެން ތަނަކަށް ވަންނަންޖެހޭ ކަމަށްވާނަމަ، ނުވަތަ އެތަނަށް ވަދެވޭނީ އެހެން ތަނެއް މެދުވެރިކޮށް ކަމަށްވާނަމަ، އެތަނަށްވެސް ވަނުން؛
  3. ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް ނުވަތަ ކުށްކޮށްގެން ހޯދާފައިވާ މުދަލެއް އެތަނުގައި ހުރިކަމަށްވާނަމަ، އެ އެއްޗެއް އެ އިދާރާގެ ބެލުމުގެ ދަށަށް ގެނައުން؛
  4. އެތަނާއި އެތަނުގައި ހުރި ކަމާބެހޭ އެއްޗެހީގެ ފޮޓޯ އަދި ވީޑިއޯ ނެގުން؛
  5. އެތަނެއްގައި އެވަގުތު ހުރި މީހަކު ބަލައި ފާސްކުރަންޖެހޭ ކަމަށްވާނަމަ، އެކަމެއް ކުރުން؛
  6. ތަޅުލާފައި ހުރި ދޮރެއްގެ ތަޅު ހަލާކުކޮށްލައިގެން އެދޮރެއް ހުޅުވުން؛
  7. ބަންދުކޮށްފައިވާ ކުޑަދޮރެއްގެ ތަޅު ހަލާކުކޮށްލައިގެން ނުވަތަ ކުޑަދޮރު ހަލާކުކޮށްލައިގެން އެ ކުޑަދޮރެއް ހުޅުވުން؛
  8. ތަޅުންގަނޑުން ބައެއް، ނުވަތަ ފާރުން ބައެއް، ނުވަތަ ފަންގިފިލާއިން ބައެއް ހަލާކުކޮށްލައިގެން ނުވަތަ ތަނެއް ކޮނެގެން ބަލަންޖެހޭ އެއްޗެއް ނުވަތަ ތަނެއް ބެލުން؛
  9. ބަންދުކޮށްފައި ހުރި ފޮށްޓެއް ނުވަތަ އެނޫންވެސް އެއްޗެއް ހުޅުވައިގެން ނުވަތަ ހަލާކުކޮށްލައިގެން ބަލަންޖެހޭ އެއްޗެއް ބެލުން؛
  10. އެތަނެއްގައި އޮތް އުޅަނދެއް ބަލައި ފާސްކުރަންޖެހޭ ކަމަށްވާނަމަ، އެކަމެއް ކުރުން.

(ށ) މި މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުން ފެށިގެން (9) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަން ގާނޫނު ތަންފީޛުކުރާ އިދާރާގެ އޮފިސަރުން ކުރަންވާނީ، އެއިން ކަމެއް، ބާރުގެ ބޭނުން ނުކޮށް ކުރެވެން ނެތް ޙާލަތުގައ އެކަންޏެވެ.

(ނ) މި މާއްދާގެ (ހ) ގެ (10) ވަނަ ނަންބަރުގައި އެހެން އޮތްނަމަވެސް، އުޅަނދެއް ބަލައި ފާސްކުރެވޭނީ، މި ގާނޫނުގެ 35 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.

 

35 ވަނަ މާއްދާއުޅަނދުފަހަރު ބަލައި ފާސްކުރުން

(ހ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ ބާރު ގާނޫނު ތަންފީޛުކުރާ އިދާރާތަކަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ އިޚްތިޔާރު ލިބިގެންވަނީ، ޤާނޫނަކުން ކަނޑައެޅިގެން އެ ބާރު ލިބިދޭ ގާނޫނު ތަންފީޛުކުރާ އިދާރާތަކަށެވެ.

(ނ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއްގައި މެނުވީ، ގާނޫނު ތަންފީޛުކުރާ އިދާރާއަކަށް އުޅަނދެއް ބަލައި ފާސްކުރެވޭނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

(ރ) ކޯޓު އަމުރަކާ ނުލައި، އުޅަނދެއް ބަލައި ފާސްކުރެވޭނީ، އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއް ވުޖޫދުގައިވާކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، ގާނޫނު ތަންފީޛުކުރާ އިދާރާއަށް ޤަބޫލުކުރެވޭ ޙާލަތުގައެވެ.

  1. ޤާނޫނަކުން ގެންގުޅުން މަނާކުރާ ތޫނު އެއްޗެއް ނުވަތަ ގޮވާ އެއްޗެއް އެ އުޅަނދެއްގައި އޮތުން؛
  2. އެ އުޅަނދެއްގައި މަސްތުވާއެއްޗެއް ހުރުން؛
  3. އެ އުޅަނދެއްގައި ވަގަށް ނަގާފައިވާ މުދާ ހުރުން؛
  4. އެ އުޅަނދެއްގައި ކުށްކޮށްގެން ހޯދާފައިވާ މުދާ ހުރުން؛
  5. ކުށެއް ކުރުމުގައި ބޭނުންކޮށްފައިވާ އެއްޗެއް އެ އުޅަނދެއްގައި އޮތްކަމަށް ބެލެވުން؛
  6. ކުށެއް ކުރުމަށްޓަކައި ބޭނުންކުރި އެއްޗަކަށް އެ އުޅަނދުވުން؛
  7. އެ އުޅަނދުގައި ކުށެއްގެ ޢަމަލު ހިންގަމުންދާކަމަށް، ނުވަތަ ކުށުގެ ޢަމަލެއް އެއުޅެނީ ހިނގަންކަން، ނުވަތަ ކުށުގެ ޢަމަލެއް ދާދި ދެންމެ ހިނގައިފިކަމަށް، އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް، ޤަބޫލުކުރެވުން.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް ވުޖޫދުގައިވާކަމަށް ގާނޫނު ތަންފީޛުކުރާ އިދާރާގެ އޮފިސަރަކަށް ޤަބޫލުކުރެވޭނަމަ، ކޯޓު އަމުރަކާ ނުލައި އެ އުޅަނދެއް ބަލައި ފާސްކުރުމުގެ ބާރު، އެ އޮފިސަރަށް ލިބިގެންވެއެވެ.

(ޅ) ކޯޓު އަމުރަކާ ނުލައި އުޅަނދެއް ބަލައި ފާސްކުރުމަށް މި މާއްދާގެ ދަށުން ގާނޫނު ތަންފީޛުކުރާ އިދާރާއަކަށް ލިބިދޭ ބާރެއްގެ ބޭނުން ހިފުމުގައި، އެ އުޅަނދެއް ބަލައި ފާސްކުރެވެނީ ކޮން މަޤްޞަދެއްގައި ކަމާމެދު އެ އުޅަނދުގެ ވެރިފަރާތުން ސުވާލުކޮށްފިނަމަ، އެ އުޅަނދު ބަލައި ފާސްކުރެވެނީ، މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުން ފެށިގެން (7) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ޙާލަތްތަކުގެ ތެރެއިން ކޮން ޙާލަތެއްގައިކަން އުޅަނދުގެ ވެރިފަރާތަށް ސާފުކޮށްދޭންވާނެއެވެ.

(ކ) މި މާއްދާގެ (ރ) ގެ ދަށުން ލިބިދޭ ބާރުގެ ތެރޭގައި، ދުއްވާފައިދާ އުޅަނދެއް ހުއްޓުވައި، އެ އުޅަނދު ބަލައި ފާސްކުރުމުގެ ބާރާއި، ޕާކްކޮށްފައިވާ ނުވަތަ ބަނދަރުކޮށްފައިވާ އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ ބާރު ގާނޫނު ތަންފީޛުކުރާ އިދާރާއަށް ލިބިގެންވެއެވެ.

(އ) ގާނޫނު ތަންފީޛުކުރާ އިދާރާއަކީ ފުލުހުން ކަމުގައިވާ ޙާލަތުގައި، މި މާއްދާގެ (ރ) ގައި ބަޔާންކުރާ އުޅަނދެއްގައިވާ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ ބާރުވެސް ފުލުހުންނަށް ލިބިގެންވެއެވެ.

(ވ) އުޅަނދެއް އޮތް ތަނެއްގައި ބާއްވައިގެން އެ އުޅަނދެއް ބަލައި ފާސްކުރުމަކީ ކުރެވޭނެ ކަމެއްކަމުގައި ނުވާނަމަ، އެ އުޅަނދެއް ބަލައި ފާސްކުރުމަށްޓަކައި އެކަންކުރެވޭނެ އެހެން ތަނަކަށް، ފުލުހުންގެ ބެލުމުގެ ދަށުން އެ އުޅަނދެއް ގެންދިޔުމުގެ ބާރު، ގާނޫނު ތަންފީޛުކުރާ އިދާރާގެ އޮފިސަރުންނަށް ލިބިގެންވެއެވެ.

(މ) އުޅަނދެއް ބަލައި ފާސްކުރުމުގައި، މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުން ފެށިގެން (5) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ އެއްޗެއް އެ އުޅަނދުގައިވާނަމަ، އެ އެއްޗެއް ހިފެހެއްޓުމުގެ ބާރު، ގާނޫނު ތަންފީޛުކުރާ އިދާރާގެ މުވައްޒަފުންނަށް ލިބިގެންވެއެވެ.

(ފ) މި މާއްދާގެ (މ) ގައި އެހެން އޮތްނަމަވެސް، އުޅަނދެއްގައިވާ އެއްޗެއް ހިފެހެއްޓުމުގައި ޢަމަލުކުރާނީ، މި ގާނޫނުގެ 36 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.

(ދ) ކޯޓު އަމުރެއްގެ ދަށުން އުޅަނދެއް ބަލައި ފާސްކުރުމުގައި، ވަކި ޚާއްޞަ ކަންތައްތަކެއް ކުރުމުގެ ބާރު އެ އަމުރުގައި ބަޔާންކޮށްފައިނުވާ ޙާލަތުގައި، މި މާއްދާގެ (ކ)، (އ)، (ވ)، އަދި (މ) އިން ބާރު ލިބިދޭ ކަންކަން ކުރުމުގެ ބާރު، އެ އަމުރުގެ ދަށުން އުޅަނދެއް ބަލައި ފާސްކުރާ ގާނޫނު ތަންފީޛުކުރާ އިދާރާގެ އޮފިސަރުންނަށް ލިބިގެންވެއެވެ.

(ތ) މި މާއްދާގެ (ދ) ގައި އެހެން އޮތްނަމަވެސް، އުޅަނދެއް ބަލައި ފާސްކުރުމުގެ ކޯޓު އަމުރެއް ގާނޫނު ތަންފީޛުކުރާ އިދާރާގެ އޮފިސަރުން ތަންފީޛުކުރަންވާނީ، އަމިއްލަ ތަނެއް ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޛުކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތުތައް ކަމުގައި މި ގާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

36 ވަނަ މާއްދާ - މުދާ ހިފެހެއްޓުން

(ހ) ކޯޓު އަމުރެއްގެ ދަށުން އަމިއްލަ ތަނެއް ބަލައި ފާސްކުރުމުގައި، ހެކީގެ ގޮތުގައި ބޭނުންކުރުމަށް އެ އަމުރުން ހިފެހެއްޓުމަށް ހުއްދަކުރާ އެއްޗެއްގެ، ނުވަތަ ކުށްކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވާ އެއްޗެއްގެ ފޮޓޯ އަދި ވީޑިއޯ ނެގުމުގެ ނުވަތަ އެ އެއްޗަކުން ސާމްޕަލް ނެގުމުގެ ނުވަތަ އެ އެއްޗަކުން ބައެއް ނުވަތަ އެ އެއްޗެއް އެކުގައި ހިފެހެއްޓުމުގެ ބާރު، ގާނޫނު ތަންފީޛުކުރާ އިދާރާގެ އޮފިސަރުންނަށް ލިބިގެންވެއެވެ.

(ށ) ހެކީގެ ގޮތުގައި ބޭނުންކުރުމަށް ބަލައި ފާސްކުރެވޭ ތަނަކުން ހޯދަން ބޭނުންވާ އެއްޗަކީ އެއްވެސް ބާވަތެއްގެ އިލެކްޓްރޯނިކް ވަސީލަތެއްގައި ރައްކާކޮށްފައިވާ މަޢުލޫމާތެއް ކަމުގައިވާނަމަ، އެ މަޢުލޫމާތު ބެލޭނެ އަދި ކިޔަން އެނގޭނެ ގޮތަކަށް، އަދި އެތަނުން ގެންދެވޭނެ ގޮތަކަށް ހުށަހެޅުމަށް އެންގުމުގެ ބާރު ގާނޫނު ތަންފީޛުކުރާ އިދާރާގެ އޮފިސަރަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން އޮތްނަމަވެސް، ޑިޕްލޮމެޓިކް އިމްތިޔާޒުގެ ދަށުގައިވާ ތަކެތި ހިފެހެއްޓުމުގެ ބާރު ގާނޫނު ތަންފީޛުކުރާ އޮފިސަރުންނަށް ލިބިގެނެއް ނުވެއެވެ.

(ރ) ބަލައި ފާސްކުރުމުގެ ކޯޓު އަމުރެއް ތަންފީޛުކުރުމުގައި ހިފަހައްޓާ މުދަލުގެ އިންވެންޓަރީއެއް، ކޯޓު އަމުރު ތަންފީޛުކުރާ އޮފިސަރު އެކުލަވާލަންވާނެއެވެ. އެކަން ކުރަންވާނީ، ގާނޫނު ތަންފީޛުކުރާ އިދާރާގެ އެހެން އޮފިސަރަކާއި، މުދަލުގެ ވެރިފަރާތުގެ ނުވަތަ ވެރިފަރާތް ނެތް ޙާލަތެއްގައި ވެރިފަރާތުގެ މަޞްލަޙަތު ޙިމާޔަތްކޮށްދެވޭނެ ފަރާތެއްގެ ހާޒިރުގައެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ހިފެހެއްޓޭ މުދަލުގެ އިންވެންޓަރީގެ ކޮޕީއެއް، މުދަލުގެ ވެރިފަރާތަށް، ނުވަތަ އޭނާ ނެތް ޙާލަތެއްގައި ވެރިފަރާތުގެ މަޞްލަޙަތު ޙިމާޔަތްކޮށްދެވޭނެ ފަރާތަށް ގާނޫނު ތަންފީޛުކުރާ އިދާރާގެ އޮފިސަރު ދޭންވާނެއެވެ.

(ޅ) މި މާއްދާގެ ދަށުން ހިފަހައްޓާ އެއްޗެއްސަކީ، އަންނަނިވި ކަންކަމަށް ބޭނުންކުރެވިދާނެ އެއްޗެއްސެވެ. އަދި އެ އެއްޗެއްސަކީ އެކަންކަން ނިމެންދެން ގާނޫނު ތަންފީޛުކުރާ އިދާރާގެ ބެލުމުގެ ދަށުގައި ބެހެއްޓިދާނެ އެއްޗެއްސެވެ.

  1. ޖިނާއީ ކުށެއްގެ ތަޙްޤީޤެއްގައި އެ އެއްޗެހި ބޭނުންކުރުމަށް؛
  2. ޖިނާއީ ކުށެއްގެ ޝަރީޢަތުގައި ހެއްކެއްގެ ގޮތުގައި އެ އެއްޗެހި ބޭނުންކުރުމަށް؛
  3. އެ އެއްޗަކީ ޤާނޫނާ ޚިލާފަށް ހޯދާފައިވާ އެއްޗެއް ކަމުގައި ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވާނަމަ، އެ އެއްޗެއްގެ ޙަޤީޤީ ވެރިފަރާތް ހޯދުމަށް.

(ކ) މި މާއްދާގެ (ޅ) ގައި އެހެން އޮތްނަމަވެސް، ހިފެހެއްޓޭ އެއްޗެއް ހިފެހެއްޓި ބޭނުން ނިމުމަކަށް އައުމާއެކު، އެ އެއްޗަކީ ދިވެހިރާއްޖެއަށް ގެނައުން ނުވަތަ ދިވެހިރާއްޖޭގައި ގެންގުޅުން މަނާ އެއްޗެއް ކަމުގައިނުވާނަމަ، ގާނޫނު ތަންފީޛުކުރާ އިދާރާއިން އެ އެއްޗެއް އެ އެއްޗެއްގެ ވެރިފަރާތާ އަނބުރާ ޙަވާލުކުރަންވާނެއެވެ. އަދި ހިފެހެއްޓޭ އެއްޗަކީ، ހަމައެކަނި އެ އެއްޗެއްގެ ކޮޕީއެއް ނުވަތަ ފޮޓޯއެއް އޮތުމުން ފުދޭނެ އެއްޗެއް ކަމަށްވާނަމަ، އެކަން ކުރުމަށްފަހު، އެ އެއްޗެއް، އެ އެއްޗެއްގެ ވެރިފަރާތާ ޙަވާލުކުރަންވާނެއެވެ. ނުވަތަ އެ އެއްޗަކީ، މަޢުލޫމާތު ރައްކާކުރެވޭ އެއްޗެއް ކަމުގައިވެފައި، ތަޙްޤީޤަށް ބޭނުންވަނީ އެ އެއްޗެއްގައިވާ މަޢުލޫމާތު އެކަނި ކަމުގައިވާނަމަ، އަދި އެ މަޢުލޫމާތަކީ ނަކަލުކުރެވިދާނ މަޢުލޫމާތެއް ކަމުގައިވާނަމަ، އެ މަޢުލޫމާތަކަށް ވާސިލުވެ، އެ މަޢުލޫމާތު ނަކަލުކުރުމަށްފަހު، އެ އެއްޗެއް އެ އެއްޗެއްގެ ވެރިފަރާތާ ޙަވާލުކުރަންވާނެއެވެ.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފަދައިން ހިފެހެއްޓޭ އެއްޗެއް އެ އެއްޗެއްގެ ވެރިފަރާތަށް އަނބުރާ ރައްދުކުރުމުގައި ޢަމަލުކުރާނެގޮތް މި ގާނޫނުގެ ދަށުން ހަދާގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ވ) މި މާއްދާގެ (ކ) އެހެން އޮތުމަކުން، މި މާއްދާގެ ދަށުން ހިފެހެއްޓިފައިވާ އެއްޗެއް، ވަކި މުއްދަތަކަށް ހިފެހެއްޓުމަށް އަމުރުކުރުމަށް ކަމާބެހޭ ކޯޓަކަށް ލިބިދޭ އެއްވެސް ބާރަކަށް އުނިކަމެއް ނާންނާނެއެވެ.

(މ) މި މާއްދާގެ ދަށުން ހިފަހައްޓާ އެއްޗެހި، އެ އެއްޗެހީގެ ވެރިފަރާތާ އަނބުރާ ޙަވާލުކުރެވެންދެން ނުވަތަ ގާނޫނުގައި ބަޔާންކުރާ އެނޫންވެސް ގޮތަކަށް އެ އެއްޗެއްސާމެދު ޢަމަލުކުރެވެންދެން ހުންނާނީ، ގާނޫނު ތަންފީޛުކުރާ އިދާރާގެ އެންމެ އިސް ފަރާތުން ކަނޑައަޅާ ތަނެއްގައެވެ.

(ފ) މި މާއްދާގެ ދަށުން އެއްވެސް އެއްޗެއް ހިފެހެއްޓިއްޖެނަމަ، އެ އެއްޗެއް ރައްކާތެރިކަންމަތީ ބެލެހެއްޓުމަކީ، ގާނޫނު ތަންފީޛުކުރާ އިދާރާގެ އެންމެ އިސް ފަރާތުގެ ޒިންމާއެކެވެ.

(ދ) މި މާއްދާގެ ދަށުން ހިފެހެއްޓޭ އެއްޗެހި ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި ކަނޑައަޅަންޖެހޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ޕްރޮސިކިއުޓަރ ޖެނެރަލް ބަޔާންކުރަންވާނެއެވެ.

 

37 ވަނަ މާއްދާމުދާ ހޯދުމަށް ކޯޓުގައި އެދުން

(ހ) ގާނޫނު ތަންފީޛުކުރާ އިދާރާއަކުން މި ގާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ހިފެހެއްޓި މުދަލެއް ހިފަހައްޓާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ، ނުވަތަ އެ މުދަލުން ބަރީޢަވުމުގެ ސަބަބުން ގެއްލުން ލިބޭ ކަމަށް ބުނެ އެ މުދާ ހޯދުމަށް އެދި ކޯޓަށް ހުށަހެޅުމުގެ ޙައްޤު، އެ މުދަލެއްގެ ވެރިފަރާތަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ )(ހ) ގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި ޢަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައެއް ބެލުމަށްފަހު، އެ މުދަލެއް ހިފަހައްޓާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކޯޓުން ކަނޑައަޅައިފިނަމަ، އަދި އެ މުދަލަކީ ދިވެހިރާއްޖެއަށް ގެނައުން ނުވަތަ ދިވެހިރާއްޖޭގައި ގެންގުޅުން މަނާ އެއްޗެއް ކަމުގައިނުވާނަމަ، އެ މުދަލެއް އެ މުދަލުގެ ވެރިފަރާތާ އަނބުރާ ޙަވާލުކުރުމަށް ކޯޓުން އަމުރުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައެއް ބެލުމަށްފަހު، އެ މުދަލެއް ހިފަހައްޓާފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ކޯޓުން ކަނޑައަޅައިފިނަމަ، މި ގާނޫނުގެ 36 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ކަންކަމުގައި ބޭނުންކުރުމަށްޓަކައި އެ މުދާ، އެ އިދާރާގެ ބެލުމުގެ ދަށުގައި ބެހެއްޓިދާނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައަކީ، އެ މުދަލުން ބަރީޢަވުމުގެ ސަބަބުން ގެއްލުން ލިބޭ ކަމަށް ބުނެ ހުށަހެޅޭ މައްސަލައެއް ކަމުގައިވެފައި، މައްސަލައިގައި ހިމެނޭ އެންމެހައި ކަންކަމަށް ރިޢާޔަތްކުރާއިރު އެންމެ އިންޞާފުވެރި ގޮތަކީ އެ މުދާ އެ މުދަލުގެ ވެރިފަރާތާ ޙަވާލުކުރުން ކަމަށް ކޯޓަށް ފެނިއްޖެނަމަ، ކޯޓުން ކަނޑައަޅާ ޝަރުޠުތަކަކާއެކު އެ މުދަލެއް، އެ މުދަލުގެ ވެރިފަރާތާ އަނބުރާ ޙަވާލުކުރުމަށް ކޯޓަށް އަމުރުކުރެވިދާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި އެހެން އޮތްނަމަވެސް، ހިފެހެއްޓިފައިވާ މުދަލެއް، އެ މުދަލުގެ ވެރިފަރާތުގެ ބެލުމުގެ ދަށަށް ދޫކޮށްފިނަމަ، އެ މުދާ ހިފަހައްޓަން ބޭނުންވި ތަޙްޤީޤަށް އޭގެ ސަބަބުން ނޭދެވޭ އަސަރެއް ކޮށްފާނެ ކަމަށް ފަނޑިޔާރަށް ބެލެވޭނަމަ، އެ މުދަލެއް އެ މުދަލުގެ ވެރިފަރާތާ ޙަވާލުކުރުމަށް އަމުރުކޮށްގެންނުވާނެއެވެ.

 

 

 

ފަސްވަނަ ބާބު

މީހުން ހުއްޓުވައި ބަލައި ފާސްކުރުމާއި ހައްޔަރުކުރުން

38 ވަނަ މާއްދާމީހުން ހުއްޓުވުމާއި ބަލައި ފާސްކުރުން

(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެނުވީ، އެއްވެސް މީހަކު ހުއްޓުވައި، އެ މީހެއްގެ ގަޔަށް އަތްލައި، އެ މީހަކު ބަލައި ފާސްކޮށްގެންނުވާނެއެވެ.

(ށ) މި ގާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ޙާލަތުގައި ފިޔަވައި، ޖިނާއީ ކުށްކުށާ ގުޅިގެން މީހުން ހުއްޓުވައި، މީހުންގެ ހަށިގަނޑާއި ފޭރާން ބަލައި ފާސްކުރުމުގެ ބާރު ލިބިގެންވަނީ ފުލުހުންނަށެވެ.

(ނ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ޙާލަތުގައި ފިޔަވައި އެހެން ކޮންމެ ޙާލަތެއްގައި، މީހެއްގެ ނުރުހުމުގައި، އެ މީހަކު ހުއްޓުވައި ބަލައި ފާސްކުރެވޭނީ، ކޯޓު އަމުރެއްގެ ދަށުންނެވެ.

(ރ) ކޯޓު އަމުރަކާ ނުލައި މީހަކު ހުއްޓުވައި ބަލައި ފާސްކުރެވޭނީ، ކުށުގެ ވެށިން ފެންނަ ނުވަތަ ކުށެއް ކުރުމަށްފަހު ކުށުގެ ވެށި ދޫކޮށްދިޔަތާ ގިނައިރުތަކެއް ނުވަނީސް ފުލުހުންނާ ދިމާވާ މީހުންގެ ތެރެއިން އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އަންނަނިވި ކަންކަމަށް ޝައްކުކުރުމުގެ ހައިސިއްޔަތު އުފެދޭ ޙާލަތެއްގައި އެކަންޏެވެ.

  1. އަނިޔާވެރި ޢަމަލެއް ހިންގުމަށް ގެންގުޅޭ އެއްޗެއްކަމަށް ބެލެވޭ ވަޅިއެއް ނުވަތަ ޚަންޖަރެއް ނުވަތަ ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ކަމުގައި ބެލެވިދާނެ އެނޫންވެސް އެއްޗެއް އޭނާގެ އަތުގައި އޮތްކަމަށް ބެލެވުން؛
  2. އޭނާގެ އަތުގައި މަސްތުވާއެއްޗެއް ނުވަތަ ބަނގުރާ ހުރިކަމަށް ބެލެވުން؛
  3. އޭނާގެ އަތުގައި ވަގަށް ނަގާފައިވާ އެއްޗެއް ނުވަތަ މިލްކުވެރިކަން ސާބިތުކޮށްނުދެވޭ އެއްޗެއް ހުރިކަމަށް ބެލެވުން؛
  4. އޭނާގެ އަތުގައި ކުށްކޮށްގެން ހޯދާފައިވާ އެއްޗެއް ހުރިކަމަށް ބެލެވުން؛
  5. ޖިނާއީ ބޮޑު ކުށެއްގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް އޭނާގެ އަތުގައި ހުރިކަމަށް ބެލެވުން.

(ބ) މި މާއްދާގެ (ރ) ގައި އެހެން އޮތްނަމަވެސް، ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައިވާ މީހަކު، މި ގާނޫނުގެ 53 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބަލައި ފާސްކުރުމަށް ފުލުހުންނަށް ލިބިދޭ އެއްވެސް ބާރެއް މި މާއްދާއިން ހަންޏެއް ނުކުރެއެވެ.

(ޅ) މި މާއްދާގެ (ރ) ގައި ބަޔާންވެގެންވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއްގައިވާ މީހަކު، ކޯޓު އަމުރަކާ ނުލައި ހުއްޓުވައި، އެ މީހަކާ ގުޅޭގޮތުން އަންނަނިވި ކަންކަން ކުރުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ.

  1. އެ މީހަކީ ކާކުކަން ބުނެދިނުމަށް އެދުން؛
  2. އެ މީހަކު ހައްޔަރުކުރުމަށް ނުވާގޮތުން ފުލުހުންގެ ބެލުމުގެދަށަށް ގެނައުން؛
  3. އެ މީހެއްގެ ޖިންސީ ގުނަވަނެއް ފިޔަވައި، އެހެން ތަންތަން، ލައިގެންހުރި ހެދުން މަތިން އަތްލައިގެން ނުވަތަ ޑިޓެކްޓަރެއް ޖައްސައިގެން ބަލައި ފާސްކުރުން؛
  4. އެ މީހެއްގެ އަތުގައި އޮތް އެއްޗެއް ނުވަތަ އެ މީހަކު ހިފައިގެން ހުރި އެއްޗެއް ބަލައި ފާސްކުރުން؛
  5. އެ މީހަކު ލައިގެންހުރި ހެދުމެއްގެ ޖީބު ނުވަތަ އެއްޗެއް ރައްކާކުރެވޭގޮތަށް އެ ހެދުމެއްގައިވާ އެހެން ތަންތަން ބަލައި ފާސްކުރުން؛
  6. މޫނު ނިވާކޮށްގެން ހުރިނަމަ، މޫނު ހާމަކުރުން؛
  7. ކުށެއް ކުރިކަމުގެ ތުހުމަތުގައި ހެއްކެއްގެ ގޮތުގައި ބެލެވޭނެ އެއްޗެއް އޭނާގެ އަތުގައި އޮތްނަމަ، އެ އެއްޗެއް ފުލުހުންގެ ބެލުމުގެދަށަށް ގެންދިއުން؛
  8. އެހެން މީހަކަށް ގެއްލުމެއް ދެވިދާނެ އެއްޗެއް އޭނާގެ އަތުގައި އޮތްނަމަ، އެވަގުތަކަށް، ވަގުތީގޮތުން، އެ އެއްޗެއް ފުލުހުންގެ ބެލުމުގެދަށަށް ގެންދިއުން.

(ކ) މި މާއްދާގެ (ރ) ގެ ދަށުން ލިބިދޭ ބާރުގެ ދަށުން މީހެއްގެ ހަށިގަނޑު ފުލުހުން ބަލައި ފާސްކުރުމުގައި، ބަލައި ފާސްކުރެވޭ މީހާގެ ގައިގައި އަތްލަންވާނީ، އަދި އޭނާ ބަލައި ފާސްކުރެވޭއިރު އެތާނގައި ތިބެންވާނީ، ބަލައި ފާސްކުރެވޭ މީހާއާ އެއް ޖިންސެއްގެ މީހުން އެކަންޏެވެ.

(އ) މި މާއްދާގެ (ޅ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކުރާ ޙާލަތުގައި ހުރި މީހަކީ، މޫނުބުރުގާ އަޅައިގެންހުރި އަންހެނެއް ކަމުގައިވާނަމަ، އޭނާގެ މޫނު ހާމަކުރަން އަންގަންވާނީ، އަދި ހާމަކުރާއިރު ހާޒިރުވެ ހުންނަންވާނީ، އޭނާއާ އެއް ޖިންސެއްގެ އޮފިސަރެކެވެ.

(ވ) މި މާއްދާގެ (ކ) ނުވަތަ (އ) ގައިވާ ގޮތުގެމަތިން ޢަމަލުކުރުމުގައި ކުށުގެ ތުހުމަތުގައިވާ މީހާއާ އެއް ޖިންސުގެ އޮފިސަރަކު އެތަނުގައި ނެތްނަމަ، އޭނާއާ އެއް ޖިންސުގެ މީހަކު އެތަނަށް ހާޒިރުކުރުވައި، އެ މީހަކު މެދުވެރިކޮށް ކުށުގެ ތުހުމަތުގައިވާ މީހާ ބަލައި ފާސްކުރެވިދާނެއެވެ. އެ ޙާލަތުގައި މީހަކު ބަލައި ފާސްކުރެވޭއިރުވެސް އެތާނގައި ތިބެންވާނީ، ބަލައި ފާސްކުރެވޭ މީހާއާ އެއް ޖިންސެއްގެ މީހުން އެކަންޏެވެ.

(މ) ކޯޓު އަމުރެއްގެ ދަށުން މީހަކު ބަލައި ފާސްކުރުމުގައި، އެ އަމުރުގައި ވަކި ޚާއްޞަ ކަންތައްތަކެއް ކުރުމުގެ ބާރު ދީފައިނުވާނަމަ، މި މާއްދާގެ (ބ)، (ޅ)، (ކ)، (އ) އަދި (ވ) ގެ ދަށުން ކުރުމަށް ފުލުހުންނަށް ބާރުލިބިދޭ ކަންކަން ކުރުމުގެ ބާރު، އެ އަމުރުގެ ދަށުން މީހަކު ބަލައި ފާސްކުރާ ފުލުހުންނަށް ލިބިގެންވެއެވެ.

 

39 ވަނަ މާއްދާ – ނަމާއި އުމުރު ބުނުމަށް އެންގޭނެ ހާލަތްތައް

(ހ) އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއްގައިވާ މީހެއްގެ ނަމާއި ޢުމުރާއި އެޑްރެސް ބަޔާންކޮށްދިނުމަށާއި، އެކަމުގެ ހެކި ދެއްކުމަށް އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

  1. ކުށެއް ކުރަމުންދަނިކޮށް ފެންނަ މީހާ؛
  2. ކުށެއް ކޮށްފައިވާ ކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ތުހުމަތުކުރެވޭ މީހާ؛
  3. ކޯޓު އަމުރެއް ތަންފީޛުކުރުމަށްޓަކައި އެ އަމުރު ރައްދުވާ މީހާ؛
  4. ފުލުހުން ހިންގަމުންގެންދާ ތަޙްޤީޤެއްގައި އެހީތެރިވެވިދާނެ ފަރާތެއް ކަމަށް ފުލުހުންނަށް ފެންނަ މީހާ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ފުލުހުންނަށް ލިބިދޭ ބާރެއްގެ ބޭނުން ހިފުމުގައި، މީހެއްގެ ނަމާއި ޢުމުރާއި އެޑްރެސް ބަޔާންކޮށްދިނުމަށް އެންގެނީ ކޮން މަޤްޞަދެއްގައި ކަމާމެދު އެ މީހާ ސުވާލުކޮށްފިނަމަ، އެކަން ކުރަން އަންގަނީ، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ޙާލަތްތަކުގެ ތެރެއިން ކޮން ޙާލަތެއްގައިކަން އޭނާއަށް ސާފުކޮށްދޭންވާނެއެވެ.

(ނ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ޙާލަތުގައި ފިޔަވައި، މި މާއްދާގެ (ހ) ގައިވާ ޙާލަތްތަކުގައާއި، މި ގާނޫނުގެ 38 ވަނަ މާއްދާއާއި، 40 ވަނަ މާއްދާގައިވާ ޙާލަތްތަކުގައި މެނުވީ، މީހެއްގެ ނަމާއި ޢުމުރާއި އެޑްރެސް ބަޔާންކޮށްދިނުމަށާއި، އެކަމުގެ ހެކި ދެއްކުމަށް އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެނެއްނުވެއެވެ.

 

40 ވަނަ މާއްދާ – ހައްޔަރުކުރުން

(ހ) އެހެން ޤާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ޙާލަތުގައި ފިޔަވައި، ޖިނާއީ ކުށަކާ ގުޅިގެން މީހުން ހައްޔަރުކުރުމުގެ ބާރު ލިބިގެންވަނީ ފުލުހުންނަށެވެ.

(ށ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ޙާލަތުގައި މެނުވީ، ފުލުހުންނަށް މީހަކު ހައްޔަރުކުރެވޭނީ ކޯޓު އަމުރެއްގެ ދަށުން، އެ އަމުރުގައިވާ ގޮތުގެމަތިންނެވެ.

(ނ) އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއް ވުޖޫދުގައިވާކަމަށް ފުލުހުންނަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޤަބޫލުކުރެވޭ ކަމަށްވާނަމަ، ކޯޓު އަމުރަކާ ނުލައި އެ ޙާލަތުގައިވާ މީހާ ހައްޔަރުކުރުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ.

  1.  މީހަކު ކުށެއް ކޮށްފިކަމަށް އެކަށީގެންވާ ހެކި ލިބިފައިވާ ޙާލަތުގައި؛
  2. މީހަކު ކުރަމުންދާ ކުށެއް ހުއްޓުވުމަށްޓަކައި، ނުވަތަ އެވަގުތު އެ ކުށުގެ ޢަމަލު ތަކުރާރުކުރިޔަ ނުދިނުމަށްޓަކައި، ނުވަތަ ހިންގަމުންދިޔަ ޢަމަލުން އެހެން ކުށެއް ކުރިޔަނުދިނުމަށްޓަކައި؛
  3. މީހަކު އެވަގުތު އެއުޅެނީ ކުށެއް ކުރަން ކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކި ލިބިފައިވާ ޙާލަތުގައި، އެ ކުށް ކުރިޔަނުދިނުމަށްޓަކައި؛
  4.  މީހާގެ ނަމާއި ޢުމުރު ބަޔާންކޮށްދިނުމަށް މި ގާނޫނުގެ 38 ވަނަ މާއްދާގެ (ޅ) ގެ (1)ވަނަ ނަންބަރުގައި ބަޔާންކުރާ ޙާލަތުގައި ފުލުހަކު ކުރި އަމުރަށް އިންކާރުކުރުމުން، އެ މަޢުލޫމާތު ދެނެގަތުމަށްޓަކައި؛
  5. ކޯޓަށް ހާޒިރުވުމުގެ އަމުރެއް ނިސްބަތްވާ މީހަކު އެ އަމުރަށް ތަބާނުވުމުން، އޭނާ ކޯޓަށް ހާޒިރުކޮށްދިނުމަށް ކޯޓުން ކުރާ އަމުރެއް ތަންފީޛުކުރުމަށްޓަކައި؛
  6. ޖިނާއީ ބޮޑު ކުށެއްގެ ހެކި ފޮރުވުމަށް ނުވަތަ ނައްތާލުމަށ މަސައްކަތްކޮށްފާނެކަމަށްޓަކައި؛
  7. ޤާނޫނީގޮތުން ބަންދުގައި ބެހެއްޓޭނެ ޙާލަތެއްގައި ބަންދުގައި ހުރި މީހަކު ފިލައިގެން ދިޔަނުދިނުމަށްޓަކައި؛
  8. ކޯޓު އަމުރަކާ ނުލައި މީހުން ހައްޔަރުކުރުމަށް ގާނޫނުން ކަނޑައެޅިގެން ފުލުހުންނަށް ބާރު ލިބިދޭ ޙާލަތުގައި.

(ރ) މި މާއްދާގެ ދަށުން މީހަކު ހައްޔަރުކުރަންވާނީ، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދައާއެކު، ޔުނީފޯމް އެޅި ފުލުހެކެވެ.

(ބ) ފުލުހުންގެ މައި މަރުކަޒު ނުވަތަ ސަރަޙައްދީ މަރުކަޒެއް ޤާއިމުކުރެވިފައިވާ ރަށެއް ފިޔަވައި އެހެން ރަށެއްގައި ސަބް އިންސްޕެކްޓަރ ރޭންކުން ފެށިގެން މަތީ އޮފިސަރަކު ނެތްނަމަ، މީހަކު ހައްޔަރުކުރުމަށްޓަކައި މި މާއްދާގެ (ރ) ގައި ބަޔާންކުރާ ހުއްދަ ހޯދާނީ، ފުލުހުންގެ މައި މަރުކަޒަށް ނުވަތަ އެންމެ ކައިރީގައިވާ ސަރަޙައްދީ މަރުކަޒަކަށް ގުޅައި، އެތަނުގައި ހުރި ސަބް އިންސްޕެކްޓަރ ރޭންކުންފެށިގެން މަތީ އޮފިސަރެއްގެ ހުއްދަ ހޯދުމަށްފަހުގައެވެ.

(ޅ) މި މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން ޢަމަލުކުރާ ކޮންމެ ފަހަރަކު، ހުއްދަދޭ ފުލުހުންގެ އޮފިސަރުގެ ނަމާއި ސޮޔާއި، ހުއްދަ ދިން ތާރީޚާއި ވަގުތު އެނގޭނެ ފަދައިން ލިޔުމުން ރެކޯޑުކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ނ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން ހައްޔަރުކުރެވޭ ފަރާތްތަކުގެ ހައްޔަރާމެދު ގޮތެއް ކަނޑައެޅުމަށް، މި ގާނޫނުގެ 58 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރާކަށް ނުޖެހޭނެއެވެ.

(އ) މި މާއްދާގެ (ކ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މި މާއްދާގެ (ނ) ގެ (5) ވަނަ ނަންބަރުގެ ބޭނުމަށް ހައްޔަރުކުރެވޭ ފަރާތެއް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުނުކޮށް ބެހެއްޓޭނީ ގިނަވެގެން 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ މުއްދަތަކަށެވެ.

 

41 ވަނަ މާއްދާ - ހައްޔަރުކުރުމުގެ އަމުރު

(ހ) މީހަކު ހައްޔަރުކުރުމަށްޓަކައި ކޯޓު އަމުރަކަށް އެދި ހުށަހަޅާއިރު ފުލުހުން އަންނަނިވި މަޢުލޫމާތު ކޯޓަށް ހުށަހަޅަންވާނެއެވެ.

  1. ކޯޓު އަމުރަށް އެދެނީ ކޮން ޤާނޫނެއްގައި ބަޔާންކުރާ ކޮން ކުށަކާ ގުޅިގެންކަން؛
  2. ހައްޔަރުކުރަން ބޭނުންވާ މީހާގެ ނަމާއި އެޑްރެސް؛
  3. އޭނާ އެ ކުށް ކުރިކަމަށް ލިބިފައިވާ ހެކި؛ އަދި
  4. މައްސަލައާގުޅޭ އިތުރު ތަފްޞީލު.

(ށ) މީހަކު ހައްޔަރުކުރުމަށް ނެރޭ ކޯޓު އަމުރެއްގައި އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.

  1. އަމުރު ނެރެވޭ ބޭނުން؛
  2. އަމުރުގެ ދަށުން ހައްޔަރުކުރަން ބޭނުންވާ މީހާގެ ނަމާއި އެޑްރެސް؛
  3. އޭނާ ހައްޔަރުކުރެވެނީ ކޮން ޤާނޫނެއްގައި ބަޔާންކުރާ ކޮން ކުށެއްގެ ތުހުމަތުގައިކަން؛
  4. އެ އަމުރުން ބާރުދޭ ކަންކަން ކުރުމަށްޓަކައި އެކަށީގެންވާ މިންވަރަކަށް ބާރުގެ ބޭނުންކުރުމަށް ހުއްދަކުރާކަން؛
  5. އަމުރު ދެމިއޮންނާނެ މުއްދަތު؛
  6. ހުއްދަ ދޭ ފަނޑިޔާރުގެ ނަމާއި ސޮއި، އަދި ކޯޓުގެ ތައްގަނޑު.

(ނ) ހައްޔަރުކުރުމުގެ ކޯޓު އަމުރެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އެ އަމުރު ދެމިއޮންނާނީ، އެ އަމުރުގައި ބަޔާންކުރާ މީހާ ހައްޔަރުކުރެވެންދެން ނުވަތަ އެ އަމުރު ކޯޓުން ބާޠިލުކުރަންދެނެވެ.

(ރ) ހައްޔަރުކުރުމުގެ އަމުރެއް ތަންފީޛުކުރާ ފުލުހަކު، އަންނަނިވި ގޮތުގެމަތިން ޢަމަލުކުރަންވާނެއެވެ.

  1. ހައްޔަރުކުރެވޭ މީހާއަށް އޭނާގެ ތަޢާރުފެއް ދިނުމަށްފަހު އޭނާއަކީ ފުލުހުންގެ އޮފިސަރެއްކަން އަންގައިދޭ ރަސްމީ ލިޔުމެއް އޭނާއަށް ދެއްކުން؛ އަދި
  2. ކޯޓު އަމުރުގެ ކޮޕީއެއް ހައްޔަރުކުރެވޭ މީހާއަށް ދިނުން.

 

42 ވަނަ މާއްދާ – ހައްޔަރުކުރާއިރު އަމަލުކުރަންވީ ގޮތް

ފުލުހުން، ކޯޓު އަމުރެއްގެ ދަށުން ނުވަތަ ކޯޓު އަމުރަކާ ނުލައި ނަމަވެސް، މީހަކު ހައްޔަރުކުރާ ޙާލަތުގައި އަންނަނިވި ގޮތުގެމަތިން ޢަމަލުކުރަންވާނެއެވެ.

(ހ) ހައްޔަރުކުރެވޭ މީހާއަށް ދޭންޖެހޭ ޤާނޫނީ އިންޒާރު ދިނުން؛

(ށ) ހައްޔަރުކުރެވޭ މީހާ ހައްޔަރަށް ދެކޮޅުނުހަދާ ކަމަށްވާނަމަ، ބާރުގެ ބޭނުންނުކުރުން؛

(ނ) ހައްޔަރުކުރެވޭ މީހާ ހައްޔަރަށް ދެކޮޅުނުހަދާނަމަ، އޭނާ ގައިގައި ބިޑިނޭޅުވުން؛

(ރ) ހައްޔަރުކުރެވޭ މީހާ ހައްޔަރަށް ދެކޮޅުހަދާނަމަ، އޭނާ ހިފެހެއްޓުމަށްޓަކައި ބޭނުންވާ މިންވަރަށް ބާރުގެ ބޭނުންކުރުމާއި، ބިޑިއެޅުވުން.

 

43 ވަނަ މާއްދާ – ހައްޔަރުކޮށްފައވާ ކަމުގެ މައުލޫމާތު ދިނުން

(ހ) ފުލުހުން، ކޯޓު އަމުރެއްގެ ދަށުން ނުވަތަ ކޯޓު އަމުރަކާ ނުލައި ނަމަވެސް، މީހަކު ހައްޔަރުކޮށްފި ކަމުގައިވާނަމަ، އޭނާ ހައްޔަރުކުރާކަމާއި، އޭނާ ހައްޔަރުކުރެވޭ ސަބަބު ވަގުތުން އަނގަބަހުން އަންގަންވާނެއެވެ. 

(ށ) މީހަކު ހައްޔަރުކުރެވޭ ހިނދު، އެ މީހަކު ހައްޔަރުކުރެވޭކަން ފާޅުގައި، ޢަމަލުން ދޭހަވި ނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފުލުހުން ޢަމަލުކުރަންވާނެއެވެ.

(ނ) ވީއެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި، އަދި ގިނަވެގެން 12 (ބާރަ) ގަޑިއިރުގެ ތެރޭގައި، ހައްޔަރުކުރެވޭ މީހަކު ހައްޔަރުކޮށްފައިވާ ކަމާއި، އޭނާ ހައްޔަރުކުރި ސަބަބާއި، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ މަޢުލޫމާތު އޭނާއަށް ލިޔުމުން ދޭންވާނެއެވެ.

(ރ) ހައްޔަރުކޮށްފައިވާ މީހަކު ހައްޔަރުން ދޫކޮށްލުމުގެ ކުރީގައި، އޭނާ ހައްޔަރުކުރި ފުލުހުންގެ އޮފިސަރުގެ ނަމާއި ރޭންކާއި އޭނާ ހައްޔަރުކޮށްފައި ބަހައްޓާފައިހުރި ތަނަކާ ޙަވާލުވެހުރި އެންމެ އިސް މީހެއްގެ ނަން، އޭނާއަށް ލިޔުމުން ދޭންވާނެއެވެ.

(ބ) ހައްޔަރުކުރެވުނީ ކުޑަކުއްޖެއްނަމަ، އޭނާ ހައްޔަރުކޮށްފައިވާކަން އޭނާގެ ބެލެނިވެރިއަކަށް ނުވަތަ އޭނާގެ މަޞްލަޙަތު ޙިމާޔަތްކޮށްދެވޭނެ އެހެން ފަރާތަކަށް ވީއެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި އަދި ގިނަވެގެން 4 (ހަތަރެއް) ގަޑިއިރުގެ ތެރޭގައި އަންގަންވާނެއެވެ.

 

44 ވަނަ މާއްދާ - ގާނޫނީ އިންޒާރުދިނުން

(ހ) ކުށެއްގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރުކޮށްފިކަން އޭނާއަށް އަންގާހިނދު، އޭނާއަށް ދޭންޖެހޭ ޤާނޫނީ އިންޒާރު ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދޭ ޤާނޫނީ އިންޒާރުގައި ހިމެނިގެންވަނީ އަންނަނިވި ކަންކަން އޭނާއަށް އެންގުމެވެ.

  1. އޭނާ ހައްޔަރުކުރެވޭ ކަމާއި، ހައްޔަރުކުރެވެނީ ކޮން ޤާނޫނެއްގައި ބަޔާންކުރާ ކޮން ކުށަކާ ގުޅިގެންކަން؛ އަދި
  2. އޭނާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު މަޢުލޫމާތެއް ނުދީ ހަނުހުރުމުގެ ޙައްޤު އޭނާއަށް ލިބިގެންވާކަން؛ އަދި
  3. ސުވާލަށް ޖަވާބު ނުދިނުމަކީ އޭނާއަށް ލިބިގެންވާ ޙައްޤެއްކަން، އެހެންނަމަވެސް ސުވާލަށް ޖަވާބުދިނުން އެދެވިގެންވާކަން؛ އަދި
  4. ސުވާލަށް ދޭ ޖަވާބަކީ އޭނާއާ ދެކޮޅަށް ކޯޓެއްގައި ބޭނުންކުރެވިދާނެ އެއްޗެއްކަން؛ އަދި
  5. އޭނާއަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިގެންވާކަން؛ އަދި
  6. އޭނާއަކީ ޤާނޫނީ ވަކީލަކު ހަމަޖެއްސޭވަރުގެ މާލީ ތަނަވަސްކަމެއް ނެތް މީހެއް ކަމުގައިވާނަމަ، އަދި އޭނާއާމެދު ތުހުމަތުކުރެވިފައިވާ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވާނަމަ، ދައުލަތުން ޤާނޫނީ ވަކީލަކު ހަމަޖައްސައިދިނުމަށް އެދުމުގެ ޙައްޤު އޭނާއަށް ލިބިގެންވާކަން.

(ނ) މި މާއްދާގެ ދަށުން އަންގާ ޤާނޫނީ އިންޒާރެއްގެ ޤާނޫނީ ޙައްޞިއްޔަތު ފުރިހަމަވާނީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން އެފަދަ އެންގުމެއްގައި ހިމެނިގެންވާނަމައެވެ. 

 

45 ވަނަ މާއްދާ – ހައްޔަރުކުރުމަށްފަހު އަމަލުކުރަންޖެހޭ އިޖުރާއަތުތައް

(ހ) ކޯޓު އަމުރެއްގެ ދަށުން ނުވަތަ ކޯޓު އަމުރަކާ ނުލައި ނަމަވެސް، މީހަކު ހައްޔަރުކޮށްފި ކަމުގައިވާނަމަ، ލަސްނުކޮށް، އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް އޭނާ ގެންދަންވާނެއެވެ.

(ށ) ހައްޔަރުކުރެވޭ މީހާ ފުލުހުންގެ މަރުކަޒަށް ގެނައުމާއެކު، އެ މަރުކަޒުގައި އެ ވަގުތު ހުރި އިސް އޮފިސަރު އޭނާގެ މަޢުލޫމާތު ރެކޯޑުކުރުމަށްފަހު، އޭނާގެ ހައްޔަރާމެދު ގޮތެއް ނިންމަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ފުލުހުންގެ މަރުކަޒަށް ގެނެވޭ މީހާ އިތުރަށް ހައްޔަރުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމުގައި އެ މަރުކަޒުގައި އެ ވަގުތު ހުރި އިސް އޮފިސަރަށް ފެނިއްޖެނަމަ، ވަގުތުން އޭނާ ހައްޔަރުން ދޫކޮށްލަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ފުލުހުންގެ މަރުކަޒަށް ގެނެވޭ މީހަކީ، އޭނާ ހައްޔަރުކުރަންޖެހޭ ކުށާ ގުޅޭގޮތުން އިތުރަށް ސުވާލުކުރަންޖެހޭ މީހެއް ކަމަށް އެ މަރުކަޒުގައި އެ ވަގުތު ހުރި އިސް އޮފިސަރަށް ފެނިއްޖެނަމަ، މި ގާނޫނުގެ 52 ވަނަ މާއްދާގައިވާ ގޮތުގެމަތިން އޭނާ ބަންދުކުރެވިދާނެއެވެ. 

(ބ) ފުލުހުންގެ މަރުކަޒުތަކުގައި އެ ވަގުތު ހުރި އިސް އޮފިސަރަކީ، ފުލުހުންގެ ސަރޖަންޓް ރޭންކުން ފެށިގެން މަތީ ރޭންކެއްގެ މީހެއް ކަމުގައިވާންވާނެއެވެ.

 

46 ވަނަ މާއްދާ -  ހައްޔަރުގައި ބަހައްޓައިގެން ސުވާލުކުރުން

(ހ) ހައްޔަރުގައި ބަހައްޓައިގެން ފުލުހުން މީހަކާ ސުވާލުކުރާ ޙާލަތުގައި، އޭނާއާ ސުވާލުކުރަން ފެށުމުގެކުރިން، މި ގާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކުރާ ޤާނޫނީ އިންޒާރުގައި ހިމެނިގެންވާ ބައިތައް އޭނާއަށް ރަނގަޅަށް ފަހުމްވެއްޖެކަން ކަށަވަރުކުރަންވާނެއެވެ. އަދި ފަހުމްނުވާނަމަ، އޭނާއަށް އެކަންކަން ފަހުމްވާނެ ގޮތަކަށް ސާފުކޮށްދޭންވާނެއެވެ.

(ށ) ހައްޔަރުގައި ބަހައްޓައިގެން ފުލުހުން މީހަކާ ސުވާލުކުރާ ޙާލަތުގައި، އޭނާއާ ސުވާލުކުރަން ފެށުމުގެކުރިން، އޭނާގެ ތިމާގެ މީހަކަށް ނުވަތަ އޭނާގެ ރަޙްމަތްތެރިއަކަށް ނުވަތަ އޭނާގެ ޤާނޫނީ ވަކީލަށް ފޯނުކުރުމުގެ ފުރުޞަތުދޭންވާނެއެވެ. އަދި އޭނާ ހުރިތަނެއް ބަޔާންކުރުމުގެ ފުރުޞަތު ދޭންވާނެއެވެ.

(ނ) ފުލުހުންގެ ހައްޔަރުގައި ހުރި މީހާ ބޭނުންކަމުގައިވާނަމަ، އޭނާއާ ސުވާލުކުރެވޭ ވަގުތު އޭނާގެ ޤާނޫނީ ވަކީލު އޭނާއާ އެކުގައި ހުރުމަށް އެދުމުގެ ޙައްޤު، އޭނާއަށް ލިބިގެންވެއެވެ. އަދި، އޭނާ އެކަމަށް އެދެފިނަމަ، ފުލުހުން އޭނާއަށް އެ ފުރުޞަތުދޭންވާނެއެވެ. 

(ރ) މި މާއްދާގެ (ނ) ގައި އެހެން އޮތްނަމަވެސް، ހައްޔަރުކުރެވޭއިރު ފުލުހުން ދޭ ޤާނޫނީ އިންޒާރު ދިނުމަށްފަހުގައި، އަދި އެ އިންޒާރުގައި ހިމެނޭ ކަންކަން އޭނާއަށް ފަހުމްވެއްޖެކަން ކަށަވަރުކުރުމަށްފަހުގައިވެސް ޤާނޫނީ ވަކީލެއްގެ ފުރުޞަތު ބޭނުންނުވާ ކަމަށް ބުނެ، އެ ފުރުޞަތު ދޫކޮށްލައިފި މީހަކާ ފުލުހުންނަށް ސުވާލުކުރެވިދާނެއެވެ.

(ބ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މި މާއްދާގެ (ނ) ގެ ދަށުން ޤާނޫނީ ވަކީލަކު ހަމަޖައްސަން ދޭ ފުރުޞަތުގައި، 12 (ބާރަ) ގަޑިއިރު ފާއިތުވާއިރުވެސް އެކަށީގެންވާ ސަބަބަކާ ނުލައި ޤާނޫނީ ވަކީލު ހާޒިރުވެފައިނުވާނަމަ، ފުލުހުންނަށް އޭނާއާ ސުވާލުކުރުމައިގެން ކުރިއަށްދެވިދާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި އެހެން އޮތްނަމަވެސް، ހައްޔަރުގައި ހުރި މީހާއަށް ޤާނޫނީ ވަކީލަކު ހަމަޖައްސަން ދެވޭ ފުރުޞަތުގައި، އޭނާ ޤާނޫނީ ވަކީލަކު ޢައްޔަންކުރުމަށްފަހުގައިވެސް އޭނާގެ ވަކީލު ހާޒިރުނުވެއްޖެނަމަ، އަދި ވަކީލު ހާޒިރުވެފައިނުވަނީ، ހައްޔަރުކުރެވިފައިވާ ފަރާތަށް އެންގުމަކާ ނުލައި ކަމުގައިވާނަމަ، އެހެން ޤާނޫނީ ވަކީލަކު ޢައްޔަންކުރުމަށް، 6 (ހައެއް) ގަޑިއިރުގެ އިތުރު ފުރުޞަތެއް، އޭނާއަށް ދޭންވާނެއެވެ. އަދި އެ 6 (ހައެއް)ގަޑިއިރު ފާއިތުވާއިރުވެސް، އެކަށީގެންވާ ސަބަބަކާ ނުލައި ޤާނޫނީ ވަކީލު ހާޒިރުވެފައިނުވާނަމަ، ފުލުހުންނަށް އޭނާއާ ސުވާލުކުރުމައިގެން ކުރިއަށްދެވިދާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކުރާ ޙާލަތުގައި ކުށުގެ ތުހުމަތުގައިވާ މީހާގެ ޤާނޫނީ ވަކީލުގެ ޣައިރު ހާޒިރުގައި އޭނާއާ ސުވާލުކުރުމައިގެން ކުރިއަށްދިޔަ ނަމަވެސް، އޭގެ ފަހުން އޭނާގެ ވަކީލު ހާޒިރުވެއްޖެނަމަ، ވަކީލު ހާޒިރުވާ ހިސާބުން ފެށިގެން އޭނާއާ ސުވާލުކުރަންވާނީ ވަކީލުގެ ހާޒިރުގައެވެ.

(އ) މި މައްދާގެ (ރ) ގައި ބަޔާންކުރާ ޙާލަތުގައި ކުށުގެ ތުހުމަތުގައިވާ މީހާއާ ސުވާލުކުރަމުންދަނިކޮށް، އޭނާ ޤާނޫނީ ވަކީލެއްގެ ފުރުޞަތު ބޭނުންވާކަމަށް ބުނެފިނަމަ، އޭނާއާ ސުވާލުކުރުން ވަގުތުން ހުއްޓާލަންވާނެއެވެ. އަދި ވަކީލަކު ޢައްޔަންކުރުމުގެ ފުރުޞަތު، މި މާއްދާގެ (ނ)، (ބ) އަދި (ޅ) ގައިވާ ގޮތުގެމަތިން އޭނާއަށް ދޭންވާނެއެވެ.

(ވ) ފުލުހުން ސުވާލުކުރާ މީހާ ޢާންމުކޮށް ވާހަކަދައްކާ އުޅޭ ބަހުން ނުވަތަ އޭނާއަށް އެނގޭ އެނޫންވެސް ބަހަކުން ފުލުހުންނަށް އޭނާއާ ސުވާލުކުރަން ނޭނގޭނަމަ، ފުލުހުން ކުރާ ސުވާލުތައް އޭނާއަށް ތަރުޖަމާކޮށްދެވޭނެ މީހަކު ހޯދައި، އެ ތަރުޖަމާނުގެ ޚިދުމަތް ފުލުހުން ބޭނުންކުރަންވާނެއެވެ. އަދި، އޭނާ ވާހަކަދައްކަނީ އިޝާރާތުން ކަމުގައިވާނަމަ، އެކަން އޭނާއަށް ކޮށްދިނުން އެކަށީގެންވާ މީހަކު އޭނާއާ އެއް ހާޒިރުގައި ބަހައްޓައި، އެފަދަ މީހެއްގެ ބޭނުން ފުލުހުން ހިފަންވާނެއެވެ.

(މ) ކުށުގެ ތުހުމަތުގައިވަނީ ކުޑަކުއްޖެއް ކަމުގައިވާނަމަ، އެ ކުއްޖަކާ ސުވާލުކުރަންވާނީ، އެ ކުއްޖެއްގެ ބެލެނިވެރިއެއް، ނުވަތަ ބެލެނިވެރިއަކަށް ހާޒިރުވެވެން ނެތް ޙާލަތެއްގައި، އެ ކުއްޖެއްގެ މަޞްލަޙަތު ޙިމާޔަތްކޮށްދެވޭނެއެހެން ފަރާތެއްގެ ހާޒިރުގައެވެ.

(ފ) ކުށުގެ ތުހުމަތުގައިވާ މީހަކާ ފުލުހުން ސުވާލުކުރަން ފެށުމުގެ ކުރިން ދޭ ޤާނޫނީ އިންޒާރާއި އެއަށް އޭނާ ދޭ ޖަވާބާއި، ފުލުހުން ކުރާ ސުވާލާއި، އެ ސުވާލުތަކަށް އޭނާ ދޭ ޖަވާބަކީ، އޯޑިއޯ ނުވަތަ ވީޑިއޯ ރެކޯޑުކުރެވެންވާނެ ސުވާލާއި ޖަވާބެވެ. އަދި އޯޑިއޯ ނުވަތަ ވީޑިއޯ ރެކޯޑު ނުކުރެވޭގޮތަށް މީހަކާ ސުވާލުކޮށްގެން ނުވާނެއެވެ.

(ދ) ތަޙްޤީޤުގައި އޯޑިއޯ ނުވަތަ ވީޑިއޯ ރެކޯޑުކުރެވޭ އެއްޗެއްސަކީ އެ މީހަކު ތަޙްޤީޤުގައި އެގޮތަށް ދައްކާފައިވާ ވާހަކަ ކަމަށް ސާބިތުކޮށްދިނުމަށްޓަކައި ހެކީގެ ގޮތުގައި ކޯޓަށް ހުށަހެޅޭނެ އަދި ކޯޓުން ބަލައިގަންނާނެ ހެއްކެވެ.

  

47 ވަނަ މާއްދާ - ހަނުހުރުމުގެ ހައްގު

(ހ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ޖިނާއީ ކުށެއްގެ ތުހުމަތުގައި ސުވާލުކުރެވޭ މީހާއަށް، ތިމާއަކީ ކާކުކަން އަނގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މަޢުލޫމާތެއް ނުދީ ހަނުހުރުމުގެ ޙައްޤުގެ ބޭނުން ހިފުމަށް ކޮންމެ ވަގުތެއްގައިވެސް އިޚްތިޔާރުކުރެވިދާނެއެވެ. އަދި އެ ޙައްޤުގެ ބޭނުންހިފާނަމަ، އެ ޙައްޤު އޭނާ އިޚްތިޔާރުކޮށްފިކަން ފާޅުގައި ބުނަންވާނެއެވެ. އަދި އެކަން، ލިޔުމުން ރެކޯޑުކުރަންވާނެއެވެ.

(ށ) ކުށުގެ ތުހުމަތުކުރެވޭ މީހާ ހަނުހުރުމުގެ ޙައްޤު އިޚްތިޔާރުކޮށްފިކަމަށް މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބުނެފި ހިނދެއްގައި، އޭނާއާމެދު ކުރެވިފައިވާ ތުހުމަތާގުޅޭގޮތުން އޭނާއާ ދެން އިތުރަށް އެއްވެސް ސުވާލެއް ކޮށްގެން ނުވާނެއެވެ. އަދި، އޭނާ އެ ޙައްޤު އިޚްތިޔާރުކުރީ، ސުވާލުކުރެވެމުން ދަނިކޮށް ކަމުގައިވާނަމަ، އޭނާއާ ސުވާލުކުރަމުން ދިޔަދިއުން އެހިނދުން ފެށިގެން ހުއްޓާލަންވާނެއެވެ.

(ނ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ހަނުހުރުމުގެ ޙައްޤު ކުށުގެ ތުހުމަތުގައިވާ މީހަކަށް ލިބިދެނީ، ގާނޫނުގެ ކުރިމަތީގައި އޭނާ ޖަވާބުދާރީވާންޖެހޭ މީހަކަށް އޭނާ ދޭ ޖަވާބަކުން، އޭނާގެ މައްޗަށް ކުށެއް ސާބިތުކުރުމަށް ހެކި ހުށަހެޅިދާނެ ޙާލަތެއްގައި ނުވަތަ އޭނާގެ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ދޭންޖެހޭ ޙާލަތުގައި، އެ ނިސްބަތަށް އެކަންޏެވެ. އެނޫން ޙާލަތްތަކުގައި ހަނުހުރުމުގެ ޙައްޤުގެ ބޭނުމެއް ނުކުރެވޭނެއެވެ.

(ރ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ގާނޫނު ތަންފީޛުކުރާ އިދާރާއަކުން ޝަރީޢަތަށް ހުށަހަޅާފާނެ މަޢުލޫމާތަކީ، ކުށުގެ ތުހުމަތުގައިވާ މީހާއާ ދެކޮޅަށް ކުށެއް ސާބިތުކުރުމަށް ބޭނުންކުރެވިދާނެ މަޢުލޫމާތެއް ކަމުގައިވާނަމަ، އެ މަޢުލޫމާތެއް އެ އިދާރާއަށް ނުދީ، އެ ޙާލަތުގައި، ހަނުހުރުމުގެ ޙައްޤު، އޭނާއަށް ލިބިދެއެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެންއޮތްނަމަވެސް، އޭނާގެ ފަރާތުން ދެވޭ މަޢުލޫމާތަކީ އޭނާއާ ދެކޮޅަށް ހެކީގެ ގޮތުގައި ބޭނުންކުރެވޭނެ މަޢުލޫމާތެއް ކަމުގައިނުވާނަމަ، އެ މަޢުލޫމާތެއް ގާނޫނު ތަންފީޛުކުރާ އިދާރާއަށް ހާމަކުރަންވާނެއެވެ. އެ ޙާލަތުގައި ހަނުހުރުމުގެ ޙައްޤުގެ ބޭނުމެއް ނުކުރެވޭނެއެވެ.

 

48 ވަނަ މާއްދާ – އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ހައްގު

(ހ) ކުށެއްގެ ތުހުމަތުގައިވާ ކޮންމެ މީހަކަށްމެ، އެ މީހެއްގެ އަމިއްލަ ނަފްސާ ދެކޮޅަށްބަޔާނެއް ނުދިނުމުގެ ޙައްޤު ލިބިގެންވެއެވެ.

(ށ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މާއްދީ ހެއްކެއްގެ ގޮތުގައި ޝަރީޢަތަށް ހުށަހަޅަންޖެހޭ އެއްޗެއް ހުށަހެޅެން އޮތް ހަމައެކަނި ގޮތަކީ، އެ އެއްޗެއް، ކުށުގެ ތުހުމަތުކުރެވޭ މީހާއާ ގުޅުވުމަށްޓަކައި، އޭނާގެ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިޝާން ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލެއް ހޯދުން ކަމުގައިވެފައި، އެ އެއްޗެއް އޭނާގެ އަތުން ހޯދަން އެދޭ ޙާލަތުގައި، އެއިން ސާމްޕަލެއް ނުދިނުމަކީ، އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ މާނައިގައި ހިމެނިގެންވާ ކަމެކެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތްނަމަވެސް، ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހެއްގެ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިޝާން ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލެއް ދިނުމަށް އޭނާ އިންކާރުކޮށްފިނަމަ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޯޓު އަމުރެއްގެ ދަށުން އެ އެއްޗެހި ހޯދައި، އޭނާއާ ދެކޮޅަށް ބޭނުންކުރުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންވެގެންވާ ކޯޓު އަމުރު ތަންފީޛުކުރުމަށް އެއްބާރުލުން ނުދޭ ޙާލަތްތަކުގައި، އެ އަމުރު ތަންފީޛުކުރުމަށް ބޭނުންވާ އެންމެ ކުޑަ މިންވަރުގެ ބާރު ބޭނުންކުރުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ށ) ގައި ބަޔާންވެގެންވާ ޙާލަތުގައި، އެ އަކުރުގައި ބަޔާންވެގެންވާ ސާމްޕަލެއް ދިނުމަށް މި ގާނޫނުގައި ބަޔާންވެގެންވާ ޙާލަތްތަކުގައި އަދި މި ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތިން މެނުވީ ކުށުގެ ތުހުމަތުގައިވާ މީހާއަށް ލާޒިމުކުރުވުމަކީ އޭނާގެ ބަޔާން މަޖުބޫރުން ހޯދުންކަމުގައި ގާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ބޭނުމަށްޓަކައި ބެލޭނެއެވެ. އަދި އެފަދައިން ހޯދާ ބަޔާން، ޝަރީޢަތުގެ މަޖިލީހުގައި ހެއްކެއްގެ ގޮތުގައި ބަލައެއް ނުގަނެވޭނެއެވެ. އަދި، އެފަދަ ބަޔާނެއް ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުޞަތެއްވެސް ނޯންނާނެއެވެ.

 

49 ވަނަ މާއްދާ – ހަނުހުރުމާއި އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާން ދިނުން ކަމުގައިނުވާ ކަންކަން

(ހ) ޖިނާއީ ކުށެއްގެ ތުހުމަތުގައި ހިންގާ ތަޙްޤީޤެއްގައި ނުވަތަ ޖިނާއީ ކުށެއްގެ ޝަރީޢަތުގައި، ވަކި ސުވާލެއްގެ ޖަވާބުދިނުމަކީ އޭގެ ސަބަބުން ޖިނާއީ ދަޢުވާއެއް އުފުލުމަށް ނުވަތަ ޖިނާއީ ކުށެއް ސާބިތުކުރުމަށް މަގުފަހިކުރާ ކަމަކަށް ނުވާ ޙާލަތުގައި، އެހެންނަމަވެސް އެ ސުވާލުގެ ޖަވާބުދިނުމަކީ، އޭނާ ލަދުގަންނަންޖެހިދާނެ، ނުވަތަ އޭނާއަށް ދިރިއުޅުމުގައި ދަތިތަކެއް ކުރިމަތިވެދާނެ، ނުވަތަ އޭނާއާމެދު މީހުން ދެކޭގޮތަށް ބަދަލެއް އަތުވެދާނެ ކަމެއްކަމުގައިވީނަމަވެސް، އެ ސުވާލުގެ ޖަވާބުދިނުން އޭނާގެ މައްޗަށް ލާޒިމުވެގެންވެއެވެ. އަދި، އެ ސުވާލަށް ޖަވާބުނުދިނުން އެއީ، ހަނުހުރުމުގެ ޙައްޤުގެ ތެރޭގައި ހިމެނިގެންވާ ކަމެއް ނޫނެވެ.

(ށ) މީހަކު ކުރިކަމަށް ކުރިން ސާބިތުވެފައިވާ ކުށެއްގެ މަޢުލޫމާތު ހޯދުމަށް އޭނާއާ ސުވާލުކުރެވޭހިނދު، އެ ސުވާލުގެ ޖަވާބުދިނުމުގައި ހަނުހުރުމުގެ ޙައްޤުގެ ބޭނުމެއް ނުކުރެވޭނެއެވެ. އެއީ، އެ ކުށް އޭނާގެ މައްޗަށް ސާބިތުވެ ނިމިފައިވާކަމަށްޓަކައި، އެ ކުށަށް ދެވަނަ ފަހަރަށް އަދަބެއް ދިނުން ގާނޫނުއަސާސީގެ 60 ވަނަ މާއްދާއިން މަނާކުރާތީއެވެ.

(ނ) މި ގާނޫނުގެ 48 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޙާލަތް ފިޔަވައި އެނޫން ޙާލަތެއްގައި ކުށުގެ ތުހުމަތުގައިވާ މީހާގެ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިޝާން ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލެއް ދޭންޖެހުމަކީ، އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ޙައްޤުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ.

(ރ) ހަނުހުރުމުގެ ޙައްޤުގެ ދާއިރާގެ ތެރޭގައި، ނުވަތަ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ޙައްޤުގެ ތެރޭގައި، މި ގާނޫނުގެ 48 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޙާލަތުގެ ދާއިރާއިން ބޭރުގައި، ވަކި އެއްޗެއް އޮތްތަނެއް ނުވަތަ ވަކި ތަނެއް ހުޅުވޭނެގޮތް ނުވަތަ ތަޅުދަނޑިއެއް ނުވަތަ ޕާސްވާރޑެއް ނުވަތަ ތަޅެއް ހުޅުވޭނެ ނަންބަރުތަކެއް ނުވަތަ ވަކި އެކައުންޓެއް އެއީ ކޮން އެކައުންޓެއްކަން ބުނެދޭން ޖެހުމެއް ނުހިމެނެއެވެ.

(ބ) ވަކި އެއްޗެއް އެއީ ކާކުގެ އެއްޗެއްކަން ދެނެގަތުމުގެ ބޭނުމުގައި އެކަނި، އަދި ހެއްކެއްގެ ގޮތުގައި ހުށަހެޅުމަށް ނުވާގޮތުން، މީހެއްގެ އިނގިލީގެ ނިޝާނެއް ނުވަތަ އަޑުގެ ރެކޯޑިންގއެއް ނުވަތަ އިސްތަށީގެ ނުވަތަ ޑީ.އެން.އޭ ސާމްޕަލެއް ނުވަތަ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ ސޮއި ސާމްޕަލެއް ނުވަތަ ފޮޓޯއެއް ނުވަތަ އެކްސްރޭއެއް ނުވަތަ މިނެއް ދިނުމަށް އެންގުމުން އެކަން ކުރަން ޖެހުމަކީ، ހަނުހުރުމުގެ ޙައްޤުގެ ދާއިރާގެ ތެރޭގައި، ނުވަތަ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާންނުދިނުމުގެ ޙައްޤުގެ ތެރޭގައި، ހިމެނޭ ކަމެއް ނޫނެވެ.

 

50 ވަނަ މާއްދާ – ހައްޔަރުކުރުމަށް ނުވާގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން

(ހ) ހައްޔަރުކުރުމަށް ނުވާގޮތުން، ކުށެއްގެ ތުހުމަތުގައި މީހަކާ ސުވާލުކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންދެވިދާނެއެވެ. އަދި އެފަދައިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ މީހުންނަށް މި މާއްދާގެ (ށ) ގައި ބަޔާންކުރާ ޤާނޫނީ އިންޒާރު ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދޭ ޤާނޫނީ އިންޒާރުގައި ހިމެނިގެންވަނީ އަންނަނިވި ކަންކަން އޭނާއަށް އެންގުމެވެ.

  1. އޭނާ ހައްޔަރުކުރުމަށް ނުވާގޮތުން، ކުށެއްގެ ތުހުމަތުގައި ސުވާލުކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިއްޖެކަން؛ އަދި
  2. އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓޭނީ ގިނަވެގެން 4 (ހަތަރެއް) ގަޑިއިރުކަން؛ އަދި
  3. އޭނާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު މަޢުލޫމާތެއް ނުދީ ހަނުހުރުމުގެ ޙައްޤު އޭނާއަށް ލިބިގެންވާކަން؛ އަދި
  4. އޭނާއަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިގެންވާކަން.

(ނ) މި މާއްދާގެ ދަށުން އަންގާ ޤާނޫނީ އިންޒާރެއްގެ ޤާނޫނީ ޙައްޞިއްޔަތު ފުރިހަމަވާނީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން އެފަދަ އެންގުމެއްގައި ހިމެނިގެންވާނަމައެވެ.

(ރ) މި މާއްދާގެ 0ހ) ގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓޭނީ ގިނަވެގެން 4 (ހަތަރެއް) ގަޑިއިރުގެ މުއްދަތަށެވެ.

(ބ) ހައްޔަރުކުރުމަށް ނުވާގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހަކަށް، އޭނާއާ ސުވާލުކުރެވޭ ސަބަބު ސާފުކޮށްދޭންވާނެއެވެ.

(ޅ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ވަގުތުގެ ތެރެއިން ގިނަވެގެން 2 (ދޭއް) ގަޑިއިރަށްވުރެ އިތުރުނުވާގޮތަށް އެ މީހަކާ ފުލުހުންނަށް ސުވާލުކުރެވިދާނެއެވެ. އެހެންނަމަވެސް، ސުވާލުކުރާ ވަގުތު، އެއްވެސް ސަބަބަކާ ހެދި 2 (ދޭއް) ގަޑިއިރަށްވުރެ އިތުރުވެގެންނުވާނެއެވެ.

(ކ) ހައްޔަރުކުރުމަށް ނުވާގޮތުން، ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ފުލުހުނ ްމީހަކާ ސުވާލުކުރާ ޙާލަތުގައި، އޭނާއާ ސުވާލުކުރަން ފެށުމުގެ ކުރިން، އޭނާގެ ތިމާގެ މީހަކަށް ނުވަތަ އޭނާގެ ރަޙްމަތްތެރިއަކަށް ނުވަތަ އޭނާގެ ޤާނޫނީ ވަކީލަށް ގުޅުމުގެ ފުރުޞަތު ދޭންވާނެއެވެ. އަދި އޭނާ ހުރިތަނެއް ބަޔާންކުރުމުގެ ފުރުޞަތު ދޭންވާނެއެވެ.

(އ) ހައްޔަރުކުރުމަށް ނުވާގޮތުން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހާ ބޭނުންކަމުގައިވާނަމަ، އޭނާއާ ސުވާލުކުރެވޭ ވަގުތު އޭނާގެ ޤާނޫނީ ވަކީލު އޭނާއާ އެކުގައި ހުރުމަށް އެދުމުގެ ޙައްޤު އޭނާއަށް ލިބިގެންވެއެވެ. އަދި، އޭނާ އެކަމަށް އެދެފިނަމަ، އެކަން އެގޮތަށް ކޮށްދިނުން ފުލުހުންގެ މައްޗަށް ލާޒިމުވެގެންވެއެވެ.

(ވ) ހައްޔަރުކުރުމަށް ނުވާގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ މީހަކު ހައްޔަރުކުރަން އެކަށީގެންވާ ސަބަބެއްނުވާނަމަ، އޭނާއާ ސުވާލުކޮށް ނިމުމުން، އޭނާ އިތުރަށް ހިފަހައްޓައިގެންނުވާނެއެވެ. އަދި ސުވާލުކޮށް ނުނިމުނު ނަމަވެސް، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނުތާ 4 (ހަތަރެއް) ގަޑިއިރު ހަމަވުމުން، އޭނާ އިތުރަށް ހިފަހައްޓައިގެންނުވާނެއެވެ.

 

51 ވަނަ މާއްދާ – ގާނޫނީ ވަކީލެއްގެ އެހީ ލިބިގަތުން

(ހ) މި ގާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކު، ނުވަތަ ހައްޔަރުކުރުމަށް ނުވާ ގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހަކު ޤާނޫނީ ވަކީލެއްގެ އެހީ ހޯދުމަށް އެދެފިނަމަ، އޭނާގެ ވަކީލުގެ ހާޒިރުގައި މެނުވީ އޭނާއާ ފުލުހުން ސުވާލުކޮށްގެން ނުވާނެއެވެ.

(ށ) ކުށުގެ ތުހުމަތުގައިވާ މީހާ ހައްޔަރުކުރެވޭއިރު ފުލުހުން އޭނާއަށް ދޭ ޤާނޫނީ އިންޒާރު ދިނުމަށްފަހުގައި އަދި އެ އިންޒާރުގައި ހިމެނޭ ކަންކަން އޭނާއަށް ފުލުހުން ސާފުކޮށްދިނުމަށްފަހުގައި، ޤާނޫނީ ވަކީލަކު ޢައްޔަންކުރުމަށް އޭނާ ބޭނުންނުވާކަމަށް ބުނެ، އެ ފުރުޞަތު ދޫކޮށްލައިފިނަމަ، މި ގާނޫނުގެ 46 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފުލުހުންނަށް އޭނާއާ ސުވާލުކުރެވިދާނެއެވެ. އެހެންނަމަވެސް، އޭގެ ފަހުން އެއްވެސް އިރެއްގައި އޭނާ ޤާނޫނީ ވަކީލެއްގެ ފުރުޞަތު ބޭނުންވާކަމަށް ބުނެފިނަމަ، ޤާނޫނީ ވަކީލެއް ޢައްޔަންކުރުމުގެ ފުރުޞަތު، މި ގާނޫނުގެ 46 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފުލުހުން އޭނާއަށް ދޭންވާނެއެވެ.

(ނ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކު، އޭނާގެ ޤާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުކުރުމުގެ ފުރުޞަތަކަށް އެދިއްޖެނަމަ، ފުލުހުން އެ މީހަކަށް އެ ފުރުޞަތު ދޭންވާނެއެވެ. އެގޮތުން، އެއް ފުރުޞަތަށްވުރެ ގިނަ ފުރުޞަތަށް އެދިއްޖެނަމަ، އެ ފުރުޞަތުތައްވެސް އޭނާއަށް ދޭންވާނެއެވެ.

(ރ) ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކު، ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީ ހަމަޖައްސައިދިނުމަށް އެދެފިނަމަ، ދައުލަތުން ވަކީލަކު ހަމަޖައްސައިދެވޭ ޙާލަތްތައް އެ މީހަކަށް ފުލުހުން ސާފުކޮށްދޭންވާނެއެވެ. އަދި ހައްޔަރުކުރެވޭ މީހާއާމެދު ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވާނަމަ، އަދި އޭނާއަކީ ޤާނޫނީ ވަކީލެއް ހޯދޭފަދަ މާލީ ތަނަވަސްކަމެއް ނެތް މީހެއްނަމަ، ކަނޑައެޅިފައިވާ އުސޫލުން އޭނާއަށް ދައުލަތުން ޤާނޫނީ ވަކީލަކު ހަމަޖައްސައިދޭންވާނެއެވެ.

(ބ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭފަދަ މާލީ ތަނަވަސްކަން ނެތް މީހުންނަކީ ކޮބައިކަން ކަނޑައަޅައި، އެފަދަ މީހުންނަށް ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ. އެ ގަވާއިދުގައި، ޖިނާއީ ބޮޑު ކުށަކާ ގުޅިގެން ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ތިބޭ މީހުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީއަށް އެދޭ މީހުންނަށް ދައުލަތުން އެ އެހީ ފޯރުކޮށްދޭނެ އުސޫލުތައް ބަޔާންކުރަންވާނެއެވެ.

(ޅ) ކުށުގެ ތުހުމަތުގައިވާ މީހަކާއި އޭނާގެ ޤާނޫނީ ވަކީލާ ދެމެދު ކުރެވޭ މުޢާމަލާތްތަކަކީ ޤާނޫނީ ޙިމާޔަތް ލިބިގެންވާ މުޢާމަލާތްތަކެކެވެ.

(ކ) ދައުލަތުން ކަނޑައަޅާ ދިފާޢީ ވަކީލުން ޢައްޔަނުކުރާ ޙާލަތްތަކުގައި ފިޔަވައި، މައްސަލައެއްގައި ސުވާލުކުރެވޭ ފަރާތެއްގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި ޢައްޔަނުކުރެވިފައިވާ ފަރާތެއް އެ މައްސަލައިގައި ސުވާލު ކުރެވޭ އެހެން ފަރާތެއްގެ ވަކީލެއްގެ ގޮތުގައި ޢައްޔަނުނުކުރެވޭނެއެވެ.

 

52 ވަނަ މާއްދާ – ބަންދުކުރުން

(ހ) އެހެން ޤާނޫނެއްގައި ކަނޑައެޅިގެން އިސްތިސްނާކޮށްފައިވާ ޙާލަތެއްގައި މެނުވީ، ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން ބަންދުކޮށްފައި ބައިތިއްބަންވާނީ، ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގައި ކަނޑައަޅާފައިވާފަދަ ކަސްޓޯޑިއަލް ޖަލެއްގައެވެ.

(ށ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހާ ހައްޔަރުކުރެވޭއިރު ފުލުހުން ދޭ ޤާނޫނީ އިންޒާރުގައި ބަޔާންކޮށްފައިވާ ޙައްޤުތައް، އޭނާ ބަންދުގައި ހުންނަ މުއްދަތުގައިވެސް ލިބިދެވޭނެއެވެ.

 

53 ވަނަ މާއްދާ - ބަންދުގައި ހުންނަ މީހާ ބަލައި ފާސްކުރުން

(ހ) ފުލުހުން ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައި ހުންނަ މީހަކު ބަލައި ފާސްކުރުމުގެ ބަލައި ފާސްކުރުން ބާރު، މި ގާނޫނުގައިވާ ގޮތުގެމަތިން ފުލުހުންނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެންއޮތްނަމަވެސް، ބަލައި ފާސްކުރެވޭ މީހާގެ ގައިގައި އަތްލާންވާނީ، އަދި، އޭނާ ބަލައި ފާސްކުރެވޭހިނދު އެތާނގައި ތިބެންވާނީ، ބަލައި ފާސްކުރެވޭ މީހާއާ އެއް ޖިންސެއްގެ މީހުން އެކަންޏެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން މީހަކު ބަލައި ފާސްކުރުމަށްޓަކައި ކުށުގެ ތުހުމަތުގައިވާ މީހާއާ އެއް ޖިންސުގެ އޮފިސަރަކު އެތަނުގައި ނެތްނަމަ، އޭނާއާ އެއް ޖިންސުގެ މީހަކު އެތަނަށް ހާޒިރުކުރުވައި، އެ މީހަކު މެދުވެރިކޮށް ކުށުގެ ތުހުމަތުގައިވާ މީހާ ބަލައި ފާސްކުރެވިދާނެއެވެ. އެ ޙާލަތުގައި މީހަކު ބަލައި ފާސްކުރެވޭއިރުވެސް އެތާނގައި ތިބެންވާނީ، ބަލައި ފާސްކުރެވޭ މީހާއާ އެއް ޖިންސެއްގެ މީހުން އެކަންޏެވެ.

(ރ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެންއޮތްނަމަވެސް، މީހަކު ބަލައި ފާސްކުރުމުގައި، އޭނާގެ ޖިންސީ ގުނަވަނެއް ހާމަކުރަން ޖެހޭކަމަށްވާނަމަ، ނުވަތަ އެއިން ގުނަވަނެއް ބަލައި ފާސްކުރަންޖެހޭކަމަށްވާނަމަ، އެކަން ކުރަންވާނީ، މި ގާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހޯދާ ކޯޓު އަމުރަކާ އެކުގައި، އެ އަމުރުގައި ބަޔާންވެގެންވާ ގޮތެއްގެމަތިންނެވެ.

 

54 ވަނަ މާއްދާ – ބަލައި ފާސްކުރާއިރު ބައެއް ތަކެތި ހިފެހެއްޓުން

(ހ) ފުލުހުން ހައްޔަރުކޮށް، ބަންދުގައި ބަހައްޓާފައި ހުންނަ މީހާ ބަލައި ފާސްކުރުމުގައި، އޭނާގެ އަތުން ނުވަތަ ހަށިގަނޑުން ނުވަތަ ފޭރާމުން ފެންނަ ތަކެތީގެ ތެރެއިން އޭނާއާމެދު ތުހުމަތުކުރެވޭ ކުށާ ގުޅުންހުރި އެއްޗެހި، ހެކީގެ ގޮތުގައި ނަގައި، ހިފެހެއްޓުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ.

(ށ) ފުލުހުން ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައި ހުންނަ މީހާ ބަލައި ފާސްކުރުމުގައި، އޭނާގެ އަތުން ނުވަތަ ހަށިގަނޑުން ނުވަތަ ފޭރާމުން ފެންނަ އަންނަނިވި ތަކެތި ފުލުހުން ނަގައި، ފުލުހުންގެ އަތުގައި ވަގުތީގޮތުން ބެހެއްޓިދާނެއެވެ.

  1. އޭނާގެ އަތުގައި އޮތް އެއްޗަކީ އޭނާގެ ފުރާނައަށް ނުރައްކާވެދާނެ ނުވަތަ ހަށިގަނޑަށް މާއްދީ ގެއްލުމެއް ލިބިދާނެ އެއްޗެއް ކަމުގައިވުން؛
  2. އެހެން މީހަކަށް ނުރައްކާވެދާނެ ނުވަތަ މާއްދީ ގެއްލުމެއް ކުރިމަތިކުރުވަފާނެ އެއްޗެއް ކަމުގައިވުން؛
  3. ފިލައިގެންދިޔުމަށް ބޭނުންކުރެވިދާނެ އެއްޗެއް ކަމުގައިވުން؛
  4. އޭނާގެ އަތުގައި އޮތް އެއްޗަކީ، އޭނާ ބަންދުގައި ހުންނަ މުއްދަތުގައި، ފުލުހުން ރައްކާތެރިކަމާއެކު ބަލަހައްޓައިދޭންޖެހޭ އެއްޗެއް ކަމުގައި ފެނުން.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހިފަހައްޓާ އެއްޗެހި، އެ މީހަކު ބަންދުން ދޫކޮށްލާއިރު އެ މީހަކާ އަނބުރާ ޙަވާލުކުރަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން މީހަކު ބަލައި ފާސްކުރުމުގައި، އޭނާގެ އަތުން ނުވަތަ ހަށިގަނޑުން ނުވަތަ ފޭރާމުން ފެންނަ އެއްޗަކީ ޤާނޫނާ ޚިލާފު އެއްޗެއް ކަމުގައިވާނަމަ، އެ އެއްޗެއް ހިފެހެއްޓުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ. އެ ޙާލަތުގައި ހިފެހެއްޓޭ އެއްޗެއް އެ މީހަކަށް އަނބުރާ ޙަވާލެއް ނުކުރެވޭނެއެވެ.

(ބ) މި މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގެ ދަށުން، ފުލުހުން ރައްކާތެރިކަމާއެކު ބަލަހައްޓަންޖެހޭ އެއްޗެހި ކަނޑައަޅައި، އެތަކެތި ރައްކާތެރިކަމާއެކު ބެލެއްޓުމާބެހޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅަންވާނެއެވެ.

 

55 ވަނ މާއްދާ – ބަންދުގައި ހުންނަ މީހާގެ ސާމްޕަލް ނެގުން

(ހ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ފުލުހުން ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައި ހުންނަ މީހާއާ ގުޅޭގޮތުން އަންނަނިވި ކަންކަން ކުރުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ.

  1. އޭނާއަކީ ކާކުކަން ދެނެގަނެވޭނެ މާއްދީ ނިޝާންތައް ފާހަގަކޮށް އޭނާގެ ފޮޓޯ ނެގުން؛
  2. އޭނާގެ އިނގިލީގެ ނިޝާން ނެގުން؛
  3. އޭނާއަކީ މަސްތުވާތަކެތި ބޭނުންކޮށްގެން ހުރި މީހެއް ކަމުގައި، އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޤަބޫލުކުރެވޭ ޙާލަތުގައި، އޭނާގެ ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ނެގުން؛
  4. އޭނާގެ ހަށިގަނޑުގެ ބޭރުން ސާމްޕަލް ނެގުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، ޖިނާއީ ތަޙްޤީޤެއްގައި އަންނަނިވި ކަންކަން ކުރެވޭނީ، ކޯޓު އަމުރެއްގެ ދަށުން، އެ އަމުރެއްގައިވާ ގޮތުގެމަތިންނެވެ.

  1. މީހެއްގެ ޖިންސީ ގުނަވަނެއް ބަލައި ފާސްކުރުން؛
  2. މީހެއްގެ ޖިންސީ ގުނަވަނެއްގެ ފޮޓޯ ނެގުން؛
  3. މީހެއްގެ ހަޑިގަނޑުގެ ތެރެއިން ސާމްޕަލް ނެގުން.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކަމެއް ކުރުމަށް ކޯޓު އަމުރަކަށް އެދެވޭނީ، ޖިނާއީ ބޮޑު ކުށްކުށާއި ޖިންސީ ކުށްކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނާ ގުޅޭގޮތުން އެކަންޏެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް ކުރުމަށްޓަކައި ކޯޓު އަމުރަކަށް އެދި ހުށަހަޅާއިރު، އަންނަނިވި މަޢުލޫމާތު ހުށަހަޅަންވާނެއެވެ.

  1. ހައްޔަރުކުރެވިފައިވާ މީހާގެ މަޢުލޫމާތު؛
  2. ހައްޔަރުކުރެވިފައިވާ މީހާ ކުރި ކަމަށް ތުހުމަތުކުރެވޭ ޖިނާއީ ބޮޑު ކުށަކީ ނުވަތަ ޖިންސީ ކުށަކީ ކޮން ޤާނޫނެއްގައި ބަޔާންކުރާ ކޮން ކުށެއްކަން؛
  3. ހައްޔަރުކުރެވިފައިވާ މީހާ ކުރިކަމަށް ތުހުމަތުކުރެވިފައިވާ ކުށް އޭނާ ކުރިކަމަށް އެހާތަނަށް ލިބިފައިވާ ހެކި؛
  4. ކޯޓު އަމުރަށް އެދެނީ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކޮން ކަމަކަށްޓަކައި ކަމާއި، އެކަން ކުރަން ބޭނުންވާ ސަބަބު؛
  5. ކޯޓު އަމުރުން ކުރުމަށް ހުއްދަދޭ ކަންކަން ތަންފީޛުކުރާ ފަރާތެއްގެ ނަމާއި މަޤާމު.

(ބ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރުގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް ކުރަންވާނީ، ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރެއް ނުވަތަ ހުއްދަލިބިފައިވާ ޞިއްޙީ އެހީތެރިއެއްގެ އެހީގައެވެ.

(ޅ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރުގެ ދަށުން ޢަމަލުކުރުމުގެ ކުރިން، އޭގެ ސަބަބުން އެ މީހާގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް އެއްވެސް ނުރައްކަލެއްނުވާނެކަން ކަށަވަރުކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން މީހެއްގެ ސާމްޕަލެއް ނެގުމުގެ ކުރިން، ނަގަން ބޭނުންވާ ސާމްޕަލަކީ ކޮބައިކަމާއި، އެ ސާމްޕަލް ނެގެނީ ކޮން ސަބަބަކަށްޓަކައިކަން ކުށުގެ ތުހުމަތުގައިވާ މީހާއަށް ފުލުހުން ބަޔާންކޮށްދޭންވާނެއެވެ. އަދި ޖިނާއީ ބޮޑު ކުށެއް ނުވަތަ ޖިންސީ ކުށެއް ކުރިކަމަށް ނުވަތަ އެފަދަ ކުށެއްގައި ބައިވެރިވިތޯ ބެލުމަށްޓަކައި އެހެން ސާމްޕަލަކާ ނުވަތަ ސާމްޕަލްތަކަކާ އަޅައިކިޔުމަށް އޭނާގެ ކިބައިން ހޯދޭ ސާމްޕަލް ބޭނުންކުރެވިދާނެކަންވެސް ބަޔާންކޮށްދޭންވާނެއެވެ.

(އ) މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން މީހެއްގެ ސާމްޕަލެއް ނަގައިފިކަމަށްވާނަމަ، އެކަން ލިޔުމުން ފެންނަން އޮންނަންވާނެއެވެ. އަދި އެ ސާމްޕަލް ނެގީ އޭނާގެ ރުހުމުގައިކަން ނުވަތަ ނޫންކަން، އަދި އެ ސާމްޕަލް ނެގީ ކާކުކަން އެ ލިޔުމުގައި އެނގެން އޮންނަންވާނެއެވެ.

(ވ) މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން މީހެއްގެ ސާމްޕަލެއް ނަގައިފިކަމަށްވާނަމަ، އެ ސާމްޕަލް ފޮނުވާނީ، ތަޙްލީލު ރިޕޯޓެއް ހޯދުމަށްޓަކައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހުއްދަކުރާ ލެބޯރަޓަރީއަކަށެވެ.

(މ) މި މާއްދާގެ ބޭނުމަށްޓަކައި "ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް" ކަމަށް ބުނެފައި އެވަނީ، ހަށިގަނޑުގެ ޕިއުބިކް ސަރަޙައްދުނޫން އެހެން ހިސާބުތަކުން ނެގޭ އިސްތަށި، ނިޔަފައްޗާއި ނިޔަފަތި ދަށުން ނެގޭ ސްވަބް ސާމްޕަލް، އަނގައިންނާއި ހަށިގަނޑުގެ އެހެނިހެން ހިސާބުތަކުން ނެގޭ ސްވަބް ސާމްޕަލް، ކުޅު، ކުޑަކަމުދާ ތަކެތި، އިނގިލީގެ ނިޝާން ފިޔަވައި ހަށިގަނޑުގެ ހަމުގައި ފެންނަން ހުންނަ ތަފާތު ނިޝާންތަކަށެވެ. މީގެ ތެރޭގައި އަނގަ ފިޔަވައި ހުޅުވިފައި ހުންނަ ގުނަވަންތަކުން ނެގޭ ސާމްޕަލެއް މިމާނައިގައި ނުހިމެނޭނެއެވެ.

 

56 ވަނަ މާއްދާ – ހަށިގަނޑުގެ ތެރެއިން ސާމްޕަލް ނެގުން

(ހ) ފުލުހުން ހައްޔަރުކޮށް، ބަންދުކޮށްފައިވާ މީހެއްގެ ހަށިގަނޑުގެ ތެރެއިން ސާމްޕަލެއް ނަގަންވާނީ، އޭނާ ޖިނާއީ ބޮޑު ކުށެއް، ނުވަތަ ޖިންސީ ކުށެއް ކޮށްފައިވާކަން ނުވަތަ އެފަދަ ކުށެއް ކުރުމުގައި ބައިވެރިވެފައިވާކަން ނުވަތަ ނޫންކަން އެ ސާމްޕަލުން ދައްކުވައިދޭނެކަމަށް ފުލުހުންގެ އިންސްޕެކްޓަރުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރަކަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޤަބޫލުކުރެވޭ ޙާލަތުގައި، އޭނާގެ ހަށިގަނޑުން އެ ސާމްޕަލް ނެގުމުގެ ހުއްދަ އެ އޮފިސަރު ލިޔުމުން ދީފައިއޮތުމާއެކު، ކުށުގެ ތުހުމަތުގައިވާ މީހާ އެކަމަށް ލިޔުމުން ރުހުން ދީފައިވާނަމައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުށުގެ ތުހުމަތުގައިވާ މީހާ ލިޔުމުން ރުހުން ދީފައިނުވާހާ ހިނދަކު، އޭނާގެ ހަށިގަނޑުގެ ތެރެއިން ސާމްޕަލެއް، ކޯޓު އަމުރަކާއެކު މެނުވީ ނަގައިގެންނުވާނެއެވެ.

(ނ) ހަށިގަނޑުގެ ތެރެއިން ސާމްޕަލެއް ނެގުމަށްޓަކައި ކޯޓު އަމުރަށް އެދުމުގައި އަދި އެ އަމުރު ތަންފީޛުކުރުމުގައި ޢަމަލުކުރާނީ މި ގާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. 

(ރ) މި މާއްދާގެ ދަށުން މީހެއްގެ ހަށިގަނޑުގެ ތެރެއިން ސާމްޕަލެއް ނަގައިފިކަމަށްވާނަމަ، އެ ސާމްޕަލް ފޮނުވާނީ، ތަޙްލީލު ރިޕޯޓެއް ހޯދުމަށްޓަކައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހުއްދަކުރާ ލެބޯރަޓަރީއަކަށެވެ.

(ބ) މި މާއްދާގެ ބޭނުމަށްޓަކައި "ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލް" ކަމަށް ބުނެފައި އެވަނީ، ދަތްޕިލައިގެ ނިޝާން، ލޭ، މަނި، މައިދާގެ ތެރެއިން ނެގޭ ސާމްޕަލް، ޖިންސީ ގުނަވަނާއި އެގުނަވަނުގެ ވަށައިގެންވާ ސަރަޙައްދުން ނެގޭ އިސްތަށި، ހަށިގަނޑުގެ ހުޅުވިފައި ހުންނަ ގުނަވަންތަކުން ނެގޭ ސާމްޕަލް، ޑީ.އެން.އޭ ހެދުމަށްޓަކައި ނެގޭ ކަށީގެ މަދު އަދި ސޮފްޓް ޓިޝޫ އަދި ހަށިގަނޑުގެ އެތެރެއަށް އެއްޗެއް ބާނައިގެން ނަގާ ކުޑަކަމުދާ ތަކެއްޗަށެވެ. މީގެ ތެރޭގައި ސްވަބް މެދުވެރިކޮށް އަނގައިން ނެގޭ ކުޅުގެ ސާމްޕަލެއް ނުހިމެނެއެވެ.

 

57 ވަނަ މާއްދާސާމްޕަލް ނެގުމާބެހޭ ގަވާއިދު

މި ގާނޫނުގެ 55 ވަނަ މާއްދާއާއި 56 ވަނަ މާއްދާގެ ދަށުން މީހެއްގެ ހަށިގަނޑުން ސާމްޕަލް ނަގާނެ ގޮތުގެ އިޖުރާއަތާއި، އެ ސާމްޕަލް ނެގުމަށްފަހު، ރައްކާތެރިކަމާއެކު އެ ބެލެހެއްޓޭނެ ގޮތާއި، އެ ޓެސްޓުކުރެވޭނެ ގޮތުގެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަޔާންކުރަންވާނެއެވެ.

 

 

ހަވަނަ ބާބު

ބަންދުކޮށްފައިވާ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުން

58 ވަނަ މައްދާ – ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުވުން

(ހ) ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށްޓަކައި، ވީއެންމެ އަވަހަކަށް، އަދި އޭނާ ހައްޔަރުކުރެވޭތާ ލަސްވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް އޭނާ ހާޒިރުކުރަންވާނެއެވެ.

(ށ) ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރެވޭ މީހަކުވެސް، ބަންދުގައި ބަހައްޓާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަންވާނެއެވެ.

(ނ) އަންނަނިވި ޙާލަތްތަކުގައި ފިޔަވައި، ކުށުގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާ ފަނޑިޔާރެއްގެ ކުރިމަށްޗަށް ހާޒިރުނުކޮށް، 24 (ސައުވީސް) ގަޑިއިރަށްވުރެ އިތުރުވެގެންނުވާނެއެވެ.

  1. ފަނޑިޔާރު ހުރީ އޭނާ ހައްޔަރުކުރެވުނު ރަށް ނޫން އެހެން ރަށެއްގައި ކަމަށްވެފައި، ދަތުރުފަތުރު ކުރުމުގެ އެކަށީގެންވާ ވަސީލަތެއް ނެތުން، ނުވަތަ ދަތުރުކުރުމަށް މޫސުން ތަން ނުދިނުން؛
  2. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުން ހައްޔަރުކުރެވޭ މީހެއްނަމަ، ކަނޑައެޅިފައިވާ ވަގުތަށް އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވޭ ވަރަށްވުރެ ދަތުރަށް ހޭދަވާ ވަގުތު ދިގުވުން؛
  3. އޭނާގެ ޞިއްޙީ ޙާލަތު ހުރިގޮތުން އޭނާއަށް ފަރުވާ ދޭންޖެހުން ނުވަތަ ޞިއްޙީ ޚިދުމަތްދޭ މަރުކަޒެއްގައި އެޑްމިޓްކޮށްފައި އޮތުން.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ސަބަބެއް މެދުވެރިވާ ޙާލަތުގައި، އެ ސަބަބެއް ފިލައިދިޔަހާ އަވަހަކަށް އެ މީހަކު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަންވާނެއެވެ. އަދި މި މާއްދާގެ (ނ) ގައި ބަޔާންކުރާ ސަބަބެއް މެދުވެރިވިކަން ދަލީލުކޮށްދޭ ރަސްމީ ލިޔުމެއް ކޯޓަށް ހުށަހަޅަންވާނެއެވެ.

(ބ) ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައަޅައިދިނުމަށް އެދި ފަނޑިޔާރަށް ހުށަހަޅާނީ ގާނޫނު ތަންފީޛުކުރާ އިދާރާއިންނެވެ.

(ޅ) ބަންދުކުރެވިފައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ ޝަރީޢަތަކަށް އެ މީހާގެ ބަންދާގުޅޭ އަންނަނިވި މަޢުލޫމާތު، އޭނާ ބަންދުކުރި ފަރާތުން ހުށަހަޅަންވާނެއެވެ.

  1. ހުށަހަޅާ ފަރާތުގެ މަޢުލޫމާތު؛
  2. ހައްޔަރުކޮށްފައިވާ މީހާގެ މަޢުލޫމާތު؛
  3. އޭނާ ހައްޔަރުކުރި ތާރީޚާއި ގަޑި؛
  4. އޭނާ ހައްޔަރުކުރި ސަބަބު؛
  5. އޭނާ ހައްޔަރުކުރީ ކޮން ޤާނޫނެއްގައި ބަޔާންކުރާ ކޮން ކުށަކާ ގުޅިގެންކަން؛
  6. ތުހުމަތުކުރެވޭ ކުށާއި އޭނާއާ ގުޅުވައިދޭ ހެކި ލިބިފައިވާ މިންވަރު؛
  7. އޭނާ އިތުރަށް ބަންދުގައި ބަހައްޓަން ބޭނުންވާ ސަބަބު؛
  8. އޭނާ އިތުރަށް ބަންދުގައި ބަހައްޓަން ބޭނުންވާ މުއްދަތު؛
  9. އޭނާގެ ކުށުގެ ރެކޯޑް؛
  10. ގާނޫނު ތަންފީޛުކުރާ އިދާރާގެ ތައްގަނޑާއި، މައްސަލަ ތަޙްޤީޤުކުރާ މުވައްޒަފުގެ ނަމާއި، ސޮއި.

(ކ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެގެން، ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާ ފަނޑިޔާރުގެ ކުރިމައްޗަށް ހާޒިރުކޮށްފައިވަނީ އޭނާ ހައްޔަރުކުރެވުނުތާ 24 (ސައުވީސް) ގަޑިއިރު ފާއިތުވި ފަހުން ކަމުގައިވާނަމަ، އެ ސަބަބެއް މެދުވެރިވިކަން ފަނޑިޔާރަށް ޤަބޫލުކުރެވޭނެ މިންވަރަށް ގާނޫނު ތަންފީޛުކުރާ އިދާރާއިން މަޢުލޫމާތު ހުށަހަޅަންވާނެއެވެ.

(އ) މީހަކު ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ބާއްވާ ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވެ ދައުލަތުގެ ފަރާތުން ވާހަކަ ދެއްކުމުގެ އިޚްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

(ވ) ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ކުށުގެ ތުހުމަތުގައިވާ މީހާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބާއްވާ ޝަރީޢަތުގެ އަޑުއެހުމަކީ، މި ގާނޫނުގެ ބޭނުމަށްޓަކައި ޝަރީޢަތުގެ މަޖިލީހެއް ކަމުގައި ބެލޭނެއެވެ. އަދި އެ މަޖިލީހުގައި އޭނާ ދޭ ބަޔާންތަކާއި ދައްކާ ވާހަކަތަކަކީ، އޭނާގެ މައްޗަށް އެ ކުށުގެ ދަޢުވާ ފަހުން އުފުލިއްޖެ ޙާލަތެއްގައި ބޭއްވޭ ޝަރީޢަތުގައި އޭނާއާ ދެކޮޅަށް ބޭނުންކުރެވޭނެ ހެކި ކަމުގައި ބެލޭނެއެވެ.

 

59 ވަނަ މާއްދާ – ބަންދާމެދު ގޮތެއް މިންމާއިރު ފަނޑިޔާރު ރިއާޔަތްކުރަންޖެހޭ ކަންކަން

ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ބާއްވާ ޝަރީޢަތުގެ މަޖިލީހުގައި، އޭނާ ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެމަތިންކަން ނުވަތަ ނޫންކަން ކޯޓުން ކަނޑައެޅުމުގައި، މައްސަލައިގައި ހިމެނޭ ދެފަރާތުން ހުށަހަޅާ ކަންތައްތަކަށް ފަނޑިޔާރު ރިޢާޔަތްކުރަންވާނެއެވެ. އޭގެ އިތުރުން، އަންނަނިވި ކަންކަމަށްވެސް ފަނޑިޔާރު ރިޢާޔަތްކުރަންވާނެއެވެ.

(ހ) ކުށުގެ ބާވަތާއި، ކުށުގެ ކުޑަބޮޑުމިނާއި، ކުށް ކޮށްފައިވާ ޙާލަތާއި، ކުށް ކުރުމުގައި އަނިޔާވެރިކަން ހިމެނޭނަމަ އެކަން؛

(ށ) އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ ހެކީގެ ބުރަދަން؛

(ނ) އޭނާގެ ކުށުގެ ރެކޯޑް؛

(ރ) ކޯޓަށް ހާޒިރުވުމުގައި ވޭތުވެދިޔަ ތާނގައި ޢަމަލުކޮށްފައިވާ ގޮތް.

  

60 ވަނަ މާއްދާ – ބަންދާމެދު ގޮތެއް ކަނޑައެޅުން

(ހ) ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ބާއްވާ ޝަރީޢަތުގެ މަޖިލީހުގައި، އޭނާ ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެމަތިންތޯ ނުވަތަ ނޫންތޯ ކަނޑައެޅުމާއެކު، އަންނަނިވި އަމުރުތަކުގެ ތެރެއިން އަމުރެއް ފަނޑިޔާރު ނެރެންވާނެއެވެ.

  1. މި މާއްދާގެ (ށ) ނުވަތަ (ބ) ގެ ދަށުން އޭނާ ބަންދުގައި ބެހެއްޓުމުގެ އަމުރެއް؛
  2. މި މާއްދާގެ (ނ) ގެ ދަށުން އެއްވެސް ޝަރުޠެއް ނެތި އޭނާ ބަންދުން ދޫކުރުމުގެ އަމުރެއް؛
  3. މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން އޭނާ ކަފާލާތުގެ އުސޫލުން ދޫކުރުމުގެ އަމުރެއް؛
  4. މި މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގެ ދަށުން އޭނާ ޝަރުޠަކާއެކު ބަންދުން ދޫކުރުމުގެ އަމުރެއް.

(ށ) ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައިވާ މީހާއާމެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވެދާނެ ކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެ ޙާލަތެއްގައި، އޭނާގެ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރަންވާނެއެވެ.

  1. އޭނާއާމެދު ތުހުމަތުކުރެވިފައިވާ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ އެ މައްސަލައިގައި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް އޭނާ މަސައްކަތްކޮށްފާނެ ކަމަށް ބެލެވުން؛ ނުވަތަ
  2. އޭނާ ކޯޓަށް ހާޒިރުނުވެދާނެ ކަމަށް ބެލެވުން؛ ނުވަތަ
  3. އޭނާ ފިލައިފާނެ ކަމަށް ބެލެވުން؛ ނުވަތަ
  4. އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވުން.

(ނ) ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، އޭނާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައި ނެތްނަމަ، އަދި މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ސަބަބެއް ނެތްނަމަ، އެއްވެސް ޝަރުޠަކާ ނުލައި އޭނާ ބަންދުން ދޫކޮށްލުމަށް އަންގަންވާނެއެވެ.

(ރ) ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ސަބަބެއް ނެތް ކަމުގައިވީނަމަވެސް، އޭނާއާމެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އޭނާ ބަންދުން ދޫކޮށްލުމުގ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

  1. ކަފާލާތުގެ އުސޫލުން އޭނާ ބަންދުން ދޫކުރުމަށް؛ ނުވަތަ
  2. ކޯޓުން ކަނޑައަޅާ ޝަރުޠުތަކަކާއެކު އޭނާ ބަންދުން ދޫކުރުމަށް.

(ބ) ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، އޭނާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި އެވަގުތު ނެތްކަމުގައިވިޔަސް، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ސަބަބުތަކުގެ ތެރެއިން ސަބަބެއް އޮވެފައި، އޭނާގެ މައްޗަށް އެ މައްސަލައިގައި ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރެއްޖެނަމަ، މި ގާނޫނުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ފަނޑިޔާރު ރިޢާޔަތްކޮށް، 15 (ފަނަރަ) ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެމަތިން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރެވިދާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން ބަންދުކުރެވޭ މީހާގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވެފައި، އެ މުއްދަތު ހަމަވުމަށްފަހު އޭނާ އިތުރަށް ބަންދުގައި ބެހެއްޓުމަށް ގާނޫނު ތަންފީޛުކުރާ އިދާރާއިން ބޭނުންނަމަ، އެ މުއްދަތު ހަމަވުމުގެ ކުރިން އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުން، އިތުރު މުއްދަތަކަށް އޭނާ ބަންދުގައި ބެހެއްޓުމުގެ ހުއްދަ ދިނުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. އެހެންނަމަވެސް، އޭނާއާ އެކުށާ ގުޅުވައިދޭ އެކަށީގެންވާ މިންވަރެއްގެ ހެއްކެއް އެހާތަނަށްވެސް ލިބިފައިނުވާނަމަ، އެފަދައިން އިތުރުކޮށްދޭ މުއްދަތު، 15 (ފަނަރަ) ދުވަހަށްވުރެ އިތުރުވެގެންނުވާނެއެވެ.

(ކ) މި މާއްދާގެ (ޅ) އެހެން އޮތްނަމަވެސް، އޭނާ ބަންދުކޮށްފައިވަނިކޮށް، އޭނާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިއްޖެނަމަ، އޭނާ 15 (ފަނަރަ) ދުވަހަށްވުރެ ދިގު މުއްދަތަކަށް، ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގެ އިޚްތިޔާރު، ފަނޑިޔާރަށް ލިބިގެންވެއެވެ.

(އ) މި މާއްދާގެ ދަށުން ފަނޑިޔާރަކު އަމުރެއް ކުރުމުގައި، ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމާނަމަ އެގޮތަށް ފެންނަ ސަބަބު، ނުވަތަ ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރަށް ނުފެންނަނަމަ ނުފެންނަ ސަބަބު، ނުވަތަ މީހަކު ބަންދުން ދޫކޮށްލަން ނިންމައިފިނަމަ އޭނާ ބަންދުން ދޫކޮށްލަން ނިންމި ސަބަބު، ނުވަތަ ކަފާލާތުގެ ދަށުން ނުވަތަ ޝަރުޠަކާއެކު ދޫކޮށްލަށް ނިންމައިފިނަމަ، އެފަދައިން ނިންމި ސަބަބު، އެ އަމުރުގައި ބަޔާންކުރަންވާނެއެވެ.

(ވ) ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ކޯޓަށް މައްސަލަ ހުށަހަޅާނެ އުސޫލުތަކާއި، އެފަދަ މައްސަލަތައް ބެލުމުގައި ކޯޓުން ޢަމަލުކުރާނެ ގޮތުގެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

 

  

ހަތްވަނަ ބާބު

ކަފާލާތުގެ ދަށުން ދޫކުރުން

61 ވަނަ މާއްދާ – ކަފާލާތުގެ އުސޫލުން ދޫކޮށްލުމަށް އެދުމުގެ ހައްގު

ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހަކީ، ކަފާލާތުގެ ދަށުން ދޫކުރެވޭ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހެއްނަމަ، މި ބާބުގައިވާ ގޮތުގެމަތިން ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްދިނުމަށް ކޯޓުގައި އެދުމުގެ އިޚްތިޔާރު އެ މީހަކަށް ލިބިގެންވެއެވެ.

 

62 ވަނަ މާއްދާ – ކަފާލާތުގެ ދަށުން ދޫކުރެވިދާނެ ގޮތްތައް

(ހ) އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ކަފާލާތުގެ ދަށުން މީހަކު ދޫކުރެވިދާނެއެވެ.

  1. ފައިސާ ބެހެއްޓުމަށްފަހު ކަފާލާތުގެ ދަށުން ދޫކުރުން؛
  2. މީހަކު ޖާމިނުވުމުން ކަފާލާތުގެ ދަށުން ދޫކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތްތަކުގެ ތެރެއިން ގޮތަކަށް މީހަކު ކަފާލާތުގެ ދަށުން ދޫކުރާއިރު، ޝަރުޠަކާ ނުލައިވެސް، ޝަރުޠަކާއެކުވެސް އެ މީހަކު ދޫކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

 

63 ވަނަ މާއްދާ – ކަފާލާތުގެ ދަށުން ދޫނުކުރެވޭނެ މައްސަލަތައް

އަންނަނިވި ބާވަތުގެ މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހަކު ކަފާލާތުގެ އުސޫލުން ދުލެއްނުކުރެވޭނެއެވެ.

(ހ) ޤަޞްދުގައި މީހަކު މެރިކަމަށް ތުހުމަތުކުރެވޭ މައްސަލަތައް؛

(ށ) މީހަކު މަރާލެވިދާފަދަ ހަތިޔާރަކުން މީހަކަށް ޙަމަލާދީ، އެ މީހަކަށް ނުރައްކާތެރި ހާނިއްކައެއް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަތައް؛

(ނ) ޓެރަރިޒަމްގެ ޢަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލަތައް؛

(ރ) ދައުލަތުގެ މިނިވަންކަމާއި އިސްތިޤްލާލަށް ގެއްލުންވާފަދަ ޢަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލަތައް؛ 

(ބ) މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށުގެ މައްސަލަތައް؛

(ޅ) ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށްކުށުގެ މައްސަލަތައް؛

(ކ) ކަފާލާތުގައި ދޫނުކުރެވޭނެކަމަށް އެހެން ޤާނޫނަކުން ކަނޑައަޅާފައިވާ މައްސަލަތައް.

 

64 ވަނަ މާއްދާމީހަކު ޖާމިނުވުމުން ބަންދުން ދޫކުރުން

(ހ) ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ބަންދުން ދޫކުރުމަށްޓަކައި، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަވާ މީހަކު ޔަޤީންކަންދީ ޖާމިނުވެއްޖެނަމަ، އޭނާ ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުމަށް ފަނޑިޔާރަށް އަމުރުކުރެވިދާނެއެވެ.

(ށ) ބަންދުގައިހުރި މީހަކަށް ޖާމިނުވާ މީހެއްގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.

  1. ޢުމުރުން 21 (އެކާވީސް) އަހަރު ވެފައިވާ މީހަކު ކަމުގައިވުން؛
  2. އަމިއްލަ ދިރިއުޅުމުގައި ޒިންމާ ނެގުމުގެ އިޚްތިޔާރު ލިބިފައިވާ މީހަކު ކަމުގައިވުން؛
  3. ކުށުގެ ތުހުމަތުގައިވާ މީހާގެ ޤާނޫނީ ވަކީލު ކަމުގައިނުވުން؛
  4. ކޯޓެއްގައި އެއްވެސް ޖިނާއީ ދަޢުވާއެއް ހިނގަމުންދާ މީހެއްކަމުގައި ނުވުން؛
  5. ގާނޫނު ތަންފީޛުކުރާ އިދާރާއަކުން ތަޙްޤީޤުކުރަމުންދާ ޖިނާއީ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތެއް ކަމުގައިނުވުން؛
  6. އިފްލާސްކުރެވިފައިވާ ނުވަތަ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހެއް ކަމުގައިނުވުން؛
  7. ޖިނާއީ ކުށެއް ސާބިތުވެގެން ޝަރުޢީ ޙުކުމެއް ތަންފީޛުކުރަމުންދާ ނުވަތަ ތަންފީޛުކުރަންޖެހޭ މީހެއް ކަމުގައި ނުވުން؛
  8.  އޭނާ ޖާމިނުވެގެން، ކަފާލާތުގައި ދޫކޮށްފައިވާ އެއްވެސް މީހަކު ފިލާފައިނުވުން؛
  9. ކަފާލާތުގެ އިޤުރާރާ ޚިލާފުވެފައިވާ މީހަކު ކަމުގައިނުވުން.

(ނ) ޢުމުރުން 18 (އަށާރަ) އަހަރުނުވާ ކުއްޖަކު ނުވަތަ އަމިއްލަ ދިރިއުޅުމުގައި ޒިންމާ ނެގުމުގެ އިޚްތިޔާރު ލިބިފައިނުވާ މީހަކު ކަފާލާތުގައި ދޫކުރެވޭނީ، އެ ކުއްޖެއްގެ ނުވަތަ އެ މީހެއްގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ޒިންމާދާރު ބަލަދުވެރިޔަކު ނުވަތަ އެނޫންވެސް އެފަދަ ކުއްޖަކު ނުވަތަ މީހަކު ބެލެހެއްޓުމާ ޙަވާލުވެހުރި ފަރާތުން ދޭ ޔަޤީންކަމެއްގެ މައްޗަށް ބިނާކޮށެވެ.

(ރ) ބަންދުގައިހުރި މީހަކަށް ޖާމިނުވާ މީހަކީ އެކަން ކުރެވިދާނެ މީހެއް ކަމުގައި މި މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް ފަނޑިޔާރު ކަނޑައެޅުމުން، އަންނަނިވި ކަންކަން ހިމެނޭ އިޤްރާރެއްގައި އޭނާ ސޮއިކުރަންވާނެއެވެ.

  1. ބަންދުގައިހުރި މީހާ ބަންދުން ދޫކޮށްލާފައި ހުންނައިރު އޭނާ ކުށެއް ކުރިޔަނުދީ ބަލަހައްޓާނެކަން؛ އަދި
  2. އޭނާއާމެދު ތުހުމަތުކުރެވިފައިވާ ކުށުގެ ތަޙްޤީޤަށްޓަކައި ގާނޫނު ތަންފީޛުކުރާ އިދާރާއިން އަންގާ ތަންތަނަށް އޭނާ ހާޒިރުކުރާނެކަން؛ އަދި
  3. ޝަރީޢަތުގެ މަރުޙަލާގައި ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް އޭނާ ކޯޓަށް ހާޒިރުކުރާނެކަން.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ޝަރުޠުތަކުގެ އިތުރުން، އަންނަނިވި ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް ނުވަތަ ޝަރުޠުތަކެއް ކަނޑައެޅުމުގެ އިޚްތިޔާރުވެސް ފަނޑިޔާރަށް ލިބިގެންވެއެވެ.

  1. ވަޒީފާގައި ދެމިހުރުމަށް ނުވަތަ ވަޒީފާއެއް ނެތްނަމަ ވަޒީފާއެއް ހޯދުމަށްޢަމަލީގޮތުން މަސައްކަތްކުރުން؛
  2. ތަޢުލީމީ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ނުވަތަ ބައިވެރިވެފައިވާ ޕްރޮގްރާމެއް ފުރިހަމަކުރުމަށް؛
  3. ދަތުރުފަތުރުކުރުމާއި، އުޅޭނޫޅޭ ތަންތަނާއި، މީހުންނާ މުޢާމަލާތްކުރުމުގައި ކޯޓުން ކަނޑައަޅާ ގޮތަށް ޢަމަލުކުރުން؛
  4. ކުރި ކުށުގެ ސަބަބުން ގެއްލުން ލިބުނު މީހާއާއި ނުވަތަ މީހުންނާއި، އެ މައްސަލައިގައި ހެކިބަސްދޭނެކަމަށް ޤަބޫލުކުރެވޭ މީހުންނާ މުޢާމަލާތްނުކުރުމާއި ބައްދަލުނުކުރުން؛
  5. ކަނޑައަޅާފައިވާ އިދާރާއަކަށް ގަވާއިދުން ރިޕޯޓުކުރުން؛
  6. ގޭގައި ހުރުމަށް ކަނޑައަޅާފައިވާ ވަގުތުގައި އެގޮތަށް ޢަމަލުކުރުން؛
  7. ޞިއްޙީ ނުވަތަ ނަފްސާނީ ނުވަތަ މަސްތުވާތަކެތިން ދުރުހެލިވުމުގެ ފަރުވާ ލިބިގަތުމަށާއި، އަދި ކޯޓުން ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ޞިއްޙީ ނުވަތަ ނަފްސާނީ ނުވަތަ މަސްތުވާތަކެތީގެ ފަރުވާދޭ މަރުކަޒެއްގައި ހުރެ އެ މަރުކަޒުން ފަރުވާ ލިބިގަތުމަށް؛
  8. ތަޢުލީމު ޙާޞިލުކުރުމަށް ނުވަތަ ވަޒީފާ އަދާކުރުމަށް ނުވަތަ އެނޫންވެސް އެހެން ބޭނުމެއްގައި ބަންދުން ދޫކޮށްފައިވާނަމަ، ކަނޑައަޅާ ވަގުތެއްގައި ކަނޑައަޅާފައިވާ ތަނަށް ބަންދުގައި ހުރުމަށް އެނބުރި އައުން.

(ޅ) ބަންދުގައިހުރި މީހަކު ކަފާލާތުގެ އުސޫލުން ބަންދުން ދޫކުރުމަށްޓަކައި، ބަންދުގައި ހުރިމީހާއަށް ޖާމިނުވާ މީހާ، އޭނާގެ އިޤްރާރާ ޚިލާފުވެއްޖެނަމަ އޭނާ އެކުރަނީ ކުށެކެވެ. ބަންދުން ދޫކޮށްލެވުނު މީހާ ފިލައިފިނަމަ ނުވަތަ ޖާމިނުވާ މީހާ އޭނާގެ އިޤްރާރާ ޚިލާފުވެއްޖެނަމަ، އެ ޚިލާފުވި ޚިލާފުވުމުގެ ކުޑަ ބޮޑު މިނަށް ބަލައި، ޖާމިނުވި މީހާއަށް އަންނަނިވި އަދަބުތަކުގެ ތެރެއިން އަދަބެއް ދިނުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

  1. 1 (އެކެއް) އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން؛
  2. 2 (ދޭއް) އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން؛
  3.  15,000 (ފަނަރަހާސް) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުން؛
  4. ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ދޫކުރުމުގައި، ވަކި މުއްދަތެއް ވަންދެން ޖާމިނު ނުވެވޭނެކަމަށް ކަނޑައެޅުން.

(ކ) ބަންދުގައިހުރި މީހަކު ކަފާލާތުގެ އުސޫލުން ބަންދުން ދޫކޮށްފައިވަނިކޮށް، އޭނާއަށް ޖާމިނުވި މީހާ އޭނާގެ އިޤްރާރާ ޚިލާފުވެއްޖެނަމަ، ނުވަތަ ބަންދުން ދޫކުރެވިފައިވާ މީހާ ފިލައިފިނަމަ، ބަންދުން ދޫކުރެވިފައިވާ މީހާ ހައްޔަރުކުރުމުގެ އަމުރެއް ކޯޓުން ނެރެންވާނެއެވެ. އަދި އޭނާ ހައްޔަރުކުރެވުމުން، އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލަ ވަކިގޮތަކަށް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

 

65 ވަނަ މާއްދާފައިސާ ބެހެއްޓުމަށްފަހު ކަފާލާތުގެ ދަށުން ދޫކުރުން

(ހ) ބަންދުގައިހުރި މީހަކު ބަންދުން ދޫކުރުމަށްޓަކައި، އޭނާ، ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު، ކޯޓުން ކަނޑައަޅާ ޢަދަދެއްގެ ފައިސާ ކަފާލާތުގެ ގޮތުގައި ކޯޓުގައި ބަހައްޓައިފިނަމަ، ބަންދުގައިހުރި މީހާ ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުމަށް ފަނޑިޔާރަށް އަމުރުކުރެވިދާނެއެވެ.

(ށ) މި ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ކޯޓުން ކަނޑައަޅާ ޝަރުޠުތައް ޤަބޫލުކުރާކަމަށާއި، ކޯޓުން އިތުރު ޝަރުޠުތަކެއް ކަނޑައަޅާނަމަ އެ ޝަރުޠުތައްވެސް ޤަބޫލުކުރާކަމަށާއި، އެއިން ޝަރުޠަކާ އެ މީހަކު ޚިލާފުވެއްޖެނަމަ، ކަފާލާތުގެ ގޮތުގައި އެ މީހަކު ބަހައްޓާފައިވާ ފައިސާ ދައުލަތަށް ނެގޭނެކަން ކަފާލާތު ލިބިދޭ މީހާއަށް ނުވަތަ އޭނާގެ ފަރާތުން ފައިސާ ބެހެއްޓި މީހާއަށް ކޯޓުން އަންގައި، ކަފާލާތު ލިބިދޭ މީހާ ނުވަތަ އޭނާގެ ފަރާތުން ފައިސާބެހެއްޓި މީހާ ސޮއިކުރާ އިޤްރާރުގައި އެކަން ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ބަންދުން ދޫކުރެވޭ މީހާ ފިލައިފިނަމަ، ނުވަތަ ކަފާލާތުގެގޮތުގައި ފައިސާ ބެހެއްޓި މީހާ އޭނާގެ އިޤްރާރާ ޚިލާފުވެއްޖެނަމަ، ބަންދުން ދޫކުރެވިފައިވާ މީހާ ހައްޔަރުކުރުމުގެ އަމުރެއް ކޯޓުން ނެރެންވާނެއެވެ. އަދި އޭނާ ހައްޔަރުކުރެވުމުން، އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލަ ވަކިގޮތަކަށް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ ދަށުން ކަފާލާތުގެ ގޮތުގައި ފައިސާ ބަހައްޓާ މީހަކު މައްސަލަ ނިމޭއިރު ކަފާލާތުގެ އިޤްރާރާ ޚިލާފުވެފައިނުވާނަމަ، އެ ފައިސާ ވީއެންމެ އަވަހަކަށް ކޯޓުން އޭނާއަށް ރައްދުކުރަންވާނެއެވެ.

 

66 ވަނަ މާއްދާ – ކޯޓުން ކަނޑައަޅާ އިތުރު ށަރުތަކާއެކު ބަންދުން ދޫކުރުން

(ހ) ބަންދުގައި ހުރި މީހާ ދޫކޮށްލާފައި ހުންނައިރު އޭނާ އިތުރު ކުށެއް ނުކުރާނެ ކަމަށާއި، ތަޙްޤީޤު މަރުޙަލާގައި ގާނޫނު ތަންފީޛުކުރާ އިދާރާއިން ހާޒިރުވާން އަންގާ ތަންތަނަށް އޭނާ ހާޒިރުވާނެ ކަމަށާއި، ޝަރީޢަތުގެ މަރުޙަލާގައި ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް އޭނާ ހާޒިރުވާނެ ކަމަށާއި، ކޯޓުން އިތުރު ޝަރުޠުތަކެއް ކަނޑައަޅާނަމަ އެ ޝަރުޠުތައްވެސް ޤަބޫލުކުރާކަމަށް ބަންދުގައި ހުރި މީހާ އިޤްރާރުވެ ސޮއިކުރުމުން، އޭނާ ބަންދުން ދޫކޮށްލުމަށް ފަނޑިޔާރަށް އަމުރު ނެރެވިދާނެއެވެ. 

(ށ) މި މާއްދާގެ ދަށުން ބަންދުން ދޫކުރެވޭ މީހަކު ބަންދުން ދޫކުރާއިރު ކަނޑައެޅިފައިވާ ޝަރުޠަކާ ޚިލާފުވެއްޖެނަމަ އަލުން ބަންދުކުރެވޭނެކަން ބަންދުގައި ހުރި މީހާ ސޮއިކުރާ އިޤްރާރުގައި ބަޔާންކުރަންވާނެއެވެ. އަދި ތިރީގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް ނުވަތަ ޝަރުޠުތަކެއް ކަނޑައެޅުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

  1. ބަންދުން ދޫކޮށްލާފައި ހުންނައިރު އެއްވެސް ޤާނޫނަކާ ޚިލާފު ޢަމަލެއް ނުވަތަ އިތުރު ކުށެއް ނުކުރުމަށް؛
  2. ތަޙްޤީޤު މަރުޙަލާގައި ތަޙްޤީޤުކުރާ ފަރާތުން ހާޒިރުވާން އަންގާ ތަންތަނަށް ހާޒިރުވުމަށް؛
  3. ޝަރީޢަތުގެ މަރުޙަލާގައި ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް ކޯޓަށް ހާޒިރުވުމަށް؛
  4. ވަޒީފާގައި ދެމިހުރުމަށް ނުވަތަ ވަޒީފާއެއް ނެތްނަމަ ވަޒީފާއެއް ހޯދުމަށް ޢަމަލީގޮތުން މަސައްކަތް ކުރުމަށް؛
  5. ތަޢުލީމީ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ނުވަތަ ބައިވެރިވެފައިވާ ޕްރޮގްރާމެއް ކުރިއަށްގެންދިޔުމަށް؛
  6. ދަތުރު ފަތުރުކުރުމާއި، އުޅޭނޫޅޭ ތަންތަނާއި، މީހުންނާ މުޢާމަލާތްކުރުމާމެދު ކޯޓުން ކަނޑައަޅާ ގޮތަށް ޢަމަލުކުރުމަށް؛
  7. އޭނާ ކުރި ކުށުގެ ސަބަބުން ގެއްލުން ލިބުނު މީހާއާއި، އަދި އެ މައްސަލައިގައި ހެކިބަސް ދޭނެ ކަމަށް ޤަބޫލުކުރެވޭ އެންމެހައި މީހުންނާ މުޢާމަލާތްނުކުރުމާއި ބައްދަލުނުކުރުމަށް؛
  8. ކަނޑައަޅާފައިވާ ގާނޫނު ތަންފީޛުކުރާ އިދާރާއަކަށް ނުވަތަ އެހެންވެސް އިދާރާއަކަށް ގަވާއިދުން ރިޕޯޓު ކުރުމަށް؛
  9. ގޭގައި ހުރުމަށް ކަނޑައަޅައި އަންގާފައިވާ ވަގުތުގައި އެގޮތަށް ޢަމަލުކުރުމަށް؛
  10. ލިބެންހުރި ޞިއްޙީ ނުވަތަ ނަފްސާނީ ފަރުވާ ލިބިގަތުމަށާއި، އަދި ކޯޓުން ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ޞިއްޙީ، ނުވަތަ ނަފްސާނީ ފަރުވާދޭ މަރުކަޒެއްގައި ހުރެ އެ މަރުކަޒަކުން ފަރުވާ ލިބިގަތުމަށް؛
  11. ތަޢުލީމު ޙާޞިލުކުރުމަށް ނުވަތަ ވަޒީފާ އަދާކުރުމަށްޓަކައި، ނުވަތަ އެނޫންވެސް އެހެން ބޭނުމެއްގައި ދޫކުރުމަށްފަހު، ކަނޑައަޅާ ވަކި ވަގުތެއްގައި، ކަނޑައަޅާފައިވާ ވަކި ތަނަކަށް ބަންދުގައި ހުރުމަށް އެނބުރި އައުމަށް.

(ނ) މި މާއްދާގެ ދަށުން ބަންދުން ދޫކުރާ މީހާ ފިލައިފިނަމަ ނުވަތަ އޭނާ ވެފައިވާ އިޤްރާރާ ޚިލާފުވެއްޖެނަމަ، އޭނާ ހައްޔަރުކުރުމުގެ އަމުރެއް ކޯޓުން ނެރެވިދާނެއެވެ. އަދި އޭނާ ހައްޔަރުކުރެވުމުން، އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލަޝަރީޢަތުން ވަކިގޮތަކަށް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

 

67 ވަނަ މާއްދާ - މައުލޫމާތު ރެކޯޑުކުރުން

ކަފާލަތުގެ ދަށުން މީހަކު ބަންދުން ދޫކުރާއިރު އޭނާއާގުޅޭ އަންނަނިވި މަޢުލޫމާތު ކޯޓުން ރެކޯޑުކުރަންވާނެއެވެ.

(ހ) ބަންދުން ދޫކުރެވޭ މީހާގެ ނަން؛

(ށ) އޭނާގެ އުފަން ތާރީޚް؛

(ނ) އޭނާގެ ޤައުމީ ނިސްބަތް؛

(ރ) އޭނާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓް ނަންބަރު؛

(ބ) އޭނާގެ ދާއިމީ އެޑްރެސް؛

(ޅ) އޭނާ ދިރިއުޅެމުންދާ އެޑްރެސް؛

(ކ) އޭނާ ވަޒީފާ އަދާކުރާ ތަން؛

(އ) ކަފާލާތުގެ ދަށުން ދޫކުރެވޭ މުއްދަތުގައި އޭނާ ދިރިއުޅޭނެ ތަނާއި، އޭނާއާ އެކުގައި ދިރިއުޅޭނެ ފަރާތެއްގެ ނަމާއި، އެޑްރެސް، އަދި ގުޅޭނެ ފޯނު ނަންބަރެއް؛

(ވ) އޭނާއަށް ޖާމިނުވާ މީހާގެ އިތުރުން އޭނާއާ ގުޅޭނެ ގޮތުގެ މަޢުލޫމާތު ދެވޭނެ ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްގެ ނަމާއި އެޑްރެސް، އަދި ގުޅޭނެ ފޯނު ނަންބަރެއް؛

(މ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެނޫންވެސް މަޢުލޫމާތެއް.

 

68 ވަނަ މާއްދާ – ބަންދުން ދޫކުރާއިރު ޕާސްޕޯޓު ހިފެހެއްޓުން

މި ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ނުވަތަ 65 ވަނަ މާއްދާގެ ދަށުން ނުވަތަ 66 ވަނަ މާއްދާގެ ދަށުން އަމުރެއް ކުރުމާ އެކުއެކީގައި، އެ މީހެއްގެ ޕާސްޕޯޓު ނުވަތަ ދަތުރުފަތުރުކުރުމަށް ގެންގުޅޭ އެނޫންވެސް ރަސްމީ ލިޔުމެއް ހިފެހެއްޓުމަށް އަމުރުކުރުމުގެ އިޚްތިޔާރު، ނުވަތަ އޭނާ އެވަގުތަކު ހުރި ރަށް ނޫން އެހެން ރަށަކަށް ފުރައިގެން ދިއުން މަނާކުރަން ނުވަތަ ރާއްޖެއިން ބޭރަށް ދިއުން މަނާކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

 

69 ވަނަ މާއްދާ – ކަފާލާތާގުޅޭ ގަވާއިދު ހެދުން

ކަފާލާތުގެ ގޮތުގައި ފައިސާ ބަހައްޓަންޖެހޭ ޢަދަދުތަކާއި، އެ ފައިސާ ކޯޓަށް ބަލައިގަންނާނެ ގޮތާއި، އެ ފައިސާ ރައްކާކުރެވޭނެ ގޮތާއި، އެ ފައިސާ ދައުލަތަށް ނަގަންޖެހޭ ޙާލަތުގައި ކަންކުރާނެ ގޮތާއި، ކަފާލާތުގެ ގޮތުގައި ފައިސާ ބަހައްޓާ މީހަކު މައްސަލަ ނިމޭއިރު ކަފާލާތުގެ އިޤްރާރާ ޚިލާފްވެފައިނުވާނަމަ އެ ފައިސާ އެ މީހަކަށް ރައްދުކުރާނެގޮތާއި، މިނޫންވެސް ކަމާގުޅޭ އެހެނިހެން އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

އަށްވަނަ ބާބު

ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިދޭ އިތުރު ބާރު

70 ވަނަ މާއްދާ – ގާނޫނުން ދޭ ބާރުގެ ބޭނުން ހިފުމުގެ އިހްތިޔާރު

ޖިނާއީ ކުށެއްގެ ތަޙްޤީޤުކުރުމުގައި ތަންތަނާއި މުދާ ބަލައި ފާސްކުރުމަށް ލިބިދޭ ބާރުގެ އިތުރުން، ގާނޫނު ތަންފީޛުކުރާ އިދާރާތަކަށް ލިބިދޭ އެހެނިހެން ބާރުތައް، މި ބާބުގައި ބަޔާންކޮށްފައި އެވަނީއެވެ. މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ޙާލަތުގައި ފިޔަވައި އެނޫން ކޮންމެ ޙާލަތެއްގައި، މި ގާނޫނުގައިވާ ގޮތުގެމަތިން އެއިން ކޮންމެ ބާރެއްގެ ބޭނުންހިފުމުގެ އިޚްތިޔާރު، ގާނޫނު ތަންފީޛުކުރާ ކޮންމެ އިދާރާއަކަށްމެ ލިބިގެންވެއެވެ.

 

71 ވަނަ މާއްދާގާނޫނު ތަންފީޒުކުރާ އިދާރާއަށް ހާޒިރުވާން އެންގުން

(ހ) ގާނޫނު ތަންފީޛުކުރާ އިދާރާއަކުން ތަޙްޤީޤުކުރުމުގެ އިޚްތިޞާޞް ލިބިގެންވާ ޖިނާއީ ކުށެއްގެ ތަޙްޤީޤަކާ ގުޅޭގޮތުން ކުށުގެ ތުހުމަތުކުރެވޭ މީހަކު ނުވަތަ އެ ތަޙްޤީޤަށް މަޢުލޫމާތު ދެވިދާނެ މީހަކު ނުވަތަ ހެކިބަސް ދެވިދާނެ މީހަކު، އެ އިދާރާއަށް ހާޒިރުވުމަށް، އެ އިދާރާއެއްގެ ހުއްދަކުރެވިފައިވާ އޮފިސަރަކު ސޮއިކޮށް ދޫކުރާ ލިޔުމަކުން އެންގުމުގެ ބާރު، އެ އިދާރާއަކަށް ލިބިގެންވެއެވެ.

(ށ) ގާނޫނު ތަންފީޛުކުރާ އިދާރާއަކީ ފުލުހުން ކަމުގައިވާ ޙާލަތުގައި، މި މާއްދާގެ (ހ) ގައި ބަޔާންކުރާ އޮފިސަރަކީ، ފުލުހުންގެ ކަމާބެހޭ ޑިޕާޓްމަންޓްގައި ނުވަތަ ޔުނިޓްގައި ނުވަތަ ސްޓޭޝަންގައި އިސްކޮށް ހުންނަ ފަރާތެއް ކަމުގައި ވާންވާނެއެވެ. އެނޫން އިދާރާއެއްނަމަ، އެ އިދާރާގެ ކަމާބެހޭ ޑިޕާޓްމަންޓްގެ ވެރިއެއް ކަމުގައި ވާންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އަންގާ އެންގުމެއްގައި އަންނަނިވި މަޢުލޫމާތު ހިމަނަންވާނެއެވެ.

  1. ހާޒިރުކުރެވޭ ހައިސިއްޔަތު؛
  2. ކުށުގެ ތުހުމަތުކުރެވޭ ފަރާތެއްނަމަ، އޭނާއާމެދު ކުރެވޭ ތުހުމަތުގެ ޚުލާޞާ؛
  3. ތަޙްޤީޤަކަށް މަޢުލޫމާތު ދެވިދާނެ މީހަކު ނުވަތަ ހެކިބަސް ދެވިދާނެ މީހަކުނަމަ، ކުރަމުންދާ ތަޙްޤީޤުގެ ޚުލާޞާ؛
  4. ހާޒިރުވާން އަންގާ ތަނާއި ގަޑި؛
  5. އެ އިދާރާގައި ހޭދަވާނެކަމަށް އަންދާޒާކުރާ ވަގުތު؛
  6. ހުއްދަދޭ އޮފިސަރުގެ ސޮއި.

(ރ) ގާނޫނު ތަންފީޛުކުރާ އިދާރާއަށް ހާޒިރުވުމަށް، މި މާއްދާގެ (ހ) ގެ ދަށުން އަންގާ އެންގުމަކަށް ހާޒިރުވާ މީހަކު، އެކަމަށް އޭނާ ހާޒިރުވެ ހުންނަ ހުރުމުގައި ހައްޔަރެއް ނުކުރެވޭނެއެވެ.

 

72 ވަނަ މާއްދާބޭންކް އެކައުންޓް މޮނިޓަރކުރުން

(ހ) އަންނަނިވި ޙާލަތްތަކުގައިވާ މީހުންގެ ބޭންކް އެކައުންޓާއި އެ އެކައުންޓުން ކުރާ މުޢާމަލާތް މޮނިޓަރކުރުމުގެ ކޯޓު އަމުރަކަށް އެދުމުގެ ބާރު، ގާނޫނު ތަންފީޛުކުރާ އިދާރާއަށް ލިބިގެންވެއެވެ.

  1. ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުން ލާޒިމުކުރާ ކުށެއް ކޮށްފައިވާ މީހާއާއި، އެފަދަ ކުށެއް ކުރުމުގައި ބައިވެރިވެފައިވާ މީހާއާއި، އެފަދަ ކުށެއް ކުރަންއުޅޭކަމުގެ މަޢުލޫމާތު ލިބިފައިވާ މީހާ؛
  2. ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުން ލާޒިމުކުރާ ކުށެއްގެ ޢަމަލުނ ސީދާގޮތުގައި ނުވަތަ ނުސީދާގޮތުގައި މަންފާ ލިބިފައިވާ މީހާ؛
  3. ޖިނާއީ ބޮޑު ކުށެއްގެ ޢަމަލުން މަންފާއެއް ލިބިގަތުމުގެ މަގުމަތީގައިވާ މީހާ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކޯޓު އަމުރަކަށް އެދޭއިރު، އަންނަނިވި މަޢުލޫމާތު ހުށަހަޅަންވާނެއެވެ.

  1. އަމުރު ނިސްބަތްވާ މީހާގެ ނަމާއި އެޑްރެހާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ބިދޭސީއެއްނަމަ، އަމުރު ނިސްބަތްވާ މީހާގެ ނަމާއި، އެޑްރެހާއި، ޕާސްޕޯޓް ނަންބަރާއި، ޤައުމު؛
  2. ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވޭ ކުށް؛
  3. ކުށުގެ ތުހުމަތުކުރެވިފައިވާ މީހާ އެ ކުށް ކުރަންއުޅޭ ކަމަށް ނުވަތަ ކުރަމުންދާ ކަމަށް ލިބިފައިވާ ހެކި؛
  4. ކޯޓު އަމުރުގެ ދަށުން މޮނިޓަރކުރެވޭ ބޭންކް އެކައުންޓް ނުވަތަ އެކައުންޓްތަކުގެ މަޢުލޫމާތު؛
  5. ކޯޓު އަމުރުގެ ދަށުން މޮނިޓަރކުރަން ބޭނުންވާ މުޢާމަލާތުގެ ބާވަތް؛
  6. އެކައުންޓް މޮނިޓަރކުރަން ބޭނުންވަނީ އެކައުންޓްގެ ވެރިފަރާތަށް ނޭނގޭ ގޮތަށްކަން ނުވަތަ އެނގޭ ގޮތަށްކަން؛
  7. އެކައުންޓް މޮނިޓަރކުރަން ބޭނުންވަނީ އެކައުންޓްގެ ވެރިފަރާތަށް ނޭނގޭ ގޮތަށްކަން ކަމަށްވާނަމަ، އެކަން އެގޮތަށް ކުރަންޖެހޭ ސަބަބު؛
  8. އެ އަމުރުގެ ދަށުން މޮނިޓަރކުރުމަށް ހުއްދަކުރެވޭ އެކައުންޓް މޮނިޓަރކުރެވޭ ތާރީޚު ނުވަތަ ތާރީޚުތައް، ނުވަތަ މުއްދަތު؛
  9. ކޯޓު އަމުރުގައި ބަޔާންކުރާގޮތް ފިޔަވައި އެހެން ގޮތަކަށް ނުވަތަ މަޤްޞަދަކަށް ހުއްދައިގެ ބޭނުން ނުކުރެވޭނެކަން.
  10. މޮނިޓަރކުރުމުގެ ހުއްދަ ދެވޭ ބޭންކް ނުވަތަ މާލީ އިދާރާ؛
  11. އަމުރަށް އެދޭ ގާނޫނު ތަންފީޛުކުރާ އިދާރާއާއި، އެ އިދާރާގެ ކަމާބެހޭ މުވައްޒަފުގެ ނަމާއި، ސޮއި އަދި އިދާރާގެ ތައްގަނޑު.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ އަމުރެއް ނެރުނުކަން، އެ އެކައުންޓްގެ ވެރިފަރާތަށް ނޭނގޭ ގޮތަށް ނުވަތަ އަންގަންނުޖެހޭގޮތަށް އެ އަމުރު ނެރެވިދާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ އަމުރެއްގެ ބޭނުމަކީ، އަންނަނިވި މަޢުލޫމާތު ގާނޫނު ތަންފީޛުކުރާ އިދާރާއަކަށް ދިނުމަށް، ބޭންކަކަށް ނުވަތަ މާލީ އިދާރާއަކަށް އަމުރުކުރުމެވެ.

  1. އެކައުންޓްގެ ވެރިފަރާތުގެ ނަން؛
  2. އެކައުންޓަކުން ހިންގާފައިވާ މުޢާމަލާތްތަކުގެ ތަފްޞީލު؛
  3. އެ ބޭންކަކުން ނުވަތަ މާލީ މަރުކަޒަކުން ދޭންވީ މަޢުލޫމާތު ނިސްބަތްވާ މުއްދަތު؛
  4. އެ މަޢުލޫމާތު ދޭންވީ ގާނޫނު ތަންފީޛުކުރާ އިދާރާގެ ވަކި އޮފިސަރެއްގެ ނަން.

(ބ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ގާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ 41 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، ޖިނާއީ ކުށްތައް ތަޙްޤީޤުކުރުމުގެ ޤާނޫނީ ބާރު ލިބިފައިވާ ފަރާތަކުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ލިޔުމަކުން އެދިގެން، ބޭންކުގެ ކަސްޓަމަރުންގެ އެކައުންޓްތަކާއި، ޑިޕޮސިޓްތަކާއި، ޓްރަސްޓްތަކާއި، ސޭފް ޑިޕޮސިޓް ބޮކްސްތަކުގެ މަޢުލޫމާތުތައް ހޯދުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

73 ވަނަ މާއްދާ – އެކައުންޓްގައިވާ ފައިސާ ހިފެހެއްޓުމާއި އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުން

(ހ) މި ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން ނެރޭ މޮނިޓަރކުރުމުގެ އަމުރެއްގެ ދަށުން ބަލަމުންދާ ބެލުންތަކުން ޖިނާއީ ބޮޑު ކުށެއް ފާހަގަވާކަމަށްވާނަމަ، އެ އެކައުންޓްގައިވާ ފައިސާ، ވަކި މުއްދަތަކަށް ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުޢާމަލާތްކުރުން ހުއްޓުވުމުގެ ކޯޓު އަމުރަކަށް ގާނޫނު ތަންފީޛުކުރާ އިދާރާއަށް އެދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކައުންޓެއްގައިވާ ފައިސާ ހިފަހައްޓަންވާނީ ނުވަތަ އެއިން މުޢާމަލާތްކުރުން ހުއްޓުވަންވާނީ، ހެޔޮ ނިޔަތުގައި ޢަމަލުކުރާ ތިންވަނަ ފަރާތްތަކުގެ ޙައްޤުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތެއްގެމަތިންނެވެ.

(ނ) މި މާއްދާގެ ދަށުން މުޢާމަލާތްކުރުން ހުއްޓުވާ ފައިސާ ބަލަހައްޓަމުންގެންދާނީ، އެ ފައިސާއެއް ހުރި މާލީ އިދާރާއަކުން، ނުވަތަ އެ ފައިސާއިން މުޢާމަލާތްކުރުން ހުއްޓުވުނުއިރު އެ އެއްޗެހި ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ފަރާތަކުންނެވެ.

(ރ) މި މާއްދާގެ ދަށުން ހިފެހެއްޓޭ ފައިސާ ބަލަހައްޓަމުންގެންދާނީ ގާނޫނު ތަންފީޛުކުރާ އިދާރާގެ ބެލުމުގެ ދަށުންނެވެ.

(ބ) ކޯޓު އަމުރުގެ މުއްދަތު ހަމަވުމުގެ ކުރިން ކޯޓު އަމުރު ހޯދި ބޭނުން ފިލައިގޮސްފިނަމަ، ގާނޫނު ތަންފީޛުކުރާ އިދާރާއިން އެ އަމުރު ބާޠިލުކުރަން އެދެންވާނެއެވެ.

(ޅ) މި މާއްދާގެ ދަށުން ހިފަހައްޓާފައިވާ ފައިސާއެއް ހިފެހެއްޓި ހިފެހެއްޓުން ނިމުމަކަށް ގެނައުމަށްޓަކައި، ނުވަތަ މުޢާމަލާތްކުރުން ހުއްޓުވާފައިވާ ފައިސާއަކުން މުޢާމަލާތްކުރުން ހުއްޓުވި ހުއްޓުވުން ނިމުމަކަށް ގެނައުމަށްޓަކައި، ކުށުގެ ތުހުމަތުކުރެވޭ ފަރާތަށް ނުވަތަ މަޞްލަޙަތު އޮތް ތިންވަނަ ފަރާތަކަށް ކޯޓަށް ހުށަހެޅިދާނެއެވެ.

(ކ) މި މާއްދާގެ ދަށުން ހިފެހެއްޓޭ ފައިސާ ދައުލަތަށް ނަގަންޖެހޭނަމަ އެ ފައިސާ ދައުލަތަށް ނަގަންދެން ނުވަތަ މި މާއްދާގެ ދަށުން ހިފެހެއްޓި ހިފެހެއްޓުން ނިމުމަކަށް ގެންނަންދެން، އެ ފައިސާ ނުވަތަ މުދާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ ގާނޫނު ތަންފީޛުކުރާ އިދާރާގެ ޒިންމާއެކެވެ.

 

74 ވަނަ މާއްދާ – ޒާތީ މުއާމަލާތް އަޑުއެހުމާއި ބެލުން

(ހ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މީހަކު ހިންގާ، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ބާވަތުގެ ޒާތީ މުޢާމަލާތަކީ، އަންނަނިވި ކުށްތަކުގެ ތެރެއިން ކުށަކަށް މަގުފަހިވާ އެއްވެސް މަޢުލޫމާތެއް ހިމެނޭ މުޢާމަލާތެއްކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވާނަމަ، ކޯޓު އަމުރެއްގެ ދަށުން އެ މުޢާމަލާތެއް ސަރވެއިލްކުރުމުގެ އިޚްތިޔާރު، ގާނޫނު ތަންފީޛުކުރާ އިދާރާތަކަށް ލިބިގެންވެއެވެ.

  1. މީހުން މެރުމުގެ ކުށް؛
  2. އިންތިޒާމުވެގެން ހިންގާ ބޮޑެތި ޖިނާއީ ކުށް؛
  3. ޓެރަރިޒަމްގެ ކުށް؛
  4. މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށް؛
  5. މީހުން ޓްރެފިކްކުރުމުގެ ކުށް؛
  6. މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތުގައި، އަންނަނިވި ބާވަތުގެ ޒާތީ މުޢާމަލާތް އެ އަކުރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސަރވެއިލްކުރުމުގެ އިޚްތިޔާރު، ގާނޫނު ތަންފީޛުކުރާ އިދާރާތަކަށް ލިބިގެންވެއެވެ.

  1. ސިޓީއާއި އީމެއިލް މެދުވެރިކޮށް ހިންގާ ޒާތީ މުޢާމަލާތްތައް؛
  2. މުވާސަލާތީ ވަސީލަތެއް މެދުވެރިކޮށް ހިންގާ ޒާތީ މުޢާމަލާތްތައް.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ޒާތީ މުޢާމަލާތް ސަރވެއިލްކުރުމުގެ ހުއްދައަށް އެދި ކޯޓަށް ހުށަހަޅަންވާނީ، އަންނަނިވި ކަންކަން ފުރިހަމަކުރުމަށްފަހުގައެވެ.

  1. އެ ސަރވެއިލަންސް ނިސްބަތްވާ ފަރާތުން ކޮށްފައިވާކަމަށް ނުވަތަކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވުން؛
  2. އެ މުޢާމަލާތް ސަރވެއިލްކޮށްގެން މެނުވީ، މި މާއްދާގެ (ހ) ގައިބަޔާންކުރާ ކުށްތަކުގެ ތެރެއިން ކުށެއް ކުރިކަމުގެ ހެކި ލިބެންނެތް ކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުން؛
  3. އެ ޒާތީ މުޢާމަލާތް ސަރވެއިލްކުރުމުގެ ހުއްދައަށް އެދުމަށް ގާނޫނު ތަންފީޛުކުރާ އިދާރާގެ އޮފިސަރަކަށް އެ އިދާރާގެ އިސް ވެރިޔާ ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން ހުއްދަ ދީފައިވުން.

(ރ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ޒާތީ މުޢާމަލާތް ސަރވެއިލްކުރުމުގެ ހުއްދައަށް އެދި ކޯޓަށް ހުށަހަޅާއިރު އަންނަނިވި މަޢުލޫމާތު ހުށަހަޅަންވާނެއެވެ.

  1. ސަރވެއިލަންސް ނިސްބަތްވާ މީހާގެ ނަމާއި އެޑްރެސް؛
  2. އޭނާ ކޮށްފައިވާކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވޭ ކުށް؛
  3. އޭނާ އެ ކުށް ކުރިކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް ލިބިފައިވާ ހެކި؛
  4. އެ އަމުރުގެ ދަށުން ސަރވެއިލަންސެއް ހިންގުމަށް ބޭނުންވާ މުއްދަތު؛
  5. އެ އަމުރުގެ ދަށުން ސަރވެއިލަންސް ހިންގާނެ ގާނޫނު ތަންފީޛުކުރާ އިދާރާގެ އޮފިސަރުގެ ނަމާއި މަޤާމާއި ސަރވިސް ނަންބަރު.

(ބ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ޒާތީ މުޢާމަލާތް ސަރވެއިލްކުރުމުގެ ހުއްދައަށް އެދި ކޯޓަށް ހުށަހަޅާއިރު، މި މާއްދާގެ (ނ) ގައި ބަޔާންކުރާ މަޢުލޫމާތުގެ އިތުރުން އަންނަނިވި މަޢުލޫމާތު ހުށަހަޅަންވާނެއެވެ.

  1. އެ އަމުރުގެ ދަށުން ސަރވެއިލަންސެއް ހިންގުމަށް ބޭނުންވާ މުވާސަލާތީ ވަސީލަތުގެ ތަފްސީލު؛
  2. މި ގާނޫނުގައިވާ ގޮތުގެމަތިން ސަރވައިލަންސެއް ހިންގައިގެން އެ ކުށާގުޅޭ ހެކި ލިބޭނެކަމަށް ޤަބޫލުކުރެވޭ ސަބަބު؛
  3. އެ އަމުރުގެ ދަށުން ސަރވެއިލަންސެއް ހިންގުމަށް ބޭނުންވާ މުވާސަލާތީ ވަސީލަތުގެ ޚިދުމަތްދޭ ފަރާތް؛
  4. އެ މުވާސަލާތީ ވަސީލަތް ހުރީ ވަކި ތަނެއްގައި ކަމުގައިވާނަމަ، އެތަނެއްގެ ތަފްޞީލު.

(ޅ) މި މާއްދާގެ(ހ) ގެ ދަށުން ކޯޓު އަމުރެއް ނެރުމުގައި އަންނަނިވި ކަންކަން ފަނޑިޔާރު ކަށަވަރުކުރަންވާނެއެވެ.

  1. އެ ސަރވެއިލަންސް ނިސްބަތްވާ ފަރާތުން ކޮށްފައިވާ ނުވަތަ ކުރަމުންދާ ނުވަތަ ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވިފައިވާ ކުށަކީ އެ އިދާރާއަކުން ތަޙްޤީޤުކުރުމުގެ ބާރު ލިބިފައިވާ ކުށެއްކަން ޔަޤީންކުރުން؛
  2. އެ ސަރވެއިލަންސް ނިސްބަތްވާ ފަރާތުން ކޮށްފައިވާ ނުވަތަ ކުރަމުންދާ ނުވަތަ ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވިފައިވާ ކުށަކީ މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކަމުގައިވުން؛
  3. އެ ސަރވެއިލަންސް ނިސްބަތްވާ ފަރާތުން ކޮށްފައިވާކަމަށް ނުވަތަ ކުރަމުންދާ ނުވަތަ ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ނުވަތަ ކުރަމުންދާ ކަމަށް ކުރަންއުޅޭ ކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވާކަން؛
  4. އެ މުޢާމަލާތް ސަރވެއިލްކޮށްގެން މެނުވީ، މި މާއްދާގެ(ހ) ގައި ބަޔާންކުރާ ކުށްތަކުގެ ތެރެއިން ކުށެއް ކުރިކަމުގެ ހެކި ލިބެންނެތް ކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ވާކަން؛
  5. އެ ޒާތީ މުޢާމަލާތް ސަރވެއިލްކުރުމުގެ ހުއްދައަށް އެދުމަށް ގާނޫނު ތަންފީޛުކުރާ އިދާރާގެ އޮފިސަރަކަށް އެ އިދާރާގެ އިސް ވެރިޔާ ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން ހުއްދަ ދީފައިވާކަން؛
  6. ސަރވެއިލަންސް ހިންގުމަށް އެދޭ މުއްދަތަކީ އެކަށީގެންވާ މުއްދަތެއްކަން؛
  7. އަމުރަށް އެދޭ ގާނޫނު ތަންފީޛުކުރާ އިދާރާއަށް ކަމާގުޅޭގޮތުން އެހާތަނަށް ލިބިފައިވާ މަޢުލޫމާތާއި، އެ އަމުރު ނެރެދިނުމަށް އެކަށީގެންވާ ސަބަބެއް އޮތްތޯ ބެލުމަށް ފަނޑިޔާރަށް ބޭނުންވާނެ އެނޫންވެސް މަޢުލޫމާތު ލިބިފައިވާކަން.

(ކ) މި މާއްދާގެ(ހ) ގެ ދަށުން ނެރޭ ކޯޓު އަމުރެއްގައި އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.

  1. އަމުރު ނިސްބަތްވާ މީހާގެ ނަމާއި އެޑްރެހާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ބިދޭސީއެއްނަމަ، އަމުރު ނިސްބަތްވާ މީހާގެ ނަމާއި، އެޑްރެހާއި، ޕާސްޕޯޓް ނަންބަރާއި، ޤައުމު؛
  2. އޭނާ ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވޭ ކުށް؛
  3. ކޯޓު އަމުރުގެ ދަށުން ސަރވެއިލްކުރަން ބޭނުންވާ މުޢާމަލާތުގެ ބާވަތާއި، އެ މުޢާމަލާތުގެ ތަފްޞީލު؛
  4. އެ ކަންކަން ކުރުމަށް ހުއްދަކޮށްފައިވާ ތާރީޚު ނުވަތަ ތާރީޚުތައް، ނުވަތަ މުއްދަތު؛
  5. އެކަން ކުރުމަށް ހުއްދަ ދެވޭ ގާނޫނު ތަންފީޛުކުރާ އިދާރާގެ އޮފިސަރު؛
  6. ކޯޓު އަމުރުގައި ބަޔާންކުރާގޮތް ފިޔަވައި އެހެން ގޮތަކަށް ނުވަތަ މަޤްޞަދަކަށް އެ އަމުރު ތަންފީޛުނުކުރެވޭނެކަން؛
  7. އަމުރު ނެރޭ ތާރީޚާއި، ހުއްދަ ދޭ ފަނޑިޔާރުގެ ނަމާއި ސޮއި، އަދި ކޯޓުގެ ތައްގަނޑު.

(އ) މި މާއްދާގެ(ހ)ގެ ދަށުން ގާނޫނު ތަންފީޛުކުރާ އިދާރާތަކަށް ލިބިދޭ ބާރުގެ ބޭނުންކުރެވޭނީ، މި މާއްދާގެ ދަށުން ނެރޭ ކޯޓު އަމުރާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ވ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހިންގޭ ސަރވެއިލަންސެއްގައި ހޯދާ އެއްވެސް މަޢުލޫމާތެއް، އެ ސަރވެއިލަންސް ނިސްބަތްވާ ކުށަކާ ގުޅިގެން ހިންގާ ތަޙްޤީޤެއްގެ ނުވަތަ ޝަރީޢަތެއްގެ ބޭނުމަށް މެނުވީ އެއްވެސް ފަރާތަކަށް އެއްވެސް ގޮތަކުން ހާމަކޮށްގެންނުވާނެއެވެ.

 

75 ވަނަ މާއްދާ - ޕާސްޕޯޓު ހިފެހެއްޓުން

(ހ) މީހަކު ކުށެއް ކުރަމުންދާކަން ނުވަތަ ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރަން އުޅޭކަން ޤަބޫލުކުރެވޭ އެކަށީގެންވާ ހެކި ލިބިފައިވާނަމަ، އަދި އޭނާ ފިލައިގެން ދާންއުޅޭ ކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވާނަމަ، އޭނާގެ ޕާސްޕޯޓު، ކޯޓު އަމުރެއްގެ ދަށުން ހިފެހެއްޓުމުގެ އިޚްތިޔާރު، ގާނޫނު ތަންފީޛުކުރާ އިދާރާއަށް ލިބިގެންވެއެވެ.

(ށ) މީހެއްގެ ޕާސްޕޯޓް ނުވަތަ ދަތުރުފަތުރުކުރުމުގައި ބޭނުންކުރާ އެނޫންވެސް ރަސްމީލިޔުމެއް ހިފެހެއްޓުމަށް އެދި ކޯޓަށް ހުށަހަޅާއިރު، އަންނަނިވި މަޢުލޫމާތު ހުށަހަޅަންވާނެއެވެ.

  1. ޕާސްޕޯޓް ހިފަހައްޓަން ބޭނުންވާ މީހާގެ ނަމާއި އެޑްރެހާއި ޕާސްޕޯޓް ނަންބަރު؛
  2. ޕާސްޕޯޓް ހިފަހައްޓަން ބޭނުންވާ މީހާ ކޮށްފައިވާކަމަށް ނުވަތަ ކުށެއް ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވޭ ކުށް؛
  3. އޭނާ އެ ކުށް ކުރިކަމަށް ލިބިފައިވާ ހެކި؛
  4. އޭނާ ދިވެހިރާއްޖެ ދޫކޮށް ފިލައިގެންދާން އުޅޭ ކަމަށް ބެލެވޭ ސަބަބު، އަދި ކަމާ ގުޅޭގޮތުން ލިބިފައިވާ ހެކި؛
  5. އޭނާ ދިވެހިރާއްޖޭގައި މަޑުކުރުވަންޖެހޭ ސަބަބު؛
  6. އެ އަމުރުގެ ދަށުން ޕާސްޕޯޓް ހިފަހައްޓަން ބޭނުންވާ މުއްދަތު.

(ނ) މީހެއްގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރޭ ކޯޓު އަމުރެއްގައި އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.

  1. އަމުރުގެ ދަށުން ޕާސްޕޯޓު ހިފަހައްޓަން ބޭނުންވާ މީހާގެ ނަމާއި އެޑްރެހާއި ޕާސްޕޯޓް ނަންބަރު؛
  2. އޭނާ ކޮށްފައިވާކަމަށް ނުވަތަ ކުށެއް ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވޭ ކުށް؛
  3. އޭނާ ދިވެހިރާއްޖޭގައި މަޑުކުރުވަން ބޭނުންވާ ސަބަބު؛
  4. އަމުރު ދެމިއޮންނާނެ މުއްދަތު؛
  5. އެ އަމުރުގެ ދަށުން އޭނާގެ ޕާސްޕޯޓު ހިފެއްޓޭ ކަމާއި، އެ މުއްދަތުގައި އޭނާ ދިވެހިރާއްޖެއިން ފުރައިގެން ދިއުން މަނާކުރެވޭކަން؛
  6. އަމުރު ނެރޭ ތާރީޚާއި، ހުއްދަ ދޭ ފަނޑިޔާރުގެ ނަމާއި ސޮއި، އަދި ކޯޓުގެ ތައްގަނޑު.

(ރ) ގާނޫނު ތަންފީޛުކުރާ އިދާރާއަކުން މި މާއްދާގެ (ހ) ގެ ދަށުން ކޯޓު އަމުރެއް ނެރެދިނުމަށް އެދިއްޖެނަމަ، އެ އަމުރު ފަނޑިޔާރު ނެރެދޭންވާނީ، އަންނަނިވި ކަންކަން އެ މީހަކާ ގުޅޭގޮތުން ފުރިހަމަވާނަމައެވެ.

  1. ޕާސްޕޯޓް ހިފަހައްޓަން ބޭނުންވާ މީހާ ކުށެއް ކޮށްފައިވާކަމަށް ނުވަތަ ކުށެއް ކުރަމުންދާކަމަށް ނުވަތަ ކުށެއް ކުރަންއުޅޭ ކަމުގެ ހެކި ލިބިފައިވުން؛
  2. އޭނާ ދިވެހިރާއްޖެ ދޫކޮށް ފިލައިގެންދާން އުޅޭ ކަމުގެ ހެކި ލިބިފައިވުން؛
  3. އޭނާ ދިވެހިރާއްޖޭގައި މަޑުކުރުވަންޖެހޭ ސަބަބެއް އޮތުން.

(ބ) މި މާއްދާގެ ދަށުން ނެރޭ އަމުރެއް ތަންފީޛުކުރުމަށްޓަކައި އެ އަމުރު ނެރޭ ތާރީޚުގައި، އެ އަމުރުގެ އެއް ކޮޕީ މޯލްޑިވްސް އިމިގްރޭޝަނަށް ގާނޫނު ތަންފީޛުކުރާ އިދާރާއިން ފޮނުވަންވާނެއެވެ. އަދި ހަމަ އެއާ އެކުއެކީގައި، އެ އަމުރުގެ ކޮޕީއެއް، އެ އަމުރު ނިސްބަތްވާ މީހާއަށްވެސް އެ ތާރީޚުގައި ދޭންވާނެއެވެ.

(ޅ) މި މާއްދާގެ ދަށުން މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ނެރޭ އަމުރެއްގެ މަޢުލޫމާތު، ވީއެންމެ އަވަހަކަށް އެ މީހަކަށް ދޭންވާނެއެވެ.

(ކ) މި މާއްދާގެ ދަށުން ނެރޭ އަމުރުގައި ބަޔާންކުރާ މުއްދަތު ހަމަނުވަނީސް މި މާއްދާގެ ދަށުން މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމުގެ މަޤްޞަދު ޙާޞިލުވެއްޖެނަމަ، އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް ނެރުނު އަމުރު ބާޠިލުކުރަންވާނެއެވެ.

 

ނުވަވަނަ ބާބު

ތަޙްގީގުކުރުމާގުޅޭ ބައެއް އާންމު އުސޫލު

76 ވަނަ މާއްދާ - ގުޅިގެން ހިންގާ ތަހްގީގު

(ހ) ގާނޫނު ތަންފީޛުކުރާ އެއް އިދާރާއިން ތަޙްޤީޤުކުރަމުންދާ ކުށަކީ ގާނޫނު ތަންފީޛުކުރާ އެހެން އިދާރާއަކުން ތަޙްޤީޤުކުރުމުގެ އިޚްތިޞާޞް ލިބޭ ކުށެއް ކަމުގައިވާނަމަ، އެ ކުށުގެ ތަޙްޤީޤު ހިންގަންވާނީ މި މާއްދާގައިވާ ގޮތުގެމަތިންނެވެ.

(ށ) ފުލުހުން ތަޙްޤީޤުކުރަމުންދާ ޖިނާއީ މައްސަލައެއްގައި ވަކި ޚާއްޞަ ބާވަތެއްގެ ޖިނާއީ ތަޙްޤީޤު ހިންގުމުގެ ބާރު ޤާނޫނަކުން ލިބިދީފައިވާ އިދާރާއެއްގެ އިޚްތިޞާޞް ހިނގާނަމަ، އަންނަނިވި ދެގޮތުންކުރެ ގޮތަކަށް ޢަމަލުކުރަންވާނެއެވެ.

(1) އެ ކުށުގެ އެ ބައިގެ ތަޙްޤީޤު އެ އިދާރާއަކުން ކުރިއަށް ގެންދިޔުމަށްޓަކައި އެ އިދާރާއަށް މައްސަލަ ހުށަހެޅުން؛ ނުވަތަ

(2) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގިދާނެއެވެ.

 

77 ވަނަ މާއްދާދައުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅުން

ގާނޫނު ތަންފީޛުކުރާ އިދާރާއަކުން ތަޙްޤީޤުކުރާ ޖިނާއީ ކުށެއްގެ ތަޙްޤީޤު ފުރިހަމަކޮށް ނިމުމާއެކު، އެ ކުށުގެ ދަޢުވާ އުފުލުމަށްޓަކައި ފޮނުވާނީ، ޕްރޮސިކިއުޓަރ ޖެނެރަލްއަށެވެ.

 

78 ވަނަ މާއްދާ – އިލެކްޓްރޯނިކްކޮށް މައްސަލަ ހުށަހެޅުން

ގާނޫނު ތަންފީޛުކުރާ އިދާރާތަކުން ތަޙްޤީޤުކުރާ މައްސަލަތަކުގެ ތަޙްޤީޤު ނިމުމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް އިލެކްޓްރޯނިކްކޮށް ފޮނުވުމަށްޓަކައި، އިލެކްޓްރޯނިކް ފައިލިން ސިސްޓަމެއް ޤާއިމުކޮށް، އެކަމަށްޓަކައި ގަވާއިދެއް ހަދައި، އެ ގަވާއިދުގެ ދަށުން އެކަން ކުރުމަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

 

79 ވަނަ މަޢްދާ – ބައެއް މައުލޫމާތު ސިއްރު މައުލޫމާތުގެ ގޮތުގައި ފޮނުވުން

ޖިނާއީ މައްސަލައެއްގައި ހެކިބަސްދޭންހުރި މީހެއްގެ ފުރާނައަށް ނުވަތަ މުދަލަށް ނުވަތަ ޢާއިލާއަށް ގެއްލުންދީފާނެކަމުގެ އިންޒާރު ނުވަތަ މަޢުލޫމާތު ލިބިފައިވާނަމަ، ހެކިބަސްދޭންހުރި މީހަކީ ކާކުކަން ހާމަނުކޮށް، އޭނާއާގުޅޭ މަޢުލޫމާތު ގާނޫނު ތަންފީޛުކުރާ އިދާރާއިން ސިއްރުކުރަންވާނެއެވެ. އަދި ދަޢުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެފަދަ މައްސަލަތައް ފޮނުވާއިރު، ހެކިބަސްދޭންހުރި މީހާގެ މަޢުލޫމާތު ހިމެނޭ ލިޔުންތައް ފޮނުވަންވާނީ ސިއްރު ލިޔުންތަކެއްގެ ގޮތުގައެވެ.

 

 

ތިންވަނަ ބައި

ދައުވާކުރުމުގެ މަރުހަލާ

 

ދިހަވަނަ ބާބު

ދައުވާކުރުން 

80 ވަނަ މާއްދާ – ދައުވާއެއް އުފުލޭއިރު ގާނޫނުގައި ބަޔާންކުރާ ކަންކަން ފުރިހަމަވެފައިވުން

(ހ) ޖިނާއީ ކުށެއްގެ ދަޢުވާއެއް މީހެއްގެ މައްޗަށް އުފުލަން ނިންމައި، އެފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އެ މީހެއްގެ މައްޗަށް އެ ދަޢުވާއެއް އުފުލަންވާނީ، އެ ކުށާ ގުޅޭގޮތުން ފުރިހަމަވާންޖެހޭ ކަމަށް ގާނޫނުގައި ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަވެގެންނެވެ.

(ށ) މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް ކުރުމަށްޓަކައި ގާނޫނުގައި ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަވެފައިވާކަން ކަށަވަރުކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ޒިންމާއެކެވެ.

 

81 ވަނަ މާއްދާ - ދައުވާ ހުށަހެޅުން

ޖިނާއީ މައްސަލައެއްގެ ދަޢުވާ، އެފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް ހުށަހަޅަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ތައްޔާރުކުރާ ފޯމު މެދުވެރިކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްއެވެ. އެ ފޯމުގައި، ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ އޭނާ ކަނޑައަޅާ ފަރާތެއްގެ ނަމާއި ސޮއި އޮންނަންވާނެއެވެ. އަދ ޕްރޮސިކިއުޓަރ ޖެނެރަލް ފިޔަވައި އެހެން މީހަކު އެ ފޯމުގައި ސޮއިކުރާނަމަ، އެ މީހަކު އެކަން ކުރަނީ ޕްރޮސިކިއުޓަރ ޖެނެރަލް ހުއްދަދީގެންކަން ކަނޑައެޅިގެން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

82 ވަނަ މާއްދާ - ދައުވާ އޮންނަންވީ ގޮތް

(ހ) ޖިނާއީ ކޮންމެ ދަޢުވާއެއްގައި، ކުށުގެ ތުހުމަތުގައިވާ މީހާގެ މައްޗަށް ދަޢުވާކުރެވޭ ކުށް ބަޔާންކުރަންވާނެއެވެ.

(ށ) މީހެއްގެ މައްޗަށް ދަޢުވާ އުފުލޭ ކުށް، ދަޢުވާއެއްގައި ބަޔާންކުރަންވާނީ، ގާނޫނުގައި އެ ކުށް ކަނޑައަޅާ މާއްދާއާ ޙަވާލާދީއެވެ. ކުށް ކަނޑައަޅާ މާއްދާއަށް ޙަވާލާދިނުމަކާ ނުލައި އެނޫން ޢާންމު މާއްދާއެއްގެ ދަށުން ނުވަތަ ޤާނޫނީ އިފްތިރާޟެއްގެ ދަށުން ނުވަތަ އެނޫންވެސް އެހެން މާއްދާއަކާ ޙަވާލާދީ ޖިނާއީ ކުށަކަށް ދަޢުވާ އުފުލައިގެންނުވާނެއެވެ.

(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ކުށް ކަނޑައަޅާ ޤާނޫނެއްގައި ވަކި ކަމެއް ވަކި ގޮތަކަށް ހުރުމަކީ، އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު މީހަކު ވަކި ކުށެއް ކުރީ ކަމުގައި ބެލެވޭނެ ޙާލަތެއް ކަމުގައި ޤަބޫލުކުރެވޭނެ ކަމަށް ބަޔާންކުރާނަމަ، އެ މާއްދާގައި ބަޔާންކުރާ ކަންކަން ފުރިހަމަވާ ޙާލަތުގައި، މީހެއްގެ މައްޗަށް ދަޢުވާ އުފުލަންޖެހިއްޖެނަމަ އެ ދަޢުވާ އުފުލާނީ، އެ ޤާނޫނީ އިފްތިރާޟް ބަޔާންކުރާ މާއްދާއަށް ޙަވާލާދިނުމާއެކު، އެ އިފްތިރާޟްގައި ޙަވާލާދޭ ކުށް ކަނޑައަޅާ މާއްދާގެ ދަށުންނެވެ.

(ރ) ޖިނާއީ ވަކި ކުށަކަށް ޤާނޫނެއްގައި ވަކި ޚާއްޞަ ނަމެއް ދީފައިވާނަމަ، ނުވަތަ އެ ކުށް ކަނޑައެޅުމުގައި ޤާނޫނެއްގައި ވަކި ޚާއްޞަ ޢިބާރާތެއް ބޭނުންކޮށްފައިވާނަމަ، ދަޢުވާގައި އެ ކުށް ބަޔާންކުރަންވާނީ، އެ ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ގޮތަށެވެ.

(ބ) ދަޢުވާއެއްގައި ކުށް ބަޔާންކުރުމުގެ އިތުރުން، ކުށުގެ ތުހުމަތުގައިވާ މީހާ ހިންގި ކަމަށް ބުނާ ޢަމަލާއި، އޭނާ ކުށް ކުރި ކަމަށް ބުނާ ވަގުތާއި ތަން ބަޔާންކުރަންވާނެއެވެ. އަދި އެ ކުށަކީ، މީހަކާ ދެކޮޅަށް ހިންގުނު ކުށެއް ކަމުގައިވާނަމަ، ނުވަތަ ވަކި އެއްޗެއް ހިމެނޭ ކުށެއް ކަމުގައިވާނަމަ، އެ މީހެއް ނުވަތަ އެ އެއްޗެއްގެ ތަފްޞީލުވެސް ބަޔާންކުރަންވާނެއެވެ.

 

83 ވަނަ މާއްދާ – ދަޢުވާ ސާބިތުކުރުމަށް ހެކި ހުށަހެޅުން

(ހ) ޖިނާއީ މައްސަލައެއްގެ ދަޢުވާ، އެފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް ހުށަހަޅަންވާނީ، އެ ދަޢުވާ ސާބިތުކުރުމަށް ބޭނުންވާ ހެއްކާ އެކުގައެވެ. އެގޮތުން، ދަޢުވާ ސާބިތުކުރުމަށް ހުށަހަޅަން ބޭނުންވާ އެންމެހައި ބަޔާންތަކާއި، ލިޔެކިޔުމާއި، އެކްޒިބިޓްތައް ދަޢުވާ ފޯމާއެކު ހިމަނަންވާނެއެވެ.

(ށ) ދަޢުވާ ސާބިތުކުރަން ހުށަހަޅަންޖެހޭ ހެކީގެ ތެރޭގައި ހިމެނޭ މާއްދީ ހެއްކަކީ، ދަޢުވާ ފޯމާއެކު ހުށަހެޅެން ނެތް ހެކި ކަމުގައިވާނަމަ، އެ ހެކީގެ ތަފްޞީލުތައް ދަޢުވާ ފޯމާއެކު ހުށަހަޅަންވާނެއެވެ.

(ނ) ދައުލަތުން ދަޢުވާއެއް ސާބިތުކުރަން ހުށަހަޅާ ހެކީގެ ތެރޭގައި ޝަފަހީ ހެކި ހިމެނޭނަމަ، ހެކިބަސް ދޭ މީހާއަށް ޙިމާޔަތްދިނުމަށް އެދޭ ޙާލަތުގައި މެނުވީ، އެ ހެކިބަސް ދޭ މީހާ ނުވަތަ މީހުންގެ ތަފްޞީލު ދަޢުވާ ފޯމުގައި ދޭންވާނެއެވެ.

 

84 ވަނަ މާއްދާ – ދައުވާގެ ލިޔެކިޔުން ދައުވާ ލިބޭ ފަރާތަށް ދިނުން

ޖިނާއީ ކުށެއްގެ ދަޢުވާ، ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަށް ބަލައިގެންފިނަމަ، އެ ތާރީޚުން ފެށިގެން ލަސްވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ ދަޢުވާއާއި ދަޢުވާއާގުޅޭ އެންމެހައި ލިޔެކިޔުމުގެ ކޮޕީއެއް ދަޢުވާ ލިބޭ ފަރާތަށް ކޯޓުން ފޮނުވަންވާނެއެވެ.

 

85 ވަނަ މާއްދާ – ދައުވާގައިވާ އޮޅުމެއްގެ ސަބަބުން ދައުވާއަށް އަސަރުނުކުރުން

ތުހުމަތުކުރެވޭ ފަރާތާމެދު ތުހުމަކުރެވޭ ކުށް ދަޢުވާ ފޯމުގައި ބަޔާންކުރުމުގައި ނުވަތަ ދަޢުވާއާގުޅޭ އެނޫންވެސް ތަފްޞީލެއް ބަޔާންކުރުމުގައި ކުށެއް އޮތުމަކީ، ނުވަތަ ކުށް ބަޔާންކުރުމުގައި ނުވަތަ ދަޢުވާއާގުޅޭ އެނޫންވެސް ތަފްޞީލެއް ބަޔާންކުރުމުގައި ހިމަނަންޖެހޭ އެއްޗެއް ނުހިމެނި އޮތުމަކީ، އޭގެ ސަބަބުން ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް ކުރެވިފައިވާ ދަޢުވާ، ދަޢުވާ ލިބޭ ފަރާތަށް އޮޅިދާނެ ޙާލަތެއްގައި މެނުވީ، އެ ދަޢުވާއަށް އަސަރުކުރާނެ ކަމެއް ކަމުގައެއް ނުބެލެވޭނެއެވެ.

 

86 ވަނަ މާއްދާ – ވަކި ކުށްކުށަށް ވަކި ދައުވާކުރުން

(ހ) މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެ ޖިނާއީ ކުށަކަށް ވަކި ދަޢުވާއެއް ކުރަންވާނެއެވެ. އަދި މި މާއްދާގެ (ށ)، (ނ) އަދި (ރ) ގައި ބަޔާންކުރާ ޙާލަތުގައާއި، މި ގާނޫނުގެ 88 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތުގައި ފިޔަވައި، އެއިން ކޮންމެ ކުށެއްގެ ދަޢުވާ، ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އުފުލަންވާނީ، ވަކި މައްސަލަތަކެއްގެ ގޮތުގައެވެ.

(ށ) ކުށުގެ ތުހުމަތުގައިވާ މީހާ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށްތަކަށް އިޢުތިރާފުވާ ޙާލަތުގައި، މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުސޫލެއް ނުހިނގާނެއެވެ.

(ނ) މީހަކު ކުރާ ކުށެއްގެ ޢަމަލުގެ ތެރޭގައި އެއް ކުށަށްވުރެ ގިނަ ކުށުގެ ރުކުން ފުރިހަމަވާ ޙާލަތުގައި، އެ ހުރިހާ ކުށްތަކެއްގެ ދަޢުވާ ހިމެނޭ ގޮތުން، އޭނާގެ މައްޗަށް އެއް ދަޢުވާކުރުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.

(ރ) މީހަކު ކުރާ ކުށުގެ ޢަމަލަކީ، ތަފާތު ދެ ގާނޫނު ނުވަތަ އެއަށްވުރެ ގިނަ ގާނޫނުގެ ދަށުން ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކުށުގެ ޢަމަލެއް ކަމުގައިވާނަމަ، އެ ހުރިހާ ޤާނޫނެއްގައި ބަޔާންކުރާ ކުށުގެ ދަޢުވާ އެ މީހެއްގެ މައްޗަށް އުފުލިދާނެއެވެ. އަދިއެ ޙާލަތުގައި، އެ ހުރިހާ ކުށްތަކެއްގެ ދަޢުވާ ހިމެނޭ ގޮތުން، އޭނާގެ މައްޗަށް އެއް ދަޢުވާކުރެވިދާނެއެވެ.

 

87 ވަނަ މާއްދާދައުވާ އުފުލިފައިވާ ކުށުގެ އަމަލުން ފުރިހަމަވާ އެހެން ކުށެއް ސާބިތުވުން

(ހ) މީހެއްގެ މައްޗަށް ދަޢުވާ އުފުލިފައިވާ ކުށުގެ ޝަރީޢަތުގައި ހާމަވާ ހެކީގެ ސަބަބުން އޭނާ އެހެން ކުށެއްގެ ޢަމަލު ހިންގިކަން ސާބިތުވާ ޙާލަތުގައި، އޭނާގެ މައްޗަށް އެ ދެވަނަ ކުށުގެ ދަޢުވާ އުފުލިފައިނުވި ނަމަވެސް، އެ ކުށް ސާބިތުވާކަމަށް ކަނޑައެޅިދާނެއެވެ. އެހެންނަމަވެސް، އެފަދައިން ކަނޑައެޅޭނީ، އެއީ އޭނާގެ މައްޗަށް ދަޢުވާ އުފުލިފައިވާ ފުރަތަމަ ކުށުގެ ޢަމަލުން ފުރިހަމަވާ ކުށެއް ކަމުގައިވާ ޙާލަތުގައި އެކަންޏެވެ.

(ށ) މީހެއްގެ މައްޗަށް ދަޢުވާ އުފުލިފައިވާ ކުށް އޭނާގެ މައްޗަށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިނުވިނަމަވެސް، އެ ކުށް ކުރަން އޭނާ އުޅުނުކަން ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިންކަން ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާނަމަ، އެ ކުށް ކުރަން އުޅުމުގެ ނުވަތަ އެހީތެރިވުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅިދާނެއެވެ.

(ނ) މީހެއްގެ މައްޗަށް ދަޢުވާ އުފުލިފައިވާ ކުށުގެ ޢަމަލުގެ ތެރޭގައި، އެއް ކުށަށްވުރެ ގިނަ ކުށުގެ ޢަމަލު ހިމެނޭ ޙާލަތުގައި، އަދި އޭގެ ތެރޭގައި އޭނާގެ މައްޗަށް ދަޢުވާ އުފުލިފައިވާ ކުށަށްވުރެ ކުޑަ ކުށެއް ހިމެނޭ ޙާލަތުގައި، އޭނާގެ މައްޗަށް ދަޢުވާ އުފުލިފައިވާ ކުށް އޭނާ ކުރިކަމަށް ސާބިތުނުވިނަމަވެސް، އެ ކުށުގެ ޢަމަލުން ފުރިހަމަވާ އަނެއް ކުށް އޭނާ ކުރިކަމަށް ސާބިތުވާނަމަ، އެ ދެވަނަ ކުށް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައެޅިދާނެއެވެ.

 

88 ވަނަ މާއްދާ – އެކަކަށްވުރެ ގިނަ މީހުންގެ މައްޗަށް އެކުގައި ދައުވާކުރުން

އަންނަނިވި މީހުންގެ މައްޗަށް، އެކުގައި ދަޢުވާ އުފުލުމުގެ އިޚްތިޔާރު، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

(ހ) އެއް މުޢާމަލާތަކުން ފުރިހަމަވާ އެއް ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މީހުން؛

(ށ) އެއް މުޢާމަލާތަކުން ފުރިހަމަވާ ތަފާތު ކުށްތަކަކަށް ތުހުމަތުކުރެވޭ މީހުން؛

(ނ) ކުށުގެ ޢަމަލުން ފުރިހަމަވާ އެއް ބާވަތެއްގެ ކުށްތަކަކަށް ތުހުމަތުކުރެވޭ މީހުން؛

(ރ) އެއް ޤާނޫނަކުން ކަނޑައަޅާފައިވާ ތަފާތު ދެ ކުށް ފުރިހަމަވެފައިވަނީ، އެއް މުޢާމަލާތަކުން ކަމުގައިނުވިނަމަވެސް، އެ ދެ ކުށް ފުރިހަމަވެފައިވަނީ އެއް ކުށުގެ ޢަމަލުތަކަކުން ކަމުގައިވާ ޙާލަތުގައި، އެ ދެ ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ މީހުން.

 

89 ވަނަ މާއްދާ  - އެކަކަށްވުރެ ގިނަ މީހުންގެ މައްޗަށް އެއް ދައުވާ ކުރުމުން މަސްލަހަތަށް އުނިކަން އައުން

މި ގާނޫނުގެ 88 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދަޢުވާކުރުމުން މީހެއްގެ މަޞްލަޙަތަށް އުނިކަމެއް އަތުވެދާނެކަމަށް ކޯޓަށް ފެނިއްޖެނަމަ ނުވަތަ އެފަދަ އުނިކަމެއް އަންނަ ކަމަށް މައްސަލައިގައި ހިމެނޭ ފަރާތަކުން ކޯޓަށް ހުށަހަޅައިފިނަމަ، އަދި އެއީ އިންޞާފުވެރިގޮތް ކަމަށް ކޯޓަށް ފެންނަނަމަ، އެ ދަޢުވާތައް ވަކިވަކި ދަޢުވާތަކެއްގެ ގޮތުގައި ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް އެންގުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

 

90 ވަނަ މާއްދާ – އެއް ދައުވާ ސާބިތުވުމުން ދެން ހުރި ދައުވާ ދޫކޮށްލުން

(ހ) މީހެއްގެ މައްޗަށް އެއް ދަޢުވާއަށްވުރެ ގިނަ ދަޢުވާ އުފުލިފައިވާ ޙާލަތެއްގައި، އޭނާގެ މައްޗަށް ދަޢުވާ ކުރެވިފައިވާ އެއް ކުށް ނުވަތަ އެއަށްވުރެ ގިނަ ކުށް ސާބިތުވެއްޖެނަމަ، އޭނާގެ މައްޗަށް ދަޢުވާ އުފުލިފައިވާ ދެން ހުރި ކުށްތަކުގެ ތެރެއިން ކުށެއްގެ، ނުވަތަ އެ ހުރިހާ ކުށެއްގެ ދަޢުވާ، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފެނިއްޖެ ހިނދެއްގައި، ކޯޓުގެ ހުއްދައާއެކު އަނބުރާ ގެންދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދަޢުވާއެއް އަނބުރާ ގެންގޮސްފިނަމަ، މި މާއްދާގެ (ނ) ގައި ބަޔާންކުރާ ޙާލަތުގައި މެނުވީ އޭނާގެ މައްޗަށް އަލުން އެ ދަޢުވާ އުފުލައިގެންނުވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތްނަމަވެސް، އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި ކޮށްފައިވާ ޙުކުމް، މަތީ މަރުޙަލާއެއްގެ ކޯޓުން ބާޠިލުކޮށްފިނަމަ، މި މާއްދާގެ (ހ) ގެ ދަށުން އަނބުރާ ގެންދެވުނު ދަޢުވާ އޭނާގެ މައްޗަށް އަލުން އުފުލިދާނެއެވެ.

 

91 ވަނަ މާއްދާ - ދައުވާއަށް ބަދަލު ގެނައުން

(ހ) އިބްތިދާއީ އަޑުއެހުމުގެ ކުރިން، އަދި ދަޢުވާ ލިބޭ ފަރާތަށް އެކަށީގެންވާ ނޯޓިސް ލިބޭގޮތަށް، ދަޢުވާގައި ހިމެނޭ ތަފްޞީލުތައް ބަދަލުކުރުމުގެ ނުވަތަ ދަޢުވާގައި އިތުރު ކުށް ހިމެނުމުގެ އިޚްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ. އެހެންނަމަވެސް، އެފަދައިން އިތުރުކުރެވޭ ކަންކަން ބިނާވެފައި އޮންނަންވާނީ، ދަޢުވާގައި ފުރަތަމަ ހިމެނުނު ކުށް ނުވަތަ ކުށްތައްބިނާވެފައިވާ ޢަމަލުގެ މައްޗަށެވެ.

(ށ) އިބްތިދާއީ އަޑުއެހުން ފެށުމަށް ފަހުގައި، ދަޢުވާގައި އިތުރު ކުށް ހިމަނައިގެންނުވާނެއެވެ. އެހެންނަމަވެސް ކޯޓުގެ ހުއްދައާއެކު ދަޢުވާ ބިނާވެފައިވާ ކަންކަން، އިބްތިދާއީ އަޑުއެހުމުގެ މަރުޙަލާގައި ބަދަލު ކުރެވިދާނެއެވެ.

 

92 ވަނަ މާއްދާ - ދައުވާ އަނބުރާ ގެނައުން

(ހ) މީހެއްގެ މައްޗަށް ކޮށްފައިވާ ދަޢުވާއެއްގެ ޝަރީޢަތުގެ ފުރަތަމަ އަޑުއެހުން ފެށުމުގެ ކުރިން، އެ ދަޢުވާއެއް އަނބުރާ ގެންދިޔުމުގެ އިޚްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ. އެފަދައިން ދަޢުވާ އަނބުރާ ގެންދާއިރު، ފަހުން އެ ދަޢުވާކުރުމުގެ ޙައްޤު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބޭ ގޮތަށްވެސް ނުވަތަ ނުލިބޭ ގޮތަށްވެސް ދަޢުވާ އަނބުރާ ގެންދެވިދާނެއެވެ.

(ށ) ދަޢުވާ އަނބުރާ ގެންދިއުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޢަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

93 ވަނަ މާއްދާ - ދައުވާ ލިބޭ މީހާ މަރުވުން

ޖިނާއީ ކުށެއްގެ ދަޢުވާ ލިބޭ މީހަކު މަރުވެއްޖެނަމަ، އޭނާގެ މައްޗަށް ކުރެވިފައިވާ ދަޢުވާ ބާޠިލުވާނެއެވެ.

 

94 ވަނަ މާއްދާ - ދައުވާކުރުމުގެ މުއްދަތުތައް

(ހ) ޖިނާއީ ކުށެއްގެ ދަޢުވާ ލިބޭ ފަރާތަކީ މި ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަންދުކުރެވިފައިވާ މީހެއްނަމަ، އޭނާ މި ގާނޫނުގެ 58 ވަނަ މާއްދާގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވާ އުފުލަންވާނެއެވެ.

(ށ) ޖިނާއީ ކުށެއްގެ ދަޢުވާ ލިބޭ ފަރާތަކީ މި ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރުމަށްފަހު އެ މާއްދާގެ (ނ) ނުވަތަ (ރ) ގެ ދަށުން ދޫކޮށްލާފައިވާ މީހެއްނަމަ، އޭނާ ފަނޑިޔާރުގެ ކުރިމައްޗަށް ހާޒިރުކުރެވޭތާ 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވާ އުފުލަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ މީހުންގެ މައްސަލަތަކުގައި އެ މާއްދާތަކުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެ މީހުންގެ މައްޗަށް ދަޢުވާ އުފުލުމަށް މަގުފަހިކުރުމަށްޓަކައި ގާނޫނު ތަންފީޛުކުރާ އިދާރާތަކުން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެފަދަ މައްސަލަތަކުގެ ތަޙްޤީޤު ނިންމައި، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފޮނުވަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ މީހަކު ކުރިކަމަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވެފައި، އެ މައްސަލައިގެ ބާވަތުން އެ އަކުރުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެ މައްސަލައިގެ ތަޙްޤީޤު ފުރިހަމަކުރެވިދާނެ މައްސަލައެއް ކަމުގައިނުވާނަމަ، އެ މައްސަލައިގެ ތަޙްޤީޤު ފުރިހަމަކުރުމަށްޓަކައި މުއްދަތު އިތުރުކޮށްދިނުމަށް އެދި ސަބަބު ބަޔާންކޮށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅިދާނެއެވެ. އެހެންނަމަވެސް، އެފަދައިން އިތުރުކޮށްދޭ މުއްދަތު، 30 (ތިރީސް) ދުވަހަށްވުރެ އިތުރުވެގެންނުވާނެއެވެ. އަދި އެ މީހެއްގެ މައްޗަށް އެ 30 (ތިރީސް) ދުވަސް ހަމަވުމުގެ ކުރިން ދަޢުވާ އުފުލަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، މި މާއްދާގެ (ށ) ގައި ބަޔާންކުރާ މީހަކު ކުރިކަމަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވެފައި، އެ މައްސަލައިގެ ބާވަތުން އެ އަކުރުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެ މައްސަލައިގެ ތަޙްޤީޤު ފުރިހަމަކުރެވިދާނެ މައްސަލައެއް ކަމުގައިނުވާނަމަ،  އެ މައްސަލައިގެ ތަޙްޤީޤު ފުރިހަމަކުރުމަށްޓަކައި މުއްދަތު އިތުރުކޮށްދިނުމަށް އެދި ސަބަބު ބަޔާންކޮށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅިދާނެއެވެ. އެހެންނަމަވެސް، އެފަދައިން އިތުރުކޮށްދޭ މުއްދަތު، 45 (ސާޅީސްފަހެއް) ދުވަހަށްވުރެ އިތުރުވެގެންނުވާނެއެވެ. އަދި އެ މީހެއްގެ މައްޗަށް އެ 45 (ސާޅީސްފަހެއް) ދުވަސް ހަމަވުމުގެ ކުރިން ދަޢުވާ އުފުލަންވާނެއެވެ.

(ޅ) މި މާއްދާގެ (ރ) ނުވަތަ (ބ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް މުއްދަތު އިތުރުކޮށްދީފިނަމަ، އެ މުއްދަތު އިތުރުކޮށްދޭންޖެހުނު ސަބަބު ބަޔާންކުރާ ލިޔުމެއް، އެ މައްސަލައިގެ ދަޢުވާއާއެކު ކޯޓަށް ހުށަހަޅަންވާނެއެވެ.

 

95 ވަނަ މާއްދާ – މި ގާނޫނަށް އަމަލުކުރަން ފަށާއިރު ހުރި މައްސަލަތައް

މި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު ގާނޫނު ތަންފީޛުކުރާ އިދާރާތަކުން ތަޙްޤީޤުކުރަމުންދާ މައްސަލަތަކުގެ މައްޗަކަށް މި ގާނޫނުގެ 94 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތުތައ އެގޮތަކަށް ނުހިނގާނެއެވެ. އެހެންނަމަވެސް، މި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު ތަޙްޤީޤުގައި ބަންދުކޮށްފައި ތިބި މީހުންގެ މައްސަލަތައް ނިންމައި، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މީހުންގެ މައްޗަށް ދަޢުވާ އުފުލަންވާނެއެވެ. އަދި ހައްޔަރުކުރެވި، އެހެންނަމަވެސް ބަންދުން ދޫކޮށްލާފައިވާ މީހުންގެ މައްސަލަތައް ނިންމައި، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި އެ މީހުންގެ މައްޗަށް ދަޢުވާ އުފުލަންވާނެއެވެ.

 

96 ވަނަ މާއްދާ – ކުށަށް އިއުތިރާފްވާ މީހުންގެ މައްޗަށް ދައުވާނުކޮށް ދޫކޮށްލުމާއި އަދަބު ލުއިކޮށްދިނުމަށް ހުށަހެޅުން

(ހ) ކުށުގެ ތުހުމަތުގައިވާ މީހަކު ތަޙްޤީޤުގައި ކުށަށް އިޢުތިރާފުވާން ބޭނުންކަމަށް ބުނެފިނަމަ، އަންނަނިވި ބާވަތްތަކުގެ އެއްބަސްވުންތަކުގެ ތެރެއިން އެއްބަސްވުމެއް އޭނާއާއެކު ވުމުގެ އިޚްތިޔާރު، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

  1. މި ގާނޫނުގެ 100 ވަނަ މާއްދާގައި ބަޔާންކުރާ އެއްބަސްވުމެއް؛
  2. މި ގާނޫނުގެ 104 ވަނަ މާއްދާގައި ބަޔާންކުރާ އެއްބަސްވުމެއް.

(ށ) މި މާއްދާގެ (ޙ) ގައި ބަޔާންކުރާ އެއްބަސްވުމެއް ކުށުގެ ތުހުމަތުގައިވާ މީހާއާއެކު ވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އަމިއްލަ އިޚްތިޔާރުގައި ހުށަހެޅިދާނެއެވެ. ނުވަތަ ކުށުގެ ތުހުމަތުގައިވާ މީހާއަށްވެސް ހުށަހެޅިދާނެއެވެ.

(ނ) ކުށުގެ ތުހުމަތުގައިވާ މީހަކު ތަޙްޤީޤުގައި ކުށަށް އިޢުތިރާފުވާން ބޭނުންކަމަށް ބުނެފިނަމަ، އޭނާއާ ތަޙްޤީޤުގައި ސުވާލުކުރެވެމުންދާއިރު އެ މަޖިލީހަށް ހާޒިރުވެ، ތުހުމަތުކުރެވޭ މީހާ ކުށަށް އިޢުތިރާފުވޭތޯ ބެލުމަށް އޭނާއާ ވާހަކަދެއްކުމުގެ އިޚްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ވާހަކަދައްކާއިރު، ތުހުމަތުކުރެވޭ މީހާ ކުށަށް އިޢުތިރާފުވޭތޯ ބެލުމަށް ތިރީގައި ބަޔާންކޮށްފައިވާފަދަ ކަންކަން އޭނާއަށް ހުށަހެޅުމުގެ އިޚްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

  1. އޭނާގެ މައްޗަށް އިތުރު ދަޢުވާއެއް ނުކުރުން؛
  2. އޭނާގެ މައްޗަށް ކޮށްފައިވާ ބައެއް ދަޢުވާ އަނބުރާ ގެންދިއުން؛
  3. ކުށުގެ އަދަބު ލުއިކޮށްދޭން އެދޭނަމަ، އަދަބު ލުއިކޮށްދެވިދާނެ ގޮތްތައް.

 

އެގާރަވަނަ ބާބު

ނަސޭހަތް ދިނުން

97 ވަނަ މާއްދާ – ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ މައްސަލަ ނިންމުން

(ހ) ތަޙްޤީޤުގައި ކުށަށް އިޢުތިރާފުވާ މީހުންގެ ތެރެއިން ކުދިކުދި ކުށް ކުރާ މީހުން އެފަދަ ޢަމަލުތަކުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން، އަދި އެ މީހުންނަށް އިތުރު ފުރުޞަތު ދީ، މުޖުތަމަޢަށް ރުޖޫޢަވެ، މުޖުތަމަޢުގައި ކުށުން ދުރުހެލިވެގެންވާ ރަނގަޅު ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމަށްޓަކައި، އެ މީހުންގެ މައްޗަށް ކުށުގެ ދަޢުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ، މައްސަލަ ނިންމުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

(ށ) ދަޢުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ މައްސަލަ ނިންމަންވާނީ ޢާންމު މަޞްލަޙަތަށް އެންމެ ފައިދާހުރި ގޮތަކީ އެގޮތަށް އެ މައްސަލަ ނިންމުނ ކަމުގައިވާނަމައެވެ. އެގޮތުން، މި ގާނޫނުގެ 99 ވަނަ މާއްދާގައި ބަޔާންވެގެންވާ ކަންކަމުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ރިޢާޔަތްކުރަންވާނެއެވެ.

 

98 ވަނަ މާއްދާ – ނަސޭހަތް ދެވޭނެ މައްސަލަތައް

ދަޢުވާކުރުމުގެ ބަދަލުގައި ނަސޭހަތް ދީ، މައްސަލަ ނިންމޭނީ ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާ މައްސަލަތަކުގައެވެ.

(ހ) ކުށަށް އިޢުތިރާފުވެފައިވުން؛ އަދި

(ށ) ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ކުށުގެ ތުހުމަތުގައިވާ މީހާ ޤަބޫލުވުން؛ އަދި

(ނ) އޭނާ ކުރިކަމަށް އިޢުތިރާފުވާ ކުށަކީ 1 (އެކެއް) އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ޖަލުގައި ބަންދުކުރުމުގެ އަދަބެއް ހިމެނޭ ކުށެއް ކަމުގައި ނުވުން.

 

99 ވަނަ މާއްދާ – އާންމު މަސްލަހަތަށް އެންމެ ފައިދާހުރިގޮތް ކަނޑައެޅުން

ދަޢުވާކުރުމުގެ ބަދަލުގައި ނަސޭހަތް ދިނުމަކީ ޢާންމު މަޞްލަޙަތަށް އެންމެ ފައިދާހުރި ގޮތްކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ޕްރޮސިކިއުޓަރ ޖެނެރަލް ރިޢާޔަތްކުރަންވާނެއެވެ.

(ހ) ޢާންމު މަޞްލަޙަތަށް އެންމެ ފައިދާހުރި ގޮތަކީ ނަސޭހަތް ދިނުން ކަމުގައި ނިންމުމަށް ބާރުއަޅާ ކަންތައްތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(1) ކުށުގެ އަދަބަކީ ކުޑަ އަދަބެއް ކަމުގައިވުން؛

(2) ކުށުގެ ސަބަބުން ލިބުނު ގެއްލުމަކީ ބޮޑު ގެއްލުމެއް ކަމުގައިނުވުން؛

(3) ކުށް ކުރި މީހަކީ ފުރަތަމަ ފަހަރަށް ކުށް ކުރި މީހެއް ކަމުގައިވުން؛

(4) ކުށް ކުރި މީހަކީ އެހެން ޖިނާއީ ކުށެއްގެ ދަޢުވާ އުފުލިފައިވާ މީހެއް ކަމުގައިނުވުން؛

(5) ކުށް ކުރި މީހަކީ ޢުމުރުން ދުވަސްވެފައިވާ މީހެއް ކަމުގައިވުން؛

(6) ކުށް ކުރީ ކުޑަ ކުއްޖެއް ކަމުގައިވުން؛

(7) ކުށް ކުރީ ޒިންމާދާރުކަމާއެކު ޢާއިލާއެއް ބަލަމުންދާ މީހަކު ކަމުގައިވުން؛

(8) ކުށުގެ ސަބަބުން ލިބުނު ގެއްލުމަށް ބަދަލު ދީފައިވުން.

(ށ) ޢާންމު މަޞްލަޙަތަށް އެންމެ ފައިދާހުރި ގޮތަކީ ދަޢުވާކުރުން ކަމުގައި ނިންމުމަށް ބާރުއަޅާ ކަންތައްތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

  1. ކުށުގެ އަދަބަކީ ބޮޑު އަދަބެއް ކަމުގައިވުން؛
  2. ކުށް ކުރުމުގައި ހަތިޔާރެއް ނުވަތަ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް ބޭނުންކޮށްފައިވުން؛
  3. ކުށް ކުރުމުގައި މީހަކަށް ހަމަލާ ދީފައިވުން ނުވަތަ ހަމަލާ ދީފާނެކަމުގެ ބިރުދައްކާފައިވުން؛
  4. ދައުލަތުގެ މުވައްޒަފެއްގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހިންގި ޢަމަލަކަށްވުން؛
  5. ކުށް ކުރި މީހަކީ މުޖުތަމަޢުގައި ޒިންމާދާރު މަޤާމެއްގައި ހުރި މީހެއް ކަމުގައިވުން؛
  6. ކުށް ކުރީ ޖަމާޢަތެއް ހަދައިގެން ކަމަށްވާނަމަ، އޭނާއަކީ އެކަން ރޭވި މީހާ ކަމުގައިވުން؛
  7. ކުށުގެ ޢަމަލު ހިންގީ ކުޑަކުއްޖަކާ ދެކޮޅަށް ކަމުގައިވުން؛
  8. ކުށުގެ ޢަމަލު ހިންގީ ކުޑަކުއްޖެއް ބައިވެރިކޮށްގެން ކަމުގައިވުން؛
  9. ކުޑަކުއްޖެއްގެ ކުރިމަތީގައި ކުރި ކަމަކަށްވުން؛
  10. މީހެއްގެ ނަސްލު ނުވަތަ ޖިންސު ނުވަތަ ޤައުމީ ނިސްބަތް ނުވަތަ އެ މީހެއްގެ ކިބައިގައިހުރި ނަފްސާނީ ނުވަތަ ޖިސްމާނީ ނުކުޅެދުމެއްގެ ސަބަބުން އެ މީހަކާމެދު ހިންގުނު ޢަމަލެއް ކަމުގައިވުން؛
  11. ކުށް ކުރުމުގައި ކޮރަޕްޝަންގެ ޢަމަލެއް އެކުލެވިގެންވުން؛
  12. އެ ކުށަކީ އޭގެ ޒާތުގައި ބޮޑު ކުށެއް ކަމުގައި ނުވިނަމަވެސް އެ ކުށް ކުރުން ޢާންމުވެފައިވުން؛
  13. ކުށުގެ ސަބަބުން މީހަކަށް ގެއްލުމެއް ލިބިފައިވާނަމަ، ދަޢުވާ ނުކުރުމާމެދު އޭނާ ކަނޑައެޅިގެން އިޢުތިރާޟުކުރުން.

 

100 ވަނަ މާއްދާ – ނަސޭހަތްދީ ދޫކޮށްލުމުގެ އެއްބަސްވުން

(ހ) މި ގާނޫނުގެ 97 ވަނަ މާއްދާގެ ދަށުން ކުށުގެ ތުހުމަތުގައިވާ މީހަކު ނަސޭހަތްދީ ދޫކޮށްލާނަމަ، މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން އޭނާއާއި ޕްރޮސިކިއުޓަރ ޖެނެރަލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެއްބަސްވުމުގައި، ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ޝަރުޠުތަކަކާ އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވާކަމަށް އިޤުރާރުވެ، ކުށުގެ ތުހުމަތުގައިވާ މީހާ ސޮއިކުރަންވާނެއެވެ. އަދި އެ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެމަތިން އޭނާ ޢަމަލުކުރަމުންދާހާ ހިނދަކު، އޭނާގެ މައްޗަށް އެ ކުށުގެ ދަޢުވާ ނުއުފުލާނެކަން ޕްރޮސިކިއުޓަރ ޖެނެރަލް ކަށަވަރުކޮށްދޭންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ވެވޭ އެއްބަސްވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ޝަރުޠުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

101 ވަނަ މާއްދާ - އިތުރު ކުށެއް ކުރުން

މި ގާނޫނުގެ މިބައިގެ ދަށުން ދަޢުވާކުރުމުގެ ބަދަލުގައި ނަސޭހަތް ދީ މައްސަލަ ނިންމި ތާރީޚުން ފެށިގެން 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި، ނަސޭހަތް ދެވުނު މީހާ އިތުރު ކުށެއް ކޮށްފިނަމަ، އޭނާގެ މައްޗަށް އެ ކުށުގެ ދަޢުވާއާއެކު، އެ ކުށާ ގުޅިގެން ނަސޭހަތް ދެވުނު ކުށުގެ ދަޢުވާވެސް ކުރަންވާނެއެވެ.

 

102 ވަނަ މާއްދާ – ނަސޭހަތްދީ ދޫކޮށްލުމާގުޅޭ ގަވާއިދު ހެދުން

ދަޢުވާކުރުމުގެ ބަދަލުގައި ނަސޭހަތް ދީ މައްސަލަ ނިންމުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޢަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

ބާރަވަނަ ބާބު

އަދަބު ލުއިކޮށްދިނުމަށް އެދުން

103 ވަނަ މާއްދާއަދަބު ލުއިކޮށްދިނުމަށް ހުށަހެޅުން

ތަޙްޤީޤުގައި ކުށަށް އިޢުތިރާފުވާ މީހަކީ، މި ގާނޫނުގެ 97 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ނަސޭހަތް ދިނުމަށްފަހު ދަޢުވާ ނުކޮށް ދޫކޮށްލުމަށް ޝަރުޠު ހަމަވާ މީހެއް ކަމުގައިނުވާނަމަ، ނުވަތަ އޭނާގެ މައްޗަށް އޭނާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވިފައިވާ ކުށަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފެނިއްޖެނަމަ، އޭނާގެ އަދަބު ލުއިކޮށްދިނުމަށް ހުށަހެޅުމަށްޓަކައި މި ގާނޫނުގެ 104 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިޢުތިރާފުގެ އެއްބަސްވުމެއް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ވެވިދާނެއެވެ.

 

104 ވަނަ މާއްދާ - އިއުތިރާފުގެ އެއްބަސްވުން

(ހ) މި މާއްދާގައިވާ ގޮތުގެމަތިން، ތުހުމަތުކުރެވޭ މީހާއާއި ޕްރޮސިކިއުޓަރ ޖެނެރަލްއާ ދެމެދު ވާހަކަ ދެކެވި، ތުހުމަތުކުރެވޭ މީހާ ކުށަށް އިޢުތިރާފުވެއްޖެނަމަ، ދެފަރާތުގެ ދެމެދުގައި ދެކެވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށް އެއްބަސްވުމެއް ވެވިދާނެއެވެ. މި އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކުރަންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ވެވޭ އިޢުތިރާފުގެ އެއްބަސްވުމެއްގެ ދަށުން އަދަބު ލުއިކޮށްދެވޭނީ، އެ ކުށަކަށް ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަބަށްވުރެ ދަށްނުވާނެ އަދަބެކެވެ. ނުވަތަ ގާނޫނުގައި އެ ކުށަށް ކުޑަ އަދަބެއް ކަނޑައެޅިފައިނުވާނަމަ، އެ ކުށަށް ކަނޑައެޅިފައިވާ އަދަބުގެ ދެބައިކުޅައެއްބަޔަށްވުރެ ކުޑަނުވާނެ އަދަބެކެވެ.

(ނ) މި މާއްދާގައިވާ ގޮތުގެމަތިން، ކުށުގެ ތުހުމަތުކުރެވޭ މީހާ އާއި ޕްރޮސިކިއުޓަރ ޖެނެރަލްއާ ދެމެދު އިޢުތިރާފުގެ އެއްބަސްވުމެއް ވެވިއްޖެނަމަ، މި ގާނޫނުގެ 94 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އޭނާގެ މައްޗަށް އެ ކުށުގެ ދަޢުވާ އުފުލުމަށްޓަކައި އެ މައްސަލައިގެ ލިޔުންތައް ގާނޫނު ތަންފީޛުކުރާ އިދާރާއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންވާނެއެވެ.

(ރ) ކުށަށް އިޢުތިރާފުވުމަށް ފުރުޞަތު ދިނުމުގެ ކަންތައް ކުރިއަށްގެންދާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

 

ހަތަރުވަނަ ބައި

ށަރީއަތުގެ ކުރީގެ މަރުހަލާ

 

ތޭރަވަނަ ބާބު

އިބްތިދާއީ އަޑުއެހުން

105 ވަނަ މާއްދާއިބްތިދާއީ އަޑުއެހުން ބޭއްވުން

ކުށުގެ ތުހުމަތުކުރެވިފައިވާ މީހާގެ މައްޗަށް ކުރެވިފައިވާ ދަޢުވާ އޭނާއަށް ސާފުވެފައިވޭތޯ ބެލުމަށާއި، ދަޢުވާއަށް އޭނާ ޖަވާބުދާރީވާ ގޮތެއް ބެލުމަށާއި، ދަޢުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ކަނޑައެޅުމަށްޓަކައި، ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަށް ހުށަހެޅޭ ކޮންމެ މައްސަލައެއްގެ އިބްތިދާއީ އަޑުއެހުމެއް، އެ ކޯޓަކުން ބާއްވަންވާނެއެވެ.

 

106 ވަނަ މާއްދާ – އިވްތިދާއީ އަޑުއެހުމުން ހާސިލްކުރަންޖެހޭ ކަންތައްތައް

އިބްތިދާއީ އަޑުއެހުން ބޭއްވުމުގެ މަޤްޞަދަކީ، އަންނަނިވި ކަންކަން ޙާޞިލުކުރުމެވެ.

(ހ) ދަޢުވާއާއި ދަޢުވާއާގުޅޭ އެންމެހައި ލިޔެކިޔުމުގެ ކޮޕީ ދަޢުވާ ލިބޭ ފަރާތަށް ލިބިފައިވާކަން ކަށަވަރުކުރުން؛

(ށ) ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް ކުރެވޭ ދަޢުވާއަކީ ކޮބައިކަން އޭނާއަށް ސާފުކޮށްދިނުން؛

(ނ) ދިފާޢީ ވަކީލަކު ނުވަތަ ތަރުޖަމާނަކު ހޯދާފައިނުވާނަމަ، އެކަން ކުރަން ފުރުޞަތުދިނުން؛

(ރ) މި ގާނޫނުގެ 107 ވަނަ މާއްދާގައިވާ ގޮތަކުންކުރެ ގޮތަކަށް ދަޢުވާއަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދަޢުވާ ލިބޭ ފަރާތަށް ދިނުން؛

(ބ) ޝަރީޢަތް ހިންގުމަށް ބޭނުންވާ މަޢުލޫމާތާއި ލިޔުންތައް ހާމަކޮށް، ދަޢުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ކަނޑައެޅުން؛

(ޅ) ޝަރީޢަތުގެ ކުރިން ހުށަހެޅޭ ހުށަހެޅުންތައް ހުށަހެޅުމަށް ދެވޭނެ މުއްދަތު ކަނޑައެޅުން؛

(ކ) ޝަރީޢަތުގެ ކުރިން ހުށަހެޅޭ ހުށަހެޅުންތަކާގުޅޭ އަޑުއެހުންތައް ބޭއްވުމަށާއި، ޝަރީޢަތުގެ އަޑުއެހުންތައް ބާއްވާނެ ތާރީޚުތަކާއި ގަޑި ކަނޑައަޅައި ތާވަލުކުރުން.

 

107 ވަނަ މާއްދާ - ދައުވާއަށް ޖަވާބުދާރީވުން

(ހ) ދަޢުވާ ލިބޭ ފަރާތުން އިބްތިދާއީ އަޑުއެހުމުގައި އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް ދަޢުވާއަށް ޖަވާބުދާރީވާންވާނެއެވެ.

  1. ކުށަށް އިޢުތިރާފުވާކަން؛ ނުވަތަ
  2. ދަޢުވާއަށް އިންކާރުކުރާކަން.

(ށ) ދަޢުވާ ލިބޭ ފަރާތުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތެއް އިޚްތިޔާރު ނުކޮށްފިނަމަ، ނުވަތަ އިބްތިދާއީ އަޑުއެހުމަށް ހާޒިރުނުވެއްޖެނަމަ، އޭނާ ދަޢުވާއަށް އިންކާރުކުރީ ކަމަށް ކޯޓުން ބަލަންވާނެއެވެ. އެ ޙާލަތުގައި، އިބްތިދާއީ އަޑުއެހުން ނިމުމަކަށް ގެނެސް، މި ގާނޫނުގައިވާ ގޮތުގެމަތިން އެ ދަޢުވާގެ ޝަރީޢަތް ކުރިއަށްގެންދިޔުމުގެ މަސައްކަތް ފަށަންވާނެއެވެ.

(ނ) ދަޢުވާ ލިބޭ މީހާ މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ދަޢުވާއަށް ޖަވާބުދާރީވުމަށް އެންގުމުގެ ކުރިން، އަންނަނިވި ކަންކަން ފަނޑިޔާރު ކުރަންވާނެއެވެ.

  1. ދަޢުވާއާއި ދަޢުވާއާގުޅޭ އެންމެހައި ލިޔެކިޔުމުގެ ކޮޕީ ދަޢުވާ ލިބޭ ފަރާތަށް ލިބިފައިވާކަން ކަށަވަރުކުރުން؛
  2. ދަޢުވާ ލިބޭ މީހާގެ މައްޗަށް ކުރެވޭ ދަޢުވާއަކީ ކޮބައިކަން ދަޢުވާ ލިބޭ ފަރާތަށް އެނގޭތޯ ސުވާލުކޮށް، އޭނާއަށް ދަޢުވާ ސާފުވެފައިނުވާނަމަ ދަޢުވާ ސާފުކޮށްދިނުން؛
  3. ދަޢުވާއަށް އިންކާރުކުރުމުގެ ޙައްޤު އޭނާއަށް ލިބިގެންވާކަން؛
  4. ދަޢުވާއިން ބަރީޢަވުމަށް މަސައްކަތްކުރުމަށްޓަކައި މި ގާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ލިބުމުގެ ޙައްޤު، އޭނާއަށް ލިބިގެންވާކަން؛
  5. އޭނާ އިޚްތިޔާރުކުރާ ޤާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީޢަވުމަށް މަސައްކަތްކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އޭނާއާމެދު ތުހުމަތުކުރެވިފައިވާ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވާ ޙާލަތުގައި، އޭނާ އަމިއްލައަށް ޤާނޫނީ ވަކީލަކު ޢައްޔަންކުރުމުގެ މާލީ ތަނަވަސްކަމެއް އޭނާގެ ކިބައިގައި ނެތްނަމަ، ހަމަޖެހިފައިވާ އުސޫލުން ދައުލަތުގެ ފަރާތުނ އޭނާއަށް ވަކީލަކު ޢައްޔަންކޮށްދެވޭނެކަން އެންގުން؛
  6. އޭނާގެ ހާޒިރުގައި ޝަރީޢަތްކުރެވުމުގެ ޙައްޤު ލިބިގެންވާކަން؛
  7. އޭނާއަކީ ދިވެހި ބަސް ނޭނގޭ މީހެއްނަމަ، މި ގާނޫނުގެ 167 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަރުޖަމާނެއްގެ އެހީގައި ޝަރީޢަތް ކުރެވުމުގެ ޙައްޤު ލިބިގެންވާކަން އެންގުން؛
  8. އޭނާގެ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ޙައްޤު އޭނާއަށް ލިބިގެންވާކަމާއި، އޭނާ ޝަރީޢަތުގެ މަޖިލީހުގައި ދޭ ބަޔާނަކީ، އޭނާއާ ދެކޮޅަށް ބޭނުންކުރެވިދާނެ ބަޔާނެއްކަމާއި، އޭނާ ދޮގުހެކި ދީފިނަމަ، ދޮގުހެކި ދިނުމުގެ ދަޢުވާ އޭނާގެ މައްޗަށް ކުރެވިދާނެކަން އެންގުން؛
  9. ދައުލަތުން ޝަރީޢަތަށް ހާޒިރުކުރާ ހެކީންނާ ސުވާލުކުރުމާއި، އެ މީހަކު ބޭނުން ހެކީން ޝަރީޢަތަށް ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ ހެކީންނާ ޝަރީޢަތުގައި ސުވާލުކުރުމުގެ ޙައްޤު ލިބިގެންވާކަން އެންގުން؛
  10. އޭނާ މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކުށަށް އިޢުތިރާފުވެއްޖެނަމަ، މި މާއްދާގެ (3) ވަނަ ނަންބަރުން ފެށިގެން (9) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ޙައްޤުތައް، އޭނާއަށް ލިބިނުދެވޭނެކަން.

(ރ) މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ޢަމަލުކުރުމުގައި، ދަޢުވާ ލިބޭ މީހާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަކީ ކޮބައިކަމާއި، އެ ކުށް ކުރާ މީހަކަށް ނުވަތަ ކުށް ކުރަން އުޅުނު މީހަކަށް ނުވަތަ ކުށް ކުރުމުގައި އެހީތެރިވެދިން މީހަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބަކީ ކޮބައިކަން އޭނާއަށް ސާފުކޮށްދޭންވާނެއެވެ. އަދި އޭނާގެ މައްޗަށް ދަޢުވާ އުފުލިފައިވާ ކުށް އޭނާގެ މައްޗަށް ސާބިތުނުވިނަމަވެސް، އެ ކުށް ކުރަން އޭނާ އުޅުނުކަން ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިންކަން ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާނަމަ، އެ ކުށް ކުރަން އުޅުމުގެ ނުވަތަ އެހީތެރިވުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅިދާނެކަން އޭނާއަށް ސާފުކޮށްދޭންވާނެއެވެ.

 

108 ވަނަ މާއްދާ – އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފްވުން

(ހ) އިބްތިދާއީ އަޑުއެހުމުގައި ދަޢުވާ ލިބޭ މީހާ ކުށަށް އިޢުތިރާފުވެއްޖެނަމަ، އެ އިޢުތިރާފު ޝަރީޢަތަށް ބަލައިގަތުމުގެ ކުރިން އެ އިޢުތިރާފަކީ، އެއްވެސް މަޖުބޫރުކުރުމެއް ނުވަތަ ނުފޫޒެއް ނުވަތަ ބިރުދެއްކުމަކާ ނުލައި، ބުއްދި ސަލާމަތުން ހުރެ އޭނާގެ އަމިއްލަ އިޚްތިޔާރުގައިވާ އިޢުތިރާފެއްތޯ ބެލުމަށްޓަކައި ފަނޑިޔާރު އެ މަޖިލީހުގައި އޭނާއާ ސުވާލުކޮށް، އެއީ އެފަދައިންވާ އިޢުތިރާފެއްކަން ކަށަވަރުކުރަންވާނެއެވެ. އަދި އެ އިޢުތިރާފަކީ ހަޤީޤަތެއްގެ މައްޗަށް ބިނާވެގެންވާ އިޢުތިރާފެއްކަންވެސް ކޯޓުން ކަށަވަރުކުރަންވާނެއެވެ.

(ށ) އިބްތިދާއީ އަޑުއެހުމުގައި ދަޢުވާ ލިބޭ މީހާ ކުށަށް އިޢުތިރާފުވެއްޖެނަމަ، މި ގާނޫނުގެ 107 ވަނަ މާއްދާގެ (ނ)ގެ (3) ވަނަ ނަންބަރުން ފެށިގެން (9) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ޙައްޤުތައް އެ މީހަކު ދޫކޮށްލީ ކަމުގައި ބެލޭނެއެވެ. އަދި އެކަން، ފަނޑިޔާރު ދަޢުވާ ލިބޭ މީހާއަށް އަންގަންވާނެއެވެ.

(ނ) މި ގާނޫނުގެ 104 ވަނަ މާއްދާގެ ދަށުން ކުށަށް އިޢުތިރާފުވާ މީހުންގެ މައްސަލަތަކުގައި ދަޢުވާ ލިބޭ ފަރާތާއި ޕްރޮސިކިއުޓަރ ޖެނެރަލްއާ ދެމެދު އިޢުތިރާފުގެ އެއްބަސްވުމެއް ވެފައިވާނަމަ، އެ އެއްބަސްވުމާމެދު އިބްތިދާއީ އަޑުއެހުމުގައި ކޯޓުން ގޮތެއް ނިންމަންވާނެއެވެ. އަދި އެގޮތުން ނިންމާ ނިންމުން ބިނާކުރާ ސަބަބުތައް، ދައުލަތަށާއި ދަޢުވާ ލިބޭ ފަރާތަށް ލިޔުމުން ފަނޑިޔާރު ދޭންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ކޯޓުން ނިންމާ ނިންމުމަކީ އިޢުތިރާފުގެ އެއްބަސްވުން ކޯޓަށް ބަލައިގަތުން ކަމަށްވާނަމަ، އޭނާގެ މައްޗަށް ޙުކުމްކޮށް، އަދަބު ކަނޑައެޅުމުގައި އެ އެއްބަސްވުމާ އެއްގޮތަށް ފަނޑިޔާރު ޙުކުމްކޮށް އަދަބު ކަނޑައަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގެ ދަށުން ކޯޓުން ނިންމާ ނިންމުމަކީ އިޢުތިރާފުގެ އެއްބަސްވުން ކޯޓަށް ބަލައިނުގަތުން ކަމުގައިވާނަމަ، އެކަން ކޯޓުން ހާމަކުރަންވާނެއެވެ. 

(ޅ) މި މާއްދާގެ (ބ) ގެ ދަށުން އިޢުތިރާފުގެ އެއްބަސްވުމެއް ބަލައިނުގަތުމަށް ފަނޑިޔާރު ނިންމައިފިނަމަ، ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަށް އޭނާ ވެފައިވާ އިޢުތިރާފުން އޭނާއަށް ރުޖޫޢަވުމަށް ފުރުޞަތު ދޭންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގެ ދަށުން ދޭ ފުރުޞަތުގައި ދަޢުވާ ލިބޭ ފަރާތުން އިޢުތިރާފުން ރުޖޫޢަނުވެއްޖެނަމަ، އޭނާގެ އިޢުތިރާފު ފަނޑިޔާރު ބަލައިގަންނަންވާނެއެވެ. އެހެންނަމަވެސް، އެޙާލަތުގައި ފަނޑިޔާރު ބަލައިގަންނަނީ ހަމައެކަނި އެ އިޢުތިރާފުކަމާއި، ދަޢުވާ ލިބޭ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްއާއެކު ވެފައިވާ އިޢުތިރާފުގެ އެއްބަސްވުން ބަލައިނުގަންނަކަން ފަނޑިޔާރު ހާމަކުރަންވާނެއެވެ.

(އ) ދަޢުވާ ލިބޭ މީހާ ކުށަށް އިޢުތިރާފުވާ ޙާލަތުގައި، އެ އިޢުތިރާފާއި، މި ގާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ފަނޑިޔާރު ސާފުކޮށްދޭ ކަންކަން، ލިޔުމުން، ނުވަތަ ވީޑިއޯ ނުވަތަ އޯޑިއޯ މެދުވެރިކޮށް، ރެކޯޑުކުރެވި، މަޙްޟަރުކުރެވިފައި އޮންނަންވާނެއެވެ.

(ވ) އިބްތިދާއީ އަޑުއެހުމުގައި ދަޢުވާ ލިބޭ މީހާ ކުށަށް އިޢުތިރާފުވެއްޖެނަމަ، އެ މައްސަލަ އަވަސްނިޔާއިން ނިންމުމަށްޓަކައި ޝަރީޢަތުގެ އަޑުއެހުމެއް ބާއްވަންވާނެއެވެ.

 

109 ވަނަ މާއްދާ – އިއުތިރާފުގެ އެއްބަސްވުމެއް ވެފައިވާ މީހަކު އިއުތިރާފުން ރުޖޫއަވުން

(ހ) މި ގާނޫނުގެ 104 ވަނަ މާއްދާގެ ދަށުން ކުށަށް އިޢުތިރާފުވެފައިވާ މީހަކަށް މި ގާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ދަޢުވާއަށް ޖަވާބުދާރީވުމަށް ދެވޭ ފުރުޞަތުގައި، އޭނާ ވެފައިވާ އިޢުތިރާފުން ރުޖޫޢަވެ، ދަޢުވާއަށް އިންކާރުކުރުމުގެ ޙައްޤު ލިބިގެންވެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޙާލަތުގައި، ދަޢުވާ ލިބޭ ފަރާތުން ދަޢުވާއަށްއިންކާރުކޮށްފިނަމަ، އޭނާއާމެދު ތުހުމަތުކުރެވިފައިވާ ކުށުގެ ތަޙްޤީޤު އިތުރަށް ފުރިހަމަކުރަންޖެހޭތޯ ބެލުމަށްފަހު، ދައުލަތުން އެ ފުރުޞަތު ބޭނުންކަމަށް ބުނެފިނަމަ، އެ ފުރުޞަތު ފަނޑިޔާރު ދައުލަތަށް ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ދޭ ފުރުޞަތުގައި ތަޙްޤީޤު ފުރިހަމަކުރުމަށް ފަނޑިޔާރު ފުރުޞަތު ދިނުމާއެކު، އިބްތިދާއީ އަޑުއެހުން އިތުރަށް ކުރިއަށްގެންދެވެން ނެތް ކަމަށް ކަނޑައަޅައި، އެ މައްސަލަ ބާޠިލުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ބާޠިލުކުރާ މައްސަލައެއްގެ ތަޙްޤީޤު ފުރިހަމަކުރުމަށްފަހު، އަލުން އެ ދަޢުވާ އޭނާގެ މައްޗަށް ހުށަހެޅުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

 

110 ވަނަ މާއްދާ - ދައުވާއަށް އިންކާރުކުރުން

(ހ) ދަޢުވާއަށް ޖަވާބުދާރީވުމަށް އިބްތިދާއީ އަޑުއެހުމުގައި ދަޢުވާ ލިބޭ ފަރާތަށް ދެވޭ ފުރުޞަތުގައި އޭނާ ދަޢުވާއަށް އިންކާރުކޮށްފިނަމަ، އޭނާ ދަޢުވާއަށް ޖަވާބުދާރީވިގޮތް ފަނޑިޔާރު ރެކޯޑުކުރުމަށްފަހު، ޝަރީޢަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުމެއް އެއްވެސް ފަރާތަކުން ހުށަހަޅަން ބޭނުންނަމަ، އެ ފުރުޞަތު ފަނޑިޔާރު ދޭންވާނެއެވެ. 

(ށ) މި މާއްދާގެ (ހ)ގެ ދަށުން ދެވޭ ފުރުޞަތުގައި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅާ ނިމި، އެހުށަހެޅުންތަކާމެދު ފަނޑިޔާރު ގޮތެއް ނިންމުމުން، ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް ކުރާ ދަޢުވާ ސާބިތުކުރުމަށްޓަކައި ދައުލަތުން ޝަރީޢަތަށް ހުށަހަޅަން ޤަޞްދުކުރާ އެންމެހައި ހެކި، އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ހާމަކުރަންވާނެއެވެ.

(ނ) އިބްތިދާއީ އަޑުއެހުމެއްގައި ދަޢުވާ ލިބޭ ފަރާތުން ދަޢުވާއަށް އިންކާރުކުރުމާއެކު، އޭނާގެ މައްޗަށް އެ ދަޢުވާނުކުރެވޭނެ ކަމަށް ބުނެ، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްޢުޤޫބާތު) ގެ 60 ވަނަ ބާބުގައި ބަޔާންކުރާ ދިފާޢުތަކުގެ ތެރެއިން ދިފާޢެއް ނަގައިފިނަމަ، އެ ދިފާޢު ސާބިތުވޭތޯ އިބްތިދާއީ އަޑުއެހުމުގައި ބަލައި، ގޮތެއް ކަނޑައަޅަންވާނެއެވެ.

(ރ) ދައުލަތުން ހެކި ހުށަހެޅުމުން، ދަޢުވާ ލިބޭ ފަރާތުން ދިފާޢުގައި ހުށަހަޅާނެ ހެކި ހުރިނަމަ، އެ ހެކި ހުށަހަޅަން ދަޢުވާ ލިބޭ ފަރާތަށް ފުރުޞަތު ދޭންވާނެއެވެ.

(ބ) އިބްތިދާއީ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން އަދި ދަޢުވާ ލިބޭ ފަރާތުން ހެކި ހުށަހަޅައި، ހާމަކުރަންވާނީ މި ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތިންނެވެ.

 

111 ވަނަ މާއްދާ – އިއުތިރާފުން ރުޖޫޢަވުމުން ކުރިން ވެފައިވާ އިއުތިރާފް ދައުވާ ލިބޭ ފަރާތާ ދެކޮޅަށް ބޭނުންކުރުން

މި ގާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ދަޢުވާއަށް ޖަވާބުދާރީވުމަށް ދަޢުވާ ލިބޭ ފަރާތަށް ދެވޭ ފުރުޞަތުގައި، އޭނާ ވެފައިވާ އިޢުތިރާފުން ރުޖޫޢަވެ، ދަޢުވާއަށް އިންކާރުކޮށްފިނަމަ، އޭނާ ކުރިން ވި އިޢުތިރާފު އޭނާއާ ދެކޮޅަކަށް ބޭނުމެއް ނުކުރެވޭނެއެވެ. އަދި އޭނާ އިޢުތިރާފުން ރުޖޫޢަވިއިރު އޭނާއަކީ، ޕްރޮސިކިއުޓަރ ޖެނެރަލްއާއެކު އިޢުތިރާފުގެ އެއްބަސްވުމެއް ވެފައިވާ ފަރާތެއްނަމަ، އޭނާ ވި އިޢުތިރާފުން ރުޖޫޢަވެ، ދަޢުވާއަށް އިންކާރުކޮށްފިނަމަ، އެ އެއްބަސްވުމުގައި އޭނާ އެއްބަސްވެފައިވާ ކަންކަން އޭނާއާ ދެކޮޅަކަށް ބޭނުމެއް ނުކުރެވޭނެއެވެ.

 

112 ވަނަ މާއްދާ – އިބްތިދާއީ އަޑުއެހުމަށް ދައުވާ ލިބޭ މީހާ ހާޒިރުވުން

ދަޢުވާ ލިބޭ މީހާ ފަނޑިޔާރުގެ ކުރިމަތީގައި ހާޒިރުވެ ހުރެގެން މެނުވީ އިބްތިދާއީ އަޑުއެހުން ބާއްވައިގެންނުވާނެއެވެ. ދަޢުވާ ލިބޭ މީހާ އިބްތިދާއީ އަޑުއެހުމަށް ހާޒިރުނުވެއްޖެނަމަ، މި ގާނޫނުގެ 107 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ފަނޑިޔާރު ޢަމަލުކުރަންވާނެއެވެ.

 

113 ވަނަ މާއްދާ – އިބްތިދާއީ އަޑުއެހުމަށް ދައުލަތުން ހާޒިރުވުން

(ހ) ޝަރީޢަތުގެ ކުރިން ބާއްވާ އިބްތިދާއީ އަޑުއެހުމަށް ދައުލަތުން ހާޒިރުވުމަށް ކޯޓުން އަންގަންވާނެއެވެ. އިބްތިދާއީ އަޑުއެހުމަށް ދައުލަތުން ސީދާ ހާޒިރުވުމުގެ ބަދަލުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މި މާއްދާގެ (ށ) ގައި ބުނެފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެމަޖިލީހުގައި ބައިވެރިވުމަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

(ށ) ޝަރީޢަތުގެ ކުރިން ބާއްވާ އިބްތިދާއީ އަޑުއެހުންތަކުގައި މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ގޮތަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ދައުލަތުން ބައިވެރިވުމުގެ ކަންތައް ކުރިއަށްގެންދާނެ ގޮތުގެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

114 ވަނަ މާއްދާ – ގާނޫނީ ވަކީލަކު އައްޔަނުކުރުން

(ހ) މައްސަލައިގެ އިބްތިދާއީ އަޑުއެހުމަށް ދައުލަތުން ހާޒިރުވާއިރު ޤާނޫނީ ވަކީލަކު ޢައްޔަންކޮށްފައިނުވާނަމަ، ވަކީލަކު ޢައްޔަންކުރުމަށް އޭނާއަށް ފުރުޞަތު ދޭންވާނެއެވެ.

(ށ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ޙާލަތުގައި ފިޔަވައި، އިބްތިދާއީ އަޑުއެހުމުގައި ޤާނޫނީ ވަކީލަކު ޢައްޔަންކުރަން ބޭނުންކަމުގައި ދަޢުވާ ލިބޭ ފަރާތުން ބުނެފިނަމަ، މި ގާނޫނުގެ 107 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އޭނާ ދަޢުވާއަށް ޖަވާބުދާރީވާން އަންގަންވާނީ، އޭނާގެ ޤާނޫނީ ވަކީލު ޢައްޔަންކުރެވުމުން، އެ ވަކީލުގެ ހާޒިރުގައެވެ.

(ނ) އިބްތިދާއީ އަޑުއެހުމުގައި ޤާނޫނީ ވަކީލަކު ހަމަޖައްސަން ބޭނުންކަމުގައި ދަޢުވާ ލިބޭ ފަރާތުން ބުނެފިނަމަ، އެ މީހަކަށް ޤާނޫނީ ވަކީލެއް ހަމަޖެއްސުމަށްގިނަވެގެން 10 ( ދިހައެއް) ދުވަހުގެ ފުރުޞަތެއް ކޯޓުން ދޭންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ މުއްދަތު ހަމަވާއިރު އެ މީހަކު ވަކީލެއް ހަމަޖައްސާފައިނުވާނަމަ އެ މީހަކު ވަކީލެއް ހަމަޖައްސަން ބޭނުންނުވަނީ ކަމުގައި ބެލުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

(ބ) ޤާނޫނީ ވަކީލެއްގެ އެހީ ހޯދައި ލިބިގަންނަން ބޭނުންވާ މީހަކީ ބަންދުގައި ހުރި މީހެއްނަމަ، އޭނާ ވަކީލެއް ހަމަޖެއްސުމަށްޓަކައި އޭނާއަށް ވަކީލެއް ހަމަޖެއްސެންދެން ނުވަތަ ކޯޓުން ދޭ މުއްދަތު ފާއިތުވަންދެން ފޯނުކުރުމުގެ ފުރުޞަތު އޭނާއަށް ދިނުމަށް އޭނާ ބަންދުކޮށްފައިހުރި ތަނުގެ އިދާރާއަށް ކޯޓުން އަންގަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުންވެސް ވަކީލެއް ހަމަޖެއްސުމަށް ދެވޭ މުއްދަތަކީ ގިނަވެގެން 10 (ދިހައެއް) ދުވަހެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަކީލަކު ހަމަނުޖައްސައިފިނަމަ އޭނާ ވަކީލެއް ހަމަޖައްސަން ބޭނުންނުވަނީ ކަމުގައި ބެލެވޭނެއެވެ.

(ކ) ވަކީލެއް ހަމަޖެއްސުމަށް ދެވޭ މުއްދަތު ހަމަވާއިރު ދަޢުވާ ލިބޭ މީހާ އެކަށީގެންވާ ސަބަބަކާ ނުލައި ވަކީލަކު ހަމަޖައްސާފައިނުވާނަމަ، މައްސަލައިގައި ކޯޓުން ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދަންވާނެއެވެ. އަދި އޭނާ ފަހުން ވަކީލަކު ޢައްޔަންކުރި ކަމުގައިވިޔަސް، ޝަރީޢަތުގައި ނިމިފައިހުރި ކަންކަން އަލުން ކުރާކަށް ލާޒިމެއްނުވާނެއެވެ.

(އ) ދަޢުވާ ލިބޭ މީހާއާމެދު ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވާނަމަ، އަދި އޭނާއަކީ ޤާނޫނީ ވަކީލެއް ހޯދޭފަދަ މާލީ ތަނަވަސްކަމެއް ނެތް މީހެއްނަމަ، ކަނޑައެޅިފައިވާ އުސޫލުން އޭނާއަށް ދައުލަތުން ޤާނޫނީ ވަކީލަކު ހަމަޖެއްސުމަށްޓަކައި، ކޯޓުން ފުރުޞަތު ދޭންވާނެއެވެ.

(ވ) މި މާއްދާގެ (އ) ގެ ދަށުން ކޯޓުން ދޭ މުއްދަތުގެ ތެރޭގައި ކަމާބެހޭ ދައުލަތުގެ އިދާރާއަށް ހުށަހަޅައިގެން ވަކީލެއް ހަމަޖެއްސުމުގެ ކަންތައް އެކަށީގެންވާ ގޮތެއްގައި ކޮށްފައިނުވާކަމަށް ކޯޓަށް ޤަބޫލުކުރެވިއްޖެނަމަ، އެ މީހަކު ވަކީލަކު ޢައްޔަންކުރަން ބޭނުންނުވަނީ ކަމުގައި ބެލެވޭނެއެވެ.

(މ) ދަޢުވާ ލިބޭ މީހާ ހުރީ ބަންދެއްގައި ކަމުގައިވާނަމަ، މި މާއްދާގެ (އ) ގެ ދަށުން ޤާނޫނީ ވަކީލަކު ހަމަޖެއްސުމަށްޓަކައި ކަމާބެހޭ ދައުލަތުގެ އިދާރާއަށް ހުށަހަޅައިގެން އެކަން ހަމަޖައްސައިދިނުމަށް އެ މީހަކު ބަންދުކޮށްފައިވާ ތަނުގެ އިދާރާއަށް ކޯޓުން އަންގަންވާނެއެވެ.

(ފ) މި މާއްދާގެ (މ) ގައިވާ ޙާލަތުގައި އެ މީހެއްގެ ކާކުކަން އަންގައިދޭ މަޢުލޫމާތާއި ހުށަހަޅަންޖެހޭ އެހެނިހެން މަޢުލޫމާތު، ކަމާބެހޭ ދައުލަތުގެ އިދާރާއަށް ހުށަހަޅައިގެން އެ މީހަކަށް ވަކީލެއް ހަމަޖެއްސުމުގެ ހުރިހާ ކަމެއް ކުރުމަށް އެ މީހަކު ބަންދުގައި ބަހައްޓާފައި ހުރި ތަނުގެ އިދާރާއިން މަގުފަހިކޮށްދޭންވާނެއެވެ.

 

115 ވަނަ މާއްދާ – ދައުވާއާއިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ބެލުން

(ހ) މި ގާނޫނުގެ 107 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަޢުވާއަށް ޖަވާބުދާރީވުމަށް ދަޢުވާ ލިބޭ ފަރާތަށް ދެވޭ ފުރުޞަތުގައި ދަޢުވާއަށް އިންކާރުކޮށްފިނަމަ، ހުށަހެޅިފައިވާ ދަޢުވާއަށާއި، އެ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެއްކަށް ރިޢާޔަތްކުރާއިރު، ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް އެ ދަޢުވާ ކުރެވޭނެ ތަނެއް ނެތްކަމަށް، މަދަނީ މިންގަނޑުން ބަލާއިރު ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި، އެ ދަޢުވާއައިގެން ކުރިއަށްދެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި، އެއީ ބާޠިލު ދަޢުވާއެއް ކަމުގައި ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދަޢުވާއައިގެން ކުރިއަށްދާނެ ތަނެއް ނެތް ކަމަށްފަނޑިޔާރު ކަނޑައަޅާ ޙާލަތުގައި، ކުށުގެ ތުހުމަތުގައިވާ މީހާ ހުރީ ބަންދުގައި ކަމަށްވާނަމަ، އޭނާ ދޫކޮށްލުމަށް ކޯޓުން އަމުރުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ދަޢުވާއެއް ބާޠިލު ކަމަށް ކޯޓުން ކަނޑައެޅުމަކީ، އިތުރު ހެއްކާއެކު، ނުވަތަ ދަޢުވާގެ ލިޔުމަށް ބަދަލުގެނެސް، ހަމަ އެ ދަޢުވާ އަލުން އުފުލުމަށް ހުރަހަކަށްވާނެ ކަމެއް ނޫނެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ފަނޑިޔާރަކު ނިންމުމެއް ނިންމައިފިނަމަ، އެ ނިންމުން ނިންމި ސަބަބުތައް، އެ ނިންމުމުގައި ބަޔާންކުރަންވާނެއެވެ. އަދި އެ ނިންމުން ދައުލަތަށާއި ދަޢުވާ ލިބޭ ފަރާތަށް ފަނޑިޔާރު ދޭންވާނެއެވެ.

(ބ) މި ގާނޫނުގެ 107 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަޢުވާއަށް ޖަވާބުދާރީވުމަށް ދަޢުވާ ލިބޭ ފަރާތަށް ދެވޭ ފުރުޞަތުގައި ދަޢުވާއަށް އިންކާރުކޮށްފިނަމަ، ހުށަހެޅިފައިވާ ދަޢުވާއަށާއި އެ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެއްކަށް ރިޢާޔަތްކުރާއިރު، ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް އެ ދަޢުވާ ކުރެވޭނެ ތަނެއް އޮތްކަމަށް، މަދަނީ މިންގަނޑުން ބަލާއިރު ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި، އެ ދަޢުވާއައިގެން ކުރިއަށްދެވޭނެ ކަމަށް ކަނޑައަޅަންވާނެއެވެ.

 

116 ވަނަ މާއްދާ – ށަރީއަތުގެ އަޑުއެހުން ބާއްވާނެ ދުވަހެއް ކަނޑައެޅުން

(ހ) ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް ހުށަހެޅިފައިވާ ދަޢުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތް ކަމަށް މި ގާނޫނުގެ 115 ވަނަ މާއްދާގެ (ބ) ގެ ދަށުން ފަނޑިޔާރު ނިންމައިފިނަމަ، މި ގާނޫނުގެ ސާދަވަނަ ބާބުގައިވާ ގޮތުގެމަތިން ޝަރީޢަތްފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހެޅުމަށް މުއްދަތެއްކަނޑައަޅައި، އެ މުއްދަތުން އުނިނުވާ ގޮތަށް، މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ބާއްވާނެ ދުވަސްތައް، ދައުލަތާއި ދަޢުވާ ލިބޭ ފަރާތާ މަޝްވަރާކުރުމަށްފަހު، ކޯޓުން ކަނޑައަޅައި ތާވަލުކުރަންވާނެއެވެ.

(ށ) މައްސަލައިގައި ހިމެނޭ ފަރާތްތަކުން ޝަރީޢަތް ފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުމެއް ނެތްކަމަށް ބުނެ، މި ގާނޫނުގެ ސާދަވަނަ ބާބުގެ ދަށުން އެފަދަ ހުށަހެޅުންތައް ހުށަހަޅަން ދެވޭ ފުރުޞަތު ދޫކޮށްލައިފިނަމަ، ޝަރީޢަތުގެ އަޑުއެހުން ބާއްވާނެ ދުވަސްތައް ކޯޓުން ކަނޑައަޅައި ތާވަލުކުރަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ޝަރީޢަތުގެ އަޑުއެހުންތައް ތާވަލުކުރަންވާނީ، މި ގާނޫނުގެ 142 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ.

ސާދަވަނަ ބާބު

ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން

 

117 ވަނަ މާއްދާ – ށާރީއަތުގެ ކުރިން ހުށަހެޅިދާނެ ހުށަހެޅުން

ޝަރީޢަތުގައި މަޢުޟޫޢީގޮތުން ބެލުމަކާ ނުލައި އެއާމެދު ގޮތެއް ނިންމޭނެ ދިފާޢެއް، ނުވަތަ އިޢުތިރާޟެއް، ނުވަތަ ހުށަހެޅުމެއް، މައްސަލައިގައި ހިމެނޭ ފަރާތަކަށް ޝަރީޢަތް ފެށުމުގެ ކުރިން ކޯޓަށް ހުށަހެޅިދާނެއެވެ.

 

118 ވަނަ މާއްދާ – ށާރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމާއި، އެ ހުށަހެޅުންތަކާގުޅޭ އަޑުއެހުންތައް ބޭއްވުން

(ހ) ޝަރީޢަތް ފެށުމުގެ ކުރިން ހުށަހަޅާ އެންމެހައި ހުށަހެޅުމެއް، ޝަރީޢަތް ފެށުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން ހުށަހަޅަންވާނެއެވެ. އެ މުއްދަތުގެ ތެރޭގައި އެ އަޑުއެހުންތައް ބާއްވާނެ ގޮތެއް، މި ގާނޫނުގެ 116 ވަނަ މާއްދާގެ ދަށުން ތާވަލުކުރާއިރު ފަނޑިޔާރު ނިންމަންވާނެއެވެ. 

(ށ) މައްސަލައިގައި ހިމެނޭ ފަރާތަކުން މިމާއްދާގައިވާ ގޮތުގެމަތިން ޝަރީޢަތް ފެށުމުގެކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަހަޅައިފިނަމަ، އެ ހުށަހެޅުމާމެދު ގޮތެއް ނިންމުމަށް، މި ގާނޫނުގެ 116 ވަނަ މާއްދާގެ ދަށުން ތާވަލުކޮށްފައިވާ ގޮތުގެމަތިން އެ އަޑުއެހުންތައް ފަނޑިޔާރު ބާއްވަންވާނެއެވެ.

(ނ) ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ޝަރީޢަތަށް ހުށަހަޅަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ތައްޔާރުކުރެވިފައިވާ ކަމާގުޅޭ ފޯމު މެދުވެރިކޮށެވެ.

(ރ) ޝަރީޢަތް ފެށުމުގެ ކުރިން ހުށަހަޅާ ކޮންމެ ހުށަހެޅުމަކާއެކު، އެ ހުށަހެޅުމަށް ތާއީދުކުރާ އެފިޑެވިޓެއް ހުށަހަޅަންވާނެއެވެ. 

(ބ) މި މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމެއް ކޯޓަށް ހުށަހެޅުމާއެކު، އެ ހުށަހެޅުމުގެ ކޮޕީއެއް، އެ ހުށަހެޅުން ކޯޓަށް ހުށަހަޅާތާ 2 (ދޭއް) ދުވަހުގެ ތެރޭގައި މައްސަލައިގައި ހިމެނޭ އަނެއް ފަރާތަށް ދޭންވާނެއެވެ.

(ޅ) މި މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމަށް ރައްދުދިނުމުގެ ގޮތުން އަނެއް ފަރާތުން ހުށަހަޅާ އެފިޑެވިޓް، އަޑުއެހުން ބޭއްވުމުގެ 2 (ދޭއް) ދުވަސް ކުރިން ހުށަހަޅަންވާނެއެވެ.

(ކ) ޝަރީޢަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ބާއްވާ އަޑުއެހުން ބޭއްވުމުގެ 5 (ފަހެއް) ދުވަސް ކުރިން އެކަން، މައްސަލައިގައި ހިމެނޭ ދެފަރާތަށް ފަނޑިޔާރު އަންގަންވާނެއެވެ.

 

119 ވަނަ މާއްދާ – ށަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުން

(ހ) އަންނަނިވި ހުށަހެޅުންތަކަކީ ޝަރީޢަތް ފެށުމުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތަކެކެވެ. މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ޝަރީޢަތް ފެށުމުގެ ކުރިން އެއިން ހުށަހެޅުމެއް ހުށަނާޅައިފިނަމަ، އެކަންކަން ހުށަހެޅުމަށް އޮތް ފުރުޞަތު ދޫކޮށްލީ ކަމުގައި ބެލޭނެއެވެ.

  1. ދަޢުވާ އުފުލުމުގައި އަދި/ނުވަތަ ދަޢުވާ ހުށަހަޅާ ފޯމުގައި އުނިކަމެއް ވާނަމަ އެކަން؛
  2. ދަޢުވާކުރުމަށް ހުރަހަކަށްވެދާނެ ދިފާޢެއް؛
  3. ވަކި ހެއްކަކީ ޝަރީޢަތަށް ޤަބޫލުނުކުރެވޭނެ ހެކި ކަމުގައި ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާ ހުށަހެޅުން؛
  4. އެކަކަށްވުރެ ގިނަ މީހުންގެ މައްޗަށް އެކުގައި ކުރާ ދަޢުވާއެއް ވަކިކޮށްދިނުމަށް އެދުން؛
  5. ހެކިބަސް ދޭ މީހާއަށް ޙިމާޔަތް ލިބިދެވޭ ގޮތަށް ހެކިބަސް ނެގުން؛
  6. މި ގާނޫނުގެ 129 އަދި 132 ވަނަ މާއްދާގެ ދަށުން ހެކި ހާމަކުރުމަށް އެންގުމަށް އެދި ހުށަހަޅާ ހުށަހެޅުން.

(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، ވަކި ހެއްކެއް ހާމަވީ، ޝަރީޢަތް ފެށުމަށް ފަހުގައި ކަމަށްވާނަމަ، އެ ނަންބަރުގައި ބަޔާންކުރާފަދަ ހުށަހެޅުމެއް، ޝަރީޢަތް ފެށުމަށް ފަހުގައިވެސް ހުށަހެޅިދާނެއެވެ.

 

120 ވަނަ މާއްދާދައުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާއު ހުށަހެޅުން

(ހ) ދަޢުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާޢެއް ކަމަށް ޤާނޫނެއްގައި ބަޔާންވެގެންވާ ދިފާޢެއް އޮވެގެން، ދަޢުވާ ލިބޭ ފަރާތުން އެ ދިފާޢު ހުށަހަޅަން ބޭނުންވާނަމަ، ޝަރީޢަތުގެ ކުރިން އެ ދިފާޢު ހުށަހެޅުމުގެ ފުރުޞަތު ފަނޑިޔާރު ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ދިފާޢެއް ވާންވާނީ، ދަޢުވާ ލިބޭ ފަރާތާ ދެކޮޅަށް ހުށަހެޅިފައިވާ ދަޢުވާ މަޢުޟޫޢީގޮތުން ބެލުމަކާ ނުލައި، އެ ދިފާޢާމެދު ގޮތެއް ނިންމޭނެ ދިފާޢަކަށެވެ.

(ނ) ދަޢުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާޢެއް ކަމަށް ޤާނޫނެއްގައި ބަޔާންވެގެންވާ ދިފާޢެއް އޮވެގެން، މި މާއްދާގެ ދަށުން ދަޢުވާ ލިބޭ ފަރާތުން އެ ދިފާޢު ހުށަހަޅައި މަދަނީ މިންގަނޑުން އެ ދިފާޢު ސާބިތުކޮށްދީފިނަމަ، އެ ދަޢުވާ ބެލޭނެ ތަނެއް ނެތްކަމަށް އެ ހިސާބުން ކޯޓުން ކަނޑައަޅައި، މައްސަލަ ނިންމަންވާނެއެވެ.

 

121 ވަނަ މާއްދާދައުވާ ލިބިގަތުމަށް ނުކުޅެދިގެންވާކަމުގެ ދިފާއު

(ހ) ދަޢުވާ ލިބޭ ފަރާތުން ދަޢުވާ ލިބިގަތުމަށާއި، ކުރެވޭ ޙުކުމް ބަލައިގަތުމަށް ނުކުޅެދިގެންވުމުގެ ދިފާޢުގެ ދަށުން ދިފާޢެއް ޝަރީޢަތުގެ އެއްވެސް މަރުޙަލާއެއްގައި ހުށަހަޅައިފިނަމަ ކޯޓުގެ އަމިއްލަ އިޚްތިޔާރުގައި ނުވަތަ ދައުލަތުގެ އެދުމުގެމަތިން އޭނާއަކީ ޞިއްޙީގޮތުން އެ ދަޢުވާ ބަލައިގަނެވޭނެ މީހެއްކަން ކަށަވަރުކުރުމަށްޓަކައި ކޯޓުން ކަނޑައަޅާ ތަނަކުން މެޑިކަލް އެގްޒެމިނޭޝަނެއް ހެދުމަށް ދަޢުވާ ލިބޭ ފަރާތަށް ކޯޓުން އަމުރުކުރަންވާނެއެވެ.

(ށ) ކޯޓުގެ އަމުރާ އެއްގޮތަށް ދަޢުވާ ލިބޭ ފަރާތުން ޢަމަލުނުކޮށްފިނަމަ ދަޢުވާ ލިބޭ ފަރާތަކީ ޞިއްޙީގޮތުން އެ ދަޢުވާ ބަލައިގަނެވޭނެ މީހެއް ނޫންކަން ސާބިތުކުރުމަށްޓަކައި އެ ފަރާތުން ހުށަހަޅާ ޚަބީރުންގެ ހެކިބަސް ޤަބޫލުނުކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހަދާ މެޑިކަލް އެގްޒެމިނޭޝަން ރިޕޯޓުގެ ކޮޕީއެއް ހޯދުމަށް ދައުލަތުން އެދިއްޖެނަމަ، އެ ރިޕޯޓުގެ ކޮޕީއެއް ކޯޓުން ދައުލަތަށް ދޭންވާނެއެވެ.

 

122 ވަނަ މާއްދާ – ކުށުގެ އަމަލު ހިންގި ތަނުގައި ނެތް ކަމުގެ ދިފާއު

(ހ) ކުށުގެ ޢަމަލު ހިނގި ތަނުގައި ދަޢުވާ ލިބޭ ފަރާތް ނެތްކަމުގައިވާނަމަ، އަދި އޭނާ އެކަން، ދިފާޢެއްގެ ގޮތުގައި ނަގަން ބޭނުންވާނަމަ، އެކަން ދުރާލާ ހާމަކޮށްފައި އޮންނަންވާނެއެވެ. އެގޮތުން ތަޙްޤީޤު މަރުޙަލާގައި އަންނަނިވި މަޢުލޫމާތު ގާނޫނުތަންފީޛުކުރާ އިދާރާއަށް ދީފައި އޮންނަންވާނެއެވެ.

  1. ކުށުގެ ޢަމަލު ހިނގިއިރު ދަޢުވާ ލިބޭ ފަރާތް ހުރި ކަމަށް ބުނާ ކޮންމެ ތަނެއް ވަކިވަކިން ސާފުކޮށް ބަޔާންކޮށްދިނުން؛
  2. ކުށުގެ ޢަމަލު ހިނގި ތަނުގައި ދަޢުވާ ލިބޭ ފަރާތް ނެތްކަން ސާބިތުކޮށްދިނުމުގެ ގޮތުން ދަޢުވާ ލިބޭ ފަރާތުން ހުށަހަޅަން ޤަޞްދުކުރާހެކީންގެ ނަމާއި އެޑްރެހާއި ގުޅޭނެ ނަންބަރު.

(ށ) ދަޢުވާ ލިބޭ ފަރާތުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ތަޙްޤީޤުގައި ދީފިނަމަ، ގާނޫނު ތަންފީޛުކުރާ އިދާރާއިން އެ މައްސަލަ ތަޙްޤީޤުކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާއިރު، އެ މަޢުލޫމާތު ހިމަނަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ކުށުގެ ޢަމަލު ހިނގި ތަނުގައި ދަޢުވާ ލިބޭ ފަރާތް ނެތްކަން ސާބިތުކޮށްދިނުމަށް ދަޢުވާ ލިބޭ ފަރާތުން ހުށަހަޅާ ހެކި ހުރިކަން އޭނާއަށް އެނގިފައިވަނީ ތަޙްޤީޤު މަރުޙަލާގެ ފަހުން އެހެންނަމަވެސް ޝަރީޢަތުގެ މަރުޙަލާގެ ކުރިން ކަމުގައިވާނަމަ، ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވާ ކޯޓަށް ހުށަހެޅުމުގެ ކުރިން ދަޢުވާ ލިބޭ ފަރާތުން މި މާއްދާގެ (ހ) ގައިވާ މަޢުލޫމާތު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިޔުމަކުން ހުށަހެޅުމުންވެސް، އެ މަޢުލޫމާތު ދުރާލާ ހާމަކުރެވުނީ ކަމުގައި ބެލެވޭނެއެވެ.

(ރ) މި މާއްދާގެ (ށ) ނުވަތަ (ނ) ގެ ދަށުން ހުށަހެޅޭ މަޢުލޫމާތު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބުމުން، ދަޢުވާ ލިބޭ ފަރާތުން ހުށަހެޅި ކަންތައްތަކާއި، މައްސަލައިގެ ތަޙްޤީޤުން ފެންނަންހުރި ކަންތައްތަކަށް ބެލުމަށްފަހު، ދަޢުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމައިފިނަމަ، ދަޢުވާ ލިބޭ ފަރާތް އެ ދިފާޢު ދުރާލާ ހާމަކުރިކަން ދަޢުވާގެ ލިޔުންތަކުން އެނގެން އޮންނަންވާނެއެވެ.

(ބ) މި މާއްދާގައި ބަޔާންވެގެންވާ ގޮތަށް ދަޢުވާ ލިބޭ ފަރާތުން ޢަމަލުކޮށްފައިވާނަމަ، ކުށުގެ ޢަމަލު ހިނގި ތަނުގައި ދަޢުވާ ލިބޭ ފަރާތް ނެތްކަން ސާބިތުކޮށްދިނުމަށް ދަޢުވާ ލިބޭ ފަރާތުން ހާމަކުރާ ހެކީން ދިފާޢީ ހެކީންގެ ގޮތުގައި ޝަރީޢަތަށް ހާޒިރުކުރެވިދާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ދަޢުވާ ލިބޭ ފަރާތުން ޢަމަލުކޮށްފައިނުވާނަމަ، މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ޙާލަތުގައި މެނުވީ، ކުށުގެ ޢަމަލު ހިނގި ތަނުގައި ދަޢުވާ ލިބޭ ފަރާތް ނެތްކަން ސާބިތުކޮށްދިނުމުގެގޮތުން ދުރާލާ ހާމަނުކުރާ ހެކީންގެ ހެކިބަސް ކޯޓުން ޤަބޫލުކޮށްގެން ނުވާނެއެވެ.

(ކ) މި މާއްދާގެ (ޅ) އެހެން އޮތްނަމަވެސް، ދަޢުވާ ލިބޭ ފަރާތުގެ އަމިއްލަ ހެކިބަސް ޝަރީޢަތުގައި ދިނުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

(އ) ކުށުގެ ޢަމަލު ހިނގި ތަނުގައި ދަޢުވާ ލިބޭ ފަރާތް ނެތްކަން ސާބިތުކޮށްދިނުމަށް ދަޢުވާ ލިބޭ ފަރާތުން ހުށަހަޅާ ހެކި ހުރިކަން އެނގިފައިވަނީ ޝަރީޢަތުގެ މަރުޙަލާގައި ކަމަށްވެފައި، ދަޢުވާ ލިބޭ ފަރާތުން އެ ހެކި ޝަރީޢަތަށް ހުށަހަޅައިފިނަމަ، އެހާތަނަށް ޝަރީޢަތަށް ހުށަހެޅިފައިހުރި ހުރިހާ ހެކިތަކަކަށް ރިޢާޔަތްކުރުމަށްފަހު ޢަދުލުއިންޞާފު ޤާއިމުކުރުމަށްޓަކައި އެ ހެކި ޤަބޫލުކުރަންޖެހޭކަމަށް ކޯޓަށް ފެނިއްޖެނަމަ، އެ ހެކި ޤަބޫލުކުރެވިދާނެއެވެ. އަދި މި ގާނޫނުގެ 136 ވަނަ މާއްދާގެ ދަށުން ލާޒިމުކުރާ ކަންކަމަކީ ޢަދުލުއިންޞާފު ޤާއިމުކުރުމަށްޓަކައި އެއްކިބާކުރެވިދާނެ ކަމެއްކަމަށް ކޯޓަށް ފެންނަނަމަ، ކަންހިނގާފައި އޮތްގޮތް ރަނގަޅަށް ބެލުމަށްފަހު، އެކަންކަން އެއްކިބާކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

 

 

 

ފަނަރަވަނަ ބާބު

ހެކިބަހުގެ ގޮތުގައި ފަހުން ބޭނުންކުރުމަށް ބަޔާން ނެގުން

123 ވަނަ މާއްދާ – ކޯޓުގެ އަމުރަށް ހެކިބަސް ނެގުން

(ހ) ޖިނާއީ ކުށެއްގެ ޝަރީޢަތުގައި ހެއްކެއްގެ ގޮތުގައި ހުށަހަޅަން ޤަޞްދުކުރާ މީހެއްގެ ހެކިބަސް ދުރާލައި ނަގައި، ޝަރީޢަތުގައި ފަހުން ބޭނުންކުރުމަށްޓަކައި ރައްކާތެރިކޮށްދިނުމަށް އެދި، މައްސަލައިގައި ހިމެނޭ ފަރާތަކަށް ކޯޓަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ހުށަހެޅުމަކާ ގުޅޭގޮތުން އަންނަނިވި ކަންކަން ފުރިހަމަވާނަމަ، ހެކިބަހުގެ ގޮތުގައި ފަހުން ބޭނުންކުރުމަށް ބަޔާންނެގުމުގެ ހުއްދަ ކޯޓަށް ދެވިދާނެއެވެ.

  1. މި ގާނޫނުގެ 128 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބަކާ ހުރެ ހެކިބަސްދޭ މީހާ ޝަރީޢަތުގެ މަޖިލީހުގައ ހެކިބަސް ދިނުމަށް ހާޒިރުވެވެން ނެތުން؛ އަދި
  2. އޭނާގެ ހެކިބަހަކީ އެ ޝަރީޢަތަށް މުހިންމު ހެކިބަހެއް ކަމަށްވުން؛ އަދި
  3. ޢަދުލުއިންޞާފު ޤާއިމުކުރުމަށްޓަކައި އޭނާގެ ހެކިބަސް ނަގައި ރައްކާތެރިކުރެވިފައި އޮތުން މުހިންމުކަމަށްވުން.

(ނ) ކޯޓުގެ ހުއްދައާއެކު، މައްސަލައިގައި ހިމެނޭ ދެފަރާތުން އެއްބަސްވާ ގޮތެއްގެމަތިން، މި މާއްދާގެ ދަށުން ހެކިބަސްދޭ މީހާގެ ހެކިބަސް ނަގައި ރައްކާތެރިކުރެވިދާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ހެކިބަސް ނަގައި ރައްކާތެރިކުރުމަށް ކޯޓުން އަމުރުކުރާނަމަ، އެ ހެކިބަސްނަގާއިރު ހެކިބަސްދޭ މީހާގެ ބެލުމުގެ ދަށުގައިވާ ކަމާގުޅޭ ފޮތްތަކާއި ލިޔެކިޔުމާއި ރެކޯޑާއި ރެކޯޑިންގތަކާއި، ޑޭޓާތަކާއި އެނޫންވެސް މާއްދީ ތަކެތި ހުށަހެޅުމަށް ކޯޓަށް އަމުރުކުރެވިދާނެއެވެ.

(ބ) މި މާއްދާގެ (ހ) އެހެން އޮތްކަމުގައިވީ ނަމަވެސް، ޤާނޫނީ ޙިމާޔަތް ލިބިފައިވާ އެއްޗެއް އެ މާއްދާގެ ދަށުން ހުށަހެޅުން ލާޒިމުވެގެނެއްނުވެއެވެ.

 

124 ވަނަ މާއްދާ – ނޯޓިސްދިނުން

(ހ) ހެކިބަސް ނަގައި ރައްކާތެރިކުރަން އެދޭ ފަރާތުން އެ ހެކިބަސް ނަގާނެ ދުވަހަކާއި ހެކިބަސް ނެގުން އޮންނާނެ ތަނުގެ މަޢުލޫމާތު، މައްސަލައިގައި ހިމެނޭ އެހެން ފަރާތްތަކަށް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެންގުމެއް އަންގާއިރު، ހެކިބަސް ނަގައި ރައްކާތެރިކުރަން ޤަޞްދުކުރާ އެންމެންގެ ނަމާއި އެޑްރެސް ހިމަނަންވާނެއެވެ. ދަޢުވާ ލިބޭ ފަރާތަކީ ބަންދުގައި ހުރި ފަރާތެއްނަމަ، މި މާއްދާގެ ދަށުން ހެކިބަސް ނެގުމަށް ކަނޑައެޅިފައިވާ ދުވަހާއި ތަން އެ މީހަކު ބަންދުގައި ބަހައްޓާފައި ހުރި އިދާރާއަށް އަންގަންވާނެއެވެ.

(ނ) ހެކިބަސް ނަގައި ރައްކާތެރިކުރުމަށްޓަކައި ހެކިބަސް ނަގަން ހަމަޖެހިފައިވާ ތަން ބަދަލުކުރަން މައްސަލައިގައި ހިމެނޭ ފަރާތަކުން އެދިއްޖެނަމަ، އެކަން އެގޮތަށް ބަދަލުކުރުމަށް އެކަށީގެންވާ ސަބަބެއް އޮތްކަމަށް ކޯޓަށް ފެނިއްޖެނަމަ، އެކަން ކުރުމަށް ހުއްދަދެވިދާނެއެވެ.

 

125 ވަނަ މާއްދާދައުވާ ލިބޭ ފަރާތް ހާޒިރުވުން

(ހ) ހެކިބަސް ނަގައި ރައްކާތެރިކުރުމުގެ ކަންކަން ކުރިއަށްދާއިރު އެތަނަށް ހާޒިރުވެ، ހެކިބަސްދޭ މީހާގެ ހާޒިރުގައި ހުރުމުގެ ޙައްޤު ދަޢުވާ ލިބޭ މީހާއަށާއި އޭނާގެ ވަކީލަށް ލިބިގެންވެއެވެ. އެގޮތުން ހާޒިރުވުމުގެ އެންމެހައި ޚަރަދެއް އުފުލަންޖެހޭނީ ދަޢުވާ ލިބޭ ފަރާތުންނެވެ.

(ށ) ދަޢުވާ ލިބޭ މީހަކީ ބަންދުގައިވާ މީހެއްނަމަ، މި މާއްދާގެ (ނ) ގައި ބަޔާންކުރާ ޙާލަތުގައި ފިޔަވައި އެނޫން ޙާލަތްތަކުގައި، އޭނާ ބަންދުގައި ބަހައްޓާފައިހުރި ފަރާތުން ހެކިބަސް ނެގުމަށް ހަމަޖެހިފައިވާ ތަނަށް އޭނާ ހާޒިރުކޮށްދޭންވާނެއެވެ.

(ނ) ދަޢުވާ ލިބޭ ފަރާތަށް އެތަނުގައި ހާޒިރުވެހުރުމަށް ލިބިފައިވާ ޙައްޤު ލިޔުމުން ދޫކޮށްލާފައިވާނަމަ، ނުވަތަ ހެކިބަސް ނެގުމަށް ހުރަސް އެޅޭގޮތަކަށް ދަޢުވާ ލިބޭ ފަރާތުގެ ޢަމަލުތައް ހުރުމުގެ ސަބަބުން ހެކިބަސް ނަގާ ތަނުން އޭނާ ނެރެންޖެހިދާނެކަމަށް އިންޒާރުކުރުމުންވެސް އޭނާގެ ޢަމަލުތައް ހެކިބަސް ނެގުމަށް ހުރަސްއެޅޭ ގޮތަކަށް ހުރިނަމަ، ދަޢުވާ ލިބޭ މީހާގެ ޣައިރު ހާޒިރުގައި ހެކިބަސް ނެގިދާނެއެވެ.

(ރ) ދަޢުވާ ލިބޭ ފަރާތަކީ ބަންދުގައިވާ މީހެއް ކަމަށް ނުވާނަމަ، ކޯޓުން ކަނޑައަޅާ ގޮތެއްގެމަތިން ހެކިބަސް ނަގާ ތަނުގައި ހާޒިރުވެ ހުރުމުގެ ޙައްޤު އޭނާއަށް ލިބިގެންވެއެވެ. އެކަށީގެންވާ ސަބަބެއް ނެތި ދަޢުވާ ލިބޭ ފަރާތް އެތަނަށް ހާޒިރުވެފައި ނުވާނަމަ، އަންނަނިވި ޙައްޤުތައް އޭނާ ދޫކޮށްލީ ކަމުގައި ބެލޭނެއެވެ.

  1. އެތަނަށް ހާޒިރުވެ ހުރުމަށް ދަޢުވާ ލިބޭ ފަރާތަށް ލިބިދޭ ޙައްޤު؛
  2. ހެކިބަސް ނެގުމަށާއި، އެ ހެކިބަސް ބޭނުންކުރުމަށް އިޢުތިރާޟުކުރުމަށް ދަޢުވާ ލިބޭ ފަރާތަށް ލިބިފައިވާ ޙައްޤު.

 

126 ވަނަ މާއްދާ - ހެކިބަސް ނަގާ ގޮތް

މި ގާނޫނުގެ ދަށުން ނުވަތަ ކޯޓުގެ އަމުރަކުން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، މ މާއްދާގެ ދަށުން ނަގާ ހެކިބަސް ނަގަންވާނީ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ނެގުމުގައި ޢަމަލުކުރުމަށް މި ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި މި ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ހެކީންނާ ސުވާލުކުރުމުގެ ފުރުޞަތު، މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބިގެންވެއެވެ.

 

127 ވަނަ މާއްދާ – އިއުތިރާޒުކުރުން

ޝަރީޢަތުގެ މަޖިލީހުގައި ފަހުން ހެކިބަހުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ހެކިބަސް ނަގާއިރު، އެ ހެކިބަސް އެގޮތަށް ނެގުމަށް ދެފަރާތުންކުރެ ފަރާތަކުން އިޢުތިރާޟުކުރާނަމަ އެކަން އެ ހެކިބަސް ނެގޭ މަރުޙަލާގައި ސަބަބާއެކު ބަޔާންކުރަންވާނެއެވެ.

 

128 ވަނަ މާއްދާ – ހެކީގެ ގޮތުގައި ބޭނުންކުރުން

ޝަރީޢަތުގެ މަޖިލީހުގައި ފަހުން ހެކިބަހުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ނަގާ ހެކިބަސް ނުވަތަ އެ ހެކިބަހުގެ ބައެއް، ގާނޫނު ނަންބަރު 24/1976 (ހެއްކާބެހޭ ގާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިން، އަންނަނިވި ޙާލަތުތަކުންކުރެ ޙާލަތެއްގައި ޝަރީޢަތަށް ހުށަހަޅައި، ޝަރީޢަތުގައި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ.

(ހ) ޝަރީޢަތުގެ މަޖިލީހުގައި ފަހުން ހެކިބަހުގެ ގޮތުގައި ބޭނުންކުރުމަށް ނަގާފައިވާ ހެކިބަހުން ބައެއް، ޝަރީޢަތުގައި ހިމެނޭ އަނެއް ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވުން؛

(ށ) ހެކިބަސްދޭ މީހާ އަންނަނިވި ސަބަބުތަކުންކުރެ ސަބަބަކާހުރެ ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކުރެވެން ނެތުން:

  1. މަރުވުމުގެ ސަބަބުން، ނުވަތަ ހަށިގަނޑަށް ނުވަތަ ސިކުނޑިއަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުން، ނުވަތަ މުސްކުޅިވުމުގެ ސަބަބުން އޭނާ ހާޒިރުކުރެވެން ނެތުން؛
  2. ހެކިބަސްދޭ މީހާ ޤައުމުން ބޭރުގައިވުމުގެ ސަބަބުން ހާޒިރުކުރެވެން ނެތުން؛
  3. ޝަރީޢަތުގެ މަޖިލީހުގައި ފަހުން ހެކިބަހުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ނަގާފައިވާ ހެކިބަސް ދިން މީހާ ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވުމަށް އަންގާފައިވާ އެންގުމާ އެއްގޮތަށް ޢަމަލުކޮށްފައިނުވުން.

(ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންވެގެންވާ ގޮތަށް ހެކިބަސްދޭ މީހާ ޤައުމުން ބޭރުގައި ހުރި ހުރުމަކީ ޝަރީޢަތުގެ މަޖިލީހުގައި ފަހުން ހެކިބަހުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ނަގާފައިވާ ހެކިބަސް، ހެކީގެ ގޮތުގައި ހުށަހަޅަން ޤަޞްދުކުރާ ފަރާތުން ޤަޞްދުގައި ކުރުވާފައިވާ ކަމެއް ކަމުގައި ވެގެންނުވާނެއެވެ.

 

ސޯޅަވަނަ ބާބު

ހެކި ހާމަކުރުން

129 ވަނަ މާއްދާ - ދައުލަތުން ހެކި ހާމަކުރުން

(ހ) މި ގާނޫނުގެ 130 ވަނަ މާއްދާގައިވާ ޙާލަތްތަކުގައި މެނުވީ ދައުލަތުން އަންނަނިވި މަޢުލޫމާތު، ދަޢުވާ ލިބޭ ފަރާތަށް ހާމަކުރަންވާނެއެވެ. ނުވަތަ ދަޢުވާ ލިބޭ ފަރާތަށް އެ މަޢުލޫމާތު ބެލޭނޭ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ.

  1. ދައުލަތުގެ ބާރުގެ ދަށުގައިވާ ނުވަތަ ބެލުމުގެ ދަށުގައިވާ މަޢުލޫމާތު؛
  2. އެ މަޢުލޫމާތަކީ ދައުލަތަށް އެނގޭ ނުވަތަ އެކަށީގެންވާ ގޮތުގައި އެނގެންޖެހޭ މަޢުލޫމާތު ކަމަށްވުން.

(ށ) ދަޢުވާ ލިބޭ ފަރާތުން ލިޔުމުން އެދިއްޖެނަމަ އަންނަނިވި ތަކެތި ބަލައި، ކޮޕީ ނަގައި، ފޮޓޯ ނެގުމުގެ ފުރުޞަތު ދައުލަތުން ދަޢުވާ ލިބޭ ފަރާތަށް ދޭންވާނެއެވެ.

  1. ދަޢުވާ ލިބޭ ފަރާތުން ދީފައިވާ އެ މައްސަލައާ ގުޅުންހުރި އެންމެހައި ބަޔާންތައް؛
  2. ދަޢުވާ ލިބޭފަރާތުން އަނގަބަހުން، ދަޢުވާކުރާ ފަރާތަށް ނުވަތަ ގާނޫނު ތަންފީޛުކުރާ މުވައްޒަފަކަށް ދީފައިވާ ބަޔާނެއްގައި ހިމެނޭ މައިގަނޑު ކަންކަން؛ 

(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ދައުލަތުން މަޢުލޫމާތު ހާމަކުރަންޖެހޭނީ އެ މަޢުލޫމާތަކީ ގާނޫނު ތަންފީޛުކުރާ އިދާރާއެއްގެ އޮފިސަރަކު ކުރި ތަޙްޤީޤެއްގައި ނުވަތަ ކުރި ސުވާލެއްގެ ޖަވާބުގެ ގޮތުން ލިބިފައިވާ މަޢުލޫމާތެއްކަމަށް ދަޢުވާ ލިބޭ ފަރާތަށް ޤަބޫލުކުރެވޭނަމައެވެ.

(ރ) ދަޢުވާ ލިބޭ ފަރާތުން ލިޔުމުން އެދިއްޖެނަމަ އެ ފަރާތުގެ ކުށުގެ ރެކޯޑު ދައުލަތުން ދޭންވާނެއެވެ.

(ބ) ދަޢުވާ ލިބޭ ފަރާތުން ލިޔުމުން އެދިއްޖެނަމަ، އަންނަނިވި ޙާލަތުގައި ލިޔެކިޔުމާއި، ފޮޓޯއާއި، ވީޑިއޯއާއި، ޑޭޓާއާއި، ޢިމާރާތްތަކާއި، ތަންތަން ބަލައި، ފޮޓޯ ނަގައި، ކޮޕީ ހެއްދުމުގެ ފުރުޞަތު، ދައުލަތުން ދަޢުވާ ލިބޭ ފަރާތަށް ދޭންވާނެއެވެ.

  1. އެ އެއްޗެއްސަކީ، ދިފާޢު ތައްޔާރުކުރުމުގައި ދަޢުވާ ލިބޭ ފަރާތަށް މުހިންމުކަމަށްވުން؛ ނުވަތަ
  2. އެ އެއްޗެއްސަކީ، ދައުލަތުގެ މައިގަނޑު ދަޢުވާގައި ޝަރީއަތުގައި ބޭނުންކުރުމަށް ގަސްދުކުރާ ތަކެތި ކަމަށްވުން؛ ނުވަތަ
  3. އެ އެއްޗެއްސަކީ، ދަޢުވާ ލިބޭ ފަރާތުގެ އަމިއްލަ އެއްޗެއް ނުވަތަ އޭނާ ހޯދާފައިވާ އެއްޗެއް ކަމަށްވުން.

(ޅ) ދަޢުވާ ލިބޭ ފަރާތުން ލިޔުމުން އެދިއްޖެނަމަ، އެ މައްސަލައަކާ ގުޅޭގޮތުން ކުރެވިފައިވާ އެންމެހައި ޖިސްމާނީ ނުވަތަ ސިކުނޑީގެ ނުވަތަ ސައިންޓިފިކް ޓެސްޓްތަކުގެ ނަތީޖާތަކަކީ ދަޢުވާ ލިބޭ ފަރާތުގެ ދިފާޢު ތައްޔާރުކުރުމުގައި، ނުވަތަ ދައުލަތުން ކުރާ ދަޢުވާގައި ޝަރީއަތުގައި ބޭނުންކުރުމަށް ގަސްދުކުރާ ޓެސްޓުތަކެއްކަމަށް ވާނަމަ އެތަކެތި ދައުލަތުން ދަޢުވާ ލިބޭ ފަރާތަށް ދޭންވާނެއެވެ.

(ކ) ޝަރީޢަތް ފެށުމުގެ ކުރިން ދަޢުވާ ލިބޭ ފަރާތުން، ލިޔުމުން އެދިއްޖެނަމަ، އެ ފަރާތާ އެއްކޮޅު އެންމެހައި ހެކި ދައުލަތުން ހާމަކުރަންވާނެއެވެ.

(އ) ދަޢުވާ ލިބޭ ފަރާތުން ލިޔުމުން އެދިއްޖެނަމަ، ދައުލަތުން ހުށަހަޅަން ގަސްދުކުރާ އެންމެހައި ހެކީންގެ ނަމާއި އެޑްރެސް ހިމެނޭ ލިސްޓެއް ދަޢުވާ ލިބޭ ފަރާތަށް ދައުލަތުން ދޭންވާނެއެވެ.

 

130 ވަނަ މާއްދާ - ހާމަކުރަންނުޖެހޭ މައުލޫމާތު

(ހ) އަންނަނިވި ޙާލަތްތަކުގައި މި ގާނޫނުގެ 129 ވަނަ މާއްދާގައިވާ މަޢުލޫމާތަކީ ހާމަކުރަންޖެހޭ ނުވަތަ ބެލުމުގެ ފުރުޞަތު ދޭންޖެހޭ މަޢުލޫމާތެއް ނޫނެވެ.

  1. މި ގާނޫނުގެ 129 ވަނަ މާއްދާގެ (ހ)، (ރ)، (ޅ) އަދި (ކ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެނުވީ އެ މައްސަލައެއްގެ ތަޙްޤީޤަކާ ގުޅިގެން ނުވަތަ ދަޢުވާކުރާ ކުރުމާ ގުޅިގެން ދައުލަތުގެ ވަކީލަކު ނުވަތަ އެޖެންޓަކު އެ އޮފީހެއް ނުވަތަ އެ އިދާރާއެއްގެ އެކަނި ބޭނުމަށްޓަކައި ތައްޔާރުކުރާ ރިޕޯޓާއި ލިޔެކިޔުންތައް؛
  2. މި ގާނޫނުގެ 129 ވަނަ މާއްދާގެ (ހ) އާއި (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެނުވީ ސަރުކާރުގެ މުވައްޒަފަކަށް ނުވަތަ ވަކީލަކަށް، ހެކިވެރިއަކު ނުވަތަ ހެކިވެރިއަކަށް ވެދާނެ މީހަކު ދީފައިވާ ބަޔާން.

 

131 ވަނަ މާއްދާ - ރައްކާތެރިކުރުމުގެ އަމުރު

(ހ) ދައުލަތުން މި ގާނޫނުގެ 129 ވަނަ މާއްދާގެ ދަށުން ހާމަކުރަންޖެހޭ ހެކި ހާމަ ނުކުރުމަށް ނުވަތަ ވަކި މިންވަރަކަށް އެކަނި ހާމަކުރުމަށް، ނުވަތަ ހެކި ހާމަކުރުން ފަސްކުރުމަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ ދަށުން ދައުލަތުން ރައްކާތެރިކުރުމުގެ އަމުރަކަށް އެދިއްޖެނަމަ، އެ އަމުރާމެދު ކޯޓުން ގޮތެއް ނިންމަންދެން ދަޢުވާ ލިބޭ ފަރާތަށް އެފަދަ މަޢުލޫމާތު ލިބުން މަނާކުރުމުގެ ވަގުތީ އަމުރު ނެރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

(ނ) އަންނަނިވި ސަބަބުތަކަށްޓަކައި ހެކި ހާމަކުރުމަކީ އިންޞާފުވެރިގޮތް ކަމަށް ނުފެންނަނަމަ، ހެކި ހާމަ ނުކުރުމަށް، ނުވަތަ ހާމަކުރުން ފަސްކުރުމަށް، ނުވަތަ ކަނޑައެޅޭ ވަކި ޝަރުޠުތަކެއްގެ މަތިން ހާމަކުރުމަށް އެންގުމުގެ އިޚްތިޔާރު ކޯޓަށްލިބިގެންވެއެވެ.

  1. އެއްވެސް މީހަކަށް ޖިސްމާނީ، ނުވަތަ އެކަށީގެންވާ ބޮޑު އިޤްތިޞާދީ ގެއްލުމެއް ލިބުން ނުވަތަ ކަމަކަށް މަޖުބޫރު ކުރުން؛ ނުވަތަ
  2. ތަޙްޤީޤަށް ހުރަސް އެޅުން؛ ނުވަތަ
  3. ހެއްކެއްގެ އަސްލު އޮޅުވާލުން ނުވަތަ ހެކި ނައްތާލުން، ނުވަތަ ހަލާކުކޮށްލުން، ނުވަތަ ގެއްލުވާލުން.

 

132 ވަނަ މާއްދާ – ދަޢުވާ ލިބޭ ފަރާތުން ހެކި ހާމަކުރުން

(ހ) މި ގާނޫނުގެ 133 ވަނަ މާއްދާގައިވާ ޙާލަތުގައި މެނުވީ، އަންނަނިވި ރުކުންތަކަށް ފެތޭ ތަކެތި، ދަޢުވާ ލިބޭ ފަރާތުން ހާމަކުރަންވާނެއެވެ.

  1. އެ ތަކެއްޗަކީ ދަޢުވާ ލިބޭފަރާތުގެ އަތުގައި ނުވަތަ ބެލުމުގެ ދަށުގައި ނުވަތަ ބާރުގެ ދަށުގައިވާ ތަކެތި ކަމަށްވުން؛
  2. އެ ތަކެއްޗަކީ ދަޢުވާ ލިބޭ ފަރާތުގެ މައިގަނޑު ދިފާޢުގައި ބޭނުންކުރަން ގަސްދުކުރާ ތަކެއްޗަށްވުން.

(ށ) ދަޢުވާ ކުރާ ފަރާތުން ލިޔުމުން އެދިއްޖެނަމަ، ދަޢުވާ ލިބޭ ފަރާތަށް ލިބިފައިވާ ހޯދުންތަކާއި ފޮޓޯތަކާއި، ވީޑިއޯތަކާއި، ފޮތްތަކާއި، ކަރުދާހާއި، ޑޭޓާއާއި، އެނޫންވެސް އެފަދަ އެއްޗެހި، ދަޢުވާ ލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ހާމަކޮށް، އެ އެއްޗެއް ނަކަލު ކުރުމުގެ ފުރުޞަތު ދޭންވާނެއެވެ.

(ނ) ދަޢުވާ ކުރާ ފަރާތުން ލިޔުމުން އެދިއްޖެނަމަ، ދަޢުވާ ލިބޭ ފަރާތް ނުވަތަ އެ ފަރާތުގެ މަންދޫބަކު، ވަކި މައްސަލައަކާ ގުޅިގެން، ޞިއްޙީ ގޮތުން ބެލި ބެލުމަކަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް، ސައިންޓިފިކް ޓެސްޓެއް ނުވަތަ ތަހުލީލެއް، ނުވަތަ އެނޫންވެސް އެފަދަ އެއްޗެހި ދަޢުވާކުރާ ފަރާތަށް ހާމަކޮށް، އެ އެއްޗެއް ނަކަލު ކުރުމުގެ ފުރުޞަތު ދޭންވާނެއެވެ.

(ރ) ދަޢުވާ ކުރާ ފަރާތުން ލިޔުމުން އެދިއްޖެނަމަ، ދަޢުވާ ލިބޭފަރާތުން ޝަރީއަތަށް ހުށަހަޅަން ގަސްދުކުރާ އެންމެހައި ހެކީންގެ ނަމާއި އެޑްރެސް ހާމަކޮށް، އެ މަޢުލޫމާތު ހިމެނޭ ލިސްޓެއް ދަޢުވާކުރާ ފަރާތަށް ދޭންވާނެއެވެ.

 

133 ވަނަ މާއްދާ - ހާމަކުރަންނުޖެހޭ މައުލޫމާތު

އަންނަނިވި މަޢުލޫމާތަކީ، އަންނަނިވި ޙާލަތްތަކުގައި، މި ގާނޫނުގެ 132 ވަނަ މާއްދާގެ ދަށުން ހާމަކުރަންޖެހޭ ނުވަތަ ބެލުމުގެ ފުރުޞަތު ދޭންޖެހޭ މަޢުލޫމާތެއް ނޫނެވެ.

(ހ) ދަޢުވާ ލިބޭ ފަރާތުން ނުވަތަ އެ ފަރާތުގެ ވަކީލަކު، ތަޙްޤީޤު މަރުޙަލާގައި ނުވަތަ ޝަރީޢަތުގެ ކުރީގެ މަރުޙަލާގައި ތައްޔާރުކޮށްފައިވާ އެއްވެސް ރިޕޯޓެއް، މެމޯއެއް، ނުވަތަ އެ ފަރާތުގެ ބޭނުމަށް ތައްޔާރުކުރާ އެއްވެސް ލިޔުމެއް؛

(ށ) ހެއްކަކު ނުވަތަ ހެއްކަކަށް ވެދާނެ މީހަކު ދީފައިވާ ބަޔާން.

 

134 ވަނަ މާއްދާ - ރައްކާތެރިކުރުމުގެ އަމުރު

(ހ) ދަޢުވާ ލިބޭ ފަރާތުން މި ގާނޫނުގެ 132 ވަނަ މާއްދާގެ (ހ) ގެ ދަށުން ހާމަކުރަންޖެހޭ ހެކި ހާމަ ނުކުރުމަށް ނުވަތަ ވަކި މިންވަރަކަށް އެކަނި ހާމަކުރުމަށް، ނުވަތަ ހެކި ހާމަކުރުން ފަސްކުރުމަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ ދަށުން ދަޢުވާ ލިބޭ ފަރާތުން ރައްކާތެރިކުރުމުގެ އަމުރަކަށް އެދިއްޖެނަމަ، އެ އަމުރާމެދު ކޯޓުން ގޮތެއް ކަނޑައަޅަންދެން ދައުލަތަށް އެފަދަ މަޢުލޫމާތު ލިބުން މަނާކުރުމުގެ ވަގުތީ އަމުރު ނެރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

(ނ) އަންނަނިވި ސަބަބުތަކަށްޓަކައި ހެކި ހާމަކުރުމަކީ އިންޞާފުވެރިގޮތް ކަމަށް ނުފެންނަނަމަ، ހެކި ހާމަ ނުކުރުމަށް، ނުވަތަ ހާމަކުރުން ފަސްކުރުމަށް، ނުވަތަ ކަނޑައެޅޭ ވަކި ޝަރުޠުތަކެއްގެ މަތިން ހާމަކުރުމަށް އެންގުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

  1. އެއްވެސް މީހަކަށް ޖިސްމާނީ، ނުވަތަ އެކަށީގެންވާ ބޮޑު އިޤްތިޞާދީ ގެއްލުމެއް ލިބުން ނުވަތަ ކަމަކަށް މަޖުބޫރު ކުރުން؛ ނުވަތަ
  2. ހެކީގެ ބާރު ކަނޑުވާލުން ނުވަތަ ގެއްލުންދިނުން ނުވަތަ ނައްތާލުން.

 

135 ވަނަ މާއްދާހެކި ހާމަކުރުމަށް އޮތް މަސްއޫލިއްޔަތު ދެމިއޮތުން

އަންނަނިވި ޙާލަތުތަކުގައި މައްސަލައެއްގެ ޝަރީޢަތް ފެށުމުގެ ކުރިން ނުވަތަ ޝަރީޢަތް ކުރިއަށް ދަނިކޮށް، މައްސަލައިގައި ހިމެނޭ ފަރާތަކަށް އިތުރު ހެއްކެއް ލިބިއްޖެނަމަ، އެކަމުގެ މަޢުލޫމާތު މައްސަލައިގައި ހިމެނޭ އަނެއް ފަރާތަށް އަދި ކޯޓަށް ވަގުތުން އަންގަންވާނެއެވެ.

(ހ) އެ ހެއްކަކީ މި ބާބުގައިވާ ގޮތުގެމަތިން ހާމަކުރަންޖެހޭ ހެއްކެއް ކަމުގައިވުން؛

(ށ) އެ ހެއްކަކީ މައްސަލައިގައި ހިމެނޭ ފަރާތަކުން ހާމަކުރަން އެދިފައިވާ ބާވަތުގެ ހެއްކަކަށްވުން ނުވަތަ ކޯޓުން ހާމަކުރަން އެދިފައިވާ ބާވަތުގެ ހެއްކަކަށްވުން.

 

136 ވަނަ މާއްދާހެކި ހާމަކުރުމާގުޅޭ ކަންކަން ތަންފީޒުކުރުން

(ހ) މި ބާބުގެ ދަށުން ހާމަކުރަންޖެހޭ ހެކި، ކޯޓުން ކަނޑައަޅާފައިވާ މުއްދަތުގައި ހާމަކުރަންވާނެއެވެ. ހެކި ހާމަކުރަން އެދޭފަރާތަށް އުނިކަމެއް ނާންނާނެ ގޮތުގެމަތިން އަދި ޝަރީޢަތް ފެށުމުގެ ކުރިން ހާމަކުރަންޖެހޭ ހެކި ހާމަކޮށް ނިންމުމަށްޓަކައި، ހެކި ހާމަކުރަންޖެހޭ މުއްދަތުތައް، ދުރާލައި ކޯޓުން ކަނޑައަޅަންވާނެއެވެ.

(ށ) މައްސަލައިގައި ހިމެނޭ ފަރާތަކުން މި ބާބުގައި ބަޔާންކުރާ އުސޫލަކާ ޚިލާފުވެއްޖެނަމަ އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ޢަމަލު ކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

  1. ހެކި ހާމަކުރުމަށް ނުވަތަ ބެލުމަށް އަމުރުކުރުން. (އެގޮތުން އަމުރުކުރުމުގައި ހެކި ހާމަކުރަންޖެހޭ މުއްދަތާއި، ތަނާއި، ޙާލަތާއި އަދި އެނޫންވެސް ކޯޓަށް ފެންނަ އިންޞާފުވެރި ޝަރުޠުތަކެއް ކަނޑައެޅިދާނެއެވެ.)
  2. ހެކި ހާމަކުރުމަށް އިތުރު ފުރުޞަތު ދިނުން؛
  3. ހާމަނުކުރި ހެކި ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުން މަނާކުރުން؛
  4. އެ ޙާލަތާ ގުޅޭގޮތުން އެންމެ އިންޞާފުވެރި އެނޫންވެސް އަމުރެއް ނެރުން.

 

137 ވަނަ މާއްދާ – ހުއްދަކުރެވިގެންވާ ހެކި ހާމަކުރުމުން އިސްތިސްނާވުން

ހާމަކުރަން އެދޭ ހެއްކަކީ ގާނޫނު ނަންބަރު 24/1976 (ހެއްކާބެހޭ ގާނޫނު) ގެ ދަށުން ޝަރީޢަތުގައި ޤަބޫލުނުކުރެވޭ ހެއްކަކަށްވުން އެއީ މި ބާބުގެ ދަށުން ހެކި ހާމަކުރުމަށް އޮންނަ މަސްއޫލިއްޔަތު އަދާކުރުމަށް އޮތް އުޛުރެއްނޫނެވެ. އެހެންނަމަވެސް އެފަދަ ހެކި ހާމަކުރެވުނު ކަމުގައިވީނަމަވެސް، އެފަދަ ހެކި ޝަރީޢަތަށް ޤަބޫލުކުރުމުގައި ޢަމަލުކުރާނީ ގާނޫނު ނަންބަރު 24/1976 (ހެއްކާބެހޭ ގާނޫނު) ގައިވާ ގޮތުގެމަތިންނެވެ.

 

 

ފަސްވަނަ ބައި

ށަރީއަތުގެ މަރުޙަލާ

 

ސަތާރަވަނަ ބާބު

ށާރީއަތް ހިންގުން

 

138 ވަނަ މާއްދާ – ށަރީއަތް ހިންގޭނެ މައްސަލަތައް

އިބްތިދާއީ އަޑުއެހުން ބޭއްވުމަށްފަހު، ޝަރީޢަތަށް ހުށަހެޅޭނީ، އިބްތިދާއީ އަޑުއެހުމުގައި ދަޢުވާއަށް އިންކާރުކުރާ މީހުންގެ މައްސަލަތަކާއި، އިބްތިދާއީ އަޑުއެހުމަށް ހާޒިރުނުވާ މީހުންގެ މައްސަލަތަކެވެ. ދަޢުވާކުރެވޭ ކުށަށް އިޢުތިރާފުވާ މީހުންގެ މައްސަލަތައް ބެލޭނީ، މި ގާނޫނުގެ 162 ވަނަ މާއްދާގައިވާ ގޮތުގެމަތިން އަވަސްނިޔާއިންނެވެ.

 

139 ވަނަ މާއްދާ – ކުށަށް އިއުތިރާފްވެފައިވާ މީހުންގެ މައްސަލަތައް

މި ގާނޫނުގެ 108 ވަނަ މާއްދާގެ ދަށުން އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިޢުތިރާފުވެފައިވާ މީހުންގެ މައްސަލަތަކުގައި، އިބްތިދާއީ އަޑުއެހުން ބާއްވާ ވަގުތުން ފެށިގެން ގިނަވެގެން ރަސްމީ ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި، އެ މައްސަލައެއްގެ ޝަރީޢަތުގެ އަޑުއެހުން ބާއްވަންވާނެއެވެ.

 

140 ވަނަ މާއްދާ – ދައުވާއަށް އިންކާރުކުރާ މީހުންގެ މައްސަލަތައް

(ހ) ދަޢުވާ ލިބޭ ފަރާތަކީ މި ގާނޫނުގެ 109 ވަނަ މާއްދާ ނުވަތަ 110 ވަނަ މާއްދާގެ ދަށުން އިބްތިދާއީ އަޑުއެހުމުގައި ދަޢުވާއަށް އިންކާރުކޮށްފައިވާ މީހަކުނަމަ، އަދި އޭނާއަކީ، މި ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަންދުކުރެވިފައިވާ މީހަކުނަމަ، މި ގާނޫނުގެ 84 ވަނަ މާއްދާގެ ދަށުން އޭނާއަށް ދަޢުވާއާގުޅޭ ލިޔެކިޔުންތައް ލިބޭތާ ގިނަވެގެން 70 (ހަތްދިހަ) ދުވަހުގެ ތެރޭގައި އެ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުން ބާއްވަންވާނެއެވެ.

(ށ) ދަޢުވާ ލިބޭ ފަރާތަކީ މި ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރުމަށްފަހު ދޫކޮށްލާފައިވާ މީހެއްނަމަ، މި ގާނޫނުގެ 84 ވަނަ މާއްދާގެ ދަށުން އޭނާއަށް ދަޢުވާއާގުޅޭ ލިޔެކިޔުންތައް ލިބޭތާ ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އެ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުން ބާއްވަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) އެހެން އޮތްނަމަވެސް، މި މާއްދާގެ (ރ) ގައި ބަޔާންކުރާ ޙާލަތުގައި ފިޔަވައި، މައްސަލައިގެ އިބްތިދާއީ އަޑުއެހުން ބާއްވާ ތާރީޚުން ފެށިގެން ނުވަތަ ދަޢުވާއާގުޅޭ ލިޔެކިޔުން ދަޢުވާ ލިބޭ ފަރާތަށް ލިބޭ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަސް ހަމަވުމުގެ ކުރިން، އެ މައްސަލައެއްގެ ޝަރީޢަތުގެ އަޑުއެހުން ބާއްވައިގެންނުވާނެއެވެ.

(ރ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުން އެއަށްވުރެ ކުރިން ބޭއްވުމަށް ދަޢުވާ ލިބޭ މީހާ އަމިއްލައަށް އެދިއްޖެ ހިނދެއްގައި، މައްސަލައިގެ ޝަރީޢަތް އެއަށްވުރެ އަވަހަށް ފެށުމަކަށް ހުރަހެއްނެތެވެ.

 

141 ވަނަ މާއްދާ - އިސްތިސްނާ ހާލަތްތައް

 (ހ) މި ގާނޫނުގެ 140 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ މުއްދަތުތައް ގުނުމުގައި، ޝަރީޢަތުގެ ކުރިން ހުށަހެޅޭ ހުށަހެޅުންތަކާމެދު ގޮތެއް ނިންމުމަށްޓަކައި ހޭދަވާ ވަގުތެއް ނުހިމެނޭނެއެވެ.

(ށ) މި ގާނޫނުގެ 140 ވަނަ މާއްދާ އެހެންއޮތްނަމަވެސް، އެންމެ ލަސްވެގެން ޝަރީޢަތް ފެށެންވާނެ ކަމަށް އެ މާއްދާގައި ބަޔާންވެގެންވާ މުއްދަތު އިތުރުކޮށްދިނުމަށް ދަޢުވާ ލިބޭ ފަރާތުން އެދިއްޖެނަމަ، އެއީ ޢަދުލުއިންޞާފު ޤާއިމުކުރުމުގެ މަޞްލަޙަތު އޮތްކަމެއް ކަމަށް ކޯޓަށް ފެންނަ ޙާލަތުގައި، އެ މުއްދަތު އިތުރުކޮށްދިނުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

 

142 ވަނަ މާއްދާ – އަދުލުވެރިކަމާއެކު އަދި މެދުކެނޑުމެއްނެތި ށަރީއަތް ހިންގުން

(ހ) ޖިނާއީ ކޮންމެ މައްސަލައެއްގެވެސް ޝަރީޢަތް ހިންގަންވާނީ، ޢަދުލުވެރިކަމާއެކު، ވަކި ފަރާތަކަށް ނުޖެހި، ހާމަކަމާއެކުގައެވެ.

(ށ) ޝަރީޢަތުގެ އަޑުއެހުންތައް ފެށުމަށްފަހު، މެދުކެނޑުމެއްނެތި އެޝަރީޢަތް ކޮށް ނިންމަންވާނެއެވެ

.

143 ވަނަ މާއްދާ – ށާރީއަތުގެ މަޖިލިސް އާންމުކޮށް ހުޅުވާލައިގެން ބޭއްވުން

(ހ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި އެހެން ޙާލަތްތަކުގައި، ޖިނާއީ މައްސަލަތަކުގެ ޝަރީޢަތް ބާއްވަންވާނީ ޢާންމުކޮށް ހުޅުވާލެވިފައިވާ މަޖިލީހެއްގައެވެ.

(ށ) އަންނަނިވި ޙާލަތްތަކުގައި ޖިނާއީ މައްސަލައެއްގެ ޝަރީޢަތެއް، ނުވަތަ ޝަރީޢަތުން ބައެއް ބާއްވަންވާނީ ޢާންމުކޮށް ހުޅުވާލެވިފައިނުވާ މަޖިލީހެއްގައެވެ.

  1. ކުޑަކުއްޖެއްގެ މައްޗަށް ކުރެވޭ ދަޢުވާއެއްގެ ޝަރީޢަތުގެ މަޖިލީހުގައި؛
  2. އެއީ ކުށުގެ ޢަމަލުން އަނިޔާ ލިބުނު ފަރާތުގެ މަޞްލަޙަތު ޙިމާޔަތްކުރުމަށްޓަކައި ބޭނުންތެރި ކަމެއް ކަމަށްވާ ޙާލަތުގައި؛
  3. އެއީ މުޖުތަމަޢުގެ އަޚްލާޤީ އުސޫލުތައް ހިފެހެއްޓުމަށްޓަކައި ނުވަތަ މުޖުތަމަޢުގެ އަމަންއަމާންކަން ޤާއިމުކުރުމަށްޓަކައި ބޭނުންތެރި ކަމެއް ކަމަށްވާ ޙާލަތުގައި؛
  4. އެއީ ޤައުމީ ސަލާމަތަށް ބުރޫއެރިޔަނުދިނުމަށްޓަކައި ބޭނުންތެރި ކަމެއް ކަމަށްވާ ޙާލަތުގައި؛
  5. ޢާންމުކޮށް ހުޅުވާލައިގެން ޝަރީޢަތް ހިންގައިފިނަމަ، ޢަދުލު އިންޞާފު ޤާއިމުކުރުމަށް އެޅިދާނެ ހުރަހަކުން މިންޖުވުމަށްޓަކައި އެއީ ބޭނުންތެރި ކަމެއް ކަމުގައިވާ އެނޫންވެސް ޙާލަތެއްގައި.

 

144 ވަނަ މާއްދާ – ށަރީޢަތުގެ އަޑުއެހުން ފެށުމާއި، ދައުވާއާއި ދިފާއު ހުށަހެޅުން

(ހ) ޝަރީޢަތުގެ އަޑުއެހުން ފަނޑިޔާރު ފަށަންވާނީ، ޝަރީޢަތުގެ އަޑުއެހުން ފެށުނުކަން އިޢުލާންކުރުމާ އެކުގައެވެ. އަދި އެ އަޑުއެހުން ބޭއްވެނީ، ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް ކޮށްފައިވާ ދަޢުވާއަށް އިބްތިދާއީ އަޑުއެހުމުގައި އިންކާރުކޮށްފައިވާތީކަން، ނުވަތަ އިބްތިދާއީ އަޑުއެހުމަށް އޭނާ ހާޒިރުވެފައިނުވާތީކަން ފަނޑިޔާރު ހާމަކުރަންވާނެއެވެ.

(ށ) ޖިނާއީ މައްސަލައެއްގެ ޝަރީޢަތް ފަށާނީ، ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް ހުށަހަޅާ ދަޢުވާ، ދައުލަތުގެ ފަރާތުން ހުށަހެޅުމުންނެވެ.

(ނ) ދައުލަތުގެ ފަރާތުން ދަޢުވާ ހުށަހަޅާއިރު، އެ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާ ހެކި، އެ ދަޢުވާއާއެކު ހުށަހަޅަންވާނެއެވެ. ދަޢުވާއާ ގުޅިގެން ޝަރީޢަތަށް ހާޒިރުކުރަން ބޭނުންވާ ހެކީންގެ ހެކިބަސް ނަގާނީ، މި ގާނޫނުގެ ނަވާރަވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ހެކީން ހާޒިރުކުރުމުގެ މަރުޙަލާގައެވެ.

(ރ) ދައުލަތުގެ ފަރާތުން ދަޢުވާ ހުށަހަޅާ ނިމުމުން، ދަޢުވާ ލިބޭ ފަރާތުން އޭނާގެ ދިފާޢު ހުށަހަޅަންވާނެއެވެ.

(ބ) ދަޢުވާ ލިބޭ ފަރާތުން ދިފާޢު ހުށަހެޅުމުން ދެން އޮންނާނީ، ހެކީން ހާޒިރުކޮށް ހެކިބަސް ނެގުމުގެ މަރުޙަލާއެވެ.

 

 

އަށާރަވަނަ ބާބު

ހެކިހުށަހެޅުމާއި ގަބޫލުކުރުން

145 ވަނަ މާއްދާ –ށަރީއަތަށް ގަބޫލުކުރެވޭނެ ހެކި

(ހ) ދައުލަތުން ދަޢުވާ ހުށަހަޅާއިރު، އެ ދަޢުވާ ސާބިތުކުރުމަށްޓަކައި ހެކި ހުށަހަޅަންވާނެއެވެ. 

(ށ) ދަޢުވާ ލިބޭ ފަރާތުން އޭނާގެ ދިފާޢު ހުށަހަޅާއިރު، އެ ދިފާޢު ސާބިތުކުރުމަށްޓަކައި ހެކި ހުށަހެޅިދާނެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ހެކި ހުށަހެޅުމުގައި ޢަމަލުކުރާނީ ގާނޫނު ނަންބަރު 24/1976 (ހެއްކާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ރ) މައްސަލައިގައި ހިމެނޭ ފަރާތަކުން ޝަރީޢަތަށް ހުށަހަޅާ ހެއްކަކީ ޝަރީޢަތަށް ޤަބޫލުކުރެވޭނެ ހެއްކެއް ނޫން ކަމަށްބުނެ، އެ ހެކި ހުށަނޭޅޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި މައްސަލައިގައި ހިމެނޭ އަނެއް ފަރާތުން ހުށަހަޅައިފިނަމަ، މައްސަލައިގެ ޝަރީޢަތް އިތުރަށް ކުރިއަށް ގެންދިޔުމުގެ ކުރިން އެ ހުށަހެޅުމާމެދު ފަނޑިޔާރު ގޮތެއް ނިންމަންވާނެއެވެ.

 

146 ވަނަ މާއްދާ – ޚަސްމުން ށަރީއަތަށް ހުށަހަޅާ ހެކި ފިޔަވައި އެހެން ހެކި ގަބޫލުކުރުން

(ހ) މައްސަލައިގައި ހިމެނޭ ޚަޞްމުން ޝަރީޢަތަށް ހުށަހަޅާ ހެކި ފިޔަވައި އެހެން އެއްވެސް ހެއްކެއް ފަނޑިޔާރު ޤަބޫލުކޮށްގެންނުވާނެއެވެ. އެހެންނަމަވެސް، މައްސަލައިގައި ހިމެނޭ ފަރާތްތަކުން ޚަބީރުން ހާޒިރުކުރާ ޙާލަތުގައި، އެކަމުގައި އިތުރު ރަޢުޔެއް ހޯދުން މުހިންމު ކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، ފަނޑިޔާރުގެ އަމިއްލަ އިސްނެގުމަކަށް ޚަބީރުން ހާޒިރުކޮށް، އެ މީހުންގެ ހެކިބަސް ނެގުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ. 

(ށ) ކޯޓުގެ އަމިއްލަ އިސްނެގުމުގައި ހާޒިރުކުރާ ޚަބީރުންނާ ސުވާލުކުރުމުގެ ޙައްޤު، ދައުލަތަށާއި ދަޢުވާ ލިބޭ ފަރާތަށް ލިބިގެންވެއެވެ.

 

ނަވާރަވަނަ ބާބު

ހެކިބަސް ނެގުން

147 ވަނަ މާއްދާ - ހެކިބަސް ނެގުން

(ހ) މި ގާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ޖިނާއީ ކޮންމެ މައްސަލައެއްގައިވެސް ހެކީންގެ ހެކިބަސް ނަގަންވާނީ، ޢާންމުކޮށް، ހުޅުވާލެވިފައިވާ ޝަރީޢަތުގެ މަޖިލީހެއްގައި، ޝަރީޢަތުގެ މަޖިލީހަށް އެ މީހުން ހާޒިރުކޮށް، ހުވައި މަތީގައި އެ މީހުންނާ ސުވާލުކޮށްގެންނެވެ.

(ށ) ފުރަތަމަ ހެކިބަސް ދޭނީ ދައުލަތުން ހާޒިރުކުރާ ހެކީންނެވެ. ދައުލަތުން ހާޒިރުކުރާ ހެކީންނާ ދައުލަތުން ސުވާލުކޮށް ނިމުމުން، އެ ހެކީން ކްރޮސް-އެގްޒެމިންކުރުމުގެ ޙައްޤު، ދަޢުވާ ލިބޭ ފަރާތަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހެކީން ކްރޮސް-އެގްޒެމިންކުރުމުގެ ގޮތުން ދަޢުވާ ލިބޭ ފަރާތުން އެ ހެކީންނާ ސުވާލުކުރާއިރު، ސުވާލުކުރެވޭނީ، އެ ހެކީން ދިން ހެކިބަހުގައި ހިމެނުނު ކަންކަމާ ގުޅޭގޮތުން އެކަންޏެވެ. އޭގެ ބޭރުން އެއްވެސް ސުވާލެއް ނުކުރެވޭނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ދައުލަތުގެ ހެކީން ދަޢުވާ ލިބޭ ފަރާތުން ކްރޮސް-އެގްޒެމިންކޮށް ނިމުމުން، އެ މީހުން ރީ-އެގްޒެމިންކުރުމުގެ ޙައްޤު، ދައުލަތަށް ލިބިގެންވެއެވެ.

(ބ) ދައުލަތުން ހާޒިރުކުރާ ހެކީންގެ ހެކިބަސް ނަގާ ނިމުމުން، އަދި އެ ހެކީން ދަޢުވާ ލިބޭ ފަރާތުން ކްރޮސް-އެގްޒެމިންކޮށް ނިމުމުން، ދެން ހާޒިރުކުރާނީ ދަޢުވާ ލިބޭ ފަރާތުން ހާޒިރުކުރަން ބޭނުންވާ ހެކީންނެވެ.

(ޅ) ދަޢުވާ ލިބޭ ފަރާތުން ބޭނުންނަމަ، އޭނާގެ އަމިއްލަ ހެކިބަސްވެސް ޝަރީޢަތަށް ދެވިދާނެއެވެ. އެހެންނަމަވެސް، އޭނާ ބޭނުންނުވާނަމަ، އޭނާގެ ހެކިބަސް ދިނުމަށް އެއްވެސް ފަރާތަކަށް ލާޒިމެއް ނުކުރެވޭނެއެވެ. އަދި އޭނާ ހެކިބަސް ނުދިނުމަކުން އޭނާ ހެކިބަސް ނުދިނުމަށް އިންކާރުކުރި ކުރުމާމެދު ދައުލަތަށް އެއްޗެއް ނުބުނެވޭނެއެވެ. އަދި އޭނާ ހެކިބަސް ދޭން އިންކާރުކުރި ކުރުމަށް ފަނޑިޔާރު އެއްވެސް ބުރަދަނެއް ދީގެންނުވާނެއެވެ.

(ކ) ދަޢުވާ ލިބޭ ފަރާތުން މި މާއްދާގެ (ޅ) ގެ ދަށުން ހެކިބަސްދޭން ނިންމައިފިނަމަ، އޭނާ ހެކިބަސް ދޭނީ، ހުވައި މަތީގައި، ޝަރީޢަތުގެ މަޖިލީހުގައެވެ. އަދި އޭނާގެ ހެކިބަސް ނެގުމުގައި ޝަރީޢަތަށް ހާޒިރުކުރެވޭ އެހެން ހެކީންގެ ހެކިބަސް ނެގުމުގައި ޢަމަލުކުރެވޭނެ އުސޫލުތައް ކަމުގައި މި މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތައް ހިނގާނެއެވެ.

(އ) ދަޢުވާ ލިބޭ ފަރާތުން ހާޒިރުކުރާ އެންމެހައި ހެކީންނާ ދަޢުވާ ލިބޭ ފަރާތުން ސުވާލުކޮށް ނިމުމުން، އެ ހެކީން ކްރޮސް-އެގްޒެމިންކުރުމުގެ ޙައްޤު ދައުލަތަށް ލިބިގެންވެއެވެ. އަދި ދަޢުވާ ލިބޭ ފަރާތުން ހެކިބަސް ދޭ ޙާލަތުގައި، އޭނާ ކްރޮސް-އެގްޒެމިންކުރުމުގެ ޙައްޤުވެސް ދަޢުލަތަށް ލިބިގެންވެއެވެ.

(ވ) މި މާއްދާގެ (އ) ގެ ދަށުން ހެކީން ކްރޮސް-އެގްޒެމިންކުރުމުގެ ގޮތުން ދައުލަތުން އެ ހެކީންނާ ސުވާލުކުރާއިރު، ސުވާލުކުރެވޭނީ، އެ ހެކީން ދިން ހެކިބަހުގައި ހިމެނުނު ކަންކަމާ ގުޅޭގޮތުން އެކަންޏެވެ. އޭގެ ބޭރުން އެއްވެސް ސުވާލެއް ނުކުރެވޭނެއެވެ. 

(މ) މި މާއްދާގެ (އ) ގެ ދަށުން ދަޢުވާ ލިބޭ ފަރާތުގެ ހެކީން ދައުލަތުގެ ފަރާތުން ކްރޮސް-އެގްޒެމިންކޮށް ނިމުމުން، އެ މީހުން ރީ-އެގްޒެމިންކުރުމުގެ ޙައްޤު، ދަޢުވާ ލިބޭ ފަރާތަށް ލިބިގެންވެއެވެ.

 

148 ވަނަ މާއްދާ – ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނެގުން

(ހ) ހެކީންގެ ހެކިބަސް ނަގަންވާނީ ޝަރީޢަތުގެ މަޖިލީހަށް ހެކީން ހާޒިރުކޮށްގެން ކަމަށް މި ގާނޫނުގެ 147 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވީނަމަވެސް، ހެކިބަސްދޭ މީހާ ހުރީ ޝަރީޢަތް ހިނގަމުންދާ ރަށްނޫން އެހެން ރަށެއްގައި ނުވަތަ ދިވެހިރާއްޖޭގެ އެމްބަސީއެއް ނުވަތަ ހައިކޮމިޝަނެއް ޤާއިމުވެފައިވާ ބިދޭސީ ޤައުމެއްގައި ކަމަށްވެފައި، އޭނާ ޝަރީޢަތަށް ހާޒިރުވުމަށް ދިގުމުއްދަތެއް ނެގުމުގެ ސަބަބުން، ޢަދުލުއިންޞާފު ޤާއިމުކުރުމަށް ހުރަސް އެޅޭކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި، އޭނާގެ ހެކިބަސް، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ނެގުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

(ށ) ހެކިބަސްދޭ މީހާ ހުރީ ޝަރީޢަތް ހިނގަމުންދާ ރަށްނޫން އެހެން ރަށެއްގައި ކަމަށްވާނަމަ، މި މާއްދާގެ (ހ) ގައި ބުނެފައިވާ ފަދައިން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނަގަންވާނީ އެރަށެއްގެ ކޯޓަށް އެ މީހާ ހާޒިރުކޮށް، އެ މީހަކީ ކާކުކަން ޔަޤީންކުރުމަށްފަހު ފަނޑިޔާރެއްގެ ކުރިމަތީގައި ހުވައިކުރުމަށްފަހުއެވެ. އެ މީހަކު ހުރީ ދިވެހިރާއްޖޭގެ އެމްބަސީއެއް ނުވަތަ ހައިކޮމިޝަނެއް ޤާއިމުވެފައިވާ ޤައުމެއްގައިނަމަ، އެ މީހަކު އެތަނަކަށް ހާޒިރުކޮށް އެމްބަސީ ނުވަތަ ހައިކޮމިޝަންގެ ފަސްޓް ސެކްރަޓަރީގެ މަޤާމަށްވުރެ މަތީ މަޤާމެއްގައި ހުރި މީހެއްގެ ކުރިމަތީގައި ހުވައިކުރުމަށްފަހުއެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނަގާއިރުވެސް، ޢަމަލުކުރަންވާނީ، މި ގާނޫނުގެ 147 ވަނަ މާއްދާގެ (ށ) އިން ފެށިގެން (މ) ގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނަގަންވާނީ އެކަމަށް ބޭނުންވާ ވަސީލަތްތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ޤާއިމުވެފައިވާ ޙާލަތުގައި އެކަންޏެވެ.

 

149 ވަނަ މާއްދާ – ހެކިބަސްދޭ މީހާއަށް ހިމާޔަތާއި ރައްކާތެރިކަން ލިބޭ ގޮތަށް ހެކިބަސް ނެގުން

 (ހ) ހެކިބަސް ނަގަންވާނީ ޝަރީޢަތުގެ މަޖިލީހަށް ހެކީން ހާޒިރުކޮށްގެން ކަމަށް މި ގާނޫނުގެ 147 ވަނަ މާއްދާ (ހ) ގައި ބަޔާންކޮށްފައިވީނަމަވެސް، ގާނޫނު ނަންބަރު 24/1976 (ހެއްކާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި، އަދި އެ ގާނޫނުގައި ހެކިބަސް ދޭ މީހުން ޙިމާޔަތްކޮށް، ރައްކާތެރިކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހެކިބަސް ނެގުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން ހެކިބަސް ނެގުމަށް އެދޭ ފަރާތަކުން މި ގާނޫނުގެ 119 ވަނަ މާއްދާގައިވާ ގޮތުގެމަތިން މައްސަލައިގެ ޝަރީޢަތް ފެށުމުގެ ކުރިން އެކަމަށް އެދެންވާނެއެވެ.

(ނ) ހެކިބަސް ދޭ މީހާ ޙިމާޔަތްކުރެވޭ ގޮތަށް ހެކިބަސް ނެގުމަށް މި މާއްދާގެ (ށ) ގެ ދަށުން މައްސަލައިގައި ހިމެނޭ ފަރާތަކުން ޝަރީޢަތުގެ ކުރިން ހުށަހަޅައިފިނަމަ، އެފަދައިން އެ ހެކިބަސް ނެގުމާމެދު ފަނޑިޔާރު ގޮތެއް ނިންމާއިރު، ތިރީގައި ބަޔާންކޮށްފައިވާ ކަންކަމަށް ފަނޑިޔާރު ރިޢާޔަތްކުރަންވާނެއެވެ.

  1. އިންޞާފުވެރިކަމާއެކު ޝަރީޢަތް ހިންގުމާއި، އެގޮތަށް ހެކިބަސް ނެގުމުން އިންޞާފު ޤާއިމުކުރެވޭނެކަން؛
  2. ހެކިބަސް ދޭ މީހަކީ އަނިޔާ ލިބިފައިވާ ފަރާތް ކަމުގައިވާނަމަ، އޭނާއަށް އެ ކުށުގެ ޢަމަލުގެ ސަބަބުން ލިބިފައިވާ ނަފްސާނީ ގެއްލުމާއި، އެ ގެއްލުން ރަނގަޅުވުމަށް އެހީތެރިވެވޭނެ މިންވަރު؛
  3. މައްސަލައިގައި އެ ހެކިބަހުގެ މުހިންމުކަން؛
  4. މައްސަލައިގެ ބާވަތުން ޢާންމު މަޞްލަޙަތަށް އަސަރުކުރާނެ މިންވަރު.

 

ވިހިވަނަ ބާބު

ށަރީއަތުގެ އަޑުއެހުންތައް ނިންމާލުން

150 ވަނަ މާއްދާ - ހުލާސާ ބަޔާން ހުށަހެޅުން

(ހ) ދައުލަތުން އަދި ދަޢުވާ ލިބޭ ފަރާތުން ހާޒިރުކުރާ ހެކީން ހާޒިރުކޮށް ނިމުމުން، އަދި ފަނޑިޔާރު ޚަބީރަކު ހާޒިރުކުރާ ޙާލަތުގައި އެ ޚަބީރެއްގެ ހެކިބަސް ނަގާ ނިމުމުން ދެން އޮންނާނީ، މައްސަލައިގައި ހިމެނޭ ދެ ފަރާތުން ޚުލާޞާ ބަޔާން ހުށަހެޅުމެވެ. 

(ށ) ފުރަތަމަ ޚުލާޞާ ބަޔާން ހުށަހަޅާނީ ދައުލަތުންނެވެ. އެއަށްފަހު ދަޢުވާ ލިބޭ ފަރާތުންނެވެ.

 

151 ވަނަ މާއްދާ - ށަރީއަތުގެ އަޑުއެހުން

(ހ) މި ގާނޫނުގެ 150 ވަނަ މާއްދާގެ ދަށުން ދެ ފަރާތުން ޚުލާޞާ ބަޔާން ހުށަހަޅާ ނިންމުން ނިމުމާއެކު ޝަރީޢަތުގެ އަޑުއެހުންތައް ފަނޑިޔާރު ނިންމާލަންވާނެއެވެ. އަދި އެކަން، އެ މަޖިލީހުގައި ފަނޑިޔާރު އިޢުލާންކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ނ) ގައި ނުވަތަ މި ގާނޫނުގެ 152 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތުގައި ފިޔަވައި، މި މާއްދާގެ (ހ) ގެ ދަށުން މައްސަލައެއްގެ އަޑުއެހުން ނިންމާލުމަށްފަހު، އެ މައްސަލައިގެ އަޑުއެހުންތައް ފަނޑިޔާރު އަލުން ހުޅުވާލައިގެންނުވާނެއެވެ. 

(ނ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލައެއްގެ އަޑުއެހުންތައް ނިންމާލުމަށްފަހު ދެން އެ މައްސަލައިގެ އަޑުއެހުންތައް އަލުން ހުޅުވާލެވޭނީ، އެ މައްސަލައަކާ ގުޅޭގޮތުން ކުރިން ލިބިފައިނުވާ އާ ހެކި ލިބިފައިވާ ޙާލަތުގައި، އަދި އެ ހެކި ޝަރީޢަތަށް ހުށަހެޅުމަކީ ޢަދުލުއިންޞާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވޭ ޙާލަތެއްގައެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލައެއްގެ އަޑުއެހުން ނިންމާލުމާއެކު، އެ މައްސަލައިގެ ޙުކުމްކުރުމުގެ މަޖިލިސް އޮންނާނެ ތާރީޚެއް ފަނޑިޔާރު އިޢުލާންކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލައެއްގެ އަޑުއެހުން ނިންމާލުމަށްފަހު، އެ މައްސަލައިގެ ޙުކުމްކުރުމުގެ މަޖިލިސް، އެންމެ ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ބާއްވަންވާނެއެވެ.

(ޅ) މި މާއްދާގެ (ރ) އެހެން އޮތްނަމަވެސް، ޝަރީޢަތުގެ އަޑުއެހުންތައް ނިންމާލުމަށްފަހު، އެ މައްސަލައިގެ ޙުކުމްކުރުމުގެ ކުރިން، އެ މައްސަލައާ ގުޅޭގޮތުން ކޮންމެހެން ސާފުކުރުން މުހިންމު ކަމެއްވާނަމަ، އެކަމެއް ސާފުކުރުމަށްޓަކައި އިތުރު އެއް އަޑުއެހުން ބޭއްވުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. އެހެންނަމަވެސް، އެފަދައިން ބާއްވާ އަޑުއެހުން، މި މާއްދާގެ (ބ) ގައި ބަޔާންކުރާ މުއްދަތުގެ ކުރިން ބާއްވަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގެ ދަށުން ބާއްވާ އަޑުއެހުމުގައި އޮންނާނީ ހަމައެކަނި ފަނޑިޔާރު ސާފުކުރަންޖެހޭ ކަންކަން ސާފުކުރުމެވެ. އެ އަޑުއެހުމުގައި އިތުރު ކަންކަން ނުވަތަ ހެކި ހުށަހެޅުމުގެ ފުރުޞަތު މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކަށް ލިބިގެނެއްނުވެއެވެ.

 

152 ވަނަ މާއްދާ – ފަނޑިޔާރަށް ށަރީއަތް ކުރިއަށް ނުގެންދެވޭނެ ހާލަތެއް މެދުވެރިވުން

ޝަރީޢަތް ހިނގަމުން ދަނިކޮށް ނުވަތަ ޝަރީޢަތުގެ އަޑުއެހުން ނިމި، ޙުކުމް އިއްވަންވެފައި ވަނިކޮށް ފަނޑިޔާރު ބަލިވެއްޖެނަމަ ނުވަތަ މަރުވެއްޖެނަމަ ނުވަތަ ފަނޑިޔާރުގެ މަޤާމުގެ ދައުރު ހަމަވެއްޖެނަމަ ނުވަތަ އެ ޝަރީޢަތެއް ފެށުމުގެ ކުރިން މެދުވެރިވެފައިނުވާ ނުވަތަ އެނގިފައިނުވާ، އެ ފަނޑިޔާރެއްގެ މަޞްލަޙަތު ފުށުއަރާ ކަމެއް މެދުވެރިވުމުގެ ސަބަބުން އެ ޝަރީޢަތެއް ހިންގުމަށް ފަނޑިޔާރަކު ނުކުޅެދިއްޖެނަމަ، ނުވަތަ އެ ޝަރީޢަތެއް ހިންގުމަށް އެނޫންވެސް ގޮތަކުން ނުކުޅެދިއްޖެނަމަ، އަންނަނިވި ދެގޮތުންކުރެ ގޮތަކަށް އެ މައްސަލައިގައި ޢަމަލުކުރުމަށް ކޯޓަށް ކަނޑައެޅިދާނެއެވެ. އަދި އެގޮތުން ކަނޑައަޅާ ގޮތް، ސަބަބާއެކު މައްސަލައިގައި ހިމެނޭ ދެ ފަރާތަށް، އެ ކޯޓު ހިންގުމާ ޙަވާލުވެހުރި ފަނޑިޔާރަކު އަންގަންވާނެއެވެ.

(ހ) އެ ކޯޓަކަށް ޚާއްޞަކުރެވިފައިވާ އެހެން ފަނޑިޔާރަކު އެ މައްސަލައިގެ ޝަރީޢަތް ކުރިއަށްގެންދިއުމަށް ކަނޑައެޅުން؛ ނުވަތަ

(ށ) އެ މައްސަލައިގެ ޝަރީޢަތް އަލުން ބޭއްވުމަށް ކަނޑައެޅުން.

 

 

އެކާވީސްވަނަ ބާބު

ހުކުމްކުރުން

153 ވަނަ މާއްދާ - ހުކުމްކުރުމުގެ މަޖިލިސް ލަސްނުކޮށް ބޭއްވުން

ދަޢުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ފަނޑިޔާރު ކަނޑައަޅާ ޙާލަތުގައި، އޭނާގެ މައްޗަށް ޙުކުމްކުރުމަށް ބާއްވަންޖެހޭ މަޖިލިސް ލަސްނުކޮށް ބާއްވަންވާނެއެވެ.

 

154 ވަނަ މާއްދާ – ހުކުމްކުރުން

ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި ފަނޑިޔާރު ޙުކުމްކުރަންވާނީ، ހުށަހެޅިފައިވާ ދަޢުވާއަށާއި، ދިފާޢުތަކަށާއި، ހުށަހެޅުނު ހެއްކަށާއި، ޝަރީޢަތަށް ހާޒިރުކުރެވުނު ހެކީންގެ ހެކިބަހަށް ރިޢާޔަތްކުރުމަށްފަހު، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށެވެ.

(ހ) ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަނޑައެޅުން؛ ނުވަތަ

(ށ) ދަޢުވާ ލިބޭ ފަރާތް އެ މައްސަލައިގައި ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭކަމަށް ކަނޑައެޅުން؛ ނުވަތަ

(ނ) ދަޢުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުން.

 

155 ވަނަ މާއްދާކުށް ސާބިތު ނުވާކަމަށް ކަނޑައެޅުން

(ހ) މި ގާނޫނުގެ 154 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކުރާ ގޮތްތަކުގެ ތެރެއިން ގޮތަށް ފަނޑިޔާރު ކަނޑައަޅައިފިނަމަ، ހަމަ އެ މަޖިލީހުގައި އެ ޙުކުމް އިއްވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގެ ދަށުން ޙުކުމް އިއްވާއިރު، އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ:

  1. ދެ ފަރާތުން ހުށަހެޅި ހެއްކަށް ރިޢާޔަތްކުރާއިރު، ކުށުގެ ޢަމަލު ހިނގާފައިވާ ގޮތާ ގުޅޭގޮތުން ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން؛
  2. ފަނޑިޔާރު ނިންމީ ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަމުގައިވާނަމަ، އެ ނިންމުމަށް ވާސިލުވުމުގައި ރިޢާޔަތްކުރި ކަންކަމާއި އެ ނިންމުން އެފަދައިން ނިންމި ސަބަބުތައް؛
  3. ފަނޑިޔާރު ނިންމީ ދަޢުވާ ލިބޭ ފަރާތް އެ މައްސަލައިގައި ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭކަމަށް ކަމުގައިވާނަމަ، އެކަން ސާބިތުކުރުމަށްޓަކައި ދަޢުވާ ލިބޭ ފަރާތުން ނަގާފައިވާ ދިފާޢެއް އޭނާއަށް ސާބިތުކޮށްދެވުނު ކަމަށް ފަނޑިޔާރު ނިންމި ސަބަބުތައް.

 

156 ވަނަ މާއްދާކުށް ސާބިތުވާކަމަށް ކަނޑައެޅުން

(ހ) މި ގާނޫނުގެ 154 ވަނަ މާއްދާގެ ދަށުން ފަނޑިޔާރު ނިންމީ ދަޢުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަމުގައިވާނަމަ، އެފަދައިން އޭނާގެ މައްޗަށް ޙުކުމްކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޙުކުމެއް އިއްވާއިރު، އަންނަނިވި ކަންކަން އެ ޙުކުމުގައި ބަޔާންކުރަންވާނެއެވެ:

  1. ދެ ފަރާތުން ހުށަހެޅި ހެއްކަށް ރިޢާޔަތްކުރާއިރު، ކުށުގެ ޢަމަލު ހިނގާފައިވާ ގޮތާ ގުޅޭގޮތުން ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން؛
  2. ދަޢުވާ ލިބޭ ފަރާތުން ދިފާޢެއް ހުށަހަޅާފައިވާނަމަ، އެ ދިފާޢު އޭނާއަށް ސާބިތުކޮށްނުދެވުނު ކަމަށް ފަނޑިޔާރު ނިންމި ސަބަބުތައް؛
  3. ދަޢުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމުމުގައި ފަނޑިޔާރު ރިޢާޔަތްކުރި ކަންކަމާއި އެ ނިންމުން އެފަދައިން ނިންމި ސަބަބުތައް؛
  4. ދަޢުވާ ލިބޭ މީހާ ކުށަށް އިޢުތިރާފުވެފައިވާނަމަ އެކަން؛
  5. ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް ކަނޑައެޅޭ އަދަބު؛
  6. ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް އަދަބު ކަނޑައެޅުމުގައި، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު ޠަޠުބީޤުކޮށްފައިވާ ގޮތް؛
  7. ދަޢުވާ ލިބޭ މީހަކީ މި ގާނޫނުގެ 104 ވަނަ މާއްދާގައި ބަޔާންކުރާ އިޢުތިރާފުގެ އެއްބަސްވުމެއް ޕްރޮސިކިއުޓަރ ޖެނެރަލްއާއެކު ވެފައިވާ މީހެއް ކަމުގައިވާ ޙާލަތުގައި އެ އެއްބަސްވުން ކޯޓުން ބަލައިގަތްނަމަ، އެކަން؛
  8. ދަޢުވާ ލިބޭ މީހާގެ މައްޗަށް ކަނޑައެޅޭ އަދަބު، މި ގާނޫނުގެ 104 ވަނަ މާއްދާގައި ބަޔާންކުރާ އިޢުތިރާފުގެ އެއްބަސްވުމުގައިވާ ގޮތުގެމަތިން ލުއިކޮށްދޭނަމަ، އެކަން؛
  9. ކުށުގެ އަނިޔާ ލިބުނު ފަރާތަށް ގެއްލުމުގެ ބަދަލު ނަގައިދޭންޖެހޭނަމަ އެކަމާއި، ބަދަލު ދޭންޖެހޭ ގޮތާއި، އެގޮތުން ދޭންޖެހޭ ބަދަލުގެ ޢަދަދު؛
  10. ދައުލަތަށް ނަގަންޖެހޭ ފައިސާއެއް ނުވަތަ މުދަލެއްވާނަމަ، އެ ފައިސާ ނުވަތަ މުދާ ދައުލަތަށް ނެގުމަށް ކުރާ އަމުރު.

(ނ) ފަނޑިޔާރު ޙުކުމް އިއްވަންވާނީ އަނގަބަހުންނެވެ. އަދި ފަނޑިޔާރު އަނގަބަހުން އިއްވާގޮތަށް، އަކުރުން އަކުރަށް ޙުކުމް ލިޔެފައި އޮންނަންވާނެއެވެ. އަދި ޙުކުމް އިއްވުމަށްފަހު ފަނޑިޔާރު އެ ވަގުތު އެ ޙުކުމުގައި ސޮއިކުރަންވާނެއެވެ.

(ރ) ދަޢުވާ ލިބޭ މީހާގެ މައްޗަށް ޙުކުމް އިއްވާ ވަގުތު ދަޢުވާ ލިބޭ މީހާއާއި އޭނާގެ ވަކީލު ހުންނަންވާނީ ކޮޅަށް ތެދުވެއެވެ.

 

157 ވަނަ މާއްދާ - ހުކުމަށް ބަދަލުނުގެނައުން

ފަނޑިޔާރު މި ގާނޫނުގެ 154 ވަނަ މާއްދާގެ ދަށުން ޙުކުމް އިއްވުމަށްފަހު، ހިސާބު ޖެހުމުގައި އަރާފައިއޮތް އޮޅުމެއް ނުވަތަ ލިޔުމުގައިވާ ޢިމްލާކުށެއް ނުވަތަ ހާމަކަންބޮޑު ގޮތެއްގައި އޮޅިގެން އުނިވެފައިވާ ތަނެއް އިޞްލާޙުކުރުން ފިޔަވައި ޙުކުމަށް އެއްވެސް ބަދަލެއް ގެނެސްގެންނުވާނެއެވެ.

 

158 ވަނަ މާއްދާ – އިސްތިއުނާފްކުރުމުގެ ފުރުސަތު އޮތްކަން އެންގުން

ފަނޑިޔާރު ކަނޑައެޅި ޙުކުމާމެދު ދަޢުވާ ލިބޭ ފަރާތުން ހިތްހަމަނުޖެހޭނަމަ، މި ގާނޫނުގެ ނަވާވީސްވަނަ ބާބުގެ ދަށުން އިސްތިއުނާފުކުރުމުގެ ޙައްޤު އޭނާއަށް ލިބިގެންވާ ކަމާއި، އެ މައްސަލަ އިސްތިއުނާފުކުރުމަށް އޭނާއަށް ލިބޭނެ މުއްދަތު، ފަނޑިޔާރު އޭނާއަށް އަންގަންވާނެއެވެ.

 

 

ބާވީސްވަނަ ބާބު

އަދަބު ކަނޑައެޅުން

159 ވަނަ މާއްދާ - އަދަބު ކަނޑައެޅުން

(ހ) ދަޢުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ފަނޑިޔާރު ކަނޑައަޅާ ޙާލަތުގައި، ދަޢުވާ ލިބޭ މީހާގެ މައްޗަށް އަދަބު ކަނޑައަޅަންވާނީ، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްޢުޤޫބާތު) ގެ ތިންވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ށ) އަދަބު ކަނޑައެޅުމުގެ ކުރިން ފަނޑިޔާރު އަންނަނިވި ކަންތައްތައް ގާނޫނުލްޢުޤޫބާތުގައި ނުވަތަ ކުށް ކަނޑައަޅާ އެހެން ޤާނޫނެއްގައި ކަނޑައަޅާފައިވާ ގޮތަށް ބަލައި، ރިޢާޔަތްކުރަންވާނެއެވެ.

  1. ކުށުގެ ޒިންމާ އުފުލުމުގެ އަސާސްތައް ފުރިހަމަވެފައިވާ މިންވަރު؛
  2. ކުށުގެ ރުކުންތައް ފުރިހަމަވެފައިވާ މިންވަރު.

 

160 ވަނަ މާއްދާއަދަބު ކަނޑައެޅުމަށް ވަކި މަހިލީހެއް ބޭއްވުން

ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ޙުކުމްކުރާ މަޖިލީހުގައިވެސް، ނުވަތަ އަދަބު ކަނޑައެޅުމަށް ވަކިން ބާއްވާ މަޖިލީހެއްގައިވެސް ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް އަދަބު ކަނޑައެޅިދާނެއެވެ. އެހެންނަމަވެސް، އަދަބު ކަނޑައެޅުމުގެ މަޖިލިސް ވަކިން ބާއްވާނަމަ، އެފަދައިން ބާއްވާ މަޖިލިސް، މައްސަލައިގެ ޙުކުމްކުރާތާ އެންމެ ލަސްވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ބާއްވަންވާނެއެވެ.

 

161 ވަނަ މާއްދާއަދަބު ކަނޑައެޅުމުގެ އުސޫލާ އެއްގޮތަށް އަމަލުކުރުން

ދަޢުވާ ލިބޭ މީހާގެ މައްޗަށް އަދަބު ކަނޑައަޅަންވާނީ ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްޢުޤޫބާތު) ގެ ތިންވަނަ ބައިގައި ބަޔާންވެގެންވާ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑާއި، އަދަބު ކަނޑައެޅުމުގެ އުސޫލާ އެއްގޮތްވާ ގޮތުގެމަތިންނެވެ. ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް ސާބިތުވާ ކުށަކީ ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްޢުޤޫބާތު) ގައި ހިމެނޭ ކުށެއް ކަމުގައިނުވާނަމަ، އެ ކުށަށް އަދަބު ކަނޑައެޅުމުގައި ރިޢާޔަތްކުރަންވާނީ، އެ ކުށް ކަނޑައަޅާ ގާނޫނުގައ ބަޔާންކޮށްފައިވާ އުސޫލަށެވެ.

 

 

ތޭވީސްވަނަ ބާބު

އަވަސްނިޔާއިން މައްސަލަ ބެލުން

162 ވަނަ މާއްދާ – ކުށަށް އިއުތިރާފްވެފައިވާ މީހުންގެ މައްސަލަ އަވަސްނިޔާއިން ބެލުން

(ހ) އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިޢުތިރާފުވެފައިވާ މީހުންގެ މައްސަލަތަކުގެ ޝަރީޢަތް ހިންގަންވާނީ މި ބާބުގައިވާ ގޮތުގެމަތިން އަވަސްނިޔާއިންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އަވަސްނިޔާއިން ބެލޭ މައްސަލަތަކުގައި، ޝަރީޢަތުގެ އަޑުއެހުން ފަށަންވާނީ އެއީ އަވަސްނިޔާއިން ބެލުމަށް ހަމަޖެހިފައިވާ މައްސަލައެއްކަން ފަނޑިޔާރު އިޢުލާންކުރުމާއެކުގައެވެ. އަދި އެ މައްސަލައިގެ ދަޢުވާ ލިބޭ ފަރާތަކީ ކޮބައިކަމާއި، އެ މައްސަލަ އަވަސްނިޔާއިން ބެލުމަށް ތާވަލުކުރެވިފައިވަނީ ދަޢުވާ ލިބޭ ފަރާތް އިބްތިދާއީ އަޑުއެހުމުގައި އޭނާއާ ދެކޮޅަށް ކުރެވިފައިވާ ދަޢުވާއަށް އިޢުތިރާފުވުމުން ކަމުގައިވެސް ބަޔާންކުރަންވާނެއެވެ. 

(ނ) ދަޢުވާ ލިބޭ ފަރާތުން އިބްތިދާއީ އަޑުއެހުމުގައި ވެފައިވަނީ ޞައްޙަ އިޢުތިރާފެއްކަން ފަނޑިޔާރު ޔަޤީންކުރުމަށްފަހު، އޭނާ އިޢުތިރާފުވި ކުށް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި، ފަނޑިޔާރު ޙުކުމްކުރަންވާނެއެވެ. އަދި ހަމަ އެމަޖިލީހުގައި އޭނާގެ މައްޗަށް އަދަބު ކަނޑައަޅަންވާނެއެވެ.

(ރ) ދަޢުވާ ލިބޭ ފަރާތަކީ، މި ގާނޫނުގެ 104 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއާއެކު އިޢުތިރާފުގެ އެއްބަސްވުމެއް ވެފައިވާ ފަރާތެއްނަމަ، އަދި އެ އެއްބަސްވުމަކީ އިބްތިދާއީ އަޑުއެހުމުގައި ފަނޑިޔާރު ބަލައިގެންފައިވާ އެއްބަސްވުމެއްނަމަ، އޭނާގެ މައްޗަށް އަދަބު ކަނޑައަޅަންވާނީ، އެ އެއްބަސްވުމުގައި އެއްބަސްވެފައިވާ ގޮތުގެމަތިންނެވެ.

(ބ) ދަޢުވާ ލިބޭ ފަރާތަކީ، މި ގާނޫނުގެ 104 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއާއެކު އިޢުތިރާފުގެ އެއްބަސްވުމެއް ވެފައިވާ ފަރާތެއް ކަމުގައިނުވާނަމަ، ނުވަތަ އިޢުތިރާފުވެ އެއްބަސްވުން ބަލައިނުގަތުމަށް އިބްތިދާއީ އަޑުއެހުމުގައި ފަނޑިޔާރު ނިންމާފައިވާނަމަ، އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅި ކުށަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބު، ގާނޫނުގައިވާ ގޮތުގެމަތިން ފަނޑިޔާރު ކަނޑައަޅަންވާނެއެވެ.

 

 

ސައުވީސްވަނަ ބާބު

ށަރީއަތާގުޅޭ އާންމު އުސޫލު

 

163 ވަނަ މައްދާ – މެދުކެނޑުމެއްނެތި ށަރީއަަތުގެ އަޑުއެހުންތައް ކުރިއަށްގެންދިއުން

(ހ) ޝަރީޢަތުގެ އަޑުއެހުންތައް ފެށުމަށްފަހު، މެދުކެނޑުމެއްނެތި އެޝަރީޢަތް ހިންގޭނެ އިންތިޒާމު، މައްސަލަ ބަލާ ފަނޑިޔާރު ހަމަޖައްސަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ޝަރީޢަތެއް މެދުކަނޑާލުމަކީ ޢަދުލުއިންޞާފު ޤާއިމުކުރުމުގެ މަޞްލަޙަތުގައި އޮތްކަމެއް ކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެ ޝަރީޢަތެއް ކުރު މުއްދަތަކަށް މެދުކަނޑާލެވިދާނެއެވެ.

 

164 ވަނަ މާއްދާ – ށަރީއަތް މެދުކަނޑާލުމާއި ފަސްކުރުން

(ހ) ޝަރީޢަތެއް ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލާނަމަ، އެކަން، ފަނޑިޔާރު އިޢުލާންކުރަންވާނެއެވެ. އަދި އަލުން ފަށާއިރު ފަށާކަން އިޢުލާންކުރަންވާނެއެވެ.

(ށ) ޝަރީޢަތެއް މެދުކަނޑާލަނީ އެހެން ތާރީޚެއްގައި ކުރިއަށްގެންދިޔުމަށްނަމަ، އެކަން، ސަބަބު ބަޔާންކޮށް، ފަނޑިޔާރު އިޢުލާންކުރަންވާނެއެވެ. އަދި ޝަރީޢަތުގެ އެ އަޑުއެހުމުގެ ބާކީ ބައި ކުރިއަށްގެންދާނެ ތާރީޚަކާއި ގަޑި އެ މަޖިލީހުގައި ފަނޑިޔާރު އިޢުލާންކުރަންވާނެއެވެ.

 

165 ވަނަ މާއްދާ – އިއުތިރާޒްކުރުން

(ހ) ޝަރީޢަތެއް ކުރިއަށްދާއިރު ޝަރީޢަތުގެ އުސޫލުތަކާ ޚިލާފަށް މައްސަލައިގައި ހިމެނޭ ފަރާތަކުން ޢަމަލުކުރަމުންދާކަމަށް މައްސަލައިގައި ހިމެނޭ އަނެއް ފަރާތަށް ފެންނަނަމަ، އެކަމަށް އިޢުތިރާޟްކުރެވިދާނެއެވެ. އިޢުތިރާޟުކުރާނީ، "އިޢުތިރާޟުކުރަން" އެފަދައިން ބަޔާންކުރުމަށްފަހު ތެދުވެހުރެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލައިގައި ހިމެނޭ ފަރާތަކުން އިޢުތިރާޟްކުރާކަން ހާމަކުރުމާއެކު، އޭނާ އިޢުތިރާޟްކުރާ ސަބަބު ބަޔާންކުރަންވާނެއެވެ. މިގޮތުން، އިޢުތިރާޟްކުރެވޭނީ އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބެއް އޮވެގެންނެވެ.

  1. ޝަރީޢަތަށް ހުށަނޭޅޭނެ ހެކި ބަހެއް ހުށަހަޅަން މަސައްކަތްކުރާ ޙާލަތުގައި؛
  2. ހެކިބަސް ދޭ މީހާއާ ލީޑިންގ ސުވާލުކުރާ ޙާލަތުގައި؛
  3. ހެކިބަސް ދޭ މީހާއަށް ފުރައްސާރަކުރާ ޙާލަތުގައި.

(ނ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލައިގައި ހިމެނޭ ފަރާތަކުން އިޢުތިރާޟެއް ކޮށްފިނަމަ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ފަނޑިޔާރު ޢަމަލުކުރަންވާނެއެވެ.

  1. އިޢުތިރާޟް ބަލައިގަތުން؛
  2. އިޢުތިރާޟް ޤަބޫލުނުކުރުން.

(ރ) އިޢުތިރާޟެއް ބަލައިގެންފި ކަމަށް މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގެ ދަށުން ފަނޑިޔާރު އެންގުމުން، އަނެއް ފަރާތުން ކުރަމުންދިޔަ ކަމެއް ވަގުތުން ހުއްޓާލަންވާނެއެވެ.

(ބ) އިޢުތިރާޟެއް ޤަބޫލުނުކުރާ ކަމަށް މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގެ ދަށުން ފަނޑިޔާރު އެންގުމުން، އަނެއް ފަރާތުން ކުރަމުންދިޔަ ކަމެއް ކުރިއަށްގެންދެވިދާނެއެވެ.

 

166 ވަނަ މާއްދާ - ށަރީއަތް ކުރާ ބަސް

(ހ) ޝަރީޢަތުގެ އެންމެހައި މަރުޙަލާއެއް ކުރިއަށް ގެންދަންވާނީ، އަދި އެންމެހައި ލިޔެކިޔުންތަކާއި ރެކޯޑުތައް ބަލަހައްޓަންވާނީ ދިވެހި ބަހުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އިނގިރޭސި ބަހާއި އަރަބި ބަހުން ހުންނަ ޑޮކިއުމެންޓްތައް، އޭގެ ދިވެހި ތަރުޖަމާ ހުށަނޭޅުނުކަމުގައިވިޔަސް ކޯޓުތަކުން ބަލައިގަނެ، މައްސަލަތައް ކުރިޔަށް ގެންދަންވާނެއެވެ. އަދި އިނގިރޭސި ބަހާއި އަރަބި ބަސް ނޫން ބަސްބަހުން ލިޔެފައިވާ ޑޮކިއުމެންޓްތައް ކޯޓުތަކަށް ހުށަހަޅަންވާނީ އިނގިރޭސި، ދިވެހި ނުވަތަ އަރަބި ބަހުންކުރެ ބަހަކުން ތަރުޖަމާ ކޮށްގެންނެވެ.

 

167 ވަނަ މާއްދާ – ކުށުގެ ތުހުމަތުގައިވާ މީހާއަށް ދިވެހިބަސް ނޭނގުން ނުވަތަ ލިޔަންކިޔަން ނޭނގުން

(ހ) ކުށުގެ ދަޢުވާ އުފުލިފައިވާ މީހަކީ، ދިވެހި ބަހުން ލިޔަންކިޔަން ނުދަންނަ މީހެއްނަމަ، އަދި އޭނާ ވަނީ ޤާނޫނީ ވަކީލަކު ޢައްޔަންކުރުމުގެ ފުރުޞަތު ދޫކޮށްލާފައިނަމަ، އޭނާއާ ދެކޮޅަށް ހިންގޭ ޝަރީޢަތެއްގައި ބަދަލުކުރެވޭ ލިޔެކިޔުމާއި، ނެގޭ ބަޔާންތަކާއި، މައްސަލައާ ގުޅުންހުރި އެހެނިހެން ލިޔުންތަކުގައިވާ އެއްޗެއް އޭގައިވާ ގޮތަށް އެ މީހަކަށް ވިސްނިފައިވާކަން ފަނޑިޔާރު ކަށަވަރުކުރަންވާނެއެވެ.

(ށ) ކުށުގެ ދަޢުވާ އުފުލިފައިވާ މީހަކީ ދިވެހި ބަސް ނޭނގޭ މީހެއްނަމަ، ނުވަތަ ދިވެހި ބަހުން ރަނގަޅަށް ވާހަކަދައްކައި، ދިވެހި ބަހުން ލިޔަންކިޔަން ނުދަންނަ މީހަކުނަމަ، އެ މީހެއްގެ ޝަރީޢަތް ކުރިއަށް ގެންދަންވާނީ އެ މީހަކަށް ރަނގަޅަށް ވާހަކަދައްކަން އެނގޭ ބަހަކުން ވާހަކަދައްކަން ދަންނަ ތަރުޖަމާނެއްގެ އެހީގައެވެ. އަދި މި މާއްދާގެ (ރ) ގެ ދަށުން އެ މީހަކު އަމިއްލައަށް ތަރުޖަމާނަކު ހަމަޖައްސާފައިނުވާ ޙާލަތުގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އޭނާއަށް ކޯޓުން ތަރުޖަމާނަކު ހަމަޖައްސައިދޭންވާނެއެވެ.

(ނ) ދިވެހިބަސް ނޭނގޭ މީހަކު ކޯޓުގެ ފަރާތުން ހަމަޖައްސައިދޭ ތަރުޖަމާނެއްގެ އެހީ ބޭނުންވާނަމަ، ކަނޑައެޅިފައިވާ ފޯމު މެދުވެރިކޮށް ހުށަހަޅާނީ ކޯޓަށެވެ.

(ރ) ދިވެހިބަސް ނޭނގޭ މީހަކު އަމިއްލައަށް ތަރުޖަމާނަކު ހަމަޖައްސަން ބޭނުންވާނަމަ، ކަނޑައެޅިފައިވާ ފޯމު މެދުވެރިކޮށް ހުށަހަޅާނީ ކޯޓަށެވެ.

 

168 ވަނަ މާއްދާ - ރެކޯޑު ބެލެހެއްޓުން

(ހ) ކޯޓަށް ހުށަހެޅޭ އެންމެހައި ޖިނާއީ ދަޢުވާތަކާ ގުޅިގެން އަންނަނިވި މަޢުލޫމާތާއި ލިޔެކިޔުން ކޯޓުން ބަލަހައްޓަންވާނެއެވެ.

  1. ހުށަހަޅާފައިވާ ދަޢުވާއާއި ދަޢުވާއާގުޅޭ އެންމެހައި ލިޔެކިޔުން؛
  2. ޝަރީޢަތުގެ މަޖިލީހުގައި ނެގޭ ހެކިބަސް؛
  3. ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ އަޑު ނުވަތަ އަޑާއި މަންޒަރު ރެކޯޑު ކުރެވިފައިވާނަމަ އެ ރެކޯޑިންތަކާއި، އެ ރެކޯޑިންތަކަށް އުނިއިތުރެއް ނުގެނެސް ލިޔާ ބަޔާންތައް؛
  4. ހެކިބަހުގެ ގޮތުގައި ފަހުން ބޭނުންކުރުމަށްޓަކައި، ދޭ ނުވަތަ ރެކޯޑުކުރެވޭ ބަޔާން؛
  5. ކޯޓަށް ހުށަހެޅިފައިވާ އެއްވެސް ލިޔުމެއްގައި ދަޢުވާ ލިބޭ ފަރާތުގެ ޙައްޤެއް ދޫކޮށްލިކަމަށް ބަޔާންކޮށްފައިނުވާ ޙާލަތުތަކުގައި، އެ ޙައްޤެއް ދޫކޮށްލިކަމަށް ދަޢުވާ ލިބޭ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދޭ ބަޔާން؛
  6. ކޯޓުގެ އަމުރުތަކާއި، ޙުކުމްތަކާއި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުތައް؛ އަދި
  7. މިނޫންވެސް މައްސަލައާ ގުޅިގެން ބަލަހައްޓަންޖެހޭކަމަށް އެހެން ޤާނޫނެއްގައި ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެންމެހައި ތަކެތި.

(ށ) ޖިނާއީ ބޮޑެތި ކުށްތަކުގެ ޝަރީޢަތްތަކުގައި، މައްސަލައިގައި ހިމެނޭ ޚަޞްމުންނާއި، ހެކީންނާއި، ޚަބީރުން އަނގަބަހުން ދައްކާ ވާހަކަތަކުގެ އަޑު ނުވަތަ އަޑާއި މަންޒަރު ރެކޯޑުކުރަންވާނެއެވެ. ނުވަތަ ސްޓެނޮޓައިޕް ވަސީލަތެއް ބޭނުންކޮށްގެން އެ ފަރާތްތަކުން އަނގަބަހުން ދައްކާ ވާހަކަތައް އަކުރުން އަކުރަށް ވަގުތުން ލިޔަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އަޑު ނުވަތަ އަޑާއި މަންޒަރު ރެކޯޑުކުރާނަމަ، ވީއެންމެ އަވަހަކަށް އެ ރެކޯޑިންގއާ އެއްގޮތަށް އަކުރުން އަކުރަށް ބަޔާން ލިޔަންވާނެއެވެ. އަދި ބަޔާން ލިޔުނު މީހާ ރެކޯޑިންގއާ އެއްގޮތަށް ބަޔާން ލިޔުނުކަމަށް އެ ބަޔާނުގައި ސޮއިކުރަންވާނެއެވެ. މި މާއްދާގެ ދަށުން ލިޔާ ބަޔާނަކީ، ސްޓެނޮޓައިޕް ވަސީލަތެއް ބޭނުންކޮށްގެން އަކުރުން އަކުރަށް ވަގުތުން ލިޔާ ބަޔާނެއް ކަމަށްވާނަމަ، އެކަން ކުރި މީހާ އެކަން ކުރުމަށްފަހު އެ ލިޔުމުގައި ސޮއިކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އަޑު ނުވަތަ އަޑާއި މަންޒަރު ރެކޯޑުކުރެވޭނެ އިންތިޒާމު، މި ގާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ އެންމެހައި ކޯޓުތަކެއްގައި ހަމަޖައްސަންވާނެއެވެ.

 

169 ވަނަ މާއްދާ – މައްސަލައިގެ ރެކޯޑިންގ އަޑުއެހުމާއި ބަޔާންތައް ބެލުމުގެ ފުރުޞަތު

(ހ) ޝަރީޢަތުގައި ހިނގަމުންދާ މައްސަލަތަކުގައި ދައުލަތުން ނުވަތަ ދަޢުވާ ލިބޭ ފަރާތުން އެދެފިނަމަ، ޝަރީޢަތުގެ މަޖިލީހުގައި ރެކޯޑުކޮށްފައިވާ ރެކޯޑިންގ އަޑުއެހުމާއި، ލިޔެފައިވާ ބަޔާންތައް ބެލުމުގެ ފުރުޞަތު އެ ފަރާތަކަށް ކޯޓުން ދޭންވާނެއެވެ. އަދި އެ ބަޔާންތަކުގެ ކޮޕީ ނެގުމަށް އެއިން ފަރާތަކުން އެދިއްޖެނަމަ އެ ފުރުޞަތުވެސް ދޭންވާނެއެވެ.

(ށ) ޢާންމުކޮށް ހުޅުވާލެވިގެން ބާއްވާ ޝަރީޢަތްތަކުގެ ތެރެއިން، ޙުކުމްކޮށް ނިމި، ޝަރީޢަތް ނިމިފައިވާ މައްސަލަތަކުގައި މައްސަލައާ ގުޅުންހުރި ފަރާތްތަކަށާއި، ޤާނޫނީ ވަކީލުންނަށާއި، ދަރިވަރުންނަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ބަލައި، ކޮޕީ ހަދައި، ރެކޯޑިންގތައް އަޑުއެހުމުގެ ފުރުޞަތު ކޯޓުން ދޭންވާނެއެވެ. އަދި އެކަމަށްޓަކައި އެކަށޭނަ ފީއެއް ކަނޑައެޅުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

(ނ) ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ ޝަރީޢަތުގެ މަޖިލިސްތަކުގައި ނެރޭ ކޯޓު އަމުރުތަކާއި ކުރާ ޙުކުމްތައް، އެ ތަކެތި ބޭނުންވާ ފަރާތްތަކަށް ލިބޭނެ އިންތިޒާމް ކޯޓުން ހަމަޖައްސައިދޭންވާނެއެވެ.

(ރ) މި މާއްދާގައި ބަޔާންކުރާ ލިޔެކިޔުންތައް ބެލުމަށާއި، ރެކޯޑިންގތައް އަޑުއެހުމަށް، ދޫކުރާނީ ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

 

170 ވަނަ މާއްދާ - ކޯޓުގެ ހުރުމަތް ކެނޑުން

ޝަރީޢަތް ހިނގަމުންދާއިރު، މައްސަލައިގައި ހިމެނޭ ފަރާތަކުން ނުވަތަ ޝަރީޢަތަށް ހާޒިރުކުރެވޭ ހެއްކަކު ނުވަތަ ޚަބީރަކު، ނުވަތަ މައްސަލަ އަޑުއެހުމަށް ވަންނަ ފަރާތަކުން، ކޯޓުގެ ޙުރުމަތް ކެނޑޭފަދަ ކަމެއް ކޮށްފިނަމަ، އެ މީހަކު ކޯޓުގެ ޙުރުމަތް ކެނޑީ ކަމަށް ކަނޑައަޅައި، އެ މީހެއްގެ މައްޗަށް ވަގުތުން އަންނަނިވި އަދަބުތަކުގެ ތެރެއިން އަދަބެއް ކަނޑައެޅުމުގެ އިޚްތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ.

(ހ) 15 (ފަނަރަ) ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން؛

(ށ) 1 (އެކެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން؛

(ނ) 15,000 (ފަނަރަހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން.

 

 

ފަންސަވީސްވަނަ ބާބު

ށަރީއަތަށް މީހުން ހާޒިރުކުރުން

171 ވަނަ މައްދާ - ކޯޓަށް ހާޒިރުވުމުގެ އަމުރު

(ހ) ދަޢުވާ ލިބޭ މީހުންނާއި ހެކީންނާއި އެނޫންވެސް އެކިއެކި ބޭނުންތަކަށް ކޯޓަށް ހާޒިރުކުރަންޖެހޭ މީހުން ހާޒިރުކުރުމަށް ކޯޓު އަމުރު ފޮނުވުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ. މިގޮތުން ފޮނުވާ އަމުރުގައި ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

  1. ހާޒިރުވާންވީ މީހާގެ ނަމާއި، ދާއިމީ އަދި ވަގުތީ އެޑްރެސް؛
  2. ހާޒިރުވާންވީ ތަނާއި ދުވަހާއި ގަޑި؛
  3. ހާޒިރުކުރެވެނީ ކޮން ދަޢުވާއަކާ ގުޅިގެންކަން؛
  4. ހާޒިރުކުރެވެނީ ޝަރީޢަތުގެ ކޮން މަރުޙަލާއަކަށްކަން؛
  5. ހާޒިރުކުރެވޭ ހައިސިއްޔަތު؛
  6. ހާޒިރުނުވެއްޖެނަމަ އެޅިދާނެ ފިޔަވަޅު؛
  7. އެ އަމުރުގައި ހިމަނަން ކޯޓަށް ފެންނަ އެހެނިހެން މަޢުލޫމާތު؛
  8. ހުއްދަކުރާ ފަނޑިޔާރުގެ ސޮއި އަދި ކޯޓުގެ ތައްގަނޑު.

(ށ) ހާޒިރުވުމުގެ އަމުރެއް ފޮނުވެނީ ދަޢުވާ ލިބޭ ފަރާތަށް ކަމުގައިވާނަމަ، އޭނާއާމެދު ތުހުމަތުކުރެވިފައިވާ ކުށުގެ ޚުލާޞާއެއް އަމުރުގައި ހިމަނަންވާނެއެވެ.

(ނ) ކޯޓަށް ހާޒިރުވުމަށް އަންގާ އަމުރުގެ ނުފުށުގައި، ހާޒިރުވާ މީހުން ސަމާލުކަން ދޭންޖެހޭ ކަންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

172 ވަނަ މާއްދާ - އަމުރު ރައްދުކުރުން

(ހ) ކޯޓަށް ހާޒިރުވާންޖެހޭ މީހާއަށް ހާޒިރުވުމުގެ އަމުރު ރައްދުކުރެވެން އޮތްނަމަ، ހާޒިރުވުމުގެ އަމުރު އެ މީހާއާ ޙަވާލުކުރުމުން އަމުރު ރައްދުކުރެވުނީއެވެ. ކޯޓަށް ހާޒިރުވާންޖެހޭ މީހާއާ ކޯޓަށް ހާޒިރުވުމުގެ އަމުރު ޙަވާލުނުކުރެވިއްޖެނަމަ، އޭނާ ދިރިއުޅޭ ގޭގައި އުޅޭ ތަޞައްރަފު ފުދިފައިވާ މީހަކާ އަމުރު ޙަވާލުކުރުމުން، އަމުރު ރައްދުކުރެވުނީކަމަށް ބެލެވޭނެއެވެ.

(ށ) މި މާއްދާގައިވާ ގޮތުގެމަތިން ހާޒިރުވުމުގެ އަމުރު ޙަވާލުކުރެވިފައި ވަނިކޮށް، އަމުރު ލިބެންވާ ފަރާތުން އަމުރު ލިބުނު ކަމަށް އިންކާރުކުރާ ޙާލަތުގައި، ކޯޓުގެ ފަރާތުން އަމުރު ޙަވާލުކުރަން ދިޔަ ފަރާތުން، އަމުރު ޙަވާލުކުރި ކަމަށްބުނެ ދޭ ހެކިބަހަކީ، ހާޒިރުވުމުގެ އަމުރު ރައްދުވިކަމުގެ ފުރިހަމަ ހެކިބަހެއް ކަމުގައި ބެލެވޭނެއެވެ.

 

173 ވަނަ މާއްދާ - އަމުރު ރައްދުކުރާ ފަރާތް

(ހ) ހާޒިރުވުމުގެ އަމުރު ޢާންމު ގޮތެއްގައި ކޯޓުގެ މުވައްޒަފުން ރައްދުކުރާ ގޮތަށް އޮތްކަމުގައި ވީނަމަވެސް، ކޯޓުން ކަނޑައަޅާ ޙާލަތްތަކުގައި، ރަޖިސްޓަރީ ޕޯސްޓްގެ ޒަރީއާއިން ނުވަތަ ކޯޓުން ކަނޑައަޅާ އެހެން ފަރާތެއް މެދުވެރިކޮށް ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޕޯސްޓްގެ ޒަރީއާއިން ހާޒިރުވުމުގެ އަމުރު ރައްދުކުރާ ޙާލަތްތަކުގައި، އެ މީހަކު ދިރިއުޅޭ އެޑްރެހަކަށް އަމުރު ރައްދުކުރިކަމަށް ސޮއިކުރުވާފައި، ޕޯސްޓް އޮފީހުން ކޯޓަށް ހުށަހަޅާ ސްލިޕް ބެލެވޭނީ، ހާޒިރުވުމުގެ އަމުރު ރައްދުވިކަމުގެ ހެއްކެއްގެ ގޮތުގައެވެ.

(ނ) އަމުރު ރައްދުވާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޖަމްޢިއްޔާއެއްނަމަ، އެ ކުންފުންޏެއް ނުވަތަ ޖަމްޢިއްޔާއެއް ރަޖިސްޓަރީކޮށްފައިވާ އޮފީހެއްގެ އެޑްރެހަށް އަމުރު ރައްދުކުރިކަމަށް ސޮއިކުރުވާފައި، ޕޯސްޓް އޮފީހުން ކޯޓަށް ހުށަހަޅާ ސްލިޕް ބެލެވޭނީ، އެ ފަރާތަށް އަމުރު ރައްދުވިކަމުގެ ހެއްކެއްގެ ގޮތުގައެވެ.

 

174 ވަނަ މާއްދާ - ކޯޓަށް ހާޒިރުވުން

(ހ) ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބޭ ކޮންމެ މީހަކު އެ އަމުރުގައި ކަނޑައަޅާފައިވާ ތާރީޚުގައި، އެ އަމުރުގައި ކަނޑައަޅާފައިވާ ގަޑިއަށް ކޯޓަށް ހާޒިރުވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުވެ، މަޤްބޫލު ޢުޛުރެއް ނެތި އަމުރުގައިވާ ގަޑިއަށް ހާޒިރުނުވެއްޖެނަމަ، ނުވަތަ އަމުރު ބަލައިނުގެންފިނަމަ، ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވީ ކަމަށް ބަލައި، އޭނާއާމެދު ފިޔަވަޅުއެޅުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ. ހާޒިރުނުވި މީހަކީ ނުވަތަ އަމުރު ބަލައިނުގަތް މީހަކީ، ދަޢުވާ ލިބޭ ފަރާތް ކަމުގައިވާނަމަ، އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމުގެ އިޚްތިޔާރުވެސް ކޯޓަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކޯޓަށް ހާޒިރުވުމަށް އަމުރު ރައްދުވެ، މަޤްބޫލު ޢުޛުރެއްނެތި ގަޑިއަށް ކޯޓަށް ހާޒިރުނުވެއްޖެނަމަ، އެ މީހަކު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ޖޫރިމަނާކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

(ރ) ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބިފައިވަނިކޮށް، މަޤްބޫލު ޢުޛުރެއް ދިމާވެގެން ކޯޓަށް ހާޒިރުވެވެން ނެތްނަމަ، ސަބަބު ބަޔާންކޮށް، އަމުރުގައިވާ ގަޑީގެ 1 (އެކެއް) ގަޑިއިރު ކުރިން، އެކަން ކޯޓަށް އަންގަންވާނެއެވެ. މަޤްބޫލު ޢުޛުރެއް ކަމަށް ބަލާނީ ތިރީގައިވާ ޙާލަތްތަކުންކުރެ ޙާލަތެއް މެދުވެރިވުމެވެ.

  1. ހާޒިރުވާންޖެހޭ މީހާ ކޯޓަށް ހާޒިރުނުވެވޭފަދަ ބައްޔެއްވުން؛
  2. މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ދަތުރާއި، އެއްގަމު ދަތުރު ކުރެވޭގޮތް ނުވުން؛
  3. ފަނޑިޔާރަށް ޤަބޫލުކުރެވޭ އެހެން ޢުޛުރެއް މެދުވެރިވުން.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން ކޯޓަށް ހާޒިރުނުވެވުނު ސަބަބަކީ ބަލިވުން ކަމަށްވާނަމަ، ކޯޓުން ދޫކުރާ މެޑިކަލް ފޯމު ފުރުމަށްފަހު ސަރުކާރު ބަންދުނޫން 2 (ދޭއް) ދުވަހުގެ ތެރޭގައި، ކޯޓަށް ހުށަހަޅަންވާނެއެވެ. 

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެފަދަ ތަނަކުން ފުރިހަމަކޮށްގެން ގެންނަ ލިޔުމެއްގެ ތެދު ދޮގު ސާބިތުކުރަންޖެހޭފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެ ފޯމުގައި ސޮއިކޮށްފައިވާ ފަރާތްތައް ކޯޓަށް ހާޒިރުކުރެވިދާނެއެވެ.

 

175 ވަނަ މާއްދާ – އެހެން ރަށެއްގައި ނުވަތަ ގައުމެއްގައި ހުރި މީހަކަށް އަމުރު ރައްދުކުރުން

(ހ) ކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހާ ހުރީ މައްސަލައިގެ ޝަރީޢަތް ހިންގާ ކޯޓު ހުރި ރަށް ނޫން އެހެން ރަށެއްގައި ކަމަށްވާނަމަ، އެ މީހަކު ހާޒިރުކޮށްދިނުމުގެ އަމުރު ރައްދުކޮށްދިނުމަށް އެދޭނީ އެ މީހަކު ހުރި ރަށެއްގެ ކޯޓުގައެވެ. އެ މީހަކު ހުރިރަށުގައި ކޯޓެއް ނެތްނަމަ، އެ އަމުރު ރައްދުކުރާނީ އެ މީހަކު ހުރި ރަށާ އެންމެ ކައިރީގައިވާ ރަށެއްގެ ރަށު ކޯޓުންނެވެ. 

(ށ) މި މާއްދާގެ (ހ) ގައިވާ ޙާލަތުގައި އެ މީހަކަށް ރައްދުކުރާނީ އެ މާއްދާގައި ބަޔާންކުރާ ރަށެއްގެ ކޯޓުން ތައްޔާރުކޮށްފައިވާ އަމުރެކެވެ. ނަމަވެސް އެ އަމުރަކަށް ހާޒިރުނުވެގެން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ މައްސަލައިގެ ޝަރީޢަތް ހިންގާ ކޯޓުންނެވެ.

(ނ) ކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހާ ހުރީ ދިވެހިރާއްޖެއިން ބޭރުގައި ކަމަށްވާނަމަ، އެ މީހަކު ހާޒިރުކޮށްދިނުމުގެ އަމުރު ރައްދުކޮށްދިނުމަށް އެދޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެ ޤައުމެއްގެ ކަމާބެހޭ ފަރާތެއްގައެވެ.

 

176 ވަނަ މާއްދާމީހުން ހާޒިރުކުރުމާބެހޭ ގަވާއިދު

ޝަރީޢަތަށް މީހުން ހާޒިރުކުރުމާއި، ހާޒިރުކުރުމުގެ އަމުރު ނެރުމާއި އަމުރު ރައްދުކުރުމާބެހޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

177 ވަނަ މާއްދާ – ހެކީން ހާޒިރުކުރުމުގައި ހިނގާ ޚަރަދު

(ހ) ދަޢުވާ ލިބޭ ފަރާތުން ހާޒިރުކުރަން ބޭނުންވާ މީހަކު ހުރީ މައްސަލައިގެ ޝަރީޢަތް ހިންގާ ކޯޓު ހުރި ރަށް ނޫން އެހެން ރަށެއްގައި ނުވަތަ ރާއްޖެއިން ބޭރުގައި ކަމަށްވާނަމަ، ދަޢުވާ ލިބޭ ފަރާތުން ހާޒިރުކުރަން ބޭނުންވާ މީހާގެ ދަތުރު ޚަރަދާއި، އެ މީހަކު އެ ރަށުގައި ހުރުމަށް ހިނގާނެ ޚަރަދު އުފުލާނީ ދަޢުވާ ލިބޭ ފަރާތުންނެވެ. 

(ށ) ދައުލަތުން ހާޒިރުކުރަން ބޭނުންވާ ހެއްކަކު ހުރީ ޝަރީޢަތް ހިންގާ ކޯޓު ހުރި ރަށް ނޫން އެހެން ރަށެއްގައި ނުވަތަ ރާއްޖެއިން ބޭރުގައި ކަމަށްވާނަމަ، ދައުލަތުން ހާޒިރުކުރަން ބޭނުންވާ މީހާގެ ދަތުރު ޚަރަދާއި، އެ މީހަކު އެ ރަށުގައި ހުރުމަށް ހިނގާނެ ޚަރަދު އުފުލާނީ ދައުލަތުންނެވެ. 

(ނ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ދަޢުވާ ލިބޭ ފަރާތާއި ދައުލަތުން އުފުލަންޖެހޭ ޚަރަދުތައް އުފުލާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

178 ވަނަ މާއްދާ – ބަންދުގައި ތިބޭ މީހުން ކޯޓަށް ހާޒިރު ކުރުން

ކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހަކީ ބަންދުގައި ހުރި މީހެއްނަމަ، އޭނާ ކޯޓަށް ހާޒިރުކުރުމަށް ނެރޭ އަމުރު، އޭނާ ބަންދުކޮށްފައި ހުރި ތަނުގެ އިދާރާއަށް ފޮނުވުމުން، އެ އަމުރު އެ މީހާއަށް ރައްދުކޮށް، އެ އަމުރުގައި ކަނޑައަޅާފައިވާ ގަޑިއަށް އެ އިދާރާއިން އޭނާ ހާޒިރުކޮށްދޭންވާނެއެވެ.

 

179 ވަނަ މާއްދާ – ކޯޓަށް ހާޒިރުވާ މީހުންގެ ހެދުން

ކޯޓަށް ހާޒިރުވާ މީހުން ކޯޓަށް ހާޒިރުވާންވާނީ ކޯޓުގެ ޙުރުމަތާ އެކަށީގެންވާ ހެދުމެއް އަޅައިގެންނެވެ. ކޯޓަށް ހާޒިރުވާއިރު ހެދުން އެޅުމުގައި ބަހައްޓަންޖެހޭ މިންގަނޑުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

  

ސައްބީސްވަނަ ބާބު

ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓު

 

180 ވަނަ މާއްދާ – ކޮންމެ މައްސަލައެއްގައި ށަރީއަތް ނުމުނު ގޮތުގެ ރިޕޯޓެއް އޮތުން

ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކުން ހިންގާ ޝަރީޢަތެއްގައި، ޙުކުމްކޮށް، އަދަބުކަނޑައަޅާ ނިމުމުން، އެ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓެއް މައްސަލަ ބެލި ފަނޑިޔާރު ތައްޔާރުކުރަންވާނެއެވެ.

 

181 ވަނަ މާއްދާ – ރިޕޯޓްގައި ހިމެނެންޖެހޭ ކަންތައްތައް

(ހ) ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ތިރީގައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

  1. ދަޢުވާ ލިބޭ މީހާގެ ކާކުކަން އަންގައިދޭ މަޢުލޫމާތު؛
  2. ދަޢުވާ ލިބޭ މީހާގެ ޢުމުރު ނުވަތަ އުފަން ތާރީޚް؛
  3. މައްސަލަ ކޯޓަށް ހުށަހެޅުނު ތާރީޚާއި ނިމުނު ތާރީޚް؛
  4. ދައުލަތުން ކުރާ ދަޢުވާގެ ބާވަތާއި ދަޢުވާގެ ޚުލާޞާ؛
  5. ދަޢުވާއާގުޅޭ ލިޔުންތައް؛
  6. މި ގާނޫނުގެ 155 ވަނަ މާއްދާގެ (ށ) ގައި ނުވަތަ 156 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މަޢުލޫމާތު ހިމެނޭގޮތުން، އެ މައްސަލައިގައި ކޮށްފައިވާ ޙުކުމް؛
  7. ރިޕޯޓުގައި ހިމެނުމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިތުރު މަޢުލޫމާތު.

(ށ) ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި މައްސަލަ ބެލި ފަނޑިޔާރު ސޮއިކޮށް، ކޯޓުގެ ތައްގަނޑު ޖަހަންވާނެއެވެ.

 

182 ވަނަ މާއްދާ – މައްސަލައާ ގުޅުންހުރި ފަރާތްތަކުން ރިޕޯޓް ހޯދުމަށް އެދުން

މައްސަލައާ ގުޅުންހުރި ފަރާތްތަކުން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ހޯދުމަށް އެދިއްޖެނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، އެ ރިޕޯޓުގެ އަސްލާ އެއްގޮތްކަމުގެ ކޮޕީއެއް، ވީއެންމެ އަވަހަކަށް އެ ފަރާތަށް ދޫކުރަންވާނެއެވެ.

 

 

ހަވަނަ ބައި

ށަރީއަތުގެ ފަހުގެ މަރުހަލާ

 

ހަތާވީސްވަނަ ބާބު

ހުކުމް ތަންފީޒުކުރުން

183 ވަނަ މާއްދާހުކުމް ތަންފީޒުކުރުމުގެ އަމުރު

ދަޢުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކޯޓުން ކުރި ޙުކުމްގައިވާ އަދަބަކީ ޖަލުގައި ނުވަތަ އެނޫންވެސް ތަނެއްގައި ބަންދުކުރުން ކަމުގައިވާނަމަ، އެ އަދަބެއް ތަންފީޛުކުރުމަށް، އަދަބު ތަންފީޛުކުރާ އިދާރާއަށް ކޯޓުން އަމުރުކުރަންވާނެއެވެ.

 

184 ވަނަ މާއްދާހުކުމް ތަންފީޒުކުރުމުގެ އަމުރުގައި ހިމަނަންޖެހޭ ކަންކަން

ޙުކުމް ތަންފީޛުކުރުމަށްޓަކައި މި ގާނޫނުގެ 183 ވަނަ މާއްދާގެ ދަށުން އަދަބު ތަންފީޛުކުރާ އިދާރާއަށް ކޯޓުން ފޮނުވާ އަމުރުގައި އަންނަނިވި މަޢުލޫމާތު ހިމަނަންވާނެއެވެ.

(ހ) ކުށްވެރިޔާގެ ކާކުކަން އަންގައިދޭ މަޢުލޫމާތު؛

(ށ) ކުށްވެރިޔާގެ ޢުމުރު ނުވަތަ އުފަން ތާރީޚް؛

(ނ) ކުށްވެރިޔާ ހުރީ ބަންދުގައިނަމަ، އޭނާ ބަންދުގައި ހުރި ތަނަކާއި ބަންދުގައި ހުރި ގޮތް؛

(ރ) ސާބިތުވި ކުށް؛

(ބ) ތަންފީޛުކުރަންޖެހޭ އަދަބު؛

(ޅ) ޙުކުމްކުރި ކޯޓާއި ޤަޟިއްޔާ ނަންބަރު؛

(ކ) ޙުކުމްކުރި ތާރީޚް؛

(އ) ޙުކުމްކުރަންދެން ބަންދުގައި ހުރިނަމަ ބަންދުގައި ހުރި މުއްދަތު.

 

185 ވަނަ މާއްދާ – އެއް ހުކުމަށްވުރެ ގިނަ ހުކުމް ތަންފީޒުކުރުން

މީހެއްގެ މައްޗަށް އެއް ޙުކުމަށްވުރެ ގިނަ ޙުކުމް ކަނޑައަޅާފައިވާ ޙާލަތެއްގައި، ޙުކުމް ތަންފީޛުކުރާނީ، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްޢުޤޫބާތު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

186 ވަނަ މާއްދާ – ބަންދުގައި ހުރި މުއްދަތު ހުކުމުގެ މުއްދަތުން ކެނޑުން

ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ޝަރީޢަތުން ޙުކުމްކުރަންދެން ދަޢުވާ ލިބޭ މީހާ ބަންދުގައި ހުންނަ ޙާލަތުގައި، ދަޢުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވެގެން ކޯޓުން އޭނާގެ މައްޗަށް ކުރި ޙުކުމުގައިވާ އަދަބަކީ ބަންދުކުރުން ކަމުގައިވާނަމަ، ޙުކުމްކުރަންދެން ބަންދުގައި ހުރި މުއްދަތު، ޙުކުމުގެ މުއްދަތުން ކަނޑަންވާނެއެވެ.

 

187 ވަނަ މާއްދާ - ކުށުގެ ރެކޯޑު ބެލެހެއްޓުން

ޙުކުމް ތަންފީޛުކުރުމުގެ އަމުރުގެ އަސްލާ އެއްގޮތް ކޮޕީއެއް، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓަން ހަމަޖެހިފައިވާ އިދާރާއަށް ފޮނުވަންވާނެއެވެ. އެފަދަ އިދާރާއެއް ކަނޑައެޅިފައި ނުވާނަމަ، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބެލެހެއްޓުމަށްޓަކައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިދާރާއަށް އެ ރެކޯޑުގެ ކޮޕީ ފޮނުވަންވާނެއެވެ.

 

188 ވަނަ މާއްދާ - ޖޫރިމަނާ ދެއްކުން

(ހ) ދަޢުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވެގެން ކޯޓުން އޭނާގެ މައްޗަށް ކުރި ޙުކުމުގައިވާ އަދަބަކީ ޖޫރިމަނާކުރުން ކަމުގައިވާނަމަ، އެ ޙުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް އެ މީހަކު އެ ޖޫރިމަނާ ދައްކަންވާނެއެވެ. މިގޮތުން ޖޫރިމަނާކުރިކަން އަންގައިދޭ ލިޔުމެއް މައްސަލަ ބަލައި ޙުކުމްކުރި ކޯޓުން ތައްޔާރުކޮށް ދަޢުވާ ލިބޭ މީހާއަށް ވަގުތުން ދޭންވާނެއެވެ. އެ ލިޔުމުގައި ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހިމެނެންވާނެއެވެ.

  1. ކުށްވެރިޔާގެ ކާކުކަން އަންގައިދޭ މަޢުލޫމާތު؛
  2. ކުށްވެރިޔާގެ ބައްޕަ ނުވަތަ މަންމަގެ ފުރިހަމަ ނަން؛
  3. ކުށްވެރިޔާގެ ޢުމުރު ނުވަތަ އުފަން ތާރީޚް؛
  4. ސާބިތުވި ކުށް؛
  5. ޖޫރިމަނާ ދައްކަންވީ ގޮތާއި ޢަދަދު؛
  6. ޙުކުމްކުރި ކޯޓާއި ޤަޟިއްޔާ ނަންބަރު؛
  7. ޙުކުމްކުރި ތާރީޚް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާ ކުރިކަން އަންގައިދޭ ލިޔުމުގެ އަސްލާ އެއްގޮތް ކޮޕީއެއް އަދަބު ތަންފީޛުކުރާ އިދާރާއަށާއި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށާއި، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓަން ހަމަޖެހިފައިވާ އިދާރާއަށް ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ނުދައްކައިފިނަމަ، ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އެ ފައިސާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ ފަރާތުން ޢަމަލުކުރާ އުސޫލުން އެ ފައިސާ ދައުލަތަށް ނަގަންވާނެއެވެ.

(ރ) މަރުކަޒީކޮށް ކުށުގެ ރެކޯޑު ބެލެހެއްޓުމަށްޓަކައި ކަމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

189 ވަނަ މާއްދާ – ދަރަނި ސާބިތުވިކަން އެންގުމާއި ދަރަނި ދެއްކުން

(ހ) ޖިނާއީ މައްސަލައެއްގެ ޝަރީޢަތް ނިމި ޙުކުމްކުރިއިރު އެ ކުށުގެ ސަބަބުން ގެއްލުންވި ފަރާތަށް ގެއްލުމުގެ ބަދަލު ނަގައިދޭން ނިންމާފައިވާނަމަ، އެފަދަ ގެއްލުމުގެ ބަދަލަކީ ކުށް ސާބިތުވި މީހާ، އެ ފަރާތަށް ދައްކަންޖެހޭ ދަރަންޏެކެވެ. ޙުކުމުގައި ބުނެފައިވާ ގޮތަށް އެ ދަރަނި އޭނާ އަދާކޮށް ނިންމަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ދަރަނި ދައްކަންޖެހޭނީ މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ އިބްތިދާއީ ކޯޓަށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ފަދައިން މައްސަލަ ނިމުމުން ދަރަނި ސާބިތުވީކަން އަންގައިދޭ ލިޔުމެއް، ކުށް ސާބިތުވި މީހާއަށާއި ދަރަނި ލިބެންޖެހޭ މީހާއަށް ކޯޓުން ދޭންވާނެއެވެ. އެ ލިޔުމުގައި އަންނަނިވި މަޢުލޫމާތު ހިމެނެންވާނެއެވެ.

  1. ކުށްވެރިވި މީހާގެ ކާކުކަން އަންގައިދޭ މަޢުލޫމާތު؛
  2. ކުށްވެރިވި މީހާގެ ޢުމުރު ނުވަތަ އުފަން ތާރީޚް؛
  3. ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ ޢަދަދު؛
  4. ޙުކުމްކުރި ކޯޓާއި ޤަޟިއްޔާ ނަންބަރު؛
  5. ޙުކުމްކުރި ތާރީޚް؛
  6. ދަރަނި ލިބެންޖެހޭ ފަރާތް.

 

190 ވަނަ މާއްދާ – ދަރަނީގެ މައުލޫމާތު ބެލެހެއްޓުން

(ހ) މި ގާނޫނުގެ 189 ވަނަ މާއްދާގެ (ނ) ގައި ބަޔާންވެގެންވާ ލިޔުމުގެ އަސްލާ އެއްގޮތް ކޮޕީއެއް، ދަރަންޏާބެހޭ މަޢުލޫމާތު ބަލަހައްޓާ މަރުކަޒީ އިދާރާއަށް ފޮނުވަންވާނެއެވެ. އަދި ދަރަންޏާބެހޭ މަޢުލޫމާތު މަރުކަޒީކޮށް ބެލެހެއްޓުމަށްޓަކައި މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ އިބްތިދާއީ ކޯޓުގެ ފައިސާއާބެހޭ ސެކްޝަނަށް އެ ލިޔުމުގެ ކޮޕީ ފޮނުވަންވާނެއެވެ.

(ށ) ދަރަނި ދައްކަންޖެހޭ ފަރާތުން މި ގާނޫނުގެ 189 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ކޯޓަށް ދަރަނި ދެއްކުމުން، ވީއެންމެ އަވަހަކަށް ދަރަނި ލިބެންވާ ފަރާތަށް އެ ފައިސާ ރައްދުކުރަންވާނެއެވެ. އަދި ދަރަނީގެ މަޢުލޫމާތު މަރުކަޒީކޮށް ބެލެހެއްޓުމަށްޓަކައި އެ ދަރަނި ދައްކާ ނިންމިކަން ވީއެންމެ އަވަހަކަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިދާރާއަށް ލިޔުމަކުން އަންގަންވާނެއެވެ.

 

191 ވަނަ މާއްދާކުށް ސާބިތުނުވާ ހާލަތުގައި ބަންދުން ދޫކުރުން

ދަޢުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކޯޓުން ޙުކުމްކުރާއިރު، އެ މީހަކީ ބަންދުގައި ހުރި މީހެއްނަމަ، އެ މީހަކު ބަންދުން ދޫކޮށްލުމަށް އެ މީހަކު ބަންދުގައި ބަހައްޓާފައި ހުރި ތަނުގެ އިދާރާއަށް ކޯޓުން ވަގުތުން އަންގަންވާނެއެވެ.

 

އަށާވީސްވަނަ ބާބު

ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގުން

192 ވަނަ މާއްދާ – ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުން

ދަޢުވާ ލިބޭ ފަރާތުން ކުރި ކުށުގެ ސަބަބުން، އެ ފަރާތަށް އެއްވެސް މުދަލެއް ނުވަތަ ފައިސާއެއް ލިބިފައިވާކަން ޝަރީޢަތަށް ސާބިތުވާ ޙާލަތުގައި، އެ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް ޤާނޫނަކުން ކަނޑައަޅާފައިވާނަމަ، އެގޮތަށް އެކަން ކުރުމަށް ކޯޓުން އަމުރުކުރަންވާނެއެވެ. އަދި އެ މުދަލާއި ފައިސާ ބޭނުންކޮށްގެން އިތުރު މުދަލާއި ފައިސާ ހޯދާފައިވާ ކަމަށް ޝަރީޢަތަށް ސާބިތުވެފައިވާނަމަ، އެ ފައިސާއާއި މުދާވެސް ދައުލަތަށް ނެގުމަށް ކޯޓުން އަމުރުކުރަންވާނެއެވެ.

 

193 ވަނަ މާއްދާ – މުދަލާއި ތަކެތި ދައުލަތުން ނެގުމަކީ އަދަބުގެ ބައެއް ނޫންކަން

ދަޢުވާ ލިބޭ ފަރާތުން ކުރި ކުށުގެ ސަބަބުން، އެ ފަރާތަށް އެއްވެސް މުދަލެއް ނުވަތަ ފައިސާއެއް ލިބިފައިވާކަން ޝަރީޢަތަށް ސާބިތުވާ ޙާލަތުގައި، އެ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް ކޯޓުން ކުރާ އަމުރަކީ އެ ކުށަކަށް ކަނޑައަޅާ އަދަބުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ.

 

194 ވަނަ މާއްދާ – ފަހުން ފެންނަ މުދާ ނުވަތަ ފައިސާ

ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް ކޯޓުން އަމުރުކުރި ފަހުން ހަމައެފަދަ އެހެން މުދާތަކެއް ނުވަތަ ފައިސާތަކެއް ފެނިގެން އެ ފައިސާ ނުވަތަ އެ މުދާ ކުރިން ކޮށްފައިވާ އަމުރުގައި ބަޔާންކޮށްފައިވާ މުދަލާއި ފައިސާގެ ތެރޭގައި ހިމެނުމަށް، ދައުލަތުން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، އިތުރު އަމުރެއް ނެރުމުގެ ނުވަތަ ކުރިން ކޮށްފައިވާ އަމުރު އިޞްލާޙުކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

 

195 ވަނަ މާއްދާ – ދައުލަތަށް ނެގުމަށް އަމުރުކޮށްފައިވާ މުދަލެއް ނުވަރަ ފައިސާއެއްގެ ބަދަލުގައި އެހެން މުދަލެއް ނުވަތަ ފައިސާއެއް ދައުލަތަށް ނެގުން

ދަޢުވާ ލިބޭ ފަރާތުން ކުރާ ކަމެއްގެ ސަބަބުން ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއްގެ ސަބަބުން އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް މެދުވެރިވެއްޖެނަމަ، ދައުލަތަށް ނެގުމަށް ކޯޓުން އަމުރުކޮށްފައިވާ މުދާ ނުވަތަ ފައިސާގެ ބަދަލުގައި އެ މުދަލުގެ ނުވަތަ ފައިސާގެ އަގާ އެއްވަރު މުދަލެއް ނުވަތަ ފައިސާއެއް ނެގުމުގެ އިޚްތިޔާރު ދައުލަތަށް ލިބިގެންވެއެވެ.

(ހ) އެ މުދާ ނުވަތަ ފައިސާ ތިންވަނަ ފަރާތަކަށް ވިއްކާލާފައިވުން ނުވަތަ ދީފައިވުން؛

(ށ) އެ މުދާ ނުވަތަ ފައިސާ ދައުލަތުގެ ބާރު ނުހިނގާ ހިސާބަކަށް ގެންގޮސްފައިވުން؛

(ނ) އެ މުދަލުގެ ނުވަތަ ފައިސާގެ އަގު އެކަށީގެންނުވާ މިންވަރަކަށް ދަށަށް ގޮސްފައިވުން؛

(ރ) އެ މުދާ ނުވަތަ ފައިސާ ފަސޭހައިން ވަކިނުކުރެވޭ ގޮތަށް އެހެން މުދަލަކާ ނުވަތަ ފައިސާއަކާ އެއްކޮށްލާފައިވުން.

 

196 ވަނަ މާއްދާ – ތިންވަނަ ފަރާތެއްގެ ހައްގެއް އޮތުން

ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ދައުލަތަށް ނެގުމަށް ކޯޓުން އަމުރުކޮށްފައިވާ ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާގައި ތިންވަނަ ފަރާތެއްގެ ޙައްޤެއް އޮތްކަމަށްވާނަމަ، އެ ޙައްޤު ހޯދުމަށްޓަކައި ކަމާބެހޭ ކޯޓަށް ހުށަހެޅުމުގެ ޙައްޤު އެ ފަރާތަކަށް ލިބިގެންވެއެވެ.

 

197 ވަނަ މާއްދާ – މުދަލާއި ފައިސާ ދައުލަތުން ނެގުމުގެ އަމުރު ތަންފީޒުކުރުން

ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެން ދައުލަތުން ކަނޑައަޅާ ފަރާތަކަށް އަންނަނިވި ކަންކަން ކުރެވިދާނެއެވެ.

(ހ) ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާގެ ތެރެއިން ދައުލަތަށް ނެގުމަށް ކޯޓުން އަމުރުކޮށްފައިވާ މުދަލާއި ފައިސާ އަތުލުން؛

(ށ) ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާގެ ތެރެއިން ދައުލަތަށް ނެގުމަށް ކޯޓުން އަމުރުކޮށްފައިވާ މުދަލާއި ފައިސާ ހޯދައި ދެނެގަތުމަށްޓަކައި ހޯދަންޖެހޭ ހޯދުންތަކާއި ކުރަންޖެހޭ ކަންކަން ކޯޓުން ޤަބޫލުކުރާ ގޮތަކަށް ކުރުން؛

(ނ) ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނަގާއިރު ތިންވަނަ ފަރާތެއްގެ ޙައްޤަކާ ބެހޭގޮތުން ކޯޓު އަމުރަކުން ނުވަތަ އެއްވެސް ޤާނޫނެއްގައި ވަކިގޮތަކަށް ކަމެއް ކުރުން ލާޒިމުކުރާނަމަ އެކަން އެގޮތަށް ކުރުން.

 

ނަވާވީސްވަނަ ބާބު

އިސްތިއުނާފުކުރުން

198 ވަނަ މާއްދާ – އިސްތިއުނާފުކުރުން

 މި ގާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ދަށު ކޯޓަކުން ކޮށްފައިވާ ޙުކުމެއް، ނުވަތަ ނެރެފައިވާ އަމުރެއް ނުވަތަ އެއިން ކޯޓަކުން ނިންމާފައިވާ އެނޫންވެސް ނިންމުމެއް، ގާނޫނުއަސާސީއާ ނުވަތަ ޝަރުޢީ އުސޫލަކާ ނުވަތަ ޤާނޫނަކާ ޚިލާފުކަމަށް ޤަބޫލުކުރެވިގެން، އެކަން ފާހަގަކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި ކަމާބެހޭ ފަރާތަކުން ޙުކުމެއް ނުވަތަ އަމުރެއް ނުވަތަ ނިންމުމެއް އިސްތިއުނާފުކުރެވިދާނެއެވެ.

 

199 ވަނަ މާއްދާ - ކުށް ސާބިތުނުވާކަމަށް ކުރި ހުކުމް އިސްތިއުނާފްކުރުން

(ހ) ކުށް ސާބިތުނުވާކަމަށް ނުވަތަ ދަޢުވާ ލިބޭ މީހާ ޖިނާއީ މަސްއޫލިއްޔަތު އުފުލަންނުޖެހޭކަމަށް މައްސަލަ ބެލި ކޯޓުން ކުރާ ޙުކުމް އިސްތިއުނާފުކުރުމުގެ އިޚްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ފަދައިން އިސްތިއުނާފުކުރާއިރު ދަޢުވާ ލިބުނު މީހަކީ ހައިކޯޓުގެ އިސްތިއުނާފު މަރުޙަލާ ނިމެންދެން ބަންދުގައި ހުންނަންޖެހޭ މީހެއް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފެނިއްޖެނަމަ، އޭނާ ބަންދުކުރުމުގެ އަމުރެއް ނެރެދިނުމަށް ހައިކޯޓުގައި އެދުމުގެ އިޚްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ފަދައިން ޕްރޮސިކިއުޓަރ ޖެނެރަލް އެދުމުން، ދަޢުވާ ލިބޭ މީހާ ބަންދުގައި ބަހައްޓަން ހައިކޯޓުގެ ފަނޑިޔާރުން ނިންމައިފިނަމަ، މި ގާނޫނުގެ ތިންވަނަ ބައިގައިވާ ގޮތުގެމަތިން ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްދިނުމަށް ފަނޑިޔާރުންގެ ކިބައިން އެދުމުގެ އިޚްތިޔާރު ދަޢުވާ ލިބޭ މީހާއަށް ލިބިގެންވެއެވެ.

 

200 ވަނަ މާއްދާކުށް ސާބިތުވާކަމަށް ކުރި ހުކުމް އިސްތިއުނާފްކުރުން

މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ދަށު ކޯޓަކުން ކޮށްފައިވާ ޙުކުމް، ދަޢުވާ ލިބޭ ފަރާތުން އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.

 

201 ވަނަ މާއްދާ – ކަނޑައަޅާފައިވާ އަދަބު އިސްއުނާފްކުރުން

މައްސަލަ ބެލި ކޯޓުން އަދަބު ކަނޑައަޅާފައިވަނީ އަދަބު ކަނޑައެޅުމުގެ އުސޫލާ ޚިލާފަށް ކަމަށް ފެނިއްޖެނަމަ، މައްސަލަ ބެލި ކޯޓުން ކަނޑައެޅި އަދަބު އިސްތިއުނާފުކުރުމުގެ އިޚްތިޔާރު ދައުލަތަށާއި ދަޢުވާ ލިބޭ ފަރާތަށް ލިބިގެންވެއެވެ.

 

202 ވަނަ މާއްދާ – މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް ކުރާ އަމުރު އިސްތިއުނާފްކުރުން

މި ގާނޫނުގެ އަށާވީސްވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް ކޯޓުން ކުރާ އަމުރު އިސްތިއުނާފުކުރުމުގެ ޙައްޤު ކަމާބެހޭ ފަރާތްތަކަށް ލިބިގެންވެއެވެ.

 

203 ވަނަ މާއްދާ – ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުން

ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލަ ނިންމާފައިވާގޮތް ގާނޫނުއަސާސީއާ ނުވަތަ ޝަރުޢީ އުސޫލަކާ ނުވަތަ ޤާނޫނަކާ ޚިލާފުކަމަށް ޤަބޫލުކުރެވިގެން، އެކަން ފާހަގަކޮށް، ސުޕްރީމް ކޯޓުގައި ކަމާބެހޭ ފަރާތަކުން އިސްތިއުނާފުކުރެވިދާނެއެވެ.

 

ހަތްވަނަ ބައި

އެހެނިހެން

 

ތިރީސްވަނަ ބާބު

އާންމު މާއްދާތައް

204 ވަނަ މާއްދާކޯޓު އަމުރު ދޫކުރުމުގެ އުސޫލު

މި ގާނޫނުގެ ދަށުން ކޯޓު އަމުރެއް ހޯދައިގެން މެނުވީ ގާނޫނު ތަންފީޛުކުރާ އިދާރާތަކަށް ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ ކަންކަމުގައި، އެ އަމުރު ދޫކުރުމުގައި ޢަމަލުކުރާނެ ގަވާއިދެއް، އަންނަނިވި އުސޫލުތައް އެކުލެވޭގޮތަށް މި ގާނޫނުގެ ދަށުން ހަދައި، ޢާންމުކުރަންވާނެއެވެ.

(ހ) ވަކި ކޯޓަކަށް ޚާއްޞަވެގެންވާ ކަމަކަށް އެކަންވުމުގެ ބަދަލުގައި، އެކި ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން މާލޭގައި ކޯޓު އަމުރު ދޫކުރެވިދާނެ މަދުވެގެން 15 (ފަނަރަ) ފަނޑިޔާރުން ކަނޑައެޅުން؛

(ށ) އެއިން ފަނޑިޔާރަކު ކޯޓު އަމުރު ދޫކުރުމަށް ހަފްތާއެއްގެ ތެރޭގައި ޚާއްޞަވާންޖެހޭ ދުވަސް ކަނޑައެޅުން؛

(ނ) ވިދިވިދިގެން ދެ ދުވަހު އެއް ފަނޑިޔާރަކު ކޯޓު އަމުރު ދޫނުކުރެވޭނެ ގޮތްވުން؛

(ރ) ކޯޓު އަމުރު ދޫކުރުމުގައި ފަނޑިޔާރުން ދައުރުވާ އުސޫލަކުން ކޯޓު އަމުރު ދޫކުރުމުގެ އުސޫލު ހަމަޖެހުން؛

(ބ) އެ ފަނޑިޔާރަކު ދޫކުރާ ކޯޓު އަމުރަކީ، އެ ފަނޑިޔާރަކު ނިސްބަތްވާ ކޯޓަކުން ދޫކުރާ ކޯޓު އަމުރެއްކަމުގައި ބެލުން؛

(ޅ) އަތޮޅުތަކުގައި ކޯޓު އަމުރު ދޫކުރާނެ މެޖިސްޓްރޭޓުން ކަނޑައެޅުން؛

(ކ) ކޯޓު އަމުރު ދޫކުރުމަކީ، ފަނޑިޔާރަކު ހުންނަ ތަނަކަށް ގާނޫނު ތަންފީޛުކުރާ އިދާރާގެ އޮފިސަރުން ގޮސް، އެކަމާގުޅޭ ލިޔުން ހުށަހެޅުމުން، އެ އަމުރު ދޫކުރުމާއި ދޫނުކުރުމާމެދު އެ ވަގުތު ގޮތެއް ކަނޑައަޅަންޖެހޭގޮތަށް އޮންނަކަމަކަށްވުން.

 

205 ވަނަ މާއްދާކުޑަކުއްޖެއް ނުވަތަ ނަފްސާނީގޮތުން ނުވަތަ ޖިސްމާނީގޮތުން އުނިކަމެއް ލިބިފައިވާ މީހުންނާމެދު އަމަލުކުރެވޭ އުސޫލު

(ހ) ޖިނާއީ ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ ފަރާތަކީ ކުޑަކުއްޖެއް ނުވަތަ ނަފްސާނީ ގޮތުން ގެއްލުމެއް ލިބިފައިވާ މީހެއް ނުވަތަ ލޮލަށް ފެނުމުގައި ނުވަތަ ކަންފަތަށް އަޑުއިވުމުގައި ނުވަތަ ވާހަކަ ދެއްކުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް އުނިކަމެއް ހުރި މީހެއް ނުވަތަ ލިޔަންކިޔަން ނުދަންނަ މީހެއް ކަމުގައި، ގާނޫނު ތަންފީޛުކުރާ ފަރާތަށް ޤަބޫލުކުރެވޭނަމަ ނުވަތަ އެ ފަރާތަށް އެފަދަ މަޢުލޫމަތެއް ލިބިފައިވާނަމަ، އެކަމާ ދެކޮޅަށް ހެކި ލިބިފައިނުވާހާ ހިނދަކު، އެ މީހަކާމެދު ޢަމަލުކުރަންވާނީ އެފަދަ ސިފައެއް ހުރި މީހެއްގެ ގޮތުގައި ބަލައިގެންނެވެ.

(ށ) ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭ ފަރާތަކީ ކުޑަކުއްޖެއްނަމަ ނުވަތަ ނަފްސާނީ ގޮތުން ގެއްލުން ލިބިފައިވާ މީހެއްނަމަ، އަދި އެ ކުއްޖެއްގެ ބެލެނިވެރިޔާ ނުވަތަ އެ ކުއްޖެއްގެ މަޞްލަޙަތު ދިފާޢުކުރެވޭނެ މީހަކު، ނުވަތަ ނަފްސާނީ ގޮތުން ގެއްލުމެއް ލިބިފައިވާ މީހަކާ ޙަވާލުވެގެން ހުންނަ މީހަކު ނުވަތަ އެ މީހެއްގެ މަޞްލަޙަތު ދިފާޢުކުރެވޭނެ މީހަކު ގާނޫނު ތަންފީޛުކުރާ ފަރާތުން ހާޒިރުކުރަންޖެހިއްޖެނަމަ، އަންނަނިވި ކަންކަމަކީ އޭނާ ހާޒިރުވުމުގެ މަޤްޞަދުކަން އަނގަބަހުންނާއި ލިޔުމުން އެ މީހަކަށް އަންގަންވާނެއެވެ.

  1. ކުޑަކުއްޖާއަށް ނުވަތަ ނަފްސާނީ ގޮތުން ގެއްލުން ލިބިފައިވާ މީހާއަށް ލަފާދިނުމަށް؛
  2. ކުޑަކުއްޖާއާމެދު ނުވަތަ ނަފްސާނީ ގޮތުން ގެއްލުން ލިބިފައިވާ މީހާއާމެދު ޢަމަލުކުރެވެނީ ޢަދުލުވެރި އަދި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުމަށް؛
  3. ކުޑަކުއްޖާ ނުވަތަ ނަފްސާނީ ގޮތުން ގެއްލުން ލިބިފައިވާ މީހާ ބުނަން ބޭނުންވާ ވާހަކައެއް ބުނުމަށް އެހީތެރިވެދިނުމަށާއި، އެ ކުއްޖާއާ ނުވަތަ އެ މީހާއާ މުޢާމަލާތްކުރުމުގައި އެހީތެރިވެދިނުމަށް.

(ނ) މި ގާނޫނުގެ ދަށުން ކުޑަކުއްޖެއްގެ ބެލެނިވެރިއެއް ނުވަތަ އެ ކުއްޖެއްގެ މަޞްލަޙަތު ދިފާޢުކުރެވޭނެ މީހެއް ނުވަތަ ނަފްސާނީ ގޮތުން ގެއްލުމެއް ލިބިފައިވާ މީހަކާ ޙަވާލުވެގެން ހުންނަ މީހެއް ނުވަތަ އެ މީހެއްގެ މަޞްލަޙަތު ދިފާޢުކުރެވޭނެ މީހަކު، އެ ކުއްޖަކަށް ނުވަތަ އެ މީހަކަށް ޤާނޫނީ ވަކީލެއްގެ އެހީ ހޯދުމަށް އެދެފިނަމަ، އެއީ އެ ކުއްޖެއް ނުވަތަ އެ މީހަކު ޤާނޫނީ ވަކީލެއްގެ އެހީ ހޯދުމަށް އެދުނީ ކަމުގައި ބަލަންވާނެއެވެ.

(ރ) ކުޑަކުއްޖަކު ނުވަތަ ނަފްސާނީ ގޮތުން ގެއްލުމެއް ލިބިފައިވާ މީހަކު ހައްޔަރުގައި ނުވަތަ ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމުމުގެ ކުރިން، އެ ކުއްޖަކު ނުވަތަ އެ މީހެއްގެ ޙާލަތާއި، އެ ކުއްޖަކު ނުވަތަ އެ މީހަކު ހައްޔަރުގައި ނުވަތަ ބަންދުގައި ބެހެއްޓުމުން ކޮށްފާނެ ނޭދެވޭ އަސަރުތަކާއި، އެކަމުގައި އެ މީހަކަށް ފެންނަ އެންމެ ރަނގަޅުގޮތް ހުށަހެޅުމުގެ ފުރުޞަތު، އެ ކުއްޖަކާ ނުވަތަ އެ މީހަކާ ޙަވާލުވެގެންހުރި މީހާއަށް ނުވަތަ އެ ކުއްޖެއްގެ ނުވަތަ އެ މީހެއްގެ މަޞްލަޙަތު ދިފާޢުކުރެވޭނެ މީހާއަށް ދޭންވާނެއެވެ.

 

206 ވަނަ މާއްދާ – ނަފްސާނީ ނުވަތަ ޖިސްމާނީ އުނިކަމެއް ލިބިފައިވާ މީހުންގެ ހައްގުތައް

(ހ) ތަޙްޤީޤު މަރުޙަލާގައާއި ޝަރީޢަތުގެ ހުރިހާ މަރުޙަލާއެއްގައިވެސް، ނަފްސާނީ ނުވަތަ ޖިސްމާނީ އުނިކަމެއް ހުރުމުގެ ސަބަބުން އެ މީހެއްގެ އަމިއްލަ މަޞްލަޙަތު ދިފާޢުނުކުރެވޭ މީހުންނާމެދު ޢަމަލުކުރަންވާނީ އަންނަނިވި ގޮތުގެމަތިންނެވެ.

  1. ތަޙްޤީޤުގައި އެ މީހަކާ ސުވާލުކޮށް ނުވަތަ ބަޔާން ނަގައި ނުވަތަ އެނޫން ގޮތަކަށްވެސް ތަޙްޤީޤުގައި އޭނާއާ މުޢާމަލާތްކުރަންވާނީ އޭނާއާ ޙަވާލުވެގެން ހުންނަ މީހެއްގެ ނުވަތަ އޭނާގެ މަޞްލަޙަތު ދިފާޢުކުރެވޭނެ މީހެއްގެ ހާޒިރުގައެވެ.
  2. އެ މީހަކާމެދު ކުރެވޭ ތުހުމަތުތަކާއި، ތަޙްޤީޤުގައި އޭނާއާ ކުރެވޭ ސުވާލުތަކާއި، އޭނާ ދީފައިވާ ބަޔާންތަކާއި އެހެނިހެން ލިޔެކިޔުންތައް ހުށަހަޅާފައިވާ ގޮތަށް އެ މީހަކަށް ވިސްނިފައިވާކަން ޔަޤީންކުރުމަކީ ތަޙްޤީޤުކުރާ ފަރާތުގެ ޒިންމާއެކެވެ.
  3. އޭނާ ހައްޔަރުކުރާނަމަ ނުވަތަ ބަންދުކުރާނަމަ، އޭނާގެ ނަފްސާނީ އަދި ޖިސްމާނީ ޙާލަތަށް ރިޢާޔަތްކުރަންވާނެއެވެ. އަދި އޭނާ ހައްޔަރުކުރުމުގައި ނުވަތަ ބަންދުކޮށްފައި ބެހެއްޓުމުގައި އޭނާގެ އަމިއްލަ އިޚްތިޔާރުގައި ކުރަން ދަތި ޟަރޫރީ ކަންކަން ކުރެވޭނެ އިންތިޒާމް އޭނާ ހައްޔަރުކުރާ ނުވަތަ ބަންދުކުރާ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.
  4. ޖިނާއީ އެއްވެސް އިޖުރާއަތެއް އެފަދަ މީހެއްގެ މައްޗަށް ހިންގުމުގައި، އެ މީހެއްގެ ނަފްސާނީ ނުވަތަ ޖިސްމާނީ ޙާލަތާ އެކަށީގެންނުވާ ބުރައެއް އެ މީހަކާ ކުރިމަތިކޮށްގެންނުވާނެއެވެ.
  5.  ބަންދުގައި ތިބޭ އެހެން މީހުންގެ ފަރާތުން އޭނާއަށް އަނިޔާއެއް ނުލިބޭނެ ނުވަތަ ގޯނާއެއް ނުވާނެފަދަ ގޮތަކަށް އޭނާ ބަންދުކޮށްފައި ބަހައްޓާ ފަރާތުން ކަންކަން އިންތިޒާމްކުރަންވާނެއެވެ.
  6. އޭނާއަކީ ލޮލަށް ފެނުމުގައި އުނިކަމެއް ލިބިފައިވާ މީހެއްނަމަ ނުވަތަ ލިޔަންކިޔަން ނޭނގޭ މީހެއްނަމަ، އޭނާ ދީފައިވާ ބަޔާނުގައި ސޮއިކުރުވުމުގެ ކުރިން، އެ މައްސަލަ ތަޙްޤީޤުކުރުމުގައި ނުވަތަ ޝަރީޢަތްކުރުމުގައި ބައިވެރިނުވާ މީހަކު މެދުވެރިކޮށް އޭނާ ދީފައިވާ ބަޔާން އޭނާއަށް އިއްވަންވާނެއެވެ.
  7. އޭނާއަކީ ކަންފަތަށް އަޑުއިވުމުގައި އުނިކަމެއް ލިބިފައިވާ މީހެއްނަމަ ނުވަތަ ވާހަކަނުދެއްކޭ މީހެއްނަމަ، އޭނާއާމެދު ކުރެވޭ ތަޙްޤީގުގައި ނުވަތަ ޝަރީޢަތުގައި އޭނާއަށް އެހީތެރިވެދިނުމަށްޓަކައި، އެފަދަ މީހަކާ މުޢާމަލާތްކުރަން އެނގޭ މީހަކު ވީއެންމެ އަވަސް ފުރުޞަތެއްގައި ތަޙްޤީޤުކުރާ ފަރާތުން ނުވަތަ ކޯޓުން ހަމަޖައްސައިދޭންވާނެއެވެ.

(ށ) ނަފްސާނީ ގޮތުން ގެއްލުމެއް ލިބިފައިވާ މީހަކު ބަލައި ފާސްކުރަންވާނީ، އެ މީހަކާ ޙަވާލުވެގެން ހުންނަ މީހެއް ނުވަތަ އެ މީހެއްގެ މަޞްލަޙަތު ދިފާޢުކުރެވޭނެ މީހެއްގެ ހާޒިރުގައެވެ. އެހެންނަމަވެސް، އެފަދަ މީހެއްގެ މަޞްލަޙަތު ދިފާޢުކުރެވޭނެ މީހަކު ނެތް ޙާލަތެއްގައިވެސް، އެފަދަ މީހަކު ބަލައި ފާސްކުރުމަކީ މައްސަލައިގެ އެންމެހައި ޙާލަތުތަކަށް ރިޢާޔަތްކުރާއިރު ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ތަޙްޤީޤުކުރާ ފަރާތުގެ އޮފިސަރަށް ޤަބޫލުކުރެވިއްޖެނަމަ، މި މާއްދާގެ (ނ) ގައިވާ ކަންކަން ފުރިހަމަވާ ގޮތެއްގެމަތިން އެފަދަ މީހެއްގެ ޣައިރު ހާޒިރުގައި އެކަން ކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ނަފްސާނީ ގޮތުން ގެއްލުމެއް ލިބިފައިވާ މީހެއްގެ މަޞްލަޙަތު ދިފާޢުކުރެވޭނެ މީހަކު ނެތް ޙާލަތެއްގައި އެފަދަ މީހަކު ބަލައި ފާސްކުރަންވާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އޮފިސަރެއްނަމަ، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކަށްވުރެ މަތީ ރޭންކެއްގެ ވެރިއެއްގެ ހުއްދަ ހޯދުމަށްފަހުގައެވެ. އެނޫން އިދާރާއެއްގެ އޮފިސަރެއްނަމަ، އެ އިދާރާއެއްގެ ކަމާބެހޭ ޑިޕާޓްމަންޓްގެ ވެރިއެއްގެ ހުއްދަ ހޯދުމަށްފަހުގައެވެ. 

(ރ) މި މާއްދާގެ (ނ) ގެ ދަށުން މީހަކު ބަލައި ފާސްކުރާ ކޮންމެ ފަހަރަކު، އެކަން އެގޮތަށް ކުރި ސަބަބު ބަޔާންކޮށް، ލިޔުމުން ރެކޯޑުކުރަންވާނެއެވެ. އަދި އެ ލިޔުމުގައި އެ މީހަކު ބަލައި ފާސްކުރި އޮފިސަރާއި، އެކަމަށް ހުއްދަ ދިން ވެރިއެއްގެ ސޮއިކޮށްފައި އޮންނަންވާނެއެވެ.

 

207 ވަނަ މާއްދާ – ހޭބިއަސް ކޯޕަސް ރިޓަކަށް އެދުން

(ހ) މީހަކު ހައްޔަރުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ، އޭނާ ހައްޔަރުން ދޫކޮށްލުމަށް އެދި، އޭނާއަށް ނުވަތަ އޭނާގެ ބަދަލުގައި އެހެން ފަރާތަކަށް ހޭބިއަސް ކޯޕަސް ރިޓަކަށް އެދި ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހޭބިއަސް ކޯޕަސް ރިޓަކަށް އެދި ހުށަހަޅާއިރު، އަންނަނިވި މަޢުލޫމާތު އެކުލެވޭ ބަޔާނެއް ހުށަހަޅަންވާނެއެވެ.

  1. ހައްޔަރުކޮށްފައިވާ މީހާ ހައްޔަރުކުރި ތާރީޚާއި އޭނާ ބަންދުކޮށްފައިވާ ތަން؛
  2. ހައްޔަރުކޮށްފައިވާ މީހާ ހައްޔަރުކުރި ފަރާތް؛
  3. ހައްޔަރުކޮށްފައިވާ މީހާ ހައްޔަރުކުރި ސަބަބު ކަމަށް ބެލެވޭ ނުވަތަ ޤަބޫލުކުރެވޭ ސަބަބުތައް.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބަޔާނަކީ، ހައްޔަރުކޮށްފައިވާ މީހާ ދީފައިވާ، އަދި އޭނާ ސޮއިކޮށްފައިވާ ތެދު ބަޔާނެއް ކަމުގައި ވާންވާނެއެވެ.

(ރ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، ހައްޔަރުކޮށްފައ ވާ މީހާ ހައްޔަރުގައި ހުރުމުގެ ސަބަބުން އޭނާ އަމިއްލައަށް މި މާއްދާގެ (ށ) ގައި ބަޔާންކުރާ ބަޔާން ދެވެން ނެތްކަމަށް ކޯޓަށް ސާބިތުކޮށްދެވޭނަމަ، އޭނާގެ ފަރާތުން އެހެން މީހަކު އެ ބަޔާން ދިނުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް މައްސަލައެއް ހުށަހަޅަނީ، ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވާ މީހަކާ ގުޅޭގޮތުން ކަމުގައިވާނަމަ، އެ މާއްދާގެ ދަށުން ކޯޓަށް ހުށަހަޅާ މައްސަލައާއެކު އެ އަމުރެއްގެ ކޮޕީއެއްވެސް ހުށަހަޅަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ އަމުރުގެ ކޮޕީ ވާންވާނީ، ހައްޔަރުކުރުމުގެ އަމުރު ނެރުނު ފަރާތުގެ ސޮއި އަދި/ނުވަތަ ސިއްކައެއް ހިމެނޭ ކޮޕީއަކަށެވެ.

(ކ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ އަމުރުގެ ކޮޕީއެއް، ހައްޔަރުކުރި ފަރާތުގައި އެދުމުންވެސް ހައްޔަރުކޮށްފައިވާ މީހާއަށް އެ ފަރާތުން ފޯރުކޮށްދީފައިނުވާނަމަ، އެ އަމުރުގެ ކޮޕީއަކަށް އެ ފަރާތުން އެދިފައިވާ ކަމާއި، ހައްޔަރުކުރި ފަރާތުން އެ އަމުރުގެ ކޮޕީއެއް ދިނުމަށް އިންކާރުކޮށްފައިވާ ކަން ބަޔާންކޮށް، ކޯޓަށް ބަޔާނެއް ހުށަހަޅަންވާނެއެވެ.

 

208 ވަނަ މާއްދާ – ހައްޔަރުކޮށްފައިވާ މީހާ ހާޒިރުކުރަން އަމުރުކުރުން

(ހ) މި ގާނޫނުގެ 207 ވަނަ މާއްދާގެ ދަށުން ހޭބިއަސް ކޯޕަސް ރިޓަކަށް އެދި ހުށަހެޅުމުން، އެ މައްސަލަ ނިސްބަތްވާ މީހާ ހައްޔަރުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަމާމެދު ކޯޓުން ގޮތެއް ކަނޑައެޅުމަށްޓަކައި، ހައްޔަރުކޮށްފައިވާ މީހާ ކޯޓަށް ހާޒިރުކުރުމަށް އޭނާ ހައްޔަރުކޮށްފައިވާ ފަރާތަށް ކޯޓުން އަމުރުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން ކުރާ އަމުރާ އެއްގޮތްވާ ގޮތުގެމަތިން، ހައްޔަރުކޮށްފައިވާ މީހާ ކޯޓަށް ހާޒިރުކުރުމަކީ، އޭނާ ހައްޔަރުކުރި ފަރާތުގެ މައްޗަށްލާޒިމު ކަމެކެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން ކުރާ އަމުރާ އެއްގޮތްވާ ގޮތުގެމަތިން ހައްޔަރުކޮށްފައިވާ މީހާ ކޯޓަށް ހާޒިރުނުކޮށްފިނަމަ، ހައްޔަރުކުރާ ފަރާތުން ކޯޓުގެ ޙުރުމަތާ ޚިލާފުވީ ކަމުގައި ބަލައި، އެ ފަރާތް ކޯޓަށް ހާޒިރުވުމަށް އަމުރުކޮށް، ކޯޓުގެ ޙުރުމަތާ ޚިލާފުވާ ފަރާތްތަކާމެދު ޢަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުން އެ ފަރާތާމެދު ޢަމަލުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

 

209 ވަނަ މާއްދާ – ބަންދުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުން

(ހ) މި ގާނޫނުގެ 208 ވަނަ މާއްދާގެ ދަށުން ކޯޓުން ކުރާ އަމުރާ އެއްގޮތްވާ ގޮތުގެމަތިން ހައްޔަރުގައިވާ މީހާ ކޯޓަށް ހާޒިރުކުރުމުން، އޭނާ ހައްޔަރުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ސާބިތުކޮށްދޭނީ، އޭނާ ހައްޔަރުކުރި ފަރާތުންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ހައްޔަރުގައިވާ މީހާ ހައްޔަރުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން އޭނާ ހައްޔަރުކުރި ފަރާތަށް ސާބިތުކޮށްނުދެވިއްޖެނަމަ، އޭނާ ހައްޔަރުން ދޫކޮށްލުމަށް ކޯޓުން އަމުރު ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ހައްޔަރުގައިވާ މީހާ ހައްޔަރުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން އޭނާ ހައްޔަރުކުރި ފަރާތަށް ސާބިތުކޮށްދެވިއްޖެނަމަ، އޭނާ ހައްޔަރުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ކޯޓުން ކަނޑައަޅަންވާނެއެވެ.

 

210 ވަނަ މާއްދާގެއްލުމުގެ ބަދަލު ހޯދުން

(ހ) މީހަކު ހައްޔަރުކޮށްފައިހުރީ ނުވަތަ ބަންދުކޮށްފައިހުރީ ޤާނޫނާ ޚިލާފަށް ކަމަށް ކޯޓަކުން ކަނޑައަޅައިފިނަމަ، އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު، އޭނާ ބަންދުކުރި ފަރާތުގެ ކިބައިން ލިބިދިނުން އެދި ޝަރީޢަތަށް ހުށަހެޅުމުގެ ޙައްޤު އޭނާއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާނީ މަދަނީ މައްސަލައެއްގެ ގޮތުގައި، އެފަދަ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށެވެ.

 

211 ވަނަ މާއްދާ - ގަވާއިދު ހެދުން

(ހ) މި ގާނޫނުގެ މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ގަވާއިދު ހަދާނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކެވެ.

  1. މި ގާނޫނުގެ ދަށުން ތަޙްޤީޤުކުރުމާގުޅޭ ކަންކަމުގައި ގަވާއިދުތައް ހަދާނީ ގާނޫނު ތަންފީޛުކުރާ އިދާރާތަކުންނެވެ.
  2. މި ގާނޫނުގެ ދަށުން ދަޢުވާ އުފުލުމާއި ދަޢުވާކުރުމާގުޅޭ ކަންކަމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ ޕްރޮސިކިއުޓަރ ޖެނެރަލްއެވެ.
  3. މި ގާނޫނުގެ ދަށުން ޝަރީޢަތްކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ ސުޕްރީމް ކޯޓުންނެވެ.

 

(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، ކޯޓުތަކުގެ އިދާރީ ހިންގުމާ ގުޅޭގޮތުން ގަވާއިދު ހެދުމަށް ގާނޫނުއަސާސީން ކޯޓުތަކަށް ލިބިދޭ ބާރުގެ ދަށުން ވަކި ކޯޓަކުން ހަދަންޖެހޭ ގަވާއިދެއް ހެދުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގަވާއިދުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި ނިންމަންވާނެއެވެ.

 

212 ވަނަ މާއްދާ – ގާނޫނަށް އަމަލުކުރަން ފެށުން

(ހ) މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާތާ 8 (އަށެއް) މަސް ހަމަވާ ދުވަހުން ފެށިގެންނެވެ.

(ށ) މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޢަމަލުކުރެވެމުންދިޔަ ޢާންމު ޖިނާއީ އިޖުރާއަތާގުޅޭ އެންމެހައި އުސޫލުތައް ބާޠިލުވީއެވެ. 

(ނ) ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޖިނާއީ ކުށް ކަނޑައެޅުމުގެ ޚާއްޞަ ޤާނޫނެއްގައި ވަކި ކަމެއް ކުރުމުގެ ޚާއްޞަ އުސޫލުތަކެއް ކަނޑައަޅައިދީފައިވާ ޙާލަތުގައި ފިޔަވައި، މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު އަންނަނިވި ކަންކަމުގައި ޢަމަލުކުރަންވާނީ މި ޤާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

  1. ކޯޓު އަމުރު ހޯދަންޖެހޭ ޙާލަތުގައި އެ އަމުރަށް އެދުމުގައި އަދި އެ އަމުރު ކޯޓުން ނެރުމުގައި އަދި އެ އަމުރު ތަންފީޛުކުރުމުގައި؛
  2. މީހުން ހުއްޓުވުމާއި، ހިފެހެއްޓުމާއި، ހިފައި ހައްޔަރުކުރުމާއި ބަންދުކުރުމުގައި؛
  3. ޖިނާއީ މައްސަލައެއްގެ ތަޙްޤީޤު ހިންގުމުގައި؛
  4. ޖިނާއީ މައްސަލައެއްގެ ދަޢުވާ އުފުލުމުގައި ނުވަތަ ދަޢުވާ ދޫކޮށްލުމުގައި ނުވަތަ ދަޢުވާ އަނބުރާ ގެނައުމުގައި؛
  5. ޖިނާއީ މައްސަލައެއްގެ ޝަރީޢަތް ހިންގުމުގައި؛
  6. ޖިނާއީ މައްސަލައެއްގެ ޙުކުމް ތަންފީޛުކުރުމުގައި؛
  7. މި ގާނޫނުގައި ކަނޑައަޅާފައިވާ ޢާންމު ޖިނާއީ އިޖުރާއަތަކާ ގުޅޭގޮތުން.

 

213 ވަނަ މާއްދާ – މާނަކުރުން

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އަންނަނިވި ލަފްޒުތަކާއި ޢިބާރާތްތަކަށް ދީފައި އެވަނީ އެ ލަފްޒުތަކާއި ޢިބާރާތްތަކަށް ތިރީގައި ދީފައިވާ މާނައެވެ.

(ހ) "އެހެން ޤާނޫނެއް" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ، ޖިނާއީ ކުށް ކަނޑައެޅުމުގެ ޚާއްޞަ ޤާނޫނަކަށެވެ.

(ށ) "ޢާންމު ތަންތަން" ކަމަށް ބުނެފައި އެވަނީ، އެންމެންނަށްމެ ބޭނުންކުރެވޭ ގޮތަށް އަބަދުމެ ހުޅުވާލެވިފައިވާ މަގާއި ގޯއްޗާއި ބިމާއި ޢާންމު މައިދާންތަކާއި ޕާކްތަކާއި އަމިއްލަ ތަންތަން ކަމަށް ނުބެލެވޭ ބިމާއި ގޯއްޗާއި ޢިމާރާތަށެވެ. ޢާންމުކޮށް މީހުންނަށް ވަދެނިކުމެވޭގޮތަށް ހުޅުވިގެންވާ ފިހާރަތަކާއި ކެފޭތަކާއި ރެސްޓޯރަންޓްތަކާއި ސައިހޮޓާތަކާއި އެފަދަ ތަންތަނުގެ ތެރެއިން ތަނެއްގައި ކުށެއް ހިނގައިފިކަމަށް ނުވަތަ ކުށެއް ހިނގަމުންދާކަމަށް އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ތުހުމަތުކުރެވޭހިނދު، އެތަނަކީވެސް ޢާންމު ތަނެއްގެ މާނައިގައި ހިމެނިގެންވާނެ ތަނެކެވެ.

(ނ) "އަމިއްލަ ތަންތަން" ކަމަށް ބުނެފައި އެވަނީ، މީހެއްގެ ނަމުގައި ރަޖިސްޓަރީ ކުރެވިގެންވާ ގޯއްޗާއި، ގެއާއި، ބިމާއި، ޢިމާރާތާއި، މީހުން ދިރިއުޅުމަށް ބޭނުންކުރާ ގޭގެއަށާއި ގޭބިސީއަށާއި އޮފީހަށާއި، ވަކި އިދާރާއަކުން ވަކި އުސޫލަކުން ވަކި ބައެއް ބޭނުންކުރަން ދޫކޮށްފައިވާ ގޯއްޗާއި ޢިމާރާތާއި ހޯލާއި މައިދާންތަކަށެވެ.

(ރ) "ކޯޓު އަމުރު" ކަމަށް ބުނެފައި އެވަނީ، ކޯޓު އަމުރެއް ހޯދައިގެން ކުރަންޖެހޭ ކަމެއް ކުރުމަށް މި ގާނޫނުގައިވާ ގޮތުގެމަތިން ފަނޑިޔާރަކު ދޫކުރާ ހުއްދައަށެވެ. ނުވަތަ ފަނޑިޔާރަކު ކުރާ އަމުރަށެވެ.

(ބ) "ފަނޑިޔާރު" ކަމަށް ބުނެފައި އެވަނީ، ޖިނާއީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ދަށު ކޯޓުތަކާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށެވެ.

(ޅ) "ހައިކޯޓު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ހައިކޯޓަށެވެ.

(ކ) "ސުޕްރީމް ކޯޓު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށެވެ.

(އ) "ސާމްޕަލް ނެގުން" ކަމަށް ބުނެފައި އެވަނީ، މީހެއްގެ ލެއިން ނުވަތަ އިސްތަށިން ނުވަތަ ނިޔަފަތީގެ ދަށުން، ނުވަތަ ދަލުން ނުވަތަ ހަށިގަނޑުގެ އެނޫންވެސް ދިޔައެއް ނުވަތަ ތެތްކަމެއް ހިމެނޭގޮތަށް، ހަށިގަނޑުގެ ތެރެއިންނާއި ހަށިގަނޑުގެ ބޭރުން ސާމްޕަލެއް ނެގުމަށެވެ. 

(ވ) "ޑީ.އެން.އޭ" ނުވަތަ "ޑީއޮކްސިރައިބޯ ނިއުކްލިކް އެސިޑް" ކަމަށް ބުނެފައި އެވަނީ، ދިރޭތަކެތީގެ ހަށިގަނޑުގައި އެކުލެވޭ އެންމެ އަސާސީ ވިހުދަ ނުވަތަ ޔުނިޓު ނުވަތަ ސެލްގެ ނިއުކްލިއަސްގެ ވިއުގަނޑެއް ފަދައިން ވަރަށް ފުރިހަމަ ތަރުތީބަކުން އެތުރި ރައްކާކުރެވިފައިވާ ވިރާސީ ސިފަތަކާއި ނަސްލާއި ގުނަވަންތަކުގެ މަސައްކަތްތައް އޭގެ މައްޗަށް ބިނާވެފައިވާ ވިރާސީ ބަހާއަށެވެ. މި ވިރާސީ ކުރެހުން، ނިބޫ ނުވަތަ ގަރުބަގަތުމުގައި އެއް ޖިންސުގެ އެއް ކުއްޖަކަށްވުރެ ގިނަކުދިން ފިޔަވައި ތަފާތެވެ.

(މ) "ފުލުހުންގެ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ފުލުހުންގެ ޚިދުމަތް ދިނުމަށް އުފައްދައި ހިންގައި ކޮންމެ އިދާރާއަކަށް ނުވަތަ މަރުކަޒަކަށެވެ. 

(ފ) "ޖިނާއީ ކުށެއް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ޖިނާއީ ކުށް ކަމުގައި ކަނޑައަޅާފައިވާ ކޮންމެ ކުށަކަށެވެ.

(ދ) "ޖިނާއީ ކުށް ކަނޑައެޅުމުގެ ހާއްސަ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުތަކުގެ ތެރެއިން ޖިނާއީ ކުށް ކަނޑައެޅުމުގެ ގާނޫނުތަކާއި، ވަކި ދާއިރާއެއް ނުވަތަ ކަމަކާގުޅޭ ޤާނޫނެއްގައި ޖިނާއީ ކުށްކުށާގުޅޭ މާއްދާތައް އެކުލެވޭ ގާނޫނުތައް ހިމެނޭގޮތުންނެވެ.

(ތ) "ޕްރޮސިކިއުޓަރ ޖެނެރަލް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 220 ވަނަ މާއްދާގައި ބަޔާންކުރާ ފަރާތަށެވެ.

(ލ) "ކުށުގެ ވެށި" ކަމަށް ބުނެފައި އެވަނީ، މީހަކު ކުށް ކުރި ތަނާއި، ކުށްކުރުމަށްފަހު އެނބުރި ދާ ދިއުމާއި، ފިލަން ނުވަތަ އެއްޗެއް ފޮރުވުމަށް ވަދެ ހުންނަ ކޮންމެ ތަނަކަށެވެ.

(ގ) "ސަރވައިލްކުރުން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށެއް ކޮށްފައިވާ ކަމުގެ ނުވަތަ ކުރަމުންދާކަމުގެ ނުވަތަ ކުރަންއުޅޭ ކަމުގެ ހެކި ހޯދުމަށްޓަކައި، ނުވަތަ ތުހުމަތުކުރެވޭ ޖިނާއީ ޙަރަކާތެއްގެ އިންޓެލިޖެންސް އެއްކުރުމަށްޓަކައި، ކެމެރާ، މައިކްރޮފޯން، ޓޭޕް ރެކޯޑަރ، ވަޔަރ ޓެޕްފަދަ އިލެޓްރޯނިކް ވަޞީލަތްތައް ބޭނުންކޮށްގެން މީހުންގެ މުޢާމަލާތްތައް އަޑުއެހުމާއި، މީހުންގެ ޙަރަކާތްތައް މޮނިޓަރކުރުމާއި، މީހުންނާއި ތަންތަން ބަލައި އޮބްޒަރވްކުރުމަށެވެ.

(ޏ) "ޑިޕްލޮމެޓިކް އިމްތިޔާޒު" ކަމަށް ބުނެފައި އެވަނީ، ބޭރު ދައުލަތެއްގެ ޢިއްޒަތްތެރިއެއްކަމުގައި ވުމުން، ނުވަތަ ބޭރު ޤައުމެއްގެ ސަފީރަކަށް ވުމުން، ނުވަތަ ބައިނަލްއަޤްވާމީ މުޢާހަދާއެއްގެ ދަށުން ޑިޕްލޮމެޓިކް އިމްތިޔާޒު ދީފައިވާ ބައިނަލްއަޤްވާމީ މުއައްސަސާއެއް ތަމްޞީލުކުރާ ފަރާތަކަށްވުމުން، ނުވަތަ ބައިނަލްއަޤްވާމީ މުޢާހަދާއެއްގެ ދަށުން އިމްތިޔާޒު ލިބެންޖެހޭ ފަރާތަކަށްވުމުން، އެ ފަރާތަކަށް ދިވެހި ދައުލަތުގެ ފަރާތުންދޭ އިމްތިޔާޒަށެވެ.

    

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. މަރުގެ މައްސަލަތައް ތަހުގީގު ކުރުމަށް ޕޯސްޓް -މޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތުތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-89)
  2. ކްރިމިނަލް ކޯޓުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-100)
  3. ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-04)
  4. ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި މީރާއިން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-108)
  5. އެންޓި-ކޮރަޕްށަން ކޮމިށަނުގެ ތަހުގީގު ކުރުމުގެ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-98)
  6. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ނަވާވީސް-1 ވަނަ ބާބަށް ޢަމަލުކުރަން އެންގުން (އެންގުން ނަންބަރު 2-2020-198)
  7. ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1052)
  8. ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަށް ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށް ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2017-78)
  9. ޕްރޮސިކިއުޓްކުރުމުގެ އިޖްރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2017-76)

ރިފަރެންސް

މި ގާނޫނު ފާސްކުރީ 2016 ވަނަ އަހަރުގެ އެޕްރީލް މަހުގެ 18 ވީ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާއިން ނެވެ. އަދި ރައީސުލް ޖުމްހޫރިއްޔާ މި ގާނޫނު ތަސްދީގު ކުރެއްވީ 2 މޭއި 2016 ވީ ހޯމަ ދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު