-

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނު 2020 (ގާނޫނު ނަންބަރު 2020-05) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2020-23)

 

ގާނޫނު ނަންބަރު 2020-05 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނު 2020) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް 3 މާއްދާ އިތުރުކުރުން.

 

7-1 ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ ރައީސާއި ނައިބު ރައީސް

(ހ) ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ ރައީސަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ ގުޅޭގޮތުން ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރެވެ.

(ށ) ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ ނައިބު ރައީސަކީ ބޯޑުގެ މެންބަރުންގެ ތެރެއިން އިންތިހާބުކުރާ ފަރާތެކެވެ.

(ނ) ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަކީ ބޯޑުގެ ރައީސްގެ ޒިންމާއެކެވެ.

 

7-2 ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ ރިޔާސަތު

(ހ) ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ ބޯޑުގެ ރައީސެވެ.

(ށ) ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ ރައީސް ޖަލްސާއަށް ހާޒިރުވެނެތް ހާލަތެއްގައި، އެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ ބޯޑުގެ ނައިބު ރައީސެވެ.

(ނ) ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ ޖަލްސާއަކަށް ބޯޑުގެ ރައީސާއި ނައިބު ރައީސް ހާޒިރުވެނެތް ހާލަތެއްގައި، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތެއް އެ ޖަލްސާއަށް ހާޒިރުވެތިބި މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ކަނޑައަޅަންވާނެއެވެ.

 

7-3 ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ ޖަލްސާ ބޭއްވުން

(ހ) ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ ޖަލްސާއެއް މަދުވެގެން ހަފްތާއަކު 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ. އަދި، ބޯޑުގެ ޖަލްސާތައް ތިރީގައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ބޭއްވިދާނެއެވެ.

  1. ބޯޑުގެ ރައީސް ޖަލްސާއަކަށް ގޮވާލުން.
  2. ބައްދަލުވުމެއް ބޭއްވުމަށް ބޯޑުން ނިންމުން.
  3. ބޯޑުގެ މެންބަރުންގެ ތެރެއިން ދެބައިކުޅައެއްބައި މެންބަރުންގެ ތާއީދާއެކު މެންބަރަކު ޖަލްސާއެއް ބާއްވަން އެދުން.

(ށ) މި މާއްދާގެ (ހ) އިން ޖަލްސާ ބޭއްވުމަށް ލާޒިމުކޮށްފައިވާ ބޯޑުގެ ޖަލްސާ ބާއްވާނެ ދުވަހާއި ގަޑި އޮތޯރިޓީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

2 ވަނަ މާއްދާ – މި ގާނޫނަށް ޢަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނު (ގާނޫނު ނަންބަރު 2020-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު