އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރު 25/2019)

0 occurrences found.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު

(ގާނޫނު ނަންބަރު 25/2019)

 

އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމެއް ދިވެހިރާއްޖޭގައި ގާއިމުކޮށް، އެކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ގާނޫނު ހިނގާ ފަރާތްތައް

މި ގާނޫނު ހިނގާނީ އަންނަނިވި ފަރާތްތަކުގެ މައްޗަށެވެ.

(ހ) އެ ފަރާތަކަށް އާމްދަނީ ލިބެނީ ދިވެހިރާއްޖެއިން ކަމުގައިވީ ނަމަވެސް ނުވަތަ އެހެން ތަނަކުން ކަމުގައިވީ ނަމަވެސް، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންމެ ފަރާތެއް؛ އަދި

(ށ) އެ ފަރާތަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތެއްކަމުގައި ނުވިނަމަވެސް، ދިވެހިރާއްޖެއިން އާމްދަނީ ލިބޭ ކޮންމެ ފަރާތެއް.

 

ދެވަނަ ބާބު

ޓެކްސް ދެއްކުން ލާޒިމުވުން

 

3 ވަނަ މާއްދާ - އާމްދަނީން ނަގާ ޓެކްސް

''އާމްދަނީން ނަގާ ޓެކްސް'' ކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ ޓެކްސް ނަގާނީ، މި ގާނޫނުގެ ‏12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާމްދަނީ ފިޔަވައި، އަންނަނިވި ބާވަތްތަކުގެ އާމްދަނީން، މި ގާނޫނުގެ ‏7 ވަނަ މާއްދާއާއި 8 ވަނަ މާއްދާއާއި ‏9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ހ) އުޖޫރަ؛

(ށ) ވިޔަފާރި އާމްދަނީ؛

(ނ)  އުފުލޭ މުދާ ނުވަތަ ނުއުފުލޭ މުދާ ކުއްޔަށް ދޫކޮށްގެން ލިބޭ އާމްދަނީ؛

(ރ)  ޑިވިޑެންޑް؛

(ބ)  އިންޓްރެސްޓް؛

(ޅ)  އެނުއިޓީއާއި ޕެންށަން އަދި ރިޓަޔަރމަންޓް ބެނިފިޓް؛

(ކ) ބެނިފިށަރީންނަށް ލިބޭ އާމްދަނީ؛

(އ)  ޓެކްނިކަލް ސަރވިސް ފީ؛

(ވ)  ކަމިށަން؛

(މ) ރޯޔަލްޓީ؛

(ފ) އެ މުދަލަކާ ގުޅިގެން މި ގާނޫނުގެ ‏25 ވަނަ މާއްދާގެ ދަށުން ކެޕިޓަލް އެލަވަންސް އުނިކުރެވޭ، އުފުލޭ މުދަލެއް ނުވަތަ ނުއުފުލޭ މުދަލެއް ނުވަތަ ފިކުރީ މުދަލެއް ނުވަތަ ޣައިރު މާއްދީ މުދަލެއް ތަސައްރުފުކޮށްގެން ލިބޭ އާމްދަނީ؛

(ދ) އެ މުދަލަކާ ގުޅިގެން މި ގާނޫނުގެ ‏25 ވަނަ މާއްދާގެ ދަށުން ކެޕިޓަލް އެލަވަންސް އުނިނުކުރެވޭ، އުފުލޭ މުދަލެއް ނުވަތަ ނުއުފުލޭ މުދަލެއް ނުވަތަ ފިކުރީ މުދަލެއް ނުވަތަ ޣައިރު މާއްދީ މުދަލެއް ތަސައްރުފުކޮށްގެން ލިބޭ ފައިދާ؛

(ތ) އެނޫންވެސް ގޮތަކުން ލިބޭ އާމްދަނީ (އެ އާމްދަނީ ލިބުނީ މުއާމަލާތެއްގެ މުގާބިލެއްގެ ގޮތުގައި ނޫންކަމަށް ވިޔަސް ނުވަތަ އެ އާމްދަނީ ލިބުނީ ގާނޫނާ ހިލާފަށް ނުވަތަ ހުއްދަ ނޫން ގޮތަކަށްކަމަށް ވިޔަސް).

 

4 ވަނަ މާއްދާ - ވިތުހޯލްޑިންގ ޓެކްސް

"ވިތުހޯލްޑިންގ ޓެކްސް" ކަމަށް މި ގާނޫނުގައި ބަޔާންކޮށްފައި އެވަނީ،  މި ގާނޫނުގެ ‏12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާމްދަނީ ފިޔަވައި، ވިތުހޯލްޑިންގ ޓެކްސް ނެގުން ލާޒިމުވާ ކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ އާމްދަނީން، މި ގާނޫނުގެ ‏54 ވަނަ މާއްދާއާއި ‏55 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދައްކަންޖެހޭ ޓެކުހަށެވެ.

 

5 ވަނަ މާއްދާ - އާމްދަނީން ނަގާ ޓެކްސް ދެއްކުން ލާޒިމުވުން

މި ގާނޫނުގެ ‏2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮންމެ ފަރާތަކުންމެ، ޓެކްސް އަހަރެއްގެ ތެރޭގައި ނިމޭ ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި    އެ ފަރާތަކަށް ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީން މި ގާނޫނުގައިވާ ގޮތުގެމަތިން ޓެކްސް ދެއްކުން ލާޒިމުވެގެންވެއެވެ. މި މާއްދާއަށް އަމަލުކުރާނީ، މި ގާނޫނުގެ ‏61 ވަނަ މާއްދާއާ ހިލާފުނުވާ ގޮތުގެމަތިންނެވެ.

 

6 ވަނަ މާއްދާ - ވިތުހޯލްޑިންގ ޓެކްސް ދެއްކުން ލާޒިމުވުން

މި ގާނޫނުގެ ދަށުން ވިތުހޯލްޑިންގ ޓެކްސް ނެގުން ލާޒިމުވާ އާމްދަނީއެއް ލިބޭ ފަރާތަކަށް އެ ފައިސާ ދައްކާ ފަރާތުން، އެ ފައިސާއިން ވިތުހޯލްޑިންގ ޓެކުހަށްވާ އަދަދު އުނިކުރުމަށްފަހު މި ގާނޫނުގައިވާ ގޮތުގެމަތިން އެ އަދަދު މީރާއަށް ދެއްކުން ލާޒިމުވެގެންވެއެވެ.

 

ތިންވަނަ ބާބު

އާމްދަނީން ޓެކްސް ނެގުން

 

7 ވަނަ މާއްދާ - ފަރުދުންގެ ޓެކްސް ރޭޓު

(ހ) ފަރުދުންނަށް ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީން މި ގާނޫނުގެ ‏5 ވަނަ މާއްދާގެ ދަށުން ޓެކްސް ނަގާނީ އަންނަނިވި ރޭޓުތަކުގައެވެ. 

 

 

 

ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީގެ ބްރެކެޓު

ޓެކްސް ރޭޓު

 

 

 

 720,000(ހަތް ލައްކަ ވިހި ހާސް) ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ

 

0% (ސުމެއް އިންސައްތަ)

 

 

 

720,000 (ހަތް ލައްކަ ވިހި ހާސް) ރުފިޔާ އަށްވުރެ ބޮޑު، ނަމަވެސް 1,200,000 (އެއް މިލިއަން ދެ ލައްކަ) ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ

 

5.5% (ފަހެއް ޕޮއިންޓް ފަހެއް އިންސައްތަ)

 

 

 

1,200,000 (އެއް މިލިއަން ދެ ލައްކަ) ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް 1,800,000 (އެއް މިލިއަން އަށް ލައްކަ) ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ

 

8% (އަށެއް އިންސައްތަ)

 

 

 

1,800,000 (އެއް މިލިއަން އަށް ލައްކަ) ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް 2,400,000 (ދެ މިލިއަން ހަތަރު ލައްކަ) ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ

12% (ބާރަ އިންސައްތަ)

 

 

 

2,400,000 (ދެ މިލިއަން ހަތަރު ލައްކަ) ރުފިޔާއަށްވުރެ ބޮޑު

 

15% (ފަނަރަ އިންސައްތަ)

 

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހިސާބުކުރެވޭ ޓެކުހުގެ ޖުމްލައަކީ އެ އަކުރުގައިވާ ތާވަލުގައި ބަޔާންކޮށްފައިވާ ޓެކްސް ބިނާކުރެވޭ އާމްދަނީގެ ބްރެކެޓުތަކަށް ވަކިވަކިން ޓެކުހުގެ މިންވަރު ހިސާބުކުރުމުން އަންނަ އަދަދުތަކުގެ ޖުމްލައެވެ.

 

8 ވަނަ މާއްދާ - ބޭންކުތަކުގެ ޓެކްސް ރޭޓު

(ހ) ބޭންކުތަކަށް ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީން މި ގާނޫނުގެ ‏5 ވަނަ މާއްދާގެ ދަށުން ޓެކްސް ނަގާނީ އެ ބޭންކެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީގެ %25 (ފަންސަވީސް އިންސައްތަ) ގެ ރޭޓުގައެވެ.

(ށ) މި މާއްދާގެ ބޭނުމަށް "ބޭންކު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ ދަށުން ބޭންކިންގ ވިޔަފާރިކުރުމަށް ލައިސަންސް ދީފައިވާ ފަރާތަކަށެވެ.

 

9 ވަނަ މާއްދާ - ފަރުދުންނާއި ބޭންކުތައް ފިޔަވައި އެހެނިހެން ފަރާތްތަކުގެ ޓެކްސް ރޭޓު

(ހ) ފަރުދުންނާއި ބޭންކުތައް ފިޔަވައި އެހެނިހެން ފަރާތްތަކަށް ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީން މި ގާނޫނުގެ ‏5 ވަނަ މާއްދާގެ ދަށުން ޓެކްސް ނަގާނީ އަންނަނިވި ރޭޓުތަކުގައެވެ.

ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީގެ ބްރެކެޓު

ޓެކްސް ރޭޓު

500,000 (ފަސް ލައްކަ) ރުފިޔާ ނުވަތަ އެއަށްވުރެ ދަށް

0% (ސުމެއް އިންސައްތަ)

500,000 (ފަސް ލައްކަ) ރުފިޔާއަށްވުރެ މަތި

 

15% (ފަނަރަ އިންސައްތަ)

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހިސާބުކުރެވޭ ޓެކުހުގެ ޖުމްލައަކީ އެ އަކުރުގައިވާ ތާވަލުގައި ބަޔާންކޮށްފައިވާ ޓެކްސް ބިނާކުރެވޭ އާމްދަނީގެ ބްރެކެޓުތަކަށް ވަކިވަކިން ޓެކުހުގެ މިންވަރު ހިސާބުކުރުމުން އަންނަ އަދަދުތަކުގެ ޖުމްލައެވެ.

(ނ) އެއްވެސް ކުންފުންޏަކީ ކުންފުނިތަކުގެ ގްރޫޕަކަށް ނިސްބަތްވާ ކުންފުންޏެއްނަމަ މި މާއްދާގައި ބަޔާންކޮށްފައިވާ 500,000 (ފަސް ލައްކަ) ރުފިޔާގެ ބަދަލުގައި ބޭނުންކުރަންވާނީ، އެ ގްރޫޕުގައި ހިމެނޭ ކުންފުނިތަކުގެ ތެރެއިން އެ ކުންފުނިތަކުގެ މައްޗަށް މި ގާނޫނު ހިނގާ ކުންފުނިތަކުގެ މެދުގައި އެ 500,000 (ފަސް ލައްކަ) ރުފިޔާ ހަމަހަމަކޮށް ބެހުމުން އަންނަ އަދަދެވެ.

 

10 ވަނަ މާއްދާ - އާމްދަނީ ކަނޑައެޅުން

(ހ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތެއްގެ ޖުމްލަ އާމްދަނީގެ ތެރޭގައި އެ ފަރާތަކަށް ދިވެހިރާއްޖެއިން ލިބޭ އާމްދަނީއާއި ދިވެހިރާއްޖެއިން ބޭރުން ލިބޭ އާމްދަނީވެސް ހިމެނެއެވެ.

(ށ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތެއްގެ ޖުމްލަ އާމްދަނީގެ ތެރޭގައި ހިމެނެނީ އެ ފަރާތަކަށް ދިވެހިރާއްޖެއިން ލިބޭ އާމްދަނީއެވެ.

(ނ)  މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ މީހެއްގެ ޖުމްލަ އާމްދަނީގެ ތެރޭގައި ހިމެނޭނީ އެ ފަރާތަކަށް ދިވެހިރާއްޖެއިން ލިބޭ އާމްދަނީއެވެ.

  

11 ވަނަ މާއްދާ - ދިވެހިރާއްޖެއިން ލިބޭ އާމްދަނީ

އަންނަނިވި ބާވަތްތަކުގެ އާމްދަނީއަކީ ދިވެހިރާއްޖެއިން ލިބޭ އާމްދަނީ ކަމަށް ބެލެވޭނެއެވެ.

(ހ) ދިވެހިރާއްޖޭގައި އަދާކުރާ ވަޒީފާއަކުން ލިބޭ އުޖޫރަ؛

(ށ) ދައުލަތުގެ އޮފީހަކާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އަދާކުރާ ވަޒީފާއަކުން، އެ ވަޒީފާ އަދާކުރަނީ ކޮންމެ ތަނެއްގައި ކަމަށްވީ ނަމަވެސް، ލިބޭ އުޖޫރަ؛

(ނ) ދައުލަތުގެ އޮފީހަކާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ފޯރުކޮށްދޭ ހިދުމަތަކުން، އެ ހިދުމަތް ފޯރުކޮށްދެނީ ކޮންމެ ތަނެއްގައި ކަމަށްވީ ނަމަވެސް، ލިބޭ އުޖޫރަ ފިޔަވައި އެހެން އާމްދަނީ؛

(ރ) ކަނޑުބޯޓު ނުވަތަ މަތިންދާބޯޓު އޮޕަރޭޓްކުރާ ނުވަތަ ޗާޓަރުކުރާ ނުވަތަ ކުއްޔަށްދޭ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަކާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އަދާކުރާ ވަޒީފާއަކުން، އެ ވަޒީފާ އަދާކުރަނީ ކޮންމެ ތަނެއްގައި ކަމަށްވީ ނަމަވެސް، ލިބޭ އުޖޫރަ؛

(ބ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏަކުން އެ ކުންފުނީގެ ޑިރެކްޓަރުންނަށް ލިބޭ ޑިރެކްޓަރުންގެ ފީ؛

(ޅ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ޕާޓްނަރށިޕެއްގެ އާމްދަނީން އެ ޕާޓްނަރށިޕުގެ ޕާޓްނަރުންނަށް ލިބޭ ފައިސާ؛

(ކ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަކަށް ލިބޭ އާމްދަނީ (ދިވެހިރާއްޖެއިން ބޭރުގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒަކުން ލިބޭ އާމްދަނީ ފިޔަވައި)؛

(އ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ލިބޭ އަންނަނިވި ބާވަތްތަކުގެ ވިޔަފާރި އާމްދަނީ:

  1. ދިވެހިރާއްޖޭގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒެއް މެދުވެރިކޮށް ކުރާ ވިޔަފާރިއަކުން ލިބޭ އާމްދަނީ؛ ނުވަތަ
  2. ދިވެހިރާއްޖޭގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒެއް މެދުވެރިކޮށް ވިއްކާ މުދަލެއް ނުވަތަ މަރޗެންޑައިޒްއެއް، ނުވަތަ އެ މުދަލާކާ ނުވަތަ މަރޗެންޑައިޒްއަކާ އެއް ބާވަތެއްގެ މުދަލެއް ނުވަތަ މަރޗެންޑައިޒްއެއް ދިވެހިރާއްޖޭގައި ވިއްކައިގެން ލިބޭ އާމްދަނީ؛ ނުވަތަ
  3. ދިވެހިރާއްޖޭގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒަކުން ކުރާ ވިޔަފާރި ނުވަތަ އެ ވިޔަފާރިއާ އެއްފަދަ އެހެން ވިޔަފާރިއެއް ދިވެހިރާއްޖޭގައި ކޮށްގެން ލިބޭ އާމްދަނީ.

(ވ) ދިވެހިރާއްޖޭގައި ހުރި ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނުއުފުލޭ މުދަލެއް ކުއްޔަށްދީގެން ލިބޭ އާމްދަނީ؛

(މ) ދައުލަތުން ނުވަތަ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަކުން ދޭ، ނުވަތަ ދިވެހިރާއްޖޭގައި އަދާކުރި ވަޒީފާއަކާ ގުޅިގެން ނުވަތަ ފޯރުކޮށްދިން ހިދުމަތަކާ ގުޅިގެން ލިބޭ އެނުއިޓީ، ޕެންށަން ނުވަތަ އެނޫންވެސް ރިޓަޔަރމަންޓް ބެނިފިޓް؛

(ފ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏަކުން ލިބޭ ޑިވިޑެންޑް؛

(ދ) އަންނަނިވި ގޮތުގެމަތިން ލިބޭ އިންޓްރެސްޓް، ރޯޔަލްޓީ، ނުވަތަ ޓެކްނިކަލް ސަރވިސް ފީ؛

  1. އެއީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަކުން، ދިވެހިރާއްޖެއިން ބޭރުގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒެއްގެ ހަރަދެއްގެ ގޮތުގައި ނޫން ގޮތަކަށް ދައްކާ ފައިސާއަކަށްވުން؛ ނުވަތަ
  2. އެއީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކުން، ދިވެހިރާއްޖޭގައި ހުރި އެ ފަރާތުގެ ދާއިމީ މަޒުކަޒެއްގެ ހަރަދެއްގެ ގޮތުގައި ދައްކާ ފައިސާއަކަށްވުން.

(ތ) މި މާއްދާގެ (ކ) ނުވަތަ (އ) ގައި ބަޔާންކުރާ ހާލަތްތަކުގައި ފިޔަވައި، ދިވެހިރާއްޖޭގައި ހުރި ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އުފުލޭ މުދަލެއް ނުވަތަ އެއިން މުދަލެއްގައި ހިމެނޭ މަސްލަހަތެއް ތަސައްރުފުކޮށްގެން، ނުވަތަ އެއިން މުދަލެއް ތަސައްރުފުކުރުމަށް ދިވެހިރާއްޖޭގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން (މުދާ ލިބިގަންނަ ފަރާތަށް އެ މުދާ ރައްދު ކޮށްދެވެނީ ކޮންމެ ތަނެއްގައި ކަމަށްވީ ނަމަވެސް) ލިބޭ އާމްދަނީ؛

(ލ) މި މާއްދާގެ (ކ) ނުވަތަ (އ) ގައި ބަޔާންކުރާ ހާލަތްތަކުގައި ފިޔަވައި، ނުއުފުލޭ މުދަލެއް ތަސައްރުފުކޮށްގެން އަންނަނިވި ގޮތުގެމަތިން ލިބޭ ފައިދާ؛

  1. އެ ފައިދާ ލިބެނީ ދިވެހިރާއްޖޭގައި ހުރި ނުއުފުލޭ މުދަލެއް ތަސައްރުފުކޮށްގެން ކަމަށްވުން؛ ނުވަތަ
  2. އެ ފައިދާ ލިބެނީ ކުންފުންޏެއްގެ ނުވަތަ ޕާޓްނަރށިޕެއްގެ ނުވަތަ ޓްރަސްޓެއްގެ ހިއްސާއެއް ނުވަތަ މަސްލަހަތެއް ތަސައްރުފުކުރާ ހިނދު، ފާއިތުވެދިޔަ 365 (ތިން ސަތޭކަ ފަސްދޮޅަސް ފަހެއް) ދުވަހުގެ ތެރޭގައި، އެ ފަރާތެއްގެ ވެލިއުގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ ބޮޑު ބައެއް ސީދާގޮތުން ވިޔަސް ނުވަތަ ނުސީދާގޮތުން ވިޔަސް ނިސްބަތްވަނީ ދިވެހިރާއްޖޭގައި ހުރި ނުއުފުލޭ މުދަލަކަށް ކަމަށްވާނަމަ، އެ ހިއްސާއެއް ނުވަތަ މަސްލަހަތެއް ތަސައްރުފުކޮށްގެން؛ ނުވަތަ
  3. އެ ފައިދާ ލިބެނީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏެއް ނުވަތަ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ޕާޓްނަރށިޕެއް ނުވަތަ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ޓްރަސްޓެއްގެ ހިއްސާއެއް ނުވަތަ މަސްލަހަތެއް ތަސައްރުފުކޮށްގެން ކަމަށްވުން؛ ނުވަތަ
  4. އެ ފައިދާ ލިބެނީ މި މާއްދާގެ (ލ) ގެ ‏(1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، ‏(3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މުދަލަކާގުޅޭ އޮޕްށަނެއް، ނުވަތަ އެއިން މުދަލެއް ގަތުމުގެ ހައްގެއް ތަސައްރުފުކޮށްގެން ކަމަށްވުން. 

(ގ) މި މާއްދާގެ (ކ) ނުވަތަ (އ) ގައި ބަޔާންކުރާ ހާލަތްތަކުގައި ފިޔަވައި، ދިވެހިރާއްޖޭގައި ބޭނުންކުރާ ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ފިކުރީ ނުވަތަ ޣައިރު މާއްދީ މުދަލެއް ތަސައްރުފުކޮށްގެން، ނުވަތަ އެއިން މުދަލެއް ތަސައްރުފުކުރުމަށް ދިވެހިރާއްޖޭގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ލިބޭ އާމްދަނީ؛

(ޏ) މި މާއްދާގެ (ކ) ނުވަތަ (އ) ގައި ބަޔާންކުރާ ހާލަތްތަކުގައި ފިޔަވައި، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަކާ ގުޅިގެން ނުވަތަ ދިވެހިރާއްޖޭގައި ހުރި މުދަލަކާ ގުޅިގެން ލިބޭ އިންށުއަރެންސް ޕްރީމިއަމް؛

(ސ) ބޭރު ގައުމެއް ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާއަކާއެކު ދިވެހިރާއްޖެއިން ވެފައިވާ މުއާހަދާއެއް ނުވަތަ އެއްބަސްވުމެއްގެ ދަށުން ދިވެހިރާއްޖޭގައި ޓެކްސް ނެގޭ އާމްދަނީ؛

(ޑ) ބައިނަލްއަގްވާމީ ދަތުރުފަތުރުގައި ކަނޑުބޯޓު ނުވަތަ މަތިންދާބޯޓު އޮޕަރޭޓްކުރާ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް، ދިވެހިރާއްޖޭގެ މަންޒިލަކުން ފުރައިގެންދާ ކަނޑުބޯޓަކަށް ނުވަތަ މަތިންދާބޯޓަކަށް ފަސިންޖަރުން ނުވަތަ ލައިވްސްޓޮކް ނުވަތަ ސިޓީ ނުވަތަ ޕާރުސަލް ނުވަތަ މަރޗެންޑައިޒް ނުވަތަ މުދާ އަރުވައިގެން ލިބޭ އާމްދަނީ.

 

12 ވަނަ މާއްދާ - އިސްތިސްނާވާ އާމްދަނީ

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި ގާނޫނުގެ ދަށުން ޓެކްސް ނެގުމުން އަންނަނިވި ބާވަތްތަކުގެ އާމްދަނީ އިސްތިސްނާވާނެއެވެ.

(ހ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަކަށް ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏަކުން ލިބޭ ޑިވިޑެންޑް؛

(ށ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ޕާޓްނަރށިޕަކުން އެ ޕާޓްނަރށިޕުގެ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ޕާޓްނަރުންނަށް ބަހާ ފައިދާ؛

(ނ) އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއްގައި، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ޓްރަސްޓަކުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ބެނިފިށަރީއަކަށް ބަހާ ފައިދާ ނުވަތަ އެނޫންވެސް ފައިސާ؛

  1. އެއީ އެ ޓްރަސްޓުގެ ޓެކްސް ބިނާކުރެވޭ އާމްދަނީގެ ތެރޭގައި ހިމެނޭ އަދަދަކަށްވުން؛ ނުވަތަ
  2. އެއީ އެ ޓްރަސްޓުގެ ކޯޕަސްއިން ދައްކާ ފައިސާއަކަށްވުން.

(ރ) ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާ، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއަކަށް ލިބޭ އާމްދަނީ؛

(ބ) ދައުލަތުގެ އޮފީހަކަށް ލިބޭ އާމްދަނީ؛

(ޅ) އަންނަނިވި ގޮތުގެމަތިން ލިބޭ އިންޓްރެސްޓް:

  1. ދިވެހިރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކުންފުންޏަކުން ދޫކޮށްފައިވާ ސެކިއުރިޓީއަކާ ގުޅިގެން ލިބޭ އިންޓްރެސްޓް؛
  2. މި ގާނޫނުގެ ‏3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އާމްދަނީއަކަށްނުވާ އިންޓްރެސްޓް (ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ޖުމްލަ 5,000 (ފަސް ހާސް) ރުފިޔާއާ ހަމައަށް).

(ކ) ކެޕިޓަލް މަރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ދިވެހިރާއްޖޭގައި އޮޕަރޭޓްކުރުމުގެ ހުއްދަ ދީފައިވާ ސެކިއުރިޓީޒް އެކްސްޗޭންޖެއްގައި ގަނެވިއްކުމަށް ލިސްޓުކޮށްފައިވާ ނުވަތަ އެކަމަށް ހުއްދަ ލިބިފައިވާ ޑެޓް ސެކިއުރިޓީއަކާ ނުވަތަ އެފަދަ އެހެން ޕްރޮޑަކްޓަކާ ގުޅިގެން ލިބޭ އިންޓްރެސްޓް ނުވަތަ ފައިދާ؛

(އ) ބޭރު ގައުމެއް ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާއަކާއެކު ދިވެހިރާއްޖެއިން ވެފައިވާ މުއާހަދާއެއް ނުވަތަ އެއްބަސްވުމެއްގެ ދަށުން ޓެކްސް ނެގުމުން އިސްތިސްނާކޮށްފައިވާ އާމްދަނީ؛

(ވ) އަންނަނިވި ށަރުތުތައް ފުރިހަމަވާނަމަ، ބޭރު ގައުމެއްގެ ނުވަތަ ސަރަހައްދެއްގެ ސަރުކާރުން ވަޒީފާ ދީފައިވާ މީހަކަށް އެ ސަރުކާރުން ދޭ އުޖޫރަ:

  1. އެ މީހަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ މީހަކަށް ނުވުން ނުވަތަ އެ މީހަކު ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވަނީ ހަމައެކަނި އެ ވަޒީފާގެ ބޭނުމަށް ކަމަށްވުން؛ އަދި
  2. އޭނާއަށް އުޖޫރަ ދެނީ އެ ގައުމުގެ ނުވަތަ އެ ސަރަހައްދުގެ ސަރުކާރުން ކަމަށްވުން؛ އަދި
  3. އެ އުޖޫރައިން އެ ގައުމުގައި ނުވަތަ އެ ސަރަހައްދުގައި ޓެކްސް ދައްކަންޖެހުން. 

(މ) އެހެން ގައުމެއްގެ ސަރުކާރަކާއެކު ނުވަތަ ކޮމިށަނަރ ޖެނެރަލް ހުއްދަކުރާ ބައިނަލްއަގްވާމީ އިދާރާއަކާއެކު ދައުލަތުގެ އޮފީހަކުން ހަދާ ފަންނީ އެހީ ދިނުމުގެ އެއްބަސްވުމެއްގެ ދަށުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ މީހަކަށް ނުވަތަ ހަމައެކަނި އެ އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ބޭނުމަށް ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ މީހަކަށް ލިބޭ އުޖޫރަ؛ 

(ފ) ބައިނަލްއަގްވާމީ ދަތުރުފަތުރުގައި ކަނޑުބޯޓު ނުވަތަ މަތިންދާބޯޓު އޮޕަރޭޓްކުރާ ނުވަތަ ޗާޓަރުކުރާ ނުވަތަ ކުއްޔަށް ދޭ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކުން ދިވެހިރާއްޖެއިން ނުވަތަ ދިވެހިރާއްޖެއަށް ފަސިންޖަރުން ނުވަތަ ލައިވްސްޓޮކް ނުވަތަ ސިޓީ ނުވަތަ ޕާރުސަލް ނުވަތަ މަރޗެންޑައިޒް ނުވަތަ މުދާ ފަދަ ތަކެތި އުފުލައިދީގެން، ނުވަތަ ދިވެހިރާއްޖޭގައި ބޭނުންކުރާ މަތިންދާބޯޓު ނުވަތަ ކަނޑުބޯޓު ނުވަތަ މަތިންދާބޯޓެއްގެ އެއަރވަރދިނަސްއަށް ނުވަތަ ކަނޑުބޯޓެއްގެ ސީވަރދިނަސްއަށް ކޮންމެހެން ބޭނުންވާ އިކުއިޕްމަންޓް ކުއްޔަށްދީގެން ލިބޭ އާމްދަނީ (އެ ފަރާތުން ވަޒަންވެރިވެފައިވާ ގައުމުން ނުވަތަ ސަރަހައްދުން، ކަނޑުބޯޓު ނުވަތަ މަތިންދާބޯޓު އޮޕަރޭޓްކުރާ ނުވަތަ ޗާޓަރުކުރާ ނުވަތަ ކުއްޔަށް ދޭ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަކަށް، އާމްދަނީން ނަގާ ޓެކުހުން ނުވަތަ އެނޫންވެސް އެފަދަ ޓެކުހަކުން ހަމަ އެ ހާލަތުގައި އިސްތިސްނާއެއް ދޭނަމަ ނުވަތަ  އެ އާމްދަނީން އެ ގައުމުގައި ނުވަތަ ސަރަހައްދުގައި ޓެކްސް ދައްކަންނުޖެހޭ ކަމަށް ކޮމިށަނަރ ޖެނެރަލަށް ގަބޫލުކުރެވޭނަމަ)؛

(ދ) ގާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ ދަށުން ލިބޭ އަސާސީ ޕެންށަނާއި ރިޓަޔަރމަންޓް ޕެންށަންގެ ގޮތުގައި ލިބޭ ފައިސާ؛

(ތ) ލައިފް އިންށުއަރެންސް ޕޮލިސީއެއްގެ ދަށުން ލިބޭ ފައިސާ؛

(ލ) ތައުލީމާގުޅޭ އެހީއާއި ސްކޮލަރށިޕް (އެ އެހީ ނުވަތަ ސްކޮލަރށިޕް ލިބުނީ އެ މީހާ ކިޔެވުމަށް މަގުފަހިކުރުމަށް ނުވަތަ އެހީތެރިވުމަށް ކަމަށް ކޮމިށަނަރ ޖެނެރަލަށް ގަބޫލުކުރެވޭނަމަ، ނުވަތަ ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާ ތައުލީމު ދޭ ނުވަތަ ރިސަރޗްކުރާ މަރުކަޒެއްގައި ތައުލީމު ހާސިލުކުރުމަށް ނުވަތަ ރިސަރޗްކުރުމަށް ކަމަށްވާނަމަ)؛

(ގ)

  1. ފަރުދަކަށް ލިބޭ ހަދިޔާ (ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ޖުމްލަ 40,000 (ސާޅީސް ހާސް) ރުފިޔާއާ ހަމައަށް)؛ ނުވަތަ
  2. އަންނަނިވި ގޮތުގެމަތިން ފަރުދަކަށް ލިބޭ ހަދިޔާގެ ކޮންމެ މިންވަރެއް:

    i. އެއީ އޭނާގެ ތިމާގެ މީހެއްގެ ފަރާތުން ލިބުނު އެއްޗަކަށްވުން؛ ނުވަތަ
    ii. އެއީ އޭނާގެ ކައިވެނީގެ މުނާސަބަތުގައި ލިބުނު އެއްޗަކަށްވުން؛ ނުވަތަ
    iii. އެއީ ދައުލަތުން، ނުވަތަ ކޮމިށަނަރ ޖެނެރަލް ހުއްދަކުރާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއަކުން ލިބުނު އެއްޗަކަށްވުން.

(ޏ) ހިބަ، ނުވަތަ ވާރުތައިގެ ގޮތުގައި ނުވަތަ ވަސިއްޔަތަކުން ލިބޭ ފައިސާ؛

(ސ) ޒަކާތުގެ ގޮތުގައި ދައުލަތުގެ އިދާރާއެއް މެދުވެރިކޮށް ލިބޭ ފައިސާ ނުވަތަ މުދާ؛

(ޑ) ކައިވެނީގެ ރަނާއި ނަފަގާގެ ފައިސާއާއި ހަޟާނަތުގެ ފައިސާ؛

(ޒ) މީހަކު ދިރިއުޅޭ އޭނާގެ ހުރި ހަމައެކަނި ތަން ނުވަތަ މައިގަނޑު ގޮތެއްގައި އޭނާގެ ދިރިއުޅުން ގާއިމުވެފައިވާ އޭނާގެ ތަން ތަސައްރުފުކޮށްގެން ލިބޭ އާމްދަނީ؛

(ޓ) ގާނޫނު ނަންބަރު 10/2011 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން އެ ގާނޫނުގެ ދަށުން ނަގާ ޓެކްސް؛

(ޔ) ގާނޫނު ނަންބަރު 2/2014 (އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނު) ގެ ދަށުން ލިބޭ އެހީ އަދި ދައުލަތުން ދޭ އެހެނިހެން އެހީގެ ގޮތުގައި ފަރުދުންނަށް ލިބޭ ފައިސާ؛

(ޕ) ގާނޫނު ނަންބަރު 15/2011 (އިޖްތިމާއީ ސިއްހީ އިންށުއަރެންސްގެ ގައުމީ ނިޒާމުގެ ގާނޫނު) ގެ ދަށުން ގާއިމުކޮށްފައިވާ "އިޖްތިމާއީ ސިއްހީ އިންށުއަރެންސް ސްކީމް" ގެ ދަށުން ހަމަޖައްސައިދޭ ފައިސާ؛

 

13 ވަނަ މާއްދާ - އެކައުންޓިންގ ބޭސިސް

(ހ) މި ގާނޫނުގެ ދަށުން ޓެކްސް ދައްކާ ފަރާތްތަކުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދު ލާޒިމުކުރާނަމަ، މާލީ ހިސާބުތައް ތައްޔާރުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ފިޔަވައި، އެ ފަރާތަކުން މާލީ ހިސާބުތައް ތައްޔާރުކުރަންވާނީ ކޮމިށަނަރ ޖެނެރަލް ގަބޫލުކުރާ ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ ހިސާބުކުރުމުގެ މިންގަނޑުތަކާ އެއްގޮތަށް، ހިސާބުކުރުމުގައި "އެކްރޫއަލް ބޭސިސް" އަށެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުން ހުއްދަކުރާ ފަރާތްތަކަށް، "ކޭށް ބޭސިސް" އަށް މާލީ ހިސާބުތައް ތައްޔާރުކުރެވިދާނެއެވެ.

(ރ) ޓެކްސް ދައްކާ ފަރާތުން ހިސާބުތައް ތައްޔާރުކުރުމަށް މި މާއްދާގެ (ނ) ގެ ދަށުން ކޭށް ބޭސިސް އިހްތިޔާރުކުރި ނަމަވެސް، އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ކެޕިޓަލް ހަރަދަކާ ގުޅިގެން އަމަލުކުރަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

(ބ) މާލީ ހިސާބުތައް ތައްޔާރުކުރާ ހިސާބުކުރުމުގެ މިންގަނޑުތަކުގައި ވަކި ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި މާއްދާގެ (ށ) ގެ ދަށުން އެކްރޫއަލް ބޭސިސްއަށް މާލީ ހިސާބުތައް ތައްޔާރުކުރާ ފަރާތަކުން، އަންނަނިވި ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.

  1. ހިސާބުކުރާ މުއްދަތެއްގެ އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، އެ މުއްދަތު ނިމުނުއިރު ރެވެނިއު އެކައުންޓެއްގައި ހުރި މުދާ ނުވަތަ ދަރަންޏާ ގުޅިގެން ލިބޭ އަންރިއަލައިޒްޑް ގެއިން (އޭގެ ތެރޭގައި އަންރިއަލައިޒްޑް ފޮރިން އެކްސްޗޭންޖް ގެއިންވެސް ހިމެނޭ ގޮތުން) ހިމަނަންވާނެއެވެ.
  2. ހިސާބުކުރާ މުއްދަތެއްގެ އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، އެ މުއްދަތު ނިމުނުއިރު ކެޕިޓަލް އެކައުންޓެއްގައި ހުރި މުދާ ނުވަތަ ދަރަންޏާ ގުޅިގެން ލިބޭ އަންރިއަލައިޒްޑް ގެއިން  (އޭގެ ތެރޭގައި އަންރިއަލައިޒްޑް ފޮރިން އެކްސްޗޭންޖް ގެއިންވެސް ހިމެނޭ ގޮތުން) ހިމަނައިގެން ނުވާނެއެވެ.
  3. ހިސާބުކުރާ މުއްދަތެއްގެ އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި، އެ މުއްދަތު ނިމުނުއިރު ރެވެނިއު އެކައުންޓެއްގައި ހުރި މުދާ ނުވަތަ ދަރަންޏާ ގުޅިގެން ލިބޭ އަންރިއަލައިޒްޑް ލޮސް (އޭގެ ތެރޭގައި އަންރިއަލައިޒްޑް ފޮރިން އެކްސްޗޭންޖް ލޮސްވެސް ހިމެނޭ ގޮތުން)، މި ގާނޫނުގެ ‏17 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން އުނިކުރެވިދާނެއެވެ.
  4. ހިސާބުކުރާ މުއްދަތެއްގެ އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، އެ މުއްދަތު ނިމުނުއިރު ކެޕިޓަލް އެކައުންޓެއްގައި ހުރި މުދާ ނުވަތަ ދަރަންޏާ ގުޅިގެން ލިބޭ އަންރިއަލައިޒްޑް ލޮސް (އޭގެ ތެރޭގައި އަންރިއަލައިޒްޑް ފޮރިން އެކްސްޗޭންޖް ލޮސްވެސް ހިމެނޭ ގޮތުން) އުންޏެއް ނުކުރެވޭނެއެވެ. 

(ޅ) ރެވެނިއު އެކައުންޓާއި ކެޕިޓަލް އެކައުންޓުގައި ހުރި މުދަލާއި ދަރަނި ކަނޑައެޅުމާއި، ހެޖިންގ އަދި އެނޫންވެސް މުއާމަލާތްތަކަށް މި މާއްދާ ހިނގާނެ ގޮތް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ

(ކ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ބޭންކަކުން ދޫކުރާ ދަރަންޏަކަށް ލިބޭ އިންޓްރެސްޓް އެއީ އާމްދަނީއެއްގެ ގޮތުގައި ނުބަލާނީ، އެ ދަރަނީގެ ޕްރިންސިޕަލް ނުވަތަ އިންޓްރެސްޓްގެ އެއްވެސް އަދަދެއް އަނބުރާ ނުލިބޭނެކަމަށް އަންދާޒާކުރާ ހާލަތުގައި، އަދި އެ އަދަދު ހިސާބުކޮށްފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހުއްދަކޮށްފައިވާ ހިސާބުކުރުމުގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށްވާނަމައެވެ. މިގޮތުން، އާމްދަނީގެ ގޮތުގައި ނުބަލާ އަދަދު އިންޓަރެސްޓް އިންކަމް އޮން ސަސްޕެންސް އެކައުންޓްގައި ހިމަނަންވާނެއެވެ. އަދި އެ އަދަދުން ޓެކްސް ނަގާނީ އެކައުންޓިންގ އުސޫލުތަކާ އެއްގޮތަށް އެ އަދަދު އާމްދަނީގެ ގޮތުގައި ހިމަނާ ޓެކްސް ނެގޭ މުއްދަތު ނުވަތަ އެ އަދަދު ލިބޭ ޓެކްސް ނެގޭ މުއްދަތުގެ ތެރެއިން ކުރިން އަންނަ ޓެކްސް ނެގޭ މުއްދަތުގައެވެ.

(އ) މާލީ ހިސާބުތައް ތައްޔާރުކުރާ ހިސާބުކުރުމުގެ މިންގަނޑުތަކުގައި ވަކި ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މާލީ ހިސާބުތައް ތައްޔާރުކުރަންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެ މަތިން، ރުފިޔާއިން ނުވަތަ އެމެރިކާ ޑޮލަރުންނެވެ.

 

14 ވަނަ މާއްދާ - އަނބުރާ ނުލިބޭނެ ކަމަށް ބަލާފައިވާ ދަރަނި ލިބުން

އަނބުރާ ނުލިބޭނެ ދަރަންޏެއްގެ ގޮތުގައި މި ގާނޫނުގެ ‏23 ވަނަ މާއްދާގައިވާ ގޮތުގެމަތިން އުނިކޮށްފައިވާ ދަރަންޏެއް ނުވަތަ ދަރަންޏެއްގެ ބައެއް އަނބުރާ ލިބިއްޖެނަމަ، އެ އަދަދު ލިބުނު ހިސާބުކުރާ މުއްދަތުގެ  އެ ފަރާތުގެ ޖުމްލަ އާމްދަނީގެ ތެރޭގައި އެ އަދަދު ހިމަނަންވާނެއެވެ.

 

15 ވަނަ މާއްދާ - އުނިކޮށްފައިވާ ހަރަދެއް އަނބުރާ ލިބުން

އެއްވެސް ފަރާތަކުން ކޮށްފައިވާ ހަރަދެއް، އެއްވެސް ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި އެ ފަރާތުގެ އާމްދަނީން އުނިކޮށްފައިވަނިކޮށް އެއްވެސް ގޮތަކުން އެ އަދަދު ނުވަތަ އެއިން ބައެއް އެ ފަރާތަށް އަނބުރާ ލިބިއްޖެނަމަ ނުވަތަ ލިބޭނެ ކަމަށް ކަނޑައެޅިއްޖެނަމަ، އެ އަދަދު ލިބުނު ނުވަތަ ލިބޭނެ ކަމަށް ކަނޑައެޅުނު ހިސާބުކުރާ މުއްދަތުގެ އެ ފަރާތުގެ ޖުމްލަ އާމްދަނީގެ ތެރޭގައި އެ އަދަދު ހިމަނަންވާނެއެވެ.

 

ހަތަރުވަނަ ބާބު

އުނިކުރުންތައް

 

16 ވަނަ މާއްދާ - ހަރަދުތައް އުނިކުރުން

(ހ) އެއްވެސް ހަރަދެއް އުނިކުރެވޭނެ ކަމަށް މި ބާބުގައި ބަޔާންކޮށްފައިވާނަމަ، ޓެކްސް ދައްކާ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެ ފަރާތެއްގެ ޖުމްލަ އާމްދަނީން އެ ހަރަދެއް އުނިކުރެވިދާނެއެވެ.

(ށ) މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެއްވެސް ހަރަދެއް އުނިކުރެވޭނެ ކަމަށް މި ގާނޫނުގެ އެއްވެސް މާއްދާއެއްގައި ބަޔާންކޮށްފައިވާނަމަ، އެ އިޝާރާތްކުރަނީ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރުމަށް މި މާއްދާގެ (ހ) އިން ހުއްދަކުރާ، މި ބާބުގައި ބަޔާންކޮށްފައިވާ ހަރަދަކަށެވެ.

 

17 ވަނަ މާއްދާ - އާންމު އުސޫލު

(ހ) ޓެކްސް ދައްކާ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެއްވެސް ހަރަދެއް އުނިކުރެވޭނީ، އެއީ އެ މުއްދަތުގައި ހިނގާފައިވާ އެ ފަރާތުގެ ހަރަދަކަށްވެފައި، އެ ހަރަދު އެކުގައިވެސް ހިނގާފައިވަނީ އެ ފަރާތުގެ ޖުމްލަ އާމްދަނީ އެކަނި ހޯދުމަށް ކަމަށްވާނަމައެވެ.

(ށ) ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ހަރަދެއް ހިނގާފައިވަނީ ޖުމްލަ އާމްދަނީ ހޯދުމަށް އެކަނި ކަމަށް ނުވާނަމަ، އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި މި މާއްދާގެ  (ހ) ގެ ދަށުން އެ ހަރަދު އުނިކުރެވޭނީ އެ ފަރާތެއްގެ ޖުމްލަ އާމްދަނީ ހޯދުމަށް އެ ހަރަދު ހިނގި ނިސްބަތުންނެވެ.

(ނ) ހަރަދެއްގެ ތެރެއިން، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޖުމްލަ އާމްދަނީ ހޯދުމަށް ހިނގާފައިވާ ހަރަދުގެ ނިސްބަތް ބަލާނެ ގޮތް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ. 

(ރ) މި މާއްދާއަށް އަމަލުކުރަންވާނީ މި ގާނޫނުގެ ‏32 ވަނަ މާއްދާއާ ހިލާފުނުވާ ގޮތުގެމަތިންނެވެ.

 

18 ވަނަ މާއްދާ - ޒަކާތް

މި ގާނޫނުގެ ‏17 ވަނަ މާއްދާއާއި ‏32 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މުދަލު ޒަކާތުގެ ގޮތުގައި ދައުލަތުގެ ކަމާބެހޭ އޮފީހަކަށް ދައްކާ ފައިސާ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، އެ ފައިސާ ދައްކާ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެއެވެ.

 

19 ވަނަ މާއްދާ - ޕެންށަނަށް ދައްކާ ފައިސާ

މި ގާނޫނުގެ ‏17 ވަނަ މާއްދާއާއި ‏32 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ގާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ ދަށުން ގާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމަށް އެ ފަރާތަކުން ދައްކާ ފައިސާ، އެ ފައިސާ ދައްކާ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެއެވެ.

 

20 ވަނަ މާއްދާ - ވެލްފެއަރ ހަރަދު

ވިޔަފާރި އާމްދަނީ ލިބޭ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި މުވައްޒަފުންގެ ވެލްފެއަރ ހަރަދުގެ ގޮތުގައި އަދަދެއް އުނިކުރެވޭނީ އަންނަނިވި ށަރުތުތަކުގެ ތެރެއިން ށަރުޠެއް ފުރިހަމަވާނަމައެވެ.

(ހ) ސިއްހީ ހާލަތަކާ ގުޅިގެން މަސައްކަތްކުރުމަށް ނުކުޅެދިފައިވާ މުވައްޒަފަކަށް ކުރާ ހަރަދަކަށްވުން؛ ނުވަތަ

(ށ) މަރުވެފައިވާ މުވައްޒަފެއްގެ ދިރިހުރި އަނތްބަކަށް ނުވަތަ ފިރިއަކަށް ނުވަތަ 18 (އަށާރަ) އަހަރުނުވާ ދަރިއަކަށް ކުރާ ހަރަދަކަށްވުން؛ ނުވަތަ

(ނ) އެ ފަރާތެއްގެ މުވައްޒަފުންގެ ފައިދާއަށް އަމާޒުކޮށްގެން އުފައްދާފައިވާ، އަދި ހުރިހާ މުވައްޒަފުންގެ ސިއްހީ ނުވަތަ އެނޫންވެސް ވެލްފެއަރ ހައްގުތައް ފުރިހަމައަށް ހިމާޔަތްކުރެވޭ ފަންޑަކަށް ކުރާ ހަރަދަކަށްވުން؛

(ރ) މުވައްޒަފުންގެ މެދުގައި ތަފާތުކުރުމެއް ނެތި، މުވައްޒަފުންގެ އާންމު މަންފާއެއް ކުރިއެރުވުމަށް ކުރާ ހަރަދަކަށްވުން.

 

21 ވަނަ މާއްދާ - ޑޮނޭށަން

(ހ) މި ގާނޫނުގެ ‏17 ވަނަ މާއްދާއާއި ‏32 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ދައުލަތުގެ އޮފީހަކަށް ނުވަތަ ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއަކަށް ޑޮނޭށަންގެ ގޮތުގައި ޓެކްސް ދައްކާ ފަރާތުން ދޭ ފައިސާއަކީ އެ ފައިސާ ދިން ހިސާބުކުރާ މުއްދަތުގެ އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެ އަދަދެކެވެ. 

(ށ) މި މާއްދާގެ ދަށުން އުނިކުރެވޭނެ އެންމެ ބޮޑު އަދަދަކީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑޮނޭށަންގެ އަދަދާއި މި ގާނޫނުގެ ފަސްވަނަ ބާބުގެ ދަށުން ގެއްލުން އުނިކުރުމުގެ ކުރިން އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީގެ %5 (ފަހެއް އިންސައްތަ) އެވެ. 

(ނ) މި ގާނޫނުގެ ދަށުން ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއަކަށް ހުއްދަ ދިނުމުގައި އަމަލުކުރާނެ އުސޫލު     މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.

 

22 ވަނަ މާއްދާ - އިންޓްރެސްޓް

(ހ) ކޮމިށަނަރ ޖެނެރަލް ގަބޫލުކުރާ ބޭންކަކަށް ނުވަތަ ބޭންކު-ނޫން މާލީ އިދާރާއަކަށް ދައްކާ އިންޓްރެސްޓް ފިޔަވައި، ޖުމްލަ އާމްދަނީ ހޯދުމުގެ ބޭނުމަށް އެއްވެސް ފަރާތަކުން ނަގާފައިވާ ލޯނަކާ ގުޅިގެން އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އިންޓްރެސްޓް އުނިކުރެވޭނީ އަހަރަކު %6 (ހައެއް އިންސައްތަ) ގެ ރޭޓަށްވުރެ އިތުރުނުވާ ގޮތުގެމަތިންނެވެ.

(ށ) މި މާއްދާއަށް އަމަލުކުރާނީ މި ގާނޫނުގެ ‏‏71 ވަނަ މާއްދާއާ ހިލާފުނުވާ ގޮތުގެމަތިންނެވެ.

 

23 ވަނަ މާއްދާ - އަނބުރާ ނުލިބޭ ދަރަންޏާއި އެ ފަދަ ދަރަނީގެ ޕްރޮވިޒަން

(ހ) ވިޔަފާރި އާމްދަނީ ލިބޭ ފަރާތަކަށް، އަނބުރާ ނުލިބޭނެ ދަރަނީގެ ގޮތުގައި އެއްވެސް އަދަދެއް އުނިކުރެވޭނީ އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.

  1. އެ ދަރަންޏަކީ އެ އަދަދު އުނިކުރާ ހިސާބުކުރާ މުއްދަތުގެ ނުވަތަ އޭގެ ކުރީގެ ހިސާބުކުރާ މުއްދަތެއްގެ އެ ފަރާތުގެ ޖުމްލަ އާމްދަނީގެ ތެރޭގައި ހިމަނާފައިވާ އަދަދަކަށްވުން ނުވަތަ ބޭންކަކުން ނުވަތަ ބޭންކު-ނޫން މާލީ އިދާރާއަކުން، އެ އިދާރާއިން އާންމު ވިޔަފާރީގެ ތެރެއިން ދޫކޮށްފައިވާ ފައިސާއަކަށްވުން؛ އަދި
  2. އެ އަދަދު އަނބުރާ ހޯދުމަށް އެޅެންހުރި އެކަށީގެންވާ ފިޔަވަޅުތައް އެ ފަރާތުން އަޅާފައިވުން؛ އަދި
  3. އެ އަދަދު އުނިކުރާއިރު، އެއީ އަނބުރާ ނުލިބޭނެ އަދަދެއް ކަމަށް އެކަށީގެންވާ ސަބަބުތަކާއެކު އެ ފަރާތަށް ގަބޫލުކުރެވުން؛ އަދި
  4. އެ އަދަދަކީ އަނބުރާ ނުލިބޭނެ އަދަދެއްގެ ގޮތުގައި، އެ އަދަދު އުނިކުރާ ހިސާބުކުރާ މުއްދަތުގެ މާލީ ހިސާބުތަކުގައި އުނިކޮށްފައިވާ އަދަދަކަށްވުން. 

(ށ) އަންނަނިވި ށަރުތުތަކުންކުރެ ށަރުޠެއް ފުރިހަމަވާ ދަރަންޏެއްނަމަ، މި މާއްދާގެ ދަށުން އެ ދަރަންޏެއް އުންޏެއް ނުކުރެވޭނެއެވެ.

  1. އެ ދަރަންޏަކާ ގުޅިގެން މުދަލެއް ރަހުނުކޮށްފައިވުން ނުވަތަ ގެރެންޓީއެއް ދީފައިވުން (އެ މުދަލުގެ ނުވަތަ ގެރެންޓީގެ އަގާ ހަމައަށް)؛ ނުވަތަ
  2. އެ ދަރަންޏެއް އަނބުރާ ހޯދުމަށް އެ ފަރާތުން ކޯޓަށް މައްސަލަ ހުށަހަޅައި، ހިސާބުކުރާ މުއްދަތު ނިމޭއިރު ކޯޓުން އެ ކަމާމެދު ގޮތެއް ކަނޑައަޅާފައި ނުވުން؛ ނުވަތަ"
  3. އެ ދަރަންޏަކީ މި ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހުގެ ކުރިން ކޮށްފައިވާ މުއާމަލާތަކާގުޅޭ ދަރަންޏަކަށްވުން.

 

24 ވަނަ މާއްދާ - ހެޑް އޮފީސް ހަރަދު

(ހ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކުން ދިވެހިރާއްޖޭގައި ހުރި ދާއިމީ މަރުކަޒެއް މެދުވެރިކޮށް އާމްދަނީ ހޯދާނަމަ، އެ ފަރާތުން އެ ދާއިމީ މަރުކަޒަށް ކުރާ ހެޑް އޮފީސް ހަރަދު، އެ ދާއިމީ މަރުކަޒުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެ މަތިން އުނިކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ހެޑް އޮފީސް ހަރަދުގެ ގޮތުގައި އެއްވެސް ހިސާބުކުރާ މުއްދަތެއްގައި އުނިކުރެވޭނީ އެ ދާއިމީ މަރުކަޒުން އާންމުކޮށް ކުރާ ވިޔަފާރިން އެ މުއްދަތުގައި ލިބުނު ޖުމްލަ އާމްދަނީގެ ގިނަވެގެން %3 (ތިނެއް އިންސައްތަ) އެވެ.

(ނ) މި މާއްދާގެ ބޭނުމަށް، ދާއިމީ މަރުކަޒަށް ހިނގާ ހެޑް އޮފީހުގެ ހަރަދުގެ ތެރޭގައި، ދާއިމީ މަރުކަޒުގެ ވެރިފަރާތާ ގުޅުންހުރި ފަރާތަކުން ކުރާ ހެޑް އޮފީސް ހަރަދާއި އެހެނިހެން ހަރަދުތައްވެސް ހިމެނެއެވެ.

 

25 ވަނަ މާއްދާ - ކެޕިޓަލް އެލަވަންސް

(ހ) ޓެކްސް ދައްކާ ފަރާތުގެ ޖުމްލަ އާމްދަނީ ހޯދުމުގެ ބޭނުމަށް ހޯދާ މުދަލަކަށް ކެޕިޓަލް ހަރަދެއް ކޮށްފައިވާނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެ މަތިން،  އެ މުދަލުގެ ކެޕިޓަލް އެލަވަންސް އުނިކުރެވިދާނެއެވެ.

(ށ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އަންނަނިވި ކަންކަން ކަނޑައަޅަންވާނެއެވެ.

  1. މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުދަލުގެ ބާވަތްތައް؛
  2. މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބާވަތްތަކުގެ މުދާ ފިޔަވައި އެނޫން މުދާ (ބިން، ގުޑްވިލް އަދި ސާބިތުކޮށް އަގު ކަނޑައެޅެން ނެތް ޣައިރު މާއްދީ މުދާ ހިމެނޭ ގޮތުން)؛
  3. ކެޕިޓަލް އެލަވަންސް ހިސާބުކުރުމުގެ ބޭނުމަށް އެ މުދަލުގެ އަގު ކަނޑައަޅާނެ ގޮތް؛
  4. ވަކި މުދަލެއްގެ ނުވަތަ ވަކި ބާވަތެއްގެ މުދަލުގެ ކެޕިޓަލް އެލަވަންސް ރޭޓު؛
  5. މުދަލެއް ތަސައްރުފުކުރުމާ ގުޅިގެން އަންނަ ބެލަންސިންގ ޗާޖް ނުވަތަ އުނިކުރެވޭ ބެލަންސިންގ އެލަވަންސް ހިސާބުކުރާނެ ގޮތް؛
  6. މި މާއްދާގެ (ހ) ދަށުން ކެޕިޓަލް އެލަވަންސް އުނިކުރުމުގައި އަމަލުކުރަންޖެހޭ އެހެނިހެން ކަންކަން.

(ނ) މި މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގެ ދަށުން ކެޕިޓަލް އެލަވަންސް ރޭޓް ކަނޑައެޅުމުގައި ގާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ ދަށުން ލައިސަންސް ދީފައިވާ ބޭންކަކުން ނުވަތަ ގާނޫނު ނަންބަރު 6/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު) ގެ ދަށުން ލައިސަންސް ދީފައިވާ ބޭންކު ނޫން މާލީ އިދާރާއަކުން ގެދޮރު އިމާރާތްކުރުމަށް ނަގާފައިވާ ލޯނަކުން ހަދާފައިވާ އިމާރާތެއްގެ ކެޕިޓަލް އެލަވަންސް ރޭޓް ކަނޑައެޅުމުގައި އެ ލޯނު އަނބުރާ ދެއްކުމަށް އެއްބަސްވެފައިވާ މުއްދަތަށް ރިއާޔަތްކުރަންވާނެއެވެ. އަދި މިކަމާގުޅޭ އިތުރު އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.

 

26 ވަނަ މާއްދާ - ވިޔަފާރި ފެށުމުގެ ކުރިން ހިނގާ ހަރަދުތައް

(ހ) ޓެކްސް ދައްކާ ފަރާތުން ޖުމްލަ އާމްދަނީ ހޯދުމަށް، ވިޔަފާރި ފެށުމުގެ ކުރިން ހަރަދެއް ކޮށްފައިވާނަމަ އެ ހަރަދަކީ އެ ވިޔަފާރި ފަށާ ދުވަހު ހިނގާފައިވާ ކެޕިޓަލް ހަރަދެއް ކަމަށް ބެލެވޭނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހަރަދު އުނިކުރެވޭނެ މިންވަރާއި އެ މިންވަރު އުނިކުރެވޭނެ ގޮތް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ. 

(ނ) ވިޔަފާރި ފެށުމުގެ ކުރިން އެ ވިޔަފާރިއާ ގުޅިގެން ޓެކްސް ދައްކާ ފަރާތަށް އާމްދަނީއެއް ލިބިއްޖެނަމަ، އެ ފަރާތުގެ ވިޔަފާރި ފަށާ ހިސާބުކުރާ މުއްދަތުގައި، މި މާއްދާގެ ދަށުން އުނިކުރެވޭ ހަރަދުތަކުން އެ އާމްދަނީ އަޅައިކަނޑަންވާނެއެވެ. އަދި އެ ހަރަދުތަކަށްވުރެ އެ އާމްދަނީ އިތުރުވާނަމަ، އެ އިތުރުވާ އަދަދަކީ އެ ހިސާބުކުރާ މުއްދަތުގައި ލިބުނު އާމްދަނީއެއް ކަމަށް ބެލެވޭނެއެވެ.

 

27 ވަނަ މާއްދާ - ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކުހުން އުނިކުރުން

(ހ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް، ދިވެހިރާއްޖޭގައި ހުރި ދާއިމީ މަރުކަޒެއް މެދުވެރިކޮށް ލިބޭ އާމްދަނީއަކުން    މި ގާނޫނުގެ ‏57 ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ދައްކާފައިވާނަމަ، އެ ގޮތުން ވިތުހޯލްޑިންގ ޓެކްސް ދައްކަންޖެހުނު އާމްދަނީގެ އަދަދަކީ އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެ އަދަދެކެވެ.

(ށ) ޓެކްސް ދައްކާ ފަރާތުން މި މާއްދާގެ (ހ) އަށް އަމަލުކުރުމަށް އިހްތިޔާރުކޮށްފިނަމަ، އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެ އާމްދަނީއާ ގުޅިގެން އިތުރު އެއްވެސް އަދަދެއް އުންޏެއް ނުކުރެވޭނެއެވެ.

 

28 ވަނަ މާއްދާ - ނުއުފުލޭ މުދަލުގެ ކުއްޔަށް ހާއްސަ އުނިކުރުންތައް

(ހ) ދިވެހިރާއްޖޭގައި ހުރި ނުއުފުލޭ މުދަލެއް ކުއްޔަށް ދީގެން އާމްދަނީ ހޯދާ ފަރާތަކުން މި ގާނޫނުގެ ‏13 ވަނަ މާއްދާގެ  (ނ) ގެ ދަށުން ކޭށް ބޭސިސްއަށް މާލީ ހިސާބުތައް ތައްޔާރުކުރާނަމަ، އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، ނުއުފުލޭ މުދަލުގެ ކުލީގެ ގޮތުގައި އެ ފަރާތަކަށް އެ ޓެކްސް އަހަރުގައި ލިބުނު ޖުމްލަ އާމްދަނީން މި މާއްދާގެ ދަށުން އަދަދެއް އުނިކުރުމަށް އިހްތިޔާރުކުރެވިދާނެއެވެ.

(ށ) މި މާއްދާގެ ދަށުން އަދަދެއް އުނިކުރުމަށް އިހްތިޔާރުކުރާ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި،  އެ ފަރާތަކަށް ނުއުފުލޭ މުދަލުގެ ކުލީގެ ގޮތުގައި ލިބުނު އާމްދަނީ ހޯދުމަށް ހިނގި ހަރަދުގެ ގޮތުގައި، ނުއުފުލޭ މުދަލުގެ ކުލީގެ ގޮތުގައި އެ ހިސާބުކުރާ މުއްދަތުގައި ލިބުނު ޖުމްލަ އާމްދަނީގެ %20 (ވިހި އިންސައްތަ) އުނިކުރެވިދާނެއެވެ.

(ނ) ޓެކްސް ދައްކާ ފަރާތުން މި މާއްދާގެ (ހ) އަށް އަމަލުކުރުމަށް އިހްތިޔާރުކޮށްފިނަމަ، އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ނުއުފުލޭ މުދާ ކުއްޔަށް ދީގެން ލިބޭ އާމްދަނީއާ ގުޅިގެން އިތުރު އެއްވެސް އަދަދެއް އުންޏެއް ނުކުރެވޭނެއެވެ.

(ރ) ޓެކްސް ދައްކާ ފަރާތުން މި މާއްދާގެ (ހ) އަށް އަމަލުކުރުމަށް އިހްތިޔާރުކޮށްފިނަމަ، އެ ގޮތް އިހްތިޔާރުކުރި ހިސާބުކުރާ މުއްދަތުން ފެށިގެން 5 (ފަހެއް) އަހަރުދުވަސް ހަމަވުމުގެ ކުރިން، ކޮމިށަނަރ ޖެނެރަލްގެ ހުއްދައާ ނުލައި އެ އިހްތިޔާރުކުރި ގޮތް ބަދަލެއް ނުކުރެވޭނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން އިހްތިޔާރުކުރާ ގޮތް ބަދަލުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.

 

29 ވަނަ މާއްދާ - ބެލަންސިންގ އެލަވަންސްއާއި ބެލަންސިންގ ޗާޖް ހިސާބުކުރުން

(ހ) މި ގާނޫނުގެ ‏3 ވަނަ މާއްދާގެ (ފ) ގައި ބަޔާންކޮށްފައިވާ އާމްދަނީން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެ މަތިން ހިސާބުކުރެވޭ، އެ މުދަލުގެ ޓެކްސް ރިޓްންޑައުން ވެލިއު އުނިކުރެވިދާނެއެވެ.

(ށ) މުދަލެއް ތަސައްރުފުކުރުމުން އެ މުދަލަކާ ގުޅިގެން ލިބޭ އިންށުއަރެންސް ކޮމްޕެންސޭށަން ނުވަތަ ބަދަލުގެ ގޮތުގައި ލިބޭ އެނޫންވެސް ފައިސާ އެ ފަރާތެއްގެ ޖުމްލަ އާމްދަނީގެ ތެރޭގައި ހިމަނަންވާނެއެވެ. އަދި މި ހާލަތުގައިވެސް މި މާއްދާގެ (ހ) އަށް އަމަލުކުރަންވާނެއެވެ.

 

30 ވަނަ މާއްދާ - ކެޕިޓަލް ގެއިންއާއި ލޮސް ހިސާބުކުރުން

(ހ) މި ގާނޫނުގެ ‏3 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ފައިދާއަކީ އެ ނަންބަރުގައި ބަޔާންކޮށްފައިވާ މުދާ ތަސައްރުފުކުރިއިރު އެ މުދަލުގެ އަގަށްވުރެ، އެ މުދާ ތަސައްރުފުކޮށްގެން ލިބުނު މުގާބިލުގެ އިތުރުވާ އަދަދެވެ.

(ށ) މި ގާނޫނުގެ ‏3 ވަނަ މާއްދާގެ (ދ) ގައި ބަޔާންކުރާ މުދަލެއް ތަސައްރުފުކޮށްގެން ލިބޭ މުގާބިލަށްވުރެ، އެ މުދާ ތަސައްރުފުކުރިއިރު އެ މުދަލުގެ އަގު އިތުރުވާނަމަ، އެ އިތުރުވާ އަދަދަކީ އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި މި ގާނޫނުގެ 34 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން އުނިކުރެވިދާނެ އަދަދެކެވެ.

(ނ) މި މާއްދާގެ ބޭނުމަށް، މުދަލެއް ތަސައްރުފުކުރިއިރު އެ މުދަލުގެ އަގު ކަމަށް ބުނެފައި އެވަނީ، އަންނަނިވި އަދަދުތަކުގެ ޖުމްލައަށެވެ.

  1. އެ މުދާ ގަތުމަށް ނުވަތަ އޭގެ ފެންވަރު ރަނގަޅުކުރުމަށް ހިނގާފައިވާ ހަރަދު؛ އަދި
  2. އެ މުދާ ތަސައްރުފުކުރުމުގައި ސީދާ ގޮތުން ހިނގާފައިވާ ހަރަދު.

(ރ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އަންނަނިވި ކަންކަން ކަނޑައަޅަންވާނެއެވެ.

  1. ތިރީގައި ބަޔާންކޮށްފައިވާ މުދާތަކުންކުރެ މުދަލެއް ތަސައްރުފުކުރުމުގައި އޭގެ އަގު ހިސާބުކުރާނެ ގޮތް:
    i. މި ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހުގެ ކުރިން ގަނެފައިވާ މުދާ؛
    ii. ގުޅުން ހުރި ދެ ފަރާތެއްގެ މެދުގައި ގަނެވިއްކާ މުދާ؛
  2. މި މާއްދާއަށް އަމަލުކުރުމުގައި ރިއާޔަތްކުރާނެ އެހެނިހެން ކަންކަން.

(ބ) މި މާއްދާގެ (ހ) އާއި (ށ) އާއި (ރ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް ވާ ފައިދާއެއް ނުވަތަ ގެއްލުމެއް، ފަރުދެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ނުހިމެނޭނެއެވެ.

  1. ވަކި މުދަލެއް ނުވަތަ އެއް ބާވަތެއްގެ މުދާތަކެއް އެއްފަހަރާ ތަސައްރުފުކޮށްގެން ލިބޭ މުގާބިލުގެ ޖުމްލަ 40,000 (ސާޅީސް ހާސް) ރުފިޔާއަށްވުރެ އިތުރުނުވުން އަދި މި ފަދަ މުއާމަލާތްތަކުން ލިބޭ މުގާބިލުގެ ޖުމްލަ ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި    100,000 (އެއް ލައްކަ) ރުފިޔާއަށްވުރެ އިތުރުނުވުން؛
  2. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އޭނާގެ ދިރިއުޅުން މައިގަނޑު ގޮތެއްގައި ގާއިމުވެފައިވާ އަދި އޭނާގެ މިލްކުގައިވާ ހަމައެކަނި ތަން ތަސައްރުފުކުރުން؛
  3. މީހަކު އޭނާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ނުވަތަ ދަރިއަކަށް ނުވަތަ މަންމައަށް ނުވަތަ ބައްޕައަށް، އުފުލޭ މުދަލެއް ނުވަތަ ނުއުފުލޭ މުދަލެއް ނުވަތަ ފިކުރީ މުދަލެއް ނުވަތަ ޣައިރު މާއްދީ މުދަލެއް ދިނުން؛
  4. މީހަކު އޭނާގެ އަންނައުނާއި، ގޭތެރޭގައި ބޭނުންކުރާ ފަރުނީޗަރާއި ހައުސްހޯލްޑް އެޕްލަޔަންސް އަދި ހިފާގެންގުޅޭ ސާމާނު ތަސައްރުފުކުރުން؛
  5. މީހަކު މަރުވުމުން އޭނާގެ މިލްކުގައި ހުރި އުފުލޭ ނުވަތަ ނުއުފުލޭ ނުވަތަ ފިކުރީ ނުވަތަ ޣައިރު މާއްދީ މުދަލެއް އެހެން މީހަކަށް ލިބުން.

 

31 ވަނަ މާއްދާ - އެއް ހަރަދެއް ދެ ފަހަރަށް އުނިނުކުރުން

އެއްވެސް ހަރަދަކީ މި ގާނޫނުގެ އެއް މާއްދާއަށްވުރެ ގިނަ މާއްދާގެ ދަށުން އުނިކުރެވޭ ހަރަދެއްކަމުގައިވީ ނަމަވެސް، އެ ހަރަދެއް އުނިކުރަންވާނީ އެންމެ ފަހަރަކުއެވެ. އަދި އުނިކުރާ އަދަދަކީ ހިނގާފައިވާ ހަރަދުގެ ޖުމްލައަށްވުރެ އިތުރު އަދަދަކަށް ވެގެންނުވާނެއެވެ.

 

32 ވަނަ މާއްދާ - އުނިނުކުރެވޭނެ ހަރަދުތައް

(ހ) ޓެކްސް ދައްކާ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އަންނަނިވި ހަރަދުތަކަކީ އުނިކުރެވޭނެ ހަރަދުތަކެއްނޫނެވެ.

  1. ދިރިއުޅުމަށް ނުވަތަ އަމިއްލަ ބޭނުންތަކަށް ހިނގާ ހަރަދު؛
  2. މި ގާނޫނުގެ ‏26 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކެޕިޓަލް ހަރަދާއި މި ގާނޫނުގެ    ‏30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިސާބުކުރުމުގައި ހިމަނާފައިވާ ކެޕިޓަލް ހަރަދު ފިޔަވައި އެހެނިހެން ކެޕިޓަލް ހަރަދު (މި ގާނޫނުގެ ‏25 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ކެޕިޓަލް އެލަވަންސްގެ ގޮތުގައި އުނިކުރެވޭ އަދަދު މެނުވީ)؛
  3. މި ގާނޫނުގެ ‏12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާމްދަނީ ހޯދުމުގެ ބޭނުމަށް ހިނގާ ހަރަދު؛
  4. ދިވެހިރާއްޖޭގައި ނުވަތަ ދިވެހިރާއްޖޭން ބޭރުގައި ދައްކަންޖެހޭ، އާމްދަނީން ނަގާ ޓެކްސް؛
  5. ގާނޫނު ނަންބަރު 10/2010 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް އުނިކުރެވޭ އިންޕުޓް ޓެކްސް؛
  6. މި ގާނޫނުގެ 23 ވަނަ މާއްދާއާއި 36 ވަނަ މާއްދާއާއި 39 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާ ހިލާފުނުވާ ގޮތުގެމަތިން، ކުރަންޖެހިދާނެ ހަރަދަކަށް ނުވަތަ ވެދާނެ ގެއްލުމަކަށް ހަދާ ޕްރޮވިޒަން؛
  7. ގާނޫނެއް ނުވަތަ ގަވާއިދަކާ އެއްގޮތަށް އަމަލުނުކުރުމުގެ ސަބަބުން ދައްކަންޖެހޭ ޖޫރިމަނާ ނުވަތަ އެނޫންވެސް ފައިސާ؛
  8. ރިށްވަތުގެ ގޮތުގައި އެއްވެސް ފަރާތަކަށް ދޭ ފައިސާ؛
  9. އަންނަނިވި ށަރުތުތައް ހަމަވާ ލައިފް އިންށުއަރެންސް ޕޮލިސީތައް ފިޔަވައި އެހެން ލައިފް އިންށުއަރެންސް ޕޮލިސީއެއްގެ ޕްރީމިއަމް:

  

ފަސްވަނަ ބާބު

ގެއްލުން

33 ވަނަ މާއްދާ - ކުރިއަށް ހުރި ހިސާބުކުރާ މުއްދަތުތަކުގައި ގެއްލުން އުނިކުރުން

(ހ) ވިޔަފާރި އާމްދަނީ ލިބޭ ފަރާތަކަށް ހިސާބުކުރާ މުއްދަތެއްގައި ގެއްލުމެއް ވެފައިވާނަމަ، ކުރިއަށް ހުރި ހިސާބުކުރާ މުއްދަތުތަކުގެ އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެ ގެއްލުމުގެ އަދަދު އުނިކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުރިއަށް ހުރި ހިސާބުކުރާ މުއްދަތުތަކުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ގެއްލުމުގެ އަދަދެއް އުނިކުރާ ހާލަތުގައި:

  1. އެ ގެއްލުން އުނިކުރާ ހިސާބުކުރާ މުއްދަތުގައި، މި މާއްދާގެ ދަށުން ގެއްލުން އުނިކުރުމުގެ ކުރިން އޮންނަ ޓެކްސް ބިނާކުރެވޭ އާމްދަނީއަކީ 0 (ސުމެއް) އަށްވުރެ އިތުރު އަދަދެއްނަމަ ގެއްލުމުގެ ގޮތުގައި އެންމެ ގިނަވެގެން އުނިކުރެވޭނީ އެ އިތުރުވި އަދަދާ އެއްވަރުގެ އަދަދެކެވެ. އަދި
  2. އެ ގެއްލުން އުނިކުރާ ހިސާބުކުރާ މުއްދަތުގައި، މި މާއްދާގެ ދަށުން ގެއްލުން އުނިކުރުމުގެ ކުރިން އޮންނަ ޓެކްސް ބިނާކުރެވޭ އާމްދަނީއަކީ 0 (ސުމެއް) ނުވަތަ އެއަށްވުރެ ކުޑަ އަދަދެއްނަމަ ގެއްލުމުގެ އަދަދެއް އުންޏެއް ނުކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ގެއްލުމުގެ އަދަދެއް ކުރިއަށް ހުރި ހިސާބުކުރާ މުއްދަތުތަކުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރާނަމަ އެ ގޮތުން އުނިކުރަމުން ގެންދެވޭނީ އެ ގެއްލުންވި ހިސާބުކުރާ މުއްދަތު ނިމުނު ތާރީހުން ފެށިގެން ގިނަވެގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަކަށެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ގެއްލުމުގެ އަދަދު އުނިކުރަމުން ގެންދަންވާނީ އެ ގެއްލުންވި ތަރުތީބު (ކުރިން ވި ގެއްލުން ކުރިން އުނިކުރާ އުސޫލު) އިންނެވެ.

(ބ) މި މާއްދާގެ (ހ) އިން (ރ) އަށް ހުރި އަކުރުތަކަށް އަމަލުކުރެވޭނީ އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.

  1. އެއީ ކުންފުންޏެއް (ދިވެހިރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކުންފުނިތައް ފިޔަވައި) ނަމަ، ގެއްލުންވެފައިވާ ހިސާބުކުރާ މުއްދަތު ފެށުނީއްސުރެ އެ ގެއްލުމުގެ އަދަދު ނުވަތަ އެއިން ބައެއް އުނިކުރާ ހިސާބުކުރާ މުއްދަތު ނިމެންދެން، އެ ކުންފުނީގެ އޯޑިނަރީ ޝެއަރ ކެޕިޓަލުގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ ބޮޑު ބައެއް ބަދަލުނުވެ އެއް ފަރާތެއްގެ ނުވަތަ އެއް ފަރާތްތަކެއްގެ އަތުގައި އޮތުން، އަދި އެ މުއްދަތުގައި އެ ކުންފުނިން އެއް ބާވަތެއްގެ ވިޔަފާރިއެއް ކުރަމުން ގެންދިއުން؛
  2. އެއީ ޕާޓްނަރށިޕެއްނަމަ، ގެއްލުންވެފައިވާ ހިސާބުކުރާ މުއްދަތު ފެށުނީއްސުރެ ގެއްލުމުގެ އަދަދު ނުވަތަ އެއިން ބައެއް އުނިކުރާ ހިސާބުކުރާ މުއްދަތު ނިމެންދެން، އެ ޕާޓްނަރށިޕުގެ ކެޕިޓަލުގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ ބޮޑު ބައެއް ބަދަލުނުވެ އެއް ޕާޓްނަރުންތަކެއްގެ އަތުގައި އޮތުން، އަދި އެ މުއްދަތުގައި އެ ޕާޓްނަރށިޕުން އެއް ބާވަތެއްގެ ވިޔަފާރިއެއް ކުރަމުން ގެންދިއުން؛
  3. އެއީ ޓްރަސްޓެއްނަމަ، ގެއްލުންވެފައިވާ ހިސާބުކުރާ މުއްދަތު ފެށުނީއްސުރެ އެ ގެއްލުމުގެ އަދަދު ނުވަތަ އެއިން ބައެއް އުނިކުރާ ހިސާބުކުރާ މުއްދަތު ނިމެންދެން، އެ ޓްރަސްޓުގެ ކެޕިޓަލް ނުވަތަ އާމްދަނީގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ ބޮޑު މަސްލަހަތެއް އެއް ފަރާތެއް ނުވަތަ އެއް ފަރާތްތަކެއްގެ އަތުގައި އޮތުން، އަދި އެ މުއްދަތުގައި އެ ޓްރަސްޓުން އެއް ބާވަތެއްގެ ވިޔަފާރިއެއް ކުރަމުން ގެންދިއުން.

 

34 ވަނަ މާއްދާ - ކެޕިޓަލް ލޮސް އުނިކުރުން

މި ގާނޫނުގެ ‏30 ވަނަ މާއްދާގެ (ށ) ގެ ދަށުން ހިސާބުކޮށްފައިވާ ކޮންމެ ގެއްލުމެއްވެސް އުނިކުރެވޭނީ އެ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ހިސާބުކޮށްފައިވާ ފައިދާއިން، އެ ގެއްލުންވެފައިވާ ހިސާބުކުރާ މުއްދަތެއްގައެވެ. ނުވަތަ އެ ފައިދާއަށްވުރެ އެ ގެއްލުމުގެ އަދަދު އިތުރުވާ މިންވަރަކަށް، ޖެހިގެން އަންނަ ހިސާބުކުރާ މުއްދަތުތަކުގައި މި ގާނޫނުގެ ‏30 ވަނަ މާއްދާގެ ދަށުން ހިސާބުކޮށްފައިވާ ފައިދާއިން، އެ އިތުރުވާ ގެއްލުމުގެ އަދަދު އަޅައިކެނޑިދާނެއެވެ. އަދި މި ގާނޫނުގެ ‏33 ވަނަ މާއްދާގެ ގައި "ގެއްލުން" ނުވަތަ "ޓެކްސް ބިނާކުރެވޭ އާމްދަނީ" ކަމަށް ބަޔާންކޮށްފައިވާ ތަންތަން މާނަކުރަންވާނީ މިއާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

35 ވަނަ މާއްދާ - ގެއްލުން އުނިކުރުމުގެ އުސޫލު

(ހ) މި މާއްދާގެ ބޭނުމަށް "ގެއްލުން" ކަމަށް ބުނެފައި އެވަނީ، ޓެކްސް ދައްކާ ފަރާތެއްގެ ޖުމްލަ އާމްދަނީއަށްވުރެ، މި ގާނޫނުގެ ދަށުން އުނިކުރެވޭ ހަރަދުތައް )މި ގާނޫނުގެ ‏18 ވަނަ މާއްދާ އާއި ‏21 ވަނަ މާއްދާ ގެ ދަށުން އުނިކުރެވޭ ހަރަދުތައް ފިޔަވައި) އިތުރުވާނަމަ، އެ އިތުރުވާ އަދަދަށެވެ.

(ށ) މި ގާނޫނުގެ ‏33 ވަނަ މާއްދާގެ ދަށުން އުނިކުރާ ގެއްލުމުގެ އަދަދަކީ އެ މުއްދަތުގައި ވެފައިވާ ގެއްލުމުގެ ޖުމްލައަށްވުރެ އިތުރު އަދަދަކަށް ވެގެންނުވާނެއެވެ.

(ނ) މި ގާނޫނުގެ ތޭރަވަނަ ބާބާ ހިލާފުނުވާ ގޮތުގެމަތިން، މި މާއްދާ އެމައްޗަށް ހިނގާނީ، މި ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހުގެ ފަހުން ވާ ގެއްލުންތަކަށް އެކަންޏެވެ.

(ރ) ގެއްލުމެއް ނުވަތަ އެއިން ބައެއް ވެފައިވަނީ މި ގާނޫނުގެ ދަށުން އެ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ އަދަދު ކުޑަކުރުމުގެ ގޮތުން އެ ފަރާތުން ނުވަތަ އެހެން ފަރާތަކުން ކޮށްފައިވާ މުއާމަލާތަކާ ގުޅިގެން ނުވަތަ ހަމަޖައްސާފައިވާ އިންތިޒާމަކާ ގުޅިގެން ކަމަށްވާނަމަ، އެހެން ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީން އެ ގެއްލުމުގެ އަދަދު ނުވަތަ އެއިން ބައެއް އަޅައިކަނޑައިގެންނުވާނެއެވެ.

 

ހަވަނަ ބާބު

ބައެއް ވިޔަފާރިތަކަށް ހާއްސަ އުސޫލުތައް

 

36 ވަނަ މާއްދާ - ބޭންކު

(ހ) މި ގާނޫނުގެ 23 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެން ހިސާބުކުރުމުން އަންނަ އަދަދަށްވުރެ އިތުރުނުވާނެ ގޮތެއްގެމަތިން، ބޭންކަކުން ދޫކޮށްފައިވާ ވަކިވަކި ލޯނަކުން ނުވަތަ ވަކިވަކި އެޑްވާންސްއަކުން އަނބުރާ ނުލިބޭނެ ދަރަނީގެ ޕްރޮވިޒަން،   އެ ބޭންކެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެއެވެ.

(5% x a) - b

"a" އަކީ އެ ބޭންކުން ދޫކޮށްފައިވާ ލޯނު ނުވަތަ އެޑްވާންސްގެ ގޮތުގައި އެ ބޭންކުގެ ހިސާބުކުރާ މުއްދަތު ނިމޭ ދުވަހު ހުރި އަދަދުގެ ބުކް ވެލިއުއެވެ.
"b" އަކީ ފާއިތުވި ހިސާބުކުރާ މުއްދަތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، އަނބުރައި ނުލިބޭނެ ދަރަނީގެ ޕްރޮވިޒަންގެ ގޮތުގައި އުނިކޮށްފައިވާ އަދަދެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އުނިކުރެވޭ އަދަދު ފިޔަވައި، ބޭންކަކުން ކޮށްފައިވާ އެހެނިހެން އިންވެސްޓްމަންޓަކާ ގުޅިގެން އަނބުރާ ނުލިބޭނެ ކަމަށް އަންދާޒާކުރާ ދަރަނީގެ ޕްރޮވިޒަން އުންޏެއް ނުކުރެވޭނެއެވެ.

 
37 ވަނަ މާއްދާ - ޕާޓްނަރށިޕް

(ހ) ޕާޓްނަރށިޕެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީން މި ގާނޫނުގެ ދަށުން ޓެކްސް ދައްކަންވާނީ އެ ޕާޓްނަރށިޕަކީ ވަކި ގާނޫނީ ށަހުސެއް ކަމަށް ބަލައިގެން، އެ ޕާޓްނަރށިޕުގެ ނަމުގައެވެ.

(ށ) ޖެނެރަލް ޕާޓްނަރށިޕެއްގެ ކޮންމެ ޕާޓްނަރަކުމެ، މި ގާނޫނުގެ ދަށުން އެ ޕާޓްނަރށިޕުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް، ވަކިވަކިންނާއި އެކުއެކީގައި ޒިންމާވާން ވާނެއެވެ.

 

38 ވަނަ މާއްދާ - ޓްރަސްޓް

(ހ) ޓްރަސްޓެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީން މި ގާނޫނުގެ ދަށުން ޓެކްސް ދައްކަންވާނީ އެ ޓްރަސްޓަކީ ވަކި ގާނޫނީ ށަހުސެއް ކަމަށް ބަލައިގެންނެވެ.

(ށ) ޓްރަސްޓުގެ އެއްބަސްވުމުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި ގާނޫނުގައިވާ ގޮތުގެމަތިން އެ ޓްރަސްޓުގެ ޓެކްސް ބިނާކުރެވޭ އާމްދަނީން ޓެކްސް ދައްކަންވާނެއެވެ.

(ނ) ޓްރަސްޓެއްގެ ކޮންމެ ޓްރަސްޓީއަކުމެ، މި ގާނޫނުގެ ދަށުން  އެ ޓްރަސްޓުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް ވަކިވަކިންނާއި އެކުއެކީގައި ޒިންމާވާންވާނެއެވެ.

 

39 ވަނަ މާއްދާ - އިންށުއަރެންސްގެ ވިޔަފާރި

(ހ) މި މާއްދާ ހިނގާނީ އިންށުއަރެންސްގެ ވިޔަފާރިކުރާ ފަރާތްތަކަށެވެ.

(ށ) ލައިފް އިންށުއަރެންސްގެ ވިޔަފާރި ފިޔަވައި އެހެނިހެން އިންށުއަރެންސްގެ ވިޔަފާރިކުރާ ފަރާތަކުން، ހިސާބުކުރާ މުއްދަތަކަށް އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރަންވާނީ މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އަންނަނިވި އުނިއިތުރުކުރުންތައް ހިމަނައިގެންނެވެ.

  1. އަންނަނިވި އަދަދުތައް، އެ ފަރާތެއްގެ ޖުމްލަ އާމްދަނީއަށް އިތުރުކުރުން:
    i. ހިސާބުކުރާ މުއްދަތު ފެށުނުއިރު ހުރި އަންއެކްސްޕަޔަރޑް ރިސްކް ރިޒަރވުގެ ބާކީ؛ އަދި
    ii. ހިސާބުކުރާ މުއްދަތު ފެށުނުއިރު ރިޕޯޓުކޮށްފައިވާ، އަދި އެއާ ގުޅިގެން ފައިސާ ދައްކަންޖެހޭ، ނަމަވެސް ފައިސާ ނުދައްކައި ހުރި ކްލެއިމްތަކުގެ އަންދާޒާ އަދަދު (ރިޕޯޓެޑް ބަޓް ނޮޓް ޕެއިޑް ކްލެއިމްސް)؛ އަދި
    iii. ހިސާބުކުރާ މުއްދަތު ފެށުނުއިރު ހިނގާފައިވާ، ނަމަވެސް ރިޕޯޓުކޮށްފައިނުވާ ކްލެއިމްތައް (އިންކަރޑް ބަޓް ނޮޓް ރިޕޯޓެޑް ކްލެއިމްސް) ހިސާބުކޮށްފައިވަނީ އާންމުކޮށް ބަލައިގަންނަ އަދި ކޮމިށަނަރ ޖެނެރަލް ގަބޫލުކުރާ އެކްޗުއޭރިއަލް އުސޫލަކުން ކަމަށްވާނަމަ    އެ އަދަދު.

  2. އަންނަނިވި އަދަދުތައް، އެ ފަރާތެއްގެ ޖުމްލަ އާމްދަނީން އުނިކުރުން:
    i.  ހިސާބުކުރާ މުއްދަތު ނިމުނުއިރު ހުރި އަންއެކްސްޕަޔަރޑް ރިސްކް ރިޒަރވުގެ ބާކީ؛ އަދި
    ii. ހިސާބުކުރާ މުއްދަތު ނިމުނުއިރު ރިޕޯޓުކޮށްފައިވާ، އަދި އެއާ ގުޅިގެން ފައިސާ ދައްކަންޖެހޭ، ނަމަވެސް ފައިސާ ނުދައްކައި ހުރި ކްލެއިމްތަކަށް އެކަށީގެންވާ މިންގަނޑެއްގައި އަންދާޒާކުރާ އަދަދު (ރިޕޯޓެޑް ބަޓް ނޮޓް ޕެއިޑް ކްލެއިމްސް)؛ އަދި
    iii. ހިސާބުކުރާ މުއްދަތު ފެށުނުއިރު ހިނގާފައިވާ، ނަމަވެސް ރިޕޯޓުކޮށްފައިނުވާ ކްލެއިމްތައް (އިންކަރޑް ބަޓް ނޮޓް ރިޕޯޓެޑް ކްލެއިމްސް) ހިސާބުކޮށްފައިވަނީ އާންމުކޮށް ބަލައިގަންނަ އަދި ކޮމިށަނަރ ޖެނެރަލް ގަބޫލުކުރާ އެކްޗުއޭރިއަލް އުސޫލަކުން ކަމަށްވާނަމަ    އެ އަދަދު.

(ނ) އިންށުއަރެންސްގެ ވިޔަފާރިކުރާ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، ކްލެއިމަކާ ގުޅިގެން (ރީއިންށުއަރެންސް ކޮންޓްރެކްޓެއްގެ ދަށުން ނުވަތަ އެނޫން ގޮތަކަށް ވިޔަސް) އެ ފަރާތަކަށް އަނބުރާ ލިބޭނެ ކަމަށް ލަފާކުރެވޭ އަދަދު ހިމަނަންވާނެއެވެ.

(ރ) މި މާއްދާގެ ބޭނުމަށް، އަންއެކްސްޕަޔަރޑް ރިސްކް ރިޒަރވް ކަމަށް ބުނެފައި އެވަނީ، އެ އިރަކު ހުރި އިންށުއަރެންސް ޕޮލިސީތަކުގެ ބާކީ އޮތް މުއްދަތަށް ނިސްބަތްވާ ކްލެއިމްތަކާ ގުޅިގެން ކުރިޔަށް އޮތް ތަނުގައި ދައްކަންޖެހިދާނެ ކަމަށް ލަފާކުރެވޭ، ކޮމިށަނަރ ޖެނެރަލް ގަބޫލުކުރާ އެކްޗުއޭރިއަލް އުސޫލަކުން ހިސާބުކޮށްފައިވާ އަދަދަކުން، އެއިރަކު އެ ފަރާތުގެ އަންއަރންޑް ޕްރީމިއަމް ރިޒަރވްގައި ހުރި އަދަދު އުނިކުރުމުން އަންނަ އަދަދަށެވެ. އަދި މި ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހުގެ ފަހުން އަންނަ އެ ފަރާތެއްގެ ފުރަތަމަ ހިސާބުކުރާ މުއްދަތު ފެށޭއިރު ހުރި އަންއެކްސްޕަޔަރޑް ރިސްކް ރިޒަރވުގެ ތެރޭގައި، މި ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހު ހުރި އެ ފަރާތުގެ އަންއެކްސްޕަޔަރޑް ރިސްކް ރިޒަރވްގައި ބާކީ ހުރި އަދަދު ހިމެނެއެވެ.

(ބ) އަންނަނިވި ބާވަތްތަކުގެ ވިޔަފާރިކުރާ ފަރާތްތަކުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާނެ ގޮތް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.

  1. ލައިފް އިންށުއަރެންސްގެ ވިޔަފާރި (އާންމުކޮށް ބަލައިގަންނަ އެކްޗުއޭރިއަލް އުސޫލުތަކަށް ރިއާޔަތްކޮށްގެން)؛ އަދި
  2. ލައިފް އިންށުއަރެންސްގެ ވިޔަފާރިއާއި އެހެނިހެން އިންށުއަރެންސްގެ ވިޔަފާރި.

 

40 ވަނަ މާއްދާ - ބައިނަލްއަގްވާމީ ދަތުރުފަތުރުގެ ވިޔަފާރި

(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި ގާނޫނުގެ ‏11 ވަނަ މާއްދާގެ (ޑ) ގައި ބަޔާންކޮށްފައިވާ އާމްދަނީން ޓެކްސް ދައްކާނީ އެ އާމްދަނީގެ ޖުމްލައިގެ %2 (ދޭއް އިންސައްތަ) ގެ ރޭޓުގައެވެ

(ށ) ތިރީގައި ބަޔާންކޮށްފައިވާ އެއްވެސް އާމްދަނީއަކަށް މި މާއްދާއެއް ނުހިނގާނެއެވެ.

  1. މި ގާނޫނުގެ ‏12 ވަނަ މާއްދާގެ ދަށުން އިސްތިސްނާވާ އާމްދަނީ؛
  2. އަންނަނިވި ށަރުތުތަކުންކުރެ ށަރުޠެއް ފުރިހަމަވާ އާމްދަނީ:
    i.  އެ އާމްދަނީ ލިބުނީ ދިވެހިރާއްޖެއިން ބޭރުގެ ދެ މަންޒިލެއްގެ ދެމެދުގައި ދަތުރުކުރުމުގެ ތެރޭގައި ދިވެހިރާއްޖޭގައި ޓްރާންސިޓްކުރާ ފަސިންޖަރަކާ ގުޅިގެން ކަމަށްވުން؛ ނުވަތަ
    ii. އެ އާމްދަނީ ލިބުނީ ލައިވްސްޓޮކް ނުވަތަ ސިޓީ ނުވަތަ ޕާރުސަލް ނުވަތަ މަރޗެންޑައިޒް ނުވަތަ މުދަލެއްގެ ޓްރާންށިޕްމަންޓާ ގުޅިގެން ކަމަށްވުން.

 

ހަތްވަނަ ބާބު

ޓެކްސް ބަޔާން ހުށަހެޅުމާއި ޓެކްސް ދެއްކުން

 

41 ވަނަ މާއްދާ - ޓެކްސް ބަޔާން ހުށަހެޅުމާއި ޓެކްސް ދެއްކުން ލާޒިމުވުން

(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، މި ގާނޫނުގެ ދަށުން އާމްދަނީން ނަގާ ޓެކްސް ދައްކާ ކޮންމެ ފަރާތަކުންމެ، ކޮންމެ ޓެކްސް އަހަރަކަށްވެސް، އެ ޓެކްސް އަހަރެއްގައި ނިމުނު ހިސާބުކުރާ މުއްދަތުގެ ތެރޭގައި އެ ފަރާތަކަށް ލިބުނު ޓެކްސް ބިނާކުރެވޭ އާމްދަނީއާ ގުޅިގެން މި ގާނޫނުގައި ކަނޑައަޅާ ގޮތެއްގެ މަތިން މީރާއަށް ޓެކްސް ބަޔާނެއް ހުށަހަޅައި ޓެކްސް ދައްކަންވާނެއެވެ.

(ށ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ،  މި ގާނޫނުގެ ދަށުން އާމްދަނީން ނަގާ ޓެކްސް ދައްކާ ކޮންމެ ފަރާތަކުންމެ، ކޮންމެ ޓެކްސް އަހަރަކަށްވެސް މި ގާނޫނުގައި ކަނޑައަޅާ ގޮތެއްގެ މަތިން އިންޓެރިމް ޕޭމަންޓާގުޅޭ ބަޔާނެއް ހުށަހަޅައި، އެ އިންޓެރިމް ޕޭމަންޓް މީރާއަށް ދައްކަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބަޔާން ހުށަހަޅަންވާނީ މީރާއިން އެ ކަމަށް ކަނޑައަޅާ ފޯމަކުންނެވެ. އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުން ލާޒިމުކުރާ ފަރާތްތަކުން ޓެކްސް ބަޔާން ހުށަހަޅަންވާނީ ކަމާބެހޭ އިދާރާއަކުން ހުއްދަ ދީފައިވާ ފަރާތަކުން އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާ އެކުގައެވެ.

(ރ) މާލީ ހިސާބުތައް ތައްޔާރުކުރުމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ލާޒިމުކުރާ ފަރާތްތަކުން، މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ތައްޔާރުކުރަންޖެހޭ ބަޔާންތައް ތައްޔާކުރަންވާނީ އަދި އެ ފަރާތަކުން އެ އަކުރުތަކުގެ ދަށުން ޓެކްސް ދައްކަންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެ މަތިން ރުފިޔާ ނުވަތަ އެމެރިކާ ޑޮލަރުންނެވެ.

 

42 ވަނަ މާއްދާ - ޓެކްސް ބަޔާން ހުށަހެޅުމާއި ޓެކްސް ދެއްކުމުގެ ސުންގަޑި

މި ގާނޫނުގެ ‏41 ވަނަ މާއްދާގެ ދަށުން ޓެކްސް ބަޔާން ހުށަހަޅައި ޓެކްސް ދައްކަންވާނީ އަންނަނިވި ތާރީހުތަކުގެ ނިޔަލަށެވެ.

(ހ) ފުރަތަމަ އިންޓެރިމް ޕޭމަންޓާއި އެއާގުޅޭ ބަޔާން: ޓެކްސް އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަސް؛

(ށ) ދެވަނަ އިންޓެރިމް ޕޭމަންޓާއި އެއާގުޅޭ ބަޔާން: ވިދިގެންއަންނަ ޓެކްސް އަހަރުގެ ޖަނަވަރީ މަހުގެ 31 ވަނަ ދުވަސް؛

(ނ) ފައިނަލް ޕޭމަންޓާއި ޓެކްސް ބަޔާން: ވިދިގެންއަންނަ ޓެކްސް އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަސް.

 

43 ވަނަ މާއްދާ - އިންޓެރިމް ޕޭމަންޓް ހިސާބުކުރުން

(ހ) މި ގާނޫނުގެ ދަށުން އެ ފަރާތަކުން ޓެކްސް ދައްކަންޖެހޭ ފުރަތަމަ ޓެކްސް އަހަރު ("ފުރަތަމަ ޓެކްސް އަހަރު")،     މި ގާނޫނުގެ ‏41 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ކޮންމެ އިންޓެރިމް ޕޭމަންޓަކީވެސް، އެ ޓެކްސް އަހަރުގައި ނިމޭ ހިސާބުކުރާ މުއްދަތަކަށް ދައްކަންޖެހޭނެ ކަމަށް އެ ފަރާތުން އަންދާޒާކުރާ ޓެކުހުގެ އަދަދުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އަދަދަކަށް ވާންވާނެއެވެ.

(ށ) ފުރަތަމަ ޓެކްސް އަހަރާ ޖެހިގެން އަންނަ ޓެކްސް އަހަރަށް އަދި އޭގެ ފަހުން އަންނަ ކޮންމެ ޓެކްސް އަހަރަކަށްވެސް މި ގާނޫނުގެ ‏41 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ކޮންމެ އިންޓެރިމް ޕޭމަންޓަކީވެސް، ފައިބެ ޓެކްސް އަހަރަށް އެ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ އަދަދުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އަދަދަކަށް ވާންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ބޭނުމަށް، ފައިބެ ޓެކްސް އަހަރަށް ޓެކްސް ދައްކާފައިވަނީ 12 (ބާރަ) މަސްދުވަހަށްވުރެ ކުރު ނުވަތަ އެއަށްވުރެ ދިގު ހިސާބުކުރާ މުއްދަތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީން ކަމުގައިވާނަމަ، އެ ފަރާތަކުން މި ގާނޫނުގެ ‏41 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ކޮންމެ އިންޓެރިމް ޕޭމަންޓަކީވެސް، ފައިބެ ޓެކްސް އަހަރަށް އެ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ އަދަދުގެ ދެބައިކުޅަ އެއްބަޔާ އަންނަނިވި ކަސްރާ ގުނަކުރުމުން އަންނަ އަދަދެވެ.

 365

_____
a


"a" އަކީ ފައިބެ ޓެކްސް އަހަރު ނިމުނު ހިސާބުކުރާ މުއްދަތުގައި ހިމެނޭ ދުވަސްތަކުގެ އަދަދެވެ.

 

(ރ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ޓެކްސް އަހަރަކަށް ދައްކަންޖެހޭ ޓެކުހުގެ އަދަދަކީ ފައިބެ ޓެކްސް އަހަރަށް ދައްކަންޖެހޭ އަދަދަށްވުރެ ކުޑަ އަދަދެއް ކަމަށް ބެލެވޭނެ އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، މި ގާނޫނުގެ  ‏41 ވަނަ މާއްދާގެ ދަށުން އެ ފަރާތުން ދައްކަންޖެހޭ އިންޓެރިމް ޕޭމަންޓުގެ އަދަދު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އަންދާޒާކުރެވިދާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ހާލަތުގައި، އަންދާޒާކުރާ އިންޓެރިމް ޕޭމަންޓް ނިސްބަތްވާ ޓެކްސް އަހަރަށް ދައްކަންޖެހޭ ޓެކުހުގެ ޖުމްލަ އަދަދަކީ އެ ފަރާތުން އަންދާޒާކުރި އިންޓެރިމް ޕޭމަންޓުތަކުގެ ޖުމްލައަށްވުރެ %20 (ވިހި އިންސައްތަ) ބޮޑު އަދަދެއްނަމަ، އެ ފަރާތުން އެ ޓެކްސް އަހަރަށް އިންޓެރިމް ޕޭމަންޓް ދައްކަންޖެހިފައިވަނީ މި މާއްދާގެ (ށ) ގެ ދަށުން ކަމަށް ބަލައި، ދައްކަންޖެހޭ ތާރީހުގައި ހަމައަށް އިންޓެރިމް ޕޭމަންޓް ދައްކާފައިނުވާ ކަމަށް ބެލެވޭނެއެވެ.

(ޅ) އެއްވެސް ޓެކްސް އަހަރަށް ދައްކަންޖެހޭ އިންޓެރިމް ޕޭމަންޓެއް ދެއްކުމުގައި، އެ ޓެކްސް އަހަރުގައި ނިމޭ ހިސާބުކުރާ މުއްދަތުގެ އެ ފަރާތުގެ އާމްދަނީން މި ގާނޫނުގެ ‏54 ވަނަ މާއްދާ ނުވަތަ ‏55 ވަނަ މާއްދާގެ ދަށުން ވިތުހޯލްޑިންގ ޓެކުހުގެ ގޮތުގައި އުނިކޮށްފައިވާ ނުވަތަ އުނިކުރާނެ ކަމަށް ބެލެވޭ ވިތުހޯލްޑިންގ ޓެކުހުގެ އަދަދު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެ މަތިން އެ ފަރާތުން އެ މުއްދަތަށް ދައްކަންޖެހޭ އިންޓެރިމް ޕޭމަންޓުގެ އަދަދުން އުނިކުރެވިދާނެއެވެ.

 

44 ވަނަ މާއްދާ - ފައިނަލް ޕޭމަންޓް

މި ގާނޫނުގެ ‏42 ވަނަ މާއްދާގެ (ނ) ގެ ދަށުން ދައްކަންޖެހޭ ފައިނަލް ޕޭމަންޓަކީ އެ ފަރާތަކުން އެ ޓެކްސް އަހަރަށް ދައްކަންޖެހޭ ޓެކުހުގެ ޖުމްލައިން އަންނަނިވި އަދަދުތައް އުނިކުރުމުން އަންނަ އަދަދެވެ.

(ހ) އެ ފަރާތަކުން އެ ޓެކްސް އަހަރަށް ދައްކާފައިވާ އިންޓެރިމް ޕޭމަންޓުތަކުގެ ޖުމްލަ؛ އަދި

(ށ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެ މަތިން، އެ ފަރާތުގެ އާމްދަނީން މި ގާނޫނުގެ ‏‏54 ވަނަ މާއްދާ ނުވަތަ ‏‏55  ވަނަ މާއްދާގެ ދަށުން ވިތުހޯލްޑިންގ ޓެކުހުގެ ގޮތުގައި އުނިކޮށްފައިވާ ނުވަތަ އުނިކުރާނެ ކަމަށް ބެލެވޭ ވިތުހޯލްޑިންގ ޓެކުހުގެ އަދަދުގެ ތެރެއިން، މި ގާނޫނުގެ ‏‏43 ވަނަ މާއްދާގެ ދަށުން އިންޓެރިމް ޕޭމަންޓް ހިސާބުކުރުމުގައި އުނިނުކުރެވި އޮތް އަދަދު.

 

45 ވަނަ މާއްދާ - ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ އަދަދު އަމިއްލައަށް ހިސާބުކުރުން

މި ގާނޫނުގެ ދަށުން ހުށަހަޅާ ޓެކްސް ބަޔާނުގައި، އެ މުއްދަތަކަށް ދައްކަންޖެހޭ ކަމަށް ޓެކްސް ދައްކާ ފަރާތުން ހިސާބުކޮށް ހިމަނާ އަދަދު (އެ ފަރާތުން ހިސާބުކުރާ ގެއްލުމުގެ އަދަދުވެސް ހިމެނޭ ގޮތުން) އަކީ   މި ގާނޫނުގެ ބޭނުމަށް، އެ ބަޔާން ނިސްބަތްވާ މުއްދަތަކަށް އެ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ އަދަދުކަމުގައި ބެލެވޭނެއެވެ.

 

46 ވަނަ މާއްދާ - ޓެކްސް ބަޔާން އިސްލާހުކުރުން

(ހ) ޓެކްސް ދައްކާ ފަރާތުން މި ގާނޫނުގެ ދަށުން ހުށަހަޅާފައިވާ ޓެކްސް ބަޔާނުގައި ބައިތަކެއް އުނިވެފައިވާކަމަށް ނުވަތަ ކަނޑައަޅާފައިވާ އަދަދުތަކަކީ ރަނގަޅުނޫން އަދަދުތަކެއްކަމަށް  އެ ފަރާތަށް ގަބޫލުކުރެވޭނަމަ، އަދި މި މާއްދާގެ (ށ) ގެ ދަށުން ޓެކްސް ބަޔާން އިސްލާހުކޮށްފައިނުވާނަމަ، މި ގާނޫނުގެ ‏42 ވަނަ މާއްދާގެ (ނ) އާއި ‏58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި، އިސްލާހުކޮށްފައިވާ ޓެކްސް ބަޔާނެއް ހުށަހަޅައި، ކުރިން ހުށަހެޅި ބަޔާން އިސްލާހު ކުރެވިދާނެއެވެ.

(ށ) ޓެކުހުގެ ގޮތުގައި ދައްކަންޖެހޭކަމަށް ޓެކްސް ބަޔާނުގައި ނުވަތަ އިސްލާހުކޮށްފައިވާ ޓެކްސް ބަޔާނުގައި ޓެކްސް ދައްކާ ފަރާތުން ހިސާބުކޮށްފައިވާ އަދަދުގައި ކަނޑައެޅިގެން ކުށެއް އޮތްކަމަށް ކޮމިށަނަރ ޖެނެރަލަށް ގަބޫލުކުރެވޭނަމަ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އާ ހިލާފުނުވާ ގޮތުގެމަތިން، އެ ކުށް ރަނގަޅުކޮށް، އެ ކަން އެ ފަރާތަށް އެންގިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ކޮމިށަނަރ ޖެނެރަލް އެ ކުށް އިސްލާހުކުރި ސަބަބު ޓެކްސް ދައްކާ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

 

47 ވަނަ މާއްދާ - ޓެކްސް ބަޔާން ހުށަހަޅާފައި ނުވިޔަސް ޓެކްސް ދައްކަންޖެހުން

ޓެކްސް ދައްކާ ފަރާތުން، ހިސާބުކުރާ މުއްދަތަކަށް ޓެކްސް ބަޔާނެއް ނުވަތަ އިސްލާހުކޮށްފައިވާ ޓެކްސް ބަޔާނެއް ހުށަހަޅާފައިވީ ނަމަވެސް ނުވަތަ ނުވި ނަމަވެސް މި ގާނޫނުގެ ‏42 ވަނަ މާއްދާގެ ދަށުން އެ މުއްދަތަށް ދައްކަންޖެހޭ އިންޓެރިމް ޕޭމަންޓާއި ފައިނަލް ޕޭމަންޓް ދައްކަންވާނެއެވެ.

 

­­­­48 ވަނަ މާއްދާ - ބައެއް ހާލަތްތަކުގައި ޓެކްސް ބަޔާން ހުށަހެޅުމަށް ކޮމިށަނަރ ޖެނެރަލް އެންގުން

މި މާއްދާއަށް އަމަލުކުރެވޭނީ ޓެކްސް ދައްކާ ފަރާތުން އަންނަނިވި ކަންތައްތަކުންކުރެ ކަމެއް ކޮށްފިނަމަ ނުވަތަ ކުރަން އުޅޭ ކަމަށް އަދި ޓެކުހުގެ ގޮތުގައި ލިބެންޖެހޭ އާމްދަނީއަށް   އެ ކަމުގެ ސަބަބުން ނޭދެވޭ އަސަރެއް ކޮށްފާނެ ކަމަށް އެކަށީގެންވާ ސަބަބުތަކާއެކު ކޮމިށަނަރ ޖެނެރަލަށް ގަބޫލުކުރެވޭނަމައެވެ.

  1. ދިވެހިރާއްޖެ ދޫކޮށް ދިއުން؛
  2. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވުން ހުއްޓާލުން؛
  3. ދިވެހިރާއްޖޭގައި ހުރި ދާއިމީ މަރުކަޒެއްގެ ހަރަކާތްތައް ހުއްޓާލުން؛
  4. ދިވެހިރާއްޖެއިން ބޭރަށް އެއްވެސް ފައިސާއެއް ނުވަތަ މުދަލެއް ގެންދިއުން ނުވަތަ ބަދަލުކުރުން؛
  5. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެނޫންވެސް ކަމެއް ކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، ހިސާބުކުރާ މުއްދަތަކާ ނުވަތަ މުއްދަތުތަކަކާގުޅޭ ޓެކްސް ބަޔާނެއް ނުވަތަ ބަޔާންތަކެއް، ކޮމިށަނަރ ޖެނެރަލް ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ހުށަހެޅުމަށް ޓެކްސް ދައްކާ ފަރާތަކަށް ކޮމިށަނަރ ޖެނެރަލަށް އެންގިދާނެއެވެ. 

(ނ) މި ގާނޫނުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި މާއްދާއަށް އަމަލުކުރުމުގެ ސަބަބުން ދައްކަންޖެހޭ ޓެކުހުގެ އަދަދު، މި މާއްދާގެ ދަށުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ދައްކަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކުންކުރެ ކަމެއް ހިނގުމުގެ ކުރިން، މި މާއްދާގެ ދަށުން އެ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ އަދަދު ދައްކަންވާނެއެވެ.

(ބ) ޓެކްސް ދައްކާ ފަރާތުން މި މާއްދާގެ ދަށުން ޓެކްސް ބަޔާނެއް ހުށަހެޅި ނަމަވެސް، ކޮމިށަނަރ ޖެނެރަލް އެ ފަރާތަކަށް އަންގައިފި ހިނދެއްގައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތުގެމަތިން އިތުރު ޓެކްސް ބަޔާނެއް ހުށަހަޅަންވާނެއެވެ.

 

49 ވަނަ މާއްދާ - އިންޓެރިމް ޕޭމަންޓް ދެއްކުމާއި ބަޔާން ހުށަހެޅުން ލާޒިމުނުވާ ހާލަތްތައް

މި ގާނޫނުގެ ‏42 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް،  މި ގާނޫނުގެ ‏43 ވަނަ މާއްދާގެ ދަށުން ކުރިއަށް ދައްކާ އިންޓެރިމް ޕޭމަންޓްގެ ޖުމްލަ އަދަދަކީ 20,000 (ވިހި ހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދެއްނަމަ، ނުވަތަ ފާއިތުވި ޓެކްސް އަހަރަށް އެ ފަރާތުން ދައްކަންޖެހުނު ޓެކުހުގެ އަދަދަކީ 20,000 (ވިހި ހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދެއްނަމަ މި ގާނޫނުގެ ‏41 ވަނަ މާއްދާގެ (ށ) އަށް އެ ފަރާތުން އަމަލުކުރުން ލާޒިމެއްނޫނެވެ.

 

50 ވަނަ މާއްދާ - ޓެކްސް ބަޔާން ހުށަހަޅަންނުޖެހޭ ހާލަތްތައް

(ހ) މި ގާނޫނުގެ ‏41 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއްގައި، ޓެކްސް ދައްކާ ފަރާތުން ޓެކްސް އަހަރަކަށް ޓެކްސް ބަޔާން ހުށަހަޅާކަށް ނުޖެހޭނެއެވެ.

  1. އެ ފަރާތަށް އެ އަހަރުގެ ތެރޭގައި ލިބުނު ޖުމްލަ އާމްދަނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އަދަދަކަށްވުރެ ކުޑަވުން؛ ނުވަތަ
  2. އެ އަހަރުގައި އެ މީހަކަށް ލިބުނު ޖުމްލަ އާމްދަނީ ލިބިފައިވަނީ ވަޒީފާ ދޭ އެންމެ ފަރާތަކުން ކަމަށްވުން؛ ނުވަތަ
  3. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ އަދި އެ ފަރާތުގެ ދާއިމީ މަރުކަޒެއް ދިވެހިރާއްޖޭގައި ނެތް ފަރާތަކަށް ލިބޭ އާމްދަނީއަކީ މި ގާނޫނުގެ ‏55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާމްދަނީ ކަމަށްވުން. 

(ށ) މި މާއްދާގެ (ހ) ގެ ‏(2) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ޓެކްސް އަހަރެއްގެ ތެރޭގައި، ވަޒީފާ ދޭ އެންމެ ފަރާތަކުން އާމްދަނީ ލިބޭ މީހަކު، މި ގާނޫނުގެ ‏41 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ޓެކްސް ބަޔާން ހުށަހެޅުމަށް އިހްތިޔާރުކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ‏(3) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ލިބޭ އާމްދަނީއަކީ މި ގާނޫނުގެ ‏55 ވަނަ މާއްދާގެ (ހ) ގެ ‏(1) ވަނަ ނަންބަރާއި، ‏(7) ވަނަ ނަންބަރު އަދި  ‏(8) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އާމްދަނީ ކަމަށްވާނަމަ، މި ގާނޫނުގެ ‏41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޓެކްސް ބަޔާން ހުށަހެޅުމަށް އިހްތިޔާރުކުރެވިދާނެއެވެ.

 

51 ވަނަ މާއްދާ - އިންޓެރިމް ޕޭމަންޓާއި ފައިނަލް ޕޭމަންޓް ދައްކަން ނުޖެހޭ ބައެއް ހާލަތްތައް

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި ގާނޫނުގެ ‏50 ވަނަ މާއްދާގެ (ހ) ގެ ‏(2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މީހުން، ނުވަތަ މި ގާނޫނުގެ ‏55 ވަނަ މާއްދާގެ ދަށުން ޓެކްސް ނަގާ އާމްދަނީއާ ގުޅިގެން، އެއްވެސް އިންޓެރިމް ޕޭމަންޓެއް އަދި ފައިނަލް ޕޭމަންޓެއް ދައްކާކަށް ނުޖެހޭނެއެވެ.

 

52 ވަނަ މާއްދާ - ޓެކްސް ދައްކާ މީހަކު މަރުވުން

(ހ) އެއްވެސް ޓެކްސް އަހަރަކަށް، ޓެކްސް ބަޔާން ހުށަހަޅަންޖެހޭ މީހަކު ނުވަތަ ޓެކްސް ދައްކަންޖެހޭ މީހަކު އެ އަހަރުގެ ތެރޭގައި މަރުވެއްޖެނަމަ އޭނާ މަރުވި ދުވަހާ ހަމައަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެ މަތިން، ޓެކްސް ބަޔާނެއް ހުށަހަޅައި އެ ދުވަހާ ހަމައަށް ދައްކަންޖެހޭ ޓެކްސް ދެއްކުމަކީ ށަރުއީގޮތުން ނުވަތަ ގާނޫނީގޮތުން ޓެކުހުގެ އިލްތިޒާމްތަކާއި ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ.

(ށ) ޓެކްސް ދައްކާ މީހަކު މަރުވިއިރު އެއްވެސް ޓެކްސް ބަޔާނެއް ހުށަނާޅައި އޮވެއްޖެނަމަ ނުވަތަ އެއްވެސް ޓެކުހެއް ނުދައްކައި އޮވެއްޖެނަމަ، އެ ބަޔާން ހުށަހެޅުމަށާއި އެ ޓެކްސް ދެއްކުމަށް އަދި އެއާ ގުޅިގެން އެއްވެސް ޖޫރިމަނާއެއް ދައްކަންޖެހޭނަމަ  އެ ޖޫރިމަނާ ދެއްކުމަށް މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ފަރާތުން ޒިންމާވާންވާނެއެވެ.

(ނ) ޓެކްސް ދައްކަންޖެހޭ މީހަކު މަރުވެއްޖެނަމަ އޭނާ މަރުވި ދުވަހުން ފެށިގެން މި މާއްދާގެ (ހ) ގެ ދަށުން ށަރުއީ ކޯޓަކުން ޓެކުހާގުޅޭ އިލްތިޒާމުތަކަށް ޒިންމާވާނެ ފަރާތެއް ނުވަތަ ފަރާތްތަކެއް ކަނޑައެޅުމުގެ ނިޔަލަށް އެ ޓެކްސް ދައްކަންޖެހޭ ފަރާތުގެ މައްޗަށް ޖޫރިމަނާއެއް ނުހިގާނެއެވެ.

 

އަށްވަނަ ބާބު

ވިތުހޯލްޑިންގ ޓެކްސް

 

53 ވަނަ މާއްދާ - ވިތުހޯލްޑިންގ ޓެކުހުގެ ބާވަތްތައް

މި ގާނޫނުގެ ‏6 ވަނަ މާއްދާގެ ދަށުން ނަގާ ވިތުހޯލްޑިންގ ޓެކްސް ބެހިގެންވަނީ އަންނަނިވި 2 (ދޭއް) ބާވަތަށެވެ.

(ހ) ވަޒީފާ ދޭ ފަރާތުން މުވައްޒަފަކަށް ދޭ އުޖޫރައިން، އެ މުވައްޒަފެއްގެ ބަދަލުގައި މި ގާނޫނުގެ ‏54 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ދައްކަންޖެހޭ ވިތުހޯލްޑިންގ ޓެކްސް ("މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް").

(ށ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ދައްކާ ފައިސާއިން، އެ ފަރާތުގެ ބަދަލުގައި، މި ގާނޫނުގެ ‏55 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ދައްކަންޖެހޭ ވިތުހޯލްޑިންގ ޓެކްސް ("ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް").

 

54 ވަނަ މާއްދާ - މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް

(ހ) ވަޒީފާ ދޭ ފަރާތަކުން މުވައްޒަފަކަށް ފައިސާއިން ނުވަތަ އެނޫންވެސް ގޮތަކަށް އުޖޫރައެއް ދޭނަމަ، ވަޒީފާ ދޭ ފަރާތުން ނުވަތަ އެ ފަރާތުގެ ބަދަލުގައި އެ އުޖޫރަ ދޭ ފަރާތުން، ކޮންމެ މަހަކު ދޭ އުޖޫރައިން، އަންނަނިވި ގޮތުގެމަތިން މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންވާނެއެވެ.

 

 

ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ބްރެކެޓު (މަހެއްގެ މައްޗަށް)

ޓެކްސް ރޭޓު

60,000 (ފަސްދޮޅަސް ހާސް) ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ

 

0% (ސުމެއް އިންސައްތަ)

60,000 (ފަސްދޮޅަސް ހާސް) ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް 100,000 (އެއް ލައްކަ) ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ

5.5% (ފަހެއް ޕޮއިންޓް ފަހެއް އިންސައްތަ)

 

100,000 (އެއް ލައްކަ) ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް 150,000 (އެއް ލައްކަ ފަންސާސް ހާސް) ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ

8% (އަށެއް އިންސައްތަ)

150,000 (އެއް ލައްކަ ފަންސާސް ހާސް) ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް  200,000(ދެ ލައްކަ) ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ

12% (ބާރަ އިންސައްތަ)

 

200,000 (ދެ ލައްކަ) ރުފިޔާއަށްވުރެ ބޮޑު

15% (ފަނަރަ އިންސައްތަ)

 

 

(ށ) މި މާއްދާގެ ދަށުން އުނިކުރަންޖެހޭ މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކުހުގެ ޖުމްލައަކީ މި މާއްދާގެ (ހ) ގައިވާ ތާވަލުގައި ބަޔާންކޮށްފައިވާ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ބްރެކެޓުތަކަށް ވަކިވަކިން ވިތުހޯލްޑިންގ ޓެކުހުގެ މިންވަރު ހިސާބުކުރުމުން އަންނަ އަދަދުތަކުގެ ޖުމްލައެވެ.

(ނ) މި ގާނޫނުގައި ހުރި މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކުހާގުޅޭ މާއްދާތަކުގައި ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރަ ކަމަށް ބުނެފައި އެވަނީ، މުވައްޒަފަކަށް މަހެއްގެ މައްޗަށް ލިބޭ އުޖޫރައިގެ ޖުމްލަ އަދަދުން، މި ގާނޫނުގެ ‏19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމަށް، އޭނާގެ އުޖޫރައިން އެ މަހަކަށް ދައްކާ އަދަދު އުނިކުރުމުން އޮންނަ އަދަދަށެވެ.

(ރ) ވަޒީފާ ދޭ ފަރާތަކުން ނުވަތަ އެ ފަރާތުގެ ބަދަލުގައި ހަރަކާތްތެރިވާ އެހެން ފަރާތަކުން، މުވައްޒަފަކަށް މަހެއްގެ މައްޗަށް އެއް ފަހަރަށްވުރެ ގިނަ ފަހަރު އުޖޫރަ ދޭނަމަ، މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންވާނީ އެ ގޮތުން އެ މަހެއްގައި ދެވޭ އުޖޫރައިގެ ޖުމްލައިންނެވެ.

(ބ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، އެއްވެސް ފަރާތަކަށް، ވަޒީފާ ދޭ އެއް ފަރާތަށްވުރެ ގިނަ ފަރާތުން އުޖޫރަ ލިބޭނަމަ، އެ އުޖޫރައާ ގުޅިގެން އަންނަނިވި ކަންކަން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.

  1. މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ހިސާބުކުރާނެ ގޮތް؛
  2. މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހަޅަންޖެހެނީ ކިތައް ފަހަރުކަމާއި އެ ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ސުންގަޑި؛
  3. މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ހިސާބުކުރާނެ ގޮތާއި އެ ފައިސާ ދައްކަންޖެހޭ ސުންގަޑި؛
  4. މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކުހާގުޅޭ އެނޫންވެސް ކަންކަން.

 (ޅ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، އެއްވެސް މަހެއްގައި، ވަޒީފާ ދޭ ފަރާތުން ނުވަތަ އެ ފަރާތުގެ ބަދަލުގައި ހަރަކާތްތެރިވާ އެހެން ފަރާތަކުން މުވައްޒަފަކަށް ދޭ އުޖޫރައިގެ އަދަދަކީ އެ މުވައްޒަފަށް އާންމުކޮށް ދޭ އުޖޫރައިގެ އަދަދަށްވުރެ ތަފާތު އަދަދެއްނަމަ، ނުވަތަ އެ އުޖޫރައަކީ ވަޒީފާގެ ޒާތުން ނުވަތަ އެހެންވެސް ސަބަބަކާހުރެ ކޮންމެ މަހަކު އެއް މިންވަރެއްގައި ދޭ އުޖޫރައަކަށްނުވާނަމަ އެ އުޖޫރައާ ގުޅިގެން ވިތުހޯލްޑިންގ ޓެކްސް ދެއްކުމުގައި އަމަލުކުރާނެ ގޮތް  މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.

(ކ) މި ގާނޫނުގެ ‏12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާމްދަނީތަކަށް މި މާއްދާއެއް ނުހިނގާނެއެވެ.

 

55 ވަނަ މާއްދާ - ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް

(ހ) ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތަކުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް އަންނަނިވި ބާވަތްތަކުގެ ތެރެއިން ބާވަތެއްގެ ފައިސާއެއް ދައްކާނަމަ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކުހުގެ ގޮތުގައި އެ ފައިސާގެ ޖުމްލައިން %10 (ދިހައެއް އިންސައްތަ) އުނިކުރަންވާނެއެވެ.

  1. ދިވެހިރާއްޖޭގައި ހުރި ނުއުފުލޭ މުދަލެއްގެ ކުލި؛
  2. ރޯޔަލްޓީ؛
  3. އިންޓްރެސްޓް (އެ އިންޓްރެސްޓް ދައްކަނީ މީރާއިން ގަބޫލުކުރާ ބޭންކަކަށް ނުވަތަ ބޭންކު-ނޫން މާލީ އިދާރާއަކަށް ކަމަށްނުވާނަމަ)؛
  4. ޑިވިޑެންޑް؛
  5. ޓެކްނިކަލް ސަރވިސް ފީ؛
  6. ދިވެހިރާއްޖޭގައި ފޯރުކޮށްދޭ ހިދުމަތަކަށް ދައްކާ ކަމިށަން؛
  7. ދިވެހިރާއްޖޭގައި މުނިފޫހިފިލުވައިދޭ މީހުންގެ ހަރަކާތްތަކަށް ދައްކާ ފައިސާ؛
  8. ދިވެހިރާއްޖޭގައި ދިރާސާކުރުމާއި ތަރައްގީކުރުމަށް (ރިސަރޗް އެންޑް ޑިވެލޮޕްމަންޓަށް) ދައްކާ ފައިސާ؛
  9. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް ދައްކާ ފައިސާ؛
  10. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް އިންށުއަރެންސް ޕްރީމިއަމްގެ ގޮތުގައި ދައްކާ ފައިސާ.

(ށ) ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތަކުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ރީއިންށުއަރެންސްގެ ޕްރީމިއަމްގެ ގޮތުގައި ފައިސާއެއް ދައްކާނަމަ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކުހުގެ ގޮތުގައި އެ ފައިސާގެ ޖުމްލައިން %3 (ތިނެއް އިންސައްތަ) އުނިކުރަންވާނެއެވެ.

(ނ) މި މާއްދާގެ ބޭނުމަށް:

  1. މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ފައިސާ ދައްކާއިރު އެ ފައިސާ ލިބޭ ފަރާތަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތެއް ކަމަށް، އެ ފައިސާ ދައްކާ ފަރާތަށް އެނގެން ނެތް ނަމަ،    އެ ފައިސާ ލިބޭ ފަރާތަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތެއް ކަމަށް ބަލައި ވިތުހޯލްޑިންގ ޓެކްސް އުނިކުރަންވާނެއެވެ.
  2. ކޮޕީރައިޓެއް ބޭނުންކުރުމަށް ނުވަތަ ބޭނުންކުރުމުގެ ހައްގު ލިބިގަތުމަށް ދައްކާ "ރޯޔަލްޓީ" ގެ ތެރޭގައި ހިމެނެނީ އަންނަނިވި ބާވަތްތަކުގެ ތެރެއިން ބާވަތެއްގެ ކޮޕީރައިޓް ބޭނުންކުރުމަށް ނުވަތަ ބޭނުންކުރުމުގެ ހައްގު ލިބިގަތުމަށް ދައްކާ ފައިސާއެވެ.
    i. ކަސްޓަމައިޒްކޮށްފައިވާ ސޮފްޓްވެއަރގެ ކޮޕީރައިޓް؛ ނުވަތަ؛
    ii.   ރޯޔަލްޓީ ދައްކާ ފަރާތުން އިހްތިޔާރުކުރާ ގޮތަކަށް ބޭނުން ހިފުމުގެ ހައްގު ލިބިފައިވާ ކޮޕީރައިޓް؛ ނުވަތަ
    iii.  ރޯޔަލްޓީ ދައްކާ ފަރާތުން ކޮޕީކުރުމުގެ ނުވަތަ ބަދަލުކުރުމުގެ ނުވަތަ ރިވަރސް އިންޖިނިއަރ ކުރުމުގެ ނުވަތަ ޑީކޮމްޕައިލް ކުރުމުގެ ހައްގު ލިބިފައިވާ ސޮފްޓްވެއަރގެ ކޮޕީރައިޓް.
  3. "ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ކޮންޓްރެކްޓަރެއް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ އަދި މުވައްޒަފެއްގެ ގޮތުގައި ނޫން ގޮތަކަށް، ކޮންޓްރެކްޓެއް ނުވަތަ އެއްބަސްވުމެއް ނުވަތަ އެހެން އިންތިޒާމެއްގެ ދަށުން:
    i.   ދިވެހިރާއްޖޭގައި އެއްވެސް ބާވަތެއްގެ ހިދުމަތެއް ފޯރުކޮށްދޭ ފަރާތަކަށް؛ ނުވަތަ
    ii.  އެހެން ފަރާތެއްގެ ހިދުމަތެއް ދިވެހިރާއްޖޭގައި ފޯރުކޮށްދޭ ނުވަތަ ދިވެހިރާއްޖޭގައި ފޯރުކޮށްދިނުމުގެ ހުއްދަ ދޭ ފަރާތަކަށެވެ.
  4. "ރީއިންށުއަރެންސް ޕްރީމިއަމް" ކަމަށް ބުނެފައި އެވަނީ، އިންށުއަރެންސްގެ ވިޔަފާރިކުރާ ފަރާތަކާއެކު އިންށުއަރެންސް ކޮންޓްރެކްޓެއް (އިންށުއަރެންސްގެ ވިޔަފާރިކުރާ ފަރާތަށް، ވަކި ރިސްކަކާ ގުޅިގެން    އެ ކޮންޓްރެކްޓުގެ ދަށުން އެއްވެސް ވަރެއްގެ ބަދަލެއް ދެވޭ ކޮންޓްރެކްޓެއް) ހަދާ ފަރާތަކަށް، އެ ކޮންޓްރެކްޓާ ގުޅިގެން ދައްކާ ޕްރީމިއަމަށެވެ.
  5. "މުނިފޫހި ފިލުވައިދޭ މީހުން" ކަމަށް ބުނެފައި އެވަނީ، ސްޓޭޖް، ރޭޑިއޯ ނުވަތަ ޓެލެވިޒަން ނުވަތަ އިންޓަރނެޓްގެ ޒަރިއްޔާއިން ހަރަކާތްތެރިވާ މީހުންނާއި، މިއުޒިކު ކުޅޭ މީހުންނާއި، ކުޅިވަރު ކުޅުންތެރިންނާއި، އެ ފަދަ ފަންނެއް ނުވަތަ މަސައްކަތެއްގައި ހަރަކާތްތެރިވާ މީހުންނަށެވެ.

(ރ) އަންނަނިވި ބާވަތްތަކުގެ ފައިސާއަކަށް މި މާއްދާއެއް ނުހިނގާނެއެވެ.

  1. ދައުލަތުގެ އޮފީހަކުން ދައްކާ ފައިސާ؛
  2. ގާނޫނު ނަންބަރު 15/2011 (އިޖްތިމާއީ ސިއްހީ އިންށުއަރެންސްގެ ގައުމީ ނިޒާމުގެ ގާނޫނު) ގެ ދަށުން ގާއިމުކޮށްފައިވާ އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމުތަކާއި ޕްރޮގްރާމްތައް ހިންގުމަށް އެ ގާނޫނުގެ ދަށުން ހަވާލުކުރެވޭ ފަރާތްތަކުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ދައްކާ ފައިސާ؛
  3. މި ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން އިސްތިސްނާވާ ފައިސާ.

 

56 ވަނަ މާއްދާ - ވިތުހޯލްޑިންގ ޓެކްސް އުނިކޮށްފައިވާ ކަމަށް ބެލުން

(ހ) މި ގާނޫނުގެ ‏54 ވަނަ މާއްދާއާއި ‏55 ވަނަ މާއްދާގެ ދަށުން ވިތުހޯލްޑިންގ ޓެކްސް ނެގޭ ފައިސާއަކުން، އެ ފައިސާ ދައްކާ ފަރާތުން ވިތުހޯލްޑިންގ ޓެކްސް އުނިކޮށްފައިނުވި ނަމަވެސް،  އެ ފައިސާ ދައްކާފައިވަނީ އެ މާއްދާތަކުގެ ދަށުން އުނިކުރަންޖެހޭ ވިތުހޯލްޑިންގ ޓެކްސް އުނިކުރުމަށްފަހުގައި ކަމަށް ބެލެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، އެ މުއާމަލާތުން ދައްކަންޖެހޭ ވިތުހޯލްޑިންގ ޓެކުހުގެ އަދަދު ހިސާބުކުރާނެ ގޮތް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.

 

57 ވަނަ މާއްދާ - ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހެޅުމާއި ވިތުހޯލްޑިންގ ޓެކްސް ދެއްކުން ލާޒިމުވުން

(ހ) މި ގާނޫނުގެ ‏54 ވަނަ މާއްދާއާއި ‏55 ވަނަ މާއްދާގެ ދަށުން އެއްވެސް މަހެއްގައި ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފަރާތަކުން، ކޮންމެ މަހަކަށްވެސް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މީރާއަށް ޓެކްސް ބަޔާނެއް ހުށަހަޅައި، އެ މާއްދާތަކާ އެއްގޮތްވާ ގޮތުގެމަތިން ހިސާބުކޮށްފައިވާ ވިތުހޯލްޑިންގ ޓެކުހުގެ އަދަދު މީރާއަށް ދައްކަންވާނެއެވެ.

(ށ) ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފައިސާއެއް ދައްކާ ފަރާތަކުން، މި ގާނޫނުގެ ‏54 ވަނަ މާއްދާއާއި ‏55 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ވިތުހޯލްޑިންގ ޓެކުހުގެ އަދަދު އުނިކޮށްފައިނުވި ނަމަވެސް، މި މާއްދާގެ (ހ) އަށް އަމަލުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބަޔާން ހުށަހަޅަންވާނީ މީރާއިން އެ ކަމަށް ކަނޑައަޅާ ފޯމަކުންނެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޓެކްސް ބަޔާންތައް ތައްޔާރުކުރަންވާނީ އަދި ވިތުހޯލްޑިންގ ޓެކްސް ދައްކަންވާނީ  މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ފައިސާއަކުންނެވެ.

 

58 ވަނަ މާއްދާ - ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހެޅުމާއި ވިތުހޯލްޑިންގ ޓެކްސް ދެއްކުމުގެ ސުންގަޑި

މި ގާނޫނުގެ ‏57 ވަނަ މާއްދާގެ ދަށުން ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހަޅައި ވިތުހޯލްޑިންގ ޓެކްސް ދައްކަންވާނީ މި ގާނޫނުގެ ‏54 ވަނަ މާއްދާއާއި ‏55 ވަނަ މާއްދާގެ ދަށުން ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފައިސާ ދައްކާ މަހާ ޖެހިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

 

59 ވަނަ މާއްދާ - މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން

(ހ) ވަޒީފާ ދޭ ފަރާތުން ނުވަތަ އެ ފަރާތުގެ ބަދަލުގައި ހަރަކާތްތެރިވާ އެހެން ފަރާތަކުން (އުޖޫރަ ދޭ ފަރާތުން) އެއްވެސް މަހެއްގައި، މުވައްޒަފުންނަށް ދޭ އުޖޫރައިން  މި ގާނޫނުގެ ‏54 ވަނަ މާއްދާގެ ދަށުން ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭނަމަ، މި ގާނޫނުގެ ‏58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ނިޔަލަށް، އުޖޫރަ ދޭ ފަރާތުން މީރާއަށް ބަޔާނެއް (މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން) ހުށަހަޅަންވާނެއެވެ.

(ށ) އުޖޫރަ ދޭ ފަރާތުން ކޮންމެ ޓެކްސް އަހަރަކަށްވެސް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެ މަތިން ތައްޔާރުކޮށްފައިވާ، ވިތުހޯލްޑިންގ ޓެކްސް ރިކޮންސިލިއޭށަން ބަޔާނެއް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ބަޔާންތައް ހުށަހަޅަންވާނީ މީރާއިން އެ ކަމަށް ކަނޑައަޅާ ފޯމަކުންނެވެ.

 

60 ވަނަ މާއްދާ - ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން

(ހ) ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތަކުން ނުވަތަ އެ ފަރާތުގެ ބަދަލުގައި ހަރަކާތްތެރިވާ އެހެން ފަރާތަކުން އެއްވެސް މަހެއްގައި، މި ގާނޫނުގެ 55 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ ތެރެއިން ބާވަތެއްގެ ފައިސާއެއް، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ދައްކާނަމަ، މި ގާނޫނުގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ނިޔަލަށް، ފައިސާ ދެއްކި ފަރާތުން މީރާއަށް ބަޔާނެއް ("ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން") ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބަޔާން ހުށަހަޅަންވާނީ މީރާއިން އެ ކަމަށް ކަނޑައަޅާ ފޯމަކުންނެވެ.

 

61 ވަނަ މާއްދާ - ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކުހަކީ ފައިނަލް ޓެކުހަކަށްވުން

މި ގާނޫނުގެ ‏50 ވަނަ މާއްދާގެ (ނ) އާ ހިލާފުނުވާ ގޮތުގެމަތިން، މި ގާނޫނުގެ ‏55 ވަނަ މާއްދާ ގައި ބަޔާންކުރާ ހާލަތްތަކުގައި،  މި ގާނޫނުގެ ‏5 ވަނަ މާއްދާއަށް އަމަލުކުރާކަށް ނުޖެހޭނެއެވެ. އަދި    މި ގާނޫނުގެ ‏55 ވަނަ މާއްދާގެ ދަށުން ނަގާ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކުހަކީ އެ މާއްދާގެ ދަށުން ވިތުހޯލްޑިންގ ޓެކްސް ނެގުނު އާމްދަނީއާ ގުޅިގެން އެ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ ފުރިހަމަ އަދަދު ކަމަށް ބެލެވޭނެއެވެ.

 

62 ވަނަ މާއްދާ - ވިތުހޯލްޑިންގ ޓެކްސް ސެޓްފިކެޓް

(ހ) މި ގާނޫނުގެ ‏54 ވަނަ މާއްދާ ނުވަތަ ‏55 ވަނަ މާއްދާގެ ދަށުން މީރާއަށް ވިތުހޯލްޑިންގ ޓެކްސް ދައްކާފައިވާ ފަރާތަކުން އެދިއްޖެނަމަ، އަންނަނިވި މައުލޫމާތު ހިމެނޭ ސެޓްފިކެޓެއް، އެ ސެޓްފިކެޓަށް އެދޭ ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި މީރާއިން ދޫކުރަންވާނެއެވެ.

  1. ވިތުހޯލްޑިންގ ޓެކްސް ނަގާފައިވާ އާމްދަނީ ލިބުނު ފަރާތް؛
  2. ވިތުހޯލްޑިންގ ޓެކްސް ނަގާފައިވާ އާމްދަނީ ލިބުނު ފަރާތަށް އެ ފައިސާ ދެއްކި ފަރާތް؛
  3. ވިތުހޯލްޑިންގ ޓެކްސް ނަގާފައިވާ އާމްދަނީ ލިބުނު ފަރާތަށް އެ އަހަރެއްގެ ތެރޭގައި ދައްކާފައިވާ ފައިސާގެ ޖުމްލަ (ވިތުހޯލްޑިންގ ޓެކްސް އުނިކުރުމުގެ ކުރިން)؛
  4. ވިތުހޯލްޑިންގ ޓެކުހުގެ ގޮތުގައި މީރާއަށް ދެއްކި ޖުމްލަ އަދަދު؛
  5. މި މާއްދާގެ ދަށުން ހުށަހެޅުމަށް އަންގާފައިވާ މައުލޫމާތު ނިސްބަތްވާ އަހަރު؛
  6. އެ ސެޓްފިކެޓް ދޫކުރާ ތާރީހު.

(ށ) މީރާއަށް ވިތުހޯލްޑިންގ ޓެކްސް ދެއްކި ފަރާތުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ނިސްބަތްވާ ޓެކްސް އަހަރާ ޖެހިގެން އަންނަ ޓެކްސް އަހަރުގެ އޭޕްރީލް މަހުގެ   30 ވަނަ ދުވަހުގެ ކުރިން، ވިތުހޯލްޑިންގ ޓެކްސް ނެގުނު ފައިސާ ލިބެންޖެހޭ ފަރާތަކުން އެދިއްޖެނަމަ، އެ ސެޓްފިކެޓް  އެ ފަރާތަށް ފޮނުވަންވާނެއެވެ.

 

63 ވަނަ މާއްދާ - ކުރިއަށް ހުރި މުއްދަތުތަކުގައި ދައްކާ ފައިސާއިން ވިތުހޯލްޑިންގ ޓެކްސް އުނިކުރުން

(ހ) މި ގާނޫނުގެ އެއްވެސް މާއްދާއެއްގެ ދަށުން ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފައިސާއަކުން ވިތުހޯލްޑިންގ ޓެކްސް އުނިކޮށްފައިނުވާނަމަ، އެ ފައިސާ ދައްކާ ފަރާތުން އެ ފައިސާ ލިބޭ ފަރާތަށް އިތުރަށް ދައްކަންހުރި ފައިސާއިން، އެ މުއާމަލާތާގުޅޭ ވިތުހޯލްޑިންގ ޓެކުހުގެ އަދަދު އުނިކުރެވިދާނެއެވެ.

(ށ) މި ގާނޫނުގެ އެހެން އެއްވެސް މާއްދާއަކަށް އަމަލުކުރުމަކަށް،  މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.

 

ނުވަވަނަ ބާބު

ރަޖިސްޓަރީކުރުން

 

64 ވަނަ މާއްދާ - ރަޖިސްޓަރީކުރުމުގެ ޒިންމާ

(ހ) މި ގާނޫނު އެ ފަރާތެއްގެ މައްޗަށް ހިނގާނެ ކަމަށް މި ގާނޫނުގެ ‏2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން،   މި ގާނޫނުގެ ‏61 ވަނަ މާއްދާގައި ބަޔާންކުރާ ފަރާތްތަކާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ފަރާތްތައް ފިޔަވައި ކޮންމެ ފަރާތަކުންވެސް، މި ގާނޫނުގެ ‏65 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި  މި ގާނޫނުގެ ބޭނުމަށް މީރާގައި ރަޖިސްޓަރީކުރުމަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 21 ވަނަ މާއްދާގެ (ށ) ގެ ދަށުން ނުވަތަ އެނޫންވެސް ގޮތަކަށް ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެ ފަރާތެއް މީރާގައި ރަޖިސްޓަރީކުރުމަށްފަހު، އެ ކަން އެ ފަރާތަކަށް އެންގުމުގެ އިހްތިޔާރު ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ. އަދި މި ގޮތުގެމަތިން ރަޖިސްޓަރީކުރުމަކުން، މި ގާނޫނުގެ   ‏65 ވަނަ މާއްދާއަށް އެ ފަރާތުން އަމަލުނުކުރުމުގެ ސަބަބުން ކުރެވޭ ޖޫރިމަނާއަކުން ނުވަތަ ދެވޭ އަދަބަކުން އެ ފަރާތް ބަރީއަވެގެންނުވެއެވެ.

 

65 ވަނަ މާއްދާ - ރަޖިސްޓަރީކުރުމަށް ހުށަހެޅުން

(ހ) މި ގާނޫނުގެ ‏64 ވަނަ މާއްދާގައި ބަޔާންކުރާ ފަރާތްތަކުން، މީރާގައި ރަޖިސްޓަރީކުރުމަށް އަންނަނިވި މުއްދަތުތަކުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

  1. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވި ނަމަވެސް މި ގާނޫނަށް އަމަލުކުރަން ފަށާ ދުވަހު ދިވެހިރާއްޖެއިން އާމްދަނީ ލިބޭ ފަރާތެއްނަމަ، މި ގާނޫނަށް އަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި؛
  2. މި ގާނޫނަށް އަމަލުކުރަން ފަށާ ދުވަހު ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާމުންދާ މުވައްޒަފަކަށް އެ ވަޒީފާ ދިން ފަރާތުން، އެ ފަރާތާއި އެ މުވައްޒަފު ރަޖިސްޓަރީކުރުމަށް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި؛
  3. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ އަދި މި ގާނޫނަށް އަމަލުކުރަށް ފަށާ ދުވަހު ދިވެހިރާއްޖެއިން ބޭރުން އާމްދަނީ ލިބޭ ފަރާތެއްނަމަ، މި ގާނޫނަށް އަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި؛
  4. މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ފަހުން ދިވެހިރާއްޖެއިން އާމްދަނީ ލިބެން ފަށާ ފަރާތެއްނަމަ، އެ ގޮތުން އާމްދަނީ ލިބެން ފަށާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި؛
  5. މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ފަހުން ދިވެހިރާއްޖޭގައި ހުއްދައެއްލިބިގެން ވިޔަފާރިކުރަން ފަށާ ފަރާތެއްނަމަ، އެ ގޮތުން ކަމާބެހޭ އިދާރާއަކުންއެ ހުއްދައެއް ދޫކުރާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި؛
  6. ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މުވައްޒަފަކަށް މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ފަހުން ވަޒީފާ ދޭ ފަރާތެއްނަމަ، އެ ފަރާތާއި އެ މުވައްޒަފު ރަޖިސްޓަރީކުރުމަށް، އެ ގޮތުން ވަޒީފާ ދޭ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި؛
  7. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ އަދި މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ފަހުން ދިވެހިރާއްޖެއިން ބޭރުން އާމްދަނީ ލިބެން ފަށާ ފަރާތެއްނަމަ، އެ ގޮތުން އާމްދަނީ ލިބެން ފަށާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި. 

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އެއްވެސް ފަރާތަކުން މި ގާނޫނުގެ ދަށުން ޓެކުހެއް ދެއްކުމަށް ނުވަތަ ޓެކްސް ބަޔާނެއް ހުށަހެޅުމަށް ލާޒިމުކުރާނަމަ، އެ ގޮތުން ފުރަތަމަ ޓެކްސް ދައްކަންޖެހޭ ދުވަހުގެ ނުވަތަ ފުރަތަމަ ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ދުވަހުގެ ކުރިން މީރާގައި ރަޖިސްޓަރީކުރުމަށް ހުށަހަޅަންވާނެއެވެ. 

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ވަޒީފާ ދޭ ފަރާތަކުން އެ ފަރާތުގެ މުވައްޒަފަކާގުޅޭ ގޮތުން އެއްވެސް ޓެކުހެއް ދެއްކުމަށް ނުވަތަ ޓެކްސް ބަޔާނެއް ހުށަހެޅުމަށް މި ގާނޫނުގެ ‏57 ވަނަ މާއްދާގެ ދަށުން ލާޒިމުކުރާނަމަ، އެ ގޮތުން ފުރަތަމަ ޓެކްސް ދައްކަންޖެހޭ ދުވަހުގެ ނުވަތަ ފުރަތަމަ ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ދުވަހުގެ ކުރިން އެ މުވައްޒަފަކު މީރާގައި ރަޖިސްޓަރީކުރުމަށް ހުށަހަޅަންވާނެއެވެ. 

(ރ) މި މާއްދާގެ (ށ) އާއި (ނ) ގެ ދަށުން، މުވައްޒަފަކު މީރާގައި ރަޖިސްޓަރީކުރުމަށް ހުށަހަޅާ ދުވަހު، މި މާއްދާގެ (ހ) ގެ ދަށުން މީރާގައި ރަޖިސްޓަރީކޮށްފައިވާ މުވައްޒަފެއްގެ މައްޗަކަށް މި މާއްދާގެ (ށ) އާއި (ނ) އާއި (ބ) އެއް ނުހިނގާނެއެވެ. 

(ބ) މި ގާނޫނުގެ ދަށުން ޓެކްސް ނަގާ އާމްދަނީ ލިބޭ ފަރާތަކުން ނުވަތަ ޓެކްސް ނަގާ ބާވަތެއްގެ ފައިސާއެއް ދައްކާ ފަރާތަކުން ރަޖިސްޓަރީކުރުމުގެ ކުރިން އެ ފަރާތަކަށް އާމްދަނީއެއް ލިބިފައިވީ ނަމަވެސް ނުވަތަ ފައިސާއެއް ދައްކާފައިވީ ނަމަވެސް، އެ އާމްދަނީން ނުވަތަ އެ ފައިސާއިން ޓެކްސް ނެގޭނެއެވެ.

 

ދިހަވަނަ ބާބު

ޓެކްސް ދެއްކުމުން އެއްކިބާވުން

 

66 ވަނަ މާއްދާ - ޓެކްސް ދެއްކުމުގެ ޒިންމާއިން އެއްކިބާވުމާގުޅޭ އާންމު އުސޫލު

(ހ) މި މާއްދާ ހިނގާނީ، އެއްވެސް އިންތިޒާމެއްގެ ނުވަތަ މުއާމަލާތެއްގެ އެއް މަގްސަދަކީ އެއްވެސް ޓެކްސް ހިސާބުކުރާ މުއްދަތެއްގައި ޓެކްސް ދެއްކުމުގެ ޒިންމާއިން އެއްކިބާވުން ނުވަތަ ޓެކްސް ދައްކަންޖެހޭ މިންވަރު ކުޑަކުރުންކަމުގައި، އެކަށީގެންވާ ސަބަބުތަކާއެކު ކޮމިށަނަރ ޖެނެރަލަށް ގަބޫލުކުރެވޭނަމައެވެ.

(ށ) ޓެކްސް ދެއްކުމުން އެއްކިބާވުމުގެ އިންތިޒާމެއްގެ ނުވަތަ މުއާމަލާތެއްގެ ދަށުން ނުވަތަ އެ ފަދަ އިންތިޒާމެއްގެ ސަބަބުން އެއްވެސް ފަރާތަކަށް ޓެކުހާ ގުޅިގެން ފައިދާއެއްވެފައިވާނަމަ، އެކަމާ ގުޅިގެން، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 39 ވަނަ މާއްދާގެ ދަށުން އަދަދެއް ކަނޑައެޅުމުގެ ނުވަތަ އެނޫންވެސް ގޮތަކުން އެ އިންތިޒާމެއް ބާތިލުކުރުމުގެ އިހްތިޔާރު ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ. މިގޮތުން ކޮމިށަނަރ ޖެނެރަލް އަދަދެއް ކަނޑައަޅައިފިނަމަ، އެކަން ޓެކްސް ދައްކާ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

 

67 ވަނަ މާއްދާ - ގުޅުން ހުރި ފަރާތްތަކުގެ މެދުގައި ކުރެވޭ އިންތިޒާމުތައް ނުވަތަ މުއާމަލާތްތައް

(ހ) ދެ ފަރާތެއްގެ ދެމެދުގައި ކުރެވޭ އިންތިޒާމަކާ ނުވަތަ މުއާމަލާތަކާ ގުޅިގެން މި މާއްދާ ހިނގާނީ އަންނަނިވި ހާލަތްތަކުގައެވެ.

  1. އެ އިންތިޒާމެއް ނުވަތަ މުއާމަލާތެއް ކުރެވުނީ ގުޅުންހުރި ދެ ފަރާތެއްގެ ދެމެދުގައި ކަމަށްވުން؛ އަދި
  2. އެ ފަރާތްތަކުގެ މެދުގައި ކުރެވުނު އިންތިޒާމު ނުވަތަ މުއާމަލާތް ކޮށްފައިވަނީ އާމްސް ލެންތުގެ އުސޫލުތަކާ އެއްގޮތަކަށް ކަމަށްނުވުން؛ އަދި
  3. އެ އިންތިޒާމެއް ނުވަތަ މުއާމަލާތެއް ކުރެވުނީ އާމްސް ލެންތުގެ އުސޫލާ އެއްގޮތަށްނަމަ އޭގެ ނަތީޖާއަކީ އަންނަނިވި ކަންތައްތަކުންކުރެ ކަމަކަށްވުން:
    i.    ހިސާބުކުރާ މުއްދަތެއްގައި އެ ފަރާތްތަކުންކުރެ ފަރާތެއްގެ އާމްދަނީ އިތުރުވުން؛ ނުވަތަ
    ii.   ހިސާބުކުރާ މުއްދަތެއްގައި އެ ފަރާތްތަކުންކުރެ ފަރާތަކަށް ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވޭ އަދަދު ކުޑަވުން؛ ނުވަތަ
    iii.  ހިސާބުކުރާ މުއްދަތެއްގައި އެ ފަރާތްތަކުންކުރެ ފަރާތަކަށް ވެފައިވާ ގެއްލުމުގެ އަދަދު ކުޑަވުން. 

(ށ) ހިސާބުކުރާ މުއްދަތެއްގައި އެއްވެސް ފަރާތެއްގެ މައްޗަށް މި މާއްދާ ހިނގާނަމަ އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރަންވާނީ (އެ އިންތިޒާމެއް ނުވަތަ މުއާމަލާތެއް ހަގީގަތުގައި ހިނގި ގޮތް ތަފާތު ނަމަވެސް) އާމްސް ލެންތުގެ އުސޫލުތަކާ އެއްގޮތަށެވެ.

(ނ) މި މާއްދާ އެ މައްޗަށް ހިނގާ ފަރާތަކުން، އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކޮށްފައިވަނީ މި މާއްދާގެ (ށ) އާ އެއްގޮތަށް ކަމަށްނުވާނަމަ، އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް ނުވަތަ ގޮތްތަކަކަށް މީރާއަށް އަމަލުކުރެވިދާނެއެވެ.

  1. މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ (i) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތުގެ އާމްދަނީގެ އަދަދު އިތުރުކުރުން؛
  2. މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ (ii) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވޭނެ އަދަދު ކުޑަކުރުން؛
  3. މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ (iii) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތަށް ލިބިފައިވާ ގެއްލުމުގެ އަދަދު ކުޑަކުރުން. 

(ރ) އެއްވެސް ފަރާތަކުން ދާއިމީ މަރުކަޒެއް މެދުވެރިކޮށް ވިޔަފާރިއެއްކުރާނަމަ، މި މާއްދާއަށް އަމަލުކުރުމުގައި ބަލާނީ   އެ ފަރާތާއި އެ ދާއިމީ މަރުކަޒަކީ ވަކި، ދެ ފަރާތްކަމުގައެވެ.

 

68    ވަނަ މާއްދާ - އިސްތިސްނާވާ އިންތިޒާމުތައް ނުވަތަ މުއާމަލާތްތައް

(ހ) ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުންކުރެ ހާލަތެއްގައި މި މާއްދާ ރައްދެއް ނުވާނެއެވެ.

  1. އެ އިންތިޒާމެއް ނުވަތަ މުއާމަލާތެއް ކޮށްފައިވަނީ ގާނޫނު ނަންބަރު 6/2013 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގޮތުގައި ގިންތިކުރެވޭ ފަރާތަކުން ކަމަށްވުން؛ ނުވަތަ
  2. އެ އިންތިޒާމެއް ނުވަތަ މުއާމަލާތެއް ކޮށްފައިވަނީ އިސްތިސްނާވާ އާމްދަނީއަކާ ގުޅިގެން ކަމަށްވުން. 

(ށ) މި ގާނޫނުގެ ދަށުން އާމްދަނީން ނަގާ ޓެކްސް ދައްކާ ކޮންމެ ފަރާތަކުންމެ އެ ފަރާތަކުން ގުޅުންހުރި ފަރާތަކާއެކު ކުރާ ކޮންމެ މުއާމަލާތަކާގުޅޭ، އަންނަނިވި މައުލޫމާތު ހިމެނޭ، ލިޔެކިޔުންތައް ("ޓްރާންސްފަރ ޕްރައިޒިންގ ޑޮކިއުމެންޓްސް")، ތައްޔާރުކޮށް ބަލަހައްޓަންވާނެއެވެ.

  1. އެ މުއާމާލަތުގައި ހިމެނޭ ފަރާތްތަކުގެ މެދުގައި އޮތް މާލީ އަދި ވިޔަފާރި ގުޅުމުގެ ތަފުސީލު؛ އަދި
  2. އެ އިންތިޒާމެއް ނުވަތަ މުއާމަލާތެއް ކޮށްފައިވަނީ އިސްތިސްނާވާ އާމްދަނީއަކާ ގުޅިގެން ކަމަށްވުން؛ ނުވަތަ
  3. އެ މުއާމާލަތަކީ އާމްސް ލެންތުގެ އުސޫލަށް ފެތޭ މުއާމަލާތެއް ކަމަށް ދެކޭ ސަބަބުތައް؛ އަދި
  4. އެ މުއާމާލަތާގުޅޭ ގޮތުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެހެނިހެން މައުލޫމާތު. 

(ނ) މި މާއްދާގެ (ށ) ގެ ދަށުން ތައްޔާރުކޮށް ބަލަހައްޓަންޖެހޭ ޓްރާންސްފަރ ޕްރައިޒިންގ ޑޮކިއުމެންޓްސް، އެ މުއާމަލާތެއް ނިސްބަތްވާ ހިސާބުކުރާ މުއްދަތުގެ ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ސުންގަޑީގެ ނިޔަލަށް ތައްޔާރުކޮށް ނިންމަންވާނެއެވެ.

 

69 ވަނަ މާއްދާ - ކުޑަކުދިންނާގުޅޭ ކަންކަން

(ހ) އެ މުދަލަކުން އާމްދަނީ ލިބޭ މުދަލެއް، އެއްވެސް ޓެކްސް އަހަރެއް ފެށޭއިރު މީލާދީ ގޮތުން 18 (އަށާރަ) އަހަރުނުވާ ކުއްޖެއްގެ ނަމަށް ބަދަލުކޮށްފިނަމަ، އެ މުދަލުން ލިބޭ އާމްދަނީ ލިބޭ ކަމަށް ބަލާނީ އެ މުދާ އެ ކުއްޖާގެ ނަމަށް ބަދަލުކުރި ފަރާތަކަށެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތްތަކުގައި، މި ގާނޫނުން ލާޒިމުކުރާ އެއްވެސް ކަމެއް ކުރުމަށް އެ ކުއްޖާ ޒިންމާވާކަށް ނުޖެހޭނެއެވެ. އަދި އެ ކަންކަމަށް ޒިންމާވާނީ އެ މުދާ އެ ކުއްޖާގެ ނަމަށް ބަދަލުކުރި ފަރާތަކުންނެވެ. 

(ނ) އެއްވެސް ޓެކްސް އަހަރެއް ފެށޭއިރު މީލާދީ ގޮތުން 18 (އަށާރަ) އަހަރުނުވާ ކުއްޖަކަށް އާމްދަނީއެއް ލިބޭނަމަ، މި ގާނޫނުގެ ބޭނުމަށް އެ އާމްދަނީއެއް ލިބޭ ކަމަށް ބެލެވޭނީ، ގަވާއިދުތަކާ އެއްގޮތަށް ކަނޑައަޅާ ނުވަތަ އައްޔަންކުރެވޭ އެ ކުއްޖާގެ ގާނޫނީ ބެލެނިވެރިޔާއަށެވެ.

 

70 ވަނަ މާއްދާ - ކޮންޓްރޯލްޑް ފޮރިން އެންޓިޓީޒް

(ހ) މި މާއްދާ ހިނގާނީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކުންފުންޏެއް ނުވަތަ ޕާޓްނަރށިޕެއް ނުވަތަ ޓްރަސްޓެއް ނުވަތަ އެނޫންވެސް ށަހްސެއް ("ދިވެހިރާއްޖެއިން ބޭރުގެ ށަހްސެއް") ކޮންޓްރޯލްކުރަނީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ 5 (ފަހެއް) ނުވަތަ އެއަށްވުރެ މަދު ފަރާތްތަކަކަށް ވެއްޖެނަމައެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، ދިވެހިރާއްޖެއިން ބޭރުގެ ށަހްސުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރަންވާނީ   މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންނެވެ. 

(ނ) ދިވެހިރާއްޖެއިން ބޭރުގެ ށަހްސެއްގެ ކެޕިޓަލުގައި އެއްވެސް ހިއްސާއެއް އޮތް، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންމެ ފަރާތަކުންމެ، އެ ށަހްސެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީގެ ތެރެއިން އެ ފަރާތެއްގެ ހިއްސާ، އަންނަނިވި ފޮމިއުލާ ބޭނުންކޮށްގެން ހިސާބުކުރުމަށްފަހު، އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީގެ ތެރޭގައި ހިމަނަންވާނެއެވެ.

 

ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތުގެ ހިއްސާ

______________________________  x ޓެކްސް ބިނާކުރެވޭ އާމްދަނީ

ހިއްސާގެ ޖުމުލަ

 

"ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތުގެ ހިއްސާ" އަކީ:

  1. ދިވެހިރާއްޖެއިން ބޭރުގެ ށަހްސަކީ ކުންފުންޏެއް ނުވަތަ އެނޫންވެސް ގާނޫނީ ށަހްސެއް ނުވަތަ ޕާޓްނަރށިޕެއްނަމަ، އެ ހިސާބުކުރާ މުއްދަތުގެ ތެރޭގައި އެ ށަހްސެއްގެ ކެޕިޓަލުގައި އޮތް، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތުގެ ވޯޓުލުމުގެ ހައްގުގެ އެވްރެޖް (ކޮންމެ ދުވަހަކަށް ވަކިން ހިސާބުކޮށްފައި) އެވެ.
  2. ދިވެހިރާއްޖެއިން ބޭރުގެ ށަހްސަކީ ކުންފުންޏެއް ނުވަތަ އެނޫންވެސް ގާނޫނީ ށަހްސެއް ނުވަތަ ޕާޓްނަރށިޕެއް ނޫންނަމަ، އެ ހިސާބުކުރާ މުއްދަތުގެ ތެރޭގައި އެ ށަހްސެއްގެ ކެޕިޓަލުގައި އޮތް، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތުގެ މަސްލަހަތު އެވްރެޖް (ކޮންމެ ދުވަހަކަށް ވަކިން ހިސާބުކޮށްފައި) އެވެ.
  3. ދިވެހިރާއްޖެއިން ބޭރުގެ ށަހްސަކީ ޓްރަސްޓެއްނަމަ، 1 (އެކެއް) އެވެ.

 

"ހިއްސާގެ ޖުމްލަ" އަކީ:

  1. ދިވެހިރާއްޖެއިން ބޭރުގެ ށަހްސަކީ ކުންފުންޏެއް ނުވަތަ އެނޫންވެސް ގާނޫނީ ށަހްސެއް ނުވަތަ ޕާޓްނަރށިޕެއްނަމަ، އެ ހިސާބުކުރާ މުއްދަތުގެ ތެރޭގައި އެ ށަހްސެއްގެ ކެޕިޓަލުގައި ވޯޓުލުމުގެ ހައްގު އޮތް ހުރިހާ ފަރާތްތަކުގެ ވޯޓުލުމުގެ ހައްގުގެ އެވްރެޖް (ކޮންމެ ދުވަހަކަށް ވަކިން ހިސާބުކޮށްފައި) އެވެ.
  2. ދިވެހިރާއްޖެއިން ބޭރުގެ ށަހްސަކީ ކުންފުންޏެއް ނުވަތަ އެނޫންވެސް ގާނޫނީ ށަހްސެއް ނުވަތަ ޕާޓްނަރށިޕެއް ނޫންނަމަ، އެ ހިސާބުކުރާ މުއްދަތުގެ ތެރޭގައި އެ ށަހްސެއްގެ ކެޕިޓަލުގައި މަސްލަހަތު އޮތް ހުރިހާ ފަރާތްތަކުގެ ހިއްސާގެ އެވްރެޖް (ކޮންމެ ދުވަހަކަށް ވަކިން ހިސާބުކޮށްފައި) އެވެ.
  3. ދިވެހިރާއްޖެއިން ބޭރުގެ ށަހްސަކީ ޓްރަސްޓެއްނަމަ، އެ ޓްރަސްޓުގެ ޓްރަސްޓީންގެ ތެރެއިން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ޓްރަސްޓީންގެ ޖުމްލައެވެ.

(ރ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި މި މާއްދާގެ ދަށުން ހިމަނާފައިވާ އެއްވެސް އަދަދެއް، ދިވެހިރާއްޖެއިން ބޭރުގެ ށަހްސުން އެ އާމްދަނީ ބެހުމުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަށް ލިބުނުކަމުގައިވިޔަސް، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީގެ ތެރޭގައި ހިމަނައިގެން ނުވާނެއެވެ. 

(ބ) މި މާއްދާގެ (ހ) ގެ ދަށުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކުގެ އަދަދު ބެލުމުގައި، ގުޅުން ހުރި ފަރާތްތަކަކީ އެއް ހިއްސާދާރެއް ކަމަށް ބެލެވޭނެއެވެ.

 

71 ވަނަ މާއްދާ - ތިން-ކެޕިޓަލައިޒޭށަން

(ހ) އަންނަނިވި ފަރާތްތަކުގެ މައްޗަކަށް މި މާއްދާއެއް ނުހިނގާނެއެވެ.

  1.  މި ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭންކުތައް؛
  2. އިންށުއަރެންސް ވިޔަފާރި ނުވަތަ ފައިނޭންސް ލީސިންގގެ ވިޔަފާރި ނުވަތަ ހައުސިންގ ފައިނޭންސްގެ ވިޔަފާރި ނުވަތަ ފައިނޭންސްގެ ވިޔަފާރިކުރުމަށް ގާނޫނު ނަންބަރު 6/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު) ގެ ދަށުން ލައިސަންސް ދީފައިވާ ބޭންކު-ނޫން މާލީ އިދާރާތައް؛
  3. ގާނޫނު ނަންބަރު 6/2013 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގޮތުގައި ގިންތިކުރެވޭ ފަރާތްތައް؛ އަދި
  4. އެ ކުންފުންޏެއްގެ ހިއްސާގެ ރައުސުލްމާލުގެ ނިސްބަތުން ބޮޑު ބައި ދިވެހިސަރުކާރުން ސީދާ ގޮތުން ހިއްސާކުރާ ކުންފުނިތައް.

(ށ) ގާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ ދަށުން ލައިސަންސް ދީފައިވާ ބޭންކަކަށް، ނުވަތަ އިންށުއަރެންސް ވިޔަފާރި ނުވަތަ ފައިނޭންސް ލީސިންގގެ ވިޔަފާރި ނުވަތަ ހައުސިންގ ފައިނޭންސްގެ ވިޔަފާރި ކުރުމަށް ގާނޫނު ނަންބަރު 6/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު) ގެ ދަށުން ލައިސަންސް ދީފައިވާ ބޭންކު-ނޫން މާލީ އިދާރާއަކަށް ދައްކާ އިންޓްރެސްޓް ފިޔަވައި އެހެން ފަރާތަކަށް ދައްކާ އިންޓްރެސްޓުގެ ޖުމްލަ އަދަދަކީ އެ ފަރާތުގެ  އެ މުއްދަތުގެ އިންޓްރެސްޓް ކެޕޭސިޓީއަށްވުރެ އިތުރު އަދަދެއްނަމަ، އެ އިތުރުވާ އަދަދު އެ ފަރާތުގެ އެ މުއްދަތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުންޏެއް ނުކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން އުނިނުކޮށް ދޫކޮށްލަންޖެހޭ އިންޓްރެސްޓަކީ ކުރިޔަށް ހުރި ހިސާބުކުރާ މުއްދަތުތަކުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެ އަދަދެކެވެ. އަދި މި ގޮތުން އުނިކުރެވޭނީ އެ އިންޓްރެސްޓް އުނިކުރާ ހިސާބުކުރާ މުއްދަތެއްގެ އިންޓްރެސްޓް ކެޕޭސިޓީއަށްވުރެ އިތުރުނުވާ ގޮތުގެމަތިންނެވެ.

(ރ) އުނިނުކޮށް ދޫކޮށްލަންޖެހޭ އިންޓްރެސްޓެއް މި މާއްދާގެ (ނ) ގެ ދަށުން އުނިކުރާނަމަ އެ ގޮތުން އުނިކުރަމުން ގެންދެވޭނީ އެ އިންޓްރެސްޓް އުނިނުކޮށް ދޫކޮށްލަންޖެހުނު ހިސާބުކުރާ މުއްދަތު ނިމުނު ތާރީހުން ފެށިގެން ގިނަވެގެން 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަކަށެވެ.

(ބ) ހިސާބުކުރާ މުއްދަތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި މި މާއްދާގެ (ށ) އަދި (ނ) އާ އެއްގޮތްވާ ގޮތުގެމަތިން އިންޓްރެސްޓް އުނިކުރެވޭނީ އަންނަނިވި ތަރުތީބުންނެވެ.

  1. އުނިނުކޮށް ދޫކޮށްލަންޖެހުނު އިންޓްރެސްޓް (ކުރިން އުނިނުކޮށް ދޫކޮށްލަންޖެހުނު އިންޓްރެސްޓް ކުރިން އުނިކުރާ އުސޫލުން)؛
  2. އެ ހިސާބުކުރާ މުއްދަތުގެ އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވޭ އިންޓްރެސްޓުގެ އަދަދު. 

(ޅ) މި މާއްދާގެ ބޭނުމަށް:

  1. "އިންޓްރެސްޓް" ކަމަށް ބުނެފައި އެވަނީ، އެންމެހައި ބާވަތްތަކުގެ ދަރަންޏާ ގުޅިގެން ދައްކަންޖެހޭ އިންޓްރެސްޓާއި އިގްތިސާދީ ނަޒަރުން ބަލާއިރު އިންޓްރެސްޓާ އެއްފަދަ ފައިސާ އާއި ފައިނޭންސް ހޯދުމަށް ކުރާ ހަރަދުތައް (އެރޭންޖްމަންޓް ފީ އަދި ގެރެންޓީ ފީ ހިމެނޭ ގޮތުން) އަށެވެ.
  2. "އިންޓްރެސްޓް ކެޕޭސިޓީ" ކަމަށް ބުނެފައި އެވަނީ،  އެ ހިސާބުކުރާ މުއްދަތުގައި އެ ފަރާތުގެ ޓެކްސް-އެބިޓްޑާ ގެ %30 (ތިރީސް އިންސައްތަ) އަށެވެ.
  3. "އުނިނުކޮށް ދޫކޮށްލަންޖެހޭ އިންޓްރެސްޓް" ކަމަށް ބުނެފައި އެވަނީ، މި މާއްދާގެ (ށ) ގެ ދަށުން،  އެ ފަރާތުގެ އިންޓްރެސްޓް ކެޕޭސިޓީއަށްވުރެ އިތުރުވުމުގެ ސަބަބުން އުނިނުކުރެވޭނެ ކަމަށް އެ އަކުރުގައި ބަޔާންކޮށްފައިވާ އަދަދަށެވެ.
  4. "ދަރަނި" ކަމަށް ބުނެފައި އެވަނީ، ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވޭ އިންޓްރެސްޓް، ކޫޕަން، ޑިސްކައުންޓް ނުވަތަ އެހެންވެސް ފައިނޭންސް ޗާޖެއް ހިމެނޭ ކޮންމެ ލޯނަކަށް، ފައިނޭންށަލް އިންސްޓްރޫމަންޓަކަށް، ފައިނޭންސް ލީސްއަކަށް، ފައިނޭންށަލް ޑެރިވެޓިވްއަކަށް ނުވަތަ އިންތިޒާމަކަށެވެ.
  5. "ޓެކްސް-އެބިޓްޑާ" ކަމަށް ބުނެފައި އެވަނީ، އެ މުއްދަތުގައި ޓެކްސް މި ގާނޫނުގެ ‏33 ވަނަ މާއްދާގެ ދަށުން ގެއްލުން އުނިކުރުމުގެ ކުރިން އޮންނަ ފައިދާ ނުވަތަ ގެއްލުމަށް އަންނަނިވި އަދަދުތައް އެއްކުރުމުން އަންނަ އަދަދަށެވެ.
    1. މި ގާނޫނުގެ 22 ވަނަ މާއްދާއާ ހިލާފުނުވާ ގޮތުގެމަތިން އުނިކުރެވޭ އިންޓްރެސްޓް؛ އަދި
    2. މި ގާނޫނުގެ ‏25 ވަނަ މާއްދާގެ ދަށުން އުނިކުރެވޭ ކެޕިޓަލް އެލަވަންސް.

 

އެގާރަވަނަ ބާބު

ޓެކްސް ކްރެޑިޓް

 

72    ވަނަ މާއްދާ - ދިވެހިރާއްޖެއިން ބޭރުގައި ދައްކާ ޓެކުހަށް ދެވޭ ކްރެޑިޓް

(ހ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަކަށް ދިވެހިރާއްޖެއިން ބޭރުން ލިބިފައިވާ އާމްދަނީއަކުން އެހެން ގައުމެއްގައި ނުވަތަ ސަރަހައްދެއްގައި ޓެކްސް ދައްކާފައިވާނަމަ، އަދި އެ އާމްދަނީއަކީ މި ގާނޫނުގެ ދަށުން އެއްވެސް ހިސާބުކުރާ މުއްދަތެއްގައި ޓެކްސް ނެގޭ އާމްދަނީއެއްނަމަ، އަންނަނިވި އަދަދުތަކުންކުރެ ކުޑަ އަދަދެއް، އެ ފަރާތަކުން މި ގާނޫނުގެ ދަށުން ދައްކަންޖެހޭ ޓެކުހުން އުނިކުރެވިދާނެއެވެ.

  1. ދިވެހިރާއްޖެއިން ބޭރުގައި ދައްކާފައިވާ ޓެކްސް؛
  2. ދިވެހިރާއްޖެއިން ބޭރުން ލިބުނު އާމްދަނީގެ ނެޓް އަދަދުން ދިވެހިރާއްޖޭގައި ދައްކަންޖެހޭ ޓެކްސް.

 

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް:

  1. "ދިވެހިރާއްޖެއިން ބޭރުގައި ދައްކާފައިވާ ޓެކްސް" އަކީ އެހެން ގައުމެއްގެ ނުވަތަ ސަރަހައްދެއްގެ ގާނޫނެއްގެ ދަށުން ދައްކާފައިވާ، މި ގާނޫނުގެ ދަށުން ނަގާ، އާމްދަނީން ނަގާ ޓެކްސް ފަދަ ޓެކުހެވެ.
  2. "ދިވެހިރާއްޖެއިން ބޭރުން ލިބުނު އާމްދަނީގެ ނެޓް އަދަދު" އަކީ ދިވެހިރާއްޖެއިން ބޭރުން ލިބިފައިވާ އަދި އެ އާމްދަނީއަކުން ދިވެހިރާއްޖެއިން ބޭރުގައި ޓެކްސް ދައްކާފައިވާ، އެ ފަރާތެއްގެ ޖުމްލަ އާމްދަނީގެ ތެރޭގައި ހިމަނާފައިވާ އަދަދުން، މި ގާނޫނުގެ ދަށުން އުނިކުރެވޭ، އެ އާމްދަނީ ހޯދުމަށް ހިނގާފައިވާ އަދަދުތައް އުނިކުރުމުން އޮންނަ އާމްދަނީއެވެ.  މި އަދަދު ހިސާބުކުރުމުގައި އަމަލުކުރާނެ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
  3. "ދިވެހިރާއްޖޭގައި ދައްކަންޖެހޭ ޓެކްސް" އަކީ މި ގާނޫނުގެ 7 ވަނަ މާއްދާ ނުވަތަ 8 ވަނަ މާއްދާ ނުވަތަ 9 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ހިސާބުކޮށްފައިވާ، އެ ފަރާތަކުން ދައްކަންޖެހޭ ޓެކުހެވެ. 

(ނ) މި މާއްދާގެ (ހ) ގައި ވާ އަދަދު ހިސާބުކުރަންވާނީ މި ގާނޫނުގެ ‏3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮންމެ ބާވަތެއްގެ އާމްދަނީއަކަށް، އަދި އެއިން ކޮންމެ ބާވަތެއްގެ އާމްދަނީ ލިބުނު ކޮންމެ ގައުމެއް ނުވަތަ ސަރަހައްދަކަށް ވަކިންނެވެ. 

(ރ) މި މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެމަތިން ހިސާބުކުރާ މުއްދަތެއްގައި ދައްކަންޖެހޭ ޓެކުހުން އަދަދެއް އުނިކުރެވޭނީ   އެ މުއްދަތެއް ނިމޭތާ އެންމެ ގިނަވެގެން 2 (ދޭއް) އަހަރު ދުވަހުގެ ތެރޭގައެވެ. 

(ބ) ދިވެހިރާއްޖޭގައި ނުވަތަ އެހެން ތަނެއްގައި ދައްކަންޖެހޭ ޓެކުހުގެ އަދަދަށް ގެނެވޭ ބަދަލެއްގެ ސަބަބުން، މި މާއްދާގެ ދަށުން އުނިކުރެވޭ އަދަދު އިތުރުވެއްޖެނަމަ ނުވަތަ މަދުވެއްޖެނަމަ، ޓެކުހުގެ އަދަދަށް އެ ބަދަލެއް ގެނެވުނު ތާރީހުން ފެށިގެން  2 (ދޭއް) އަހަރު ދުވަހުގެ ތެރޭގައި އެ އުނިކުރެވުނު އަދަދު  އެ ފަރާތަށް ނުވަތަ ކޮމިށަނަރ ޖެނެރަލަށް އިސްލާހުކުރެވިދާނެއެވެ. 

(ޅ) މި ގާނޫނުގެ ‏46 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ރ) އާއި (ބ) އަށް އަމަލުކުރަންވާނެއެވެ. 

(ކ) ޑަބަލް ޓެކްސް އެވޮއިޑެންސް އެގްރީމެންޓެއްގެ ދަށުން އުނިކުރެވޭ ޓެކްސް ކްރެޑިޓް އެ ފަރާތެއް ދައްކަންޖެހޭ ޓެކުހުން އުނިކުރުމުގައި އަމަލުކުރާނީ ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގައިވާ ގޮތުގެމަތިންނެވެ.

 

ބާރަވަނަ ބާބު

އާންމު މާއްދާތައް

 

73 ވަނަ މާއްދާ - ފައިސާއިން ނޫން ގޮތަކަށް އަދާކުރެވޭ މުގާބިލު

(ހ) މި ގާނޫނުގެ ބޭނުމަށް، އާމްދަނީއާއި ހަރަދުގެ ތެރޭގައި ފައިސާއިން ނޫން ގޮތަކަށް ކުރެވޭ މުއާމަލާތްވެސް ހިމެނެއެވެ.

(ށ) ފައިސާއިން ނޫން ގޮތަކަށް ލިބޭ އާމްދަނީއާއި ހިނގާ ހަރަދު އަގުކުރަންވާނީ، އެ މުއާމަލާތެއް ހިނގި ވަގުތު އޭގެ އޯޕަން މާކެޓް ވެލިއުގައެވެ.

(ނ) މި މާއްދާގެ (ށ) ގެ ބޭނުމަށް އާމްދަނީއާއި ހަރަދުގެ އޯޕަން މާކެޓް ވެލިއު ހިސާބުކުރާނީ އަންނަނިވި ގޮތުގެމަތިންނެވެ.

  1. މުދަލެއް ނުވަތަ ހިދުމަތެއް ނުވަތަ މަންފާއެއްގެ އޯޕަން މާކެޓް ވެލިއުއަކީ އެ މުދާ ނުވަތަ ހިދުމަތް ނުވަތަ މަންފާ ލިބުނު ވަގުތު އޭގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއެވެ.
  2. މުދަލެއް ނުވަތަ ހިދުމަތެއް ނުވަތަ މަންފާއެއްގެ އޯޕަން މާކެޓް ވެލިއު މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގެ ދަށުން އެނގެން ނެތްނަމަ، އޭގެ އޯޕަން މާކެޓް ވެލިއުއަކީ އެއާ އެއްފަދަ އެހެން މުދަލެއް ނުވަތަ ހިދުމަތެއް ނުވަތަ މަންފާއަކަށް އޭގެ އޯޑިނަރީ އޯޕަން މާކެޓުގައި އެ ވަގުތަކު ލިބޭނެ އަގަށް ބަލައި، އަދި އެ ދެ މުދަލުގައި ނުވަތަ ހިދުމަތުގައި ނުވަތަ މަންފާގައި ހުރި ތަފާތަށް ރިއާޔަތްކޮށް ހިސާބުކުރެވޭ އަގެވެ.
  3. މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށް، މުދަލެއް ނުވަތަ ހިދުމަތެއް ނުވަތަ މަންފާއަކާ އެއްފަދަ ނުވަތަ ކައިރިކުރާ އެހެން މުދަލެއް ނުވަތަ ހިދުމަތެއް ނުވަތަ މަންފާއެއްކަމަށް ކަނޑައަޅާނީ އެ އެއްޗެއްގެ ފެންވަރާއި ސިފައާއި މިންވަރާއި މެޓީރިއަލްއާއި ފަންކްށަނަލިޓީ އަދި ރެޕިއުޓޭށަނަށް ބަލައިގެންނެވެ.
  4. މުދަލެއް ނުވަތަ ހިދުމަތެއް ނުވަތަ މަންފާއެއްގެ އޯޕަން މާކެޓް ވެލިއު މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގެ ދަށުން ކަނޑައެޅެން ނެތްނަމަ، އޭގެ އޯޕަން މާކެޓް ވެލިއު ކަނޑައަޅާނީ ކޮމިށަނަރ ޖެނެރަލްއަށް ގަބޫލުކުރެވޭ، އާންމުކޮށް ބަލައިގަންނަ އަގުމަގުކުރުމުގެ އުސޫލަކާ އެއްގޮތަށެވެ. 

 

74    ވަނަ މާއްދާ – ޕްރޯރޭޓްކުރުން

(ހ) މި ގާނޫނުގައި ހިސާބުކުރާ މުއްދަތެއްގެ ވާހަކަ ބަޔާންކޮށްފައިވާނަމަ އެ ބަޔާންކުރަނީ، 365 (ތިން ސަތޭކަ ފަސްދޮޅަސް ފަހެއް) ދުވަހުގެ މުއްދަތަކަށެވެ. އަދި އެ މުއްދަތު ގުނުމުގައި، ލީޕް އަހަރެއްގެ ފެބުރުވަރީ މަހުގެ 29 ވަނަ ދުވަހެއް ނުގުނޭނެއެވެ.

(ށ) މި ގާނޫނުގެ 54 ވަނަ މާއްދާގެ ބޭނުމަށް، މަހެއްގައި ހިމެނެނީ، މީލާދީ ގޮތުން އެ މަހެއްގައި ހިމެނޭ ދުވަހުގެ އަދަދެވެ. ނަމަވެސް، ފެބުރުވަރީ މަހުގައި ހިމެނޭ ދުވަސްތަކުގެ އަދަދު ބެލުމުގައި ލީޕް އަހަރެއްގެ ފެބުރުވަރީ މަހުގެ 29 ވަނަ ދުވަހެއް ނުގުނޭނެއެވެ.

(ނ) ހިސާބުކުރާ މުއްދަތަކަށް ނިސްބަތްކޮށް މި ގާނޫނުގެ އެއްވެސް މާއްދާއެއްގައި ވަކި މިންވަރެއް ކަނޑައަޅާފައިވާނަމަ، އަދި އެ ހިސާބުކުރާ މުއްދަތަކީ 12 (ބާރަ) މަސްދުވަހަށްވުރު ކުރު ނުވަތަ އެއަށްވުރެ ދިގު މުއްދަތެއްކަމަށްވާނަމަ، އެ މުއްދަތުގައި ހިމެނޭ ދުވަހުގެ އަދަދުގެ ނިސްބަތުން، އެ މިންވަރު ޕްރޯރޭޓްކުރަންވާނެއެވެ.

  

75 ވަނަ މާއްދާ - ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނާއެކު މި ގާނޫނު ކިޔުން

މި ގާނޫނު ކިޔަންވާނީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އާ އެކުގައެވެ. އަދި މި ގާނޫނުގައި ބޭނުންކޮށްފައިވާ ކޮންމެ ލަފުޒެއް ނުވަތަ އިބާރާތެއް، މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު ނުވަތަ ވަކި ހާލަތެއްގައި ވަކި ގޮތަކަށް މާނަ ދޭހަކުރުމަށް ލާޒިމްނުކުރާހާ ހިނދަކު، އެ ލަފުޒެއް ނުވަތަ އެ އިބާރާތެއް މާނަކުރަންވާނީ ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގައި އެ ލަފުޒެއް ނުވަތަ އިބާރާތެއް މާނަކޮށްފައިވާ ގޮތަށެވެ.

 

76 ވަނަ މާއްދާ - ގާނޫނު ހިންގުމާއި ގަވާއިދު ހެދުން

(ހ) މި ގާނޫނުގައިވާ ކަންކަން ހިންގައި ބަލަހައްޓާނީ މީރާއިންނެވެ.

(ށ) ފުރިހަމަ ގޮތުގައި މި ގާނޫނު ތަންފީޒުކުރެވޭނެ ގޮތް މަގުފަހިކުރުމަށާއި އެ ފަރާތްތަކެއްގެ މައްޗަށް މި ގާނޫނު ހިނގާ ފަރާތްތަކުން އަމަލުކުރަންވާނެ ގޮތް ކަނޑައެޅުމަށް އަދި  މި ގާނޫނުގައިވާ ކަންކަން ތަންފީޒުކުރުމަށް ބޭނުންވާ ގަވާއިދު ހަދާނީ މީރާގެ ބޯޑުންނެވެ.

(ނ) މި ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހުގެ ކުރިން،   މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދު ހަދައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންވާނެއެވެ.

 

77 ވަނަ މާއްދާ - ކޮމިށަނަރ ޖެނެރަލަށް ލިބިދީފައިވާ ބާރެއް އެހެން ފަރާތަކުން ތަންފީޒުކުރުން

މި ގާނޫނުގެ ދަށުން ވަކި ކަމެއް ކުރުމަށް ކޮމިށަނަރ ޖެނެރަލަށް ބާރު ލިބިދީފައިވާނަމަ، ކޮމިށަނަރ ޖެނެރަލް ކަނޑައަޅާފައިވާ މީރާގެ ކޮންމެ މުވައްޒަފަކަށްވެސް އެ ކަމެއް ކުރެވިދާނެއެވެ.

 

78 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުމާއި ޓެކްސް ނަގަން ފެށުން

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާނީ، 1 ޖަނަވަރީ 2020 އިން ފެށިގެންނެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް،  މި ގާނޫނުގެ ‏3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އާމްދަނީން ޓެކްސް ނަގަން ފަށާނީ 1 އެޕްރީލް 2020 އިން ފެށިގެންނެވެ.

 

79 ވަނަ މާއްދާ - މާނަކުރުން

މި ގާނޫނުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައިއެވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިއެވާ މާނައެވެ.

(ހ) "ހަދިޔާ" ކަމަށް ބުނެފައި އެވަނީ، ފައިސާއިން ވިޔަސް އެނޫން ގޮތަކަށް ވިޔަސް، މުގާބިލެއް ނެތި، އެއް ފަރާތުން އަނެއް ފަރާތަށް އަމިއްލަ އިހްތިޔާރުގައި ދޭ ކޮންމެ އެއްޗަކަށެވެ.

(ށ) "ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާ" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ ޖަމްއިއްޔާއަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު އިދާރާއަކަށެވެ.

  1. އެއީ އިސްލާމްދީން ކުރިއެރުވުން، ފަގީރުންނަށް އެހީވުން، ސިއްހީ ހިދުމަތް ދިނުން، ތައުލީމު ދިނުން ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެނޫންވެސް އާންމު މަންފާއެއް ކުރިއެރުވުމަށް އުފައްދާފައިވާ ޖަމްއިއްޔާއަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު އިދާރާއަކަށްވުން؛ އަދި
  2. އެއީ ވަކި ފަރާތެއްގެ މާލީ ފައިދާއަކަށް ހިންގާ ޖަމްއިއްޔާއަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު އިދާރާއަކަށްނުވުން. 

(ނ) "ހިސާބުކުރާ މުއްދަތު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މުއްދަތަށެވެ.

(ރ) "ރިޓަޔަރމަންޓް ބެނިފިޓް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ ދަށުން ގާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގެ ދަށުން ލިބޭ ފައިސާ ފިޔަވައި، ރިޓަޔަރމަންޓް ސްކީމެއްގެ ދަށުން ލިބޭ ކޮންމެ ފައިސާއަކަށެވެ.

(ބ) "ރޯޔަލްޓީ" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަމުންކުރެ ކަމަކާ ގުޅިގެން ދޭ ކޮންމެ މުގާބިލަކަށެވެ.

  1. ކޮޕީރައިޓެއް، ޕޭޓެންޓެއް، ޕްލާންޓް ވެރައިޓީ ރައިޓެއް، ޓްރޭޑްމާކެއް، ފަރުމާއެއް ނުވަތަ މޮޑެލެއް، ޕްލޭނެއް، ސިއްރު ފޯމިއުލާއެއް ނުވަތަ ޕްރޮސެސްއެއް، ނުވަތަ  މި ފަދަ އެހެން މުދަލެއް ނުވަތަ ހައްގެއް ބޭނުންކުރުން ނުވަތަ ބޭނުންކުރުމުގެ ހައްގު ލިބިގަތުން؛
  2. ގުދުރަތީގޮތުން އުފެދިފައިހުރި މައުދަނާއި، ތެލާއި، ގޭހާއި ނުވަތަ އެފަދަ އެހެނިހެން ވަޞީލަތްތަށް ނެގުން ނުވަތަ އެނޫންވެސް ގޮތަކުން ބޭނުންކުރުން ނުވަތަ ނެގުމުގެ ނުވަތަ ބޭނުންކުރުމުގެ ހައްގު ލިބިގަތުން؛
  3. އަންނަނިވި ތަކެތިންކުރެ އެއްޗެއް ބޭނުންކުރުމަށް ނުވަތަ ބޭނުންކުރުމުގެ ހައްގު ލިބިގަތުން:
    i.   ސިނަމާ ފިލްމު؛
    ii.  ޓީވީ ބްރޯޑްކާސްޓިންގގައި ބޭނުންކުރާ ފިލްމް، ވީޑިއޯޓޭޕް ނުވަތަ އެހެނިހެން އިލެކްޓްރޯނިކް ރެކޯޑިންގ؛
    iii.  ރޭޑިއޯ ބްރޯޑްކާސްޓިންގގައި ބޭނުންކުރާ ޓޭޕް ނުވަތަ އެހެނިހެން އިލެކްޓްރޯނިކް ރެކޯޑިންގ؛
    iv. އިންޓަރނެޓް ބްރޯޑްކާސްޓިންގގައި ބޭނުންކުރާ ފިލްމް، ވީޑިއޯ ނުވަތަ އެހެނިހެން އިލެކްޓްރޯނިކް ރެކޯޑިންގ.

  4. އިންޑަސްޓްރިއަލް، ކޮމާށަލް، ނުވަތަ ސައިންޓިފިކް އިލްމެއް ނުވަތަ މައުލޫމާތެއް ފޯރުކޮށްދިނުން؛
  5. އިންޑަސްޓްރިއަލް، ކޮމާށަލް، ނުވަތަ ސައިންޓިފިކް އިކުއިޕްމަންޓެއް ނުވަތަ މައުލޫމާތެއް ބޭނުންކުރުން ނުވަތަ ބޭނުންކުރުމުގެ ހައްގު ލިބިދިނުން؛
  6. ސެޓެލައިޓް، ކޭބަލް، އޮޕްޓިކް ފައިބަރ ނުވަތަ އެ ފަދަ އެހެން ޓެކްނޮލޮޖީއެއް މެދުވެރިކޮށް ޓްރާންސްމިޓްކުރުން؛
  7. މި މާއްދާގެ (ބ) ގެ ‏(1) ވަނަ ނަންބަރުން ފެށިގެން ‏(6) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ ކަމަކުންކުރެ ކަމެއް ކުރުމަށް ނުވަތަ އެއިން ނަންބަރެއްގައި ބަޔާންކޮށްފައިވާ އެއްޗެއް ބޭނުންކުރުމަށް ނުވަތަ އެއިން ކަމެއް ކުރުމަށް އެހީތެރިވުން؛
  8. މި މާއްދާގެ (ބ) ގެ ‏(1) ވަނަ ނަންބަރުން ފެށިގެން ‏(3) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ މުދަލެއް ނުވަތަ ހައްގެއް ބޭނުންކުރުން ނުވަތަ ބޭނުންކުރުމުގެ ހައްގު ލިބިދިނުން ހުއްޓުވުން ނުވަތަ ކޮންޓްރޯލްކުރުން؛
  9. މި މާއްދާގެ (ބ) ގެ (4) ވަނަ ނަންބަރުން ފެށިގެން (6) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ އިލްމެއް ނުވަތަ މައުލޫމާތެއް ފޯރުކޮށްދިނުން ހުއްޓުވުން ނުވަތަ ކޮންޓްރޯލްކުރުން.

(ޅ) "ބައިނަލްއަގްވާމީ ދަތުރުފަތުރު" ކަމަށް ބުނެފައި އެވަނީ، ހަމައެކަނި ދިވެހިރާއްޖޭގެ އެއް މަންޒިލުން ދިވެހިރާއްޖޭގެ އަނެއް މަންޒިލަށް ކަނޑުބޯޓު ނުވަތަ މަތިންދާ ބޯޓު މެދުވެރިކޮށް ދަތުރުފަތުރުކުރުން ފިޔަވައި، ކަނޑުބޯޓެއް ނުވަތަ މަތިންދާ ބޯޓެއް ބޭނުންކޮށްގެން ކުރެވޭ ކޮންމެ ދަތުރުފަތުރަކަށެވެ. 

(ކ) "ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ ހިސާބުކުރުމުގެ މިންގަނޑުތައް" ކަމަށް ބުނެފައި އެވަނީ، އިންޓަރނޭށަނަލް އެކައުންޓިންގ ސްޓޭންޑަޑްސް ބޯޑުން ޝާއިއުކޮށްފައިވާ އިންޓަރނޭށަނަލް ފައިނޭންށަލް ރިޕޯޓިންގ ސްޓޭންޑަޑްސްއާއި އިންޓަރނޭށަނަލް ފައިނޭންށަލް ރިޕޯޓިންގ ސްޓޭންޑަޑްސް ފޮރ ސްމޯލް އެންޑް މީޑިއަމް ސައިޒްޑް އެންޓިޓީސްއާއި އިންޓަރނޭށަނަލް އެކައުންޓިންގ ސްޓޭންޑަޑްސް އަދި ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާ ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރާ އެނޫންވެސް އެކައުންޓިންގ ސްޓޭންޑަޑަކަށެވެ.

(އ) "ބެނިފިށަރީންނަށް ލިބޭ އާމްދަނީ" ކަމަށް ބުނެފައި އެވަނީ، ޓްރަސްޓެއްގެ ކޯޕަސް ބަހައިގެން އެ ބެނިފިށަރީންނަށް ލިބޭ އެއްޗެއް ފިޔަވައި، ޓްރަސްޓަކުން އެ ޓްރަސްޓުގެ ބެނިފިށަރީންނަށް ދޭ ކޮންމެ ފައިސާއަކަށެވެ. 

(ވ) "ބޭންކު" ކަމަށް ބުނެފައި އެވަނީ، ޗެކްގެ ޒަރިއްޔާއިން އެކެއްގެ ކިބައިން އަނެކަކަށް ބަދަލުކުރެވޭ ފައިސާގެ ޑިޕޮޒިޓް ގަބޫލުކުރުން، އެ ތަނުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ މާލީ އިދާރާއަށެވެ. 

(މ) "ކުންފުނި" ކަމަށް ބުނެފައި އެވަނީ، ކޮންމެ ތަނެއްގައި އިންކޯޕަރޭޓްކޮށްފައިވީ ނަމަވެސް ނުވަތަ ކޮންމެ ތަނެއްގައި ރަޖިސްޓަރީކޮށްފައިވީ ނަމަވެސް، ގާނޫނީ ށަހްސަކަށެވެ. އަދި މީގެ ތެރޭގައި ކޯޕަރޭޓިވް ސޮސައިޓީވެސް ހިމެނެއެވެ. ނަމަވެސް މި މާނައިގެ ތެރޭގައި ލިމިޓެޑް ލަޔަބިލިޓީ ޕާރޓްނަރށިޕެއް ނުހިމެނެއެވެ. 

(ފ) "ކުންފުނިތަކުގެ ގްރޫޕް" ކަމަށް ބުނެފައި އެވަނީ، އެއްވެސް ކުންފުންޏަކުން އެ ކުންފުންޏެއްގެ މާލީ ކަންތައްތައް ދައްކުވައިދޭ ކޮންސޮލިޑޭޓެޑް ފައިނޭންށަލް ސްޓޭޓްމަންޓްތައް މީރާއަށް ހުށަހަޅަންޖެހޭނެ ކަމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނެފައިވާ ހާލަތެއްގައި، އެ ކުންފުނިތަކަށެވެ. 

(ދ) "ކޮންޓްރޯލް" ކަމަށް ބުނެފައި އެވަނީ:

  1. އެއްވެސް ފަރާތަކަށް ނުވަތަ އެ ފަރާތާ ގުޅުން ހުރި ފަރާތަކަށް (ފުރަތަމަ ފަރާތަށް)، ސީދާ ގޮތުން ވިޔަސް ނުވަތަ ނުސީދާ ގޮތުން ވިޔަސް، އެހެން ފަރާތަކުން (ދެވަނަ ފަރާތުން) ވަކި ގޮތަކަށް ކަންކަން ކުރުމަށް އެންގޭ ހާލަތަށެވެ. މި ހާލަތުގައި ދެވަނަ ފަރާތުން ފުރަތަމަ ފަރާތް ކޮންޓްރޯލްކުރާ ކަމަށް ބެލެވޭނެއެވެ؛ ނުވަތަ
  2. އެއްވެސް ފަރާތަކާއި ކުންފުންޏަކާގުޅޭ ގޮތުންނަމަ:
    i.  އެއްވެސް ފަރާތަކަށް ނުވަތަ އެ ފަރާތް ކޮންޓްރޯލްކުރާ ފަރާތަކަށް އެ ކުންފުނީގެ ހިއްސާގެ ރައުސްމާލުގެ ނިސްބަތުން ބޮޑު ބައި، ނުވަތަ ވިއްކާފައިވާ ހިއްސާގެ ރައުސްމާލުގެ ބޮޑު ބައި، ނުވަތަ ކުންފުނީގެ ވޯޓުދިނުމުގެ ބާރުގެ ބޮޑު ބައި އެ ފަރާތަކަށް ލިބިފައިވާނަމަ ނުވަތަ ހޯދުމުގެ ހައްގު ލިބިފައިވާނަމަ؛ ނުވަތަ
    ii. އެއްވެސް ފަރާތަކަށް ނުވަތަ އެ ފަރާތް ކޮންޓްރޯލްކުރާ ފަރާތަކަށް އެ ކުންފުނީގެ ކަންތައްތައް ހިންގާ، ނުވަތަ އެ ކުންފުނީގެ ކަންތައްތައް ސީދާ ނުވަތަ ނުސީދާ ގޮތުގައި ހިންގޭނެ ނުވަތަ ހިންގުމުގެ ހައްގެއް ލިބިފައިވާނަމަ؛ ނުވަތަ
    iii.  ކުންފުނީގެ މުޅި އާމްދަނީ ހުރިހާ ބައިވެރިންގެ މެދުގައި ބަހައިލައިފިނަމަ، އެ ބަހައިލެވުނު އަދަދުގެ ބޮޑު ބައެއް، ކުންފުނީގެ ވިއްކާފައިވާ ހިއްސާގެ ރައުސްމާލުގެ ނިސްބަތުން     އެ ފަރާތަކަށް (ލޯނު ދޫކުރި ފަރާތެއްގެ ހައިސިއްޔަތުން އެ ފަރާތަކަށް ލިބިފައިވާ އެއްވެސް ހައްގަކަށް ބެލުމަކާނުލައި) ލިބޭނަމަ ނުވަތަ ހޯދުމުގެ ހައްގު ލިބޭނަމަ؛ ނުވަތަ
    iv. ކުންފުނި އުވައިލުމުން ނުވަތަ އެ ފަދަ އެހެން ހާލަތެއް މެދުވެރިވުމުން، ބައިވެރިންގެ މެދުގައި ބަހައިލުމަށް ލިބޭނެ ކުންފުނީގެ މިލްކިއްޔާތުގެ ބޮޑު ބައެއް އެ ފަރާތަކަށް ލިބޭ ވަރުގެ ހައްގުތަކެއް އެ ފަރާތަކަށް ލިބިފައިވާނަމަ ނުވަތަ ހޯދުމުގެ ހައްގު ލިބިފައިވާނަމައެވެ.

  3. އެއްވެސް ފަރާތަކާއި ޕާޓްނަރށިޕަކާގުޅޭ ގޮތުންނަމަ، އެ ފަރާތަށް ނުވަތަ އެ ފަރާތާ ގުޅުން ހުރި ފަރާތަކަށް، ސީދާ ގޮތުން ވިޔަސް ނުވަތަ ނުސީދާ ގޮތުން ވިޔަސް، އެ ޕާޓްނަރށިޕުގެ ކަންކަމުގައި ގޮތެއް ކަނޑައެޅުމާ ގުޅިގެން ވޯޓުލުމުގެ ހައްގުގެ ބޮޑުބައި ލިބިފައިވުމަށެވެ. ނުވަތަ ސީދާ ގޮތުން ވިޔަސް ނުވަތަ ނުސީދާ ގޮތުން ވިޔަސް، އެ ޕާޓްނަރށިޕުގެ ކެޕިޓަލުގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ ގިނައިން ހިއްސާކުރުމަށެވެ. މި ހާލަތުގައި އެ ފަރާތުން އެ ޕާޓްނަރށިޕް ކޮންޓްރޯލްކުރާ ކަމަށް ބެލެވޭނެއެވެ.
  4. މި މާނަކުރުމުގެ ބޭނުމަށް، ފުރަތަމަ ފަރާތަށް ލިބިފައިވާ ހައްގުތަކާއި ބާރުތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ހައްގެއް ނުވަތަ ބާރެއް ދެވަނަ ފަރާތަށް ލިބިފައިވާކަމަށް ބެލެވޭނެއެވެ.
    a.     ފުރަތަމަ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކަށް ލިބިފައިވާ ހައްގެއް ނުވަތަ ބާރެއް؛
    b.     ފުރަތަމަ ފަރާތުން އަންގާ ގޮތެއްގެ މަތިން ނުވަތަ އެ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ބޭނުންކުރާ ހައްގެއް ނުވަތަ ބާރެއް؛
    c.     ފުރަތަމަ ފަރާތުން ނުވަތަ އެ ފަރާތާއި އެ ފަރާތާ ގުޅުން ހުރި އެއްވެސް ފަރާތަކާ ބައިވެރިވެގެން ކޮންޓްރޯލްކުރާ ކުންފުންޏަކަށް ނުވަތަ ކުންފުނިތަކަކަށް ލިބިފައިވާ ހައްގެއް ނުވަތަ ބާރެއް؛
    d.     ފުރަތަމަ ފަރާތާ ގުޅުން ހުރި ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް، އަދި ފުރަތަމަ ފަރާތާ ގުޅުން ހުރި ފަރާތަކާ ގުޅުން ހުރި އެހެން ފަރާތަކަށް ލިބިފައިވާ ހައްގެއް ނުވަތަ ބާރެއް. 

  5. މި މާނަކުރުމުގެ ބޭނުމަށް، ކުޑަ ކުއްޖާއަކީ އެ ކުއްޖާގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔާގެ ކޮންޓްރޯލްގެ ދަށުގައިވާ ފަރާތެއް ކަމަށް ބެލެވޭނެއެވެ.

(ތ) "ކެޕިޓަލް އެލަވަންސް" ކަމަށް ބުނެފައި އެވަނީ، މުދަލަކަށް ކުރާ ކެޕިޓަލް ހަރަދު ވަކި މުއްދަތަކަށް ބަހާލުމުން ކޮންމެ މުއްދަތަކަށް ޖެހޭ އަދަދަށެވެ.

(ލ) "ކެޕިޓަލް މަރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށެވެ.

(ގ) "ކޮމިށަނަރ ޖެނެރަލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން އައްޔަންކޮށްފައިވާ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަނަށެވެ.

(ޏ) "ކޯޕަރޭޓިވް ސޮސައިޓީ" ކަމަށް ބުނެފައި އެވަނީ، ކޮންމެ ތަނެއްގައި އިންކޯޕަރޭޓްކޮށްފައިވީ ނަމަވެސް ނުވަތަ ކޮންމެ ތަނެއްގައި ރަޖިސްޓަރީކޮށްފައިވީ ނަމަވެސް، ކޮންމެ ކޯޕަރޭޓިވް ސޮސައިޓީއަކަށެވެ.

(ސ) "އައްޔަންކޮށްފައިވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެހެން ފަރާތެއްގެ ބަދަލުގައި އެއްޗަކާ ނުވަތަ ކަމަކާ ހަވާލުވެ ހުރި ނުވަތަ އެހެން ފަރާތެއްގެ ބަދަލުގައި ކަމެއް ކުރާ ފަރާތަކަށެވެ.

(ޑ) "އާމްސް ލެންތުގެ އުސޫލު" ކަމަށް ބުނެފައި އެވަނީ، ގުޅުންހުރި ފަރާތްތަކުގެ ތެރޭގައި ނުހިމެނޭ ފަރާތްތަކަކުން، މުސްތަގިއްލުކަމާއެކު އަދި އަޅައިކިއޭ ހާލަތްތަކެއްގައި  އެ އިންތިޒާމެއް ނުވަތަ މުއާމަލާތެއް ކުރިނަމަ ކުރާނެ ނުވަތަ ކުރިމަތިކުރުވާނެ ށަރުތުތަކާ އެއްގޮތަށް އެ އިންތިޒާމެއް ނުވަތަ މުއާމަލާތެއް ކުރާނެ އުސޫލަށެވެ.

(ޒ) "އިންތިޒާމެއް" ކަމަށް ބުނެފައި އެވަނީ، އެގްރީމެންޓަކަށް ނުވަތަ ކޮންޓްރެކްޓަކަށް ނުވަތަ ޕްލޭނަކަށް ނުވަތަ ކަމަކާގުޅޭ ގޮތުން އާދެވޭ އެއްބަސްވުމަކަށް އަދި އެ ކަންކަމަށް އަމަލުކުރުމުގައި ހިނގާ އެންމެހައި މަރުހަލާތަކަކާއި މުއާމަލާތްތަކަށެވެ. އެއީ   އެ ކަމުގައި ހިމެނޭ ފަރާތްތައް ގާނޫނީ ގޮތުން އަމަލުކުރަންޖެހޭ ކަންތައްތަކަށްވީ ނަމަވެސް ނުވަތަ ނުވި ނަމަވެސް މެއެވެ. 

(ޓ) "އިންޓްރެސްޓް" ކަމަށް ބުނެފައި އެވަނީ، ޑިސްކައުންޓެއް ނުވަތަ ޕްރިމިއަމެއްވެސް ހިމެނޭ ގޮތުން، ޑެޓް ސެކިއުރިޓީއެއް ނުވަތަ ލޯނެއް ނުވަތަ ސްވޮޕެއް ނުވަތަ ޑެރިވެޓިވް އިންތިޒާމެއް ނުވަތަ އިންޓްރެސްޓާ އެއްފަދަ ފައިސާއެއް ދައްކަންޖެހޭ އެނޫންވެސް މުއާމަލާތެއްގެ ދަށުން ދައްކާފައިވާ ނުވަތަ ދައްކަންޖެހޭ ފައިސާއަކަށް (ޕްރިންސިޕަލް ފިޔަވައި)، ނުވަތަ ލޯނަކާ ގުޅިގެން ނުވަތަ ސްވޮޕަކާ ގުޅިގެން ނުވަތަ ޑެރިވެޓިވް އިންތިޒާމަކާ ގުޅިގެން ދައްކާފައިވާ ކޮމިޓްމަންޓެއް ނުވަތަ ގެރެންޓީއެއް ނުވަތަ ހިދުމަތެއްގެ ފީއަކަށެވެ. މީގެ ތެރޭގައި ޕެސިވް އިންޓްރެސްޓްއާއި އިސްލާމިކް ފައިނޭންށަލް އިންސްޓްރޫމަންޓަކާ ގުޅިގެން ލިބޭ ފައިދާވެސް ހިމެނެއެވެ.

(ޔ) "އުޖޫރަ" ކަމަށް ބުނެފައި އެވަނީ، މުވައްޒަފަކު ނުވަތަ ޑިރެކްޓަރަކު ނުވަތަ ޕާޓްނަރަކު ފޯރުކޮށްދޭ ހިދުމަތުގެ މުގާބިލުގައި، އޭނާއަށް ލިބޭ ކޮންމެ އިނާޔަތަކަށް ނުވަތަ މަންފާއަކަށެވެ. މީގެ ތެރޭގައި، ވަޒީފާ ގެއްލުމުގެ ސަބަބުން ނުވަތަ ހިދުމަތް ހުއްޓާލަންޖެހުމުގެ ސަބަބުން ލިބޭ ބަދަލާއި، ވަކި ކަންތައްތަކަކަށް ށަރުތުކޮށް ދޭ ފައިސާއާއި ވަޒީފާއަށް ވަނުމަށް ނުވަތަ ވަޒީފާއިން ވަކިވުމަށް ބާރުއަޅާ އިނާޔަތްތައްވެސް ހިމެނެއެވެ.

(ޕ) "އެކްސެސިވް ކޮމްޕެންސޭށަން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ހާލަތްތަކުގައި، މުއާމަލާތެއްގެ މުގާބިލުގެ ތެރެއިން  އެ މުއާމަލާތުގެ އަގަށްވުރެ އިތުރު ކަމަށް ކޮމިށަނަރ ޖެނެރަލް ކަނޑައަޅާ އަދަދަކަށެވެ.

  1. އެ ފަރާތުން ދައްކާފައިވާ އަދަދު މި ގާނޫނުގެ ދަށުން އުނިކޮށްފައިވުން؛ އަދި

  2. i.   އެ އަދަދު ދައްކަނީ އޭނާގެ ތިމާގެ މީހަކަށް ކަމަށްވުން؛ ނުވަތަ
    ii.   އެ ފަރާތަކީ ކުންފުންޏެއްނަމަ، އެ އަދަދު ދައްކަނީ އެ ކުންފުނީގެ ޑިރެކްޓަރަކަށް، ނުވަތަ ހިއްސާދާރަކަށް، ނުވަތަ އެ ކުންފުންޏާ ގުޅުން ހުރި ފަރާތަކަށް، ނުވަތަ އެ ކުންފުނީގެ ޑިރެކްޓަރަކާ ނުވަތަ ހިއްސާދާރަކާ ގުޅުން ހުރި ފަރާތަކަށް ކަމަށްވުން؛ ނުވަތަ
    iii.  އެ ފަރާތަކީ ޕާޓްނަރށިޕެއްނަމަ، އެ އަދަދު ދައްކަނީ އެ ޕާޓްނަރށިޕުގެ ޕާޓްނަރަކަށް، ނުވަތަ އެ ޕާޓްނަރށިޕަކާ ގުޅުން ހުރި ފަރާތަކަށް، ނުވަތަ އެ ޕާޓްނަރށިޕްގެ ޕާޓްނަރަކާ ގުޅުން ހުރި ފަރާތަކަށް ކަމަށްވުން. 

(ޖ) "ވަޒީފާ ދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ    ‏3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފައިސާ މުވައްޒަފަކަށް ދޭ ކޮންމެ ފަރާތަކަށެވެ. 

(ޗ) "ވިތުހޯލްޑިންގ ޓެކްސް" ކަމަށް ބުނެފައި އެވަނީ، އެއްވެސް ފަރާތަކަށް ލިބޭ އާމްދަނީއަކުން، އެ ފައިސާ ދައްކާ ފަރާތުން   މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އުނިކުރަންޖެހޭ ޓެކުހަށެވެ. 

 (ހހ) "ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ވަޒީފާ އަދާކުރުން ފިޔަވައި، މާލީ ފައިދާއެއް ނުވަތަ އިތުރުކުރުމެއް ހޯދުމުގެ ނިޔަތުގައި ކުރާ ކޮންމެ ކަމަކަށެވެ. އޭގެ ތެރޭގައި އަންނަނިވި ކަންކަންވެސް ހިމެނެއެވެ.

  1. މުދާ ގަނެވިއްކުން؛
  2. އުފެއްދުންތެރި މަސައްކަތް؛
  3. ޕްރޮފެށަނަލް، ކޮމާށަލް، ފަންނީ ނުވަތަ ޕަރސަނަލް ހިދުމަތްތައް ފޯރުކޮށްދިނުން؛
  4. އުފުލޭ މުދަލަކާ ގުޅިގެން ނުވަތަ ނުއުފުލޭ މުދަލަކާ ގުޅިގެން އެއްވެސް ފަރާތަކަށް ހައްގެއް ދިނުން. 

(ހށ) "ވިޔަފާރި އާމްދަނީ" ކަމަށް ބުނެފައި އެވަނީ، މި މާއްދާގެ (ހހ) ގައި "ވިޔަފާރި" ކަމަށް ބަޔާންކޮށްފައިވާ ކަމަކުން ލިބޭ އާމްދަނީއަށެވެ. އޭގެ ތެރޭގައި އެ ވިޔަފާރީގެ މުހިންމު މުވައްޒަފަކަށް ނަގާފައިވާ "ކީ ޕަރސަން އިންށުއަރެންސް" ޕޮލިސީއެއްގެ ދަށުން ބަދަލުގެ ގޮތުގައި ލިބޭ ފައިސާވެސް ހިމެނެއެވެ. 

(ހނ) "މީރާ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ. 

(ހރ) "މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން އެހެން ފަރާތަކަށް ހިދުމަތްކޮށްދޭ މީހުންނަށާއި، ކުންފުނިތަކުގެ ޑިރެކްޓަރުންނަށާއި، ޕާޓްނަރށިޕްތަކުގެ ޕާޓްނަރުންނަށާއި، އިންތިހާބުކޮށްފައިވާ މަގާމެއްގައި ހުރި ނަމަވެސް، އައްޔަންކޮށްފައިވާ މަގާމެއްގައި ހުރި ނަމަވެސް، ދާއިމީ މަގާމެއްގައި ހުރި ނަމަވެސް، ވަގުތީ މަގާމެއްގައި ހުރި ނަމަވެސް، ދައުރު ކަނޑައެޅިފައިވާ މަގާމެއްގައި ހުރި ނަމަވެސް، ކޮންޓްރެކްޓެއްގެ ދަށުން ހަވާލުކުރެވިފައިވާ މަގާމެއްގައި ހުރި ނަމަވެސް، ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރުމާ ހަވާލުވެގެން ހުރި އަދި އެ މަސްއޫލިއްޔަތު އަދާކުރުމުގެ މުގާބިލެއް ދައުލަތުން ލިބޭ ކޮންމެ މީހަކަށެވެ. ހިދުމަތް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގެ ދަށުން މުސްތަގިއްލުކޮށް މަސައްކަތްކުރާ ކޮންޓްރެކްޓަރުންނެއް  މި މާނައިގެ ތެރޭގައެއް ނުހިމެނެއެވެ. 

(ހބ) "ފަރާތް" ކަމަށް ބުނެފައި އެވަނީ، ފަރުދުންނާއި ކުންފުނިތަކާއި ޕާޓްނަރށިޕްތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކާއި ޓްރަސްޓުތަކާއި ޖަމްއިއްޔާތައްވެސް ހިމެނޭ ގޮތުންނެވެ. އެހެން ނަމަވެސް،    މި ގާނޫނުގެ ‏54 ވަނަ މާއްދާ ފިޔަވައި ދެން ހުރި މާއްދާތަކުގެ ބޭނުމަށް، މި މާނައިގެ ތެރޭގައި ދިވެހިސަރުކާރުގެ އެއްވެސް އިދާރާއެއް ނުވަތަ ދައުލަތުގެ އެއްވެސް އޮފީހެއް ނުހިމެނެއެވެ. 

(ހޅ) "ފައިނޭންސް ލީސް" ކަމަށް ބުނެފައި އެވަނީ، މުދަލެއްގެ މިލްކުވެރިކަމާ ގުޅިފައިވާ ރިސްކާއި ރިވޯޑު އެއްކޮށްހެން ކުއްޔަށް ހިފާ ފަރާތަށް ބަދަލުވާ ކޮންމެ ލީސްއަކަށެވެ. 

(ހކ) "ދަރި" ގެ މާނައިގެ ތެރޭގައި ކާފަ އަދި މާމަ ދަރިންނާއި ދަރުމަ ދަރިންނާއި ދޮންދަރިވެސް ހިމެނެއެވެ. 

(ހއ) "ދައުލަތުގެ އޮފީސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި އިދާރާތަކާއި، ގާނޫނު އަސާސީ ނުވަތަ ގާނޫނެއްގެ ދަށުން އުފެދޭ އެންމެހައި މުއައްސަސާތަކާއި، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށެވެ. މީގެ ތެރޭގައި ދައުލަތުގެ އޮފީހަކުން ހިއްސާވާ ކުންފުންޏެއް، ނުވަތަ އެ ފަރާތެއްގެ މައިގަނޑު މަގްސަދުގެ ތެރޭގައި ވިޔަފާރިކުރުން ހިމެނޭ ވަކި ގާނޫނީ ށަހްސެއް ނުހިމެނެއެވެ. 

(ހވ)

  1. "ދާއިމީ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، އެއްވެސް ފަރާތެއްގެ ވިޔަފާރި ނުވަތަ ވިޔަފާރިން ބައެއް ހިންގާ ވަކި ތަނަކަށެވެ.
  2. "ދާއިމީ މަރުކަޒު" ގެ ތެރޭގައި އަންނަނިވި ތަންތަނާއި ކަންކަން ހާއްސަކޮށް ހިމެނެއެވެ.
    i.    މެނޭޖްމަންޓް ގާއިމުވެފައިވާ ތަނެއް؛
    ii.   ގޮތްޕެއް؛
    iii.  އޮފީހެއް؛
    iv.  ފެކްޓަރީއެއް؛
    v. ވަރކްށޮޕެއް؛
    vi. ގުދުރަތީގޮތުން އުފެދިފައިހުރި މައުދަނާއި، ތެލާއި، ގޭހާއި ނުވަތަ އެހެނިހެން ގުދުރަތީ ވަޞީލަތެއް ނަގާ ތަނެއް (ގުދުރަތީ ވަޞީލަތެއް ނެގުމަށް ބޭނުންކުރާ ކަނޑު އުޅަނދެއް ނުވަތަ ބޯޓެއްވެސް ހިމެނޭ ގޮތުން)؛

  3. "ދާއިމީ މަރުކަޒު" ގެ މާނައިގެ ތެރޭގައި އަންނަނިވި ތަންތަންވެސް ހިމެނެއެވެ.
    i.   އިމާރާތްކުރާ ތަނެއް، ނުވަތަ ކޮންސްޓްރަކްށަން ނުވަތަ އިންސްޓޮލޭށަން ނުވަތަ އެސެމްބްލީ ޕްރޮޖެކްޓެއް، ނުވަތަ   އެ ތަނަކާ ނުވަތަ އެ ޕްރޮޖެކްޓަކާ ގުޅިގެން ސުޕަވައިޒްކުރުމުގެ މަސައްކަތް (އެ ތަނެއް ނުވަތަ ޕްރޮޖެކްޓެއް ނުވަތަ މަސައްކަތެއް   6 (ހައެއް) މަސްދުވަހަށްވުރެ ގިނަ ދުވަހަށް މަސައްކަތް ހިނގަމުންދާނަމަ)؛
    ii.  އެ ފަރާތެއްގެ މުވައްޒަފުން ނުވަތަ އެ ފަދަ ބޭނުމަކަށް ހަރަކާތްތެރިވާ އެހެން ބަޔަކު މެދުވެރިކޮށް، ޓެކްސް އަހަރެއްގައި ފެށޭ ނުވަތަ ނިމޭ 12 (ބާރަ) މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި، އެ ގައުމެއްގައި   183 (ސަތޭކަ އަށްޑިހަ ތިނެއް) ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަހު ހިދުމަތެއް (ކޮންސަލްޓަންސީ ހިދުމަތްވެސް ހިމެނޭ ގޮތުން) ފޯރުކޮށްދިނުން؛

  4. މި މާނަކުރުމުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، އަންނަނިވި ތަންތަނާއި ކަންކަމަކީ، ނުވަތަ މި މާއްދާގެ މި އަކުރުގެ (4) ވަނަ ނަންބަރުގެ (iv) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތުގައި، މުޅި ހަރަކާތުގައި، ޕްރިޕަރޭޓަރީ ނުވަތަ އޮގްޒިލަރީ ސިފަތަކެއް ހުރިނަމަ، އެއީ ދާއިމީ މަރުކަޒެއް ކަމަކަށް ނުބެލެވޭނެއެވެ.
    i.   އެ ތަނެއް ބޭނުންކުރަނީ އެ ފަރާތެއްގެ މުދާ ނުވަތަ މަރޗެންޑައިޒް ރައްކާކުރުމަށް ނުވަތަ ޑިސްޕްލޭކުރުމަށް ނުވަތަ ޑެލިވަރކުރުމަށް އެކަނި ކަމަށްވުން؛
    ii.  އެ ފަރާތެއްގެ މުދާ ނުވަތަ މަރޗަންޑައިޒްގެ ސްޓޮކް ބަލަހައްޓަނީ ރައްކާކުރުމަށް ނުވަތަ ޑިސްޕްލޭކުރުމަށް ނުވަތަ ޑެލިވަރކުރުމަށް އެކަނި ކަމަށްވުން؛
    iii. އެ ފަރާތެއްގެ މުދާ ނުވަތަ މަރޗަންޑައިޒްގެ ސްޓޮކް ބަލަހައްޓަނީ އެހެން ފަރާތަކުން ޕްރޮސެސްކުރުމުގެ ބޭނުމަށް އެކަނި ކަމަށްވުން؛
    iv. އެ ފަރާތަކުން ދާއިމީ ތަނެއް ބަލަހައްޓަނީ  އެ ފަރާތަކުން މުދާ ނުވަތަ މަރޗަންޑައިޒް ގަތުމަށް ނުވަތަ މައުލޫމާތު އެއްކުރުމަށް އެކަނި ކަމަށްވުން؛
    v.  އެ ފަރާތަކުން ދާއިމީ ތަނެއް ބަލަހައްޓަނީ،  އެ ފަރާތަކަށް އެހެން އެއްވެސް ހަރަކާތެއް ހިންގައިދިނުމަށް އެކަނި ކަމަށްވުން؛
    vi. އެ ފަރާތަކުން ދާއިމީ ތަނެއް ބަލަހައްޓަނީ، މި މާއްދާގެ މި އަކުރުގެ (4) ވަނަ ނަންބަރުގެ (i) ވަނަ ނަންބަރުން (v) ވަނަ ނަންބަރަށް ބަޔާންކޮށްފައިވާ އެއްވެސް ހަރަކާތްތަކެއް ހިންގުމަށް އެކަނި ކަމަށްވުން.

  5. އެއްވެސް ފަރާތަކުން ނުވަތަ އެ ފަރާތަކާ ގުޅުންހުރި ފަރާތަކުން ދިވެހިރާއްޖޭގައި ހުރި ތަނެއްގައި ނުވަތަ ދިވެހިރާއްޖޭގައި ހުރި އެހެން ތަނެއްގައި ވިޔަފާރި ހަރަކާތްތަކެއް ހިންގާނަމަ، އަދި
    i. މި މާއްދާގެ މި އަކުރުގެ ދަށުން، އެ ތަނެއް ނުވަތަ އެހެން ތަނެއް އެ ފަރާތެއްގެ ނުވަތަ އެ ފަރާތަކާ ގުޅުންހުރި ފަރާތެއްގެ ދާއިމީ މަރުކަޒެއްގެ ގޮތުގައި ކަނޑައެޅޭނަމަ؛ ނުވަތަ
    ii. އެ ދެ ފަރާތުން އެއް ތަނެއްގައި ހިންގާ، ނުވަތަ އެއް ފަރާތަކުން ނުވަތަ ގުޅުން ހުރި ފަރާތްތަކަކުން ދެ ތަނެއްގައި ހިންގާ، ހަރަކާތްތަކުގެ މައިގަނޑު ހަރަކާތަކީ ޕްރިޕަރޭޓަރީ ނުވަތަ އޮގްޒިލަރީ ސިފަތައް ހިމެނޭ ހަރަކާތަކަށް ނުވާނަމަ؛

    އެ ދެ ފަރާތުން އެއް ތަނެއްގައި ނުވަތަ އެއް ފަރާތަކުން ދެ ތަނެއްގައި ނުވަތަ ގުޅުން ހުރި ދެ ފަރާތުން ދެ ތަނެއްގައި ހިންގާ އެ ވިޔަފާރި ހަރަކާތަކީ އެއް ވިޔަފާރިއެއްގެ ތެރޭގައި ހިމެނޭ ކޮމްޕްލިމެންޓަރީ ފަންކްށަންތަކެއްނަމަ، އެ ފަރާތަކުން ބޭނުންކުރާ ނުވަތަ ބަލަހައްޓާ ވަކި ތަނަކަށް، މި މާއްދާގެ މި އަކުރުގެ (4) ވަނަ ނަންބަރެއް ނުހިނގާނެއެވެ.

  6. މި މާއްދާގެ މި އަކުރުގެ (1) ވަނަ ނަންބަރާއި   (2) ވަނަ ނަންބަރުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި މާއްދާގެ މި އަކުރުގެ (8) ވަނަ ނަންބަރު ރައްދުވާ ހިނދު، އެ ފަރާތަކީ (ފުރަތަމަ ފަރާތުން)، އެހެން ފަރާތެއްގެ (ދެވަނަ ފަރާތުގެ) ބަދަލުގައި ހަރަކާތްތެރިވާ ފަރާތެއްނަމަ،   އެ ހަރަކާތްތެރިވާއިރު، ދެވަނަ ފަރާތުގެ ނަމުގައި ކޮންޓްރެކްޓްކުރުމުގެ ބާރު ފުރަތަމަ ފަރާތަށް ލިބިފައިވުމާއި، އާދަވެގެން އެ ބާރު ބޭނުންކުރާނަމަ، ނުވަތަ ދެވަނަ ފަރާތުގެ އެކަށީގެންވާ ބަދަލުކުރުމަކާ ނުލައި ނިންމާ ކޮންޓްރެކްޓްތައް ނިންމުމުގައި މައިގަނޑު ރޯލު އާދަވެގެން އަދާކުރާނަމަ، އަދި އެފަދަ ކޮންޓްރެކްޓްތަކަކީ؛
    i.   ދެވަނަ ފަރާތުގެ ނަމުގައިވާ ކޮންޓްރެކްޓްތަކެއްނަމަ؛ ނުވަތަ؛
    ii.  ދެވަނަ ފަރާތުގެ މިލްކުވެރިކަމުގައިވާ ނުވަތަ އެ ފަރާތުން ބޭނުންކުރުމުގެ ހައްގު ލިބިފައިވާ މުދަލެއްގެ މިލްކުވެރިކަން ނުވަތަ ބޭނުންކުރުމުގެ ހައްގު ބަދަލުކުރުމަށް ކުރާ ކޮންޓްރެކްޓްތަކެއް ކަމުގައިވާނަމަ؛ ނުވަތަ
    iii.  ދެވަނަ ފަރާތުން ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމުގައިވާނަމަ؛

    ފުރަތަމަ ފަރާތުން ދެވަނަ ފަރާތުގެ ބަދަލުގައި ކުރާ މަސައްކަތްތަކާ ގުޅިގެން ދެވަނަ ފަރާތުގެ ދާއިމީ މަރުކަޒެއް ދިވެހިރާއްޖޭގައި ހުރިކަމަށް ބެލެވޭނެއެވެ. ނަމަވެސް، ހަމައެކަނި މި މާއްދާގެ މި އަކުރުގެ   (4) ވަނަ ނަންބަރުގައި ބަޔާންކުރާ ހަރަކާތްތައް، ވިޔަފާރި ކުރާ ވަކި ތަނެއް މެދުވެރިކޮށް ހިންގާނަމަ (މި މާއްދާގެ މި އަކުރުގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ވަކި ތަނަކުން ކުރާ ހަރަކާތްތައް ފިޔަވައި) އެ ތަނެއް މި މާއްދާގެ ބޭނުމަށް ދާއިމީ މަރުކަޒެއް ކަމަކަށް ނުބެލެވޭނެއެވެ.

  7. މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި މާއްދާގެ މި އަކުރުގެ (8) ވަނަ ނަންބަރު ގައި ބަޔާންކޮށްފައިވާ މުސްތަގިއްލު އޭޖެންޓެއް ފިޔަވައި، އެހެން ފަރާތެއް މެދުވެރިކޮށް ދިވެހިރާއްޖެއިން އިންށުއަރެންސް ޕްރީމިއަމްގެ ފައިސާ ހޯދާނަމަ ނުވަތަ އިންށުއަރެންސްގެ ހިދުމަތް ދޭނަމަ (ރީ-އިންށުއަރެންސް ފިޔަވައި)، އެ ފަރާތުގެ ދާއިމީ މަރުކަޒެއް ދިވެހިރާއްޖޭގައި ހުރި ކަމަށް ބެލެވޭނެއެވެ.

  8. އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގައި ވިޔަފާރިކުރާ މުސްތަގިއްލު އޭޖެންޓެއް މެދުވެރިކޮށް ހަރަކާތްތެރިވާނަމަ، އަދި އެ އޭޖެންޓުގެ ވިޔަފާރީގެ އާންމު މަސައްކަތްތަކުގެ ތެރޭގައި އެ އޭޖެންޓު ހަރަކާތްތެރިވާހާ ހިނދަކު، މި މާއްދާގެ މި އަކުރުގެ (6) ވަނަ ނަންބަރެއް ނުހިނގާނެއެވެ. އެހެންނަމަވެސް އެ އޭޖެންޓަކު ހަމައެކަނި ނުވަތަ މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވަނީ އެ ފަރާތާ ގުޅުންހުރި ފަރާތެއް ނުވަތަ ފަރާތްތަކެއްގެ ބަދަލުގައި ކަމަށްވާނަމަ، އެ އޭޖެންޓަކީ މި މާއްދާގެ ބޭނުމަށް މުސްތަގިއްލު އޭޖެންޓެއް ކަމުގައި ނުބެލެވޭނެއެވެ.

  9. ދިވެހިރާއްޖޭގައި ވިޔަފާރިކުރާ އެއްވެސް ފަރާތަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކުން ކޮންޓްރޯލް ކުރާ ފަރާތަކަށް ވިޔަސް، އެއީ އެއިން އެއްވެސް ފަރާތަކީ އަނެއް ފަރާތެއްގެ ދާއިމީ މަރުކަޒެއްކަމަށް ބެލެވޭނެ މިންގަނޑެއް ނޫނެވެ.

  10. އެކަށީގެންވާ އެންމެހައި ހެއްކާއި ހާލަތަށް ބިނާކޮށް، އެއްފަރާތެއްގެ ކޮންޓްރޯލް އަނެއް ފަރާތެއްގައި އޮތްނަމަ ނުވަތަ އެހެން ފަރާތަކަށް އެ ދެ ފަރާތުގެ ކޮންޓްރޯލް އޮތްނަމަ މި މާއްދާގެ މި އަކުރުގެ ބޭނުމަށް، އެއީ ގުޅުންހުރި ފަރާތްތަކެއް ކަމަށް ބެލެވޭނެއެވެ. ކޮންމެ ގޮތެއްވިޔަސް، ސީދާގޮތަކުން ނުވަތަ ނުސީދާގޮތަކުން އެއްފަރާތެއްގެ %50 (ފަންސާސް އިންސައްތަ) މަސްލަހަތު އަނެއް ފަރާތެއްގައި އޮތްނަމަ (ކުންފުންޏެއް ނަމަ، ވޯޓު ލުމުގެ ހައްގު އަދި ކުންފުނީގެ ހިއްސާ ނުވަތަ މަސްލަހަތު %50 (ފަންސާސް އިންސައްތަ) އަށްވުރެ ބޮޑުނަމަ)  އެ ފަރާތަކީ އަނެއް ފަރާތާ ގުޅުންހުރި ފަރާތެއް ކަމަށް ބެލެވޭނެއެވެ.

 

(ހމ) "ދިވެހިރާއްޖެ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 3 ވަނަ މާއްދާގައި ދީފައިވާ މާނައިގައެވެ.

(ހފ) "ދިވެހިރާއްޖެއިން ލިބޭ އާމްދަނީ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ‏11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާމްދަނީއަށެވެ. އެއީ އެ އާމްދަނީ ލިބެނީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަކަށް ކަމުގައިވީ ނަމަވެސް ނުވަތަ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ކަމުގައިވީ ނަމަވެސް މެއެވެ.

(ހދ) "ދިވެހިރާއްޖޭގެ ސްޓޮކް އެކްސްޗޭންޖް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ 3 ވަނަ ބާބުގެ ދަށުން ގާއިމުކޮށްފައިވާ ސްޓޮކް އެކްސްޗޭންޖަށެވެ.

(ހތ) "ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތް" ކަމަށް ބުނެފައި އެވަނީ؛

  1. ފަރުދަކާގުޅޭ ގޮތުންނަމަ:
    i.   އެ މީހަކު ދާއިމީކޮށް ދިރިއުޅޭ ތަން ދިވެހިރާއްޖޭގައި ހުރި މީހަކަށް؛ ނުވަތަ
    ii.  ޓެކްސް އަހަރެއްގެ ތެރޭގައި ފެށޭ ނުވަތަ ނިމޭ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި، 183 (ސަތޭކަ އަށްޑިހަ ތިނެއް) ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަހު ދިވެހިރާއްޖޭގައި ހުރެފައިވާ ނުވަތަ ހުންނަން ގަސްތުކުރާ މީހަކަށް؛ ނުވަތަ
    iii.   ޓެކްސް އަހަރެއްގެ ތެރޭގައި ދިވެހިރާއްޖެއިން ބޭރަށް ފޮނުވާފައިވާ ދައުލަތުގެ އޮފީހެއްގެ މުވައްޒަފެއް ނުވަތަ އޮފިށަލަކަށެވެ.

  2. ކުންފުންޏަކާގުޅޭ ގޮތުންނަމަ:
    i.   ދިވެހިރާއްޖޭގައި އިންކޯޕަރޭޓްކޮށްފައިވާ ކުންފުންޏަކަށް؛ ނުވަތަ
    ii.   އެ ކުންފުނީގެ ހެޑް އޮފީސް ދިވެހިރާއްޖޭގައި ހުރި ކުންފުންޏަކަށް؛ ނުވަތަ
    iii.   އެ ކުންފުނީގެ ހިންގުމާއި ކޮންޓްރޯލް ދިވެހިރާއްޖޭގައި އޮތް ކުންފުންޏަކަށެވެ.

  3. ޕާޓްނަރށިޕަކާގުޅޭ ގޮތުންނަމަ:
    i.    ދިވެހިރާއްޖޭގައި އުފައްދާފައިވާ ޕާޓްނަރށިޕަކަށް؛ ނުވަތަ
    ii.   އެ ޕާޓްނަރށިޕްގެ ހިންގުމާއި ކޮންޓްރޯލް ދިވެހިރާއްޖޭގައި އޮތް ޕާޓްނަރށިޕަކަށެވެ.
    iii.   ޓްރަސްޓަކާގުޅޭ ގޮތުންނަމަ:
    iv.   ދިވެހިރާއްޖޭގައި އުފައްދާފައިވާ ނުވަތަ ސެޓްލްކޮށްފައިވާ ޓްރަސްޓަކަށް؛ ނުވަތަ
    v.    ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ މީހަކު މަރުވުމާ ގުޅިގެން ޓްރަސްޓަކަށްވެފައިވާ އޭނާގެ ތަރިކަ؛ ނުވަތަ
    vi.   އެ ޓެކްސް އަހަރުގެ އެއްވެސް ވަގުތެއްގައި ދިވެހިރާއްޖޭގައި ހިންގާ ޓްރަސްޓަކަށެވެ.

  4. ދައުލަތުގެ އޮފީހަކަށެވެ.

(ހލ) "ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތާއި ދިވެހިރާއްޖޭގައި ވަގުތީ ގޮތުން ވަޒަންވެރިވެފައިވާ ފަރާތުގެ މާނައިގެ ތެރޭގައި ނުހިމެނޭ ކޮންމެ ފަރާތަކަށެވެ.

(ހގ) "ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތް" ކަމަށް ބުނެފައި އެވަނީ މި މާއްދާގެ (ހތ) ގެ (1) ވަނަ ނަންބަރުގެ ދަށުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ށަރުތުތައް ފުރިހަމަވާ މީހުންނަށެވެ.

  1. ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދަ ލިބިފައިވާ ބިދޭސީއަކަށްވުން؛ އަދި
  2. ދިވެއްސަކާ އިނދެގެން އުޅޭ މީހަކަށްނުވުން.

 

(ހޏ) "ތަސައްރުފުކުރުން" ކަމަށް ބުނެފައި އެވަނީ:

  1. މުދަލެއް ވިއްކައިލުން، ދިނުން، ޓްރާންސްފަރކުރުން ނުވަތަ އެނޫންވެސް ގޮތަކަށް މިލްކުވެރިކަމުން މުދަލެއް ވަކިވުން؛ ނުވަތަ
  2. މުދަލެއް ހަލާކުވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އެ މުދާ ދާއިމީކޮށް އަތުން ބީވުން؛ ނުވަތަ
  3. މުދާ ބޭނުންކުރުން ދާއިމީކޮށް ހުއްޓާލުން ނުވަތަ އެ މުދާ ބޭނުންކުރަމުންދިޔަ ވިޔަފާރި ދާއިމީކޮށް ހުއްޓާލުން ނުވަތަ ނިމުމަކަށް ގެނައުން ނުވަތަ އުވައިލުން؛ ނުވަތަ
  4. މުދަލެއްގެ ވެރިފަރާތުން އެ މުދާ ބޭނުންކޮށްގެން ކުރަމުންދާ ވިޔަފާރިއަކުން ޓެކްސް ދައްކަންޖެހުން ނިމުމަކަށް އައުމަށެވެ.

 

(ހސ) "ތިމާގެ މީހެއް" ކަމަށް ބުނެފައި އެވަނީ، އެ މީހެއްގެ:

  1. އަނބިމީހާ ނުވަތަ ފިރިމީހާ؛ ނުވަތަ
  2. ދަރި ނުވަތަ މައިންބަފައިން ނުވަތަ ކާފަ ނުވަތަ މާމަ ނުވަތަ ބޭބެ ނުވަތަ ދައްތަ ނުވަތަ ކޮއްކޮ؛ ނުވަތަ
  3. މި މާއްދާގެ މި އަކުރުގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށެވެ. 

 

(ހޑ) "ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރ" ކަމަށް ބުނެފައި އެވަނީ، ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕެއްގެ ކޮންމެ ޕާޓްނަރަކަށެވެ. 

(ހޒ) "ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 13/2011 (ޕާޓްނަރށިޕްގެ ގާނޫނު) ގެ   4 ވަނަ މާއްދާގެ (ހ) ގައި މާނަކޮށްދީފައިވާ ބާވަތުގެ ޕާޓްނަރށިޕަކަށެވެ. 

(ހޓ) "ލޯނު" ކަމަށް ބުނެފައި އެވަނީ، އެއް ފަރާތުން ("ފުރަތަމަ ފަރާތް") އަނެއް ފަރާތަށް ("ދެވަނަ ފަރާތް")، ދެވަނަ ފަރާތުން ކުރިމަގުގައި އަދަދެއް ދެއްކުމުގެ އިލްތިޒާމެއް އުފުލުމަށް ވެވޭ އެއްބަސްވުމެއްގެ ދަށުން، ފައިސާއިން ވިޔަސް ނުވަތަ ފައިސާއިން ނޫން ގޮތަކަށް ވިޔަސް ދޭ އަދަދަކަށެވެ. މީގެ ތެރޭގައި ޕްރޮމިސަރީ ނޯޓު ނުވަތަ ބިލްސް އޮފް އެކްސްޗޭންޖު ނުވަތަ ބޮންޑަކާ ގުޅިގެން ދައްކަންޖެހޭ އަދަދުތައްވެސް ހިމެނެއެވެ. 

(ހޔ) "ގުޅުން ހުރި ފަރާތް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ށަރުތުތަކުންކުރެ ށަރުތެއް ފުރިހަމަވާ ދެ ފަރާތަކަށެވެ.

  1. އެއް ފަރާތުން އަނެއް ފަރާތް ކޮންޓްރޯލް ކުރުން ނުވަތަ އެ ދެ ފަރާތްވެސް ކޮންޓްރޯލް ކުރަނީ އެއް ފަރާތަކުން ނުވަތަ ފަރާތްތަކަކުން ކަމަށްވުން؛ ނުވަތަ
  2. އެކަކަކީ އަނެކަކުގެ ތިމާގެ މީހަކަށްވުން؛ ނުވަތަ
  3. އެއް ފަރާތަކީ ޕާޓްނަރށިޕަކަށްވެފައި އަނެއް ފަރާތަކީ އެ ޕާޓްނަރށިޕުގެ ޕާޓްނަރަކަށްވުން؛ ނުވަތަ
  4. އެއް ފަރާތަކީ ޕާޓްނަރށިޕެއްގެ ޕާޓްނަރަކަށްވެފައި އަނެއް ފަރާތަކީވެސް އެ ޕާޓްނަރށިޕުގެ ޕާޓްނަރަކަށްވުން؛ ނުވަތަ
  5. އެއް ފަރާތަކީ ޓްރަސްޓަކަށްވެފައި އަނެއް ފަރާތަކީ އެ ޓްރަސްޓުގެ ބެނިފިށަރީއަކަށްވުން؛ ނުވަތަ
  6. އެއް ފަރާތަކީ ޓްރަސްޓަކަށްވެފައި އަނެއް ފަރާތަކީ އެ ޓްރަސްޓުގެ ސެޓްލަރއަކަށްވުން.

 

(ހޕ) "ޑިރެކްޓަރުންގެ ފީ" ކަމަށް ބުނެފައި އެވަނީ، ޑިރެކްޓަރުންގެ ވާޖިބުތައް އަދާކުރުމުގެ ސަބަބުން، ނުވަތަ ޑިރެކްޓަރެއްގެ މަގާމުގައި ހުރުމުގެ ސަބަބުން، ނަގުދު ފައިސާއިން ނޫނަސް ލިބޭ ކޮންމެ އިނާޔަތެއްވެސް ހިމެނޭ ގޮތަށެވެ. 

(ހޖ) "ޑިވިޑެންޑް" ކަމަށް ބުނެފައި އެވަނީ، ހިއްސާގެ އާމްދަނީގެ ގޮތުގައި ނުވަތަ އެނޫންވެސް ގޮތަކުން، ފައިދާގެ ބައިވެރިއެއްގެ ގޮތުން ލިބޭ، ދަރަންޏެއްގެ ބަދަލުގައި ލިބޭ އެއްޗެއް ކަމުގައި ނުހިމެނޭ ކޮންމެ އާމްދަނީއަކަށެވެ. 

(ހޗ) "ޓެކްނިކަލް ސަރވިސް ފީ" ކަމަށް ބުނެފައި އެވަނީ، މުވައްޒަފުންނަށް ދޭ އުޖޫރައިގެ ގޮތުގައި ނުހިމެނޭ، ޓެކްނިކަލް، މެނޭޖީރިއަލް ނުވަތަ ކޮންސަލްޓަންސީ ފަދަ ހިދުމަތަށް ދައްކާ މުގާބިލަށެވެ. 

(ށހ) "ޓެކްސް އަހަރު" ކަމަށް ބުނެފައި އެވަނީ، މީލާދީ އަހަރުގެ   1 ޖަނަވަރީ އިން 31 ޑިސެންބަރަށެވެ. 

(ށށ) "ޓެކްސް ބިނާކުރެވޭ އާމްދަނީ" ކަމަށް ބުނެފައި އެވަނީ، ކޮންމެ ފަރާތަކަށްވެސް ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ލިބޭ ޖުމްލަ އާމްދަނީން އުނިކުރުމަށް މި ގާނޫނުން ހުއްދަކުރާ އުނިކުރުންތަކާއި މި ގާނޫނުގެ ‏‏33 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ގެއްލުން އުނިކުރުމުން އޮންނަ އާމްދަނީއަށެވެ. 

(ށނ) "ޕާޓްނަރށިޕް" ކަމަށް ބުނެފައި އެވަނީ:

  1. އެ މައްޗަށް ގާނޫނު ނަންބަރު 13/2011 (ޕާޓްނަރށިޕްގެ ގާނޫނު) ހިނގާ ޕާޓްނަރށިޕްތައް؛ އަދި
  2. ވިޔަފާރި ހަރަކާތަކުން ލިބޭ ޖުމްލަ އާމްދަނީއާއި ހަރަދު ނުވަތަ ފައިދާ ނުވަތަ ގެއްލުން ހިއްސާކުރާ 2 (ދޭއް) ނުވަތަ އެއަށްވުރެ ގިނަ މީހުންނަށެވެ. އެއީ އެ އާމްދަނީ ލިބޭ ހަރަކާތުގެ ނުވަތަ މުދަލުގެ މިލްކުވެރިކަން އެ ފަރާތްތަކުން ހިއްސާނުކުރިކަމުގައިވީ ނަމަވެސް ނުވަތަ އެ ހަރަކާތް ހިންގަނީ ވަކި ނަމެއް ނެތިކަމަށްވީ ނަމަވެސް މެއެވެ.

 

(ށރ) "ޖުމްލަ އާމްދަނީ" ކަމަށް ބުނެފައި އެވަނީ، ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ލިބޭ، މި ގާނޫނުގެ ‏12‏ ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާމްދަނީ ފިޔަވައި، އެނޫން އާމްދަނީގެ ޖުމްލައިން އެއްވެސް އަދަދެއް އުނިކުރުމުގެ ކުރިން އޮންނަ އަދަދަށެވެ.

(ށބ) "ޖެނެރަލް ޕާޓްނަރށިޕް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 13/2011 (ޕާޓްނަރށިޕްގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕާޓްނަރށިޕަކަށެވެ.

 

80 ވަނަ މާއްދާ - ފައިސާދެއްކުން

(ހ) މި ގާނޫނުގެ އެއްވެސް މާއްދާއެއްގައި ފައިސާ ދެއްކުމަށް ރިއާޔަތްކޮށްފައިވާނަމަ، ފައިސާ ދެއްކުންކަމުގައި ބުނެފައި އެވަނީ، އެއްވެސް ފަރާތަކަށް ފައިސާގެ އަދަދެއް ދިނުން، ނުވަތަ އެ ފަރާތުގެ އެކައުންޓަށް (ކަރަންޓް އެކައުންޓް ހިމެނޭގޮތުން) ކްރެޑިޓްކޮށްދިނުން، ނުވަތަ އެ ފަރާތުގެ ހިސާބުތަކުގައި އެ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއްގެ ގޮތުގައި ކަނޑައެޅުން، ނުވަތަ އެ ފަރާތުން ދައްކަންޖެހޭ އަދަދަކުން އަޅައިކެނޑުން، ނުވަތަ އެ ފައިސާ ލިބޭ ފަރާތަށް މަންފާވާ ގޮތަށް ނުވަތަ އެ ފަރާތުގެ ބަދަލުގައި އެނޫންވެސް ގޮތަކުން މުއާމަލާތެއް ކުރުމަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މި ގާނޫނުގެ ‏54 ވަނަ މާއްދާގެ ދަށުން މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ނެގުމުގެ ބޭނުމަށާއި ‏55 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ނެގުމުގެ ބޭނުމަށް، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަށް ފައިސާ ދައްކާ ވަގުތު ނުވަތަ މުވައްޒަފުންނަށް އުޖޫރަ ދޭ ވަގުތު ކަމަށް ބަލާނީ އެ ފައިސާ ދެއްކި ވަގުތާއި އެ ފައިސާ ދައްކަންޖެހޭ ވަގުތުގެ ތެރެއިން ކުރިން އަންނަ ވަގުތަކަށެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އެ ފައިސާއެއްގެ ޒާތުން، އެ ފައިސާ ނިސްބަތްވާ މުއްދަތުގައި އެ ފައިސާ ދައްކަންޖެހޭކަން ނުވަތަ އެ ފައިސާގެ އަދަދު އެނގެން ނެތް ހާލަތްތަކުގައި ވިތުހޯލްޑިންގ ޓެކްސް ދެއްކުމުގައި އަމަލުކުރާނެ ގޮތް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.

 

81 ވަނަ މާއްދާ - ވަޒަންވެރިވާ ދުވަސް ބަލާނެ ގޮތް

ޓެކްސް އަހަރެއްގެ ތެރޭގައި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތެއް، ވަޒަންވެރިވާ ދުވަސްކަމުގައި ބެލެވޭނީ އަންނަނިވި ދުވަސްތަކުގެ ތެރެއިން ކުރިން އަންނަ ދުވަހަށެވެ.

(ހ) ފަރުދަކާގުޅޭ ގޮތުންނަމަ:

  1. އެ މީހަކު ދިވެހިރާއްޖޭގައި ހުރި ތަނެއްގައި ދާއިމީކޮށް ދިރިއުޅެންފެށި ފުރަތަމަ ދުވަސް؛
  2. މި ގާނޫނުގެ ‏79 ވަނަ މާއްދާގެ (ހތ) ގައި "ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތް" އަށް ދީފައިވާ މާނައިގައި ބަޔާންކޮށްފައިވާ 183 (ސަތޭކަ އަށްޑިހަ ތިނެއް) ދުވަހުގެ ތެރެއިން ފުރަތަމަ ދުވަސް؛
  3. ޓެކްސް އަހަރެއްގެ ތެރޭގައި ދިވެހިރާއްޖެއިން ބޭރަށް ފޮނުވާފައިވާ ދައުލަތުގެ އޮފީހެއްގެ މުވައްޒަފެއް ނުވަތަ އޮފިށަލެއްނަމަ:
    i.   އޭނާ ދިވެހިރާއްޖެއިން ބޭރުގައި ވަޒީފާއަދާކުރަން ފަށާ ނުވަތަ މަސައްކަތްކުރަން ފަށާ ދުވަސް؛ ނުވަތަ
    ii.  މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު ނުވަތަ (2) ވަނަ ނަންބަރުގެ ދަށުން ކަނޑައަޅާ ދުވަސް.

(ށ) ކުންފުންޏަކާގުޅޭ ގޮތުންނަމަ:

  1. އެ ކުންފުނި އިންކޯޕަރޭޓްކުރި ދުވަސް؛ ނުވަތަ
  2. އެ ކުންފުނީގެ ހެޑް އޮފީސް ދިވެހިރާއްޖޭގައި ގާއިމުކުރި ދުވަސް؛ ނުވަތަ
  3. އެ ކުންފުނީގެ ހިންގުމާއި ކޮންޓްރޯލް ދިވެހިރާއްޖޭގައި ހިނގަން ފެށި ފުރަތަމަ ދުވަސް.

 

82 ވަނަ މާއްދާ - ގުޅުން ހުރި މުއާމަލާތްތައް

މި ގާނޫނުގެ ބޭނުމަށް، 2 (ދޭއް) ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުގެ މެދުގައި ގުޅުން ހުރި މުއާމަލާތްތަކެއް ކޮށްފައިވާނަމަ އަދި އެ ފަރާތްތަކަކީ އެއިން މުއާމަލާތެއްގެ ނުވަތަ މުއާމަލާތްތަކެއްގެ ބައިވެރިންކަމުގައިވާނަމަ، އެ ފަރާތްތަކަކީ އެއިން އެއް މުއާމަލާތެއްގެ ބައިވެރިންނަށްނުވި ނަމަވެސް، އެ ފަރާތްތަކުގެ މެދުގައި ނުސީދާ ގޮތުން މުއާމަލާތެއް ކޮށްފައިވާ ކަމަށް ބެލެވޭނެއެވެ.

 

83 ވަނަ މާއްދާ - އައްޔަންކޮށްފައިވާ ފަރާތް

މި ގާނޫނުގައި، އެހެން ގޮތަކަށް މާނަ ދޭހަނުވާހާ ހިނދަކު، އައްޔަންކޮށްފައިވާ ފަރާތެއްގެ ހައިސިއްޔަތުން އެއްޗަކާ ހަވާލުވެ ހުރިނަމަ ނުވަތަ ކަމެއް ކުރާނަމަ، އެ އެއްޗަކާ ހަވާލުވެ ހުރި ކަމަށް ނުވަތަ     އެ ކަމެއް ކުރި ކަމަށް ބެލެވޭނީ އެ ފަރާތް އައްޔަންކުރި ފަރާތެވެ.

 

84 ވަނަ މާއްދާ - އެކަހެރި ނަމާއި ގިނަ ނަން

މި ގާނޫނުގައި ބޭނުންކޮށްފައިވާ އެކަހެރި ނަމުގެ ތެރޭގައި ގިނަ ނަން އަދި ގިނަ ނަމުގެ ތެރޭގައި އެކަހެރި ނަން ހިމެނެއެވެ.

 

85 ވަނަ މާއްދާ - އުވައިލެވޭ ގާނޫނުތައް

(ހ) މި ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހުން ފެށިގެން އަންނަނިވި ގާނޫނުތައް އުވި އެ ގާނޫނުތަކުގެ ދަށުން ހިނގަމުން އައި ޓެކުހުގެ ނިޒާމު މި ގާނޫނުގެ ދަށަށް ބަދަލުވާނެއެވެ.

  1. ގާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު)؛ އަދި
  2. ގާނޫނު ނަންބަރު 9/1985  (ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކްތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު).

 

(ށ) މި ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހުން ފެށިގެން އަންނަނިވި ގާނޫނުތަކުގެ އަންނަނިވި ބައިތައް އުވުނީއެވެ.

  1. ގާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) ގެ 18 ވަނަ މާއްދާގެ (ރ) ގެ ދަށުން ނެގެމުން އައި ޓެކްސް؛
  2. ގާނޫނު ނަންބަރު 4/2015 (ގާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) ގެ ދަށުން އިސްލާހު ކުރެވުނު ގާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) ގެ 9 ވަނަ މާއްދާގެ (ކ) ގެ ދަށުން ނެގެމުން އައި ޓެކްސް؛
  3. ގާނޫނު ނަންބަރު 39/2015 (ގާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) ގެ ދަށުން އިސްލާހު ކުރެވުނު ގާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) ގެ 19 ވަނަ މާއްދާގެ (ބ) ގެ ދަށުން ނެގެމުން އައި ޓެކްސް؛
  4. ގާނޫނު ނަންބަރު 2016/22 (ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) ގެ ދަށުން އިސްލާހު ކުރެވުނު (ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) ގެ 11 ވަނަ ބާބުގެ ދަށުން ނެގެމުން އައި ރެމިޓެންސް ޓެކްސް.

(ނ) މި ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހުން ފެށިގެން ގާނޫނު ނަންބަރު 1/1989 (ދިވެހިރާއްޖޭގައި ހިންގާ ޕެޓްރޯލިއަމް ކުންފުނިތަކުން ކުރާ މަސައްކަތުން ޓެކްސް ނެގުމުގެ ގާނޫނު) އުވުނީއެވެ.

 

ތޭރަވަނަ ބާބު

އިންތިގާލީ ކަންކަން

 

86 ވަނަ މާއްދާ - އިންތިގާލީ އުސޫލު ހިނގާ ފަރާތްތައް

މި ގާނޫނު ހިނގާ ފަރާތްތަކުގެ ތެރެއިން މި ބާބު ހިނގާނީ އަންނަނިވި ފަރާތްތަކުގެ މައްޗަށެވެ.

(ހ) މި ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހުގެ ކުރިން   އެ ފަރާތެއްގެ މައްޗަށް ގާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު) ހިނގި ފަރާތްތައް؛ އަދި(ށ) މި ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހުގެ ކުރިން   އެ ފަރާތެއްގެ މައްޗަށް ގާނޫނު ނަންބަރު 9/1985 (ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކްތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު) ހިނގި ފަރާތްތައް.

 

87 ވަނަ މާއްދާ - ރަޖިސްޓަރީކުރަންނުޖެހުން

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ލާޒިމުނުކުރާނަމަ އަލުން ރަޖިސްޓަރީކުރާކަށް ނުޖެހޭނެއެވެ.

 

88 ވަނަ މާއްދާ - އިލްތިޒާމުތައް ދެމިގެންދިއުން

މި ގާނޫނުގެ 85 ވަނަ މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މި ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހާ ހަމައަށް ހުރި މުއްދަތުތަކަށް އެ ގާނޫނުތައް ތަންފީޒުކުރުމާގުޅޭ ގޮތުން، އަންނަނިވި ކަންކަން ހިމެނޭ ގޮތުން، އަމަލުކުރާނީ އެ ގާނޫނުތައް ދެމިއޮތްނަމަ އެ ކަންކަމާމެދު އެ ގާނޫނުތަކުގެ ދަށުން އަމަލުކުރާނެ އުސޫލުންނެވެ.

(ހ) އެ ގާނޫނުތަކުން ލިބިދީފައިވާ ހައްގުތަކާއި އިމްތިޔާޒުތައް؛

(ށ) އެ ގާނޫނުތަކުގެ ދަށުން އަދާކުރަންޖެހިފައިވާ އިލްތިޒާމުތަކާއި ވާޖިބުތައް؛

(ނ) އެ ގާނޫނުތަކުގެ ދަށުން ދައްކަންޖެހޭ ޓެކުހުގެ އަދަދުގެ ސައްހަކަން ކަށަވަރުކުރުމުގެ ގޮތުން އޮޑިޓްކުރުމާއި ތަހުގީގުކުރުމާއި ދައްކަންޖެހޭ ޓެކުހުގެ އަދަދު ކަނޑައެޅުމާއި ޖޫރިމަނާއާއި އަދަބު ކަނޑައެޅުން؛

(ރ) އެ ގާނޫނުތަކުގެ ދަށުން ލިބެންޖެހޭ ޓެކްސް، ޖޫރިމަނާ، އިންޓްރެސްޓް އަދި އެހެނިހެން ފައިސާ ހޯދުން؛ އަދި

(ބ) އަދަބުތަކުން ލުއި ދިނުން.

 

89    ވަނަ މާއްދާ - އުވައިލެވޭ ގާނޫނުތަކުގެ ދަށުން ޓެކްސް ދައްކާ އެންމެ ފަހުގެ މުއްދަތު

ގާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު) އާއި ގާނޫނު ނަންބަރު 9/1985  (ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކްތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު) ގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ ފަރާތެއްގެ މައްޗަށް މި ބާބު ހިނގާ ފަރާތަކުން އިސްވެ ބަޔާންކުރެވުނު ގާނޫނުތަކުންކުރެ ގާނޫނެއްގެ ދަށުން ޓެކްސް ދައްކަންޖެހޭ އެންމެ ފަހުގެ ހިސާބުކުރާ މުއްދަތު މި ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހުގެ ކުރީ ދުވަހަށް ނިންމައި، މި ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހު، މި ގާނޫނުގެ ބޭނުމަށް އައު ހިސާބުކުރާ މުއްދަތެއް ފަށަންވާނެއެވެ.

 

90 ވަނަ މާއްދާ - އިންޓެރިމް ޕޭމަންޓް ދެއްކުން

މި ގާނޫނުގެ ‏43 ވަނަ މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މި ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހުގެ ކުރިން  އެ ފަރާތެއްގެ މައްޗަށް ގާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު) ހިނގި ފަރާތްތަކުން، ނުވަތަ ގާނޫނު ނަންބަރު 9/1985  (ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކްތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން މި ގާނޫނުގެ ‏41 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ކޮންމެ އިންޓެރިމް ޕޭމަންޓަކީވެސް، އެ ގާނޫނުތަކުގެ ދަށުން ޓެކްސް ދައްކަންޖެހޭ އެންމެ ފަހުގެ ހިސާބުކުރާ މުއްދަތުގައި    އެ ފަރާތަކުން ދައްކަންޖެހޭ ޓެކުހުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އަދަދަކަށް ވާންވާނެއެވެ. މި މާއްދާއަށް އަމަލުކުރަންވާނީ އެ މާއްދާގެ ދެންހުރި އަކުރުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

91    ވަނަ މާއްދާ - އިތުރަށް ދެއްކިފައިވާ ޓެކްސް

ގާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު) ނުވަތަ ގާނޫނު ނަންބަރު 9/1985  (ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކްތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން ދައްކަންޖެހޭ އަދަދަށްވުރެ އިތުރަށް އެއްވެސް ފަރާތަކުން ފައިސާ ދައްކާފައިވާނަމަ އެ ފައިސާއާމެދު އަމަލުކުރާނީ އެއީ މި ގާނޫނުގެ ދަށުން އިތުރަށް ދައްކާފައިވާ އަދަދެއް ކަމަށް ބަލައިގެންނެވެ.

 

92    ވަނަ މާއްދާ - ގެއްލުން އަޅައިކެނޑުން

(ހ) މި ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހު، ގާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން ވެފައިވާ ގެއްލުމެއް އެ ގާނޫނުގެ ‏11 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން އަޅައިނުކެނޑި އޮތްނަމަ، އެ ގޮތުން އަޅައިނުކެނޑި އޮތް އަދަދަކީ މި ގާނޫނުގެ ‏33 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން އަޅައިކެނޑިދާނެ އަދަދެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތްތަކުގައި މި ގާނޫނުގެ ‏33 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށް، ގެއްލުންވި ހިސާބުކުރާ މުއްދަތު ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން  އެ ގެއްލުން ހިސާބުކުރެވުނު މުއްދަތަށެވެ.

 

93    ވަނަ މާއްދާ - ކެޕިޓަލް ލޮސް

ގާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން ޓެކްސް ދައްކަންޖެހޭ އެންމެ ފަހުގެ ހިސާބުކުރާ މުއްދަތު ނިމުނުއިރު، ކެޕިޓަލް އެކައުންޓެއްގައި ހުރި މުދާ ނުވަތަ ދަރަންޏާ ގުޅިގެން ވެފައިވާ ރިއަލައިޒްޑް ލޮސްގެ އަދަދެއް އެ ފަދަ އެކައުންޓެއްގައި ހުރި ރިއަލައިޒްޑް ގެއިންއިން އަޅައިނުކެނޑި އޮތްނަމަ، އެ ގޮތުން އަޅައިނުކެނޑި އޮތް އަދަދަކީ އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި މި ގާނޫނުގެ 34 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން އުނިކުރެވިދާނެ އަދަދެކެވެ.

 

94    ވަނަ މާއްދާ - ކެޕިޓަލް އެލަވަންސް

(ހ) ގާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން ކެޕިޓަލް އެލަވަންސް އުނިކޮށްފައިވާ މުދަލަކަށް ނުވަތަ ގާނޫނު ނަންބަރު 9/1985  (ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކްތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން ޑިޕްރީސިއޭށަން އުނިކޮށްފައިވާ މުދަލަކަށް މި ގާނޫނުގެ ‏25 ވަނަ މާއްދާގެ (ހ) ރައްދުވާނަމަ އެ މުދަލަކަށް ކުރާ ކެޕިޓަލް ހަރަދު ކަމަށް ބަލާނީ އެ ގާނޫނުތަކުގެ ދަށުން، ކެޕިޓަލް އެލަވަންސް ނުވަތަ ޑިޕްރީސިއޭށަން އުނިކުރުމުގެ ބޭނުމަށް، އެ މުދަލަކަށް ކޮށްފައިވާ ކެޕިޓަލް ހަރަދު ކަމަށް ކަނޑައަޅާފައިވާ އަދަދަށެވެ.

(ށ) ގާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން އުނިކޮށްފައިވާ ކެޕިޓަލް އެލަވަންސަކީ ނުވަތަ ގާނޫނު ނަންބަރު 9/1985  (ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކްތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން އުނިކޮށްފައިވާ ޑިޕްރީސިއޭށަނަކީ މި ގާނޫނުގެ ‏25 ވަނަ މާއްދާގެ ދަށުން އުނިކޮށްފައިވާ ކެޕިޓަލް އެލަވަންސެއް ކަމަށް ބެލެވޭނެއެވެ.

 

95    ވަނަ މާއްދާ - ނުއުފުލޭ މުދާ ކުއްޔަށް ދިނުން

(ހ) ދިވެހިރާއްޖޭގައި ހުރި ނުއުފުލޭ މުދަލެއް ކުއްޔަށް ދީގެން ލިބޭ އާމްދަނީއާ ގުޅިގެން ގާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު) ގެ 9 ވަނަ މާއްދާ އިހްތިޔާރުކޮށްފައިވާ ފަރާތަކަށް، މި ގާނޫނުގެ ދަށުން ޓެކްސް ނެގޭ، އެ ފަރާތުގެ ފުރަތަމަ ހިސާބުކުރާ މުއްދަތުގައި މި ގާނޫނުގެ ‏28 ވަނަ މާއްދާއަށް އަމަލުކުރެވޭނެނަމަ އެ މުއްދަތުގައި އެ ފަރާތަކުން މި ގާނޫނުގެ ‏28 ވަނަ މާއްދާއަށް އަމަލުކުރުމަށް އިހްތިޔާރުކޮށްފައިވާ ކަމަށް ބެލެވޭނެއެވެ.

(ށ) މި ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހު ގާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު) ދެމިއޮތްނަމަ، އެ ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން އިހްތިޔާރުކޮށްފައިވާ ގޮތް ބަދަލުކުރުމުގެ ފުރުސަތު އޮތް ފަރާތެއްގެ މައްޗަކަށް މި މާއްދާގެ (ހ) އެއް ނުހިނގާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގައި، މި ގާނޫނުގެ  ‏28 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތު ގުނަން ފަށާނީ އެ ފަރާތަކުން ގާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު) ގެ 9 ވަނަ މާއްދާ އިހްތިޔާރުކުރި ހިސާބުކުރާ މުއްދަތުން ފެށިގެންނެވެ.

 

96 ވަނަ މާއްދާ - އަނބުރައި ނުލިބޭ ދަރަންޏާއި އެ ފަދަ ދަރަނީގެ ޕްރޮވިޒަން

(ހ) ގާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން ނުވަތަ ގާނޫނު ނަންބަރު 9/1985  (ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކްތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި ހިމަނާފައިވާ އަދަދުތަކަށް، މި ގާނޫނުގެ ‏23 ވަނަ މާއްދާގެ (ށ) ގެ ‏(3) ވަނަ ނަންބަރެއް ނުހިނގާނެއެވެ.

(ށ) މި ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހުގެ ކުރިން ނިމުނު އެންމެ ފަހުގެ ހިސާބުކުރާ މުއްދަތުގައި، ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކުތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދު (ބޭންކް ޕްރޮފިޓް ޓެކްސް ރެގިއުލޭށަން) ގެ 9 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގެ ދަށުން އަދަދެއް އުނިކޮށްފައިވާނަމަ، މި ގާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޮމިއުލާގައި b އަކީ އެ ގަވާއިދުގެ 9 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގެ ދަށުން ކަނޑައަޅާ އަދަދެވެ.

 

97    ވަނަ މާއްދާ - އެކައުންޓުގެ ބާކީ

މި ގާނޫނުގެ ދަށުން އެ ފަރާތަކުން ޓެކްސް ދައްކަންޖެހޭ ފުރަތަމަ ހިސާބުކުރާ މުއްދަތުގައި އެއްވެސް ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގެ ބޭނުމަށް، މި ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހު އެއްވެސް އެކައުންޓެއްގައި ހުރި ބާކީއަށް، ނުވަތަ ފާއިތުވި ހިސާބުކުރާ މުއްދަތު ނިމުނުއިރު އެއްވެސް އެކައުންޓެއްގައި ހުރި ބާކީއަށް ރިއާޔަތްކުރަންޖެހިއްޖެނަމަ ބަލާނީ ގާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު) ނުވަތަ ގާނޫނު ނަންބަރު 9/1985  (ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކްތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން ޓެކްސް ދައްކަންޖެހޭ އެންމެ ފަހުގެ ހިސާބުކުރާ މުއްދަތު ނިމުނުއިރު އެ އެކައުންޓުގައި ހުރި ބާކީއަށެވެ.

 

98    ވަނަ މާއްދާ - ބޭންކުތަކުން މި ގާނޫނުގެ ދަށުން ދައްކަންޖެހޭ ފުރަތަމަ އިންޓެރިމް ޕޭމަންޓް

މި ގާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވީ ނަމަވެސް، މި ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހު ނުވަތަ އޭގެ ފަހުން ނިމޭ، ބޭންކުތަކުގެ ފުރަތަމަ ހިސާބުކުރާ މުއްދަތަށް މި ގާނޫނުގެ 41 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ފުރަތަމަ އިންޓެރިމް ޕޭމަންޓް ދައްކަންވާނީ އެ ފަރާތުގެ ފުރަތަމަ ހިސާބުކުރާ މުއްދަތުގެ ތެރޭގައި އަންނަ ސެޕްޓެންބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

 

99   ވަނަ މާއްދާ - އިންތިގާލީ އުސޫލުތަކާ ގުޅިގެން ގަވާއިދު ހެދުން

ގާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު) ނުވަތަ ގާނޫނު ނަންބަރު 9/1985 (ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކްތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން ނެގެމުންއައި ޓެކުހުގެ ނިޒާމު މި ގާނޫނުގެ ދަށަށް ބަދަލުވުމާ ގުޅިގެން ޓެކްސް ދައްކާ ފަރާތްތަކުން އަމަލުކުރަންޖެހޭ އެހެނިހެން ކަންކަން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 21/2020)
  2. އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 1090/2019)

 

 

 

ގެޒެޓު ކުރެވުނު ގޮތް

ކިޔުންތެރިންގެ ޚިޔާލު

Please login below to comment.
Login via Twitter.com