-

ބޭންކިންގއާބެހޭ ގާނޫނު

(ގާނޫނު ނަންބަރު 2010-24)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި ބޭންކިންގ ވިޔަފާރިކުރުމަށް ލައިސަންސް ދޫކުރުމާއި، ދިވެހިރާއްޖޭގައި ހިންގާ ބޭންކުތަކުގެ ކަންތައްތައް އިންތިޒާމުކުރުމާއި، ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި ބޭންކުތައް ހިންގުމަށްޓަކައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުމަށާއި، ބޭންކުތައް ހިނގާ ނުހިނގާގޮތް ބެލުމާއި، ކޮންޒަވޭޓަރުންނާއި، ރިސީވަރުން އައްޔަންކުރުމާއި، ބޭންކުތައް އިފްލާސްކުރުމާއި، ބޭންކުތަކާގުޅޭ މިނޫންވެސް ކަންކަން ކަނޑައެޅުމަށް ހަދާފައިވާ ގާނޫނެކެވެ.

(ށ) މި ގާނޫނަށް ކިޔާނީ "ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު" އެވެ.

 

1 ވަނަ ބައި

ލައިސަންސް ދޫކުރުމާއި ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި ބޭންކުތައް ހިންގުމާގުޅޭ

 

1 ވަނަ ބާބު

އާންމު މާއްދާތައް

2 ވަނަ މާއްދާ - ގާނޫނުގެ މަގްސަދު

(ހ) މި ގާނޫނުގެ މައިގަނޑު މަގްސަދަކީ ތިރީގައިވާ ކަންތައްތައް ހާސިލުކުރުމަށްޓަކައި ބޭންކިންގއާބެހޭ އުސޫލުތައް އެކަށައަޅައި، އެ އުސޫލުތަކާއެއްގޮތަށް ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމު ހިނގާތޯ ބެލުމެވެ.

  1. ބޭންކިންގ ނިޒާމުގެ ހަރުދަނާކަން ހިފަހައްޓައި، ބޭންކިންގ ނިޒާމާދޭތެރޭ އާންމުންގެ އިތުބާރު ދެމެހެއްޓުން.
  2. ބޭންކުގެ ޑިޕޮސިޓަރުންނާއި ކްރެޑިޓަރުންގެ ހައްގުތައް ރައްކާތެރިކުރުން.
  3. ބޭންކިންގ ނިޒާމަށް އެކަމަކުން ނުރަނގަޅު އަސަރެއް ކޮށްފާނެ ކަންކަމަށް ތައްޔާރުވެ، އެކަންތައްތަކާމެދު އެކަށޭނަ ފިޔަވަޅު އެޅުން.
  4. މަނީ ލޯންޑްރިންގއާއި، ޓެރަރިޒަމް ފައިނޭންސްކުރުމުގެ ކުށްތަކާއި، ހިޔާނާތާއި އަދި މިނޫންވެސް މާލީ ކުށްތައް ހުއްޓުވުން.
  5. ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ވާދަވެރިކަން ފުޅާކުރުމާއި ބޭންކިންގ ނިޒާމަކީ އާންމުންގެ ބޭނުންތަކާއެއްގޮތަށް ބޭންކިންގ ހިދުމަތްތައް ފޯރުކޮށްދޭ އަދި ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދޭ ނިޒާމެއް ކަމުގައި ހެދުން.

(ށ) މި ގާނޫނު ތަންފީޒުކޮށް ހިންގާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިންނެވެ.

 

3 ވަނަ މާއްދާ - މަނާ ކަންތައްތައް

(ހ) އެމް.އެމް.އޭ އިން ލައިސަންސް ލިބިފައިވާ ފަރާތަކުން މެނުވީ، ދިވެހިރާއްޖޭގައި ބޭންކިންގ ވިޔަފާރިކުރުން، ނުވަތަ ޑިޕޮސިޓްގެ ގޮތުގައި ފައިސާ ނަގާކަމަށް އިށްތިހާރުކުރުން، ނުވަތަ މި ގާނޫނުގެ 4 ވަނަ މާއްދާގައި ލައިސަންސް އެއް ބޭނުންވާނެކަމަށް ބަޔާންކޮށްފައިވާ ކަމެއްކުރުމަކީ މަނާކަމެކެވެ. ނަމަވެސް، ތިރީގައިމިވާ ފަރާތްތަކަށް މި ކަންކަމުން އިސްތިސްނާއެއް ދިނުމުގެ ބާރު އެމް.އެމް.އޭ އަށް ލިބިގެންވެއެވެ.

  1. އެފަރާތްތަކުން ކުރަމުންދާ ވިޔަފާރީގެ ބާވަތަށާއި ވިޔަފާރީގެ ކުޑަބޮޑުމިނަށް ބަލައި، އެފަރާތްތަކަށް މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކާއެއްގޮތްވާ ގޮތުގެމަތިން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަނާ ކަންތަކަށް އިސްތިސްނާއެއް ދެވިދާނެއެވެ. މިގޮތުން ދެވޭ އިސްތިސްނާތަކަކީ ވަކި މުއްދަތަކަށް ނުވަތަ ވަކިކަމެއް ފުރިހަމަ ވަންދެން ދެވޭ އިސްތިސްނާތަކެއްގެ ގޮތުގައި ކަނޑައެޅިދާނެއެވެ. އަދި މިފަދަ އިސްތިސްނާއެއް ދެވުނުނަމަވެސް، އެފަދަ ފަރާތްތަކުން މި ގާނޫނުގެ ދަށުން އަމަލުކުރަންޖެހޭ ވަކި މާއްދާތަކެއް ކަނޑައެޅިދާނެއެވެ. މި މާއްދާގެ ދަށުން ދެވިފައިވާ އިސްތިސްނާތައް ކޮންމެ ވަގުތަކުވެސް އެމް.އެމް.އޭ އިން ބާތިލުކުރެވިދާނެއެވެ. ނުވަތަ ކޮންމެ ވަގުތަކުވެސް މި އިސްތިސްނާތަކަށް އެމް.އެމް.އޭ އިން އިތުރު ށަރުތުތަކެއް ކަނޑައެޅިދާނެއެވެ.
  2. ލީސިންގ ކުންފުނިތަކުގެ ވިޔަފާރިއަކީ އާންމުންގެ ހައްގުތައް ރައްކާތެރިކޮށްދޭ އެހެން ގާނޫނީ އޮނިގަނޑެއްގެ ދަށުން ހިންގާ ވިޔަފާރިއެއްކަމަށް އެމް.އެމް.އޭ އިން ކަނޑައަޅައިފި ހިނދެއްގައި، ލީސިންގ ވިޔަފާރިކުރާ ކުންފުނިތަކަށް އިސްވެ ބުނެވުނުފަދަ އިސްތިސްނާއެއް ދެވިދާނެއެވެ. އަދި މިގޮތުން ދެވިފައިވާ އިސްތިސްނާތަކަށް އިތުރު ށަރުތުތަކެއް ކަނޑައެޅުމުގެ ނުވަތަ އިސްތިސްނާތައް ބާތިލުކުރުމުގެ ހައްގު އެމް.އެމް.އޭ އަށް ލިބިގެންވެއެވެ.

(ށ) އެމް.އެމް.އޭ އިން މި މާއްދާގެ ދަށުން އިސްތިސްނާ ދެވޭ ފަރާތްތަކަށް، އިސްތިސްނާ ދެވުނު ސަބަބު ބަޔާންކޮށް، އިސްތިސްނާ ދެވުނުކަން ލިޔުމަކުން އަންގަންވާނެއެވެ. އަދި މި ސަބަބުތައް ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރަންވާނެއެވެ.

(ނ) ބޭންކިންގ ވިޔަފާރިކުރުމަށްޓަކައި އެމް.އެމް.އޭ އިން ލައިސަންސް ލިބިފައިވާ ފަރާތަކުން މެނުވީ، "ބޭންކު" މި ލަފުޒު ނުވަތަ މި ލަފުޒާ ގުޅުން ހުރި ލަފުޒެއް ނުވަތަ މި ލަފުޒުގެ މާނަ ދޭހަވާ އެހެން ލަފުޒެއް، ދިވެހި ބަހުން ނުވަތަ އެހެން ބަހަކުންވެސް، ވިޔަފާރީގައި ނުވަތަ ހިދުމަތްދިނުމުގައި ބޭނުންކޮށްގެން ނުވާނެއެވެ. ބޭންކިންގ ވިޔަފާރިކުރުމަށްޓަކައި އެމް.އެމް.އޭ އިން ލައިސަންސް ލިބިފައިވާ ފަރާތެއް ފިޔަވައި އެހެން ފަރާތަކުން "ބޭންކު" މި ލަފުޒު ނުވަތަ މި ލަފުޒާ ގުޅުން ހުރި ލަފުޒެއް ނުވަތަ މި ލަފުޒުގެ މާނަ ދޭހަވާ އެހެން ލަފުޒެއް، ބޭނުންކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުން، އެ ލަފުޒު ބޭނުންކުރުމުން އާންމުންނަށް އޭގެ ސަބަބުން ގެއްލުމެއް ނުލިބޭނެކަމަށް، ނުވަތަ އެ ލަފުޒެއް ބޭނުންކުރުމުން އާންމުންނަށް އެއީ ބޭންކިންގ ހިދުމަތެއްކަން ދޭހަ ނުވާނެކަމަށް އެމް.އެމް.އޭ އަށް ފެނިއްޖެނަމަ، އެ ލަފުޒެއް ބޭނުންކުރުމުގެ ހުއްދަ އެމް.އެމް.އޭ އިން އެފަރާތަކަށް ދެވިދާނެއެވެ.

(ރ) އެއްވެސް ފަރާތަކުން، މި މާއްދާގެ އިސްވެ ބުނެވުނު ބައިތަކުގެ ދަށުން މަނާކުރާކަމެއް ކުރާކަމަށް ގަބޫލުކުރެވޭ ސަބަބެއް އެމް.އެމް.އޭ އަށް އެނގިއްޖެނަމަ، އެފަދަ ފަރާތެއްގެ ވިޔަފާރި ހިންގާ ތަނަށްގޮސް ނުވަތަ އެތަންތަނުގެ ފޮތްތަކާއި އެކައުންޓުތައް ގެނުވައިގެން އެތަކެތި ބެލުމުގެ ބާރު އެމް.އެމް.އޭ އަށް ލިބިގެންވެއެވެ. އަދި އެފަދަ އަމަލެއްކުރާކަމަށް ގަބޫލުކުރެވޭ ފަރާތެއްގެ ފޮތްތަކާއި އެކައުންޓުތައް ބެލުމަށްޓަކައި އެފަރާތެއްގެ ވިޔަފާރި ހިންގާ ތަނަށް ވަނުމަށް ނުވަތަ އެފަރާތެއްގެ ފޮތްތަކާއި އެކައުންޓުތައް އެމް.އެމް.އޭ އަށް ގެނައުމަށް އެމް.އެމް.އޭ އިން މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެދުމުން، ބާރުގެ ބޭނުންކޮށްގެން ނަމަވެސް، އެކަންތައްތައް ކުރުމަށް ވަގުތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަން އެމް.އެމް.އޭ އަށް ފޯރުކޮށްދޭންވާނެއެވެ.

 

2 ވަނަ ބާބު

ލައިސަންސް ދޫކުރުން

4 ވަނަ މާއްދާ - ލައިސަންސް ދޫކުރުމުގެ އާންމު ށަރުތުތައް

(ހ) ތިރީގައިމިވާ ކަންތައްތައް ކުރަން ފެށުމުގެ ކުރިން، މި ގާނޫނުގެ ދަށުން އެމް.އެމް.އޭ އިން ދޫކުރާ ލައިސަންސްއެއް ހޯދަންޖެހޭނެއެވެ.

  1. ދިވެހިރާއްޖޭގައި ދިވެހި ރައްޔިތުންނަށް ނުވަތަ އެހެންވެސް ފަރާތަކަށް އަމާޒުކޮށްގެން ބޭންކިންގ ވިޔަފާރިކުރުން؛
  2. ދިވެހިރާއްޖޭގެ ގާނޫނެއްގެ ދަށުން ހިނގަމުންދާ ކުންފުންޏެއް މެދުވެރިކޮށް ނުވަތަ ރާއްޖޭގައި ހުންނަ އޮފީހެއް މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ބޭންކިންގ ވިޔަފާރިކުރުން؛
  3. ދޭސީ ބޭންކެއްގެ ނުވަތަ ބިދޭސީ ބޭންކެއްގެ ބްރާންޗެއް ރާއްޖޭގައި ހުޅުވުން؛
  4. ދޭސީ ބޭންކެއް، ނުވަތަ ރާއްޖޭގައި ހުންނަ އޮފީހެއް މެދުވެރިކޮށް ހިންގާ ބޭންކެއްގެ، ބްރާންޗެއް ނުވަތަ އެ ބޭންކެއް ތަމްސީލުކުރާ އޮފީހެއް ރާއްޖޭއިން ބޭރުގައި ހުޅުވުން؛
  5. ބިދޭސީ ބޭންކެއް ތަމްސީލުކުރާ އޮފީހެއް ރާއްޖޭގައި ހިންގުން.

(ށ) މި ގާނޫނުގެ ދަށުން ލައިސަންސް ދޫކުރެވޭނީ ދޭސީ ފަރާތަކަށްނަމަ، އެފަރާތަކީ ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށް ވާންޖެހޭނެއެވެ. އަދި ބިދޭސީ ބޭންކެއްގެ ނުވަތަ ބިދޭސީ ބޭންކެއް ތަމްސީލުކުރާ އޮފީހެއްނަމަ، އެތަން ވާންޖެހޭނީ އެ ތަނެއް ނިސްބަތްވާ ގައުމުގެ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށެވެ.

(ނ) މި ގާނޫނުގެ ދަށުން ދެވޭ ކޮންމެ ލައިސަންސް އެއް ދޭންވާނީ ލިޔުމަކުންނެވެ. މިގޮތުން ދެވޭ ލައިސަންސް އެއް ދެމިއޮންނާނެ ވަކި މުއްދަތެއް ކަނޑައެޅިފައި އޮވެގެންނުވާނެވެ. އަދި މިފަދަ ލައިސަންސް އެއް ލިބިފައިވާ ފަރާތަކުން، އެ ލައިސަންސް އެހެން ފަރާތަކަށް ބަދަލުކޮށްގެން ނުވާނެއެވެ. ކޮންމެ ލައިސަންސް އެއް ދޫކުރާއިރު، އެ ލައިސަންސް އެއްގެ ށަރުތުތައް ލައިސަންސްގައި ނުވަތަ ލައިސަންސް އާއެކު ދެވޭ ލިޔުމެއްގައި ކަނޑައަޅައި ބަޔާންކުރަންވާނެއެވެ. އަދި އެމް.އެމް.އޭ އިން އެ ލައިސަންސް އެއްގެ ށަރުތުތައް ބަދަލުނުކުރާހާ ހިނދަކު، ލައިސަންސް ލިބިފައިވާ ފަރާތުން، އެ ށަރުތުތަކަށް އަމަލުކުރަންވާނެއެވެ.

(ރ) ބިދޭސީ ބޭންކަކަށް ލައިސަންސް ދެވޭނީ، އެ ބޭންކަކީ، އެ ބޭންކެއްގެ މައި އޮފީސް ހުންނަ ގައުމުގެ ބޭންކުތައް ސުޕަވައިޒްކުރާ އިދާރާގެ ފަރާތުން އެ ބޭންކެއްގެ ހުރިހާ ބްރާންޗްތަކާއި އޮފީސްތައް ހިމެނޭގޮތަށް މުޅި ބޭންކު އެއްކޮށް، އެމް.އެމް.އޭ އަށް ގަބޫލުކުރެވޭ ފެންވަރަކަށް، ސުޕަވައިޒްކުރާ ބޭންކަކަށް ވާނަމައެވެ.

 (ބ) މި ގާނޫނުގެ ދަށުން ލައިސަންސް ދޫކުރުމުގެ އެންމެހާ މަސްއޫލިއްޔަތުތައް އަދާކުރާ ފަރާތަކީ އެމް.އެމް.އޭ އެވެ.

(ޅ) މި ގާނޫނުގެ ދަށުން ލައިސަންސް ދޫކޮށްފައިވާ ބޭންކެއްގެ ބްރާންޗެއް ބަންދުކުރުމުގެ 60 (ފަސްދޮޅަސް) ދުވަސް ކުރިން، އެކަން ލިޔުމަކުން އެމް.އެމް.އޭ އަށާއި، ބޭންކުން ހިދުމަތްދޭ ފަރާތްތަކަށް އަންގަންޖެހޭނެއެވެ. މިގޮތުން އެމް.އެމް.އޭ އަށް އަންގާއިރު ބަންދުކުރުމަށް ކަނޑައަޅާފައިވާ ބްރާންޗެއްގެ ވިޔަފާރި ބަންދުކުރުމަށް ނުވަތަ އެ ވިޔަފާރި އެހެން ފަރާތަކަށް ބަދަލުކުރުމަށް ރާވާފައިވާގޮތުގެ ތަފްސީލު އެމް.އެމް.އޭ އަށް ހުށަހަޅަންޖެހޭނެއެވެ.

 

5 ވަނަ މާއްދާ - ލައިސަންސް ހޯދުމަށް އެދި ހުށަހެޅުން

(ހ) މި ގާނޫނުގެ ދަށުން ލައިސަންސް ހޯދުމަށް އެދި ހުށަހަޅާނީ އެމް.އެމް.އޭ އިން އެކަމަށް ކަނޑައަޅާގޮތަކަށް، އެމް.އެމް.އޭ އިން އަންގާ މައުލޫމާތާއެކު، ލިޔުމަކުން އެމް.އެމް.އޭ އަށެވެ. އެކި ބާވަތުގެ ލައިސަންސް ހޯދުމަށް އެދި ހުށަހެޅުމުގައި، ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ތަފާތު ބާވަތުގެ ފޯމުތަކާއި، ތަފާތު މައުލޫމާތުތައް ހުށަހެޅުމަށް އެމް.އެމް.އޭ އިން އެންގިދާނެއެވެ. ލައިސަންސް ދިނުމުގައި ބަލާނެ މިންގަނޑުތައް އެމް.އެމް.އޭ އިން ކަނޑައަޅަންވާނެއެވެ.

(ށ) ލައިސަންސް ހޯދުމަށް އެދި ހުށަހަޅާއިރު އެންމެ މަދުވެގެން ތިރީގައިމިވާ މައުލޫމާތު އެ ހުށަހެޅުމާއެކު ހުށަހަޅަންވާނެއެވެ.

  1. އަސްލާއެއްގޮތް ކޮޕީއެއްކަމަށް ބުނެ ތަސްދީގުކޮށްފައިވާ، ކުންފުނީގެ ޗާރޓަރއާއި، ކޯޕަރޭޓް ގަވަރނަންސްއާބެހޭ ލިޔުންތަކާއި، ވޭތުވެދިޔަ 3 (ތިނެއް) އަހަރުގެ އަހަރީ ބެލެންސް ށީޓްއާއި، ފައިދާއާއި ގެއްލުމުގެ އަހަރީ ހިސާބުތަކުގެ ކޮޕީ. މި ލިޔުންތަކަކީ އޮޑިޓްކޮށްފައިވާ ލިޔުންތަކަކަށް ވާންވާނެއެވެ.
  2. ހުއްދަކޮށްފައިވާ ރައުސްމާލުގެ ގޮތުގައި ހުށަހަޅާ އަދަދާއި އެ ރައުސްމާލު ހޯދުމަށް ކަނޑައަޅާފައިވާ ގޮތާއި އަދި ހުށަހަޅާފައިވާ ރައުސްމާލުގެ ތެރެއިން ލިބިފައިވާ އަދަދު. މިގޮތުން ހުށަހަޅާ ރައުސްމާލު އެމް.އެމް.އޭ އަށް ފެނިއްޖެ ހިނދެއްގައި، އެމް.އެމް.އޭގައި ނުވަތަ އެމް.އެމް.އޭ އިން ކަނޑައަޅާ ޑިޕޮސިޓަރީ އެއްގައި ބެހެއްޓުމަށް އެމް.އެމް.އޭ އިން އެންގިދާނެއެވެ. އަދި މިގޮތުން ބަހައްޓާ ފައިސާއަކީ އެއްވެސް ފަރާތަކަށް އަނބުރާ ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ބަޔާންކޮށްފައިވާ ލިޔުމެއް ބެހެއްޓުމަށް އެންގިދާނެއެވެ.
  3. އެ ނަމެއްގެ ދަށުގައި ބޭންކިންގ ވިޔަފާރި ހިންގުމަށް ގަސްދުކޮށްފައިވާ ނަމާއި ބޭންކިންގގެ ވިޔަފާރިކުރުމަށް ހުށަހަޅާ ތަން ނުވަތަ ތަނުގެ އެޑްރެސްތައް.
  4. އެޑްމިނިސްޓްރޭޓަރު އަދި މޭޖަރ ހިއްސާދާރެއްގެ ގޮތުގައި ހުށަހަޅާ ކޮންމެ ހިއްސާދާރެއްގެ ނަމާއި، ދާއިމީ އެޑްރެހާއި، އާމްދަނީ ހޯދުމަށް ކުރާ މަސައްކަތާއި، އަދި މީގެއިތުރުންވެސް އެމް.އެމް.އޭ އިން ކަނޑައަޅާ އެފަރާތަކާބެހޭ މައުލޫމާތާއި އެފަރާތުގެ މާލީ ހާލަތު އަންގައިދޭ ހިސާބުތައް.
  5. އެއްވެސް ބާވަތެއްގެ ކުށެއް ށަރީއަތަށް ސާބިތުވެފައިވާނަމަ، ނުވަތަ އެއްވެސް ބާވަތެއްގެ ކުށެއް ށަރީއަތަށް ސާބިތުވެފައި ނުވާނަމަ، ނުވަތަ އިފްލާސްކުރެވިފައިވާ ނުވަތަ އިފްލާސްކުރުމަށް ހުށަހަޅާފައިވާ ކުންފުންޏެއްގެ މެނޭޖްމަންޓުގައި ހަރަކާތްތެރިވެފައިވާނަމަ، އެކަމެއް ބަޔާންކޮށް ކޮންމެ އެޑްމިނިސްޓްރޭޓަރަކު އަދި މޭޖަރ ހިއްސާދާރަކު ވަކިވަކިން ހަގީގަތްކަމަށް ބުނެ ސޮއިކޮށްފައިވާ ބަޔާނެއް. މިފަދަ ބަޔާނެއް އޮންނާނެ ގޮތް އެމް.އެމް.އޭ އިން ކަނޑައެޅިދާނެއެވެ.
  6. އެތަނެއްގެ މައިގަނޑު މަގްސަދުތަކާއި ކުރުމަށް ގަސްދުކޮށްފައިވާ ވިޔަފާރި ހަރަކާތްތަކުގެ ތަފްސީލު. މި ތަފްސީލުތަކުގެ ތެރޭގައި ބޭންކުގެ އޮނިގަނޑު ކަނޑައަޅާފައިވާގޮތާއި، އިންޓަރނަލް ކޮންޓްރޯލްތައް ހަމަޖެހިފައިވާގޮތް ހިމަނަންވާނެއެވެ. އަދި މިފަދަ އިންޓަރނަލް ކޮންޓްރޯލްތަކުގެ ތެރޭގައި މަނީ ލޯންޑްރިންގއާއި ޓެރަރިޒަމަށް އެހީތެރިވާ ހަރަކާތްތަކާ ދެކޮޅަށް ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތައް ހިމަނަންވާނެއެވެ. އަދި ކުރިއަށްއޮތް 3 (ތިނެއް) އަހަރުގެ ލަފާކުރެވޭ ބެލެންސް ށީޓާއި، ފައިދާއާއި ގެއްލުމުގެ ހިސާބާއި، ފައިސާ ލިބޭނެގޮތާއި، ހަރަދުވާނެގޮތުގެ އަހަރީ ހިސާބު ހުށަހަޅަންވާނެއެވެ.
  7. ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ފަރާތަކީ ބިދޭސީ ބޭންކެއް ނުވަތަ ބިދޭސީ ބޭންކެއްގެ ބަލަދުވެރި ކުންފުންޏެއްނަމަ، ނުވަތަ ބިދޭސީ ބޭންކެއްގެ ނުވަތަ ބިދޭސީ ބޭންކެއްގެ ބަލަދުވެރި ކުންފުންޏެއްގެ ސަބްސިޑިއަރީއެއްނަމަ، އެފަދަ ބޭންކެއް ސުޕަވައިޒްކުރާ އިދާރާއިން ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ފަރާތުން ރާއްޖޭގައި ބޭންކިންގ ވިޔަފާރި ހިންގުމުގެ އިއުތިރާޒެއް ނެތްކަމުގެ ބަޔާނެއް. އަދި މި ބަޔާނުގައި އެ އިދާރާއިން، ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ފަރާތުގެ ކޮންސޮލިޑޭޓަޑް ސުޕަރވިޒަން ހަދާނެކަމަށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ނ) ބޭންކަކުން ނުވަތަ ބޭންކު ބަލަދުވެރި ކުންފުންޏަކުން ދޭސީ ބޭންކެއްގެ ލައިސަންސް ހޯދުމަށް އެދި ހުށަހެޅުމުން، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން ލައިސަންސް ހޯދުމަށް އެދިފައިވާ ފަރާތުގެ މާލީ ހާލަތު އަންގައިދޭ މައުލޫމާތާއި އެފަރާތުގެ ހިންގުމާބެހޭ މައުލޫމާތު ހުށަހެޅުމަށް އެމް.އެމް.އޭ އިން އަންގަންވާނެއެވެ. މި މައުލޫމާތުގެ ތެރޭގައި ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ބޭންކު ނުވަތަ ބޭންކު ބަލަދުވެރި ކުންފުނީގެ މޭޖަރ ހިއްސާދާރުންނާއި އެޑްމިނިސްޓްރޭޓަރުންނާބެހޭ މައުލޫމާތު ހިމަނަންވާނެއެވެ. ތިރީގައިވާ ކަންތައްތައް ބެލުމަށް އެމް.އެމް.އޭ އަށް މި މައުލޫމާތުގެ ބޭނުން ކުރެވިދާނެއެވެ.

  1. ބޭންކު ނުވަތަ ބޭންކު ބަލަދުވެރި ކުންފުނީގެ ދަށުން، ދޭސީ ސަބްސިޑިއަރީ ބޭންކު ހިންގުމުގެ ސަބަބުން، މާލީ ގޮތުންނާއި ހިންގުންތެރިކަމުގެ ގޮތުން ދޭސީ ސަބްސިޑިއަރީ ބޭންކަށް ފައިދާ ވާނެތޯ ބެލުން؛ އަދި
  2. ބޭންކު ނުވަތަ ބޭންކު ބަލަދުވެރި ކުންފުނީގެ މޭޖަރ ހިއްސާދާރުންނާއި އެޑްމިނިސްޓްރޭޓަރުންނަކީ ކަމަށް އެކަށޭނަ ފަރާތްތަކެއްކަން ދެނެގަތުން.
  3. (ރ) ބިދޭސީ ބޭންކަކުން ރާއްޖޭގައި ބްރާންޗެއް ނުވަތަ ތަމްސީލުކުރާ އޮފީހެއް ހުޅުވުމަށް އެދި ހުށަހެޅުމުން، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތާއި، މި ހުށަހެޅުމާގުޅޭ އިތުރު މައުލޫމާތު ހުށަހެޅުމަށްވެސް އެމް.އެމް.އޭ އިން އެންގިދާނެއެވެ. މީގެ އިތުރުން، އެ ބްރާންޗް ނުވަތަ ތަމްސީލުކުރާ އޮފީހަށް ކަނޑައެޅުމަށް ގަސްދުކުރާ މެނޭޖަރުގެ މާލީ ހާލަތު އަންގައިދޭފަދަ މައުލޫމާތާއި އެފަރާތާބެހޭ އެހެންވެސް މައުލޫމާތު ހުށަހެޅުމަށް އެމް.އެމް.އޭ އިން އަންގަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ، (ށ) ، (ނ) އަދި (ރ) ގައިވާ މައުލޫމާތުތަކާއި ލިޔުންތަކުގެ އިތުރުން، ބޭނުންތެރިކަމަށް އެމް.އެމް.އޭ އަށް ފެނިއްޖެ ކޮންމެ މައުލޫމާތެއް ހުށަހެޅުމަށް އެމް.އެމް.އޭ އިން ލައިސަންސްއަށް އެދިފައިވާ ފަރާތަށް އެންގިދާނެއެވެ.

(ޅ) ލައިސަންސް ހޯދުމަށް އެދި ހުށަހަޅާއިރު، އެމް.އެމް.އޭ އިން ކަނޑައަޅާފައިވާ އެޕްލިކޭށަން ފީއެއް އެމް.އެމް.އޭ އަށް ދައްކަންވާނެއެވެ.

(ކ) ލައިސަންސް އަށް އެދި ހުށަހަޅަންޖެހޭ އެންމެހާ މައުލޫމާތުތަކާއި، ލައިސަންސް އަށް އެދި ހުށަހަޅާފައިވާ ހުށަހެޅުން ކުރިއަށް ގެންދިއުމަށްޓަކައި އެމް.އެމް.އޭ އިން އަންގާ މައުލޫމާތު ލަސްނުކޮށް އެމް.އެމް.އޭ އަށް ހުށަހަޅަންވާނެއެވެ. ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ހުށަހަޅަންޖެހޭ މައުލޫމާތު ފުރިހަމައަށް ހުށަހަޅާފައިނުވާނަމަ، ލައިސަންސް ހޯދުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުން އެމް.އެމް.އޭ އިން ބާތިލުކޮށް، އެޕްލިކޭށަން ފީ ހިފެހެއްޓިދާނެއެވެ.

 

6 ވަނަ މާއްދާ - ލައިސަންސް ހޯދުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމަކަށް ލައިސަންސް ދޫކުރުން ނުވަތަ ނުކުރުން

(ހ) ލައިސަންސް އަށް އެދި ހުށަހަޅާ ފަރާތުން ހުށަހަޅަންޖެހޭ ހުރިހާ މައުލޫމާތެއް އެމް.އެމް.އޭ އަށް ހަމައަށް ލިބޭ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެމް.އެމް.އޭ އިން ލައިސަންސް ދޫކުރަންވާނެއެވެ. ނުވަތަ ލައިސަންސް ނުދެވޭނެކަން އެ މުއްދަތުގެ ތެރޭގައި އެފަރާތަށް އަންގަންވާނެއެވެ. މި މުއްދަތު ގުނަން ފަށާނީ ލައިސަންސް އަށް އެދޭ ފަރާތުން ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތައް އެމް.އެމް.އޭ އަށް ހަމައަށް ލިބޭ ދުވަހުން ފެށިގެންނެވެ. އަދި މި ލިޔެކިޔުންތައް ހަމައަށް ލިބޭ ތާރީހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އިސްވެ ބުނެވުނު 3 (ތިނެއް) މަސްދުވަހުގެ މުއްދަތު ގުނަން ފެށުނު ތާރީހު އެމް.އެމް.އޭ އިން ލައިސަންސް ހޯދުމަށް އެދި ހުށަހަޅާފައިވާ ފަރާތަށް އަންގަންވާނެއެވެ. މި މުއްދަތު ގުނަން ފަށާފައިވާ ތާރީހު އެންގުމަށް ފަހުގައިވެސް، އެމް.އެމް.އޭ އިން ލައިސަންސް ހޯދުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުން ކުރިއަށް ގެންދިއުމަށް ބޭނުންވާ އިތުރު މައުލޫމާތުތައް ހުށަހެޅުމަށް ލައިސަންސް ހޯދުމަށް އެދިފައިވާ ފަރާތަށް އެމް.އެމް.އޭ އިން އެންގިދާނެއެވެ. ނަމަވެސް، މިފަދަ މައުލޫމާތުތައް ހުށަހެޅުމަށް އެދި އެމް.އެމް.އޭ އިން އަންގާ ދުވަހުން ފެށިގެން އެ މައުލޫމާތު ލިބެންދެން، ކުރީގައި ބުނެވުނު 3 (ތިނެއް) މަސްދުވަހުގެ މުއްދަތު ގުނުން މެދުކަނޑާލަން ޖެހޭނެއެވެ.

(ށ) ލައިސަންސް ހޯދުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމެއްގައި، މި ގާނޫނުގައިވާ ށަރުތުތައް ފުރިހަމަވާކަމަށް އެމް.އެމް.އޭ އަށް ގަބޫލުނުކުރެވޭނަމަ، އެ ހުށަހެޅުމެއް އެމް.އެމް.އޭ އިން ބާތިލުކުރެވިދާނެއެވެ. މި ގާނޫނުގެ ދަށުން ދޫކުރެވޭ ލައިސަންސް ދޫކުރުމުގައި ބަލާނެ މިންގަނޑުތައް އެމް.އެމް.އޭ އިން ކަނޑައަޅައި އާންމު ކުރަންވާނެއެވެ. ލައިސަންސް ހޯދުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމަކަށް ލައިސަންސް ދޫނުކޮށްފިނަމަ، ލައިސަންސް ދޫނުކުރެވުނު ސަބަބު ލިޔުމަކުން، ލައިސަންސް ހޯދުމަށް އެދި ހުށަހެޅި ފަރާތަށް އެމް.އެމް.އޭ އިން އަންގަންވާނެއެވެ.

(ނ) ލައިސަންސް ހޯދުމަށް އެދި ހުށަހަޅާފައިވާ ފަރާތާބެހޭ ތިރީގައިވާ ކަންތައްތައް އެމް.އެމް.އޭ އަށް ގަބޫލުކުރެވޭ ގޮތަކަށް ނުވަތަ ފެންވަރަކަށް ހުރިނަމަ، އެމް.އެމް.އޭ އިން ލައިސަންސް ހޯދުމަށް އެދި ހުށަހަޅާފައިވާ ފަރާތަށް ލައިސަންސް ދޫކުރަންވާނެއެވެ.

  1. ލައިސަންސް ހޯދުމަށް އެދި ހުށަހަޅާފައިވާ ފަރާތާއި އެފަރާތުގެ މޭޖަރ ހިއްސާދާރުންނާއި އެޑްމިނިސްޓްރޭޓަރުންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތަކުގެ ވޭތުވެދިޔަތަނުގެ އަދި މިހާރުގެ މާލީ ހާލަތު.
  2. މޭޖަރ ހިއްސާދާރުންގެ ގޮތުގައާއި އެޑްމިނިސްޓްރޭޓަރުންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތަކަކީ، ކަމަށް އެކަށޭނަ ފަރާތްތަކެއްކަން ދޭހަކޮށްދޭފަދަ ސުލޫކާއި މަސައްކަތުގެ ތަޖުރިބާ.
  3. ލައިސަންސް ހޯދުމަށް އެދި ހުށަހަޅާފައިވާ ފަރާތުން ހުށަހަޅާފައިވާ މުވައްޒަފުންގެ އަދަދު، ރައުސްމާލުގެ މިންވަރު، އަދި ބޭންކިންގ ހިދުމަތްތައް ހިންގުމުގައި ނެގޭނެ ދަރަނިތަކާއި ދައްކަންޖެހޭނެ އެހެންވެސް ފައިސާ ދެއްކޭނެ މިންވަރަކަށް އެފަރާތުގެ މާލީ އަދި ހިންގުމުގެ ގާބިލިއްޔަތު ހުރިކަން.
  4. ބޭންކަށް ނުރަނގަޅު އަސަރުތަކެއް ކޮށްފާނެ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން ހަމަޖެއްސުމަށް ހުށަހަޅާފައިވާ އުސޫލުތަކާއި ނިޒާމުތައް، އިންޓަރނަލް ކޮންޓްރޯލްތައް، އޮޑިޓްކުރުމަށް ހުށަހަޅާފައިވާ ގޮތް، އަދި ކޯޕަރޭޓް ގަވަރނަންސްގެ ކަންތައް ހުށަހަޅާފައިވާ ގޮތް.
  5. ކުރުމަށް ގަސްދުކޮށްފައިވާ ވިޔަފާރި ހިންގުމަށް ހުށަހަޅާފައިވާ ގޮތުގެ ހަރުދަނާކަމާއި ވިޔަފާރީގެ ބިޒްނަސް ޕްލޭންގައިވާ ކަންތައްތަކަކީ އެމް.އެމް.އޭ އަށް ގަބޫލުކުރެވޭނެ ކަންތައްތަކެއްކަން.

(ރ) ލައިސަންސް ހޯދުމަށް އެދި ހުށަހަޅާފައިވާ ފަރާތުން ހަރަކާތްތެރިވާ އެހެން ގައުމުތަކުގެ ރައްޔިތުންގެ ބޭންކިންގ ބޭނުންތައް ފުއްދައިދީފައިވާ މިންވަރާއި، ދިވެހިން ތަމްރީނުކޮށް ބޭންކުގެ ހިންގުމުގެ ތެރޭގައި ށާމިލުކުރުމަށް ރާވާފައިވާ މިންވަރާއި، އެފަރާތަށް ލައިސަންސް ދިނުމުގެ ސަބަބުން ރާއްޖޭގައި ލައިސަންސް ދެވިފައިވާ ގައުމީ، ސަރަހައްދީ އަދި ބައިނަލްއަގްވާމީ ބޭންކުތަކުގެ އަދަދަށް އެދެވޭ ބަދަލެއް އަންނާނެތޯ، ލައިސަންސް ދިނުމުގައި އެމް.އެމް.އޭ އިން ބެލިދާނެއެވެ. ލައިސަންސް ހޯދުމަށް އެދިފައިވާ ފަރާތަކަށް ލައިސަންސް ދިނުމުން، އެމް.އެމް.އޭ އިން އެކަން ލައިސަންސް ހޯދުމަށް އެދިފައިވާ ފަރާތަށް އަންގައި، ސަރުކާރުގެ ގެޒެޓްގައި އެކަން ށާއިއުކޮށް، ބޭންކުތަކުގެ ރަޖިސްޓަރީގައި އެ ބޭންކު ހިމަނަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 3 (ތިނެއް) މަސްދުވަހުގެ މުއްދަތުގެ ތެރޭގައި އެމް.އެމް.އޭ އިން، ލައިސަންސް ހޯދުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމަކަށް ހުއްދަ ދެވުނުކަން ނުވަތަ ނުދެވޭކަން އަންގާފައިނުވާނަމަ، ބެލެވޭނީ އެދިފައިވާ ލައިސަންސް ދޫކުރެވުނީކަމަށެވެ.

(ޅ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ލައިސަންސް ދޫނުކުރުމަށް އެމް.އެމް.އޭ އިން ނިންމައިފިނަމަ، ލައިސަންސް ހޯދުމަށް އެދި ހުށަހަޅާފައިވާ ފަރާތުން މި ގާނޫނުގެ 66 ވަނަ މާއްދާގައި ބުނާފަދައިން އެކަން އިސްތިއުނާފުކުރުމަށް ކޯޓަށް ހުށަހެޅިދާނެއެވެ.

 

7 ވަނަ މާއްދާ - ބޭންކުތަކުގެ ރަޖިސްޓަރީ

އާންމުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި ބެލޭނެ ގޮތަށް، އެމް.އެމް.އޭ އިން ބޭންކުތަކުގެ ރަޖިސްޓަރީއެއް ބަލަހައްޓަންވާނެއެވެ. އަދި މި ރަޖިސްޓަރީގައި، މި ގާނޫނުގެ ދަށުން ދޫކުރާ ކޮންމެ ލައިސަންސް އެއް ދެވޭ ފަރާތުގެ ނަމާއި، އެޑްރެހާއި، އެފަރާތުގެ އެޑްމިނިސްޓްރޭޓަރުންގެ ނަމާއި އަދި ލައިސަންސް ދޫކޮށްފައިވަނީ ބިދޭސީ ބްރާންޗަކަށް ނުވަތަ ތަމްސީލުކުރާ އޮފީހަކަށްނަމަ، އެފަރާތުގެ މައި އޮފީހުގެ އެޑްރެހާއި މިނޫންވެސް އާންމުންނަށް ބޭނުންތެރި މައުލޫމާތެއްކަމަށް އެމް.އެމް.އޭ އަށް ފެންނަ އެހެނިހެން މައުލޫމާތު ހިމަނަންވާނެއެވެ.

 

8 ވަނަ މާއްދާ - ލައިސަންސް ދޫކުރުމުގެ ށަރުތުތައް

(ހ) މި ގާނޫނުގެ ދަށުން އެމް.އެމް.އޭ އިން ލައިސަންސް ދޫކުރެވޭ ކޮންމެ ފަރާތަކުން ތިރީގައިވާ ކަންތައްތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

  1. ލައިސަންސް ހޯދުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމުގައި، ލައިސަންސް ހޯދުމަށް އެދި ހުށަހެޅި ފަރާތާއި، އެފަރާތުގެ މޭޖަރ ހިއްސާދާރުންނާއި އެޑްމިނިސްޓްރޭޓަރުންނާއި، އެފަދަ ހުށަހެޅުމެއްގައި އެފަރާތުގެ ނަމުގައި ހަރަކާތްތެރިވާ ފަރާތަކުން ދީފައިވާ ބަޔާންތަކާއި ހުށަހެޅުންތަކަކީ ތެދު ހަގީގަތަށް ވާންވާނެއެވެ.
  2. ލައިސަންސްގެ ށަރުތުތަކުގެ ތެރޭގައި ވިޔަފާރި ފަށަން 12 (ބާރަ) މަސްދުވަހަށްވުރެ ކުރު މުއްދަތެއް ދީފައިނުވާނަމަ، ލައިސަންސް ދޫކުރެވުނު ދުވަހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ލައިސަންސް ދޫކުރެވުނު ވިޔަފާރި ފަށަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ވިޔަފާރި ނުފަށައިފިނަމަ، ލައިސަންސް ބާތިލުވާނެއެވެ.
  3. މި ގާނޫނުގައި ކަނޑައަޅާފައިވާ ރައުސްމާލު ބަހައްޓަންޖެހޭ މިންގަނޑުތަކާއި ބޭންކު ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި ހިންގުމަށްޓަކައި އަމަލުކުރަންޖެހޭ އެހެނިހެން ކަންތައްތަކަށާއި، އަދި އެމް.އެމް.އޭ އިން އެކުލަވާލާ ގަވާއިދުތަކާއި އިރުށާދުތަކުގެ ތެރެއިން ލައިސަންސް ދޫކުރެވޭ ފަރާތުން އަމަލުކުރަންޖެހޭ ކަންތައްތަކަށް އަމަލުކުރަންވާނެއެވެ.
  4. ލައިސަންސް ދޫކުރެވިފައިވާ ފަރާތުގެ އިންޓަރނަލް ކޮންޓްރޯލްތަކާއި އޮޑިޓްކުރާނެ އުސޫލުތައް ކަނޑައަޅާ، ވިޔަފާރިއަށް ނުރަނގަޅު އަސަރުތަކެއް ކޮށްފާނެ ކަންތައްތަކާމެދު އެކަށީގެންވާ ނިޒާމްތައް ގާއިމުކޮށް އުސޫލުތައް އެކަށައަޅަންވާނެއެވެ.
  5. ލައިސަންސް ދޫކުރެވުނު ވިޔަފާރި ހިންގަންވާނީ ހަރުދަނާކޮށް އަދި ގާނޫނާއި ގަވާއިދުތަކާއި، ހިންގުމާގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކާއި އެއްގޮތްވާ ގޮތުގެމަތިންނެވެ.
  6. މަކަރާއި ހީލަތް، ހިޔާނާތް، މަނީ ލޯންޑްރިންގ، ޓެރަރިސްޓް ހަރަކާތްތަކަށް ފައިސާ ހޯދައިދިނުން، އަދި މިނޫންވެސް ޖިނާއީ ކުށެއް ކޮށްގެންނުވާނެއެވެ.
  7. ލައިސަންސް ދޫކުރެވުނު ވިޔަފާރި ހިންގަންވާނީ އެ ވިޔަފާރިއެއް ހިންގުމަށް އެމް.އެމް.އޭ އިން ހުއްދަދީފައިވާ ނަމުގައި އެކަންޏެވެ.
  8. ލައިސަންސް ދޫކުރެވުނު ފަރާތުން ލައިސަންސްގެ މުއްދަތުގައި، އެފަރާތުގެ ވިޔަފާރީގެ ހުރިހާ ހަރަކާތްތަކެއް ހިންގަންވާނީ ރާއްޖޭގައި އޮފީހެއް ގާއިމުކޮށް، އެތަނުންނެވެ. އަދި އެ އޮފީހުގައި، ލައިސަންސް ދޫކުރެވުނު ވިޔަފާރީގެ ހުރިހާކަމެއް އެކަށޭނަ ގޮތަކަށް ހިންގުމަށްޓަކައި ފުލްޓައިމްކޮށް ވަޒީފާ އަދާކުރާ، މަދުވެގެން ދެ މުވައްޒަފުން ތިބެންވާނެއެވެ. އަދި އެކަށީގެންވާ ގޮތަކަށް ތައްޔާރުކޮށްފައިވާ ވިޔަފާރީގެ ހިސާބުތަކާއި ރިކޯޑުތައް އެ އޮފީހުގައި ބަހައްޓަންވާނެއެވެ.
  9. ލައިސަންސް ދޫކުރެވޭ ފަރާތުގެ މޭޖަރ ހިއްސާދާރުންނާއި އެޑްމިނިސްޓްރޭޓަރުންނަށް ވާނެ ފަރާތްތަކަކީ ހުރިހާ ވަގުތަކުވެސް "ކަމަށް އެކަށޭނަ" ފަރާތްތަކެއްކަމުގައި ވާންވާނެއެވެ.

(ށ) ލައިސަންސް ދޫކުރުމަށްފަހުގައިވެސް، ލިޔުމަކުން ލައިސަންސްގެ ށަރުތުތައް ބަދަލުކުރުމާއި ށަރުތުތަކަށް އުނި އިތުރުކަން ގެނައުމުގެ ބާރު އެމް.އެމް.އޭ އަށް ލިބިގެންވެއެވެ. ލައިސަންސްގެ ށަރުތުތަކަށް ބަދަލެއް ނުވަތަ އުނި އިތުރެއް ގެނެސްފިނަމަ، އެމް.އެމް.އޭ އިން އެގެނައި ބަދަލެއް ނުވަތަ އުނި އިތުރެއް ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރަންވާނެއެވެ.

(ނ) ލައިސަންސް ދޫކުރެވިފައިވާ ފަރާތުން، ލައިސަންސްގެ ށަރުތަކާ ހިލާފުވެއްޖެނަމަ، އެމް.އެމް.އޭ އަށް ފެނިއްޖެ ހިނދެއްގައި ލައިސަންސް ބާތިލުކުރުން ނުވަތަ މި ގާނޫނުގައި ކަނޑައަޅާފައިވާ ފިޔަވަޅެއް އެޅުމުގެ ބާރު އެމް.އެމް.އޭ އަށް ލިބިގެންވެއެވެ.

 

3 ވަނަ ބާބު

އިސްލާމިކް ބޭންކިންގ

9 ވަނަ މާއްދާ - ލައިސަންސް ދޫކުރުން

ލައިސަންސް ދޫކުރުމާބެހޭ ގޮތުން މި ގާނޫނުގައި ބަޔާންކޮށްފައިވާ މާއްދާތަކާއި ހިލާފުނުވާގޮތަށް، އިސްލާމީ އުސޫލުތަކާއި ހަމަތަކާއެއްގޮތަށް ދޭސީ ބޭންކެއް ހިންގުމަށް ނުވަތަ ބިދޭސީ އިސްލާމިކް ބޭންކެއްގެ ބްރާންޗެއް ނުވަތަ އެފަދަ ބިދޭސީ ބޭންކެއް ތަމްސީލުކުރާ އޮފީހެއް ރާއްޖޭގައި ހުޅުވުމަށް އެމް.އެމް.އޭ އިން ލައިސަންސް ދޫކުރެވިދާނެއެވެ. މީގެ އިތުރުން އިސްލާމިކް ބޭންކިންގގެ އުސޫލުތަކާއި އެއްގޮތަށް ނުހިންގާ ދޭސީ ބޭންކުތަކުންނާއި ބިދޭސީ ބޭންކުތަކުގެ ބްރާންޗްތަކުން، އެމް.އެމް.އޭ އިން ހުއްދަ ހޯދުމަށްފަހުގައި އިސްލާމިކް ބޭންކިންގގެ ހިދުމަތް، އެ ބޭންކެއްގެ ނުވަތަ އެ ބްރާންޗްގެ ޑިޕާރޓްމަންޓަކުން ނުވަތަ އެހެންވެސް ގޮތަކުން ދެވިދާނެއެވެ. އެފަދަ ބޭންކުތަކާއި ބޭންކުތަކުގެ ޑިޕާރޓްމަންޓްތަކަކީ، މި ގާނޫނުގައި ބުނާ ހާލަތްތަކުގައި މެނުވީ، އެހެން ބޭންކުތަކެކޭ އެއްފަދައިން އެމް.އެމް.އޭގެ ބާރުގެ ދަށުގައިވާ، އަދި އެމް.އެމް.އޭ އިން ސުޕަވައިޒްކޮށް، ހިނގާ ނުހިނގާގޮތް ބަލައި ހެދޭނެ ތަންތަނެވެ.

 

10 ވަނަ މާއްދާ - އިންޓްރެސްޓް ނުހިމެނޭގޮތަށް ހިންގާ ބޭންކިންގ ހިދުމަތްތައް

އިސްލާމިކް ބޭންކުތަކުން މަސައްކަތް ކުރަންވާނީ ހުރިހާ ހާލަތްތަކުގައިވެސް ބޭންކުން ހިދުމަތްދިނުމުގައާއި ފައިނޭންސް އަދި އިންވެސްޓް ކުރުމުގައި އިންޓްރެސްޓް ނުހިމެނޭގޮތަށް އެކަންތައްތައް ކުރުމަށެވެ.

 

11 ވަނަ މާއްދާ - ހުއްދަކުރެވިފައިވާ ހަރަކާތްތައް

އިސްލާމިކް ބޭންކުތަކާއި، އިސްލާމިކް ބޭންކިންގގެ އުސޫލުތަކާއެއްގޮތަށް އެކުލަވާލެވިފައިނުވާ ނަމަވެސް، އިސްލާމިކް ބޭންކިންގގެ އުސޫލުން ހިދުމަތްދޭ ބޭންކުތަކުން، ކަސްޓަމަރުންނަށް އިސްލާމިކް ބޭންކިންގގެ ހަރަކާތްތައް ފޯރުކޮށްދިނުމުގައި، ކޮންސިއުމަރ، ވިޔަފާރި، މާލީ އަދި އިންވެސްޓްމަންޓް ހަރަކާތްތައް ހިންގާ، ކޮންސިއުމަރ، ވިޔަފާރި، އިގްތިސާދީ ކުރިއެރުން، އަދި އިމާރާތްކުރުމާގުޅޭ މަށްރޫއުތަކުގައި ބައިވެރިވެވިދާނެއެވެ. ނަމަވެސް މިފަދަ ހަރަކާތްތައް ހިންގޭނީ ނުވަތަ ހަރަކާތްތަކުގައި ބައިވެރި ވެވޭނީ، އެ ހަރަކާތްތަކަކީ އާދައިގެ ބޭންކިންގ ހިދުމަތްތަކާ އެއްފަދަ ހަރަކާތްތަކެއް ނަމައެވެ. ލައިސަންސް ދޫކުރެވިފައިވާ ފަރާތްތަކުން އިސްލާމިކް ބޭންކިންގ ހިދުމަތްތައް ދެވޭނެގޮތާމެދު ގަވާއިދެއްގެ ސިފައިގައި ނުވަތަ އެހެންވެސް ގޮތަކަށް އިރުށާދުދިނުމުގެ ހައްގު އެމް.އެމް.އޭ އަށް ލިބިގެންވެއެވެ.

 

4 ވަނަ ބާބު

ރައުސްމާލު

12 ވަނަ މާއްދާ - ދޭސީ ބޭންކު، ޓިއަރ 1 ބޭންކު، ޓިއަރ 2 ބޭންކުން މަދުވެގެން ބަހައްޓަންޖެހޭ ރައުސްމާލު

(ހ) ދޭސީ ބޭންކެއް އުފެއްދޭނީ، ކަނޑައަޅާފައިވާ ރައުސްމާލު އެހެން އެއްވެސް ފަރާތަކަށް ދަރާފައިނުވާފަދަ ގޮތަކަށް ދިވެހި ފައިސާއިން ދައްކައި، މި މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކާ އެއްގޮތްވާ ގޮތުގެމަތިން، ޓިއަރ 1 ނުވަތަ ޓިއަރ 2 ބޭންކެއްގެ ގޮތުގައެވެ.

  1. ޓިއަރ 1 ބޭންކަކުން ހުރިހާ ވަގުތެއްގައިވެސް، 150,000,000 (ސަތޭކަ ފަންސާސް މިލިޔަން) ރުފިޔާއަށްވުރެ މަދުނޫން އަދަދެއް، ނުވަތަ އެމް.އެމް.އޭ އިން މިއަށްވުރެ ބޮޑު އަދަދެއް ކަނޑައަޅައިފިނަމަ، އެ އަދަދަކަށްވުރެ މަދުނޫން އަދަދެއް، މިނިމަމް އަންއިމްޕެއަރޑް ޕެއިޑްއަޕް ކެޕިޓަލްގެ ގޮތުގައި ބަހައްޓަންވާނެއެވެ. ޓިއަރ 1 ބޭންކަކުން، މި ގާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭންކިންގ ހަރަކާތްތައް ހިންގިދާނެއެވެ. ނަމަވެސް ހަރަކާތްތައް ހިންގޭނީ 25 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތާއެއްގޮތްވާ ގޮތުގެމަތިންނެވެ.
  2. ޓިއަރ 2 ބޭންކަކުން ހުރިހާ ވަގުތެއްގައިވެސް، 60,000,000 (ފަސްދޮޅަސް މިލިޔަން) ރުފިޔާއަށްވުރެ މަދުނޫން އަދަދެއް، ނުވަތަ އެމް.އެމް.އޭ އިން މިއަށްވުރެ ބޮޑު އަދަދެއް ކަނޑައަޅައިފިނަމަ، އެ އަދަދަކަށްވުރެ މަދުނޫން އަދަދެއް، މިނިމަމް އަންއިމްޕެއަރޑް ޕެއިޑްއަޕް ކެޕިޓަލްގެ ގޮތުގައި ބަހައްޓަންވާނެއެވެ. ޓިއަރ 2 ބޭންކަކުން، ހަމައެކަނި ކުރެވޭނެ ވިޔަފާރިއަކީ 25 ވަނަ މާއްދާގެ (ހ) ގެ (1) ގައި ބުނާ ޑިޕޮސިޓް ނެގުމުގެ ހަރަކާތާއި، އަމިއްލަ ފަރުދުންނަށް އެފަރާތްތަކުގެ ބޭނުންތަކަށް ދޫކުރާ ދަރަނި، ގަނެވިއްކުމުގެ ވިޔަފާރިއަށް ދޫކުރެވޭ ދަރަނި، ގޯތިގެދޮރު ރަހުނުކުރުމަށްފަހު ދޫކުރެވޭ ލޯނު، މި ލޯނުތަކުގެ ތެރެއިން އެމް.އެމް.އޭ އިން ވަކި ބާވަތްތަކެއް ހުއްދަކޮށްފިނަމަ، އެ ހުއްދަކުރެވުނު ބާވަތްތަކުގެ ލޯނު ދޫކުރުމެވެ.

(ށ) މި ގާނޫނުގައި އެހެން ގޮތަކަށް ބުނެފައިނުވާ ހާލަތްތަކުގައި، ޓިއަރ 1 ބޭންކުތަކުންނާއި، ޓިއަރ 2 ބޭންކުތަކުން، މި ގާނޫނުގައި ބޭންކުތަކުން އަމަލުކުރަންޖެހޭ ހުރިހާ މާއްދާތަކަށް އަމަލުކުރަންވާނެއެވެ. ޓިއަރ 2 ބޭންކަކުން، މި މާއްދާގެ (ހ) ގެ (1) ގައި ބުނާ އަދަދަށް ނުވަތަ މިއަށްވުރެ ބޮޑު އަދަދެއް އެމް.އެމް.އޭ އިން ކަނޑައަޅާފައިވާނަމަ، އެއަދަދަކަށް އަންއިމްޕެއަރޑް ޕެއިޑްއަޕް ކެޕިޓަލް ބަހައްޓައި، އަދި މި ގާނޫނުގެ ދަށުން ބޭންކެއް އުފައްދާއިރު، ހުންނަންޖެހޭ ހުރިހާ ށަރުތުތަކެއް ފުރިހަމަ ކޮށްފައިވާނަމަ، ޓިއަރ 1 ބޭންކެއްގެ ލައިސަންސް އަށް އެދި އެމް.އެމް.އޭ އަށް ހުށަހެޅިދާނެއެވެ. މިފަދަ ހުށަހެޅުމެއް ކުރިއަށް ގެންދާނެ އުސޫލުތައް އެމް.އެމް.އޭ އިން ކަނޑައެޅިދާނެއެވެ.

(ނ) ބޭންކުގެ ފާއިތުވި އަހަރުގެ ފައިދާގެ އަދަދަށް، މި ގާނޫނުގެ ދަށުން އަދި އެމް.އެމް.އޭ އިން އެކުލަވާލާ ގަވާއިދުތަކުގެ ދަށުން ގެންނަންޖެހޭ އެޖަސްޓްމަންޓްތައް ނުވަތަ ބަދަލުތައް ގެނައުމަށްފަހުގައި، އެއަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބެހުމަށް ގަސްދުކުރާ އަދަދެއް ކަނޑައެޅިދާނެއެވެ. ނަމަވެސް، އޭގެ ކުރީ އަހަރުތަކުގެ ފައިދާއިން ހިއްސާދާރުންނަށް ބަހަން ކަނޑައެޅޭނީ އެމް.އެމް.އޭ އިން ހުއްދަ ހޯދުމަށްފަހުގައެވެ. އަދި އެއްވެސް ބޭންކަކުން، މި ގާނޫނުގެ ދަށުން ނުވަތަ އެމް.އެމް.އޭ އިން ކަނޑައަޅާ ގަވާއިދެއްގެ ދަށުން ނުވަތަ އެމް.އެމް.އޭގެ އަމުރެއްގެ ދަށުން އެ ބޭންކަކުން މަދުވެގެން ބަހައްޓަންޖެހޭ ރައުސްމާލާއި ރިޒަރވްގެ އަދަދަށްވުރެ އެ ބޭންކެއްގެ ރައުސްމާލާއި ރިޒަރވް މަދުވާނެގޮތަކަށް، ހިއްސާދާރުންނަށް ފައިސާ ބެހުމަށް ނިންމައިގެން ނުވަތަ ބަހައިގެން، ނުވަތަ އެއްވެސް ބާވަތެއްގެ ފައިސާއެއް ހިއްސާދާރުންނަށް ދީގެން ނުވާނެއެވެ. އަދި މިގޮތަށް ރައުސްމާލާއި ރިޒަރވް މަދުވާނެގޮތަކަށް ބޭންކެއްގެ ފައިދާއިން އެއްވެސް ބައެއް ޓްރާންސްފަރ ކޮށްގެންވެސް ނުވާނެއެވެ.

(ރ) ކޮންމެ ބޭންކަކުންވެސް ރައުސްމާލު އިތުރުކުރުމަށްޓަކައި ރިޒަރވް އެއް ގާއިމުކޮށް، ކޮންމެ އަހަރެއްގެ ބޭންކުގެ ޓެކްސް ކެނޑުމަށްފަހު ލިބޭ ސާފު ފައިދާގެ މަދުވެގެން %50 (ފަންސާސް އިންސައްތަ) މި ރިޒަރވް އަށް ޖަމާކުރަންވާނެއެވެ. މިގޮތަށް ޖަމާކުރާނީ މި ރިޒަރވް، އެ ބޭންކެއްގެ ޕެއިޑްއަޕް ކެޕިޓަލް ގެ ދެބައިކުޅަ އެއްބަޔާ އެއްވަރުވަންދެނެވެ. މިއަށްފަހު، މި ރިޒަރވް ބޭންކުގެ ޕެއިޑްއަޕް ކެޕިޓަލްއާ އެއްވަރު ވަންދެން ކޮންމެ އަހަރެއްގެ ބޭންކުގެ ޓެކްސް ކެނޑުމަށްފަހު ލިބޭ ސާފު ފައިދާގެ މަދުވެގެން %25 (ފަންސަވީސް އިންސައްތަ) މި ރިޒަރވް އަށް ޖަމާކުރަންވާނެއެވެ. އެއްވެސް ބޭންކަކުން އެމް.އެމް.އޭ ގެ ހުއްދަ ހޯދުމަށްފަހު މެނުވީ، އެ ބޭންކެއްގެ ރައުސްމާލާއި، މި މާއްދާގައި ބުނާގޮތަށް ނުވަތަ އެނޫންވެސް ގޮތަކަށް ރައުސްމާލަށް އިތުރުވާގޮތަށް ބަހައްޓާފައިވާ ރިޒަރވް މަދުކޮށްގެންނުވާނެއެވެ.

(ބ) އެމް.އެމް.އޭގެ ހުއްދަ ހޯދުމަށްފަހު މެނުވީ އެއްވެސް ބޭންކަކުން ސަބޯރޑިނޭޓެޑް ޑެޓް ނަގައިގެން ނުވަތަ ސަބޯރޑިނޭޓެޑް ޑެޓްގެ އެއްވެސް ބައެއް، ޕްރިންސިޕަލް ނުވަތަ އިންޓްރެސްޓް އަނބުރާ ދައްކައިގެންވެސް ނުވާނެއެވެ.

 

13 ވަނަ މާއްދާ - ބިދޭސީ ބޭންކުތަކުގެ ބްރާންޗްތަކުން ބަހައްޓަންޖެހޭ އެސައިންޑް ރައުސްމާލު؛ ރާއްޖޭގައި ހުރި، ބޭންކުގެ އެސެޓުތަކާއި ލައިބިލިޓީތަކުގެ ފަރަގު؛ ބޭންކުގެ ހަރުދަނާކަން ދައްކުވައިދޭ ރޭށިއޯތައް ބަލާނެގޮތް

(ހ) ރާއްޖޭގައި ހިންގާ ބިދޭސީ ބޭންކަކުން، ރާއްޖޭގައި ހިންގާ އެ ބޭންކުގެ ހުރިހާ ހަރަކާތްތަކަށް އެ ބޭންކެއްގެ އިކުއިޓީ ކެޕިޓަލްގެ ތެރެއިން، ދޭސީ ބޭންކަކުން ބަހައްޓަންޖެހޭ ޕެއިޑްއަޕް ކެޕިޓަލްއާ އެއްވަރުގެ އަދަދެއް ރައުސްމާލުގެ ގޮތުގައި ބަހައްޓަންވާނެއެވެ. މިގޮތުން ބަހައްޓާ ރައުސްމާލަކީ އެ ބްރާންޗެއްގެ އެސައިންޑް ރައުސްމާލެވެ. ޓިއަރ 1 ބޭންކެއްގެ ގޮތުގައި ހިންގުމަށް ހަމަޖައްސާފައިވާ ބިދޭސީ ބޭންކުތަކުގެ ބްރާންޗްތަކުން، ޓިއަރ 1 ބޭންކަކުން އަންއިމްޕެއަރޑް ރައުސްމާލުގެ ގޮތުގައި ބަހައްޓަންޖެހޭ އަދަދާ އެއްވަރުގެ އަދަދަކަށް އެ ބްރާންޗެއްގެ އެސައިންޑް ރައުސްމާލު ބަހައްޓަންވާނެއެވެ. ޓިއަރ 2 ބޭންކެއްގެ ގޮތުގައި ހިންގުމަށް ހަމަޖައްސާފައިވާ ބިދޭސީ ބޭންކުތަކުގެ ބްރާންޗްތަކުން، ޓިއަރ 2 ބޭންކަކުން އަންއިމްޕެއަރޑް ރައުސްމާލުގެ ގޮތުގައި ބަހައްޓަންޖެހޭ އަދަދާ އެއްވަރުގެ އަދަދަކަށް އެ ބްރާންޗެއްގެ އެސައިންޑް ރައުސްމާލު ބަހައްޓަންވާނެއެވެ. އެސައިންޑް ރައުސްމާލު އިތުރުކުރުމަށްޓަކައި، މި ގާނޫނުގެ 12 ވަނަ މާއްދާގެ (ރ) ގައި ބުނާގޮތަށް ބްރާންޗްތަކުގެ ފައިދާއިން ބައެއް ރިޒަރވް އެކައުންޓަށް ޖަމާ ކުރަންވާނެއެވެ. އެސައިންޑް ރައުސްމާލު ބަހައްޓަންވާނީ އެމް.އެމް.އޭ އިން ކަނޑައަޅާ އިރުށާދުތަކާ އެއްގޮތަށެވެ.

(ށ) ރާއްޖޭގައި ހިންގާ ބިދޭސީ ބޭންކެއްގެ ކޮންމެ ބްރާންޗަކުން އެ ބްރާންޗެއްގެ ލައިބިލިޓީތަކަށް ވުރެ އެސެޓުތައް އިތުރަށް ބަހައްޓަންޖެހޭ މިންވަރު އެމް.އެމް.އޭ އިން ކަނޑައަޅައި އަންގައިފި ހިނދެއްގައި އެ މިންވަރަކަށް އެސެޓު ރާއްޖޭގައި ބަހައްޓަންވާނެއެވެ.

(ނ) ބިދޭސީ ބޭންކެއްގެ ބްރާންޗަކުން ބަހައްޓަންޖެހޭ ރޭށިއޯތައް، މީގެ ތެރޭގައި މި ގާނޫނުގެ 6 ވަނަ ބާބުގައި ބުނާ ކަންތައްތަކާއި ރައުސްމާލާ ގުޅިގެން ބަހައްޓަންޖެހޭ ރޭށިއޯތައް ހިމެނޭގޮތަށް، ކަނޑައަޅާނީ އެ ބްރާންޗްތަކުގެ އެސައިންޑް ރައުސްމާލުގެ މައްޗަށެވެ.

 

14 ވަނަ މާއްދާ - ރައުސްމާލު ބަހައްޓަންޖެހޭ މިންގަނޑުތައް ބަހައްޓަންވީ ގޮތްތައް

(ހ) ކޮންމެ ބޭންކަކުންވެސް ހުރިހާ ވަގުތަކު، އެ ބޭންކެއްގެ ރިސްކް އެޖަސްޓެޑް އެސެޓުތަކުގެ ޖުމްލައިގެ %12 (ބާރަ އިންސައްތަ) އަށްވުރެ މަދުނޫން އަދަދަކަށް އެ ބޭންކެއްގެ ޖުމްލަ ރައުސްމާލު ބަހައްޓައި، ރައުސްމާލުގެ ތެރެއިން ކޯ ކެޕިޓަލްގެ ބައި، ޖުމްލަ ރިސްކް އެޖަސްޓެޑް އެސެޓުތަކުގެ %6 (ހައެއް އިންސައްތަ) އަށް ވުރެ މަދުނޫން އަދަދަކަށް ބަހައްޓަންވާނެއެވެ. އަދި ހުރިހާ ވަގުތަކުވެސް ބޭންކުގެ ޖުމްލަ އެސެޓުތަކުގެ %5 (ފަހެއް އިންސައްތަ) އަށް ވުރެ މަދުނޫން އަދަދަކަށް ބޭންކުގެ ރައުސްމާލު ބަހައްޓަންވާނެއެވެ. އެމް.އެމް.އޭ އިން، ބައިނަލްއަގްވާމީ މިންގަނޑުތަކާއެއްގޮތްވާ ގޮތުގެމަތިން، ރައުސްމާލު، ކޯ ކެޕިޓަލް، ކެޕިޓަލް ބޭސް އަދި މިނޫންވެސް އެހެނިހެން ލަފުޒުތަކާއި އިބާރާތްތަކުގެ މާނައާއި ރިސްކް އެސެޓުތަކުގެ ބާވަތްތައް ބަޔާންކޮށް، ގަވާއިދުތަކެއް އެކަށައަޅަންވާނެއެވެ. އެމް.އެމް.އޭ އަށް ފެނިއްޖެ ހިނދެއްގައި، މި މާއްދާގައި ބުނާ ރައުސްމާލުގެ ރޭށިއޯތަކަށްވުރެ މަތީ ރޭށިއޯތަކެއް ކަނޑައެޅުމުގެ ބާރު އެމް.އެމް.އޭ އަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނާ، ބޭންކުގެ ރައުސްމާލާގުޅޭ ރޭށިއޯތައް ބެލުމުގައި، އެ ބޭންކުގެ އެއްވެސް ފައިސާއެއް އެހެން ބޭންކެއްގެ ރައުސްމާލުގެ ތެރޭގައި ހިމެނޭނަމަ، އެ އަދަދެއް ފުރަތަމަ ބުނެވުނު ބޭންކުގެ ރައުސްމާލުން ކަނޑަންވާނެއެވެ.

(ނ) ބޭންކެއްގެ މިނިމަމް ޕެއިޑްއަޕް ކެޕިޓަލް ގާއިމުކުރާނެ ގޮތާއި ބަހައްޓާނެގޮތް ބަޔާންކޮށް އެމް.އެމް.އޭ އިން ގަވާއިދެއް އެކަށައަޅަންވާނެއެވެ.

(ރ) ބޭންކެއްގެ ހިންގުންތެރިކަމާއި މާލީ ހާލަތަށް ބަލާއިރު، ރައުސްމާލާ ގުޅިގެން ބަހައްޓަންޖެހޭ ރޭށިއޯތައް އާންމުކޮށް ބަހައްޓަންޖެހޭ މިންވަރަށްވުރެ މަތިކުރުމަށް އެމް.އެމް.އޭ އަށް ފެނިއްޖެ ހިނދެއްގައި، އެންގުމުގެ ބާރު އެމް.އެމް.އޭ އަށް ލިބިގެންވެއެވެ.

 

5 ވަނަ ބާބު

ބޭންކުގެ މެނޭޖްމަންޓް

15 ވަނަ މާއްދާ - ޑިރެކްޓަރުންގެ ބޯޑު

(ހ) ބޭންކު ހިންގާނެގޮތުގެ އުސޫލުތަކާއި ސިޔާސަތު ކަނޑައަޅައި، ބޭންކުގެ މެނޭޖްމަންޓުން ބޭންކު ހިންގާގޮތް ބެލުމުގެ މަސްއޫލިއްޔަތު އަދާކުރާނީ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުންނެވެ. އަދި ހާއްސަކޮށް، ބޭންކުގެ މައިގަނޑު މަސައްކަތްތަކަށް ނުރަނގަޅު އަސަރުތަކެއް ކޮށްފާނެ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން ޑިރެކްޓަރުންގެ ބޯޑުން ސިޔާސަތުތަކެއް ކަނޑައަޅަންވާނެއެވެ. މިގޮތުން ސިޔާސަތު ކަނޑައަޅާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ލޯނު ދޫކުރުން، އިންވެސްޓްކުރުން، އެސެޓްސް-ލައިބިލިޓީ މެނޭޖްކުރުން، އޮޑިޓްކުރުން، އިންޓަރނަލް ކޮންޓްރޯލް ނިޒާމުތައް، ބޭންކުން ބޭނުންކުރާނެ އެކައުންޓިންގ މިންގަނޑުތައް ހިމެނެއެވެ.

(ށ) ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެން ވާންވާނީ، މަދުވެގެން 5 (ފަހެއް) މެންބަރުން އަދި ގިނަވެގެން 15 (ފަނަރަ) މެންބަރުންގެ މައްޗަށެވެ. އަދި ބޯޑުގެ މެންބަރުންގެ އަދަދު ވާންވާނީ އޮނަހިރި އަދަދަކަށެވެ. ބޯޑަށް އައްޔަންކުރާ މީހުން އައްޔަންކުރާނީ ބޭންކުގެ އާންމު ޖަލްސާއެއްގައި، ގިނަވެގެން 4 (ހަތަރެއް) އަހަރުދުވަހުގެ ދައުރަކަށެވެ. އައްޔަންކުރެވޭ މެންބަރުންގެ ކޮންމެ ދައުރެއް ހަމަވުމުން، އަލުން 4 (ހަތަރެއް) އަހަރުދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް އައްޔަންކުރެވިދާނެއެވެ. ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ތެރެއިން ބައެއް މެންބަރުންނަކީ މާލީ ރިޕޯޓުތައް ތައްޔާރުކުރުމާއި، އެކައުންޓިންގ ނުވަތަ އޮޑިޓްކުރުމުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ވާންޖެހޭނެއެވެ. ޑިރެކްޓަރުންގެ ބޯޑުން، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ތެރެއިން، ޗެއަރމަންކަމަށް މެންބަރަކު އައްޔަންކުރަންވާނެއެވެ. ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނަށް ދޭންވާ އުޖޫރައާއި އިނާޔަތްތައް ހިއްސާދާރުންގެ އާންމު ޖަލްސާއެއްގައި، ހިއްސާދާރުންނަށް ކަނޑައެޅިދާނެއެވެ.

 

(ނ) ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން އަދި އެހެން މެންބަރުންނަކީ ގާނޫނީ ގޮތުން ކަމަށް އެކަށޭނަ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ. އަދި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ އުމުރަކީ މަދުވެގެން 30 (ތިރީސް) އަހަރު، ގިނަވެގެން 70 (ހަތްދިހަ) އަހަރު ކަމުގައި ވާންވާނެއެވެ. ނަމަވެސް، މެންބަރެއްގެ އުމުރު 70 (ހަތްދިހަ) އަހަރަށްވުރެ މަތިވީނަމަވެސް، އެ މެންބަރެއްގެ ހިދުމަތް ދެމިހުރިގޮތެއްގައި ހޯދުމަށްޓަކައި އެމް.އެމް.އޭ އިން އެ މެންބަރަކަށް ބޯޑުގައި ދެމިހުރެވޭނެ އެންމެ މަތީ އުމުރު ކަނޑައެޅިދާނެއެވެ.

(ރ) ޑިރެކްޓަރުންގެ ބޯޑުގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ ގިނަ ޑިރެކްޓަރުންނަކީ ބޭންކުގައި ފުލްޓައިމްކޮށް މަސައްކަތްކުރާ ފަރާތްތަކެއް ކަމުގައި ވެގެން ނުވާނެއެވެ.

(ބ) ޑިރެކްޓަރުންގެ ބޯޑުގެ އެއްވެސް މެންބަރަކީ:

  1. އެ ބޭންކުގެ ޕޭރަންޓް ބޭންކު އަދި އެ ބޭންކު ކޮންޓްރޯލްކުރާ ބޭންކުން ކޮންޓްރޯލްކުރާ އެހެން ބޭންކެއް ފިޔަވައި، އެއްވެސް ބޭންކެއްގެ މޭޖަރ ހިއްސާދާރަކަށް ނުވަތަ އެޑްމިނިސްޓްރޭޓަރަކަށް ނުވަތަ މުވައްޒަފަކަށް ވެގެންނުވާނެއެވެ. މިގޮތުން އެ ބޭންކުގެ ޕޭރަންޓް ބޭންކު ނުވަތަ އެ ބޭންކު ކޮންޓްރޯލްކުރާ ބޭންކުން ކޮންޓްރޯލްކުރާ އެހެން ބޭންކެއްގެ މޭޖަރ ހިއްސާދާރުން ނުވަތަ އެޑްމިނިސްޓްރޭޓަރުން ނުވަތަ މުވައްޒަފުން، އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނެންވާނީ މުޅި ޑިރެކްޓަރުންގެ ބޯޑުގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ އިތުރު ނުވާ އަދަދަކަށެވެ.
  2. ސަރުކާރުގެ މިނިސްޓްރީއެއްގެ އެންމެ އިސް ވެރިޔަކަށް ނުވަތަ ކެބިނެޓްގެ މެންބަރަކަށްވެސް ވެގެންނުވާނެއެވެ.

(ޅ) ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން މަސައްކަތްކުރަންވާނީ ނުބައި ނިޔަތެއްނެތި، ތެދުވެރިކަމާއެކު ބޭންކަށް އެންމެ ފައިދާހުރި ގޮތަކަށެވެ. އަދި އެފަރާތްތަކުގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރަންވާނީ، އެއާ އެއްފަދަ ހާލަތްތަކުގައި އެހެން ފަރާތަކުން އެފަދަ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބޭނުންކުރާނެފަދަ ހުނަރާއި ފަރުވާތެރިކަން ބަހައްޓައިގެންނެވެ. ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް، ބޭންކަށް ފައިދާހުރިގޮތަށް މަސައްކަތްކުރުމުގައި ބޭނުންވާނެ މިފަދަ ހުނަރާއި ފަރުވާތެރިކަން ނުބަހައްޓައި މަސައްކަތްކުރުމުގެ ސަބަބުން އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިއްޖެނަމަ، އެލިބުނު ގެއްލުމަށް، އެ ޑިރެކްޓަރެއް ޒާތީގޮތުން ޒިންމާވާންވާނެއެވެ. މިފަދަ މައްސަލައެއްގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކާމެދު ދައުވާކުރުމަށް ކޯޓަށް ހުށަހެޅިދާނެއެވެ.

(ކ) ޑިރެކްޓަރުންގެ ބޯޑުން އެއްވެސް ނިންމުމެއް ނިންމޭނީ، ބޯޑުގެ ޖަލްސާއެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވާ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއެއްގައި މެންބަރުންގެ އަގުލަބިއްޔަތު ވޯޓު ލިބިގެންނެވެ. ޑިރެކްޓަރުންގެ ބޯޑުގެ ކޯރަމް ހަމަވީކަމަށް ބެލެވޭނީ، މުޅި ޑިރެކްޓަރުންގެ ބޯޑުގެ ހަތަރު ބައިކުޅަ ތިންބައި މެންބަރުން ހަމަވުމުންނެވެ. ޑިރެކްޓަރުންގެ ބޯޑުން ނިންމުމެއް ނިންމުމަށް ވޯޓުދިނުމުގައި ހަމަހަމައަށް ވޯޓު ލާފައިވާނަމަ، އެ ނިންމުމެއް ނިންމާނީ ޗެއަރމަން ވޯޓުދީފައިވާ ގޮތަކަށެވެ.

(އ) މީލާދީ ކަލަންޑަރުގެ ކޮންމެ މަހަކު މަދުވެގެން 1 (އެކެއް) ފަހަރު ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއެއް ބާއްވަންވާނެއެވެ. މިގޮތުން ބާއްވާ ކޮންމެ ޖަލްސާއަކު، އެންމެ ފަހުން ބޭއްވުނު ޖަލްސާގެ ޔައުމިއްޔާ ބަލައި، ފާސް ކުރަންވާނެއެވެ. އަދި ކޮންމެ ޖަލްސާއަކުވެސް ބޭންކުގެ ހިންގުމާއި ހަރަކާތްތައް ހިނގާގޮތާއި ބޭންކުގެ މާލީ ހާލަތު ބަލަންވާނެއެވެ. ބޯޑުގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން ވަކިވަކި ކަންތައްތައް ކުރުމަށްޓަކައި ބޯޑުގެ މެންބަރުންގެ ތެރެއިން ކޮމިޓީތަކެއް އެކުލަވާލެވިދާނެއެވެ. މިގޮތުން އެކުލަވާލާ ކޮމިޓީތަކުން ރިޕޯޓުކުރާ ކަންތައްތައް ގަވާއިދުން ބާއްވަންޖެހޭ ބޯޑުގެ ޖަލްސާތަކުގައި ބަލަންވާނެއެވެ. ބޯޑުން ކުރާ ކަންތައްތަކާއި ނިންމާ ނިންމުންތައް ޔައުމިއްޔާގައި ހިމަނަންވާނެއެވެ.

 

16 ވަނަ މާއްދާ - މެނޭޖްމަންޓް އަދި ފަރުވާތެރިވުމުގެ ވާޖިބު

(ހ) ދޭސީ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ތެރެއިން މެންބަރެއް އެ ބޭންކުގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމަށް ނުވަތަ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް، ޑިރެކްޓަރުންގެ ބޯޑުން އައްޔަންކުރަންވާނެއެވެ. ރާއްޖޭގައި ހިންގާ ބިދޭސީ ބޭންކެއްގެ ޑިރެކްޓަރުންގެ ބޯޑުން، ރާއްޖޭގައި ހިންގާ އެ ބޭންކެއްގެ ބްރާންޗަށް އައްޔަންކުރެވިފައިވާ ބްރާންޗް މެނޭޖަރެއް ކަނޑައަޅަންވާނެއެވެ. ޑިރެކްޓަރުންގެ ބޯޑުން ނިންމާ ނިންމުންތައް ތަންފީޒުކުރުމާއި ދުވަހުން ދުވަހަށް ހިންގަންޖެހޭ ހިންގުންތައް ހިންގުމަކީ އެ ބޭންކެއްގެ މެނޭޖިންގ ޑިރެކްޓަރ ނުވަތަ ޗީފް އެގްޒެކެޓިވް އޮފިސަރ ނުވަތަ އައްޔަންކުރެވިފައިވާ ބްރާންޗް މެނޭޖަރުގެ މަސްއޫލިއްޔަތެކެވެ.

(ށ) ބޭންކުގެ އެކައުންޓުތަކާއި، ރިކޯޑުތަކާއި، ފޮތްތައް ބަލަހައްޓައި ރައްކާކުރުމަށާއި، ސޮއި ޗެކްކުރަން ޖެހިއްޖެ ހާލަތެއްގައި ސޮއި ޗެކް ކުރުމަށްޓަކައި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން، އޮފިސަރެއް އައްޔަންކުރަންވާނެއެވެ. އަދި ބޭންކުގެ މައިގަނޑު ކަންތައްތައް ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އެކަންކަމަށް އެކަށީގެންވާ މީހުން އެގްޒެކެޓިވް އޮފިސަރުންގެ ގޮތުގައި އައްޔަންކުރަންވާނެއެވެ. މިގޮތުން، އެގްޒެކެޓިވް އޮފިސަރުން އައްޔަންކުރަންވާނެ ކަންތައްތަކުގެ ތެރޭގައި، ލޯނުދޫކުރުން، އިންޓަރނަލް އޮޑިޓް، އަމަލުކުރަންޖެހޭ ގާނޫނުތަކާއި ގަވާއިދުތަކާއި، އިރުށާދުތަކާއި، އަމުރުތަކާއި، އުސޫލުތަކަށް ބޭންކުން އަމަލުކުރޭތޯ ބެލުން، އަދި އެސެޓުތަކާއި ލައިބިލިޓީތައް ބެލެހެއްޓުން ހިމެނެއެވެ. މިކަންތައްތަކާއި ބޭންކުގެ އެހެން ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށްޓަކައި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ތެރެއިން އެކަށޭނަ ކޮމިޓީތައް އެކުލަވާލެވިދާނެއެވެ.

(ނ) ބޭންކުގެ މެނޭޖިންގ ޑިރެކްޓަރަށާއި، އެގްޒެކެޓިވް އޮފިސަރުންނަށާއި، އައްޔަންކުރެވޭ ބްރާންޗް މެނޭޖަރަށާއި އަދި އެމް.އެމް.އޭ އިން ކަނޑައަޅާ އެހެނިހެން މަގާމުތަކަށް އައްޔަންކުރާ ފަރާތްތަކަކީ، ތިރީގައިވާ ސިފަތައް ހުރި މީހުންކަމުގައި ވާންވާނެއެވެ.

  1. ގާނޫނީ ގޮތުން ކަމަށް އެކަށޭނަ ފަރާތްތަކެއް ކަމުގައިވުން؛
  2. އައްޔަންކުރެވޭ ނުވަތަ އެފަރާތެއް ޒިންމާ އުފުލަންޖެހޭ މަސައްކަތަށް އެކަށީގެންވާ އަދި އެ މަސައްކަތެއް ކުރުމަށް ބޭނުންވާ ގާބިލުކަމާއި ތަޖުރިބާ ލިބިފައިވުން؛
  3. އެހެން ބޭންކެއްގެ މޭޖަރ ހިއްސާދާރެއް ނުވަތަ އެޑްމިނިސްޓްރޭޓަރެއް ނުވަތަ މުވައްޒަފެއްކަމުގައި ނުވުން؛ އަދި
  4. އައްޔަންކުރެވޭ މުއްދަތުގައި ރާއްޖޭގައި ދިރިއުޅޭނެ އަދި ބޭންކު ހިންގުމުގައި ފުލްޓައިމްކޮށް ހަރަކާތްތެރިވާނެ ފަރާތަކަށްވުން. ނަމަވެސް، އެމް.އެމް.އޭ އަށް ފެނިއްޖެ ހިނދެއްގައި ރާއްޖޭގައި އަލަށް ހުޅުވާ ބިދޭސީ ބޭންކެއްގެ ބްރާންޗަކަށް، ވަގުތީގޮތުން އެ ބްރާންޗެއްގެ މައި ބޭންކުގެ ނުވަތަ އެ ބޭންކުގެ އެފިލިއޭޓެއްގެ އެގްޒެކެޓިވް އޮފިސަރެއް ނުވަތަ އެގްޒެކެޓިވް އޮފިސަރުންގެ ހިދުމަތް ލިބިގަތުމުގެ ހުއްދަ ދެވިދާނެއެވެ.

(ރ) އެގްޒެކެޓިވް އޮފިސަރުން މަސައްކަތްކުރަންވާނީ ނުބައި ނިޔަތެއްނެތި، ތެދުވެރިކަމާއެކު ބޭންކަށް އެންމެ ފައިދާހުރި ގޮތަކަށެވެ. އަދި އެފަރާތްތަކުގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރަންވާނީ، އެއާ އެއްފަދަ ހާލަތްތަކުގައި އެހެން ފަރާތަކުން އެފަދަ މަސްއޫލިއްޔަތުތައް އަދާ ކުރުމުގައި ބޭނުންކުރާނެފަދަ ހުނަރާއި ފަރުވާތެރިކަން ބަހައްޓައިގެންނެވެ. އެގްޒެކެޓިވް އޮފިސަރެއް، ބޭންކަށް ފައިދާހުރިގޮތަށް މަސައްކަތްކުރުމުގައި ބޭނުންވާނެ މިފަދަ ހުނަރާއި ފަރުވާތެރިކަން ނުބަހައްޓާ މަސައްކަތްކުރުމުގެ ސަބަބުން އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިއްޖެނަމަ، އެލިބުނު ގެއްލުމަށް، އެ އޮފިސަރެއް ޒާތީގޮތުން ޒިންމާވާންވާނެއެވެ. މިފަދަ މައްސަލައެއްގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން އެގްޒެކެޓިވް އޮފިސަރަކާމެދު ދައުވާކުރުމަށް ކޯޓަށް ހުށަހެޅިދާނެއެވެ.

 

17 ވަނަ މާއްދާ - އެޑްމިނިސްޓްރޭޓަރުން ބަދަލުވުން

(ހ) ބޭންކަކުން މި ގާނޫނުގެ 15 ވަނަ މާއްދާއާއި 16 ވަނަ މާއްދާގެ ދަށުން އެޑްމިނިސްޓްރޭޓަރެއް އައްޔަންކުރުމުގެ ނުވަތަ ހޮވުމުގެ މަދުވެގެން 30 (ތިރީސް) ދުވަސްކުރިން، އެކަން އެމް.އެމް.އޭ އަށް ލިޔުމަކުން އަންގަންވާނެއެވެ. މިގޮތުން ފޮނުވާ ލިޔުމުގައި އައްޔަންކުރަން ނުވަތަ ހޮވަން ގަސްދުކުރާ ފަރާތަކީ، އެމް.އެމް.އޭ އިން އެކުލަވާލާ ގަވާއިދެއްގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތްވާ އަދި ކަމަށް އެކަށޭނަ ފަރާތެއްކަން އަންގައިދޭ މައުލޫމާތު ހިމަނަންވާނެއެވެ. އަދި އެފަރާތަކީ އެމް.އެމް.އޭ ގެ ގަވާއިދުގައިވާ ގޮތުގެމަތިން، ކަމަށް އެކަށޭނަ ފަރާތެއް ނޫންކަމަށް އެމް.އެމް.އޭ އަށް ގަބޫލުކުރެވޭނަމަ، އެފަރާތެއް އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައި ނުހޮވޭނެކަން ނުވަތަ އައްޔަންނުކުރެވޭނެކަން، އެމް.އެމް.އޭ އަށް މައުލޫމާތު ފޮނުވާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ބޭންކަށް އަންގަންވާނެއެވެ. އެމް.އެމް.އޭ އަށް މައުލޫމާތު ފޮނުވާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެމް.އެމް.އޭ އިން އެފަރާތެއް އައްޔަންނުކުރެވޭނެކަން ނުވަތަ ނުހޮވޭނެކަން ބޭންކަށް ލިޔުމަކުން އަންގާފައިނުވާނަމަ، ނުވަތަ އެމް.އެމް.އޭ އިން ގޮތެއް ނިންމުމަށް މި މުއްދަތު އިތުރު 30 (ތިރީސް) ދުވަހަށްވުރެ ގިނަނުވާ ގޮތަކަށް އިތުރުކޮށްފައި ނުވާނަމަ، ބެލެވޭނީ އެފަރާތެއް ބޭންކުގެ އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައި އައްޔަންކުރުމާމެދު ނުވަތަ ހޮވުމާމެދު އެމް.އެމް.އޭ އިން އިއުތިރާޒެއް ނެތްކަމަށެވެ.

(ށ) އެޑްމިނިސްޓްރޭޓަރެއްގައި، މި ގާނޫނުގެ 15 ވަނަ މާއްދާއާއި 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތެއް ފުރިހަމަ ނުވާކަމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިނަމަ، އެފަރާތެއް އެޑްމިނިސްޓްރޭޓަރުކަމުން ވަކި ކުރަންވާނެއެވެ. މިގޮތުން، އެޑްމިނިސްޓްރޭޓަރެއްގެ ށަރުތު ފުރިހަމަ ނުވާކަމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިނަމަ، އެކަން ޑިރެކްޓަރުންގެ ބޯޑުން ބޭންކުގެ ހިއްސާދާރުންނަށް އަންގަންވާނެއެވެ.

(ނ) ބޭންކުން، އެޑްމިނިސްޓްރޭޓަރަކު ވަޒީފާއިން ވަކިކުރާތާ ނުވަތަ އެޑްމިނިސްޓްރޭޓަރަކު އަމިއްލައަށް ވަޒީފާއިން ވަކިވުމަށް ހުށަހަޅާފައިވާ ހުށަހެޅުމެއް ގަބޫލުކުރާތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ އެޑްމިނިސްޓްރޭޓަރަކު ވަޒީފާއިން ވަކިވުމަށް ހުށަހެޅި ސަބަބު، ނުވަތަ ވަޒީފާއިން ވަކިކުރި ސަބަބާއެކު އެމް.އެމް.އޭ އަށް އަންގަންވާނެއެވެ.

 

18 ވަނަ މާއްދާ - އެޑްމިނިސްޓްރޭޓަރުން ވަޒީފާއިން ވަކިކުރުން

(ހ) އެމް.އެމް.އޭ އިން ބޭންކެއްގެ އެޑްމިނިސްޓްރޭޓަރަކަށް ހުރި މީހަކު އެޑްމިނިސްޓްރޭޓަރުކަމުން ވަކިކޮށްފިނަމަ، އެމީހަކަށް އެއްވެސް ބޭންކެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކަށް، ނުވަތަ މެނޭޖިންގ ޑިރެކްޓަރަކަށް ނުވަތަ އައްޔަންކުރެވިފައިވާ ބްރާންޗް މެނޭޖަރަކަށް ނުވެވޭނެއެވެ. އަދި ހަމަ އެފަދަ ފަރާތަކަށް އެހެން ބޭންކެއްގެ އެއްވެސް އިސް މަގާމެއްގައެއް ނުހުރެވޭނެއެވެ.

(ށ) ބޭންކެއްގެ އެޑްމިނިސްޓްރޭޓަރެއް ވަޒީފާ އަދާކުރަމުން ދަނިކޮށް އެ ބޭންކުގެ ލައިސަންސް ބާތިލުކޮށްފައިވާނަމަ، ނުވަތަ އެ ބޭންކު ނޫން އެހެންފަރާތަކުން އެ ބޭންކު ބަންދުކޮށްފައިވާނަމަ، އެ އެޑްމިނިސްޓްރޭޓަރަކަށް އެހެން ބޭންކެއްގެ އެޑްމިނިސްޓްރޭޓަރަކަށް ނުވެވޭނެއެވެ. އަދި ހަމަ އެފަދަ ފަރާތަކަށް އެހެން ބޭންކެއްގެ އެއްވެސް އިސް މަގާމެއްގައެއް ނުހުރެވޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެޑްމިނިސްޓްރޭޓަރެއްގެ ފަންނީ ތަޖުރިބާއަށާއި، ތައުލީމީ ފެންވަރަށާއި، އެމީހެއްގެ އަމަލުތައް ނުވަތަ ސުލޫކުގެ މައްޗަށް ބަލާއިރު، އެމީހަކީ އެމް.އެމް.އޭ އަށް ގަބޫލުކުރެވޭ ފެންވަރުގެ މީހަކުނަމަ، މި މާއްދާގެ (ށ) ގައި ބުނެފައިވާ ހާދިސާއެއް ހިނގިތާ 5 (ފަހެއް) އަހަރު ފަހުން، އެމީހަކު މި މާއްދާގެ (ށ) އިން އިސްތިސްނާކުރެވިދާނެއެވެ.

 

19 ވަނަ މާއްދާ - ބޭންކުގައި މާލީ މަސްލަހަތެއްވާނަމަ އެކަން ހާމަކުރުން

(ހ) ކޮންމެ އެޑްމިނިސްޓްރޭޓަރަކުވެސް، ސީދާކޮށް ނުވަތަ ނުސީދާކޮށް، ބޭންކުގައި އެކަށީގެންވާ މިންވަރަކަށް އެފަރާތުގެ މާލީ މަސްލަހަތެއްވާނަމަ، އެކަން ޑިރެކްޓަރުންގެ ބޯޑަށް ހާމަކުރަންވާނެއެވެ. މި މާއްދާގެ (ށ) ގައި ބުނާ ހާލަތްތަކުގެ އިތުރުން، އަލަށް އެޑްމިނިސްޓްރޭޓަރަކަށްވާ ފަހަރު އަދި އެއަށްފަހު ކޮންމެ އަހަރަކު 1 (އެކެއް) ފަހަރު، ބޭންކުން ކަނޑައަޅާފައިވާ އުސޫލުތަކާއި އަދި އެމް.އެމް.އޭ އިން މިކަމަށް ގަވާއިދެއް އެކުލަވާލާފައިވާނަމަ، އެ ގަވާއިދަކާ އެއްގޮތްވާ ގޮތުގެމަތިން، ބޯޑަށް ހާމަކުރަންވާނެއެވެ.

(ށ) އެޑްމިނިސްޓްރޭޓަރެއްގެ އެކަށީގެންވާ މިންވަރެއްގެ މަސްލަހަތެއްވާ މައްސަލައަކާމެދު، ޑިރެކްޓަރުންގެ ބޯޑުގައި ނުވަތަ އޮޑިޓް ކޮމިޓީގައި ނުވަތަ ބޭންކުގެ ނިންމުންތައް ނިންމުމުގެ ބާރު ލިބިގެންވާ އެހެންވެސް ކޮމިޓީއެއްގައި ނުވަތަ ގްރޫޕެއްގައި މަށްވަރާކުރެވޭނަމަ، އެ މަށްވަރާއެއް ފެށުމުގެ ކުރިން އެ އެޑްމިނިސްޓްރޭޓަރަކު އެފަރާތުގެ މަސްލަހަތު ހާމަކުރަންވާނެއެވެ. އަދި އެއަށްފަހު އެ ޖަލްސާގައި އެ އެޑްމިނިސްޓްރޭޓަރަކު ބައިވެރިވެގެންނުވާނެއެވެ. އަދި މިފަދަ ޖަލްސާއެއްގެ ގާނޫނީ އަދަދު ހަމަކުރުމުގައި އެ މަސްލަހަތު އޮތް އެޑްމިނިސްޓްރޭޓަރަކު ހިމަނައިގެންނުވާނެއެވެ.

(ނ) މި މާއްދާގެ ބޭނުމަށްޓަކައި "އެކަށީގެންވާ މިންވަރަކަށް މާލީ މަސްލަހަތެއް" ވާކަމަށް ބެލެވޭނީ އެ މަސްލަހަތަކީ އެޑްމިނިސްޓްރޭޓަރެއްގެ މިލްކިއްޔާތުގެ %10 (ދިހައެއް އިންސައްތަ) ނުވަތަ އެއަށްވުރެ ބޮޑު މަސްލަހަތެއްނަމަ ނުވަތަ އެ އެޑްމިނިސްޓްރޭޓަރަކަށް އަހަރެއްގެ މައްޗަށް ލިބޭ އާމްދަނީގެ %10 (ދިހައެއް އިންސައްތަ) ނުވަތަ އެއަށްވުރެ ބޮޑު މަސްލަހަތެއް ނަމައެވެ.

 

20 ވަނަ މާއްދާ - ބޭންކުގެ މިލްކުވެރިކަން ބަދަލުވުމާއި މޭޖަރ ހިއްސާދާރަކަށްވުން

(ހ) އެއްވެސް ފަރާތަކުން ސީދާކޮށް ނުވަތަ ނުސީދާކޮށް ނުވަތަ އެހެން ފަރާތެއް މެދުވެރިކޮށް، ބޭންކެއްގެ މޭޖަރ ހިއްސާދާރަކަށްވާނެ ފަދަ މިންވަރަކަށް ހިއްސާ ހޯދުމަށް ގަސްދުކުރާނަމަ، އެފަދަ ހިއްސާއެއް ހޯދުމުގެ ކުރިން އެމް.އެމް.އޭ ގެ ހުއްދަ ހޯދަންވާނެއެވެ. އެއްވެސް ފަރާތަކުން އެހެން ފަރާތެއް ނުވަތަ ފަރާތްތަކެއް މެދުވެރިކޮށް ހިއްސާ ހޯދާކަމަށް ބެލެވޭނީ އެމް.އެމް.އޭ އަށް ގަބޫލުކުރެވޭގޮތުގައި، ރަސްމީކޮށް ނުވަތަ ނުރަސްމީކޮށް އެއްބަސްވުމެއްގެ ދަށުން އެފަރާތްތައް ގުޅިގެން ބޭންކެއްގެ ވޯޓުދިނުމުގެ ބާރު ހޯދުމަށް މަސައްކަތްކުރާނަމައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނާ ހުއްދައަށް އެދި ހުށަހަޅާއިރު ތިރީގައިވާ މައުލޫމާތު ހުށަހަޅަންވާނެއެވެ.

  1. މޭޖަރ ހިއްސާދާރަކަށްވުމަށް ހުށަހަޅާ ހިއްސާދާރުގެ ނަމާއި، ގައުމީ ނިސްބަތާއި، ދާއިމީ އެޑްރެހާއި ކުރާ މަސައްކަތް ނުވަތަ އަދާކުރާ ވަޒީފާއާއި އަދި ތެދު ހަގީގަތްކަމަށް އެފަރާތުން ސޮއިކޮށްފައިވާ އެފަރާތުގެ މާލީ ހާލަތު އަންގައިދޭ ބަޔާނެއް. މިގޮތުން ހުށަހަޅާ ބަޔާނުގައި އެމް.އެމް.އޭ އިން ކަނޑައަޅާ ތަފްސީލު ހިމަނަންވާނެއެވެ.
  2. މޭޖަރ ހިއްސާދާރަކަށްވުމަށް ހުށަހަޅާ ކޮންމެ ހިއްސާދާރެއްގެ މައްޗަށް އަދި ކޮންމެ ހަގީގީ ވެރިފަރާތެއްގެ މައްޗަށް މި ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގައި ބުނާ ގޮތަށް، ޖިނާއީ ކުށެއް ސާބިތުވެފައިވާނަމަ، އެކަން އަންގައިދޭ، ތެދު ހަގީގަތް ކަމަށް ބުނެ ސޮއިކޮށްފައިވާ ބަޔާނެއް.
  3. މޭޖަރ ހިއްސާދާރަކަށްވުމަށް ހުށަހަޅާ ހިއްސާދާރަކީ ނުވަތަ އެފަރާތުން ހޯދުމަށް ގަސްދުކުރާ ހިއްސާގެ ހަގީގީ ވެރިފަރާތަކީ ކުންފުންޏެއްނަމަ، އެ ކުންފުނީގެ ވޭތުވެދިޔަ 3 (ތިނެއް) އަހަރުގެ އޮޑިޓްކޮށްފައިވާ ބެލެންސް ށީޓްއާއި، ފައިދާއާއި، ގެއްލުމުގެ ހިސާބުތައް.
  4. މޭޖަރ ހިއްސާދާރަކަށްވުމަށް ހުށަހަޅާ ހިއްސާދާރުގެ، ނުވަތަ އެފަރާތުން ހޯދުމަށް ގަސްދުކުރާ ހިއްސާގެ ހަގީގީ ވެރިފަރާތުގެ މަސްލަހަތެއްވާ ހުރިހާ އިދާރާތަކުގެ ލިސްޓަކާއި އެ އިދާރާތައް ރަޖިސްޓަރީކޮށްފައިވާ އެޑްރެހާއި މަސްލަހަތު ހިމެނޭ މިންވަރު.
  5. ހިއްސާ ހޯދުމުގައި ވެވޭނެ އެއްބަސްވުންތަކާއި ށަރުތުތައް އަދި އެ ހިއްސާ ހޯދުމަށް ގަސްދުކުރާ ގޮތް.
  6. ހޯދުމަށް ގަސްދުކުރާ ހިއްސާ ގަތުމަށް ނުވަތަ ހޯދުމަށް ބޭނުންވާ ފައިސާގެ އަދަދާއި އެ ފައިސާ ހޯދާނެގޮތާއި އަދި އެ ފައިސާ ލިބެނީ ކޮންފަރާތަކުންކަން.
  7. ބޭންކުގެ ވިޔަފާރިއަށް، އޮނިގަނޑަށް، ނުވަތަ މެނޭޖްމަންޓަށް މުހިންމު ބަދަލެއް ގެންނަން ގަސްދުކުރާނަމަ، އެ ބަދަލެއްގެ ތަފްސީލު.
  8. އެމް.އެމް.އޭ އިން އަންގާ އެހެނިހެން މައުލޫމާތު.

(ނ) ބޭންކުގެ ވިޔަފާރިއަށާއި ހަރަކާތްތަކަށް ނުވަތަ ބޭންކުގެ ހިންގުމަށް ބަދަލެއް ގެންނަން ހުށަހަޅާފައިވާނަމަ، އެމް.އެމް.އޭ އިން އެ ބަދަލެއް ދިރާސާކޮށް އެފަދަ ބަދަލެއްގެ ސަބަބުން ބޭންކުގެ މާލީ ހާލަތަށާއި ބޭންކުގެ ހަރުދަނާކަމަށް ކޮށްފާނެ އަސަރުތަކަށް ބަލަންވާނެއެވެ. އަދި މޭޖަރ ހިއްސާދާރަކަށްވުމަށް ހުށަހަޅާ ފަރާތްތަކާއި، ގަސްދުކުރާ ހިއްސާގެ ހަގީގީ ވެރިފަރާތްތަކުގެ އަހްލާގާއި ސުލޫކަށް ބަލާއިރު، އެފަރާތްތަކަކީ އެމް.އެމް.އޭ އަށް ގަބޫލުކުރެވޭ ގޮތުގައި މޭޖަރ ހިއްސާދާރަކަށްވުމަށް އެކަށީގެންވާ ބަޔަކަށް ވާންވާނެއެވެ. މި މާއްދާގެ (ހ) ގައި ބުނާފަދަ ހުއްދައަކަށް އެދި ހުށަހަޅާފައިވާ ފަރާތަކަށް ހުއްދައެއް ދިނުމުގެ ސަބަބުން ބޭންކިންގ ދާއިރާގެ ވާދަވެރިކަން ކުޑަވެގެންދާނެކަމަށް ނުވަތަ އެ ބޭންކުގެ މާލީ ހާލަތަށް ހީނަރުކަމެއް އަތުވެދާނެކަމަށް ނުވަތަ ޑިޕޮސިޓަރުންގެ ހައްގުތައް އެކަށީގެންވާ ގޮތެއްގައި ހިމާޔަތްކޮށް ނުދެވޭނެކަމަށް އެމް.އެމް.އޭ އަށް ގަބޫލުކުރެވޭނަމަ، އެފަދަ ހުއްދައެއް ނުދެވޭނެއެވެ.

(ރ) ބޭންކުގެ އެއްވެސް މޭޖަރ ހިއްސާދާރެއް ސީދާކޮށް ނުވަތަ ނުސީދާކޮށް ނުވަތަ އެހެން ފަރާތެއް ނުވަތަ ފަރާތްތަކެއް މެދުވެރިކޮށް، ބޭންކުގެ ރައުސްމާލުގެ ނުވަތަ ވޯޓުދިނުމުގެ ބާރު ލިބިދޭ ހިއްސާގެ %20 (ވިހި އިންސައްތަ) ނުވަތަ އެއަށްވުރެ އިތުރުވެގެންދާނެ، ނުވަތަ %33 (ތެއްތިރީސް އިންސައްތަ) ނުވަތަ އެއަށްވުރެ އިތުރުވެގެންދާނެ، ނުވަތަ %50 (ފަންސާސް އިންސައްތަ) އަށްވުރެ އިތުރުވެގެންދާނެ މިންވަރަކަށް ހިއްސާ އިތުރުކުރުމުގެ ކުރިން އެމް.އެމް.އޭ ގެ ހުއްދަ ހޯދަންވާނެއެވެ. މި މާއްދާގެ (ށ) ގައި ބުނާ ހުރިހާ މައުލޫމާތުތައް ނުވަތަ އެ މައުލޫމާތުތަކުގެ ތެރެއިން ބައެއް މައުލޫމާތު ހުށަހެޅުމަށް އެމް.އެމް.އޭ އިން އެފަރާތަށް އެންގިދާނެއެވެ. އަދި ހުއްދައަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމެއްގައި، މި މާއްދާގެ (ނ) ގައި ބުނާ ށަރުތެއް ހަމަ ނުވާކަމަށް އެމް.އެމް.އޭ އަށް ގަބޫލުކުރެވޭނަމަ، އެފަދަ ހުއްދައެއް ނުދިނުމުގެ ބާރު އެމް.އެމް.އޭ އަށް ލިބިގެންވެއެވެ.

(ބ) އަލަށް އުފައްދަން ގަސްދުކުރާ ބޭންކެއްގެ މޭޖަރ ހިއްސާދާރަކަށްވުމުގެ ށަރުތު ހަމަނުވާ ފަރާތެއް، ހިނގަމުންދާ ބޭންކެއްގެ މޭޖަރ ހިއްސާދާރަކަށްވުމުގެ ށަރުތުވެސް ހަމައެއް ނުވާނެއެވެ.

(ޅ) މި މާއްދާގެ (ހ) އަދި (ރ) ގައިވާ ފަދައިން އެއްވެސް ފަރާތަކުން އެ ބޭންކެއްގެ ހިއްސާ ހޯދުމަށް ގަސްދުކުރާކަން އެ ބޭންކަކަށް އެންގުމުން އެކަން ލަސްނުކޮށް އެމް.އެމް.އޭ އަށް އަންގަންވާނެއެވެ.

(ކ) މި މާއްދާގެ (ހ) ނުވަތަ (ރ) ގެ ދަށުން ހުއްދައަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމަކާ ގުޅިގެން މި މާއްދާގެ (ށ) ނުވަތަ (ރ) ގައި ބަޔާންކުރާ މައުލޫމާތު ހުށަހަޅާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، އެ ހުށަހެޅުމަކަށް ހުއްދަ ދެވުނުކަން ނުވަތަ ނުދެވޭނެކަން އެމް.އެމް.އޭ އިން އަންގަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި އެމް.އެމް.އޭ އިން ޖަވާބެއް ދީފައިނުވާނަމަ، ބެލެވޭނީ އެ ހުށަހެޅުމަކަށް ހުއްދަ ލިބުނީކަމަށެވެ. މިފަދަ ހުށަހެޅުމަކަށް އެމް.އެމް.އޭ އިން ހުއްދަ ނުދޭން ނިންމައިފިނަމަ، ހުއްދަ ނުދޭން ނިންމި ސަބަބާއެކު އެފަރާތަށް ލިޔުމުން އެކަން އަންގަންވާނެއެވެ.

 

21 ވަނަ މާއްދާ - ބޭންކެއް އެހެން ބޭންކަކާ ނުވަތަ ބޭންކުތަކަކާ އެއްކޮށްލުން

(ހ) އެމް.އެމް.އޭ ގެ ހުއްދަ ހޯދައިގެން މެނުވީ އެއް ބޭންކު އަނެއް ބޭންކާ އެއްކޮށްލައިގެން ނުވާނެއެވެ. އަދި ހަމަ އެމް.އެމް.އޭ ގެ ހުއްދަ ހޯދައިގެން މެނުވީ ބޭންކަކުން ސީދާކޮށް ނުވަތަ ނުސީދާކޮށް އެހެން ބޭންކެއްގެ އެސެޓުތައް ނުވަތަ އެސެޓުތަކުން ބައެއް ހޯދައިގެން ނުވަތަ ގަނެގެން ނުވާނެއެވެ. އަދި ހަމަ އެމް.އެމް.އޭގެ ހުއްދަ ހޯދައިގެން މެނުވީ އެހެން ބޭންކެއްގެ ލައިބިލިޓީތަކުގެ ޒިންމާ ނަގައިގެންވެސް ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާގޮތަށް އެއް ބޭންކު އަނެއް ބޭންކާ އެއްކޮށްލުމުގެ ނުވަތަ އެހެން ބޭންކެއްގެ ޑިޕޮސިޓްތަކުގެ ޒިންމާ ނެގުމުގެ 90 (ނުވަދިހަ) ދުވަސް ކުރިން އެމް.އެމް.އޭ ގެ ހުއްދައަށް އެދި ހުށަހަޅަންވާނެއެވެ. އަދި މިފަދަ ހުށަހެޅުމަކާ ގުޅިގެން، އެމް.އެމް.އޭ އިން އަންގާ މައުލޫމާތު އެމް.އެމް.އޭ އަށް ހުށަހަޅަންވާނެއެވެ.

(ނ) އެއްކޮށްލުމަށް ހުށަހަޅާފައިވާ ބޭންކުތަކާއި، އެ ބޭންކުތައް އެއްކޮށްލުމުން ހުންނާނެ ބޭންކުގެ މާލީ އަދި ހިންގުންތެރިކަމުގެ ގާބިލިއްޔަތުކަމާއި ކުރިމަގުގެ ވިޔަފާރީގެ ފުރުސަތުތައް އެމް.އެމް.އޭ އިން ބަލަންވާނެއެވެ. އަދި އެއްކޮށްލުމުން ހުންނާނެ ބޭންކަކީ އާ ބޭންކެއްގެ ގޮތުގައި ލައިސަންސް ހޯދުމަށް އެދި ހުށަހަޅައިފިނަމަ، ލައިސަންސް ދޫކުރުމަށް ފުރިހަމަ ކުރަންޖެހޭ ހުރިހާ ށަރުތުތަކެއް ފުރިހަމަވާނެ ބޭންކަކަށްވާނަމަ، މެނުވީ އެމް.އެމް.އޭ އިން އެފަދަ ހުށަހެޅުމަކަށް ހުއްދަ ދީގެން ނުވާނެއެވެ. މީގެ އިތުރުން، މިފަދަ ހުއްދައެއް ދިނުމުގެ ސަބަބުން ބޭންކިންގ ދާއިރާގެ ވާދަވެރިކަން ކުޑަވެގެންދާނެކަމަށް އެމް.އެމް.އޭ އަށް ގަބޫލުކުރެވޭނަމަ، ހުއްދައެއް ނުދެވޭނެއެވެ. ނަމަވެސް، ވާދަވެރިކަން ކުޑަވުމުގެ ސަބަބުން ކޮށްފާނެ ނޭދެވޭ އަސަރަކަށްވުރެ، މިފަދަ ހުއްދައެއް ދިނުމުގެ ސަބަބުން ކުރާނެ އެދެވޭ އަސަރު ބޮޑުކަމަށް އެމް.އެމް.އޭ އަށް ގަބޫލުކުރެވޭނަމަ، އެ ހުއްދައެއް ދެވިދާނެއެވެ.

 

22 ވަނަ މާއްދާ - އޮޑިޓް ކޮމިޓީ

(ހ) ކޮންމެ ބޭންކަކުންވެސް އޮޑިޓް ކޮމިޓީއެއް އުފައްދަންވާނެއެވެ. އަދި މި ކޮމިޓީ މަދުވެގެން އަހަރަކު 4 (ހަތަރެއް) ފަހަރު ބައްދަލުކުރަންވާނެއެވެ. އޮޑިޓް ކޮމިޓީ ވާންވާނީ ޑިރެކްޓަރުންގެ ބޯޑުގެ ތެރެއިން ހޮވާ ކޮމިޓީއަކަށެވެ. އަދި މި ކޮމިޓީގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.

  1. ބޭންކުގެ އެކައުންޓިންގ އުސޫލުތައް ހަމަޖައްސާނެގޮތާއި، ރިސްކް މެނޭޖްމަންޓާބެހޭ އިންޓަރނަލް ކޮންޓްރޯލް އަދި ބޭންކުގެ މާލީ ހާލަތު އަންގައިދޭ ރިޕޯޓުތަކާބެހޭ އިންޓަރނަލް ކޮންޓްރޯލްތައް، އަދި ބޭންކުގެ އިންޓަރނަލް އަދި އެކްސްޓަރނަލް އޮޑިޓްގެ ކަންތައް ހަމަޖައްސަން ގަސްދުކުރާގޮތް ޑިރެކްޓަރުންގެ ބޯޑާއެކު މަށްވަރާކޮށް، އެކަންތައްތައް އެގޮތަށް ކުރުމުގެ ހުއްދައަށް އެފަރާތުގެ ކިބައިން އެދުން؛
  2. މި ގާނޫނުގެ 50 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، ބޭންކަށް އެކްސްޓަރނަލް އޮޑިޓަރެއް އައްޔަންކުރުމަށް، ހިއްސާދާރުންނަށް ހުށަހެޅުން؛
  3. ބޭންކުގެ މާލީ ހިސާބުތަކާބެހޭ ގޮތުން އެކްސްޓަރނަލް އޮޑިޓަރު ތައްޔާރުކުރާ ރިޕޯޓު ބަލައި، މާލީ ހިސާބުތައް ޑިރެކްޓަރުންގެ ބޯޑުން ފާސްކުރުމުގެ ކުރިން، އެ ރިޕޯޓާބެހޭ ގޮތުން އޮޑިޓް ކޮމިޓީގެ ހިޔާލު ޑިރެކްޓަރުންގެ ބޯޑަށް ހުށަހެޅުން؛
  4. ބޭންކުގެ އެކްސްޓަރނަލް އަދި އިންޓަރނަލް އޮޑިޓަރުންގެ މަސައްކަތް ހިނގާގޮތް ބެލުން؛
  5. ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ބޭންކުން އަމަލުކުރޭތޯ ބަލައި، މިކަމާބެހޭ ގޮތުން ޑިރެކްޓަރުންގެ ބޯޑަށް ރިޕޯޓުކުރުން؛ މި ކަންތައްތައް ބަލާނީ ބޭންކުގެ އެކްސްޓަރނަލް އަދި އިންޓަރނަލް އޮޑިޓް މަސައްކަތް ހިނގާގޮތް ބެލުމުގެ ތެރެއިންނެވެ.
  6. ބޭންކުން އެމް.އެމް.އޭ އަށް ހުށަހަޅަންޖެހޭ ރިޕޯޓުތައް ހުށަހެޅުމުގެ ކުރިން އެ ރިޕޯޓުތައް ބެލުން؛
  7. ޑިރެކްޓަރުންގެ ބޯޑުން އޮޑިޓް ކޮމިޓީއާ ހަވާލުކުރާ ކަންތައްތަކާބެހޭ ގޮތުން ޑިރެކްޓަރުންގެ ބޯޑަށް ރިޕޯޓުކުރުން؛
  8. ބޭންކުގެ އެކްސްޓަރނަލް އަދި އިންޓަރނަލް އޮޑިޓަރުންގެ ރިޕޯޓުތައް ބަލައި، އެ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ކަންތައްތަކާބެހޭ ގޮތުން ބޭންކުގެ މެނޭޖްމަންޓުން އެކަށޭނަ ފިޔަވަޅުތައް އަޅާތޯ ބެލުން؛ އަދި
  9. މަދުވެގެން އަހަރަކު އެއްފަހަރު ބޭންކުގެ ހިއްސާދާރުންގެ އާންމު ޖަލްސާއެއްގައި، ހިއްސާދާރުންނަށް އޮޑިޓް ކޮމިޓީގެ ހަރަކާތްތަކާބެހޭ ގޮތުން ރިޕޯޓު ކުރުން.

(ށ) އޮޑިޓް ކޮމިޓީގައި މަދުވެގެން 3 (ތިނެއް) މެންބަރުން ތިބެންވާނެއެވެ. މި މެންބަރުން ހޮވާނީ ޑިރެކްޓަރުންގެ ބޯޑުން، 4 (ހަތަރެއް) އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށެވެ. އަދި މެންބަރުންގެ ގޮތުގައި ހޮވާނީ ޑިރެކްޓަރުންގެ ބޯޑުގެ ތެރެއިން ފަރާތްތަކެކެވެ. އޮޑިޓް ކޮމިޓީގެ މެންބަރުން މި މުއްދަތުގެ އިތުރު ދައުރުތަކަކަށް އަލުން ހޮވިދާނެއެވެ. ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަންއާއި ބޭންކުގެ މެނޭޖިންގ ޑިރެކްޓަރަކީ އޮޑިޓް ކޮމިޓީގެ މެންބަރުންގެ ގޮތުގައި ތިބެގެންނުވާނެ ފަރާތްތަކެވެ. ނަމަވެސް ޑިރެކްޓަރުންގެ ބޯޑުގައި ތިބެނީ ހަމައެކަނި ފަސް މެންބަރުންނަމަ، މި ދެ ފަރާތުން ކުރެ ފަރާތެއް އޮޑިޓް ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހަމަޖެއްސިދާނެއެވެ. އޮޑިޓް ކޮމިޓީގެ މެންބަރުންގެ ތެރެއިން %50 (ފަންސާސް އިންސައްތަ) އަށްވުރެ ގިނަ މެންބަރުންނަކީ ބޭންކުގައި ވަޒީފާ އަދާނުކުރާ ފަރާތްތަކަށް ވާންޖެހޭނެއެވެ. އަދި މި ކޮމިޓީގެ ބައެއް ފަރާތްތަކަކީ މާލީ ރިޕޯޓުތައް ތައްޔާރުކުރުމާއި، އެކައުންޓިންގ ނުވަތަ އޮޑިޓްކުރުމުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ވާންޖެހޭނެއެވެ. ޑިރެކްޓަރުންގެ ބޯޑުން އޮޑިޓް ކޮމިޓީގެ ޗެއަރމަންގެ ގޮތުގައި ހަމަޖައްސަންވާނީ ބޭންކުގެ މުވައްޒަފެއް ނޫން ފަރާތެކެވެ. ބިދޭސީ ބޭންކެއްގެ ބްރާންޗެއްގެ އޮޑިޓް ކޮމިޓީ ހޮވާނީ ބޭންކުގެ މައި އޮފީހުންނެވެ. ނަމަވެސް އޮޑިޓް ކޮމިޓީގެ މެންބަރެއްކަމަށް އެފަދަ ބްރާންޗެއްގެ އައްޔަންކުރެވިފައިވާ ބްރާންޗް މެނޭޖަރު ހަމަޖައްސައިގެން ނުވާނެއެވެ.

(ނ) އޮޑިޓް ކޮމިޓީގެ ނިންމުންތައް ނިންމާނީ ހާޒިރުވެ ތިބި މެންބަރުންގެ ތެރެއިން %50 (ފަންސާސް އިންސައްތަ) އަށްވުރެ ގިނަ ވޯޓު ލިބިގެންނެވެ. ވޯޓު ހަމަޔަށް ބެހިފައިވާ ހާލަތްތަކުގައި ވަކިގޮތެއް ނިންމުމަށް ވޯޓުލާނީ ޗެއަރމަންއެވެ.

 

23 ވަނަ މާއްދާ - މި ގާނޫނުގައި ވަކިގޮތެއް ބަޔާން ކުރެވިފައި ނުވާ ކަންތައް

މި ގާނޫނުގެ އެއްވެސް މާއްދާއަކާ ތައާރުޒުނުވާ ހިނދެއްގައި، ޑިރެކްޓަރުންގެ ބޯޑާއި، މެނޭޖިންގ ޑިރެކްޓަރާއި، ބޭންކުގެ މެނޭޖްމަންޓް އަދި ހިއްސާދާރުންގެ އާންމު ޖަލްސާއާގުޅޭ ކަންކަމުގައި އަމަލުކުރަންވާނީ ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) އާ އެއްގޮތަށެވެ.

  

6 ވަނަ ބާބު

ބޭންކިންގ ހިދުމަތްތައް ދިނުމުގެ އުސޫލުތަކާއި ހަމަތައް 

24 ވަނަ މާއްދާ - ބޭންކިންގގެ އާންމު އުސޫލުތައް

(ހ) ބޭންކުތައް ހިންގަންވާނީ ހަރުދަނާކޮށް އަދި މި ގާނޫނާއި، ބޭންކުގެ ލައިސަންސްގެ ށަރުތުތަކާއި، އެމް.އެމް.އޭ އިން ކަނޑައަޅާ ގަވާއިދުތަކާއި، އިރުށާދުތަކާއި، ނިންމުންތަކާއި، އެންގުންތަކާއެއްގޮތްވާ ގޮތުގެމަތިންނެވެ. ބޭންކުތަކުން ލައިބިލިޓީތައް ދެއްކޭނެ އެކަށީގެންވާ މިންވަރަކަށް ރައުސްމާލު އަދި ލިކުއިޑިޓީ ބަހައްޓަންވާނެއެވެ. އަދި އެކަށީގެންވާ މިންވަރަކަށް، ލޯނުން ލިބިދާނެ ގެއްލުމާގުޅޭ ޕްރޮވިށަން، އެސެޓުތަކުގެ ޑިޕްރިސިއޭށަންގެ ޕްރޮވިށަން، އަދި ލިބިދާނެ އެހެނިހެން ގެއްލުންތަކަށް ޕްރޮވިށަން ހަދަންވާނެއެވެ. އަދި ބޭންކުތަކުން އެކަށީގެންވާ ގޮތަކަށް ހިސާބުތަކާއި ރިކޯޑުތައް ބަހައްޓާ، ބޭންކަށް ނޭދެވޭ އަސަރެއްކޮށްފާނެ ކަންކަމަށް ފިޔަވަޅުއަޅައި، ގެއްލުން ކުޑަކޮށް ހިންގޭނެގޮތަކަށް ބޭންކުގެ އެސެޓުތަކާއި ލައިބިލިޓީތައް ބަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ކަންތައްތަކަށާއި، ބައިނަލްއަގްވާމީ މިންގަނޑުތަކާއި، ހަމަތަކާއި އެއްގޮތްވާގޮތަށް ބޭންކުތައް ހިނގާ ނުހިނގާގޮތް ބެލުމަށް ބޭނުންވާ ގަވާއިދުތައް އެމް.އެމް.އޭ އިން އެކަށައަޅަންވާނެއެވެ. އެމް.އެމް.އޭ އިން މިފަދަ ގަވާއިދުތައް އެކަށައަޅާފައި ނެތްނަމަވެސް ބޭންކުތަކުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރަންވާނެއެއެވެ.

 

25 ވަނަ މާއްދާ - ބޭންކިންގ ހިދުމަތްތައް

(ހ) ބޭންކަކުން، އެ ބޭންކެއްގެ ލައިސަންސްގެ ށަރުތުތަކާ ހިލާފުނުވާ ގޮތަށް، ތިރީގައިމިވާ ހުރިހާ ކަންތައްތައް ނުވަތަ އެއިން ބައެއް ކަންތައްތައް ކުރެވިދާނެއެވެ.

  1. އިންޓްރެސްޓް ނުވަތަ އިންޓްރެސްޓްއަކާ ނުލައި ފައިސާގެ ގޮތުގައި އެއްވެސް ބާވަތެއްގެ ޑިޕޮސިޓެއް ނުވަތަ އަނބުރާ ދައްކަންޖެހޭ އެހެންވެސް ބާވަތެއްގެ ފައިސާއެއް ބަލައިގަތުން؛
  2. އެއްވެސް ބާވަތެއްގެ ދަރަންޏެއް، ރަހުނަކާއެކު ނުވަތަ ރަހުނަކާ ނުލައި ނަމަވެސް ދޫކުރުން. މީގެ ތެރޭގައި ހުރިހާ ބާވަތެއްގެ ލޯނު ދޫކުރުން، ރިކޯސްއާއެކީ ނުވަތަ ރިކޯސްއާ ނުލައި ފެކްޓަރކުރުން، ވިޔަފާރީގެ މުއާމަލާތުތަކަށް އެކި ބާވަތުގެ ދަރަނި ދޫކުރުން، މީގެ ތެރޭގައި ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުން ރިކޯސްއަކާނުލައި، އޭގެ މޫނުމަތީގެ އަގަށްވުރެ ކުޑަ އަގަކަށް ގަތުން ހިމެނޭގޮތަށް އަދި ފައިނޭންށަލް ލީސިންގގެ ހިދުމަތްދިނުން ހިމެނޭނެއެވެ؛
  3. މަނީ މާކެޓް އިންސްޓްރޫމެންޓެއް، މީގެ ތެރޭގައި ޗެކް، ބިލް އޮފް އެކްސްޗޭންޖް، ޕްރޮމިސަރީ ނޯޓް އަދި ސެޓިފިކެޓް އޮފް ޑިޕޮސިޓް ހިމެނޭގޮތަށް؛ ބޭރު ފައިސާއެއް؛ ބުލިއަން؛ އެކްސްޗޭންޖް އަދި އިންޓްރެސްޓް ރޭޓް އިންސްޓްރޫމެންޓެއް؛ ސްޓޮކްއާއި އެހެނިހެން ސެކިއުރިޓީ؛ ކަރެންސީ، ސްޓޮކް، ބޮންޑް، އަގުބޮޑު މައުދަން، އިންޓްރެސްޓް ރޭޓް، މިއިން އެއްޗަކާގުޅޭ އެއްވެސް ބާވަތެއްގެ ޑެރިވެޓިވްއެއް، އެފަރާތެއްގެ އަމިއްލަ ނަމުގައި ނުވަތަ ކަސްޓަމަރެއްގެ ނަމުގައި ގަތުމާއި ވިއްކުން. މީގެ ތެރޭގައި އަންޑަރައިޓްކުރުމާއި ބްރޯކަރޭޖް ހިދުމަތްދިނުން ހިމެނެއެވެ. ސެކިއުރިޓީ އަންޑަރައިޓް ކުރުމުގެ އެއްވެސް މަސައްކަތެއް ކުރަންވާނީ ކޮންމެ ހުށަހެޅުމަކަށްވެސް އެ ބޭންކެއްގެ ރައުސްމާލާއި ރިޒަރވްގެ %15 (ފަނަރަ އިންސައްތަ) އަށްވުރެ ބޮޑުނޫން އަދަދެއް ހޭދަނުވާނެ ގޮތަށް، އަދި މި މާއްދާގެ (ށ) ގެ ދަށުން ބޭންކަކުން އާންމުކޮށް ސެކިއުރިޓީ އަންޑަރައިޓްކުރުމާގުޅޭ ގޮތުން އެމް.އެމް.އޭ އިން އެކަށައަޅާ ށަރުތުތަކާ، ވަކިވަކި އަންޑަރައިޓްކުރުންތަކަށް އެމް.އެމް.އޭ އިން އެކަށައަޅާ ވަކިވަކި ށަރުތުތަކާއެއްގޮތްވާ ގޮތުގެމަތިންނެވެ؛
  4. އިންށުއަރަންސް ހިދުމަތްދިނުމުގައި އޭޖެންޓެއް ނުވަތަ ބްރޯކަރެއްގެ ގޮތުގައި މަސައްކަތްކުރުން؛
  5. ކޮންޓިންޖެންޓް ކޮމިޓްމަންޓެއް ހެދުން. މީގެ ތެރޭގައި އަމިއްލަ ނަމުގައި އަދި ކަސްޓަމަރުންގެ ނަމުގައި ދެވޭ ބޭންކު ގެރެންޓީއާއި ލެޓަރ އޮފް ކްރެޑިޓް ހިމެނޭނެއެވެ؛
  6. ފައިސާ، ސެކިއުރިޓީތައް، ޕޭމަންޓް އޯޑަރތައް، އަދި ޗެކް، ކްރެޑިޓް ކާޑު، ޑެބިޓް ކާޑު، އަދި މި ނޫންވެސް ފައިސާ ދެއްކުމުގައި ބޭނުންކުރާ ކާޑުތައް، ޓްރެވަލާސް ޗެކުތައް، އަދި ބޭންކު ޑްރާފްޓްތައް، ޓްރާންސްފަރ، އަދި ކުރިން ހުއްދަ ދީފައިވާ ޑެބިޓްއާއި ކްރެޑިޓްތައް ފަދަ ޕޭމަންޓް އިންސްޓްރޫމެންޓްތަކަށް؛ ކްލިއަރިންގއާއި ސެޓްލްމަންޓްގެ ހިދުމަތްތައް އަދި ޓްރާންސްފަރ ކުރުމުގެ ހިދުމަތްދިނުން؛
  7. މަނީ ބްރޯކަރިންގގެ ހިދުމަތް ދިނުން؛
  8. ޓްރަސްޓްގެ ހިދުމަތް ދިނުން؛
  9. ސޭފް ޑިޕޮސިޓް ބޮކްސްގެ ހިދުމަތް ދިނުން؛
  10. އެއްވެސް ފަރާތެއްގެ ސެކިއުރިޓީތަކެއް ފައިދާހުރި ގޮތެއްގައި ބަލަހައްޓައިދިނުމުގެ ހިދުމަތް ދިނުން، ނުވަތަ މާލީ ކަންތައްތަކުގައި އޭޖެންޓެއްގެ ގޮތުގައި ހިދުމަތް ދިނުން، ނުވަތަ މާލީ ކަންތައްތަކުގައި ލަފާ ދިނުމުގެ ހިދުމަތް ދިނުން؛
  11. އެކިފަރާތުގެ މާލީ ހާލަތާއި ދަރަނިވެރިކަމުގެ މައުލޫމާތު ދިނުމުގެ ހިދުމަތް ދިނުން؛ އަދި
  12. އިސްވެ ބުނެވިފައިވާ ކަންތައްތަކާ ގުޅިގެންދެވޭ ހިދުމަތްތަކާއި، މި ގާނޫނުގެ 26 ވަނަ މާއްދާގައި މަނާނުކުރާ ހިނދެއްގައި، އެމް.އެމް.އޭ އިން ހެދޭ ގަވާއިދެއްގެ ދަށުން ބޭންކިންގ ހިދުމަތެއްކަމަށް ހުއްދަކުރާ ކޮންމެ ހިދުމަތެއް.

(ށ) މި މާއްދާގެ (ހ) ގެ (3) ، (4) ، (8) އަދި (10) ވަނަ ނަންބަރުގައި ބުނާ ބޭންކިންގ ހިދުމަތްތަކާއި ހަރަކާތްތައް ހިންގުމުގެ ކުރިން އެމް.އެމް.އޭ ގެ ހުއްދަ ހޯދަންވާނެއެވެ. ނަމަވެސް ބޭރު ފައިސާއާއި މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބުނެފައިވާފަދަގޮތަށް މަނީ މާކެޓް އިންސްޓްރޫމެންޓް ގަނެ ވިއްކުމުގެ ހަރަކާތްކުރުމަށް މިފަދަ ހުއްދައެއް ހޯދާކަށް ނުޖެހޭނެއެވެ. ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުންތަކަށް ހުއްދަ ދިނުމުގައި އެމް.އެމް.އޭ އިން ތިރީގައިވާ ކަންތައްތަކަށް ބަލަންވާނެއެވެ.

  1. ހުށަހަޅާފައިވާ ފަރާތުގެ މާލީ އަދި ހިންގުންތެރިކަމުގެ ގާބިލިއްޔަތުކަމާއި، ކަމާބެހޭ ގޮތުން އެކަށީގެންވާ މައުލޫމާތު ހުރި މިންވަރާއި، ރިސްކް މެނޭޖްމަންޓް ޕްރޮސީޖަރތައް، އަދި ހުށަހަޅާފައިވާ ހަރަކާތްތައް އެކަށީގެންވާ ގޮތަކަށް، ހަރުދަނާ ގޮތެއްގައި ހިންގުމަށް ބޭނުންވާނެ އެހެނިހެން ކަންތައްތައް؛
  2. ހުއްދައަށް އެދިފައިވާ ހަރަކާތްތައް ހިންގުމުގެ ސަބަބުން އެފަރާތުގެ ޑިޕޮސިޓަރުންނާއި ކްރެޑިޓަރުންގެ ހައްގުތަކަށް ހީނަރުކަމެއް އައުމުގެ ފުރުސަތު؛ އަދި
  3. ހުއްދައަށް އެދިފައިވާ ހަރަކާތްތައް ހުށަހަޅާފައިވާ ގޮތަށް ހިންގުމުގެ ސަބަބުން މާލީ ދާއިރާގެ ވާދަވެރިކަން އިތުރުވުމާއި އާންމުންނަށް ފައިދާކުރުމުގެ ފުރުސަތު އެމް.އެމް.އޭ އަށް ފެނިއްޖެ ހިނދެއްގައި ހުށަހަޅާފައިވާ ހަރަކާތްތަކަށް ހުއްދަދިނުމުގައި އިތުރު ށަރުތުތަކެއް ކަނޑައެޅިދާނެއެވެ.

(ނ) އެމް.އެމް.އޭ އަށް ފެނިއްޖެ ހިނދެއްގައި، އެފަރާތުން ކަނޑައަޅާ ށަރުތުތަކަކާ އެއްގޮތްވާ ގޮތުގެމަތިން، ބޭންކުތަކުން ވަކި ހިދުމަތްތަކެއް، އެ ބޭންކުގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ ގިނަ ހިއްސާ އެކުލެވޭ، ވަކި ރައުސްމާލެއްގެ ދަށުން ހިންގާ ސަބްސިޑިއަރީއެއް މެދުވެރިކޮށް ކުރުމަށް އެންގިދާނެއެވެ.

(ރ) އެމް.އެމް.އޭ އަށް ފެނިއްޖެ ހިނދެއްގައި ހުއްދަކުރެވިފައިވާ ބޭންކިންގ ހިދުމަތެއް ނުވަތަ ހަރަކާތެއް ކޮމްޕިއުޓަރ، އިންޓަރނެޓް ނުވަތަ އެހެންވެސް ގޮތަކުން އިލެކްޓްރޯނިކްކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ހުއްދަ ދެވިދާނެއެވެ. މިފަދަ ހުއްދައެއް ދިނުމުގެ ކުރިން، އެ ހުއްދަދެވޭ ފަރާތަކުން ދޭން ގަސްދުކުރާ ހިދުމަތް ނުވަތަ ހަރަކާތަކީ ތިރީގައިވާ ކަންތައްތަކާ އެއްގޮތަށް ދޭނެ ހިދުމަތެއްތޯ ނުވަތަ ހަރަކާތެއްތޯ ބަލަންވާނެއެވެ.

  1. ހަރުދަނާ ބޭންކިންގ އުސޫލުތަކާ އެއްގޮތްވާ ގޮތަށް؛
  2. ކަސްޓަމަރުންނަށާއި ބޭންކަށް އަދި އެހެން ފަރާތްތަކަށްވެސް އެކަށީގެންވާ ރައްކާތެރިކަން ފޯރުކޮށްދޭ ގޮތަށް؛
  3. ކަސްޓަމަރުންނާބެހޭ މައުލޫމާތު ރައްކާތެރިކޮށްދޭ ފަދަ ގޮތަކަށް؛
  4. ކަސްޓަމަރުންގެ ހައްގުތަކަށް ހީނަރުކަމެއް ނާންނާނެ ގޮތަކަށް.

(ބ) މިފަދަ ހުއްދައެއް އެމް.އެމް.އޭ އިން ދޭންވާނީ، އިލެކްޓްރޯނިކްކޮށް މި ހިދުމަތްދިނުމުގެ ސަބަބުން އެމް.އެމް.އޭ އިން އެ ބޭންކެއް ހިނގާ ނުހިނގާގޮތް ބެލެހެއްޓުމަށް ހުރަހެއް އެޅޭނެކަމަށް ނުބެލެވޭނަމައެވެ. އަދި އެ ބޭންކަށާއި މުޅި ބޭންކިންގ ނިޒާމަށް އަދި ޕޭމަންޓް ސިސްޓަމަށް ނޭދެވޭ އަސަރެއް ކޮށްފާނެކަމަށް ނުބެލެވޭނަމައެވެ. އިލެކްޓްރޯނިކްކޮށް ބޭންކިންގ ހިދުމަތްދިނުމާބެހޭ ގޮތުން ގަވާއިދުތަކެއް އެކަށައެޅުމުގެ ބާރު އެމް.އެމް.އޭ އަށް ލިބިގެންވެއެވެ.

(ޅ) ބޭންކަކުން ހިންގޭނީ ކޮން ހަރަކާތްތަކެއްކަން އަދި ހުއްދަ ކުރެވިފައިވާ ހަރަކާތްތައް ހިންގޭނީ ކޮން ށަރުތުތަކެއް ނުވަތަ އުސޫލުތަކެއްގެ މަތިންކަން ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި އެމް.އެމް.އޭ އަށެވެ.

 

26 ވަނަ މާއްދާ - ކުރުން މަނާ ކަންތައްތައް

(ހ) އެއްވެސް ބޭންކަކުން ހޯލްސޭލް ނުވަތަ ރީޓޭލް ވިޔަފާރި، މެނުފެކްޗަރ ކުރުން، ދަތުރުފަތުރު، ދަނޑުވެރިކަން، މަސްވެރިކަން، މައިންކުރުން، އިމާރާތްކުރުން، އިންށުއަރަންސް އަންޑަރައިޓްކުރުން، އަދި މި ގާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަރަކާތްތައް ފިޔަވައި އެހެން އެއްވެސް ވިޔަފާރީގެ ހަރަކާތެއް ހިންގައިގެން ނުވާނެއެވެ. އަދި މިއިން ހަރަކާތެއް ހިންގުމުގައި އެހެން ފަރާތެއްގެ އޭޖެންޓެއްގެ ގޮތުގައި، ނުވަތަ އެހެން ފަރާތަކާއެކު ޕާރޓްނަރެއްގެ ގޮތުގައި ނުވަތަ އެހެން ފަރާތަކާއެކު ވިޔަފާރީގެ ބައިވެރިއެއްގެ ގޮތުގައިވެސް ބައިވެރިވެގެން ނުވާނެއެވެ. ނަމަވެސް އެމް.އެމް.އޭ ގެ ހުއްދަ ލިޔުމަކުން ހޯދުމަށްފަހު، ކުރިން ދޫކުރެވިފައިވާ ދަރަންޏެއްގެ ފައިސާ ހޯދުމަށްޓަކައި މިއިން ހަރަކާތެއް ވަގުތީގޮތުން ކުރެވިދާނެއެވެ. މިގޮތުން އެމް.އެމް.އޭ އިން ދޭ ހުއްދައިގައި، ހުއްދަދެވޭ ހަރަކާތް ހިންގުން ހުއްޓާލަންޖެހޭ ތާރީހެއް ކަނޑައެޅިދާނެއެވެ.

(ށ) އިސްލާމިކް ބޭންކުތަކުންނާއި، ބޭންކުގެ ވަކި ޑިވިޒަނެއް ނުވަތަ ޑިޕާރޓްމަންޓަކުންނާއި، އިސްލާމިކް ބޭންކިންގގެ ހިދުމަތްދޭ ބޭންކުތަކުން އެމް.އެމް.އޭ އިން އެކުލަވާލާ ގަވާއިދުތަކާއި ހަމަތަކާއެއްގޮތަށް އިސްލާމިކް ބޭންކިންގގެ ހިދުމަތްދިނުން މި މާއްދާގެ (ހ) މަނައެއް ނުކުރެއެވެ.

(ނ) ތިރީގައިމިވާ ހާލަތްތަކުގައި ނުވަތަ ގާނޫނު ހުއްދަކުރާ ހާލަތްތަކުގައި މެނުވީ، ބޭންކަކުން ޑިޕޮސިޓްގެ ފައިސާ އަނބުރާ ދިނުމަށްޓަކައި ސެކިއުރިޓީއެއް ދީގެން ނުވާނެއެވެ. އަދި ހަމަ މިފަދަ ހާލަތްތަކުގައި މެނުވީ ބޭންކެއްގެ އެސެޓުތައް ރަހުނުކޮށްގެންވެސް ނުވާނެއެވެ.

  1. ގާނޫނެއްގެ ދަށުން، ދިވެހި ސަރުކާރުގެ ޑިޕޮސިޓްގެ ފައިސާ ބަލައިގަތުމުގައި ބޭންކެއްގެ އެސެޓުތައް ރަހުނުކުރަންޖެހޭނަމަ، މިކަމަށްޓަކައި ބޭންކުގެ އެސެޓުތައް ރަހުނުކުރެވިދާނެއެވެ.
  2. ދަރަންޏަށް ނަގާފައިވާ ފައިސާ އަނބުރާ ދެއްކުމަށް ނުވަތަ ޕްރައިވެޓް އިންށުއަރަންސް ކުންފުންޏަކުން ޑިޕޮސިޓް އިންށުއަރަންސް ގަތުމަށް، އެމް.އެމް.އޭ ގެ ހުއްދަ ލިބިގެން ބޭންކެއްގެ އެސެޓުތައް ރަހުނުކުރެވިދާނެއެވެ.

(ރ) މި މާއްދާއާ ހިލާފަށް އެސެޓުތައް ރަހުނު ކޮށްފައިވާނަމަ، އެ ރަހުނުތަކަކީ ބާތިލު ރަހުނުތަކެކެވެ.

 

27 ވަނަ މާއްދާ - ބޭންކު ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި ހިންގުމަށްޓަކައި އަމަލުކުރަންޖެހޭ ކަންތައްތައް

(ހ) ކޮންމެ ބޭންކެއްގެ ޑިރެކްޓަރުންގެ ބޯޑުންވެސް އެކަށީގެންވާ ރިސްކް މެނޭޖްމަންޓް ޕޮލިސީތަކެއް އެކުލަވާލައި، އެ އެސޫލުތަކާއެއްގޮތަށް އަމަލު ކުރަންވާނެއެވެ. އަދި ބޭންކުތައް ހިންގަންވާނީ ހަރުދަނާ ބޭންކިންގ އުސޫލުތަކާއެއްގޮތްވާ ގޮތުގެމަތިންނެވެ. ބޭންކުން މިގޮތުން އެކުލަވާލާ ޕޮލިސީތައް ނުވަތަ ހަމަޖައްސާ އުސޫލުތައް ހުންނަންވާނީ މި ގާނޫނުގެ 24 ވަނަ މާއްދާއާއި، އެ މާއްދާގެ ދަށުން އެމް.އެމް.އޭ އިން ގަވާއިދުތަކާއި އިރުށާދުތަކެއް ހަދާފައިވާނަމަ، އެފަދަ ގަވާއިދުތަކާއި އިރުށާދުތަކާއެއްގޮތްވާ ގޮތަށް އަދި މި މާއްދާގެ (ށ) ގެ ދަށުން އެމް.އެމް.އޭ އިން ގަވާއިދުތަކެއް ހަދައިފިނަމަ، އެ ގަވާއިދުތަކާވެސް އެއްގޮތްވާ ގޮތަށެވެ. އަދި ހާއްސަކޮށް ތިރީގައިމިވާ ކަންތައްތަކާއި، ބޭންކުގެ ހަރުދަނާކަން ނުވަތަ ހާލަތު ދައްކުވައިދޭ ރޭށިއޯތަކާގުޅޭ ގޮތުން ބޭންކުން ޕޮލިސީތަކެއް ނުވަތަ އުސޫލުތަކެއް ކަނޑައަޅައި، އެއަށް އަމަލު ކުރަންވާނެއެވެ.

  1. ބޭންކުގެ ލައިބިލިޓީތަކާ އަޅާ ބަލާއިރު، ނުވަތަ ލިބިފައިވާ ގެރެންޓީތަކާއި ބޭންކުން ނަގާފައިވާ ރަހުނުތައް ހިމެނޭގޮތަށް ބޭންކުގެ އެސެޓުތަކުގެ އަގު ނުވަތަ އަގަށް އަންނަ ބަދަލާ އަޅާ ބަލާއިރު، ބޭންކުގެ ލިކުއިޑް އެސެޓުތައް ނުވަތަ ތަކެތި ހުންނަންޖެހޭ މިންވަރު. ލިކުއިޑް އެސެޓު ހުންނަންޖެހޭ މިންވަރާ އެއްވަރުގެ އަދަދަކަށް އެމް.އެމް.އޭގައި ޑިޕޮސިޓްގެ ގޮތުގައި ފައިސާ ބެހެއްޓިދާނެއެވެ. އަދި މިގޮތަށް ބެހެއްޓުމުން ލިކުއިޑް އެސެޓު ހުންނަންޖެހޭ މިންވަރަށް ހުރި ކަމަށް ބެލެވޭނެއެވެ؛
  2. ބޭންކަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ ޖުމްލަ އަދަދާއި ބޭންކުގެ އިންވެސްޓްމަންޓްތަކުގެ ޖުމްލަ އަދަދު، ނުވަތަ އޭގެ ތެރެއިން ބައެއް ބާވަތުގެ ފައިސާއާއި އިންވެސްޓްމަންޓްތަކުގެ ޖުމްލަ އަދަދު ގިނަވެގެން ހުންނަންވާނެ ވަރު؛
  3. ބޭންކުގެ އެސެޓުތަކުގެ ފެންވަރަށް ބެލުމަށްފަހު އެސެޓުތައް ދަރަޖަތަކަކަށް ބެހުމާއި، މި ދަރަޖަތަކާ އެކަށީގެންވާ މިންވަރަށް ހަދަންޖެހޭ ޕްރޮވިށަން ކަނޑައެޅުން، އަދި ގަވާއިދުން ފައިސާ ދައްކަމުން ނުގެންދާ ލޯނުތަކަށް ލިބޭ ފައިސާ، ކޭށްގެ ގޮތުގައި ލިބުމުން ނޫނީ، ބޭންކުގެ އާމްދަނީ ތެރެއަށް ވެއްދުން ހުއްޓަންވީ ވަގުތެއް ކަނޑައެޅުން؛
  4. ބޭންކުން ދޫކޮށްފައިވާ އެކި ބާވަތުގެ ދަރަންޏާއި އިންވެސްޓްމަންޓް، އަދި ކޮންޓިންޖެންޓް ލައިބިލިޓީ ނުވަތަ ވަކިކަމެއް މެދުވެރިވެއްޖެނަމަ ބޭންކުން ދައްކަން އެއްބަސްވާ ފައިސާ ހިމެނޭގޮތަށް ނެގޭ ލައިބިލިޓީތައް، އަދި މިނޫންވެސް އެހެނިހެން ލައިބިލިޓީތަކާބެހޭ ގޮތުން މަނާ ކަންތައްތަކާ ށަރުތުތައް؛
  5. ކޮންޓިންޖެންޓް އަދި މި ނޫންވެސް ބާވަތުގެ ލައިބިލިޓީތަކާއި އެސެޓުތަކުގެ މެޗޫރިޓީ ނުވަތަ މުއްދަތު ހަމަވާ ދުވަހާއި އިންޓްރެސްޓް އެއްގޮތްކުރުމުގައި ގެންގުޅެންވީ ށަރުތުތައް؛ އަދި
  6. ހެޖްނުކުރާ ބޭރު ފައިސާގެ ނުވަތަ އަގުހުރި މައުދަނުގެ ވިޔަފާރި، އިންޓްރެސްޓް ރޭޓް އަދި އެކްސްޗޭންޖް ރޭޓާގުޅޭ އިންސްޓްރޫމެންޓްތައް، ސްޓޮކް އަދި އެއްފަރާތުން އަނެއްފަރާތެއްގެ ނަމަށް ބަދަލުކުރެވޭ ސެކިއުރިޓީގެ ވިޔަފާރި، ފޯވާޑް ކޮންޓްރެކްޓް، ސްވޮޕް އެގްރީމެންޓް، ފިއުޗަރސް، އޮޕްށަންސް އަދި މިނޫންވެސް ސްޓޮކާއި އެކި ބާވަތުގެ ފައިސާއާއި، ބޮންޑާއި، އަގުހުރި މައުދަނާއި، އިންޓްރެސްޓް ރޭޓާ ގުޅޭ ޑެރިވެޓިވްތައް؛ މިކަންތައްތަކާބެހޭ ށަރުތުތަކާއި މަނާ ކަންތައްތައް.

(ށ) ރައުސްމާލު ބަހައްޓަންޖެހޭ މިންގަނޑުތައް، އެސެޓުތައް ދަރަޖަތަކަކަށް ބެހުން، ލޯނުގެ އިންޓްރެސްޓް އާމްދަނީގެ ތެރެއަށް ނެގުން ހުއްޓަންވީ ވަގުތު، ލޯނުތަކަށް ޕްރޮވިށަން ހެދުން، އެއްފަރާތަކަށް ގިނަވެގެން ދޫކުރެވޭނެ ދަރަނީގެ އަދަދު، ގުޅިފައިވާ ފަރާތްތަކަކަށް ގިނަވެގެން ދޫކުރެވޭނެ ދަރަނީގެ އަދަދު، ބޭންކާ ގުޅުން ހުރި ފަރާތްތަކާއެކު ކުރެވޭ މުއާމަލާތުތައް، ބޭރު ފައިސާގެ އޯޕަން ޕޮސިށަން ބަހައްޓަންވީ މިންގަނޑުތައް، އެހެން ބޭންކުތަކުގައި ފައިސާ ބަހައްޓަންވީ މިންގަނޑުތައް، ލިކުއިޑިޓީ ބެލެހެއްޓުން، އަދި ބޭންކު ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި ހިންގުމަށްޓަކައި މުހިންމު އެހެނިހެން ކަންތައްތައް ބަހައްޓަންވީ ގޮތާބެހޭ އުސޫލުތައް ހިމެނޭގޮތަށް އެމް.އެމް.އޭ އިން ގަވާއިދުތަކެއް ނެރެންވާނެއެވެ. އެމް.އެމް.އޭ އިން ހާއްސަ ހާލަތްތަކުގައި، ބޭންކުން ދޫކުރާ ނުވަތަ ބޭންކަށް ލިބޭ އެކި ބާވަތުގެ ފައިސާ، މީގެ ތެރޭގައި ޑިޕޮސިޓްވެސް ހިމެނޭގޮތަށް އަދި ކޮންޓިންޖެންޓް ލައިބިލިޓީތަކުގެ އިންޓްރެސްޓް ރޭޓާއި މުއްދަތު ހަމަވާ ދުވަސް އަދި އެހެނިހެން ކަންތައްތައް ކަނޑައެޅިދާނެއެވެ.

(ނ) ބޭންކުން މެނޭޖްމަންޓް ކޮންޓްރެކްޓެއް ހެދުމުގެ ކުރިންނާއި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑާއި އެގްޒެކެޓިވް އޮފިސަރުންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އެހެންފަރާތަކަށް ހަވާލުކުރެވޭނެފަދަ އެޑްވައިޒަރީ ނުވަތަ ކޮންސަލްޓިންގ ހިދުމަތެއް ހޯދުމުގެ ކުރިން އެމް.އެމް.އޭ ގެ ހުއްދަ ހޯދަންވާނެއެވެ.

 

28 ވަނަ މާއްދާ - ކްރެޑިޓް އެކްސްޕޯށަރގެ މިންގަނޑުތައް

(ހ) ޓިއަރ 2 ބޭންކަކުން، އެ ބޭންކަކަށް އެއްފަރާތަކަށް ނުވަތަ ގުޅިފައިވާ ފަރާތްތަކަކުން އަނބުރާ ލިބެންޖެހޭ ޖުމްލަ ފައިސާގެ ގޮތުގައި ބެހެއްޓޭނީ، ގިނަވެގެން 1,000,000 (އެއް މިލިޔަން) ރުފިޔާއެވެ. ޓިއަރ 1 ބޭންކަކުން ކްރެޑިޓް އެކްސްޕޯށަރގެ ގޮތުގައި ގިނަވެގެން ބެހެއްޓޭނީ ތިރީގައިވާ މިންވަރަށެވެ.

  1. އެއްފަރާތަކުން ނުވަތަ އެމް.އެމް.އޭ އިން އެކުލަވާލާ ގަވާއިދުތަކުގެ ދަށުން އެއްފަރާތެއްކަމަށް ބަލަންޖެހޭނެ ފަދަ ގުޅިފައިވާ ފަރާތްތަކުން، ކްރެޑިޓް އެކްސްޕޯށަރގެ ގޮތުގައި ގިނަވެގެން ބެހެއްޓޭނީ އެ ބޭންކެއްގެ ރައުސްމާލުގެ %15 (ފަނަރަ އިންސައްތަ) އެވެ؛ އަދި
  2. އެމް.އެމް.އޭ އިން އެކުލަވާލާ ގަވާއިދެއްގެ ދަށުން މާނަކޮށްފައިވާ ފަދަ ކޯޕަރޭޓް ގްރޫޕަކަށް ކްރެޑިޓް އެކްސްޕޯށަރގެ ގޮތުގައި ބެހެއްޓޭނީ އެ ބޭންކެއްގެ ރައުސްމާލުގެ %40 (ސާޅީސް އިންސައްތަ) އެވެ. އަދި މިފަދަ ކޯޕަރޭޓް ގްރޫޕެއްގައި ހިމެނޭ ވަކިވަކި ފަރާތްތަކުން ދައްކަންޖެހޭ ފައިސާ މި މާއްދާގެ (1) ވަނަ ނަންބަރުގައިވާ މިންވަރަށްވުރެ އިތުރުވެގެން ނުވާނެއެވެ؛ އަދި
  3. އެމް.އެމް.އޭ އިން އެކުލަވާލާ ގަވާއިދުތަކުގެ ދަށުން "ލާޖް އެކްސްޕޯށަރ" ކަމަށް ބަޔާންކޮށްފައިވާ ހުރިހާ ދަރަނި އެއްކޮށްލުމުން އެ ބޭންކެއްގެ ރައުސްމާލުގެ %500 (ފައްސަތޭކަ އިންސައްތަ) އަށް ވުރެ އިތުރުވެގެންނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ގިނަވެގެން ބެހެއްޓޭނެ ކްރެޑިޓް އެކްސްޕޯށަރ ކަމަށް ބުނާ މިންވަރަށް އަމަލުކުރުމުގައި އާންމުކޮށް އަމަލުކުރެވޭނެ ގޮތަށް އެމް.އެމް.އޭ އިން ކަނޑައަޅާ އުސޫލުތަކެއްގެ ދަށުން، ކްރެޑިޓް އެކްސްޕޯށަރގެ ބާވަތަށާއި، އޭގެ ރަހުނަށް ބަލާއިރު އެ ކްރެޑިޓް އެކްސްޕޯށަރގެ ފައިސާ އެހެން ކްރެޑިޓް އެކްސްޕޯށަރތަކުގެ ފައިސާއަށްވުރެ ފަސޭހަކަމާއެކު ލިބޭނެކަމަށް އެމް.އެމް.އޭ އިން ކަނޑައަޅާފައިވާފަދަ ކްރެޑިޓް އެކްސްޕޯށަރތަކަށް، އެމް.އެމް.އޭ އިން އިސްތިސްނާއެއް ދެވިދާނެއެވެ. ނަމަވެސް، އެއްވެސް ހާލަތެއްގައި މިފަދަ ކްރެޑިޓް އެކްސްޕޯށަރއެއް ބޭންކުގެ ކެޕިޓަލް ބޭސްގެ %30 (ތިރީސް އިންސައްތަ) އަށް ވުރެ އިތުރުވެގެން ނުވާނެއެވެ.

(ނ) ސީދާ ސަރުކާރަށް ދޫކުރާ ދަރަނި، ނުވަތަ ސަރުކާރުގެ މިނިސްޓްރީއެއް ނުވަތަ އޭޖެންސީއަކަށް ދޫކުރާ ދަރަނި، ނުވަތަ އެ ދަރަންޏެއްގެ ޕްރިންސިޕަލްއާއި އިންޓްރެސްޓް ދައްކާނެކަމަށް އެއްވެސް ށަރުތަކާ ނުލައި ސަރުކާރުން ޔަގީންކަން ދީފައިވާ ދަރަނި މި މާއްދާގެ (ހ) އާއި (ށ) އިން އިސްތިސްނާވާނެއެވެ. އަދި މި ގާނޫނުގެ 29 ވަނަ މާއްދާއިންވެސް އިސްތިސްނާވާނެއެވެ.

(ރ) މި މާއްދާގެ ބޭނުމަށްޓަކައި ނުވަތަ އެމް.އެމް.އޭ އިން އެކުލަވާލާފައިވާ ގަވާއިދުތަކުގެ ބޭނުމަށްޓަކައި، އެއް ފަރާތަކަށް ދޫކުރެވޭ ދަރަންޏެއް، އެހެންފަރާތަކަށް ނިސްބަތްވާނެ ހާލަތްތަކާއި ނުވަތަ އެއްފަރާތަކަށް ދޫކޮށްފައިވާ ދަރަންޏަކީ އެހެން ފަރާތަކަށާއެކު ދޫކޮށްފައިވާ ދަރަންޏެއްކަމަށް ބެލެވޭނެ ހާލަތްތައް އެމް.އެމް.އޭ އިން ހަދާ ގަވާއިދެއްގައި ކަނޑައެޅިދާނެއެވެ. މި ހާލަތްތައް ކަނޑައަޅަންވާނީ، ދަރަނީގެ ފައިސާ ހޭދަކުރާނެ ގޮތްތަކާއި، ބޭންކަށް އަނބުރާ ފައިސާ ދެއްކުމަށް ފައިސާ ހޯދާނެ ގޮތްތަކުގެ މައްޗަށް ބަލައިގެންނެވެ. އަދި ވަކިވަކި ހާލަތްތަކުގައިވެސް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ދަރަނިތައް އެއްކޮށްލެވޭނެ ހާލަތްތައް އެމް.އެމް.އޭ އިން ކަނޑައެޅިދާނެއެވެ.

 

29 ވަނަ މާއްދާ - ބޭންކާ ގުޅުން ހުރި ފަރާތްތަކަށް ދެވޭ ދަރަނި

(ހ) ގުޅުން ހުރި ފަރާތަކަށް ބޭންކަކުން ދަރަނި ދޫކުރެވޭނީ ތިރީގައިވާ ށަރުތުތައް ފުރިހަމަ ވާނަމައެވެ.

  1. އެ ދަރަންޏެއް ދޫކުރުމަށާއި އެ ދަރަންޏެއްގެ ށަރުތުތައް ޑިރެކްޓަރުންގެ ބޯޑުގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވުމުންނެވެ. ބިދޭސީ ބޭންކުތަކުން މިފަދަ ދަރަނި ދޫކުރަންވާނީ އައްޔަންކުރެވިފައިވާ ބްރާންޗް މެނޭޖަރުގެ ހުއްދަ ލިބިގެންނެވެ. ނަމަވެސް މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބުނާފަދަ މުވައްޒަފުންގެ ބެނިފިޓް ސްކީމެއްގެ ދަށުން ދޫކުރެވޭ ދަރަނި، މި ށަރުތުން އިސްތިސްނާވާނެއެވެ. މިގޮތުން އިސްތިސްނާވާނީ، ގުޅުން ހުރި ފަރާތުން ބޭންކަށް ދައްކަންޖެހޭ ދަރަނީގެ އަދަދު ބޭންކުގެ ކެޕިޓަލް ބޭސްގެ %5 (ފަހެއް އިންސައްތަ) އަށްވުރެ އިތުރު ނުވާނަމައެވެ.
  2. އެ ދަރަނީގެ އަދަދު ވާންވާނީ، އެ އަދަދާއި އެފަރާތުން ބޭންކަށް އަނބުރާ ދައްކަންޖެހިފައިވާ އެހެން ހުރިހާ ދަރަނީގެ އަދަދު އެއްކޮށްލުމުން، ބޭންކުގެ ކެޕިޓަލް ބޭސްގެ %15 (ފަނަރަ އިންސައްތަ) އަށްވުރެ އިތުރު ނުވާ އަދަދަކަށެވެ. ނަމަވެސް އާންމުކޮށް އަމަލުކުރެވޭނެގޮތަށް އެމް.އެމް.އޭ އިން ކަނޑައަޅާ ގަވާއިދުތަކެއްގެ ދަށުން، ބައެއް ދަރަޖައިގެ ދަރަނި ގިނަވެގެން ބެހެއްޓޭނެ މިންވަރަކީ ބޭންކުގެ ކެޕިޓަލް ބޭސްގެ %15 (ފަނަރަ އިންސައްތަ) އަށްވުރެ ދަށް މިންވަރެއްކަމަށް ކަނޑައެޅުމުގެ ބާރު އެމް.އެމް.އޭ އަށް ލިބިގެންވެއެވެ. އަދި މިފަދަ ގަވާއިދުތަކެއްގެ ދަށުން ދަރަނިތަކުގެ ށަރުތުތައް، ފައިސާ އަނބުރާ ދައްކަންޖެހޭނެ ހަމަތައް، އެދަރަނިތަކަށް ނެގޭނެ ހިދުމަތުގެ އަގު ނުވަތަ އިންޓްރެސްޓް ރޭޓް، އަދި އެ ދަރަނިތަކުގެ ރަހުނު، އަދި މިކަންކަމާބެހޭ އުސޫލުތަކާއި ހަމަތައްވެސް އެމް.އެމް.އޭ އިން ކަނޑައެޅިދާނެއެވެ.
  3. ގުޅުން ހުރި ހުރިހާ ފަރާތްތަކުން ބޭންކަށް އަނބުރާ ދައްކަންޖެހޭ ފައިސާގެ މުޅި ޖުމްލަ، ބޭންކުގެ ކެޕިޓަލް ބޭސްގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ އިތުރުވެގެން ނުވާނެއެވެ.
  4. އެ ދަރަނީގެ ށަރުތުތަކަކީ، އާންމުންނަށް ބޭންކުން އާންމުގޮތެއްގައި ދޫކުރާ ދަރަނިތަކުގެ ށަރުތުތަކަށްވުރެ ލުއިފަސޭހަ ށަރުތުތަކަކަށް ނުވާނަމައެވެ. ނަމަވެސް، ގުޅުން ހުރި ފަރާތްތަކަށް ދަރަނި ދޫކުރުމާބެހޭގޮތުން އެމް.އެމް.އޭ އިން އެކުލަވާލާފައިވާ ގަވާއިދުތަކާ އެއްގޮތަށް ތައްޔާރުކޮށް، ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށް އަދި ހުރިހާ މުވައްޒަފުންނަށް އެ ސްކީމެއްގެ ބޭނުން ހިފެން ހުންނަ ސްކީމެއްގެ ދަށުން، ޑިރެކްޓަރުން ފިޔަވައި ބޭންކުގެ އެހެން މުވައްޒަފުންނަށް ދޫކުރެވޭ ލޯނުތަކުގެ ހިދުމަތުގެ އަގު ނުވަތަ އިންޓްރެސްޓް ރޭޓް ކުޑަކޮށް ދެވިދާނެއެވެ. މި ސްކީމް ވާންވާނީ ލިޔުމަކުން އެމް.އެމް.އޭ ގެ ހުއްދަ ލިބިފައިވާ ސްކީމަކަށެވެ.
  5. މި މާއްދާގެ (ހ) ގެ (2) އަދި (3) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ގުޅުން ހުރި ފަރާތްތަކުން ބޭންކަށް ދައްކަންޖެހޭ ދަރަންޏާއި ތިރީގައިވާ ފަރާތްތަކުން ބޭންކަށް ދައްކަންޖެހޭ ދަރަނި އެއްކޮށްލަންވާނެއެވެ.

         (ހ) ގުޅުން ހުރި ފަރާތަކީ ކުންފުންޏެއްގެ މޭޖަރ ހިއްސާދާރެއް ނަމަ، އެ ކުންފުނި.

         (ށ) ގުޅުން ހުރި ފަރާތުގެ އާއިލާގެ މެންބަރުންނާއި އެފަރާތާއެކު ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން، އެފަރާތާ ގުޅުންހުރި ކަމަށް ބެލެވޭނެ ފަރާތްތައް.

(ށ) މި މާއްދާގައިވާ މިންގަނޑުތަކަށް އަމަލުކުރުމުގައި ވަކިވަކި ހާލަތްތަކުގައި ބޭންކާ ވަކި ފަރާތަކާ ހުރި ގުޅުމުގެ ސަބަބުން އެފަރާތަކީ ބޭންކާ ގުޅުންހުރި ފަރާތެއްކަން، އަދި ގުޅުންހުރި ފަރާތަކާއި އެހެން ފަރާތަކާއި ދެމެދުގައިވާ ގުޅުމުގެ ސަބަބުން އެ ދެފަރާތަކީ ގުޅިފައިވާ ފަރާތްތަކެއްކަންވެސް އެމް.އެމް.އޭ އަށް ކަނޑައެޅިދާނެއެވެ.

(ނ) މި ގާނޫނުގެ 28 ވަނަ މާއްދާ ނުވަތަ 29 ވަނަ މާއްދާއާ ހިލާފުވާކަން އެނގިހުރެ ދޫކޮށްފައިވާ ދަރަންޏެއް ދޫކުރުމުގެ ހުއްދަދިން ނުވަތަ ހުއްދަ ދިނުމުގައި ބައިވެރިވި ޑިރެކްޓަރެއް، އޮފިސަރެއް، ނުވަތަ މުވައްޒަފެއް، އެކުގައާއި ވަކިވަކިން ތިރީގައިވާ ދެ އަދަދަށްވުރެ މަދު އަދަދަށް ޒިންމާ ވާންޖެހޭނެއެވެ.

      (ހ) އެ ލޯނުގެ ސަބަބުން ބޭންކަށް ލިބުނު ގެއްލުމަށް؛ ނުވަތަ

      (ށ) 28 ވަނަ މާއްދާ ނުވަތަ 29 ވަނަ މާއްދާގައި ބުނާ ލިމިޓަށް ވުރެ އިތުރަށް ދޫކޮށްފައިވާ ލޯނުގެ އަދަދަށް.

(ނ) އަދި އެ ދަރަނީގެ ހުރިހާ ފައިސާއަކާއި ދަރަނި ނަގާފައިވާ ފަރާތުން ބޭންކަށް ދައްކަންޖެހިފައިވާ އެހެން ހުރިހާ ފައިސާއެއް ދައްކާ ހަލާސްނުކުރާހާ ހިނދަކު، މަތީގައި ބުނެވުނު ފަރާތްތައް، ބުނެވުނު އަދަދަށް ޒިންމާ ވާންޖެހޭނެއެވެ.

(ރ) މި ގާނޫނުގެ 14 ވަނަ މާއްދާގެ (ހ) ގައި ބުނާ ރޭށިއޯތައް ހިސާބުކުރުމުގައި، އެމް.އެމް.އޭ އަށް ފެނިއްޖެ ހިނދެއްގައި، ގުޅުން ހުރި ފަރާތަކަށް ދޫކޮށްފައިވާ ދަރަނި ބޭންކުގެ ރައުސްމާލުން އުނިކުރުމަށް ބޭންކަށް އެންގިދާނެއެވެ. އަދި ފަސޭހަކަމާއެކު ބާޒާރުގައި ވިއްކާލެވޭނެ އެއްޗަކުން މުޅި ލޯނު ރަހުނުކުރުމަށް ފަހުގައި މެނުވީ ގުޅުން ހުރި ފަރާތްތަކަށް ލޯނު ދޫނުކުރުމަށްވެސް އެމް.އެމް.އޭ އިން ބޭންކުތަކަށް އެންގިދާނެއެވެ. އަދި މިގޮތުން ލޯނު ދޫކުރުމުގައި، ފަސޭހަކަމާއެކު ބާޒާރުގައި ވިއްކާލެވޭނެ ރަހުނާއި މުޅި ލޯނު ރަހުނުކުރުން އެމް.އެމް.އޭ އިން ގަވާއިދަކުން ނުވަތަ އެހެންވެސް ގޮތަކުން މާނަ ކޮށްފައިވާނަމަ، ބޭންކުތަކުން އެއާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

(ބ) ގުޅުން ހުރި ފަރާތެއްގެ ކިބައިން އެއްވެސް ހިދުމަތެއް ހޯދަން ނުވަތަ އެސެޓެއް ގަންނަން ނުވަތަ ލީސް ކުރަންވާނީ އެމް.އެމް.އޭ އިން އެކުލަވާލާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތަށް، އެ ހިދުމަތެއް ހޯދުމުގެ ނުވަތަ އެސެޓެއް ގަތުމުގެ ނުވަތަ ލީސްކުރުމުގެ ކުރިން ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށް ނުވަތަ އައްޔަންކުރެވިފައިވާ ބްރާންޗް މެނޭޖަރުގެ ހުއްދަ ހޯދަންވާނެއެވެ. އަދި ގުޅުންހުރި ފަރާތަކާއެކު އެފަދަ މުއާމަލާތެއް ހިންގަންވާނީ، ބޭންކުން ގުޅުންހުރި ފަރާތެއް ނޫން ފަރާތަކާއެކު އެފަދަ މުއާމަލާތެއް ހިންގާނެ އުސޫލުތަކާއި ށަރުތުތަކަށް ބަލާއިރު، ބޭންކަށް ގެއްލުން ނުވާނެފަދަ ގޮތަކަށެވެ.

 

30 ވަނަ މާއްދާ - ބޭރުފައިސާގެ އެސެޓުތަކާއި ލައިބިލިޓީތަކުގެ ފަރަގު

ބޭންކުތަކުން އާންމުކޮށް ބޭރު ފައިސާގެ އެސެޓުތަކާއި ލައިބިލިޓީތަކުގެ ފަރަގު ބަހައްޓަންވީ މިންގަނޑު، ނުވަތަ ވަކި ބާވަތްތަކެއްގެ ބޭރު ފައިސާގެ އެސެޓުތަކާއި ލައިބިލިޓީތަކުގެ ފަރަގު ބަހައްޓަންވީ މިންގަނޑުތައް ކަނޑައަޅާ، ބަޔާންކުރާ ގަވާއިދުތަކެއް އެމް.އެމް.އޭ އިން ހެދިދާނެއެވެ.

 

31 ވަނަ މާއްދާ - އިންވެސްޓް ކުރެވޭނެ ގޮތްތައް

(ހ) މި މާއްދާގައި ބުނެފައިވާގޮތަށް މެނުވީ އެއްވެސް ބޭންކަކުން، ވިޔަފާރި ނުވަތަ ސިނާއީ ކުންފުންޏެއްގައި އިންވެސްޓްކޮށްގެން ނުވާނެއެވެ. ނަމަވެސް އިސްލާމިކް ބޭންކަކުން ނުވަތަ އިސްލާމިކް ބޭންކިންގ އުސޫލުތަކާއެއްގޮތަށް ހިދުމަތްދޭ ބޭންކަކުން، އެމް.އެމް.އޭ އިން އެކަށައަޅާ ގަވާއިދުތަކާއި އުސޫލުތަކާއެއްގޮތަށް ފައިނޭންސް ކޮށްދިނުން މި މާއްދާ ހުރަހެއްނާޅައެވެ.

(ށ) ބޭންކަކުން، އެ ބޭންކެއްގެ ރައުސްމާލުގެ %15 (ފަނަރަ އިންސައްތަ) އަށްވުރެ އިތުރަށް އެހެން ކުންފުންޏެއްގެ ސްޓޮކް، ބޮންޑް، ހިއްސާ ނުވަތަ އިކުއިޓީއާ ގުޅިފައިވާ ބޮންޑެއްގައި އިންވެސްޓް ކޮށްގެން ނުވާނެއެވެ. މިގޮތުން ބޭންކިންގ ހިދުމަތްތައް ހިންގާ ކުންފުންޏެއް ފިޔަވައި އެހެން ކުންފުންޏެއްގައި އިންވެސްޓް ކުރާނަމަ، އިންވެސްޓް ކުރެވޭނީ އެ ކުންފުންޏެއްގެ ވޯޓުދިނުމުގެ ހައްގު ލިބިދޭ ހިއްސާގެ %5 (ފަހެއް އިންސައްތަ) އަށްވުރެ އިތުރުނުވާ މިންވަރަކަށެވެ.

(ނ) އެމް.އެމް.އޭ ގެ ހުއްދަ ހޯދައިގެން މެނުވީ ބޭންކަކުން އެހެން ބޭންކެއްގެ ނުވަތަ މާލީ އިދާރާއެއްގެ ވޯޓުދިނުމުގެ ހައްގު ލިބިދޭ ހިއްސާގެ %5 (ފަހެއް އިންސައްތަ) އަށްވުރެ އިތުރަށް ހޯދައިގެން ނުވާނެއެވެ.

(ރ) ތިރީގައިވާ ކަންކަމަށް މެނުވީ ބޭންކަކުން ބިން ނުވަތަ އިމާރާތް ގަނެގެން ނުވަތަ އެފަރާތުގެ ނަންމަތީ ބަހައްޓައިގެން ނުވާނެއެވެ.

  1. ބޭންކުގެ މުވައްޒަފުން ދިރިއުޅުމަށް ނުވަތަ ބޭންކުގެ ވިޔަފާރި ހަރަކާތްތައް ހިންގުމަށް؛
  2. އެމް.އެމް.އޭ އިން އެކަށައަޅާ ގަވާއިދުތަކާއި އުސޫލުތަކާއެއްގޮތަށް އިސްލާމިކް ބޭންކިންގ ހިދުމަތްދިނުމަށް ގަންނަންޖެހޭ ބިން ނުވަތަ އިމާރާތް ގަތުމަށް؛ އަދި
  3. ރަހުނެއް ތަންފީޒުކުރުމުގެ ސަބަބުން ލިބިފައިވާ ބިން ނުވަތަ އިމާރާތް ވިއްކެންދެން ވަގުތީ ގޮތުން ބޭންކުގެ ނަންމަތީ ބެހެއްޓުން.

(ބ) މި މާއްދާގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށްވުރެ އިތުރަށް، ބޭންކިންގ ވިޔަފާރި ހިންގުމުގެ ތެރޭގައި، ބޭންކަކުން ކުންފުންޏެއްގެ ނުވަތަ މާލީ އިދާރާއެއްގެ މިލްކުވެރިކަމާގުޅޭ އެއްވެސް ބާވަތެއްގެ އިންވެސްޓްމަންޓެއް ކުރެވިފައިވާނަމަ، އެފަދަ އިންވެސްޓްމަންޓެއް ކުރިތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މި މާއްދާގައި ކަނޑައަޅާފައިވާ މިންގަނޑުގެ ތެރެއަށް ގެންނަންވާނެއެވެ. ނަމަވެސް، އެކަށީގެންވާ ސަބަބަކާހުރެ މި މުއްދަތު އިތުރުކުރުމަށް ބޭންކުން އެދިއްޖެނަމަ، އެމް.އެމް.އޭ އިން މި މުއްދަތު އިތުރު 6 (ހައެއް) މަސްދުވަހަށްވުރެ ގިނަނުވާނެ ގޮތަކަށް އިތުރުކުރުމަށް ހުއްދަ ކުރެވިދާނެއެވެ. ބޭންކިންގ ވިޔަފާރި ހިންގުމުގެ ތެރޭގައި، މި މާއްދާގައި ހުއްދަކޮށްފައިވާ މިންގަނޑުތަކާ ހިލާފަށް ބޭންކަކަށް ލިބޭ ބިން ނުވަތަ އިމާރާތް، އެފަދަ ތަންތަން ލިބުނުތާ 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި މި މާއްދާގައި ކަނޑައަޅާފައިވާ މިންގަނޑުގެ ތެރެއަށް ގެންނަން ވާނެއެވެ. ނަމަވެސް، އެކަށީގެންވާ ސަބަބަކާހުރެ މި މުއްދަތު އިތުރުކުރުމަށް ބޭންކުން އެދިއްޖެނަމަ، އެމް.އެމް.އޭ އިން މި މުއްދަތު އިތުރު 2 (ދޭއް) އަހަރުދުވަހަށްވުރެ ގިނަނުވާނެ ގޮތަކަށް އިތުރުކުރުމަށް ހުއްދަ ކުރެވިދާނެއެވެ.

 

32 ވަނަ މާއްދާ - ބޭންކު ބަންދު ދުވަސްތައް

ހުރިހާ ބޭންކުތަކުންވެސް، ބަންދު ދުވަސްތައް ފިޔަވައި، އެމް.އެމް.އޭ އިން ހުއްދަ ކޮށްފައިވާ ރަސްމީ ގަޑިތަކުގައި އާންމުންނަށް ހިދުމަތްދިނުމަށްޓަކައި ބޭންކު ހުޅުވާފައި ބަހައްޓަންވާނެއެވެ. އެމް.އެމް.އޭ އިން ބޭންކުތައް ބަންދު ދުވަސްތައް އިއުލާނުކުރަންވާނެއެވެ. ބޭންކު ބަންދު ދުވަސްތަކުގައި އެއްވެސް ބޭންކަކުން އާންމުންނަށް ހިދުމަތްދީގެން ނުވާނެއެވެ. އަދި ބޭންކެއްގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިއްޖެ ހާލަތެއްގައި އެ ބޭންކެއް ވަގުތީ ގޮތުން ބަންދުކުރުމަށް އަދި އެމް.އެމް.އޭ އިން ކަނޑައަޅާ ތާރީހެއްގައި އެ ބޭންކު އަލުން ހުޅުވުމަށް އެމް.އެމް.އޭ އިން ހުއްދަ ނުވަތަ އަމުރު ކުރެވިދާނެއެވެ.

 

33 ވަނަ މާއްދާ - ށައްކު ކުރެވޭ މުއާމަލާތުތައް

(ހ) ބޭންކަކުން ކުރެވޭ އެއްވެސް ބޭންކިންގ މުއާމަލާތެއްގައި ހިމެނޭ ފައިސާއަކީ، ނުވަތަ ބޭންކަކުން ބަލައިގަންނަ ނުވަތަ ދޫކުރާ އެއްވެސް ފައިސާއަކީ މަނާކުރެވިފައިވާ ހަރަކާތަކާ ނުވަތަ ކުށަކާ ގުޅުންހުރި ފައިސާއެއްކަމަށް ބޭންކު ނުވަތަ ބޭންކުގެ އެޑްމިނިސްޓްރޭޓަރެއް ނުވަތަ އޮފިސަރެއް ނުވަތަ މުވައްޒަފަކަށް ށައްކުކުރެވޭނަމަ، ވަގުތުން އެކަން އެމް.އެމް.އޭ އަށް އަންގަންވާނެއެވެ. މިގޮތުން ބޭންކުން އަންގާ ދުވަހުން ފެށިގެން 5 (ފަހެއް) ދުވަސް ވަންދެން، އެ މުއާމަލާތެއް ކުރިއަށް ނުގެންދިއުމަށް ނުވަތަ އެ ފައިސާ ބަލައި ނުގަތުމަށް ނުވަތަ ދޫނުކުރުމަށް އެމް.އެމް.އޭ އިން ބޭންކަށް އެންގިދާނެއެވެ. ނަމަވެސް، އެމް.އެމް.އޭ އަށް ބޭނުންވާ މައުލޫމާތެއް ލިބުމުގައި ލަސްވާނަމަ، ބޭންކުން މުއާމަލާތެއް ކުރިއަށް ނުގެންދެވޭނެ ނުވަތަ އެ ފައިސާ ބަލައި ނުގަނެވޭނެ ނުވަތަ ދޫނުކުރެވޭނެ މުއްދަތު އެމް.އެމް.އޭ އަށް އިތުރުކުރެވިދާނެއެވެ. އަދި މިފަދަ މައްސަލައަކާ ގުޅިގެން އިތުރު ފިޔަވަޅު އެޅުމަށްޓަކައި، ކަމާބެހޭ އިދާރާތަކަށް އެމް.އެމް.އޭ އިން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ބޭންކުން ހެޔޮ ނިޔަތުގައި މައުލޫމާތު ހާމަކުރުމަކީ ބޭންކުން ހިފަހައްޓަންޖެހޭ ސިއްރު ހާމަކުރުން ކަމުގައެއް ނުބެލެވޭނެއެވެ. އަދި މިގޮތުން މައުލޫމާތު ހާމަކުރުމުން ދިމާވެދާނެ ކަމަކާ، ބޭންކު އަދި އެމް.އެމް.އޭ ޒިންމާވާކަށް ނުޖެހޭނެއެވެ.

 

34 ވަނަ މާއްދާ - ބޭންކުގެ ހިއްސާ ރަހުނުކުރުމަށްފަހު ދަރަނި ދޫކުރުމާއި އަދި ބޭންކުގެ ހިއްސާ އަނބުރާ ގަތުން

ދަރަނި ނެގުމަށް ރަހުނު ކުރަނީ ބޭންކުގައި އޮންނަ ދަރަނި ނަގާ ފަރާތުގެ ހިއްސާ ކަމުގައި ވަނީނަމަ، އެފަދަ ފަރާތަކަށް ދަރަނި ނުވަތަ ބޭންކު ގެރެންޓީއެއް ދީގެން ނުވާނެއެވެ. އަދި އެމް.އެމް.އޭ ގެ ހުއްދަ ހޯދައިގެން މެނުވީ، ބޭންކުގެ ހިއްސާއެއް، އެ ހިއްސާއެއްގެ ވެރިފަރާތުގެ ކިބައިން ބޭންކުން އަނބުރާ ގަނެގެންނުވާނެއެވެ. ނަމަވެސް ކުރިން ދޫކޮށްފައިވާ ދަރަންޏަކާ ގުޅިގެން ކުރިމަތިވެފައިވާ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި، ބޭންކުގެ ހިއްސާ އެފަދަ ދަރަންޏެއްގެ ރަހުނެއްގެ ގޮތުގައި ނެގިދާނެއެވެ. މިގޮތުން ރަހުނުގެ ގޮތުގައި ބެހެއްޓޭ ހިއްސާ އެމް.އެމް.އޭ އިން އެކުލަވާލާފައިވާ ގަވާއިދުތަކުގައިވާ ގޮތުގެމަތިން, ވިއްކާލަންވާނެއެވެ. ބޭންކުގެ މަދުވެގެން ބަހައްޓަންޖެހޭ ރައުސްމާލާއި ރައުސްމާލު އެޑިކުއަސީ ރޭށިއޯތައް ހިސާބުކުރުމުގައި، ބޭންކަކުން ބަހައްޓާފައިވާ އެފަރާތުގެ އަމިއްލަ ހިއްސާއާއި ބޭންކުގެ ހިއްސާ ރަހުނުކުރުމަށްފަހު ދޫކޮށްފައިވާ ލޯނުތައް، ރައުސްމާލުން އުނިކުރަންވާނެއެވެ.

 

35 ވަނަ މާއްދާ - ޑޯމަންޓް އެކައުންޓުތައް

ޑޯމަންޓް އެކައުންޓެއް ކަމަށް ބެލެވޭފަދަ އެކައުންޓެއްގައިވާ ޑިޕޮސިޓް ފައިސާއާމެދު އަމަލުކުރާނީ ތިރީގައިމިވާ ގޮތުގެމަތިންނެވެ.

(ހ) ވިދިވިދިގެން 5 (ފަހެއް) އަހަރުދުވަސް ވަންދެން އެކައުންޓެއްގެ ވެރިފަރާތުން، އެ އެކައުންޓުން އެއްވެސް މުއާމަލާތެއް ކޮށްފައިނުވާނަމަ، ނުވަތަ ބޭންކަށް އެއްވެސް ލިޔުމެއް ފޮނުވާފައިނުވާނަމަ، ޖެހިގެން އަންނަ އަހަރުގެ ރަސްމީކޮށް މަސައްކަތްކުރާ ފުރަތަމަ ދުވަހު، ރެޖިސްޓަރޑް ޕޯސްޓުން އެފަރާތަށް އެޑްރެސްކޮށް، ބޭންކަށް އެންމެ ފަހުން ލިބިފައިވާ އެފަރާތުގެ އެޑްރެހަށް، އެ ޑޯމަންޓް އެކައުންޓުގެ ތަފްސީލު ބަޔާންކޮށް ސިޓީއެއް ފޮނުވަންވާނެއެވެ. އަދި މިފަދަ ސިޓީއަކަށް ޖަވާބު ނުފޮނުވާ ފަރާތްތަކުގެ ނަންތައް ދުވަހު ނޫސްތަކުގެ ތެރެއިން މަދުވެގެން 1 (އެކެއް) ދުވަހު ނޫހުގައި އަދި ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރަންވާނެއެވެ. މިގޮތުން ށާއިއުކުރެވޭތާ 60 ) ފަސްދޮޅަސް( ދުވގެ ތެރޭގައި އެކައުންޓެއްގެ ވެރިފަރާތް ނުހޯދިއްޖެނަމަ، އެފަދަ އެކައުންޓެއްގެ ތަފްސީލު ރިޕޯޓެއް އެކުލަވާލައި އެމް.އެމް.އޭ އަށް ހުށަހަޅަންވާނެއެވެ. އަދި އެފަދަ އެކައުންޓެއްގައިވާ ޑިޕޮސިޓް ފައިސާ، އެމް.އެމް.އޭ ގައި އޮންނަ ހާއްސަ އެކައުންޓެއްގައި ބެހެއްޓުމަށްޓަކައި އެމް.އެމް.އޭ އާ ހަވާލުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް ބޭންކުތަކުން އެމް.އެމް.އޭ އާ ހަވާލުކުރާ ފައިސާ އެމް.އެމް.އޭ އިން ބަހައްޓަންވާނީ ސަރުކާރުގެ ސެކިއުރިޓީތަކަށް އިންވެސްޓް ކުރުމަށްޓަކައި، ވަކި ހާއްސަ އެކައުންޓެއްގައެވެ. ނަމަވެސް، 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި، މި އެކައުންޓުގައި ހިމެނޭ ފައިސާގެ ވެރިފަރާތެއް، އެއީ އެ ފައިސާގެ ވެރިފަރާތްކަމުގައި އެމް.އެމް.އޭ އަށް ގަބޫލުކުރެވޭނެފަދަ ހެކިތަކާއެކު، ހުށަހަޅައިފިނަމަ، އެފައިސާ ލިބުމުގެ ހައްގު އެފަރާތަށް ލިބިގެންވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ގެންގޮސްފައިނުވާ ފައިސާ އެމް.އެމް.އޭ އިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއާ ހަވާލުކުރަންވާނެއެވެ. މިގޮތުން މި ފައިސާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއާ ހަވާލުކުރުމަށްފަހުގައިވެސް، އެފައިސާގެ ވެރިފަރާތެއް، އެއީ އެ ފައިސާގެ ވެރިފަރާތްކަމުގައި އެމް.އެމް.އޭ އަށް ގަބޫލުކުރެވޭނެފަދަ ހެކިތަކާއެކު ހުށަހަޅައިފިނަމަ، އެ ފަރާތަކަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއިން އެ ފައިސާ ހޯދުމުގެ ހައްގު ލިބިގެންވެއެވެ.

 

36 ވަނަ މާއްދާ - ރިކޯޑުތައް

(ހ) ތިރީގައިވާ ލިޔެކިޔުންތައް ގާނޫނީގޮތުން ކަނޑައަޅާފައިވާ މުއްދަތަކަށް ނުވަތަ އެމް.އެމް.އޭ އިން ކަނޑައަޅާ މުއްދަތަކަށް ބޭންކުތަކުން ރާއްޖޭގައި، ފައިލްކޮށްފައި ބަހައްޓަންވާނެއެވެ.

  1. ކަސްޓަމަރަކީ ކާކުކަން އަންގައިދޭ މައުލޫމާތު ހުރި ލިޔުންތައް.
  2. އެޕްލިކޭށަންތަކާއި އެކި މުއާމަލާތުތަކާބެހޭ އެގްރީމެންޓްތައް ނުވަތަ ކޮންޓްރެކްޓްތައް، ބޭންކުން ކޮންމެ މުއާމަލާތަކަށް ހުއްދަ ދިނުމަށް ނިންމާ ސޮއިކޮށްފައިވާ ލިޔުންތައް، އަދި ށައްކުކުރެވޭ މުއާމަލާތުތަކާބެހޭ ލިޔުންތައް ނުވަތަ ރިކޯޑުތައް.
  3. ބޭންކާއެކު މުއާމަލާތުތައް ހިންގާ ފަރާތްތަކާބެހޭ މާލީ މައުލޫމާތު އަންގައިދޭ ލިޔެކިޔުންތަކާއި، ބޭންކުން އެފަދަ މުއާމަލާތުތަކަށް ހުއްދަދިނުމަށްޓަކައި ބޭނުންކުރި އެހެނިހެން ލިޔުންތައް ނުވަތަ ކަރުދާސްތައް.
  4. ކަސްޓަމަރުންނާއެކު ހަދާފައިވާ އެކައުންޓުތަކުގެ އެއްބަސްވުންތައް.
  5. އެމް.އެމް.އޭ އިން މިކަމާގުޅޭ ގޮތުން ގަވާއިދުތަކެއް ހަދައިފިނަމަ، އެ ގަވާއިދުތަކެއްގެ ދަށުން ބަހައްޓަންޖެހޭ އެހެނިހެން ލިޔުންތައް.

(ށ) ރިކޯޑުތައް ބަހައްޓަންވާނީ ލިޔުމުގެ ގޮތުގައެވެ. އެކަށީގެންވާ ގޮތެއްގައި މައުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓޭނެ ނިޒާމެއް އަދި މައުލޫމާތު ގެއްލިއްޖެނަމަ، އެމައުލޫމާތު އަލުން ހޯދޭނެ ގޮތްތަކެއް ހަމަޖެހިފައިވާނަމަ، ބޭންކަކުން ބަހައްޓަންޖެހޭ ރިކޯޑުތަކާއި، ފޮތްތަކާއި، ސްޓޭޓްމަންޓްތަކާއި، ކަރުދާސްތަކާއި، ލިޔުމުން ކުރެވިފައިވާ އެކި މުއާމަލާތުތަކާއި، ކޭބަލްތަކާއި، ނޯޓިސްތަކާއި، ބޭންކުގެ މާލީ ހަރަކާތްތަކާބެހޭ އެހެނިހެން ކަރުދާސްތަކުގެ އަސްލު ބެހެއްޓުމުގެ ބަދަލުގައި ރައްކާކުރަން ފަސޭހަގޮތަކަށް، މައިކްރޯ ފިލްމްގެ ގޮތުގައި ނުވަތަ އިލެކްޓްރޯނިކްކޮށް ނުވަތަ އެހެންވެސް ގޮތަކަށް ޓެކްނޮލޮޖީގެ ވަސީލަތް ބޭނުންކޮށްގެން، މި ގާނޫނުގެ ދަށުން ކަނޑައެޅޭ މުއްދަތަކަށް ބެހެއްޓިދާނެއެވެ. މިގޮތުން ރައްކާކުރަން ފަސޭހަގޮތަކަށް ބެހެއްޓޭ ރިކޯޑުތައް، އެ ރިކޯޑުތަކުގެ އަސްލެކޭއެއްގޮތަށް ކޯޓުތަކުގައި ހެކިދިނުމުގައި ބޭނުންކުރެވޭނެއެވެ. މިގޮތުން ރިކޯޑުތައް ބަހައްޓަންޖެހޭގޮތުގެ ތަފްސީލު ބަޔާންކޮށް އެމް.އެމް.އޭ އިން ގަވާއިދެއް އެކުވަލާލެވިދާނެއެވެ.

 

37 ވަނަ މާއްދާ - ޕޭމަންޓްސް ސިސްޓަމްއާއި ކްރެޑިޓް ބިއުރޯތައް

(ހ) ބޭންކުތަކާއި އެހެނިހެން މާލީ އިދާރާތަކުގެ މެދުގައި ފައިސާ ބަދަލު ކުރުމަށާއި، އެކައުންޓުތަކަށް ވައްދަންޖެހޭ ފައިސާ ވައްދާ އެކައުންޓުތަކުން ދޫކުރަންޖެހޭ ފައިސާ ދޫކޮށް އެކައުންޓުތައް ހިސާބުކުރުމަށާއި ފައިސާ ދެއްކުމަށް ބޭނުންކުރެވޭ އިންސްޓްރޫމެންޓްތައް ހިސާބުކުރުމަށް ބޭނުންވާ ކޯޕަރޭޓިވް ސިސްޓަމްތަކާއި ކްލިއަރިންގ ހައުސްތައް ބޭންކުތަކަށް ގާއިމުކުރެވިދާނެއެވެ. މި ހަރަކާތްތައް ހިންގުމަށް ބޭނުންވާ އުސޫލުތަކާއި ގަވާއިދުތައް އެމް.އެމް.އޭ އިން އެކުލަވާލެވިދާނެއެވެ.

(ށ) ބޭންކުތަކުން ނިންމަންޖެހޭ ބޭންކިންގ ނިންމުންތައް ރަނގަޅަށް ނިންމުމަށްޓަކައި، ބޭންކުތަކުގެ ކަސްޓަމަރުންނާއި މުސްތަގުބަލުގައި ކަސްޓަމަރަކަށް ވެދާނެކަމަށް ގަބޫލުކުރެވޭ ފަރާތްތަކުގެ މާލީ ހާލަތާބެހޭ މައުލޫމާތު ހޯދާ، ބޭންކުތަކުގެ މެދުގައި ބަދަލުކުރުމަށްޓަކައި ކްރެޑިޓް ބިއުރޯތައް ނުވަތަ ކްރެޑިޓްއާބެހޭ މައުލޫމާތު ބަދަލުކުރުމަށް އޭޖެންސީތައް ބޭންކުތަކުން ގާއިމުކުރެވިދާނެއެވެ. އަދި އެމް.އެމް.އޭ އިން މިފަދަ ކްރެޑިޓް ބިއުރޯއެއް ނުވަތަ އޭޖެންސީއެއް ގާއިމުކޮށްފިނަމަ، އޭގައި ބައިވެރިވާންވާނެއެވެ. މިގޮތުން މައުލޫމާތު ފޯރުކުރެވޭނީ ހަމައެކަނި ބޭންކުތަކުގެ މެދުގައެވެ. ބޭންކުތައް ފިޔަވައި އެހެން ފަރާތަކަށް މައުލޫމާތު ދެވޭނީ، އެމް.އެމް.އޭ އިން އެކުލަވާލާ ގަވާއިދެއްގައިވާ ގޮތުގެމަތިން، އެ މައުލޫމާތު ދެވޭ ފަރާތަކީ އެ މައުލޫމާތު ބިނާވެފައިވާ ފަރާތާ ބޭންކިންގ ނުވަތަ ވިޔަފާރީގެ ގޮތުން ގުޅުމެއް އޮންނަ ފަރާތެއް ނުވަތަ ގުޅުމެއް ހިންގަން މަސައްކަތް ކުރާފަރާތެއްނަމައެވެ. ބޭންކިންގގެ ސިއްރުތައް ދެމެހެއްޓުމަށްޓަކައި އަދި މިފަދަ މައުލޫމާތު ގަވާއިދާ ހިލާފަށް ނުދިނުމަށްޓަކައި މިފަދަ މައުލޫމާތު ފޯރުކޮށްދޭންވާނީ، މި ގާނޫނުގެ 65 ވަނަ މާއްދާގެ (ނ) ގެ (5) ވަނަ ނަންބަރުގެ ދަށުން އެމް.އެމް.އޭ އިން އެކުލަވާލާ ގަވާއިދުތަކާއެއްގޮތްވާ ގޮތުގެމަތިންނެވެ.

 

38 ވަނަ މާއްދާ - މަނީ ލޯންޑްރިންގއާއި، ކޮރަޕްށަނާއި، ޓެރަރިސްޓް ހަރަކާތްތަކަށް ފައިސާ ހޯދައިދިނުން ހުއްޓުވުމާގުޅޭ ފިޔަވަޅުތައް

(ހ) ބޭންކުތަކުން މަނީ ލޯންޑްރިންގއާއި، ޓެރަރިސްޓް ހަރަކާތްތަކަށް ފައިސާ ހޯދައިދިނުން ހުއްޓުވުމާގުޅޭ ގޮތުން ފިޔަވަޅުތަކެއް އެކަށައަޅައި އެ ފިޔަވަޅުތަކަށް އަމަލުކުރަންވާނެއެވެ. މިގޮތުން އެކަށައަޅާ ފިޔަވަޅުތަކުގެ ތެރޭގައި ތިރީގައިވާ ފިޔަވަޅުތައް ހިމަނަންވާނެއެވެ.

  1. ބޭންކުގެ ކަސްޓަމަރުންނަކީ ކޮން ބައެއްކަން އަންގައިދޭ މައުލޫމާތާއި، ކަސްޓަމަރުންނާއެކު ކުރެވޭ މުއާމަލާތުތަކުގެ ފައިދާ އެހެންފަރާތަކަށް ލިބޭނަމަ، އެފަރާތަކީ ކާކުކަން އަންގައިދޭނެ މައުލޫމާތު، އަދި ކުރެވޭ މުއާމަލާތެއް ހަގީގަތުގައި ކުރެވެނީ ކޮންފަރާތަކާއެކުތޯ ބަލައި އެފަރާތަކީ ކާކުކަން އަންގައިދޭ މައުލޫމާތު ހޯދުން؛
  2. ފައިސާ ފޮނުވާ ފަރާތާ ލިބޭ ފަރާތަކީ ކޮބައިކަން ހޯދުން؛
  3. ކަސްޓަމަރުންނާބެހޭ މައުލޫމާތާއި އެފަރާތްތަކުން ހިންގާ މުއާމަލާތުތަކާބެހޭ މައުލޫމާތު ހޯދައި ބެލެހެއްޓުން؛
  4. ކޮންމެ އަދަދެއްގެ ފައިސާއެއް ނުވަތަ ކޮންމެ އަގެއްގެ މުދަލެއް ނަމަވެސް، އެއީ ކުށްވެރިވާފަދަ ގޮތަކަށް ހޯދިފައިވާ އެއްޗެއްކަމަށް ނުވަތަ ޓެރަރިސްޓް ހަރަކާތަކަށް ފައިސާ ހޯދައިދިނުމާގުޅޭ އެއްޗެއްކަމަށް ބޭންކަކަށް ށައްކުކުރެވިއްޖެނަމަ، އެ ށައްކުކުރެވޭކަމެއް ބަޔާންކޮށް، ލަސްވެގެން އޮފީސް ބަންދުނޫން 2 (ދޭއް) ދުވަހުގެ ތެރޭގައި އެމް.އެމް.އޭ ގެ ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  5. އެމް.އެމް.އޭ އިން ކަނޑައަޅައިފި ކޮންމެ މައުލޫމާތެއް އަދި ބޭންކުގެ ކަސްޓަމަރުންނާއެކީ ކުރެވޭ މުއާމަލާތުތަކުގެ ތެރެއިން އެމް.އެމް.އޭ އިން ކަނޑައަޅައިފި ކޮންމެ މުއާމަލާތަކާބެހޭ މައުލޫމާތެއް ބޭންކުން ބަލަހައްޓައި، އެކަމާބެހޭ ގޮތުން ގާނޫނު ނަންބަރު 6/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) ގެ ދަށުން ހެދިފައިވާ ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް، ކުރަންޖެހޭ ރިޕޯޓުތައް ކުރުން.
  6. މަނީ ލޯންޑްރިންގއާއި، ޓެރަރިސްޓް ހަރަކާތްތަކަށް ފައިސާ ހޯދައިދިނުން ހުއްޓުވުމާގުޅޭ ގޮތުން ބޭންކުން އަމަލުކުރާނެ އުސޫލުތަކެއް ނުވަތަ އަޅާނެ ފިޔަވަޅުތަކެއް ކަނޑައެޅުން.

(ށ) ބޭންކުތަކާއި އެހެން މާލީ އިދާރާތަކުން އަދި ކަނޑައެޅޭ ވަކި މާލީ ނޫން ވިޔަފާރިތަކާއި ދާއިރާތަކުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް އަމަލުކުރަންވީ ގޮތުގެ ތަފްސީލު އެމް.އެމް.އޭ އިން ގަވާއިދެއްގެ ސިފައިގައި ނެރެންވާނެއެވެ.

(ނ) ބޭންކުތަކާއި އެހެން މާލީ އިދާރާތައް އަދި ކަނޑައެޅޭ ވަކި މާލީ ނޫން ވިޔަފާރިތަކާއި ދާއިރާތައް އަދި އެހެންވެސް ފަރާތަކުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކާ ހިލާފުވެއްޖެނަމަ، އެފަރާތަކާމެދު އެޅިދާނެ ފިޔަވަޅުތައް ކަނޑައަޅައި އެމް.އެމް.އޭ އިން ގަވާއިދެއް ހަދަންވާނެއެވެ.

 

39 ވަނަ މާއްދާ - ކަސްޓަމަރަކާއެކު ކުރެވޭ މުއާމަލާތުތަކުގައި ބޭންކަށް ލިބިފައިވާ އެފަރާތާބެހޭ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމަށް އޮންނަ އާންމު އުސޫލުގެ ބޭނުންހިފުން މަނާކުރުން

މި ގާނޫނުގެ 38 ވަނަ މާއްދާގައިވާ ކަންތައްތަކަށާއި އޭގެ ދަށުން ހެދޭ ގަވާއިދުތަކަށް އަމަލުކުރުމުގައި، ނުވަތަ 38 ވަނަ މާއްދާއާއި އޭގެ ދަށުން ހެދޭ ގަވާއިދުތަކުގެ ދަށުން ހުށަހަޅަންޖެހޭ ނުވަތަ ހުށަހެޅުމަށް އެންގޭ އެއްވެސް މައުލޫމާތެއް ނުވަތަ ކަރުދާހެއް ހުށަހެޅުމުގައި، ކަސްޓަމަރަކާއެކު ކުރެވޭ އެކި ބާވަތުގެ ވިޔަފާރީގެ މުއާމަލާތުތަކުގައި ބޭންކަށް އެފަރާތާބެހޭ ގޮތުން ލިބިފައިވާ މައުލޫމާތުތަކުގެ ސިއްރުވެރިކަން ހިފެހެއްޓުމުގެ ދަށުން އަދި ކަސްޓަމަރުންނާއެކު ލިޔުމުންނާއި އަނގަބަހުން ކުރެވިފައިވާ އެކި ބާވަތުގެ މުއާމަލާތުތައް އެފަރާތުގެ ހުއްދައަކާ ނުލައި ބޭންކުން އެހެން އެއްވެސް ފަރާތަކަށް ހާމަ ނުކުރެވޭނެ ގޮތަށް އޮންނަ އާންމު އުސޫލުގެ ދަށުން، އަދި މި ގާނޫނުގެ 42 ވަނަ މާއްދާގައިވާ ބޭންކުގެ ސިއްރުވެރިކަމާބެހޭ ބައިގެ ދަށުން އުޒުރުވެރި ވެގެން ނުވާނެއެވެ.

 

40 ވަނަ މާއްދާ - އެއްވެސް ފަރާތަކާބެހޭ މައުލޫމާތު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހަޅާކަން ނުވަތަ ހުށަހަޅައިފިކަން އެފަރާތަކަށް ހާމަކުރުން މަނާކުރުން

ބޭންކެއް ނުވަތަ އެ ބޭންކެއްގެ ޑިރެކްޓަރެއް ނުވަތަ އޮފިސަރެއް ނުވަތަ މުވައްޒަފެއް، އެ ބޭންކުގެ ކަސްޓަމަރުންނަށް ނުވަތަ އެހެންވެސް ފަރާތަކަށް އެފަރާތަކާބެހޭ މައުލޫމާތު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހަޅާކަން ނުވަތަ ހުށަހަޅައިފިކަން، ނުވަތަ މަނީ ލޯންޑްރިންގ ނުވަތަ ކޮރަޕްށަން ނުވަތަ ޓެރަރިސްޓް ހަރަކާތްތައް ފައިނޭންސް ކުރުމާބެހޭ ރިޕޯޓެއް ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހަޅާކަން ނުވަތަ ހުށަހަޅައިފިކަން، ނުވަތަ މަނީ ލޯންޑްރިންގ ނުވަތަ ޓެރަރިސްޓް ހަރަކާތްތައް ފައިނޭންސް ކުރުމާބެހޭ ތަހްގީގެއް ކުރާކަން ނުވަތަ ކުރަން އުޅޭކަން ނުވަތަ ކޮށްފިކަން، ހާމަކުރުމަކީ މަނާކަމެކެވެ.

 

41 ވަނަ މާއްދާ - ށައްކުކުރެވޭ މުއާމަލާތުތައް، ހެޔޮ ނިޔަތުގައި ރިޕޯޓުކުރުމުން ދިމާވެދާނެ ކަމެއްގައި ޒިންމާ އުފުލަން ނުޖެހުން

އެއްވެސް ބޭންކެއް ނުވަތަ ބޭންކެއްގެ ޑިރެކްޓަރެއް ނުވަތަ އޮފިސަރެއް ނުވަތަ މުވައްޒަފެއް މި ގާނޫނާއެއްގޮތްވާ ގޮތުގެމަތިން، ހެޔޮ ނިޔަތުގައި މައުލޫމާތެއް ނުވަތަ ރިޕޯޓެއް ހުށަހެޅުމަކުން އެފަރާތަކާމެދު ބޭންކިންގގެ ސިއްރުވެރިކަމާ ހިލާފުވިކަމަށް ނުވަތަ ކަސްޓަމަރަކާބެހޭ ސިއްރުވެރި މައުލޫމާތެއް ހާމަކުރިކަމަށް ބުނެ އެއްވެސް ޖިނާއީ ނުވަތަ މަދަނީ ނުވަތަ އެހެންވެސް ބާވަތެއްގެ ފިޔަވަޅެއް ނޭޅޭނެއެވެ.

 

7 ވަނަ ބާބު

މައުލޫމާތުގެ ސިއްރު ހިފެހެއްޓުން

42 ވަނަ މާއްދާ - ބޭންކިންގގެ ސިއްރު ހާމަނުކުރުން

ބޭންކަކުން، އެ ބޭންކުގެ ކަސްޓަމަރުންގެ އެކައުންޓުތަކާއި، ޑިޕޮސިޓްތަކާއި، ޓްރަސްޓްތަކާއި، ސޭފް ޑިޕޮސިޓް ބޮކްސްތަކުގެ ސިއްރު ހިފަހައްޓަންވާނެއެވެ. ލިޔުމަކުން އެ ކަސްޓަމަރެއްގެ ހުއްދައެއް ލިބިގެން މެނުވީ، ނުވަތަ އެ ކަސްޓަމަރެއް ނިޔާވެފައިވާނަމަ، އެފަރާތުގެ ގާނޫނީ ވަކީލު ނުވަތަ ވާރިސެއްގެ ހުއްދައެއް ލިޔުމަކުން ލިބިގެން މެނުވީ، ނުވަތަ ކޯޓުގެ އަމުރެއްގެ ދަށުން މެނުވީ، ނުވަތަ ޖިނާއީ ކުށްތައް ތަހްގީގުކުރުމުގެ ގާނޫނީ ބާރު ލިބިފައިވާ ފަރާތަކުން ލިޔުމަކުން އެދިއްޖެ ހިނދެއްގައި މެނުވީ، ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ލިޔުމަކުން އެދިއްޖެ ހިނދެއްގައި މެނުވީ، ނުވަތަ މި ގާނޫނުން އެފަދަ މައުލޫމާތެއް ހާމަކުރަން ހުއްދަކޮށްފައިވާ ކަމެއް ނުވަތަ ހާލަތެއްގައި މެނުވީ ކަސްޓަމަރުންގެ އެކައުންޓުތަކާއި ޑިޕޮސިޓްތަކާއި ޓްރަސްޓްތަކާއި އަދި ސޭފް ޑިޕޮސިޓް ބޮކްސްތަކާބެހޭ އެއްވެސް މައުލޫމާތެއް ސީދާކޮށް ނުވަތަ ނުސީދާކޮށްވެސް ހާމަކޮށްގެންނުވާނެއެވެ. އަދި އެއްވެސް ސަބަބަކާގުޅިގެން ކަސްޓަމަރަކާ ބޭންކާ ދެމެދުގައިވާ ގުޅުން ކެނޑުނުކަމުގައި ވީނަމަވެސް، އެ ކަސްޓަމަރަކާބެހޭ އެފަދަ މައުލޫމާތެއް ހާމަކޮށްގެން ނުވާނެއެވެ.

 

43 ވަނަ މާއްދާ - ބޭންކުގެ ވަކިވަކި މުވައްޒަފުން ސިއްރު ހިފެހެއްޓުން

މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގައި ނުވަތަ ހާލަތްތަކުގައި މެނުވީ، ބޭންކުގައި މަސައްކަތްކުރަމުންދާ ނުވަތަ މަސައްކަތްކުރި އެޑްމިނިސްޓްރޭޓަރެއް، އޮފިސަރެއް، މުވައްޒަފެއް ނުވަތަ އޭޖެންޓެއް، ބޭންކުގެ ކަސްޓަމަރުންނާބެހޭ ނުވަތަ ކަސްޓަމަރުންގެ އެކައުންޓުތައް، ޑިޕޮސިޓްތައް، ޓްރަސްޓްތައް، ސޭފް ޑިޕޮސިޓް ބޮކްސްތައް، ނުވަތަ މުއާމަލާތަކާބެހޭ އެއްވެސް މައުލޫމާތެއް ނުވަތަ ސްޓޭޓްމަންޓެއް ހާމަކޮށްގެން ނުވާނެއެވެ. ނުވަތަ އެހެން ފަރާތަކަށް އެފަދަ މައުލޫމާތެއް ދީ ނުވަތަ އެހެން ފަރާތަކަށް އެފަދަ މައުލޫމާތެއް ނުވަތަ ސްޓޭޓްމަންޓެއް ބެލޭނެގޮތް މެދުވެރިކޮށްދީގެން ނުވާނެއެވެ. ވަޒީފާގެ ނުވަތަ މަގާމުގެ ހައިސިއްޔަތުން މި މާއްދާގައި ބުނާ މައުލޫމާތުތަކާއި، ސްޓޭޓްމަންޓްތައް ސީދާކޮށް ނުވަތަ ނުސީދާކޮށް ބަލައި، ހެދޭ އެމް.އެމް.އޭ ގެ އޮފިސަރުންނާއި، މުވައްޒަފުންނާއި، ބޭންކުގެ އޮޑިޓަރުންވެސް މި މާއްދާއިން އިސްތިސްނާއެއްނުވާނެއެވެ.

 

44 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުމުން އިސްތިސްނާވާނެ ހާލަތްތައ

ތިރީގައިވާ ކަންތައްތަކުގައި ނުވަތަ ހާލަތްތަކުގައި މައުލޫމާތު ހާމަކުރުން، މި ގާނޫނުގެ 42 އަދި 43 ވަނަ މާއްދާގައިވާ ކަންތައްތަކުން އިސްތިސްނާވާނެއެވެ.

(ހ) ބޭންކުގެ ހިއްސާދާރުންގެ އާންމު ޖަލްސާއެއްގައި އައްޔަންކޮށްފައިވާ އޮޑިޓަރުން، ނުވަތަ މި ގާނޫނާއެއްގޮތްވާ ގޮތުގެމަތިން، އެމް.އެމް.އޭ އިން އައްޔަންކޮށްފައިވާ އޮޑިޓަރުން، އެ ފަރާތްތަކަށް ގާނޫނީގޮތުން ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި.

(ށ) މި ގާނޫނުގެ ދަށުން ނުވަތަ ގާނޫނު ނަންބަރު 6/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) ގެ ދަށުން އެމް.އެމް.އޭ ގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެފަރާތުން މައުލޫމާތެއް ނުވަތަ ލިޔެކިޔުންތަކެއް ހުށަހެޅުމަށް އެންގުމުން.

(ނ) ކޮރަޕްށަން ހުއްޓުވުމަށާއި، މަނީ ލޯންޑްރިންގއާއި، ޓެރަރިސްޓް ހަރަކާތްތަކަށް ފައިސާ ހޯދައިދިނުމާ އިދިކޮޅަށް، އެކަމާގުޅޭ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން، ހެޔޮ ނިޔަތުގައި އެޅޭ ފިޔަވަޅުތައް.

(ރ) އެއްވެސް ފަރާތަކުން ފައިސާ ނެގުމަށް ހުށަހަޅާ ޗެކަކަށް ފައިސާ ދޫކުރެވެން ނެތް ސަބަބު ބަޔާންކޮށް، ބޭންކުން އެފަރާތަކަށް ސެޓްފިކެޓެއް ނުވަތަ ބަޔާނެއް ދިނުމުގައި.

(ބ) ކަސްޓަމަރުންގެ ޑިޕޮސިޓް އެކައުންޓުތަކާއި ދަރަނިތަކުގެ އަދި އެހެންވެސް ބޭންކިންގއާގުޅޭ ގޮތުން ކުރެވިފައިވާ އަދި ކުރުމަށް ގަސްދުކުރާ މުއާމަލާތުތަކުގެ ހަރުދަނާކަން ހޯދުމަށްޓަކައި ބޭންކަކުން ބޭނުންވެދާނެ، ކަސްޓަމަރުންގެ ދަރަނިވެރިކަމާއި އެކައުންޓުތައް ބޭނުންކޮށްފައިވާ ގޮތުގެ ތަފްސީލާއި، ބޭންކިންގއާބެހޭ މިފަދަ އެހެން މައުލޫމާތުތައް އެ ބޭންކަކަށް ފޯރުކޮށްދިނުމުގެ ގޮތުން ބޭންކުތަކުގެ މެދުގައި މިފަދަ މައުލޫމާތުތައް ބަދަލުކުރުމުގައި. ނަމަވެސް، މިގޮތުން ސިއްރު މައުލޫމާތު ބަދަލުކުރަންވާނީ އިސްވެ ބަޔާންކުރެވުނު ކަންތައްތަކަށްޓަކައެވެ. އަދި މިފަދަ މައުލޫމާތު ލިބިގަންނަ ބޭންކުން މި މައުލޫމާތުގެ ސިއްރުވެރިކަން، އެ ބޭންކަށް ލިބިފައިވާ ކަސްޓަމަރުންނާބެހޭ އެހެން މައުލޫމާތުގެ ސިއްރު ހިފެހެއްޓުމެކޭ އެއްފަދައިން ހިފަހައްޓަންވާނެއެވެ.

(ޅ) ބޭންކަކާއި ކަސްޓަމަރަކާދެމެދު ހިނގާފައިވާ މުއާމަލާތަކާގުޅޭ ގޮތުން ށަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި، އެފަދަ މުއާމަލާތަކާ ގުޅިގެން ބޭންކަށް ލިބިދޭންޖެހޭ ހައްގެއް ސާބިތުކުރުމަށްޓަކައި މުއާމަލާތަކާބެހޭ ބައެއް ނުވަތަ ހުރިހާ މައުލޫމާތެއް ހާމަކުރުން.

(ކ) ބޭންކުގެ ކަސްޓަމަރަކާ އެހެންފަރާތަކާދެމެދު ކޯޓުގައި ހިނގަމުންދާ ނުވަތަ ކޯޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން، ކޯޓުން ބޭންކަށް އެ ކަސްޓަމަރަކާބެހޭ ގޮތުން ނުވަތަ ކަސްޓަމަރެއްގެ މާލީ ހާލަތާބެހޭ ގޮތުން މައުލޫމާތު ހުށަހެޅުމަށް އެންގުން. މިގޮތަށް އަންގާ އެންގުންތަކާ ގުޅިގެން، އެއްވެސް ފަރާތަކަށް އިތުރަށް މައުލޫމާތު ހާމަކުރުމުގައި، ކޯޓުން އިތުރު ށަރުތުތަކެއް ކަނޑައަޅައިފިނަމަ، ބޭންކުން އެ ށަރުތުތަކަށް އަމަލުކުރަންވާނެއެވެ.

(އ) އެމް.އެމް.އޭ އިން އެހެން ގައުމުތަކުގެ ސުޕަވައިޒަރީ އިދާރާތަކަށް މައުލޫމާތު ހާމަކުރުން.

(ވ) 37 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާފަދަ ކްރެޑިޓް ބިއުރޯއަށް ނުވަތަ އޭޖެންސީއަކަށް މައުލޫމާތު ދިނުން.

 

8 ވަނަ ބާބު

އެކައުންޓުތަކާއި މާލީ ހިސާބުތައް

45 ވަނަ މާއްދާ - މާލީ އަހަރު

ދޭސީ ބޭންކެއްގެ މާލީ އަހަރު ފެށޭނީ މީލާދީ ކަލަންޑަރުގެ ޖެނުއަރީ 1 ގައެވެ. އަދި ނިމޭނީ އެ އަހަރުގެ ޑިސެމްބަރު 31 ގައެވެ. ބިދޭސީ ބޭންކެއްގެ ބްރާންޗެއްގެ މާލީ އަހަރު މިއާ ތަފާތުވެދާނެއެވެ. އަދި މި މާއްދާގައި ބުނާ މާލީ އަހަރު ނޫން މާލީ އަހަރެއް އެމް.އެމް.އޭ އިން ހަދާ ގަވާއިދުތަކެއްގެ ދަށުން، ދޭސީ ބޭންކުތަކަށާއި، ބިދޭސީ ބޭންކުތަކުގެ ބްރާންޗްތަކަށް ކަނޑައެޅިދާނެއެވެ.

 

46 ވަނަ މާއްދާ - އެކައުންޓިންގ ހަމަތަކާއި އުސޫލުތައް އަދި މާލީ ސްޓޭޓްމަންޓްތައް

(ހ) ބޭންކުތަކުން ތިރީގައިވާ ކަންތައްތަކަށް އަމަލުކުރަންވާނެއެވެ.

  1. މި ގާނޫނުގެ 36 ވަނަ މާއްދާއާއެއްގޮތްވާ ގޮތުގެމަތިން، ބޭންކުގެ ކަންތައްތައް ހަރުދަނާ ގޮތެއްގައި ބެހެއްޓުމަށް އެކަށީގެންވާފަދަ ފޮތްތަކާއި ރިކޯޑުތައް އަދި އެހެނިހެން ލިޔެކިޔުންތައް ބެލެހެއްޓުން؛
  2. އެކައުންޓިންގ އުސޫލުތައް ބޭނުންކުރުމުގައި، ބައިނަލްއަގްވާމީ އެކައުންޓިންގ މިންގަނޑުތަކާއެއްގޮތްވާ ގޮތުގެމަތިން، ފުރިހަމަ އެކްރުއަލް އެކައުންޓިންގ ހިމެނޭގޮތަށް، އަދި އެމް.އެމް.އޭ އިން މިކަމާގުޅޭ ގޮތުން ހާއްސަ ގޮތްތަކެއް ކަނޑައަޅާފައިވާނަމަ، އެފަދަ ގޮތްތަކާއެއްގޮތްވާ ގޮތުގެމަތިން، ބޭނުންކުރުން؛ އަދި
  3. ބޭންކުގެ މާލީ ހިސާބުތައްކަމަށްވާ ބެލެންސް ށީޓާއި، ފައިދާއާއި ގެއްލުމުގެ ހިސާބާއި، ފައިސާ ލިބުނުގޮތާއި ހަރަދުވިގޮތުގެ އަހަރީ ހިސާބު އަދި ބޭންކުގެ ރައުސްމާލަށް އައިސްފައިވާ ބަދަލުތައް ދައްކުވައިދޭ ހިސާބުތައް ބޭންކުގެ ހަގީގީ މާލީ ހާލަތު ދައްކުވައިދޭފަދަ ގޮތަކަށް ތައްޔާރުކުރުން. އަދި މާލީ ހިސާބުތަކާއެކުގައި، ބޭންކުގައި އިންޓަރނަލް ކޮންޓްރޯލް ނިޒާމްތައް ހަމަޖެއްސުމަކީ ބޭންކުގެ މެނޭޖްމަންޓުގެ ޒިންމާއެއްކަމަށް އެފަރާތުން އެއްބަސްވާކަމުގެ ބަޔާނެއްވެސް ހިމަނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެފައިވާ ކަންތައްތަކާގުޅޭ ގޮތުން އިރުށާދު ދިނުމަށްޓަކައި ގަވާއިދުތަކާއި އެހެންވެސް އެބާވަތުގެ އިރުށާދު އެކަށައެޅުމުގެ ބާރު އެމް.އެމް.އޭ އަށް ލިބިގެންވެއެވެ. މިފަދަ ގަވާއިދުތަކަށާއި އިރުށާދުތަކަށް ބޭންކުތަކާއި އެފަރާތްތަކުގެ އެކްސްޓަރނަލް އޮޑިޓަރުން އަމަލުކުރަންވާނެއެވެ.

 

47 ވަނަ މާއްދާ - ގަވާއިދުން ހުށަހަޅަންޖެހޭ ރިޕޯޓުތައް ހުށަހެޅުން

(ހ) ކޮންމެ ބޭންކަކުންވެސް، އެމް.އެމް.އޭ އިން އަންގާގޮތަށާއި އަންގާ ތަފްސީލާއެކު، އަދި އަންގާ ވަގުތުތަކަކަށް ތިރީގައިވާ މައުލޫމާތު ހުށަހަޅަންވާނެއެވެ.

  1. ބޭންކުގެ އެސެޓުތަކާއި ލައިބިލިޓީތައް ދައްކުވައިދޭ ސްޓޭޓްމަންޓްތައް؛
  2. ބޭރު ފައިސާގެ އެސެޓުތަކާއި ލައިބިލިޓީތަކުގެ ފަރަގު، ރައުސްމާލު ބަހައްޓަންޖެހޭ މިންވަރާގުޅޭ ރޭށިއޯ، ރިޒަރވްގެ މިންވަރު، ފައިސާއާއި ފަސޭހަކަމާއެކު ފައިސާއަށް ބަދަލުކުރެވޭނެ އެސެޓުތައް ހުރި މިންވަރު، ބޮޑެތި ކްރެޑިޓް އެކްސްޕޯށަރތައް، އަދި ބޭންކާ ގުޅުން ހުރި ފަރާތްތަކަށް ދެވިފައިވާ ދަރަނި ދައްކުވައިދޭ ސްޓޭޓްމަންޓްތައް؛
  3. ބޭންކުގެ އެކިއެކި އެކައުންޓުތަކާއި ހަރަކާތްތަކާގުޅޭ ގޮތުން އިތުރު މައުލޫމާތު ނުވަތަ ރިޕޯޓު ހުށަހަޅަންވާނެއެވެ. މީގެ ތެރޭގައި އެސެޓުތައް، ލައިބިލިޓީތައް، ރައުސްމާލާބެހޭ އެކައުންޓުތައް، ޑިޕޮސިޓްތައް، ބޭންކިންގ ހިދުމަތްތައް، އަދި ކަސްޓަމަރުންނަށް ދޫކުރެވޭ ދަރަނިތަކާއި ވަކިކަމެއް މެދުވެރިވެއްޖެނަމަ، ކަސްޓަމަރުން އެހެން ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ، ކަސްޓަމަރުންގެ ބަދަލުގައި ބޭންކުން އެފަރާތްތަކަށް ދެއްކުމަށް ވެވިފައިވާ އެއްބަސްވުންތައް ހިމަނަންވާނެއެވެ؛ އަދި
  4. އެމް.އެމް.އޭ އިން އަންގާ އެހެނިހެން މައުލޫމާތު.

(ށ) އެކެއް ނުވަތަ އެއަށްވުރެ ގިނަ ސަބްސިޑިއަރީ ހުންނަ ކޮންމެ ބޭންކަކުން، ގްރޫޕްގައި ހިމެނޭ ހުރިހާ ކުންފުނިތަކުގެ ހިސާބުތައް އެއްކޮށްގެން ތައްޔާރުކުރާ މާލީ ހިސާބު ތައްޔާރުކުރަންވާނެއެވެ. ކޮންސޮލިޑޭޓަޑް މާލީ ހިސާބު ހުށަހަޅަންޖެހޭ ބޭންކުގެ އެހެން އެފިލިއޭޓްތަކާއި ބަލަދުވެރި ކުންފުނިތައް އެމް.އެމް.އޭ އިން ކަނޑައެޅިދާނެއެވެ. އަދި މީގެ އިތުރުން، ކޮންސޮލިޑޭޓަޑް ސުޕަރވިޒަން ހެދުމަށް ބޭނުންވާ ރިޕޯޓުތައް ހުށަހެޅުމަށް ބޭންކެއްގެ ސަބްސިޑިއަރީއަކަށް ނުވަތަ އެފިލިއޭޓްއަކަށް އެމް.އެމް.އޭ އިން އެންގިދާނެއެވެ.

(ނ) އެކެއް ނުވަތަ އެއަށްވުރެ ގިނަ ބްރާންޗް ރާއްޖޭގައި ހިންގާ ކޮންމެ ބިދޭސީ ބޭންކަކުންވެސް، ރާއްޖޭގައި ހިންގާ އެ ބޭންކުގެ ހަރަކާތްތަކުގެ އެކައުންޓުތަކާއި މާލީ ހިސާބުތައް ތައްޔާރުކުރަންވާނީ އެ ހުރިހާ ބްރާންޗްތަކަކީ އެއް ތަނެއް ނުވަތަ ށަހްސެއްކަމަށް ބަލައިގެންނެވެ. ރާއްޖޭގައި ބްރާންޗް ހިންގާ ބިދޭސީ ބޭންކަކުން، އެ ބޭންކުން ރާއްޖޭގައި ހިންގާ ކޮންމެ ބްރާންޗެއްގެ ހަރަކާތްތަކުގެ އެކައުންޓުތަކާއި މާލީ ހިސާބުތައް ވަކިވަކިން ތައްޔާރުކޮށް ހުށަހެޅުމަށް އެމް.އެމް.އޭ އިން އެންގިދާނެއެވެ.

(ރ) ކޮންމެ ބޭންކަކުންވެސް، އެ ބޭންކެއްގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ލިބުމާއެކު، އަދި ލަސްވެގެން ކޮންމެ މާލީ އަހަރެއް ނިމޭތާ 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި އެ ހިސާބުތަކުގެ ކޮޕީއެއް އެމް.އެމް.އޭ އަށް ހުށަހަޅަންވާނެއެވެ. އަދި އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއެކު އޮޑިޓަރު ބޭންކަށް ސިޓީއެއް ފޮނުވާފައިވާނަމަ، އެ ސިޓީގެ ކޮޕީއެއްވެސް އޮޑިޓްކޮށްފައިވާ ހިސާބުތަކާއެކު އެމް.އެމް.އޭ އަށް ހުށަހަޅަންވާނެއެވެ. އެކެއް ނުވަތަ އެއަށްވުރެ ގިނަ ބްރާންޗްތައް ރާއްޖޭގައި ހިންގާ ބިދޭސީ ބޭންކަކުން، އެ ބިދޭސީ ބޭންކުގެ މާލީ ހިސާބުތައް އޮޑިޓްކޮށް ނިމުމާއެކު އެ ހިސާބުތަކުގެ ކޮޕީ އެއް އެމް.އެމް.އޭ އަށް ހުށަހަޅަންވާނެއެވެ.

(ބ) ބޭންކުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް އެ ބޭންކުގެ ހިއްސާދާރުންގެ އާންމު ބައްދަލުވުން ބޭއްވުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން، ބޭންކުގެ ހިއްސާދާރުންނަށް ލިބެން ހުންނަންވާނެއެވެ.

 

48 ވަނަ މާއްދާ - މާލީ ހިސާބުތައް ށާއިއުކުރުމާއި ފެންނަގޮތަށް ބެހެއްޓުން

ކޮންމެ މީލާދީ އަހަރެއް ނިމޭތާ 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި، ކޮންމެ ބޭންކަކުންވެސް އެ ބޭންކެއްގެ ވޭތުވެދިޔަ އަހަރުގެ މާލީ ހިސާބުތައް، އޭގެ ތެރޭގައި ކޮންސޮލިޑޭޓަޑް މާލީ ހިސާބުތައް ތައްޔާރުކުރަންޖެހޭ ބޭންކެއްނަމަ، ކޮންސޮލިޑޭޓަޑް މާލީ ހިސާބުތައް ހިމަނައި، އާންމުކޮށް ނެރޭ ދުވަހު ނޫހެއްގައި ށާއިއުކުރަންވާނެއެވެ. އަދި ކޮންމެ ބޭންކަކުންވެސް އެ ބޭންކެއްގެ މައި އޮފީހުގައާއި ބްރާންޗްތަކުގައި އެ ބޭންކެއްގެ މި މާލީ ހިސާބުތަކާއި، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ލިސްޓެއް، އާންމުންނަށް ފަސޭހައިން ފެންނަގޮތަށް ބަހައްޓާފައި ހުންނަންވާނެއެވެ.

 

49 ވަނަ މާއްދާ - އަހަރީ ރިޕޯޓު

(ހ) ކޮންމެ ބޭންކަކުންވެސް އެ ބޭންކެއްގެ ހިއްސާދާރުންނަށް ތައްޔާރުކުރާ އަހަރީ ރިޕޯޓު ތައްޔާރުކޮށް ނިމޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އަދި ލަސްވެގެން އެ ބޭންކުގެ މާލީ އަހަރު ނިމޭތާ 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި، އަހަރީ ރިޕޯޓުގެ ކޮޕީއެއް އެމް.އެމް.އޭ އަށް ހުށަހަޅަންވާނެއެވެ. އަދި މިއާއެކު ބޭންކުގެ ޑިރެކްޓަރުންނާއި މެނޭޖްމަންޓުން ބޭންކުގެ ހިއްސާދާރުންނަށް ފޮނުވާ ރިޕޯޓުތައްވެސް އެމް.އެމް.އޭ އަށް ހުށަހަޅަންވާނެއެވެ. ރާއްޖޭގައި ހިންގާ ބިދޭސީ ބޭންކުތަކުގެ ދޭސީ ބްރާންޗްތަކުން، ބިދޭސީ ބޭންކުގެ އަހަރީ ރިޕޯޓު ތައްޔާރުކޮށް ނިމުމުން ލަސްނުކޮށް އެ ރިޕޯޓުގެ ކޮޕީއެއް އެމް.އެމް.އޭ އަށް ހުށަހަޅަންވާނެއެވެ.

(ށ) ދޭސީ ބޭންކެއްގެ އަހަރީ ރިޕޯޓުގައި ހިމަނަން މައުލޫމާތުތަކެއް އެމް.އެމް.އޭ އިން ކަނޑައަޅާފައިވާނަމަ، އެ މައުލޫމާތުތައް އެ ރިޕޯޓުގައި ހިމަނަންވާނެއެވެ. އަދި ފާއިތުވެދިޔަ އަހަރުގައި ބޭންކުގެ ހަރަކާތްތަކާއި ވިޔަފާރި ހިނގާދިޔަގޮތާއި، ކުރިމަގުގައި ބޭންކަށް އަންނާނެކަމަށް ލަފާކުރެވޭ ބަދަލުތަކާއި، ކުރިއެރުންތަކުގެ މައްޗަށް ޑިރެކްޓަރުންގެ ބޯޑުން ތައްޔާރުކުރާ ރިޕޯޓެއްވެސް އަހަރީ ރިޕޯޓާއެކު ހިމަނަންވާނެއެވެ.

 

9 ވަނަ ބާބު

އޮޑިޓްކުރުން

50 ވަނަ މާއްދާ - އޮޑިޓްކުރުން

(ހ) ބޭންކު އޮޑިޓްކުރުމުގެ ރޮނގުން ތަޖުރިބާލިބިފައިވާ އަދި އެކަމަށް ގާބިލު އެކްސްޓަރނަލް އޮޑިޓަރެއް ކޮންމެ ބޭންކަކުންވެސް އައްޔަންކުރަންވާނެއެވެ. އެކްސްޓަރނަލް އޮޑިޓަރު އައްޔަންކުރަންވާނީ ބޭންކުގެ ހިއްސާދާރުންގެ އާންމު ޖަލްސާއެއްގައި، ބޭންކުގެ ހިއްސާދާރުންނެވެ. އެކްސްޓަރނަލް އޮޑިޓަރުކަމަށް އައްޔަންކުރަންވާނީ އެމް.އެމް.އޭ އިން ގަބޫލުކުރާ އޮޑިޓަރެކެވެ.

(ށ) ބޭންކު އޮޑިޓްކުރުމަށް އައްޔަންކުރެވޭ އެކްސްޓަރނަލް އޮޑިޓަރާއި ބޭންކާ ދެފަރާތުން، ތިރީގައިވާ ކަންކަމަށް އެއްބަސްވެ، އެ ދެފަރާތުގެ ދެމެދުގައި ކުރެވޭ އެއްބަސްވުމުގައި އެކަންކަން ހިމަނަންވާނެއެވެ.

  1. އެކްސްޓަރނަލް އޮޑިޓަރުން ތައްޔާރުކުރާ ހުރިހާ ރިޕޯޓުތަކާއި އޮޑިޓްކުރުމަށް ބޭނުންކުރެވޭ މަސައްކަތު ކަރުދާސްތައް އެމް.އެމް.އޭ އަށް ހުށަހެޅުމަށް އެމް.އެމް.އޭ އިން އެދިއްޖެ ހިނދެއްގައި، އެ ލިޔުންތައް އެމް.އެމް.އޭ އަށް ހުށަހެޅުމަށް.
  2. ބޭންކާގުޅޭ އިތުރު މަސައްކަތެއް ކުރުމަށް ނުވަތަ އިތުރު ރިޕޯޓެއް ތައްޔާރުކުރުމަށް އެމް.އެމް.އޭ އިން އެކްސްޓަރނަލް އޮޑިޓަރަށް އަންގައިފި ހިނދެއްގައި، އެކަންކަން ކުރުމަށް.

(ނ) ބޭންކެއް އޮޑިޓްކުރުމަށް އައްޔަންކުރަން ގަސްދުކުރާ އެކްސްޓަރނަލް އޮޑިޓަރަކީ ނުވަތަ އޮޑިޓް ފާރމުގެ އެއްވެސް މެންބަރަކީ އެ ބޭންކުގެ އެޑްމިނިސްޓްރޭޓަރެއް، ހިއްސާދާރެއް، މުވައްޒަފެއް، އޭޖެންޓެއް ނުވަތަ ބޭންކު ތަމްސީލުކުރާ ފަރާތެއްކަމުގައި ވެގެންނުވާނެއެވެ. ބޭންކުގައި އެކްސްޓަރނަލް އޮޑިޓަރުގެ މަސްލަހަތެއް ނުވަތަ ބޭންކުން އެހެން ފަރާތްތަކަށް ދަރަނި ދޫކުރާ އުސޫލުތަކާއި ށަރުތުތަކަށްވުރެ ލުއިގޮތަކަށް، އެކްސްޓަރނަލް އޮޑިޓަރަށް ދޫކޮށްފައިވާ ދަރަންޏެއް އޮވެގެންނުވާނެއެވެ. ނަމަވެސް އޮޑިޓަރަށް، ކްރެޑިޓް ބެލެންސް ހުންނަ ޑިޕޮސިޓް އެކައުންޓެއް އެ ބޭންކެއްގައި ގެންގުޅެވިދާނެއެވެ. ބޭންކުގައި އޮޑިޓަރުގެ މަސްލަހަތެއް އުފެދިއްޖެނަމަ، ނުވަތަ ބޭންކުން އެހެން ފަރާތްތަކަށް ދަރަނި ދޫކުރާ އުސޫލުތަކާއި ށަރުތުތަކަށްވުރެ ލުއިގޮތަކަށް ބޭންކަށް ދަރަނިވެރިވެއްޖެނަމަ، އެކްސްޓަރނަލް އޮޑިޓަރު ކަމުން އެފަރާތެއް ވަކިވާނެއެވެ. އަދި ބޭންކުން އާ އެކްސްޓަރނަލް އޮޑިޓަރެއް އައްޔަންކުރަންދެން އެމް.އެމް.އޭ އިން ވަގުތީ އެކްސްޓަރނަލް އޮޑިޓަރެއް އައްޔަންކުރަންވާނެއެވެ.

(ރ) އެކްސްޓަރނަލް އޮޑިޓަރު، ބޭންކުގެ އިންޓަރނަލް އޮޑިޓްގެ މަސައްކަތާގުޅޭ އެއްވެސް ހިދުމަތެއްދީ ނުވަތަ މަސައްކަތެއް ކޮށްދީގެން ނުވާނެއެވެ. އަދި މަދު ހާލަތްތަކެއްގައި، ތަމްރީނުދިނުމުގެ ގޮތުން ނޫންގޮތަކަށް، އެކްސްޓަރނަލް އޮޑިޓްކުރުމުގައި އެކަމަކާމެދު ލަފައެއް ދޭންޖެހޭނެފަދަ ކަމަކާގުޅޭ ހިދުމަތެއްދީ ނުވަތަ މަސައްކަތެއް ކޮށްދީގެންވެސް ނުވާނެއެވެ. މި ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން އެމް.އެމް.އޭ އިން އަންގާ ހާލަތްތަކުގައި މެނުވީ، އެކަށީގެންވާ އެކައުންޓިންގ ސިސްޓަމްތަކާއި އެކައުންޓިންގ އުސޫލުތައް ދެމެހެއްޓުމަށާއި، މާލީ ގޮތުންނާއި އެނޫންވެސް ގޮތުން ބޭންކަށް ނުރަނގަޅު އަސަރުތަކެއް ކޮށްފާނެ ކަންތައް މަދުކުރުމަށް ފިޔަވަޅުތައް އެޅުމުގައި ބޭންކަށް އެހީތެރިކަމެއް ބޭނުންވެއްޖެ ހިނދެއްގައި، އެފަދަ އެހީ ފޯރުކޮށްދޭންވާނީ ބޭންކުގެ އެކްސްޓަރނަލް އޮޑިޓަރު ފިޔަވައި އެހެން އޮޑިޓަރެކެވެ.

(ބ) އެމް.އެމް.އޭ ގެ ހުއްދަ ލިބިގެން މެނުވީ، އެއްވެސް ބޭންކަކުން ވިދިވިދިގެން 4 (ހަތަރެއް) އަހަރަށްވުރެ ދިގު މުއްދަތަކަށް އެއް އެކްސްޓަރނަލް އޮޑިޓް ފާރމެއް އައްޔަންކޮށްގެން ނުވާނެއެވެ.

(ޅ) ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރާ އޮޑިޓްކުރުމުގެ މިންގަނޑުތަކާއި އެމް.އެމް.އޭ އިން ބޭންކު އޮޑިޓްކުރުމާބެހޭ ގޮތުން ގަވާއިދެއްގެ ސިފައިގައި ނުވަތަ އެނޫންވެސް ގޮތަކަށް ކަނޑައަޅާ މިންގަނޑުތަކާއެއްގޮތްވާ ގޮތުގެމަތިން، ކޮންސޮލިޑޭޓަޑް އުސޫލަކުން އޮޑިޓަރު ރާއްޖޭގައި ހިންގާ ބޭންކުގެ ހަރަކާތްތައް އޮޑިޓްކޮށް، ތިރީގައިވާ ކަންތައްތައް ކުރަންވާނެއެވެ.

  1. އޮޑިޓަރު އަދި އޮޑިޓް ފާރމްގެ ހުރިހާ މެންބަރުން، މި މާއްދާގެ (ށ) އަދި (ނ) ގައި ބުނެފައިވާ ކަންތައްތައް ފުރިހަމަވާކަމާމެދު ބަޔާނެއް ބޭންކަށް ދޭންވާނެއެވެ.
  2. މާލީ އަހަރު ނިމޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އޮޑިޓް ރިޕޯޓެއް ތައްޔާރުކޮށް، އެ ރިޕޯޓާއެކު، ބޭންކުގެ މާލީ ހިސާބުތައް ތައްޔާރުކޮށްފައިވަނީ އެކަށީގެންވާ ގޮތަކަށް ފުރިހަމައަށްކަމަށާއި، މި ގާނޫނާއި އެކައުންޓިންގ މިންގަނޑުތަކާއެއްގޮތަށް އެ މާލީ ހިސާބުތަކުން ބޭންކުގެ ހަގީގީ މާލީ ހާލަތު ފުރިހަމައަށް ދައްކުވައިދޭ ކަމާމެދު އޮޑިޓަރުންގެ އޮޑިޓް އޮޕީނިއަންއެއް، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް ފޮނުވުން. އޮޑިޓް ރިޕޯޓުގެ ކޮޕީއަކާއި، އޮޑިޓް ރިޕޯޓާއެކު އޮޑިޓަރު ބޭންކުގެ މެނޭޖްމަންޓަށް ފޮނުވާ ސިޓީއެއްވާނަމަ، އެސިޓީގެ ކޮޕީއެއް، އޮޑިޓަރުން އެމް.އެމް.އޭ އަށް ފޮނުވަންވާނެއެވެ. އަދި ތިރީގައިވާ ކަންތައްތައް އޮޑިޓް ރިޕޯޓުގައި ހިމަނަންވާނެއެވެ.

    (ހ) ބޭންކު އޮޑިޓްކުރުމުގައި ބޭންކުގެ އެޑްމިނިސްޓްރޭޓަރުން، މުވައްޒަފުން ނުވަތަ އޭޖެންޓުންގެ ފަރާތުން ހޯދާފައިވާ މައުލޫމާތުތަކަކީ ނުވަތަ ތަފްސީލުތަކަކީ އެކަށީގެންވާ މައުލޫމާތުތަކެއް ނުވަތަ ތަފްސީލުތަކެއްތޯ، ނުވަތަ އެއިން އެއްވެސް މައުލޫމާތެއް ނުވަތަ ތަފްސީލެއް އެއީ ފުރިހަމަ ނޫން އެއްޗެއްތޯ؛

    (ށ) ތިރީގައިވާ ކަންތައްތައް އިތުބާރު ކުރެވޭ ފެންވަރަކަށް ނުވަތަ މިންވަރަކަށް ހުންނާނެކަމަށް ގަބޫލުކުރެވޭފަދަ އިންޓަރނަލް ކޮންޓްރޯލްތަކެއް ބޭންކުން ހަމަޖައްސާފައިވޭތޯ:

    -  މާލީ ކަންކަމާގުޅޭ ގޮތުން ރިޕޯޓުކުރުން؛
    -  އެކައުންޓިންގ މިންގަނޑުތަކާއެއްގޮތްވާ ގޮތުގެމަތިން، މާލީ ހިސާބުތައް އެކުލަވާލުން؛
    -  ބޭންކުގެ އެސެޓުތައް ރައްކާތެރިކުރުން؛
    -  މި ގާނޫނާއި އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލުކުރުން؛
    -   ބޭންކުގެ ރިސްކް މެނޭޖްމަންޓް ޕޮލިސީތަކާއި ޕްރޮސީޖަރތައް؛
    -   މަނީ ލޯންޑްރިންގއާއި ޓެރަރިސްޓް ހަރަކާތްތަކަށް ފައިސާ ހޯދައިދިނުން ހުއްޓުވުމަށް ހަމަޖައްސަންޖެހޭ ނިޒާމްތައް ހަމަޖެއްސުން؛

    (ނ) ލޯނުތަކުގެ ދަރަޖަތައް ސައްހަގޮތަކަށް ދައްކުވައިދޭފަދަ ލޯނު ދިރާސާކޮށް، ޕްރޮވިށަން ހަދާ ނިޒާމެއް ގެންގުޅޭކަން. އަދި އެމް.އެމް.އޭ އިން ކަނޑައަޅާ މިންގަނޑުތަކާ އެކަށޭނަ، އަދި އެވަގުތުގައާއި ކުރިމަގުގައި ހުންނާނެކަމަށް ބެލެވޭ ހާލަތުގެ މައްޗަށް ބިނާކޮށް ލޯނުތަކުން ބޭންކަށް ލިބިދާނެ ގެއްލުމާ އެކަށޭނަ މިންވަރަކަށް ލޯނުތަކަށް ޕްރޮވިށަން ހަދާފައިވޭތޯ؛

    (ރ) ބޭންކުން އެކަށީގެންވާ ގޮތަކަށް އެކައުންޓިންގ ރިކޯޑުތައް ބަލަހައްޓަމުން ގެންދޭތޯއާއި މި ރިކޯޑުތަކާއެއްގޮތަށް ބޭންކުގެ މާލީ ހިސާބުތައް ތައްޔާރުކޮށްފައިވޭތޯ؛ އަދި

    (ބ) ފާއިތުވި އަހަރުތަކުގެ ބޭންކުގެ ހަރަކާތްތަކާއި ހިންގުމާގުޅޭ ގޮތުން އޮޑިޓަރުން ދީފައިވާ ލަފާތަކާއި، ހުށަހެޅުންތަކަށް ބޭންކުގެ މެނޭޖްމަންޓުން އަމަލުކޮށްފައިވާ މިންވަރު.

  3. ބޭންކުގެ އެޑްމިނިސްޓްރޭޓަރެއް، އޮފިސަރެއް، މުވައްޒަފެއް ނުވަތަ އޭޖެންޓެއްގެ އެއްވެސް އަމަލަކީ މަކަރާއި ހީލަތުގެ އަމަލެއްކަމަށް، ނުވަތަ މި ގާނޫނު ނުވަތަ އެމް.އެމް.އޭ އިން ކަނޑައަޅާ އެއްވެސް ގަވާއިދަކާ ނުވަތަ އެމް.އެމް.އޭ ގެ އަމުރަކާ ހިލާފު އަމަލެއްކަމަށް އެކްސްޓަރނަލް އޮޑިޓަރަށް އެނގިއްޖެނަމަ، ނުވަތަ އެފަދަ އަމަލެއްކަމަށް ގަބޫލުކުރެވޭ ސަބަބެއްވާނަމަ، އެ އަމަލެއްގެ މައުލޫމާތު ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުންނަށާއި އެމް.އެމް.އޭ އަށް އެންގުން؛

  4. ބޭންކުގެ ހަރަކާތްތައް އެކަށީގެންވާ ގޮތަކަށް ނުހިންގޭކަމަށް ނުވަތަ ބޭންކުގެ އިދާރީ ކަންތައް އެކަށީގެންވާގޮތަކަށް ނުކުރެވޭކަމަށް، ނުވަތަ ބޭންކުގެ ހަރަކާތްތައް ހިންގުމުގައާއި އިދާރީ ކަންތައް ކުރުމުގައި އާދަޔާ ހިލާފުކަމެއް ހިނގާކަމަށް، އެކްސްޓަރނަލް އޮޑިޓަރަށް އެނގިއްޖެނަމަ، އަދި އެކަމަކީ ބޭންކަށް އެކަށީގެންވާ ގެއްލުމެއްލިބޭނެ ކަމެއްނަމަ، އެކަމެއްގެ މައުލޫމާތު ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުންނަށާއި އެމް.އެމް.އޭ އަށް އެންގުން؛ އަދި

  5. އެކަމަކީ މި މާއްދާގެ (3) އަދި (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދަ މަކަރާއި ހީލަތުގެ އަމަލެއްކަމަށް؛ ނުވަތަ އެއްވެސް ގާނޫނަކާ ނުވަތަ ގަވާއިދަކާ ނުވަތަ އަމުރަކާ ހިލާފުކަމެއް ކަމަށް؛ ނުވަތަ ބޭންކުގެ ހަރަކާތްތައް ހިންގުމުގައި ނުވަތަ ބޭންކުގެ އިދާރީ ކަންތައްތައް ކުރުމުގައި ހުރި އާދަޔާ ހިލާފުކަމެއް ނުވަތަ އުނިކަމެއް ކަމުގައި ނުވިނަމަވެސް، އެކަމެއްގެ ސަބަބުން ބޭންކުގެ ލައިބިލިޓީތަކަށްވުރެ އިތުރަށް ހުރި އެސެޓުތަކުގެ މިންވަރު ނުވަތަ ބޭންކުގެ އެސެޓުތަކުގެ ތެރެއިން ނަގުދު ފައިސާއާއި ފަސޭހަކަމާއެކު ނަގުދު ފައިސާއަށް ބަދަލުކުރެވޭގޮތަށް ހުރި އެސެޓުގެ މިންވަރަށް ހީނަރުކަމެއް އަތުވެދާނެކަމެއް ކަމަށްވާނަމަ، އެކަމަކީ ސުޕަވައިޒްކޮށް ބަލަންޖެހޭ ކަމަކަށްވާތީ، އެކަމެއްގެ މައުލޫމާތު ޑިރެކްޓަރުންގެ ބޯޑުގެ ކޮންމެ މެންބަރަކަށް އަދި އެމް.އެމް.އޭ އަށް އަންގަންވާނެއެވެ.

(ކ) ކޮންމެ ބޭންކަކުންވެސް، އެ ބޭންކެއްގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ލިބެން ހުންނަތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އަދި ލަސްވެގެން ކޮންމެ މާލީ އަހަރެއް ނިމޭތާ 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި އެ ހިސާބުތަކުގެ ކޮޕީއެއް އެމް.އެމް.އޭ އަށް ހުށަހަޅަންވާނެއެވެ. އަދި އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއެކު އޮޑިޓަރު ބޭންކަށް ފޮނުވާފައިވާ ސިޓީގެ ކޮޕީއެއްވެސް އޮޑިޓްކޮށްފައިވާ ހިސާބުތަކާއެކު އެމް.އެމް.އޭ އަށް ހުށަހަޅަންވާނެއެވެ. ފޮނުވުނު އޮޑިޓް ރިޕޯޓާމެދު އެމް.އެމް.އޭ އިން ހިތްހަމަނުޖެހި ހިޔާލު ތަފާތުވުމެއް އުފެދިއްޖެނަމަ، ބޭންކުގެ ހަރަދުގައި އަދި އެމް.އެމް.އޭ އިން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި، މުޅިން އާ އޮޑިޓް ރިޕޯޓެއް ތައްޔާރުކުރުމަށް އެހެން އޮޑިޓަރެއް އައްޔަންކުރުމަށް އެމް.އެމް.އޭ އިން އެންގިދާނެއެވެ.

 

51 ވަނަ މާއްދާ - އިތުރު މަސައްކަތްތައް

(ހ) މި ގާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންވެފައިވާ ކަންތައްތަކުގެ އިތުރުން ތިރީގައިވާ ކަންތައްތައް ކުރުމަށް އެމް.އެމް.އޭ އިން އޮޑިޓަރަށް އެންގިދާނެއެވެ.

  1. ބޭންކު އޮޑިޓް ކުރުމާގުޅޭ އެމް.އެމް.އޭ އަށް ފެންނަ އިތުރު މައުލޫމާތު ހުށަހެޅުން؛
  2. ރިޕޯޓެއް ހުށަހެޅުމަށް، އެގްޒެމިނޭށަން ކުރިއަށް ގެންދިއުމަށް، ނުވަތަ އެމް.އެމް.އޭ އިން އަންގާ ކަމަކާމެދު ލަފާ ދިނުމަށް؛
  3. ބޭންކުގެ މާލީ އަދި އެކައުންޓިންގއާބެހޭ ނިޒާމްތައް ހަމަޖެހިފައިވާ ގޮތާއި، ބޭންކުގެ އިންޓަރނަލް ކޮންޓްރޯލްއާބެހޭ ރިޕޯޓެއް އެމް.އެމް.އޭ އަށް ހުށަހެޅުމަށް؛ ނުވަތަ
  4. އެމް.އެމް.އޭ ގެ ގަވާއިދުތަކާއި އިރުށާދުތަކާ އެއްގޮތްވާގޮތަށް، މަނީ ލޯންޑްރިންގއާއި ޓެރަރިސްޓް ހަރަކާތްތަކަށް ފައިސާ ހޯދައިދިނުން ހުއްޓުވުމަށް ބޭންކުން އެކަށީގެންވާ ފިޔަވަޅުތައް ކަނޑައަޅާފައިވާކަން ނުވަތަ ނޫންކަން، އަދި މި ފިޔަވަޅުތަކަށް އަމަލުކުރަމުން ދާކަން ނުވަތަ ނޫންކަމާބެހޭ ގޮތުން ރިޕޯޓެއް އެމް.އެމް.އޭ އަށް ހުށަހެޅުމަށް.

(ށ) އެމް.އެމް.އޭ އިން އޮޑިޓަރަށް ކުރުމަށް އަންގާ އިތުރު ކަންތައްތައް ކުރުމަށް ހިނގާ ހަރަދުތަކަށް ޒިންމާވާނީ އެ ބޭންކަކުންނެވެ.

 

52 ވަނަ މާއްދާ - އެހެން ގާނޫނުތަކުގެ މާއްދާތަކަށް އަމަލުކުރުމާއި، ބޭންކުގެ އޮޑިޓަރު ވަކިކުރުމަށް ގަސްދުކުރާކަން އެމް.އެމް.އޭ އަށް އެންގުން

(ހ) މި ގާނޫނުގައި އެހެންގޮތަކަށް ބުނެފައިނުވާހާ ހިނދަކު، ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) އަށް ބޭންކުތަކުގެ އޮޑިޓަރުން އަމަލުކުރަންވާނެއެވެ.

(ށ) އޮޑިޓަރުން ފަންނީ އަދި ބޭންކިންގގެ ސިއްރު ހިފެހެއްޓުމުގައި ދެމިހުންނަންވާނެއެވެ. ނަމަވެސް މި ގާނޫނުގެ ދަށުން، ހެޔޮ ނިޔަތުގައި ބޭންކާބެހޭ ނުވަތަ ބޭންކުގެ ހިދުމަތް ލިބިގަންނަ ފަރާތަކާބެހޭ ސިއްރު މައުލޫމާތެއް އެމް.އެމް.އޭ އަށް އޮޑިޓަރު ހާމަކުރުމަކުން، އެ އޮޑިޓަރަކާމެދު މަދަނީ ނުވަތަ ޖިނާއީ ދައުވާއެއް ނުއުފުލޭނެއެވެ. އަދި ހާއްސަކޮށް 50 ވަނަ މާއްދާގެ (ޅ) ގެ ދަށުން، އެމް.އެމް.އޭ އަށް އޮޑިޓަރު ހުށަހަޅާ ރިޕޯޓެއްގެ ސަބަބުން، ފަންނީ އަދި ބޭންކިންގ ދާއިރާގެ ސިއްރު ހިފެހެއްޓުމުގެ ޒިންމާއާ ހިލާފުވީ ކަމުގައެއް ނުބެލެވޭނެއެވެ.

(ނ) ބޭންކަކުން އެ ބޭންކުގެ އޮޑިޓަރު ނުވަތަ އޮޑިޓް ފާރމް ވަކިކުރުމުގެ ކުރިން، ވަކިކުރުމަށް ގަސްދުކުރާކަން ސަބަބާއެކު އެމް.އެމް.އޭ އަށް އަންގަންވާނެއެވެ. އަދި ބޭންކުން ދީފައިވާ ސަބަބުތަކަކީ އެކަށީގެންވާ ސަބަބުތަކެއްކަމަށް އެމް.އެމް.އޭ އަށް ގަބޫލުނުކުރެވޭނަމަ، އެ އޮޑިޓަރު ނުވަތަ އޮޑިޓް ފާރމް ވަކި ނުކުރުމަށް ނުވަތަ އަލުން ވަޒީފާ ދިނުމަށް އެމް.އެމް.އޭ އިން އެންގިދާނެއެވެ.

 

10 ވަނަ ބާބު

ސުޕަވައިޒްކުރުމާއި އިމްތިހާންކުރުން

53 ވަނަ މާއްދާ - އިމްތިހާންކުރުން

ތިރީގައި ބަޔާންކުރެވިފައިވާ ގޮތްތަކުގެ މަތިން، އެމް.އެމް.އޭ އިން ބޭންކުތައް ކޮންސޮލިޑޭޓްކޮށް ސުޕަވައިޒްކުރަންވާނެއެވެ. ކޮންސޮލިޑޭޓްކޮށް ސުޕަވައިޒްކުރެވެން ނެތްނަމަ، އެދެވޭ ނުވަތަ އެކަށީގެންވާ ގޮތެއްކަމަށް އެމް.އެމް.އޭ އިން ކަނޑައަޅާ އެހެން ގޮތަކަށް، ތިރީގައިމިވާ ގޮތްތަކުގެމަތިން، ބޭންކުތައް ސުޕަވައިޒްކުރަންވާނެއެވެ.

(ހ) ބޭންކު ހިނގާގޮތާއި، ބޭންކުގެ ހާލަތު ދެނެގަތުމަށް، މެނޭޖްމަންޓުގެ ގާބިލުކަމާއި ހިންގުންތެރިކަން ދެނެގަތުމަށް، ބޭންކަށް ނުރަނގަޅު އަސަރުތަކެއް ކޮށްފާނެ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާފައިވާ އުސޫލުތައް ބެލުމަށް، ބޭންކިންގ ހަރަކާތްތައް ހިންގުމުގައި ގާނޫނުތަކާއި ގަވާއިދުތަކާއެއްގޮތަށް އަމަލުކުރާ މިންވަރު ބެލުމަށް، އަދި މިނޫންވެސް ބަލަންޖެހޭކަމަށް އެމް.އެމް.އޭ އަށް ފެންނަ ކަންތައްތައް ބެލުމަށް އެމް.އެމް.އޭ އިން އައްޔަންކުރާ މީހެއް ނުވަތަ މީހުން، ނުވަތަ އެމް.އެމް.އޭ ގެ އެކެއް ނުވަތަ އެއަށްވުރެ ގިނަ އޮފިސަރުން މެދުވެރިކޮށް، އެމް.އެމް.އޭ އަށް ފެނިއްޖެ ކޮންމެ ހިނދެއްގައި، އެ ބޭންކުގެ އޮންސައިޓް އެގްޒެމިނޭށަނެއް ހިންގިދާނެއެވެ.

(ށ) އެމް.އެމް.އޭ އިން ބޭންކުތައް ގަވާއިދުން، ދެ އޮންސައިޓް އެގްޒެމިނޭށަން ދޭތެރޭ 18 (އަށާރަ) މަސްދުވަހަށްވުރެ ގިނަ ނުވާގޮތަށް، އޮންސައިޓް އެގްޒެމިނޭށަން ހަދަންވާނެއެވެ.

(ނ) އެމް.އެމް.އޭ އިން އެދެފި ހިނދެއްގައި، އިތުރު މައުލޫމާތު، ލިޔެކިޔުން، ހެކި އަދި ސާފުކުރަން ބޭނުންވާ ކަންތައްތަކާބެހޭ މައުލޫމާތު، އެމް.އެމް.އޭ އަށް ބޭންކުން ފޯރުކޮށްދޭންވާނެއެވެ. އަދި ބަޔާންކުރެވުނު ތަކެތި ހުށަހަޅާއިރު ނުވަތަ ފޯރުކޮށްދޭއިރު އެތަކެތީގެ ތެދުކަން ލިޔުމަކުން އަންގައިދޭންޖެހޭ ފަދަ ހާލަތްތަކުގައި، އެފަދަ ލިޔުމެއްވެސް އެމް.އެމް.އޭ އަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ބޭންކެއް އިމްތިހާންކުރުމަށް ހުއްދަދީފައިވާ ހުރިހާ ފަރާތްތަކުންވެސް، މަސައްކަތް ކުރުމުގައި ލިބޭ މައުލޫމާތުތަކުގެ ސިއްރު ހިފަހައްޓަންވާނެއެވެ. އަދި މިފަރާތްތަކުން ބޭންކުގެ އެޑްމިނިސްޓްރޭޓަރެއް، އޮފިސަރެއް، މުވައްޒަފެއް، އޭޖެންޓެއް، ނުވަތަ ބޭންކުގެ ސަބްސިޑިއަރީއެއް ނުވަތަ އެފިލިއޭޓްއަކަށް؛ އިމްތިހާންކުރުމުގައި ބޭނުންވާނެ ފޮތްތަކާއި، އެކައުންޓުތަކާއި، ލިޔެކިޔުންތައް ދެއްކުމަށް އެންގިދާނެއެވެ. މިގޮތުން އަންގާ މައުލޫމާތު، ބޭންކުތަކުން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ބޭންކު އިމްތިހާންކުރާ ފަރާތަށް ދޭންވާނެއެވެ.

(ބ) ބޭންކު އިމްތިހާންކުރުމަށް ދާ ފަރާތްތަކުން، އިމްތިހާންކުރުމުން ލިބުނު މައުލޫމާތުގެ މައްޗަށް ރިޕޯޓެއް އެކުލަވާލައި، އެ ރިޕޯޓު އެމް.އެމް.އޭ އަދި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅަންވާނެއެވެ.

 

54 ވަނަ މާއްދާ - މައުލޫމާތު ބަދަލުކުރުން

(ހ) ބޭންކު ސުޕަވައިޒްކުރުމުގެ ކަންތައްތަކުގެ މައުލޫމާތު، އެމް.އެމް.އޭ އިން، މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އެއްގެ ދަށުން ނުވަތަ ނޫން ކަމުގައިވިޔަސް، އެހެނިހެން ގައުމުތަކުގެ ބޭންކު ސުޕަވައިޒްކުރާ އިދާރާތަކާއެކު ބަދަލުކުރެވިދާނެއެވެ. މިގޮތުން ބަދަލުކުރެވޭ މައުލޫމާތުތަކުގެ ތެރޭގައި ސިއްރު ހިފަހައްޓަންޖެހޭފަދަ މައުލޫމާތުވެސް ހިމެނިދާނެއެވެ. ނަމަވެސް މިފަދަ މައުލޫމާތު ބަދަލުކުރަންވާނީ، އެ މައުލޫމާތުދެވޭ ނުވަތަ ބަދަލުކުރެވޭ ބޭރުގެ ސުޕަވައިޒަރީ އިދާރާއިން އެ މައުލޫމާތުގެ ސިއްރު ހިއްފަހައްޓާނެކަން އެމް.އެމް.އޭ އަށް ގަބޫލުކުރެވޭނަމައެވެ.

(ށ) ބޭރުގެ ސުޕަވައިޒްކުރާ އިދާރާތަކާ އެމް.އެމް.އޭ އާދެމެދު، ދެފަރާތުންވެސް މައުލޫމާތު ބަދަލުކުރެވޭނެކަމާއި، މިގޮތުން މައުލޫމާތު ބަދަލުކުރެވޭނެ މިންވަރާއި، އުސޫލުތަކާއި، މައުލޫމާތު ބަދަލުކުރެވޭނެގޮތުގެ ތަފްސީލު ހިމެނޭ މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ ތަކެއްގައި، އެމް.އެމް.އޭ އިން ސޮއިކުރެވިދާނެއެވެ.

 

55 ވަނަ މާއްދާ - ގާނޫނީ ހިމާޔަތް ލިބިދިނުން

އެމް.އެމް.އޭ ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކު ނުވަތަ އޮފިސަރަކު ނުވަތަ މުވައްޒަފަކު ނުވަތަ އެމް.އެމް.އޭ ގެ އޭޖެންޓަކު (މީގެ ތެރޭގައި މި ގާނޫނުގެ ދަށުން އޮޑިޓްކުރުމަށް ނުވަތަ އެގްޒެމިނޭށަނެއް ހެދުމަށް ނުވަތަ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރުމަށް ނުވަތަ ކޮންޒަވޭޓަރެއް ނުވަތަ ރިސީވަރެއްގެ ގޮތުގައި މަސައްކަތްކުރުމަށް އައްޔަންކުރެވޭ ފަރާތްތައް ހިމެނޭ ގޮތަށް) މި ގާނޫނުގެ ދަށުން ކުރަންޖެހޭ ކަންތައްތައް ކުރުމުގައި، ކުރާކަމަކާ ނުވަތަ ނުކޮށް ދޫކޮށްލާކަމަކާ ގުޅިގެން އެމީހެއްގެ މައްޗަށް އުފުލޭ ދައުވާއެއްގައި އެފަރާތެއް ޒާތީގޮތުން އެކަމަކަށް ޒިންމާވާކަށް ނުޖެހޭނެއެވެ. އަދި އެފަދަ ކަމަކާގުޅިގެން އެފަރާތުގެ މައްޗަށް ކުރެވޭ ދައުވާއެއްގައި، އެފަރާތުން ކުރަންޖެހޭ ހަރަދުތަކަށް އެމް.އެމް.އޭ އިން ޒިންމާ ވާންޖެހޭނެއެވެ. ނަމަވެސް އެކަމެއް ކޮށްފައިވަނީ ނުވަތަ ނުކޮށް ދޫކޮށްލާފައި ވަނީ ނުބައި ނިޔަތެއްގައިކަމަށް ސާބިތުވެއްޖެނަމަ، ނުވަތަ އެފަރާތުން ކުރަންޖެހޭ މަސައްކަތް ކުރުމުގައި ޖިނާއީ ކުށެއް ކޮށްފައިވާކަމަށް ށަރީއަތުގައި ސާބިތުވެއްޖެނަމަ، އެފަދަ ގެއްލުމެއްގެ ޒިންމާ އެމް.އެމް.އޭ އިން އުފުލާކަށް ނުޖެހޭނެއެވެ.

 

11 ވަނަ ބާބު

ގާނޫނު ހިންގުމަށް އެޅޭ ފިޔަވަޅުތަކާއި އަދަބުތައް

 

56 ވަނަ މާއްދާ - ރަނގަޅުކުރުމަށް އެޅޭ ފިޔަވަޅުތައް، ގާނޫނު ހިންގުމަށް އެޅޭ ފިޔަވަޅުތައް، އަދި އިދާރީ އަދަބުތައް

(ހ) ބޭންކެއް ނުވަތަ ބޭންކެއްގެ އެޑްމިނިސްޓްރޭޓަރަކު ނުވަތަ ބޭންކާގުޅިފައިވާ ފަރާތަކުން ތިރީގައި ބަޔާންކޮށްފައި މިވާ ކަންތައްތަކުގެ ތެރެއިން ކަމެއްކޮށްފިކަމަށް އެމް.އެމް.އޭ އަށް ޔަގީންކުރެވިއްޖެނަމަ ނުވަތަ އެފަދަކަމެއް ކޮށްފިކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ލިބިފައިވާނަމަ، މި މާއްދާގައި (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ އަދަބެއް ނުވަތަ ފިޔަވަޅެއް އެމް.އެމް.އޭ އިން އެފަރާތަކާމެދު އެޅިދާނެއެވެ.

  1. މި ގާނޫނާ ނުވަތަ އެއްވެސް ގަވާއިދަކާ ނުވަތަ ލައިސަންސްގެ ށަރުތަކާ ނުވަތަ އެމް.އެމް.އޭ ގެ އަމުރަކާ ނުވަތަ އިރުށާދަކާ ހިލާފުވުން، ނުވަތަ
  2. އެކަށީގެންނުވާ ނުވަތަ ހަރުދަނާ ނޫންގޮތަކަށް ބޭންކިންގ ހަރަކާތްތައް ހިންގާފައިވާކަން، ނުވަތަ ހިންގަމުންދާކަން.

 (ށ) މި މާއްދާގެ (ހ) ގެ (1) އަދި (2) ވަނަ ނަންބަރުގައި ބުނާކަމެއް ހިނގައިފިނަމަ، ނުވަތަ ހިނގާފައިވާނަމަ، ނުވަތަ ހިނގާފާނެކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް އެމް.އެމް.އޭ އަށް ލިބިފައިވާނަމަ، ތިރީގައި މިވާ ފިޔަވަޅުތަކާއި އަދަބުތަކުންކުރެ، ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް، ނުވަތަ އަދަބެއް ނުވަތަ އަދަބުތަކެއް އެފަރާތަކާމެދު އެޅިދާނެއެވެ.

  1. ލިޔުމަކުން ބޭންކަށް އިންޒާރެއް ދިނުން؛
  2. މި މާއްދާގެ (ހ) ގެ (1) އަދި (2) ވަނަ ނަންބަރުގައިވާ ކަމެއްކުރުމުން، އެކަމެއް ރަނގަޅުކުރުމަށް އަޅާނެ ފިޔަވަޅުތައް ބޭންކާއެކު ނުރަސްމީ ގޮތެއްގެމަތިން، އެއްބަސްވެ، އެ ފިޔަވަޅުތައް އަޅާނެ މުއްދަތުތަކުގެ ތާވަލެއް އެކުލަވާލުން؛
  3. ވަކި ހަރަކާތެއް ނުވަތަ އަމަލެއްކުރުން ހުއްޓުމަށް ބޭންކަށް އަމުރުކުރުން، ނުވަތަ މި މާއްދާގެ (ހ) ގެ (1) އަދި (2) ވަނަ ނަންބަރުގައި ބުނާކަމެއް ރަނގަޅުކުރުމަށް ފިޔަވަޅު އެޅުމަށް ބޭންކަށް އެންގުން؛
  4. މި މާއްދާގެ (ހ) ގެ (1) އަދި (2) ވަނަ ނަންބަރުގައި ބުނާކަމެއް ރަނގަޅުކުރުމަށް އަޅަން ގަސްދުކުރާ ފިޔަވަޅުތައް ނުވަތަ އަޅާފައިވާ ފިޔަވަޅުތަކުގެ ތަފްސީލު ހުށަހެޅުމަށް ބޭންކަށް އެންގުން؛
  5. އެމް.އެމް.އޭ އަށް ގަބޫލުކުރެވޭ މުއްދަތެއްގެ ތެރޭގައި ބޭންކުގެ ރައުސްމާލު އިތުރުކުރުމަށް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް އެންގުން ނުވަތަ އެމް.އެމް.އޭ އިން ކަނޑައަޅާ މިންވަރަކަށް ބޭންކުގެ ރައުސްމާލު އިތުރުކުރުމަށް، އެމް.އެމް.އޭ އަށް ގަބޫލުކުރެވޭފަދަ ގޮތަކަށް ރާވައި، އެގޮތެއް އެމް.އެމް.އޭ އަށް ހުށަހެޅުމަށް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް އެންގުން؛
  6. ބޭންކުގެ ބައެއް ހަރަކާތްތައް ހުއްޓާލުމަށް އެންގުން؛
  7. ހިއްސާދާރުންނަށް ބޭންކުގެ ފައިދާއިން ފައިސާ ބަހާނެ އަދަދު ކަނޑައެޅުން ނުވަތަ ފައިސާ ބެހުން ނުވަތަ ބޭންކުގެ ފައިދާ އެހެންވެސް ފަރާތަކަށް ބެހުން މަނާކުރުން؛
  8. ދަރަނި ދޫކުރުމަށް ހުރަސްތަކެއް އެޅުން ނުވަތަ ވަކި ގޮތްތަކެއް ނުވަތަ ށަރުތުތަކެއް ކަނޑައެޅުން؛
  9. ގާނޫނު ނަންބަރު 6/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 198) ގެ ދަށުން ރިޒަރވްގެ ގޮތުގައި މަދުވެގެން ބަހައްޓަންޖެހޭ އަދަދާއި މިނޫންވެސް ގާނޫނީގޮތުން ބަހައްޓަންޖެހޭ ޑިޕޮސިޓްތަކުގެ އިތުރުން، އެކަށީގެންވާކަމަށް އެމް.އެމް.އޭ އަށް ގަބޫލުކުރެވޭ ށަރުތުތަކަކާއެކު، އެމް.އެމް.އޭ އިން ކަނޑައަޅާ އަދަދެއްގެ ފައިސާ ވަކި މުއްދަތަކަށް އެމް.އެމް.އޭ ގައި ޑިޕޮސިޓްކޮށް ބެހެއްޓުމަށް އެންގުން؛
  10. މި މާއްދާގެ (ހ) ގެ (1) އަދި (2) ވަނަ ނަންބަރުގައި ބުނެފައިވާފަދަ ކަމެއް ބޭންކުން ކޮށްފައިވާކަމަށް ނުވަތަ ބޭންކުގައި ހިނގާފައިވާ ކަމަށްވާނަމަ، އެކަންކަން ބަލައި ދިރާސާކުރުމަށް، އަދި އެކަންކަން ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއެއް ބޭއްވުމަށް ބޯޑުގެ ޗެއަރމަންއަށް އެންގުން. މިގޮތުން ބާއްވާ ޖަލްސާތަކުގައި އެމް.އެމް.އޭ ތަމްސީލުކުރާ ފަރާތެއް ނުވަތަ ފަރާތްތަކެއް ބައިވެރިވާންވާނެއެވެ.
  11. އެމް.އެމް.އޭ އިން ކަނޑައަޅާ މުއްދަތަކާއި ގޮތްތަކެއްގެމަތިން، ބޭންކުގެ އެސެޓުތައް ވިއްކުން ނުވަތަ އެހެން ފަރާތަކަށް ބަދަލުކުރުމުގައާއި، ބޭންކުގެ ފައިސާއިން ލޯނު ދިނުމާއި އަދި އެހެނިހެން އިންވެސްޓްމަންޓްތައް ކުރުމުގައާއި، އެއްވެސް ދަރަންޏެއްގައި ބޭންކުން ބައިވެރިވުމުގައާއި، އަދި ބޭންކުގެ ފައިދާއިން ހިއްސާދާރުންނަށް ފައިސާ ބެހުމުގައާއި، ބޭންކުން އަމަލުކުރަން ގަސްދުކުރާގޮތްތަކާ ނުވަތަ އަޅަން ކަނޑައަޅާ ފިޔަވަޅުތަކާ ދޭތެރޭ އިންކާރުކުރުމުގެ ނުވަތަ ވަކިގޮތެއް ނިންމުމުގެ ބާރު ލިބިދޭ އެޑްވައިޒަރެއް ބޭންކުން އައްޔަންކުރުމަށް އަމުރުކުރުން؛
  12. މި މާއްދާގެ (ހ) ގެ (1) އަދި (2) ވަނަ ނަންބަރުގައި ބުނެފައިވާ ކަންތައްތަކުގެ ތެރެއިން، ކުރެވިފައިވާ ކަމެއްގެ ކުޑަބޮޑުމިނަށް ބަލައި ބޭންކުގެ މެނޭޖިންގ ޑިރެކްޓަރު، ނުވަތަ އެހެން އެގްޒެކެޓިވް އޮފިސަރަކު ނުވަތަ އައްޔަންކުރެވިފައިވާ ބްރާންޗް މެނޭޖަރު ވަގުތީގޮތުން ނުވަތަ އެއްކޮށް، މަގާމުން ވަކިކުރުމަށް ބޭންކަށް އަމުރުކުރުން؛
  13. ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން ނުވަތަ އެހެން މެންބަރަކު ވަކިކުރުމަށް ބޭންކަށް އެންގުން؛
  14. ބޭންކުގެ ޑިރެކްޓަރުންގެ ބޯޑު އުވާލައި، މި ގާނޫނުގެ 69 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، ބޭންކު ހިންގުމުގެ ޒިންމާ އުފުލުމަށް ކޮންޒަވޭޓަރެއް އައްޔަންކުރުން؛
  15. އިދާރީ އަދަބެއް ދިނުން. މިފަދަ އިދާރީ އަދަބެއް ދިނުމުގައި އެމް.އެމް.އޭ އަށް ފެނިއްޖެ ހިނދެއްގައި، ވެވިފައިވާ ހިލާފު ރަނގަޅު ވަންދެން ނުވަތަ އަމަލުކުރަންޖެހޭ ކަންތައްތަކަށް އަމަލުކުރަންދެން، ކޮންމެ ދުވަހެއްގެ މައްޗަށް މިފަދަ އިދާރީ އަދަބެއް ހިނގާގޮތަށް އަދަބު ކަނޑައެޅިދާނެއެވެ. މިގޮތުން، ދުވާލެއްގެ މައްޗަށް 10,000 (ދިހަހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅިދާނެއެވެ. ނަމަވެސް، މިގޮތުން ކަނޑައަޅާ ޖުމްލަ އަދަދު ބޭންކުގެ އަގުއަދާކޮށްފައިވާ ރައުސްމާލުގެ %5 (ފަހެއް އިންސައްތަ) އަށްވުރެ، އިތުރުވެގެން ނުވާނެއެވެ.
  16. މި މާއްދާގެ (ހ) ގެ (1) އަދި (2) ވަނަ ނަންބަރުގައި ބަޔާންވެފައިވާފަދަ ކަމެއްގައި ޒިންމާވަނީ ބޭންކުގެ އެކެއް ނުވަތަ އެއަށްވުރެ ގިނަ އެޑްމިނިސްޓްރޭޓަރުން ކަމަށް އެމް.އެމް.އޭ އަށް ގަބޫލުކުރެވޭނަމަ، އެފަދަ ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް އިދާރީ އަދަބެއްދިނުން؛ ނުވަތަ
  17. ބޭންކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުން.

(ނ) ތިރީގައިވާފަދަ ކަމެއް ކޮށްފިކަމަށް ނުވަތަ ހިނގައިފިކަމަށް އެމް.އެމް.އޭ އަށް ގަބޫލުކުރެވިއްޖެނަމަ، ބޭންކުގެ އެޑްމިނިސްޓްރޭޓަރެއް، މެނޭޖަރެއް، ނުވަތަ އެހެން މުވައްޒަފެއް އެ މަގާމަކުން ނުވަތަ ބޭންކުގެ ވަޒީފާއިން ވަކިކުރުމާއި، ބޭންކުގެ މޭޖަރ ހިއްސާދާރުންނާއި އެހެންވެސް ފަރާތަކުން ބޭންކުގެ ނުވަތަ މި ގާނޫނުގެ ދަށުން އެމް.އެމް.އޭ އިން ސުޕަވައިޒްކުރާ އިދާރާއެއްގެ ހަރަކާތްތަކުގައި ބައިވެރިނުވުމަށް އެންގުމުގެ ބާރު އެމް.އެމް.އޭ އަށް ލިބިގެންވެއެވެ.

  1. ގަސްދުގައި މި މާއްދާގެ (ހ) ގެ (1) އަދި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަމެއްކުރުން ނުވަތަ އެފަދަކަމެއް ކުރުމުގައި ބައިވެރިވުން، ނުވަތަ އެފަދަ ކަމަކާގުޅިގެން އެމް.އެމް.އޭ އިން އަންގާ އަމުރަކަށް ގަސްދުގައި ނުކިޔަމަންތެރިވުން، އަދި
  2. މި މާއްދާގެ (ހ) ގެ (1) އަދި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދަ ކަމެއްގެ ސަބަބުން، ބޭންކަށް މާލީ ނުވަތަ އެހެންވެސް ގެއްލުމެއް ލިބުން ނުވަތަ އެފަދަ ގެއްލުމެއް ލިބުމަކީ ގާތްކަމެއް ކަމުގައިވުން، ނުވަތަ އެކަމެއްކުރި ފަރާތަކަށް މާލީ ނުވަތަ އެހެންވެސް ފައިދާއެއްވުން، އަދި
  3. މި މާއްދާގެ (ހ) ގެ (1) އަދި (2) ވަނަ ނަންބަރުގައި ބުނެފައިވާފަދަ ކަމެއްކޮށްފައިވަނީ އެކަމެއްކުރި ފަރާތުގެ ހިޔާނާތްތެރިކަމުގެ ސަބަބުންކަން، ނުވަތަ އެކަށީގެންވާ އަދި ހަރުދަނާގޮތަކަށް ބޭންކު ހިންގުމަށް ގަސްދުގައި ނުވަތަ ދެމިހުންނަނިވި ގޮތަކަށް އަޅާނުލުމުގެ ސަބަބުންކަން ދޭހަވުން.

(ރ)

  1. ތިރީގައިވާ ކަމެއް ބޭންކަކުން ކޮށްފިނަމަ، އެކަމެއް ރަނގަޅު ކުރަންދެން ދުވާލަކަށް އިދާރީ އަދަބެއްގެ ގޮތުގައި 10,000 (ދިހަހާސް) ރުފިޔާ އާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދެއް އެމް.އެމް.އޭ އަށް ދެއްކުމަށް އެ ބޭންކަށް އެމް.އެމް.އޭ އިން އެންގިދާނެއެވެ. ނަމަވެސް، މިގޮތުން ކަނޑައަޅާ ޖުމްލަ އަދަދު އެ ބޭންކެއްގެ ޕެއިޑްއަޕް ކެޕިޓަލް (ހިއްސާގެ ފައިސާ ލިބިގެން ގާއިމުކުރެވިފައިވާ ރައުސްމާލު) ގެ %5 (ފަހެއް އިންސައްތަ) އަށްވުރެ އިތުރު ވެގެންނުވާނެއެވެ.

    (ހ) ބޭންކުން ގަސްދުގައި ނުވަތަ ފަރުވާކުޑަކުރުމުގެ ސަބަބުން، ތެދުނޫން ނުވަތަ އެކަށީގެންވާ ވަރަށް ފުރިހަމަނުވާ ހިސާބުތަކާއި މައުލޫމާތު އެމް.އެމް.އޭ އަށް ހުށަހެޅުން، ނުވަތަ

    (ށ) އެމް.އެމް.އޭ އިން، އެއްވެސް މައުލޫމާތެއް ފޯރުކޮށްދިނުމަށް ބޭންކުގެ ފަރާތުން އެދުމުން، އެ މައުލޫމާތެއް ބޭންކަށް ލިބިފައި ހުރެ، ފޯރުކޮށް ނުދިނުން.

    މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ބުނެފައިވާ އިދާރީ ފިޔަވަޅު ބޭންކާ ދޭތެރޭ އެޅުމަކުން؛ އެމް.އެމް.އޭ ނުވަތަ ބޭންކުން މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގެ (ހ) އަދި (ށ) ގައި ބުނެފައިވާފަދަ ތެދުނޫން ނުވަތަ ފުރިހަމަނޫން މައުލޫމާތު ދިނުމުގެ ސަބަބުން ގެއްލުމެއް ލިބުނު އެއްވެސް ފަރާތަކުން، އެ ގެއްލުމުގެ ބަދަލު ހޯދުމަކުން މަނައެއް ނުކުރެއެވެ.

  2. ތަފާތު ބާވަތްބާވަތުގެ ކުށްތަކަށް ނުވަތަ ހިލާފުވުންތަކަށް ދެވޭނެ އިދާރީ އަދަބުތަކުގައި ފައިސާ ދެއްކުމަށް އަންގާނެ އަދަދުތައް އެމް.އެމް.އޭ އިން ކަނޑައަޅައި، އެ އަދަދުތައް ކަނޑައެޅިފައިވާ މުއްދަތަކުން އެމް.އެމް.އޭ އިން މުތާލިއާ ކުރަންވާނެއެވެ. މިގޮތުން އަދަދު ކަނޑައެޅުމުގައި ފައިސާ ދެއްކުމަށް އެންގޭނެ އެންމެމަތީ އަދަދާއި އަދި އެންމެ ކުޑަ އަދަދު ކަނޑައެޅިދާނެއެވެ. އަދި ކުރި ކުށަށް ނުވަތަ ވި ހިލާފުވުމަށް ބަލައި، އެ ހިލާފުވުމަކުން ނުކުމެދާނެ ގެއްލުމެއް ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަލައި، މި މިންގަނޑުގެ ތެރޭގައި އަދަދު ކަނޑައެޅިދާނެއެވެ.

(ބ) މި މާއްދާގެ ދަށުން، އެމް.އެމް.އޭ އިން ބޭންކުގެ ވަކި ހަރަކާތެއް ނުވަތަ އަމަލެއްކުރުން ހުއްޓުމަށް ބޭންކަށް އަމުރުކުރުމަށް ކަނޑައެޅުމުން، ނުވަތަ ބޭންކަށް ނުވަތަ ބޭންކުގެ އެޑްމިނިސްޓްރޭޓަރަކަށް އިދާރީ އަދަބެއް ދޭންޖެހޭކަމަށް ކަނޑައެޅުމުން، ނުވަތަ ބޭންކުގެ އެޑްމިނިސްޓްރޭޓަރެއް ވަކި ކުރެވިދާނެފަދަ ސަބަބެއް އެމް.އެމް.އޭ އަށް ލިބުމުން، އެ ބޭންކަކަށް ނުވަތަ އެ އެޑްމިނިސްޓްރޭޓަރަކަށް އެފަރާތެއްގެ ހިލާފުވުން ނުވަތަ ކުށް ބަޔާންކޮށް، ލިޔުމަކުން އަންގަންވާނެއެވެ. އަދި މި ލިޔުމުގައި، ކުށެއް ނުވަތަ ހިލާފުވުމެއް ހިނގައިފިކަމަށް ގަބޫލުކުރެވޭ، ނުވަތަ ހިނގާފާނެކަމަށް ލަފާކުރެވޭ ސަބަބުތަކާއި އެ ކުށް ނުވަތަ ހިލާފުވުމަކާމެދު އެޅުމަށް ގަސްދުކުރާ ފިޔަވަޅު ނުވަތަ އިދާރީ އަދަބުގެ ތަފްސީލު، ނުވަތަ އެ އެޑްމިނިސްޓްރޭޓަރެއް ވަކިކުރަންޖެހޭނެކަމަށް ގަބޫލުކުރެވޭ ސަބަބުތައް، އަދި މި އެންގުން ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި މި އެންގުމާމެދު އެ ބޭންކެއްގެ ނުވަތަ އެ އެޑްމިނިސްޓްރޭޓަރެއްގެ ޖަވާބެއް ލިޔުމަކުން ހުށަހަޅަންޖެހޭނެކަމަށް ބަޔާންކުރަންވާނެއެވެ. ބޭންކު ނުވަތަ އެޑްމިނިސްޓްރޭޓަރު ފޮނުވާ ޖަވާބުގައި އަޑުއެހުމަކަށް އެދެފި ހިނދެއްގައި، އެ ޖަވާބުލިބުމުގެ 15 (ފަނަރަ) ދުވަސް ނުވަތަ އެމް.އެމް.އޭ އިން ބޭންކަށް އެންގުން ފޮނުވިތާ 30 (ތިރީސް) ދުވަސް، މި ދެ މުއްދަތުގެ ތެރެއިން ފަހުން ނިމޭ މުއްދަތެއްގެ ތެރޭގައި، އަޑުއެހުމެއް ބޭއްވުމަށް ހަމަޖައްސަންވާނެއެވެ. މިފަދަ އަޑުއެހުމެއް ބާއްވަންވާނީ އެމް.އެމް.އޭ އިން އައްޔަންކުރާ އެކަމަށް އެކަށީގެންވާ ފަރާތަކުންނެވެ. އަޑުއެހުން ނިމޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެމް.އެމް.އޭ އިން ބޭންކާމެދު ނުވަތަ އެޑްމިނިސްޓްރޭޓަރާމެދު އަޅާނެ ފިޔަވަޅަކާބެހޭގޮތުން ގޮތެއް ނިންމަންވާނެއެވެ. މިގޮތުން ނިންމާ ނިންމުން ބޭންކު ނުވަތަ އެޑްމިނިސްޓްރޭޓަރަށް އަންގަންވާނީ، އެގޮތަކަށް ނިންމަންޖެހުނު ސަބަބުތަކާއެކުއެވެ. މި މާއްދާގެ ދަށުން، ބޭންކުގެ ވަކި ހަރަކާތެއް ނުވަތަ އަމަލެއްކުރުން ހުއްޓުވުމަށް އަމުރުކުރުމުގެ ސަބަބުން، ނުވަތަ ބޭންކު ނުވަތަ އެޑްމިނިސްޓްރޭޓަރަކާމެދު އިދާރީ އަދަބެއް ނުވަތަ ފިޔަވަޅެއް އެޅުމުގެ ސަބަބުން، ނުވަތަ އެޑްމިނިސްޓްރޭޓަރެއް ވަކިކުރުމުގެ ސަބަބުން، އެފަދަ ފަރާތަކުން މައްސަލައެއް ހުށަހަޅަން ބޭނުންނަމަ، މި ގާނޫނުގެ 66 ވަނަ މާއްދާއާއެއްގޮތްވާ ގޮތުގެމަތިން، އެމް.އެމް.އޭ ގެ އެ ނިންމުމެއް ށަރީއަތަށް ހުށަހެޅުމުގެ ހައްގު އެފަރާތަކަށް ލިބިގެންވެއެވެ.

(ޅ) ވަގުތުން ފިޔަވަޅުނާޅައިފިނަމަ، ބޭންކަށް ނުވަތަ ބޭންކުގެ ޑިޕޮސިޓަރުންނަށް ނުވަތަ ކްރެޑިޓަރުންނަށް ނުވަތަ ހިއްސާދާރުންނަށް، ފޫނުބެއްދޭނެ ގެއްލުމެއް ވަގުތުން ދިމާވާނެކަމަށް އެމް.އެމް.އޭ އަށް ގަބޫލުކުރެވޭނަމަ، މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެންގުމެއް ނާންގާ އަދި އަޑުއެހުމެއް ނުބާއްވާ، އެމް.އެމް.އޭ އިން ބޭންކުގެ ވަކި ހަރަކާތެއް ނުވަތަ އަމަލެއްކުރުން ހުއްޓުމަށް އެންގިދާނެއެވެ. ނުވަތަ ބޭންކުގެ އެޑްމިނިސްޓްރޭޓަރެއް ވަކިކުރުމަށް ބޭންކަށް އެންގިދާނެއެވެ. މިގޮތުން އަންގާ އެންގުމަށް ބޭންކުން ވަގުތުން އަމަލުކުރަންވާނެއެވެ.

(ކ) މި މާއްދާގެ ދަށުން އެމް.އެމް.އޭ އިން އަމުރެއް ނެރުމަކުން، ނުވަތަ އިދާރީ އަދަބެއް ދިނުމަކުން، އެހެން އެއްވެސް ގާނޫނެއްގެ ދަށުން އެފަރާތަކާމެދު އެޅިދާނެ އެއްވެސް މަދަނީ ނުވަތަ ޖިނާއީ ފިޔަވަޅެއް އެޅުމަކަށް ހުރަހެއް ނާޅައެވެ.

(އ) މި މާއްދާގެ ދަށުން އެމް.އެމް.އޭ އިން ނެރޭ އަމުރެއް ނުވަތަ ދެވޭ އިދާރީ އަދަބެއްގެ ދަށުން ދައްކަންޖެހޭ އެއްވެސް ފައިސާއެއް، އެ އަމުރެއް ނެރޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ނުދައްކައިފިނަމަ، ތިރީގައިވާ ފިޔަވަޅުތައް އެފަރާތަކާމެދު އެޅުމުގެ ބާރު އެމް.އެމް.އޭ އަށް ލިބިގެންވެއެވެ.

  1. ދެއްކުމަށް އަންގާފައިވާ ޖޫރިމަނާގެ ފައިސާ ދައްކާ ނިމެންދެން، ފައިސާ ނުދައްކައި ހޭދަވާ ކޮންމެ ދުވަހެއްގެ މައްޗަށް ހިނގާގޮތަށް، އެމް.އެމް.އޭ އިން ކަނޑައަޅާ އަދަދަކަށް އިތުރު ޖޫރިމަނާއެއްގެ ގޮތުގައި ފައިސާ ދެއްކުމަށް އެފަރާތަކަށް އެންގުން، އަދި
  2. އެ ބޭންކެއް ނުވަތަ އެޑްމިނިސްޓްރޭޓަރެއްގެ އަތުން ފައިސާ ހޯދުމަށް ކޯޓަށް މައްސަލަ ހުށަހެޅުން.

 

12 ވަނަ ބާބު

ޖިނާއީ ކުށްތައް

 

57 ވަނަ މާއްދާ - ލައިސަންސް ނުހޯދާ ބޭންކިންގ ހަރަކާތްތައް ހިންގުން

މި ގާނޫނުގެ 3 ވަނަ އަދި 4 ވަނަ މާއްދާއާ ހިލާފަށް ގަސްދުގައި އެނގިހުރެ ބޭންކިންގ ވިޔަފާރިކުރުމަކީ ކުށެކެވެ. މިފަދަ ކުށެއް ކޯޓުގައި ސާބިތުވެއްޖެނަމަ، އެ ކުށެއްގެ ކުޑަބޮޑުމިނަށް ބަލައި އެ ކުށެއްގެ އަދަބަކީ އެފަރާތެއް 100,000 (އެއްލައްކަ) ރުފިޔާއާއި 1,000,000 (އެއް މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން، ނުވަތަ 2 (ދޭއް) އަހަރާއި 5 (ފަހެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ މިދެކަންތަކެވެ.

 

58 ވަނަ މާއްދާ - އެމް.އެމް.އޭ އަށް ދޮގު މައުލޫމާތު ދިނުން

މި ގާނޫނުގެ 2 ވަނަ ބާބުގެ ދަށުން ލައިސަންސް ހޯދުމަށް އެދި ހުށަހެޅުމުގައި، ނުވަތަ އެމް.އެމް.އޭ އިން މި ގާނޫނު ހިންގުމުގައި އެ މައުލޫމާތަކަށް އިތުބާރުކޮށް އެ މައުލޫމާތުގެ މައްޗަށް އަމަލުކުރާނެކަމަށް ގަބޫލުކުރެވޭ މައުލޫމާތުތައް އެމް.އެމް.އޭ އަށް ހުށަހެޅުމުގައި، އޮޅުން އަރާފާނެފަދަ މައުލޫމާތެއް ހުށަހެޅުމަކީ ނުވަތަ ހުށަހަޅާ މައުލޫމާތަކީ ތެދުނޫން މައުލޫމާތެއްކަން އެނގިހުރެ ގަސްދުގައި އެ މައުލޫމާތެއް ހުށަހެޅުމަކީ ކުށެކެވެ. މިފަދަ ކުށެއް ކޯޓުގައި ސާބިތުވެއްޖެނަމަ، އެ ކުށެއްގެ އަދަބަކީ ކުށުގެ ކުޑަ ބޮޑުމިނަށް ބަލައި 50,000 (ފަންސާސް ހާސް) ރުފިޔާ އާއި 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 6 (ހައެއް) މަހާއި 3 (ތިނެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ މިދެކަންތަކެވެ.

 

59 ވަނަ މާއްދާ - ބޭންކަކަށް ދޮގު މައުލޫމާތު ދޭ ފަރާތެއް

އެއްވެސް ފަރާތެއް ބޭންކަކުން ލޯނަކަށް ނުވަތަ އެހެންވެސް ކަމަކަށް އެދި ހުށަހެޅުމުގައި، ނުވަތަ ބޭންކުން އެ މައުލޫމާތަކަށް އިތުރުބާރުކޮށް އެ މައުލޫމާތުގެ މައްޗަށް އަމަލުކުރާނެކަމަށް ގަބޫލުކުރެވޭ މައުލޫމާތެއް ހުށަހެޅުމުގައި، އެ މައުލޫމާތަކީ ތެދުނޫން މައުލޫމާތެއްކަން އެނގިހުރެ ގަސްދުގައި އެ މައުލޫމާތެއް ބޭންކަށް ދިނުމަކީ، ނުވަތަ ބޭންކަށް ދޭންޖެހޭ އެއްވެސް މައުލޫމާތެއް ގަސްދުގައި ނުދިނުމަކީ ކުށެކެވެ. މިފަދަ ކުށެއް ކޯޓުގައި ސާބިތުވެއްޖެނަމަ، އެ ކުށެއްގެ އަދަބަކީ ކުށުގެ ކުޑަބޮޑުމިނަށް ބަލައި 50,000 (ފަންސާސް ހާސް) ރުފިޔާއާއި 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 6 (ހައެއް) މަހާއި 3 (ތިނެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ މިދެކަންތަކެވެ.

 

60 ވަނަ މާއްދާ - އެމް.އެމް.އޭ އަށް ކޮންމެހެން ދޭންޖެހޭ ނޯޓިސް ނުދެވުން

މި ގާނޫނުގެ 20 ވަނަ މާއްދާގެ (ހ) ، (ރ) އަދި (ޅ) އާއި 21 ވަނަ މާއްދާގެ ދަށުން އެމް.އެމް.އޭ އަށް އަންގަންޖެހޭ އެންގުންތައް، ގަސްދުގައި އަންގަންޖެހޭ ވަގުތަށް ނޭންގުމަކީ ކުށެކެވެ. މިފަދަ ކުށެއް ކޯޓުގައި ސާބިތުވެއްޖެނަމަ، އެ ކުށެއްގެ އަދަބަކީ ކުށުގެ ކުޑަބޮޑުމިނަށް ބަލައި 50,000 (ފަންސާސް ހާސް) ރުފިޔާއާއި 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 6 (ހައެއް) މަހާއި 3 (ތިނެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ މިދެކަންތަކެވެ.

61 ވަނަ މާއްދާ - ބޭންކުގެ ސިއްރު ހިފެހެއްޓުމާބެހޭ މާއްދާތަކާ ހިލާފުވުން

މި ގާނޫނުގެ 39 ވަނަ މާއްދާއާއި 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކުގައި ނުވަތަ ހާލަތްތަކުގައި މެނުވީ، 42 ވަނަ މާއްދާއާއި 43 ވަނަ މާއްދާގެ ދަށުން ސިއްރު ހިފަހައްޓަންޖެހޭފަދަ ފަރާތެއް، އެ މައުލޫމާތަކީ އެފަރާތުން ސިއްރު ހިފަހައްޓަންޖެހޭފަދަ މައުލޫމާތެއްކަން އެނގިހުރެ، ގަސްދުގައި އެހެން ފަރާތަކަށް އެ މައުލޫމާތު ހާމަކުރުމަކީ ކުށެކެވެ. މިފަދަ ކުށެއް ކޯޓުގައި ސާބިތުވެއްޖެނަމަ، އެ ކުށެއްގެ އަދަބަކީ ކުށުގެ ކުޑަބޮޑުމިނަށް ބަލައި 100,000 (އެއްލައްކަ) ރުފިޔާއާއި 500,000 (ފަސްލައްކަ) ރުފިޔާއާދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން، ނުވަތަ 2 (ދޭއް) އަހަރާއި 5 (ފަހެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ މިދެކަންތަކެވެ.

 

62 ވަނަ މާއްދާ - ޕިރަމިޑް ސްކީމެއް ހިންގުން

އެއްވެސް ފަރާތެއް ފައިދާ ހޯދުމުގެ ނިޔަތުގައި، މި ގާނޫނުގެ 67 ވަނަ މާއްދާގައި މާނަކުރެވިފައިވާފަދަ ޕިރަމިޑް ސްކީމެއް ފެށުން، ނުވަތަ އެހެން ފަރާތްތަކަށް ހުށަހެޅުން، ނުވަތަ އިށްތިހާރުކުރުން ނުވަތަ ހިންގުމަކީ ކުށެކެވެ. މިފަދަ ކުށެއް ކޯޓުގައި ސާބިތުވެއްޖެނަމަ، އެ ކުށެއްގެ އަދަބަކީ ކުށުގެ ކުޑަބޮޑުމިނަށް ބަލައި 100,000 (އެއްލައްކަ) ރުފިޔާއާއި 1,000,000 (އެއް މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 2 (ދޭއް) އަހަރާއި 5 (ފަހެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ މިދެކަންތަކެވެ.

 

13 ވަނަ ބާބު

އެހެނިހެން މާއްދާތައް

63 ވަނަ މާއްދާ - ޑިޕޮސިޓް އިންށުއަރެންސް ސްކީމެއްގައި ބައިވެރިވުން

އެމް.އެމް.އޭ ގެ ހުއްދަ ހޯދުމަށްފަހު، އަދި އެމް.އެމް.އޭ އިން ކަނޑައަޅާ ށަރުތުތަކާއި އެމް.އެމް.އޭ އިން ގަވާއިދުތަކެއް އެކުލަވާލާފައިވާނަމަ، އެ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި ނުވަތަ ދިވެހިރާއްޖެއިން ބޭރުގައި ހިންގާ ޑިޕޮސިޓް އިންށުއަރެންސް ސްކީމްތަކުގައި ބޭންކުތަކުން ބައިވެރިވެވިދާނެއެވެ.

 

64 ވަނަ މާއްދާ - އެހެން ގާނޫނުތަކަށް އަމަލުކުރުން

ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ މާއްދާތައް މި ގާނޫނުގެ މާއްދާތަކާއި މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކާއި އަމުރުތަކާ ތައާރުޒު ނުވާހާ ހިނދަކު، ބޭންކުތަކުގެ މައްޗަށް ހިނގާނެއެވެ.

 

65 ވަނަ މާއްދާ - މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދުތައް

(ހ) މި ގާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް އެމް.އެމް.އޭ އިން ހެދިދާނެއެވެ. މީގެ އިތުރުން، އާންމުކޮށް އަމަލުކުރެވޭނެ ގޮތަށް ސަރކިއުލަރތަކާއި މެމޮރަންޑަމްތައްވެސް އެމް.އެމް.އޭ އިން ނެރެވިދާނެއެވެ. އަދި ވަކިވަކި މައްސަލަތައް ނުވަތަ ހާލަތްތަކާގުޅޭ ގޮތުން ނިންމަންޖެހޭ ނިންމުންތައްވެސް އެމް.އެމް.އޭ އަށް ނިންމިދާނެއެވެ.

(ށ) މި ގާނޫނުގެ ދަށުން އެމް.އެމް.އޭ އިން ހަދާ ގަވާއިދުތައް ދިވެހި ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރަންވާނެއެވެ. އެ ގަވާއިދަށް އަމަލުކުރަން ފަށާނެ ތާރީހު އެ ގަވާއިދެއްގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ނ) މި ގާނޫނު ހިންގުމަށް މަގުފަހިކުރުމުގެ ގޮތުން، ތިރީގައިވާ ކަންކަމާބެހޭ ގޮތުން ގަވާއިދުތައް ހެދުމުގެ ބާރު އެމް.އެމް.އޭ އަށް ލިބިގެންވެއެވެ.

  1. މި ގާނޫނު ހިންގައި ތަންފީޒުކުރުމަށް؛
  2. ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި ބޭންކު ހިންގުމަށްޓަކައި އަމަލުކުރަންޖެހޭ ކަންތައް ހިންގައި ތަންފީޒުކުރުމަށާއި، މި ގާނޫނުގައި ކަނޑައެޅިގެން ނުވަތަ ނުސީދާކޮށް ބަޔާންކޮށްފައިވާފަދަ ގޮތަށް ބޭންކިންގ އުސޫލުތައް ހިންގުމަށް؛
  3. މަނީ ލޯންޑްރިންގއާއި ޓެރަރިސްޓް ހަރަކާތްތަކަށް ފައިސާ ހޯދައިދިނުން ހުއްޓުވުމަށް ޕްރޮގްރާމްތަކާއި، އުސޫލުތަކާއި އަދި ސިޔާސަތުތައް އެކަށައަޅައި ހިންގުމަށް؛
  4. ޗެކް-ކްލިއަރިންގ ސިސްޓަމް، ފައިސާ ޓްރާންސްފަރ ކުރުން، އަދި ފައިސާ ދައްކާނެގޮތްތައް ހިންގުމާބެހޭ އުސޫލުތައް އެކަށައެޅުމަށް؛ އަދި
  5. ކްރެޑިޓް ރިޕޯޓިންގ އޭޖެންސީތަކާއި ކްރެޑިޓް ބިއުރޯތައް ހިންގާނެގޮތާއި ބަލަހައްޓާނެގޮތުގެ އުސޫލުތައް އެކުލަވައިލުމަށް.

 

66 ވަނަ މާއްދާ - އެމް.އެމް.އޭ ގެ ނިންމުންތައް ށަރީއަތުން ބެލުން

(ހ) މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންވެފައި ނުވާހާހިނދަކު، އެމް.އެމް.އޭ އިން ނެރޭ އަމުރުތަކާއި އެމް.އެމް.އޭ އިން ނިންމާ ނިންމުންތައް، އަލުން ބަލައިދިނުމަށް އެދި މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތްތަކުގެމަތިން، ކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު، އެ އަމުރެއް ނުވަތަ ނިންމުމެއް ރައްދުވާ ފަރާތަށް ލިބިގެންވެއެވެ. މިގޮތުން ހުށަހެޅިދާނެ ކަންތައްތަކުގެ ތެރޭގައި މި ގާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ލައިސަންސް އެއް ހޯދުމަށް ހުށަހަޅާފައިވާ ހުށަހެޅުމަކަށް ލައިސަންސް ދޫނުކުރުމަށް ނިންމާ ނިންމުމާއި، 8 ވަނަ މާއްދާގެ ދަށުން ލައިސަންސް އެއް ބާތިލުކުރުމާއި، 56 ވަނަ މާއްދާގެ ދަށުން ދެވޭ އިދާރީ އަދަބުތަކާއި، އެޅޭ ފިޔަވަޅުތަކާއި، މި ގާނޫނުގެ 2 ވަނަ ބައިގެ ދަށުން އެ ނިންމުމަކީ ކޯޓަށް ހުށަހެޅިދާނެ ނިންމުމެއް ކަމަށް ބަޔާންކޮށްފައިވާ ނިންމުންތައް ހިމެނެއެވެ.

(ށ) މި ގާނޫނުގެ ދަށުން އެމް.އެމް.އޭ އިން ކުރާ އަމުރެއް ނުވަތަ ނިންމުމަކާ ދޭތެރޭ ހިތްހަމަނުޖެހޭ ފަރާތަކުން، އެ އަމުރެއް ކުރާތާ ނުވަތަ ނިންމުމެއް ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ހުށަހެޅިދާނެއެވެ.

(ނ) މި ގާނޫނުގެ ދަށުން ކުރާ އަމުރުތަކާއި ނިންމާ ނިންމުންތައް އަލުން ބެލުމަށް ކޯޓަށް ހުށަހެޅުމުން އެ މައްސަލަތައް ކޯޓުން ބަލަންވާނީ ތިރީގައިވާ އުސޫލުތަކުގެ މަތިންނެވެ.

  1. މައްސަލަ ބެލުމަށް ބޭނުން ކުރާ ރިކޯޑު ނުވަތަ ލިޔެކިޔުންތައް ވާންވާނީ އެމް.އެމް.އޭ އިން އިދާރީ ގޮތުން އަޅާފައިވާ ފިޔަވަޅު އެޅުމަށްޓަކައި ބޭނުންކޮށްފައިވާ ލިޔެކިޔުންތައް ނުވަތަ ރިކޯޑު ތަކަށެވެ. އެމް.އެމް.އޭ އިން އިދާރީ ފިޔަވަޅު އެޅިއިރު، އެމް.އެމް.އޭ އަށް ހުށަހަޅާފައިނުވާ މައުލޫމާތު ހެކީގެ ގޮތުގައި ކޯޓުން ބަލައިގަންނަންވާނީ، ހަމައެކަނި ހާއްސަ ހާލަތްތަކުގައި، އިންސާފު ހޯދައިދިނުމަށް އެފަދަ ހެކި ކޮންމެހެން ބޭނުންވާނަމައެވެ؛
  2. އެމް.އެމް.އޭ ގެ އަމުރެއް ނުވަތަ ނިންމުމެއް އަލުން ބެލުމުގައި، ކޯޓުން ހަމައެކަނި ބަލަންވާނީ، އެމް.އެމް.އޭ އިން އެ ނިންމުމެއް ނިންމާފައިވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ، ނުވަތަ އެ ނިންމުމެއް
  3. ނިންމާފައިވަނީ ކަމުގެ ހަގީގަތަށް ނުބަލައި ހަމައެކަނި އެމް.އެމް.އޭ އަށް ފެންނަގޮތަށްތޯ، ނުވަތަ ގާނޫނާ ހިލާފަށްތޯއެވެ؛
  4. އެމް.އެމް.އޭ ގެ ނިންމުމެއް އަލުން ބަލައި ދިނުމަށް އެދި ކޯޓަށް ހުށަހެޅުމަކުން، އެމް.އެމް.އޭ ގެ އެ ނިންމުމެއްގެ ދަށުން އަޅާފައިވާ އެއްވެސް ފިޔަވަޅެއް ބާތިލުވީކަމަކަށް ނުބެލެވޭނެއެވެ؛ އަދި
  5. ކޯޓަށް ހުށަހެޅޭ މައްސަލައަކާބެހޭ މައުލޫމާތާއި ލިޔެކިޔުންތައް އެމް.އެމް.އޭ އިން ކޯޓަށް ހުށަހަޅާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، ކޯޓުން އެ މައްސަލައިގައި ވަކިގޮތެއް ނިންމަންވާނެއެވެ.

(ރ) މި ގާނޫނުގެ 2 ވަނަ ބައިގެ ދަށުން ހުށަހެޅޭ މައްސަލައެއްގައި، އެކަށީގެންވާ ހާލަތްތަކުގައި، ގެއްލުން ލިބުނު ފަރާތްތަކަށް ފައިސާ ދެއްކުމަށް ކޯޓުން ހުކުމްކުރެވިދާނެއެވެ. ނަމަވެސް މި ގާނޫނުގެ 73 ވަނަ މާއްދާގެ ދަށުން ކޯޓުން ކޮންޒަވޭޓަރަކު މަގާމުން ވަކިކުރުމަށް ނިންމާ ހާލަތްތަކުގައި މެނުވީ، މި ގާނޫނުގެ 2 ވަނަ ބައިގެ ދަށުން ހުށަހެޅޭ އެއްވެސް މައްސަލައެއްގައި، ކޮންޒަވޭޓަރެއް ނުވަތަ ރިސީވަރެއް ނުވަތަ އެމް.އެމް.އޭ އިން އަޅާފައިވާ އެއްވެސް ފިޔަވަޅަކަށް ބަދަލެއް ގެނައުމަށް، ނުވަތަ އެފަދަ ފިޔަވަޅެއް ހުއްޓުވުމަށް ނުވަތަ ބާތިލުކުރުމަށް ކޯޓުން އަންގައިގެންނުވާނެއެވެ.

 

67 ވަނަ މާއްދާ - ޕިރަމިޑް ސްކީމްތައް މަނާވުން

(ހ) އާންމުކޮށް "ޕިރަމިޑް ސްކީމް" އެއް ކަމުގައި ބެލެވޭފަދަ ސްކީމެއް ސީދާކޮށް ނުވަތަ ނުސީދާކޮށް ފެށުން ނުވަތަ އެހެން ފަރާތްތަކަށް ހުށަހެޅުން ނުވަތަ އިށްތިހާރުކުރުން ނުވަތަ ހިންގުމަކީ ޖިނާއީ ކުށެކެވެ. އެ ސްކީމެއްގައި ބައިވެރިވާ ފަރާތްތަކަށް ލިބޭ ފައިދާ އިތުރުވުން ބިނާވެފައިވަނީ އެ ސްކީމެއްގައި ބައިވެރިވާ ފަރާތްތަކުގެ އަދަދު އިތުރުވުމުން ނުވަތަ އެފަރާތްތަކުން ސްކީމަށްދޭ ފައިސާ އިތުރުވުމުން ކަމަށްވާނަމަ، އެފަދަ ސްކީމެއް ބެލެވޭނީ ޕިރަމިޑް ސްކީމެއް ކަމުގައެވެ.

(ށ) އެއްވެސް ފަރާތަކުން މި މާއްދާގެ (ހ) ގައި ބަޔާންވެފައިވާފަދަ ޕިރަމިޑް ސްކީމެއް ހިންގާ ނުވަތަ ޕްރޮމޯޓްކުރާކަމަށް ގަބޫލުކުރެވޭފަދަ ސަބަބުތަކެއް އެމް.އެމް.އޭ އަށް ލިބިފައިވާނަމަ، އެފަދަ ފަރާތެއްގެ އޮފީހަށްވަދެ، އެފަރާތެއްގެ އެކައުންޓުތަކާއި، ފޮތްތަކާއި، ލިޔެކިޔުންތަކާއި މިނޫންވެސް އެހެނިހެން ރިކޯޑުތައް ބެލުމުގެ ބާރު އެމް.އެމް.އޭ އަށް ލިބިގެންވެއެވެ. އެމް.އެމް.އޭ އިން ތަހްގީގުކުރުމަށްފަހު، އެފަރާތަކުން މިފަދަ ސްކީމެއް ހިންގާފައިވާކަން ނުވަތަ ހިންގަމުން ގެންދާކަމަށް ގަބޫލުކުރެވިއްޖެނަމަ، އެފަރާތަކާމެދު ގާނޫނީ ގޮތުން ދައުވާކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅިދާނެއެވެ.

 

68 ވަނަ މާއްދާ - ވަގުތީ މާއްދާތައް

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު، އެމް.އެމް.އޭ އިން ބޭންކިންގ ލައިސަންސް އެއް ލިބިގެން ބޭންކިންގ ހަރަކާތްތައް ހިންގާ ކޮންމެ ބޭންކަކަށްވެސް އެފަރާތުގެ ހަރަކާތްތައް ކުރިއަށް ގެންދެވިދާނެއެވެ. އަދި އެ ބޭންކުތަކުން މި ގާނޫނަށް ފުރިހަމައަށް އަމަލުކުރަންވާނެއެވެ. މި ގާނޫނަށް އަމަލުކުރަން ފަށާއިރު، މިފަދަ ބޭންކަކުން މި ގާނޫނުގައި ކުރުމަށް އަންގާފައިވާ އެއްވެސް ކަމަކާ ހިލާފުވާނަމަ، މި ގާނޫނަށް އަމަލުކުރަންފެށުމާ، މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދުތައް ނުވަތަ އިރުށާދުތަކަށް އަމަލުކުރަން ފެށުމާ، މި ދެކަމުންކުރެ ފަހުން ފަށާކަމެއް ފަށާތާ 1 (އެކެއް) އަހަރަށްވުރެ އިތުރު ނުވާގޮތަށް އެމް.އެމް.އޭ އިން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި، އެކަމެއް ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތާއެއްގޮތް ކުރަންވާނެއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު، ބޭންކިންގ ލައިސަންސް އެއް ލިބިފައިވާ ކޮންމެ ބޭންކެއްވެސް، މި ގާނޫނަށް އަމަލުކުރަންފަށާތާ 1 (އެކެއް) އަހަރުގެ ތެރޭގައި، މި ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދަ މޭޖަރ ހިއްސާދާރުންގެ ލިސްޓަކާއި، 5 ވަނަ މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދަ ބަޔާންތައް، އެމް.އެމް.އޭ އަށް ފޮނުވަންވާނެއެވެ.

  

2 ވަނަ ބައި

ކޮންޒަވޭޓަރެއް އައްޔަންކުރުން، ބޭންކު އިފްލާސްކުރުން އަދި ރިސީވަރަކު އައްޔަންކުރުން

 

14 ވަނަ ބާބު

ކޮންޒަވޭޓަރށިޕް

 

69 ވަނަ މާއްދާ - ކޮންޒަވޭޓަރެއް އައްޔަންކުރަންޖެހޭ ސަބަބުތައް

(ހ) އެއްވެސް ބޭންކަކަށް، ތިރީގައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ދިމާވެއްޖެކަމަށް އެމް.އެމް.އޭ އަށް ފެނިއްޖެނަމަ، އެމް.އެމް.އޭ އިން އެ ބޭންކަކަށް ކޮންޒަވޭޓަރެއް އައްޔަންކުރަންވާނެއެވެ.

  1. ބޭންކުގެ މާލީ ޒިންމާތައް އަދާނުކުރެވުން. މީގެ ތެރޭގައި ބޭންކުގެ ޑިޕޮސިޓް ފައިސާ، ޑިޕޮސިޓަރުންނަށް ދައްކަންޖެހޭ މުއްދަތުގައި ނުދެއްކުން ހިމެނެއެވެ؛
  2. މި ގާނޫނުގެ ނުވަތަ މި ގާނޫނުގެ 4 ވަނަ ބާބުގެ ދަށުން އެމް.އެމް.އޭ އިން ހަދާ ގަވާއިދުގެ ދަށުން، ބޭންކުތަކުން މަދުވެގެން ބަހައްޓަންޖެހޭކަމަށް ކަނޑައަޅާފައިވާ ރައުސްމާލުގެ އަދަދުގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ ބޭންކުގެ ރައުސްމާލު ދަށްވުން؛
  3. މި ގާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ބޭންކު އިފްލާސްކުރުމުގެ ޕެޓިށަނެއް ހުށަހަޅާފައިވުން؛
  4. ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނަށް އެ ބޭންކުގެ މަސައްކަތްތަކާއި ޒިންމާތައް އެކަށީގެންވާ ގޮތެއްގައި ނުހިންގުން ނުވަތަ އެފަރާތްތަކުން މިފަދަ މަސައްކަތްތަކާއި ހަރަކާތްތައް ހިންގުމަށް އިންކާރުކުރުން.

(ށ) ތިރީގައިވާ ސަބަބެއް މެދުވެރިވުމުން އެމް.އެމް.އޭ އިން ބޭންކަކަށް ކޮންޒަވޭޓަރެއް އައްޔަންކުރެވިދާނެއެވެ.

  1. އެމް.އެމް.އޭ އިން ބޭންކަކަށް ކުރެވިފައިވާ އަމުރަކަށް އެ ބޭންކުން ނުކިޔަމަންތެރިވުން. މީގެ ތެރޭގައި ބޭންކުން ދެއްކުމަށް އަމުރުކުރެވިފައިވާ ޖޫރިމަނާއެއް ނުދެއްކުންފަދަ ކަންތައްތައް ހިމެނެއެވެ؛
  2. ބޭންކުގެ ޒިންމާތަކާއި، މަސައްކަތްތަކާއި، ހަރަކާތްތައް ހަރުދަނާ އަދި ރައްކާތެރިގޮތަކަށް ހިންގުމަށް އެކަށޭނަ ވަރަށްވުރެ ބޭންކުގެ ރައުސްމާލު މަދުކަމަށް އެމް.އެމް.އޭ އަށް ގަބޫލުކުރެވުން؛
  3. 1 (އެކެއް) އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލުގައި ހައްޔަރުކުރެވޭފަދަ ޖިނާއީ ކުށެއް ބޭންކު ނުވަތަ ބޭންކުގެ އެޑްމިނިސްޓްރޭޓަރަކު ކުރިކަމުގެ ހެކި ލިބިފައިވުން، ނުވަތަ ބޭންކު ނުވަތަ ބޭންކުގެ އެޑްމިނިސްޓްރޭޓަރަކު ޖިނާއީ ކުށެއް ކުރަމުންދާކަމަށް ގަބޫލުކުރެވޭފަދަ ސަބަބެއް އޮތުން، ނުވަތަ މިފަދަ ހެކި ލިބިފައިވުން؛
  4. ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނަށް އެ ބޭންކުގެ މަސައްކަތްތަކާއި ޒިންމާތައް އެކަށީގެންވާ ގޮތެއްގައި ނުހިންގޭކަމަށް، ނުވަތަ އެފަރާތްތަކުން މިފަދަ މަސައްކަތްތަކާއި ހަރަކާތްތައް ހިންގުމަށް އިންކާރުކުރާކަމަށް ގަބޫލުކުރެވޭނެފަދަ ސަބަބެއް އޮތުން.

(ނ) މި ބާބުގެ މާއްދާތަކަށް އަމަލުކުރުމުގައި ބިދޭސީ ބޭންކެއްގެ ދޭސީ ބްރާންޗް އޮފީސްތަކާއި އެ ބޭންކެއް ތަމްސީލުކުރާ އޮފީސްތައް ބެލެވޭނީ އެއް ގާނޫނީ ށަހްސެއްކަމުގައެވެ. މި ބާބުގެ މާއްދާތަކަށް އަމަލުކުރުމުގައި، ބިދޭސީ ބޭންކެއްގެ މިފަދަ އެއްވެސް އޮފީހެއްގެ އެސެޓުތަކާއި ލައިބިލިޓީތައް ވިޔަފާރި ހިންގުމާ ގުޅޭގޮތުން ކުރެވޭ ހުރިހާ އަމަލުތަކާއި ވިޔަފާރި ހިންގުމުގައި ނުވަތަ މަސައްކަތުގެ ތެރޭގައި ކުރެވޭ ހުރިހާ އިހުމާލުތައްވެސް ނިސްބަތްވާކަމަށް ބެލެވޭނީ އެ އޮފީހެއް ނިސްބަތްވާ މަތީގައި ބުނެވިފައިވާ ގާނޫނީ ށަހްސަށްކަމަށެވެ. މިފަދަ ބިދޭސީ ބޭންކަކާ ދޭތެރޭ ކޮންޒަވޭޓަރު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި، ދޭސީ ބޭންކެއްގެ ހުއްދަދެވިފައިވާ މެނޭޖަރަށް ނުވަތަ ބޭންކުގެ ހިއްސާދާރުންގެ އާންމު ޖަލްސާއެއްގައި ހިއްސާދާރުންނަށް ލިބިދޭ ހުރިހާ ބާރެއް ބިދޭސީ ބޭންކުގެ ކޮންޒަވޭޓަރަށް ލިބިގެންވެއެވެ.

 

70 ވަނަ މާއްދާ - ކޮންޒަވޭޓަރެއް އައްޔަންކުރުން

(ހ) ކޮންޒަވޭޓަރެއް އައްޔަންކުރެވޭނީ ހަމައެކަނި އެމް.އެމް.އޭ ގެ ނިންމުމަކުންނެވެ. ކޮންޒަވޭޓަރެއްގެ ގޮތުގައި އައްޔަންކުރެވޭނީ ހަމައެކަނި ކަމަށް އެކަށޭނަ ފަރާތްތަކެވެ.

(ށ) އައްޔަންކުރެވިފައިވާ ކޮންޒަވޭޓަރަކު، ކޮންޒަވޭޓަރެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ށަރުތު ހަމަނުވާފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެހެން ކޮންޒަވޭޓަރަކު އެމް.އެމް.އޭ އިން އައްޔަންކުރަންވާނެއެވެ.

(ނ) ކޮންޒަވޭޓަރެއް އައްޔަންކުރެވޭނީ، އައްޔަންކުރެވުނުކަމުގެ ނިންމުމުގައި ބަޔާންވެފައިވާ ފަދައިން ގިނަވެގެން 12 (ބާރަ) މަސްދުވަހުގެ ދައުރަކަށެވެ. މިގޮތުން އައްޔަންކުރެވޭ ކޮންމެ ކޮންޒަވޭޓަރެއްވެސް އިތުރު 2 (ދޭއް) ދައުރަށް އެމް.އެމް.އޭ އިން އައްޔަންކުރެވިދާނެއެވެ. މިގޮތަށް އިތުރުކުރާ އެއްވެސް ދައުރެއް 12 (ބާރަ) މަސްދުވަހަށްވުރެ ގިނަވެގެން ނުވާނެއެވެ. ކޮންޒަވޭޓަރަށް ވަޒީފާދީ އެ ވަޒީފާގެ މުސާރަ ކަނޑައަޅައި އަދި މުސާރަދޭނީ އެމް.އެމް.އޭ އިންނެވެ. ކޮންޒަވޭޓަރށިޕާ ގުޅިގެން އެމް.އެމް.އޭ އިން ހިނގާ ނުވަތަ ކުރަންޖެހޭ ހަރަދުތަކަށް ޒިންމާވާނީ ކޮންޒަވޭޓަރު އައްޔަންކުރެވިފައިވާ ބޭންކަކުންނެވެ.

(ރ) ކޮންޒަވޭޓަރެއް އައްޔަންކުރުމަށް ނުވަތަ ކޮންޒަވޭޓަރެއްގެ މުއްދަތު އިތުރުކުރުމަށް ނިންމާ ނިންމުން އޮންނަންވާނީ ލިޔުމަކުންނެވެ. އަދި މި ލިޔުމުގައި އެގޮތަށް ނިންމި ސަބަބުތަކާއި ކޮންޒަވޭޓަރު ކުރުމަށް ކަނޑައެޅިފައިވާ މައިގަނޑު މަސައްކަތްތަކާއި ވާޖިބުތައް ބަޔާންކޮށްފައި އޮންނަންވާނެއެވެ. ކޮންޒަވޭޓަރު އައްޔަންކުރިކަމުގެ ލިޔުން، ލަސްނުކޮށް އެމް.އެމް.އޭ އިން ކޮންޒަވޭޓަރު އައްޔަންކުރެވުނު ބޭންކަށް ހުށަހަޅައި، އަދި ބޭންކުތަކުގެ ރަޖިސްޓަރީގައި ރިކޯޑުކޮށް އަދި ދިވެހި ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރަންވާނެއެވެ.

 

71 ވަނަ މާއްދާ - ކޮންޒަވޭޓަރެއް އައްޔަންކުރުމާ ގުޅިގެން އަންނަ ބަދަލުތައް

(ހ) އެމް.އެމް.އޭ އިން ކޮންޒަވޭޓަރެއް އައްޔަންކުރިކަމުގެ ނިންމުމުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، އެ ނިންމުމެއް ނިންމި ވަގުތުން ފެށިގެން އެ ނިންމުމަށް އަމަލުކުރަން ފެށޭނެއެވެ.

(ށ) އެމް.އެމް.އޭ އިން ކޮންޒަވޭޓަރެއް އައްޔަންކުރުމަށްފަހު ބޭންކުގެ ހިއްސާދާރުންނަށް ބޭންކުގެ އާންމު ޖަލްސާތަކުގައި ބޭންކު ހިންގުމާގުޅޭ އެއްވެސް ނިންމުމެއް ނިންމުމުގެ ބާރު ލިބިގެނެއްނުވެއެވެ. ކޮންޒަވޭޓަރު އައްޔަންކުރުމަށްފަހު، އާންމުކޮށް ބޭންކު ހިންގުމުގައި ނިންމަންޖެހޭ ނިންމުންތަކާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު ލިބިގެންވަނީ ކޮންޒަވޭޓަރަށެވެ. މީގެ ތެރޭގައި، ބޭންކުގެ އެސެޓުތައް ވިއްކުން، ރައްކާތެރި އަދި ދަރަނިވެރި ނުވާނޭގޮތަށް ބޭންކުގެ ހާލަތު ބެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުންފަދަ، ބޭންކުގެ ހިއްސާދާރުންގެ އާންމު ޖަލްސާތަކުގައި ނިންމާ ނިންމުންތައް ހިމެނެއެވެ. ނަމަވެސް، ރީކެޕިޓަލައިޒް ކުރުމަށް އާ އިންވެސްޓަރަކާއެކު މުއާމަލާތުކުރުން، އެހެން މާލީ އިދާރާއެއްގެ ރައުސްމާލުގައި ހިއްސާވުން، ބޭންކު ވިއްކާލުން، އެހެން ބޭންކަކާއެކު ބޭންކު އެއްކޮށްލުން، ބޭންކު ބަންދުކުރުން ނުވަތަ ބޭންކު އިފްލާސްކުރުން، މިފަދަ ކަންތައްތައް ކުރަންވާނީ، އެމް.އެމް.އޭ ގެ ލަފާގެ މަތިން، ކޯޓުން ހުއްދަކޮށްފައިވާ ހާލަތްތަކާއި، ށަރުތުތަކާއި ހަމަތަކުގެ މަތިންނެވެ.

(ނ) އެމް.އެމް.އޭ އިން ކޮންޒަވޭޓަރެއް އައްޔަންކުރުމުން ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށާއި ބޭންކުގެ އެޑްމިނިސްޓްރޭޓަރުންނަށް ލިބިގެންވާ ބާރުތައް ހިފެހެއްޓި، އެ ބާރުތައް އައްޔަންކުރެވުނު ކޮންޒަވޭޓަރަށް ލިބިދެވޭނެއެވެ. މި ބާރުތައް އެހެން ފަރާތަކަށް ހަވާލު ނުކުރެވޭނެކަމަށް ލިޔުމަކުން އެމް.އެމް.އޭ އިން ނާންގާ ހިނދަކު، މި ބާރުތަކުގެ ތެރެއިން އެހެން ފަރާތަކާ ހަވާލުކުރަންޖެހޭކަމަށް ނުވަތަ ހަވާލުކުރުން އެކަށީގެންވާކަމަށް ކޮންޒަވޭޓަރަށް ފެންނަ ބާރުތައް، ބޭންކުގެ އެޑްމިނިސްޓްރޭޓަރުން، މުވައްޒަފުން އަދި އެހެން ފަރާތްތަކަށް ހަވާލުކުރެވިދާނެއެވެ. ކޮންޒަވޭޓަރެއް ނެތް ހާލަތެއް ނުވަތަ ކޮންޒަވޭޓަރަށް ފިޔަވަޅެއް ނޭޅޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ކޮންޒަވޭޓަރަށް ލިބިފައިވާ ބާރުތަކުގެ ބޭނުން އެމް.އެމް.އޭ އަށް ކުރެވިދާނެއެވެ.

(ރ) ކޮންޒަވޭޓަރު އައްޔަންކުރުމަށްފަހު، ބޭންކުން ނުވަތަ ބޭންކުގެ ފަރާތުން އެހެން ފަރާތެއް އަޅާ ފިޔަވަޅުތަކަކީ ނުވަތަ ކުރާ ކަންތައްތަކަކީ ބާތިލު ކަންތައްތަކެވެ. ނަމަވެސް އެމް.އެމް.އޭ ނުވަތަ ކޮންޒަވޭޓަރު އަޅާ ފިޔަވަޅުތައް ނުވަތަ، އެމް.އެމް.އޭ ގެ ނުވަތަ ކޮންޒަވޭޓަރުގެ ހުއްދަ ލިބިގެން އަޅާ ފިޔަވަޅުތައް، ނުވަތަ މި ގާނޫނުގެ 93 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފައިސާ ނުވަތަ ސެކިއުރިޓީ ޓްރާންސްފަރ އޯޑަރުތަކަށް އަމަލުކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތައް ބާތިލެއްނުވާނެއެވެ.

(ބ) ކޮންޒަވޭޓަރަށް ލިބިގެންވާ ބާރުތަކުގެ ބޭނުންކުރުމުގައާއި، ކޮންޒަވޭޓަރުގެ މަސައްކަތްތަކާއި، މަސްއޫލިއްޔަތުތައް އަދާކުރުމުގައި ޖަވާބުދާރީވާނީ ހަމައެކަނި އެމް.އެމް.އޭ އަށެވެ. ކޮންޒަވޭޓަރު ކުރަންވާނީ ހަމައެކަނި އެމް.އެމް.އޭ އިން ކޮންޒަވޭޓަރު ކުރުމަށް ކަނޑައަޅާ މަސައްކަތްތަކެވެ. އަދި ކޮންޒަވޭޓަރު އަމަލުކުރަންވާނީ ހަމައެކަނި އެމް.އެމް.އޭ އިން ކަނޑައަޅާ ގަވާއިދުތަކާއި އިރުށާދުތަކާއި ކޯޓުގެ އަމުރުތަކަށެވެ.

(ޅ) މި ގާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންވެފައިވާ ގޮތުގެ އިތުރުންވެސް، 14 ވަނަ ބާބުގެ ދަށުން ކޮންޒަވޭޓަރެއް ނުވަތަ 17 ވަނަ ބާބުގެ ދަށުން ރިސީވަރެއް އައްޔަންކުރެވިފައިވާ ބޭންކެއްގެ ނުވަތަ ބޭންކުތަކެއްގެ އެސެޓުތައް އަދި ލައިބިލިޓީތަކާއި ހަވާލުވުމަށްޓަކައި އެމް.އެމް.އޭ ގެ ފުރިހަމަ ކޮންޓްރޯލް އޮންނަ އަދި އެމް.އެމް.އޭ ގެ މިލްކުވެރިކަމުގެ ދަށުގައިވާ ބްރިޖް ބޭންކެއް އުފައްދައި، އެމް.އެމް.އޭ އިން ލައިސަންސް ދޫކުރެވިދާނެއެވެ.

ބްރިޖް ބޭންކެއް ކޮންޓްރޯލްކުރުމަށް ކޮންޒަވޭޓަރެއް ނުވަތަ ރިސީވަރަކާ ހަވާލުކުރެވިދާނެއެވެ. އަދި ބްރިޖް ބޭންކަކަށް ލައިސަންސް ދޫކުރާތާ 1 (އެކެއް) އަހަރުވުމުން އެ ބޭންކެއްގެ ހިންގުން ހުއްޓާލަންވާނެއެވެ. ނަމަވެސް އެމް.އެމް.އޭ އިން މި މުއްދަތު ދެ ފަހަރަށް، ކޮންމެ ފަހަރަކު 1 (އެކެއް) އަހަރުގެ މުއްދަތަށް އިތުރުކުރެވިދާނެއެވެ.

 

72 ވަނަ މާއްދާ - ބޭންކު ކޮންޓްރޯލްކުރުމާއި ހަވާލުވުން

(ހ) ކޮންޒަވޭޓަރަކު އައްޔަންކުރުމާއެކު އެ ކޮންޒަވޭޓަރު ވަގުތުން އެ ބޭންކާ ހަވާލުވެ، އެ ބޭންކުގެ އެސެޓުތައް، ފޮތްތައް، އަދި ރިކޯޑުތައް ހޯދައި ރައްކާތެރިކޮށް ބަލަހައްޓަންވާނެއެވެ. އަދި ވައްކަންކުރުމާއި އެހެންވެސް ނަހަމަގޮތްގޮތުން ބޭންކުގެ އެސެޓުތައް އެކަށީގެންނުވާ ގޮތަކަށް ބޭނުންކުރުން ހުއްޓުވުމަށް ފިޔަވަޅު އަޅައި، އެކަށީގެންވާ ގޮތަކަށް އެ ކޮންޒަވޭޓަރަކު ބޭންކު ހިންގަންވާނެއެވެ.

(ށ) އެ ބޭންކަކަށް އައްޔަންކުރެވޭ ކޮންޒަވޭޓަރަށް، އެއްވެސް ދަތިކަމަކާނުލައި، ބޭންކުގެ އޮފީސްތަކަށް ވަދެވި، ބޭންކުގެ އެސެޓުތަކާއި، ފޮތްތަކާއި، ރިކޯޑުތައް އަދި އެހެނިހެން ލިޔެކިޔުންތައް ބަލައި މިތަކެތި ކޮންޓްރޯލްކުރެވޭނެއެވެ. މި ތަކެތި ހޯދުމަށާއި ކޮންޒަވޭޓަރުގެ ބާރުގެ ދަށަށް ގެނައުމަށް އަދި ބޭންކު ހިންގާ އިމާރާތުގެ ތެރެއަށް ވަނުމަށް އެހީތެރިވެދިނުމަށް އެދި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ހުށަހެޅުމުން، ވަގުތުން، އެފަރާތްތަކުގެ ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ހިނދެއްގައި ބާރުގެ ބޭނުންކޮށްގެން ނަމަވެސް، ކޮންޒަވޭޓަރު ބޭންކު ހިންގާ އިމާރާތުގެ ތެރެއަށް ވަނުމަށް އަދި ކޮންޒަވޭޓަރުގެ ދަށަށް މިތަކެތީގެ ކޮންޓްރޯލް ގެނައުމަށް އެފަރާތުން އެހީތެރިވާންވާނެއެވެ. އަދި އެމް.އެމް.އޭ އިން ކޮންޒަވޭޓަރު އައްޔަންކުރުމަށް ނިންމާ ނިންމުމަކީ، ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން އިސްވެ ބުނެވުނުފަދަ އެހީތެރިކަން ފޯރުކޮށްދިނުމަށް އަންގައި ނެރެފައިވާ ށަރުއީ ކޯޓުގެ އަމުރަކާއެއްފަދަ ބާރެއް ލިބިފައިވާ ކަމެކެވެ.

(ނ) ބޭންކަށް އައްޔަންކޮށްފައިވާ ކޮންޒަވޭޓަރު، އެމް.އެމް.އޭ އިން ކަނޑައަޅާ އުސޫލުތަކެއްގެ މަތިން އަދި ކޮންޒަވޭޓަރު އައްޔަންކުރެވިފައިވާ ބޭންކުން ހަރަދުތައް ބަލަހައްޓާގޮތަށް، އެ ބޭންކުގެ ތަފާތު މަސައްކަތްތައް ކުރުމަށް ގާނޫނީ ވަކީލުންނާއި، އެކައުންޓެންޓުންނާއި، މުށީރުންނާއި އެހެނިހެން ފަންނީ ފަރާތްތައް އައްޔަންކުރެވިދާނެއެވެ.

 

73 ވަނަ މާއްދާ - އައްޔަންކުރުމަށް ނިންމާ ނިންމުން އަލުން ބެލުން

(ހ) ބޭންކަކަށް ކޮންޒަވޭޓަރަކު އައްޔަންކުރަން އެމް.އެމް.އޭ އިން ނިންމިކަން ބޭންކަށް އަންގާތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި، މި އައްޔަންކުރުމާދޭތެރޭ އިއުތިރާޒުކުރުމުގެ ގޮތުން، ބޭންކުގެ ފަރާތުން ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން އެމް.އެމް.އޭ އަށް ލިޔުމަކުން ހުށަހެޅިދާނެއެވެ. މިފަދައިން އިއުތިރާޒުނުކުރުމަށް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިނަމަ، ނުވަތަ އިއުތިރާޒުކުރާކަން 5 (ފަހެއް) ދުވަހުގެ ތެރޭގައި ޑިރެކްޓަރުންގެ ބޯޑުން ނާންގައިފިނަމަ، ބެލެވޭނީ މި އައްޔަންކުރުމަށް ބޭންކުން އެއްބަސްވީ ކަމުގައެވެ.

(ށ) މަތީގައި ބަޔާންވެފައިވާ ފަދައިން އިއުތިރާޒެއް އޮތްކަމުގެ ލިޔުން ފޮނުވައިފިނަމަ އެފަދަ ލިޔުމެއްގައި ކޮންޒަވޭޓަރު އައްޔަންކުރުމާ ދެކޮޅަށް ފާހަގަކޮށްފައިވާ ނުކުތާތަކަށް ބެލުމަށްފަހު، ކޮންޒަވޭޓަރު އައްޔަންކުރުމަށް ނިންމި ނިންމުން ދެމި އޮންނާނެކަން ނުވަތަ އެ އައްޔަންކުރުން ބާތިލުކުރިކަން، ސަބަބު ބަޔާންކޮށް، އެމް.އެމް.އޭ އިން ނިންމަންވާނެއެވެ. އަދި އެމް.އެމް.އޭ ގެ ނިންމުން، ލަސްނުކޮށް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަންއަށް އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާފައިވާ އިއުތިރާޒެއް ބެލުމަށްފަހު އެމް.އެމް.އޭ އިން ކޮންޒަވޭޓަރު ވަކިކޮށްފިނަމަ، އެފަދަ ކޮންޒަވޭޓަރުގެ ބާރުގެ ދަށުގައި ހުރި ބޭންކުގެ އެސެޓުތަކާއި، ބޭންކުގެ ފޮތްތަކާއި އެހެނިހެން ލިޔުންތައްވެސް އަނބުރާ ބޭންކުގެ މެނޭޖަރުންނާ ހަވާލުކުރަންވާނެއެވެ.

(ރ) އެމް.އެމް.އޭ އިން ކޮންޒަވޭޓަރަކު އައްޔަންކުރުމަށް ނިންމާ ނިންމުމަކީ ބޭންކުން އެކަމާ އިއުތިރާޒުކުރާ ނިންމުމަކަށްވާނަމަ، އަދި މި މާއްދާގެ (ށ) ގައިވާ ފަދައިން ކޮންޒަވޭޓަރަކު އައްޔަންކުރުމަށް ނިންމި ނިންމުން ދެމި އޮންނާނެކަމަށް އެމް.އެމް.އޭ އިން ނިންމައިފިނަމަ، އެ ބޭންކަށް، ނުވަތަ އެޑްމިނިސްޓްރޭޓަރަކަށް، ނުވަތަ ކްރެޑިޓަރަކަށް ނުވަތަ އެ ބޭންކުގެ ޑިޕޮސިޓަރަކަށް ނުވަތަ އެ ބޭންކުގެ ހިއްސާދާރަކަށް، އެމް.އެމް.އޭ ގެ ނިންމުން އަލުން ބަލައިދިނުމަށް އެދި، އެ ނިންމުން ބޭންކަށް އަންގާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހެޅިދާނެއެވެ. މިފަދަ ހުށަހެޅުމަކަށް ކޯޓުން ވަކިގޮތެއް ނިންމަންދެން އެ ބޭންކަކަށް އައްޔަންކުރެވިފައިވާ ކޮންޒަވޭޓަރަކު، ކޮންޒަވޭޓަރަށް ލިބިދޭ ހުރިހާ ބާރަކާއެކު ދެމިހުންނާނެއެވެ.

 

74 ވަނަ މާއްދާ - ކޮންޒަވޭޓަރުގެ ރިޕޯޓާއި މަސައްކަތް ރޭވިފައިވާ ގޮތް

(ހ) ބޭންކަކަށް ކޮންޒަވޭޓަރެއް އައްޔަންކުރެވޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ނުވަތަ މި މުއްދަތު އެމް.އެމް.އޭ އިން އިތުރުކޮށްދީފިނަމަ، އިތުރުކުރެވުނު މުއްދަތުގެ ތެރޭގައި ބޭންކުގެ މާލީ ހާލަތު އަދި ކުރިމަގުގެ ވިޔަފާރީގެ ފުރުސަތުތައް ބަޔާންކޮށް ކޮންޒަވޭޓަރު ރިޕޯޓެއް ތައްޔާރުކޮށް އެމް.އެމް.އޭ އަށް ހުށަހަޅަންޖެހޭނެއެވެ. މީގެ އިތުރުން މި ރިޕޯޓުގައި ބޭންކު އުވާލަންޖެހިއްޖެ ހާލަތެއްގައި ބޭންކުގެ އެސެޓުތަކުން ލިބޭނެކަމަށް ލަފާކުރާ ފައިސާގެ އަދަދު ހިމަނަންވާނެއެވެ. މި ރިޕޯޓު ތައްޔާރުކުރުމުގައި ފަންނީ ފަރާތްތަކުގެ އެހީ، މި ގާނޫނުގެ 72 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން ހޯދިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓާއެކު ކުރުމަށް ގަސްދުކޮށްފައިވާ މަސައްކަތްތައް ރާވާފައިވާގޮތް ހުށަހަޅަންވާނެއެވެ. އަދި މި ހުށަހެޅުމުގައި ތިރީގައިވާ ކަންތައްތަކާ ގުޅޭގޮތުން ހިނގާނެ ހަރަދުތަކާއި އެކަންތައްތަކުން ކުރާނެ ފައިދާ ހިމަނަންވާނެއެވެ.

  1. ބޭންކުގެ ހަރަކާތްތަކާއި ކަންތައްތައް އެކަށީގެންވާ މިންވަރަކަށް ގާނޫނާއެއްގޮތްކުރުމަށް، އަދި ބޭންކުގެ މަސައްކަތްތަކާއި ހަރަކާތްތައް ހަރުދަނާ އަދި ރައްކާތެރިގޮތަކަށް ހިންގުމަށް، އަދި ބޭންކުގެ ހާލަތު އެދެވޭ ނުވަތަ އެކަށީގެންވާ ހާލަތަކަށް އަނބުރާ ގެނައުމަށް ކުރަންޖެހޭ ކަންތައްތައް އެކަށައަޅައި އެއާއެއްގޮތަށް އަމަލުކުރުން؛
  2. މި ގާނޫނުގެ 77 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުސޫލުތަކާއެއްގޮތަށް ރީކެޕިޓަލައިޒް ކުރުން؛
  3. މި ގާނޫނުގެ 78 ވަނަ މާއްދާގެ ދަށުން ބޭންކު އުވާލުމަށް ބޭންކުން ކަނޑައެޅުން، ނުވަތަ ބޭންކިންގ ލައިސަންސް ބާތިލުކޮށް މި ގާނޫނުގެ 79 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް ބޭންކު އުވާލުން؛ އަދި
  4. ބޭންކު އިފްލާސްކުރުމާބެހޭ ކަންތައްތައް ފެށުން.

 

75 ވަނަ މާއްދާ - އެހެން ފަރާތްތަކަށް ބޭންކުން ދޭން ޖެހިފައިވާ ފައިސާ ދިނުން ފަސްކުރުން

ކޮންޒަވޭޓަރެއް އައްޔަންކުރެވިފައިވާ ބޭންކެއްގެ މާލީ ހާލަތަށް ކުރިމަތިވެދާނެ ހީނަރުކަމަކުން ރައްކާތެރިކުރަން ޖެހިއްޖެ ހާލަތެއްގައި، އެ ބޭންކުގައި އާންމު ފަރާތްތަކުން ބަހައްޓާފައިވާ ޑިޕޮސިޓްތަކާއި، ކޮށްފައިވާ އިންވެސްޓްމަންޓްތައް އެއްކޮށް ނުވަތަ އެއިން ބައެއް، ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށް އެފަރާތްތަކަށް ނުދީ ހިފެހެއްޓުމަށް އެމް.އެމް.އޭ އިން ނިންމިދާނެއެވެ. ނަމަވެސް މިގޮތަށް ނިންމަންވާނީ މިގޮތަށް ނިންމުމުން، މިފަދަ ޑިޕޮސިޓްތަކާއި، އިންވެސްޓްމަންޓްތަކާއި އަދި މިގޮތަށް ހިފަހައްޓަން ގަސްދުކުރާ މުއްދަތުގައާއި އޭގެ ކުރިން މިފަދަ ޑިޕޮސިޓްތަކާއި، އިންވެސްޓްމަންޓްތަކަށް ދައްކަންޖެހޭ އިންޓްރެސްޓް، އެކަށީގެންވާ މިންވަރަކަށް ރައްކާތެރިކުރެވޭނެކަމަށް އެމް.އެމް.އޭ އަށް ގަބޫލުކުރެވޭނަމައެވެ. ނަމަވެސް މިގޮތަށް ހިފެހެއްޓުމުގައި ފައިޑިއުށަރީ އެކައުންޓުތަކުގައިވާ ފައިސާ ނުހިފެހެއްޓޭނެއެވެ. އާންމުނޫން ހާލަތްތަކުގައި ކޮންޒަވޭޓަރު އެމް.އެމް.އޭ ގެ ހުއްދަ ލިބިގެން، މިގޮތަށް ހިފެހެއްޓިފައިވާ ފައިސާތަކުގެ ތެރެއިން ވަކި ފަރުދެއްގެ ނަމުގައި ބަހައްޓާފައިވާ ޑިޕޮސިޓް، އެކުގައި ނުވަތަ އެއިން ބައެއް އެ ފަރުދަކަށް ދެވިދާނެއެވެ. ނަމަވެސް މިގޮތުން ދެވޭނީ ކޮންމެ ފަރުދަކަށްވެސް ގިނަވެގެން އެފަރުދަކު ބަހައްޓާފައިވާ ޑިޕޮސިޓްތަކާއި ކޮށްފައިވާ އިންވެސްޓްމަންޓްތަކުގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ އިތުރުނުވާ އަދަދެކެވެ.

 

76 ވަނަ މާއްދާ - ކޮންޒަވޭޓަރށިޕް ނިންމާލުން

(ހ) ތިރީގައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް މެދުވެރިވެއްޖެނަމަ، އައްޔަންކުރެވިފައިވާ ކޮންޒަވޭޓަރުގެ ދައުރު ނިމޭނެއެވެ.

  1. ކޮންޒަވޭޓަރު އައްޔަންކުރުމަށް ނުވަތަ ކޮންޒަވޭޓަރު އައްޔަންކުރެވުނު މުއްދަތު އިތުރުކުރުމަށް، ނިންމި ނިންމުމުގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވުން.
  2. ކޮންޒަވޭޓަރު އައްޔަންކުރުމަށް ކުރިމަތިވި ހާލަތު ރަނގަޅުވެ، ބޭންކުގެ ހާލަތު އެކަށޭނަ ރަނގަޅު ހާލަތަކަށް އަތުވެއްޖެކަމަށް އެމް.އެމް.އޭ އިން ކަނޑައެޅުން.
  3. މި ގާނޫނުގެ 88 ވަނަ މާއްދާގެ ދަށުން ރިސީވަރެއް އައްޔަންކުރުން.

(ށ) މި މާއްދާގެ (ހ) ގެ (1) ނުވަތަ (2) ގެ ދަށުން، ކޮންޒަވޭޓަރުގެ ދައުރު ނިމުމުން، ކޮންޒަވޭޓަރުގެ ކޮންޓްރޯލުގެ ދަށުގައިވާ އެ ބޭންކާއި އެ ބޭންކުގެ އެސެޓުތަކާއި، ފޮތްތަކާއި، ރިކޯޑުތައް ބޭންކުގެ ހުއްދަދެވިފައިވާ މެނޭޖަރުންނާ ވަގުތުން ހަވާލުކުރަންވާނެއެވެ.

(ނ) ކޮންޒަވޭޓަރުގެ ދައުރު ހަމަވުމުން ކޮންޒަވޭޓަރު އައްޔަންކުރެވުނު މުއްދަތުގެ ހިސާބުތައް އަދި އެންމެ ފަހުގެ ރިޕޯޓު ތައްޔާރުކޮށް އެމް.އެމް.އޭ އަށް ހުށަހަޅަންވާނެއެވެ.

 

15 ވަނަ ބާބު

ރީކެޕިޓަލައިޒް ކުރުން

77 ވަނަ މާއްދާ - ރީކެޕިޓަލައިޒް ކުރެވޭނެ އުސޫލުތައް

(ހ) ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމު ހަރުދަނާކޮށް ހިފެހެއްޓުމަށްޓަކައި ބޭންކެއް ރީކެޕިޓަލައިޒް ކުރަން ޖެހިއްޖެކަމަށް އެމް.އެމް.އޭ އިން ދޭ އިރުށާދުގެ މަތިން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީ ނިންމައިފިނަމަ، އެމް.އެމް.އޭ ގެ ބެލުމުގެ ދަށުން، ދައުލަތުގެ ފައިސާ ބޭނުންކޮށްގެން އެ ބޭންކަށް އައްޔަންކޮށްފައިވާ ކޮންޒަވޭޓަރަށް އެ ބޭންކުގެ ރައުސްމާލު ބަދަލުކުރެވިދާނެއެވެ. މިގޮތަށް ބޭންކެއްގެ ރައުސްމާލު ބަދަލުކުރުމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީ ނިންމައިފި ހިނދެއްގައި، މި މާއްދާގެ (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ މުއާމަލާތުތަކާއި ހަރަދުތައް ކުރުމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުއްދަ ދެވިދާނެއެވެ. ނުވަތަ މި ހަރަދުތަކަށް ބޭނުންވާ ފައިސާ ލިބޭނެގޮތް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހަމަޖައްސައިދެވިދާނެއެވެ.

(ށ) ދައުލަތުގެ ފައިސާ ބޭނުންކޮށްގެން ރީކެޕިޓަލައިޒް ކުރަން އެމް.އެމް.އޭ އިން ހުށަހަޅާ އިރުށާދާއެކު، ރީކެޕިޓަލައިޒް ކުރާނެގޮތުގެ ޕްލޭނެއް، ކޮންޒަވޭޓަރުގެ މަށްވަރާއާއެކު ތައްޔާރުކޮށް ހުށަހަޅަންވާނެއެވެ. މިޕްލޭންގައި، ބޭންކުގެ އިދާރީ އަދި ހިންގުމުގެ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް މިކަންތައް ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކޮށް އަދި ބޭންކުގެ ހާލަތު ރަނގަޅުކުރުމަށް ރާވާފައިވާ ކަންތައްތައް ކުރާނެގޮތުގެ ތާވަލަކާއި އެކަންތައްތައް ކުރުމަށް ބޭނުންވާނެ ފައިސާ ހޯދާނެގޮތް ހިމަނަންވާނެއެވެ. އަދި މި ޕްލޭންގައި، މި ގާނޫނުގެ 94 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއާމަލާތެއް ނުވަތަ މުއާމަލާތުތަކެއް ހިންގައިގެން ބޭންކުގެ މައި ވިޔަފާރި އެހެން ބޭންކަކަށް ބަދަލުކުރެވިދާނެ ގޮތްތަކާމެދު ދިރާސާކޮށް އޭގެ ތަފްސީލު ހިމަނަންވާނެއެވެ. އަދި މި ޕްލޭނަކީ ވީވަރަކުން، ދައުލަތުގެ ހަރަދުގައި ބޭންކުގެ ހިއްސާދާރުންނަށް މާލީ ފައިދާއެއް ނުވާނެފަދަ ގޮތަކަށް ތައްޔާރުކުރެވިފައިވާ ޕްލޭނަކަށް ވާންވާނެއެވެ. މި ޕްލޭނާއެއްގޮތަށް އަމަލުކުރަމުން ދަނިކޮށް، އެމް.އެމް.އޭ އާ މަށްވަރާކުރުމަށްފަހު، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް:

  1. ބޭންކުގެ ހާލަތު ރަނގަޅުކުރުމަށް ރާވާފައިވާ ކަންތައްތަކުގެ ޕްލޭން ހުއްޓުވިދާނެއެވެ؛ ނުވަތަ
  2. މި ގާނޫނުގެ 56 ވަނަ މާއްދާގެ ދަށުން ބޭންކުގެ ލައިސަންސް ބާތިލުކުރެވިދާނެ ކަމެއް ނުވަތަ ސަބަބެއްވާނަމަ، ބޭންކުގެ ލައިސަންސް ބާތިލުކުރުމަށް އެމް.އެމް.އޭ އަށް އެންގިދާނެއެވެ؛ ނުވަތަ
  3. މި ގާނޫނުގެ 82 ވަނަ މާއްދާގެ ދަށުން ބޭންކު އިފްލާސްކުރުމަށް އެދި ކޯޓަށް ޕެޓިށަނެއް ހުށަހެޅުމަށް އެމް.އެމް.އޭ ގައި އެދެވިދާނެއެވެ.

(ނ) ބޭންކުގެ އެސެޓުތައް ރައްކާތެރިކުރުމަށާއި، ދެމިހުންނަނިވި ގޮތެއްގައި ބޭންކު ހިނގާނެކަމަށް ބަލައިގެން ބޭންކުގެ ހާލަތު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން، ބޭންކުގެ ހުރިހާ އެސެޓުތަކާއި ލައިބިލިޓީތައް ނުވަތަ އެއިން ބައެއް، ދައުލަތުގެ ރައުސްމާލާއެކު އުފައްދާ އަދި އެމް.އެމް.އޭ އިން ލައިސަންސް ލިބިފައިވާ ބްރިޖް ބޭންކަކަށް ބަދަލުކުރުމަށް އެމް.އެމް.އޭ އިން ކޮންޒަވޭޓަރަށް އެންގިދާނެއެވެ. މިފަދައިން ބަދަލުކުރެވޭ ބަދަލުކުރެވުމަކަށް ހަމަ އެވަގުތުން ފެށިގެން އަމަލުކުރަން ފަށަންވާނެއެވެ. މިފަދަ ބަދަލުކުރުމެއްގައި ބޭންކުން، ބޭންކުގެ ބައެއް ކްރެޑިޓަރުންނަށް އަދާކުރަންޖެހޭ ހައްގެއް ނުހިމެނޭނަމަ، އެފަދަ ކްރެޑިޓަރުންގެ މަސްލަހަތަށް ކޮންޒަވޭޓަރު ބަލަންވާނެއެވެ. އަދި މިފަދަ ބަދަލުކުރުމެއްގައި ބޭންކު އަދި ބޭންކުގެ ހިންގުމުގައި ޒިންމާވާންޖެހޭ އެއްވެސް ފަރާތެއްގެ ހުއްދަ ހޯދާކަށް ނުޖެހޭނެއެވެ. މިގޮތުން ބަދަލުކުރެވޭ ބޭންކުގެ ލައިބިލިޓީތައް ސަރުކާރުގެ ގެޒެޓްގައި އަދި އާންމުކޮށް ބޭނުންކުރެވޭ ނޫސްތަކުގެ ތެރެއިން އެމް.އެމް.އޭ އިން ކަނޑައަޅާ ނޫހެއްގައި ށާއިއުކުރަންވާނެއެވެ.

(ރ) ބޭންކުގެ ހާލަތު ރަނގަޅުކުރުމަށް ރާވާފައިވާ ކަންތައްތަކުގެ ޕްލޭނާއެއްގޮތަށް ކޮންޒަވޭޓަރު ހުށަހެޅުމުން، އަދި މިނިސްޓަރ އޮފް ފިނޭންސް އެންޑް
ޓްރެޒަރީގެ އެއްބަސްވުން ބޭނުންވާ ހާލަތްތަކުގައި އެފަރާތުގެ އެއްބަސްވުމާއެކު އެމް.އެމް.އޭ އިން ތިރީގައިވާ ކަންތައްތައް ކުރެވިދާނެއެވެ.

  1. މި ގާނޫނުގެ 94 ވަނަ މާއްދާގެ ދަށުން ހުއްދަލިބިފައިވާ މުއާމަލާތެއް ނުވަތަ މުއާމަލާތުތަކެއް ހިންގުމަށް ބޭންކަށް އައްޔަންކޮށްފައިވާ ކޮންޒަވޭޓަރަށް ހުއްދަދިނުން. މިފަދަ މުއާމަލާތުތަކުގެ ތެރޭގައި ދައުލަތުން ޑިޕޮސިޓް ބެހެއްޓުން، ލޯނު ދިނުން، ގްރާންޓް ދިނުން، ގެރެންޓީ ދިނުން ނުވަތަ ރައުސްމާލު އިތުރުކުރުން ހިމެނިދާނެއެވެ.
  2. އެމް.އެމް.އޭ އިން ކަނޑައަޅާ ހަމަތަކާއި ށަރުތުތަކާ އެއްގޮތްވާގޮތަށް، ބޭންކުގެ ހުއްދަކުރެވިފައިވާ ރައުސްމާލު އިތުރުކުރުމަށް ނުވަތަ ބޭންކުގެ ހިއްސާ ވިއްކުމަށް އެންގުން؛ ނުވަތަ
  3. މި ގާނޫނުގެ 99 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން، މުދަލާއި ހިދުމަތްދިނުމަށް ބޭންކުން ކޮށްފައިވާ ހުރިހާ އެއްބަސްވުންތައް ނުވަތަ ބައެއް އެއްބަސްވުންތައް ބާތިލުކުރުމަށް ކޮންޒަވޭޓަރަށް ހުއްދަދިނުން. މިގޮތަށް އެއްބަސްވުންތައް ބާތިލުކުރުމުގެ ސަބަބުން ކުރަންޖެހޭ ހަރަދުތަކަކީ ބޭންކުގެ ހާލަތު ރަނގަޅުކުރުމަށް ރާވާފައިވާ ކަންތައްތައް ކުރުމަށް ކުރެވޭ ހަރަދުތަކެއްގެ ގޮތުގައި ބަލައި، އެމް.އެމް.އޭ އަށް ހުށަހެޅިދާނެއެވެ.

(ބ) ބޭންކުގެ ހާލަތު ރަނގަޅުކުރުމަށް ކުރެވޭ ކަންތައްތައް ކުރުމުގައި ހިނގާ ހުރިހާ ހަރަދުތަކަށް ޒިންމާވާނީ ބޭންކުންނެވެ. އަދި މިފަދަ ހަރަދުތައް ދެއްކޭނެ ވަސީލަތް ބޭންކުގައި ނެތްނަމަ، ބޭންކުން ދެއްކެންނެތް ބައި ދައްކާނީ ދައުލަތުންނެވެ.

 

16 ވަނަ ބާބު

ބޭންކު އުވާލުން

 

78 ވަނަ މާއްދާ - ބޭންކެއް އުވާލުމަށް އެ ބޭންކަކުން ކަނޑައެޅުން

(ހ) ބޭންކެއްގެ ހިންގުން އެ ބޭންކެއް އަމިއްލައަށް ހުއްޓާލުމަށް އެމް.އެމް.އޭ ގެ ހުއްދަ ލިބި އަދި އެ ބޭންކަކަށް އެމް.އެމް.އޭ އިން ދޫކޮށްފައިވާ ލައިސަންސް އެމް.އެމް.އޭ އިން ބާތިލުކުރުމުން، އެ ބޭންކެއްގެ ހިއްސާދާރުންނަށް އެ ބޭންކެއް އުވާލެވިދާނެއެވެ. މި ގޮތުން ބޭންކު އުވާލަންވާނީ މި ގާނޫނުގެ 79 ވަނަ މާއްދާގެ (ނ) އަދި (ރ) ގައި ބުނާ ނުވަތަ ހަވާލާދީފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން އަދި އެމް.އެމް.އޭ ގެ ބެލުމުގެ ދަށުންނެވެ.

(ށ) އެމް.އެމް.އޭ އިން އެދިއްޖެ ހިނދެއްގައި، އެމް.އެމް.އޭ އިން އެދޭ މައުލޫމާތާއި ލިޔެކިޔުންތައް ބޭންކުން އެމް.އެމް.އޭ އަށް ފޯރުކޮށްދޭންވާނެއެވެ. އަދި އެމް.އެމް.އޭ ގެ ސުޕަވައިޒްކުރުމުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އެމް.އެމް.އޭ ގެ މުވައްޒަފުން ބޭންކުގެ އިމާރާތަށް ވަނުމަށް ނުވަތަ އެ ބޭންކުގެ ފޮތްތަކާއި ރިކޯޑުތައް ދެއްކުމަށް އެދިއްޖެ ހިނދެއްގައި، ބޭންކުން އެކަންތައްތައް ކުރަންވާނެއެވެ.

(ނ) ބޭންކުން އެކަށީގެންވާ ގޮތަކަށް ބޭންކު އުވާލުމުގެ މަސައްކަތް ކުރިއަށް ނުގެންދާކަމަށް، ނުވަތަ މި މާއްދާގެ (ށ) އާ ހިލާފުވެފައިވާކަމަށް، އެމް.އެމް.އޭ އަށް ފެނިއްޖެ ހިނދެއްގައި އެމް.އެމް.އޭ ގެ ބެލުމުގެ ދަށުން، ބޭންކު އުވާލުމުގެ މަސައްކަތްކުރުމަށް ނުވަތަ ބޭންކުން ފަށާފައިވާ ބޭންކު އުވާލުމުގެ މަސައްކަތް ނިންމުމަށް އެމް.އެމް.އޭ އިން ރިސީވަރެއް އައްޔަންކުރަންވާނެއެވެ.

 

79 ވަނަ މާއްދާ - ބޭންކު އުވާލުމަށް އެންގުން

(ހ) އިފްލާސްކުރުމުގެ މަސައްކަތް ފަށާފައިނުވާ ބޭންކެއްގެ ލައިސަންސް، މި ގާނޫނުގެ 56 ވަނަ މާއްދާގެ ދަށުން ބާތިލުކުރުމަށް އެމް.އެމް.އޭ އިން ކަނޑައަޅައި އަންގާ އެންގުމާއެކުގައި، މި މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާއެއްގޮތްވާ ގޮތުގެމަތިން، އެ ބޭންކު އުވާލުމުގެ މަސައްކަތް ކުރުމަށްޓަކައި ރިސީވަރެއް އެމް.އެމް.އޭ އިން އައްޔަންކުރަންވާނެއެވެ. އަދި އެމް.އެމް.އޭ އިން ބޭންކުގެ ލައިސަންސް ބާތިލުކުރުމަށާއި ބޭންކު އިފްލާސްކުރުމަށް ނިންމިކަން ލަސްނުކޮށް، އެމް.އެމް.އޭ އިން، ސަރުކާރުގެ ގެޒެޓްގައާއި އާންމުކޮށް ބޭނުންކުރެވޭ ނޫހެއްގައި ށާއިއުކުރަންވާނެއެވެ.

(ށ) އެމް.އެމް.އޭ އިން ބޭންކެއްގެ ލައިސަންސް ބާތިލުކޮށް އެ ބޭންކު އުވާލުމަށް ނިންމުމަށްފަހު:

  1. އެ ބޭންކުން ނުވަތަ ބޭންކުގެ ފަރާތުން އެހެން ފަރާތަކުންވެސް ކުރާ ކަންތައްތަކަކީ ގާނޫނީ ގޮތުން ސައްހަނޫން އަދި ބާތިލު ކަންކަމެވެ. ނަމަވެސް މިކަންތައްތަކުގެ ތެރޭގައި، އެ ބޭންކަށް އައްޔަންކޮށްފައިވާ ރިސީވަރުކުރާ ކަންތައްތައް ނުވަތަ ރިސީވަރުގެ ހުއްދަލިބިގެން ކުރާ ކަންތައްތަކާއި، ކޮށްފައިވާ ކަމަކީ ބޭންކަށް ފައިދާވާނޭ ކަމެއްކަމަށް ރިސީވަރަށް ގަބޫލުކުރެވިގެން ރިސީވަރު އެކަމެއް ހުއްދަކަމަށް ބަލައިގަންނަ ކަންތައްތަކާއި، އަދި މި ގާނޫނުގެ 93 ވަނަ މާއްދާގައި ބުނާ ފައިސާއާއި ސެކިއުރިޓީ ޓްރާންސްފަރ އޯޑަރުތައް ނުހިމެނޭނެއެވެ؛
  2. އެ ބޭންކުގެ އެސެޓުތައް ވިއްކުމުގައި ނުވަތަ ބަދަލުކުރުމުގައި ދިމާވެފައިވާ ހުރަސްތަކާއި، ބޭންކުގެ ކްރެޑިޓަރުންގެ ހައްގުގައި ބޭންކުގެ އެސެޓުތައް އެގްޒެކިއުޓްކުރުމަށްޓަކައި ކޮށްފައިވާ ލިއެންތައް ނުވަތަ މިނޫންވެސް ބޭންކުގެ އެސެޓުތަކުގެ މައްޗަށް އޮންނަ ހުރަސްތައް ގާނޫނީ ގޮތުން ނެތިގެން ދާނެއެވެ؛
  3. ބޭންކުގެ އެސެޓުތައް އެޓޭޗް އަދި އެގްޒެކިއުޓެއް ނުކުރެވޭނެއެވެ. މީގެ ތެރޭގައި ބޭންކުގެ ދަރަންޏަކަށް ރަހުނުކުރެވިފައިވާ ނުވަތަ ލިއެން ކުރެވިފައިވާ އެސެޓެއް، އެ ދަރަނީގެ އަދަދަށް އެޓޭޗް ކުރުމާއި އެގްޒެކިއުޓް ކުރުމެއް ނުހިމެނޭނެއެވެ؛ އަދި
  4. އެ ބޭންކު އިފްލާސްކުރުމުގެ މަސައްކަތެއް ނުފެށޭނެއެވެ.

(ނ) ބޭންކު އުވާލުމުގެ މަސައްކަތް ރިސީވަރު ކުރަންވާނީ އެމް.އެމް.އޭ ގެ ބެލުމުގެ ދަށުން އަދި މި ގާނޫނުގެ 95 ވަނަ މާއްދާއިން ފެށިގެން 108 ވަނަ މާއްދާގެ ނިޔަލަށް ބަޔާންކޮށްފައިވާ އުސޫލުތަކާއި ކަންތައްތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ރ) މި ގާނޫނުގެ 94 ވަނަ މާއްދާގައި ބުނާ މުއާމަލާތެއް ނުވަތަ މުއާމަލާތުތަކެއް ހިންގުމަށް ރިސީވަރު އެދިއްޖެނަމަ، އެ މުއާމަލާތެއް ނުވަތަ މުއާމަލާތުތަކެއް ހިންގުމަށް އެމް.އެމް.އޭ އިން ހުއްދަދެވިދާނެއެވެ.

(ބ) ބިދޭސީ ބޭންކެއްގެ ދޭސީ ބްރާންޗް އޮފީސްތަކާއި، ބިދޭސީ ބޭންކެއް ތަމްސީލުކުރާ އޮފީސްތަކުގެ މައްޗަށް މި މާއްދާ ހިނގާނީ، އެ ހުރިހާ ބްރާންޗް އޮފީސްތަކާއި ތަމްސީލުކުރާ އޮފީސްތަކަކީ އެއް ތަނެއް ނުވަތަ ށަހްސެއްކަމަށް ބަލައިގެންނެވެ. މި މާއްދާއަށް އަމަލުކުރުމުގައި، ބިދޭސީ ބޭންކެއްގެ ދޭސީ ބްރާންޗެއްގެ ނުވަތަ ތަމްސީލުކުރާ އޮފީހެއްގެ ހުރިހާ އެސެޓުތަކާއި ލައިބިލިޓީތަކާއި، އެއިން ތަނަކުން ކުރާ ކަންތައްތަކާއި ނުކޮށްދޫކޮށްލެވޭ ކަންތައްތައް ބެލެވޭނީ، އެ ބިދޭސީ ބޭންކުގެ ހުރިހާ ބްރާންޗް އޮފީސްތަކާއި ތަމްސީލުކުރާ އޮފީސްތަކަކީ އެއްތަނެއް ނުވަތަ ށަހްސެއްކަމަށް ބަލައިގެން، އެ ށަހްސެއްގެ އެސެޓުތަކާއި، ލައިބިލިޓީތަކާއި އަދި އެ ށަހްސެއްގެ އަމަލުތައް ކަމުގައެވެ. އަދި ދޭސީ ބޭންކެއްގެ އާންމު ޖަލްސާއެއްގައި އެ ބޭންކުގެ ހިއްސާދާރުން ނުވަތަ ހުއްދަ ދީފައިވާ މެނޭޖަރު ނިންމާ ނިންމުންތަކާއި އަޅާ ފިޔަވަޅުތައްފަދަ ނިންމުންތަކާއި ފިޔަވަޅުތައް މި ށަހްސަކާމެދު އެޅުމުގެ ބާރު ރިސީވަރަށް ލިބިގެންވެއެވެ.

 

17 ވަނަ ބާބު

ބޭންކުގެ ރިސީވަރށިޕް

 

80 ވަނަ މާއްދާ - އިފްލާސްކުރުމާބެހޭ އާންމު ގާނޫނުތައް ބޭންކުތަކުގެ މައްޗަށް ނުހިނގުން

 ކުންފުނިތައް އިފްލާސްކުރުމާބެހޭ އާންމު ގާނޫނުތައް ނުވަތަ އެ ގާނޫނުތަކުގެ ބައެއް ނަމަވެސް، ބޭންކުތަކުގެ މައްޗަކަށް ނުހިނގާނެއެވެ. އަދި މީގެ ބަދަލުގައި އިފްލާސްކުރުމާބެހޭ ގޮތުން ބޭންކުތަކުގެ މައްޗަށް ހިނގާނީ މި ގާނޫނެވެ.

 

81 ވަނަ މާއްދާ - ބޭންކެއް އިފްލާސްކުރުމުގެ މަސައްކަތް ފެށޭނެ ހާލަތްތައް، އަދި ބޭންކުގެ ދަރަނިތަކާއި އެހެނިހެން ޒިންމާތައް އަދާ ކުރެވިދާނެކަން ކަނޑައެޅުމުގައި އެމް.އެމް.އޭ ގެ ޒިންމާ

މި ގާނޫނުގެ 82 ވަނަ މާއްދާގެ ދަށުން އެކަށީގެންވާ ޕެޓިށަނެއް އެމް.އެމް.އޭ އަށް ލިބި އަދި 83 ވަނަ މާއްދާގެ ދަށުން ކޮންޒަވޭޓަރެއް އައްޔަންކުރުމަށްފަހު، ތިރީގައިވާ ހާލަތެއް ނުވަތަ ހާލަތްތަކެއް މެދުވެރިވެއްޖެނަމަ، އެމް.އެމް.އޭ އިން އެ ބޭންކެއް އިފްލާސްކުރުމުގެ މަސައްކަތް ފަށަންވާނެއެވެ.

(ހ) ބޭންކުގެ މާލީ ޒިންމާތައް އަދާނުކުރުން. މީގެ ތެރޭގައި ބޭންކުގެ ޑިޕޮސިޓް ފައިސާ، ޑިޕޮސިޓަރުންނަށް ދައްކަންޖެހޭ ދުވަހަށް ނުދެއްކުން ހިމެނެއެވެ. އަދި ބޭންކުގެ ލިކުއިޑިޓީ އިތުރުކުރުމަށްޓަކައި އެމް.އެމް.އޭ އަށް ގަބޫލުކުރެވޭނެފަދަ ގޮތްތަކެއް ހަމަޖެހިފައި ނެތުން؛

(ށ) ބޭންކުގެ ޖުމްލަ އެސެޓުތަކުގެ %2 (ދޭއް އިންސައްތަ) އަށްވުރެ ބޭންކުގެ ކޯ ކެޕިޓަލް މަދުވުން، އަދި ބޭންކުގެ ރައުސްމާލު ބަދަލުކުރުމަށްޓަކައި އެމް.އެމް.އޭ އަށް ގަބޫލުކުރެވޭފަދަ ރީކެޕިޓަލައިޒް ކުރުމުގެ ޕްލޭނެއް ތައްޔާރުކޮށްފައި ނެތުން؛ ނުވަތަ

(ނ) ބޭންކުގެ މާލީ ހާލަތަށް ބަލާއިރު، ބޭންކަށް ފައިދާނުވާނަމަ އަދި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ބޭންކަށް ފައިދާވާނެފަދަ އެކަށީގެންވާ ގޮތްތަކެއް ނެތްކަމަށް އެމް.އެމް.އޭ އަށް ގަބޫލުކުރެވުން.

މި މާއްދާގައިވާ ފަދައިން ބޭންކެއް އިފްލާސްކުރަން ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި އެމް.އެމް.އޭ އަށެވެ. ނަމަވެސް 66 ވަނަ މާއްދާގައިވާ ފަދައިން، އެމް.އެމް.އޭ ގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.

 

82 ވަނަ މާއްދާ - ބޭންކެއް އިފްލާސްކުރުމަށް ހުށަހެޅޭ ޕެޓިށަން

(ހ) ބޭންކެއް އިފްލާސްކުރުމަށް ހުށަހެޅޭ ޕެޓިށަން ހުށަހަޅަންވާނީ އެކަމަށް ކޯޓުން ކަނޑައަޅާފައިވާ ފޯމަކުން ކޯޓަށެވެ.

(ށ) ބޭންކެއް އިފްލާސްކުރުމަށް ހުށަހަޅާ ޕެޓިށަން ކޯޓުން ގަބޫލުކުރަންވާނީ ތިރީގައިވާ ކަންތައްތައް ފުރިހަމަވާނަމައެވެ.

  1. ޕެޓިށަން ހުށަހަޅާފައިވަނީ އެމް.އެމް.އޭ އިން ކަމުގައިވުން. އަދި ޕެޓިށަނާއެކު އެމް.އެމް.އޭ އިން އަސްލުކަމަށް ބަޔާންކޮށްފައިވާ ބޭންކުގެ މާލީ ހިސާބުތަކާއި، ބޭންކު އިފްލާސްކުރަންޖެހޭފަދަ ގާނޫނީ ސަބަބެއް ނުވަތަ ސަބަބުތަކެއް ހުށަހަޅާފައިވުން؛ ނުވަތަ
  2. ޕެޓިށަން ކޯޓަށް ހުށަހަޅާފައިވަނީ ބޭންކުގެ ކްރެޑިޓަރުންގެ ތެރެއިން 3 (ތިނެއް) ނުވަތަ އެއަށްވުރެ ގިނަ ކްރެޑިޓަރުންކަމަށްވާނަމަ، އަދި މި ފަރާތްތަކަށް، ބޭންކުން ދައްކަންޖެހޭ ދުވަހަށް ދައްކާފައިނުވާ ފައިސާގެ ޖުމްލަ އަދަދަކީ، 10,000,000 (ދިހަ މިލިއަން) ރުފިޔާ ނުވަތަ އެ ބޭންކުގެ ޖުމްލަ ލައިބިލިޓީގެ %2 (ދޭއް އިންސައްތަ) ، މި ދެ އަދަދުން ކުރެ ބޮޑު އަދަދަކަށްވުރެ އިތުރުވާ އަދަދެއް ކަމުގައިވުން. އަދި މި ގާނޫނުގެ 81 ވަނަ މާއްދާގެ (ހ) ގައިވާ ގޮތަށް، ބޭންކުން އަދާކުރަންޖެހޭ މާލީ ޒިންމާތައް އަދާކޮށްފައިނުވާކަމުގެ ހެކި ލިޔެކިޔުމުން ޕެޓިށަނާއެކު ހުށަހަޅައި، އަދި ޕެޓިށަނާއި، ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ކޮޕީއެއް އެމް.އެމް.އޭ އަށް ހުށަހަޅާފައި އޮތުން.

 

83 ވަނަ މާއްދާ - ބޭންކެއް އިފްލާސްކުރުމަށް ހުށަހެޅުމާ ގުޅިގެން ކޮންޒަވޭޓަރެއް އައްޔަންކުރުން

ބޭންކެއް އިފްލާސްކުރުމަށް މި ގާނޫނުގެ 82 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން އެމް.އެމް.އޭ އަށް ކްރެޑިޓަރުން ޕެޓިށަނެއް ހުށަހެޅުމުން ނުވަތަ 82 ވަނަ މާއްދާ ގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން އެމް.އެމް.އޭ އިން ކޯޓަށް ޕެޓިށަނެއް ހުށަހެޅުމުން، 69 ވަނަ މާއްދާގެ ދަށުން، ބޭންކުގެ މާލީ ޒިންމާތައް އަދާނުކުރާކަމަށް ބަލައި، އެމް.އެމް.އޭ އިން ބޭންކަށް ކޮންޒަވޭޓަރެއް އައްޔަންކުރަންވާނެއެވެ. ކޮންޒަވޭޓަރެއް އައްޔަންކުރުމާއެކު، 72 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، އެ ކޮންޒަވޭޓަރަކު ބޭންކާ ހަވާލުވާންވާނެއެވެ. މި މާއްދާގެ ދަށުން ކޮންޒަވޭޓަރެއް އައްޔަންކުރުމަށް އެމް.އެމް.އޭ އިން ނިންމާ ނިންމުމެއްގެ މައްޗަށް 73 ވަނަ މާއްދާ ނުހިނގާނެއެވެ. އަދި އެމް.އެމް.އޭ ގެ މި ނިންމުން ކޯޓުން ބަލައެއް ނުދެވޭނެއެވެ.

 

85 ވަނަ މާއްދާ - ކޯޓުން ށަރީއަތުގެ އަޑުއެހުން ބޭއްވުން

(ހ) ބޭންކެއް އިފްލާސްކުރުމަށް ޕެޓިށަނެއް ހުށަހެޅުމުން ކޯޓުން އެމް.އެމް.އޭ އަށާއި، ޕެޓިށަން ހުށަހެޅި އެހެން ފަރާތެއްވާނަމަ، އެފަރާތަށާއި އެ ބޭންކަށް އައްޔަންކުރެވިފައިވާ ކޮންޒަވޭޓަރަށް އަދި ބޭންކަށް، ޕެޓިށަނުގެ ށަރީއަތަށް ހާޒިރުވުމަށް އަންގަންވާނެއެވެ. މި ށަރީއަތުގެ އަޑުއެހުން އާންމުކޮށް ހުޅުވާލަންވާނެއެވެ. ނަމަވެސް، ހާއްސަ ހާލަތްތަކުގައި ށަރީއަތުގެ އަޑުއެހުން އާންމުކޮށް ނުހުޅުވުމަށް ކޯޓުން ނިންމިދާނެއެވެ. ޕެޓިށަން ހުށަހަޅާތާ، ސަރުކާރު ބަންދުނޫން 2 (ދޭއް) ދުވަހުގެ ތެރޭގައި ށަރީއަތުގެ އަޑުއެހުން ބާއްވަންވާނެއެވެ.

(ށ) ޕެޓިށަން ހުށަހަޅާފައިވަނީ އެމް.އެމް.އޭ އިންނަމަ، ށަރީއަތުގެ އަޑުއެހުން 1 (އެކެއް) ހަފުތާގެ ތެރޭގައި ނިންމަންވާނެއެވެ. ޕެޓިށަން ހުށަހަޅާފައިވަނީ ބޭންކުގެ ކްރެޑިޓަރުންނަމަ، 2 (ދޭއް) ހަފުތާގެ ތެރޭގައި ށަރީއަތުގެ އަޑުއެހުން ނިންމަންވާނެއެވެ. ށަރީއަތުގެ އަޑުއެހުން ނިމޭއިރު، ކޯޓުން ޕެޓިށަން ގަބޫލުކުރުމަށް ނުވަތަ ޕެޓިށަން ގަބޫލުނުކުރުމަށް ނިންމަންވާނެއެވެ.

 

85 ވަނަ މާއްދާ - ޕެޓިށަން ގަބޫލުނުކުރެވޭނެ ސަބަބުތައް

(ހ) ތިރީގައިވާ ކަމެއް މެދުވެރިވެއްޖެނަމަ، ބޭންކެއް އިފްލާސްކުރުމަށް ހުށަހަޅާފައިވާ ޕެޓިށަނެއް ކޯޓުން ގަބޫލުކޮށްގެން ނުވާނެއެވެ.

  1. ޕެޓިށަން ހުށަހެޅުމުގައި ހުންނަންޖެހޭނެކަމަށް މި ގާނޫނުގައި ބުނާ ށަރުތުތައް ފުރިހަމަނުވުން؛ ނުވަތަ
  2. މި މާއްދާގެ (ށ) ގެ ދަށުން އެމް.އެމް.އޭ އިން ޕެޓިށަނާމެދު އިންކާރުކުރުން ނުވަތަ ޕެޓިށަން ގަބޫލުނުކުރުން.

(ށ) ޕެޓިށަން ހުށަހަޅާފައިވަނީ ބޭންކުގެ ކްރެޑިޓަރުންނަމަ، އެމް.އެމް.އޭ އިން ޕެޓިށަނާމެދު އިންކާރުކުރެވޭނީ ތިރީގައިމިވާ ސަބަބުތަކަށްޓަކައި އެކަންޏެވެ.

  1. ބޭންކު އިފްލާސްކުރުމަށް ޕެޓިށަން ހުށަހަޅާފައިވަނީ ބޭންކު އިފްލާސްކުރަންޖެހޭފަދަ ގާނޫނީ ސަބަބެއް ނެތިކަމަށް އެމް.އެމް.އޭ އިން ކަނޑައެޅުމުން؛ މިގޮތަށް ކަނޑައެޅުމާއެއްކޮޅަށް ހުރި ހެއްކާއި ގަރީނާ، އޭގެ ތެރޭގައި އެމް.އެމް.އޭ އިން އަސްލުކަމަށް ބަޔާންކޮށްފައިވާ އެ ބޭންކުގެ މާލީ ހިސާބުތައް ހިމެނޭގޮތަށް، ކޯޓަށް ހުށަހެޅުމަށް، ކޯޓުން އެމް.އެމް.އޭ އަށް އެންގިދާނެއެވެ؛
  2. ބޭންކު އިފްލާސްކުރުމަށް ހުށަހެޅި ޕެޓިށަންގެ ކޮޕީ އެމް.އެމް.އޭ އަށް ލިބުމުގެ ކުރިން އެ ބޭންކުގެ ލައިސަންސް ބާތިލުކޮށް، އެ ބޭންކު އުވާލުމަށް ރިސީވަރެއް އައްޔަންކޮށްފައިވާ ކަމުގައި އެމް.އެމް.އޭ އިން ކޯޓަށް ހާމަކޮށްދިނުން؛ ނުވަތަ
  3. މި ގާނޫނުގެ 77 ވަނަ މާއްދާގައިވާ ގޮތަށް ރާއްޖޭގެ ބޭންކިންގ ނިޒާމް ހަރުދަނާކޮށް ހިފެހެއްޓުމަށްޓަކައި އެ ބޭންކު ރީކެޕިޓަލައިޒް ކުރަން ޖެހިއްޖެކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީ ނިންމާފައިވާ ނިންމުމެއް އެމް.އެމް.އޭ އިން ކޯޓަށް ހުށަހެޅުން.

(ނ) އެމް.އެމް.އޭ އިން އެދިއްޖެނަމަ، މިފަދަ ހެއްކާއި ނިންމުންތައް ހުށަހެޅުމަށްޓަކައި ޕެޓިށަނާމެދު ކޯޓުން ގޮތެއް ނިންމުމުގެ ކުރިން 2 (ދޭއް) ހަފްތާގެ މުއްދަތެއް އެމް.އެމް.އޭ އަށް ދޭންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބުނާ ކަމެއް މެދުވެރިވުމުގެ އިތުރުން، ބޭންކެއް އިފްލާސްކުރުމަށް ހުށަހަޅާފައިވާ ޕެޓިށަނެއް ކޯޓުން ގަބޫލުނުކުރެވޭނީ ހަމައެކަނި ތިރީގައިވާ ކަމެއް މެދުވެރިވެއްޖެނަމައެވެ.

  1. ޕެޓިށަނާއެކު ހުށަހަޅާފައިވާ އެއްވެސް ލިޔުމެއް ނުވަތަ ހެއްކަކީ ތެދު ނޫން ލިޔުމެއްކަން ނުވަތަ ހެއްކެއްކަން އެނގެން އޮތުން، އަދި އެ ލިޔުމެއް ނުވަތަ ހެއްކަކާނުލައި މި ގާނޫނުގެ ދަށުން ޕެޓިށަންގެ ށަރުތު ފުރިހަމަނުވުން؛ ނުވަތަ
  2. މި ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ބޭންކު އިފްލާސްކުރަންޖެހޭ ހާލަތްތައް ނެތިގެންދާނެ މިންވަރަކަށް ބޭންކުގެ ރައުސްމާލު އިތުރުކުރުމަށް، ވަގުތުން ލިބެން ހުރި ފައިސާ ބޭންކަށް ލިބިފައިވާކަން، ކޯޓަށާއި އެމް.އެމް.އޭ އަށް ގަބޫލުކުރެވޭ ވަރަށް ބޭންކުން ހާމަކޮށްދިނުން.

 

86 ވަނަ މާއްދާ - ހަރުދަނާ އަސާސެއް ނެތި ބޭންކެއް އިފްލާސްކުރުމަށް ކްރެޑިޓަރުން ހުށަހަޅާ ޕެޓިށަނަށް އިންކާރުކުރުން

(ހ) ބޭންކެއްގެ ކްރެޑިޓަރުން އެ ބޭންކު އިފްލާސްކުރުމަށް އެދި ކޯޓަށް ޕެޓިށަނެއް ހުށަހެޅުމަށްފަހު، އެ ޕެޓިށަނަކީ އެއްވެސް ހަރުދަނާ އަސާސެއް ނެތި ހުށަހަޅާފައިވާ ޕެޓިށަނެއްކަމަށް ކޯޓުން ނިންމައިފިނަމަ، ކޮންމެ ވަގުތަކުވެސް، އެ ޕެޓިށަނާގުޅޭ ގޮތުން ށަރީއަތުގެ އަޑުއެހުމެއް ބޭއްވުމަށްފަހު ނުވަތަ ށަރީއަތުގެ އަޑުއެހުމެއް ނުބާއްވައި ވެސް، ކޯޓުން އެ ޕެޓިށަނަށް ލިޔުމުން އިންކާރު ކުރެވިދާނެއެވެ. މިފަދަ ހާލަތްތަކުގައި، އެ ޕެޓިށަން ހުށަހެޅުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ކޯޓުން ޕެޓިށަން ހުށަހެޅި ފަރާތްތަކަށް އަމުރު ކުރެވިދާނެއެވެ. މިގޮތުން އަންގާ ބަދަލު ދިނުމުގެ ތެރޭގައި ޕެޓިށަން ހުށަހެޅުމާ ގުޅިގެން ހިނގި ހަރަދުތައް ހިމެނޭނެއެވެ.

(ށ) އާންމު ނޫން ހާލަތްތަކުގައި، ހަރުދަނާ އަސާސެއް ނެތި ބޭންކެއް އިފްލާސްކުރުމަށް ޕެޓިށަނެއް ހުށަހެޅުމަކީ، ކުށެއްކަމަށް ކްރިމިނަލް ކޯޓުގައި ސާބިތުވެއްޖެނަމަ، 6 (ހައެއް) މަހާއި 3 (ތިނެއް) އަހަރާ ދެމެދު މުއްދަތަކަށް ޖަލަށްލުމަށް ނުވަތަ 75,000 (ހަތްދިހަ ފަސްހާސް) ރުފިޔާއާއި 150,000 (އެއްލައްކަ ފަންސާސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށް ނުވަތަ ޖޫރިމަނާއާއެކު ޖަލަށްލުމަށް ހުކުމްކުރެވިދާނެއެވެ.

(ނ) އެއްވެސް ފަރާތަކުން ބޭންކެއް އިފްލާސްކުރުމަށް ހުށަހަޅާފައިވާ ޕެޓިށަނަކީ ހަރުދަނާ އަސާސެއް ނެތި ހުށަހަޅާފައިވާ ޕެޓިށަނެއްކަމަށް ކޯޓުން ނިންމައިފިނަމަ، ކޯޓުގެ އެދުމުގެމަތިން އެފަދަ ފަރާތެއްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލިދާނެއެވެ.

 

87 ވަނަ މާއްދާ - ބޭންކެއް އިފްލާސްކުރުމަށް ހުށަހެޅި ޕެޓިށަން ގަބޫލުނުކޮށްފިނަމަ އެ ބޭންކު އުވާލުމަށް އެންގުން

އެމް.އެމް.އޭ އިން ބޭންކެއް އިފްލާސްކުރުމަށް ހުށަހަޅާފައިވާ ޕެޓިށަނެއް މި ގާނޫނުގެ 85 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތައް ފިޔަވައި އެހެންކަމެއްގެ މައްޗަށް ބިނާކޮށް، ކޯޓުން ގަބޫލުނުކޮށްފިނަމަ، ނުވަތަ މި ގާނޫނުގައި ވަކި މުއްދަތެއް ކަނޑައަޅާފައިވާ ކަންތައްތައް އެ މުއްދަތުތަކުގެ ތެރޭގައި ކޯޓަށް ނުވެއްޖެނަމަ، ނުވަތަ މި ގާނޫނުގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ކޯޓުން އެ ޕެޓިށަނާމެދު ގޮތެއް ނުނިންމައިފިނަމަ، އެމް.އެމް.އޭ އިން އެ ބޭންކަށް ދޫކޮށްފައިވާ ބޭންކިންގ ލައިސަންސް ބާތިލުކޮށް، އަދި މި ގާނޫނުގެ 79 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާއެއްގޮތަށް އެ ބޭންކެއް އުވާލަންވާނެއެވެ.

 

88 ވަނަ މާއްދާ - އިފްލާސްކޮށްފިކަމުގެ ނިންމުމާއި ރިސީވަރެއް އައްޔަންކުރުން

ބޭންކެއް އިފްލާސްކުރުމަށް ހުށަހަޅާފައިވާ ޕެޓިށަނެއް ކޯޓުން ގަބޫލުކޮށްފިކަމަށް ނިންމުމުން އެ ބޭންކެއް އިފްލާސްކުރެވުނީއެވެ. އަދި މިބުނެވުނު ގޮތަށް އެ ބޭންކެއް އިފްލާސްކުރުމުން ދެން ކުރަންޖެހޭ މަސައްކަތްކުރުމަށްޓަކައި އެ ބޭންކަށް ރިސީވަރެއް އައްޔަންކުރަންވާނެއެވެ.

 

89 ވަނަ މާއްދާ - އިފްލާސްކުރުމާބެހޭ ނިންމުން އެންގުމާއި އެ ނިންމުން ށާއިއުކުރުން

ބޭންކެއް އިފްލާސްކުރުމަށް ހުށަހެޅިފައިވާ ޕެޓިށަނެއް، ކޯޓުން ގަބޫލުކުރުމަށް ނުވަތަ ގަބޫލުނުކުރުމަށް ނިންމުމާއެކު، ވަގުތުން އެ ނިންމުން އެމް.އެމް.އޭ އަށާއި ބޭންކަށް އަންގަންވާނެއެވެ. އަދި އެ ނިންމުން ސަރުކާރުގެ ގެޒެޓްގައާއި އާންމުކޮށް ބޭނުންކުރެވޭ ނޫހެއްގައި ށާއިއުކުރަންވާނެއެވެ.

 

90 ވަނަ މާއްދާ - ރިސީވަރު

(ހ) ބޭންކެއް އިފްލާސްކުރުމަށް ކޯޓުން ނިންމާ ނިންމުމުގެ ދަށުން ކޯޓުން އައްޔަންކުރާ ރިސީވަރު، ނުވަތަ ރިސީވަރެއްގެ ބަދަލުގައި ކޯޓުން އައްޔަންކުރާ ރިސީވަރަކީ އެމް.އެމް.އޭ އިން ކޯޓަށް ހުށަހަޅާ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފަރާތަކަށް ވާންޖެހޭނެއެވެ. ނަމަވެސް ޑިޕޮސިޓް އިންށުއަރެންސް ސްކީމެއްގައި ބައިވެރިވާންޖެހޭގޮތަށް ރާއްޖޭގައި ހަމަޖެހިފައިވާނަމަ، ރިސީވަރަކަށް އައްޔަންކުރަންވާނީ އެ ޑިޕޮސިޓް އިންށުއަރަރ ނުވަތަ އެ ފަރާތުން ކަނޑައަޅާ ފަރާތެކެވެ. ރިސީވަރަކަށް ނުވަތަ ރިސީވަރެއްގެ ބަދަލުގައި އައްޔަންކުރާ ރިސީވަރަކަށް ވެވޭނީ ހަމައެކަނި ކަމަށް އެކަށޭނަ ފަރާތަކަށެވެ. ބޭންކުގެ ކޮންޒަވޭޓަރަކީ ރިސީވަރަކަށްވުމުގެ ގާބިލިއްޔަތު ހުރި ފަރާތެއްނަމަ، އެ ކޮންޒަވޭޓަރަށް ރިސީވަރަކަށް ވެވިދާނެއެވެ. ބޭންކު އިފްލާސްކުރުމަށް ނިންމާ ނިންމުމުގައި ރިސީވަރުގެ ވަޒީފާއާބެހޭ ހުރިހާ ށަރުތުތަކާއި އުޖޫރަ ބަޔާންކުރަންވާނެއެވެ. އަދި ރިސީވަރުގެ އުޖޫރައާއި ރިސީވަރުގެ މައްޗަށް ހިނގާ އެހެނިހެން ހަރަދުތަކަށް ފައިސާ ދައްކާނީ ރިސީވަރު އައްޔަންކުރެވުނު ބޭންކުގެ އެސެޓުތަކުންނެވެ.

(ށ) ރިސީވަރށިޕްއާ ގުޅިގެން ހިނގާފައިވާ އެކަށީގެންވާ ހަރަދުތައްކަމަށް ބެލެވޭ ހަރަދުތައް ބޭންކުގެ އެސެޓުތަކުން ދެއްކޭ ވަރަށްވުރެ ގިނަނަމަ، އެ ހަރަދުތަކަށްވާ ފައިސާ އެމް.އެމް.އޭ އިން ރިސީވަރަށް ދޭންވާނެއެވެ.

(ނ) ރިސީވަރު މަސައްކަތް ކުރަންވާނީ އެމް.އެމް.އޭ ގެ އިރުށާދާއި ބެލުމުގެ ދަށުންނެވެ. ރިސީވަރު އައްޔަންކުރާއިރު، އެމް.އެމް.އޭ ގެ އިރުށާދާ ނުލައި ކުރެވިދާނެ ކަންތައްތަކުގެ ލިސްޓެއް ހިމެނޭގޮތަށް، ރިސީވަރު މަސައްކަތްކުރާނެ ގޮތުގެ އިރުށާދު ރިސީވަރަށް ދޭންވާނެއެވެ. މިގޮތުން ދޭ އިރުށާދުތަކުގެ ތެރޭގައި، ކަނޑައަޅާ އަދަދަކަށްވުރެ މަތި ނޫން އަދަދުތަކުގެ މުއާމަލާތުތައް ރިސީވަރަށް ކުރެވިދާނެކަމަށް ބަޔާންކުރަންވާނެއެވެ. މި މުއާމަލާތުތަކުގެ ތެރޭގައި އެސެޓުތައް ވަކިވަކިން ނުވަތަ ގިނަ އަދަދެއްގެ އެސެޓުތައް އެއްކޮށް ވިއްކުން ހިމެނެއެވެ. ކޮންމެ ކަމަކާބެހޭ ގޮތުން، ކޮންމެ ވަގުތަކުވެސް ރިސީވަރަށް އެމް.އެމް.އޭ ގެ އިރުށާދަށް އެދި ހުށަހެޅުމުގެ އިހްތިޔާރު އޮތްނަމަވެސް، ކޮންމެހެން އެމް.އެމް.އޭ ގެ އިރުށާދު ހޯދަންޖެހޭނީ، މި ގާނޫނުގެ ދަށުން އެކަމަކަށް އިރުށާދު ހޯދަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ކަންކަމަށެވެ.

(ރ) އެމް.އެމް.އޭ ގެ ހުއްދައާއެކު، އެމް.އެމް.އޭ އިން އެއްބަސްވާ ށަރުތުތަކާއި ހަމަތަކާއެއްގޮތަށް ފަންނީ މާހިރުން ރިސީވަރަށް އައްޔަންކުރެވިދާނެއެވެ. އަދި އައްޔަންކުރެވޭ ފަންނީ މާހިރުންގެ ހަރަދުތަކަށް ޒިންމާވާނީ ބޭންކުންނެވެ.

(ބ) ތިރީގައިވާ ކަމެއް ނުވަތަ ހާލަތެއް މެދުވެރިވެގެން އައްޔަންކޮށްފައިވާ ރިސީވަރުގެ ބަދަލުގައި އެހެން ރިސީވަރެއް އައްޔަންކުރުމަށް އެމް.އެމް.އޭ އިން އެދި ހުށަހަޅައިފިނަމަ، ލަސްނުކޮށް ކޯޓުން އެހެން ރިސީވަރެއް އައްޔަންކުރަންވާނެއެވެ.

  1. ރިސީވަރު އިސްތިއުފާ ދިނުން، ރިސީވަރު މަރުވުން، ނުވަތަ ރިސީވަރުގެ މަސައްކަތް ކުރުމަށް ރިސީވަރު ނުކުޅެދުން؛ ނުވަތަ
  2. ރިސީވަރުގެ މަސައްކަތް ފަރުވާތެރިކަމާއެކު ނުކުރުން؛ ނުވަތަ
  3. ރިސީވަރަކީ ކަމަށް އެކަށޭނަ ފަރާތެއްގެ ގޮތުގައި ނުބެލެވޭފަދަ ކަމެއް މެދުވެރިވުން؛ ނުވަތަ
  4. އެހެން ސަބަބަކާހުރެ ނަމަވެސް، ރިސީވަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތައް އަދާނުކުރެވޭނެފަދަ ހާލަތެއް މެދުވެރިވުން.

(ޅ) ރިސީވަރެއްގެ ބަދަލުގައި އެހެން ރިސީވަރެއް އައްޔަންކުރުމުން، ކުރިން އައްޔަންކުރެވުނު ރިސީވަރަށް ދެވިފައިވާ ބާރުތައް، ބަދަލުގައި އައްޔަންކުރެވުނު ރިސީވަރަށް ލިބިދޭނެއެވެ. އަދި ރިސީވަރުގެ ބެލުމުގެ ދަށުގައި ހުރި ބޭންކުގެ ފޮތްތަކާއި ރިކޯޑުތަކާއި، އެސެޓުތަކާއި އަދި ރިސީވަރށިޕްއާބެހޭ ފޮތްތަކާއި، ރިކޯޑުތައް ބަދަލުގައި އައްޔަންކުރެވުނު ރިސީވަރުގެ ބެލުމުގެ ދަށަށް ބަދަލުކުރަންވާނެއެވެ.

 

91 ވަނަ މާއްދާ - ރިސީވަރުގެ ބާރުތައް

(ހ) ރިސީވަރު އައްޔަންކުރުމުން، ބޭންކު ތަމްސީލުކުރުމަށް ގާނޫނީގޮތުން ބާރު ލިބިފައިވާ ހަމައެކަނި ފަރާތަކީ ރިސީވަރެވެ. އަދި ބޭންކުގެ ހިއްސާދާރުންނާއި، ޑިރެކްޓަރުންގެ ބޯޑާއި، ހުއްދަ ދެވިފައިވާ މެނޭޖަރަށް ލިބިފައިވާ ހައްގުތަކާއި ބާރުތައް ރިސީވަރަށް ބަދަލުވާނެއެވެ. މި ބާރުތަކާއި ހައްގުތަކުގެ ތެރޭގައި ބޭންކު ހިންގުމާއި، އުވާލުމުގެ ބާރާއި ހައްގު ހިމެނޭނެއެވެ. އަދި މި ހައްގުތަކާއި ބާރުތަކުގެ ތެރޭގައި، ބޭންކުގެ ފޮތްތަކާއި، ރިކޯޑުތަކާއި، އެސެޓުތަކުގެ ވެރިފަރާތަށް ލިބޭ ހުރިހާ ހައްގުތަކާއި، ބާރުތަކާއި، ބޭންކު ހިންގުމުގެ ބާރުތަކާއި، ފައިސާ ހޯދުމަށް ބޭންކަށް ހުށަހަޅާ ހުށަހެޅުންތަކާއި، ބޭންކުގެ އެސެޓުތައް މާރށަލްކުރުމުގެ ބާރުތަކާއި، އެސެޓުތައް ބަދަލުކުރުމާއި، ވިއްކުމުގެ ބާރުތަކާއި މި ނޫންވެސް ބޭންކު އުވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ބާރު ހިމެނޭނެއެވެ. ބޭންކަށް ކޮންޒަވޭޓަރެއް އައްޔަންކޮށްފައިވާނަމަ، ރިސީވަރު އައްޔަންކުރުމުން، އެ ކޮންޒަވޭޓަރެއްގެ ދައުރު އުވިގެންދާނެއެވެ.

(ށ) ބޭންކުން ފައިސާ ހޯދުމަށް ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަންވާނީ ރިސީވަރަށެވެ.

 

92 ވަނަ މާއްދާ - ބޭންކު އިފްލާސްކުރުމަށް ނިންމާ ނިންމުމުގެ ނަތީޖާ

(ހ) ބޭންކެއް އިފްލާސްކުރުމުގެ މަސައްކަތް ފެށުމަށް ކޯޓުން ނިންމާ ވަގުތުން ފެށިގެން އެ ނިންމުމަށް އަމަލުކުރެވޭނެއެވެ.

(ށ) ބޭންކު އިފްލާސްކުރުމަށް ނިންމުމާއެކު، ބޭންކުން އާންމުންގެ ކިބައިން ޑިޕޮސިޓް ބަލައިގަތުން ހުއްޓާލަންވާނެއެވެ.

(ނ) ބޭންކު އިފްލާސްކުރުމަށް ނިންމުމަށްފަހު، ބޭންކުން ނުވަތަ ބޭންކުގެ ނަމުގައި އެހެން ފަރާތަކުން ކުރާ ކަންތައްތަކަކީ ގާނޫނީގޮތުން ސައްހަނޫން އަދި ބާތިލު ކަންކަމެވެ. ނަމަވެސް މިކަންތައްތަކުގެ ތެރޭގައި، އެ ބޭންކަށް އައްޔަންކޮށްފައިވާ ރިސީވަރު ނުވަތަ ރިސީވަރުގެ ހުއްދަލިބިގެން ކުރާ ކަންތައްތަކާއި، އެކަމަކީ ބޭންކަށް ފައިދާވާނެ ކަމެއްކަމަށް ބަލައި، އެކަމެއްކުރުމަށްފަހު ރިސީވަރު އެކަމަށް ހުއްދަކޮށްފައިވާ ކަންތައްތަކެއް ނުހިމެނޭނެއެވެ.

(ރ) ބޭންކެއް އިފްލާސްކުރުމަށް ނިންމުމާ ގުޅިގެން، ބޭންކާ ދެކޮޅަށް ށަރުއީ ކޯޓެއްގައި މައްސަލައެއް ހިނގަމުންދާނަމަ، އެ މައްސަލައެއް ބެލުން މެދުކެނޑޭނެއެވެ. އަދި ކޯޓުގެ ހުއްދަ ލިބިގެން، ކޯޓުން ކަނޑައަޅާ ށަރުތުތަކާއި އުސޫލުތަކާއެއްގޮތަށް މެނުވީ، ބޭންކެއް އިފްލާސްކުރުމަށް ނިންމުމަށްފަހު އެއްވެސް ށަރުއީ ކޯޓެއްގައި ބޭންކާ ދެކޮޅަށް އުފުލޭ މައްސަލައެއްގެ ށަރީއަތެއް ނުފެށޭނެއެވެ.

(ބ) ބޭންކެއް އިފްލާސްކުރުމަށް ނިންމުމާ ގުޅިގެން، އެ ބޭންކުގެ އެސެޓުތައް ވިއްކުމުގައި ނުވަތަ ބަދަލުކުރުމުގައި ހުރި ހުރަސްތަކާއި، ބޭންކުގެ ކްރެޑިޓަރުންނަށް ލިބެންވާ ހައްގުތައް ލިއްބައިދިނުމަށްޓަކައި ބޭންކުގެ އެސެޓުތައް އެގްޒެކިއުޓް ކުރުމަށް ކުރެވިފައިވާ އެޓޭޗްމަންޓްތައް ގާނޫނީ ގޮތުން ނެތިގެން ދާނެއެވެ. ބޭންކެއް އިފްލާސްކުރުމަށް ނިންމާފަހުން ކުރެވޭ އެޓޭޗްމަންޓްތަކަކީ ބާތިލު އެޓޭޗްމަންޓްތަކެކެވެ. ނަމަވެސް މީގެ ތެރޭގައި މި ގާނޫނުގެ 101 ވަނަ މާއްދާއާ އެއްގޮތަށް އެ ބޭންކުގެ ދަރަންޏަކަށް ރަހުނުކުރެވިފައިވާ އެސެޓެއް، އެ ދަރަނީގެ އަދަދަށް އެޓޭޗް ކުރުމާއި އެގްޒެކިއުޓް ކުރުމެއް ނުހިމެނޭނެއެވެ.

(ޅ) ބޭންކެއް އިފްލާސްކުރުމަށް ނިންމާ ނިންމުމަށް އަމަލުކުރަން ފެށުމާއެކު، އެ ބޭންކުގެ ލައިބިލިޓީތަކަށް އިންޓްރެސްޓް ނުވަތަ އެހެނިހެން ޗާޖެއް އެރުން ހުއްޓޭނެއެވެ.

(ކ) ބޭންކު އިފްލާސްކުރުމަށް ނިންމާ ނިންމުމަށް އަމަލުކުރަން ފެށުމަށްފަހު، އެމް.އެމް.އޭ ގެ ހުއްދަ ލިބިގެން ކުރާ ހިއްސާ ބަދަލުކުރުން ފިޔަވައި އެހެން ހިއްސާ ބަދަލުކުރުންތައް ބާތިލުވާނެއެވެ.

(އ) ބޭންކު އިފްލާސްކުރުމަށް ނިންމި ދުވަހުން ފެށިގެން 90 (ނުވަދިހަ) ދުވަސް ކުރީގެ މުއްދަތެއްގެ ތެރޭގައި ބޭންކުން އަޅާފައިވާ ގާނޫނީގޮތުން ހުއްދަކުރާ ފިޔަވަޅުތައް އަޅާފައިވަނީ އެ ފިޔަވަޅުތައް އެޅިއިރު ބޭންކަށާއި އެ ފިޔަވަޅުގެ ބައިވެރިއަކަށް، އެ ފިޔަވަޅުތަކުގެ ސަބަބުން ބޭންކުގެ ކްރެޑިޓަރުންގެ މަސްލަހަތަށް އުނިކަމެއް އަތުވެދާނެކަން އެނގިހުރެ ނުވަތަ އެނގެންޖެހޭނެ ހާލަތެއްގައި ކަމުގައިވާނަމަ، އެ ފިޔަވަޅުތައް ބާތިލުކޮށްދިނުމަށް އެދި ރިސީވަރު ހުށަހެޅުމާއެކު، އެ ފިޔަވަޅުތަކަކީ ބާތިލު ފިޔަވަޅުތަކެއްކަމުގައި އެމް.އެމް.އޭ އިން ނިންމަންވާނެއެވެ. މިފަދަ ފިޔަވަޅެއް އެޅިއިރު ނުވަތަ އެޅުމުގައި ތިރީގައިވާ ކަމަކުންކުރެކަމެއް ހިނގާފައިވާނަމަ، އެ ފިޔަވަޅެއް އަޅާފައިވަނީ އެ ފިޔަވަޅުގެ ސަބަބުން ބޭންކުގެ ކްރެޑިޓަރުންގެ މަސްލަހަތަށް އުނިކަމެއް އަތުވެދާނެކަން އެނގިހުރެގެންކަމަށް ނުވަތަ އެނގެންޖެހޭނެ ހާލަތެއްގައިކަމަށް ބެލެވޭނެއެވެ.

  1. އެއްވެސް ފަރާތަކަށް އަގެއް ނުވަތަ ބަދަލަކާ ނުލައި ހަދިޔާއެއް ނުވަތަ އެހެންވެސް ޓްރާންސްފަރއެއް ކޮށްފައިވުން؛
  2. ބޭންކުގެ ވެރިފަރާތަކަށް ނުވަތަ އެޑްމިނިސްޓްރޭޓަރަކަށް ނުވަތަ މުވައްޒަފަކަށް ފައިސާ ދިނުން ނުވަތަ ޓްރާންސްފަރއެއް ކޮށްފައިވުން. ނަމަވެސް މިފަދަ ފައިސާ ނުވަތަ ޓްރާންސްފަރ ކޮށްފައިވަނީ އެ ފަރާތަކުން ބޭންކުގައި އަދާކުރާ ވަޒީފާއާ ގުޅިގެންކަމަށް ނުވަތަ ބޭންކުގައި އޮންނަ އެ ފަރާތުގެ އެކައުންޓަކާ ގުޅިގެންކަމަށް އަދި ދީފައިވާ ނުވަތަ ޓްރާންސްފަރ ކޮށްފައިވާ ފައިސާގެ އަދަދަކީ އާދަޔާހިލާފު ބޮޑު އަދަދެއް ނޫންކަން، ނުވަތަ ދީފައިވާ ފައިސާ ދިނުމުގެ ނުވަތަ ޓްރާންސްފަރ ކުރުމުގެ ސަބަބުން ބޭންކުގެ ކްރެޑިޓަރުންގެ މަސްލަހަތުތަކަށް އުނިކަމެއް އަތުވެދާނެކަން ނޭނގޭކަން އެ ފަރާތަކުން ކޯޓަށް ސާބިތުކޮށްދީފިނަމަ، އެ ފިޔަވަޅެއް އަޅާފައިވަނީ އެ ފިޔަވަޅުގެ ސަބަބުން ބޭންކުގެ ކްރެޑިޓަރުންގެ މަސްލަހަތަށް އުނިކަމެއް ލިބޭނެކަން އެނގިހުރެކަމަކަށް ނުވަތަ އެނގެންޖެހޭނެ ހާލަތެއްގައި ހުރެގެންކަމަކަށް ނުބެލެވޭނެއެވެ؛
  3. ފައިސާ ދައްކަންޖެހޭ ނުވަތަ ޓްރާންސްފަރ ކުރަންޖެހޭ މުއްދަތުގެ ކުރިން ފައިސާ ދެއްކުން ނުވަތަ ޓްރާސްފަރ ކުރުން ނުވަތަ ދަރަނި ދައްކަންޖެހޭ މުއްދަތު ހަމަވުމުގެ ކުރިން ދަރަނީގެ ރަހުނު އަނބުރާ ދިނުން؛
  4. އެއްބަސްވުމެއްގައި ހިމެނޭ އަނެއް ފަރާތުން ނުވަތަ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ މަސްއޫލިއްޔަތުތަކަށްވުރެ އުނދަގޫ ނުވަތަ ބުރަ މަސްއޫލިއްޔަތުތަކެއް ބޭންކުން އުފުލަންޖެހޭގޮތަށް އެއްބަސްވުމެއް ހަދާފައިވުން؛
  5. މި ގާނޫނުގެ 98 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެލިޖިބަލް ފައިނޭންށަލް ކޮންޓްރެކްޓެއް ފިޔަވައި، ބޭންކުގެ ހައްގުތަކާއި ޒިންމާތައް އަޅާކެނޑުން ހުއްދަކޮށް ބޭންކާއި އެހެން ފަރާތަކާ ނުވަތަ ފަރާތްތަކަކާމެދު އެއްބަސްވުމެއް ގާއިމު ކުރުން؛ އަދި މިފަދަ އެއްބަސްވުމެއް ވާންވާނީ ބޭންކު އިފްލާސްކުރުމަށް ނިންމުމުގެ ކުރިން އެ އެއްބަސްވުމަކާ ނުލައި، ބޭންކުގެ ހައްގުތަކާއި ޒިންމާތައް އަޅާކެނޑުން ހުއްދަ ނުކުރާފަދަ އެއްބަސްވުމަކަށެވެ.
  6. ބިދޭސީ ބޭންކެއްގެ ދޭސީ ބްރާންޗަކާއި، އެ ބިދޭސީ ބޭންކާއި ނުވަތަ އެހެން ގައުމުތަކުގައި ހުންނަ އެ ބިދޭސީ ބޭންކުގެ ބްރާންޗްތައް ނުވަތަ ސަބްސިޑިއަރީތަކާ ދެމެދު ޓްރާންސްފަރ ކުރުން.

 

93 ވަނަ މާއްދާ - ފައިސާ ނުވަތަ ސެކިއުރިޓީ ސެޓްލްމަންޓް ހެދުމުގެ ނިޒާމެއްގެ ތެރެއިން ކުރެވޭ މުއާމަލާތުތައް

(ހ) މި ގާނޫނުގެ 71 ވަނަ މާއްދާގެ (ރ) ، 79 ވަނަ މާއްދާގެ (ށ) ގެ (1) ، 92 ވަނަ މާއްދާގެ (ކ) އާއި (އ) ގެ (2) އާއި (3) ވަނަ ނަންބަރުގެ ދަށުން ވަކި މުއާމަލާތުތަކަކީ ބާތިލު މުއާމަލާތުތަކެއް ކަމުގައި ބަޔާންކޮށްފައިވީނަމަވެސް، ފައިސާ ދެއްކުމާއި ސެކިއުރިޓީ ސެޓްލްމަންޓް ހެދުމުގެ ނިޒާމުގެ ތެރެއިން ކުރެވޭ މުއާމަލާތުތަކުގެ ސައްހަކަން ބަޔާންކުރާނީ ތިރީގައިވާ ގޮތަށެވެ.

  1. ބޭންކެއް އިފްލާސްކުރުމަށް ކޯޓުން ނިންމިކަމުގައިވީ ނަމަވެސް، އެމް.އެމް.އޭ އިން ގަބޫލުކުރާ ފައިސާ ނުވަތަ ސެކިއުރިޓީ ސެޓްލްމަންޓް ހެދުމުގެ ނިޒާމެއްގެ ތެރެއަށް ބާތިލު ނުކުރެވޭނެގޮތަށް ބޭންކަކުން ލާފައިވާ ފައިސާއާއި ސެކިއުރިޓީ ޓްރާންސްފަރ އޯޑަރުތަކަކީ ގާނޫނީގޮތުން ތަންފީޒުކުރެވޭނެ އަދި ތިންވަނަ ފަރާތަކުން އަމަލުކުރަންޖެހޭނެ އޯޑަރުތަކެކެވެ. ނަމަވެސް، މި އޯޑަރުތަކަކީ ގާނޫނީގޮތުން ތަންފީޒުކުރެވޭނެ އަދި ތިންވަނަ ފަރާތަކުން އަމަލުކުރަންޖެހޭނެ އޯޑަރުތަކެއް ކަމުގައި ބެލެވޭނީ އެ އޯޑަރުތަކަކީ ބާތިލުނުކުރެވޭނެ އެއްޗެއްކަމުގައިވެފައިވަނީ އެ ބޭންކު އިފްލާސްކުރުމަށް ނިންމި ނިންމުމަށް އަމަލުކުރަން ފެށުމުގެ ކުރިންކަމުގައި ވާނަމައެވެ.
  2. ފައިސާ ނުވަތަ ސެކިއުރިޓީ ސެޓްލްމަންޓް ހެދުމުގެ ނިޒާމެއްގެ ތެރެއަށް ބޭންކަކުން، ބާތިލު ނުކުރެވޭނެގޮތަށް ލާފައިވާ ފައިސާއާއި ސެކިއުރިޓީ ޓްރާންސްފަރ އޯޑަރުތައް ލާފައިވަނީ ކޯޓުން އެ ބޭންކެއް އިފްލާސްކުރުމަށް ނިންމި ނިންމުމަށް އަމަލުކުރަން ފެށުމުގެ ފަހުންކަމުގައިވާނަމަ، އެ އޯޑަރުތަކަކީ ގާނޫނީގޮތުން ތަންފީޒުކުރެވޭ އަދި ތިންވަނަ ފަރާތަކުން އަމަލުކުރަންޖެހޭނެ އޯޑަރުތަކަކަށް ވާނީ، އެ އޯޑަރުތައް ހަދާފައިވަނީ ކޯޓުން އެ ބޭންކު އިފްލާސްކުރުމަށް ނިންމި ދުވަހުކަމުގައި ވާނަމައެވެ. ނަމަވެސް އެ އޯޑަރުތަކަކީ ބާތިލުނުކުރެވޭނެ އެއްޗެއްކަމުގައިވުމުގެ ކުރިން، އެ ބޭންކު އިފްލާސްކުރުމަށް ނިންމައިފިކަން، ފައިސާ ނުވަތަ ސެކިއުރިޓީ ސެޓްލްމަންޓް ހެދުމުގެ ނިޒާމު ހިންގާ ފަރާތަށް އެނގޭކަން ރިސީވަރު ސާބިތުކޮށްދީފިނަމަ، އެއޯޑަރުތަކަކީ ގާނޫނީގޮތުން ތަންފީޒުކުރެވޭނެ އަދި ތިންވަނަ ފަރާތަކުން އަމަލުކުރަންޖެހޭނެ އޯޑަރުތަކެއް ނޫނެވެ.

(ށ) ބޭންކެއް އިފްލާސްކުރުމަށް ކޯޓުން ނިންމާ އެ ނިންމުން ތަންފީޒުކުރަން ފެށުމުގެ ކުރިން އެ ބޭންކުން ކޮށްފައިވާ އެއްބަސްވުންތަކާއި މުއާމަލާތުތައް ބާތިލުކުރާފަދަ ގާނޫނެއް ނުވަތަ ގަވާއިދެއް ނުވަތަ އަމަލުކުރަންޖެހޭ ގޮތްތަކެއްގެ ސަބަބުން، އެމް.އެމް.އޭ އިން ގަބޫލުކުރާފަދަ ފައިސާ ނުވަތަ ސެކިއުރިޓީގެ ސެޓްލްމަންޓް ނިޒާމެއްގެ ދަށުން ނިންމާފައިވާ ނިންމުމަކަށް އަސަރެއް ނުކުރާނެއެވެ.

(ނ) މި މާއްދާގެ ބޭނުމަށްޓަކައި، ފައިސާ ނުވަތަ ސެކިއުރިޓީ ސެޓްލްމަންޓް ނިޒާމެއްގެ ގަވާއިދުގައި ޓްރާންސްފަރ އޯޑަރެއް ބާތިލުނުކުރެވޭނެ އޯޑަރަކަށް ވެގެންދާނެކަމަށް ކަނޑައަޅާފައިވާ ވަގުތުން ފެށިގެން އެ ނިޒާމުގެ ތެރެއަށް ލާފައިވާ އޯޑަރުތައް ބާތިލުނުކުރެވޭ އޯޑަރުތަކެއްކަމުގައި ވެގެންދާނެއެވެ.

 

94 ވަނަ މާއްދާ - ބޭންކުގެ ހިއްސާ، އަދި އެސެޓުތަކާއި ލައިބިލިޓީތައް ބަދަލުކުރުން

(ހ) ބޭންކިންގ ނިޒާމުގެ ހަރުދަނާކަން ދެމެހެއްޓުމަށްޓަކައި އަދި ބޭންކެއްގެ ކްރެޑިޓަރުންގެ ހައްގުގައި އެ ބޭންކެއްގެ އަގު އިތުރުކުރުމަށްޓަކައި، މި މާއްދާގެ (1) އަދި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މުއާމަލާތެއް ނުވަތަ މުއާމަލާތުތައް ކޮންމެހެން ކުރަންޖެހޭކަމަށް ރިސީވަރާއި އެމް.އެމް.އޭ އިން ކަނޑައަޅައިފި ހިނދެއްގައި، ރިސީވަރު ކުރުމަށް ގަސްދުކުރާ މުއާމަލާތާބެހޭ މައުލޫމާތު، ހުއްދަ ހޯދުމަށްޓަކައި ކޯޓަށް އަންގަންވާނެއެވެ.

  1. ބޭންކުގެ ހުރިހާ ހިއްސާއެއް ނުވަތަ ހިއްސާގެ ބޮޑުބައެއް ޓްރާންސްފަރ ކުރުން؛ ނުވަތަ
  2. ބޭންކުގެ ހުރިހާ އެސެޓުތައް ނުވަތަ އެސެޓުތަކުގެ ބޮޑު ބައެއް ޓްރާންސްފަރ ކުރުން، ނުވަތަ ބޭންކުގެ ހުރިހާ ލައިބިލިޓީތައް ނުވަތަ ލައިބިލިޓީތަކުގެ ބޮޑުބައެއް ޓްރާންސްފަރ ކުރުން، ނުވަތަ ބޭންކުގެ ހުރިހާ އެސެޓުތަކާއި ހުރިހާ ލައިބިލިޓީތައް ޓްރާންސްފަރ ކުރުން، ނުވަތަ އެސެޓުތަކުގެ އަދި ލައިބިލިޓީތަކުގެ ބޮޑު ބައެއް ޓްރާންސްފަރ ކުރުން.

މި މާއްދާގެ (1) އަދި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މުއާމަލާތުތައް ފިޔަވައި އެހެން މުއާމަލާތެއް ކުރުމަށް ކޯޓުގެ ހުއްދަ ހޯދާކަށް ނުޖެހޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުގެ ހުއްދައަށް އެދި ހުށަހަޅާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ކޯޓުން ހުއްދަ ނުދޭކަން ނާންގާނަމަ، އިތުރަށް މަޑުނުކޮށް ރިސީވަރަށް އެ މުއާމަލާތު ކުރެވިދާނެއެވެ.

(ނ) ބޭންކު އިފްލާސްކުރުމަށް ޕެޓިށަން ހުށަހެޅީއްސުރެ ބޭންކު އުވާލުމާ ދެމެދު ކޮންމެ ވަގުތެއްގައިވެސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއާމަލާތެއް ކުރުމަށް ހުށަހެޅިދާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއާމަލާތެއް ކުރުމަށްޓަކައި ބޭންކުގެ ނުވަތަ ބޭންކުގެ ހިންގުމުގައި ޒިންމާވާ ފަރާތެއްގެ ހުއްދަ ހޯދާކަށް ނުޖެހޭނެއެވެ. ބޭންކުގެ ލައިބިލިޓީތަކުން ބައެއް ޓްރާންސްފަރ ކުރުމަށް ރިސީވަރު ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭންކުގެ ބައެއް ކްރެޑިޓަރުންނަށް ބޭންކުން އަދާކުރަންޖެހޭ ހައްގެއް ނުހިމެނޭނަމަ، އެ ހުށަހެޅުމަށް ހުއްދަ ދިނުމުގައި ކޯޓުން އެފަދަ ކްރެޑިޓަރުންގެ މަސްލަހަތަށް ބަލަންވާނެއެވެ. ލައިބިލިޓީތައް ބަދަލުކުރުމަށް އަމަލުކުރަން ފަށާނީ، ސަރުކާރުގެ ގެޒެޓްގައި

އެ ލައިބިލިޓީތައް ބަދަލުކުރުމަށް ށާއިއުކުރާ ދުވަހާއި ޖެހިގެން އަންނަ ދުވަސް ފެށޭ އިރުއެވެ.

 

95 ވަނަ މާއްދާ - ބޭންކުގެ މިލްކުގައިވާ މުދަލުގެ ރިޕޯޓު

(ހ) ރިސީވަރު އައްޔަންކުރާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، ނުވަތަ މި މުއްދަތު އެމް.އެމް.އޭ އިން އިތުރުކޮށްދީފިނަމަ އިތުރުކުރެވުނު މުއްދަތުގެ ތެރޭގައި، ބޭންކުގެ މިލްކުގައިވާ މުދަލުގެ ރިޕޯޓެއް ރިސީވަރު ތައްޔާރުކޮށް އެމް.އެމް.އޭ އަށް ހުށަހަޅަންވާނެއެވެ. އަދި މި ރިޕޯޓުގައި ތިރީގައިވާ ތަކެތި ހިމަނަންވާނެއެވެ.

  1. ބޭންކުގެ އެސެޓުތައް. މީގެ ތެރޭގައި ބޭންކުގެ ހިއްސާ ގަނެފައިވާ ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ދައްކާފައިނުވާ ފައިސާ، ލޯނު އަދި ގެރެންޓީގެ އެއްބަސްވުންތައް، އަދި އެސެޓުތައް ގަތުމަށް ނުވަތަ ވިއްކުމަށް ކުރެވިފައިވާ އެއްބަސްވުންތައް ހިމަނަންވާނެއެވެ. އަދި އެސެޓުތަކުގެ ބުކް ވެލިއުއާއި ބޭންކު އުވާލަންޖެހިއްޖެ ހާލަތެއްގައި ބޭންކުގެ އެސެޓުތަކުން ލިބޭނެކަމަށް ލަފާކުރާ ފައިސާގެ އަދަދު ހިމަނަންވާނެއެވެ؛
  2. އެހެން ފަރާތްތަކުގައިވާ ބޭންކުގެ މުދާތަކާގުޅޭ ގޮތުން ކޮށްފައިވާ އެއްބަސްވުންތައް. މީގެ ތެރޭގައި ކުއްޔަށްދިނުމަށާއި ލީސްކުރުމަށް އަދި ރަހުނުކުރުމަށް އެއްބަސްވެފައިވާ އެއްބަސްވުންތައް ހިމަނަންވާނެއެވެ؛
  3. ބޭންކަށް ލިބޭ ހިދުމަތްތަކާގުޅޭ ގޮތުން ކޮށްފައިވާ އެއްބަސްވުންތައް؛ އަދި
  4. ބޭންކު އިފްލާސްކުރުމަށް ނިންމި ދުވަހުން ފެށިގެން 30 (ތިރީސް) ދުވަސް ކުރީގެ މުއްދަތުގެ ތެރޭގައި، ބޭންކުން ކޮށްފައިވާ މުހިންމު ނުވަތަ ބޮޑެތި އަދަދު ހިމެނޭ މުއާމަލާތުތައް.

(ށ) ކޮންމެ ތިންމަހަކުން އެއްފަހަރު ރިޕޯޓު ފުރިހަމަކުރުމަށްފަހު، މި ގާނޫނުގެ 97 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުއްދަކުރެވިފައިވާ ހުށަހެޅުންތަކުގެ ތެރޭގައި ހިމެނޭ ކްރެޑިޓަރުން އެ ރިޕޯޓު ބަލަން ބޭނުންވެއްޖެ ހިނދެއްގައި ބެލެން ހުންނާނެހެން އެމް.އެމް.އޭ ގައި އެ ރިޕޯޓު ބާއްވަންވާނެއެވެ.

 

96 ވަނަ މާއްދާ - ފައިސާ ހޯދުމަށް ހުށަހަޅާ ހުށަހެޅުންތައް ރަޖިސްޓަރީކުރުން

(ހ) ކޯޓުން އެ ބޭންކު އިފްލާސްކުރުމަށް ނިންމައި، އެ ނިންމުން ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، މި ގާނޫނުގެ 97 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ހުށަހެޅުންތައް ފިޔަވައި، އިފްލާސްކުރުމަށް ނިންމާފައިވާ ބޭންކަކުން ފައިސާ ހޯދުމަށް ހުށަހަޅާނަމަ، އެ ބޭންކަށް އައްޔަންކޮށްފައިވާ ރިސީވަރަށް ލިޔުމަކުން ހުށަހަޅައި، އެ ހުށަހެޅުންތައް ރަޖިސްޓަރީކުރަންވާނެއެވެ. ނަމަވެސް، މި މުއްދަތު ހަމަވުމުގެ 10 (ދިހައެއް) ދުވަސް ކުރިން، މި މުއްދަތު އިތުރުކުރުމަށް އެދި ބޭންކުގެ 3 (ތިނެއް) ނުވަތަ އެއަށްވުރެ ގިނަ ކްރެޑިޓަރުން ކޯޓަށް ހުށަހަޅައިފިނަމަ، ބޭންކުގެ ހުރިހާ ކްރެޑިޓަރުންނާ ދޭތެރޭ ހަމަހަމަކޮށް އަމަލުކުރުމުގެ ގޮތުން ހުރިހާ ކްރެޑިޓަރުންނަށް މި މުއްދަތު 30 (ތިރީސް) ދުވަހަށް ކޯޓުން އެއްފަހަރު އިތުރުކޮށް ދެވިދާނެއެވެ.

(ށ) ހުށަހެޅުންތައް ރަޖިސްޓަރީކުރާނީ ތިރީގައިވާ މައުލޫމާތާއި އެ ހުށަހެޅުންތަކުގެ ކިތާބީ ހެކިތަކާއެކުގައެވެ.

  1. ކްރެޑިޓަރުގެ ނަމާއި އެޑްރެސް؛
  2. ހޯދަން ހުށަހަޅާ ފައިސާގައި ހިމަނާފައިވާ އިންޓްރެސްޓްއާއި އެހެނިހެން ޗާޖުތައް، އަދި ޕެނަލްޓީއެއްގެ ގޮތުގައި ދައްކަންޖެހިފައިވާ ފައިސާއާއި ޓެކްސްގެ އަދަދު؛ އަދި
  3. ހުށަހެޅުމާގުޅޭ ގޮތުން ކުރެވިފައިވާ ރަހުނާއި ލިޔެކިޔުންތައް ނުވަތަ ގެރެންޓީތަކުގެ ތަފްސީލު. މީގެ ތެރޭގައި ގެރެންޓީ ދީފައިވާ ފަރާތުގެ ނަމާއި އެޑްރެސް ހިމަނަންވާނެއެވެ.

(ނ) ކޯޓުން ބޭންކެއް އިފްލާސްކުރުމަށް ނިންމުމާއެކު، ޑިޕޮސިޓަރުން ޑިޕޮސިޓްކޮށްފައިވާ ފައިސާކަމަށް ބޭންކުގެ ފޮތްތަކާއި، ރިކޯޑުތަކުން ދައްކާ ޑިޕޮސިޓް ފައިސާ، ޑިޕޮސިޓަރުންނަށް ދޫނުކޮށް ހިފަހައްޓަންވާނެއެވެ. ނަމަވެސް، މިގޮތަށް ހިފެހެއްޓުމުން ޑިޕޮސިޓަރުންނަށް ކުރިމަތިވެދާނެ ދަތިތައް ކުޑަކުރުމުގެ ގޮތުން އަދި މި ގާނޫނުގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، ޑިޕޮސިޓަރުން ދިރިއުޅުމަށް ބޭނުންވާ ހަރަދުތައް ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ޑިޕޮސިޓަރުންނަށް ދޫކުރުމުގެ ބާރު ރިސީވަރަށް ލިބިގެންވެއެވެ.

(ރ) ކްރެޑިޓަރުން ހުށަހަޅާ ހުށަހެޅުންތައް ރަޖިސްޓަރީކުރުމަށްފަހު، ރަޖިސްޓަރީކުރި ކަމުގެ ލިޔުމެއް ރިސީވަރު އެ ފަރާތަށް ދޭންވާނެއެވެ. އަދި މި ގޮތުން ދޭ ލިޔުމަކީ އެ ހުށަހެޅުމެއް ރަޖިސްޓަރީކުރިކަމުގެ ހެއްކެއްގެ ގޮތުގައި ބެލެވޭނޭ އެއްޗެކެވެ.

 

97 ވަނަ މާއްދާ - ފައިސާ ހޯދުމަށް ހުށަހެޅޭ ހުށަހެޅުންތައް ބަލައިގަތުން

(ހ) ފައިސާ ހޯދުމަށް ހުށަހެޅޭ ހުށަހެޅުންތައް ބޭންކުން ބަލައިގަންނާނީ މި ގާނޫނުގެ 96 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ރަޖިސްޓަރީކޮށްފައިވާނަމައެވެ. ނަމަވެސް، ބޭންކުގެ ފޮތްތަކާއި ރިކޯޑުތަކުން ދައްކާ ޑިޕޮސިޓް ހޯދުމަށް ހުށަހަޅާ ހުށަހެޅުންތައް ރިކޯޑުތަކުން ދައްކާ އަދަދަށް ރަޖިސްޓަރީކުރުމަކާނުލައިވެސް ބަލައިގަންނަންވާނެއެވެ.

(ށ) ފައިސާ ހޯދުމަށް ރަޖިސްޓަރީކުރެވިފައިވާ ހުށަހެޅުންތަކުގެ ތެރެއިން، ބޭންކުގެ ފޮތްތަކާއި ރިކޯޑުތަކުން އެފައިސާ ދޭންޖެހޭކަމަށް ދައްކާ ހުށަހެޅުންތައް، އިތުރު ހެއްކަކާނުލައި ބޭންކުގެ ރިކޯޑުތަކުން ދައްކާ ފައިސާގެ އަދަދަށް، ރިސީވަރު ބަލައިގަންނަންވާނެއެވެ. ނަމަވެސް، ބޭންކުގެ ރިކޯޑުތަކުން ދައްކާ ފައިސާގެ އަދަދަށްވުރެ މަދު އަދަދެއްގެ ފައިސާ ހޯދުމަށް ރަޖިސްޓަރީކޮށްފައިވާ ހުށަހެޅުންތައް ބަލައިގަންނާނީ ހުށަހެޅުމުގައިވާ އަދަދަށެވެ.

(ނ) ބޭންކުގެ އެސެޓެއް ރަހުނެއްގެ ގޮތުގައި ނެގުމަށްފަހު ބޭންކަށް ދޫކޮށްފައިވާ ދަރަނީގެ ފައިސާ ހޯދުމަށްޓަކައި ބޭންކުގެ ކްރެޑިޓަރެއް ހުށަހަޅާފައިވާ ހުށަހެޅުމެއް ރަޖިސްޓަރީކުރެވޭނީ، ރަހުނުކުރެވިފައިވާ އެސެޓު އާންމު ނީލަމެއްގައި ވިއްކާލުމުން ލިބޭނެކަމަށް ލަފާކުރެވޭ ފައިސާގެ އަދަދަކީ ދަރަނީގެ އަދަދަށްވުރެ ކުޑަ އަދަދެއްނަމަ، މި ދެ އަދަދުގެ ފަރަގަށެވެ. މިގޮތަށް ރަޖިސްޓަރީކޮށްފައިވާ ހުށަހެޅުމެއް ބަލައިގަންނަންވާނީ، އެ އެސެޓެއް ނީލަން ކިޔުމަށްފަހު، ނުވަތަ މި ގާނޫނުގެ 101 ވަނަ މާއްދާގެ ދަށުން އެ އެސެޓުގެ ވެރިފަރާތް ބަދަލުކުރެވިފައިވާނަމައެވެ.

(ރ) ފައިސާ ހޯދުމަށް ހުށަހަޅާފައިވާ އަދަދާ ދޭތެރޭ ރިސީވަރަށް ޔަގީންނުވާނަމަ، އެ ހުށަހެޅުމެއްގެ އަގުކަމަށް ރިސީވަރަށް ލަފާކުރެވޭ އަދަދަކަށް ފައިސާ ދިނުމަށް އެ ހުށަހެޅުމެއް ބަލައިގަނެވިދާނެއެވެ.

(ބ) ރަޖިސްޓަރީކޮށްފައިވާ ހުށަހެޅުންތައް ބެލުމަށްފަހު، ބަލައިގެންފައިވާ ހުށަހެޅުން ލިސްޓްކުރާ ލިސްޓެއްގައި ރިސީވަރު ބަލައިގެންފައިވާ ހުށަހެޅުންތައް، ރިކޯޑުކުރަންވާނެއެވެ. އަދި ރިސީވަރު ބަލައިގަތުމަށް އިންކާރުކުރާ ހުށަހެޅުންތައް، އެ ހުށަހެޅުމެއް އިންކާރުކުރާ ސަބަބު ބަޔާންކޮށް، ބަލައިގަތުމަށް އިންކާރުކުރާ ހުށަހެޅުންތަކުގެ ލިސްޓެއްގައި ރިކޯޑުކުރަންވާނެއެވެ. ރަޖިސްޓަރީކޮށްފައިވާ ހުށަހެޅުމެއްގެ ބަޔަކަށް އިންކާރުކުރާނަމަ، އެ އިންކާރުކުރާ ބައި ބަލައިގަތުމަށް އިންކާރުކުރާ ހުށަހެޅުންތަކުގެ ލިސްޓްގައި ރިކޯޑުކޮށް އަދި ބަލައިގެންފައިވާ ބައި، ބަލައިގެންފައިވާ ހުށަހެޅުންތަކުގެ ލިސްޓްގައި ރިކޯޑުކުރަންވާނެއެވެ. މި ދެ ލިސްޓުގައިވެސް، ހުށަހެޅުންތައް ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެހާއި، ފައިސާ ހޯދުމަށް ހުށަހަޅާފައިވާ ފައިސާގެ އަދަދާއި، އަދި ހޯދުމަށް ހުށަހަޅާފައިވާ ފައިސާއަކީ ރަހުނެއް ބެހެއްޓުމަށްފަހު ނަގާފައިވާ ފައިސާއެއްކަން ނުވަތަ ނޫންކަން ބަޔާންކުރަންވާނެއެވެ. އަދި ފައިސާ ހޯދުމަށް ހުށަހަޅާ ހުށަހެޅުންތައް ލިސްޓްކުރާނީ، ހުށަހެޅުންތަކަށް ފައިސާ ދިނުމުގައި އިސްކަންދޭ ތަރުތީބުންނެވެ.

(ޅ) ބޭންކުން ފައިސާ ހޯދުމަށް ހުށަހަޅާ ހުށަހެޅުންތައް ރަޖިސްޓަރީކުރަންޖެހޭ މުއްދަތު ހަމަވާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި މާއްދާގެ (ބ) ގައި ބުނާ 2 (ދޭއް) ލިސްޓު ތައްޔާރުކޮށް، ކޯޓުގެ ހުއްދަ ހޯދުމަށް ހުށަހަޅަންވާނެއެވެ. މިގޮތުން ލިސްޓްތައް ހުށަހެޅުމަށްފަހު، ކޮންމެ 3 (ތިނެއް) މަހުން އެއްފަހަރު މި ލިސްޓްތައް ފުރިހަމަކުރުމަށްފަހު ކޯޓުގެ ހުއްދަ ހޯދުމަށް ހުށަހަޅަންވާނެއެވެ. މި ލިސްޓަށް ހުއްދަ ދިނުމުގެ ކުރިން، ކޯޓުން ރިސީވަރާ މަށްވަރާކުރުމަށްފަހު، އެއް ލިސްޓްގައިވާ ހުށަހެޅުމެއް އަނެއް ލިސްޓަށް ކޯޓުން ބަދަލު ކުރެވިދާނެއެވެ. ބަލައިގަތުމަށް އިންކާރުކޮށްފައިވާ ހުށަހެޅުންތައް، ބަލައިގަތުމަށްޓަކައި ބޭނުންވާނެ ހެކި ކޯޓުން ކަނޑައެޅިދާނެއެވެ.

(ކ) ފައިސާ ހޯދުމަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ބަލައިގަތުމަށް އިންކާރުކުރާ ހުށަހެޅުންތަކުގެ ލިސްޓް ކޯޓަށް ހުށަހަޅާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، އެ ހުށަހެޅުންތަކުގެ ށަރީއަތުގެ އަޑުއެހުން ބާއްވާނެ ތާރީހެއް ކޯޓުން ކަނޑައަޅަންވާނެއެވެ. އަދި މި ހުށަހެޅުންތައް ހުށަހަޅާފައިވާ ކްރެޑިޓަރުން އެ ހުށަހެޅުންތަކަކީ ބަލައިގަންނަންޖެހޭނެ ހުށަހެޅުންތަކެއްކަމަށް ސާބިތުކޮށްދޭނެ ހެކިތައް ކޯޓަށާއި ރިސީވަރަށް ހުށަހެޅިދާނެއެވެ. މިގޮތުން ބޭއްވޭ ށަރީއަތުގެ އަޑުއެހުން އޮންނާނެ ތާރީހް ސަރުކާރުގެ ގެޒެޓްގައި ރިސީވަރު ށާއިއުކޮށް، އަދި ކްރެޑިޓަރުގެ އެޑްރެހަށް ލިޔުމުން ފޮނުވައި، ށަރީއަތުގެ އަޑުއެހުން އޮންނާނެ ތާރީހް ކްރެޑިޓަރަށް އަންގަންވާނެއެވެ. މިގޮތުން އެއް ހުށަހެޅުމެއްގެ ށަރީއަތުގެ އަޑުއެހުން އޮންނާނެ ތާރީހް، އެއް ފަހަރަށްވުރެ ގިނަ ފަހަރު ކްރެޑިޓަރަށް ލިޔުމުން ފޮނުވާ އަންގާކަށް ނުޖެހޭނެއެވެ. މިފަދަ އަޑުއެހުމެއް ނިމުމުން، އެ ހުށަހެޅުމަކަށް ފައިސާ ދިނުމަށް ހުއްދަ ދިންކަން ނުވަތަ އިންކާރުކުރިކަން ކޯޓުން ނިންމަންވާނެއެވެ. ށަރީއަތުގެ އަޑުއެހުން އޮންނާނެ ތާރީހެއް ކްރެޑިޓަރަށް ލިޔުމުން އަންގާފައިވަނިކޮށް، އެ ށަރީއަތުގެ އަޑުއެހުމަށް ކްރެޑިޓަރު ހާޒިރުނުވެއްޖެނަމަ، ބެލެވޭނީ އެ ހުށަހެޅުމާމެދު ކޯޓުން އިންކާރު ކުރިކަމަށެވެ. މި ގޮތުން ކޯޓުން އިންކާރުކުރާ ހުށަހެޅުންތައް ހުށަހަޅާފައިވާ ކްރެޑިޓަރުންނަށް، އެ ހުށަހެޅުންތައް އިންކާރުކުރިކަން ރިސީވަރު ލިޔުމުން އަންގަންވާނެއެވެ.

(އ) ހުށަހެޅުމަކަށް ފައިސާ ދިނުމަށް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ. ފައިސާ ދިނުމަށް ކޯޓުން ނިންމާ ހުށަހެޅުންތައް، ރިސީވަރު ބަލައިގެންފައިވާ ހުށަހެޅުންތަކުގެ ލިސްޓުން ނުވަތަ ރިސީވަރު ބަލައިގަތުމަށް އިންކާރުކުރާ ހުށަހެޅުންތަކުގެ ލިސްޓުން އުނިކުރުމަށްފަހު ކޯޓުން ފައިސާ ދިނުމަށް ހުއްދަދީފައިވާ ހުށަހެޅުންތައް ހިމަނައި ލިސްޓެއްގައި ރިކޯޑު ކުރަންވާނެއެވެ. އަދި މި ލިސްޓުގެ ކޮޕީއެއް ރިސީވަރު އަތުގައާއި ކޯޓުގައި ބާއްވަންވާނެއެވެ. ކޯޓުން ފައިސާ ދިނުމަށް ނިންމި ހުށަހެޅުންތައް ހުށަހަޅާފައިވާ ކްރެޑިޓަރުންނަށް، އެ ހުށަހެޅުންތަކަށް ފައިސާ ދިނުމަށް ނިންމިކަން ރިސީވަރު ލިޔުމަކުން އަންގަންވާނެއެވެ.

(ވ) ކޯޓުން ފައިސާ ދިނުމަށް އިންކާރުކޮށްފައިވާ އެއްވެސް ހުށަހެޅުމަކަށް ރިސީވަރު ފައިސާ ދީގެންނުވާނެއެވެ. ހުށަހެޅުމަކަށް ފައިސާ ދިނުމަށް އިންކާރުކޮށް ކޯޓުން ނިންމައިފިކަން އަންގާ ލިޔުން ކްރެޑިޓަރަށް ލިބޭތާ 2 (ދޭއް) ހަފުތާގެ ތެރޭގައި އެ ނިންމުން އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހެޅިދާނެއެވެ.

 

98 ވަނަ މާއްދާ - އަޅާ ކެނޑުމާއި ނެޓިންގ

(ހ) މި މާއްދާގައި އެހެން ގޮތަށް ނުބުނާނަމަ، މި ގާނޫނުގެ އެއްވެސް މާއްދާއެއް އަދި މި ގާނޫނުގެ ދަށުން ނިންމާ ނިންމުމެއް، އިފްލާސްކުރެވިފައިވާ ބޭންކަކާއެކު ކުރެވިފައިވާ އެއްބަސްވުންތަކުގެ ބައިވެރިންނާމެދު އުފެދިފައިވާ ގާނޫނީ ޒިންމާތަކުގެ ދަށުން އަޅާ ކެނޑުމަކަށް ހުރަހެއް ނޭޅޭނެއެވެ. އަދި މަނައެއްވެސް ނުކުރެވޭނެއެވެ. ނަމަވެސް، ތިރީގައިވާ ކަންތައްތައް ރިސީވަރަށް މަނާކުރެވިދާނެއެވެ.

  1. ބޭންކަށް ލިބެން ޖެހިފައިވާ ލޯނުގެ ފައިސާއަކާއި ބޭންކުން ދައްކަންޖެހިފައިވާ ޑިޕޮސިޓް ފައިސާއެއް އަޅާކަނޑައިފިނަމަ، އޭގެ ސަބަބުން ބޭއިންސާފުވެރި ގޮތެއްގައި ބައެއް ޑިޕޮސިޓަރުންގެ ހައްގުތައް އެހެން ޑިޕޮސިޓަރުންގެ ހައްގުތަކަށްވުރެ އިސްކުރެވޭނެކަމަށް ރިސީވަރަށް ގަބޫލުކުރެވޭނަމަ، އެފަދަ އަޅާކެނޑުން؛ އަދި
  2. ބޭންކުގެ ޑިރެކްޓަރުންނާއި، އޮފިސަރުންނާއި، މުވައްޒަފުންގެ ޑިޕޮސިޓުން އަޅާކެނޑުން.

(ށ) އިފްލާސްކުރެވިފައިވާ ބޭންކަކާއެކު ކުރެވިފައިވާ އެއްބަސްވުންތަކުގެ ބައިވެރިންނާއި އެ ބޭންކާމެދު އުފެދިފައިވާ މާލީ ޒިންމާތަކާއި ހައްގުތައް ކަނޑައެޅުމުގައި، އެ ފަރާތްތަކުގެ މެދުގައި ހެދިފައިވާ ށަރުތު ހަމަވާ މާލީ އެއްބަސްވުންތަކުގައިވާ އުވާލުމާއި އަޅާ ކެނޑުމުގެ މާއްދާތަކަށް ބަލަންވާނެއެވެ. ށަރުތު ހަމަވާ މާލީ އެއްބަސްވުމެއްގައި ބަޔާންކޮށްފައިވާގޮތަށް އެ އެއްބަސްވުމެއް އުވާލުމުން ދައްކަންޖެހޭ ޖުމްލަ ފައިސާއަކީ، އެއްބަސްވުމުގައި ހިމެނޭ އިފްލާސްކުރެވިފައިވާ ބޭންކު ފިޔަވައި އަނެއް ފަރާތުން އެ ބޭންކަށް ދައްކަންޖެހިފައިވާ ފައިސާއެއް ނުވަތަ އަނެއް ފަރާތުން އެފައިސާ ހޯދުމަށްޓަކައި ރަޖިސްޓަރީކޮށް ބޭންކުން ދައްކަންޖެހޭ ފައިސާއެއްގެ ގޮތުގައި ބަލައިގަނެފައިވާ ފައިސާއެކެވެ. މި މާއްދާގައި "ށަރުތު ހަމަވާ މާލީ އެއްބަސްވުން" ކަމަށް ބުނެފައި އެވަނީ ތިރީގައިވާ އެއްބަސްވުންތަކުގެ ތެރެއިން އެއްބަސްވުމަކަށެވެ.

  1. ކަރެންސީ ނުވަތަ އިންޓްރެސްޓް ރޭޓް ސްވޮޕް އެގްރީމެންޓެއް؛
  2. ބޭސިސް ސްވޮޕް އެގްރީމެންޓެއް؛
  3. ސްޕޮޓް، ފިއުޗަރ، ފޯވަރޑް ނުވަތަ އެހެން ބިދޭސީ އެކްސްޗޭންޖް އެގްރީމެންޓެއް؛
  4. ކެޕް، ކޮލަރ ނުވަތަ ފްލޯރ ޓްރާންސެކްށަނަކާބެހޭ އެގްރީމެންޓެއް؛
  5. ކޮމޯޑިޓީ ސްވޮޕް އެގްރީމެންޓެއް؛
  6. ފޯވަރޑް ރޭޓް އެގްރީމެންޓެއް؛
  7. ރީޕަރޗޭސް ނުވަތަ ރިވަރސް ރީޕަރޗޭސް އެގްރީމެންޓެއް؛
  8. ސްޕޮޓް، ފިއުޗަރ، ފޯވަރޑް ނުވަތަ އެހެން ކޮމޯޑިޓީ އެގްރީމެންޓެއް؛
  9. ސެކިއުރިޓީއެއް ގަތުމަށް ނުވަތަ ވިއްކުމަށް ނުވަތަ ސެކިއުރިޓީއެއް ދަރަންޏަށް ނެގުމަށް ނުވަތަ ދަރަންޏަށް ދިނުމަށް، ނުވަތަ ސެކިއުރިޓީއަކާގުޅޭ މުއާމަލާތެއްގެ ކްލިއަރިންގ ނުވަތަ ސެޓްލްމަންޓް ހެދުމަށް، ނުވަތަ ސެކިއުރިޓީއެއްގެ ޑިޕޮސިޓަރީއެއްގެ ގޮތުގައި ހަރަކާތްތެރި ވުމަށް ހެދިފައިވާ އެގްރީމެންޓެއް؛
  10. މި މާއްދާގެ (1) ވަނަ ނަންބަރުން (9) ވަނަ ނަންބަރަށް ބަޔާންކޮށްފައިވާ އެގްރީމެންޓްތަކާ އެއްވައްތަރުގެ އެގްރީމެންޓެއް، ނުވަތަ މި މާއްދާގެ (1) ވަނަ ނަންބަރުން (9) ވަނަ ނަންބަރަށް ބަޔާންކޮށްފައިވާ އެގްރީމެންޓްތަކުގެ ތެރެއިން އެގްރީމެންޓަކާ ގުޅިގެން ހަދާ އެއްވެސް ޑެރިވެޓިވްއެއް، ކޮމްބިނޭށަންއެއް ނުވަތަ އޮޕްށަންއެއް؛
  11. މި މާއްދާގެ (1) ވަނަ ނަންބަރުން (10) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ އެގްރީމެންޓަކާގުޅޭ މާސްޓަރ އެގްރީމެންޓެއް؛
  12. މި މާއްދާގެ (11) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މާސްޓަރ އެގްރީމެންޓަކާގުޅޭ މާސްޓަރ އެގްރީމެންޓެއް؛
  13. މި މާއްދާގެ (1) ވަނަ ނަންބަރުން (12) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހޭ ފައިސާއަކަށް ދީފައިވާ ޔަގީންކަން؛ އަދި
  14. އެމް.އެމް.އޭ އިން އެކުލަވާލާ ގަވާއިދެއްގައި ށަރުތު ހަމަވާ މާލީ އެއްބަސްވުމެއްކަމަށް ބަޔާންކޮށްފައިވާ ކޮންމެ އެގްރީމެންޓެއް؛

އަދި މި މާއްދާގައި "އެއްބަސްވުމެއް އުވާލުމުން ދައްކަންޖެހޭ ޖުމްލަ ފައިސާ" ކަމަށް ބުނެފައި އެވަނީ، ށަރުތު ހަމަވާ މާލީ އެއްބަސްވުމެއްގައި ހިމެނޭ ބައިވެރިން އެ އެއްބަސްވުމެއްގައި ކަނޑައަޅާފައިވާ ގޮތުގެމަތިން، އެއްފަރާތުން އަނެއްފަރާތައް ދައްކަންޖެހޭ ފައިސާ އަޅާ ކެނޑުމަށްފަހު އަންނަ އަދަދަކަށެވެ.

(ނ) މި ގާނޫނުގެ 93 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ފިޔަވައި، ބޭންކެއް އިފްލާސްކުރުމަށް ކޯޓުން ނިންމާ ނިންމުމަށް އަމަލުކުރަން ފެށުމަށްފަހު، އެ ބޭންކުން ދައްކަންޖެހޭ ފައިސާއަކާއި ލިބެންޖެހޭ ފައިސާއެއްގެ އަޅާ ކެނޑުމެއް ނުހެދޭނެއެވެ. އަދި ހަމަ މިގޮތުގެމަތިން މެނުވީ، ކޯޓުގެ ނިންމުމަށް އަމަލުކުރަން ފެށުމުގެ ކުރިން، ހެޔޮ ނިޔަތެއްނެތި ކުރެވުނު މުއާމަލާތެއްގެ ސަބަބުން ބޭންކުން ދައްކަންޖެހޭ ފައިސާ ނުވަތަ ލިބެންޖެހޭ ފައިސާގެ އަޅާ ކެނޑުމެއްވެސް ނުހެދޭނެއެވެ.

 

99 ވަނަ މާއްދާ - އެއްބަސްވުން އުވާލުން

ބޭންކު އިފްލާސްކުރުމަށް އެދި ޕެޓިށަން ހުށަހެޅި ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހަށްވުރެ އިތުރު ނުވާގޮތަށް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، މުދާ ވިއްކައި އަދި ހިދުމަތްދިނުމާގުޅޭ ގޮތުން ބޭންކަކާއެކު ހަދާފައިވާ ހުރިހާ އެއްބަސްވުންތަކެއް، ނުވަތަ އެއްބަސްވުންތަކުގެ ބައެއް ރިސީވަރަށް އުވާލެވިދާނެއެވެ. މި ގޮތުން އުވާލެވިދާނެ އެއްބަސްވުންތަކުގެ ތެރޭގައި، ގަނެ ވިއްކުމާބެހޭ އެއްބަސްވުން، ކުއްޔަށް ހިފުމާއި ކުއްޔަށް ދިނުމުގެ އެއްބަސްވުން، ލީސްކުރުމާބެހޭ އެއްބަސްވުން، ހަޔަރ ޕަރޗޭސް އެއްބަސްވުން، އަދި ވަޒީފާގެ އެއްބަސްވުންތައް ހިމެނޭނެއެވެ. ނަމަވެސް، ބޭންކުން އެ އެއްބަސްވުމާ ހިލާފުވުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެ އެއްބަސްވުމުގައި ހިމެނޭ ފަރާތަކުން ނުވަތަ އެ އެއްބަސްވުމުން ފައިދާ ލިބޭނެ ފަރާތަކުން ހުށަހެޅުމެއް ރަޖިސްޓަރީކުރެވިދާނެއެވެ. މި ގޮތުން ރަޖިސްޓަރީކުރެވިފައިވާ ހުށަހެޅުމަކަށް ފައިސާގެ ބަދަލުދެވޭނީ ހަމައެކަނި، އެ އެއްބަސްވުން ރިސީވަރު އުވާލި ދުވާހާ ހަމައަށް ދޭންޖެހޭ ބަދަލާއި، އެފަދަ ބަދަލުގެ ފައިސާ ދައްކާ ދުވަހާ ހަމައަށްޖެހޭ އިންޓްރެސްޓްގެ ފައިސާއެވެ. މިގޮތުން ދެވޭ ބަދަލުގެ ތެރޭގައި ހިމެނޭނީ ހަމައެކަނި ލިބުނު ސީދާ ގެއްލުމުގެ ބަދަލެވެ. އަދި ލިބުނު ސީދާ ގެއްލުމުގެ ފައިސާގެ އަދަދަށްވުރެ އިތުރު އަދަދެއް ނުހިމެނޭނެއެވެ. އަދި މިގޮތުން ބަދަލު ދިނުމުގައި، އެ އެއްބަސްވުމެއް އުވާލުމުން ތަހައްމަލު ކުރަންޖެހޭ ވޭނެއްގެ ސަބަބުން ދޭންޖެހޭ ބަދަލާއި އަދި ލިބެންޖެހޭ ފައިދާއެއް ނުވަތަ ފުރުސަތެއް ގެއްލުމުން ދޭންޖެހޭ ބަދަލެއްވެސް ނުހިމެނެއެވެ.

 

100 ވަނަ މާއްދާ - ދެފަރާތުން އެއްބަސްވާ ގޮތެއް ނިންމުން

އެމް.އެމް.އޭ ގެ ހުއްދަ ހޯދުމަށްފަހު، ބޭންކުން ކްރެޑިޓަރަކަށް ދައްކަންޖެހިފައިވާ ފައިސާ އަދި ބޭންކުގެ ޑެޓަރއެއް ބޭންކަށް ދައްކަންޖެހިފައިވާ ފައިސާއާބެހޭ ގޮތުން، އެ ފަރާތްތަކާއެކު ވާހަކަ ދައްކައިގެން އެ ފައިސާއާމެދު ރިސީވަރަށް ގޮތެއް ނިންމިދާނެއެވެ. މި ގޮތުން ނިންމާ ނިންމުމެއް އިސްތިއުނާފަށް ނުވަތަ އަލުން ބެލުމަށް ހުށައެއްނޭޅޭނެއެވެ.

 

101 ވަނަ މާއްދާ - ސެކިއުރިޓީ ބެހެއްޓުމަށްފަހު ނުވަތަ ރަހުނުކުރުމަށްފަހު ބޭންކުން ނަގާފައިވާ ފައިސާ ހޯދުމަށް ހުށަހަޅާ ހުށަހެޅުންތައް

(ހ) ކްރެޑިޓަރަކު ބޭންކުން ފައިސާ ހޯދުމަށް ހުށަހަޅާފައިވާ އަދި ހުއްދަ ލިބިފައިވާ ހުށަހެޅުމަކީ، ސެކިއުރިޓީއެއްގެ ގޮތުގައި އެސެޓެއް ބަހައްޓައި ނުވަތަ ރަހުނުކުރުމަށްފަހު ބޭންކުން ނަގާފައިވާ ފައިސާއެއް ހޯދުމަށް ހުށަހަޅާފައިވާ ހުށަހެޅުމެއްނަމަ، ސެކިއުރިޓީއެއްގެ ގޮތުގައި ބެހެއްޓިފައިވާ ނުވަތަ ރަހުނުކުރެވިފައިވާ އެސެޓު އެކަށީގެންވާ ވިޔަފާރީގެ އުސޫލުން ވިއްކާލަންވާނެއެވެ. އަދި ވިއްކާލައިގެން ލިބޭ ފައިސާއިން، އެ ކްރެޑިޓަރަކަށް ދައްކަންޖެހިފައިވާ ހުރިހާ ފައިސާއެއް އެއްކޮށް ދެއްކޭނެނަމަ، އެ ފައިސާ އެ ކްރެޑިޓަރަކަށް ދެއްކުމުން ބެލެވޭނީ އެފަރާތަށް ދައްކަންޖެހޭ ފައިސާ އެއްކޮށް ދައްކާ ނިމުނީކަމުގައެވެ. އެފަދަ އެސެޓެއް ވިއްކާލައިގެން ލިބުނު ފައިސާގެ އަދަދު، ފައިސާ ހޯދުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ފައިސާ ދިނުމަށް ހުއްދަ ލިބިފައިވާ އަދަދަށްވުރެ އިތުރުވާނަމަ، އެ އިތުރުވާ ފައިސާ މި ގާނޫނުގެ 102 ވަނަ މާއްދާގައި ބުނާގޮތަށް ކްރެޑިޓަރުންނަށް ފައިސާ ދިނުމަށްޓަކައި ބޭންކުގެ އެސެޓުތަކުގެ ތެރެއަށް ވައްދަންވާނެއެވެ. އެސެޓެއް ވިއްކާލައިގެން ލިބުނު ފައިސާގެ އަދަދު، ފައިސާ ހޯދުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ފައިސާ ދިނުމަށް ހުއްދަ ލިބިފައިވާ އަދަދަށްވުރެ މަދުނަމަ، އެ މަދުވި ފައިސާ ބެލެވޭނީ މި ގާނޫނުގެ 102 ވަނަ މާއްދާގައި ބުނާ ރަހުނެއް ނުވަތަ ސެކިއުރިޓީއެއް ނެތް ކްރެޑިޓަރުންނަށް ދޭންޖެހިފައިވާ ފައިސާއެއްގެ ގޮތުގައެވެ. ރިސީވަރަށް ފެނިއްޖެ ހާލަތެއްގައި ކްރެޑިޓަރު ހުށަހަޅާފައިވާ ހުށަހެޅުމަށް ދޭންޖެހޭ ފައިސާގެ ބަދަލުގައި، ސެކިއުރިޓީގެ ގޮތުގައި ނުވަތަ ރަހުނުގެ ގޮތުގައި ނަގާފައިވާ އެސެޓު، ކްރެޑިޓަރަށް ބަދަލު ކުރެވިދާނެއެވެ.

(ށ) އެހެން ފަރާތަކުން އެސެޓެއް ސެކިއުރިޓީއެއްގެ ގޮތުގައި ބަހައްޓައި ނުވަތަ ރަހުނުކުރުމަށްފަހު ބޭންކުން ނަގާފައިވާ ފައިސާއަކީ ބޭންކަށް އެފައިސާ ދައްކަންޖެހިފައިވާ މުއްދަތު ހަމަވެފައިވާ ނުވަތަ އެ ބޭންކުން ފައިސާ ދައްކަން އެންގުމާއެކު ފައިސާ ދައްކަންޖެހޭފަދަ ފައިސާއެއްނަމަ، ނުވަތަ އެ ފައިސާ ދައްކަންޖެހޭ މުއްދަތު ބޭންކުން އަވަސްކުރެވޭނެފަދަ ފައިސާއެއްނަމަ، ސެކިއުރިޓީއެއްގެގޮތުގައި ބަހައްޓާފައިވާ ނުވަތަ ރަހުނުކުރެވިފައިވާ އެސެޓު ރިސީވަރާ ހަވާލުކުރުމަށް ރިސީވަރު އެދުމުން، އެ އެސެޓު ރިސީވަރާ ހަވާލުކުރަންވާނެއެވެ. އަދި އެކަށީގެންވާ ވިޔަފާރީގެ އުސޫލުން އެ އެސެޓު ވިއްކާލަންވާނެއެވެ. ނުވަތަ ރިސީވަރށިޕްގެ ބޭނުމަށް ރިސީވަރުގެ އެ އެސެޓު ނަގަން ބޭނުންވެއްޖެނަމަ، ނެގިދާނެއެވެ. އެ އެސެޓު ވިއްކާލައިގެން ލިބުނު ފައިސާއިން، ބޭންކަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް އެއްކޮށް ދެއްކޭނެނަމަ، އެފައިސާ އެ ބޭންކަށް ދެއްކުމުން ބެލެވޭނީ ބޭންކަށް ދައްކަންޖެހޭ ފައިސާ އެއްކޮށް ދައްކައި ނިމުނީކަމުގައެވެ. އެސެޓު ވިއްކާލައިގެން ލިބުނު ފައިސާގެ އަދަދު، ބޭންކަށް ލިބެންޖެހޭ ފައިސާގެ އަދަދަށްވުރެ އިތުރުވާނަމަ، އެ އިތުރުވާ ފައިސާ އެކުގައި އެ އެސެޓުގެ ވެރިފަރާތާ ހަވާލުކުރަންވާނެއެވެ. އެސެޓު ވިއްކާލައިގެން ލިބުނު ފައިސާގެ އަދަދު، ބޭންކަށް ލިބެންޖެހިފައިވާ ފައިސާގެ އަދަދަށްވުރެ މަދުނަމަ، އެ ފައިސާ ދައްކަންޖެހިފައިވާ ފަރާތުން ފައިސާ ހޯދުމަށް ހުށަހެޅިދާނެއެވެ. އެސެޓެއް ސެކިއުރިޓީއެއްގެ ގޮތުގައި ބަހައްޓައި ނުވަތަ ރަހުނުކުރުމަށްފަހު ބޭންކުން ނަގާފައިވާ ފައިސާގެ ތެރެއިން، ދެފަރާތުން ވެފައިވާ އެއްބަސްވުމުގެ ދަށުން ފައިސާ ދައްކަންޖެހޭ މުއްދަތު ބޭންކުން އަވަސްކުރެވެން ނެތް ފައިސާއަށް ސެކިއުރިޓީއެއްގޮތުގައި ބަހައްޓާފައިވާ ނުވަތަ ރަހުނުކުރެވިފައިވާ އެސެޓު، އެފަރާތުގެ ރުހުމާ ނުލައިވެސް ރިސީވަރަށް ވިއްކާލެވިދާނެއެވެ.

(ނ) ތިރީގައިވާ ގޮތަށް އެސެޓެއް ވިއްކާލުމުން، އެ އެސެޓު ވިއްކާލެވިފައިވަނީ، އެކަށީގެންވާ ވިޔަފާރީގެ އުސޫލުންކަމަށް ބެލެވޭނެއެވެ.

  1. ފަސޭހައިން ބާޒާރުގައި ވިއްކާލެވިދާނެ ސެކިއުރިޓީސް، ބޭރު ފައިސާ އަދި އެހެނިހެން އެސެޓުތައް، އެ އެސެޓެއް ގަނެވިއްކާ ބާޒާރުގައި ވިއްކުން؛ އަދި
  2. އާންމުކޮށް ހުޅުވާލެވިފައިވާ ބީލަމެއްގައި އެސެޓު ވިއްކުން. ނަމަވެސް އެފަދަ ބީލަމެއްގައި އެކަށީގެންވާ އަގެއްގައި އެސެޓު ވިއްކާ ނުލެވޭނެކަމަށް ރިސީވަރަށް ފެންނަނަމަ، ބީލަމަށް ނުލައި އެމް.އެމް.އޭ އިން ހުއްދަދޭ އަގެއްގައި ވިއްކާލުމަށް އެމް.އެމް.އޭ އިން ރިސީވަރަށް ހުއްދަދެވިދާނެއެވެ.

(ރ) ސެކިއުރިޓީއެއްގެ ގޮތުގައި ބަހައްޓާފައިވާ ނުވަތަ ރަހުނުކުރެވިފައިވާ އެސެޓުގެ އަގާދެމެދު ރިސީވަރާއި، ރަހުނެއް ނުވަތަ ސެކިއުރިޓީއެއް ބަހައްޓާފައިވާ ކްރެޑިޓަރާ ދެމެދުގައި އެއްވެސް ހިޔާލު ތަފާތުވުމެއް އުފެދިއްޖެނަމަ، އެފަދަ ހިޔާލު ތަފާތުވުމެއް ހައްލުކުރާނީ އާންމުކޮށް ހުޅުވާލެވިފައިވާ ބީލަމެއްގައި އެސެޓު ވިއްކާލައިގެންނެވެ. މިގޮތުން އާންމުކޮށް ހުޅުވާލެވިފައިވާ ބީލަމެއްގައި ވިއްކާލެވޭ އަގު ބެލެވޭނީ އެއީ އެސެޓުގެ އެންމެ ފަހުގެ އަގުކަމުގައެވެ.

(ބ) މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އެސެޓުތައް ފިޔަވައި، ސެކިއުރިޓީއެއް ނުވަތަ ރަހުނެއްގެ ގޮތުގައި އެސެޓެއް ބެހެއްޓުމަށްފަހު ބޭންކުން ނަގާފައިވާ ފައިސާ ހޯދުމަށް ކްރެޑިޓަރަކު ހުށަހަޅާފައިވާ ހުށަހެޅުމަކަށް، ސެކިއުރިޓީގެ ގޮތުގައި ނުވަތަ ރަހުނުކުރެވިފައިވާ އެސެޓު އާންމުކޮށް ހުޅުވާލެވިފައިވާ ބީލަމެއްގައި ވިއްކާނުލައި ކްރެޑިޓަރަށް ފައިސާ ދެވިދާނެއެވެ. މިފަދަ ހާލަތެއްގައި ދޭންޖެހޭ

ފައިސާ ކަނޑައެޅުމުގައި، މުސްތަގިއްލު ފަރާތަކުން ކަނޑައަޅާ އަގު ބޭނުން ކުރެވިދާނެއެވެ.

 

102 ވަނަ މާއްދާ ފައިސާ ދެއްކުމުގައި އިސްކަން ދޭނެ ތަރުތީބު

އިފްލާސްކުރެވިފައިވާ ބޭންކެއްގެ އެސެޓުތައް، އެ ބޭންކުގެ ކްރެޑިޓަރުންނަށް ދިނުމުގައި އިސްކަންދޭނީ ތިރީގައިވާ ތަރުތީބުންނެވެ.

(ހ) ބޭންކު އިފްލާސްކުރެވުނު ކަމަށް ކަނޑައެޅުނު ދުވަހާ ހަމައަށް، ދޭންޖެހިފައިވާ ބޭންކުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި، ބޭންކު އިފްލާސްކުރެވުނު ކަމަށް ކަނޑައެޅުނު ދުވަހުން ފެށިގެން 1 (އެކެއް) އަހަރުދުވަސް ކުރީގެ މުއްދަތެއްގެ ތެރޭގައި ބޭންކުން ދައްކަންޖެހިފައިވާ މުވައްޒަފުންގެ ޕްރޮވިޑެންޓް ފަންޑުގެ ފައިސާއާއި އެފަދަ އެހެންވެސް ފައިސާ. މީގެ ތެރޭގައި އެގްޒެކެޓިވް އޮފިސަރުންނާއި ޑިރެކްޓަރުންނަށް ދޭންޖެހިފައިވާ ފައިސާއެއް ނުހިމެނޭނެއެވެ؛

(ށ) ބޭންކު އިފްލާސްކުރުމަށް ހިންގާ ހުރިހާ ހަރަދުތައް؛

(ނ) ކޮންސަރވޭޓަރށިޕްއާއި ބޭންކުގެ ހާލަތު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހިނގާ ހަރަދު؛

(ރ) ޑިޓް ސެކިއުރިޓީސްގެ ގޮތުގައި ނުހިމެނޭ ޑިޕޮސިޓް ފައިސާ ހޯދުމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކަށް، ކޮންމެ ޑިޕޮސިޓަރަކަށް ގިނަވެގެން 100,000 (އެއްލައްކަ) ރުފިޔާ؛

(ބ) ޑިޕޮސިޓަރުންގެ ތެރެއިން މި މާއްދާގެ (ރ) ގެ ދަށުން ފައިސާނުދެވޭ ފަރާތްތަކުގެ ފައިސާއާއި، ފައިސާ ދެވުނު ފަރާތްތަކަށް ބާކީ ދޭންޖެހޭ ފައިސާ އާއި ރަހުނެއް ނުވަތަ ސެކިއުރިޓީއެއް ނެތް ކްރެޑިޓަރުންނަށް ދޭންޖެހޭ ފައިސާ؛

(ޅ) ނުދައްކާ ހުރި، ރާއްޖެއަށް ދައްކަންޖެހޭ ޓެކްސްތައް؛

(ކ) ސަބޯރޑިނޭޓެޑް ޑެޓްގެ ފައިސާ ހޯދުމަށް ހުށަހަޅާ ހުށަހެޅުން؛

ބޭންކުގެ އެސެޓުތައް މި ފަރާތްތަކަށް ދިނުމަށްފަހު، ބާކީ ހުރި އެސެޓުތައް ބޭންކުގެ ހިއްސާދާރުންގެ މެދުގައި، އެ ހިއްސާދާރެއްގެ މިލްކުގައިވާ ހިއްސާގެ ނިސްބަތުން ދޭންވާނެއެވެ.

 

103 ވަނަ މާއްދާ - އުވާލުމުގެ ޕްލޭން

(ހ) ކޯޓުން ބޭންކު އިފްލާސްކުރުމަށް ނިންމާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، ބޭންކު އުވާލުމުގެ ޕްލޭނެއް ރިސީވަރު ތައްޔާރުކޮށް އެމް.އެމް.އޭ ގެ ހުއްދަ ހޯދުމަށް އެމް.އެމް.އޭ އަށް ހުށަހަޅަންވާނެއެވެ. މި ޕްލޭންގައި ތިރީގައިވާ ލިޔުންތަކާއި ރިޕޯޓުތައް ހިމަނަންވާނެއެވެ.

  1. ބޭންކުގެ އެސެޓުތަކާއި ލައިބިލިޓީތައް ލިކުއިޑޭޓްކުރުމުން ހުންނާނެކަމަށް ލަފާކުރެވޭ އަގު ހިމަނައި ތައްޔާރުކުރާ ބޭންކުގެ ބެލެންސް ށީޓް، އަދި 3 (ތިނެއް) މަސް ފަހުން ހުންނާނެ ބޭންކު އެސެޓުތަކާއި ލައިބިލިޓީތަކުގެ ލަފާކުރެވޭ އަގު ހިމަނައި ތައްޔާރުކުރާ ބޭންކުގެ ބެލެންސް ށީޓް. މި ބެލެންސް ށީޓްތައް ތައްޔާރުކުރުމުގައި ކްރެޑިޓަރުން ފައިސާ ހޯދަން ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ތެރެއިން ރިސީވަރު ބަލައިގެންފައިވާ ހުށަހެޅުންތަކާއި އިންކާރު ކޮށްފައިވާ ހުށަހެޅުންތައް އަދި ކޯޓުން ހުއްދަދީފައިވާ ހުށަހެޅުންތައް، ލައިބިލިޓީތަކުގެ ތެރޭގައި ހިމަނަންވާނެއެވެ؛
  2. ބޭންކަށް އާމްދަނީ ލިބުނުގޮތުގެ އަދި ހަރަދުކުރިގޮތުގެ ކުއާޓަރލީ ސްޓޭޓްމަންޓްތައް، އަދި ލިބޭނެކަމަށް ލަފާކުރެވޭ އާމްދަނީއާއި ލަފާކުރެވޭ ހަރަދުތަކުގެ ކުއާޓަރލީ ސްޓޭޓްމަންޓްތައް؛
  3. ބޭންކުގެ ބޮޑެތި އެސެޓުތައް ވިކުނުގޮތުގެ ރިޕޯޓު އަދި އެ އެސެޓުތައް ވިއްކުމަށް ރާވާފައިވާ ގޮތުގެ ރިޕޯޓު؛
  4. ބޭންކުން ށަރީއަތް މެދުވެރިކޮށް އަދި ށަރީއަތް މެދުވެރި ނުކޮށް ފައިސާހޯދުމަށް ކުރެވިފައިވާ މަސައްކަތްތަކާބެހޭ ރިޕޯޓެއް. މީގެ ތެރޭގައި މަކަރާއި ހީލަތުން ހަދާފައިވާ އެގްރީމެންޓް ބާތިލުކުރުމަށް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާއި، އެފަދަ އެގްރީމެންޓްތަކުގެ ދަށުން ހަދާފައިވާ ޓްރާންސްފަރތަކާއި އުފެދިފައިވާ ހައްގުތައް ހިމަނަންވާނެއެވެ؛
  5. ބޭންކުގެ އެޑްމިނިސްޓްރޭޓަރުން ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަންތައްތަކާއި ބޭންކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކުރެވިދާނެ ކަންތައްތަކުގެ ރިޕޯޓެއް؛
  6. ބޭންކުން ކޮށްފައިވާ އެގްރީމެންޓްތަކަށް އަމަލުކުރުމާއި އެ އެގްރީމެންޓްތައް ބާތިލުކުރުމާބެހޭ ރިޕޯޓު. މިފަދަ އެގްރީމެންޓްތަކުގެ ތެރޭގައި އިންށުއަރެންސް، ވަޒީފާއާއި ބޭންކުން ދޭ ހިދުމަތްތަކާބެހޭ އެގްރީމެންޓްތައް ހިމެނޭނެއެވެ. މީގެ ތެރޭގައި ބޭންކުގެ މުވައްޒަފުންނާގުޅޭ މާލީ ޒިންމާތައް ހިމަނަންވާނެއެވެ؛
  7. ބޭންކުގެ ލައިބިލިޓީތަކުގެ ރިޕޯޓެއް އަދި ކުރިއަށްއޮތް ކުއާރޓަރގެ ތެރޭގައި ބޭންކުގެ ކްރެޑިޓަރުންނަށް ދައްކަންޖެހޭނެކަމަށް ލަފާކުރެވޭ ފައިސާގެ ށެޑިއުލް އެއް؛ އަދި
  8. ބޭންކު އުވާލުމަށް ގަސްދުކުރާ ގޮތުގެ ޕްލޭން ތައްޔާރުކުރާ ދުވަހާ ހަމައަށް ބޭންކުގެ ރިސީވަރށިޕްއާ ގުޅިގެން ހިނގާފައިވާ ހަރަދުތަކާއި އަދި މުސްތަގުބަލުގައި ހިނގާނެކަމަށް ލަފާކުރެވޭ ހަރަދުތަކާބެހޭ ރިޕޯޓު.

(ށ) ބޭންކު އުވާލުމުގެ ޕްލޭން ކޮންމެ ކުއާޓަރއަކު އެއްފަހަރު ފުރިހަމަކުރަމުން ދާންވާނެއެވެ. މިގޮތުން ތައްޔާރުކުރެވޭ ބޭންކު އުވާލުމުގެ ޕްލޭންއަށް އެމް.އެމް.އޭ ގެ ހުއްދަ ލިބުމުން، ބޭންކުން ފައިސާ ހޯދުމަށް ހުށަހަޅާފައިވާ ކްރެޑިޓަރުންގެ ތެރެއިން މި ގާނޫނުގެ 97 ވަނަ މާއްދާގެ ދަށުން ފައިސާ ދިނުމަށް ހުއްދަދީފައިވާ ހުށަހެޅުންތައް ހުށަހަޅާފައިވާ ކްރެޑިޓަރުންނަށް ބެލޭނެގޮތަށް ބަހައްޓަންވާނެއެވެ.

 

104 ވަނަ މާއްދާ - އިފްލާސްކުރެވިފައިވާ ބޭންކެއް ރީކެޕިޓަލައިޒް ކުރުން

(ހ) މި ގާނޫނުގެ 77 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް މެނުވީ، ދައުލަތުގެ ފައިސާ ބޭނުންކޮށްގެން އިފްލާސްކުރެވިފައިވާ އެއްވެސް ބޭންކެއްގެ ރައުސްމާލު ނުވަތަ ރައުސްމާލުން ބައެއް ނަމަވެސް ރީކެޕިޓަލައިޒް ކޮށްގެންނުވާނެއެވެ.

(ށ) އިފްލާސްކުރެވިފައިވާ ބޭންކެއްގެ ރައުސްމާލު ޕްރައިވެޓް ފަންޑު ބޭނުންކޮށްގެން ރީކެޕިޓަލައިޒް ކުރެވިދާނެއެވެ. މިގޮތުން ރީކެޕިޓަލައިޒް ކުރެވޭނީ، އެ ބޭންކުގެ މޭޖަރ ހިއްސާދާރުން، ޑިރެކްޓަރުން އަދި އެގްޒެކެޓިވް އޮފިސަރުންނަކީ ކަމަށް އެކަށޭނަ ފަރާތްތަކެއް ކަމުގައިވާނަމަ، ރީކެޕިޓަލައިޒް ކުރުމުން ހުންނާނެ ބޭންކަކީ އާ ބޭންކެއްގެ ގޮތުގައި ހުޅުވާ ބޭންކަކުން ފުރިހަމަ ކުރަންޖެހޭ ހުރިހާ މާލީ އަދި އެހެނިހެން ށަރުތުތައް ފުރިހަމަވާނެ ބޭންކަކަށްވާނަމަ، އަދި ރީކެޕިޓަލައިޒް ކުރުމުގެ ޕްލޭނަށް އެމް.އެމް.އޭ އިން ހުއްދަދީފިނަމައެވެ.

 

105 ވަނަ މާއްދާ - ކްރެޑިޓަރުންނާއެކު މަށްވަރާކޮށް ގޮތެއް ނުނިންމުން

މި ގާނޫނުގެ 100 ވަނަ މާއްދާގައި ކްރެޑިޓަރުންނާ މަށްވަރާ ކޮށްގެން ގޮތެއް ނިންމިދާނެ ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، އިފްލާސްކުރެވިފައިވާ ބޭންކެއްގެ ކްރެޑިޓަރުންގެ ގްރޫޕަކާއެކު ކަމެއް ނިންމުމުގައި މަށްވަރާކޮށް ގޮތެއް ނިންމައިގެންނުވާނެއެވެ.

 

106 ވަނަ މާއްދާ - އާންމު ބައްދަލުވުންތަކާއި ކްރެޑިޓަރުންގެ ކޮމިޓީ

(ހ) ރިސީވަރުގެ އެދުމާއެކު، އިފްލާސްކުރެވިފައިވާ ބޭންކެއްގެ ކްރެޑިޓަރުންގެ އާންމު ބައްދަލުވުމެއް ބޭއްވުމުން އެ ބޭންކު އުވާލުމުގެ ކަންތައްތައް ހަރުދަނާ ގޮތެއްގައި ކުރިއަށްދާނެކަމަށް އެމް.އެމް.އޭ އިން ނިންމައިފި ހިނދެއްގައި މެނުވީ، އެ ބޭންކު އުވާލުމާގުޅޭ ގޮތުން ބޭންކުގެ ކްރެޑިޓަރުންގެ އާންމު ބައްދަލުވުމެއް ބާއްވައިގެން ނުވާނެއެވެ.

(ށ) ރިސީވަރުގެ އެދުމާއެކު، އިފްލާސްކުރެވިފައިވާ ބޭންކެއްގެ ކްރެޑިޓަރުންގެ ކޮމިޓީއެއް އުފެއްދުމުގެ ސަބަބުން ބޭންކުގެ އެކެއް ނުވަތަ އެއަށްވުރެ ގިނަ ކްރެޑިޓަރުންގެ ގްރޫޕްތައް ތަމްސީލުކޮށް އަދި އެ ފަރާތްތަކުގެ މަސްލަހަތު ރައްކާތެރިކުރެވޭނެކަމަށް އެމް.އެމް.އޭ އިން ނިންމައިފި ހިނދެއްގައި މެނުވީ، އިފްލާސްކުރެވިފައިވާ ބޭންކެއްގެ ކްރެޑިޓަރުންގެ ކޮމިޓީއެއް އެކުލަވާލައިގެން ނުވާނެއެވެ.

(ނ) އިފްލާސްކުރެވިފައިވާ ބޭންކެއްގެ ކްރެޑިޓަރުންގެ އާންމު ބައްދަލުވުމެއް ބޭއްވުމަށް ނުވަތަ ކްރެޑިޓަރުންގެ ކޮމިޓީއެއް އެކުލަވާލުމަށް އެމް.އެމް.އޭ އިން ނިންމާ ނިންމުމުގައި، ކްރެޑިޓަރުންގެ އާންމު ބައްދަލުވުމުގެ ނުވަތަ ކްރެޑިޓަރުންގެ ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި މަސައްކަތްތައް ބަޔާންކުރަންވާނެއެވެ.

 

107 ވަނަ މާއްދާ - ޑިޕޮސިޓަރުންނަށް ވަގުތުން ފައިސާ ދިނުން

އިފްލާސްކުރެވިފައިވާ ބޭންކެއްގެ ރަހުނެއް ނުވަތަ ސެކިއުރިޓީއެއް ނެތް ކްރެޑިޓަރުންނަށް ފައިސާ ދިނުމުގެ ކުރިން، ޑެޓް ސެކިއުރިޓީއެއް ނޫން ގޮތަކަށް އެ ބޭންކުގައި ބެހެއްޓިފައިވާ ޑިމާންޑް ޑިޕޮސިޓް ނުވަތަ އެހެންވެސް ޑިޕޮސިޓް ފައިސާ ހޯދުމަށް ހުށަހަޅާ ހުށަހެޅުމަކަށް ފައިސާ ދެވިދާނެއެވެ. މިގޮތުން ޑިޕޮސިޓަރަކަށް ގިނަވެގެން ދެވޭނީ އެފަރާތެއްގެ ޑިޕޮސިޓްގެ %50 (ފަންސާސް އިންސައްތަ) އެވެ.

 

108 ވަނަ މާއްދާ - ފައިސާ ދިނުން

(ހ) މި ގާނޫނުގެ 102 ވަނަ މާއްދާގައިވާ ފަދައިން، ފައިސާ ހޯދުމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ތެރެއިން ހުއްދަދީފައިވާ ހުށަހެޅުންތަކަށް، ފައިސާ ބެހުމުގެ އިސްކަންދޭ ތަރުތީބާއި އެއްގޮތަށް، އެ ހުށަހެޅުންތައް އެއްކޮށްލައި އެކި ދަރަޖަތަކަށް ބަހައި، ފައިސާ ބެހެމުގެ ޖަދުވަލެއްގައި ރިކޯޑު ކުރަންވާނެއެވެ. މި ގާނޫނުގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް ފައިސާ ދިނުން ފިޔަވައި، އެއް ދަރަޖައެއްގައި ހިމެނޭ ހުށަހެޅުންތަކަށް ދޭނެ ފައިސާގެ އަދަދު ކަނޑައަޅާނީ ބޭންކުގައި ހުރި ޖުމްލަ ފައިސާގެ ވަކި އިންސައްތައެއް ކަނޑައަޅައި، އެއްދަރަޖައެއްގެ ހުރިހާ ހުށަހެޅުންތަކަށް އެއް އަދަދަކަށެވެ.

(ށ) މި ގާނޫނުގެ 102 ވަނަ މާއްދާއާ އެއްގޮތްވާ ގޮތަށް އަދި ކޮންމެ ވަގުތެއްގައިވެސް، ހުއްދަދީފައިވާ ހުށަހެޅުންތަކަށް ފައިސާ ދޭނެގޮތުގެ ޖަދުވަލެއް ރިސީވަރު ތައްޔާރުކޮށް، އެމް.އެމް.އޭ ގެ ހުއްދަ ހޯދުމަށް ހުށަހެޅިދާނެއެވެ. އަދި މި ގޮތުން ހުށަހަޅާ ޖަދުވަލަށް އެމް.އެމް.އޭ އިން ހުއްދަ ދެވިދާނެއެވެ. އެއްވެސް ފަރާތެއްގެ ހުށަހެޅުމަކަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާގެ އަދަދާމެދު ހިތްހަމަނުޖެހޭނަމަ، 66 ވަނަ މާއްދާގެ ދަށުން ށަރީއަތަށް ހުށަހެޅިދާނެއެވެ.

(ނ) އެމް.އެމް.އޭ ގެ ހުއްދަ ހޯދުމަށް ރިސީވަރު ހުށަހެޅި ހުއްދަދީފައިވާ ހުށަހެޅުންތަކަށް ފައިސާ ދޭނެގޮތުގެ ޖަދުވަލަށް އެމް.އެމް.އޭ އިން ހުއްދަ ދިނުމުން، އެ ޖަދުވަލުގައި ލިސްޓްކޮށްފައިވާ ހުށަހެޅުންތަކަށް ރިސީވަރު ފައިސާ ދޫކުރަންވާނެއެވެ. މި ޖަދުވަލުގައި ލިސްޓްކޮށްފައިވާ ކްރެޑިޓަރަކީ ކާކުކަން އެނގެން ނެތުމުގެ ސަބަބުން ނުވަތަ ކްރެޑިޓަރަކާ ގުޅޭނެގޮތެއް ނެތުމުގެ ސަބަބުން ފައިސާ ދޫކުރެވެން ނެތް ހުށަހެޅުންތަކުގެ ފައިސާ އެމް.އެމް.އޭ ގައި އޮންނަ އެކައުންޓެއްގައި ޑިޕޮސިޓްކުރަންވާނެއެވެ. މިފަދަ ކްރެޑިޓަރުން ފައިސާ ބަލައިގަތުމަށް އައުމަށް އެދި އެ ފަރާތްތަކުގެ ނަންތައް ސަރުކާރުގެ ގެޒެޓްގައާއި އާންމުކޮށް ބޭނުންކުރެވޭ ނޫހެއްގައި ރިސީވަރު ށާއިއުކުރަންވާނެއެވެ. މިގޮތުން އެމް.އެމް.އޭ ގައި ޑިޕޮސިޓްކުރެވޭ ފައިސާ، ކްރެޑިޓަރުންނަށް ނުވަތަ ކްރެޑިޓަރުންގެ ވާރިސުންނަށް ނުވަތަ އެ ފައިސާ ހައްގުވާ ފަރާތަށް ދިނުމަށްޓަކައި 10 (ދިހައެއް) އަހަރުދުވަހުގެ މުއްދަތަކަށް އެމް.އެމް.އޭ ގައި ބެހެއްޓޭނެއެވެ. 10 (ދިހައެއް) އަހަރު ވުމުން މި ފައިސާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ބަދަލު ކުރެވޭނެއެވެ. މިގޮތުން މި ފައިސާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއާ ހަވާލުކުރުމަށްފަހުގައިވެސް، އެ ފައިސާގެ ވެރިފަރާތެއް، އެއީ އެ ފައިސާގެ ވެރިފަރާތް ކަމުގައި ގަބޫލު ކުރެވޭނެފަދަ ހެކިތަކާއެކު ހުށަހަޅައިފިނަމަ، އެ ފަރާތަކަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއިން އެ ފައިސާ ހޯދުމުގެ ހައްގު ލިބިގެންވެއެވެ.

 

109 ވަނަ މާއްދާ - ބޭންކެއްގެ ގޮތްޕެއް ނުވަތަ ތަމްސީލުކުރާ އޮފީހެއް އިފްލާސްކުރުން

(ހ) ތިރީގައިވާ ސަބަބުންކުރެ ސަބަބެއް މެދުވެރިވުމުން، ބިދޭސީ ބޭންކެއްގެ ދޭސީ ބްރާންޗެއް ނުވަތަ ތަމްސީލުކުރާ އޮފީހެއް އިފްލާސްކުރުމަށް ހުށަހެޅިދާނެއެވެ.

  1. އެ ބްރާންޗަކީ ނުވަތަ ތަމްސީލުކުރާ އޮފީހަކީ ވަކި ގާނޫނީ ށަހްސެއްކަމަށް ބަލައި، މި ގާނޫނުގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަބަބެއް އެ ބްރާންޗަކަށް ނުވަތަ ތަމްސީލުކުރާ އޮފީހަކަށް މެދުވެރިވުން؛ ނުވަތަ
  2. ބިދޭސީ ބޭންކެއްގެ ހެޑް އޮފީސް ހުންނަ ގައުމުގައި ނުވަތަ ބިދޭސީ ބޭންކުގެ ވިޔަފާރި މައިގަނޑުގޮތެއްގައި ހިންގާ ގައުމުގައި އެ ބިދޭސީ ބޭންކު އިފްލާސްކޮށް، އެ ބިދޭސީ ބޭންކު އިފްލާސްކުރުމުން ކުރަންޖެހޭ މަސައްކަތްކުރަން ފަށައިފިނަމަ، އެ ބިދޭސީ ބޭންކުގެ ދޭސީ ބްރާންޗް ނުވަތަ ތަމްސީލުކުރާ އޮފީސް އިފްލާސްކުރުމަށް އެމް.އެމް.އޭ އިން ޕެޓިށަނެއް ހުށަހެޅުމުން.

 

(ށ) މި ބާބުގައިވާ މާއްދާތަކަށް އަމަލުކުރުމުގައި ބިދޭސީ ބޭންކެއްގެ ދޭސީ ބްރާންޗް އޮފީސްތަކާއި އެ ބޭންކެއް ތަމްސީލުކުރާ އޮފީސްތައް ބެލެވޭނީ އެއް ގާނޫނީ ށަހްސެއްކަމުގައެވެ. މި ބާބުގެ މާއްދާތަކަށް އަމަލުކުރުމުގައި، ބިދޭސީ ބޭންކެއްގެ މިފަދަ އެއްވެސް އޮފީހެއްގެ އެސެޓުތަކާއި ލައިބިލިޓީތަކާއި، ވިޔަފާރި ހިންގުމާގުޅޭ ގޮތުން ކުރެވޭ ހުރިހާ އަމަލުތަކާއި ވިޔަފާރި ހިންގުމުގައި ނުވަތަ މަސައްކަތުގެ ތެރޭގައި ނުކުރެވި ދޫކޮށްލެވިފައިވާ ކަންތައްތައް، ނިސްބަތްވާކަމަށް ބެލެވޭނީ އެ އޮފީހެއް ނިސްބަތްވާ، މަތީގައި ބުނެވިފައިވާ ގާނޫނީ ށަހްސަށް ކަމަށެވެ. މިފަދަ ބިދޭސީ ބޭންކަކާ ދޭތެރޭ ކޮންޒަވޭޓަރު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި، ދޭސީ ބޭންކެއްގެ ހުއްދަ ދެވިފައިވާ މެނޭޖަރަށް ނުވަތަ ބޭންކުގެ ހިއްސާދާރުންގެ އާންމު ޖަލްސާއެއްގައި ހިއްސާދާރުންނަށް ލިބިދޭ ހުރިހާ ބާރެއް ބިދޭސީ ބޭންކުގެ ކޮންޒަވޭޓަރަށް ލިބިގެންވެއެވެ.

(ނ) ބިދޭސީ ބޭންކެއްގެ ދޭސީ ބްރާންޗްގެ އޮފީހެއް ނުވަތަ ބިދޭސީ ބޭންކެއް ތަމްސީލުކުރާ އޮފީހެއް އިފްލާސްކުރުމަށް ކޯޓުން ނިންމާ، އެ ނިންމުން އެ އޮފީހަކަށް އަންގާ ވަގުތުން ފެށިގެން، އެ އޮފީސް ނިސްބަތްވާ ބިދޭސީ ބޭންކުން ރާއްޖޭގައި ހިންގާ ބޭންކިންގ ހަރަކާތްތަކާއި ދެމުންގެންދާ ބޭންކިންގ ހިދުމަތްތައް ހުއްޓާލަންވާނެއެވެ. މިގޮތުން ހުއްޓާލަންޖެހޭ ހިދުމަތްތައް ނުވަތަ ހަރަކާތްތަކުގެ ތެރޭގައި، އެ އޮފީހަކަށް އައްޔަންކޮށްފައިވާ ރިސީވަރު ހިންގާ ބޭންކިންގ ހަރަކާތްތަކާއި ދޭ ހިދުމަތްތަކާއި، ރިސީވަރުގެ ހުއްދަ ލިޔުމުން ހޯދުމަށްފަހު ހިންގާ ބޭންކިންގ ހަރަކާތްތަކާއި ދޭ ހިދުމަތްތައް ނުހިމެނޭނެއެވެ.

(ރ) ބިދޭސީ ބޭންކެއްގެ ބްރާންޗް އޮފީހެއް ނުވަތަ ބިދޭސީ ބޭންކެއްގެ ތަމްސީލުކުރާ އޮފީހެއް އިފްލާސްކުރުމުން ކުރަންޖެހޭ މަސައްކަތްކުރުމުގައި މި ގާނޫނުގެ 98 ވަނަ މާއްދާ ހިނގާނީ ބިދޭސީ ބޭންކަކުން ދިވެހި ރާއްޖޭގައި ހިންގާ މަސައްކަތުގެ ތެރޭގައި ނުވަތަ ވިޔަފާރި ހިންގުމުގައި އުފެދޭ ޒިންމާތަކާއި ވާޖިބުތަކާގުޅޭ ގޮތުން އަޅާ ކެނޑުމާއި ނެޓިން ކުރުމުގައެވެ.

(ބ) ބިދޭސީ ބޭންކެއްގެ ބްރާންޗް އޮފީހެއް ނުވަތަ ބިދޭސީ ބޭންކެއްގެ ތަމްސީލުކުރާ އޮފީހެއް އިފްލާސްކުރުމުގެ މަސައްކަތް ރާއްޖޭގައި ކުރުމަކުން، އެ ބިދޭސީ ބޭންކުގެ ކްރެޑިޓަރުންނަށް ލިބިފައިވާ، ބިދޭސީ ބޭންކުގެ އެސެޓުތައް ހޯދުމުގެ ހައްގަކަށް އުނިކަމެއް ނާންނާނެއެވެ.

 

110 ވަނަ މާއްދާ - ކްރޮސް ބޯޑަރ ބޭންކު އިންސޮލްވެންސީ

(ހ) ކްރޮސް ބޯޑަރ ހަރަކާތްތައް ހިންގާ ބޭންކެއް އިފްލާސްކުރުމުން، ހުރިހާ ގައުމުތަކުގައިވާ އެ ބޭންކުގެ އެސެޓުތަކަށް ވާސިލުވުމަށް އެ ބޭންކުގެ ދޭސީ އަދި ބިދޭސީ ކްރެޑިޓަރުންނަށް ހަމަހަމަ ފުރުސަތެއް ދިނުމަށްޓަކައި:

  1. އިފްލާސްކުރެވިފައިވަނީ ދޭސީ ބޭންކަކަށްވާނަމަ، އެ ދޭސީ ބޭންކެއްގެ ބްރާންޗް އޮފީސްތައް ނުވަތަ ތަމްސީލުކުރާ އޮފީސްތައް އެހެން ގައުމެއްގައިވާނަމަ، އެ ގައުމެއްގެ ކަމާބެހޭ އިދާރާތަކާއެކު ވެވެންއޮތް އެންމެ ބޮޑު މިންވަރަކަށް އެމް.އެމް.އޭ އިން އެއްބާރުލުންދޭންވާނެއެވެ.
  2. އިފްލާސްކުރެވިފައިވާ ދޭސީ ބޭންކެއްގެ ކްރެޑިޓަރަކަށް އެ ބޭންކުން ލިބެންޖެހޭ ފައިސާގެ ބައެއް އެހެން ގައުމަކުން ލިބިފައިވާނަމަ، ބާކީ ލިބެންޖެހޭ ފައިސާއާއި އެ ފައިސާ ހޯދުމަށް ހިނގާނެ ހަރަދުތައް، ރާއްޖޭގައި ހިނގާ އިފްލާސްކުރުމުގެ މަސައްކަތުގެ ދަށުން ހޯދުމަށް ހުށަހެޅިދާނެއެވެ.
  3. ބިދޭސީ ބޭންކެއް އިފްލާސްކުރުމަށް ރާއްޖެއިން ބޭރުން ނިންމާ ނިންމުންތަކާއި، ބިދޭސީ ބޭންކެއް ކޮންޒަރވް ކުރުމަށް ރާއްޖެއިން ބޭރުން އަޅާ ފިޔަވަޅުތަކާއި، ބިދޭސީ ބޭންކެއް ރީކެޕިޓަލައިޒް ކުރުމަށް ރާއްޖެއިން ބޭރުގައި އަޅާ ފިޔަވަޅުތައް، އެ ބިދޭސީ ބޭންކުގެ ދޭސީ ބްރާންޗް އޮފީސްތަކާއި ތަމްސީލުކުރާ އޮފީސްތަކުގެ މައްޗަށް ހިންގާނީ ކިހާ މިންވަރަކަށްކަން ކޯޓުން ނިންމަންވާނެއެވެ.
  4. ބިދޭސީ ބޭންކެއްގެ ހެޑް އޮފީސް ހުންނަ ގައުމުގައި ނުވަތަ ބިދޭސީ ބޭންކެއްގެ ވިޔަފާރި މައިގަނޑު ގޮތެއްގައި ހިންގާ ގައުމުގައި އެ ބޭންކު އުވާލުމުގެ މަސައްކަތް ކުރެވޭނަމަ، އެ ގައުމެއްގައި ހުންނަ އެ ބޭންކުގެ ލިކުއިޑޭޓަރަށް އެ ބޭންކުގެ އެސެޓުތައް ޓްރާންސްފަރ ކޮށްދިނުމަށް އެދި ކޯޓަށް އެމް.އެމް.އޭ އިން ހުށަހެޅުމުން، އެ ބޭންކުގެ ކްރެޑިޓަރުންގެ މަސްލަހަތަށްޓަކައި އަދި އެމް.އެމް.އޭ އިން ލަފާދޭގޮތަށް އެސެޓުތައް ލިކުއިޑޭޓަރަށް ޓްރާންސްފަރ ކުރުމަށް ކޯޓުން ހުއްދަ ދެވިދާނެއެވެ.

(ށ) ބޭންކަކަށް އައްޔަންކުރެވިފައިވާ ރިސީވަރު ނުވަތަ ކޮންޒަވޭޓަރަކީ އެ ބޭންކު، އެ ބޭންކުގެ ބްރާންޗްތަކާއި އޮފީސްތަކާއި ސަބްސިޑިއަރީތައް؛ މި ތަންތަން ކޮންމެ ތަނެއްގައި ގާއިމުވެފައިވީނަމަވެސް، އެތަންތަން ތަމްސީލުކުރުމަށް ގާނޫނީގޮތުން ބާރު ލިބިފައިވާ ހަމައެކަނި ފަރާތެވެ. އަދި މި ގާނޫނަށް އަމަލުކުރުމަށް އަޅަންޖެހޭ ނުވަތަ އެޅުން އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށްޓަކައި ރާއްޖޭގެ ނުވަތަ ރާއްޖެއިން ބޭރުގެ ށަރުއީ ކޯޓަށް ހުށަހެޅުމުގެ ބާރު އެ ބޭންކަށް އައްޔަންކުރެވިފައިވާ ރިސީވަރަށް ނުވަތަ ކޮންޒަވޭޓަރަށް ލިބިގެންވެއެވެ.

 

111 ވަނަ މާއްދާ - ކޯޓާއި އެމް.އެމް.އޭ އާ ދެމެދު ކުރެވޭ މަށްވަރާތައް

ބޭންކެއް އިފްލާސްކުރުމަށް ކޯޓުން ނިންމުމުގެ ކުރިން، ކޯޓުން އެ ބޭންކާމެދު ނިންމަން ގަސްދުކުރާގޮތް އެމް.އެމް.އޭ އަށް އަންގައި، އެގޮތާމެދު އެމް.އެމް.އޭ ގެ ލަފާ ދިނުމަށް އެކަށީގެންވާ ފުރުސަތު ކޯޓުން އެމް.އެމް.އޭ އަށް ދޭންވާނެއެވެ. ކޯޓުން ބޭންކެއް އިފްލާސްކުރުމާމެދު ގޮތެއް ނިންމުމުގައި، އެމް.އެމް.އޭ އިން ދީފައިވާ ލަފާއަށް ރިއާޔަތްކުރަންވާނެއެވެ. އެމް.އެމް.އޭ އިން ދީފައިވާ ލަފާއާއެކުގައި ނުވަތަ އެ ލަފާގެ ބަޔަކާމެދު ކޯޓުން ގަބޫލުނުކުރާނަމަ، ބޭންކު އިފްލާސްކުރުމާމެދު ކޯޓުން ނިންމާ ނިންމުމުގައި، ގަބޫލުނުކުރެވުނު ސަބަބާއެކު އެ ގަބޫލުނުކުރެވުނު ބައި ބަޔާންކުރަންވާނެއެވެ.

 

112 ވަނަ މާއްދާ - ބޭންކު އިފްލާސްކުރުމުގެ މަސައްކަތްތައް ނިމުން

(ހ) ރިސީވަރު ކުރަންޖެހޭ މަސައްކަތްތައް ނިމުމުން، ކޯޓުގެ އަމުރަކުން ރިސީވަރުގެ މަގާމުގެ ދައުރު ނިމޭނެއެވެ. ނަމަވެސް މިފަދަ އަމުރެއް ނެރެންވާނީ ރިސީވަރށިޕާބެހޭ ގޮތުން ރިޕޯޓެއް ތައްޔާރުކޮށް ރިސީވަރު ކޯޓަށް އެ ރިޕޯޓު ހުށަހެޅުމުންނެވެ. މިގޮތުން ކޯޓުން ނެރޭ އަމުރުގައި ބޭންކު އަދި ރިސީވަރށިޕްގެ ފޮތްތަކާއި ރިކޯޑުތައް ބަހައްޓާނެ ތަނެއް ބަޔާންކުރަންވާނެއެވެ.

(ށ) ބޭންކެއް އިފްލާސްކުރުމުގެ މަސައްކަތް ނިމޭނީ، އެ ބޭންކުގެ ހުރިހާ އެސެޓުތައް ފައިސާއަށް ބަދަލުކޮށްނިމި، އެ ފައިސާ ބޭންކުގެ ކްރެޑިޓަރުންނަށް ދިނުމުން ނުވަތަ އެ ފައިސާ މި ގާނޫނުގެ 108 ވަނަ މާއްދާގެ (ނ) ގެ ދަށުން ކްރެޑިޓަރުންނަށް ދިނުމަށްޓަކައި އެމް.އެމް.އޭ ގައި ޑިޕޮސިޓްކުރުމުން، ކޯޓުން ނެރޭ އަމުރެއްގެ ދަށުންނެވެ.

(ނ) ބޭންކެއް އިފްލާސްކުރުމުގެ މަސައްކަތް ނިމިއްޖެކަމަށް ކޯޓުން ނެރޭ އަމުރު ދިވެހި ސަރުކާރުގެ ގެޒެޓްގައި އެމް.އެމް.އޭ އިން ށާއިއުކުރަންވާނެއެވެ.

 

113 ވަނަ މާއްދާ - އުވާލެވޭ ގާނޫނުތަކާއި މާއްދާތައް

(ހ) މި ގާނޫނަށް އަމަލުކުރަންފެށުމާއެކު؛

  1. ގާނޫނު ނަންބަރު 6/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) ގެ 29 ވަނަ މާއްދާއާއި 30 ވަނަ މާއްދާ އުވުނީއެވެ.
  2. ބޭންކުތަކާއި އެހެނިހެން މާލީ އިދާރާތައް ހިންގުމާބެހޭ ގަވާއިދު (1 ޖުލައި 1988 ގައި އަމަލުކުރަން ފެށުނު) އުވާލެވުނީއެވެ.
  3. ގާނޫނު ނަންބަރު 6/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981 ( ގެ ދަށުން ނެރެފައިވާ ތިރީގައިވާ ގަވާއިދުތަކަކީ މި ގާނޫނުގެ ދަށުން ނެރެފައިވާ ގަވާއިދުތަކެއް ކަމަށް ބަލައި، އެ ގަވާއިދުތަކަށް އަމަލު ކުރެވެމުންދާނެއެވެ.

         (ހ) ރައުސްމާލު އެޑިކުއެސީއާބެހޭ ގަވާއިދު

         (ށ) ސިންގަލް ބޮރޮވަރ ލިމިޓްސްއާބެހޭ ގަވާއިދު

         (ނ) ލިމިޓްސް އޮން ލޯންސް ޓު ރިލޭޓަޑް ޕަރސަންސްއާބެހޭ ގަވާއިދު

         (ރ) ޓްރާންސެކްށަންސް ވިތް ރިލޭޓަޑް ޕަރސަންސްއާބެހޭ ގަވާއިދު

         (ބ) އެސެޓު ކްލެސިފިކޭށަން އެންޑް ޕްރޮވިށަނިންގއާބެހޭ ގަވާއިދު

         (ޅ) އިންޓަރ ބޭންކު އެކްސްޕޯށަރއާބެހޭ ގަވާއިދު

         (ކ) އެކްސްޓަރނަލް އޮޑިޓްއާބެހޭ ގަވާއިދު

         (އ) ޕަބްލިކޭށަން އެންޑް ޑިސްކްލޯށަރއާބެހޭ ގަވާއިދު

         (ވ) ކަމަށް އެކަށޭނަ ފަރާތްތަކާބެހޭ ގަވާއިދު

         (މ) ކޯރޕަރޭޓް ގަވަރނަންސްއާބެހޭ ގަވާއިދު

         (ފ) ފޮރިން ކަރަންސީ އެކްސްޕޯށަރ ލިމިޓްސް

(ށ) ގާނޫނު ނަންބަރު 6/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) ، ނުވަތަ ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ނުވަތަ ދިވެހިރާއްޖޭގެ އެހެން ގާނޫނެއްގެ މާއްދާއަކާ މި ގާނޫނުގެ މާއްދާއެއް ފުށުއަރާނަމަ، މި ގާނޫނުގެ މާއްދާ އެ މާއްދާއެއްގެ މައްޗަށް ހިނގާނެއެވެ.

 

114 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

115 ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ

މި ގާނޫނުގައި އިބާރާތެއް ހިމެނިފައިވާގޮތުން އެހެންގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހާ ހިނދަކު:- 

 

"ހަގީގީ ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، ހިއްސާގެ "ގާނޫނީ ވެރިފަރާތް" ފިޔަވައި އެ ހިއްސާގެ ފައިދާ އެހެން ފަރާތަކަށް ލިބޭނެ ފަރާތެއްވާނަމަ، އެފަރާތަކަށެވެ. 

 

"ހެޖްކުރުން" ކަމަށް ބުނެފައި އެވަނީ، ވިޔަފާރީގައި، މުސްތަގުބަލުގައި އަގަށް އަތުވެދާނެ ބަދަލަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް ކުރެވޭ ކަންތައްތަކަށެވެ. 

 

"ރިސްކް އެޖަސްޓެޑް އެސެޓު" ކަމަށް ބުނެފައި އެވަނީ، އެކި ބާވަތުގެ އެސެޓުތަކާ ގުޅިފައިވާ، ނުވަތަ އެ އެސެޓުތަކަށް ކުރިމަތިވެދާނެ ރިސްކްއާގުޅޭ ގޮތަށް އެ އެސެޓުތަކުގެ އަގަށް ބަދަލު ގެނެވިފައިވާ ބޭންކުގެ އެސެޓުތަކަށެވެ. 

 

"ރީކެޕިޓަލައިޒް ކުރުން" ކަމަށް ބުނެފައި އެވަނީ، ބޭންކެއްގެ ރައުސްމާލުގެ ޖުމްލަ އިތުރު ކުރުމަށެވެ. 

 

"ރިސީވަރު" ކަމަށް ބުނެފައި އެވަނީ، އަރަންޏަށްވުރެ ދަރަނި ގިނަވެފައިވާ ބޭންކެއްގެ އެސެޓުތައް ވިއްކުމަށާއި، ވިއްކައިގެން ލިބޭ ފައިސާއިން، މި ގާނޫނުގައި އިސްކަންދީފައިވާ ތަރުތީބުން ދަރަނިތައް ހަލާސްކުރުމުގެ މަސައްކަތްކުރުމަށް އެމް.އެމް.އޭ އިން އައްޔަންކުރާ ފަރާތަކަށެވެ. 

"ބޭންކު" ކަމަށް ބުނެފައި އެވަނީ، ބޭންކިންގ ވިޔަފާރިކުރުމަށް ނުވަތަ މި ގާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހާ ކަންތައްތައް ނުވަތަ އޭގެ ތެރެއިން ކަމެއް ނުވަތަ ކަންތައްތަކެއް ކުރުމަށް މި ގާނޫނުގެ ދަށުން ލައިސަންސް ނުވަތަ ހުއްދަ ލިބިފައިވާ ކޮންމެ ފަރާތަކަށެވެ. 

 

"ބޭންކު ބަލަދުވެރި ކުންފުނި" ކަމަށް ބުނެފައި އެވަނީ، އެ ކުންފުންޏެއްގެ މިލްކުގައި ނުވަތަ ކޮންޓްރޯލްގައި ބޭންކެއް ހިމެނޭ ކުންފުންޏަކަށެވެ. 

 

"ބޭންކިންގ ހިދުމަތްތައް" ނުވަތަ "ބޭންކިންގ ހަރަކާތްތައް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށެވެ.

 

"ބޭންކިންގ ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، އާންމުންގެ ކިބައިން، ޑިޕޮސިޓް ގޮތުގައި އަދި އެނޫންވެސް އެހެން ގޮތެއްގައި ފައިސާ ބަލައިގަނެ، އެ ފައިސާ ބޭނުންކޮށްގެން ދަރަނި ދޫކުރުމަށާއި އިންވެސްޓްކުރުމަށެވެ.

 

"ބޯޑު" ކަމަށް ބުނެފައި އެވަނީ، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށެވެ. 

 

"ބްރާންޗް" ކަމަށް ބުނެފައި އެވަނީ، ގާނޫނީ ގޮތުން ބޭންކެއްގެ ޒިންމާގެ ދަށުން ބޭންކިންގ ހިދުމަތްތައް ހިންގާ އެ ބޭންކުގެ ގޮފިތަކަށެވެ. 

 

"ބްރިޖް ބޭންކު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 15 ވަނަ ބާބުގައިވާ ގޮތަށް އުފައްދާފައިވާ ބޭންކަކަށެވެ.

 

"ކެޕިޓަލް ބޭސް" ކަމަށް ބުނެފައި އެވަނީ، އެމް.އެމް.އޭ އިން ކަނޑައަޅާ ގަވާއިދުތަކުގައި ބުނާ ކެޕިޓަލް ބޭސް އަށެވެ. 

 

"ކޯޓު" ކަމަށް ބުނެފައި އެވަނީ، ސިވިލް ކޯޓަށެވެ.

 

"ކުންފުނި" ކަމަށް ބުނެފައި އެވަނީ، ޖޮއިންޓް ސްޓޮކް ކުންފުންޏަކަށް ނުވަތަ ކޯޕަރޭށަނަކަށެވެ.

 

"ކުންފުންޏެއްގެ މައްޗަށް ކޮންޓްރޯލް އޮންނަ ފަރާތެއް" ކަމަށް ބެލެވޭނީ:

(ހ) ސީދާކޮށް ނުވަތަ ނުސީދާކޮށް، ނުވަތަ އެހެން ފަރާތެއް މެދުވެރިކޮށް ކުންފުންޏެއްގެ ވޯޓު ދިނުމުގެ ބާރު ލިބިދޭ ހިއްސާގެ ތެރެއިން މަދުވެގެން %25 (ފަންސަވީސް އިންސައްތަ) ބާރުލިބިދޭ ހިއްސާ އޮންނަ ފަރާތަކަށެވެ. ނުވަތަ؛

(ށ) އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ  %50 (ފަންސާސް އިންސައްތަ) އަށްވުރެ ގިނަ ޑިރެކްޓަރުން އައްޔަންކުރުމުގެ ބާރު އޮންނަ ފަރާތަކަށެވެ. ނުވަތަ؛

(ނ) އެ ކުންފުންޏެއްގެ މައްޗަށް ބާރު ހިންގާ ފަރާތެއްކަމުގައި އެމް.އެމް.އޭ އިން ކަނޑައަޅާ ފަރާތަކަށެވެ.

 

"ކްރެޑިޓް އެކްސްޕޯށަރ" ކަމަށް ބުނެފައި އެވަނީ:

(ހ) އެއްވެސް ފަރާތަކަށް، އަނބުރާ ދައްކާގޮތަށް ދޫކުރުމަށް އެއްބަސްވެފައިވާ ފައިސާއާއި ދޫކޮށްފައިވާ ފައިސާގެ ތެރެއިން އަނބުރާ ލިބެންޖެހޭ ފައިސާއާއި މިފަދަ ފައިސާއަށް ލިބެންޖެހޭ އިންޓްރެސްޓް ނުވަތަ ސަރވިސް ޗާޖް؛

(ށ) ފައިސާ ދައްކަން ޖެހިދާނެގޮތަށް އެއްވެސް ފަރާތަކަށް ދޫކޮށްފައިވާ ގެރެންޓީ؛

(ނ) މޫނުމަތީ އަގުގައި ނުވަތަ ޑިސްކައުންޓަކާއެކު ގަނެފައިވާ ޑެޓް ސެކިއުރިޓީ؛ އަދި

(ރ) މިނޫންވެސް އެހެނިހެން ގޮތްގޮތުން ލިބެންޖެހޭ ފައިސާއަށެވެ.

 

"ކޮންޒަވޭޓަރު" ކަމަށް ބުނެފައި އެވަނީ، އެ ބޭންކެއްގެ ބޭންކިންގ ހަރަކާތްތައް ހިންގުމުގައި މައްސަލަތަކެއް ކުރިމަތިވެފައިވާ ބޭންކެއްގެ ކަންތައްތައް ހައްލަކަށް ގެނެވެންދެން ނުވަތަ ބޭންކު ބަންދުކުރަންދެން، ނުވަތަ އެމް.އެމް.އޭ އިން އެ ބޭންކުގެ މައްސަލަތައް ހައްލުކުރެވެންދެން އެ ބޭންކުގެ އެސެޓުތައް ހިމާޔަތްކޮށް ހިންގުމުގެ ވަގުތީ ޒިންމާ އުފުލުމަށް އެމް.އެމް.އޭ އިން އައްޔަންކުރާ ފަރާތަށެވެ. 

 

"ކޮލިފައިންގ ހޯލްޑިންގ" ކަމަށް ބުނެފައި އެވަނީ، ސީދާކޮށް ނުވަތަ ނުސީދާކޮށް، ނުވަތަ އެހެން ފަރާތެއް މެދުވެރިކޮށް، އެއްވެސް ކުންފުންޏެއްގެ ނުވަތަ ވިޔަފާރިއެއްގެ ވޯޓުދިނުމުގެ ބާރުގެ މަދުވެގެން %10 (ދިހައެއް އިންސައްތަ) އޮތުމަށް، ނުވަތަ އެމް.އެމް.އޭ އަށް ގަބޫލުކުރެވޭ ގޮތުގައި ކުންފުންޏެއްގެ ނުވަތަ ވިޔަފާރިއެއްގެ ހިންގުމުގެ މައްޗަށް އެކަށޭނަ ބާރު އޮތުމަށެވެ. 

 

"އައްޔަންކުރެވިފައިވާ ބްރާންޗް މެނޭޖަރު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދިވެހިރާއްޖޭގައި ހިންގާ ބިދޭސީ ބޭންކެއްގެ ބްރާންޗެއް ހިންގުމާ ހަވާލުވެގެންހުރި އެންމެ އިސް ފަރާތްކަމަށް، އައްޔަންކުރާ ފަރާތަކަށެވެ. 

 

"އެގްޒެކެޓިވް އޮފިސަރ" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގައި ބޭންކިންގ ވިޔަފާރި ނުވަތަ ބޭންކިންގ ހަރަކާތްތައް ހިންގުމުގެ ހުއްދަދީފައިވާ ބޭންކެއްގެ މުވައްޒަފުންގެ ތެރެއިން ބޭންކުގެ ސިޔާސަތު ކަނޑައެޅުމުގައި ބައިވެރިވާ މުވައްޒަފުންނާއި، ބޭންކުގެ ހަރަކާތްތަކުގެ ތެރެއިން ބޮޑުބައެއް ހިންގުމުގެ މަސްއޫލިއްޔަތު އުފުލާ މުވައްޒަފުންނާއި، ބޭންކުގެ ފައިސާއިން ލޯނު ދޫކުރުމާއި އިންވެސްޓް ކުރުމަށް ހުއްދަދީފައިވާ މުވައްޒަފުންނަށެވެ. މިފަދަ މުވައްޒަފަކީ ކޮންމެ މަގާމެއްގައި ހުރި މުވައްޒަފެއްނަމަވެސް، މި ގާނޫނުގައިވާ ގޮތުން "އެގްޒެކެޓިވް އޮފިސަރ" އެއްކަމުގައި ބެލެވޭނެއެވެ. މިގޮތުން، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން، ބޭންކުގެ ރައީސް، މެނޭޖިންގ ޑިރެކްޓަރ، ރައީސްގެ ނައިބު، ލޯނުދޫކުރުމުގެ އެންމެ އިސް މުވައްޒަފު، ޗީފް ފައިނޭންށަލް އޮފިސަރު، ޗީފް އެގްޒެކެޓިވް އޮފިސަރ، ޖެނެރަލް މެނޭޖަރު، އަދި ހަޒާންދާރު ހިމެނޭނީ "އެގްޒެކެޓިވް އޮފިސަރު" ކަމަށް ބެލެވޭ ފަރާތްތަކުގެ ތެރޭގައެވެ. 

އޮފީހެއް ނުވަތަ ބްރާންޗެއް ނުވަތަ ގާނޫނީ ގޮތުން ވަކި ށަހްސެއް ކަމަށް ބެލެވޭ އިދާރާއަކަށް "ބިދޭސީ" އެވެ ކިޔޭނީ ދޭސީކަމަށް ނުބެލެވޭ އޮފީހަކަށް ނުވަތަ ބްރާންޗަކަށް ނުވަތަ އިދާރާއަކަށެވެ. 

 

"އިސްލާމިކް ބޭންކު" ކަމަށް ބުނެފައި އެވަނީ، އިސްލާމްދީނުގެ އުސޫލުތަކާއި ހަމަތަކުގެ މަތިން އަދި އެމް.އެމް.އޭ އިން ކަނޑައަޅާ ހަމަތަކާއި އެއްގޮތަށް ބޭންކިންގ ހިދުމަތްތައް ހިންގާ، އަދި މި ގާނޫނުގެ ދަށުން ބޭންކިންގ ވިޔަފާރި ކުރުމަށް ލައިސަންސް ދޫކޮށްފައިވާ ގާނޫނީ ށަހްސަކަށެވެ. 

 

"އެމް.އެމް.އޭ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށެވެ.

އެއްވެސް ފަރާތެއް ނުވަތަ ފަރާތްތަކެއްގެ "ސަބްސިޑިއަރީ" އެއް ކަމަށް ބެލެވޭނީ އެފަރާތަކުން ނުވަތަ ފަރާތްތަކަކުން އެ ށަހްސެއްގެ ވޯޓުދިނުމުގެ ބާރު ލިބިދޭ ހިއްސާގެ މަދުވެގެން %50 (ފަންސާސް އިންސައްތަ) އޮންނަނަމަ، ނުވަތަ އެފަރާތަކުން ނުވަތަ ފަރާތްތަކަކުން އެ ގާނޫނީ ށަހްސުގައި ކޮލިފައިންގ ހޯލްޑިންގއެއް އޮތުމުގެ ސަބަބުން އެ ށަހްސެއްގެ ހިންގުން ނުވަތަ ސިޔާސަތު ކަނޑައެޅުމަށް އެކަށޭނަ ބާރު އެފަރާތަށް ނުވަތަ ފަރާތްތަކަކަށް ލިބިދޭ ނަމައެވެ. 

 

"އެޑްމިނިސްޓްރޭޓަރު" ކަމަށް ބުނެފައި އެވަނީ، ބޭންކެއްގެ ޑިރެކްޓަރެއް، އެގްޒެކެޓިވް އޮފިސަރެއް، ބޭންކުގެ އޮޑިޓް ކޮމިޓީގެ މެންބަރެއް، ނުވަތަ ބިދޭސީ ބޭންކެއްނަމަ، އައްޔަންކުރެވިފައިވާ ބްރާންޗް މެނޭޖަރަށެވެ. 

 

"އެފިލިއޭޓް" ކަމަށް ބުނެފައި އެވަނީ، ބޭންކެއް ކޮންޓްރޯލްކުރާ ކުންފުންޏަކަށް ނުވަތަ ބޭންކެއް ކޮންޓްރޯލްކުރާ ކުންފުނިން ކޮންޓްރޯލްކުރާ އެހެން ކުންފުންޏަކަށް ނުވަތަ އެމް.އެމް.އޭ އިން ކަނޑައަޅާ ގަވާއިދެއްގެ ދަށުން ބުނާ ކުންފުންޏަކަށެވެ. 

 

"މޭޖަރ ހިއްސާދާރެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނީގޮތުން ވަކި ށަހްސެއްގެ ރައުސްމާލުގެ ނުވަތަ ވޯޓު ދިނުމުގެ ބާރުގެ މަދުވެގެން %10 (ދިހައެއް އިންސައްތަ) ، ސީދާކޮށް ނުވަތަ ނުސީދާކޮށް އޮންނަ ފަރާތެއް، ނުވަތަ މިނޫން އެހެން ގޮތަކުންވެސް އެމް.އެމް.އޭ އަށް ގަބޫލުކުރެވޭގޮތުގައި އެ ށަހްސެއްގެ މައްޗަށް ބާރު އޮންނަ ފަރާތަކަށެވެ. 

 

"މެނޭޖިންގ ޑިރެކްޓަރ" ކަމަށް ބުނެފައި އެވަނީ، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ސިޔާސަތުތައް ތަންފީޒުކުރުމާއި ދުވަހުން ދުވަހަށް ބޭންކު ހިންގުމުގެ މަސްއޫލިއްޔަތާ ހަވާލުވެ ހުންނަ ފަރާތަށެވެ. 

 

"މަނީ ބްރޯކަރިންގ" ކަމަށް ބުނެފައި އެވަނީ، އެފަރާތަށް ފައިދާއެއް ނުވަތަ ކޮމިށަނެއް ލިބޭގޮތަށް، ތަފާތު ބާވަތުގެ މާލީ އިދާރާތަކަށް އެހެން ފަރާތްތަކުން ކުރުމުއްދަތުގެ ލޯނު ހަމަޖައްސައިދިނުމަށެވެ. 

 

"ކަމަށް އެކަށޭނަ" ފަރާތެއް ކަމަށް ބުނެފައި އެވަނީ، އެފަރާތަކީ ތެދުވެރި އަދި އިތުބާރުކުރެވޭ އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ފެންނަ ގޮތުގައާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ކަނޑައަޅާ ގަވާއިދާއެއްގޮތްވާ ގޮތުގެމަތިން، އެފަރާތުން ހާސިލުކޮށްފައިވާ ތައުލީމާއި، ތަޖުރިބާއާއި، އެފަރާތެއްގެ މާޒީ އަދި މާލީ ފެންވަރު ނުވަތަ އެފަރާތެއްގެ ވިޔަފާރީގެ ގުޅުންތަކަށް ބަލާއިރު، އެފަރާތަކީ ބޭންކެއްގެ ވެރިފަރާތެއްކަމުގައި ނުވަތަ އެޑްމިނިސްޓްރޭޓަރެއް ނުވަތަ ކޮންޒަވޭޓަރެއް ނުވަތަ ރިސީވަރެއް ކަމުގައިވުމަށް އެކަށޭނަ ކޮންމެ ފަރާތަކަށެވެ. ތިރީގައި މިވާ ފަރާތްތަކަކީ ކަމަށް އެކަށޭނަ ފަރާތްތަކެއް ކަމަކަށް ނުބެލެވޭނެއެވެ.

(ހ) ޖިނާއީ ކުށެއްގައި ށަރީއަތަށް ސާބިތުވެ، ޖަލަށްލުމަށް ހުކުމްކޮށްފައިވާ، ނުވަތަ ޖަލަށްލުމަށް ހުކުމް ކުރެވިދާނެފަދަ ޖިނާއީ ކުށެއް ށަރީއަތަށް ސާބިތުވެ، ހުކުމެއް އިއްވާފައިވާ ފަރާތްތައް. ނަމަވެސް އެފަރާތެއްގެ މައްޗަށް ކުށް ސާބިތުވެފައިވަނީ އެފަރާތެއްގެ ސިޔާސީ ހަރާކާތްތަކެއްގެ މައްޗަށް ބިނާކޮށްނަމަ އެފަރާތެއް މި މާއްދާއިން އިސްތިސްނާވާނެއެވެ؛

(ށ) ފާއިތުވެދިޔަ 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި އިފްލާސްކުރެވިފައިވާ ފަރާތްތައް؛

(ނ) ސުލޫކު ގޯސްވުމުގެ ސަބަބުން އެއްވެސް ފަންނެއްގައި މަސައްކަތްކުރުމުގެ ހުއްދަ އަތުލެވިފައިވާ ނުވަތަ ވަގުތީގޮތުން ހިފެހެއްޓިފައިވާ ފަރާތްތައް. ނަމަވެސް އެފަދަ ހުއްދައެއް އަތުލެވިފައި ނުވަތަ ވަގުތީގޮތުން ހިފެހެއްޓިފައިވަނީ އެފަރާތެއްގެ ސިޔާސީ ހަރާކާތްތަކުގެ މައްޗަށް ބިނާކޮށްނަމަ، އެފަރާތްތައް މި މާއްދާއިން އިސްތިސްނާވާނެއެވެ؛ އަދި

(ރ) ށަރީއަތުން ނުވަތަ ކަމާބެހޭ އިދާރާއަކުން ކުންފުންޏެއް ހިންގުމަށް ގާބިލުނޫން ފަރާތެއްކަމުގައި ކަނޑައަޅާފައިވާ ފަރާތްތައް؛ 

 

"ފައިސާ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ފައިސާގެ ގޮތުގައި ބޭނުންކުރާ (އޭގެ ތެރޭގައި ނޫޓާއި ފައިސާ ފޮތި ހިމެނޭ) ފައިސާ އަށެވެ. 

 

"ފަރާތެއް" ކަމަށް ބުނެފައި އެވަނީ، މީހުންނާއި ގާނޫނީ ށަހްސު ހިމެނޭގޮތަށެވެ.

 

"ފޮތު އަގު" ކަމަށް ބުނެފައި އެވަނީ، ބުކް ވެލިއު އަށެވެ. 

 

"ތަމްސީލުކުރާ އޮފީސް" ނުވަތަ "ތަމްސީލުކުރާ އޮފީހެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނީގޮތުން ބޭންކެއްގެ ޒިންމާގެ ދަށުގައިވާ، އެތަނެއްގެ މަސައްކަތްތަކަކީ އެކި ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމާއި، އެ ބޭންކާއި އެހެން ފަރާތްތަކާދެމެދު މުއާމަލާތުކުރުމުގެ މަސައްކަތްކުރުން ކަމުގައިވާ ތަންތަނަށެވެ. އަދި މިފަދަ ތަންތަނަކީ އެއްވެސް ބޭންކިންގގެ ހަރަކާތެއް ނުހިންގޭނެ އަދި ޑިޕޮސިޓް ގޮތުގައި

ނުވަތަ އެހެންވެސް ގޮތަކަށް އަނބުރާ ދޭގޮތަށް އާންމުންގެ ކިބައިން ފައިސާ ނެގުމުގެ މަސައްކަތް ނުކުރެވޭނެ ތަންތަނެވެ.

 

"ލިސްޓު" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ބަލަހައްޓަމުންގެންދާ ބޭންކުތަކުގެ ރަޖިސްޓަރީގައިވާ ބޭންކުތަކުގެ ލިސްޓަށެވެ.

 

"ގުޅުން ހުރި ފަރާތް" ނުވަތަ "ގުޅުން ހުރި ފަރާތެއް" ކަމަށް ބުނެފައި އެވަނީ، ތިރީގައިވާ ފަރާތްތަކަށެވެ. 

(ހ) ބޭންކުގެ އެޑްމިނިސްޓްރޭޓަރެއް.

(ށ) އެޑްމިނިސްޓްރޭޓަރާ ކައިވެނީގެ ގޮތުން ގުޅިފައިވާ ފަރާތްތަކާއި، ލޭގެ ގޮތުން ދެވަނަ ދަރަޖައާ ހަމައަށް ގުޅުން ހުރި ފަރާތްތައް؛ މީގެތެރޭގައި ދަރިންނާއި އެޑްމިނިސްޓްރޭޓަރުގެ ޒިންމާގެ ދަށުގައިވާ އެހެންވެސް ފަރާތްތައް ހިމެނޭނެއެވެ.

(ނ) ބޭންކެއްގެ ކޮލިފައިންގ ހޯލްޑިންގ އޮންނަ ފަރާތެއް ނުވަތަ އެފަރާތެއްގެ އެޑްމިނިސްޓްރޭޓަރެއް ނުވަތަ ބޭންކުގައި ކޮލިފައިންގ ހޯލްޑިންގއެއް އޮންނަ ފަރާތެއްގެ ކޮލިފައިންގ ހޯލްޑިންގ އޮންނަ އެހެން ކުންފުންޏެއް ނުވަތަ ވިޔަފާރިއެއް، ނުވަތަ މިފަދަ ކުންފުންޏެއްގެ ނުވަތަ ވިޔަފާރިއެއްގެ އެޑްމިނިސްޓްރޭޓަރެއް؛ ނުވަތަ ބޭންކެއްގެ އެޑްމިނިސްޓްރޭޓަރެއްގެ ކޮލިފައިންގ ހޯލްޑިންގ އޮންނަ ކުންފުންޏެއް ނުވަތަ ވިޔަފާރިއެއް، ނުވަތަ މިފަދަ ކުންފުންޏެއްގެ ނުވަތަ ވިޔަފާރިއެއްގެ އެޑްމިނިސްޓްރޭޓަރެއް.

(ރ) ބޭންކަކުން އެ ކުންފުންޏެއްގެ ނުވަތަ ވިޔަފާރިއެއްގެ ކޮލިފައިންގ ހޯލްޑިންގ އޮންނަ ކުންފުންޏެއް ނުވަތަ ވިޔަފާރިއެއް، ނުވަތަ އެފަދަ ކުންފުންޏެއްގެ ނުވަތަ ވިޔަފާރިއެއްގެ އެޑްމިނިސްޓްރޭޓަރެއް. މިފަދަ ކުންފުންޏެއް ނުވަތަ ވިޔަފާރިއަކީ ބުނެވުނު ބޭންކުގެ މާލީ ހިސާބުތަކުގެ ތެރޭގައި އެ ކުންފުންޏެއް ނުވަތަ ވިޔަފާރިއެއްގެ ހިސާބު ހިމަނަންނުޖެހޭ ކުންފުންޏެއް ނުވަތަ ވިޔަފާރިއެކެވެ.

ގާނޫނީ ގޮތުން ވަކި ށަހްސަކަށް "ދޭސީ" އެވެ ކިޔޭނީ، އެ ށަހްސެއްގެ މައި އޮފީސް ދިވެހިރާއްޖޭގައި ހުންނަ ތަންތަނަށެވެ. އަދި އޮފީހަކަށް ނުވަތަ ބްރާންޗަކަށް "ދޭސީ" އެވެ ކިޔޭނީ، ދިވެހިރާއްޖޭގައި ހުންނަ އޮފީހަކަށް ނުވަތަ ބްރާންޗަކަށެވެ. 

 

"ސޭފް ޑިޕޮސިޓް ބޮކްސް" ކަމަށް ބުނެފައި އެވަނީ، ކަސްޓަމަރުންނަށް އެފަރާތްތަކުގެ ތަކެތި ރައްކާތެރިކޮށް ބަހައްޓައިދިނުމަށް ބޭންކުގައި ހުންނަ ތަޅުލެވޭ އެއްޗަކަށެވެ. 

 

"ސޭފް ޑިޕޮސިޓް ބޮކްސްގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ކަސްޓަމަރުންނަށް އެފަރާތްތަކުގެ ތަކެތި ރައްކާތެރިކޮށް ބޭންކުގައި، ތަޅުލެވޭ އެއްޗެއްގައި ބަހައްޓައިދިނުމަށެވެ. 

 

"ޑެޓް ސެކިއުރިޓީ" ކަމަށް ބުނެފައި އެވަނީ؛

(ހ) ދަރަނި ނެގުމަށް ބޭނުންކުރެވޭ ނެގޯށިއަބަލް އިންސްޓްރޫމެންޓް، އެ ލިޔުމަކުން ލިއްބައިދޭ ހައްގު އެކަކު ކިބައިން އަނެކަކު ކިބަޔަށް ފަސޭހަކަމާއެކު ބަދަލުކުރެވިދާނެ ދަރަނި ނެގުމަށް ބޭނުންކުރެވޭ ލިޔުން؛

(ށ) ދަރަނި ނެގުމަށް ބޭނުންކުރެވިދާނެ މިނޫންވެސް އެހެނިހެން ލިޔުން؛ އަދި

(ނ) އެކަކު ކިބައިން އަނެކަކު ކިބަޔަށް ބަދަލުކުރެވިދާނެ އެހެން ޑެޓް ސެކިއުރިޓީއެއް، ސަބްސްކްރައިބްކޮށްގެން ނުވަތަ ބަދަލުކޮށްގެން، ހޯދުމުގެ ބާރު ލިއްބައިދޭ، ނެގޯށިއަބަލް އިންސްޓްރޫމެންޓަކަށެވެ. މިފަދަ ނެގޯށިއަބަލް ޑެޓް ސެކިއުރިޓީގެ ތެރޭގައި ސެޓްފިކެޓެއްގެ ސިފައިގައި ހުންނަ ސެކިއުރިޓީއާއި ސެޓްފިކެޓަކާ ނުލައި ބުކް އެންޓްރީ އެއްގޮތުގައި ނޯޓްކޮށްފައި ހުންނަ ސެކިއުރިޓީވެސް ހިމެނިދާނެއެވެ.

 

"ޑިޕޮސިޓް" ކަމަށް ބުނެފައި އެވަނީ އެއްވެސް ފަރާތެއްގެ ކިބައިން، އިންޓްރެސްޓެއް ނުވަތަ ޕްރީމިއަމްއަކާއެކު ނުވަތަ އިންޓްރެސްޓެއް ނުވަތަ ޕްރީމިއަމްއަކާ ނުލައި، އެފަރާތެއްގެ އަމުރަކަށް ނުވަތަ ކަނޑައެޅިފައިވާ އިރެއްގައި ނުވަތަ އެފަރާތާއި ފައިސާ ބަލައިގަންނަ ފަރާތާދެމެދު އެއްބަސްވެފައިވާ ހާލަތެއްގައި، މިދެފަރާތް އެއްބަސްވެފައިވާ އުސޫލުތަކެއްގެ މަތިން ފައިސާ ބެހެއްޓި ފަރާތަށް އަނބުރާ ދޭގޮތަށް ނުވަތަ އެހެން ފަރާތަކަށް ބަދަލުކުރާގޮތަށް ބަލައިގަންނަ ފައިސާއެކެވެ. 

 

"ޑިރެކްޓަރު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ބޭންކިންގ ވިޔަފާރި ނުވަތަ ބޭންކިންގ ހަރަކާތްތައް ހިންގުމުގެ ހުއްދަދީފައިވާ ބޭންކެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކަށެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގާނޫނު

ބޭންކިންގއާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-24)

 

މި ގާނޫގެ ދަށުން ހެދިފައިވާ ގަވާއިދު

  1. REGULATION ON RECORD RETENTION (ގަވާއިދު ނަންބަރު 52/2018)
  2. ރެގިއުލޭށަން އޮން ފިޓް އެންޑް ޕްރޮޕަރ ރިކުއަރމަންޓްސް (ގަވާއިދު ނަންބަރު 178/2015)
  3. ރެގިއުލޭށަން އޮން ޓްރާންސެކްށަން ވިތް ރިލޭޓެޑް ޕާރސަންސް (ގަވާއިދު ނަންބަރު 173/2015)
  4. ރެގިއުލޭށަން އޮން ޕަބްލިކޭށަން އެންޑް ޑިސްކްލޯށަރ (ގަވާއިދު ނަންބަރު 172/2015)
  5. ރެގިއުލޭށަން އޮން ފުލް އޮޑިޓް (ގަވާއިދު ނަންބަރު 171/2015)
  6. ރެގިއުލޭށަން އޮން ކޯރޕަރޭޓް ގަވަރނަންސް (ގަވާއިދު ނަންބަރު 170/2015)
  7. ރެގިއުލޭށަން އޮން އެސެޓް ކްލެސިފިކޭށަން، ޕްރޮވިށަނިންގ އެންޑް ސަސްޕެންށަން އޮފް އިންޓަރނެޓް (ގަވާއިދު ނަންބަރު 168/2015)
  8. ރެގިއުލޭށަން އޮން ފޮރިންގ ކަރަންސީ އެކްސްޕޯށަރ ލިމިޓްސް (ގަވާއިދު ނަންބަރު 167/2015)
  9. ރެގިއުލޭށަން އޮން ކެޕިޓަލް އެޑިކުއެސީ (ގަވާއިދު ނަންބަރ 166/2015)
  10. ރެގިއުލޭށަން އޮން ލިމިޓްސް އޮފް އިންޓަރ ބޭންކް އެކްސްޕޯށަރސް (ގަވާއިދު ނަންބަރު 165/2015)
  11. ޑިޕޮޒިޓް އިންށޯރެންސް ސްކީމްގެ ގަވާއިދު (ގަވާއިދު ނަންބަރު 163/2015)
  12. ޕްރޫޑެންށަލް ރެގިއުލޭށަން - ރެގިއުލޭށަން އޮން ސިިންގަލް ބޮރޯވަރ އެންޑް ލާރގެ އެކްސްޕޯށަރ ލިމިޓްސް (ގަވާއިދު ނަންބަރު 150/2015)
  13. ރެގިއުލޭށަން އޮން ލިމިޓްސް އޮން ލޯންސް ޓު ރިލޭޓެޑް ޕާރސަންސް - ޕްރޫޑެންށަލް ރެގިއުލޭށަން (ގަވާއިދު ނަންބަރު 151/2015)
  14. އިސްލާމިކް ބޭންކިންގއާބެހޭ ގަވާއިދު 2011 (ގަވާއިދު ނަންބަރު 12/2011)
  15. ޕޭމަންޓް ސިސްޓަމާބެހޭ ގަވާއިދު 2011 (ގަވާއިދު ނަންބަރު 14/2011)
  16. ކްރެޑިޓް އިންފޮމޭށަނާބެހޭ ގަވާއިދު 2011 (ގަވާއިދު ނަންބަރު 29/2011)
  17. މާލީ މުއާމަލާތްތައް ރިޕޯޓްކުރުމުގެ ގަވާއިދު 2011 (ގަވާއިދު ނަންބަރު 33/2011)

ރިފަރެންސް

22 ނޮވެމްބަރ 2010 ވި ހޯމަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާއިން ފާސްކުޅަ "ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ބިލު" ބަލައި، ތަޞްދީޤުކޮށްފައިވަނީ 12 ޑިސެމްބަރ 2010 (6 މުޙައްރަމް 1432) ގައެވެ.

ކިޔުންތެރިންގެ ހިޔާލު