-

މި ގާނޫންވަނީ ގާނޫނު ނަންބަރު 71/1970 އުވާލެވިފައި

ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނު

(ގާނޫނު ނަންބަރު 2016-29)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްގެ ގޮތުގައި އެއަރޕޯޓް ސަރވިސް ޗާޖް އަދި ފީގެ ގޮތުގައި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުމާގުޅޭ އެންމެހައި ކަންކަން ބަޔާންކުރާ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - އެއަރޕޯޓް ސަރވިސް ޗާޖް ނެގުން

(ހ) ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ އަންނަނިވި ފަސިންޖަރުންގެ އަތުން، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެއަރޕޯޓް ސަރވިސް ޗާޖްގެ ނަމުގައި ޓެކުހެއް ނެގޭނެއެވެ.

  1. ކޮންމެ ބިދޭސީ ފަސިންޖަރެއްގެ އަތުން، 25 (ފަންސަވީސް) އެމެރިކާ ޑޮލަރު؛
  2. ކޮންމެ ދިވެހި ފަސިންޖަރެއްގެ އަތުން، 12 (ބާރަ) އެމެރިކާ ޑޮލަރު.

(ށ) ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، ޢުމުރުން 2 (ދޭއް) އަހަރު ފުރިހަމަނުވާ ކުޑަކުދިން، އެއަރޕޯޓް ސަރވިސް ޗާޖް ނެގުމުން އިސްތިސްނާވާނެއެވެ.

 

3 ވަނަ މާއްދާ - އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ

(ހ) ޓްރާންސިޓް ފަސިންޖަރުން ހިމެނޭ ގޮތުން، އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުން ދިވެހިރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން، މި ގާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއަރޕޯޓް ސަރވިސް ޗާޖްގެ އިތުރުން، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ނަމުގައި ފީއެއް ނެގޭނެއެވެ.

  1. ކޮންމެ ބިދޭސީ ފަސިންޖަރެއްގެ އަތުން، 25 (ފަންސަވީސް) އެމެރިކާ ޑޮލަރު؛
  2. ކޮންމެ ދިވެހި ފަސިންޖަރެއްގެ އަތުން، 12 (ބާރަ) އެމެރިކާ ޑޮލަރު.

(ށ) ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތައް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުމުން އިސްތިސްނާވާނެއެވެ.

(ނ) މި މާއްދާގެ (ހ) އަށް ޢަމަލުކުރަން ފަށާނީ، މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން 4 (ހަތަރެއް) މަސްދުވަސް ހަމަވާ ތާރީހު ހިމެނޭ މަހާ ވިދިގެން ފެށޭ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

 

4 ވަނަ މާއްދާ - އެއަރޕޯޓް ސަރވިސް ޗާޖް އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުމުގެ ޒިންމާ

(ހ) ދިވެހިރާއްޖެއަށް ޝެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ އެއަރލައިނެއްގައި ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން މީރާއިން ކަނޑައަޅާ އުސޫލެއްގެ ދަށުން އެއަރޕޯޓް ސަރވިސް ޗާޖް ނެގުމާއި، މި ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ބަޔާން ހުށަހެޅުމާއި، މި ގާނޫނުގެ 6 ވަނަ މާއްދާއާ އެއްގޮތަށް ދައުލަތަށް ހަމައަށް ފައިސާ ދެއްކުމަކީ އެ އެއަރލައިންގެ ޒިންމާއެކެވެ.

(ށ) ދިވެހިރާއްޖެއަށް ޝެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ އެއަރލައިނެއްގައި އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުން ދިވެހިރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން މީރާއިން ކަނޑައަޅާ އުސޫލެއްގެ ފަހުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުމާއި، މި ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ބަޔާން ހުށަހެޅުމާއި، މި ގާނޫނުގެ 6 ވަނަ މާއްދާއާ އެއްގޮތަށް ދައުލަތަށް ހަމައަށް ފައިސާ ދެއްކުމަކީ އެ އެއަރލައިންގެ ޒިންމާއެކެވެ.

(ނ) ދިވެހިރާއްޖެއަށް ޝެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ އެއަރލައިނެއްގެ މަތިންދާބޯޓަކުން ނޫން ގޮތަކަށް ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން މީރާއިން ކަނޑައަޅާ އުސޫލެއްގެ ދަށުން އެއަރޕޯޓް ސަރވިސް ޗާޖް ނެގުމާއި، މި ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ބަޔާން ހުށަހެޅުމާއި، މި ގާނޫނުގެ 6 ވަނަ މާއްދާއާ އެއްގޮތަށް ދައުލަތަށް ހަމައަށް ފައިސާ ދެއްކުމަކީ އެ ބޯޓު ފުރި އެއަރޕޯޓް ހިންގާ ފަރާތުގެ ޒިންމާއެކެވެ.

(ރ) ދިވެހިރާއްޖެއަށް ޝެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ އެއަރލައިނެއްގެ މަތިންދާބޯޓަކުން ނޫން ގޮތަކަށް އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން މީރާއިން ކަނޑައަޅާ އުސޫލެއްގެ ދަށުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުމާއި، މި ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ބަޔާން ހުށަހެޅުމާއި، މި ގާނޫނުގެ 6 ވަނަ މާއްދާއާ އެއްގޮތަށް ދައުލަތަށް ހަމައަށް ފައިސާ ދެއްކުމަކީ އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ ފަރާތުގެ ޒިންމާއެކެވެ.

 

5 ވަނަ މާއްދާ - ބަޔާން ހުށަހެޅުން

(ހ) ކޮންމެ މީލާދީ މަހަކު، ދިވެހިރާއްޖޭގެ އެއަރޕޯޓަކުން އެ މަހެއްގެ ތެރޭގައި ދިވެހިރާއްޖޭން ބޭރަށް ފުރި ފަސިންޖަރުންނާބެހޭ މަޢުލޫމާތާއި އެ ފަރާތްތަކުގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖް އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ނަގަންޖެހޭ ޢަދަދު އަންގައިދޭ ބަޔާނެއް، މީރާއިން ކަނޑައަޅާ ނަމޫނާއަކާ އެއްގޮތަށް ތައްޔާރުކުރުމަށްފަހު، ޖެހިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް ހުށަހަޅަންވާނެއެވެ.

(ށ) އެއަރޕޯޓް ސަރވިސް ޗާޖް ނުވަތަ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަންޖެހޭ ފަރާތެއް އެ މަހެއްގައި ދިވެހިރާއްޖޭން ބޭރަށް ނުފުރިކަމުގައިވިޔަސް، މި މާއްދާގެ (ހ) ގައި ބުނެފައިވާ ބަޔާން، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މީރާއަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ހުށަހަޅަންޖެހޭ ބަޔާން ކަނޑައެޅިފައިވާ ތާރީހަށް މީރާއަށް ހުށަނާޅައިފިނަމަ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ފަރާތް ޖޫރިމަނާވާނެއެވެ.

 

6 ވަނަ މާއްދާ - އެއަރޕޯޓް ސަރވިސް ޗާޖް އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ދެއްކުން

(ހ) މި ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާ އެއްގޮތަށް ތައްޔާރުކުރާ ބަޔާނުގައިވާ އެއަރޕޯޓް ސަރވިސް ޗާޖް އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައްކަންޖެހޭ ޢަދަދު، އެ މަހެއްގެ ބަޔާން ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިން މީރާއަށް ދައްކަންވާނެއެވެ.

(ށ) އެއަރޕޯޓް ސަރވިސް ޗާޖް އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ މީރާއަށް ދައްކަންވާނީ އެމެރިކާ ޑޮލަރުންނެވެ.

(ނ) މި މާއްދާގެ ދަށުން ދައްކަންޖެހޭ އެއަރޕޯޓް ސަރވިސް ޗާޖް އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ކަނޑައެޅިފައިވާ ތާރީހަށް މީރާއަށް ނުދައްކައިފިނަމަ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ފަރާތް ޖޫރިމަނާވާނެއެވެ.

 

7 ވަނަ މާއްދާ - މީރާއަށް މަޢުލޫމާތު ފޯރުކޮށްދިނުން

މި ގާނޫނު ތަންފީޒުކުރުމުގެ ބޭނުމަށް މީރާއިން ބޭނުންވާ ދިވެހިރާއްޖޭން ބޭރަށް ފުރާ ފްލައިޓްތަކާއި ފަސިންޖަރުންނާބެހޭ މަޢުލޫމާތު، މީރާއިން އެދިއްޖެ ހާލަތެއްގައި، މޯލްޑިވްސް އިމިގްރޭޝަނުން ފޯރުކޮށްދޭންވާނެއެވެ.

 

8 ވަނަ މާއްދާ - އަނބުރާ ނުލިބޭނެ ދަރަނި

އެއަރޕޯޓް ސަރވިސް ޗާޖް ނުވަތަ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި އެއަރލައިނަށް ނުވަތަ އެއަރޕޯޓް ހިންގާ ފަރާތަށް ތިންވަނަ ފަރާތަކުން ލިބެންޖެހި ނުލިބިވާ ފައިސާ، އަނބުރާ ނުލިބޭނެ ދަރަނީގެ ގޮތުގައި އުނިކުރެވޭނީ ކޮމިޝަނަރ ޖެނެރަލް ކަނޑައަޅާ އުސޫލަކުންނެވެ.

 

9 ވަނަ މާއްދާ - ރެކޯޑު ބެލެހެއްޓުން

(ހ) އެއަރޕޯޓް ސަރވިސް ޗާޖް އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ދައްކަންޖެހޭ އެއްވެސް ފަރާތަކުން ދައްކަންޖެހޭ ފައިސާގެ ޢަދަދަކީ ސައްހަ ޢަދަދެއްކަން ޔަގީންކޮށްދިނުމުގެ ބޭނުމަށް އަންނަނިވި ރެކޯޑުތައް ބަލަހައްޓަންވާނެއެވެ.

  1. އެކި ފަރާތްތަކުން އެއަރޕޯޓް ސަރވިސް ޗާޖް އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި އެ ފަރާތްތަކަށް ފޮނުވާ އިންވޮއިސްތަކާއި، ފައިސާ ލިބުމުން ތައްޔާރުކުރާ ރަސީދުތަކާއި، ފައިސާ ހޯދުމަށްޓަކައި އެ ފަރާތްތަކާ ދެމެދު ލިޔުމުން ކުރެވޭ މިނޫންވެސް މުއާމަލާތުތައް؛ އަދި
  2. އެ އެއަރލައިނުން އޮޕަރޭޓްކުރާ، ނުވަތަ އެ އެއަރޕޯޓުން ފުރާ ފްލައިޓްތަކުގެ މެނިފެސްޓް، އަދި
  3. ކޮމިޝަނަރ ޖެނެރަލް ކަނޑައަޅާ މިނޫންވެސް މަޢުލޫމާތު.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރެކޯޑުތައް 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓަންވާނެއެވެ. މިފަދަ ލިޔެކިޔުންތައް ހުންނަންވާނީ ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުންނެވެ. އަދި އެ ލިޔެކިޔުންތަކުގައި ހިމެނޭ ޢަދަދުތައް ހުންނަންވާނީ ދިވެހި ރުފިޔާ ނުވަތަ އެމެރިކާ ޑޮލަރު ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ގަބޫލުކުރާ ބޭރު ފައިސާގެ ތެރެއިން ކޮމިޝަނަރ ޖެނެރަލް ކަނޑައަޅާ ފައިސާއަކުންނެވެ.

 

10 ވަނަ މާއްދާ - ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގައިވާ ގޮތުގެމަތިން ޢަމަލުކުރުން

(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގައި ބަޔާންކޮށްފައިވާ އުސޫލުތައް މި ގާނޫނަށް ހިނގާނެއެވެ. އަދި މި ގާނޫނުގައި ކަނޑައެޅިގެން ވަކި ގޮތަކަށް ޢަމަލުކުރުމަށް ބަޔާންކޮށްފައިނުވާ ހާލަތްތަކުގައި ޢަމަލުކުރާނީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގައިވާ ގޮތުގެމަތިންނެވެ.

(ށ) މި ގާނޫނު ކިޔާނީ ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އާ އެކުގައެވެ. އަދި މި ގާނޫނުގައި މާނަކޮށްފައިނުވާ ކޮންމެ ލަފްޒެއް ނުވަތަ ޢިބާރާތެއް ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާހާ ހިނދަކު މާނަކުރާނީ އެ ގާނޫނުގައި އެ ލަފްޒެއް ނުވަތަ ޢިބާރާތެއް މާނަކޮށްފައިވާ ގޮތަށެވެ.  

 

11 ވަނަ މާއްދާ - މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރިހާ ހަމައަށް ނުދައްކާ ހުރި އެއަރޕޯޓް ސަރވިސް ޗާޖް

(ހ) މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީހާ ހަމައަށް، ގާނޫނު ނަންބަރު 78/1971 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނެގުމާބެހޭ ގާނޫނު) ގެ ދަށުން ދައްކަންޖެހި ނުދައްކާ ހުރި އެއަރޕޯޓް ސަރވިސް ޗާޖް، މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ހަލާސްކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފައިސާގެ ތަފްސީލު، މީރާއިން ކަނޑައަޅާނަމޫނާއަކާ އެއްގޮތަށް ތައްޔާރުކުރުމަށްފަހު، މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މީރާއަށް ހުށަހަޅަންވާނެއެވެ.

 

12 ވަނަ މާއްދާ - މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރިހުގެ ކުރިން ވެފައިވާ އެއްބަސްވުން

މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީހުގެ ކުރިން ވެފައިވާ އެއްބަސްވުމެއްގައި، އެއަރޕޯޓް ސަރވިސް ޗާޖަށް ރިއާޔަތްކޮށްފައިވާ މާއްދާތައް ނުވަތަ މާއްދާއެއްގެ ބައެއް ނަމަވެސް، މި ގާނޫނާ ތައާރުޒުވާ މިންވަރަކަށް، މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން ބާޠިލުވާނެއެވެ.

 

13 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނުގެ ދަށުން އެއަރލައިންތަކާއި އެއަރޕޯޓް ހިންގާ ފަރާތްތައް ރަޖިސްޓަރީކުރުމުގެ އުސޫލުތަކާއި މި ގާނޫނު ތަންފީޒުކުރުމަށްޓަކައި ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި، މި ގާނޫނު ތަންފީޒުކޮށް، މި ގާނޫނުގައިވާ އެންމެހައި ކަންކަން ހިންގައި ބަލަހައްޓާނީ މީރާއިންނެވެ. މިގޮތުން މީރާއިން ހަދާ ގަވާއިދުގައި، މި ގާނޫނާ ގުޅިގެން އެއަރޕޯޓް ސަރވިސް ޗާޖް ނެގުމުގެ އުސޫލުތަކަށް އައި ބަދަލުތަކަށް ޢަމަލުކުރުމުގައި ގެންގުޅޭނެ އިންތިގާލީ އުސޫލުތައް ކަނޑައަޅަންވާނެއެވެ.

(ށ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުންދިވެހިސަރުކާރުގެ ގެޒެޓް ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި، އާންމުކޮށް ޝާއިޢުކުރަންވާނެއެވެ.

 

14 ވަނަ މާއްދާ - އުވާލެވޭ ގާނޫނު

މި ގާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 78/1971 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނެގުމާބެހޭ ގާނޫނު)އުވުނީއެވެ.

 

15 ވަނަ މާއްދާ -  ގާނޫނަށް ޢަމަލުކުރަން

މި ގާނޫނަށް ޢަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގްކޮށް، ދިވެހިސަރުކާރުގެގެޒެޓުގައި ޝާއިޢުކުރާ ތާރީހުން ފެށިގެންނެވެ.

 

16 ވަނަ މާއްދާ - މާނަކުރުން

މި ގާނޫނުގައި ޢިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެންމާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި ޢިބާރާތްތަކާއި ލަފްޒުތަކަށް ދީފައި އެވަނީ، އެ ޢިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ޓްރާންސިޓް ފަސިންޖަރުން" ކަމަށް ބުނެފައި އެވަނީ، އެއް ގައުމަކުން ފުރައިގެންއަނެއް ގައުމަކަށްދާ މަގުމަތީގައި، ފްލައިޓް ބަދަލުކުރުންފަދަ ބޭނުމަކަށް 24 (ސައުވީސް) ގަޑިއިރަށްވުރެ ދިގުނޫން މުއްދަތަކަށް ދިވެހިރާއްޖޭގައި މަޑުކުރާފަސިންޖަރުންނަށެވެ.

(ށ) "ކޮމިޝަނަރ ޖެނެރަލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން ޢައްޔަންކޮށްފައިވާ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަށެވެ.

(ނ) "މީރާ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ.

(ރ) "އެއަރޕޯޓް ހިންގާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2/2001 (ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ގާނޫނު) ގެ ދަށުން ބައިނަލްއަގްވާމީ އެއަރޮޑްރޯމްއެއް ހިންގުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2017-11)

 

އުވާލެވުނު ގާނޫނު

އެއަރޕޯޓަކުން ރާއްޖޭންބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނެގުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1978-71)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު