ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 32/2015)

0 occurrences found.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު

(ގާނޫނު ނަންބަރު 32/2015)

  

ފުރަތަމަ ބާބު

އާންމު މާއްދާތައް

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ ޓެރަރިޒަމްގެ އަމަލުތައް ނުވަތަ ޓެރަރިޒަމަށް މަގުފަހިވާނެހެން ކުރާ އަމަލުތައް ނުވަތަ ޓެރަރިޒަމް އާ ގުޅުންހުރި އަމަލުތައް ކުރުން މަނާކުރުމާއި، ކުށްވެރިކުރުމާއި، އެކުށްތަކުގެ އަދަބު ކަނޑައެޅުމާއި އަދި އެފަދަ އަމަލުތައް ހުއްޓުވުމުގެ ގޮތުން ތުހުމަތުކުރެވޭ ފަރާތްތައް މޮނިޓަރކޮށް ކޮންޓްރޯލްކުރުމާބެހޭ ހާއްސަ އިޖުރާއަތު ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މިގާނޫނުގެ މަގްސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ޓެރަރިޒަމްގެ ކުށްތަކާއި ކުށްތަކުގެ އަދަބުތައް ކަނޑައެޅުން؛

(ށ) ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ކުށުގެ ތަހުގީގު ކުރިއަށް ގެންދިއުމަށް މަގުފަހި ކުރުމާއި، އެފަދަ ތަހުގީގުތައް، ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ހާއްސަ އުސޫލުތައް ކަނޑައެޅުން؛

(ނ) ޓެރަރިޒަމްގެ ކުށްކުރާކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ ހަރަކާތްތަކުން އާންމު ރައްޔިިތުން ރައްކާތެރި ކުރުމަށްޓަކައި، އެފަދަ ފަރާތްތައް ހައްޔަރު ކޮށްފައި ބަހައްޓައިގެން ތަހުގީގު ކުރެވޭވަރަށް ހެކި ނެތް ހާލަތްތަކުގައި ނުވަތަ އެފަދަ ފަރާތްތަކުގެ ތަހުގީގު ނިމުމަށްފަހު ޝަރީއަތުން ގޮތެއް ނިމުމާ ދެމެދު، ހައްޔަރު ކޮށްފައި ބަހައްޓަންޖެހޭކަމަށް ކޯޓަށް ނުފެންނަ ހާލަތްތަކުގައި އެފަދަ ފަރާތްތައް ދޫކޮށްފައި ބައިތިއްބައިގެން މޮނިޓަރކޮށް ކޮންޓްރޯލްކުރަމުން ގެންދާނެ ހާއްސަ އުސޫލުތައް ކަނޑައެޅުން.

 

3 ވަނަ މާއްދާ – މިގާނޫނަށް އިސްކަންދިނުން

އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، މިގާނޫނުގައި ބަޔާންކުރާ ކުށެއްގެ މައްޗަށް ކުށާއި އަދަބު ކަނޑައެޅުމުގައި މިގާނޫނަށް އިސްކަން ދޭންވާނެއެވެ.

 

ދެވަނަ ބާބު

ކުށް ކަނޑައެޅުން

4 ވަނަ މާއްދާ – ޓެރަރިޒަމް މާނަކުރުން

(ހ) މިގާނޫނުގައި ޓެރަރިޒަމް ކަމަށް ބުނެފައި އެވަނީ، އަންނަނިވި މަގްސަދ ތަކުގެ ތެރެއިން މަގްސަދެއް ހާސިލުކުރުމުގެ ގޮތުން މިގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރުމަށެވެ.

 1. ދައުލަތައް ނުވަތަ ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވުމަށް؛
 2. އާންމުންނަށް ބިރުދެއްކުމަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް؛
 3. ގާނޫނާ އިލާފަށް ސިޔާސީ، ދީނީ ނުވަތަ ވަކި ފިކުރެއް ކުރިއެރުވުން؛

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަގްސަދެއް ނެތް ނަމަވެސް، ނުރައްކާތެރި ހަތިޔާރު ނުވަތަ ވަޒަން ނުވަތަ ގޮވާތަކެތި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް ބޭނުންކޮށްގެން މިގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަމަލެއް ހިންގުމަކީ މިގާނޫނުގެ މަގްސަދަށްޓަކައި ޓެރަރިޒަމްގެ މާނައިގައި ހިމެނޭނެ ކަމެކެވެ.

 

5 ވަނަ މާއްދާ – ޓެރަރިޒަމްގެ އަމަލު

(ހ) މިގާނޫނުގައި "ޓެރަރިޒަމްގެ އަމަލު" ކަމަށް ބުނެފައި އެވަނީ، މިގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަގްސަދު ތަކުގެ ތެރެއިން މަގްސަދެއް ހާސިލު ކުރުމުގެ ގޮތުން އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ކުރުމަށެވެ.

 1. މީހަކަށް އަނިޔާވެރި ވުމުގެ ގޮތުން އޭނާގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ ހިއްސަކަށް ގެއްލުން ދިނުން؛
 2. ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި މީހަކު ހިފެހެއްޓުން؛
 3. މުދަލަށް ބޮޑެތި ގެއްލުން ދިނުން؛
 4. ކުށް ކުރާ މީހާ ފިޔަވައި، އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތި ކުރުވުން؛
 5. ފުރާދުއްވާ އެއްޗެހި ހައިޖެކް ކުރުން؛
 6. އާންމުންނަށް ނުވަތަ އާންމުންގެ ބަޔަކަށް ސިއްހީގޮތުން ބޮޑު ނުރައްކަލެއްވާފަދަ ހާލަތެއް ކުރިމަތި ކުރުވުން؛
 7. އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަދަ ހާލަތެއް ކުރިމަތިކުރުވުން؛
 8. މުހިންމު އުމްރާނީ ވަސީލަތްތަކަށް ގެއްލުން ދިނުން ނުވަތަ އާންމު ހިދުމަތްތައް މެދުކަނޑުވާލުން.

(ށ) މިމާއްދާގައި "މުހިންމު އުމްރާނީ ވަސީލަތްތައް" ކަމަށް ބުނެފައި އެވަނީ، އެއްވެސް އެސެޓެއް، ސިސްޓަމެއް ނުވަތަ ނެޓްވަރކެއް، އެއަށް ގެއްލުން ދިނުމުގެ ސަބަބުން ނުވަތަ ހަލާކުކޮށްލުމުގެ ސަބަބުން ދިވެހިރާއްޖޭގެ ގައުމީ ސަލާމަތައް ނުވަތަ އިގްތިސާދީ ސަލާމަތްތެރިކަމަށް ނުވަތަ އާންމުންގެ ސިއްހަތާއި ސަލާމަތަަށް އެއްވެސް ނޭދެވޭ އަސަރެއް ކުރުވާފަދަ މުހިންމު އަސާސީ ވަސީލަތްތަކަށާއި، މާއްދީ ވަސީލަތްތަކަށާއި، އިންފްރާސްޓްރަކްޗަރުގެ ވަސީލަތްތަކަށާއި ފަސޭހަތަކަށެވެ.

(ނ) މިމާއްދާގައި "އާންމު ހިދުމަތްތައް" ކަމަށް ބުނެފައި އެވަނީ، ކަރަންޓު ފެން އަދި ނަރުދަމާގެ ހިދުމަތްތަކަށާއި، މުއާސަލާތީ ހިދުމަތްތަކަށާއި އަދި ދަތުރުފަތުރުގެ ހިދުމަތްތަކަށެވެ.

 

6 ވަނަ މާއްދާ – ޓެރަރިޒަމްގެ ކުށް

(ހ) މިގާނޫނުގައި "ޓެރަރިޒަމްގެ އަމަލެއް" ކަމަށް ބަޔާންކޮށްފައިވާ ކަމެއް ކުރުމަކީ ނުވަތަ ކަމެއް ކުރަން އުޅުމަކީ ނުވަތަ އެފަދަ ކަމެއް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގަިއ ބައިވެރިވުމަކީ ކުށެކެވެ.

(ށ) މިމާއްދާގައި ބަޔާންކުރާ ކަމެއް ކުރުމުގެ އަދަބަކީ 20 (ވިހި) އަހަރާއި 25 (ފަންސަވީސް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

(ނ) މިމާއްދާގައި ބަޔާންކުރާ ކަމެއް ކުރަން އުޅުމުގެ ނުވަތަ އެފަދަ ކަމެއް ކުރުމުގައި އެހީތެރިވެދިނުމުގެ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމުގެ އަދަބަކީ 17 (ސަތާރަ) އަހަރާއި 20 (ވިހި) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

7 ވަނަ މާއްދާ – ރޭވުން

(ހ) ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމަކީ ކުށެކެވެ.

 

8 ވަނަ މާއްދާ – ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުން

(ހ) ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުންވިޔަސް، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމަކީ ކުށެކެވެ.

(ށ) މިމާއްދާގައި "ހިތްވަރު ދިނުން" ކަމަށް ބުނެފައި އެވަނީ، މީހަކު ބުނާ ބުނުމަކުން ނުވަތަ ދޭ ބަޔާނަކުން، އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ނުވަތަ ރޭވުމަށް ނުވަތަ މަގުފަހިކުރުމަށް ހިތްވަރުދޭ ކަމެއްކަމަށް އާންމުންނަށް ނުވަތަ އާންމުންގެ ބަޔަކަށް ފެންނަ ފެނުމަށެވެ.

(ނ) މިމާއްދާގެ (ށ) ގައިވާ ކަންތައްތަކަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުން ކަމަށް އާންމުންނަށް ނުވަތަ އާންމުންގެ ބަޔަކަށް ފެނިދާނެކަން ކަނޑައެޅުމުގައި އަންނަނިވި ކަންތައްތަކަށް ކޯޓުން ރިއާޔަތްކުރަންވާނެއެވެ.

 1. މީހަކު ބުނާ ބުނުމެއް ނުވަތަ ދިން ބަޔާނެއްގައި ހިމެނޭ ކަންކަން؛
 2. އެފަދަ އެއްޗެއް ބުނި ނުވަތަ އެފަދަ ބަޔާނެއް ދިން މަހައްލާއި ހާލަތް؛ އަދި
 3. އެފަދަ ބުނުމެއް ނުވަތަ ބަޔާނެއް މުއާމަލާތްކުރުމަށް ބޭޏުންކުރި ގޮތް.
 4. މިމާއްދާގައި ބުނާ ކުށް ކޮށްފި މީހެއްގެ އަދަބަކީ 10 (ދިހައެއް) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

9 ވަނަ މާއްދާ – ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުންތައް ފެތުރުމާއި ށާއިއުކުރުން

(ހ) އަންނަނިވި މަގްސަދުތަކުގެ ތެރެއިން މަގްސަދެއް ހާސިލުކުރުމަށްޓަކައި، ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުންތައް ފެތުރުމާއި ޝާއިއުކުރުމަކީ ކުށެކެވެ.

 1. ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުންވިޔަސް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ނުވަތަ ރޭވުމަށް ނުވަތަ މަގުފަހި ކުރުމަށް ހިތްވަރު ދިނުމަށް؛
 2. ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ނުވަތަ ރޭވުމުގައި އެހީތެރިވެދިނުމަށް.

(ށ) މިމާއްދާގައި "ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުންތައް ފެތުރުމާއި ޝާއިއުކުރުން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ކުރުމަށެވެ.

 1. ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުންތައް ބެހުމާއި ސާކިއުލޭޓް ކުރުން؛
 2. ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުން ވިއްކުމާއި ދިނުން؛
 3. ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިުއން އާންމު ގޮތެއްގައި މީހުންނަށް ކިޔޭނެ ނުވަތަ އަޑުއެހޭނެ ނުވަތަ ފެންނަށް ހުންނާނެ ގޮތައް އެތަކެތި ލިބޭނެ ގޮތައް ހިދުމަތެއް ފޯރުކޮށްދިނުން؛
 4. ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިުއން އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ފޯރުކޮށްދިނުން ނުވަތަ ލިބޭނެގޮތް ހެދުން.

(ނ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަގްސަދެއް ގާއިމުވޭތޯ ކަނޑައެޅުމުގައި، ކޯޓުން އަންނަނިވި ކަންތައްތަކަށް ރިއާޔަތްކުރަންވާނެއެވެ.

 1. އާންމުންނަށް ނުވަތަ އާންމުންގެ ބަޔަކަށް، އެލިޔެކިއުމެއް ލިބުމުގެ ސަބަބުން އެއީ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ނުވަތަ ރޭވުމަށް މަގުފަހިކުރުމަށް ހިތްވަރުދޭ ކަމެއްގ ގޮތުގައި ފެނުން ނުވަތަ ސިފަކުރެވުން؛ ނުވަތަ
 2. އާންމުންނަށް ނުވަތަ އާންމުންގެ ބަޔަކަށް، އެލިޔެކިއުމެއް ލިބުމުގެ ސަބަބުން އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ނުވަތަ ރޭވުމަށް ބޭނުންތެރި އެއްޗެއްގެ ގޮތުައި ސިފަކުރެވުން ނުވަތަ ފެނުން؛

(ރ) މި މާއްދާގެ ބޭނުމަށް، ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުމެއް އެއީ ޓެރަރިސްޓް ލިޔެކިއުމެއްތޯ ކަނޑައެޅުމުގައި، ކޯޓުން އަންނަނިވި ކަންތައްތަކަށް ރިއާޔަތްކުރަންވާނެއެވެ.

 1. ލިޔެކިއުމެއް ފެތުރި ނުވަތަ ޝާއިއު ކުރި ވަގުތުގައި އެއީ ޓެރަރިސްޓް ޖަމާއަތަކުން ނެރުނު ލިޔެކިއުމެއްކަން؛
 2. އެ ލިޔެކިުއމެއްގައި ބަޔާންކޮށްފައިވާ ކަންތައްތަކާއި އެލިޔެކިއުމެއް ފެތުރި ނުވަތަ ޝާއިއު ކުރި ހާލަތް.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ކުށް ކޮށްފި މީހެއްގެ އދަބަކީ 7 (ހަތެއް) އަހަރާއި 10 (ދިހައެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

10 ވަނަ މާއްދާ – ޓީ.ވީ، ރޭޑިއޯ އަދި އިންޓަރނެޓް މެދުވެރިކޮށް ހިތްވަރު ދިނުމާއި މައުލޫމާތު ފެތުރުން

(ހ) މި ގާނޫނުގެ 8 ވަނަ މާއްދާއާއި 9 ވަނަ މާއްދާގައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ޓެލެވިޒަން ނުވަތަ ރޭޑިއޯ ނުވަތަ އިންޓަރނެޓް މެދުވެރިކޮށް ކުރުމަކީ ކުށެކެވެ.

(ށ) މި މާއްދާގައިވާ ކުށް ކޮށްފި މީހެއްގެ އަދަބަކީ 10 (ދިހައެއް) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

11 ވަނަ މާއްދާ – ތަމްރީނު ކުރުމާއި ތަމްރީނު ލިބިގަތުން

(ހ) އަންނަނިވި ހާލަތްތަކުގައި، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހުނަރެއްގެ ތަމްރީން އެއްވެސް ފަރާތަކަށް ފޯރުކޮށްދިނުމަކީ ކުށެކެވެ.

 1. އެފަދަ ތަމްރީނެއް ފޯރުކޯށްދިނުމުގެ ބޭނުމަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ނުވަތަ ރޭވުމަށް؛
 2. އެފަދަ ތަމްރީނެއް ފޯރުކޮށްދިނުމުގެ ބޭނުމަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ނުވަތަ ރޭވުމުގައި އެހީތެރިވުމަށް.

(ށ) އަންނަނިވި ހާލަތްތަކުގައި، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހުނަރެއްގެ ތަމްރީން ލިބިގަތުމަކީ ކުށެކެވެ.

 1. އެފަދަ ތަމްރީނެއް ލިބިގަތުމުގެ ބޭނުމަކީ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ނުވަތަ ރޭވުމަށް؛
 2. އެފަދަ ތަމްރީނެއް ލިބިގަތުމުގެ ބޭނުމަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ނުވަތަ ރޭވުމުގައި އެހީތެރިވުމަށް.

(ނ) މި މާއްދާގައި "ހުނަރު" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމަކަށެވެ.

 1. ނުރައްކާތެރި ހަތިޔާރު ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް ނުވަތަ އެއާ އެއްފަދަ އެއްޗެއް އުފެއްދުން ނުވަތަ ބޭނުންކުރުން؛
 2. ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ނުވަތަ ރޭވުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުން.

(ރ) މި މާއްދާގެ ބޭނުމަށްޓަކައި ޓެރަރިސްޓުން ތަމްރީނު ކުރާ ތަނަކަށް ނުވަތަ އެނޫންވެސް ތަނަކަށް ހާޒިރުވެ ތަމްރީން ފޯރުކޮށްދިނުން ނުވަތަ ލިބިގަތުން ހިމެނެއެވެ.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 12 (ބާރަ) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

12 ވަނަ މާއްދާ – ނުރައްކާތެރި ހަތިޔާރާއި، ގޮވާތަކެއްޗާއި ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް ވިއްކުމާއި އުފެއްދުމާއި އެއްތަނުން އަނެއްތަނަށް ގެންދިއުމާއި ގެންގުޅުން

(ހ) ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ނުވަތަ ރޭވުމަށް ނުވަތަ މަގުފަހިކުރުމަށް އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ކުރުމަކީ ކުށެކެވެ.

 1. ނުރައްކާތެރި ހަތިޔާރު ނުވަތަ ފަނާކުރަނިވި މާއްދާއެއް ހިމެނޭ އެއްޗެއް އުފެއްދުމާއި، ގެންގުޅުމާއި، ވިއްކުމާއި އެހެން މީހަކަށް ދިނުމާއި، އެހެންތަނަކަށް ގެންދިއުމާއި އެއިން ވިޔަފާރިކުރުން؛
 2. ގޮވާތަކެތި އުފެއްދުމާއި، ގެންގުޅުމާއި، ވިއްކުމާއި އެހެންމީހަކަށް ދިނުމާއި، އެހެންތަނަކަށް ގެންދިއުމާއި އެއިން ވިޔަފާރިކުރުން.

(ށ) މި މާއްދާގެ (ހ) ގައިވާ ކަމެއް ކުރުމަށް އެހީތެރިވެދޭ މީހާ، އެކަންކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ނުވަތަ ރޭވުމަށް ނުވަތަ މަގުފަހިކުރުމަށްކަން އެނގިހުރެ ކޮށްފިނަމަ، އެކުރަނީ ކުށެކެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 12 (ބާރަ) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

13 ވަނަ މާއްދާ – ޓެރަރިޒަމްގެ އަމަލެއް ހިންގާނެކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުން

(ހ) ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުމަކީ ނުވަތަ ޓެރަރިޒަމްގެ އަމަލެއް ހިންގަފާނެ ކަމުގެ ބިރު ދެއްކުމަކީ ކުށެކެވެ.

(ށ) މި މާއްދާގައި "އިންޒާރުދިނުން" ގެ މާނައިގައި މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ޒަރީޔާއެއް މެދުވެރިކޮށް، ލިއުމުން ނުވަތަ އަނގަބަހުން ދެވޭ އިންޒާރު ހިމެނެއެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ކުށް ކޮށްފި މީހެއްގެ އަދަބަކީ 4 (ހަތަރު) އަހަރާއި 6 (ހައެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

14 ވަނަ މާއްދާ – ގޭނގް ހަދައިގެން ޓެރަރިޒަމްގެ ކުށް ކުރުން

(ހ) މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަގްސަދުތަކުގެ ތެރެއިން މަގްސަދެއް ހާސިލުކުރުމަށްޓަކައި ޓެރަރިޒަމްގެ އަމަލެއް، ގޭންގް ނުވަތަ ގްރޫޕް ހަދައިގެން ކުރުމަކީ ކުށެކެވެ.

(ށ) މި މާއްދާގައި "ގޭންގް" ކަމަށް ބުނެފައި އެވަނީ، ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން އެކުވެގެން އުފައްދާ، އެޖަމާއަތެއް ނުވަތަ ގްރޫޕެއްގެ މައިގަނޑު ހަރަކާތެއްގެ ގޮތުގައި ޖިނާއީ ކުށްކުރުން ހިމެނޭ ޖަމާއަތްތަކާއި ގްރޫޕްތަކަށެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ކުށް ކޮށްފި މީހެއްގެ އަދަބަކީ 12 (ބާރަ) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

15 ވަނަ މާއްދާ – ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުން

(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ.

 1. ޓެރަރިސްޓް ޖަމާއަތެއް ހިންގުމުގައި ބައިވެރިވުން؛
 2. ޓެރަރިސްޓް ޖަމާއަތެއްގެ މެމްބަރަކަށްވުން؛
 3. ޓެރަރިސްޓް ޖަމާއަތެއް ހިންގުމުގައި ބައިވެރިވުމަށް މީހަކު އެ ޖަމާއަތާ ގުޅުވުން؛

(4) ޓެރަރިސްޓް ޖަމާއަތެއްގެ ހަރަކާތްތައް އެއްވެސް ގޮތަކުން ކޮންޓްރޯލް ކުރުމާއި، އެ ހަރަކާތް ކުރިއަށް ގެންދަންވިގޮތުގެ އިރުޝާދު ދިނުން؛

(ށ) މި މާއްދާގައި "ޓެރަރިސްޓް ޖަމާއަތް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި މާނައިގައެވެ.

 1. އެ ޖަމާއަތުގައި ހިމެނޭ މެމްބަރުންނަކީ، ގުޅިފައިވާ އާންމު އެއް މަގްސަދަކަށްޓަކައި މަސައްކަތްކުރާ، ޖަމާއަތުގެ މެމްބަރުން ނުވަތަ ޖަމާއަތާ ގުޅިފައިވާ މީހުން މެދުވެރިކޮށް، ކުރިއަށް ގެންދެވޭ ޕްލޭނެއް ނުވަތަ މަގްސަދެއްގެ ބައެއްގެ ގޮތުގައި އަނިޔާވެރިކަން ނުވަތަ ފަނާކުރުން ނުވަތަ އެ ދެކަންތަކުންކުރެ ކަމެއްގެ ބިރުދެއްކުން ހިމެނޭ ދެ އަމަލު ނުވަތަ އެއަށްވުރެ ގިނަ އަމަލު ހިންގާފައިވާ ބަޔަކަށްވުން؛ ނުވަތަ
 2. އެފަދަ ކުށްކުށް ކުރުމަކީ، ނުވަތަ ކުރާނެ ކަމުގެ ބިރު ދެއްކުމަކީ އެ ޖަމާއަތުގެ ބޭނުންކަމުގައި ނުވަތަ މަގްސަދު ކަމުގައި އާންމުކޮށް އިއުލާންކޮށްފައިވާ ނުވަތަ ގަބޫލުކޮށްފައިވާ ބަޔަކަށްވުން؛ ނުވަތަ
 3. މި ގާނޫނުގެ 18 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ދިވެހި ސަރުކާރުން ޓެރަރިސްޓް ޖަމާއަތެއް ކަމުގައި ކަނޑައަޅާފައިވާ ޖަމާއަތަކަށްވުން.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 10 (ދިހައެއް) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

16 ވަނަ މާއްދާ – ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުން

(ހ) އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު، ދިވެހިސަރުކާރުން ހުއްދަދޭ ހާލަތްތަކުގައި މެނުވީ، އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ކުރުމަކީ ކުށެކެވެ.

 1. ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގަިއ ބައިވެރިވުން؛
 2. ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ދިވެހިރާއްޖެ ދޫކޮށް ދިއުން؛
 3. ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ދިވެހިރާއްޖެ ދޫކޮށް ދާން އުޅުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ ހަނގުރާމައެއްގައި ބައިވެރިވުމަށް ގޮސް، އެންބުރި އަންނަ މީހާއާމެދު މިގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މޮނިޓަރކޮށް ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް އެޅިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަދި (2) ވަނަ ނަންބަރުގައިވާ ކުށެއް ކޮށްފ މީހެއްގެ އަދަބަކީ 17 (ސަތާރަ) އަހަރާއި 20 (ވިހި) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

(ރ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައިވާ ކުށް ކޮށްފ މީހެއްގެ އަދަބަކީ 10 (ދިހަ) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

17 ވަނަ މާއްދާ – ރާއްޖެއިން ބޭރު ގައުމެއްގައި ކުރާ ކުށް

(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ޓެރަރިޒަމްގެ ކުށެއް، ކޮންމެ ތަނެއްގައި ކުރިކަމުގައި ވީނަމަވެސް، އެއީ މި ގާނޫނުގެ ދަށުން ކުށަކަށްވާނެ އަމަލެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، މި ގާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް ކުށެއް ކުރުމަކީ އޭގެ ސަބަބުން އެކަންކަމުގެ މައްޗަށް މި ގާނޫނުގެ ދަށުން ދައުވާ އުފުލުމުގެ ބާރު ދައުލަތައް ލިބިގެންވާ ކަމެކެވެ.

 

18 ވަނަ މާއްދާ – ޓެރަރިސްޓް ޖަމާއަތްތައް ކަނޑައެޅުން

(ހ) މި ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ބެލެވޭ ޖަމާއަތްތައް ކަނޑައަޅާނީ ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމުހޫރިއްޔާއެވެ.

(ށ) މި ގާނޫނަށް އަމަލުކުރާ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ރައީސުލްޖުމުހޫރިއްޔާ ކަނޑައަޅާ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ދަށުން ރައީސުލްޖުމުހޫރިއްޔާ ކަނޑައަޅާ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓަށް އުނިއިތުރު ގެނައުމުގެ ބާރު ރައީސުލްޖުމުހޫރިއްޔާ އަށް ލިބިގެންވެއެވެ.

 

19 ވަނަ މާއްދާ – ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމުގެ އެންމެ އިސް ފަރާތް

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، މި ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ޓެެރަރިޒަމްގެ އަމަލުތަކާ ގުޅިގެން އެކަނަކަން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމުގެ އެންމެ އިސް ފަރާތެއް ކަމަށްވާނީ ކައުންޓަރ ޓެރަރިޒަމްގެ މަސައްކަތް ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ކަނޑައަޅާ ފަރާތެކެވެ.

 

ތިންވަނަ ބާބު

ހައްގުތައް ހިފެހެއްޓުން

20 ވަނަ މާއްދާ – ގާނޫނުއަސީސީން ލިބިދޭ ބައެއް ހައްގުތައް ހިފެހެެއްޓިގެންވުން

މި ގާނޫނުގެ 6 ވަނަ މާއްދާއިން ފެށިގެން 17 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ ނުވަތަ ހައްޔަރުކުރެވޭ މީހާއަށް ގާނޫނުއަސާސީން ލިބިދޭ ހައްގުތަކުގެ ތެރެއިން، މި ގާނޫނުގެ 21 ވަނަ މާއްދާއިން ފެށިގެން 24 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކޮށްފައިވާ ހައްގުތައް، އެ މާއްދާތަކުގައި ބަޔާންކޮށްފައިވާ މިންވަރަށް ހިފެހެއްޓިގެންވެއެވެ.

 

21 ވަނަ މާއްދާ – ހަނުހުރުމުން ކުށް ސާބިތުކުރުމަށް ބާރު ލިބިދޭ ހާލަތް

(ހ) ގާނޫނުއަސާސީގެ 48 ވަނަ މާއްދާނެ (ނ) ގެ ދަށުން ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި، އިތުރު އެއްވެސް މައުލޫމާތެއް ނުދީ ހަނުހުރުމުގެ ހައްގު ލިބިދީފައި ވީނަމަވެސް، އަދި ހަނުހުރުމުގެ ހައްގު ބޭނުންކުރުމަކީ، އޭގެ ޒާތުގައި ކުށުގެ ތުހުމަތުގައި ހުރި މީހާ ކުށެއްކުރީ ކަމަށް ބެލެވޭނެ ސަބަބެއް ކަމުގައި ނުވިނަމަވެސް، މައްސަލާގައި ޝަރީއަތަކަށް ހުށަހެޅިފައިވާ ހެކީގެ ބަރުދަނަށް ބަލާއިރު، ކުށެއް ކުރިކަމަށް އެކަށީގެންވާ ވަރަކަށް ގަބޫލުކުރެވޭނަމަ، އޭނާ ހަނު ހުންނަ ހުރުމަކީ، އެކަމަށް އިތުރު ބާރު ލިބިދޭ ކަމެއް ކަމުގައި ބެލެވިދާނެއެވެ. އެއީ، ހެކީގެ ބަރުދަން މިސްރާބު ޖަހަނީ އޭނާ ކުށެއް ކުރީ ކަމުގައި ބެލެވޭ ކަމުގައިވާހިނދު، އޭނާ އަށް ލިބިދޭ ފުރުސަތުގައި، އެކަން އެހެންގޮތަކަށް ސާބިތުކޮށްނުދީ، ހަނުހުރިކަމަށްޓަކައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުސޫލުން ޝަރީއަތަށް ދޭހައެއް ކުރެވޭނީ، އަންނަނިވި ޝަރުތުތައް ފުރިހަމަވާނަމައެވެ.

 1. ހަނުހުރުމުގެ ހައްގު ލިބިފައިވާކަން ބަޔާންކޮށްދެވިފައިވުމާއި، ހަނުހުރެފިނަމަ އޭގެ ނަތީޖާއަކީ ކޮބައިކަން ބަޔާންކޮށްދެވިފއިވުން؛
 2. ށަރީއަތަށް ހުށަހެޅިފައިވާ ހެކީގެ ޖުމްލަ ބަރުދަނަށް ބަލާއިރު، ހެކީގެ ބަރުދަން މިސްރާބު ޖަހަނީ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި އެ ކުށް ސާބިތު ވުމަށް ކަމުގައިވުން.

 

22 ވަނަ މާއްދާ – ތަހުގީގުގެ މަރުހަލާގައި ބަންދުން މިނިވަންވުމުގެ ހައްގު ހިފެހެއްޓިގެންވުން

މި ގާނޫނުގެ 6 ވަނަ މާއްދާއިން ފެށިގެން 17 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއްގެ ތުހުމަތު ކުރެވިފައިވާ މީހަކު، އެމީހާ ހިމެނޭ މައްސަލައިގެ ހެކި ފޮރުވުމަށް، ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށްޓަކައި، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެ ކަމަށްޓަކައި، ނުވަތަ ފިލާފާނެ ކަމަށްޓަކައި، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި މެނުވީ، ޝަރީއަތުން ހުކުމްކުރުމުގެ ކުރިން މީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެކަމަށް، ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައި ވީނަމަވެސް، އެއިން ކުށެއް ކުރިކަމުގެ ތުހުމަތު ކުރެވޭ މީހާ ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައި، އަދި ހެކި ފޮރުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށް ބަލައި، ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމަށް، ފަނޑިޔާރަށް މަގުފަހިކޮށްދިނުމަށްޓަކައި، އެ ހައްގު އެ މިންވަރަށް މި ގާނޫނުގެ ބޭނުމަށްޓަކައި ހިފެހެއްޓިގެންވެއެވެ.

 

23 ވަނަ މާއްދާ – ގާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ފުރުސަތު

(ހ) ފުލުހުންގެ ހައްޔަރުގައި ހުރި މީހާ ބޭނުންކަމުގައިވާނަމަ، އޭނާއާއި ސުވާލުކުރެވޭ ވަގުތު އޭނާގެ ގާނޫނީ ވަކީލު އޭނާއާ އެކުގައި ހުރުމަށް އެދުމުގެ ހައްގު، އޭނާ އަށް ލިބިގެންވެއެވެ. އަދި، އޭނާ އެކަމަށް އެދެފިނަމަ، އެ ފުރުސަތު ހޯދައި ދިނުމަކީ، ފުލުހުންގެ މައްޗަށް ލާޒިމުކަމެކެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އެ މާއްދާގެ ދަށުން ގާނޫނީ ވަކީލަކު ހަމަޖައްސަންދޭ ފުރުސަތުގައި، 6 (ހައެއް) ގަޑިއިރު ފާއިތުވާއިރުވެސް، މި ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާންކުރާފަދަ އެކަށީގެންވާ ސަބަބަކާ ނުލައި ގާނޫނީ ވަކީލު ހާޒިރުވެފައި ނުވާނަމަ، ފުލުހުންނަށް އޭނާއާއި ސުވާޅުކުރުމައިގެން ކުރިއަށް ދެވިދާނެއެވެ.

(ނ) މި މާއްދާނެ (ހ) ގެ ދަށުން ގާނޫނީ ވަކީލަކު ހަމަޖައްސަންދޭ ފުރުސަތުގައި، 6 (ހައެއް) ގަޑިއިރު ފާއިތުވާއިރުވެސް ވަކީލު ހާޒިރުވެފައިނުވަނީ، އައްޔަންކުރެވިފައިވާ ވަކީލުގެ އިހުމާލުން ކަމުގައިވާނަމަ، އެހެން ވަކީލެއް އަންޔަންކުރުމަށްފަހު އެވަކީލު ހާޒިރުވުމަށް އިތުރު 6 (ހައެއް) ގަޑިއިރުގެ ފުރުސަތެއް އައްޔަންކުރާ މީހާއަށް ދޭންވާނެއެވެ. އަދި އެ 6 (ހައެއް) ގަޑިއިރު ފާއިތުވާއިރުވެސް، މި ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާންކުރާފަދަ އެކަށީގެންވާ ސަބަބަކާ ނުލައި ގާނޫނީ ވަކީލު ހާޒިރުވެފައިނުވާނަމަ، ފުލުހުންނަށް އޭނާ އާއި ސުވާލުކުރުމައިގެން ކުރިއަށް ދެވިދާނެއެވެ.

(ރ) ހައްޔަރު ކުރެވޭއިރު ފުލުހުންދޭ ގާނޫނީ އިންޒާރު ދިނުމަށްފަހުގައި، އަދި އެ އިންޒާރުގައި ހިމެނޭ ކަންކަން އޭނާ އަށް ފަހުމްވެއްޖެކަން ކަށަވަރު ކުރުމަށްފަހުގައިވެސް ގާނޫނީ ވަކީލެއްގެ ފުރުސަތު ބޭނުންނުވާ ކަމަށް ބުނެ، އެފުރުސަތު ދޫކޮށްލައިފި މީހަކާ ފުލުހުންނަށް ސުވާލު ކުރެވިދާނެއެވެ.

 

24 ވަނަ މާއްދާ – ގާނޫނީ ވަކީލާ މަށްވަރާކުރުމުގެ ދާއިރާ

ގާނޫނު އަސާސީގެ 53 ވަނަ މާއްދާގެ (ހ) ގެ ދަށުން ލިބިދޭ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ބޭނުންކުރުމުގައި، މި ގާނޫނުގެ 6 ވަނަ މާއްދާއިން ފެށިގެން 17 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ހުރި ކުށްތަކުގެ ތެރެއިން ކުށެއްގެ ތުހުމަތުގައިވާ މީހާއާއި އޭނާގެ ވަކީލާ ދެމެދު ހިނގާ މުއާސަލާތުތައް އޭނާ ހައްޔަރު ކުރެވޭ ހިންދުން ފެށިގެން ފުރަތަމަ ހިނގާ 96 (ނުވަދިހަ ހައެއް) ގަޑިއިރުގެ ތެރޭގައި ހިންގަންވާނީ ފުލުހެއްގެ ހާޒިރުގައެވެ. ކުށުގެ ތުހުމަތުގައިވާ މީހާއާއި އޭނާގެ ވަކީލާ އެކަނި ބައްދަލުވެ މުއާސަލާތު ކުރެވޭނީ، މި މާއްދާގައި ބަޔާންކުރާ ފުރަތަމަ 96 (ނުވަދިހަ ހައެއް) ގަޑިއިރު ފާއިތުވުމަށް ފަހުގައެވެ.

 

25 ވަނަ މާއްދާ – ހައްގުތައް ހިފެހެއްޓުމުގައި ގާނޫނުއަސާސީގެ 16 ވަނަ މާއްދާ އަށް ރިއާޔަތްކުރުން

(ހ) މި ގާނޫނުގެ 21 ވަނަ މާއްދާއާއި 24 ވަނަ މާއްދާއާ ހަމައަށް ބަޔާންކޮށްފައިވާ އަސާސީ ހައްގުތައް ހިފެހެއްޓިފައިވަނީ، ގާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

(ށ) މި ގާނޫނުގެ ދަށުން އެ ހައްގުތައް އެ މިންވަރަށް ހިފެހެއްޓިގެންވަނީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިންތޯ ކޯޓުން ކަނޑައެޅުމުގައި، ގާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ 6 (ހައެއް) ނުކުތާއަށްވެސް، މި ގާނޫނުގެ ދަށުން، އެ އަސާސީ ހައްގުތައް އެ މިންވަރަށް ހިފެހެއްޓުމުގައި، ރައްޔިތުންގެ މަޖިލީހުން ރިއާޔައްކޮށްފައިވާ ކަމަށް ކޯޓުން ބަލަންވާނެއެވެ.

 

26 ވަނަ މާއްދާ – ބަންދުގައި ބެހެއްޓުން

(ހ) މި ގާނޫނުގެ 6 ވަނަ މާއްދާއިން ފެށިގެން 17 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާ ތަކުގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއް ކުރިކަމުގެ ތުހުމަތު ކުރެވޭ މީހެއް، ގާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދަށުން ބަންދުގައި ބަހައްޓައިދިނުން އެދި ފުލުހުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓުގައި އެދެފިނަމަ، ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި، ޝަރީއަތުގެ ހުކުމެއް ކުރުމުގެ ކުރިން، މީހަކު ބަންދުގައި ބެހެއްޓިދާނެ ހާލަތްތައް ކަމަށް ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް ވުޖޫދުގައިވާނަމަ، ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން އެމީހަކު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރަންވާނެއެވެ.

(ށ) ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއް ވުޖޫދުގައިވޭތޯ މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން ކަނޑައެޅުމުގައި ކޯޓުން އިހްތިޔާރުކުރާ މިންގަނޑަކީ، ޖުނާއީ ކުށެއް ސާބިތުކުރުމަށް ބަލާ މިންގަނޑު ކަމަށް ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ މިންގަނޑެއް ނޫނެވެ. އެ ހާލަތުގައި ކޯޓުން ބަލަންވާނީ، ފުލުހުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހަޅާ އަންނަނިވި މައުލޫމާތަށް ބަލާއިރު، އެއިން ހާލަތެއް ވުޖޫދުގައި އޮތުން އެފަދަ ހާލަތެއް ވުޖޫދުގައި ނެތުމަށްވުރެ ގާތްތޯ ބެލުމުގެ މައްޗަށެވެ.

 1. ކުށުގެ ތުހުމަތު ކުރެވޭ މީހާއަކީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ކުރިން ހައްޔަރު ކުރެވިފައިވާ މީހެއްނަމަ އެކަމުގެ ރެކޯޑް؛
 2. ކުށުގެ ތުހުމަތު ކުރެވޭ މީހާއަކީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ކުރިން ދައުވާއެއް އުފުލާފައިވާ މީހެއްނަމަ އެކަމުގެ ރެކޯޑް؛
 3. ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުގައި އެމީހަކާ ގުޅޭގޮތުން ހުށަހަޅާ މަައުލޫމާތު؛
 4. ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ފަސް ހާލަތުގެ ތެރެއިން ހާލަތަކާ ގުޅޭގޮތުން ފުލުހުން ހުށަހަޅާ އެހެނިހެން މައުލޫމާތު.

 

27 ވަނަ މާއްދާ – ގަބޫލުކުރެވޭނެ ހެކި

(ހ) މި ގާނޫނުގެ 6 ވަނަ މާއްދާއިން ފެށިގެން 17 ވަނަ މާއްދާގެ ނިޔަލަށް ހިމެނޭ ކުށެއްގެ ތަހުގީގުގައި ހޯދޭ އަންނަނިވި ބާވަތުގެ ހެއްކަކީ، އެކުށުގެ ދައުވާގައި ޝަރީއަތަށް ގަބޫލުކުރެވޭނެ ހެކިކަމުގައި ބެލެވޭނެއެވެ.

 1. ކުށެއް ކުރިކަމަށް އެއްބަސްވެމީހަކު އަނގަބަހުން، ނުވަތަ ލިއުމުން، ނުވަތަ އެނޫންވެސް ގޮތަކަށް ޝަރީއަތުގެ މަޖިލީހުގައިވާ އިުތިރާފާއި އިގުރާރު؛
 2. މީހަކު މަރުވުން، ދައުވާއާ ގުޅުންހުރި ހަގީގަތަކަށް ބާރު ލިއްބައިދޭ ގޮތަކަށް، އޭނާ މަރުމަތީގައި ބުނާ އެއްޗެއް؛
 3. ކުށުގެ ތުހުމަތުގައިވާ މީހާގެ ގާނޫނީ ވަކީލުގެ ހާޒިރުގައި، އޯޑިއޯ އަދި ވީޑިއޯ ރެކޯޑް ކުރެވޭ ގޮތައް، އެއްވެސް މަޖުބޫރުކަމެއް ނެތި، ކުށުގެ ތުހުމަތު ކުރެވޭ މީހާ، އަމިއްލަ އިހްތިޔާރުގައިދޭ ބަޔާން؛
 4. ކުށުގެ އަމަލާގުޅޭ ވަކި ކަމެއް މެދުވެރި ކުރުވުމުގެ ނިޔަތެއް އޮތްކަން ނުވަތަ އެފަދަ ކަމެއް މެދުވެރިކުރުވުމަށް ކުށުގެ ތހުހުމަތުކުރެވޭ މީހާ ތައްޔާރުވިކަން ދޭހަކޮށްދޭ އެއްވެސް އަމަލެއްގެ މައުލޫމާތެއް؛
 5. ފޮރެންސިކް ހެކި؛
 6. ރަސްމީ ލިޔުން؛
 7. އަދި މިނޫންވެސް އިސްލާމީ ޝަރީއަތުގައި ހެކީގެ ގޮތުގައި ގަބޫލުކުރެވޭ ކޮންމެ އެއްޗެއް؛

(ށ) މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި "ފޮރެންސިކް ހެކި" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ތަކެތި ހިމެނޭ ގޮތުންނެވެ.

 1. އިނގިލީގެ ނިޝާނާއި، ޑީ.އެން.އޭގެ މައުލޫމާތާއި، ފޮޓޯއާއި، އެތެރެހަށީގެ ފޮޓޯއާއި، ބޮޑީ ސާމްޕަލާއި އެތެރެހަށީގެ ސާމްޕަލާއި ޓެކްނޮލޮޖީގެ ޒަރިއްޔާއިން ހޯދޭ އެފަދަ މައުލޫމާތު ؛
 2. މަރުވެފައިވާ މީހެއްގެ ހަށިގަނޑުން ހަދާ އޮޓޮޕްސީން ލިބިދޭ މައުލޫމާތު؛
 3. ކުށެއް ކުރުމުގައި ބޭނުންކުރި އެއްޗެއް ނުވަތަ ކުށްކުރި ފަރާތާއި އަނިޔާ ލިބުނު ފަރާތް އެކުށާ ގުޅުންހުރި އެއްޗެއް ނުވަތަ ކުށުގެ ވެށިން ފެންނަ ކޮންމެ މާއްދީ ހެއްކެއް ތަހުލީލު ކުރުމަށްފަހު ދަނެގަނެވޭ މައުލޫމާތު.

(ނ) މި މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި "ރަސްމީ ލިޔުން" ކަމަށް ބުނެފައި އެވަނީ، ދިވެހި ދައުލަތުގެ ބާރުތައް ތަންފީޒުކުރުމުގެ ގާނޫނީ ހައިސިއްޔަތު ލިބިގެންވާ ފަރާތަކުން، އަންނަނިވި ވަސީލަތްތަކުގެ ތެރެއިން ވަސީލަތެއް މެދުވެރިކޮށް، އެއްވެސް ބާވަތެއްގެ މައުލޫމާތެއް އުފައްދާފައިވާ ނުވަތަ ހިމަނާފައިވާ ނުވަތަ ދަފްތަރު ކޮށްފައިވާ ކޮންމެ އެޗަކަށެވެ.

 1. ލިއުމުން ނުވަތަ ޗާޕް ކޮށްފައި އޮތް އެއްޗެއް (ޗާޓެއް ނުވަތަ ޕްލޭނެއް ނުވަތަ ގްރާފެއް ނުވަތަ ކުރެހުމެއެް ކަމުގައިވިޔަސް)؛
 2. އިލެކްޓްރޯނިކް ވަސީލަތަކުން ވާސިލްވެވޭ ތައްޔާރުކޮށްފައިވާ ކޮމްޕިއުޓަރު ފައިލެއް؛
 3. ފޮޓޯ؛
 4. އަޑު ނުވަތަ އެފަދަ އެހެން ޑޭޓާ އެއް ރައްކާކުރެވިފައިވާ ޑިސްކެއް ނުވަތަ ޓޭޕެއް ނުވަތަ ފިލްމެއް ނުވަތަ ރޯލެއް؛
 5. މަންޒަރު ނުވަތަ އެފަދަ އެހެން ޑޭޓާއެއް ރައްކާކުރެވިފައިވާ ފިލްމެއް ނުވަތަ ނެގެޓިވެއް ނުވަތަ އެނޫންވެސް އެއްޗެއް.

 

28 ވަނަ މާއްދާ – ތަކެތި ހިފެހެއްޓުން

(ހ) މި ގާނޫނުގެ 6 ވަނަ މާއްދާއިން ފެށިގެން 17 ވަނަ މާއްދާގެ ނިޔަލަށް ހިމެނޭ މާއްދާތަކުގައި ހިމެނޭ ކުށެއްގެ ތަހުގީގުގައި ހޯދޭ ތަކެތި އަތުލައި ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

(ށ) ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެހެން ވަގުތުން ނައްތާލަންޖެހޭ ތަކެތި ފިޔަވައި، މި މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެމަތިން އަތުލެވޭ ނުވަތަ ހިފެހެއްޓޭ ތަކެތި ނައްތާލަންވާނީ ޝަރީއަތުން އެކަމާމެދު ގޮތެއް ކަނޑައެޅުމުންނެވެ.

 

ހަތަރުވަނަ ބާބު

މޮނިޓަރކޮށް ކޮންޓްރޯލްކުރުމާބެހޭ ހާއްސަ އިޖުރާއާތު

29 ވަނަ މާއްދާ – މޮނިޓަރކޮށް ކޮންޓްރޯލް ކުރުމުގެ އަމުރު

(ހ) މި ގާނޫނުގައި ކަނޑައަޅާފައިވާ ކުށްކުރާކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން، އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް، މުޖުތަމައަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް މިނިސްޓަރަށް ފެންނަ މީހުންގެ މައްޗަށް މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.

(ށ) މިފަދަ އަމުރު ތަކަށް ކިޔާނީ "މޮނިކޮން އަމުރު" މިހެންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ އަމުރެއް ކޯޓުން ނެރެފިނަމަ، އެ އަމުރެއް ތަންފީޒު ކުރާނީ ފުލުހުންނެވެ.

(ރ) މޮނިކޮން އަމުރެއް އެކެއްގެ މައްޗަށް އެއްފަހަށްވުރެ ގިނަ ފަހަރަށް ހިންގާކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

(ބ) މި ގާނޫނުގައި މޮނިކޮން އަމުރާކާ ގުޅޭގޮތުން "ކޯޓު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ހައިކޯޓަށެވެ.

 

30 ވަނަ މާއްދާ – އެކަށީގެންވާ ތުހުމަތު

މި ގާނޫނުގެ 29 ވަނަ މާއްދާހެ (ހ) ގައި "އެކަށީގެންވާ ތުހުމަތެއް" ކަމަށް ބުނެފައި އެވަނީ، ބުއްދިއަށް ގަބޫލުކުރެވޭފަދަ އެކަށީގެންވާ ހެކިތަކެއް ނުވަތަ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ތިރީގައިވާ ކަންކަމުގެ ތެރެއިން ކަމެއް ނުވަތަ ކަންތައްތަކެއް ހިނގާ ކަމަށް ނުވަތަ ހިނގާފާނެ ކަމަށް މިނިސްޓަރަށް ގަބޫލުކުރެވޭ ކުރެވުމަށެވެ.

(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ކުރުމުގައި އަމަލީ ގޮތުން ބައިވެރިވާ ކަމަށް ގަބޫލު ކުރެވުން؛

(ށ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ރާވާކަމަށް ނުވަތަ ހިންގާކަމަށް ނުވަތަ އެކަމަށް މަގުފަހިކޮށްދޭކަމަށް ނުވަތަ އެކަމަށް އެހީތެރިވެދޭކަމަށް ގަބޫލު ކުރެވުން.

 

31 ވަނަ މާއްދާ – ށަރުތު ފުރިހަމަވާ ފަރާތްތައް

(ހ) މި ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކުރާފަދަ ތުހުމަތެއް ކުރެވިގެން މޮނިކޮން އަމުރެއް ނެރެދިނުމަށް އެދި މިނިސްޓަރު ހުށަހަޅަންވާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތެއްގެ މައްޗަށެވެ.

 1. ބަންދުގައި ބެހެއްޓިފައި ނުވަތަ ހައްޔަރު ކުރެވިފައި ނުވާ މީހެއް؛ އަދި
 2. މި ގާނޫނުގައި ބުނާ ކުށްތަކުގެ ތެރެއިން ކުށެއް ކުރާ ކަމަށް ނުވަތަ ކުރަން އުޅޭ ކަމަށް ތުހުމަތު ކުރެވޭ މީހެއް؛ ނުވަތަ
 3. މި ގާނޫނުގެ ދަށުން އެމީހެއްގެ މައްޗަށް ތަހުގީގެއް ނުވަތަ ޝަރީއަތެއް ހިނގަމުންދާ މީހެއް.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާފަދަ ފަރާތެއްގެ މައްޗަށް މޮނިކޮން އަމުރެއް ނެރެދިނުމަށް އެދި މިނިސްޓަރަށް ހުށަހެޅޭނީ ތިރީގައިވާ ކަންތައްތައް ފުރިހަމަވާނަމައެވެ.

 1. ތުހުމަތު ކުރާ ކަމެއްގެ މައްޗަށް ބިނާކޮށް ތުހުމަތު ކުރެވޭ މީހާއާގުޅޭ އިންޓެލިޖެންސް ރިޕޯޓެއް އޮތުން؛
 2. ތުހުމަތު ކުރެވޭ މީހާގެ ޖިނާއީ ކުށުގެ ރެކޯޑެއް ގާނޫނު ތަންފީޒުކުރާ އެއްވެސް ފަރާތެއްގައި އޮތުން.

(ނ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާފަދަ ފަރާތެއްގެ މައްޗަށް މޮނިކޮން އަމުރެއް ނެރެދިނުމަށް އެދި މިނިސްޓަރަށް ހުށަހެޅޭނީ ތުހުމަތު ކުރެވޭ މީހާގެ ޖިނާއީ ކުށުގެ ރެކޯޑެއް ގާނޫނު ތަންފީޒުކުރާ އެއްވެސް ފަރާތެއްގައި އޮތްނަމައެވެ.

 

32 ވަނަ މާއްދާ – މޮނިކޮން އަމުރެއްގެ މުއްދަތު

(ހ) މޮނިކޮން އަމުރެއްގެ މުއްދަތަކީ 1 (އެކެއް) އަހަރެވެ.

(ށ) މޮނިކޮން އަމުރެއް ނެރުމަށްފަހު އެ އަމުރެއްގެ މައްޗަށް އަމަލުކުރަން ފެށިއްޖެ ކަމަށް ބަލާނީ އެ އަމުރެއްގައި އެ އަމުރެއް ހިންގަން ފަށާނެކަމަށް ކަނޑައަޅާފައިވާ ތާރީހުގައެވެ.

(ނ) މޮނިކޮން އަމުރެއް ނިމިއްޖެ ކަމަށް ބަލާނީ އެ އަމުރެއްގައި އެ އަމުރެއް ނިމޭނެކަމަށް ކަނޑައަޅާފައިވާ ތާރީހުގައެވެ.

 

33 ވަނަ މާއްދާ – މޮނިކޮން އަމުރެއްގެ މުއްދަތު އިތުރުކުރުން

(ހ) މޮނިކޮން އަމުރެއްގެ މުއްދަތު އިތުރުކުރަންޖެހޭކަމަށް މިނިސްޓަރަށް ގަބޫލު ކުރެވިއްޖެނަމަ، އިތުރު 1 (އެކެއް) އަހަރަށް އެ އަމުރެއްގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން މޮނިކޮން އަމުރެއްގެ މުއްދަތު އިތުރުކުރެވޭނެ އެންމެ ދިގު މުއްދަތަކީ 1 (އެކެއް) އަހަރެވެ.

(ނ) މި މާއްދާއަށް އަމަލުކުރުމުގައި، މި ބާބުގައިވާ ހާއްސަ އިޖުރާއާތު ހިނގާނެއެވެ.

 

34 ވަނަ މާއްދާ – މޮނިކޮން އަމުރެއްގެ ނެރެދިނުމަށް އެދި ކޯޓަށް ހުށަހެޅުން

(ހ) މޮނިކޮން އަމުރެއް ނެރެދިނުމަށް އެދި މިނިސްޓަރު ކޯޓަށް ހުށަހަޅާ ހުށަހެޅުމެއްގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

 1. ތުހުމަތުކުރާ ކުށުގެ ބާވަތް؛
 2. ތުހުމަތުކުރެވޭ ފަރާތުގެ ކާކުކަން އަންގައިދޭ މައުލޫމާތު؛
 3. ތުހުމަތުކުރެވޭ ފަރާތުގެ ޖިނާއީ ކުށުގެ ރެކޯޑް؛
 4. ތުހުމަތާގުޅޭ ހެކި؛
 5. އަޅަން ބޭނުންވާ ފިޔަވަޅު؛
 6. ހުށަހެޅުމާގުޅޭ އިތުރު ތަފްސީލު.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު ހުށަހަޅާ ހުށަހެޅުމެއް ރަޖިސްޓްރާރ ބަލައިގަންނަންވާނީ، އެއަކުރުގައިވާ ހުރިހާ މައުލޫމާތެއް އެ ހުށަހެޅުމެއްގައި ހިމެނިފައިވާނަމައެވެ.

(ނ) މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި "ފިޔަވަޅު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ފަސްވަނަ ބާބުގައި ބަޔާންކޮށްފައިވާ މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތަކަށެވެ.

(ރ) މި މާއްދާގެ (ށ) ގައި "ރަޖިސްޓްރާރ" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރ އަށެވެ. 

 

35 ވަނަ މާއްދާ – މޮނިކޮން އަމުރެއްގެ ނެރެދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމަކާ ގުޅޭގޮތުން ކޯޓުގެ ދައުރު

(ހ) މި ގާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައިވާފަދަ ހުށަހެޅުމެއް ކޯޓަށް ލިބުމުން، މޮނިކޮން އަމުރެއް ނެރެންވާނީ އަންނަނިވި ކަންތައްތައްތައް ކަނޑައެޅުމަށްފަހުގައެވެ.

 1. މިނިސްޓަރުގެ ތުހުމަތަކީ މިގާނޫނުގެ 30 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން އެކަށީގެންވާ ތުހުމަތެއްތޯ ކަނޑައެޅުން؛
 2. މިނިސްޓަރު ހިންގަން ހުށަހަޅާފައިވާ ފިޔަވަޅުތަކަކީ ތުހުމަތާ އެކަށީގެންވާ ފިޔަވަޅުތަކެއްތޯ ކަނޑައެޅުން.

(ށ) މިނިސްޓަރުގެ ހުށަހެޅުމާމެދު ކޯޓުން ގޮތެއް ނިންމާއިރު ތިރީގައި އެވާ އުސޫލުން ކޯޓަށް އަމަލުކުރެވިދާނެއެވެ.

 1. ތުހުމަތު ކުރެވޭ ފަރާތް ކޯޓަށް ހާޒިރުކުރުމެއްނެތި؛
 2. ތުހުމަތު ކުރެވޭ ފަރާތައް އޭނާއާމެދު ހުށަހެޅުމެއް ހުށަހެޅިފައި އޮތްކަން އެންގުމަކާ ނުލައި؛
 3. ތުހުމަތުކުރެވޭ ފަރާތަށް އެކަން އެނގުނަސް އޭނާއަށް ނުވަތަ އޭނާ ތަމްސީލުކުރާނެ ދެވަނަ ފަރާތަކަށް ކޯޓަށް ހާޒިރުވުމުގެ ފުރުސަތު ދިނުމަކާ ނުލައި.

(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ފަދައިން މިނިސްޓަރުގެ ތުހުމަތަކީ އެކަށީގެންވާ ތުހުމަތެއް ނޫންކަމަށް ކޯޓަށް ބެލެވިއްޖެނަމަ، މޮނިކޮން އަމުރެއް ނެރެދެވެން ނެތްކަމަށް ކޯޓުން ނިންމަންވާނެއެވެ.

 

36 ވަނަ މާއްދާ – ކޯޓުން ނެރޭ މޮނިކޮން އަމުރުގައި ހިމަނަންޖެހޭ ކަންކަން

ކޯޓުން ނެރޭ މޮނިކޮން އަމުރުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

 1. އަމުރު ނެރެވޭ މަގްސަދާއި ސަބަބު؛
 2. އަމުރު ރައްދުވާ ފަރާތުގެ ކާކުކަން އަންގައިދޭ މައުލޫމާތު؛
 3. ތުހުމަތު ކުރެވޭ ކުށުގެ ބާވަތާއި ކުށް ކަނޑައެޅިފައިވާ ގާނޫނު؛
 4. އަޅާނެ ފިޔަވަޅު ނުވަތަ ފިޔަވަޅުތައް؛
 5. މޮނިކޮން އަމުރު ހިންގަން ފަށާނެ ތާރީހާއި އަމުރު ނިމުމަކަށް އަންނާނެ ތާރީހް؛
 6. އައިރު ހާޒިރުގައި ހުކުމްކޮށްފައިވާނަމަ އެކަން؛
 7. ހުކުމްކުރި ފަނޑިޔާރުގެ ނަމާއި ސޮއި؛
 8. ހުކުމްކުރި ކޯޓާއި ގަޒިއްޔާ ނަންބަރު؛
 9. ހުކުމްކުރި ކޯޓުގެ ސިއްކަ.

 

37 ވަނަ މާއްދާ – ހުށަހެޅުމާމެދު ކޯޓުން ވަކިގޮތެއް ނިންމަންޖެހޭނެ މުއްދަތު

(ހ) މި ގާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައިވާފަދަ ހުށަހެޅުމެއް ކޯޓަށް ލިބޭތާ 24 (ސައުވީސް) ސަޑިއިރުގެ ތެރޭގައި، އަޑުއެހުމެއް ބާއްވައި އެހުށަހެޅުމަކާމެދު ވަކިގޮތެއް ނިންމަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި "ވަކިގޮތެއް ނިންމަންވާނެ" ކަމަށްބުނެފައި އެވަނީ، މޮނިކޮން އަމުރެއް ނެރުމަށް ހުކުމް ކުރުމަށް ނުވަތަ އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް ހުކުމް ކުރުމަށްވެ.

 

38 ވަނަ މާއްދާ – މޮނިކޮން އަމުރެއް ރައްދުކުރުން

(ހ) މޮނިކޮން އަމުރެއް ހަވާޅުކުރަންވާނީ ސީދާ އެ ރައްދުވާ މީހަކަށް ފުލުހުންނެވެ.

(ށ) މޮނިކޮން އަމުރަކާ މީހަކު ހަވާލުނުވެއްޖެނަމަ، އެ މީހަކާ ދެ ހެކިންގެ ހާޒިރުގައި އެ އަމުރު އެމީހަކު ހުރިތަނެއްގައި ބޭއްވުމުން އެއަމުރު ރައްދުކުރެވުނީ ކަމަށް ބެލެވޭނެއެވެ.

(ނ) މޮނިކޮން އަމުރެއް ރައްދުކުރުމަށް އެމީހަކު ހޯދާ ނުފެނިއްޖެނަމަ، އެމީހަކު ދިރިއުޅޭ ގެއެއް ނުވަތަ އިމާރާތެއްގެ ބޭރު ދޮރުގައި މޮނިކޮން އަމުރުގެ ކޮޕީއެއް ތަތްކުރުމުން އެ އަމުރު އެފަރާތަކަށް ރައްދުވީކަމަށް ބެލެވޭނެއެވެ.

 

39 ވަނަ މާއްދާ – ކޯޓް އަމުރު މުރާޖައާކޮށްދިނުމަށް އެދުން

(ހ) މި ގާނޫނުގެ ދަށުން ނެރެވޭ މޮނިކޮން އަމުރު، އެ އަމުރު ނެރޭތާ ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި މުރާޖައާކޮށްދިނުމަށް އެދި އަމުރު ރައްދުވާ ފަރާތުން ހަމަ އެކޯޓަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ ހުށަހެޅުމެއް ކޯޓަށް ލިބުމުން، އެހުށަހެޅުމެއް ބަލައިގަނެ މުރާޖައާކުރާ އަޑުއެހުމެއް ބާއްވަންވާނެއެވެ.

(ނ) މުރާޖައާކުރާ އަޑުއެހުމުގައި ކޯޓުން އަންނަނިވި ކަންތައްތައް ކަށަވަރުކުރަންވާނެއެވެ.

 1. މި ގާނޫނުގައި ބުނާ ޝަރުތުތައް މިނިސްޓަރުގެ ހުށަހެޅުމުގައި ފުރިހަމަވޭތޯ ބެލުން؛
 2. އެ ތުހުމަތު އެގޮތުގައި ދެމިއޮތްތޯ ބެލުން؛
 3. މޮނިކޮން އަމުރުގައިވާ ފިޔަވަޅު ނުވަތަ ފިޔަވަޅުތަކަކީ މުގްތަމައުގެ ރައްކާތެރިކަމާއި ސަލާމަތައްޓަކައި އެވަގުތައް ބޭނުންތެރި ފިޔަވަޅުތަކެއްތޯ ދެނެގަތުން؛ އަދި
 4. އެ ފިޔަވަޅު ނުވަތަ ފިޔަވަޅު ތަކުގެ ބޭނުންތެރިކަން ދެމިއޮތްތޯ ބެލުން.

(ރ) މުރާޖައާކުރާ އަޑުއެހުމުގައި ކޯޓަށް ލިބިގެންވަނީ ހަމައެކަނި އަންނަނިވި ބާރުތަކެވެ.

 1. މޮނިކޮން އަމުރު އުވާލުން؛
 2. މޮނިކޮން އަމުރުގައިވާ ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް އުވާލުން؛
 3. މޮނިކޮން އަމުރުގައިވާ ފިޔަވަޅަކަށް ނުވަތަ ފިޔަވަޅުތަކަށް ބަދަލު ގެނައުން؛
 4. މި އަކުރުގެ (2) ވަނަ ނަންބަރު އަދި (3) ވަނަ ނަންބަރުގެ ދަށުން ގެނެވޭ ބަދަލަށް ރިއާޔަތްކޮށް، ލުޔެއް ދިނުމުގެ މަގްސަދުގައި، މޮނިކޮން އަމުރު ނިމުމަކަށް އަންނާނެ ތާރީހަށް ބަދަލު ގެނައުން.

(ބ) މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރު އަދި (4) ވަނަ ނަންބަރުގައިވާ ހާލަތްތައް ފިޔަވައި، އެ އަކުރުގައި ބަޔާންކޮށްފައިވާ އެހެން ހާލަތްތަކުގައި މޮނިކޮން އަމުރުގައި ބަޔާންކޮށްފައިވާ ތާރީހާ ހަމައަށް، އެ އަމުރު ދެމިގެން ދާނެއެވެ.

(ޅ) މޮނިކޮން އަމުރެއްގެ މުއްދަތުގައި، މުރާޖައާކުރުމުގެ ބާރު ކޯޓަށް ލިބިގެންވަނީ އެއް ފަހަރުއެވެ. ދެވަނަ ފަހަރަށް މުރާޖައާކުރެވޭނީ މި ގާނޫނުގެ 33 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު ހުށަހަޅާ ހުށަހެޅުމަކަށް ކޯޓުން ނެރޭ މޮނިކޮން އަމުރުގެ މުއްދަތު އިތުރުކޮށްފިނަމަ، އެ އިތުރުކުރި އިތުރުކުރުމާބެހޭ މުރާޖައާއެވެ.

 

40 ވަނަ މާއްދާ – މޮނިކޮން އަމުރު އިސްތިއުނާފް ކުރުން

(ހ) މި ގާނޫނުގެ ދަށުން ނެރެވޭ ކޮންމެ މޮނިކޮން އަމުރަކީ ގާނޫނުއަސާސީގެ 56 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން އިސްތިއުނާފް ކުރެވިދާނެ އަމުރެކެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން މޮނިކޮން އަމުރެއް އިސްތިއުނާފް ކުރިކަމުގައިވިޔަސް، އިސްތިއުނާފުގެ މުއްދަތުގައި މޮނިކޮން އަމުރު ހިނގަމުންދާނެއެވެ.   

 

41 ވަނަ މާއްދާ – މޮނިކޮން އަމުރު މުރާޖައާކުރަމުން ގެންދިއުން

(ހ) މޮނިކޮން އަމުރު ދެމިއޮންނަހާ ހިނދަކު، އެ އަމުރެއް ނެރެދިން ހާލަތު ދެމިއޮތްތޯ މިނިސްޓަރު ބަލަމުން ގެންދަންވާނެއެެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން މުރާޖައާކުރާއިރު، ހާލަތު ދެމިއޮތުން ހުއްޓިއްޖެކަމަށް މިނިސަޓަރަށް ފެނިއްޖެނަމަ، މޮނިކޮން އަމުރު ހުއްޓާލުމަށް ނުވަތަ މި ގާނޫނުގެ 42 ވަނަ މާއްދާގައިވާ ފަދައިން ފިޔަވަޅުތައް ލުއި ކުރުމަށް ނިންމަންވާނެއެވެ.

 

42 ވަނަ މާއްދާ – މޮނިކޮން އަމުރަށް ބަދަލު ގެނައުން

(ހ) މިނިސްޓަރަށް ފެނިއްޖެނަމަ އަންނަނިވި ޝަރުތުތައް ފުރިހަމަވާނެހެން މޮނިކޮން އަމުރަކަށް ބަދަލު ގެނެދިދާނެއެވެ.

 1. މޮނިކޮން އަމުރުގައި ހުރި ފިޔަވަޅުތަކެއް ލުއިކުރުން ނުވަތަ ފިޔަވަޅުތަކެއް މުޅިން ހުއްޓާލުން؛
 2. މޮނިކޮން އަމުރަށް ގެނެވޭ ބަދަލަކީ އެ އަމުރުގައިވާ ފިޔަވަޅުތަކަށް ގެނެވޭ ލުޔެއް ކަމަށް އަމުރު ރައްދުވާ ފަރާތަށް ގަބޫލުކުރެވުން.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން މޮނިކޮން އަމުރަށް ބަދަލު ގެނެވޭނީ މިނިސްޓަރުގެ ލިއުމަކުންނެވެ.

(ނ) މޮނިކޮން އަމުރު ރައްދުވާ ފަރާތަށް އޭނާއާމެދު އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލެއް ގެންނަން ބޭނުންނަމަ، މިނސްޓަރަށް ފޮނުވާ ލިއުމަކުން އެކަމަށް އެދެވިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ފަދަ ލިއުމެއް މިނިސްޓަރަށް ލިބިއްޖެނަމަ، އެ ލިއުމެއް ލިބޭތާ އެންމެ ގިނަވެގެން ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ހުށަހެޅުމަކާމެދު ގޮތެއް ނިންމައި އެ ނިންމި ގޮތެއް އެފަރާތައް ލިއުމުން އަންގަންވާނެއެވެ.

(ބ) މޮނިކޮން އަމުރަށް ބަދަލު ގެނެވޭނީ އެ ބަދަލު ގެނައި ކަމުގެ ލިއުން އެމީހަކަށް ރައްދުވުމަށްފަހު އެ ލިއުމުގައި އެ ބަދަލު ތަންފީޒުކުރަން ފެށުމަށް މިނިސްޓަރު ކަނޑައަޅާފައިވާ ތާރީހެއްގައެވެ.

 

43 ވަނަ މާއްދާ – މޮނިކޮން އަމުރެއް ހުއްޓާލުން

(ހ) މިނިސްޓަރަށް ފެނިއްޖެނަމަ، މޮނިކޮން އަމުރެއް ހިނގަހިނގާ ހުންނަ ކޮންމެ ވަގުތެއްގައިވެސް މިނިސްޓަރުގެ ލިއުމަކުން މޮނިކޮން އަމުރެއް ހުއްޓާލެވިދާނެއެވެ.

(ށ) މޮނިކޮން އަމުރެއް ހުއްޓާލެވޭނީ، އެ އަމުރު ހުއްޓާލިކަމުގެ ލިއުމުގައި އެ އަމުރު ހުއްޓާލާކަމަށް މިނިސްޓަރު ކަނޑައަޅާފައިވާ ތާރީހުގައެވެެ.

(ނ) މޮނިކޮން އަމުރު ރައްދުވާ ފަރާތަށް، އޭނާގެ މައްޗަށް ކޮށްފައިވާ އަމުރު ހުއްޓާލުމަށް އެދި މިނިސްޓަރަށް ފޮނުވާ ލިއުމަކުން އެކަމަށް އެދެވިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ފަދަ ލިއުމެއް މިނިސްޓަރަށް ލިބިއްޖެނަމަ، އެ ލިއުމެއް ލިބޭތާ އެންމެ ގިނަވެގެން ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި  އެހުށަހެޅުމަކާމެދު ގޮތެއް ނިންމާ އެ ނިންމި ގޮތެއް އެ ފަރާތަކަށް ލިއުމުން އަންގަންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން ހުއްޓާލެވޭ މޮނިކޮން އަމުރެއް އަލުން ހިންގާކަށް ނުފެއްޓޭނެއެވެ.

 

ފަސްވަނަ ބާބު

މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް

44 ވަނަ މާއްދާ – ފިޔަވަޅުތައް އެޅުމުގައި އަމަލުކުރަންވި އާންމު އުސޫލު

(ހ) ތުހުމަތު ކުރެވޭ ފަރާތެއް މޮނިޓަރކޮށް ކޮންޓްރޯލް ކުރުމަށްޓަކައި، މޮނިކޮން އަމުރެއް މެދުވެރިކޮށް މި ބާބުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެޅުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

(ށ) މި ގާނޫނުގެ 46 ވަނަ މާއްދާއިން ފެށިގެން 59 ވަނަ މާއްދާގެ ނިޔަލަށް ބަޔާންކޮންފައިވާ ފިޔަވަޅުތަކަކީ، މޮނިކޮން އަމުރެއް މެދުވެރިކޮށް އެކުއެކީގައި އެޅިދާނެ ފިޔަވަޅުތަކެއްކަމުގައި ވީނަމަވެސް، މި ގާނޫނުގެ މަގްސަދައްޓަކައި، އެ ފިޔަވަޅުތަކަކީ އޭގެ ޒާތުގައި ވަކި ވަކި ފިޔަވަޅުތަކެކެވެ.

 

45 ވަނަ މާއްދާ – ތުހުމަތު ކުރެވޭ ކުޑަކުދިންގެ މައްޗަށް މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ ފިޔަވަޅު ހިންގުން

އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، މި ގާނޫނުގެ ދަށުން ތުހުމަތު ކުރެވޭ ފަރާތަކީ 18 (އަށާރަ) އަހަރު ނުފުރޭ ކުއްޖެއްކަމުގައި ވިޔަސް، އެކުއްޖަކަށް 14 (ސާދަ) އަހަރު ފުރިފައިވާނަމަ، މި ގާނޫނުގައި ބަޔާންކޮށްފައިވާ މޮނިޓަރކޮށް ކޮންޓްރޯލުކުރުމުގެ ފިޔަވަޅުތައް އެކުއްޖެއްގެ މައްޗަށް ހިންގޭނެއެވެ.

 

46 ވަނަ މާއްދާ – މޮނިޓަރކޮށް ކޮންޓްރޯލްކުރުން: ދިރިއުޅޭ ތަން

(ހ) ތުހުމަތުކުރެވޭ ފަރާތެއް ދިރިއުޅޭ ތަން މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ ގޮތުން އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅިދާނެއެވެ. 

 1. ތުހުމަތުކުރެވޭ ފަރާތް ވަކި ތަނެއްގައި ދިރިއުޅެން އެންގުން؛
 2. ތުހުމަތުކުރެވޭ ފަރާތް ދިރިއުޅޭ ތަނެއްގައި އުޅޭ މީހުންގެ ނުވަތަ އުޅޭނެ މީހުންގެ މައުލޫމާތު ދިނުމަށް އެންގުން؛
 3. ދިރިއުޅޭ ތަނަކުން ނުވަތަ ސަރަހައްދަކުން ނުވަތަ ރަށަކުން، ވަކި ވަގުތުތަކެއްގައި ފޭބުން  ނުވަތަ ނުކުތުން މަނާކުރުން؛

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި "ވަކި ތަނެއްގައި" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ތަންތަނުގެ ތެރެއިން ތަނަކަށެވެ.

 1. އެ މީހެއްގެ އަމިއްލަ ގެ ނުވަތަ ދިރިއުޅެމުންދާ ތަން؛
 2. އެ މީހެއްގެ އަމިއްލަ ގެއެއް ނުވަތަ މައިންބަފައިންގެ ގެއެއް އެހެން ރަށެއްގައި ހުރިނަމަ އެ ގެއެއް؛
 3. އެ މީހަކާ ގުޅުން އޮތް އެހެން ގެއެއް ނުވަތަ އެހެން ރަށެއްގައި ހުރި ގެއެެއް؛
 4. އެ މީހަކު ދިރިއުޅޭނެ ތަނެއް ނެތްނަމަ މިނިސްޓަރުގެ ހުށަހެޅުމުގެ މަތިން ކޯޓުން ކަނޑައަޅާ ތަނެއް.

 

47 ވަނަ މާއްދާ – މޮނިޓަރކޮށް ކޮންޓްރޯލްކުރުން: ދަތުރުފަތުރު

(ހ) ތުހުމަތުކުރެވޭ ފަރާތް ވަކި ސަރަހައްދަކުން ނުކުތުން ނުވަތަ ވަކި ރަށަކުން ފޭބުން އަދި އެ ރަށަކުން ނުވަތަ އެ ސަރަހައްދަކުން ބޭރުގައި ދަތުރުފަތުރު ކުރުން މަނާކުރެވިދާނެއެވެ.

(ށ) ތުހުމަތުކުރެވޭ ފަރާތް ވަކި ސަރަހައްދަކަށް ވަނުން ނުވަތަ ވަކި ރަށަކަށް އެރުން އަދި އެ ރަށެއްގެ ނުވަތަ އެ ސަރަހައްދެއްގެ ތެރޭގައި ދަތުރުފަތުރުކުރުން މަނާކުރެވިދާނެއެވެ.

(ނ) ތުހުމަތުކުރެވޭ ފަރާތް ދިވެހިރާއްޖެއިން ބޭރަށް ފުރާނަމަ މިނިސްޓަރުގެ ހުއްދަ ލިއުމުން ލިބިގެން މެނުވީ ދިވެހިރާއްޖެއިން ބޭރަށް ފުރުން މަނާކުރެވިދާނެއެެވެ.

 

48 ވަނަ މާއްދާ – މޮނިޓަރކޮށް ކޮންޓްރޯލްކުރުން: ފައިސާ

(ހ) ތުހުމަތުކުރެވޭ ފަރާތުގެ ފައިސާ މޮނިޓަރކޮށް ކޮންޓްރޯލް ކުރުމުގެ ގޮތުން އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅިދާނެއެވެ.

 1. ތުހުމަތުކުރެވޭ ފަރާތުގެ ބޭންކް އެކައުންޓްގެ މައުލޫމާތު މިނިސްޓަރަށް ދިނުމަށް އެންގުން؛
 2. މާލީ ހިސާބުތައް އެނގޭނެ އެކައުންޓް ސްޓޭޓްމެންޓެއް މިނިސްޓަރަށް ފޯރުކޮށްދިނުމަށް އެންގުން.

(ށ) މި މާއްދާގައި "ތުހުމަތުކުރެވޭ ފަރާތުގެ ބޭންކް އެކައުންޓް" ކަމަށް ބުނެފައި އެވަނީ، އެމީހެއްގެ އަމިއްލަ ނަމުގައި އޮންނަ އެކަންއުންޓް ތަކަށާއި، އެ މީހެއްގެ ކޮންޓްރޯލް ހިނގާ ކުންފުންޏެއްގެ އެކައުންޓް ހިމެނޭ ގޮތަށެވެ.

 

49 ވަނަ މާއްދާ – މޮނިޓަރކޮށް ކޮންޓްރޯލްކުރުން: މުދާ

(ހ) ތުހުމަތުކުރެވޭ ފަރާތުގެ މުދާ މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ ގޮތުން ތުހުމަތު ކުރެވޭ ފަރާޓުގެ އަމިއްލަ މިލްކުގައި ހުރި ހުރިހާ މުދަލާބެހޭ މައުލޫމާތު ހާމަކުރުމަށާއި އަދި އެ މުދާ ބަލަން ބޭނުންވެއްޖެނަމަ ދެއްކުމަށް އެންގިދާނެއެވެ.

(ށ) މި މާއްދާގައި މުދާކަމަށް ބުނެފައި އެވަނީ، ތިރީގައި އެވާ މުދާ ހިމެނޭ ގޮތުންނެވެ.

 1. އެ މީހެއްގެ އަމިއްލަ މުދާ؛
 2. އެ މައްޗަށް އެ މީހެއްގެ ބާރު ފޯރުވޭ ނުވަތަ މަސްލަހަތެއް އޮތް މުދާ.

 

50 ވަނަ މާއްދާ – މޮނިޓަރކޮށް ކޮންޓްރޯލްކުރުން: މުއާސަލާތީ ވަސީލަތްތައް

(ހ) ތުުމަތުކުރެވޭ ފަރާތް ބޭނުންކުރާ ހުރިހާ މުއާސަލާތީ ވަސީލަތްތަކެއް މޮނިޓަރކޮށް ކޮންޓްރޯލުކުރުމުގެ ގޮތުން އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅިދާނެއެވެ.

 1. ބޭނުންކުރާ މުއާސަލާތީ އާލާތް ބެލުމަށް މިނިސްޓަރު ބޭނުންވެއްޖެނަމަ ކޮންމެ ވަގުތެއްގައިވެސް އެ އެއްޗެއް ދެއްކުމަށް އެންގުން؛
 2. މިނިސްޓަރުގެ އެންގުމަށް ތުހުމަތުކުރެވޭ ފަރާތުގެ އެންމެހައި މުއާސަލާތީ ވަސީލަތްތަކެއް އަޑުއަހައި، ބަލައި، މޮނިޓަރކޮށް ރެކޯޑް ކުރުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތަށް މިނިސްޓަރު ވަގުތީ ގޮތުން އަތުލާ އެއްޗެހި، އެ އެއްޗެއްގައި ހުރި މައުލޫމާތެއް ނެގުމަށްފަހު އެ އެއްޗެއް އަންބުރާ ދެވިދާނެއެވެ.

(ނ) "މުއާސަލާތީ އާލާތް" ކަމަށް މި މާއްދާގައި ބުނެފައި އެވަނީ، އެކި ވައްތަރުގެ ފޯނު، އެކި ވައްތަރުގެ ކޮމްޕިއުޓަރު، ޓެބްލެޓް އަދި މިނޫންވެސް ސިމެއް ބޭނުންކޮށްގެން ނުވަތަ އިންޓަނެޓް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް މުއާމަލާތްކުރެވޭ ކޮންމެ އެޗަކަށެވެ.

 

51 ވަނަ މާއްދާ – މޮނިޓަރކޮށް ކޮންޓްރޯލްކުރުން: ފުލުހުންގެ މަރުކަޒަށް ހާޒިރުވާން އެންގުން

(ހ) ތުހުމަތުކުރެވޭ ފަރާތް ވަކި ގަޑިއަކަށް، ވަކި ދުވަސްތަކެއްގައި އަދި ކަނޑައެޅިފައިވާ ވަކި ގޮތެއްގެ މަތިން ފުލުހުންގެ މަރުކަޒަކަށް ހާޒިރުވަމުން ގެންދިއުމަށް އެންގިދާނެއެެވެ. މިގޮތައް ހާޒިރުވާއިރު، ފުލުހުން އަންގާ އެންގުންތަކަށް އަމަލުކުރަންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ފިޔަވަޅު އަޅަން ކޯޓުން އަމުރު ކުރާއިރު، ފުލުހުންގެ މަރުކަޒެއް ނެތް ރަށްރަށުގައި އެ ރަށެއްގެ ރަށު ކައުންސިލަށް މިކަން ކުރުމުގެ ހުއްދަ ދެވިދާނެއެވެ.

 

52 ވަނަ މާއްދާ – މިނިސްޓަރު ކަނޑައަޅާ ރިހެބިލިޓޭޓިވް ޕްރޮގްރާމެއްގައި ބައިވެރިވުން

ތުހުމަތުކުރެވޭ ފަރާތް މިފަދަ ކުށްކުރުމުން ދުރުކޮށް އެފަރާތް މުޖުތަމައަށް އަނބުރާ ގެނައުމުގެ މަގްސަދުގައި މިނިސްޓަރު ކަނޑައަޅާ ރިހެބިލިޓޭޓިވް ޕްރޮގްރާމެއްގައި ތުހުމަތުކުރެވޭ ފަރާތް ބައިވެރިވުމަށް އެންގިދާނެއެވެ.

 

53 ވަނަ މާއްދާ – މޮނިޓަރކޮށް ކޮންޓްރޯލްކުރުން: ވަސީލަތްތައް

(ހ) ތުހުމަތުކުރެވޭ ފަރާތުގެ އަމަލުތައް ދަނެގަނެ، އެފަރާތް އުޅޭ ނޫޅެ ތަން ދަނެގަތުމަށާއި، އޭނާގެ މުއާސަލާތީ ގުޅުންތައް ދަނެގަތުމަށްޓަކައި ނުވަތަ އެހެން ކަމެއްވެސް ދަނެގަތުމަށްޓަކައި އިލެކްޓްރޯނިކް އާލާތްތަކެއް އެމީހެއްގެ ހަށިގަނޑުގައި ނުވަތަ ދިރިއުޅޭ ތަނެއްގައި ނުވަތަ އޭނާގެ ބާރު ފޯރާ އެހެން ތަނެއްގައިވެސް ހަރުކުރުމަށް އެންގިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅު އެޅުމައްޓަކައި އެކަމަށް ބޭނުންތެރިވާ އާލާތް ކަނޑައަޅާނީ މިނިސްޓަރު އެކަމަށް އެދި ހުށަހެޅުމުން ކޯޓުން ނެރޭ މޮނިކޮން އަމުރުގައެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އާލާތް ހަރުކުރުމަށްޓަކަިއ މޮނިކޮން އަމުރު ރައްދުވާފަރާތުގެ ފުރިހަމަ އެއްބާރުލުން ދޭންވާނެއެވެ. މީގެތެރޭގައި:

 1. އެމީހަކު ދިރިއުޅޭ ތަނެއްގައި އެއްޗެއް ހަރުކުރާނަމަ އެތަނަކަށް ވަދެ އެ އެއްޗެއް ހަރުުކުރުމަށާއި އަދި އެ އެއްޗެއް ހަރުކުރުމަށް ބޭނުންވާ ކަންކަން ކުރުމަށް (މީގެތެރޭގަި ފާރުން ލޯވަޅެއް ތޮރުފުން، ކޭބަލްއެއް އެޅުން، އަދި މިނޫންވެސް މިފަދަ ކަންކަން ކުރުމަށް)؛
 2. އެމީހެއްގެ ހަށިގަނޑުގައި އެއްޗެއް ހަރުކުރާނަމަ އެކަމެއް ނިމެންދެން ކިޔަމަންތެރިކަމާއެކު އިނުން؛
 3. ހަރުކުރެވޭ އެއްޗެއް ބަލަހައްޓަން އެ ހަރުކުރާ ފަރާތުން އަންގާ ގޮތަށް ބަލަހައްޓަމުން ގެންދިއުން (މީގެތެރޭގައި ބެޓެރީ ޗާޖުކުރަންޖެހޭ އެއްޗެހީގެ ބެޓެރީ އެބުނާ ހަމަތަކަކުން ޗާޖުކުރަމުން ގެންދިއުމާއި، ކަރަންޓު ފޯރުކޮށްދިނުމާއި އެފަދަ އެހެނިހެން ކަންކަން ކުރަމުން ގެންދިއުން).

(ރ) މި މާއްދާގެ ދަށުން ހަރުކުރެވޭ ތަކެތި ރަނގަޅުތޯ ބެލުމަށާއި އެތަކެތީގެ އެކިއެކި މަސައްކަތްތައް ކުރުމަށް އެމީހެއްގެ ގެއަށް ވަންނަންޖެހޭ ވަގުތުތަކުގައި އެގެއަކަށް ވަނުމުގެ ހުއްދަ އެ މަސައްކަތްކުރާ ބަޔަކަށް ދިނުމަށް ކޯޓަށް އެނިގިދާނެއެވެ.

(ބ) މި މާއްދާގެ ދަށުން ހަރުކުރެވޭ ތަކެތީގެ މަސައްކަތްތައް އެ މަސައްކަތުގެ ހުނަރު ހުރި އަމިއްލަ ފަރާތަކާ ހަވާލުކުރުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެެއެވެ.

54 ވަނަ މާއްދާ – ވަދެ ބަލައި ފާސްކުރުން

ތުހުމަތުކުރެވޭ ފަރާތެއްގެ ގެދޮރަށް ވަދެ، ބަލައި ފާސްކުރުމުގެ ގޮތުން އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅިދާނެއެވެ.

(ހ) ކޮންމެ ވަގުތެއްގައިވެސް މީހަކު ހުއްޓުވައި، ހަށިގަނޑު ބަލައި ފާސްކުރުން؛

(ށ) މޮނިކޮން އަމުރެއް ރައްދުކުރުމަށްޓަކައި އެ އަމުރު ރައްދުވާ ފަރާތް ހުރިކަމަށް ގަބޫލުކުރެވޭ ތަނަކަށް ވަދެ، އެމީހަކު ހޯދުމަށް އެތަނެއް ބަލައި ފާސްކުރުން؛

(ނ) އަމުރުގައި ބުނެފައިވާ އެޑްރެސް ނޫން އެޑްރެހަކަށްވެސް، ތުހުމަތުކުރެވޭ ފަރާތް އެތަނެއްގައި އުޅޭކަމަށް ތުހުމަތު ކުރެވޭނަމަ، ވަދެ ބަލައި ފާސްކުރުން؛

(ރ) މޮނިކޮން އަމުރެއް އެމީހަކަށް ރައްދުކުރުމަށްފަހު ނުވަތަ ރައްދުކުރުމުގެ މަސައްކަތް ހިނގާ ވަގުތުގައި، އެމީހަކު ހުރި ތަނެއް، ބަލައި ފާސްކޮށް، އެމީހެއްގެ ހަށިގަނޑު ބަލައި ފާސްކުރުން.

 

55 ވަނަ މާއްދާ – މޮނިކޮން އަމުރެއްގައި ހުރި މީހަކު ފިލައިފިކަމަށް ތުހުމަތު ކުރެވިގެން ވަދެ، ބަލައި ފާސްކުރުން

ތުހުމަތުކުރެވޭ ފަރާތް ފިލާފާނެކަމަށް މިނިސްޓަރަށް ތުހުމަތު ކުރެވިއްޖެނަމަ، އެމީހަކު ބެހެއްޓިފައިވާ ގެއަކަށް ނުވަތަ އިމާރާތަކަށް ވަދެ، އެމީހަކު ހުރިތޯ ބެލުމަށާއި، އެމީހަކު ހޯދުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް، އެތަނެއް ބަލައި ފާސްކުރުމުގެ ފިޔަވަޅު އެޅިދާނެއެވެ.

 

56 ވަނަ މާއްދާ – މޮނިކޮން އަމުރާ އެއްގޮތައް އަމަލުކުުރޭތޯ ބެލުމަށް ވަދެ، ބަލައި ފާސްކުރުން

ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތައް އަމަލުކުރޭތޯ ބެލުމަށް ކޮންމެ ވަގުތެއްގައިވެސް އެމީހަކު ބެހެއްޓިފައި ހުރި ގެއަކަށް ނުވަތަ އިމާރާތަކަށް ވެދެ، ބަލައި ފާސްކުރުމުގެ ފިޔަވަޅު އެޅިދާނެއެވެ.

 

57 ވަނަ މާއްދާ – ތަކެތި އަތުލައި ހިފެހެއްޓުން

(ހ) މި ބާބުގެ ދަށުން ވަދެ، ބަލައި ފާސްކުރުމުގެ ތެރޭގައި، ތިރީގައި އެވާ ތަކެތި މި މާއްދާއާ އެއްގޮތްވާގޮތުގެ މަތިން ހިފެހެއްޓިދާނެއެވެ.

 1. ހެއްކެއްގެ ގޮތުުގައި ބޭނުންކުރެވިދޭނެ ކޮންމެ އެއްޗެއް؛
 2. އެއްޗެއް ފޮރުވަފާނެކަމަށް ނުވަތަ، ގެއްލުވާލަފާނެކަމަށް ނުވަތަ، ބަދަލުޖެގެނެސްފާނެކަމަށް ނުވަތަ، ހަލާކުކޮށްލަފާނެކަމަށް، ނުވަތަ ނައްތާލަފާނެކަމަށް ފެންނާތީ އަތުލެވޭ ތަކެތި؛
 3. އެމީހެއްގެ މައްޗަށް ހިންގޭ ނުވަތަ ހިންގިފައިވާ އަމުރެއް ތަންފީޒުކުރުމަށް ހުރަސްއެޅިދާނެކަމަށް ފެންނަ ކޮންމެ އެއްޗެއް؛
 4. އެމީހެއްގެ މައްޗަށް ހިންގުނު އަމުރަކާ ހިލާފުވިކަމުގެ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް ފެންނަ ކޮންމެ އެއްޗެއް.

(ށ) މި މާއްދާގެ ދަށުނ ްތަކެތި ހިފަހައްޓަންވާނީ ގޭގެ ވެރިފަރާތް ނުވަތަ ދެ ހެކީންގެ ކުރިމަތީގައެވެ.

(ނ) މި މާއްދާގެ ދަށުން ހިފަހައްޓާ ތަކެތީގެ ލިސްޓެއް، ގޭގެ ވެރިފަރާތް ނުވަތަ އެފަރާތް ތަމްސީލުކުރާ ފަރާތައް ނުވަތަ އެފަދަ ހައިސިއްޔަތެއް ލިބިފައިވާ ފަރާތަށް އެތަކެތި ހިފަހައްޓާ ވަގުތުގައި، ފުލުހުން ދޭންވާނެއެވެ.

 

58 ވަނަ މާއްދާ – ފިންގަރ ޕްރިންޓާއި އެހެނިހެން ހެކި

(ހ) ތުހުމަތުކުރެވޭ ފަރާތުގެ ފިންގަރ ޕްރިންޓް ނުވަތަ ކުޑަކަމުދާ އެއްޗެހި ނުވަތަ މިނޫންވެސް ހަށިގަނޑުގެ އެހެން ކޮން ތަނަކުންވެސް ސާމްޕަލެއް ފުލުހުންނަށް ދިނުމަށް ކޯޓަށް އަމުރު ކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދަ ސާމްޕަލެއް ނެގުމަށްޓަކައި ފުލުހުންނަށް އެމީހަކު ފުލުހުންގެ އިދާރާއަކަށް ހާޒިރު ކުރެވިދާނެއެވެ. ނުވަތަ ވަކި ގަޑިއެއްގައި ހާޒިރުވާން އެންގިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ފަދަ ސާމްޕަލެއް ދިނުމަށް ތުހުމަތު ކުރެވޭ ފަރާތް އިންކާރުކޮށްފިނަމަ، އެމީހަކު އެކުރަނީ ކުށެކެވެ.

 

59 ވަނަ މާއްދާ – ފޮޓޯ ނެގުން

މޮނިކޮން އަމުރެއްގައި، މި މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ތުހުމަތުކުރެވޭ ފަރާތުގެ ފޮޓޯ ނެގުމަށް ކޯޓަށް ކަނޑައެޅިދާނެއެވެ.

(ހ) ތުހުމަތުކުރެވޭ ފަރާތުގެ ފޮޓޯ މިނިސްޓަރު ކަނޑައަޅާ ތަނެއްގައި އަދި ކަނޑައަޅާ ވެގުތެއްގައި ނެގުން؛

(ށ) ތުހުމަތުކުރެވޭ ފަރާތް ދިރިއުޅޭ ތަނެއްގެ ނުވަތަ ގެންގުޅޭ ނުވަތަ ބޭނުންކުރާ އެއްޗެއްގެ ފޮޓޯ ނެގުން.

 

ހަވަނަ ބާބު

މޮނިކޮން އަމުރަކާ ހިލާފުވުމުގެ ކުށް

60 ވަނަ މާއްދާ – މޮނިކޮން އަމުރަކާ ހިލާފުވުން

(ހ) މޮނިކޮން އަމުރެއްގެ ދަށުން ފިޔަވަޅު އަޅާފައިހުރި މީހަކު، އެކަީގެންވާ ސަބަބެއް ނެތި، މޮނިކޮން އަމުރުގެ އެއްވެސް ފިޔަވަޅަކާ ހިލާފްވެއްޖެނަމަ އެމީހަކު އެކުރީ ޖިނާއީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ކުށުގެ އަދަބަކީ ގިނަވެގެން 18 (އަށާރަ) މަސްދުވަސް ގޭބަންދުކުރުން ނުވަތަ ޖަލަށްލުމެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ ކުށެއް ކުރި މީހެއްގެ ތަހުގީގު ފެށި ޝަރީއަތުން ގޮތެއް ކަމޑައެޅުމާ ދޭތެރޭ އެމީހަކު ބަންދުގައި ބަހައްޓަން މިނިސްޓަރަށް ފެނިގެން އެކަން ލިއުމަކުން ކޯޓުގައި އެދެފިނަމަ ކޯޓުން އެކަމަށް އިޖާބަދީ، ތަހުގީގާއި ޝަރީއަށް ނިމެންދެން، މިނިސްޓަރު ކަނޑައަޅާ ތަނެއްގައި އެމީހަކު ބަންދުކޮށްފައި ބެހެއްޓުމުގެ އަމުރެއް ނެރެންވާނެއެވެ.

 

ހަތްވަނަ ބާބު

އެހެނިހެން

61 ވަނަ މާއްދާ – އުވާލެވޭ ގާނޫނު

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަނަބަރު 10/1990 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) އުވުނީއެވެ.

 

62 ވަނަ މާއްދާ – ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިުކުރާ ދުވަހުން ފެށިގެންނެވެ.

 

63 ވަނަ މާއްދާ – ގަވައިދު ހެދުން

(ހ) ޓެރަރިޒަމް މަނާކުރުމާއި ހުއްޓުވުމާއި ގުޅޭގޮތުން މި ގާނޫނުގައި ބަޔާންވެގެންވާ އުސޫލުތަކަށް އަމަލުކުރުމަށްޓަކައި ހަދައި ހިންގަންޖެހޭ ގަވައިދުތައް މި ގާނޫނަށް އަމަލުކުރާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި އިއުލާންކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހެދޭ އެއްވެސް ގަވައިދަކީ، މި ގާނޫނުގެ މަގުސަދުތަކާ ފުށުއަރާ، ނުވަތަ މި ގާނޫނުން އަމަލުކުރުމަށް ލާޒިމުކުރާ ހާއްސަ އިޖުރާއަތުތައް ނަފީވާނެ، ނުވަތަ އެ އިޖުރާއަތުތަކަށް އަމަލުކުރުމަށް ހުރަސްއެޅޭނެ ގަވައިދަކަށް ވެގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ގަވައިދު ހަދާނީ މިނިސްޓަރެވެ.

 

64 ވަނަ މާއްދާ – މާނަކުރުން

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިންދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކާ ގުޅިގެން ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ނުރައްކާތެރި ހަތިޔާރު" ކަމަށް ބުނެފައި އެވަނީ، ބަޑިއާއި ވަޒަން ފޮނުވާގޮތައް ހަދާފައި ހުންނަ އެހެން ބާވަތްތަކުގެ ވަސީލަތްތަކާއި، ތޫނު ހަތިޔާރާއި، ކޯރާޑިއާއި، ވަޅިއާއި، ރޭޒަރުތިލައާއި، މިފަދަ އެއްޗެހި ހިމެނޭނެހެންނެވެ.

(ށ) "ކޮންޓްރޯލް" ކަމަށް ބުނެފައި އެވަނީ، މީހެއްގެ މިނިވަންކަމަށް ވަކި އިންތަކަކާއި މިންތަކެއް ކަނޑައަޅައި، އެ އިންތަކާއި މިންތަކުގެ ތެރޭގައި އެމީހެއްގެ މިނިވަންކަން ހިފެހެެއްޓުމެވެ.

(ނ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، މިނިސްޓަރ އޮފް ހޯމް އެފެއާޒަށެވެ.

(ރ) "މޮނިޓަރ" ކަމަށް ބުނެފައި އެވަނީ، މީހަކު އުޅޭނޫލޭގޮތް ބަލަމުން ގެންދިއުމެވެ.

(ބ) "މޮނިކޮން" ކަމަށް ބުނެފައި އެވަނީ، މޮނިޓަރ ކުރުމާއި ކޮންޓްރޯލް ކުރުމަށެވެ.

(ޅ) "ފަނާކުރަނިވި މާއްދާ" ކަމަށް ބުނެފައި އެވަނީ، ގޮވާތަކެއްޗާއި، އަލިފާންރޯވެދާފަދަ ތަކެއްޗެވެ. އޭގެތެރޭގައި ވަކިވަގުތެއް ޖެހުމުން ގޮވާ ގޮތަށް ހަދާފައި ހުންނަ ތަކެއްޗާއި، ގޮވާނެ ވަކި ގޮތެއް ރޭވިފައި ހުންނަ ތަކެއްޗާއި، ވިހައާއި، ވިހަގޭހާއި، މީހުން މަރުވެދާފަދަ ބަޔޮލޮޖިކަލް ނުވަތަ ކެމިކަލް މާއްދާތަކާއި، ރޭޑިއޯއެކްޓިވް މާއްދާތައް ހިމެނޭ ގޮތަށެވެ.

(ކ) "ގައުމީ ސަލާމަތާބެހޭ މަޖިލިސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1/2008 (ސިފައިންގެ ގާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގައުމީ ސަލާމަތާބެހޭ މަޖިލީހެވެ.

(އ) ގާނޫނު ތަންފީޒުކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ޓެރަރިޒަމްގެ އަމަލުތަކާ ގުޅިގެން އެކަންކަން ހުއްޓުވުމަށްޓަކައި، ކައުންޓަރ ޓެރަރިޒަމްގެ މަސައްކަތް ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ކަނޑައަޅާ ފަރާތަށާއި، މި ގާނޫނުގެ ދަށުން ކުށްކުރާކަމަށް ތުހުމަތުކުރެވޭ މީހުންގެ ތަހުގީގާއި އަދި މި ގާނޫނުގެ ތިންވަނަ އަދި ހަތަރުވަނަ ބާބުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށްޓަކައި މިނިސްޓަރާއި، ދިވެހި ފުލުހުންގެ ހިދުމަތާއި އަދި އެނޫނަސް ގާނޫނު ތަންފީޒުކުރުމުގެ ގާނޫނީ ބާރު ލިބިފައިވާ ދައުލަތުގެ އެހެން މުވައްސަސާތައް ހިމެނޭ ގޮތަށެވެ.

(ވ) "ގޮވާތަކެތި" ކަމަށް ބުނެފައި އެވަނީ، އާންމު ބޭނުންތަކަށް ބޭނުންކުރުމަށް މަނާކުރެވިފައިވާ ނުވަތަ އެ ބޭނުންކުރުމަށްޓަކައި ސަރުކާރުގެ ހުއްދަ ހޯދަންޖެހޭ އެއްޗެހީގެ ތެރެއިން އޭގެ ޒާތުގައި ގޮވާ ކޮންމެ ވަސީލަތަކަށެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

އުވާލެވުނު ގާނޫނު

ޓެރަަރިޒަމް މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 10/1990)

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

ޓެރަރިޒަމުގެ ކުށުގައި ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 1/2018)

 

 

 

ގެޒެޓު ކުރެވުނު ގޮތް

ކިޔުންތެރިންގެ ޚިޔާލު

Please login below to comment.
Login via Twitter.com