-

ޓެރަަރިޒަމް މަނާކުރުމުގެ ގާނޫނު

(ގާނޫނު ނަންބަރު 1990-10) 

(މި ގާނޫނު ވަނީ ގާނޫނު ނަންބަރު 32/2015 ގެ 61 ވަނަ މާއްދާއިން އުވާލެވިފައި)

1 ވަނަ މާއްދާ – ނަން

މިގާނޫނުގެނަމަކީ "ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު 1990" އެވެ.

 

2 ވަނަ މާއްދާ - ޓެރަރިޒަމްގެ ކުށް

މިމާއްދާގައި ބަޔާން ކޮށްފައިވާ ކަންތައްތަކަކީ، މިގާނޫނުގެ ދަށުން ޓެރަރިޒަމްގެ ކުށުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ.

(ހ) ސިޔާސީ މަގްސަދެއްގައި ނުވަތަ މީހަކަށް ނުވަތަ ބަޔަކަށް ބިރުދެއްކުމުގެ ގޮތުން ނުވަތަ ބަޔެއްގެ މެދުގައި ބިރުވެރިކަން އުފެދޭގޮތަށް މީހަކު ނުވަތަ މީހުން މެރުން، ނުވަތަ އެފަދަ މަގްސަދެއްގައި މީހަކަށް ނުވަތަ ބަޔަކަށް ޖިސްމާނީގޮތުން ގެއްލުން ލިބޭފަދަ ކަމެއް ކުރުން ނުވަތަ ކުރަން އުޅުން.

(ށ) މީހަކު ނުވަތަ މީހުން ކިޑްނެޕް ކުރުން، ނުވަތަ ގަދަކަމުން ފޮރުވުން، ނުވަތަ ރަހީނުންގެ ގޮތުގައި ހިފެހެއްޓުން، ނުވަތަ މިއިން ކަމެއް ކުރަން އުޅުން.

(ނ) ފުރާދުއްވާ އެއްޗެހި ހައިޖެކް ކުރުން، ނުވަތަ ކުރަން އުޅުން.

(ރ) އެކިވައްތަރުގެ ބަޑި ނުވަތަ ފިސްތޯލަ ނުވަތަ އެފަދަ ތަކެތީގެ ވަޒަން ނުވަތަ އެކިވައްތަރުގެ ބޮން ނުވަތަ އެފަދަ ގޮވާތަކެތި ސަރުކާރުގެ ހުއްދައެއްނެތި ރާއްޖެއަށް އެތެރެ ކުރުން، ނުވަތަ އެފަދަ ތަކެތި ރާއްޖޭގައި އުފެއްދުން، ނުވަތަ ގެންގުޅުން، ނުވަތަ ވިއްކުން، ނުވަތަ އެކަކު އަނެކަކަށް ދީހެދުން ނުވަތަ ބެހެއްޓުން.

(ބ) އެކި ވައްތަރުގެ ބަޑި ނުވަތަ ފިސްތޯލަ ނުވަތަ ހަތިޔާރަށް ހިމެނިދާނޭ ތަކެތި ނުވަތަ އެފަދަ ތަކެތީގެ ވަޒަން ނުވަތަ ބޮން ނުވަތަ އެފަދަ ގޮވާތަކެތި، ނުވަތަ އެނޫންވެސް އެއްޗެއް މީހުންގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ މުދަލަށް ގެއްލުން ލިބޭފަދަ ގޮތެއްގައި ބޭނުންކުރުން ނުވަތަ ކުރަން އުޅުން.

(ޅ) މީހުންގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ މުދަލަށް ގެއްލުން ލިބިދާފަދަ ގޮތެއްގައި އެއްވެސް ތަނެއްގައި ނުވަތަ އެއްޗެއްގައި ހުޅުޖެހުން، ނުވަތަ ހުޅުޖަހަން އުޅުން ނުވަތަ އެފަދަ ގޮތަކަށް ތަނަކަށް ނުވަތަ އެއްޗަކަށް އެއްވެސް ގޮތަކުން ގެއްލުމެއް ދިނުން ނުވަތަ ގެއްލުމެއް ދޭން އުޅުން .

(ކ) ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭފަދަ ކަމެއް ކުރުން ނުވަތަ ކުރަން އުޅުން ނުވަތަ މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ މުދަލަށް ގެއްލުން ދީފާނެ ކަމުގެ އިންޒާރު ދުލުން ނުވަތަ ލިޔުމަކުންވިޔަސް ދިނުން.

 

3 ވަނަ މާއްދާ - ހޭދަކުރުމާއި އެހީވެދިނުމާއިރޭވުން

2 ވަނަ މާއްދާގައި ބުނެފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއްކުރުމަށް ފައިސާއިން ނުވަތަ މުދަލުން ހޭދަކުރުމާއި އެއްވެސް ސިފައެއްގައި އެހީވެދިނުމާއި އެފަދަ ކަމެއްކުރުމަށް ރޭވުންވެސް ހިމެނޭނީ ޓެރަރިޒަމްގެ ކުށުގެ ތެރޭގައެވެ.

 

4 ވަނަ މާއްދާ - ހޭދަކުރާ ނުވަތަ އެހީވެދޭ ތަނުގެ ރަޖިސްޓަރީ ބާތިލުކުރުން

މިގާނޫނުގައި  ބުނެފައިވާ ޓެރަރިޒަމްކުށެއް ކުރުމަށް ފައިސާއިން ނުވަތަ މުދަލުން ހޭދަކުރީ، ނުވަތަ އެއްވެސް ސިފައެއްގައި އެހީވެދިނީ، ސަރުކާރުގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ތަނަކުން ކަމަށްވާނަމަ އެތަނެއްގެ ރަޖިސްޓަރީ ބާތިޅު ކުރެވޭނެއެވެ.

 

5 ވަނަ މާއްދާ - ށަރްއީ ބަދަލު ދޭންޖެހުން

ޓެރަރިޒަމްގެ ކުށްކުރާ މީހުންނަށް މިގާނޫނުގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އަދަބު ދިނުމުގެ އިތުރަށް ޓެރަރިޒަމްގެ ކުށެއްގެ ސަބަބުން ގެއްލުމެއް ލިބިއްޖެނަމަ، އެ ކުށްކުރި ފަރާތަކުން ގެއްލުން ލިބުނު ފަރާތަކަށް ށަރީއަތުން ކަނޑައަޅާ ބަދަލެއް ދޭންޖެހޭނެއެވެ.

 

6 ވަނަ މާއްދާ - އަދަބު

(ހ)   ޓެރަރިޒަމްގެ ކުށެއްގެ ސަބަބުން މީހަކު މަރުވެއްޖެނަމަ، އެކުށްކުރި މީހާގެ އަދަބަކީ މެރުމެވެ. ނުވަތަ އުމުރަށް ޖަލަށްލުން ނުވަތަ އުމުރަށް އަރުވާލުމެވެ. މިފަދަ ކުށެއް ކުރުމުގައި ނުވަތަ ރޭވުމުގައި ބައިވެރިވީ މީހެއްގެ އަދަބަކީވެސް މިއެވެ. މިފަދަ ކުށަކަށް އެހީވެދިން މީހާއާއި، މިފަދަ ކުށެއްގެ މައުލޫމާތު ސިއްރު ކުރި މީހާގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުމެވެ.

(ށ) މީހެއްގެ ފުރާނައަށް ގެއްލުމެއް ނުލިބޭ ޓެރަރިޒަމްގެ ކުރި މީހެއްގެ އަދަބަކީ، 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުމެވެ. މިފަދަ ކުށެއް ކުރުމުގައި ނުވަތަ ރޭވުމުގައި ބައިވެރިވި މީހާގެ އަދަބަކީވެސް މިއެވެ. މިފަދަ ކުށަކަށް އެހީވެދިން މީހާއާއި، މިފަދަ ކުށެއްގެ މައުލޫމާތު ސިއްރު ކުރި މީހާގެ އަދަބަކީ 3 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުމެވެ.

(ނ) މިމާއްދާގެ (ހ) އާއި (ށ) ގައިވާ ޖަލުގެ އަދަބު ކަނޑައެޅުމުގައި، ބުރަ މަސައްކަތް ވަކި މުއްދަތަކަށް ކަނޑައެޅުމުގެ އިހްތިޔާރު ގާޒީއަށް ލިބިގެންވެއެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

އުވި ގާނޫނު

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2015-32)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު