-

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނު (ގާނޫނު ނަންބަރު 1991-09) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު 

(ގާނޫނު ނަންބަރު 2014-39)

 

ގާނޫނު ނަންބަރު 1991-09 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވެދިޔަ ގާނޫނުގެ 5 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

5 ވަނަ މާއްދާ - އުނގެނުމުގެ ހައްގު

(ހ) ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ ކުއްޖަކަށްވެސް އެއްވެސް ތަފާތުކުރުމެއް ނެތި އުނގެނުމުގެ ހައްގު ލިބިގެންވެއެވެ.

(ށ) ދިވެހިރާއްޖޭގައި ދިރިއުޅޭ ކުޑަކުދިންގެ ފަށާ ތައުލީމާއި މެދުމަދުރަސީ ތައުލީމާއި ތަރުބިއްޔަތާބެހޭ ކަންތައްތައް އުނގަންނައިދިނުމަކީ އެ ކުދިންގެ މައިންބަފައިންނަށާއި ދައުލަތުގެ މައްޗަށް ލާޒިމުކަމެކެވެ. އަދި ފަށާ ތައުލީމާއި މެދުމަދުރަސީ ތައުލީމު ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ ކުއްޖަކަށްވެސް ދައުލަތުން ހިލޭ ފޯރުކޮށްދޭންވާނެއެވެ.

(ނ) ތައުލީމީ ނިޒާމުގެ ތެރެއިން އިސްލާމްދީނަށް ބޯލަނބައި ކިޔަމަންގަތުމަށާއި، އިސްލާމްދީނަށް ލޯބިޖެއްސުމަށް ބާރުއަޅައި، ދީނީގޮތުން އެނގުން ލާޒިމުވާ މިންވަރު ކޮންމެ ކުއްޖަކަށްވެސް އުނގެނެވޭގޮތް ދައުލަތުން ހަމަޖައްސައިދޭންވާނެއެވެ.

(ރ) ކުޑަކުދިން ކުޅިވަރުކުޅެ މުނިފޫހިފިލުވުމަށް ނުކުމެ އުޅެވޭނެ ތަންތަން އެވަގުތަކަށް ތައްޔާރުކުރެވެން ހުރި މިންވަރަކަށް ތައްޔާރުކޮށްދޭންވާނެއެވެ.

 

2 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުމާބެހޭ ގާނޫނު (ގާނޫނު 1991-09)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 1991-09)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު