-

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނު

(ގާނޫނު ނަންބަރު 1991-09)

1 ވަނަ މާއްދާ – ފެށުން

ދިވެހިރާއްޖޭގެ ކުޑަކުދިންނަކީ، އިސްލާމްދީނަށް ހުރްމަތްތެރިކޮށް ހިތާ، ދިވެހި ގައުމުދެކެ ލޯބިވާ، ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރެވޭ ސިއްހަތު ރަނގަޅު ބަޔަކުކަމަށް ހެދުމަށްޓަކައި މަސައްކަތް ކުޅައުމީ، ދިވެހި ސަރުކާރާއި މައިންބަފައިންނާއި ރައްޔިތުންގެ ވާޖިބެކެވެ. މިވާޖިބު އަދާކުޅައުމުގެ ގޮތުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމަށް ޓަކައި އަންނަނިވި ކަންތައްތައް ކުރުން ލާޒިމު ވެގެންވެއެވެ.

 

 

ޗެޕްޓަރ 1

ސަރުކާރުގެ ދާއިރާތަކުން ކުރަންޖެހޭ ކަންތައްތައް

 

2 ވަނަ މާއްދާ - ކުދިންނާއިމައިންގެ ސިއްހަތުސަލާމަތުން ބެހެއްޓުމުގެގޮތުން އިރުށާދުދިނުމާއި ސިއްހީ ފަރުވާދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުން

މައިމީހާގެ ބަނޑުގައި ކުއްޖާ ގަރުބަގަތީއްސުރެ އުފަންވުމާދެމެދު ކުއްޖާގެ ސިއްހަތާއި މައިމީހާގެ ސިއްހަތު ސަލާމަތުން ބެހެއްޓުމުގެގޮތުން މައިންބަފައިން ކަންތައް ކުރަންވީ ގޮތުގެ އިރުށާދު ދިނުމާއި، އެކުދިންނަށާއި އެކުދިންގެ މައިންނަށް އެކި ދުވަސްވަރު ކޮންމެހެން ދޭންޖެހޭ ރައްކާތެރިކަމުގެ ސިއްހީ ފަރުވާ ދިނުމާއި، ބޭސްފަރުވާ ކުރުމުގެ ެ     އިންތިޒާމު އެވަގުތަކު ރާއްޖޭގެ ހާލަތު ތަންދިން ގޮތެއްގެ މަތިން ހަމަޖައްސައިދޭންވާނެއެވެ. އަދި ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައިވެސް ކުޑަކުދިންނަށް ކޮންމެހެން ބޭނުންވާ ކާނާއާއި ބޭސްފަދަ ތަކެތި، ލުއިފަސޭހަ ގޮތެއްގެމަތިން ލިބިދިނުމަށް ބާރުއަޅަން ވާނެއެވެ.

 

3 ވަނަ މާއްދާ - ރޯގާތަކުން ދިފާއު ކުރުމުގައިކުޑަކުދިންނާއި މެދު ހާއްސަ ސަމާލު ކަމެއް ދިނުން

އެކިއެކި ވަބާތަކާއި ރޯގާތަކުން ރައްޔިތުން ދިފާއު ކުރުމުގެގޮތުން ދޭންޖެހޭ ވެކްސިންދިނުމުގަޔާއި، އެނޫންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގަޔާއި، ރޯގާ ބަލިމަޑުކަން ރައްޔިތުން ސަލާމަތް ކުރުމަށް ކުރެވޭ މަސައްކަތް ތަކުގައި ކުޑަކުދިންނާމެދު ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.

 

4 ވަނަ މާއްދާ - ޅަފަތުގައި މަރުވާ ކުދިން މަދުކުރެވޭތޯ މަސައްކަތްކުރުން

ޅަފަތުގައި ކުޑަކުދިން މަރުވުމަށް ދިމާވާ ސަބަބުތައް ހޯދައި ބަލައި، އެފަދަ ސަބަބުތައްހޯދައި ބަލައި، އެފަދަ ސަބަބުތައް ނައްތާލުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތް ތަކެއް ކޮށް އެކަމުގައި އާންމުކޮށް ރައްޔިތުންނަށް ދޭންޖެހޭ އިރުށާދުތައް ދޭންވާނެއެވެ.

 

5 ވަނަ މާއްދާ - ކުދިންނަށް ތައުލީމާއި ތަރުބިއްޔަތު ހަމަޖައްސައިދިނުމާއި ކުޅިވަރުކުޅޭނެތަންތަން ތައްޔާރުކުރުން

ރާއްޖޭގެ އިގްތިސާދާއި ސަރުކާރުގެ ކެރިފޯރުން ތެރިކަން ތަންދިން މިންވަރަކަށް، ރާއްޖޭގެ ކުޑަކުދިންގެ ތައުލީމާއި ތަރުބިއްޔަތާބެހޭ ކަންތައްތައް، ރާއްޖޭގެ މީހުންއުޅޭ ކޮންމެ ރަށެއްގައިވެސް އެރަށަކާ ގުޅޭގޮތެއްގެމަތިން ކުރިއަށް ގެންދަން ވާނެއެވެ. ވަކިންހާއްސަކޮށް، ދީނީގޮތުން އެނގުން ލާޒިމުވާ މިންވަރު ކޮންމެ ކުއްޖަކަށްވެސް އުނގެނެވޭނެގޮތް ހަމަޖައްސައި ދޭންވާނެއެވެ. ހަމައެހެންމެ، ކުޑަކުދިން ކުޅިވަރުކުޅެ މުނިފޫހި ފިލުވުމަށް ނުކުމެ އުޅޭނޭ ތަންތަން އެވަގުތަކު ތައްޔާރު ކުރެވެންހުރި މިންވަރަކަށް ތައްޔާރު ކޮށްދޭން ވާނެއެވެ.

 

6 ވަނަ މާއްދާ - ސިކުނޑިހަމަނުޖެހޭ ކުދިންނަށާއި ނުކުޅެދޭކުދިންނަށް ފަރުވާކޮށްދިނުމާއި ހާއްސަ އެހީދިނުން

ސިކުނޑި ހަމަނުޖެހޭ ކުދިންނަށާއި، ޖިސްމާނީގޮތުން ނުކުޅެދޭ ކުދިންނަށް، އެކުދިންނަށް ލިބިފައިވާ އުނިކަން ލުއިކޮށްދިނުމަށް ދޭންޖެހޭ ފަރުވާ ދިނުމުގެ ކަންތައްއެވަގުތަކަށް ހަމަޖައްސައިދެވެން އޮތްގޮތެއްގެ މަތިން ހަމަޖައްސައި ދޭންވާނެއެވެ. އަދި އެފަދަ ކުދިންނަށް ބޭނުންވާ ހާއްސަ އެހީ ލިބިދީގެން، މުޖްތަމައުގެ ކަންތައްތަކުގައި އެކުދިން ބައިވެރިކުރެވޭތޯ ބަލަންވާނެއެވެ.

 

7 ވަނަ މާއްދާ - ޓެލެވިޒަނުންނާއި ރޭޑިޔޯއިން ކުދިންނަށް ހާއްސަ ޕްރޮގްރާމްފޮނުވުން

ޓެލެވިޒަނާއި ރޭޑިޔޯގެ ޕްރޮގްރާމްތަކުގެ ތެރޭގައި ކުޑަކުދިންނަށް ބޭނުންތެރި މައުލޫމާތާއި އިރުށާދު ހިމެނޭ ހާއްސަ ޕްރޮގްރާމްތައް ހިމަނަން ވާނެއެވެ. އަދި މިފަދަ ޕްރޮގްރާމް ތަކުގައި ކުޑަކުދިންގެ ވިސްނުމަށް ނުވަތަ އަހްލާގަށް ނޭދެވޭ އަސަރެއް ފޯރާފަދަ ބަސްތަކާއި މަންޒަރުތައް ހުރެގެން ނުވާނެއެވެ.

 

8 ވަނަ މާއްދާ - ގަވާއިދާ ހިލާފުވާ ކުދިން އިސްލާހު ކުރުވުން

މަގުމަތީގަޔާއި އާންމު ތަންތާނގައި އަދަބާހިލާފު ކަންތައްތައްކޮށް، ގަވާއިދާ ހިލާފަށް އުޅޭކުދިން އެފަދަ ކަންތައްތަކުން ދުރުހެލިކުރުމަށް މަސައްކަތް ކުރަންވާނެއެވެ. މިގޮތުން ފިޔަވަޅު އަޅައިގެން އިސްލާހުނުވާ ކުދިން އިސްލާހުކޮށް، ތަރުބިއްޔަތު ކުރުމުގެ ކަންތައް އެވަގުތަކަށް ސަރުކާރުން ހަމަޖެއްސެން އޮތްގޮތެއްގެ މަތިން ހަމަޖައްސަން ވާނެއެވެ.

 

9 ވަނަ މާއްދާ - ކުދިންގެމައްސަލަތައް ބަލާނޭވަކިނިޒާމެއް ހަމަޖެއްސުމާއި، އަދަބެއްނުދީ އިސްލާހުވޭތޯ ބެލުމަސް އިސްކަންދިނުން

ކުދިންކުރާ ކުށުގެ މައްސަލަތައް ބަލައި، ތަހްގީގުކޮށް، އިންސާފުކޮށް އަދަބުދޭންޖެހޭ ކަންތައްތަކުގައި އަދަބުދޭނޭ ވަކިނިޒާމެއް ހަމަޖައްސަން ވާނެއެވެ. އަދި މުކައްލަފުން ކަމުގައި ނުހިމެނޭ ކުދިންކުރާ ކުށްކުށުގައި އިސްކަން ދޭންވާނީ އަދަބެއްނުދީ އިސްލާހުވޭތޯ ބެލުމުގެ މައްޗަށެވެ. 

 

10 ވަނަ މާއްދާ - މަދަރުސާތަކުގައި ކުދިންނަށް އަދަބު ދިނުމުގައި، ޖިސްމާނީގޮތުން ނުވަތަ ނަފްސާނީގޮތުން ގެއްލުންނުލިބޭ އަދަބުދިނުން

ކުދިންނަށް މަދަރުސާތަކުގައި ދޭންވާނީ، އެކުދިންގެ އުމުރާގުޅޭ، އެކުދިންނަށް ޖިސްމާނީ ގޮތުން، ނުވަތަ ނަފްސާނީގޮތުން ގެއްލުމެއް ނުލިބޭ އަދަބުތަކެވެ.

 

11 ވަނަ މާއްދާ - ޔަތީމު ކުދިންނާއި މިސްކީނު ކުދިންގެ ހައްގުތަކަށް ހާއްސަ ސަމާލުކަމެއް ދިނުން

ރާއްޖޭގައި ޔަތީމު ކުދިންނާއި މިސްކީނު ކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. އަދި މައިންބަފައިން، ނުވަތަ ށަރްއީބަލަދުވެރިންނެތުމުގެ ސަބަބުން ބެލޭނެ އެހެން ގޮތެއް ނެތިފައިވާ ކުދިން ބެލެހެއްޓުމުގެ ކަންތައްތައް،އެވަގުތަކަށް، ހަމަޖައްސައިދެވެން އޮތްގޮތެއްގެ މަތިން ހަމަޖައްސައިދޭން ވާނެއެވެ.

 

12 ވަނަ މާއްދާ - ކުދިންނާބެހޭގޮތުން ބަލާ މައްސަލަތަކުގެ ހަބަރުތައް އާންމު ނުކުރުން

ކުޑަކުއްޖެއްގެ ކަރާމާތަށް ގެއްލުމެއްވާނޭ ކަމެއް ކޮށްގެން ނުވަތަ ކުޑަކުއްޖަކާމެދު، ބަދުއަހްލާގީ އަމަލެއް ހިންގައިގެން ބެލޭ އެއްވެސް މައްސަލައެއްގައި، އެކުއްޖާ މައުލޫމާތު އާންމުކޮށް ހާމަކޮށްގެން ނުވާނެއެވެ.

 

 

ޗެޕްޓަރ 2

މައިންބަފައިން ކުރަންޖެހޭ ކަންތައްތައް

 

13 ވަނަ މާއްދާ -މައިމީހާއާއި ކުއްޖާގެ ސިއްހަތު ސަލާމަތުން ބެހެއްޓުން

މައިމީހާ ބަލިވެއިނީއްސުރެ ވިހެއުމާ ދެމެދުގައި ކުއްޖާއާއި މައިމީހާގެ ސިއްހަތު ސަލާމަތުން ބެހެއްޓުމުގެ ގޮތުންނާއި، ކުއްޖާ އުފަންވުމަށްފަހު އެކުއްޖާގެ ސިއްހަތު ސަލާމަތުން ބެހެއްޓުމުގެ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ވާނެއެވެ.

 

14 ވަނަ މާއްދާ - ކެއިންބުއިމާއި ދިރިއުޅޭނޭ ތަނެއް ހަމަަޖައްސައި ދިނުމާއި ބޭސްފަރުވާކޮށް ދިނުން

ކުއްޖާއަށް ކެއިންބުއިމާއި އަންނައުނާއި ދިރިއުޅޭނެ ތަނެއް ހަމަަޖައްސައި ދިނުމާއި،  ބަލިވެއްޖެނަމަ ބޭސްފަރުވާކޮށް ދިނުމާއި، މިފަދަ ހުރިހާ ކަމެއްވެސް މައިންބަފައިންގެ ހާލަތު ނިޔާކުރާ ގޮތެއްގެ މަތިން ވެވެންއޮތް އެންމެ ރަނގަޅަކަށް ކޮށްދޭންވާނެއެވެ.

 

15 ވަނަ މާއްދާ - ތައުލީމު ދިނުމާއި ތަރުބިއްޔަތުކުރުން

ދީނީގޮތުން އެނގުން ލާޒިމުވާ މިންވަރާއި، ތައްލީމީ ގޮތުން އެކަށީގެންވާ މިންވަރެއްއުނގަންނައިދީ، ކުއްޖާ ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށާއި، ކުއްޖާގެ ހަށިގަނޑު ދުޅަހެޔޮކަންމަތީ ބޮޑުކުރުމަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދިނުމުގައި މައިންބަފައިންގެ ހާލަތު ނިޔާކުރާ ގޮތެއްގެ މަތިން ވެވުނު އެންމެ ރަނގަޅަކަށް އެކަމުގެ މަގު ފަހިކޮށްދޭން ވާނެއެވެ.

 

16 ވަނަ މާއްދާ - ކުއްޖާގެ ކަރާމާތަށް ގެއްލުންވާނޭ ކަމެއް އެއްވެސް މީހަކު ކުރިޔަ ނުދިނުން

ކުއްޖާގެ ކަރާމާތަށް ގެއްލުންވާނޭ ކަމެއް، އެއްވެސް މީހަކު ކުރިޔަ ނުދިނުމަށާއި، ކުއްޖާއާމެދު ބަދުއަހުލާގީ އަމަލެއް ނުވަތަ އަނިޔާވެރި އަމަލެއް އެއްވެސް މީހަކު ހިންގިޔަނުދިނުމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. އަދި އެއްވެސް މީހަކު މިފަދަ ކަމެއް ހިންގައިފިކަން އެނގިއްޖެނަމަ ނުވަތަ މިފަދަ ކަމަކާމެދު ތުހުމަތު ވެއްޖެނަމަ، ސަރުކާރުގެ ކަމާބެހޭ ފަރާތަކަށް ލަސްނުކޮށް އެކަމެއް އުފުލަން ވާނެއެވެ.

 

17 ވަނަ މާއްދާ - ސިކުނޑީގެ ނުވަތަ ޖިސްމާނީ އުނިކަމެއް ލިބިފައިވާ ކުދިންނަށް ފަރުވާ ހޯދައިދިނުން

ދުނިޔެއަށް އަންނައިރު ނުވަތަ ދިރިއުޅުމުގައި ސިކުނޑީގެ އުނިކަމެއް ނުވަތަ ޖިސްމާނީ އުނިކަމެއް ލިބިފައިވާ ކޮންމެ ކުއްޖަކަށް، އެކުއްޖެއްގެ މައިންބަފައިންގެ ހާލަތުތަންދޭ އެންމެ އެކަށީގެންވާ ފަރުވާއެއް ހޯދައިދީ، އެކުއްޖަކު ދިރިއުޅުމުގެ މަރްހަލާތަކަށް ތައްޔާރުވުމަށް ބޭނުންވާ މިންވަރަށް،އެކުއްޖަކަށް ލިބިފައިވާ އުނިކަމެއް ލުއިކޮށް ދިނުމަށް މަސަތްކަތް ކުރަންވާނެއެވެ.

 

18 ވަނަ މާއްދާ - ހާނީއްކައެއްވާފަދަ އަދަބުނުދިނުންް

ބަސްނާހާ ކުދިން ކިޔަމަން ކުރުމުގެ ގޮތުން، ކުދިންނަށް އަދަބެއްދޭން ޖެހިއްޖެ ހިނދެއްގައި ވެސް، ކުއްޖާއަށް ހާނީއްކައެއްވާފަދަ ގޮތަކަށް ތަޅައި، ސިއްހީގޮތުންކުއްޖާއަށް ގެއްލުމެއް ލިބޭފަދަ އަދަބެއްދީގެން ނުވާނެއެވެ.

 

19 ވަނަ މާއްދާ - މައިންބަފައިނގެ މެދުގައި ކުދިންނަށް ގެއްލުން ނުވާނޭ ގޮތަށް އަމަލުކުރުން

ކުއްޖާގެ މައިންބަފައިގެ މެދުގައި ހަމަނުޖެހުން އުފެދޭ ވަގުތުގައިވެސް،ހިނގާ މައްސަލަތަކުން ނުވަތަ ދެމަފިރިން ވަކިވާން ޖެހިއްޖެ ހިދެއްގައިވެސް، ކުއްޖާގެ ސިއްހަތައް،ނުވަތަ ތައުލީމަށް ނުވަތަ އަހްލާގަށް ގެއްލުމެއް ލިބޭގޮތަކަށް، މައިންބަފައިންކުރެ އެކަކުވެސް އަމަލުކޮށްގެން ނުވާނެއެވެ.

 

20 ވަނަ މާއްދާ - މައިންބަފައިން ވަކިވި ނަމަވެސް  ކުދިން ބެލެހެއްޓުމާއި ހަރަދުދިނުން

ކުއްޖާގެ މައިންބަފައިން ވަކިވާންޖެހުނު ނަމަވެސް، ކުއްޖާބެލެހެއްޓުމާއި، އޭނާއަށް ބޭނުންވާނޭ ހަރަދު ބަރަދުގެ ކަންތައްތައްށަރްއީ ހަމަތަކުގެ މަތިން މައިންބަފައިން ހަމަޖައްސަންވާނެއެވެ.

 

21 ވަނަ މާއްދާ – އުމުރުން 18 އަހަރު ނުވަނީސް ކާވެނި ކުރުމުގެ ގެއްލުން، ދަރިންނަށް ވިސްނައި ދިނުން

ކާވެނީގެ ދިރިއުޅުމަށް ކުއްޖާގެ ހަށިގަނޑާއި ވިސްނުން ތައްޔާރުވުމުގެ ކުރީގައ،ިނުވަތަ އާއިލާއެއް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އުފުލޭވަރަށް ކުއްޖާ ބޮޑުވެ ހަމަޖެހުމުގެކުރީގައި ކާވެނުކުރުމަކީ، އެކުދިންނަށާއި، ލިބޭ ދަރިންނަށް، ނަފްސާނީ ގޮތުންނާއިޖިސްމާނީ ގޮތުން ގެއްލުންހުރި ކަމަކަށްވާތީ، އުމުރުން 18 އަހަރު ފުރުމުގެ ކުރީގައި ދަރިން ދަރިން މީހުނާ ނުދެވުމުގެ މައްޗަށް މައިންބަފައިން ސަމާލުކަން ދޭންވާނެއެވެ.އަދި ދަރިއަކު އުމުރުން 18 އަހަރު ފުރުމުގެ ކުރީގައި ކާވެންޏެއް ކުރަން އުޅޭނަމަ، އެއުމުރުގައި ކާވެނި ކުރުމުގެ ގެއްލުން ވިސަންއިދީ، އެކަން ހުއްޓުވުމަށް ބާރުއަޅަންވާނެއެވެ.

 

22 ވަނަ މާއްދާ - މަސްތުވާތަކެތި ބޭނުން ކުރިޔަނުދިނުމާއި ދުންފަތުގެއިސްތިއުމާލު ކުރުމުން ދުރުހެލި ކުރުވުން

ކުދިން މަސްތުވާތަކެތީގެ ބޭނުން އެއްގޮތަކަށްވެސް ކުރިިޔަނުދިނުމަށްމައިންބަފައިންނަށް ވެވުނުހާ މަސައްކަތެއް ކުރަންވާނެއެވެ. އަދި ދުންފަތުގެއިސްތިއުމާލު ކުރުމުން ދުރުހެލި ކުރުމަށްވެސް މައިންބަފައިން މަސައްކަތްކުރަންވާނެއެވެ.

 

23 ވަނަ މާއްދާ - ސަރުކާރުގެ އިރުށާދުތަކަށް ހުރުމަތްތެރިކޮށް ހިތުން

ކުޑަކުދިންގެ ސިއްހަތާއި ރައްކާތެރިކަމާއި ތައްލީމާއި އަދި މިނޫންވެސް ކަންކަމާއިގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުންދޭ އިރުށާދުތަކަށް، މައިންބަފައިން ހުރުމަތްތެރިކޮށް ހިތަންވާނެއެވެ.

 

 

ޗެޕްޓަރ 3

ރައްޔިތުން ކުރަންޖެހޭ ކަންތައްތައް

 

24 ވަނަ މާއްދާ - ހުރިހާ ކުޑަކުދިންނާ މެދުގައިވެސްެ ހަމަހަމަކަމާއި އޯގާތެރިކަން ބެހެއްޓުންް

އާންމުގޮތެއްގައި ހުރިހާ ކުޑަކުދިންނާ މެދުގައިވެސް ހަމަހަމަކަމާއި އޯގާތެރިކަންބަހައްޓައި، އެކިއެކި ހިދްމަތް ލިބިދިނިމުގައި ކުޑަކުދިންނަށް އިސްކަންދޭންވާނެއެވެ. އަދި ހިނގާބިނގާވެ އުޅުމުގަޔާއި އެއްގަމުގައި ނުވަތަ ކަނޑުމަގުން،ނުވަތަ ވައިގެ މަގުން ދަތުރު ފަތުރު ކުރުމުގަޔާއި، އާންމު ކަންކަމުގައި ކުޑަކުދުންނަށާއި މާބަނޑު އަންހެނުންނަށް ރައްކާތެރިކަމާއި އެހީ ތެރިކަން ދޭންވާނެއެވެ. އެއްގަމާއި، ކަނޑާއި ވައިގެމަގުން މީހުން އުފުލާ އުޅަދުތަކުން ދަތުރަށް ފީނެގުމުގައިވެސް އުމުރުން 12 އަހަރުނުވާ ކުދިންނަށް ހާއްސަ އިނާޔަތެއް ދޭންވާނެއެވެ.

 

25 ވަނަ މާއްދާ - ކުޑަކުދިނެގެ ކަރާމާތަށް ގެއްލުންވާނޭ އެއްވެސް ކަމެއް ނުކުރުން

ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާނޭ ކަމެއް، އެއްވެސް މީހަކު ކޮށްގެންނުވާނެއެވެ. އަދި އެއްވެސް ކުއްޖަކާމެދު ބަދުއަހްލާގީ އަމަލެއް، ނުވަތަ އަނިޔާވެރިއަމަލެއްވެސް ހިންގައިގެން ނުވާނެއެވެ. ކުޑަކުއްޖަކާމެދު އެއްވެސް މީހަކު މިފަދަކަމެއްހިންގައިފިކަން އެނގިއްޖެނަމަ، ނުވަތަ މިފަދަ ކަމާމެދު ތުހުމަތު ވެއްޖެނަމަ، ސަރުުކާރުގެކަމާބެހޭ ފަރާތަކަށް ލަސްނުކޮށް އެކަން އުފުލަންވާނެއެވެ.

 

26 ވަނަ މާއްދާ - އުމުރާއި ސިއްހަތާ ނުގުޅޭޭ މަސައްކަތް ކުދިން ލައްވާ ނުކުރުވުން

އެއްވެސް ކުއްޖެއްގެ އުމުރާއި ސިއްހަތާއި ޖިސްމާނީ ބާރު ތަންދޭ މަސައްކަތެއްމެނުވީ، އެކުއްޖަކު ލައްވައި ކުރުވައިގެން ނުވާނެއެވެ. އަދި އެއްވެސް ކުއްޖެއްގެތައްލީމަށް ހުރަސްއެޅޭފަދަ، ނުވަތަ އޭނާގެ ވިސްނުމަށް، ނުވަތަ އަހްލާގަށްނުބައި އަސަރެއް ފޯރާފަދަ މަސައްކަތެއްވެސް ކުރުވައިގެން ނުވާނެއެވެ.

 

27 ވަނަ މާއްދާ - 14 އަހަރު ނުވާ ކުޑަކުދިންލައްވާ،  އުޖޫރައަށް މަސައްކަތް ކުރުވާ ތަންތާނގައި މަސައްކަތް ނުކުރުވުން

އުޖޫރައަށް މީހުން ލައްވާ މަސައްކަތްކުރުވާ އެއްވެސް ތަނެއްގައި،އުމުރުން 14 އަހަރު ނުވާ ކުދިންލައްވާ އުޖޫރައަށް މަސައްކަތް ކުރުވައިގެންނުވާނެއެވެ. އަދި 14 އަހަރު ވެފައިވާ ކުދިން ލައްވާ އުޖޫރައަށް މަސައްކަތްކުރުވަން ޖެހިއްޖެނަމަ، ކުރުވަންވާނީ އެކުދިންގެ އުމުރާއި ސިއްހަތާއި ގުޅޭމަސަައްކަތެވެ. މިގޮތުން މަސައްކަތް ކުރުމުގައި ވެސް އެކުދިން ލައްވާ ކުރުވާ މަަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ދޭންވާނެއެވެ. އަދި މަަސައްކަތް ކުރުވުމުގެތެރޭގައި އެކުދިންނަށް ލިބޭ ސިއްހީ އަދި ޖިސްމާނީ ގެއްލުމަށް ބޭސްފަރުވާކޮށްދޭންވާނެއެވެ.

  

 

ޗެޕްޓަރ 4

އެހެނިހެން ކަންތައްތައް

 

28 ވަނަ މާއްދާ – 18 އަހަރު ނުފުރޭ ކުއްޖަކު މަޔަކަށް ނުވަތަ ބަފަޔަކަށް ވުން

މި ގާނޫނުގެ ދަށުން ކުޑަކުއްޖެއް ކަމުގައި ބެލެވޭ ކުއްޖަކު، މިގާނޫނުގެމިގާނޫނުގެ ދަށުން މައިންބަފައިން ކަމުގައި ބެލެވޭ މީހުންގެ ތެރެއިން ހިމެނިއްޖެހިނދެއްގައި، ށަރުއީ ހުކުމަކުން އެހެން ގޮތަކުން ކަނޑަނާޅާހާ ހިނދަކު، މިގާނޫނުގައިމައިންބަފައިން ކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ކަންތައްތައް ކުރުން އެކުއްޖެއްގެ މައްޗަށް ލާޒިމުވާނެއެވެ.

 

29 ވަނަ މާއްދާ - މުކައްލަފުން މަސްއޫލިއްޔަތު އުފުލުން

(ހ) މިގާނޫނުގެ ދަށުން ކުޑަކުއްޖެއްކަމުގައި ބެލެވޭ ކުއްޖަކު، އިސްލާމީށަރީއަތުގައި ނުވަތަ ގާނޫނުގައި ކުށެއްކަމަށް ކަނޑައަޅާފައިވާ ކަމެއް ކޮށްފިހިނދެއްގައި، އޭނާއަކީ މުކައްލަފަކަށްވާނަމަ، އެކަމެއްގެ ށަރުއީ ނުވަތަ ގާނޫނީމަސްއޫލިއްޔަތު އުފުލުން އޭނާގެ މައްޗަށް ލާޒިމުވާނެއެވެ.

(ށ) މިގާނޫނުގެ ދަށުން ށަރުއީ ނުވަތަ ގާނޫނީ މަސްއޫލިއްޔަތު އުފުލަންޖެހޭކުދިންގެ މައްސަލަތައް ބަލައި، ތަހްގީގުކޮށް، އިންސާފުކޮށް، އަދަބުދޭންޖެހޭ ކަންކަމުގައި އަދަބު ދޭނީ، މިގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން ގާއިމުކުރެވޭ ނިޒާމުގެ ތެރެއިންނެވެ.

 

30 ވަނަ މާއްދާ - މާނަ

(ހ) "ކުޑަކުދިން" ގެ މާނައަކީ، މައިމީހާގެ ބަނޑުގައި އާދަމުގެ ދަރިޔާ ގަރުބަގަތީއްސުރެ، ދުނިޔެއަށް އުފަންވުމާއި ދެމެދުގެ ހާލަތުގައިވާ ކުދިންނާއި، ދުނިޔެއަށް އުފަންވުމަށް ފަހު މީލާދީ ގޮތުން 18 އަހަރު ފުރިހަމަނުވާ ކުދިންނެވެ.

(ށ) "މައިންބަފައިން" ގެ މާނައަކީ، ކުއްޖާގެ މަންމައާއި ބައްޕައާއި ށަރުއީބަލަދުވެރިންނެވެ. އެއިރަކު އެކުއްޖަކު ބަލަމުންދާ ބެލެނިވެރިންވެސް، މިގާނޫނުގައިބުނާ މައިންބަފައިން ކަމުގައި ބެލެވޭނެއެވެ.

(ނ) "ނަފްސާނީ ގެއްލުމުގެ" މާނައަކީ، ކުއްޖާގެ ހިތަށް ނުވަތަ ސިކުޑިއަށް ކުރާފުން އަސަރެއްގެ ސަބަބުން އޭނާގެ އުޅުމަށް ނުވަތަ ކަންކަމާމެދު އޭނާ ވިސްނާ ގޮތަށް ނޭދެވޭ ބަދަލެއް އައުމެވެ.  

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު (ގާނޫނު ނަންބަރު 2014-39) 

1 ވަނަ އިސްލާހު (ގާނޫނު ނަންބަރު 2002-02)

(ނޯޓް: މި ދެ ގަާނޫނުގެ ސުރުހީގައިވެސް ބުނަނީ ގާނޫނު ނަންބަރު 2014-39 އާއި ގާނޫނު ނަންބަރު 2002-02 އިންވެސް ގެނެވުނީ 1ވަނަ އިސްލާހު ކަމަށް) 

 

ކޮންސޮލިޑޭޓެޑް ގާނޫނު

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 1991-09)

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާއި އުސޫލު

  1. އިސްލާހު ކުރުމަށްޓަކައި ކުޑަކުދިން މުޖުތަމައުން އެކަހެރިކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2014-17)
  2. ދަރިންނާ މެދު އިހުމަލުވެ، ކުދިން ބެލުމުގެ ޒިންމާ ނެގުމަށް އުޒުރުވެރިވެ، ދައުލަތުގެ ބެލުމުގެ ދަށަށް ދޫކޮށްލާ މީހުން، ސަރުކާރުގެ ނުވަތަ ދައުލަތުގެ މުއައްސަސާތަކުަގއި، ނުވަތަ ސަރުކާރު ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކުރުމާބެހޭ ގޮތުން އަމަލުރކުރާނެ ގޮތުގެ އުސޫލު (22 އޯގަސްޓު 2017)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު