-

މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ އުސޫލު

(އުސޫލު ނަންބަރު 2022-41)

(މި އުސޫލަށް އަމަލުކުރަން ފެށީ 23 ނޮވެމްބަރު 2022 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި އުސޫލަކީ، ބާ ކައުންސިލުގެ ކޮމިޓީއެއްގެ މެންބަރަކު ނުވަތަ ސެކްރެޓޭރިއެޓުގެ މުވައްޒަފެއްގެ އަމިއްލަ ފައިދާއެއް ނުވަތަ ދައުރެއް އޮތް ކަމަކާ ގުޅޭގޮތުން ކޮމިޓީތަކަށް ހުށަހެޅޭ ކަންތައްތަކުގައި މަށްވަރާކޮށްގެން ގޮތެއް ނިންމުމުގައި، މަސްލަހަތު ފުށުއަރާނެ ހާލަތްތައް ބަޔާންކޮށް، އެފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުމުގެ ގޮތުން އެކުލަވައިލައިފައިވާ އުސޫލެކެވެ. 

(ށ) މި އުސޫލަށް ކިޔާނީ، "މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކަށާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނައެވެ.

(ހ) "ސީދާގޮތުން ގުޅުން ހުރި ފަރާތްތައް" ކަމުގައި ބަޔާންކޮށްފައި އެވަނީ، އަންނަނިވި ފަރާތްތަކަށެވެ.

  1. އަނބިމީހާ ނުވަތަ ފިރިމީހާ؛
  2. މަންމަ ނުވަތަ ބައްޕަ؛
  3. ކާފަ ނުވަތަ މާމަ؛
  4. ދަރިން؛
  5. ބޭބެ، ނުވަތަ ދައްތަ، ނުވަތަ ކޮއްކޮ؛
  6. އަނބިމީހާއާ ނުވަތަ ފިރިމީހާއާ ފުރަތަމަ ދަރަޖައިގެ އާއިލީ ގުޅުން އޮންނަ ފަރާތްތައް؛
  7. މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ؛
  8. ށަރުއީ ބަލަދުވެރިކަން އަދި ޤާނޫނީ ބަލަދުވެރިކަން އޮތް ކޮންމެ މީހެއް؛
  9. ވަކީލާއި މުވައްކިލާ ދެމެދުގައި އޮންނަ ގުޅުން އޮތް ފަރާތެއް؛
  10. އެ މީހަކާ އެކުގައި މަސައްކަތްކުރާ މީހުން؛ 
  11. އެ މިހަކާ ވިޔަފާރީގެ ގޮތުން ނުވަތަ އެނޫން ވެސް ގޮތަކުން ގާތް ގުޅުމެއް އޮންނަ ކޮންމެ ފަރާތެއް؛

(ށ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ "ދަރިން" ގެ މާނައިގެ ތެރޭގައި، ކާފަ ދަރިންނާއި، މާމަ ދަރިންނާއި،ދޮންދަރިންނާއި، ފޯސްޓަރކޮށްފައިވާ ދަރިން ވެސް ހިމެނޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (9) ވަނަ ނަންބަރާއި (11) ވަނަ ނަންބަރުގެ ބޭނުމަށް، "ފަރާތެއް" ކަމަށް ބުނެފައި އެވަނީ، ފަރުދުންނާއި، ކުންފުނިތަކާއި، ޕާޓްނަރށިޕްތަކާއި، ކޯޕަރޭޓިވް ސޮސައިޓީތަކާއި، ޖަމްއިއްޔާތައް ވެސް ހިމެނޭގޮތުންނެވެ. 
(ރ) "ކޮމިޓީ" ކަމުގައި ބަޔާންކޮށްފައި އެވަނީ، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއާއި، ދާއިމީ ސަބްކޮމިޓީތަކާއި، އެނޫން ސަބްކޮމިޓީތަކާއި، އިންޓަރނަލް ކޮމިޓީތައް ހިމެނޭގޮތުންނެވެ. 

 

3 ވަނަ މާއްދާ - މަސްލަހަތު ފުށުއަރާ ހާލަތްތައް ހާމަކުރުން

(ހ) ބާ ކައުންސިލުގެ ކޮމިޓީއެއްގެ ވަކި މެންބަރެއްގެ ނުވަތަ މުވައްޒަފެއްގެ މަސްލަހަތު ހިމެނޭ ކަމަކާމެދު އެ މެންބަރަކު ނުވަތަ މުވައްޒަފަކު ހިމެނޭ ކޮމިޓީއެއްގައި މަށްވަރާކުރާނަމަ، އެ މެންބަރެއްގެ ނުވަތަ މުވައްޒަފެއްގެ މަސްލަހަތު އޮތްކަން ހާމަކުރަންވާނެއެވ. 

(ށ)  މަސްލަހަތެއް އޮތް ކަމަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އެވަނީ، އެ މެންބަރަކު ނުވަތަ މުވައްޒަފަކު ހިމެނޭ ކޮމިޓީއެއްގައި މަށްވަރާކުރާ މައްސަލައަކާ ގުޅޭގޮތުން، ސީދާ އެ މެންބަރެއްގެ ނުވަތަ މުވައްޒަފެއްގެ ނުވަތަ މި އުސޫލުގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސީދާގޮތުން ގުޅުންހުރި ފަރާތެއްގެ ސީދާ މަސްލަހަތު ނުވަތަ ނުސީދާ މަސްލަހަތު އެ ކަމުގައި އޮތްކަމަށް ބެލެވޭ ބެލެވުމަށެވެ. 

(ނ)  މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މަސްލަހަތު ފުށުއަރާ ހާލަތުގައި، އެފަދަ ބައްދަލުވެއް ފެށުމުގެ ކުރިން އެ މެންބަރެއްގެ ނުވަތަ މުވައްޒަފެއްގެ އިސްނެގުމުގެ މަތިން ނުވަތަ ސެކްރެޓޭރިއެޓުން، އެކަން، ކޮމިޓީގެ ރިޔާސަތުގެ ސަމާލުކަމަށް ގެންނަންވާނެއެވެ.

 

4 ވަނަ މާއްދާ - މަސްލަހަތު ފުށުއަރާ ހާލަތެއްކަން ކަނޑައެޅުން

މަސްލަހަތު ފުށުއަރާ ހާލަތުގައި ކޮމިޓީގެ ރިޔާސަތުގެ ސަމާލުކަމަށް އެކަން ގެނައުމާއެކު، އެ ހާލަތަކީ މަސްލަހަތު ފުށުއަރާ ހާލަތެއްކަން ނުވަތަ ނޫންކަން ކޮމިޓީގެ ރިޔާސަތުން ކަނޑައަޅަންވާނެއެވެ. 

 

5 ވަނަ މާއްދާ - މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި ތަނާޒުލްވުން

(ހ) މެންބަރެއްގެ ނުވަތަ މުވައްޒަފެއްގެ އިސްނެގުމުގެ މަތިން ނުވަތަ ސެކްރެޓޭރިއެޓުން ކޮމިޓީގެ ރިޔާސަތުގެ ސަމާލުކަމަށް ގެނެސްފައިވާ ހާލަތަކީ މަސްލަހަތު ފުށުއަރާ ހާލަތެއްކަން ނުވަތަ ނޫންކަން ކޮމިޓީގެ ރިޔާސަތުން ކަނޑައަޅައިފިނަމ،ަ އެފަދަ ބައްދަލުވުމެއްގެ އެ މަށްވަރާއަކުންނާއި، އެ މަށްވަރާއާ ގުޅިގެން ނަގާ ވޯޓަކުން ނުވަތަ ނިންމާ ނިންމުމަކުން އެ މެންބަރަކު ނުވަތަ އެ މުވައްޒަފަކު ތަނާޒުލުވުމާއެކު އެ ބައްދަލުވުމުން ވަކިވާންވާނެއެވެ. 

(ށ) އެ މައްސަލައާ ގުޅިގެން މަށްވަރާކުރާ ކޮންމެ ބައްދަލުވުމެއްގެ އެފަދަ މަށްވަރާއަކުންނާއި، އެ މަށްވަރާއާ ގުޅިގެން ނަގާ ވޯޓަކުން ނުވަތަ ނިންމާ ނިންމުމަކުން އެ މެންބަރަކު ނުވަތަ މުވައްޒަފަކު ތަނާޒުލުވާންވާނެއެވ.

(ނ)  މި މާއްދާގެ (ހ) ގެ ދަށުން ކޮމިޓީއެއްގެ މެންބަރަކު ނުވަތަ ސެކްރެޓޭރިއެޓުގެ މުވައްޒަފަކު ތަނާޒުލުވާ ހާލަތުގައި، އެ ފަރާތެއް އެ މަށްވަރާއަކުންނާއި، އެ މަށްވަރާއާ ގުޅިގެން ނަގާ ވޯޓަކުން ނުވަތަ ނިންމާ ނިންމުމަކުން ތަނާޒުލުވެފައިވާކަން، އެ ބައްދަލުވުމެއްގެ ޔައުމިއްޔާގައި ސާފުކޮށް ލިޔަންވާނެއެވެ. އަދި މި ފަދައިން ތަނާޒުލުވާ ބައްދަލުވުންތަކުގެ ޔައުމިއްޔާ އެ ތަނާޒުލުވި މެންބަރާ ނުވަތަ މުވައްޒަފާ ހިއްސާކުރަންވާނީ، އެ ޔައުމިއްޔާއެއް ފާސްވުމަށްފަހުގައެވ. 

 

6 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ގާނޫނީ ފަންނުގެ ގާނޫނު (ގާނޫނު ނަންބަރު 2019-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު