-

ފަނޑިޔާރުންގެ ހާޒިރީ އާއި ޗުއްޓީ ހަމަޖެއްސުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު

(އުސޫލު ނަންބަރު 2024-02)

(މި އުސޫލަށް އަމަލުކުރަން ފަށާނީ/ފެށީ 17 ޖަނަވަރީ 2024 ގައި)

(މި އުސޫލުގެ 26 ވަނަ މާއްދާއިން ވަނީ 13 އޮކްޓޫބަރު 2019 ގައި އަމަލުކުރަން ފެށި އުސޫލު އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި އުސޫލަކީ، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު)  ގެ 21-1 ވަނަ މާއްދާގެ (ރ) ގެ (22) ވަނަ ނަންބަރުގެ ދަށުން، ފަނޑިޔާރުންގެ ޗުއްޓީ ހަމަޖެއްސުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެވެ.

(ށ) މި އުސޫލަށް ކިޔާނީ، "ފަނޑިޔާރުންގެ ހާޒިރީއާއި ޗުއްޓީ ހަމަޖެއްސުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - ރަސްމީ ގަޑި

(ހ) ފަނޑިޔާރުންގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށެވެ.

(ށ) ރަމަޒާން މަހާއި ށައްވާލު މަހުގެ ފުރަތަމަ 7 (ހަތެއް) ދުވަހު ފަނޑިޔާރުންގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:30 އިން މެންދުރުފަހު 13:00 އަށެވެ.

(ނ) ފަނޑިޔާރުންގެ މަސައްކަތު ހަފުތާއަކީ، އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށ،ް ހަފުތާއަކު 5 (ފަހެއް) ދުވަހެވެ.

(ރ) މި މާއްދާގެ (ހ) އާއ،ި (ށ) އާއި (ނ) ގައިވާ ރަސްމީ ދުވަސްތަކާއި ގަޑީގެ އިތުރުން، ފަނޑިޔާރުން ޑިއުޓީއަކަށް މަސައްކަތަށް ނުކުތުމަށް ރޭވިފައިވާ ހާލަތްތަކުގައި އެ ޑިއުޓީ ދުވަހާއި ގަޑިއަކީ މަސައްކަތު ދުވަހަކާއި ގަޑިއެކެވެ.

 

3 ވަނަ މާއްދާ - ހާޒިރީ

(ހ) ފަނޑިޔާރުން ކޯޓަށް ހާޒިރުވާންޖެހޭ ރަސްމީ ގަޑިއަށް ހާޒިރުވާން ވާނެއެވެ.

(ށ) ފަނޑިޔާރުން މަސައްކަތަށް ހާޒިރުވާ ދުވަހާއި ގަޑިތަކާއި ޗުއްޓީ ރިކޯޑުތައް ބަލަހައްޓާނީ، އެ ކޯޓެއްގައި ޤާއިމުކޮށްފައިވާ ސިސްޓަމްތަކުންނެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރިކޯޑުތަކުގައ،ި ފަނޑިޔާރު ކޯޓަށް ނުކުންނަ ހުރިހާ ގަޑިއެއް ރިކޯޑުކުރަންވާނެއެވެ. އަދި ފަނޑިޔާރު ޤާއިމުވެ ހުންނަ ކޯޓު ނޫން އެހެން ކޯޓުތަކަށް ނުކުންނައިރު ވެސް މި މައުލޫމާތު ރިކޯޑުކުރަންވާނެއެވެ.

(ރ) ފަނޑިޔާރުންގެ ހާޒިރީ ރިކޯޑުތަކުގެ ރިޕޯޓުތައް، އެ ކޯޓެއްގެ ޗީފް އެޑްމިނިސްޓްރޭޓަރ ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފ،ު މަހުން މަހަށް ބަލަހައްޓަންވާނެއެވެ.

 

4 ވަނަ މާއްދާ - ދުރުން މަސައްކަތަށް ހާޒިރުވުން

(ހ) ފަނޑިޔާރަކަށް ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން، ކޯޓަށް ހާޒިރުވުމަށް އުޒުރުވެރިވި ނަމަވެސް، މަސައްކަތް ކުރެވޭ ހާލަތުގައ،ި ކޯޓާ ހަވާލުވެ ހުންނަ ފަނޑިޔާރު ނުވަތަ ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓުގެ ހުއްދަޔާއެކު، ދުރުން މަސައްކަތް ކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތު މެދުވެރިވުމުގެ ސަބަބުން ކޯޓާ ހަވާލުވެ ހުންނަ ފަނޑިޔާރު ނުވަތަ ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓ،ް ދުރުން މަސައްކަތް ކުރަން ހުއްދައަށް އެދެންވާނީ، ޖުޑީށަލް ސަރވިސް ކޮމިށަނުގައެވެ.

(ނ) ފަނޑިޔާރުން ކޯޓަށް ހާޒިރުނުވެ، ދުރުން މަސައްކަތްކުރާ ދުވަސްތަކުގެ ރިކޯޑު އެ ކޯޓެއްގެ ޗީފް އެޑްމިނިސްޓްރޭޓަރ ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފަކު ބަލަހައްޓަންވާނެއެވެ.

 

5 ވަނަ މާއްދާ - ދިމާވާ ކަމެއްގެ ސަބަބުން ގަޑި ނުޖެހޭގޮތަށް ހަމަޖެއްސުން

(ހ) ޒަރޫރީ ކަމެއްގެ ސަބަބުން ނުވަތަ އަމިއްލަ ބާރު ނުފޯރާ ކަމެއްގެ ސަބަބުން، ނުވަތަ ދިމާވާ ހާދިސާއެއްގެ ސަބަބުން، ނުވަތަ ކަނޑުގަދަވުން ފަދަ މަޤުބޫލު އެހެން ސަބަބެއް މެދުވެރިވެގެން، ފަނޑިޔާރަކަށް ގަޑިއަށް ކޯޓަށް ހާޒިރުނުވެވޭގޮތް މެދުވެރިވެއްޖެނަމަ،އެ ދުވަހު ފަނޑިޔާރު ކޯޓަށް ނުކުންނަންޖެހޭ ރަސްމީ ގަޑިއަށް ބަދަލު ގެނެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ސަބަބެއް މެދުވެރިވެގެން ކޯޓަށް ހާޒިރުނުވެވިއްޖެނަމަ، ރަސްމީ ގަޑި ފެށޭތާ 30 (ތިރީސް) މިނިޓުގެ ކުރިން އެ ކޯޓެއްގެ ޗީފް އެޑްމިނިސްޓްރޭޓަރަށް އެންގުމުން، ހާޒިރުވާންޖެހޭ ގަޑި ކަނޑައަޅާނީ،ދިމާވި ހާލަތަށް ރިއާޔަތްކޮށ،ް ކޯޓާ ހަވާލުވެ ހުންނަ ފަނޑިޔާރު ނުވަތަ ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓުގެ ލަފާގެ މަތީން އެ ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރ ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ފަދައިން ހާޒިރުވާންޖެހޭ ގަޑި ކަނޑައަޅާއިރު، އެ ވަގުތަކީ ކޯޓުގެ ރަސްމީ މަސައްކަތު ވަގުތުގެ ތިންބައިކުޅަ އެއްބަޔަށްވުރެ ކުޑަ ވަގުތަކަށް ވެގެން ނުވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޤުދުރަތީ ސަބަބު ފިޔަވައި އެހެން ސަބަބުތަކާ ގުޅިގެން ރަސްމީ ގަޑި ވިދިވިދިގެން 2 (ދޭއް) ދުވަހަށްވުރެ ދިގު މުއްދަތަކަށް ބަދަލުކުރާނަމަ، އެކަމަކާ ގުޅޭ ލިޔެކިޔުންތައް ކޯޓަށް ހުށަހަޅަންވާނެއެވެ.

 

6 ވަނަ މާއްދާ - ޗުއްޓީ ޕްލޭން ކުރުން

(ހ) މީލާދީ ކޮންމެ އަހަރެއް ފެށުމުގެ ކުރިން، އެ ކޯޓެއްގެ ޗީފް އެޑްމިނިސްޓްރޭޓަރ ނުވަތަ ކޯޓުގެ އިދާރީ އެންމެ އިސް މުވައްޒަފ،ު ކޯޓާ ހަވާލުވެ ހުންނަ ފަނޑިޔާރު ނުވަތަ ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓުގެ ލަފާގެ މަތީން، ފަނޑިޔާރުންގެ މަށްވަރާޔާއެކު، ކޯޓުގެ މަސައްކަތަށް ނުވަތަ ދާއިރާގެ މަސައްކަތަށް ދަތިނުވާނޭހެން މަސައްކަތްތައް ރާވައ،ި ފަނޑިޔާރުންގެ ޗުއްޓީ ތާވަލެއް ތައްޔާރުކުރަންވާނެއެވެ.

(ށ) ޗުއްޓީގެ ޕްލޭން އެކުލަވައިލުމުގައި އަހަރީ ޗުއްޓީއާއ،ި ދުރާލައި ރާވައިގެން ނެގޭ އެންމެހައި ޗުއްޓީތައް ޕްލޭން ކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ޕްލޭން ކޮށްފައިވާ ޗުއްޓީ ނުނެގޭނެ އިސްތިސްނާ ހާލަތްތައް

(ހ) މި އުސޫލުގެ 6 ވަނަ މާއްދާގައިވާ ޕްލޭން ކޮށްފައިވާ ޗުއްޓީ، މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނުދެވޭނީ ތިރީގައި މިވާ ހާލަތްތަކުގައެވެ.

  1. ފަނޑިޔާރަކު ހުރި މަޤާމު ބަދަލުކޮށްދިނުމަށް ޖުޑީށަލް ސަރވިސް ކޮމިށަނުން ނިންމައިފައިވާ ހާލަތު (އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާއި ފަނޑިޔާރުން އައްޔަނުކުރުމުގެ ގަވާއިދުގެ ދަށުން އެހެން ކޯޓަކަށް އައްޔަނުކުރުން)؛
  2. ފަނޑިޔާރުކަމުގެ މަޤާމުން ރިޓަޔަރކުރުމަށް ޖުޑީށަލް ސަރވިސް ކޮމިށަނުން ނިންމާފައިވާ ހާލަތ.ު

(ށ) މި މާއްދާގެ (ހ) ގައި މިފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ހާއްސަ ސަބަބަކާ ގުޅިގެން ޗުއްޓީއެއް ނެގުމަށް އެދޭނަމަ، އެކަން ބަޔާންކޮށް ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހެޅުމުން، ޗުއްޓީއާމެދު ގޮތެއް ނިންމާނީ، ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ.

 

8 ވަނަ މާއްދާ - ޗުއްޓީ މެދުކަނޑައިލައިފައި މަސައްކަތަށް ނުކުތުމަށް އެންގުން

(ހ) ފަނޑިޔާރަކު، ފަނޑިޔާރުގެ މަޤާމުން ރިޓަޔަރވުމަށް އެދޭނަމަ، އަދި ޖުޑީށަލް ސަރވިސް ކޮމިށަނުން އެފަދައިން ނިންމައިފިނަމަ، އެ ފަނޑިޔާރަކު ކުރަމުން އައި މަސައްކަތްތަކުގެ ތެރެއިން އެ ހިނދަކަށް ކޮންމެހެން ނިންމަންޖެހޭ މަސައްކަތްތައް ނިންމުމަށް ޓަކައި ޗުއްޓީ މެދުކަނޑައިލައިފައި ފަނޑިޔާރު ކޯޓަށް ނުކުންނަން އެންގޭނެއެވެ.

(ށ) ފަނޑިޔާރަކު، ފަނޑިޔާރުގެ މަޤާމު ބަދަލުކުރުމަށް އެދިއްޖެނަމަ، އަދި ޖުޑީށަލް ސަރވިސް ކޮމިށަނުން އެފަދައިން ނިންމައިފިނަމަ، އެ ފަނޑިޔާރަކު ކުރަމުން ގެންދިޔަމަސައްކަތްތަކުގެ ތެރެއިން އެ ހިނދަކަށް ކޮންމެހެން ނިންމަންޖެހޭ މަސައްކަތްތައް ނިންމުމަށް ޓަކައި ޗުއްޓީ މެދުކަނޑައިލައިފައި ފަނޑިޔާރު ކޯޓަށް ނުކުންނަން އެންގޭނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ޗުއްޓީ މެދުކަނޑައިލެވެން ނެތްނަމަ، ސަބަބާއެކު އެކަން ބަޔާންކޮށ،ް ޖުޑީށަލް ސަރވިސް ކޮމިށަނަށް ފަނޑިޔާރު އަންގަންވާނެއެވެ.

 

9 ވަނަ މާއްދާ - ޗުއްޓީގައި ހުރެ މަސައްކަތް ކުރުން

(ހ) ފަނޑިޔާރަކު ޗުއްޓީގައި ހުރެގެން މަސައްކަތް ކުރުމަކީ ފަނޑިޔާރަށް ލިބިފައިވާ އިހްތިޔާރެކެވެ. އަދި ޗުއްޓީގައި ހުރެގެން މައްސަލަތައް ބެލުމުގައި އަމަލުކުރަންވާނީ ހަމަހަމަގޮތެއްގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މަސައްކަތް ކުރާނަމަ، ކޯޓާ ހަވާލުވެ ހުންނަ ފަނޑިޔާރު ނުވަތަ ޖުޑީށަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓަށް ލިޔުމުން އެކަން އަންގަވަންވާނެއެވެ.

(ނ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޗުއްޓީގައި ތިބޭ ފަނޑިޔާރުން ވަކި މަސައްކަތަކަށް ނެރުމުގައި އަމަލު ކުރާނެގޮތް ކަނޑައަޅާނީ އެ ކޯޓެއްގެ ފަނޑިޔާރުންގެ އާންމު މަޖިލީހުންނެވެ.

 

10 ވަނަ މާއްދާ - އަހަރީ ޗުއްޓީ

(ހ) ކޮންމެ ފަނޑިޔާރަކަށް ވެސް މަޤާ މާ ހަވާލުވުމަށްފަހު އަހަރުވުމުން، މުސާރަ ލިބޭގޮތަށް ކޮންމެ އަހަރަކު 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް، އަހަރީ ޗުއްޓީގެ ގޮތުގައި ލިބިދެވޭނެއެވެ.

(ށ) ފަނޑިޔާރަކަށް ހައްޤުވާ އަހަރީ ޗުއްޓީ ނުނަގައި ދޫކޮށްލައިފިނަމަ، އެ ޗުއްޓީ ކެންސަލްވާނެއެވެ. އަދި މިފަދައިން ކެންސަލްވާ ޗުއްޓީގެ ދުވަސްތަކަށް ބަދަލުގައި ފައިސާއެއް ނުދެވޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ފަނޑިޔާރަކު މަޤާމުން ވަކިކުރާއިރު އެ ފަނޑިޔާރަކަށް އެ އަހަރަކަށް ހައްޤުވާ އަހަރީ ޗުއްޓީ ބޭނުންނުކޮށް ކެންސަލްނުވެ އޮތްނަމަ، އެ ޗުއްޓީގެ ބަދަލުގައި މުސާރައިން ދުވަހަކަށް ޖެހޭ މިންވަރުން އެ ދުވަސްތަކަށް ފައިސާ ދޭންވާނެއެވެ.

 

11 ވަނަ މާއްދާ - ސަލާމުގެ ޗުއްޓީ

(ހ) ފަނޑިޔާރުންނަށް ސަލާމުގެ ޗުއްޓީ ދިނުމުގައި އަމަލުކުރާނީ، ޤާނޫނު ނަންބަރު 2/2008 )ވަޒީފާއާބެހޭ ޤާނޫނު( އާއި މި އުސޫލުގައިވާ ގޮތުގެ މަތީންނެވެ.

(ށ) ފަނޑިޔާރަކު ހިދުމަތްކުރާ ކޮންމެ އަހަރަކަށ،ް ސަލާމުގެ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭގޮތަށް ދެވޭނީ، ގިނަވެގެން 30 (ތިރީސް) ދުވަހެވެ.

(ނ) ފަނޑިޔާރަކު ނުވަތަ ފަނޑިޔާރެއްގެ އާއިލީ މަސްއޫލިއްޔަތުގެ ދަށުގައިވާ މީހަކު ބަލިވުމުގެ ސަބަބުން، ކަނޑައެޅިފައިވާ ރަސްމީ މަސައްކަތުގެ ގަޑިއަށް ނުކުތުމަށް އުޒުރުވެރިވެއްޖެނަމަ، އެ ދުވަހެއްގެ ރަސްމީ ގަޑި ފެށޭތާ ނުވަތަ ޑިއުޓީ ދުވަސް ފެށޭތާ ލަސްވެގެން 30 (ތިރީސް) މިނިޓުގެ ތެރޭގައި ޗުއްޓީ ހަމަޖައްސަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ޑިއުޓީ ދުވަސް އެއީ ރަސްމީ ބަންދު ދުވަހަކަށް ވާނަމަ، އެ ދުވަހަށް ބުނާ ސަލާމް މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ސަލާމުގެ ބާކީން އުނި ނުވި ކަމުގައި ވިޔަސް، ސަލާމުގެ މި ރިކޯޑުތައް އެ ކޯޓެއްގެ ޗީފް އެޑްމިނިސްޓްރޭޓަރ ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފު ބަލަހައްޓަންވާނެއެވެ.

(ބ) މި މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް، ސަލާމުގެ ޗުއްޓީގެ ގޮތުގައި ބަޔާންކޮށްފައިވާ 30 (ތިރީސް) ދުވަހުގެ ތެރެއިން 15 (ފަނަރަ) ދުވަސް، ވިދިވިދިގެން 2 (ދޭއް) ދުވަހަށްވުރެ ދިގުނުވާނެ ގޮތެއްގެ މަތީން، މެޑިކަލް ސެޓުފިކެޓަކާ ނުލައި ސަލާމުގެ ޗުއްޓީގެ ގޮތުގައި ހަމަޖެއްސިދާނެއެވެ.

(ޅ) ވިދިވިދިގެން 2 (ދޭއް) ދުވަހަށްވުރެ ދިގު މުއްދަތަކަށް ސަލާމުގެ ޗުއްޓީގެ ގޮތުގައި ހަމަޖައްސައިދެވޭނީ، ބަލީގެ ބާވަތާއި އެ ބަލީގެ ސަބަބުން މަސައްކަތަށް ނުނުކުމެވޭނެ މުއްދަތު ބަޔާންކޮށ،ް ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓުފިކެޓެއް، އެނބުރި މަސައްކަތަށް ނުކުންނަ ދުވަހު ހުށަހެޅުމުންނެވެ.

 

12 ވަނަ މާއްދާ - އާއިލީ ޒިންމާ ގެ ޗުއްޓީ

(ހ) އާއިލާގެ މެންބަރަކު ބަލިވުންފަދަ މުހިންމު ޒިންމާތަކާ ގުޅިގެން، ކޮންމެ ފަނޑިޔާރަކަށް ވެސް މުސާރަ ލިބޭގޮތަށް 10 )ދިހައެއް( ދުވަހުގެ ޗުއްޓީއެއް،އަހަރުދުވަހުގެ ތެރޭގައި ނެގިދާނެއެވެ.

(ށ) އާއިލީ މުހިންމު ޒިންމާތަކާ ގުޅިގެން، ކަނޑައެޅިފައިވާ ރަސްމީ މަސައްކަތުގެ ގަޑިއަށް ނުކުތުމަށް އުޒުރުވެރިވެއްޖެނަމަ، އެ ދުވަހެއްގެ ރަސްމީ ގަޑި ފެށޭތާ ނުވަތަ ޑިއުޓީ ދުވަސް ފެށޭތާ ލަސްވެގެން 30 (ތިރީސް) މިނިޓުގެ ތެރޭގައި ޗުއްޓީ ހަމަޖައްސަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ޑިއުޓީ ދުވަސް އެއީ ރަސްމީ ބަންދު ދުވަހެއް ކަމުގައި ވާނަމަ، އެ ދުވަސްތަކުގައި ނަގާ އާއިލީ ޒިންމާގެ ޗުއްޓީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޗުއްޓީގެ ބާކީން އުނި ނުވި ކަމުގައި ވިޔަސް، މި ޗުއްޓީގެ ރިކޯޑުތައް، އެ ކޯޓެއްގެ ޗީފް އެޑްމިނިސްޓްރޭޓަރ ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފު ބަލަހައްޓަންވާނެއެވެ.

 

13 ވަނަ މާއްދާ - ވިހެއުމާ ގުޅިގެން ނުވަތަ ދަރިޔަކު ލިބުމާ ގުޅިގެން ދޭ ޗުއްޓީ

(ހ) ވިހެއުމާ ގުޅިގެން ނުވަތަ ދަރިޔަކު ލިބުމާ ގުޅިގެން ދޭ ޗުއްޓީގެ ގޮތުގައި އަންހެން ފަނޑިޔާރު ވިހެއި ދުވަހުން ފެށިގެން ލިބިދެވޭނީ، 6 (ހައެއް) މަސްދުވަހުގެ ޗުއްޓީއެކެވެ.

(ށ) ދަރިޔަކު ލިބުމާ ގުޅިގެން ދޭ ޗުއްޓީގެ ގޮތުގައި ފިރިހެން ފަނޑިޔާރުންނަށް ލިބިދެވޭނީ، ދަރިޔަކު ލިބޭ ދުވަހުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ޗުއްޓީއެކެވެ.

(ނ) ފަނޑިޔާރަކު ބަލިވެއިނުމުގެ ސަބަބުން ނުވަތަ ވިހެއުމުގެ ސަބަބުން ވަޒީފާއަށް ނުކުތުމަށް ފަނޑިޔާރުގެ ސިއްހީ ހާލަތު ތަންނުދޭކަމަށް ނުވަތަ ފަނޑިޔާރުގެ ދަރިފުޅު ބަލިކަމަށ،ް ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު މެޑިކަލް ސެޓުފިކެޓެއް ދީފިނަމަ، ވިހެއުމުގެ ކުރިން ގިނަވެގެން 28 (އަށާވީސް) ދުވަހުގެ ޗުއްޓީއެއް އަދި ވިހެއުމުގެ ފަހުން ގިނަވެގެން 28 (އަށާވީސް) ދުވަހުގެ ޗުއްޓީއެއް، މި މާއްދާގެ (ހ) ގައިވާ މުއްދަތުގެ އިތުރަށް ދޭންވާނެއެވެ. މިގޮތުން ދެވޭ ޗުއްޓީގެ ދުވަސްތަކަށް މުސާރަ 
ލިބޭނެއެވެ.

(ރ) ވިހެއުމާ ގުޅިގެން އަންހެން ފަނޑިޔާރަކަށް ލިބޭ ޗުއްޓީ ހަމަވުމުން، ވިހޭ ދަރިފުޅުގެ މަންމައަށް ނުވަތަ ބައްޕައަށް 1 (އެކެއް) އަހަރުދުވަހަށްވުރެ ދިގުނޫން ޗުއްޓީއެއް، މުސާރަ ނުލިބޭގޮތަށް ނެގިދާނެއެވެ .

 

14 ވަނަ މާއްދާ - ހިތާނުކުރުމާ ގުޅިގެން ދޭ ޗުއްޓީ

ފަނޑިޔާރެއްގެ ދަރިޔަކު ހިތާނުކުރުމުން، ހިތާނުކުރާ ދުވަހުން ފެށިގެން، މުސާރަ ލިބޭގޮތަށ،ް 5 (ފަހެއް) ދުވަހުގެ ޗުއްޓީއެއް އެ ފަނޑިޔާރަކަށް ހައްޤުވާނެއެވެ.

 

15 ވަނަ މާއްދާ - ހައްޖާއި އުމްރާ ގެ ޗުއްޓީ

(ހ) ހައްޖު ޗުއްޓީއާއި އުމްރާ ޗުއްޓީއަކީ ފަނޑިޔާރުންގެ ތެރެއިން ހައްޖަށް ދާން އެދޭ ނުވަތަ އުމްރާއަށް ދާން އެދޭ ފަނޑިޔާރުންނަށ،ް އެ ފަނޑިޔާރެއްގެ ހިދުމަތުގެ މުއްދަތުގެ ތެރޭގައ،ި ހަމަ މުސާރަޔާއެކު 1 (އެކެއް) ފަހަރު ދެވޭ ޗުއްޓީއެކެވެ.

(ށ) އެ ފަނޑިޔާރަކު ހައްޖަށް ފުރާ ތާރީހާއި އެނބުރި އަންނަ ތާރީހު އެނގޭގޮތަށް ކަމާގުޅޭ އިދާރާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމާއެކު ހުށަހެޅުމުން ، ހައްޖު ޗުއްޓީ ހަމަޖައްސައިދެވޭނެއެވެ. މިގޮތުން ހަމަޖައްސައިދެވޭނީ، ފުރާ ދުވަހުން ފެށިގެން އެނބުރި އަންނަ ތާރީހުގެ ނިޔަލަށ،ް އެންމެ ގިނަވެގެން، ބަންދު ދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަހުގެ ޗުއްޓީއެވެ.

(ނ) އެ ފަނޑިޔާރަކު އުމްރާއަށް ފުރާ ތާރީހާއި އެނބުރި އަންނަ ތާރީހު އެނގޭގޮތަށް ކަމާގުޅޭ އިދާރާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމާއެކު ހުށަހެޅުމުން، އުމްރާ ޗުއްޓީ ހަމަޖައްސައިދެވޭނެއެވެ. މިގޮތުން ހަމަޖައްސައިދެވޭނީ، ފުރާ ދުވަހުން ފެށިގެން އެނބުރި އަންނަ ތާރީހުގެ ނިޔަލަށ،ް އެންމެ ގިނަވެގެން، ބަންދު ދުވަސްތައް ހިމަނައިގެން 15 (ފަނަރަ) ދުވަހުގެ ޗުއްޓީއެވެ.

(ރ) އަތޮޅުތެރޭގައި މަސައްކަތްކުރާ ފަނޑިޔާރުންނަށ،ް މި ނަންބަރުގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ އިތުރަށ،ް ރަށުން މާލެ އައުމަށާއި އެނބުރި ރަށަށް ދިއުމަށް ބަންދު ދުވަސްތައް ހިމަނައިގެން އިތުރު 7 )ހަތެއް( ދުވަހުގެ ޗުއްޓީ ދޭންވާނެއެވެ.

(ބ) ހައްޖު ޗުއްޓީ ނުވަތަ އުމްރާ ޗުއްޓީ ނަގާ ފަނޑިޔާރު އެދޭނަމަ، އެ ޗުއްޓީގެ މުއްދަތަށްވުރެ އިތުރުވާ ދުވަސްތަކަށް އަހަރީ ޗުއްޓީގެ ތެރެއިން ހަމަޖައްސައިދެވިދާނެއެވެ.

 

16 ވަނަ މާއްދާ - ސިއްހީ ސަބަބުތަކަކަށް ޓަކައި ދެވޭ ދިގު މުއްދަތުގެ ޗުއްޓީއާއި އެކިއެކި ސަބަބުތަކާހުރެ ދެވޭ ހާއްސަަ ޗުއްޓީ

(ހ) ޑޮކްޓަރެއްގެ ސެޓުފިކެޓަކާއެކު، ފަނޑިޔާރެއްގެ ނުވަތަ ފަނޑިޔާރެއްގެ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއްގެ (ދަރިން، މައިންބަފައިން، އަނބިމީހ،ާ ފިރިމީހާ ފަދަ އާއިލާގެ މެންބަރަކު) ސިއްހީ ސަބަބުތަކަށް ޓަކައި ދެވޭ ދިގު މުއްދަތުގެ ޗުއްޓީއަކަށް ފަނޑިޔާރަކު އެދިއްޖެނަމަ، މުސާރައާއި އިނާޔަތްތަކުގެ ދެބައިކުޅައެއްބައި ދޭގޮތަށް 1 (އެކެއް) އަހަރުދުވަހަށްވުރެ ދިގުނޫން މުއްދަތެއްގެ ޗުއްޓީއެއް ދެވިދާނެއެވެ.

(ށ) މި މާއްދާ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު އިތުރުކުރަން އެދިއްޖެނަމަ، މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށް މި ޗުއްޓީއަށް 1 (އެކެއް) އަހަރުދުވަސް އިތުރުކުރެވިދާނެއެވެ.

(ނ) ފަނޑިޔާރަކަށް ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން، ކަމާ ގުޅުންހުރި ލިޔެކިޔުންތަކާއެކު ހުށަހެޅުމުން، ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާ އު ސޫލަކުން މުސާރައާއި އިނާޔަތްތަކުން އުނިނުވާ ގޮތަށް ހާއްސަ ޗުއްޓީއެއް ދެވިދާނެއެވެ. މި ޗުއްޓީއަށް އެދި ހުށަހަޅާނީ، ޖުޑީށަލް ސަރވިސް ކޮމިށަނަށެވެ. އަދި މި ޗުއްޓީގެ ހުއްދަ ދޭނީވެސް ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ.

 

17 ވަނަ މާއްދާ - ޗުއްޓީއަށް އެދި ހުށަހެޅުން

(ހ) ފަނޑިޔާރަކު ޗުއްޓީއަށް އެދި ހުށަހަޅާނީ، އެ ފަނޑިޔާރަކު އައްޔަނުކޮށްފައިވާ ކޯޓެއްގެ ޗީފް އެޑްމިނިސްޓްރޭޓަރ ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފު މެދުވެރިކޮށް ށަރުއީ ދާއިރާގައި އެ ކަމަށް ޤާއިމުކޮށްފައިވާ ނިޒާމެއްގެ ތެރެއިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި އުސޫލުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިއްހީ ސަބަބުތަކަށް ޓަކައި ދެވޭ ދިގު މުއްދަތުގެ ޗުއްޓީއަށް އެދި ހުށަހަޅާނީ ޖުޑީށަލް ސަރވިސް ކޮމިށަނަށެވެ.

 

18 ވަނަ މާއްދާ - ޗުއްޓީއަށް ހުއްދަ ދިނުން

(ހ) މި އުސޫލުގެ 17 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން ޗުއްޓީއަށް އެދި ހުށަހެޅުމުން، ޗުއްޓީއަށް ހުއްދަ ދޭންވާނީ އަންނަނިވި ގޮތަށެވެ.

  1. އުއްތަމަފަނޑިޔާރާއ،ި ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރާއ،ި ސުޕީރިއަރ ކޯޓުތަކުގެ އިސްޤާޒީންނާއ،ި ޖުޑީށަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންނަށް ޗުއްޓީ ހަމަޖައްސައިދޭނީ، ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ. 
  2. އުއްތަމަފަނޑިޔާރު ފިޔަވައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ދެން ތިބޭ ފަނޑިޔާރުންނަށް ޗުއްޓީ ދިނުމުގެ ހުއްދަ ދޭންވާނީ، އުއްތަމަފަނޑިޔާރެވެ. 
  3. ހައިކޯޓުގެ އިސް ފަނޑިޔާރު ފިޔަވައި އެ ކޯޓުގައި ދެން ތިބޭ ފަނޑިޔާރުންނަށް ޗުއްޓީ ދިނުމުގެ ހުއްދަ ދޭނީ، ހައިކޯޓުގެ އިސް ފަނޑިޔާރެވެ. 
  4. ސުޕީރިއަރ ކޯޓުތަކުގެ އިސް ޤާޒީން ފިޔަވައި އެ ކޯޓުތަކުގައި ދެން ތިބޭއެހެން ޤާޒީންނަށް ޗުއްޓީ ދިނުމުގެ ހުއްދަ ދޭންވާނީ، އެ ކޯޓެއްގެ އިސް ޤާޒީއެވެ. 
  5. ޖުޑީށަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުން ފިޔަވައ،ި އެ ޖުޑީށަލް ދާއިރާއެއްގެ ދެން ތިބޭ ފަނޑިޔާރުންނަށް ޗުއްޓީ ދިނުމުގެ ހުއްދަ ދޭންވާނީ، އެ ޖުޑީށަލް ދާއިރާއެއްގެ އިސް މެޖިސްޓްރޭޓެވެ.

(ށ) މި އުސޫލުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަލާމުގެ ޗުއްޓީއާއ،ި މި އުސޫލުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާއިލީ ޒިންމާ ޗުއްޓީ ނެގުމުގައި މި މާއްދާގެ (ހ) ގެ )1( ވަނަ ނަންބަރުގައިވާ ފަދައިން ހުއްދަ ހޯދުމުން އިސްތިސްނާވެގެންވެއެވެ.

 

19 ވަނަ މާއްދާ - ޗުއްޓީ ހަމަޖެއްސުން

މި އުސޫލުގެ 16 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޗުއްޓީ ފިޔަވައ،ި އެ ނޫން ޗުއްޓީތައް ހަމަޖައްސައ،ި އެ ޗުއްޓީތަކުގެ ރިކޯޑު ބަލަހައްޓާނީ، އެ ފަނޑިޔާރަކު އައްޔަނު ކޮށްފައިވާ ކޯޓާ ހަވާލުވެ ހުރި ޗީފް އެޑްމިނިސްޓްރޭޓަރ ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފެވެ.

 

20 ވަނަ މާއްދާ - ޗުއްޓީގައި ކޯޓު/ މަސައްކަތް ހަވާލުކުރުން

(ހ) ކޯޓާ ހަވާލުވެ ހުންނަ ފަނޑިޔާރަކު ޗުއްޓީ ނަގާނަމަ، އެ ކޯޓުގެ ހިންގުން އެހެން ފަނޑިޔާރަކާ ހަވާލުކުރާނީ މި މާއްދާގައިވާ ތަރުތީބަށް ރިއާޔަތްކޮށެވެ.

  1. ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ޗުއްޓީގައި ހުންނަ ހާލަތުގައި ސުޕްރީމް ކޯޓުހިންގުން، އެ ކޯޓުގެ އެހެން ފަނޑިޔާރަކާ ހަވާލުކުރުމުގެ އިހްތިޔާރު އުއްތަމަފަނޑިޔާރަށް ލިބިގެންވެއެވެ.
  2. ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރު ޗުއްޓީގައި ހުންނަ ހާލަތުގައ،ި އިސްފަނޑިޔާރުގެ މަސްއޫލިއްޔަތު އެ ކޯޓުގެ އެހެން ފަނޑިޔާރަކާ ހަވާލުކުރާނީ، ހައިކޯޓުގެ އިސް ފަނޑިޔާރެވެ. 
  3. ސުޕީރިއަރ ކޯޓުތަކުގެ އިސް ޤާޒީން ޗުއްޓީގައި ތިބޭ ހާލަތުގައި އިސް ޤާޒީގެ މަސްއޫލިއްޔަތު އެ ކޯޓުގެ އެހެން ފަނޑިޔާރަކާ ހަވާލުކުރާނީ،އެ ސުޕީރިއަރ ކޯޓެއްގެ އިސް ޤާޒީއެވެ. 
  4. ޖުޑީށަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުން ޗުއްޓީގައި ތިބޭ ހާލަތުގައި ދާއިރާ އިސް މެޖިސްޓްރޭޓުގެ މަސްއޫލިއްޔަތު އެ ދާއިރާގެ އެހެން މެޖިސްޓްރޭޓަކާ ހަވާލުކުރާނީ، އެ ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓެވެ. 
  5. ސުޕީރިއަރ ކޯޓުތަކުގެ އިސް ޤާޒީން ފިޔަވައި އެ ކޯޓުގެ އެހެން ޤާޒީން ޗުއްޓީ ނަގާ ހާލަތުގައި ނުވަތަ ރަސްމީ ބޭނުމަށް ވީއްލާ ހާލަތުގައި އެ ޤާޒީގެ މަސައްކަތް/ މަސްއޫލިއްޔަތު އެ ކޯޓުގެ އެހެން ޤާޒީއަކާ ހަ ވާލުކުރާނީ، އެ ކޯޓުގެ އިސް ޤާޒީއެވެ. 
  6. ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ފިޔަވައި އެ ދާއިރާގެ އެހެން މެޖިސްޓްރޭޓުން ޗުއްޓީގައި ތިބޭ ހާލަތުގައި އެ މެޖިސްޓްރޭޓުގެ މަސައްކަތް/ މަސްއޫލިއްޔަތު އެ ޖުޑީށަލް ދާއިރާގެ އެހެން މެޖިސްޓްރޭޓަކާ ހަވާލުކުރާނީ، ދާއިރާ އިސް މެޖިސްޓްރޭޓެވެ.

(ށ) ކޯޓު ހިންގުމާ ހަވާލުވެހުރި ފަނޑިޔާރަކު 3 (ތިނެއް) މަސްދުވަހަށް ވުރެ ދިގު މުއްދަތަކަށް ޗުއްޓީގައި ހުންނަނަމަ އެ ކޯޓެއް ހިންގުން ހަވާލުކުރާނީ، ޖުޑީށަލް ސަރވިސް ކޮމިށަނުގެ ލަފަޔާއެކު ގައެވެ.

(ނ) އެ ކޯޓެއް ނުވަތަ ދާއިރާއެއްގެ ބޭރުން އެހެން ފަނޑިޔާރަކާ ކޯޓު ނުވަތަ ދާއިރާ ހަވާލުކުރަން ޖެހިއްޖެ ހިނދެއްގައި ދާއިރާ ހަވާލުކުރާނީ، ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ.

 

21 ވަނަ މާއްދާ - ޗުއްޓީ ނެގުމުން ކޯޓު ހިންގުން ހަ ވާލުކުރާނެ

(ހ) މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މެޖިސްޓްރޭޓް ކޯޓެއް ހިންގުމާ ހަވާލުވެ ހުންނަ ފަނޑިޔާރަކު ނުވަތަ އެ ޒިންމާއާ ހަވާލުވެ ހުންނަ ފަނޑިޔާރަކު ޗުއްޓީއެއް ފަނޑިޔާރު/ ފަނޑިޔާރުން ކަނޑައަ ޅާނެ ތަރުތީބު 
ނެގުމުން އެ ކޯޓު ހިންގުން ހަވާލުކުރާނެ ފަނޑިޔާރަކު ކަނޑައަޅާނީ އަންނަނިވި ތަރުތީބުންނެވެ.

  1. 1 (އެކެއް) ފަނޑިޔާރަށްވުރެ ގިނަ ފަނޑިޔާރުން ތިބޭ ކޯޓެއްގައިނަމަ، އެ ކޯޓަކުން މިފަދައިން ކަނޑައެޅުމުގައި ކޯޓު ހިންގުމުގެ މަސްއޫލިއްޔަތު އެ ވަގުތު އަދާނުކުރާ ފަނޑިޔާރަށް އިސްކަން ދޭންވާނެއެވެ. އަދި ހިންގުމުގެ މަސްއޫލިއްޔަތު އަދާނުކުރާ ފަނޑިޔާރުންގެ ތެރެއިން ވެސް މަސައްކަތުގެ ގިނަމަދުކަމަށް ބަލަންވާނެއެވެ. 
  2. އެ ކޯޓެއްގައި އިތުރު ފަނޑިޔާރަކު ނެތްނަމަ، އެ ކޯޓު ހިމެނޭ ކްލަސްޓަރގެ ތެރެއިންނެވެ. 
  3. އެ ކޯޓު ހިމެނޭ ކްލަސްޓަރގެ ތެރެއިން ފަނޑިޔާރަކު ނެތްނަމަ، އެ ކޯޓު ނިސްބަތްވާ ޖުޑީށަލް ދާއިރާގެ ތެރެއިން މެޖިސްޓްރޭޓް ކޯޓު ހިންގުން ހަވާލުކުރާނެ ފަނޑިޔާރަކު އެ ޖުޑީށަލް ދާއިރާގައި ނެތްނަމަ، އެހެން ދާއިރާއެއްގެ ފަނޑިޔާރަކާ ހަވާލުކުރަންވާނެއެވެ.

(ށ) މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސުޕީރިއަރ ކޯޓު ހިންގަން ހަވާލުވެ ހުންނަ ފަނޑިޔާރަކު ނުވަތަ އެ ޒިންމާއާ ހަވާލުވެ ހުންނަ ފަނޑިޔާރަކު ޗުއްޓީއެއް ނެގުމުން އެ ކޯޓު ހިންގުން ހަވާލުކުރާނީ އެ ކޯޓުގެ އެހެން ފަނޑިޔާރަކާއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ސުޕީރިއަރ ކޯޓެއްގައި އިތުރު ފަނޑިޔާރަކު ނެތްނަމަ، އެ ދަރަޖައިގެ އެހެން ކޯޓެއްގެ ފަނޑިޔާރަކާ ހަވާލުކުރާނީ ޖުޑީށަލް ސަރވިސް ކޮމިށަނުގެ ލަފާގެ މަތީންނެވެ.

 

22 ވަނަ މާއްދާ - ހާޒރީއާ ގުޅިގެން ސުލޫކީ ފިޔަވަޅު އެޅުން

ހާޒިރީއަށް ފަރުވާ ކުޑަކުރުމުގެ ސަބަބުން އަދި ފަނޑިޔާރުންނާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތާއި މަސައްކަތްތަކަށް ދަތިވެ، މަސައްކަތްތައް ކުރިޔަށް ނުދާނަމަ، ނުވަތަ މަސައްކަތްތަކަށް ބުރޫއަރާނަމަ، އެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލުމާމެދު ގޮތެއް ނިންމުމަށ،ް ޖުޑީށަލް ސަރވިސް ކޮމިށަނަށ،ް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ފޮނުވަންވާނެއެވެ.

 

23 ވަނަ މާއްދާ - ސަލާމާއި ޗުއްޓީގެ ރިޕޯޓުފޮނުވުން

ކޮންމެ ކޯޓަކުން ވެސް، އެ ކޯޓެއްގެ ފަނޑިޔާރުންގެ ހާޒިރީއާއ،ި ސަލާމާއ،ި ޗުއްޓީގެ ތަފުސީލު ހިމެނޭ ރިޕޯޓު، މަހަކު އެއްފަހަރު، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަން މެދުވެރިކޮށ،ް ޖުޑީށަލް ސަރވިސް ކޮމިށަނާ ހިއްސާކުރަންވާނެއެވެ.

 

24 ވަނަ މާއްދާ - އުސޫލު ގައި ނެތް ކަމެއް ދިމާވުން

މި އުސޫލުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ އެ ކަމެއް ހައްލުކުރާނީ، ޖުޑީށަލް ސަރވިސް ކޮމިށަނުގެ މަށްވަރާގެ މަތީން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.

 

25 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާތާ 7 )ހަތެއް( ދުވަސް ފަހުންނެވެ.

 

26 ވަނަ މާއްދާ - އުވައިލެވޭ އުސޫލު

މި އުސޫލަށް އަމަލުކުރަން ފެށުމާއެކު، 13 އޮކްޓޫބަރު 2019 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ "ފަނޑިޔާރުންގެ ހާޒިރީއާއި ޗުއްޓީ ހަމަޖެއްސުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އުވުނީއެވެ.

 

އުވި އުސޫލު

ފަނޑިޔާރުންގެ ހާޒިރީއާއި ޗުއްޓީ ހަމަޖެއްސުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު (އުސޫލު - 13 އޮކްޓޫބަރު 2019)

 

މައި ގާނޫނު

ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 2008-10)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު