-

ފަނޑިޔާރުން ވީއްލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު

(އުސޫލު ނަންބަރު 2024-03)

(މި އުސޫލަށް އަމަލުކުރަން ފަށާނީ/ފެށީ 17 ޖަނަވަރީ 2024 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި އުސޫލަކީ، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 21 ވަނަ މާއްދާގެ (ނ) ގެ (7) ވަނަ ނަންބަރުގެ ދަށުން، ށަރުއީ ދާއިރާގެ ނުވަތަ ގާނޫނީ ދާއިރާގެ މަސައްކަތަށް، ނުވަތަ ތަމްރީނަށް، ނުވަތަ ބޭރު ގައުމެއްގައި ނުވަތަ ބައިނަލްއަގުވާމީ ޖަމުއިއްޔާއެއްގައި މަސައްކަތް ކުރުމަށް ފަނޑިޔާރުން ވީއްލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެވެ.

(ށ) މި އުސޫލަށް ކިޔަނީ، "ފަނޑިޔާރުން ވީއްލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - ފަނޑިޔާރުން ވީއްލުމުގެ މަގުސަދު

މި އުސޫލުގެ މަގުސަދުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ފަނޑިޔާރުންގެ ށަރުއީ އަދި ގާނޫނ ފަންނާއި، ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ހިތްވަރުދީ، އެކަމަށް ބާރުއެޅުން.

(ށ) ފަނޑިޔާރުންގެ ށަރުއީ އަދި ގާނޫނ ފަންނާއި، ހުނަރާއި ގާބިލުކަން އަދާހަމަކޮށް ބެހެއްޓުމަށް ޓަކައި "ސެލްފް ޑިވެލޮޕްމަންޓް" ގެ ކަންކަމަށް ހިތްވަރުދިނުން.

(ނ) ފަނޑިޔާރުންގެ ށަރުއީ އަދި ގާނޫނ ފަންނާއި، ހުނަރާއި ގާބިލުކަން އަދާހަމަކުރުމަށް ޓަކައި ބޭނުންވާ ހުނަރުތައް ދަސްކުރުމަށް ހިތްވަރުދިނުން.

 

3 ވަނަ މާއްދާ - ފަނޑިޔާރުން ވީއްލިދާނެ ހާލަތްތައް

މަގާމުގައި ތިބި ފަނޑިޔާރުން، ތިރީގައި މިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި ވީއްލިދާނެއެވެ.

(ހ) ލެކްޗަރ އެއް ނުވަތަ ތަމްރީނެއް ދިނުމަށް ނުވަތަ ތައުލީމު ފޯރުކޮށްދޭ ފަރާތަކުން އެދިގެން ކުރާ ދިރާސާ މަސައްކަތަކަށް.

(ށ) ޖުޑީށަލް އެކަޑަމީީން އިންތިޒާމުކޮށްގެން ހިންގާ އެކިއެކި ޕްރޮގްރާމުތަކަށް.

(ނ) ކޯސްތަކުގެ ނުވަތަ ތަމްރީނު ޕްރޮގްރާމުތަކުގެ ކްލާސްތަކަށާއި އިމްތިހާނުތަކަށް.

(ރ) ކުރު މުއްދަތުގެ ފުލްޓައިމް ތަމްރީނު ޕްރޮގްރާމުތަކަށް.

(ބ) ދިގު މުއްދަތުގެ ފުލްޓައިމް ކޯސްތަކަށް.

(ޅ) ށަރުއީ ދާއިރާގެ ނުވަތަ ގާނޫނީ ދާއިރާގެ މަސައްކަތަކަށް، ނުވަތަ ބޭރު ގައުމެއްގެ ނުވަތަ ބައިނަލްއަގުވާމީ ޖަމުއިއްޔާ އެއްގެ މަސައްކަތަކަށް.

 

4 ވަނަ މާއްދާ - ފަނޑިޔާރަކު ވީއްލުމަށް އެދި ހުށަހެޅުން

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޕްރޮގްރާމުތަކަށް ހުއްދަޔަށް އެދި މި ކޮމިށަނަށް ހުށަހަޅާނީ، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.

(ށ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޕްރޮގްރާމުތައް ފިޔަވައި އެހެން ހުރިހާ ކަމަކަށް ހުއްދަޔަށް އެދި މި ކޮމިށަނަށް ހުށަހަޅަންވާނީ، ލިޔުމުން، ވީއްލުމަށް އެދޭ ފަނޑިޔާރެވެ.

(ނ) މި މާއްދާގައިވާ ފަދައިން ތަމްރީނަކަށް ނުވަތަ ކޯހަކަށް ވީއްލަދިނުމަށް އެދޭއިރު، ތައުލީމުދޭ ނުވަތަ ތަމްރީނުދޭ ނުވަތަ ކަމާގުޅުންހުރި މަރުކަޒަކުން ނުވަތަ ޖަމުއިއްޔާއަކުން ދައުވަތު ދީފައިވާ ލިޔުމެއް ނުވަތަ ޖާގަ ލިބުނުކަމުގެ ލިޔުމެއް،ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގައިވާ ފަދައިން ވީއްލުމަށް އެދި ހުށަހަޅާއިރު، ވީއްލުމަށް އެދޭ މުއްދަތަށް ބާރުދޭ ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ކޯހުގެ މުއްދަތު އަންގައިދޭ ލިޔުމެއް؛
  2. ދަތުރުކުރުމަށް ބޭނުންވާ ލިޔެކިޔުންތައް؛
  3. ޕްރޮގްރާމް ކުރި ޔަށްދާނެ ގޮތުގެ ލިޔުން ނުވަތަ ކޯހުގެ ޓައިމްޓޭބަލް.

(ބ) ވީއްލުމަށް އެދި ހުށަހަޅާ މުއްދަތަށް އެއްވެސް ބަދަލެއް އައިސްފައި ވާނަމަ، ވީ އެންމެއަވަހަކަށް ޖުޑީށަލް ސަރވިސް ކޮމިށަނަށް އެކަން އަންގަންވާނެއެވެ.

 

5 ވަނަ މާއްދާ - ވީއްލުމަށް ހުއްދަދޭ ފަރާތް 

(ހ) ފަނޑިޔާރަކު ވީއްލަނ 3 (ތިނެއް) މަސްދުވަހަށްވުރެ ކުރު މުއްދަތުގެ ކަމަކަށްނަމަ، އެ ކަމަށް ހުއްދަ ދޭނީ، ކޮމިށަނުގެ ރައީސްގެ ބެލުމުގެ ދަށުންނެވެ.

(ށ) ފަނޑިޔާރަކު ވީއްލަނ 3 (ތިނެއް) މަސްދުވަހަށްވުރެ ދިގު މުއްދަތަކަށްނަމަ، އެ ހާލަތުގައި ފަނޑިޔާރުން ވީއްލުމާމެދު ގޮތެއް ނިންމާނީ، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ކޮމިށަނުންނެވެ.

 

6 ވަނަ މާއްދާ - ތަމްރީނެއް ދިނުމަށް ނުވަތަ ދިރާސާ މަސައްކަތަކަށް ނުވަތަ ށަރުއީ ދާއިރާއާ ގުޅުންހުރި މަސައްކަތަކަށް ވީއްލުން

(ހ) ލެކްޗަރ އެއް ނުވަތަ ތަމްރީނެއް ދިނުމަށް ނުވަތަ ތައުލީމު ފޯރުކޮށްދޭ ފަރާތަކުން އެދޭ ދިރާސާ މަސައްކަތަކަށް ފަނޑިޔާރަކު ވީއްލާނީ، ފަނޑިޔާރުގެ މަސްއޫލިއްޔަތުން ދުރުނުވާ ގޮތަށާއި ރަސްމީ މަސައްކަތަށް ބުރޫ ނާރާނޭހެން، ވަކި މުއްދަތަކަށެވެ.

(ށ) ށަރުއީ ދާއިރާގެ ނުވަތަ ގާނޫނީ ދާއިރާގެ މަސައްކަތަށް ނުވަތަ ބޭރު ގައުމެއްގެނުވަތަ ބައިނަލްއަގުވާމީ ޖަމުއިއްޔާއެއްގެ މަސައްކަތަކަށް ވީއްލާނީ، ފަނޑިޔާރުގެ މަސްއޫލިއްޔަތުން ދުރުނުވާ ގޮތަށާއި، ރަސްމީ މަސައްކަތަށް ބުރޫ ނާރާނޭހެން،ވަކި މުއްދަތަކަށެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ފަނޑިޔާރަކު ވީއްލާނީ، އެ ކަންކަމުގެ ސަބަބުން އެ ފަނޑިޔާރެއްގެ މަސައްކަތަށާއި މަސްލަހަތަށް ފުށުއެރުމެއް ނެތްނަމައެވެ.

 

7 ވަނަ މާއްދާ - ކޯސް ނުވަތަ ތަމްރީނު ޕްރޮގްރާމުތަކުގެ ކްލާސްތަކަށާއި އިމްތިހާނުތަކަށް ވީއްލުން

(ހ) ކޯސްތަކުގެ ނުވަތަ ތަމްރީނު ޕްރޮގްރާމްތަކުގެ ކްލާސްތަކަށާއި އިމްތިހާނުތަކަށް އެކަނި ވީއްލުމަށް އެދޭ ހާލަތްތަކުގައި އެ ކުލާހަކަށް ނުވަތަ އެ އިމްތިހާނަކަށް ވީއްލާނީ،އެ ތަމްރީނަކީ ފަނޑިޔާރުގެ މަސައްކަތަށް ފައިދާކުރަނިވި ތަމްރީނަކަށްވާނަމައެވެ.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ވީއްލާނ އެކަމަށް ހޭދަވާ މުއްދަތު ބަޔާންކޮށް ފަނޑިޔާރުން އެދުމުން، އެ މުއްދަތަކަށެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ވީއްލާއިރު، ވީއްލުމަށް އެދޭ ކުލާހެއް ނުވަތަ އިމްތިހާނެއް އޮންނަނ ފަނޑިޔާރު ގާއިމުވެ ހުންނަ ރަށް ފިޔަވައި އެހެން ރަށެއްގައި ނުވަތަ އެހެން ގައުމެއްގައި ނަމަ، ވީއްލުމުގެ މުއްދަތު ކަނޑައެޅުމުގައި ދަތުރަށް ހޭދަވާ މުއްދަތަށް ރިއާޔަތް ކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ކުރު މުއްދަތުގެ ފުލްޓައިމް ތަމްރީނު ޕްރޮގްރާމްތަކަށް ވީއްލުން

(ހ) ކުރު މުއްދަތުގެ ތަމްރީނުތަކަށް ފަނޑިޔާރުން ވީއްލާނީ، އެ ތަމްރީނަކީ ފަނޑިޔާރުގެ މަސައްކަތަށް ފައިދާކުރަނިވި ތަމްރީނަކަށްވާނަމައެވެ.

(ށ) ކުރު މުއްދަތުގެ ތަމްރީނު ކަމުގައި ބަލާނ، 3 (ތިނެއް) މަސްދުވަހަށްވުރެ ކުރު، ފުލްޓައިމް ތަމްރީނުތަކެވެ.

(ނ) ކުރު މުއްދަތުގެ ތަމްރީނަކީ، ފަނޑިޔާރު ގާއިމުވެ ހުންނަ ރަށް ފިޔަވައި އެހެން ރަށެއްގައި ނުވަތަ އެހެން ގައުމެއްގައި ހިންގާ ތަމްރީނެއް ކަމުގައި ވާނަމަ، ތަމްރީނަށް ވީއްލުމުގެ މުއްދަތުގައި ދަތުރަށް ހޭދަވާ މުއްދަތަށް ރިއާޔަތް ކުރަންވާނެއެވެ.

(ރ) ކުރު މުއްދަތުގެ ތަމްރީނުތަކަށް ފަނޑިޔާރުން ވީއްލާނީ، އެ ފަނޑިޔާރަކަށް ލިބޭ ފުރިހަމަ މުސާރައާއި އިނާޔަތްތަކާއެކުގައެވެ.

 

9 ވަނަ މާއްދާ - ދިގު މުއްދަތުގެ ފުލްޓައިމް ކޯސްތަކަށް ވީއްލުން

(ހ) ދިގު މުއްދަތުގެ ފުލްޓައިމް ކޯސްތަކަށް ފަނޑިޔާރުން ވީއްލާނީ، އެ ކޯހަކީ ފަނޑިޔާރުގެ މަސައްކަތަށް ފައިދާކުރަނިވި ތަމްރީނަކަށްވާނަމައެވެ.

(ށ) ދިގު މުއްދަތުގެ ފުލްޓައިމް ކޯހެއްކަމުގައި ބަލާނ، 3 (ތިނެއް) މަސްދުވަހާއި 24 (ސައުވީސް) މަސްދުވަހާ ދެމެދުގެ މުއްދަތުގެ ފުލްޓައިމް ކޯސްތަކެވެ.

(ނ) ދިގު މުއްދަތުގެ ކޯހަކީ، ފަނޑިޔާރު ގާއިމުވެ ހުންނަ ރަށް ފިޔަވައި އެހެން ރަށެއްގައި ނުވަތަ އެހެން ގައުމެއްގައި ހިންގާ ކޯހެއްކަމުގައި ވާނަމަ، ވީއްލުމުގެ މުއްދަތުގައި ދަތުރަށް ހޭދަވާ މުއްދަތަށް ރިއާޔަތް ކުރަންވާނެއެވެ.

(ރ) ދިގު މުއްދަތުގެ ކޯސްތަކަށް ފަނޑިޔާރުން ވީއްލާނީ، އެ ފަނޑިޔާރަކަށް ލިބޭ ފުރިހަމަ މުސާރައާއި އިނާޔަތްތަކާއެކުގައެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ފަނޑިޔާރަކު މުސާރައާއި އިނާޔަތްތަކާ ނުލައި ވީއްލުމަށް އެދޭނަމަ، އެގޮތަށް ވެސް ހަމަޖައްސައި ދެވޭނެއެވެ.

 

10 ވަނަ މާއްދާ - ދިގު މުއްދަތުގެ ފުލްޓައިމް ކޯސްތަކަށް ވީއްލުމުގެ ށަރުޠުތައް

ދިގު މުއްދަތުގެ ފުލްޓައިމް ކޯސްތަކަށް ފަނޑިޔާރުން ވީއްލުމުގައި ޖުޑީށަލް ސަރވިސް ކޮމިށަނުން، ތިރީގައިމިވާ ށަރުޠުތަކަށް ރިއާޔަތް ކުރަންވާނެއެވެ.

(ހ) ފަނޑިޔާރު ބައިވެރިވާ ކޯހަކީ ރާއްޖޭގެ ނުވަތަ ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ  މަރުކަޒުތަކުން ހިންގާ ތައުލީމާއި ތަމްރީނު ޕްރޮގްރާމުތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ތައުލީމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭ މަރުކަޒަކުން ހިންގާ ތަމްރީނަކަށް ވުން.

(ށ) ފަނޑިޔާރު ވީއްލަނ މުސާރައާއި އިނާޔަތް ނުލިބޭގޮތަށްނަމަ، ފަނޑިޔާރުކަމުގެ މަސައްކަތުގައި މަދުވެގެން 3 (ތިނެއް) އަހަރުދުވަހު ހިދުމަތްކޮށްފައިވާ ފަނޑިޔާރަކަށް ވުން. އަދި ފަނޑިޔާރު ވީއްލަނ މުސާރައާއި އިނާޔަތް ލިބޭގޮތަށްނަމަ، ފަނޑިޔާރުކަމުގެ މަސައްކަތުގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހު ހިދުމަތްކޮށްފައިވާ ފަނޑިޔާރަކަށް ވުން. 

(ނ) ވީއްލަން އެދޭ ފަނޑިޔާރަކީ، ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ ނިޒާމުން، އެންމެ ފަހުން ހަދައިފައިވާ އިވެލުއޭށަނުގައި "އެވްރެޖް މިންވަރަށްވުރެ ގާބިލު" ނުވަތަ އެއަށްވުރެ މަތިން މާކްސް ލިބިފައިވާ ފަނޑިޔާރަކަށް ވުން.

(ރ) ފާއިތުވި 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އެ ފަނޑިޔާރުގެ ސުލޫކ މައްސަލައެއް ބަލައި، އެކަން ސާބިތުވެ، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަންގެ ގާނޫނު) ގެ 32-1 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފިޔަވަޅެއް އަޅައިފައި ނުވުން.

)ބ ( ޖުޑީށަލް އެކަޑަމީީން ބައިވެރިކުރި އެއްވެސް ޓްރޭނިންގއެއް ނުވަތަ ދިގު މުއްދަތުގެ ކޯހެއް، މަގުބޫލު އުޒުރެއްނެތި، ފާއިތުވި 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި ދޫކޮށްލައިފައިވާ ފަނޑިޔާރެއް ކަމުގައި ނުވުން.

(ޅ) މި އުސޫލުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިދުމަތުގެ ބޮންޑަށް، ހިދުމަތް ކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައި ވުން.

 

11 ވަނަ މާއްދާ - ފަނޑިޔާރުން ވީއްލުމަށް ސްކްރީން ކުރުމުގައި ބަލާނެ މިންގަ ނޑުތައް

(ހ) މި އުސޫލުގެ 3 ވަނަ މާއްދާގެ (ރ) އާއި (ބ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ވީއްލުމަށް އެދޭ ފަނޑިޔާރުން ވީއްލުމުގައި، އެ ޖުޑީށަލް ދާއިރާއެއްގެ ނުވަތަ އެ ކޯޓެއްގެ މަސައްކަތްތަކަށް ބުރޫ ނާރާނޭހެން ފުރުސަތު ދިނުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

  1. އެ ފަނޑިޔާރަކު ކުރާ މަސައްކަތާއި ފުރިހަމަކުރާ ތަމްރީނަކާ ގުޅުންހުރި މިންވަރު؛
  2. ފަނޑިޔާރުގެ ކޭސް ޑިސްޕޯސަލް ރޭޓު؛
  3. ހިދުމަތުގެ މުއްދަތު؛
  4. ޖުޑިށަރީން ކުރިޔަށްގެންދާ ބިނާކުރަނިވި ފަންނީ މަސައްކަތްތަކާއި ތަމްރީނުތަކުގައި ބައިވެރިވާ މިންވަރު؛
  5. މަސައްކަތު ފެންވަރު ވަޒަންކުރާ އިވޭލުއޭށަނުން އެންމެ ފަހުން ލިބިފައިވާ ނަތީޖާ؛
  6. ޖުޑީށަލް ސަރވިސް ކޮމިށަނުން ތަހުގީގުކޮށް، ސާބިތުވެފައިވާ މައްސަލަތަކުގެ ތުހުމަތުގެ ކުޑަބޮޑުމިނަށް؛
  7. ހާޒިރ ރިކޯޑުތަކަށް. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް ވީއްލުމާމެދު ވަޒީފާ ކޮމިޓީ ގެ ލަފާ، މި އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުއްދަދޭ ފަރާތަށް ދޭންވާނެއެވެ.

 

12 ވަނަ މާއްދާ - ވީއްލުމާ ގުޅިގެން ފަނޑިޔާރުކަމުގައި ހިދުމަތް ކުރުމަށް އިގުރާރުވުން

(ހ) މުސާރައާއި އިނާޔަތް ލިބޭގޮތަށް ވީއްލުމުން، ފަނޑިޔާރުން، ތިރީގައި ބަޔާންކޮށްފައިވާ މުއްދަތަށް ފަނޑިޔާރުކަމުގައި ހިދުމަތް ކުރަންވާނެއެވެ.

  1.  ވީއްލާ މުއްދަތަކީ، 6 (ހައެއް) މަސްދުވަހުގެ ނުވަތަ 3 (ތިނެއް) މަސްދުވަހާއި 6 (ހައެއް) މަސްދުވަހާ ދެމެދުގެ މުއްދަތެއްނަމަ، މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ހިދުމަތް ކުރުން؛
  2. ވީއްލާ މުއްދަތަކީ، 1 (އެކެއް) އަހަރުދުވަހުގެ ނުވަތަ 6 (ހައެއް) މަސްދުވަހާއި 1 (އެކެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތެއްނަމަ، މަދުވެގެން 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށް ހިދުމަތް ކުރުން؛
  3. ވީއްލާ މުއްދަތަކީ، 24 (ސައުވީސް) މަސްދުވަހުގެ ނުވަތަ 12 (ބާރަ) މަސްދުވަހާއި 24 (ސައުވީސް) މަސްދުވަހާ ދެމެދުގެ މުއްދަތެއްނަމަ، މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ހިދުމަތް ކުރުން.

(ށ) މުސާރައާއި އިނާޔަތް ނުލިބޭގޮތަށް ވީއްލުމުން، ފަނޑިޔާރުން، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތ ން ފަނޑިޔާރުކަމުގައި ހިދުމަތް ކުރަންވާނެއެވެ.

  1. ވީއްލާ މުއްދަތަކީ، 6 (ހައެއް) މަސްދުވަހުގެ ނުވަތަ 3 (ތިނެއް) މަސްދުވަހާއި 6 (ހައެއް) މަސްދުވަހާ ދެމެދުގެ މުއްދަތެއްނަމަ، 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ހިދުމަތް ކުރުން؛
  2. ވީއްލާ މުއްދަތަކީ، 1 (އެކެއް) އަހަރުދުވަހުގެ ނުވަތަ 6 (ހައެއް) މަސްދުވަހާއި 1 (އެކެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތެއްނަމަ، 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށް ހިދުމަތް ކުރުން؛
  3. ވީއްލާ މުއްދަތަކީ، 24 (ސައުވީސް) މަސްދުވަހުގެ ނުވަތަ 12 (ބާރަ) މަސްދުވަހާއި 24 (ސައުވީސް) މަސްދުވަހާ ދެމެދުގެ މުއްދަތެއްނަމަ، 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށް ހިދުމަތް ކުރުން.

(ނ) ފަނޑިޔާރުކަމުގައި ހިދުމަތްކުރުމަށް އިގުރާރުވެ، ހިދުމަތްކުރަން ޖެހިފައިވާފަނޑިޔާރަކު ހިދުމަތްކުރުމަށް އިންކާރުކޮށް، ވަޒ ފާއިން އަމިއްލައަށް ވަކިވާން ބޭނުންވެއްޖެނަމަ، ވީއްލި މުއްދަތަށް ފަނޑިޔާރަށް ދީފައިވާ މުސާރައާއި އިނާޔަތުގެ ފައިސާގެ ޖުމުލައާއި، ހިދުމަތްކުރަންޖެހޭ މުއްދަތުގެ ތެރެއިން ބާކ އޮތް މުއްދަތަށްވާ މުސާރައާއި އިނާޔަތުގެ ފައިސާގެ ޖުމުލަ އަދަދު ދައްކަންވާނެއެވެ.

(ރ) ށަރުއީ ދާއިރާއަށް ހިދުމަތްކުރުމަށް އިގުރާރުވެ، ހިދުމަތްކުރަން ޖެހިފައިވާ ފަނޑިޔާރަކު ވަކިކުރެވޭނަމަ، ވީއްލި މުއްދަތަށް ފަނޑިޔާރަށް ދީފައިވާ މުސާރައާއި އިނާޔަތުގެ ފައިސާގެ ޖުމުލަ އަދަދުގެ ތެރެއިން، ހިދުމަތްކުރަންޖެހޭ މުއްދަތުގެ ތެރެއިން ބާކ އޮތް މުއްދަތަށް )ނިސްބަތުން( ޖެހޭ ފައިސާގެ ޖުމުލަ އަދަދު ދައްކަންވާނެއެވެ.

 

13 ވަނަ މާއްދާ - ވީއްލައިފައިވާ ހާލަތުގައި އަމަލުކުރާނެ ގޮތް

(ހ) ތަމްރީނު ޕްރޮގްރާމަކަށް ވީއްލައިފައިވާނަމަ، ކޮންމެ ސެމިސްޓަރއެއް ނުވަތަ ޓްރައިމިސްޓަރއެއް ނިމ،ި ނަތ ޖާ ލިބުމުން، އެ ޕްރޮގްރާމެއްގެ ހާޒިރ އާއި ނަތ ޖ،ާޖުޑީށަލް ސަރވިސް ކޮމިށަނާ ހިއްސާ ކުރަންވާނެއެވެ.

(ށ) ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވާ ފަނޑިޔާރު ކޯހުން ފާސް ނުވެއްޖެނަމަ، ނުވަތަ ކޮމިށަނުގެ ހުއްދަނެތި ކޯސް ހުއްޓައިލައިފިނަމަ، ނުވަތަ ކޯހަށް ހާޒިރުނުވުން ފަދަ ސަބަބެއް މެދުވެރިވެގެން ކޯހުން ވަކިކޮށްފިނަމަ، ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތ ން ކޯހަށް ވީއްލި މުއްދަތުގައި ފަނޑިޔާރަށް ދީފައިވާ މުސާރައާއި އިނާޔަތުގެ ފައިސާގެ ޖުމުލަ އަނބުރާ ދައްކަންވާނެއެވެ.

(ނ) ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވާ ފަނޑިޔާރަކަށް ދިމާވި ހާދިސާއަކާ ގުޅިގެން ކޯސް ފުރިހަމަކުރަން އުޒުރުވެރިވެގެން ކޯސް ދޫކޮށްލަން ޖެހިއްޖެނަމަ، އެ ކަމެއް ކޮމިށަނަށް ހުށަހަޅައިގެން ކޮމިށަނުގެ ހުއްދަ ލިބިގެން ކޯހުން ވަކިވާ ވަކިވުން، މި މާއްދާގެ (ށ) އިން އިސްތިސްނާވާނެއެވެ.

 

14 ވަނަ މާއްދާ - ކޮމިށަނުގެ ފަރާތުން ވީއްލާ ފަނޑިޔާރުންގެ މައުލޫމާތު ބެލެހެއްޓުން

(ހ) ކޮމިށަނުގެ ފަރާތުން ވީއްލާ ފަނޑިޔާރުންގެ މައުލޫމާތު، ޖުޑީށަލް ސަރވިސް ކޮމިށަނުން އަދާހަމަކޮށް، ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން ބަލަހައްޓާނ، ތިރީގައިމިވާ މައުލޫމާތުތަކެވެ.

  1. ފަނޑިޔާރު ވީއްލި ހާލަތު؛ 
  2. ފަނޑިޔާރު ވީއްލި މުއްދަތު؛
  3. ވީއްލުމާ ގުޅިގެން އިގުރާރުގައި ބަޔާންކޮށްފައިވާ ކަންކަން.

 

15 ވަނަ މާއްދާ - އުސޫލުގައި ނެތްކަމެއް ދިމާވުން

މި އުސޫލުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ، އެ ކަމެއް ހައްލުކުރާނ، ޖުޑީށަލް ސަރވިސް ކޮމިށަނުން ނިންމާ ގޮތެއްގެ މަތީން، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.

 

16 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގައި ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި  ހިނދަކ،ު އަންނަނިވި ލަފުޒުތަކަށް ދީފައި މިވަނީ، އެ ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނައެވެ.

(ހ) "ސެލްފް ޑިވަލޮޕްމަންޓް" ކަމަށް ބުނެފައި އެވަނ، އަމިއްލަ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި، މަސައްކަތުގެ ހޭލުންތެރިކަމާއި ގާބިލުކަމާއި ހުނަރު އިތުރުކޮށް ކުރިއެރުވުމަށް ކުރާ ކަންކަމަށެވެ.

(ށ) "ޖުޑީށަލް އެކަޑަމީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 2-21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެކަޑަމީ އަށެވެ.

 

17 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާތާ 7 (ހަތެއް) ދުވަހުގެ ފަހުންނެވެ.

 

މައި ގާނޫނު

ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 2008-10)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު