-

ލޯކަލް އޮތޯރިޓީ ކުންފުނިތަކާއި، ކައުންސިލްތަކުން ހިއްސާވާ އަމިއްލަ ވިޔަފާރިތަކަށް ކެޕިޓަލްގެ ގޮތުގައި ކައުންސިލްތަކުން ހަރަދުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު

(އުސޫލު ނަންބަރު 2023-13)

(މި އުސޫލަށް އަމަލުުރަން ފެށީ 25 އެޕްރީލް 2023 ގައި)

 

1 ވަނަ މާއްދާ- ތައާރުފާއި ނަން

(ހ) މިއީ، ލޯކަލް އޮތޯރިޓީ ކުންފުނިތަކާއި، ކައުންސިލްތަކުން ހިއްސާވާ އަމިއްލަ ވިޔަފާރިތަކަށް ކެޕިޓަލްގެ ގޮތުގައި ނުވަތަ އެނޫންވެސް ގޮތަކުން ކައުންސިލްތަކުން ހަރަދުކުރާނެ ގޮތް ކަނޑައެޅުމަށް ޓަކައި، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ 3-5 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލައިފައިވާ އުސޫލެކެވެ.

(ށ) މި އުސޫލަށް ކިޔާނީ، "ލޯކަލް އޮތޯރިޓީ ކުންފުނިތަކާއި، ކައުންސިލްތަކުން ހިއްސާވާ އަމިއްލަ ވިޔަފާރިތަކަށް ކެޕިޓަލްގެ ގޮތުގައި ކައުންސިލްތަކުން ހަރަދުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ- މަގު ސަދު

މި އުސޫލުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ކައުންސިލްތަކުގެ ދާއިރާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށް ޓަކައި،ކައުންސިލުގެ މަސްއޫލިއްޔަތުތަކާއި ދާއިރާގެ ތެރޭގައި އިގްތިސާދީ ހަރަކާތްތަކާއި އިޖުތިމާއީ ހަރަކާތްތައް ލޯކަލް އޮތޯރިޓީ ކުންފުނިތައް މެދުވެރިކޮށް ހިންގުމަށް މަގުފަހިކޮށްދިނުން.

(ށ) ލޯކަލް އޮތޯރިޓީ ކުންފުނިތަކަށް ކެޕިޓަލް ދިނުމުގައި ކައުންސިލްތަކުން އަމަލުކުރާނެ ގޮތް ބަޔާންކުރުން. 

(ނ) ކައުންސިލްތަކުން ކެޕިޓަލްގެ ގޮތުގައި ލޯކަލް އޮތޯރިޓީ ކުންފުނިތަކަށް ހަރަދުކުރެވެނީ ހާމަކަން ބޮޑުގޮތެއްގައި، ހަމަހަމަކަމާއެކުކަން ކަށަވަރުކުރުން.

 

3 ވަނަ މާއްދާ- ކެޕިޓަލް ދޭނެ ކުންފުނިތައް ކަނޑައެޅުން

(ހ) ލޯކަލް އޮތޯރިޓީ ކުންފުނިތަކާއި، ކައުންސިލްތަކުން ހިއްސާވާ އަމިއްލަ ވިޔަފާރިތަކަށް ކެޕިޓަލްގެ ގޮތުގައި ހަރަދުކުރެވޭނީ އެ ކައުންސިލެއްގެ ބަޖެ ޓުގައި ހިމަނައި، އެ އަހަރެއްގެ ބަޖެޓާއި އަހަރީ ޕްލޭނަށް ރިއާޔަތްކޮށް، އެ ކައުންސިލުން ފާސްކުރުމަށްފަހުގައެވެ.

(ށ) ކެޕިޓަލް ދޭނެ ލޯކަލް އޮތޯރިޓީ ކުންފުނި ނުވަތަ ކައުންސިލްތަކުން ހިއްސާވާ އަމިއްލަ ވިޔަފާރި ކަނޑައެޅުމުގެ ކުރިން، އަންނަނިވި ކަންކަން ހިމަނައިގެ ން، އެ ކުންފުންޏަކާ ގުޅޭގޮތުން ކައުންސިލުން އެސެސްމަންޓެއް ތައްޔާރުކުރަންވާނެއެވެ.

  1. ކުންފުނީގެ ބިޒްނަސް ޕްލޭން؛
  2. ހިންގަމުންދާ ކުންފުންޏެއްނަމަ، އެ ކުންފުނީގެ މާލީ ހިސާބުތައް؛
  3. ކުންފުނިން ކެޕިޓަލްގެ ގޮތުގައި ލިބޭ ފައިސާ ބޭނުންކުރާނެ ގޮތާއި، އަންދާޒާކުރާފައިދާއާއި، ފައިދާއިން ބަހާނެކަމަށް ލަފާކުރާ ޑިވިޑެންޓާއި،އިންވެސްޓްމަންޓުގައި ހުރި ހިރާސްތައް ހިމެނޭ ރިޕޯޓު.

(ނ) ކައުންސިލުން ކެޕިޓަލްގެ ގޮތުގައި އިންވެސްޓްކުރުމާބެހޭ އުސޫލެއް ނުވަތަ އިންވެސްޓްމަންޓް ޕޮލިސީ އެކުލަވައިލަންވާނެއެވެ. އިންވެސްޓްކުރުމާބެހޭ އުސޫލުގައި، އެންމެ މަދުވެގެން ވެސް، ތިރީގައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ކައުންސިލުން ކެޕިޓަލްގެ ގޮތުގައި އިންވެސްޓްކުރާނޭ ކަންކަން؛
  2. ކެޕިޓަލްގެ ގޮތުގައި ދެވޭނެ މުދާ ނުވަތަ ފައިސާގެ އަދަދުގެ މިންގަނޑުތައް ނުވަތަ ލިމިޓްތައް؛
  3. ކައުންސިލުން ދޭ ކެޕިޓަލް ރައްކައުތެރިކުރުމުގެގޮތުން އަޅާނެ ފިޔަވަޅުތަކާއި،ކުންފުނިތަކާއި ވިޔަފާރިތަކުން ހޯދާނެ މައުލޫމާތުތަކާއި ރިޕޯޓްތައް ލިބިގަންނާނެ ގޮތް؛
  4. ކައުންސިލުން ހާސިލުކުރަން ބޭނުންވާ ނަތީޖާ؛
  5. ލޯކަލް އޮތޯރިޓީ ކުންފުނިތަކާއި، ކައުންސިލްތަކުން ހިއްސާވާ އަމިއްލަވިޔަފާރިތައް މޮނިޓަރކުރުމަށް ކައުންސިލުގެ މުވައްޒަފުންގެ މަސްއޫލިއްޔަތުތަކާއި ޒިންމާކުރުވުން ހަމަޖެހިފައިވާ ގޮތް؛
  6. ލޯކަލް އޮތޯރިޓީ ކުންފުނިތަކާއި، ކައުންސިލްތަކުން ހިއްސާވާ އަމިއްލަވިޔަފާރިތަކުން ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފުވާނަމަ، އަމަލުކުރާނެގޮތް؛
  7. ލޯކަލް އޮތޯރިޓީ ކުންފުނިތަކާއި، ކައުންސިލްތަކުން ހިއްސާވާ އަމިއްލަވިޔަފާރިތަކުން ކައުންސިލުގެ ޕްރޮކިއުމަންޓުގެ ކަންކަމަށް ކުރިމަތިލާނަމަ، އަމަލުކުރާނެގޮތް؛
  8. ލޯކަލް އޮތޯރިޓީ ކުންފުނިތަކާއި، ކައުންސިލްތަކުން ހިއްސާވާ އަމިއްލަވިޔަފާރިތަކުން ލޯނު ނެގުމާއި ޖުމުލަ ދަރަނި ކައުންސިލުގެ ކެޕިޓަލްގެ ނިސްބަތުން ވަކިމިނެއްގައި ހިފެހެ އްޓުމަށް އަޅާނެ ފިޔަވަޅުތަކާއި އަމަލުކުރާނެ ގޮތް؛ 
  9. ކެޕިޓަލްގެގޮތުގައި އިންވެސްޓްކުރާ ކަންކަމަށް ކަނޑައަޅާ މުއްދަތުތައް؛ މި މުއްދަތުގައި ކެޕިޓަލްގެ ގޮތުގައި އިންވެސްޓްކުރި ފައިސާގެ އަދަދު ބޭނުންކުރަން ނުޖެހޭނެކަމަށް ލަފާކުރިގޮތް؛ އަދި މި މުއްދަތުގެ ތެރޭގައި ކެޕިޓަލްގެ ގޮތުގައި އިންވެސްޓްކުރި ފައިސާ ހޯދަންޖެހިއްޖެ ހާލަތްތަކުގައި އަމަލުކުރާނެ ގޮތް؛

 

4 ވަނަ މާއްދާ -  ވަނަ މާއްދާ- ކެޕިޓަލްގެ ގޮތުގައި ފައިސާ ނުން

ލޯކަލް އޮތޯރިޓީ ކުންފުނިތަކާއި، ކައުންސިލްތަކުން ހިއްސާވާ އަމިއްލަ ވިޔަފާރިތަކަށް ކެޕިޓަލްގެގޮތުގައި ކައުންސިލްތަކުން ހަރަދު ކުރެވޭނީ އެ ކުންފުނީގެ ހިއްސާގެ ނިސްބަތުން، އެ ކައުންސިލެއްގެ ޖުމުލަ ހިއްސާއަށް ޖެހޭ މިންވަރަށްވުރެ އިތުރުނުވާނެ ގޮތެއްގެ މަތީ ންނެވެ.

 

5 ވަނަ މާއްދާ- ކެޕިޓަލްގެ ގޮތުގައި މުދާ ދިނުން

(ހ) ކެޕިޓަލްގެ ގޮތުގައި ނޫފުލޭ މުދަލެއް ދެވޭނީ، އެ މުދަލުގެ ވެލިއުއޭށަނެއް ހެދުމަށްފަހު،އެ ކުންފުނިން ދޫކޮށްފައިވާ ހިއްސާ ގެ ނިސްބަތުން ކައުންސިލުން ދައްކަންޖެހޭ ހިއްސާގެ އަގުގެ ތެރޭގައި އެ މުދަލެއްގެ އަގު ހިމަނައިގެންނެވެ. މިގޮތުން، އެ މުދަލެއްގެ އަގު އެ ކުންފުނީގެ ހިއްސާގެ ނިސްބަތުން، އެ ކައުންސިލެއްގެ ޖުމުލަ ހިއްސާއަށް ޖެހޭމިންވަރަށްވުރެ އިތުރުވެގެން ނުވާނެއެވެ.

(ށ) ކެޕިޓަލްގެ ގޮތުގައި އުފުލޭ މުދަލެއް ދެވޭނީ، އެ މުދަލުގެ ވެލިއުއޭށަނެއް ހެދުމަށްފަހު، އެ ކުންފުނިން ދޫކޮށްފައިވާ ހިއްސާ ގެ ނިސްބަތުން ކައުންސިލުން ދައްކަންޖެހޭ ހިއްސާގެ އަގުގެ ތެރޭގައި އެ މުދަލެއްގެ އަގު ހިމަނައިގެންނެވެ. މިގޮތުން، އެ މުދަލެއްގެ އަގު އެ ކުންފުނީގެ ހިއްސާގެ ނިސްބަތުން، އެ ކައުންސިލެއްގެ ޖުމުލަ ހިއްސާއަށް ޖެހޭމިންވަރަށްވުރެ އިތުރުވެގެން ނުވާނެއެވެ. މިގޮތަށް މުދަލެއް ދެވޭނީ، އެ މުދަލެއް ދިނުމުން، ކައުންސިލުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކަށް ބުރޫ ނާރާނެކަން އެ ކައުންސިލަކުން ކަށަވަރު ކުރުމަށްފަހުގައެވެ.

(ނ) ކެޕިޓަލްގެ ގޮތުގައި މުދަލެއް ދެވޭނީ، އެ މުދަލެއް ދިނުމަށް ކައުންސިލުން ފާސްކުރުމަށްފަހުގައެވެ.

(ރ) ކެޕިޓަލްގެ ގޮތުގައި މުދަލެއް ދެވޭނީ، އެ މުދަލަކީ ކައުންސިލުގެ އިދާރާ ހަރުދަނާކުރުމަށާއި ކައުންސިލުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް މުހިންމު މުދަލެއް ކަމަށް ކަނޑައަޅައި ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ކައުންސިލުގެ ބަޖެޓުގައި ހިމަނައިގެން ދައުލަތުގެ ފައިސާ ހަރަދުކޮށްގެން ހޯދައިފައިވާ މުދަލަކަށް ނުވާނަމައެވެ.

 

6 ވަނަ މާއްދާ- ކައުންސިލަށް ލިބެންޖެހޭ ފައިސާއެއް ނުވަތަ ދަރަންޏެއްކެޕިޓަލައިޒްކުރުމާއި، އެ ފައިސާ ކައުންސިލުން ކެޕިޓަލްގެ ގޮތުގައި ހަރަދުކުރިކަމަށް ކަނޑައެޅުން

(ހ) ކައުންސިލުގެ އިހްތިސާސް އޮންނަ ސަރަހައްދުގައި ހިންގަމުންދާ ވިޔަފާރިއަކުން ނުވަތަ ކުންފުންޏަކުން ކައުންސި ލަށް ދައްކަންޖެހޭ ފައިސާއެއް ނުވަތަ ދަރަންޏެއް ކެޕިޓަލައިޒް ކުރެވިދާނެއެވެ. މިގޮތުން ކެޕިޓަލްގެ ގޮތުގައި ކައުންސިލުން ހަރަދުކުރިކަމަށް ބެލެވޭ ފައިސާގެ އަދަދަކަށް ވާންވާނީ އެ ވިޔަފާރިއަކުން ނުވަތަ ކުންފުންޏަކުން ދައްކަންޖެހިފައިވާ ފައިސާ ނުވަތަ ދަރަންޏަކާ އެއްވަރު އަދަދަކަށެވެ.

(ށ) މިގޮތުން ކައުންސިލަށް ލިބެންޖެހޭ ފައިސާއެއް ނުވަތަ ދަރަންޏެއް ކެޕިޓަލައިޒްކުރެވޭނީ ކައުންސިލުން ފާސްކުރުމަށްފަހުގައެވެ.

(ނ) ކައުންސިލުގެ އިހްތިސާސް އޮންނަ ސަރަހައްދުގައި ހިންގަމުންދާ ވިޔަފާރިއަކުން ނުވަތަ ކުންފުންޏަކުން ކައުންސި ލަށް ދައްކަންޖެހޭ ފައިސާއެއް ނުވަތަ ދަރަންޏެއް ކެޕިޓަލައިޒްކުރުމަށް ކައުންސިލުން ފާސްކުރުމުގެ ކުރިން، މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރަންވާނެއެވެ.

 

7 ވަނަ މާއްދާ- ކެޕިޓަލް އަނބުރާ ކައުންސިލަށް ހަވާލުކުރުން

ލޯކަލް އޮތޯރިޓީ ކުންފުނިތަކާއި، ކައުންސިލްތަކުން ހިއްސާވާ އަމިއްލަ ވިޔަފާރިތަކަށް ދީފައިވާ ކައުންސިލުގެ ކެޕިޓަލް ކުޑަކުރެވޭނީ ނުވަތަ ކައުންސިލުގެ ހިއްސާއަށް ޖެހޭ ފައިސާ ކައުންސިލަށް ހަވާލުކުރެވޭނީ މިކަމާބެހޭ ފުރިހަމަ ތަފުސީލު އެ ކައުންސިލަކުން މިނިސްޓްރީއަށް ހުށަހަޅައި މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ.

 

8 ވަނަ މާއްދާ - ރިޕޯޓް ކުރުން

(ހ) ކައުންސިލްތަކުން، ލޯކަލް އޮތޯރިޓީ ކުންފުނިތަކާއި، ކައުންސިލްތަކުން ހިއްސާވާ އަމިއްލަ ވިޔަފާރިތަކުގެ އަންނަނިވި މައުލޫމާތުތައް ހޯދުމަށްފަހު، މިނިސްޓްރީއަށް ހުށަހަޅަން ވާނެއެވެ.

  1. ކުއާޓަރލީ މެނޭޖްމަންޓް އެކައުންޓްސް، ކޮންމެ ކުއާޓަރއެއް ނިމޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
  2. އޮޑިޓްކުރެވިފައިވާ އަހަރީ ފައިނޭންށަލް ސްޓޭޓްމަންޓްތައް، އަހަރު ނިމޭތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ށ) ކައުންސިލްތަކުން، ލޯކަލް އޮތޯރިޓީ ކުންފުނިތަކާއި، ކައުންސިލްތަކުން ހިއްސާވާ އަމިއްލަ ވިޔަފާރިތަކުގެ އަންނަނިވި މައުލޫމާތުތައް ހޯދުމަށްފަހު، 6( ހައެއް( މަސްދުވަހުގެ ތަރޭގައި މިނިސްޓްރީއަށް ހުށަހަޅަން ވާނެއެވެ.

  1. ލޯކަލް އޮތޯރިޓީ ކުންފުނިތަކާއި، ކައުންސިލްތަކުން ހިއްސާވާ އަމިއްލަވިޔަފާރިތަކުން ކައުންސިލަށް ފައިސާ ދައްކަންޖެހޭނަމަ، އެކަމާބެހޭ ފުރިހަމަ ތަފުސީލު؛
  2. ލޯކަލް އޮތޯރިޓީ ކުންފުނިތަކާއި، ކައުންސިލްތަކުން ހިއްސާވާ އަމިއްލަވިޔަފާރިތަކުގައި މަސައްކަތްކުރާ މެނޭޖްމަންޓް ލެވެލްގެ މުވައްޒަފުންނާއި ކައުންސިލުގެ މެންބަރުންނާ އާއިލީ ގުޅުމެއް އޮތްނަމަ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތްނަމަ އެކަމަކާބެހޭ ތަފުސީލު؛
  3. ލޯކަލް އޮތޯރިޓީ ކުންފުނިތަކާއި، ކައުންސިލްތަކުން ހިއްސާވާ އަމިއްލަވިޔަފާރިތަކަށް ކެޕިޓަލްގެ ގޮތުގައި ކައުންސިލްތަކުން ހަރަދުކުރުމުގެ މަގުސަދު ހާސިލުވެފައިވާ މިންވަރު އަންގައިދޭ ތަފުސީލު؛
  4. ކައުންސިލްތަކުން ކެޕިޓަލްގެ ގޮތުގައި ހަރަދުނުކުރާނަމަ، ލޯކަލް އޮތޯރިޓީކުންފުންޏެއް ނުވަތަ ކައުންސިލްތަކުން ހިއްސާވާ އަމިއްލަ ވިޔަފާރިއެއް ނުހިންގޭނެކަމަށް ލަފާކުރާ ހާލަތްތަކުގައި އެކަމާބެހޭ ތަފުސީލު.

 

9 ވަނަ މާއްދާ - ކޮށްގެންނުވާނޭ ކަންކަން

(ހ) ލޯކަލް އޮތޯރިޓީ ކުންފުނިތަކާއި، ކައުންސިލްތަކުން ހިއްސާވާ އަމިއްލަ ވިޔަފާރިތަކަށް ކެޕިޓަލްގެ ގޮތުގައި ނުވަތަ އެނޫންވެސް ގޮތަކުން ކައުންސިލްތަކުން ދަރަނި ނެގުމަށްފަހު ހަރަދުކޮށްގެން ނުވާނެއެވެ.

(ށ) ލޯކަލް އޮތޯރިޓީ ކުންފުނިތަކާއި، ކައުންސިލްތަކުން ހިއްސާވާ އަމިއްލަ ވިޔަފާރިތަކަށް ކެޕިޓަލް ނޫން ގޮތަށް ކައުންސިލްތަކުން އެއްވެސް ފައިސާއެއް ނުވަތަ މުދަލެއް ދީގެން ނުވާނެއެވެ.

 

10 ވަނަ މާއްދާ - މައުލޫމާތު އާންމުކުރުން

މި އުސޫލުގެ ދަށުން ކައުންސިލުން ކުރާ އެންމެހައި ހަރަދުތަކުގެ މައުލޫމާތު، އެ ދާއިރާއެއްގެ ރައްޔިތުންނަށް، މަދުވެގެން ކޮންމެ 6( ހައެއް( މަހަކު އެއްފަހަރު އާންމުކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގައި ބޭނުންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް މާނަކުރާނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ 52 ވަނަ މާއްދާއާއި، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ 1.02 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

12 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

މާލިއްޔަތުގެ ގާނޫނު (ގާނޫނު ނަންބަރު 2006-03)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު