-

ކައުންސިލްތަކުން ތިންވަނަ ފަރާތެއް މެދުވެރިކޮށް އާންމު ހިދުމަތްތައް ފޯރުކޮށްދިނުމުގެ އެއްބަސްވުމާ ބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 22/2020)

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2019-24 "ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 2-69 ވަނަ މާއްދާގެ (ށ) ދަށުން ތިންވަނަ ފަރާތެއް މެދުވެރިކޮށް، ކަރަންޓާއި ފެނާއި ފާހާނާއާއި ނަރުދަމާގެ ހިދުމަތް ނުވަތަ ހިދުމަތްތަކެއް ފޯރުކޮށްދޭ ހާލަތުގައި، އެ ތިންވަނަ ފަރާތަކާއި ކައުންސިލާ ދެމެދު އެ ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ލިޔުމުން ވެވޭ އެއްބަސްވުމާ ގުޅޭ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ކައުންސިލްތަކުން ތިންވަނަ ފަރާތެއް މެދުވެރިކޮށް އާންމު ހިދުމަތްދިނުމުގެ އެއްބަސްވުމާ ބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ، ކައުންސިލްތަކުން ތިންވަނަ ފަރާތެއް މެދުވެރިކޮށް އާންމު ހިދުމަތްތައްދިނުމުގައި އެކުލަވައިލާ އެއްބަސްވުމުގައި ހިމަނަންޖެހޭ ކަންކަން ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަ ހު ން ފެށިގެންނެވެ.

 

4 ވަނަ މާއްދާ - ގަވައިދު ތަންފީޒުކުރާ ފަރާތް

މި ގަވާއިދު ތަންފީޒުކުރާނީ، ކަރަންޓާއި ފެނާއި ފާހާނާއާއި ނަރުދަމާގެ ހިދުމަތްތަކާ ބެހޭ ކަންކަ ން ހިންގުމުގެ މަސްއޫލިއްޔަތު އެ ވަގުތަކު ހަވާލުވެފައިވާ ސަރުކާރުގެ މުއައްސަސާއިންނެވެ.

 

5 ވަނަ މާއްދާ - ކައުންސިލްތަކުން ތިންވަނަ ފަރާތެއް މެދުވެރިކޮށް ކަރަންޓާއި ފެނާއި ފާހާނާއާއި ނަރުދަމާގެ ހިދުމަތް ދިނުން

(ހ) ކައުންސިލްތަކުން ތިންވަނަ ފަރާތެއް މެދުވެރިކޮށް އާންމު ހިދުމަތްތައް ދޭންވާނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވައިލާ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔަންކޮށްފައިވާ އެއްބަސްވުން އެކުލަވައިލަންވާނީމި ގަވާއިދުގެ 7 ވަނަ މާއްދާގައިވާ ގޮތަށެވެ. އަދި އެ ކަންކަން އެއްބަސްވުމުގައި ހިމަނާއިރު، އެއިން މާއްދާއެއްގެ މާނައަށް އުނިކަމެއް ނާންނާނެ ގޮތުގެ މަތިން އެއިން މާއްދާއެއްގެ އިބާރާތަށް ބަދަލު ގެނެވިދާނެއެވެ. އަދި ޖަދުވަލުގައިވާ މައްދާތަކުގެ އިތުރުން މާއްދާތަކެއް، މި ގަވާއިދާ ތައާރަޒު ނުވާ ގޮތަށް، އެއްބަސްވުމުގައި ހިމެނިދާނެއެވެ.

 

6 ވަނަ މާއްދާ - އެއްބަސްވުމުގެ އަސާސް

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްބަސްވުން އެކުލަވައިލަންވާނީ،ކަރަންޓާއި ފެނާއި ފާހާނާއާއި ނަރުދަމާއާ ބެހޭ ގާނޫނާއި، ގަވާއިދުތަކާއި، ސިޔާސަތުތަކާއި ، މިންގަނޑުތަކާއި، އަގުތަކާ ތައާރަޒު ނުވާ ގޮތަށެވެ.

(ށ) މި މާއްދާގެ (ހ) އާ ހިލާފުވާ އެއްވެސް މާއްދާއެއް ނުވަތަ ކަމެއް އެއްބަސްވުމުގައި ހިމަނައިފައިވާ ނަމަ، އެ މާއްދާއެއް ނުވަތަ އެ ކަމެއް ވާނީ ބާތިލު މާއްދާއެއް ނުވަތަ ބާތި ލު ކަމެއްގެ ގޮތުގައެވެ.

 

7 ވަނަ މާއްދާ - އެއްބަސްވުމުގައި ކޮންމެހެން ހިމަނަންޖެހޭ ކަންކަން

މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްބަސްވުން އެކުލަވައިލުމުގައި އަންނަނިވި ކަންކަން ހިމެނުމަކީ ލާޒިމު ކަމެކެވެ.

(ހ) މަސައްކަތްކުރާ ފަރާތް ނުވަތަ ހިދުމަތްދޭ ފަރާތާއި، މަސަތްކަތް ކުރުވާ ފަރާތުގެ ނަން؛

(ށ) ހިދުމަތުގެ ބާވަތާއި، ތަފުސީލު؛

(ނ) ހިދުމަތް ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ މުއްދަތާއި އަގު؛

(ރ) އެއްބަސްވުމުގައި ހިމެނޭ ފަރާތްތަކުގެ މަސްއޫލިއްޔަތު؛

(ބ) ހިދުމަތުގެ ފެންވަރު؛

(ޅ) އެއްބަސްވެފައިވާ މުއްދަތަށް ހިދުމަތް ފޯރުކޮށް ނުދެވިއްޖެނަމަ އަޅާނެ ފިޔަޅު؛

(ކ) ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ތަކެތި ހޯދުމަށް އެއްބަސްވެފައިވާ ގޮތް؛

(އ) ސެކިއުރިޓީ ނުވަތަ ގެރެންޓީއެއް ދޭނަމަ، އެ ސެކިއުރިޓީ ނުވަތަ ގެރެންޓީގެ ތަފުސީލާއި، އެ ސެކިއުރިޓީ ދޭ ފަރާތް ނުވަތަ ގެރެންޓީ ދޭ ފަރާތާއި ލިބޭ ފަރާތުގެ ު ތަފުސީލ؛

(ވ) ވަކި ކަމަކަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭނަމަ، އެ ކަމެއް ބަޔާންކުރުން ؛

(މ) އެއްބަސްވުމުގެ މާއްދާއަކާ ހިލާފުވެއްޖެނަމަ އަމަލުކުރާނެ ގޮތް؛

(ފ) އެއްބަސްވުމުގައި ނެތްކަމެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތް؛

(ދ) އެކަށީގެންވާ ހަލުވި މިނެއްގައި އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތް ކުރިޔަށްނދާނަމަ، އަޅާނެ ފިޔަވަޅު؛

 

8 ވަނަ މާއްދާ - ކައުސިލުގެ މަސްއޫލިއްޔަތުތައް

މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި ބައިވެރިވާ ކައުންސިލުގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި އަންނަނިވި ކަންކަން އެއްބަސްވުމުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ހ) އެއްބަސްވުމުގެ ދަށުން ކައުންސިލުން އުފުލަންޖެހޭ މަސްއޫލިއްޔަތުތައް އުފުލުމުގައި ކަރަންޓާއި ފެނާއި ފާހާނާއާއި ނަރުދަމާއާ ބެހޭ ގާނޫނާތަކާއި، ގަވާއިދުތަކާއި، ސިޔާސަތުތަކާއި، މިންގަނޑުތަކާއި، އަގުތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެކަން.

(ށ) އެއްބަސްވުމުގެ ދަށުން ތިންވަނަ ފަރާތުން އާންމު ހިދުމަތް ނުވަތަ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ގާއިމުކުރުމަށް ނުވަތަ މަރާމާތުކުރުމަށް ނުވަތަ އަޕްގްރޭޑްކުރުމަށް ބޭނުންވާ ތަކެތި ނުވަތަ ވަސީލަތްތައް ތިންވަނަ ފަރާތަށް ކައުންސިލުން އެއްބާރުލުން ދޭންޖެހޭނެކަން؛ އަދި މިފަދަ މަސައްކަތެއް ކުރުމަށް ބޭނުންވާ އެހީތެރިކަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ހޯދުން.

(ނ) އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެއްބަސްވުމުގެ ކޮޕީއެއް ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތްދިނުމާ ބެހޭ ކަންކަން ރެގިއުލޭޓްކުރުމަށް ސަރުކާރުގެ ފަރާތުން ހަވާލުކޮށްފައިވާ މުއައްސަސާއަށް ކައުންސިލުން ފޮނުވަންޖެހޭނެކަން.

(ރ) މި މާއްދާގެ (ނ) ގައިވާ ފަދައިން އެއްބަސްވުން ރެގިއުލޭޓަރއާ ހިއްސާކުރުމަށްފަހު، އެ އެއްބަސްވުމަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، އެ ބަދަލު ގެންނަތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި، އެ ބަދަލެއް ކައުންސިލުން ރެގިއުލޭޓަރއަށް ފޮނުވަން ވާނެއެވެ.

 

9 ވަނަ މާއްދާ - ތިންވަނަ ފަރާތުގެ މަސްއޫލިއްޔަތުތައް

މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގެ ތިންވަނަ ފަރާތުގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި އަންނަނިވި ކަންކަން އެއްބަސްވުމުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ހ) އެއްބަސްވުމުގެ ދަށުން ތިންވަނަ ފަރާތުން އުފުލަންޖެހޭ މަސްއޫލިއްޔަތުތައް އުފުލުމުގައި،ކަރަންޓާއި ފެނާއި ފާހާނާއާއި ނަރުދަމާއާ ބެހޭ ގާނޫނާއި، ގަވާއިދުތަކާއި، ސިޔާސަތުތަކާއި، މިންގަނޑުތަކާއި، އަގުތަކަށް އަމަލުކުރަން ޖެހޭނެކަން؛

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގާނޫނާއި، ގަވާއިދުތަކާއި، ސިޔާސަތުތަކާއި، މިންގަނޑުތަކާއި، އަގުތަކަށް އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ބަދަލެއް އަތުވެއްޖެނަމަ، އެ ބަދަލު އަންނަތާ 7 (ހަތެއް) ދުވެހުގެ ތެރޭގައި އެ ބަދަލަށް ރިއާޔަތްކޮށް، އެއްބަސްވުން އިސްލާހުކުރުން؛

(ނ) އެއްބަސްވުމުގެ ދަށުން ކަރަންޓާއި ފެނާއި ފާހާނާއާއި ނަރުދަމާގެ ހިދުމަތް ދިނުމަށްޓަކައި އެކުލަވައިލައިފައިވާ ގަވާއިދުތަކާ އެއްގޮތަށް ލައިސަންސް ނެގުމަކީ ތިންވަނަ ފަރާތުގެ ޒިންމާއެއްކަން؛

(ރ) ކަރަންޓާއި ފެނާއި ފާހާނާއާއި ނަރުދަމާގެ ހިދުމަތަށް ފީ ކަނޑައެޅުމަށްޓަކައި ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާއަށް ބޭނުންވާ މައުލޫމާތު އެ މުއައްސަސާއަށް ފޯރުކޮށްދިނުމަކީ ތިންވަނަ ފަރާތުގެ ޒިންމާއެއްކަމާއި، އެ މުއައްސަސާއިން ކަނޑައަޅާ ފޯމެޓަކަށް އެ މުއައްސަސާއިން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ތިންވަނަ ފަރާތުން އެ މުއައްސަސާއަށް އެ މައުލޫމާތު ފޮނުވަންވާނެކަން؛

(ބ) އެއްބަސްވުމުގެ ދަށުން ކަރަންޓާއި ފެނާއި ފާހާނާއާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމާ ބެހޭ މައުލޫމާތު، ކަރަންޓާއި ފެނާއި ފާހާނާއާއި ނަރުދަމާގެ ހިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން އެކުލަވައިލައިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ތިންވަނަ ފަރާތުން ރެގިއުލޭޓަރއަށް ހުށަހަޅަންވާނެކަން.

 

10 ވަނަ މާއްދާ - ކަރަންޓުގެ ހިދުމަތަށް ފީ ނެގުން

އެއްބަސްވުމުގެ ދަށުން ތިންވަނަ ފަރާތުން ފޯރުކޮށްދޭ ކަރަންޓާއި ފެނާއި ފާހާނާއާއި ނަރުދަމާގެ ހިދުމަތަށް ފީ ނެގުމުގައި އަމަލުކުރަންވާނީ ކަރަންޓާއި ފެނާއި ފާހާނާއާއި ނަރުދަމާގެ ހިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން އެ އިރެއްގައި އެކުލަވައިލައިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތަށްކަން އެއްބަސްވުމުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

11 ވަނަ މާއްދާ - ކަރަންޓުގެ ހިދުމަތްދޭ ފަރާތް

އެއްބަސްވުމަށް އަމަލުކުރަމުންދާ މުއްދަތުގައި އާންމު ހިދުމަތްތައް ދިނުމާބެހޭ ރެގިއުލޭޓަރީ ކަންކަމުގައި، އެ ހިދުމަތްދޭ ފަރާތްކަމުގައި ބެލެވޭނީ ތިންވަނަ ފަރާތްކަމުގައި އެއްބަސްވުމުގައި ބަޔާންކޮށްފައި އޮންނަން ވާނެއެވެ.

 

12 ވަނަ މާއްދާ - އެއްބަސްވު އުވާލުން

އާންމު ހިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން އެކުލަވައިލައިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ތިންވަނަ ފަރާތަށް ދޫކޮށްފައިވާ ލައިސަންސެއް ސަސްޕެންޑް ކޮށްފި ނަމަ، ނުވަތަ ބާތިލުކޮށްފި ނަމަ، އެއްބަސްވުން އުވައިލުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވާކަން އެއްބަސްވުމުގައި ބަޔާންކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުން ކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަ ނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ،އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ރަށު ކައުންސިލާއި އަތޮޅު ކައުންސިލާއި ސިޓީ ކައުންސިލަށް ނިސްބަތްކޮށެވެ.

(ށ) "ތިންވަނަ ފަރާތް" ކަމަށް ބުނެފައި އެވަނީ، އާންމު ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމާބެހޭ ރެގިއުލޭޓަރގައި ރަޖިސްޓަރީކޮށްފައިވާ ކައުންސިލުން ހަވާލުކުރާ ފަރާތަށެވެ.

(ނ) "ރެގިއުލޭޓަރ" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ ފަރާތުން ކަރަންޓާއި ފެނާއި ފާހާނާއާއި ނަރުދަމާގެ ހިދުމަތްތަކާ ގުޅޭ މަސައްކަތްތައް ތަންފީޒުކުރުމަށް ކަނޑައަޅައިފައިވާ މުއައްސަސާއަށެވެ.

(ރ) "އާންމު ހިދުމަތްތައް" ކަމަށް ބުނެފައި އެވަނީ، ކަރަންޓާއި ފެނާއި ފާހާނާއާއި ނަރުދަމާގެ ހިދުމަތްތަކަށެވެ.

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު