-

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ގަވާއިދު (ގަވާއިދު ނަންބަރު 7/2020) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 11/2020)

 

ގަވާއިދު ނަންބަރު 7/2020 (އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ށަރުތުތައް  12.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. ދިވެހި ރައްޔިތަކަށް ވުން؛
  2. ކުރިމަތިލާ ރަށަށް ނުވަތަ ސިޓީއަށް ނިސްބަތްވާ އަންހެނަކު ކަމުގައި ވުން؛
  3. ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން؛
  4. ބޭރު ގައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާ ނަމަ، އެ މީހަކު ދިވެހި ރައްޔިތަކަށް ވުމަށްފަހު 5 (ފަހެއް) އަހަރު ފާއިތުވެފައިވުން؛
  5. މުސްލިމަކު ކަމުގައި ވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކަށް ވުން؛
  6. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހަކު ކަމުގައި ވުން؛
  7. ބުއްދި ހަމައަށް ހުރި މީހަކު ކަމުގައި ވުން؛
  8. އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައި ވުން؛
  9. އެއްވެސް ޖިނާއީ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެ، ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން؛
  10. ކުޑަކުއްޖަކާ މެދު ބަދުއަޚްލާގީ އަމަލެއް ހިންގިކަން ނުވަތަ މީހެއްގެ އިއްފަތްތެރިކަން ފޭރިގަތްކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  11. މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެ، އެ މީހެއްގެ މައްޗަށް ހުކުމެއް ކޮށްފައިވާ ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ 7 (ހަތެއް) އަހަރު ފާއިތުވެފައިވުން ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކޮށްދެވުނުތާ 7 (ހަތެއް) އަހަރު ފާއިތުވެފައިވުން؛
  12. މި މާއްދާ ގެ (10) ވަނަ ނަންބަރާއި (11) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި އެހެން ޖިނާއީ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެ، އެ މީހެއްގެ މައްޗަށް 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ 3 (ތިނެއް) އަހަރު ފާއިތުވެފައި ވުން ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކޮށްދެވުނުތާ 3 (ތިނެއް) އަހަރު ފާއިތުވެފައި ވުން.

 

2 ވަނަ މާއްދާ – މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައިގަވާއިދު

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ގަވާއިދު (ގަވާއިދު ނަންބަރު 7/2020)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2020-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު