-

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓް ހިންގާނެ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 5/2020)

 

ފުރަތަމަ ބާބު

ތައާރަފާއި ފެށުން

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މިއީ ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ   ގާނޫނު) ގެ ފަސްވަނަ ބާބުގެ ދަށުން ހިއުމަން ރައިޓްސް ކޮމިށަނުގައި ގާއިމުކުރާ ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓު ހިންގާނެ ގޮތުގެ ގަވާއިދެވެ.

(ށ) މި ގަވާއިދު އެކުލަވައިލައިފައިވަނީ ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 23 ވަނަ މާއްދާގެ (ބ) ގެ ދަށުން ހިއުމަން ރައިޓްސް ކޮމިށަނަށް ލިބިދޭ ބާރުގެ ދަށުންނެވެ.

(ނ) މި ގަވާއިދަކީ "ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓު ހިންގާނެ ގޮތުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ – މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސްގައި ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ ސެކްރެޓޭރިއަޓް ގާއިމުކޮށް ހިންގުމުގައި އިދާރީގޮތުން އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުން.

(ށ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައް ފުރިހަމަ މިނިވަންކަމާއެކު އަދާކުރުމަށް މަގުފަހިކޮށްދިނުން.

(ނ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މަސައްކަތްތަކުގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތައް ބަޔާންކުރުން.

(ރ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އެ ޔުނިޓަށް ގާނޫނީގޮތުން ލިބިދޭ ބާރުތަކާއި ޙިމާޔަތް ބަޔާންކުރުން.

 

ދެވަނަ ބާބު

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ ސެކްރެޓޭރިއަޓް ގާއިމުކުރުމާއި ހިންގުމުގައި އަމަލުކުރާނެ އުސޫލުތައް

 

3 ވަނަ މާއްދާ - ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓު ގާއިމުކުރުން

ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) އަށް އަމަލުކުރަން ފެށުމާއެކު، "ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓު" ގެ ނަމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކަނޑައަޅައިފައިވާ ހިއުމަން ރައިޓްސް ކޮމިށަނުގައި ޔުނިޓެއް އުފައްދަންވާނެއެވެ.

 

4 ވަނަ މާއްދާ - ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މަސައްކަތް ރޭވިފައިވާ ގޮތް

(ހ) ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 23 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަކީ، އެ ޔުނިޓުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައް ނިންމުމުގެ ފުރިހަމަ މިނިވަންކަން ލިބިގެންވާ ޔުނިޓެކެވެ.

(ށ) ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 23 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާއަކީ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ސީދާ ޖަވާބުދާރީވާންޖެހޭނެ ފަރާތެކެވެ.

(ނ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާކަމުގައި ކޮމިށަނުން ކަނޑައަޅައިފައިވާ ކޮމިށަނުގެ ނައިބު ރައީސް ފިޔަވައި، އެހެން މެންބަރަކަށް ނުވަތަ މުވައްޒަފަކަށް ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މަސައްކަތްތަކާ ގުޅިގެން ޖަވާބުދާރީވާކަށެއް ނުޖެހޭނެއެވެ.

 

5 ވަނަ މާއްދާ - ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މަސައްކަތްތަކުގެ މައުލޫމާތު، ހިއުމަން ރައިޓްސް ކޮމިށަނާ ހިއްސާކުރާނެ މިންވަރު

(ހ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަކީ ހިއުމަން ރައިޓްސް ކޮމިށަނުގައި ގާއިމުކުރެވޭ މިނިވަން ޔުނިޓެއްކަމަށްވުމާއެކު، މި ޔުނިޓުގެ މަސައްކަތްތަކާ ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިށަނަށް މައުލޫމާތު ހިއްސާކުރެވޭނީ އަންނަނިވި މިންވަރަށެވެ.

  1. ވިސްލްވްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުން ބަލަމުންދާ މައްސަލަތަކުގެ ބާވަތްތަކާއި އަދަދުތައް.
  2. ވިސްލްވްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުން ބަލައި ނިމިފައިވާ މައްސަލަތަކުގެ ބާވަތްތަކާއި އަދަދުތައް.
  3. ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުން ތަހުގީގު ނުކުރާން ނިންމާ މައްސަލަތަކުގެ އަދަދާއި، ތަހުގީގު ނުކުރާން ނިންމި ސަބަބުތައް.
  4. ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުން ކުރަމުންދާ މަސައްކަތްތަކުގައި ދިމާވާ ދަތިކަންކަމާއި އިދާރީގޮތުން އެހީތެރިކަން ބޭނުންވާ ކަންކަން.

 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް، މި ގަވާއިދުގެ ޖަދުވަލުގައި ބަޔާންކޮށްފައިވާ ތާވަލާ އެއްގޮތަށް، ކޮންމެ މަހަކު އެއްފަހަރު، ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުން، ހިއުމަން ރައިޓްސް ކޮމިށަނަށް ފޯރުކޮށްދޭންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (4) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައުލޫމާތު، ހިއުމަން ރައިޓްސް ކޮމިށަނަށް ފޮނުވުމުން، އެ ކަންކަމާ ގުޅޭގޮތުން މަށްވަރާކޮށް، އެ ކަންކަން ހައްލުކުރުމަށް ހިއުމަން ރައިޓްސް ކޮމިށަނުން އެޅުމަށް ނިންމާ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު، ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި، ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ހިއްސާކުރަންވާނެއެވެ. 

 

6 ވަނަ މާއްދާ - ބަޖެޓް ހަމަޖައްސައިދިނުން

(ހ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ފައިސާ، ހިއުމަން ރައިޓްސް ކޮމިށަނުގެ ބަޖެޓުގެ ތެރެއިން ހަމަޖައްސައިދޭންވާނެއެވެ.

(ށ) ހިއުމަން ރައިޓްސް ކޮމިށަނުގެ ބަޖެޓް ކޮންމެ އަހަރަކު ތައްޔާރުކުރުމުގެ މަރުހަލާގެ ތެރޭގައި ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މަށްވަރާގެ މަތިން އެ ޔުނިޓުގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ފައިސާ ވަކިން ހިމަނައި، ކޮމިށަނުގެ ބަޖެޓް، ދައުލަތުގެ މާލީ ކަންކަން ބަލަހައްޓާ ވުޒާރާއަށް ފޮނުވަންވާނެއެވެ.

(ނ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ ބަޖެޓާ ގުޅޭގޮތުން ދައުލަތުގެ މާލީ ކަންކަން ބަލަހައްޓާ ވުޒާރާއާއި ރައްޔިތުންގެ މަޖިލީހުގައި މަށްވަރާކުރުމަށް ކުރާ މަސައްކަތްތަކުގައި ހިއުމަން ރައިޓްސް ކޮމިށަނާއެކު ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުން ބައިވެރިވުމަށް ކޮމިށަނުން ފުރުސަތު ދޭންވާނެއެވެ. 

 

7 ވަނަ މާއްދާ - ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާ

(ހ) ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 23 ވަނަ މާއްދާގެ (ށ) ގެ ދަށުން ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓު ހިންގުމުގެ އިސްވެރިޔާ އައްޔަނުކުރާނީ ހިއުމަން ރައިޓްސް ކޮމިށަނުންނެވެ.

(ށ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާގެ  މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  1. ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 23 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުން.
  2. ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ހަވާލުކޮށްފައިވާ އެންމެހައި މަސައްކަތްތައް ވިލަރެސްކޮށް، ހިންގުން.
  3. ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓު ހިންގުމާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުން.
  4. ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ ފުރަތަމަ ހަފުތާގައި، ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އަހަރީ ރިޕޯޓު، ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވުން.
  5. ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން ގާއިމުކުރެވޭ ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މުވައްޒަފުންނަށް މަސައްކަތްތައް ހަވާލުކުރުމާއި، ސުޕަވައިޒްކުރުމާއި، މަސައްކަތުގެ ފެންވަރު ބަލަމުންދިއުން.

 

8 ވަނަ މާއްދާ - ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މުވައްޒަފުން

(ހ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މުވައްޒަފުން އައްޔަނުކޮށް ވަކިކުރަންވާނީ އެ ޔުނިޓު ހިންގުމުގެ އިސްވެރިޔާގެ ލަފާގެ މަތިން ހިއުމަން ރައިޓްސް ކޮމިށަނުންނެވެ.

(ށ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މުވައްޒަފުންނަކީ ހިއުމަން ރައިޓްސް ކޮމިށަނުގެ މުވައްޒަފުންނެވެ. އަދި ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މުވައްޒަފުންގެ ވަޒީފާއާ ގުޅޭ އެންމެހައި ކަންކަމުގައި އަމަލުކުރަންވާނީ ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ   ގާނޫނު) އާއި ހިއުމަން ރައިޓްސް ކޮމިށަނުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

9 ވަނަ މާއްދާ - ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ ސެކްރެޓޭރިއަޓް، އެޗް.އާރ.ސީ.އެމްގެ ސެކްރެޓޭރިއަޓާ ވަކިން އޮތުން

(ހ) ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 23 ވަނަ މާއްދާގެ (ނ) ގައި ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަކީ އެ ޔުނިޓުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައް ނިންމުމުގެ ފުރިހަމަ މިނިވަންކަން ލިބިގެންވާ ޔުނިޓެއްކަމަށް ބަޔާންކޮށްފައިވުމާއެކު، ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ ސެކްރެޓޭރިއަޓް، ހިއުމަން ރައިޓްސް ކޮމިށަނުގައި ގާއިމުކޮށްފައިވީނަމަވެސް، މި ޔުނިޓަކީ ހިއުމަން ރައިޓްސް ކޮމިށަނުގެ އިދާރީ އޮނިގަނޑުގައި ހިމެނޭ މިނިވަން ޔުނިޓެކެވެ. 

(ށ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އޮފީހާއި އެންމެހައި ލިޔެކިޔުންތަކާއި ތަކެތި ބަލަހައްޓަންވާނީ ހިއުމަން ރައިޓްސް ކޮމިށަނުގެ އެހެން ޑިޕާޓްމަންޓުތަކާ ވަކިންނެވެ.

 

10 ވަނަ މާއްދާ - މައްސަލައާއި ލިޔެކިޔުންތައް ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ވަކިން ހުށަހެޅޭނެ އިންތިޒާމް ހަމަޖެއްސުން

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ހުށަހެޅޭ މައްސަލަތަކާއި މައުލޫމާތުތައް އެންޓްރީވާންވާނީ ހިއުމަން ރައިޓްސް ކޮމިށަނުގެ އެންޓްރީއާ ވަކިން ގާއިމުކުރެވޭ އެންޓްރީ ނިޒާމެއްގެ ތެރެއިންނެވެ. އަދި މި ޔުނިޓުގެ ލިޔެކިޔުންތަކަށް ޔުނިޓުގެ އިސްވެރިޔާއާއި ޔުނިޓުގެ މުވައްޒަފުން ފިޔަވައި އެހެން ފަރާތަކަށް އެކްސެސް ދީގެން ނުވާނެއެވެ.

 

ތިންވަނަ ބާބު

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މަސައްކަތްތަކުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް

 

11 ވަނަ މާއްދާ - ނުފޫޒެއްނެތި މިނިވަންކަމާއެކު މަސައްކަތްކުރުން     

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަކީ ވަކި ފަރާތަކަށް ބުރަނުވާ މިނިވަން ޔުނިޓެކެވެ. ޔުނިޓުގެ މަސައްކަތްތައް ކުރަންވާނީ އެއްވެސް ފަރާތަކަށް ބުރަވުމެއްނެތި، ތައައްސުބުން އެއްކިބާވެ ތިބެގެންނެވެ.

 

12 ވަނަ މާއްދާ - ކޮރަޕްށަން ނުވަތަ ރިށްވަތުގެ އަމަލުތަކުން ދުރުވުން

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާއާއި އެންމެހައި މުވައްޒަފުން ކޮރަޕްށަން ނުވަތަ ރިށްވަތުގެ އަމަލުތަކުން ދުރުހެލިވާންވާނެއެވެ. އަދި މިފަދަ ހުށަހެޅުމެއް އަތުވެއްޖެ ނަމަ، ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުއަށާއި ގާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްށަން ކޮމިށަނުގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ   އެންޓި-ކޮރަޕްށަން ކޮމިށަނަށް އެކަން ރިޕޯޓުކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - މައްސަލަ ހުށަހަޅާ ފަރާތްތަކަށް އިހުތިރާމާއެކު މުއާމަލާތުކުރުން

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް މައްސަލައެއް ހުށަހަޅާ ފަރާތަކަށް ނުވަތަ މައުލޫމާތެއް ދޭ ފަރާތްތަކާމެދު މުއާމަލާތުކުރަންވާނީ އިހުތިރާމާއެކުގައެވެ. އަދި މައްސަލައެއް ނުވަތަ ށަކުވާއެއް ހުށަހަޅާ އެއްވެސް މީހަކަށް އެއްވެސް ބާވަތެއްގެ ގޯނާއެއް ކޮށް ނުވަތަ ބިރުދައްކައި ނުވަތަ އެނޫންވެސް ދެރަގޮތެއް ދިމާވާނެ ގޮތަކަށް މުއާމަލާތު ކޮށްގެން ނުވާނެއެވެ.

 

14 ވަނަ މާއްދާ - ފެންވަރު ރަނގަޅު މަސައްކަތްކުރުން

(ހ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުން ކުރާ މަސައްކަތްތަކަކީ ތައުލީމީގޮތުންނާއި އިދާރީގޮތުން ފެންވަރު ރަނގަޅު، ޕްރޮފެށަނަލް މަސައްކަތްތަކަކަށް ވާންވާނެއެވެ.

(ށ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މުވައްޒަފުންނަކީ ތައުލީމީގޮތުންނާއި އިދާރީގޮތުން ފެންވަރު ރަނގަޅު މަސައްކަތްކުރެވޭނެ ބަޔަކަށް ވާންވާނެއެވެ. އަދި އެ ޔުނިޓުގެ މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުގައި ބޭނުންވާ އިތުރު ތައުލީމާއި ތަމްރީނު ލިބޭނެ އިންތިޒާމްތައް ހިއުމަން ރައިޓްސް ކޮމިށަނުން ހަމަޖައްސައިދޭންވާނެއެވެ.

 

15 ވަނަ މާއްދާ - މަސްލަހަތު ފުށުނޭރުން

(ހ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާއާއި އެނޫން އެހެން މުވައްޒަފަކު ވެސް، ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ   3 ވަނަ މާއްދާގައިވާ ދާއިރާތަކުގައި ހިމެނޭ އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކޮށްގެން ނުވާނެއެވެ.

(ށ) އަދާކުރާ ވަޒީފާއެއްގެ ސަބަބުން ނުވަތަ ކުރާ މަސައްކަތެއްގެ ސަބަބުން ނުވަތަ ހިންގާ ހަރަކާތްތެއްގެ ސަބަބުން ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ ވަޒީފާ މިނިވަންކަމާއެކު އަދާކުރުމަށް ހުރަސްއެޅޭނަމަ، އެފަދަ ވަޒީފާއެއްގައި ނުވަތަ މަސައްކަތެއްގައި ނުވަތަ ހަރަކާތެއްގައި، ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާ ވެސް އަދި އެނޫން އެހެން މުވައްޒަފަކު ވެސް ބައިވެރިވެގެން ނުވާނެއެވެ.  

(ނ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާ ނުވަތަ އެއްވެސް މުވައްޒަފެއްގެ މަސްލަހަތު ފުށުއަރާ މައްސަލައެއް ނުވަތަ މަސައްކަތެއް ކުރަން ޖެހިއްޖެނަމަ، އެ ޔުނިޓުގެ އެންމެ އިސްފަރާތާ އެކަމުގެ މައުލޫމާތު ހިއްސާކޮށް، އެ ފަރާތަކުން އެ މައްސަލައަކުން ނުވަތަ އެ މަސައްކަތަކުން ވަގުތުން ތަނާޒުލްވާންވާނެއެވެ.

(ރ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާގެ މަސްލަހަތު ފުށުއަރާ މައްސަލައެއް ނުވަތަ މަސައްކަތެއް ކުރަން ޖެހިއްޖެނަމަ، ޔުނިޓުގައި ދެން އެންމެ އިސްކޮށް ހުރި މުވައްޒަފަކާ އެ މަސައްކަތް ހަވާލުކުރަންވާނެއެވެ.

 

16 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

(ހ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާއާއި މުވައްޒަފުންނާއި އެ ޔުނިޓުގެ މަސައްކަތްތަކުގައި ހަރަކާތެރިވާ މާހިރުންނާއި ކޮންސަލްޓަންޓުންނާއި އެ ޔުނިޓުގެ މައުލޫމާތު ބޭނުންކުރުމުގެ ހުއްދަ އޮންނަ އެނޫން ކޮންމެ ފަރާތަކުން، އެ ފަރާތްތަކުގެ ވާޖިބުތައް އަދާކުރުމުގައި ލިބޭ ސިއްރު މައުލޫމާތު ސިއްރުގެ ގޮތުގައި ހިފަހައްޓަންވާނެއެވެ. އަދި އެފަދަ މައުލޫމާތު އެ ފަރާތްތަކުގެ ވާޖިބު އަދާކޮށް ނިމުމަށްފަހުގައިވެސް ސިއްރުގެ ގޮތުގައި ހިފަހައްޓަންވާނެއެވެ. އެ ފަރާތްތަކަށް ލިބޭ އެފަދަ މައުލޫމާތު ބޭނުންކުރަންވާނީ ހަމައެކަނި ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) އާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ށ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުން އާންމުކުރާ މައުލޫމާތާއި ދިރާސާތަކުގެ ހޯދުންތަކާއި، ތަފާސްހިސާބުތަކަކީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސިއްރު މައުލޫމާތުގެ ގޮތުގައެއް ނުބެލެވޭނެއެވެ.

(ނ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް މައްސަލަ ހުށަހަޅާ ފަރާތްތަކުގެ ވަނަވަރާއި އެއީ ކޮން ފަރާތެއްކަން އެނގޭނެފަދަ މައުލޫމާތަކީ، މައްސަލަ ހުށަހަޅާ ފަރާތްތަކުން އެކަން އާންމުކުރަން ބޭނުންނުވާހައި ހިނދަކު ސިއްރު މައުލޫމާތުގެ ގޮތުގައި ބެލެވޭނެއެވެ.

 

17 ވަނަ މާއްދާ - ވިސްލްބްލޯކުރާ ފަރާތުގެ މައުލޫމާތު ސިއްރުކުރުން

ވިސްލްބްލޯކުރުމާއެކު ވިސްލްބްލޯކުރާ ފަރާތުގެ އަންނަނިވި މައުލޫމާތު، ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުން ސިއްރުކުރަންވާނެއެވެ. އަދި ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާއާއި އެ ޔުނިޓުގެ މުވައްޒަފުން ފިޔަވައި އެހެން އެއްވެސް ފަރާތަކަށް މި މައުލޫމާތުތައް ހިއްސާކޮށްގެން ނުވާނެއެވެ.

(ހ) ވިސްލްބްލޯކުރާ ފަރާތުގެ ޒާތީ އެންމެހައި މައުލޫމާތު:

  1. ވިސްލްބްލޯކުރާ ފަރާތުގެ ފުރިހަމަ ނަމާއި އާންމު ނަން؛
  2. ވިސްލްބްލޯކުރާ ފަރާތުގެ ދާއިމީ އެޑްރެހާއި މިހާރު ދިރިއުޅޭ އެޑްރެސް؛
  3. ވިސްލްބްލޯކުރާ ފަރާތުގެ އުމުރު؛
  4. ވިސްލްބްލޯކުރާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު؛
  5. ވިސްލްބްލޯކުރާ ފަރާތުގެ ކާކުކަން އަންގައިދޭ ލިޔެކިޔުމެއްގެ ނަންބަރު؛

(ށ) ވިސްލްބްލޯކުރާ ފަރާތުގެ އާއިލާއާބެހޭ މައުލޫމާތު؛

(ނ) ވިސްލްބްލޯކުރާ ފަރާތް ވަޒީފާ އަދާކުރާ ތަން، ނުވަތަ އޮފީސް، ނުވަތަ ބްރާންޗް އަދި ވިސްލްބްލޯކުރާ ފަރާތުގެ މަގާމު؛

(ރ) ވިސްލްބްލޯކުރާ ފަރާތާ މުވާސަލާތީގޮތުން ގުޅޭނެ ގޮތާއި، ފޯނު ނަންބަރުތަކާއި، އިލެކްޓްރޯނިކް މެސެޖް ނުވަތަ މެއިލް އެޑްރެސް އަދި މި ނޫނަސް އިންޓަރނެޓް މެދުވެރިކޮށް އެ ފަރާތަކާ ގުޅޭނެ ގޮތްތައް؛

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުންވެސް ވިސްލްބްލޯކުރާ ފަރާތުގެ ށަހްސު ދެނެގަނެވޭނެ ފަދަ އެއްވެސް މައުލޫމާތެއް.

 

ހަތަރުވަނަ ބާބު

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މަސްއޫލިއްޔަތުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ލިބިދޭ ބާރުތަކާއި ޙިމާޔަތް

 

18 ވަނަ މާއްދާ - ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް

"ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓު" އަކީ އަންނަނިވި ޒިންމާތަކާއި މަސްއޫލިއްޔަތުތައް ހަވާލުކުރެވިފައިވާ ޔުނިޓެކެވެ. (ހ) މައުލޫމާތު ހުށަހެޅޭނެ އިންތިޒާމްތައް ގާއިމުކުރުން؛

(ށ) މައުލޫމާތު ހުށަހެޅުމުން މައުލޫމާތު ބަލައިގަތުން؛

(ނ) މައުލޫމާތު ހުށަހަޅާ ފަރާތުގެ ވަނަވަރާއި އެހެނިހެން ޒާތީ މައުލޫމާތު ސިއްރުކުރުން؛

(ރ) މައުލޫމާތާ ގުޅިގެން ކުރަންޖެހޭ ތަހުގީގުތައް ކުރުން؛

(ބ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން، ގާނޫނަކުން ވަކި އިދާރާއަކަށް ތަހުގީގުކުރުމުގެ އިހްތިސާސް ދީފައިވާ މައްސަލައެއްވާނަމަ، އެ ކަމެއް ތަހުގީގުކުރުމަށް އެ އިދާރާއަކަށް ފޮނުވުން؛

(ޅ) ވިސްލްބްލޯކުރުމުން ބަދަލު ހިފުމާ ގުޅޭގޮތުން ހުށަހެޅޭ މައުލޫމާތު ވިސްލްބްލޯކޮށްގެން ހުށަހަޅާ އާންމު އެހެނިހެން މައުލޫމާތާ އެއް އުސޫލަކުން ތަހުގީގުކުރުން؛

(ކ) ވިސްލްބްލޯކުރާ ފަރާތްތަކަށް ރައްކައުތެރިކަން ލިބިދޭންޖެހޭކަމަށް ފެންނަ ހާލަތްތަކުގައި ދައުލަތުގެ ސަލާމަތީ ހިދުމަތުން ސަލާމަތާއި ރައްކައުތެރިކަން ފޯރުކޮށްދިނުމަށް އެންގުން؛

(އ) ދައުލަތުގެ އިދާރާތަކުގައި ވިސްލްބްލޯކުރުމުގެ އެތެރޭގެ އިންތިޒާމްތައް ހަމަޖައްސައި، އެ އިންތިޒާމުތައް ހިނގަމުންދާގޮތް މޮނިޓަރކުރުން؛

(ވ) ވިސްލްބްލޯކުރުމުގެ މުހިންމުކަމާއި، ވިސްލްބްލޯކުރާ ފަރާތްތަކަށް ގާނޫނީގޮތުން ލިބިދީފައިވާ ރައްކައުތެރިކަމާއި ހައްގުތަކަށް އިދާރާތަކާއި ކުންފުނިތަކާއި އަމިއްލަ ޖަމްއިއްޔާތަކާއި އާންމުން ހޭލުންތެރިކުރުވުން؛

(މ) ވިސްލްބްލޯކުރުމުގެ ހައްގާއި ވިސްލްބްލޯކުރުމުން ބަދަލުހިފުމުން ރައްކައުތެރިކަން ލިބުމުގެ ހައްގާ ގުޅޭގޮތުން ދިރާސާތައްކޮށް، ދިރާސާތަކުގެ ހޯދުންތައް އާންމުކުރުން؛

(ފ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އަހަރީ ރިޕޯޓު، ކޮންމެ މީލާދީ އަހަރެއްގެ ފެބުރުވަރީ މަހުގެ ފުރަތަމަ ހަފުތާގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވުން.

(ދ) މި މާއްދާގެ (ހ) އިން ފެށިގެން (ފ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުގެ އިތުރުންވެސް، ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތަކާއި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އިތުރު ގާނޫނަކުން ނުވަތަ ގާނޫނުތަކަކުން ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓާ ހަވާލުކުރާ މަސައްކަތްތައް.

 

19 ވަނަ މާއްދާ - ހިއުމަން ރައިޓްސް ކޮމިށަނަށް ލިބިދީފައިވާ ބާރުތައް ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ލިބިދިނުން

ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) ގައި ހިއުމަން ރައިޓްސް ކޮމިށަނުގައި ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓު ގާއިމުކުރަންވާނެކަމަށް ބަޔާންކޮށްފައިވުމާއެކު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 192 ވަނަ މާއްދާއާއި ގާނޫނު ނަންބަރު 6/2006 (ހިއުމަން ރައިޓްސް ކޮމިށަންގެ ގާނޫނު) ގައި  ބަޔާންކޮށްފައިވާ ބާރުތައް ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ލިބިގެންވެއެވެ.

 

20 ވަނަ މާއްދާ - ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މުވައްޒަފުންނަށް އިންޒާރުދިނުމާއި ބިރުދެއްކުން

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އެއްވެސް މުވައްޒަފަކަށް އެއްވެސް ފަރާތަކުން އިންޒާރުދިނުމަކީ ނުވަތަ ބިރުދެއްކުމަކީ ނުވަތަ އެއްވެސް ބާވަތެއްގެ ގޯނާއެއް ކުރުމަކީ ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުޤޫބާތު) ގެ 511 މާއްދާގެ ދަށުން ކުށެކެވެ.

 

21 ވަނަ މާއްދާ - ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް  ލިބިދޭ ޙިމާޔަތްތެރިކަން

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުންނާއި، ޔުނިޓަށް ލިބިދޭ ބާރުތަކުގެ ދަށުން އަމަލުކުރުމުގެ ގޮތުން ގާނޫނުގައިވާ ގޮތުގެ މަތިން، ނުވަތަ ގާނޫނަކުން ލިބިދޭ ބާރެއްގެ ދާއިރާގެ ތެރޭގައި، ޔުނިޓުގެ އިސްވެރިޔާ ނުވަތަ ޔުނިޓުގެ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން ހެޔޮނިޔަތުގައި ކުރާ ކަމަކާމެދު ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު އެއްވެސް މަދަނީ ނުވަތަ ޖިނާއީ ދައުވާއެއް ނޫފުލޭނެއެވެ.

 

 

ފަސްވަނަ ބާބު

އެހެނިހެން

22 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ހިއުމަން ރައިޓްސް ކޮމިށަނުން މި ގަވާއިދު ފާސްކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް އާންމުކުރާ ތާރީހުން ފެށިގެންނެވެ.

 

23 ވަނަ މާއްދާ - ޖަދުވަލަކީ ގަވާއިދުގެ ބައެއް ކަމުގައި ކަނޑައެޅުން

މި ގަވާއިދާ އެކުގައިވާ ޖަދުވަލު 1 އަކީ މި ގަވާއިދުގެ ބައެކެވެ.

 

24 ވަނަ މާއްދާ – މާނަކުރުން

މި ގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވަނީ، އެ ލަޒުފުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ހިއުމަން ރައިޓްސް ކޮމިށަން" ނުވަތަ "ކޮމިށަން" ކަމަށް ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 189 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސްއަށެވެ.

(ށ) "ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓް" ނުވަތަ "ޔުނިޓް" ކަމަށް ބުނެފައިވަނީ، ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ހިއުމަން ރައިޓްސް ކޮމިށަނުގައި ގާއިމުކުރުން ލާޒިމްކޮށްފައިވާ ޔުނިޓަށެވެ.

(ނ) "ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ ސެކްރެޓޭރިއަޓް" ކަމުގައި ބުނެފައިވަނީ، ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 23 ވަނަ މާއްދާގެ (ބ) ގެ ދަށުން ހިއުމަން ރައިޓްސް ކޮމިށަނުން ގާއިމުކޮށްދިނުމަށް ލާޒިމްކޮށްފައިވާ އިދާރީ އިންތިޒާމްތަކަށެވެ.

(ރ) "ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާ" ނުވަތަ "އިސްވެރިޔާ" ކަމުގައި ބުނެފައިވަނީ، ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 23 ވަނަ މާއްދާގެ (ށ) ގެ ދަށުން ހިއުމަން ރައިޓްސް ކޮމިށަނުން އައްޔަނުކުރުމަށް ލާޒިމުކޮށްފައިވާ ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓު ހިންގުމުގެ އިސްވެރިޔާއަށެވެ.

(ބ) "ވިސްލްވްބްލޯކުރުން" ކަމުގައި ބުނެފައިވަނީ، ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ދައުލަތުގެ އިދާރާއެއް ނުވަތަ އަމިއްލަ ފަރާތަކުން އެ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ނޭދެވޭ އަމަލެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކޮށްފާނެކަމުގެ މައުލޫމާތު ހުށަހެޅުމަށެވެ.

(ޅ) "ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މުވައްޒަފުން" ނުވަތަ "ޔުނިޓުގެ މުވައްޒަފުން" ކަމުގައި ބުނެފައިވަނީ، ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނޭގޮތަށެވެ.

 

 

މި ގަވާއިދު ޖަދުވަލު 1 އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެއެވެ 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

މައި ގާނޫނު

ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 16/2019)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު