-

މެޑިކަލް ރެކޯޑާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 1070/2019)

 

ފުރަތަމަ ބާބު

އިބްތިދާއީ މާއްދާތައް

1 ވަނަ މާއްދާ - ތަޢާރަފާއި ނަން 

(ހ)  މިއީ،  ގާނޫނު ނަންބަރު 29/2015 (ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު) ގެ 39 ވަނަ މާއްދާގެ ދަށުން މެޑިކަލް ރެކޯޑު އެކުލަވައިލުމާއި، ބެލެހެއްޓުމާއި، ބެލުމާއި، ހާމަކުރުމާއި، ރިޕޯޓުކުރުމުގައި ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގައި ހިމެނޭ ހިދުމަތްދޭ ތަންތަނުން ޢަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުމަށް ޓަކައި، އެ ގާނޫނުގެ 72 ވަނަ މާއްދާއިން ބާރުލިބިގެން އެކުލަވައިލާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "މެޑިކަލް ރެކޯޑާ ބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީހު

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިއުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

3 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މައިގަނޑު މަގްސަދުތައް، ތިރީގައި ބަޔާންކޮށްފައި މި ވަނީއެވެ.

(ހ) ސިއްހީ ހިދުމަތް ލިބިގަންނަ ކޮންމެ މީހެއްގެ މެޑިކަލް ރެކޯޑުތައް ރައްކައުތެރިކޮށް ބެލެހެއްޓުމަށް ޓަކައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރުން؛

(ށ) މެޑިކަލް ރެކޯޑުތައް އެކުލަވައިލަންޖެހޭ ގޮތާއި، އެ ރެކޯޑުތައް ބެލެހެއްޓުމުގައި ޢަމަލުކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ބަޔާންކުރުން؛

(ނ) ހިދުމަތް ލިބިގަންނަ މީހާގެ މައުލޫމާތު، ހިދުމަތް ދިނުމަށް ކޮންމެހެން ބޭނުންވާނެ މިންވަރަށް، ހިދުމަތް ފޯރުކޮށްދޭ އެހެން ސިއްހީ ހިދުމަތްތެރިންނާ ހިއްސާ ކުރެވޭނެ އުސޫލުތައް ގާއިމްކުރުން؛

(ރ) ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން، ހިދުމަތް ލިބިގަންނަ މީހުންގެ މެޑިކަލް ރެކޯޑުގެ ސިއްރު ހިފެހެއްޓުމާއި، އެ ރެކޯޑުތައް ބެލޭނެ އުސޫލުތައް ކަނޑައެޅުން؛

 


4 ވަނަ މާއްދާ - ގަވާއިދު ހިންގޭނެ ދާއިރާ

ސިއްހީ ހިދުމަތުގެ ނިޒާމުގެ ތެރޭގައި ދިވެހިރާއްޖޭގައި ސިއްހީ ހިދުމަތްދޭ އެންމެހައި ތަންތަނާއި  ދައުލަތުން ބަލަހައްޓާ ފަރާތްތައް ގެންގުޅޭ ތަންތަނުގެ މައްޗަށް މި ގަވާއިދު ހިނގާނެއެވެ.  

                 

ދެވަނަ ބާބު

މެޑިކަލް ރެކޯޑު

5 ވަނަ މާއްދާ - މެޑިކަލް ރެކޯޑުގެ ގޮތުގައި ބެލެވޭ މައުލޫމާތު

މެޑިކަލް ރެކޯޑުގެ ތެރޭގައި އަންނަނިވި ބާވަތްތަކުގެ މައުލޫމާތު ހިމެނެއެވެ.

(ހ) ސިއްހީ ހިދުމަތް ލިބިގަންނަ މީހުންގެ ޒާތީ މައުލޫމާތު؛

(ށ) ސިއްހީ ހިދުމަތް ލިބިގަންނަ މީހުންނާ ގުޅޭ ކްލިނިކަލް ޑޭޓާގެ ގޮތުގައި ބެލެވޭ މައުލޫމާތު؛

(ނ) ގާނޫނީ ބޭނުންތަކަށް ޓަކައި ސިއްހީ ހިދުމަތް ލިބިގަންނަ މީހުންނާ ގުޅޭ މައުލޫމާތު ހިމެނޭގޮތުން ތައްޔާރުކުރާ އެކިއެކި ލިޔުންތައް.

 

6 ވަނަ މާއްދާ - މެޑިކަލް ރެކޯޑުގެ މިލްކުވެރިކަން

(ހ) އާންމު އުސޫލެއްގެ ގޮތުން މެޑިކަލް ރެކޯޑު ބެލެހެއްޓުމަށް ޒިންމާވާ ފަރާތަކީ، ސިއްހީ ހިދުމަތް ލިބިގަންނަ ފަރާތުގެ ސިއްހީ މައުލޫމާތު ނޯޓުކޮށް ބަލަހައްޓާ ސިއްހީ ހިދުމަތް ދޭ ތަނެވެ. އަދި ދައުލަތުން ބަލަހައްޓާ ފަރާތްތައް ގެންގުޅޭ ތަންތަނުގައި ބަލަހައްޓާ މީހުންގެ މެޑިކަލް ރިކޯޑު ބެލެހެއްޓުމުގެ ޒިންމާވާ ފަރާތަކީ، ދައުލަތުން ބަލަހައްޓާ ފަރާތް ގެންގުޅޭ ތަނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތުމަކުން، ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނާއި މި ގަވާއިދުގައި ކަނޑައެޅިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން މެޑިކަލް ރެކޯޑު ހޯދުމަށް އެދޭ ފަރާތްތަކަށް އެ ގާނޫނާއި މި ގަވާއިދުގެ ދަށުން ލިބިދޭ ހައްގު ހަނިވެގެނެއް ނުދެއެވެ.  އަދި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނާއި މި ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ ފަދަ ރެކޯޑުތައް އެ ފަރާތްތަކަށް ފޯރުކޮށްދިނުމަކީ ސިއްހީ ހިދުމަތްދޭ ތަނުގެ ޒިންމާއެކެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތުމަކުން، ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ 40 ވަނަ މާއްދާގެ (ހ) އާއި މި ގަވާއިދުގެ ދަށުން ސިއްހީ ހިދުމަތް ހޯދާ ފަރާތަށް ލިބިގެންވާ އެ ފަރާތުގެ މައުލޫމާތުތަކުގެ ސިއްރު  ހިފެހެއްޓިފައިވުމުގެ ހައްގާއި އިމްތިޔާޒު ހަނިވެގެނެއް ނުދެއެވެ.  އަދި އެ ފަދަ މައުލޫމާތު، ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނާއި މި ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން މެނުވީ، ސިއްހީ ހިދުމަތް ދޭ ތަންތަނުން ބަލައި ހާމަކޮށްގެން ނުވާނެއެވެ.

 

7 ވަނަ މާއްދާ - މެޑިކަލް ރެކޯޑު ބެލެހެއްޓުމުގެ ޒިންމާ އުފުލާ ފަރާތް

ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ 39 ވަނަ މާއްދާގެ (ހ) އާއި މި ގަވާއިދުގެ ދަށުން މެޑިކަލް ރެކޯޑުތައް ބެލެހެއްޓެމުންދާކަން ޔަގީން ކުރުމަކީ ސިއްހީ ހިދުމަތްދޭ ތަން ހިންގުމާ ހަވާލުވެހުރި އެންމެ އިސް މުވައްޒަފެއްގެ ޒިންމާއެކެވެ. އަދި ދައުލަތުން ބަލަހައްޓާ ފަރާތްތައް ގެންގުޅޭ ތަންތަނުގައި ތިބޭ މީހުންގެ މެޑިކަލް ރެކޯޑުތައް ބެލެހެއްޓެމުންދާކަން ޔަގީންކުރުމަކީ ދައުލަތުން ބަލަހައްޓާ ފަރާތް ގެންގުޅޭ ތަން ހިންގުމާ ހަވާލުވެހުރި އެންމެ އިސް މުވައްޒަފެއްގެ ޒިންމާއެކެވެ.

 

8 ވަނަ މާއްދާ - މެޑިކަލް ރެކޯޑު ބެލެހެއްޓުމުގައި، ސިއްހީ ހިދުމަތްދޭ ތަނުގެ ޒިންމާތައް

(ހ) ސިއްހީ ހިދުމަތް ހޯދާ ފަރާތްތަކުގެ މެޑިކަލް ރެކޯޑު ރައްކައުތެރިކަމާއެކު ބެލެހެއްޓުމަށާއި، ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނާއި މި ގަވާއިދުގެ ދަށުން ހުއްދަކުރެވިފައިވާ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެ މައުލޫމާތު ބޭނުން ނުކުރެވޭނޭކަން ޔަގީންކުރުމަށް ޓަކައި ސިއްހީ ހިދުމަތްދޭ ތަންތަން ހިންގާ ފަރާތްތަކުން ހަރުދަނާ ނިޒާމްތަކެއް ގާއިމް ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މެޑިކަލް ރެކޯޑު ބެލެހެއްޓުމަށް ޓަކައި، ސިއްހީ ހިދުމަތްދޭ ތަންތަނުން، އެންމެ މަދުވެގެން ވެސް އަންނަނިވި ކަންތައްތައް ފުރިހަމަކޮށް، އެއާ އެއްގޮތަށް ޢަމަލުކުރާކަން ކަށަވަރު ކުރަންވާނެއެވެ.

  1. މެޑިކަލް ރެކޯޑު ބެލެހެއްޓުމަށް ހާއްސަ ޑިވިޜަނެއް ނުވަތަ ސެކްށަނެއް އުފެއްދުން ނުވަތަ މެޑިކަލް ރެކޯޑު ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އުފުލުމަށް ހާއްސަކޮށްފައިވާ މުވައްޒަފުން ނުވަތަ މުވައްޒަފެއް ޢައްޔަނުކުރުން؛ އަދި މެޑިކަލް ރެކޯޑު ބެލެހެއްޓުމަށް ހަރުދަނާ އިންތިޒާމެއް ހަމަޖެއްސުން؛
  2. ސިއްހީ ހިދުމަތްދޭ ތަނުގައި މަސައްކަތްކުރާ، ހުއްދަކުރެވިފައިވާ ފަރާތްތައް ފިޔަވައި އެހެން  ފަރާތަކަށް މެޑިކަލް ރެކޯޑު ނުބެލޭނެކަން ކަށަވަރު ކުރުމަށް ޓަކައި ގާއިމް ކުރަންޖެހޭ ނިޒާމްތައް ގާއިމް ކުރުން؛
  3. މެޑިކަލް ރެކޯޑު ރައްކައު ކުރުމަށް ޓަކައި ކޮމްޕިއުޓަރ ސިސްޓަމް ފަދަ އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކުރާ ހާލަތްތަކުގައި، ހުއްދަކުރެވިފައިވާ ފަރާތްތައް ފިޔަވައި ކަމާނުބެހޭ ފަރާތަކަށް މެޑިކަލް ރެކޯޑު ނުބެލޭނެކަން ކަށަވަރު ކުރުމުގެ ގޮތުން ގާއިމް ކުރަންޖެހޭ ނިޒާމްތައް ގާއިމް ކުރުން؛
  4. މެޑިކަލް ރެކޯޑު ރައްކައު ކުރުމަށް ޓަކައި ކޮމްޕިއުޓަރ ސިސްޓަމް ފަދަ  އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކުރާ ނަމަ، ސިސްޓަމް ބޭނުން ނުކުރެވޭ ބައެއް ހާލަތްތަކުގައި މެޑިކަލް ރެކޯޑު ބޭނުންކުރުން މެދު ނުކެޑޭނޭ ގޮތަށް "ކޮންޓިންޖެންސީ ޕްލޭން" ތައްޔާރުކޮށް، މި ނިޒާމު ބޭނުންކުރާ ހުރިހާ މުވައްޒަފުން ގަވާއިދުން ތަމްރީނުކުރުން؛
  5. މެޑިކަލް ރެކޯޑު ރައްކައުތެރިކަން ކަށަވަރު ކުރުމަށް ޓަކައި ހަރުދަނާ މޮނިޓަރިންގ މެކޭނިޒަމެއް ގާއިމުކޮށް، ގަވާއިދުން އެ ކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛ އަދި
  6. މެޑިކަލް ރެކޯޑުގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް ޓަކައި ބެކަޕް ސިސްޓަމެއް ގާއިމުކޮށް، ގަވާއިދުން މެއިންޓެއިންކުރުން. މިގޮތުން ބެކަޕް ސިސްޓަމެއް ބަހައްޓަންވާނީ މެޑިކަލް ރެކޯޑުގެ ނިޒާމު ބަހައްޓައިފައިވާ ތަން ނޫން  ރައްކައުތެރި އެހެން މާހައުލެއްގައެވެ.
  7. ޓެލެ މެޑިސިން ފަދަ އެލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ދޭ ސިއްހީ ހިދުމަތެއް ނަމަ، ބަލި މީހާގެ މެޑިކަލް ރެކޯޑު ބަލަހައްޓާނީ، ބަލިމީހާ އެ ހިދުމަތެއް ހޯދަން ދިޔަ ނުވަތަ ބަލިމީހާ ހުރި ސިއްހީ ހިދުމަތް  ދޭ ތަންތަނުންނެވެ. މި ހާލަތުގައި ޓެލެ މެޑިސިންގގެ ޒަރީޢާއިން  މަޝްވަރާ ފޯރުކޮށްދިން އެކްސްޕާޓުންގެ ނުވަތަ ސްޕެށަލިސްޓުންގެ މައުލޫމާތާއި، ފޯރުކޮށްދިން މަޝްވަރާއާއި، ފޯރުކޮށްދިން ވަސީލަތާއި، ތާރީހާއި، މަޝްވަރާގެ މައްޗަށް ބިނާކޮށް، ބަލިމީހާގެ ކައިރީގައި ހުރި ސިއްހީ ހިދުމަތް ދޭ ފަރާތުން ބަލިމީހާގެ މައުލޫމާތު މި ގަވާއިދުގައިވާ ގޮތުގެ މަތިން ރެކޯޑު ކުރަންވާނެއެވެ.
  8. މެޑިކަލް ރެކޯޑުގެ ނިޒާމަށް މައުލޫމާތު ފޯރުކޮށްދޭންޖެހޭ އެންމެހައި ފަރާތްތަކާއި އެ ފަރާތްތަކުގެ މަސްއޫލިއްޔަތު ކަނޑައަޅައި، އެ ފަރާތްތަކުން އެ މައުލޫމާތު ފޯރުކޮށްދޭކަން ކަށަވަރުކޮށް، މިކަން ތަންފީޒުކުރުމަށް ފިޔަވަޅުއެޅުން.

 

9 ވަނަ މާއްދާ -  މެޑިކަލް ރެކޯޑުގެ ގޮތުގައި އެންމެ މަދުވެގެން ބަހައްޓަންޖެހޭ މައުލޫމާތު

ސިއްހީ ހިދުމަތްދޭ ތަންތަނުން ސިއްހީ ހިދުމަތް ލިބިގަންނަ ކޮންމެ މީހެއްގެ، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު، މެޑިކަލް ރެކޯޑުގެ ގޮތުގައި ބަލަހައްޓަންވާނެއެވެ.

(ހ) ސިއްހީ ހިދުމަތް ލިބިގަންނަ މީހާއަކީ، އައުޓް ޕޭށަންޓެއްގެ ގޮތުގައި ހިދުމަތް ހޯދާ ފަރާތެއް ނަމަ:-

  1. ހިދުމަތް ލިބިގަންނަ ފަރާތުގެ ފުރިހަމަ ނަން؛
  2. ޖިންސް؛
  3. އުފަންވީ ތާރީހު؛
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، ނުވަތަ ޕާސްޕޯޓު، ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތަކީ ކާކުކަން އަންގައިދިނުމަށް ރަސްމީ ފަރާތަކުން ދީފައިވާ އެނޫންވެސް އައިޑެންޓިފިކޭށަނެއްގެ ނަންބަރު
  5. އާންމުކޮށް ދިރިއުޅޭ އެޑްރެސް (ރަށް، އަތޮޅު، ގައުމު ހިމެނޭ ގޮތުން)
  6. ގައުމީ ނިސްބަތް؛
  7. ބަލީގެ ބާވަތް؛
  8. ބަލި ދެނެގަތުމަށް ކުރި ނުވަތަ ކުރަން އިރުޝާދު ދިން ތަހުލީލުތައް؛
  9. ދިން ބޭހާއި، ބޭހުގެ މިންވަރާއި، ބޭހުގެ ސަބަބުން ނޭދެވޭ އަސަރެއް ކޮށްފައިވާ ނަމަ އެ މައުލޫމާތު؛
  10. ފަރުވާއެއްގެ ގޮތުގައި އެއްވެސް މެޑިކަލް ޕްރޮސީޖަރއެއް ހެދިފައިވާ ނަމަ، އެ ކަމަކާ ގުޅޭ އެންމެހައި މައުލޫމާތު؛
  11. އެއްވެސް ފަރުވާއަކީ ލިޔުމުން ރުހުން ހޯދައިގެން ދޭންޖެހޭ ފަރުވާއެއް ނަމަ،  ރުހުމާ ގުޅޭ މައުލޫމާތު؛
  12. ހިދުމަތް ހޯދި ތާރީހާއި، ހިދުމަތް ހޯދި ވަގުތާއި،  ހިދުމަތް ލިބިގަތް ފަރާތަށް ފަރުވާދިން ފަންނީ ހިދުމަތްތެރިންގެ ނަންތަކާއި، ހިދުމަތް ދިން ހައިސިއްޔަތާއި، ހިދުމަތްތެރިންނާބެހޭ ކައުންސިލުގައި  ރަޖިސްޓަރީވެފައިވާ  ނަންބަރު؛
  13. ހިދުމަތުގެ ތަފުސީލީ ޚަރަދާއި، ތަފާތު އިންށުއަރެންސް މެދުވެރިކޮށާއި، އަމިއްލަ ޖީބުން ކޮށްފައިވާ ޚަރަދު.

(ށ) ސިއްހީ ހިދުމަތް ލިބިގަންނަ މީހާއަކީ، އިންޕޭށަންޓެއްގެ ގޮތުގައި ހިދުމަތް ހޯދާ ފަރާތެއް ނަމަ،    މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން، އަންނަނިވި ރެކޯޑު އެކުލެވޭ ހިދުމަތެއް ހޯދައިފައިވާ ނަމަ، އެ މައުލޫމާތެއް:-

  1. އެނދުމަތިކުރެވުނު ތާރީހާއި، ދޫކޮށްލި ތާރީހު؛
  2. ހިދުމަތް ހޯދި/ލިބިގަންނަ ފަރާތަށް ފަރުވާދިން ފަންނީ ހިދުމަތްތެރިންގެ ނަންތަކާއި، ފަރުވާދިން ހައިސިއްޔަތާއި؛ ރަޖިސްޓްރޭށަން ނަންބަރު؛
  3. ފަރުވާ ދިން ބައްޔާއި، ގުޅުންހުރި އެހެނިހެން ބަލިތަކާއި، އެނދުމަތިކޮށްފައިވާ މުއްދަތުގައި ނޭދެވޭ ހާދިސާއެއް ދިމާވެފައިވާ ނަމަ، އެކަމާ ގުޅިގެން ދިން ފަރުވާ ފަދަ، ބަލިމީހާގެ ހާލަތު އަންގައިދޭ ޕްރޮގްރެސް ނޯޓުތަކާއި، އެނދުމަތިކޮށްފައިވާ މުއްދަތުގައި ދިން ހުރިހާ ފަރުވާއާއި އޭގެ ތަފުސީލު؛
  4. ލެބޯޓަރީ ތަހުލީލުތަކުގެ ރިޕޯޓު؛
  5. އިމޭޖަރީ ތަހުލީލުތަކުގެ ރިޕޯޓު؛
  6. އޮޕަރޭށަނާ ގުޅޭ ރިޕޯޓު؛
  7. ވިހެއުމާ ގުޅޭ ރިޕޯޓު؛
  8. އަލަށް އުފަންވާ ކުދިންނާބެހޭ ރިޕޯޓު؛
  9. އިންޕޭށަންޓް ޕްރިސްކްރިޕްށަން؛
  10. ޑިސްޗާޖް ސަމަރީ؛
  11. މަރު ސާބިތުކުރިކަމުގެ ލިޔުން؛
  12. އޮޓޮޕްސީ ރިޕޯޓު؛
  13. ކޮންސެންޓް ފޯމު؛
  14. ސިއްހީ ހިދުމަތް ލިބިގަންނަ ފަރާތުން ލިބިގަންނަ ހިދުމަތަކާ ގުޅިގެން ތައްޔާރުކުރާ އެންމެހައި ލިޔެކިޔުންތައް.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މެޑިކަލް ރިކޯޑުގެ ތެރޭގައި ހިމެނޭ އިމޭޖަރީ ތަހުލީލުތަކުގެ ރިޕޯޓު އެ މައްޗަށް ބިނާކުރާ ފިލްމު ނުވަތަ އިމޭޖުގެ އަސްލު ސިއްހީ ހިދުމަތްހޯދާ ފަރާތާ ހަވާލުކުރެވޭ  ހާލަތްތަކުގައި އެ ފަދަ ރެކޯޑެއް ބެލެހެއްޓުން ސިއްހީ ހިދުމަތްދޭ ތަންތަނުގެ މައްޗަށް ލާޒިމުވެގެނެއް ނުވެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން އިސްތިސްނާވާ ހާލަތްތަކުގައި އެފަދަ އަސްލުތައް ސިއްހީ ހިދުމަތް ހޯދާ ފަރާތާ ހަވާލުކުރިކަމުގެ ރެކޯޑު، ސިއްހީ ހިދުމަތްދޭ ތަނުން ބަލަހައްޓަންވާނެއެވެ.

 

10 ވަނަ މާއްދާ - އިލެކްޓްރޯނިކް ވަސީލަތްތަކުގައި މެޑިކަލް ރެކޯޑު ރައްކައުކޮށްފައި ބެހެއްޓުން

މި ގަވާއިދުގެ ބޭނުމަށްޓަކައި، އިލެކްޓްރޯނިކް ވަސީލަތްތަކުގައި މެޑިކަލް ރިކޯޑު ބެލެހެއްޓިދާނެއެވެ. މިގޮތަށް ރެކޯޑު ބެލެހެއްޓުމުގައި ސިއްހީ ހިދުމަތްދޭ ތަންތަނުން އަންނަނިވި އުސޫލުތަކަށް ފުރިހަމައަށް ޢަމަލުކުރަންވާނެއެވެ.

(ހ) ކޮމްޕިއުޓަރ ޑޭޓާބޭސްއެއްގައި ނުވަތަ އެއްވެސް އިލެކްޓްރޯނިކް ފޯމެޓެއްގައި ބަހައްޓާ މެޑިކަލް ރެކޯޑަކީ ކަރުދާހަށް ޕްރިންޓު ކުރެވޭގޮތަށް ބެހެއްޓޭ މެޑިކަލް ރެކޯޑަކަށް ވާންވާނެއެވެ.

(ށ) ކަރުދާހުގައި ބެހެއްޓިފައިވާ މެޑިކަލް ރެކޯޑުގެ އަސްލު ސްކޭންކޮށްގެން ނުވަތަ އެ ނޫންވެސް ގޮތަކުން އިލެކްޓްރޯނިކް ފޯމެޓަކަށް ބަދަލުކޮށް ރައްކައުކުރާ ނަމަ، ބަދަލުކުރެވިފައިވާ މެޑިކަލް ރެކޯޑަކީ    އޭގެ އަސްލާ އެއްގޮތް އެއްޗަކަށް ވާންވާނެއެވެ. އަދި އިލެކްޓްރޯނިކުކޮށް ބެހެއްޓިފައިވާ ރެކޯޑަކީ ކިޔަން އެނގޭ ސާފު ކޮޕީއެއް ކަމުގައި ވާންވާނެއެވެ.

(ނ) ކޮމްޕިއުޓަރ ޑޭޓާބޭސްއެއްގައި ނުވަތަ އެއްވެސް އިލެކްޓްރޯނިކް ފޯމެޓެއްގައި ބަހައްޓާ މެޑިކަލް ރެކޯޑުގެ ރައްކައުތެރިކަން ކަށަވަރު ކުރުމަކީ ސިއްހީ ހިދުމަތްދޭ ކޮންމެ ތަނެއްގެ ޒިންމާއެކެވެ. އަދި އެފަދަ ރެކޯޑުތައް ބަދަލުވުން، ނުވަތަ ގެއްލުން ނުވަތަ ހަލާކުވުން ފަދަ ކަމެއް ނުވާނެކަން ކަށަވަރުކުރުމަށް ޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއެކު، އިލެކްޓްރޯނިކްކޮށް ބެހެއްޓިފައިވާ މެޑިކަލް  ރެކޯޑުގެ "ބެކްއަޕް" ގަވާއިދުން ހަދައި ރައްކައުކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - މެޑިކަލް ރެކޯޑެއް ގޮތުގައި ތައްޔާރުކުރެވޭ ލިޔުމުގައި ސިއްހީ ހިދުމަތްދޭ ތަނުގެ މައުލޫމާތު ހިމެނުން

މި ގަވާއިދުގެ ބޭނުމަށްޓަކައި ސިއްހީ ހިދުމަތްދޭ ތަންތަނުން ތައްޔާރުކުރާ ކޮންމެ ލިޔުމެއްގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ސިއްހީ ހިދުމަތްދޭ ތަނުގެ ނަމާއި، ރަޖިސްޓްރޭށަން ނަންބަރާއި، ލައިސެންސިންގ ނަންބަރު؛

(ށ) ސިއްހީ ހިދުމަތްދޭ ތަނުގެ އެޑްރެސް؛

(ނ) ސޮއިކުރަންޖެހޭ ލިޔުމެއް ނަމަ، ސޮއިކުރާ ފަރާތުގެ ނަމާއި މަގާމު؛

(ރ)  ލިޔުން ތައްޔާރުކުރި ތާރީހު؛

 

12 ވަނަ މާއްދާ - މެޑިކަލް ރެކޯޑު ބަހައްޓަންޖެހޭ މުއްދަތު

(ހ) ސިއްހީ ހިދުމަތް ލިބިގަންނަ ކޮންމެ މީހެއްގެ މެޑިކަލް ރެކޯޑު، އެ ހިދުމަތެއް ހޯދާ ފަރާތެއްގެ މުޅި އުމުރަށް ބެހެއްޓުމަކީ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ޒިންމާއެކެވެ. މިގޮތަށް ބަލަހައްޓާއިރު، ބަލިމީހާގެ ކުރީގެ މެޑިކަލް ރެކޯޑުތައް ބޭނުންވާ ހާލަތްތަކުގައި ލިބޭނޭ ގޮތަށް "އާކައިވް" ކުރަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ސިއްހީ ހިދުމަތް ހޯދާ ފަރާތްތަކުގެ މެޑިކަލް ރެކޯޑު، އެ މީހަކު މަރުވާ ތާރީހުން ފެށިގެން، މީލާދީގޮތުން 6 (ހައެއް) އަހަރުދުވަސް ވަންދެން ބަހައްޓަންވާނެއެވެ.

(ނ) މި މާއްދާ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 21 ވަނަ މާއްދާގައި ބުނެފައިވާ ހާލަތެއް ދިމާވެގެން ސިއްހީ ހިދުމަތް ދޭ ތަނެއްގެ ހިދުމަތް ހުއްޓައިލާނަމަ،   އެ ތަނެއްގެ މެޑިކަލް ރެކޯޑާ މެދު ޢަމަލުކުރާނެ ގޮތުގެ ވަކި އުސޫލެއް ހެދުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

(ރ) މުއްދަތު ހަމަވުމަށްފަހު ނައްތައިލާ މެޑިކަލް ރެކޯޑުތަކުގެ މައުލޫމާތު ނައްތައިލަންވާނީ ސިއްރު ހިފެހެއްޓޭ ގޮތަށެވެ. އަދި ނައްތައިލެވޭ މެޑިކަލް ރެކޯޑުތަކާ ބެހޭ މައުލޫމާތު (ބަލި މީހާގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓު ފަދަ ކާކުކަން އަންގައިދޭ މައުލޫމާތުތަކާއި، ބަލިމީހާ މަރުވި ތާރީހާއި، އެ ބަލިމީހާއާ ގުޅޭ މެޑިކަލް ރެކޯޑުތައް ނައްތައިލި ތާރީހު) ބަލަހައްޓަން ވާނެއެވެ.

 

13 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

(ހ) ސިއްހީ ހިދުމަތް ލިބިގަންނަ ފަރާތުގެ ސިއްހީ ހާލަތާއި، އޭނާއަށް ދީފައިވާ ނުވަތަ ދެވޭނެ ފަރުވާއާއި، އޭނާގެ ސިއްހީ ހާލަތާއި، އޭނާ ލިބިގަތް ހިދުމަތާ ގުޅުންހުރި އެންމެހައި މައުލޫމާތަކީ، ސިއްރު އަދި އިމްތިޔާޒު ލިބިފައިވާ މައުލޫމާތެކެވެ. އެހެންކަމުން، މެޑިކަލް ރެކޯޑުގައި ހިމެނޭ މައުލޫމާތުގެ ސިއްރު ހިފެހެއްޓޭކަން ކަށަވަރު ކުރުމަށް ޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަކީ ސިއްހީ ހިދުމަތްދޭ ތަންތަނުގެ މައްޗަށް ލާޒިމު ކަމެކެވެ.

(ށ)   އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް ފިޔަވައި އެހެން އެއްވެސް ހާލަތެއްގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތެއް، އެއްވެސް ފަރާތަކުން، ކަމާނުބެހޭ ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.

  1. ހިދުމަތް ލިބިގަންނަ ފަރާތުން ލިޔުމުން ހުއްދަ ދިނުމުން؛
  2. ކޯޓު އަމުރަކުން އެންގުމުން؛
  3. ގާނޫނަކުން ލިބިދޭން ޖެހޭކަމަށް ބަޔާންކޮށްފައިވާ މައުލޫމާތެއް، އެ ގާނޫނަކުން ފޯރުކޮށްދިނުމަށް ލާޒިމުކުރާ ފަރާތަކަށް ފޯރުކޮށްދިނުމުގެ ގޮތުން؛
  4. ސިއްހީ ހިދުމަތްދިނުމުގެ ގާނޫނުން ބާރުދީފައިވާ މީހެއްގެ ޒިންމާ އަދާކުރުމަށް، ސިއްހީ ހިދުމަތްދޭ ތަނެއްގައިވާ އެއްވެސް ބަލި މީހަކާބެހޭ މައުލޫމާތެއް ނުވަތަ އޭނާއާ ގުޅޭގޮތުން ބަހައްޓައިފައިވާ ރެކޯޑުތަކުގެ ތެރެއިން އެއްވެސް ރެކޯޑެއް ބަލަން ބޭނުންވެގެން އެ ފަރާތުން ލިޔުމުން އެ މައުލޫމާތު ހޯދަން އެދުމުން.

 

14 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުމަށް ތިންވަނަ ފަރާތްތަކަށް އޮންނަ ޒިންމާ

ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނާއި މި ގަވާއިދުގެ ދަށުން ސިއްރު ހިފެހެއްޓުމަށް އޮންނަ ޒިންމާއަކީ އެ ރެކޯޑެއް ހިއްސާކުރެވޭ ތިންވަނަ ފަރާތްތަކުގެ މައްޗަށްވެސް އޮންނަ ޒިންމާއެކެވެ. މި ގޮތުން މެޑިކަލް ރެކޯޑުގެ ސިއްރު ހިފެހެއްޓުމުގެ ޒިންމާ އަދާކުރަންޖެހޭ ފަރާތްތަކުގެ ތެރޭގައި އަންނަނިވި ފަރާތްތައް ހިމެނޭނެއެވެ.

  1. ގާނޫނު ނަންބަރު 15/2011 (އިޖުތިމާއީ ސިއްހީ އިންށުއަރެންސްގެ ގައުމީ ނިޒާމުގެ ގާނޫނު) ގެ ދަށުން އެ ނިޒާމް ހިންގުމަށް ޓަކައި އުފައްދައިފައިވާ ދައުލަތުގެ އިދާރާ؛
  2. ހެލްތް އިންށުއަރެންސްގެ ބޭނުންތަކަށް އިންށުއަރެންސް ސްކީމްތަކަށް ފޯރުކޮށްދޭ މައުލޫމާތު ހިއްސާކުރާ ފަރާތްތައް.

 

15 ވަނަ މާއްދާ - މެޑިކަލް ރެކޯޑު ބޭނުންކުރުން

ސިއްހީ ހިދުމަތް ލިބިގަންނަ މީހާގެ މައުލޫމާތު، އޭނާއަށް ހިދުމަތް ދިނުމަށް ޓަކައި، އެ ހިދުމަތެއް ދިނުމަށް ކޮންމެހެން ބޭނުންވާނެ މިންވަރަށް، ހިދުމަތް ފޯރުކޮށްދޭ އެހެން ސިއްހީ ހިދުމަތްތެރިންނާ ހިއްސާ ކުރެވިދާނެއެވެ.

 

16 ވަނަ މާއްދާ - ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ހިދުމަތް ލިބިގަންނަ ފަރާތުގެ މެޑިކަލް ރެކޯޑު ބެލުން    

(ހ) ސިއްހީ ހިދުމަތްދޭ ތަނަކުން ހިދުމަތް ލިބިގަންނަ ފަރާތެއްގެ މެޑިކަލް ރެކޯޑު، އަންނަނިވި ހާލަތުންކުރެ ހާލަތެއްގައި ފިޔަވައި އެއްވެސް ހާލަތެއްގައި އެއްވެސް ފަރާތަކުން ބަލައިގެން ނުވާނެއެވެ.

  1. ހިދުމަތް ލިބިގަންނަ މީހާއަށް ހިދުމަތް ދިނުމަށް ޓަކައި އެ ތަނުގެ ކަމާބެހޭ ފަރާތުން ބަލަންޖެހޭ ހާލަތުގައި؛
  2. ހިދުމަތް ފޯރުކޮށްދޭ ތަނުގެ ސިއްހީ ރިސަރޗް އެތިކްސް ކޮމިޓީން ހުއްދަ ލިބިގެން ނުވަތަ އެފަދަ ކަމާބެހޭ ފަރާތަކުން ހުއްދަ ލިބިގެން ރިސަރޗުގެ ބޭނުމަށް ނުވަތަ އެފަދަ ޢިލްމީ ބޭނުމަކަށް ބޭނުންވާ މައުލޫމާތު، އެ ކަމަށް ހުއްދަކޮށްފައިވާ ފަރާތުން ހޯދާ ހާލަތުގައި؛
  3. ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވޭ މުރާޖަޢާތަކާއި ތަހުގީގުތަކަށް ބޭނުންވާ މައުލޫމާތު، އެ ކަމަށް ހުއްދަކޮށްފައިވާ ފަރާތުން ހޯދާ ހާލަތުގައި؛
  4. ކަމާބެހޭ ގާނޫނާއި ގަވާއިދުގެ ދަށުން ތަފާސްހިސާބު ނެގުމަށް ބޭނުންވާ މައުލޫމާތު ހޯދާ ހާލަތުގައި؛
  5. އާންމު ސިއްހަތު ރައްކައުތެރިކުރުމުގެ ބޭނުމަށް ކަމާބެހޭ ގާނޫނުގެ ދަށުން ފޯރުކޮށްދޭންޖެހޭ މައުލޫމާތު، އެ ކަމަށް ހުއްދަކޮށްފައިވާ ފަރާތުން ހޯދާ ހާލަތުގައި؛
  6. ހެލްތް އިންށުއަރެންސްގެ ބޭނުންތަކަށް އިންށުއަރެންސް ސްކީމްތަކަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު އެ ކަމަށް ހުއްދަކޮށްފައިވާ ފަރާތުން ހޯދާ ހާލަތުގައި.

(ށ)   ސިއްހީ ހިދުމަތްދޭ ތަންތަނުން ހިދުމަތް ހޯދާ ފަރާތްތަކުގެ މެޑިކަލް ރެކޯޑު، އެ ތަންތާނގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންނަށް ބެލޭނެގޮތަށް ހުރެގެން ނުވާނެއެވެ. އެ މައުލޫމާތު ބެލެން ހުންނަންވާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، ކަނޑައެޅިގެން ހުއްދަކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

(ނ)   މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން މެޑިކަލް ރެކޯޑު ބަލައި، އެ ރެކޯޑު ބޭނުންކުރުމުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި ކަންތައްތައް ފުރިހަމަކުރަންވާނެއެވެ.

  1. ހިދުމަތް ލިބިގަތުމަށް ބަލިމީހާ ރުހުން ދީފައިވާ ހާލަތްތަކުގައި، ހިދުމަތް ދިނުމުގެ ބޭނުމުގައި ބަލިމީހާގެ ރެކޯޑު ބެލުމަށް ވަކިން ހުއްދަ ހޯދުން ސިއްހީ ހިދުމަތްދޭ ފަރާތުގެ މައްޗަށް ލާޒިމުވެގެން ނުވެއެވެ.
  2. ސިއްހީ ހިދުމަތް ހޯދާ ފަރާތަށް ހިދުމަތް ދިނުމުގެ ބޭނުމުގައި، ރެކޯޑު ބަލާ ފަރާތްތަކުން  ސިއްރު ހިފެހެއްޓުމުގެ ޒިންމާ ނަގަންވާނެއެވެ.

 

17 ވަނަ މާއްދާ - މެޑިކަލް ރެކޯޑު ފޯރުކޮށްދޭނެ ފަރާތްތައް

ސިއްހީ ހިދުމަތްދޭ ތަންތަނުން ބަލަހައްޓާ މެޑިކަލް ރެކޯޑު، ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ފޯރުކޮށްދެވިދާނެއެވެ.

(ހ)   ހިދުމަތް ލިބިގަންނަ، 18 އަހަރުން މަތީގެ ފަރާތަކުން އެދުމުން؛

(ށ)   މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ހިދުމަތް ލިބިގަންނަ ފަރާތަކީ އެ ފަރާތުގެ ސިއްހީ ހާލަތުގެ ސަބަބުން އަމިއްލަ ހައިސިއްޔަތުން މެޑިކަލް ރެކޯޑަށް އެދުމަށް ނުކުޅެދޭ ހާލަތެއް މެދުވެރިވެފައިވާ ފަރާތެއް ނަމަ، އެ ފަރާތުގެ އަނބިމީހާ، ނުވަތަ ފިރިމީހާ، ނުވަތަ މަންމަ، ނުވަތަ ބައްޕަ، ނުވަތަ ދަރިން (18 އަހަރު ފުރިފައިވާ) ނުވަތަ އެއްބަނޑުއެއްބަފާ މީހަކު އެ ފަދަ ފަރާތެއްގެ މެޑިކަލް ރެކޯޑަށް އެދުމުން؛

(ނ)   18 އަހަރުން ދަށުގެ ކުދިންގެ ށަރުއީ ނުވަތަ ގާނޫނީ ބަލަދުވެރި ފަރާތަކުން ހޯދަން އެދުމުން؛

(ރ)   ސިކުނޑީގެ އުނިކަން ހުރި ފަރާތެއްގެ މެޑިކަލް ރެކޯޑު ފޯރުކޮށްދިނުމަށް އެ ފަރާތުގެ ށަރުއީ ނުވަތަ ގާނޫނީ ބަލަދުވެރި ފަރާތުން އެދުމުން؛

(ބ)   ހިދުމަތް ލިބިގަންނަ ފަރާތް މަރުވެފައިވާ ނަމަ، އެ ފަރާތުގެ ވާރިޘަކު އެދުމުން؛

(ޅ)   ރާއްޖޭގައި މަރުވާ ބިދޭސީއެއްގެ މައުލޫމާތު ހޯދުމަށް ކަމާބެހޭ ފަރާތަކުން އެދުމުން.

 

18 ވަނަ މާއްދާ - މެޑިކަލް ރެކޯޑު ހޯދަން އެދުމާއި، މެޑިކަލް ރެކޯޑު ފޯރުކޮށްދިނުން   

ކޯޓު އަމުރެއްގެ ދަށުން ނުވަތަ ގާނޫނަކުން ލިބިދޭންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި، މެޑިކަލް ރެކޯޑު ހޯދަން އެދުމާއި، މެޑިކަލް ރެކޯޑު ފޯރުކޮށްދިނުމުގައި ޢަމަލުކުރާނީ ތިރީގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ހ)  މެޑިކަލް ރެކޯޑު ހޯދުމަށް އެދެންވާނީ ލިޔުމަކުންނެވެ. އަދި ސިއްހީ ހިދުމަތްދޭ ތަނުން ކަނޑައަޅާ ފޯމެއް ހުށަހަޅައިގެން މެޑިކަލް ރެކޯޑު ހޯދަން އެދުމުގެ އިންތިޒާމް ސިއްހީ ހިދުމަތްދޭ ތަނަކުން ހަމަޖެއްސިދާނެއެވެ.

(ށ) މެޑިކަލް ރެކޯޑު ހޯދުމަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ ރެކޯޑެއް ލިބޭނެ އިންތިޒާމް ސިއްހީ ހިދުމަތްދޭ ތަނަކުން ހަމަޖައްސަންވާނެއެވެ.

(ނ)  މެޑިކަލް ރެކޯޑު ފޯރުކޮށްދިނުމުގައި، ސިއްހީ ހިދުމަތްދޭ ތަންތަނުން، އަންނަނިވި ގޮތްތަކުން ކުރެ ގޮތަކަށް ޢަމަލުކުރެވިދާނެއެވެ.

  1. މެޑިކަލް ރެކޯޑުގެ ކޮޕީ ހައްދައިގެން ދެވެންހުރި ހާލަތްތަކުގައި މެޑިކަލް ރެކޯޑުގެ ކޮޕީ ފޯރުކޮށްދިނުން؛
  2. މެޑިކަލް ރެކޯޑުގެ ބާވަތަށް ބަލައިގެން ކޮޕީ ހައްދައިނުދެވޭ ފަދަ ރެކޯޑުތައް، ސިއްހީ ހިދުމަތްދޭ ތަނުގެ ކަމާބެހޭ މުވައްޒަފެއްގެ ހާޒިރުގައި މެޑިކަލް ރެކޯޑު ބަލައި ފާސްކޮށް އޭގައި ހުރި މައުލޫމާތު ނަކަލުކުރުމަށް ފުރުސަތުދިނުން.
  3. މި މާއްދާގެ (1) އާއި (2) ވަނަ ނުކުތާގައި ވާގޮތަށް ފޯރުކޮށްދެވުނު މައުލޫމާތަކީ ކޮބައިކަމާއި، މައުލޫމާތު ދިން ފަރާތާއި، މައުލޫމާތު ފޯރުކޮށްދެވުނު ފަރާތް އެނގޭނެ ލިޔުމެއް ހިދުމަތް ދޭ ފަރާތުގައި އޮންނަންވާނެއެވެ.

 

19 ވަނަ މާއްދާ - މެޑިކަލް ރެކޯޑު ފޯރުކޮށްދިނުމުގައި ފީނެގުން 

(ހ) މެޑިކަލް ރެކޯޑު ފޯރުކޮށްދިނުމަށް ހިނގާ ޚަރަދު ފޫބެއްދުމަށް ޓަކައި ފީއެއް ނެގުމުގެ އިޚްތިޔާރު ސިއްހީ ހިދުމަތްދޭ ތަންތަނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ނެގޭ ފީއަކީ ފައިދާ ހޯދުމުގެ ނިޔަތުގައި ނެގޭ ފީއެއް ކަމުގައި ވެގެން ނުވާނެއެވެ.

(ނ) މެޑިކަލް ރެކޯޑު ފޯރުކޮށްދިނުމަށް ފީ ނަގާ ނަމަ، ފީ ނެގޭކަމާއި، ފީ ނެގޭ މިންވަރު، ދުރާލައި އާންމުކޮށް ޝާއިއުކުރުމަކީ ސިއްހީ ހިދުމަތްދޭ ތަނުގެ ޒިންމާއެކެވެ.

 

20 ވަނަ މާއްދާ - މެޑިކަލް ރެކޯޑު، އެއް ތަނުން އަނެއް ތަނަށް ބަދަލުކުރުން 

ސިއްހީ ހިދުމަތްދޭ ތަނަކުން ބަލަހައްޓަމުންގެންދާ މެޑިކަލް ރެކޯޑުތައް، ސިއްހީ ހިދުމަތްދޭ އެހެން ފަރާތަކަށް ބަދަލުކުރާ ނަމަ، އެ ރެކޯޑެއް ބަދަލުކުރި ދުވަހާއި، ބަދަލުކުރި ފަރާތުގެ މައުލޫމާތު ފުރިހަމައަށް ބަހައްޓަންވާނެއެވެ.

 

21 ވަނަ މާއްދާ - ހިދުމަތްދޭ ފަރާތުން ހިދުމަތް ހުއްޓައިލާނަމަ ޢަމަލުކުރަންވީ ގޮތް    

ސިއްހީ ހިދުމަތްދޭ ތަނަކުން ދެމުންއައި ހިދުމަތްތައް ހުއްޓައިލުމަށް ނުވަތަ ވިޔަފާރި ހުއްޓައިލަން ގަސްތުކުރާ ނަމަ، އެ ތަނަކުން ބަލަހައްޓަމުންއައި މެޑިކަލް ރެކޯޑާ މެދު ޢަމަލުކުރާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ހ) ސިއްހީ ހިދުމަތްދޭ ތަނަކުން ދެމުން އައި ހިދުމަތްތައް ހުއްޓައިލުމަށް ނުވަތަ ވިޔަފާރި ހުއްޓައިލަން ނިންމި ކަމުގައި ވީ ނަމަވެސް، މި ގަވާއިދުގައި ކަނޑައަޅައިފައިވާ މުއްދަތަށް މެޑިކަލް ރެކޯޑު ބެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން؛

(ށ)  ސިއްހީ ހިދުމަތްދޭ ތަނެއް ވަގުތުން ބަންދުކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ޢަމަލުކުރާނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ނ)   މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ސިއްހީ ހިދުމަތްދޭ ތަނުގެ ހިދުމަތް ހުއްޓައިލަން ޖެހިއްޖެ ނަމަ، ނުވަތަ ވަގުތުން ބަންދު ކުރަން ޖެހިއްޖެ ހާލަތެއްގައި މެޑިކަލް ރެކޯޑަށް "އެކްސެސް" ކުރެވޭނެ ގޮތް އާންމުކޮށް އަންގައި އިއުލާނު ކުރަން ވާނެއެވެ.

 

22 ވަނަ މާއްދާ - މެޑިކަލް ރެކޯޑަށް ބަދަލުގެނައުން

(ހ) ސިއްހީ ހިދުމަތްދިނުމުގެ ގާނޫނާއި މި ގަވާއިދުގެ ދަށުން މެޑިކަލް ރެކޯޑުގެ ގޮތުގައި ބަހައްޓައިފައިވާ އެއްވެސް މައުލޫމާތަކަށް ސިއްހީ ހިދުމަތްދޭ ތަނަކުން ބަދަލު ގެނެސްގެން ނުވާނެއެވެ.

(ށ)  މި މާއްދާގައި (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް،  މެޑިކަލް ރެކޯޑުގެ ގޮތުގައި ބެހެއްޓިފައި ހުރީ ރަނގަޅު ނޫން މައުލޫމާތެއް ކަމަށް ސިއްހީ ހިދުމަތްދޭ ތަނަކަށް ފެނިއްޖެ ނަމަ، ރެކޯޑުގެ ވެރިފަރާތުގެ ހުއްދަ ހޯދައިގެން، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް  އެ މައުލޫމާތެއް ރަނގަޅުކޮށް އިޞްލާހު ކުރެވިދާނެއެވެ.

  1. ކަރުދާހުގައި ލިޔެވިފައިވާ މައުލޫމާތު، ރެކޯޑުގައި ލިޔެވިފައިވާ އަސްލު ކިޔަން އެނގޭނެހެން ދަމައިލެވޭ ރޮނގަކުން ކަނޑައިލުމަށްފަހު އިޞްލާހުކުރުން؛
  2. އިލެކްޓްރޯނިކްކޮށް ބަހައްޓައިފައިވާ މައުލޫމާތަށް ގެނެސްފައިވާ ބަދަލު އެނގޭނޭހެން އިޞްލާހު ކުރުން؛
  3. މި އަކުރުގައި ބަޔާންކޮށްފައިވާ ގޮތަށް މެޑިކަލް ރެކޯޑު އިޞްލާހުކުރާ ނަމަ، އެ އިޞްލާޙެއް ގެނައި ފަރާތެއްގެ މައުލޫމާތާއި، އިޞްލާހު ގެނައި ތާރީހާއި، އިޞްލާހު ކުރަންޖެހުނު ސަބަބާއި، އިޞްލާހު ކުރެވުނީ ކަރުދާހުގައި ބަހައްޓައިފައިވާ މައުލޫމާތެއް ކަމަށްވާނަމަ، އިޞްލާހުކުރި ފަރާތެއްގެ ސޮއި، މެޑިކަލް ރެކޯޑުގައި ހިމަނަންވާނެއެވެ.

 

23 ވަނަ މާއްދާ - މެޑިކަލް ރެކޯޑު ނައްތައިލުން 

(ހ)  މި ގަވާއިދުގެ ދަށުން މެޑިކަލް ރެކޯޑު ބެހެއްޓުމަށް ސިއްހީ ހިދުމަތްދޭ ތަންތަނަށް ލާޒިމުކުރާ މުއްދަތު ހަމަވުމުން، އެ ތަނެއްގައި ބަހައްޓައިފައިވާ މެޑިކަލް ރެކޯޑު ނައްތައިލެވިދާނެއެވެ.

(ށ) މެޑިކަލް ރެކޯޑު ނައްތައިލުމުގައި ޢަމަލު ކުރާނެ އިންޓަރނަލް އުސޫލެއް، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން އެކުލަވައިލަންވާނެއެވެ. އަދި އެފަދަ އުސޫލެއްގައި އެންމެ މަދުވެގެން ވެސް، އަންނަނިވި ކަންތައްތައް ހިމަނަންވާނެއެވެ.

  1. ނައްތައިލެވިދާނެ މެޑިކަލް ރެކޯޑު ކަނޑައަޅަނީ ކޮމިޓީއަކުން ކަމުގައި ވާ ނަމަ، އެ ކޮމިޓީ އެކުލެވިގެންވާ ގޮތް؛
  2. މެޑިކަލް ރެކޯޑު ނައްތައިލުމަށް ހުއްދަ ދޭ އުސޫލާއި، ހުއްދަދޭ ފަރާތް؛
  3. މެޑިކަލް ރެކޯޑު ނައްތައިލުމުގައި ޢަމަލީގޮތުން ޒިންމާވާ ފަރާތް؛
  4. އިލެކްޓްރޯނިކްކޮށް ބަހައްޓައިފައިވާ މެޑިކަލް ރެކޯޑު ނައްތައިލުމުގައި ޢަމަލުކުރެވޭ ގޮތް؛
  5. އިލެކްޓްރޯނިކްކޮށް ބަހައްޓައިފައިވާ މެޑިކަލް ރެކޯޑުތައް ފިޔަވައި އެހެން މެޑިކަލް ރެކޯޑުތައް ނައްތައިލުމުގައި ޢަމަލުކުރެވޭ ގޮތް.
  6. އެއްވެސް ބާވަތެއްގެ މެޑިކަލް ރެކޯޑެއް ނައްތައިލައިފައިވާ ނަމަ، ނައްތައިލައިފައިވާ މެޑިކަލް ރެކޯޑުގެ މައުލޫމާތު ބަލަހައްޓާނެ ގޮތް.

(ނ)  މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް މެޑިކަލް ރެކޯޑުތައް ނައްތައިލުމުގައި މެޑިކަލް ރެކޯޑުގެ ސިއްރު ހިފެހެއްޓުމަށް ސިއްހީ ހިދުމަތްދޭ ތަންތަނުގެ މައްޗަށް އޮންނަ ޒިންމާއަށް އިހުމާލުވެގެން ނުވާނެއެވެ.

 

24 ވަނަ މާއްދާ - ރިޕޯޓުކުރުން  

(ހ) ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ސިއްހީ ހިދުމަތުގެ ތަފާސްހިސާބާ ބެހޭ މައި އިދާރާގެ ގޮތުން މިނިސްޓްރީއަށް ބޭނުންވާ ތަފާސްހިސާބު އެއްކުރުމުގައި ސިއްހީ ހިދުމަތްދޭ ތަނުގައި ހުރި މެޑިކަލް ރެކޯޑުގެ މައްޗަށް ބިނާކޮށް ތަފާސްހިސާބު ރިޕޯޓުކުރުމަކީ ސިއްހީ ހިދުމަތްދޭ ތަނުގެ ޒިންމާއެކެވެ.

(ށ)   މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މައުލޫމާތު ފޯރުކޮށްދިނުމުގައި ޢަމަލުކުރާނީ ހެލްތު އިންފޮމޭށަނާ ބެހޭ ގަވާއިދާއި އުސޫލު ގައިވާ ގޮތުގެ މަތީންނެވެ.

 

ތިންވަނަ ބާބު

އާންމު މާއްދާތައް

25 ވަނަ މާއްދާ - ގަވާއިދަށް އިސްކަންދިނުން  

މިނިސްޓްރީން ކުރިން ޢަމަލުކުރަމުންއައި ގަވާއިދެއްގައި، ނުވަތަ އުސޫލެއްގައި، ނުވަތަ އެންގުމެއްގައި، މި ގަވާއިދުގައި ހިމެނިފައިވާ މާއްދައަކާ ނުވަތަ ކަމަކާ ގުޅޭގޮތުން ތަފާތުގޮތަކަށް ޢަމަލުކުރުމަށް އަންގައިފައި އޮތް ނަމަވެސް، މި ގަވާއިދަށް ޢަމަލުކުރަން ފެށުމުން، އިސްކަންދޭންވާނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

 

26 ވަނަ މާއްދާ - ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ދެވޭ އަދަބު

(ހ) މި ގަވާއިދުގެ 13 ވަނަ މާއްދާއާ ހިލާފު ޢަމަލެއް ކޮށްފި މީހެއްގެ އަދަބަކީ 10,000 (ދިހަހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުމެވެ. އަދި ތަކުރާރުކޮށް މި ކުށް ކޮށްފި ނަމަ، ޖޫރިމަނާ ކުރުމުގެ އިތުރުން، އެ މީހަކު 1 (އެކެއް) އަހަރުދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ލުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

(ށ)  މެޑިކަލް ރިކޯޑު ބެލެހެއްޓުމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމާ، އެއްވެސް މީހަކު ހިލާފު ވެއްޖެ ނަމަ، އެ މީހެއްގެ އަދަބަކީ 10,000 (ދިހަހާސް) ރުފިޔާއާއި  100,000 (އެއްލައްކަ) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުމެވެ. އަދި ތަކުރާރުކޮށް މި ކުށް ކޮށްފި ނަމަ، ޖޫރިމަނާ ކުރުމުގެ އިތުރުން، އެ މީހަކު 1 (އެކެއް) އަހަރުދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

(ނ)  މެޑިކަލް ރިކޯޑު ބެލެހެއްޓުމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމާ، އެއްވެސް މީހަކު ހިލާފުވުމަށް މަގުފަހިވެފައިވަނީ ހިދުމަތްދޭ ތަނުގެ އިހުމާލުން ކަމުގައި ވާ ނަމަ، އެ ތަނެއް 50,000 (ފަންސާސް ހާސް) ރުފިޔާއާއި 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު، އެ ތަނެއްގެ ލައިސެންސް، ސިއްހީ ހިދުމަތްދިނުމުގެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުގައި ބުނެފައިވާ މުއްދަތަކަށް ހިފެހެއްޓުމުގެ އިޚްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.   

(ރ) މި ގަވާއިދުގައި ވަކި ކަމެއް ނުވަތަ ވަކި ޢަމަލެއް އެއީ ކުށެއްކަމަށް ބަޔާންކޮށް، އެ ކުށަށް އަދަބު ކަނޑައަޅައިފައިވާ ކުށުގެ އިތުރުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ކުރާ ޢަމަލާއި،   މި ގަވާއިދުގައި ވަކި ކަމެއް ނުވަތަ ވަކި ޢަމަލެއް އެއީ ކުށެއްކަމަށް ބަޔާންކޮށް، އަދަބު ކަނޑައަޅައިފައިނުވާ ކަންކަމަކީ، މި ގަވާއިދުގެ ދަށުން ކުށެކެވެ. އެ ފަދަ ކުށެއްގެ އަދަބަކީ 10,000 (ދިހަހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުމެވެ.

(ބ)  މި މާއްދާގެ (ހ) އާއި (ށ) ގައި ކަނޑައަޅައިފައިވާ ކުށްތަކަށް އަދަބު ކަނޑައަޅާނީ ށަރުއީ ކޯޓު މެދުވެރިކޮށް ކަމަށް ވާތީ، އެ ފަދަ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ޓަކައި އެ މައްސަލަ ތަހުގީގުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވަންވާނެއެވެ.

 

27 ވަނަ މާއްދާ - މާނަކުރުން   

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަ ނުވާހައި ހިނދަކު، އަންނަނިވި ޢިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެ ވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

  1. "ޒާތީ މައުލޫމާތު" ކަމަށް ބުނެފައި އެ ވަނީ، އާބާދީގެ ސިއްހީ މައުލޫމާތާއި، ސިއްހަތާ ގުޅުންހުރި އިޖުތިމާއީ މައުލޫމާތަށެވެ. މީގެ ތެރޭގައި، ބަލިމީހާގެ ނަމާއި، އުފަން ތާރީހާއި، އުފަންވި ތަނާއި، ޖިންސާއި، ދާއިމީ އެޑްރެހާއި، ދިރިއުޅޭ އެޑްރެސް ފަދަ، ބަލިމީހާއަކީ ކާކުކަން އަންގައިދޭ މައުލޫމާތު ހިމެނެއެވެ.
  2. "ކްލިނިކަލް ޑޭޓާ" ކަމަށް ބުނެފައި އެ ވަނީ، ބަލިމީހާގެ ޒާތީ މައުލޫމާތާއި، ބައޯ ސައިކޯސޯށަލް މައުލޫމާތާއި، ޑޮކްޓަރަށް ދެއްކި އަދަދާއި، ތަނާއި ވަގުތާ ގުޅޭ މައުލޫމާތާއި، ބަލިމީހާގެ ބައްޔާއި ބަލިހާލަތާ ގުޅޭ މައުލޫމާތާއި، ބަލި ހާލަތު ދެނެގަތުމަށް ކުރި ތަހުލީލުތަކާއި، ތަހުލީލުތަކުގެ ނަތީޖާތަކާއި، ބައްޔަށް ފަރުވާ ދިނުމަށް ރޭވި ގޮތާއި، ދިން ބޭހާއި، ބޭހުގެ މިންވަރާއި، ބޭހުގެ ސަބަބުން ކުރާ ނެދޭވޭ އަސަރާއި، ފަރުވާ ދިނުމަށް ބޭނުންވާ ރުހުމާ ގުޅޭ މައުލޫމާތާއި، ފަރުވާގެ ގޮތުގައި ކުރި ކަންތައްތަކާ ގުޅޭ މައުލޫމާތާއި، ބަލިމީހާއަށް ދިން ފަރުވާއާ ގުޅޭ އެ ނޫން އެންމެހައި މައުލޫމާތަށެވެ.
  3. "ގާނޫނީ ބޭނުންތަކަށް ޓަކައި ތައްޔާރުކުރާ އެކިއެކި ލިޔުންތައް" ކަމަށް ބުނެފައި އެ ވަނީ، މެޑިކޯ ލީގަލް ރިޕޯޓު ފަދަ ލިޔެކިޔުންތަކާއި، ގާނޫނަކުން ލާޒިމުކޮށްގެން ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ހިމެނޭ ގޮތަށެވެ.
  4. "އިންޕޭށަންޓް" ކަމަށް ބުނެފައި އެ ވަނީ، އެނދުމަތިކޮށްގެން ފަރުވާދޭ މީހުންނަށެވެ.
  5. "އައުޓްޕޭށަންޓް" ކަމަށް ބުނެފައި އެ ވަނީ، އެނދުމަތި ކުރުމަކާ ނުލައި ސިއްހީ ހިދުމަތްދޭ ތަންތަނުން ސިއްހީ ހިދުމަތް ހޯދާ ފަރާތްތަކަށެވެ.
  6. "މިނިސްޓަރ" ކަމަށް ބުނެފައި އެ ވަނީ، ސިއްހީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު  އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާގެ ވަޒީރަށެވެ.
  7. "މިނިސްޓްރީ" ކަމަށް ބުނެފައި އެ ވަނީ، ސިއްހީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު  އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.
  8. "މެޑިކަލް ރެކޯޑު" ކަމަށް ބުނެފައި އެ ވަނީ، ސިއްހީ ހިދުމަތް ލިބިގަންނަ މީހުންގެ ޒާތީ މައުލޫމާތާއި، ކުރެވޭ ތަހުލީލުތަކުގެ ނަތީޖާތަކާއި ހޯދުންތަކާއި ދެވޭ ފަރުވާ ހިމެނޭގޮތުން، ހިދުމަތް ދިނުމުގެ ތެރޭގައި ބަލިމީހާއާ ބެހޭގޮތުން ކަރުދާހުގައި ނުވަތަ އިލެކްޓްރޯނިކްކޮށް ރައްކައުކުރެވޭ އެންމެހައި މައުލޫމާތަށެވެ.
  9. "ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 29/2015  (ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު) އަށެވެ.

 

މައި ގާނޫނު

ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު (ގާނޫނު ނަންބަރު 29/2015)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު