-

އިމާރާތް ކުރުމާ ގުޅޭ ފަރާތްތައް ނިސްބަތްވާ ފަންނީ ޖަމްއިއްޔާތަކުގެ ގަވާއިދު

(ގަވާއިދު ނަންބަރު 1005/2019)

 

އެއްވަނަ ބާބު

އިބްތިދާއީ މާއްދާ

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މި ގަވާއިދަކީ، އިމާރާތްކުރުމާ ގުޅޭ ފަރާތްތައް ނިސްބަތްވާ ފަންނީ ޖަމްއިއްޔާތަކާ ގުޅޭ ކަންކަން ބަޔާންކުރުމަށް ޓަކައި ގާނޫނު ނަންބަރު 2017-04 (އިމާރާތްކުރުމުގެ ގާނޫނު) ގެ 95 ވަނަ މާއްދާގެ (ހ) ގެ (8) ވަނަ ނަންބަރުގެ ދަށުން އެކުލަވައިލެވިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "އިމާރާތްކުރުމާ ގުޅޭ ފަރާތްތައް ނިސްބަތްވާ ފަންނީ ޖަމްއިއްޔާތަކުގެ  ގަވާއިދު" އެވެ.

(ނ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރެވޭނީ، އިމާރާތްކުރުމުގެ ދާއިރާއާ ގުޅުން ހުރި ފަންނީ  ޖަމްއިއްޔާތަކާއި ޖަމާއަތްތަކެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގްސަދު ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއާ ގުޅުންހުރި ޖަމްއިއްޔާތައް މިނިސްޓްރީގައި ރަޖިސްޓަރީކުރުމާއި، ރަޖިސްޓަރީކުރުމުގައި ގެންގުޅޭނެ މިންގަނޑުތަކެއް ކަނޑައެޅުން؛

(ށ) އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމްއިއްޔާތަކުގެ ދަފުތަރެއް މިނިސްޓްރީން އެކުލަވައި ލުމާއި، އެ ދަފުތަރު ބެލެހެއްޓުން؛

(ނ) ޖަމްއިއްޔާތައް ރަޖިސްޓަރީ ކުރެވޭނެ މުއްދަތާއި، ރަޖިސްޓަރީ އައުކުރެވޭނެ މުއްދަތު ކަނޑައެޅުން؛

(ރ) މިނިސްޓްރީގެ ދަފުތަރުން ޖަމްއިއްޔާގެ ނަން އުނިކޮށް، ރަޖިސްޓަރީ ބާތިލްކުރެވޭނެ އުސޫލުތައް ކަނޑައެޅުން؛

(ބ) ރަޖިސްޓަރީ ކުރެވޭ ޖަމްއިއްޔާތަކުގެ މަސްއޫލިއްޔަތު ކަނޑައެޅުން؛

(ޅ) ރަޖިސްޓަރީކުރެވޭ ޖަމްއިއްޔާތަކުގެ ސުލޫކީ މިންގަނޑު ކަނޑައެޅުން؛

(ކ) ޖަމްއިއްޔާތަކަށް މިނިސްޓްރީން އެކިއެކި ކަންކަމުގައި އިސްކަންދޭނެ މިންގަނޑެއް ކަނޑައެޅުން؛ އަދި

(އ) ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ގޮތްތައް ކަނޑައަޅައި ބަޔާންކުރުން.

 

3 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރާ ފަރާތް

މި ގަވާއިދު ތަންފީޒުކުރާނީ އިމާރާތްކުރުމާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަކުންނެވެ.

 

4 ވަނަ މާއްދާ - ގަވާއިދަށް އަމަލު ކުރަން ފެށުން

މި ގަވާއިދަށް އަމަލު ކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

5 ވަނަ މާއްދާ - އިންތިގާލީ މަރު ހަލާ 

(ހ) އިމާރާތްކުރުމުގެ ދާއިރާއާ ގުޅޭ ޖަމްއިއްޔާތަކުގެ ތެރެއިން މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން އުފެދިފައިވާ ޖަމްއިއްޔާތައް، މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށް ފައިވާ ފަދައިން ރަޖިސްޓަރީ ކުރެވެންދެން މި ދާއިރާގައި ހަރަކާތްތެރިވާ ޖަމްއިއްޔާތަކެއްގެ ގޮތުގައި ބަލައިގަންނަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖަމްއިއްޔާތައް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ރަޖިސްޓަރީ ކުރަން ވާނެއެވެ.

(ނ) "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު" އަށް އަމަލުކުރަން ފެށެންދެން މި ގަވާއިދުގައި "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު" އަށް ހަވާލާދީފައިވާ މާއްދާތަކުގައި ކަނޑައަޅައިފައިވާ ކަންކަމަށް އަމަލުކުރުމުގައި ބަލާނީ މާލޭ ޕްލޭނިންގ ގަވާއި ދާއި، އެ ގަވާއި ދުގެ ދަށުން ނެރެފައިވާ އުސޫލަށާއި، މިނިސްޓްރީން އެކުލަވައިލައި ރަޖިސްޓަރީކުރަމުންދާ "ޕްރެކްޓިށަނަރޒް ރަޖިސްޓްރީ" އަށެވެ.

(ރ) "އިމާރާތް ކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" އަށް އަމަލުކުރަން ފެށެންދެން މި ގަވާއިދުގައި "އިމާރާތް ކުރުމުގެ އަ މަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" އަށް ހަ ވާލާދީފައިވާ މާއްދާތަކުގައި ކަނޑައަޅައިފައިވާ ކަންކަމަށް އަމަލުކުރުމުގައި ބަލާނީ މިނިސްޓްރީން ށާއިއުކޮށްފައިވާ "ގައިޑްލައިން ފޮރ ނެށަނަލް ކޮންޓްރެކްޓަރޒް ރެޖިސްޓަރޭށަން" އެވެ.

(ބ) މި ގަވާއިދުގެ ދަށުން ޖަމްއިއްޔާއަކާ ދޭތެރޭ މިނިސްޓްރީން އަޅާ ފިޔަވަޅަކާމެދު ހިތްހަމަނުޖެހޭ ޖަމްއިއްޔާއަކުން އިމާރާ ތްކުރުމުގެ ގާނޫނުގެ ދަށުން ހަދާ، "މި ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ނިންމާ ކަންކަން އިސްތިއުނާފު ކުރުމުގެ ގަވާއިދު" އަށް އަމަލުކުރަންދެން އިސްތިއުނާފުކޮށްދިނުމަށް އެދި އަމަލުކުރަންވީގޮތް ކަމުގައި އިމާރާތްކުރުމާ ބެހޭ އިދާރީ ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިން އަމަލުކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެ އިބާރާތެއް ބޭނުކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު މި ގަވާއިދުގައި ބޭނުންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް މާނަކުރާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ހ) "އިމާރާތްކުރުމުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2017-04 (އިމާރާތްކުރުމުގެ ގާނޫނު) އަށެވެ.

(ށ) "ޖަމްއިއްޔާތަކާ ބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2003-01 (ޖަމްއިއްޔާތަކާ ބެހޭ ގާނޫނު) އަށެވެ.

(ނ) "ޖަމްއިއްޔާތަކު ގެ ގަވާއިދު" ކަމަށް ބުނެފައި އެވަނީ، ގަވާއިދު ނަންބަރު 2015-180 (ޖަމްއިއްޔާތަކުގެ ގަވާއިދު) އަށެވެ.

(ރ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ބ) "ޖަމްއިއްޔާ" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ އިމާރާތްކުރުމުގެ ދާއިރާއާ ގުޅުންހުރި ފަންނީ ޖަމްއިއްޔާއަށެވެ.

(ޅ) "މި ދާއިރާ" ކަމުގައި ބަޔާންކޮށްފައި އެވަނީ، އިމާރާތްކުރުމުގެ (ކޮންސްޓްރަކްށަން) ދާއިރާއެވެ.

(ކ) "ފަންނީ ފަރާތް" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ދާއިރާގެ އިލްމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ.

(އ) "ފަންނީ ފަރާތްތަކުގެ ޖަމްއިއްޔާތައް" ކަމަށް ބުނެފައި އެ ވަނީ، "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު" ގައި ބަޔާންވެގެންވާ ފަރާތްތަކާއި، އެފަދަ އެހެން ފަރާތްތަކާ ގުޅޭ ޖަމްއިއްޔާތަކަށެވެ.

(ވ) "އެހެނިހެން ޖަމްއިއްޔާތައް" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ދާއިރާ ގެ ފަންނީ ނުވަތަ އަމަލީ މަސައްކަތް ކުރާ ފަރާތްތަކެއް ތަމްސީލުކުރާ ޖަމްއިއްޔާތަކަށެވެ. މިސާލު: ކުއަންޓިޓީ ސަރވޭޔާޒް ޖަމްއިއްޔާއެއް ނުވަތަ ލޭބަރުންގެ ޖަމްއިއްޔާއެއް ނުވަތަ ދާއިރާއާ ގުޅޭ އިލްމީ ޕްރޮގްރާމްތަކާއި ތަމްރީނު ދިނުމުގެ މަސައްކަތްތަކާއި ހަރަކާތްތަކެއް ހިންގުމަށްޓަކައި އުފެއްދޭ ޖަމްއިއްޔާތަކެވެ.

(މ) "ޕްރެކްޓިށަނަރޒް ރަޖިސްޓަރީ" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ގޮތުގައި މިނިސްޓްރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ދަފުތަރަށެވެ.

 

 

ދެވަނަ ބާބު

ޖަމްއިއްޔާ ރަޖިސްޓަރީ ކުރުމާއި ހިންގުން

7 ވަނަ މާއްދާ - އެހެން ގާނޫނެއްގެ ދަށުން ރަޖިސްޓަރީކުރުން ނުވަތަ ހުއްދައެއް ނެގުން

މި ގަވާއިދުގެ ދަށުން ޖަމްއިއްޔާއެއް ރަޖިސްޓަރީކުރަން ހުށަހަޅަންވާނީ، ގާނޫނު ނަންބަރު 2003-01 (ޖަމްއިއްޔާތަކާ ބެހޭ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2015-180  (ޖަމްއިއްޔާތަކުގެ ގަވާއިދު) ގައި ވާގޮތުގެ މަތިން ޖަމްއިއްޔާތަކުގެ ދަފު ތަރުގައި ރަޖިސްޓަރީ ވުމަށް ފަހުގައެވެ.

 

8 ވަނަ މާއްދާ - ރަޖިސްޓަރީ ކުރުން

އިމާރާތްކުރުމާ ގުޅޭ ފަންނީ ޖަމްއިއްޔާތައް މި ދާއިރާއާ ގުޅޭ އެކިއެކި ހަރަކާތްތައް ހިންގުމަށްޓަކައި މި ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުގެ މަތިން މި މިނިސްޓްރީގައި ރަޖިސްޓަރީ ކުރަން ވާނެއެވެ.

 

9 ވަނަ މާއްދާރަޖިސްޓަރީ ކުރެވޭ ޖަމްއިއްޔާތައް

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރެވޭނީ އިމާރާތްކުރުމުގެ ދާއިރާއާ ގުޅޭ ތިރީގައި ބަޔަންކޮށްފައިވާ ޖަމްއިއްޔާތަކެވެ.

(ހ) އާކިޓެކްޓުންގެ ޖަމްއިއްޔާތައް؛

(ށ) އިންޖިނިއަރުންގެ ޖަމްއިއްޔާތައް؛

(ނ) ކޮންޓްރެކްޓަރުންގެ ޖަމްއިއްޔާތައް؛

(ރ) ފަންނީ ފަރާތްތަކުގެ ޖަމްއިއްޔާތައް؛

(ބ) އެހެނިހެން ޖަމްއިއްޔާތައް.

 

10 ވަނަ މާއްދާރަޖިސްޓަރީ ކުރަން ހުށަހެޅުން

(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރަން ހުށަހަޅަންވާނީ މި ގަވާއިދު ތަންފީޒުކުރާތާ 31 (އެއްތިރީސް) ވަނަ ދުވަހުން ފެށިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން ރަޖިސްޓަރީކުރުމަށް ހުށަހަޅަންވާނީ މިނިސްޓްރީން އާންމުކުރާ "އިމާރާތްކުރުމާ ގުޅޭ ފަރާތްތައް ނިސްބަތްވާ ފަންނީ ޖަމްއިއްޔާތައް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު މިނިސްޓްރީއަށެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފޯމާއެކު ތިރީގައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ގަވާއިދު ނަންބަރު 2015-180 ( ޖަމްއިއްޔާތަކުގެ ގަވާއިދު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކަމުގެ ލިޔުން؛
  2. މި ގަވާއިދުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖަމްއިއްޔާގެ ހިންގާ ގަވާއިދުގެ ކޮޕީ؛
  3. އެ ޖަމްއިއްޔާގައި ރަޖިސްޓަރީވެފައިވާ މެންބަރުންގެ ލިސްޓާއި، މިނިސްޓްރީގައި ރަޖިސްޓަރީވެފައިވާ މެންބަރުންގެ ނަމާއި ހުއްދައިގެ ނަންބަރު.

 

11 ވަނަ މާއްދާ - ޖަމްއިއްޔާތަކުގައި ފުރިހަމަވާންޖެހޭ ށަރުތުތައް

(ހ) އެ ޖަމްއިއްޔާއަކީ އިމާރާތްކުރުމުގެ ދާއިރާ ތަމްސީލުކުރާ ޖަމްއިއްޔާއަކަށް ވާންވާނެވެ.

(ށ) އިމާރާތްކުރުމުގެ ދާއިރާގެ ވަކި ފަންނަކަށް ހާއްސަކޮށް ފައިވާ ޖަމްއިއްޔާއެއްނަމަ، އެ ޖަމްއިއްޔާއެއްގެ ޖުމްލަ މެންބަރުންގެ %60 (ފަސްދޮޅަސް އިންސައްތަ) މެންބަރުންނަކީ ހާއްސަކޮށް ފައިވާ ފަންނުން އި ލްމް ލިބިފައިވާ ފަރާތްތައް ހިމެނޭ ޖަމްއިއްޔާއަކަށް ވާންވާނެއެވެ.

(ނ) އެ ޖަމްއިއްޔާގެ މެންބަރުންގެ ތެރެއިން މަދުވެގެން %30 (ތިރީސް އިންސައްތަ) މެންބަރުން މިނިސްޓްރީގައި ރަޖިސްޓަރީ ކުރެވިފައި ވާން ވާނެއެވެ.

 

12 ވަނަ މާއްދާ - އިލްމީ ފަރާތްތަކާއި ފަންނީ ފަރާތްތަކުގެ ށަރުތުތައް 

(ހ) ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ޖަމްއިއްޔާތަކުގެ މެންބަރުންގެ ތެރެއިން އެ ފަންނުގެ އިލްމު ހުރި ފަރާތްތަކުގެ ގޮތުގައި މިނިސްޓްރީން ބަލާނީ ތިރީގައިވާ ފަރާތްތަކެވެ.

  1. ރަޖިސްޓރީކުރަން އެދި ހުށަހަޅާ ޖަމްއިއްޔާ ތަމްސީލުކުރާ ދާއިރާއާ ގުޅުންހުރި ދާއިރާއަކުން "ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު" ގެ ސަނަދެއް ހާސިލުކޮށްފައިވުން؛ ނުވަތަ
  2. ރަޖިސްޓރީކުރަން އެދި ހުށަހަޅާ ޖަމްއިއްޔާ ތަމްސީލުކުރާ ދާއިރާއާ ގުޅުންހުރި ދާއިރާއަކުން "ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު" ގެ ސަނަދެއް ހާސިލުކުރުމަށް ކިޔަވަމުންދާ ފަރާތަކަށް ވުން؛ ނުވަތަ
  3. އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު" ގެ ދަށުން  ރަޖިސްޓރީކުރަން އެދި ހުށަހަޅާ ޖަމްއިއްޔާ ތަމްސީލުކުރާ ދާއިރާއާ ގުޅުންހުރި ދާއިރާއަކުން މިނިސްޓްރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތަ ކަށް ވުން.

(ށ) ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ޖަމްއިއްޔާތަކުގެ މެންބަރުންގެ ތެރެއިން ފަންނީ ފަރާތްތަކުގެ ގޮތުގައި މިނިސްޓްރީން ބަލާނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ އިތުރުން ތިރީގައިވާ ފަރާތްތަކެވެ.

  1. "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގެ ދަށުން މިނިސްޓްރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތަކަށް ވުން؛ ނުވަތަ
  2. "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު" ގެ ދަށުން މިނިސްޓްރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތަ ކަށް ވުން.

 

13 ވަނަ މާއްދާ - ހުއްދަދިނުމާއި ރަޖިސްޓަރީ ކުރުން

(ހ)  މި ގަވާއިދުގެ 10 ވަނަ މާއްދާއާއި، 11 ވަނަ މާއްދާއާއި، 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ކުރުމަށްފަހު ރަޖިސްޓަރީކުރުމަށް ހުށަހެޅުމުން، ހުށަހަޅައިފައިވާ ލިޔެކިޔުންތަކަށް ބެލުމަށްފަހު، އެ ޖަމްއިއްޔާއެއް ރަޖިސްޓަރީ ކޮށްދެވޭނަމަ، ސަރުކާރު ބަންދުނޫން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ޖަމްއިއްޔާ ރަޖިސްޓަރީކޮށް، އެ ޖަމްއިއްޔާއެއް ރަޖިސްޓަރީ ކޮށްދިންކަމުގެ ލިޔުން ދޫކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށް ފައިވާ ލިޔުމުގައި، މިނިސްޓްރީން ކަނޑައަޅާ މައުލޫމާތުގެ އިތުރުން، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނެން ވާނެއެވެ.

  1. ޖަމްއިއްޔާ ރަޖިސްޓަރީ ކުރެވުނު ނަން؛
  2. ޖަމްއިއްޔާ ތަމްސީލުކުރާ ފަރާތް؛
  3. ރަޖިސްޓްރޭށަން ނަންބަރު.

(ނ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކޮށްނުދެވޭ ޖަމްއިއްޔާއަ ކަށް، ރަޖިސްޓަރީ ކޮށްދެވެން ނެތް ސަބަބު ބަޔާންކޮށް، ސަރުކާރު ބަންދު ނޫން 10 (ދިހައެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީން އެ ޖަމްއިއްޔާއަކަށް އެކަން އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންވެގެންވާ ޖަމްއިއްޔާއަކަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަލުން ރަޖިސްޓަރީވުމަށް ހުށަހެޅުމުގެ ފުރުސަތު އޮންނަންވާނެއެވެ.

 

14 ވަނަ މާއްދާ - ޖަމްއިއްޔާތަކުގެ ދަފުތަރު އެކުލަވައިލުން

(ހ) މި ގަވާއިދު ތަންފީ ޒުކުރެވޭތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، "އިމާރާތްކުރުމާ ގުޅޭ ފަރާތްތައް ނިސްބަތްވާ ފަންނީ ޖަމްއިއްޔާތަކުގެ ދަފުތަރު" މިނިސްޓްރީން އެކުލަވައިލަ އި އާންމު ކުރަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ދަފު ތަރު އާންމުކުރާއިރު، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކޮށްދީފައިވާ ޖަމްއިއްޔާއެއްގެ ނަން ހިމަނައިފައި ނެތް ކަން ފާހަގަކުރެވިއްޖެނަމަ، އެ ދަފުތަރު އާންމުކުރާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ޖަމްއިއްޔާއަކުން މިނިސްޓްރީއަށް އެކަން އަންގަންވާނެއެވެ.

(ނ) "އިމާރަތްކުރުމާ ގުޅޭ ފަރާތްތައް ނިސްބަތްވާ ފަންނީ ޖަމްއިއްޔާތަކުގެ ދަފުތަރު" ގައި މިނިސްޓްރީއަށް ހުށަހަޅާ މައުލޫމާތުގެ ތެރެއިން، ތިރީގައިވާ މައު ލޫމާތުތައް އާންމު ކުރަން ވާނެއެވެ.

  1. ޖަމްއިއްޔާގެ ނަން؛
  2. ރަޖިސްޓަރީ ވެފައިވާ ޖަމްއިއްޔާގެ އޮފީސް ހުންނަ ތަނުގެ މައުލޫމާތާއި، އެ ޖަމްއިއްޔާއަކާ ގުޅޭނެގޮތުގެ މައުލޫމާތު؛
  3. ރަޖިސްޓަރީ ވެފައިވާ ޖަމްއިއްޔާގެ ރަޖިސްޓަރީ ނަންބަރު.

 

15 ވަނަ މާއްދާރަޖިސްޓަރީ ކުރެވޭ ޖަމްއިއްޔާގެ މަސްއޫލިއްޔަތު

(ހ) މި ގަވާއިދުގެ ދަށުން ޖަމްއިއްޔާއެއް ރަޖިސްޓްރީވުމުން އެ ޖަމްއިއްޔާއެއް ހިންގަންވާނީ އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލާ ގަވާއިދުތަކާ ތައާރަޒުނުވާ ގޮތަށެވެ. އަދި އެ ޖަމްއިއްޔާގައި ކުރާ މަސައްކަތްތައް ކުރަންވާނީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ތައާރަޒުނުވާ ގޮތަށެވެ.

(ށ) ރަޖިސްޓަރީކުރެވޭ ޖަމްއިއްޔާތަކުން، ތިރީގައިވާ މަސްއޫލިއްޔަތުތައް އަދާކުރަންވާނެއެވެ.

  1. އެ ޖަމްއިއްޔާއަކީ އިމާރާތްކުރުމުގެ ދާއިރާއާ ގުޅޭފަދަ މަސައްކަތްތަކެއް ކުރާ ބަޔަކު މީހުން ރަމްޒުކޮށްދޭ ޖަމްއިއްޔާއަކަށް ވާންވާނެއެވެ.
  2. އިމާރާތްކުރުމުގެ ދާއިރާގެ އިލްމާއި ފަންނު ކުރިއެރުވުމަށް މަސައްކަތްކު ރާ ޖަމްއިއްޔާއަކަށް ވާންވާނެއެވެ.
  3. މި ދާއިރާގެ ސިޔާސަތު ކަނޑައެޅުމާއި، ދާއިރާއާ ގުޅުންހުރި އެކިއެކި ކަންތައްތައް ވިލަރެސްކުރުމުގައްޔާއި ތަންފީޒުކުރުމުގައި މިނިސްޓްރީން އެދިއްޖެ ހާލަތެއްގައި އެއްބާރުލުން ދޭން ވާނެއެވެ.
  4. އެ ޖަމްއިއްޔާއަކީ އިމާރާތްކުރުމުގެ ދާއިރާއާ ގުޅޭފަދަ މަސައްކަތްތަކެއް ކުރާ ބަޔަކު މީހުން ރަމްޒުކޮށްދޭ ޖަމްއިއްޔާއަކަށް ވާން ވާނެއެވެ.
  5. މި ގަވާއިދުގެ 17 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދޭ ޖަމްއިއްޔާތަކުން، އެ ފައިސާ ހަރަދުކުރިގޮތުގެ ތަފުސީލުތައް ބަލަހައްޓައި، މިނިސްޓްރީން ކަނޑައަޅާ ތާރީހެއްގައި އެ ތަފުސީލު ތައް މިނިސްޓްރީއާ ހިއްސާކުރަން ވާނެއެވެ.

 

16 ވަނަ މާއްދާ - އެކި ކަންކަމުގައި އިސްކަންދެވޭ ގޮތްތައް

(ހ) މިނިސްޓްރީން އެކުލަވައިލާ މެންބަރުންގެ ބޯޑަކަށް ނުވަތަ ކޮމިޓީއަކަށް ޖަމްއިއްޔާތަކުން މެންބަރެއް އައްޔަނުކުރުމަށް އިސްކަންދިނުމުގައި ރިއާޔަތްކުރަންވާނީ ތިރީގައިވާ ކަންކަމަށެވެ.

  1. އެ ޖަމްއިއްޔާގެ މެންބަރުންގެ އަދަދު؛
    i .މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބުނެ ފައިވާ މެންބަރުންގެ އަދަދު ކަނޑައެޅުމުގައި، އެއް މެންބަރަކު ދެ ޖަމްއިއްޔާއެއްގައި ރަޖިސްޓަރީ ވެފައިވާނަމަ ބަލާނީ، ދެ ޖަމްއިއްޔާގެ ތެރެއިން އެ މެންބަރަކު އިހްތިޔާރުކުރާ ޖަމްއިއްޔާއަކީ ކޮބައިކަމެވެ. ނުވަތަ؛
    ii .އެ މެންބަރަކު ފުރަތަމަ ރަޖިސްޓަރީ ވެފައިވާ ޖަމްއިއްޔާއަށެވެ.
  2. އެ ޖަމްއިއްޔާގެ މެންބަރުންގެ އަދަދު ގެ މަދުވެގެން %30 (ތިރީސް އިންސައްތަ) މިނިސްޓްރީގައި ރަޖިސްޓަރީވެފައިވުން؛
  3. މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށް ފައިވާ ފަދައިން އެ ޖަމްއިއްޔާގެ މެންބަރުންނަށް ލިބިފައިވާ އިލްމާއި ތަޖުރިބާ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް މެންބަރުން އައް ޔަންކުރުމުގައި ވަކި ފަންނަކަށް ހާއްސަވާނަމަ، އެ ފަންނެއްގެ އިލްމާއި ތަޖުރިބާ ހުރި ފަރާތްތައް ނިސްބަތްވާ މެންބަރުން ހިމެނޭ ޖަމްއިއްޔާތަކަށް އިސްކަންދެވޭނެއެވެ.

 

17 ވަނަ މާއްދާ - މާލީ އެހީތެރިކަން ފޯރުކޮށްދިނުން

(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރެވޭ އިމާރާތްކުރުމާ ގުޅޭ ފަރާތްތައް ނިސްބަތްވާ ފަންނީ ޖަމްއިއްޔާތަކަށް މިނިސްޓްރީން ކަނޑައޅާ އުސޫލެއްގެ ދަށުން، އެ ޖަމްއިއްޔާތަކުން ދާއިރާ ކުރިއެރުވުމަށްޓަކައި ކުރެވޭ އެކިއެކި މަސައްކަތްތައް ކުރުމަށް، މާލީ އެހީތެރިކަން ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މާލީ އެހީތެރިކަން ދިނުމަށް ކަނޑައަޅާ އުސޫލުގައި މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރަންވާނެވެ.

(ނ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރެވޭ ޖަމްއިއްޔާތަކުގެ ތެރެއިން މިނސްޓްރީން މާލީ އެހީތެރިކަން ދިނުމުގައި އިސްކަންދޭންވާނީ ތިރީގައި ބަޔާންވެގެންވާ ކަންކަމަށް ބެލުމަށްފަހުއެވެ.

  1. އިމަރާތްކުރުމުގެ ދާއިރާގެ އުފެއްދުންތެރިކަން އިތުރުކުރުމާއި، ފެންވަރު ރަނގަޅުކުރުމާއި، ދާއިރާގެ ތަރައްގީއަށް ކުރަމުންގެންދާ މަސައްކަތާއި، ކުރިއަށް އޮތް އަހަރަށް ރާ ވައިފައިވާ މަސައްކަތްތައް؛
  2. އިމާރާތްކުރުމުގެ ދާއިރާއާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކާއި ކުރިއަށް އޮތް އަހަރަށް ރާވައިފައިވާ މަސައްކަތްތައް؛
  3. އިމާރާތްކުރުމުގެ ދާއިރާއަށް އަސަރުފޯރާ ނުވަތަ އެ ދާއިރާއާ ގުޅުންހުރި ކަންކަމާއި، އިމާރާތްތަކުގެ ސަލާމަތާއި ރައްކައުތެރިކަމަށް ވޭތުވެދިޔަ އަހަރުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތަކާއި، ކުރިއަށް އޮތް އަހަރަށް ރާވައިފައިވާ މަސައްކަތްތައް؛
  4. އިމާރާތްކުރުމުގެ ދާއިރާއަކީ ތިމާވެށް ޓާ ރައްޓެހި މަސައްކަތްތަކެއް ކުރެ ވޭ ދާއިރާއަކަށް ހެދުމަށް ކޮށްފައިވާ މަސައްކަތްތަކާއި ކުރިއަށް ރޭވިފައިވާ މަސައްކަތްތައް؛
  5. އިމާރާތްކުރުމުގެ ދާއިރާގެ އިލްމާއި ފަންނު ކުރިއެރުވުމަށް ކުރެވިފައިވާ މަސައްކަތްތަކާއި ކުރިއަށް އޮތް އަހަރަށް ރާވައި ފައިވާ މަސައްކަތްތައް؛

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތަފުސީލު، ކޮންމެ މީލާދީ އަހަރެއްގެ މާރިޗުމަހުގެ 31 (ތިރީސް އެކެއް) ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުށަހަޅާ ތަފުސީލުތަކަށް ރިއާޔަތްކުރުމަށްފަހު، އެ ޖަމްއިއްޔާއަކަށް މާލީ އެހީ ލިބެންޖެހޭނަމަ، ސަރުކާރު ބަންދުނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ޖަމްއިއްޔާއަށް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން، ފައިސާ ދޫކުރަންވާނެއެވެ.

(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ މާލީ އެހީ ލިބިފައިވާ ފަރާތްތަކުން، ކުރިޔަށް އޮންނަ އަހަރުގެ މާލީ އެހީއަށް އެދި ހުށަހަޅާއިރު، ވޭތުވެދިޔަ އަހަރު ހަރަދު ކުރި ގޮތުގެ ތަފުސީލު، ކޮންމެ މީލާދީ އަހަރެއް ގެ މާރިޗުމަހުގެ 31 (އެއްތިރީސް) ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަން ވާނެއެވެ.

 

18 ވަނަ މާއްދާހުއްދަ އައުކުރުމާއި، ފީ ނެގުން

(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވާ ޖަމްއިއްޔާތަކަށް ދެވޭނީ ދާއިމީ ހުއްދައެކެވެ.

(ށ) މި ގަވާއިދުގެ ދަށުން ރަޖިސްޓްރޭށަން ފީގެ ގޮތުގައި ނެގޭނީ، 500 (ފަސްސަތޭކަ) ރުފިޔާއެވެ.

 

19 ވަނަ މާއްދާ - ޖަމްއިއްޔާގެ ސުލޫކީ މިންގަނޑު

(ހ) ކޮންމެ ޖަމްއިއްޔާއަކުންވެސް އެ ޖަމްއިއްޔާއެއްގެ މެންބަރުން ތަބާވެ އަމަލުކުރާނެ ސުލޫކީ މިންގަނޑެއް އެކުލަވައި ލައި ފާސްކުރަން ވާނެއެވެ. މިގޮތުން ފާސްކުރެވޭ ސުލޫކީ މިންގަނޑު، އެ ޖަމްއިއްޔާއެއް ރަޖިސްޓަރީކުރާތާ 2 (ދޭއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅައިގެން ފާސްކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބުނެފައިވިޔަސް، ޖަމްއިއްޔާއެއް ރަޖިސްޓަރީކުރުމަށް ހުށަހަޅާއިރު، އެ ޖަމްއިއްޔާއަކުން ސުލޫކީ މިންގަނޑެއް އެކުލަވައިލެވިފައިވާނަމަ، އެ ސުލޫކީ މިންގަނޑު ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑު އެކުލަވައިލައިފައި އޮންނަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށެވެ.

  1. އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ ހިލާފު ވެގެން ނުވާނެއެވެ؛
  2. އެއްވެސް ޖަމްއިއްޔާއަކުން އެހެން ފަރާތެއްގެ އަބުރު ގެއްލޭފަދަ އަމަލެއް ކޮށްގެން ނުވާނެއެވެ؛
  3. އެ ޖަމްއިއްޔާއަކުން މި ދާއިރާ ތަމްސީލުކުރާ ފަރާތަކަށް ވެހުރެ އާންމުންނަށް ދޮގު މައުލޫމާތު ފޯރުކޮށްދީގެން ނުވާނެއެވެ؛
  4. އެހެން ފަރާތަކުން ކުރާ ނުވަތަ ކުރަމުންދާ މަސައްކަތެއް އެ ޖަމްއިއްޔާއިން ކުރާ މަސައްކަތެއްކަމުގައި ދޭހަވާފަދަ ގޮތަކަށް ދައްކުވައިގެން ނުވާނެއެވެ.

 

20 ވަނަ މާއްދާ - އަހަރީ ރިޕޯޓް ހުށަހެޅުން

(ހ) މި ގަ ވާއިދުގެ ދަށުން ރަޖިސްޓަރީވާ ކޮންމެ ޖަމްއިއްޔާއަކުންވެސް، އެ ޖަމްއިއްޔާއެއްގެ އަހަރީ ރިޕޯޓު، މިނިސްޓްރީއަށް ހުށަހަޅާންވާނެއެވެ. މި ރިޕޯޓް ވާންވާނީ ޖަމްއިއްޔާތަކުގެ ގަވާއިދުގައިވާ ގޮތުގެމަތިން އެކުލަވައި ލެވިފައިވާ ރިޕޯޓަކަ ށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށް ފައިވާ ކޮންމެ އަހަރެއްގެ އަހަރީ ރިޕޯޓު ހުށަހަޅަންވާނީ، ވިދިގެން އަންނަ މީލާދީ އަހަރުގެ މާރިޗުމަހުގެ 31 (އެއްތިރީސް) ވަނަ ދުވަހުގެ ކުރިންނެވެ.

 

21 ވަނަ މާއްދާ - ޖަމްއިއްޔާގެ ހިންގާ ގަވާއިދު 

(ހ) ކޮންމެ ޖަމްއިއްޔާއެއްގައިވެސް، ޖަމްއިއްޔަތަކުގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެކުލަވައިލެވޭ ހިންގާ ގަވާއިދެއް އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށް ފައިވާ ހިންގާ ގަވާއިދު އެކުލަވައިލައިފައި އޮންނަންވާނީ އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދައި ފައިވާ ގަވާއިދުތަކާ ހިލާފު ނުވާ ގޮތަށެވެ.

 

22 ވަނަ މާއްދާ - ރާއްޖޭގެ ޖަމްއިއްޔާއެއް ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވުން

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވެފައިވާ ޖަމްއިއްޔާއެއް ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާންވާނީ ޖަމްއިއްޔާތަކުގެ ގަވާއިދުގައި ވާ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު އެވެ. މިފަދަ ޖަމްއިއްޔާއަކުން ހިންގާ ހަރަކާތްތަކުގެ ތެރެއިން އިމާރާތްކުރުމުގެ ދާއިރާއާ ގުޅުންހުރި ހަރަކާތްތަކުގެ މައު ލޫމާތު، އެ ހަރަކާތެއް ނިމޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓްރީއާ ހިއްސާކުރަން ވާނެއެވެ.

 

23 ވަނަ މާއްދާ - ރާއްޖެއިން ބޭރުގެ ޖަމްއިއްޔާއެއް ރާއްޖޭގައި ހަރަކާތްތެރިވުން

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވެފައިވާ ޖަމްއިއްޔާއަކާ ގުޅިގެން އިމާރާތްކުރުމުގެ ދާއިރާއާ ގުޅުން ހުރި ކަމެއްގައި ރާއްޖެއިން ބޭރުގެ ޖަމްއިއްޔާއެއް ދިވެހިރާއްޖޭގައި ހަރަކާތްތެރިވާން އެދޭ ނަމަ، ޖަމްއިއްޔާތަކުގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރަ ންވާނެއެވެ. އަދި ދެ ޖަމްއިއްޔާ ގުޅިގެން ހިންގާ ހަރަކާތްތަކުގެ މައުލޫމާތު، އެ ހަރަކާތެއް ނިމޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓްރީއާ ހިއްސާކުރަން ވާނެއެވެ.

 

 

ތިންވަނަ ބާބު

ގަވާއިދާ ހިލާފުވުމުން އަމަލުކުރާނެގޮތާއި އެޅޭނެ ފިޔަވަޅުތައް

24 ވަނަ މާއްދާ - ރެޖިސްޓްރޭށަން ބާތިލުކުރެވޭނެ ގޮތްތައް 

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވެފައިވާ ޖަމްއިއްޔާއެއްގެ ރަޖިސްޓްރޭށަން ބާތިލް ކުރެވޭނީ އަންނަނިވި ހާލަތްތަކުގައެވެ.

(ހ) ޖަމްއިއްޔާތަކުގެ ގަވާއިދުގެ ދަށުން ޖަމްއިއްޔާއެއްގެ ހުއްދަ ބާތިލް ކުރުމުން؛

(ށ) ޖަމްއިއްޔާއަކުން އެދިގެން އެ ޖަމްއިއްޔާގެ ރަޖިސްޓްރޭށަން ބާތިލް ކުރުމުން؛

(ނ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރުމުގައި ބަލައިފައިވާ ށަރުތުތަކުގައި ކަނޑައަޅައިފައިވާ ކަމެއް އެ ޖަމްއިއްޔާގެ ކިބައިން އުނިވުން؛

(ރ) ކޯޓު އަމުރަކުން ޖަމްއިއްޔާގެ ރަޖިސްޓަރޭށަން ބާތިލްކުރުން؛

(ބ) އެ ޖަމްއިއްޔާއެއްގެ މެންބަރުން ރަޖިސްޓަރީވުމަށް އެދި ހުށަހެޅި ލިޔުމަކީ ސައްހަނޫން ލިޔުމެއްކަމަށް ރަޖިސްޓަރީކުރި ފަހުން ސާބިތުވުން؛

(ޅ) އެ ޖަމްއިއްޔާއަކުން ކޮށްފައިވާ މަސައްކަތްތަކާ ގުޅިގެން، މިނިސްޓްރީއަށް މައްސަލައެއް ހުށަހެޅިއްޖެނަމަ، އެ މައްސަލައެއް މިނިސްޓްރީން ބެލުމަށްފަހު އެ ޖަމްއިއްޔާއެއްގެ ރަޖިސްޓްރޭށަން ބާތިލުކުރަން ނިންމައިފައިވާނަމަ؛

(ކ) މި ގަވާއިދުގެ ދަށުން ހުށަހަޅަންޖެހޭ ލިޔެކިއުން ނުވަތަ މައުލޫމާތެއް ހުށަހަންޖެހޭ ނުވަތަ ހުށަހެޅުމަށް މިނިސްޓްރީން އަންގާ ތާރީހުގައި ހުށަނާޅައިފިނަމަ އެވެ.

 

25 ވަނަ މާއްދާ - ކަނޑައެޅިފައިވާ މިންގަނޑުތަކާ ހިލާފުވުމުން އެޅޭ ފިޔަވަޅު

(ހ) މި ގަވާއިދާ ހިލާފުވެއްޖެ ނަމަ، އެ މައްސަލަ ބަލަން މިނިސްޓްރީން އައްޔަންކުރާ ކޮމިޓީ ގެ ލަފާގެމަތިން، މި މިނިސްޓްރީން އެ ފަރާތަކާމެދު ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފިޔަވަޅު އެޅިދާނެއެވެ.

(ށ) އިންޒާރުދިނުމާއެކު އެކަމެއް ރަނގަޅުކުރުމަށް 1 (އެކެއް)  މަސްދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެ މުއްދަތުގެ ތެރޭގައި އެކަމެއް ރަނގަޅުނުކޮށްފިނަމަ، މިނިސްޓްރީގެ ދަފުތަރުން އެ ޖަމްއިއްޔާއެއް އުނިކޮށް، މި ގަވާއިދުގެ ދަށުން އެ ޖަމްއިއްޔާއެއް އަލުން ރަޖިސްޓްރީވެވޭނެ މުއްދަތެއް ކަނޑައަޅައި، އެކަން އެ ޖަމްއިއްޔާއަކަށް ލިޔުމުން އަންގަންވާނެއެވެ.

 

26 ވަނަ މާއްދާ - އިސްތި އުނާފު ކުރުން

މި ގަވާއިދުގެ ދަށުން ޖަމްއިއްޔާއަކާ ދޭތެރޭ މިނިސްޓްރީން އަޅާ ފިޔަވަޅަކާމެދު ހިތްހަމަނުޖެހޭ ފަރާތްތަކުން އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ހަދާ، "މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ނިންމާ ކަންކަން އިސްތިއުނާފު ކުރުމުގެ ގަވާއިދު" ގައިވާ ގޮތަށް އެ ކަމެއް ބަލައިދިނުމަށް އެދި މިނިސްޓްރީއަށް ހުށަހެޅިދާނެއެވެ.

 

މައި ގާނޫނު

އިމާރާތްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2017-04)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު