-

އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކު ގެ ގަވާއިދު

(ގަވާއިދު ނަންބަރު 2019-1019)

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2017-04 (އިމާރާތް ކުރުމުގެ ގާނޫނު) ގެ ދަށުން އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ރަޖިސްޓަރީއާ ގުޅޭ ކަންކަން ބަޔާން ކުރުމަށްޓަކައި އެ ގާނޫނުގެ 95 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގްސަދަކީ، އަންނަނިވި ކަންތައްތައް ހާސިލުކުރުމެވެ.

(ހ) ދިވެހިރާއްޖޭގައި އިމާރާތްކުރުމުގެ ހިދުމަތާއި، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އާލާތްތައް އެތެރެކޮށް ފޯރުކޮށްދޭ ފަރާތްތަކާއި އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އުފައްދާ ފަރާތްތައް މިނިސްޓްރީގައި ރަޖިސްޓަރީކުރުމާއި، ރަޖިސްޓަރީ ކުރުމުގައި ގެންގުޅޭ މިންގަނޑުތަކެއް ކަނޑައެޅުން؛

(ށ) އިމާރާތްކުރުމުގެ ދާއިރާގެ އަމަލީ މަސައްކަތްކުރާ ފަރާތްތައް ގިންތިކުރުމާއި، ގިންތިއަށް އަންނަ ބަދަލުތައް ދެނެގަތުމާއި، ގިންތިތަކުގައި ރަޖިސްޓަރީވާ ފަރާތްތައް އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން؛

(ނ) އިމާރާތްކުރުމުގެ ދާއިރާގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ދަފުތަރެއް މިނިސްޓްރީން އެކުލަވައިލުމާއި، އެ ދަފުތަރު ބެލެހެއްޓުން؛

(ރ) އިމާރާތްކުރުމުގެ ދާއިރާގެ އަމަލީ މަސައްކަތްކުރާ ފަރާތްތައް ރަޖިސްޓަރީކުރެވޭނެ މުއްދަތާއި، ރަޖިސްޓަރީ އައުކުރެވޭނެ މުއްދަތު ކަނޑައެޅުން؛

(ބ) މިނިސްޓްރީގެ ދަފުތަރުން އިމާރާތްކުރުމުގެ ދާއިރާގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ނަން އުނިކޮށް، ރަޖިސްޓަރީ ބާތި ލުކުރެވޭނެ ހާލަތްތައް ކަނޑައެޅުން؛

(ޅ) ރަޖިސްޓަރީކުރެވޭ އިމާރާތްކުރުމުގެ ދާއިރާގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ މަސްއޫލިއްޔަތު ކަނޑައެޅުން؛

(ކ) ރަޖިސްޓަރީކުރެވޭ އިމާރާތްކުރުމުގެ ދާއިރާގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ސުލޫކީ މިންގަނޑު ކަނޑައެޅުން؛ އަދި

(އ) ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ގޮތްތައް ކަނޑައެޅުން.

 

3 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރާ ފަރާތް

މި ގަވާއިދު ތަންފީޒުކުރާނީ، އިމާރާތްކުރުމާ ގުޅޭ ސިޔާސަތު ތައް ތަންފީޒުކުރުމުގެ ޒިންމާ އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއިންނެވެ. 

 

4 ވަނަ މާއްދާ - ގަވާއިދަށް އަމަލު ކުރަން ފަށާ ތާރީހު

މި ގަވާއިދު ތަންފީޒުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

5 ވަނަ މާއްދާ - ކުރީގައި ހިނގައިފައިވާ ކަންކަމަށް މި ގަ ވާއިދު ހިންގުމާއި އިސްތިސްނާތައް

މި ގަވާއިދު ތަންފީޒުކުރުމުގެ ކުރިން ހިނގައިފައިވާ ކަމެއްގެ މައްޗަށް ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަށް މި ގަވާއިދެއް ނުހިނގާނެއެވެ.

 

6 ވަނަ މާއްދާ - އިންތިގާލީ މަރުހަލާ

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށިއިރު، "ގައިޑްލައިން ފޯރ ނެށަނަލް ކޮންޓްރެކްޓަރސް ރެޖިސްޓްރޭށަން" ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކޮންޓްރެކްޓަރުންނަށް ދޫކޮށްފައިވާ ސެޓުފިކެޓުގެ މުއްދަތު ހަމަވަންދެން ބެލޭނީ، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކޮންޓްރެކްޓަރެއް ކަމުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުން، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކޮންޓްރެކްޓަރެއް ކަމަށް ބެލޭނީ، ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތަށް އަލުން ރަޖިސްޓަރީކުރާ ކޮންޓްރެކްޓަރަކަށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮންޓްރެކްޓަރަކަށް ކުރިން ދޫކޮށްފައިވާ ހުއްދަ ބާތިލު ނުވިކަމުގައިވިޔަސް، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވުމަށް އެދި ހުށަހެޅިދާނެއެވެ.

 

7 ވަނަ މާއްދާ - ގަވާއިދު މުތާލިއާކުރުން

މި ގަވާއިދުގައި ކަނޑައަ ޅައިފައިވާ ކަންކަން މި ގަވާއިދަށް އަމަލުކުރަން ފަށާތާ މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި، މި ގަވާއިދު އަލުން މުތާލިއާ ކުރަން ފަށަން ވާނެއެވެ.

 

8 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ހިމެނިފައިވާގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހައި ހިނދަކު، މި ގަވާއިދުގައި ބޭނުންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް މާނަކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ހ) "އިމާރާތްކުރުމުގެ ގާނޫނު" ނުވަތަ "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2017-04 (އިމާރާތްކުރުމުގެ ގާނޫނު) އާއި އެ ގާނޫނަށް ގެނެވޭ އިސްލާހުތަކަށެވެ.

(ށ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ނ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

(ރ) "ފަންނީ މީހުން" ކަމަށް ބުނެފައި އެވަނީ، "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު" ގެ ދަށުން ރަޖިސްޓަރީ ކުރަން ޖެހޭ ދާއިރާއެއްގައި މަސައްކަތްކުރާ ފަރާތެއްނަމަ، އެ ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކަށެވެ.

(ބ) "ކޮންޓްރެކްޓަރުން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި ބަޔާންކުރާ އިމާރާތްކުރުމުގެ މަސައްކަތެއް ކުރާ ކޮންމެ ފަރާތަކަށެވެ. އޭގެ ތެރޭގައި އަންނަނިވި ފަރާތްތައް  ހިމެނެއެވެ.

  1. އިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރުގެ ޕާޓްނަރުން؛
  2. އިމާރާތްކުރާ ފަރާތުގެ ނުވަތަ ކޮންޓްރެކްޓަރުގެ އެކަށީގެންވާ ގިނަ އަދަދެއްގެ ހިއްސާ އޮންނަ ވިޔަފާރިއެއް؛
  3. އިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރަކީ ވިޔަފާރި ށަހްސެއް ކަމުގައިވާ ހާލަތުގައި:
    1. އެ ވިޔަފާރިއެއްގެ އެކަށީގެންވާ ގިނަ އަދަދެއްގެ ހިއްސާ އޮންނަ ފަރާތެއް؛
    2. އެ ވިޔަފާރިއެއްގެ ޑިރެކްޓަރެއް، ނުވަތަ ކޮމްޕެނީ ސެކްރެޓަރީއެއް، ނުވަތަ އެފަދަ މަގާމެއްގައި ހުރި ފަރާތެއް.
  4. އިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރަކީ ޓްރަސްޓީއެއްނަމަ، އެ ޓްރަސްޓަކުން ފައިދާ ލިބޭ ފަރާތެއް؛
  5. އިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރަށް މަސައްކަތްކުރާ ފަރާތެއް.

(ޅ) "މައި ކޮންޓްރެކްޓަރުން" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ މަށްރޫއުއެއްގައި އެއް ކޮންޓެކްޓަރުންނަށްވުރެ ގިނަ ކޮންޓްރެކްޓަރުން މަސައްކަތް ކުރާނަމަ، އެ ކޮންޓްރެކްޓަރުންގެ ތެރެއިން އެ މަށްރޫއެއްގެ އެއްބަސްވުމުގައި މައި ކޮންޓްރެކްޓަރުކަމަށް ބަޔާންކޮށްފައިވާ ފަރާތެވެ.

(ކ) "ސަބް ކޮންޓްރެކްޓަރުން" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ މަށްރޫއުއެއްގައި އެއް ކޮންޓެކްޓަރުންނަށް ވުރެ ގިނަ ކޮންޓްރެކްޓަރުން މަސައްކަތް ކުރާނަމަ، މައި ކޮންޓްރެކްޓަރުގެ ދަށުން މަސައްކަތްކުރާ ފަރާތަށެވެ.

(އ) "އިމާރާތްކުރުމުގެ މަސައްކަތް" ކަމަށް ބުނެފައި އެވަނީ:

  1. އިމާރާތް ބިނާކުރުމަށް ނުވަތަ އިމާރާތަށް ބައެއް އިތުރުކުރުމަށް ނުވަތަ އިމާރާތެއް ތަޅައިލުމަށް؛ ނުވަތަ
  2. އިމާރާތަކަށް ބަދަލެއް ގަނައުމަށް ނުވަތަ އިމާރާތަށް ބައެއް އިތުރުކުރުމަށް ނުވަތަ އިމާރާތެއް މަރާމާތުކުރުމަށް؛ ނުވަތަ
  3. އިމާރާތެއްގައިވާ ނުވަތަ އިމާރާތަކާ ގުޅިފައިވާ އެއަރކޮންޑިށަނިންގ ސިސްޓަމެއް ނުވަތަ ވެންޓިލޭޓިންގ ސިސްޓަމެއް ހަރުކުރުމަށް ނުވަތަ އިތުރުކުރުމަށް ނުވަތަ ބަދަލުކުރުމަށް؛ އަދި
  4. މި އަކުރުގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައިވާ މަސައްކަތްތައް ކުރުމަށް ސައިޓު ތައްޔާރުކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތައްވެސް ހިމެނޭގޮތުންނެވެ.

(ވ) "އިމާރާތްކުރުން" ކަމަށް ބުނެފައި އެވަނީ، ބިނާވެށީގައި ހިމެނޭ އިމާރާތާއި ތަންތަން ހެދުމަށް ނުވަތަ ނިޒާމުތައް ގާއިމުކުރުމަށެވެ. ބިނާވެށީގައި ހިމެނެނީ ، ޒަރޫރީ ބޭނުންތައް ފުއްދުމަށް ގާއިމުކުރާ ނިޒާމުތަކާއި، ހިދުމަތް ފޯރުކޮށްދޭ ތަންތަނާއި، ގެދޮރާއި، މަގާއި، ނަރުދަމާއާއި، ކަރަންޓާއި، ހާބަރު ފަދަ އުމްރާނީ ތަރައްގީއަށް ބޭނުންވާ ތަންތަނެވެ.

(މ) "ރަޖިސްޓަރީ" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ހުއްދަކުރެވޭ ފަރާތްތަކުގެ މައުލޫމާތު އެކުލެވޭ ގޮތަށް މިނިސްޓްރީން ލިޔެ ބަލަހައްޓާ ދަފުތަރަށެވެ.

(ފ) "ރިފަރެންސް ޑޮކިއުމަންޓް" ކަމަށް ބުނެފައި އެވަނީ، މަސައްކަތަކާ ގުޅޭ ގޮތުން އެ މަސައްކަތެއް ހަވާލުކުރި ފަރާތުން ކޮންޓްރެކްޓަރަށް ދީފައިވާ ލިޔުންތަކަށެވެ.

(ދ) "އިންޓަނޭށަނަލް ބީލަން" ކަމަށް ބުނެފައި އެވަނީ، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އަގު ހުށަހެޅޭ ގޮތަށް ހުޅުވައިލާ ބީލަންތަކަށެވެ.

(ތ) "މަށްރޫއު" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ދައިރާއާ ގުޅޭ މަށްރޫއުތަކަށެވެ.

(ލ) "އެމް.ކިޔު.އޭ." ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީ އަށެވެ.

(ގ) ދާއިރާކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރެވޭ މަސައްކަތްތަކުގެ ދާއިރާތަކަށެވެ.

(ޏ) "ފިޔަވަޅު" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ، ހުއްދަދީފައިވާ ފަރާތަކާ ބެހޭގޮތުން ކޮށްފައިވާ ށަކުވާއެއް، ނުވަތަ އެއިން ފަރާތެއްގެ އަމަލުތަކާމެދު ބަލައި ބެލުމަކުން ނިންމޭ ނިންމުމަކަށެވެ.

(ސ) "ސަޕްލައި" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ މަސައްކަތާއި ގުޅުންހުރި ތަކެތި އެތެރެކޮށް ފޯރުކުރުމަށެވެ.

 

ދެވަނަ ބާބު

ރަޖިސްޓަރޭށަން

9 ވަނަ މާއްދާ - ރަޖިސްޓަރީކުރުން

(ހ) އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ކުރާނަމަ، މި ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން އެ މަސައްކަތެއް ކުރުމަށް ކޮންޓްރެކްޓަރުން ރަޖިސްޓަރީ ވާން ވާނެއެވެ. މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެމަތިން ރަޖިސްޓަރީނުވެ ކޮންޓްރެކްޓަރެއް އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، "އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދު" ގެ 44 ވަނަ މާއްދާއާއި 175 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތައް މިއިން އިސްތިސްނާވެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުން، މި ގަވާއިދުގެ ޖަދުވަލު 1 އިން ފެށިގެން ޖަދުވަލު 7 ގެ ނިޔަލަށް ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެވެ.

(ރ) މި ގަވާއިދުގެ ދަށުން، ބިދޭސީ ކޮންޓްރެކްޓަރުން ރަޖިސްޓަރީވެވޭނީ، ކުރާ މަށްރޫއުގެ އަގު 5،000،000 (ފަހެއް މިލިޔަން) އެމެރިކާ ޑޮލަރަށް ވުރެ ބޮޑުނަމައެވެ. މަސައްކަތުގެ އަގު 5،000،000 (ފަހެއް މިލިޔަން) އެމެރިކާ ޑޮލަރަށް ވުރެ ކުޑަ ނަމަ، އެ މަށްރޫއުއެއް ހިންގޭނީ، މި ގަވާއިދުގެ 23 (ތޭވީސް) ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޖޮއިންޓް ވެންޗަރގެ ގޮތުގައި ރަޖިސްޓަރީ ވުމަށް ފަހުގައެވެ.

(ބ) މައި ކުންފުންޏެއްގެ ދަށުން ހިންގާ ސަބްސިޑަރީ ކުންފުންޏެއް ނަމަ، ސަބްސިޑަރީ ކުންފުނީގައި މަދުވެގެން %51 (ފަންސާސް އެކެއް އިންސައްތަ) ހިއްސާދާރަކީ މައި ކުންފުނި ކަމުގައި ވާންވާނެއެވެ. މިފަދައިން ރަޖިސްޓަރީވާ ފަރާތްތަކަށް، އިމާރާތްކުރުމާ ގުޅޭ މަސައްކަތެއް ކުރެވޭނީ، މި ގަވާއިދުގެ 22 (ބާވީސް) ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރަޖިސްޓަރީ ވުމަށް ފަހުގައެވެ.

 

10 ވަނަ މާއްދާ - ރަޖިސްޓަރީކުރެވޭ ދާއިރާތައް

(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރެވޭ ދާއިރާތައް ތިރީގައި މިވަނީއެވެ. މި ދާއިރާތަކުގެ ތަފްސީލު ޖަދުވަލު 1 އިން ފެށިގެން ޖަދުވަލު 7 ގެ ނިޔަލަށް ބަޔާން ކުރެވިފައި ވާނެއެވެ.

  1. ޖެނެރަލް ބިލްޑިންގ ކޮންޓްރެކްޓަރުން (GC01) (އާއި ޖެނެރަލް ސިވިލް ކޮންޓްރެކްޓަރުން (GC02)
  2. ހާބަރ ކޮންޓްރެކްޓަރުން (HC)
  3. ޔުޓިލިޓީ ކޮންޓްރެކްޓަރުން (UC)
  4. ސްޕެސިފިކް ބިލްޑިންގ ކޮންސްޓް ރަކްށަން މަސައްކަތްކުރާ ކޮންޓްރެކްޓަރުން (OB)
  5. ސްޕެސިފިކް މެކޭނިކަލް/އިލެކްޓްރިކަލް މަސައްކަތްކުރާ ކޮންޓްރެކްޓަރުން (ME)
  6. އިމާރާތްކުރުމުގެ ދާއިރާއާ ގުޅޭ ތަކެތި އެތެރެކޮށް ސަޕްލައި ކޮށްދިނުމުގެ މަސައްކަތްކުރާ ކޮންޓްރެކްޓަރުން (SY)
  7. އިމާރާތްކުރުމުގެ ދާއިރާއާ ގުޅުންހުރި އެހެނިހެން މަސައްކަތް ކުރާ ކޮންޓްރެކްޓަރުން (OT)
  8. އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އުފައްދާ ފަރާތްތައް (CM)

 

11 ވަނަ މާއްދާ - ރަޖިސްޓަރީ ކޮށްދެވޭ މުއްދަތު

ކޮންމެ ރަޖިސްޓްރޭށަނެއްގެ މުއްދަތަކީ، ރަޖިސްޓަރީ ކުރެވޭ ދުވަހުން ފެށިގެން 2 (ދޭއް) އަހަރުދުވަހެވެ.

 

12 ވަނަ މާއްދާ - ރަޖިސްޓަރޭށަނަށް އެދި ހުޅަހެޅުން

ރަޖިސްޓަރޭށަނަށް އެދި ހުށަހަޅާއިރު، ތިރީގައި ބަޔާން ކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅަން ވާނެއެވެ. ހުއްދައަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުންނަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް، ފޯމުގައިވާ ތަރުތީބުންނެވެ.

(ހ) މިނިސްޓްރީން އާންމުކޮށްފައިވާ "އިމާރާތްކުރުމުގެ ދާއިރާގެ އަމަލީ މަސައްކަތް ކުރާ ފަރާތްތައް ރަޖިސްޓަރީކުރުމަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު؛

(ށ) ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން  ދޫކޮށްފައިވާ ވިޔަފާރި ހުއްދައިގެ ކޮޕީ؛

(ނ) ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުން ރަޖިސްޓަރީވާން ބޭނުންވާ ގިންތިއެއްގައި ރަޖިސްޓަރީ ވުމަށް ޓަކައި ހުށަހަޅަން ޖަދުވަލު 1 އިން ފެށިގެން ޖަދުވަލު 7 ގެ ނިޔަލަށް ބަޔާންކޮށްފައިވާ ފަދައިން ފާއިތުވެދިޔަ 3 (ތިނެއް) އަހަރުދުވަހު ގެ މާލީ ލިޔެކިޔުންތައް ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުށަހެޅުން؛  

  1. ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުން ރަޖިސްޓަރީވާން ބޭނުންވާ ގިންތިއެއްގައި ހުށަހަޅަން ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ފަދައިން ފާއިތުވެދިޔަ  3 (ތިނެއް) އަހަރުދުވަހުގެ މާލީ ލިޔެކިޔުންތައް، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުށަހެޅުން؛
    1. ރަޖިސްޓަރީވުމަށް އެދި ހުށަހަޅައިފައިވާ ފަރާތުގެ ވިޔަފާރީގެ އެ އަހަރުގެ އާމްދަނީ 10،000،000 (ދިހަ މިލިޔަން) ރުފިޔާ ނަމަ، ނުވަތަ އެއަށްވުރެ ބޮޑުނަމަ، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ހުށަހަޅައި، އޯޑިޓް ރިޕޯޓުގެ ކޮޕީ ހުށަހެޅުން؛
    2. ރަޖިސްޓަރީވުމަށް އެދި ހުށަހަޅައިފައިވާ ފަރާތުގެ ވިޔަފާރީގެ އެ އަހަރުގެ އާމްދަނީ 10،000،000 (ދިހަ މިލިޔަން) ރުފިޔާއަށް ވުރެ ކުޑަ ނަމަ، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ހުށަހަޅައި، ފައިނޭންށަލް ސްޓޭޓްމަންޓް ހުށަހެޅުން.
  2. މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވީނަމަވެސް ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތަކީ، އިމާރާތްކުރުމުގެ ދާއިރާގައި 3 (ތިނެއް) އަހަރު ނުވާ ކޮންޓްރެކްޓަރެއް ނަމަ، ހުށަހަޅާނީ އެފަރާތަކުން ވިޔަފާރި ރަޖިސްޓަރީކުރެވިފައިވާ މުއްދަތުގެ މާލީ ލިޔެކިޔުންތަކެވެ.
  3. ބިދޭސީ ފަރާތްތަކުން ހުށަހަޅާ މާލީ ލިޔެކިޔުންތައް ހުންނަންވާނީ އިނގިރޭސި ބަހުންނެވެ. އަދި (ކަނޑައިލުން) މި ލިޔެކިޔުންތަކަކީ، ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތް ނިސްބަތްވާ ގައުމެއްގެ އެމްބަސީން އަސްލާ އެއްގޮތްކަމަށް ބަޔާންކޮށްފައިވާ ލިޔެކިޔުންތަކެއް ކަމުގައި ވާން ވާނެއެވެ.

(ރ) ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުން ރަޖިސްޓަރީވާން ބޭނުންވާ ގިންތިއެއްގައި ރަޖިސްޓަރީ ވުމަށް ޓަކައި ހުށަހަޅަން ޖަދުވަލު 1 އިން ފެށިގެން ޖަދުވަލު 7 ގެ ނިޔަލަށް ބަޔާންކޮށްފައިވާ ފަދައިން، ފާއިތުވެދިޔަ  (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ކޮށްފައިވާ މަސައްކަތާއި، މަސައްކަތުގެ ތަފުސީލު ހުށަހެޅުން؛

  1. މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން، މަސައްކަތުގެ ރިފަރެންސް ޑޮކިއުމަންމަޓުގައި، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހިމެނެންވާނެއެވެ.
    1. މަސައްކަތުގެ ނަން؛
    2. މަސައްކަތް ކުރި ފަރާތުން އެ މަށްރޫއުއެއްގައި ކޮށްފައިވާ މަސައްކަތުގެ ތަފުސީލު؛
    3. މަސައްކަތުގެ އަގު؛
    4. މަސައްކަތް ނިންމަން ކަނޑައަޅައިފައިވާ ތާރީހު؛
    5. މަސައްކަތް ނިމުނު ތާރީހު؛ އަދި
    6. މަސައްކަތުގެ ފެންވަރު.
  2. ސަބްކޮންޓްރެކްޓަރެއްގެ ގޮތުގައި ފާއިތުވެދިޔަ ތަނުގައި ކޮށްފައިވާ މަސައްކަތުގެ އަގުކަމަށް ބެލޭނީ ސަބްކޮންޓްރެކްޓަރު އެ މަސައްކަތެއް ކޮށްފައިވާ އަގަށެވެ.

(ބ) ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތުން އެ ފަރާތެއްގެ ދާއިމީ މުވައްޒަފުންގެ ގޮތުގައި ޖަދުވަލު 1 އިން ފެށިގެން ޖަދުވަލު 7 ގެ ނިޔަލަށް ބަޔާންކޮށްފައިވާ އެންމެ މަދުމިންވަރަށް، ރަޖިސްޓަރީވާން ބޭނުންވާ މަސައްކަތެއްގެ ބާވަތުން، ފަންނީ މީހުން ތިބިކަން ސާބިތުކޮށްދިނުމުގެ ގޮތުން، ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހެޅުން؛

  1. މުވައްޒަފުގެ ތައުލީމީ ފެންވަރު އަންގައިދޭ، އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ؛
  2. ކުންފުންޏާއި މުވައްޒަފާ ދެމެދު ވެފައިވާ މަސައްކަތު އެއްބަސްވުމުގެ ކޮޕީ (ހަމައެކަނި ދިވެހި މުވައްޒަފުންނަށް)؛
  3. ދާއިމީ ދިވެހި މުވައްޒަފެއްނަމަ، ޕެންށަން އޮފީހުގައި ރަޖިސްޓަރީކޮށްފައިވާ ކަމުގެ ލިޔުން؛
  4. މަސައްކަތުގައި ބައިވެރިވާ މުވައްޒަފުންގެ ވަނަވަރު؛ އަދި
  5. ބިދޭސީ މުވައްޒަފުންގެ ވޯކް ވިސާ ކާޑުގެ ކޮޕީ.
  6. ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތުން އެ ފަރާތެއްގެ ބެލުމުގެ ދަށުގައިވާ މުވައްޒަފުންނަކީ، ޖަދުވަލު 1 އިން ފެށިގެން ޖަދުވަލު 7 ގެ ނިޔަލަށް ބަޔާންކޮށްފައިވާ ފަންނީ މީހުންގެ ގޮތުގައި ވަގުތީ މުވައްޒަފުންގެ ނަން ވެސް ހުށަހެޅިދާނެއެވެ. މިގޮތުން ހުށަހަޅާ މުވައްޒަފުންނަކީ ދިވެހި ރައްޔިތުންކަމުގައި ވާންވާނެއެވެ. މިގޮތަށް ހުށަހަޅާނަމަ، ފަންނީ މުވައްޒަފާއި އެ ފަރާތާ ދެމެދު ވެފައިވާ މަސައްކަތުގެ އެއްބަސްވުން ހުށަހަޅަން ވާނެއެވެ. މި އެއްބަސްވުމުގެ މުއްދަތު، ރަޖިސްޓަރީވާ މުއްދަތަށް ވުރެ ކުރުވެގެން ނުވާނެއެވެ.

(ޅ) ހާބަރ ކޮންޓްރެކްޓަރުން (HC) ނާއި، ޔުޓިލިޓީ ކޮންޓްރެކްޓަރުން (UC) ގައި ރަޖިސްޓަރީވުމަށް ބޭނުންވާ ކުންފުނިތަކުން އެ ކުންފުނިތަކުގައި މި މަސައްކަތްތައް ފުރިހަމަ ކުރުމަށް ބޭނުންވާ އާލާތްތަކާއި އުޅަނދުތައް ހުރިކަން ސާބިތުކޮށްދޭން ޖެހޭނެއެވެ. މި ތަކެތި ހުންނަންޖެހޭނެ އެންމެ މަދުމިންވަރު، މި ގަވާއިދުގެ ޖަދުވަލު 1 އިން ފެށިގެން ޖަދުވަލު 7 ގެ ނިޔަލަށް ލިސްޓުކުރެވިފައި ވާނެއެވެ.

  1. ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުން، މަސައްކަތަކަށް ބޭނުންވާ އާލާތްތަކާއި އުޅަނދުތައް ހުރިކަން ސާބިތުކޮށްދިނުމުގެ ގޮތުން، އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަން ވާނެއެވެ.
    1. އުޅަނދުގެ ރަޖިސްޓްރޭށަން ސެޓުފިކެޓުގެ ކޮޕީ: (ނޯޓު: މި މަސައްކަތުގައި ބޭނުންކުރާ އާލާތްތަކާއި އުޅަނދުތަކަކީ ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ތަކެއްޗަށް ވާންޖެހޭނެއެވެ.) ނުވަތަ،
    2. ރަޖިސްޓަރީވާން ހުށަހަޅާ ފަރާތަކުން އެ މަސައްކަތަކަށް ބޭނުންވާ އާލާތްތަކާއި އުޅަނދުތައް، އާލާތްތަކާއި އުޅަނދުތައް ކުށްޔަށް ދޫކުރާ ފަރާތަކުން ރަޖިސްޓްރީވާން އެދި ހުށަހަޅާ ފަރާތަށް ރަޖިސްޓްރޭށަންގެ މުއްދަތަށް ކުއްޔަށް ދޫކުރާނެ ކަމަށް އެއްބަސްވާ އެއްބަސްވުން. ނުވަތަ؛
    3. ބިދޭސީ ކޮންޓްރެކްޓަރުން ވަކި ޕްރޮޖެކްޓަކަށް ބޭނުންކުރާ އާލާތްތަކާއި އުޅަނދުތަކުގެ ރަޖިސްޓަރީ ނެތްނަމަ، ދިވެހިރާއްޖެއަށް އެ ތަކެތި އެތެރެކޮށްފައިވާ ކަމުގެ ލިޔުން ހުށަހަޅަން ވާނެއެވެ.

 

13 ވަނަ މާއްދާ - އިންޓަރނޭށަނަލް ބީލަންތަކަށް ކުރިމަތިލާ ފަރާތްތައް އަމަލުކުރަންވީ ގޮތް

(ހ) އިންޓަރނޭށަނަލް ބީލަން ތަކަށް ކުރިމަތިލާ ފަރާތްތަކުން ، ބީލަމަށް ހުށަހެޅުމުގެ ކުރިން، ކުރިމަތިލާން ބޭނުންވާ ދާއިރާގެ ގިންތިއަށް ށަރުތު ހަމަވޭތޯ ބެލުމުގެ ގޮތުން މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ށ) ގައިވާ ލިޔުން ފިޔަވައި އެހެން ލިޔުންތައް، މި މާއްދާގައިވާ ފަދައިން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުށަހަޅައިފައިވާ ފަރާތްތަކުގެ ށަރުތު ހަމަވާނަމަ، ސަރުކާރު ބަންދުނޫން 14 (ސާދަ) ދުވަހުގެ ތެރޭގައި ށަރުތު ހަމަވާ މަސައްކަތުގެ ދާއިރާއާއި ގިންތި އެނގޭނެ ފަދައިން، ލިޔުން ދޫކުރަން ވާނެއެވެ.  

 

14 ވަނަ މާއްދާ - ހުށަހަޅާ ލިޔެކިޔުންތަކުގެ ސައްހަކަން ބެލުން

(ހ) ރަޖިސްޓަރީވުމަށް އެދި ހުށަހަޅައިފައިވާ މައުލޫމާތުތަކުގެ ސައްހަކަން ހޯދަން ޖެހިއްޖެ ހާލަތެއްގައި، އެފަދަ ފަރާތްތަކާ މުއާމަލާތުކޮށްގެން ނުވަތަ ހާޒިރުކޮށްގެން ނުވަތަ މިނިސްޓްރީގެ އޮފިސަރުން މައުލޫމާތު ހުށަހެޅި ފަރާތުގެ އޮފީހަށް ނުވަތަ އެ ފަރާތުގެ މަސައްކަތުގެ މާހައުލަށް ފޮނުވައިގެން މައުލޫމާތުތައް ސާފުކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ކުރާ ދަތުރުތަކާއި އެކަމަށް ދާ ހަރަދުތަކުގެ ޒިންމާ ނަގާނީ ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާ ފަރާތުންނެވެ. 

 

15 ވަނަ މާއްދާރަޖިސްޓަރީ ކޮށްދިނުން

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވުމަށް އެދި ހުށަހެޅުމުން، މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަވާނަމަ، ރަޖިސްޓަރީ ކުރެވޭ މަސައްކަތުގެ ދާއިރާއާއި ލިބިފައިވާ ގިންތި އެނގޭނެ ފަދައިން، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ ފަރާތެއް ރަޖިސްޓަރީކޮށް، ރަޖިސްޓަރީވިކަން އަންގައިދޭ ލިޔުން ދޫކުރަން ވާނެއެވެ.

(ހ) މި މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، އަލަށް ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތްތައް، ފޯމު ހުށަހަޅާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 10 (ދިހަ) ދުވަހުގެ ތެރޭގައި އެ ފަރާތެއް ރަޖިސްޓަރީކޮށްދިނުން.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ރަޖިސްޓަރޭށަން އައުކުރުމަށް އެދި ހުށަހެޅުމުން، ފޯމު ހުށަހަޅާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 20 (ވިހި) ދުވަހުގެ ތެރޭގައި އެ ފަރާތެއްގެ ރަޖިސްޓަރީ އައުކޮށްދިނުން؛ 

 

16 ވަނަ މާއްދާ - ރަޖިސްޓަރޭށަނަށް ފީ

(ހ) ( މި ގަވާއިދުގެ ދަށުން ރަޖިސްޓަރިވާ ކޮންޓްރެކްޓަރެއްނަމަ، ޖެނެރަލް ބިލްޑިންގ ކޮންޓުރެކްޓަރުން (GC01)، ޖެނެރަލް ސިވިލް ކޮންޓްރެކްޓަރުން (GC02)، ހާބަރ ކޮންޓްރެކްޓަރުން (HC)، ޔުޓިލިޓީ ކޮންޓްރެކްޓަރުން (UC)، މިއިން ކޮންމެ ދާއިރާއެއްގެ ރަޖިސްޓަރޭށަން ފީއަކީ 1000 (އެއްހާސް) ރުފިޔާއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދާއިރާތަކުގައި ރަޖިސްޓަރީވާ ބިދޭސީ ކޮންޓްރެކްޓަރެއް ނަމަ، އަދި ބިދޭސީ ޖޮއިންޓް ވެންޗަރގެ ގޮތުގައި ރަޖިސްޓަރީވާ ކޮންޓްރެކްޓަރެއް ނަމަ، ރަޖިސްޓަރީވާން އެދޭ ކޮންމެ ދާއިރާއެ އްގެ ރަޖިސްޓަރޭށަން ފީއަކީ 1000 (އެކެއް ހާސް) އެމެރިކާ ޑޮލަރެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސައްކަތުގެ ދާއިރާތައް ފިޔަވައި އެހެން ހުރިހާ ދާއިރާއެއްގައި ރަޖިސްޓަރީވުމުގެ އެދި ހުށަހަޅާ ފަރާތްތަކުން ރަޖިސްޓަރީވާން އެދޭ ދާއިރާއެއްގެ )ކަނޑައިލުން( ރަޖިސްޓަރޭށަން ފީއަކީ 100 (އެއްސަތޭކަ) ރުފިޔާއެވެ.

(ރ) މި މާއްދާގެ (ހ) ގައި ވާ ދާއިރާތައް ފިޔަވައި އެހެން ދާއިރާތަކުގައި ބިދޭސީ ކޮންޓްރެކްޓަރެއްގެ ގޮތުގައި ރަޖިސްޓަރީވާން އެދި ހުށަހަޅާ ފަރާތްތަކުން ނެގޭ ރަޖިސްޓަރޭށަން ފީއަކީ ކޮންމެ ފަހަރަކަށް 100 (އެއްސަތޭކަ) އެމެރިކާ ޑޮލަރެވެ.

(ބ) މި ގަވާއިދުގެ 19 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ރަޖިސްޓަރޭށަން ފީއެއްގެ ގޮތުގައި 100 (އެއްސަތޭކަ) ރުފިޔާ ނެގޭނެއެވެ. އަދި އެއީ ބިދޭސީ ކޮންޓްރެކްޓަރެއްނަމަ ، ރަޖިސްޓަރޭށަން ފީއެއްގެ ގޮތުގައި 100 (އެއްސަތޭކަ) އެމެރިކާ ޑޮލަރު ނެގޭނެއެވެ. 

 

17 ވަނަ މާއްދާ - ރަޖިސްޓަރޭށަނަށް އެދި ހުށަހަޅާ ހުށަހެޅުން ބާތިލުވުން

ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތްތައް ރަޖިސްޓަރީ ކުރުމަށް ނަގާ ފީ ދެއްކުމަށް އެންގުމުން، ސަރުކާރު ބަންދުނޫން 20 (ވިހި) ދުވަހުގެ ތެރޭގައި ފީ ނު ދައްކައިފިނަމަ، އެ ފަރާތުން ހުށަހަޅައިފައިވާ ރަޖިސްޓަރޭށަންގެ ހުށަހެޅުން ބާތިލުވާނެއެވެ. 

 

 18 ވަނަ މާއްދާ - ރަޖިސްޓަރޭށަން އައުކުރުން

(ހ)  ރަޖިސްޓަރޭށަންގެ މުއްދަތު ހަމަވުމުގެ 1 (އެކެއް) މަސްދުވަހުގެ ކުރިން ރަޖިސްޓަރޭށަން އައުކުރުމަށް އެދި ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން ރަޖިސްޓަރޭށަން އައުކުރުމަށް މިނިސްޓްރީއަށް ހުށަހަޅައިގެން ރަޖިސްޓަރޭށަން އައުކޮށްފައިދީފައި ނުވާނަމަ ރަޖިސްޓަރޭށަންގެ މުއްދަތު ހަމަވުމުން ރަޖިސްޓަރޭށަން ބާތިލުވާނެއެވެ. އަދި ކޮންޓްރެކްޓަރުންގެ ދަފުތަރުގައި އެ ފަރާތެއްގެ ރަޖިސްޓަރޭށަނުގެ މުއްދަތު ހަމަވެފައިވާކަމަށް އެންގޭނެއެވެ.

(ނ) ރަޖިސްޓަރޭށަން އައުކުރުމަށްޓަކައި ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

  1. މިނިސްޓްރީން އާންމުކޮށްފައިވާ "އިމާރާތްކުރުމުގެ ދާއިރާގެ އަމަލީ މަސައްކަތް ކުރާ ފަރާތްތައް ރަޖިސްޓަރީކުރުމަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު؛
  2. މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ނ) ގެ (1) އާއި (2) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވޭތުވެދިޔަ 2 (ދޭއް) އަހަރުދުވަހުގެ މާލީ ފެންވަރު އަންގައިދޭ އޯޑިޓް ރިޕޯޓު؛
  3. މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވޭތުވެދިޔަ 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި ކޮށްފައިވާ މަސައްކަތުގެ ތަފުސީލު؛
  4. މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކުންފުނީގައި ހިމެނޭ ފަންނީ މުވައްޒަފުން؛
  5. މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މަސައްކަތުގައި ގެންގުޅޭ އާލާތްތަކާއި އުޅަނދުތައް؛

(ރ) މި މާއްދާގެ (ށ) ގައިވާ ފަރާތެއްގެ ދަރަޖަތައް އެނގޭގޮތަށް އަލުން ރަޖިސްޓަރީ ކުރުމަށް ހުށަހެޅުމުން، އެ ފަރާތެއް ށަރުތު ހަމަވާ ދާއިރާއެއްގެ ދަރަޖައިގައި ރަޖިސްޓަރީކޮށް، ރަޖިސްޓަރީވެފައިވާކަން އަންގައިދޭ ލިޔުން ދޫކުރަންވާނެއެވެ.

 

19 ވަނަ މާއްދާ - ރަޖިސްޓަރީކޮށްދީފައިވާ ފަރާތެއްގެ މައުލޫމާތުތައް ބަދަލުވުން

(ހ) ކޮންޓްރެކްޓަރެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތަކުން އެ ފަރާތެއްގެ ހިންގުމުގެ އޮނިގަނޑަށް، ނުވަތަ އެޑްރެހަށް ނުވަތަ ރަޖިސްޓަރޭށަނާ ގުޅުންހުރި އެއްވެސް މައުލޫމާތަކަށް ބަދަލެއް އައިސްފައިވާނަމަ، ސަރުކާރު ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް އެކަން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަ ދައިން އަންނަ ބަދަލަކާ ގުޅިގެން ރަޖިސްޓަރީ ކޮށްދީފައިވާ ދާއިރާ ނުވަތަ ދާއިރާގެ ގިންތިއަށް ބަދަލެއް އަންނަ ނަމަ، އެފަދައިން އެ ފަރާތެއް ރަޖިސްޓަރީވެފައިވާ ދާއިރާއާއި ދާއިރާގެ ގިންތި މުތާލިއާކުރުމަށްފަހު، 15 ވަނަ މާއްދާގައިވާ ފަދައިން އެފަރާތެއް އަލުން ރަޖިސްޓަރީކުރަންވާނެއެވެ.

 

20 ވަނަ މާއްދާ -  ޓްރެކް ރިކޯޑުގެ ގޮތުގައި އެއްފަރާތެއްގެ މަސައްކަތް އަނެއް ފަރާތަށް ބަދަލުކުރުން

(ހ)  ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި އެއްފަރާތުން ކޮށްފައިވާ މަސައްކަތެއް ޓްރެކް ރިކޯޑުގެ ގޮތުގައި އެހެން ފަރާތަކުން ކޮށްފައިވާ މަސައްކަތެއްގެ ގޮތުގައި ބަލައިގަނެވޭނެއެވެ.

  1. އަމިއްލަ ފަރުދެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިއެއް، ނުވަތަ ޕާޓްނަރށިޕެއް، ނުވަތަ ކޯޕަރޭށަނަކަށް، ނުވަތަ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކުރުން؛
  2. ވިޔަފާރިއެއް، އެ ފަރާތުގެ މައިގަނޑު މަގްސަދުތައް ބަދަލުނުކޮށް، ވިޔަފާރީގެ ނަން ބަދަލުކުރުން؛
  3. ބިދޭސީ ކޮންޓްރެކްޓަރެއް ރާއްޖޭގައި ލޯކަލް އިންވެސްޓްމަންޓެއްގެ ގޮތުގައި ރަޖިސްޓަރީ ވުން؛ އަދި
  4. މި ގަވާއިދުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން މައި ކުންފުންޏެއްގެ ދަށުން ސަބްސިޑަރީ ކުންފުންޏެއްގެ މަސައްކަތްކުރުމަށް ރަޖިސްޓަރީކުރުން

 

21 ވަނަ މާއްދާ - އިންށުއަރަންސް ނެގުން

(ހ) މި ގަވާއިދުގެ ދަށުން އިމާރާތް ކުރުމުގެ މަސައްކަތްކުރާ ފަރާތްތައް، އެ ފަރާތުން ކުރަމުންދާ މަސައްކަތުގެ އަގަކީ 1،500،000 (ފަނަރަ ލައްކަ) ރުފިޔާ ނަމަ، ނުވަތަ އެއަށް ވުރެ ބޮޑު ނަމަ، އެ މަސައްކަތަކަށް އިންށުއަރަންސް ހޯދަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވާ ފަރާތްތައް، މި ގަވާއިދު ތަންފީޒުކުރާ ދުވަހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، އެ ފަރާތަކުން ކުރަމުންދާ މަސައްކަތްތަކަށް އިންށުއަރަންސް ހޯދަން ވާނެއެވެ.

(ނ) އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން ގެންދާއިރު، ވަށައިގެންވާ މާހައުލާއި، މަސައްކަތު މީހުންނާއި، ހިނގާބިނގާވެ އުޅޭ ފަރާތްތަކާއި، މީހުންގެ މުދަލާއި، އެއްގަމު އުޅަނދުފަހަރަށް ލިބިދާނެ ގެއްލުމެއްގެ ބަދަލު ދިނުމަށްޓަކައި، މި ކަންކަން ހިމެނޭގޮތަށް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިންށުއަރަންސް ކަވަރޭޖެއް ހޯދަން ވާނެއެވެ. 

 

22 ވަނަ މާއްދާ - ޕްރޮޖެކްޓު ލައިސަންސް

(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތެއް އިމާރާތުގެ ސްޓްރަކްޗަރާ ގުޅުންހުރި ނަމަ، އަދި ކުރާ މަސައްކަތުގެ އަގު 1،500،000 (ފަނަރަ ލައްކަ) ރުފިޔާ ނަމަ، ނުވަތަ އެއަށް ވުރެ ބޮޑުނަމަ، ޕްރޮޖެކްޓް ލައިސަންސް ނަގަންވާނެއެވެ.

(ށ) ޕްރޮޖެކްޓް ލައިސަންސަށް އެދި ހުށަހަޅާއިރު، ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅަން ވާނެއެވެ. މި ލިޔުންތައް ހުށަހަޅާއިރު، އެއްވެސް ލިޔެކިޔުމެއް މަދުނަމަ، އެ ފަރާތެއްގެ ހުށަހެޅުން ބަލައެއް ނުގަނެވޭނެއެވެ.

  1. މިނިސްޓްރީން އާންމުކޮށްފައިވާ ޕްރޮޖެކްޓު ލައިސެންސަށް އެދި ހުށަހަޅާ ފޯމު؛
  2. ސޮއިކޮށްފައިވާ މަސައްކަތު އެއްބަސްވުމުގެ ކޮޕީ ނުވަތަ މަސަތްކަތް ހަވާލުކުރެވުނު ކަމުގެ ލިޔުން؛ (މި ލިޔެކިޔުންތަކުގައި، މަސައްކަތުގެ ތަފުސީލާއި، މަސައްކަތް ކުރާނެ ތަނާއި، މަސައްކަތް ފަށާ ތާރީހާއި، މުއްދަތާއި، މަސައްކަތުގެ އަގު ހިމެނެން ވާނެއެވެ.) އަދި
  3. ޕްރޮޖެކްޓް އިންށުއަރަންސް ކުރިކަމުގެ ލިޔުން.

(ނ) މި މާއްދާގެ (ށ) ގައިވާ މައުލޫމާތުތަކާ އެކުގައި ހުށަހެޅުމުން، ސަރުކާރު ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި ޕްރޮޖެކްޓް ލައިސެންސް ލިޔުން ދޫކުރެވޭނެއެވެ.

 

23 ވަނަ މާއްދާ - ޖޮއިންޓު ވެންޗަރ ރަޖިސްޓަރީ ކުރުން

ޖޮއިންޓް ވެންޗަރއެއްގެ ގޮތުގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވުމަށް ފަހުގައެވެ.

(ހ) ޖޮއިންޓް ވެންޗަރއެއްގެ ގޮތުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތްތަކަކީ، މި ގަވާއިދުގެ ދަށުން ޖޮއިންޓު ވެންޗަރ ހަދަން ބޭނުންވާ ދާއިރާގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަކަށް ވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަކި ޕްރޮޖެކްޓެއް ހެދުމަށްޓަކައި ހަދާ ޖޮއިންޓް ވެންޗަރއެއް، އެ ޖޮއިންޓް ވެންޗަރގައި ބައިވެރިވާ ކުންފުނިތަކަކީ ވަކިން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކެއް ނަމަ، އަދި އެންމެ އިސް ހިއްސާދަރަކީ އިމާރާތްކުރުމުގެ މަސައްކަތުގެ ތެރޭގައި އެ ފަރާތެއް ކުރާ މަސައްކަތް ހިމެނޭ ދާއިރާގެ ދަރަޖައެއްގައި ރަޖިސްޓުރީވެފައިވާ ފަރާތެއްނަމަ، މިފަދަ ވަކި މަސައްކަތަކަށް ހެދޭ ޖޮއިންޓު ވެންޗަރތައް ރަޖިސްޓަރީކުރާކަށެއް ނުޖެހޭނެއެވެ.

(ނ) ޖޮއިންޓު ވެންޗަރގައި ރަޖިސްޓަރީ ވުމަށް ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅަން ވާނެއެވެ. އަދި ހުށަހަޅާއިރު އެއްވެސް ލިޔެކިޔުމެއް މަދުނަމަ، އެ ފަރާތެއްގެ ހުށަހެޅުން ބަލައެއް ނުގަނެވޭނެއެވެ.

  1. ޖޮއިންޓު ވެންޗަރ ރަޖިސްޓަރީކުރުމަށް އެދޭ ފޯމު؛
  2. ޖޮއިންޓް ވެންޗަރގައި ހިމެނޭ ފަރާތްތަކުން، ޖޮއިންޓު ވެންޗަރގައި މާލީގޮތުން ހިއްސާވާވަރު އަންގައިދޭ އެއްބަސްވެފައިވާ ލިޔެކިޔުންތައް؛ އަދ
  3. ޖޮއިންޓު ވެންޗަރގައި ބައިވެރިވާ ފަރާތްތަކުން، ޖޮއިންޓު ވެންޗަރއިން ހިންގާ މަށްރޫއުތަކުގައި ބައިވެރިވާނެ ފަންނީ މީހުންގެ ގޮތުގައި ހުށަހަޅާ ފަރާތްތަކުގެ ނަމާއި، އެ ފަރާތްތަކުގެ ތައުލީމީ ފެންވަރު އަންގައިދޭ ލިޔެކިޔުންތައް.

(ރ) ޖޮއިންޓު ވެންޗަރ ހެދޭނީ ތިރީގައި ބަޔާންކޮށްފައި ގޮތުގެ މަތިންނެވެ.

  1. ހާބަރ ކޮންޓްރެކްޓަރުން (HC) އަދި ޔުޓިލިޓީ ކޮންޓްރެކްޓަރުން (UC) ގެ ގޮތުގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ މެދުގައި ޖޮއިންޓު ވެންޗަރގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭނެ ގޮތް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
    1. މި ދާއިރާގެ 2 (ދޭއް) ވަނަ ގިންތީގެ 3 (ތިނެއް) ކޮންޓްރެކްޓަރުން ޖޮއިންޓް ވެންޗަރ ހަދާނަމަ، މި ދާއިރާގެ 1 (އެކެއް) ވަނަ ގިންތީގައި ރަޖިސްޓަރީ ކުރެވޭނެއެވެ.
    2. މި ދާއިރާގެ 2 (ދޭއް) ވަނަ ގިންތީގެ 1 (އެކެއް) ކޮންޓްރެކްޓަރަކާއި 3 (ތިނެއް) ވަނަ ގިންތީގެ 2 (ދޭއް) ކޮންޓްރެކްޓަރުން ޖޮއިންޓް ވެންޗަރ ހަދާނަމަ، މި ދާއިރާގެ 1( އެކެއް( ވަނަ ގިންތީ ގައި ރަޖިސްޓަރީ ކުރެވޭނެއެވެ.
    3. މި ދާއިރާގެ 3 (ތިނެއް) ވަނަ ގިންތީގެ 3 (ތިނެއް) ކޮންޓްރެކްޓަރުން ޖޮއިންޓް ވެންޗަރ ހަދާނަމަ، މި ދާއިރާގެ 2 (ދޭއް) ވަނަ ގިންތީގައި ރަޖިސްޓަރީ ކުރެވޭނެއެވެ.  
  2. ޖެނެރަލް ބިލްޑިންގ ކޮންޓްރެކްޓަރުން (GC01) އަދި ޖެނެރަލް ސިވިލް ކޮންޓްރެކްޓަރުން (GC02) ގެ ގޮތުގައި ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކުގެ މެދުގައި ޖޮއިންޓު ވެންޗަރ ހެދޭނެ ގޮތްތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
    1. މި ދާއިރާގެ 2 (ދޭއް) ވަނަ ގިންތީގެ 2 (ދޭއް) ކޮންޓްރެކްޓަރުން ޖޮއިންޓް ވެންޗަރ ހަދާނަމަ، މި ދާއިރާގެ 1 (އެކެއް) ވަނަ ގިންތީގައި ރަޖިސްޓަރީ ކުރެވޭނެއެވެ.
    2. މި ދާއިރާގެ 2 (ދޭއް) ވަނަ ގިންތީގެ 1 (އެކެއް) ކޮންޓްރެކްޓަރަކާއި 3 (ތިނެއް) ވަނަ ގިންތީގެ 2 (ދޭއް) ކޮންޓްރެކްޓަރުން ޖޮއިންޓް ވެންޗަރ ހަދާނަމަ، މި ދާއިރާގެ 1 (އެކެއް) ވަނަ ގިންތީގައި ރަޖިސްޓަރީ ކުރެވޭނެއެވެ.
    3. މި ދާއިރާގެ 3 (ތިނެއް) ވަނަ ގިންތީގެ 3 (ތިނެއް) ކޮންޓްރެކްޓަރުން ޖޮއިންޓް ވެންޗަރ ހަދާނަމަ، މި ދާއިރާގެ 2 (ދޭއް) ވަނަ ގިންތީގައި ރަޖިސްޓަރީ ކުރެވޭނެއެވެ.
    4. މި ދާއިރާގެ 3 (ތިނެއް) ވަނަ ގިންތީގެ 2 (ދޭއް) ކޮންޓްރެކްޓަރުންނާއި 4 (ހަތަރެއް) ވަނަ ގިންތީގެ 3 (ތިނެއް) ކޮންޓްރެކްޓަރުން ޖޮއިންޓް ވެންޗަރ ހަދާނަމަ، މި ދާއިރާގެ 2) ދޭއް( ވަނަ ގިންތީގައި ރަޖިސްޓަރީ ކުރެވޭނެއެވެ.

(ބ) ޖޮއިންޓް ވެންޗަރގެ ދަށުން ބިދޭސީ ފަރާތްތަކަށް 5،000،000 (ފަސް މިލިޔަން) އެމެރިކާ ޑޮލަރަށް ވުރެ އަގު ކުޑަ މަސައްކަތް ކުރެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ
މަތިންނެވެ.

  1. ރާއްޖޭގެ ކޮންޓްރެކްޓަރަކާއި ބިދޭސީ ކޮންޓްރެކްޓަރަކާ ދެމެދުގައި ޖޮއިންޓް ވެންޗަރއެއް ހަދައިފައިވާނަމަ، ރާއްޖޭގެ ކޮންޓްރެކްޓަރުގެ ހިއްސާ %35 (ތިރީސް ފަހެއް އިންސައްތަ) އަށް ވުރެ ކުޑަނުވުން؛ އަދި
  2. ޖޮއިންޓް ވެންޗަރގެ ގޮތުގައި ރަޖިސްޓަރީވާ ހުރިހާ ފަރާތްތަކެއްގެ ފަންނީ މުވައްޒަފުންގެ %30 (ތިރީސް އިންސައްތަ) ދިވެހިންކަމުގައި ވުން.

 

24 ވަނަ މާއްދާ - މައި ކުންފުންޏެއްގެ ދަށުން ސަބްސިޑަރީ ކުންފުންޏެއް ގޮތުގައި ރަޖިސްޓަރީވުން

(ހ) މައި ކުންފުންޏެއްގެ ދަށުން ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި އަލަށް ރަޖިސްޓަރީވާން ހުށަހަޅާ ފަރާތްތަކުން، މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅާއިރު، މައި ކުންފުނީގެ ލިޔެކިޔުންތައް، ސަބްސިޑަރީ ކުންފުނީގެ ގޮތުގައި ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ލިޔެކިޔުންތައް ހުށަހަޅަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ހިމެނޭ ގޮތަށް، މައި ކުންފުނީގެ ބޯޑު ރިޒޮލިއުށަނާ އެކުގައެވެ.

  1. ޕްރޮޖެކްޓް ހިންގުމަށް ބޭނުންވާ ޓެކްނިކަލް ފަރާތްތަކުގެ ނަމާއި އެހެނިހެން މައުލޫމާތުތައް؛
  2. ސަބްސިޑަރީ ކުންފުނިން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމުގެ ޒިންމާ އުފުލާނެކަމާއި، ސަބްސިޑަރީ ކުންފުންޏަށް ޕްރޮޖެކްޓް ފުރިހަމަ ނުކުރެވިއްޖެނަމަ ލިބޭ ގެއްލުމުގެ ޒިންމާ އުފުލާނެ ކަން؛ 

 

25 ވަނަ މާއްދާ - ހާއްސަ ހުއްދަތަކާއެކު ރަޖިސްޓަރީ ކޮށްދިނުން

(ހ) އުމްރާނީ ތަރައްގީގެ މަށްރޫއުތައް ކުރިއެރުވުމަށް ދިވެހި ސަރުކާރުން ހަވާލުކޮށްފައިވާ މަށްރޫއެއް ހިންގުމަށްޓަކައި، ހާއްސަ ހުއްދައެއްގެ ދަށުން އެ ކޮންޓްރެކްޓަރ އެ މަށްރޫއަކަށް ރަޖިސްޓަރީ ކޮށްދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ރަޖިސްޓަރީ ކޮށްދެވޭނީ، ރަޖިސްޓަރީވުމަށް ހުށަހަޅާ މަށްރޫއަށް، އެ މަށްރޫއެއްގެ މުއްދަތަށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ރަޖިސްޓަރީ ކޮށްދެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައިވާ ގޮތުގެ މަތިންނެވެ.

  1. ފަންޑުދޭ އޭޖެންސީން ލާޒިމްކުރާ ޕްރޮޖެކްޓްތައް ހިންގުމަށް؛ ނުވަތަ
  2. ދިވެހިރާއްޖެއަށް މުހިންމު ޕްރޮޖެކްޓެއްގެ ގޮތުގައި ވަޒީރުންގެ މަޖިލީހުން ފާސްކުރާ ޕްރޮޖެކްޓެއް ހިންގުމަށް.

(ރ) މި މާއްދާގެ ދަށުން ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތްތައް، މި ގަވާއިދުގެ 12 ވަނަ މާއްދާގައިވާ ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުމުގެ އިތުރުން، ޕްރޮޖެކްޓުގެ ނަމާއި މުއްދަތު ހިމެނޭގޮތަށް ކޮންޓްރެކްޓް އެގްރީމަންޓް ނުވަތަ އެވޯޑްކުރިކަމުގެ ލިޔުމުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

(ބ) ހާއްސަ ހުއްދަތަކާއެކު ރަޖިސްޓަރީ ކުރެވޭނީ އަންނަނިވި މަސައްކަތްތައް ކުރުމަށެވެ.

  1. ބަނދަރު ހެދުމުގެ މަސައްކަތްތައް؛
  2. ކަރަންޓުގެ ހިދުމަތް ދިނުމުގެ މަސައްކަތް؛
  3. ބްރިޖް ހެދުމުގެ މަސައްކަތް؛
  4. ބިން ހިއްކުން؛
  5. ކަނޑުއަޑީގެ ބިނާތައް؛
  6. ރަންވޭގެ މަސައްކަތްތައް؛
  7. ފެންމަތީގައި ހަދާ ސްޓްރަކްޗަރތައް؛
  8. މުވާސަލާތީ ހިދުމަތްދޭ ޓަވަރު؛
  9. ކޯޒުވޭ؛
  10. ލޭންޑްސްކޭޕިންގގެ މަސައްކަތް؛
  11. މި މާއްދާގައި ހިމަނައިފައިވާ މަށްރޫއުތަކުގެ އިތުރުން، އާންމުކޮށް ކޮށްއުޅޭ މަސައްކަތްތަކަށް ވުރެ އިމާރާތްކުރުމުގެ ބޮޑެތި މަށްރޫއުތައް(

 

ތިންވަނަ ބާބު

އާންމު ބައިތައް

26 ވަނަ މާއްދާ - ރަޖިސްޓަރީވާ ފަރާތްތަކުގެ ޒިންމާ 

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވާ ފަރާތްތައް އަމަލުކުރަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ހ) އިމާރާތްކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި، އިމާރާތްކުރުމާ ގުޅުން ހުރި އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން މަސައްކަތްކުރުން؛

(ށ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްދެވޭ ފަރާތްތަކުން، ސަރުކާރުގެ ވުޒާރާތަކާއި، އެ ވުޒާރާތަކުގެ ދަށުން މަސައްކަތްކުރާ އޮފީސްތަކާއި، މިނިވަން މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިމާރާތްކުރުމާ ގުޅޭ މަށްރޫއުތަކުގައި، އެ ފަރާތެއް ރަޖިސްޓަރީވެފައިވާ ދާއިރާގެ ގިންތީގެ ތެރޭގައި މަސައްކަތްކުރުން؛

(ނ) އެ ފަރާތަކުން ކޮށްފައިވާ މަސައްކަތެއްގެ ފުރިހަމަ ޒިންމާ އުފުލުން؛

(ރ) މަސައްކަތްކުރާ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތާ ދެމެދު މަދުވެގެން، ތިރީގައިވާ ކަންކަން ހިމެނޭގޮތަށް އެއްބަސްވުމެއްގެ ދަށުން ސޮއިކުރުން؛

  1. މަސައްކަތްކުރާ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ނަމާއި އެހެނިހެން މައުލޫމާތު؛
  2. މަށްރޫއުގެ ނަމާއި، މަށްރޫއުގެ ބާވަތާއި، މަސައްކަތް ކުރާ ތަނާއި، މަސައްކަތުގެ އަގާއި، މަސައްކަތް ފަށާ ތާރީހާއި، މަސައްކަތް ނިމޭ ތާރީހު؛
  3. މަސައްކަތުގެ އަގުގެ ތަފުސީލު ހިމެނޭ ބިލް އޮފް ކުއަންޓިޓީ؛
  4. މަސައްކަތުގެ ކުރެހުމާއި، އެއާ ގުޅުންހުރި އެންމެހައި ތަފުސީލު؛
  5. ފައިސާ ދެވޭނެ ގޮތުގެ ތަފުސީލު؛ އަދި
  6. މަސައްކަތްކުރާ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތާ ދެމެދު ދިމާވާ ދެބަސްވުންތަކުގައި އަމަލުކުރާނެ ގޮތް.

 

27 ވަނަ މާއްދާ - ރަޖިސްޓަރީވާ ފަރާތްތަކުގެ ސުލޫކީ މިންގަނޑު 

(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވާ ފަރާތްތައް އަމަލުކުރާނެ ސުލޫކީ މިންގަނޑުތައް،ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. އިމާރާތްކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި، މި ދާއިރާއާ ގުޅުންހުރި އެހެނިހެން ގާނޫނާއި ގަވާއިދުތަކާ ހިލާފު ނުވުން؛
  2. ރަޖިސްޓަރީވާ ފަރާތްތައް މަސައްކަތް ކުރުމުގައި، މަސައްކަތުގެ ފެންވަރު ދެމެހެއްޓުން؛
  3. ރަޖިސްޓަރީވާ ފަރާތްތައް، އެހެން ފަރާތެއްގެ އަބުރު ގެއްލޭފަދަ އަމަލެއް ނުކުރުން؛
  4. އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން ގެންދާއިރު، ވަށައިގެންވާ މާހައުލާއި،މަސައްކަތު މީހުންނާއި، ހިނގާބިނގާވެ އުޅޭ ފަރާތްތަކާއި، މީހުންގެ މުދަލާއި، އެއްގަމު އުޅަނދުފަހަރުގެ ރައްކައުތެރިކަން ކަށަވަރުކޮށް، އިމާރާތް ކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގައި ހިފެހެއްޓުން؛
  5. އިމާރާތް ކުރުމުގެ މަސައްކަތާ ގުޅުންހުރި މައްސަލައެއްގައި، މިނިސްޓްރީ ނުވަތަ އެހެން އިދާރާއަކުން ކުރާ ތަހުގީގަށް އެއްބާރުލުން ދިނުމާއި، އެފަދަ މައްސަލައަކާ ގުޅޭގޮތުން ހަގީގަތާ ހިލާފު މައުލޫމާތު އެއްވެސް ފަރާތަކަށް ނުދިނުން؛ 
  6. އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ފަރާތްތައް، އެ ފަރާތެއް ކުރާ މަސައްކަތަކާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ނުދިނުން.

 

28 ވަނަ މާއްދާ - ރަޖިސްޓަރީކުރާ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުން

(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރާ ފާރާތްތަކުގެ މައުލޫމާތުތައް ހިމެނޭ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ރަޖިސްޓަރީ" އެއް އެކުލަވައިލައި، އެ ދަފުތަރު އާންމު ކުރަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ދަފުތަރުގައި ހިމަނަންވާނީ ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކެވެ.

  1. ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ ނަން؛
  2. ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ އެޑްރެސް؛
  3. ރަޖިސްޓަރީކޮށްފައިވާ ފަރާތާ ގުޅޭނެ ފޯނު ނަންބަރު؛
  4. ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ އީ-މެއިލް އެޑްރެސް؛
  5. ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ ދާއިރާއާއި ގިންތި

 

29 ވަނަ މާއްދާ - ރަޖިސްޓްރޭށަން ކޮމިޓީ އެކުލަވަ އިލުން

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުން ރަޖިސްޓަރީވުމަށް ބޭނުންވާ ށަރުތުތައް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަން ޔަގީންކުރުމަށްޓަކައި މިނިސްޓްރީން ކޮމިޓީއެއް އެކުލަވައިލައިގެން ތިރީގައިވާ ފަދައިން އަމަލުކުރަންވާނެއެވެ.

(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުން ރަޖިސްޓަރީވުމަށް ބޭނުންވާ ށަރުތުތައް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަން ޔަގީންނުވާ ހާލަތްތަކުގައި އެ ފަރާތަކުން ހުއްދައަށް އެދި ހުށަހެޅި ހުށަހެޅުމަށް ގޮތެއް ނިންމުމަށް ރަޖިސްޓްރޭށަން ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.

(ށ) ކޮންމެ މަހެއް ނިމުމުން، އެ މަހެއްގައި ރަޖިސްޓަރީވުމަށް އެދި ހުށަހެޅި ފަރާތްތަކުގެ މައުލޫމާތު، މި ގަވާއިދުގެ ދަށުން ރަޖިސްޓްރޭށަން ކޮމިޓީއަށް ހުށަހަޅަންވާނެއެވެ. 

 

30 ވަނަ މާއްދާމައްސަލަ ބަލާ ކޮމިޓީއެއް އެކުލަވައިލުން

މި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަން ހުށަހެޅޭ ފަރާތްތަކުގެ މައްސަލަތައް ބަލައިފައި، މައްސަލަތަކާމެދު ގޮތެއް ނިންމުމަށްޓަކައި، މައްސަލަ ބަލާ ކޮމިޓީއެއް މިނިސްޓްރީން އެކުލަވައިލަންވާނެއެވެ. 

 

31 ވަނަ މާއްދާ - ކޮމިޓީތައް އެކުލަވައިލައި ހިންގުން 

މި ގަވާއިދުގެ 29 ވަނަ މާއްދާއާއި 30 ވަނަ މާއްދާގެ ދަށުން ކަނޑައަޅައިފައިވާ ކޮމިޓީތައް އެކުލަވައިލައި ހިންގަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ހ) ކޮމިޓީ އެކުލަވައިލާނީ މިނިސްޓަރެވެ.

(ށ) ކޮމިޓީ ހިންގާ އުސޫލު ހަދާނީ އެ ކޮމިޓީންނެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން އެކުލަވައިލާ އުސޫލުގައި، ކޮމިޓީ އެކުލެވިގެންވާ ގޮތާއި، ކޮމިޓީގެ ބައްދަލުވުންތައް ބޭއްވޭނެ ގޮތް ހިމަނަންވާނެއެވެ. 

 

ހަތަރުވަނަ ބާބު

ގަވާއިދާ ހިލާފުވުމުން އަމަލުކުރާނެ ގޮތާއި އަޅާނެ ފިޔަވަޅު

32 ވަނަ މާއްދާ - ރަޖިސްޓަރީކުރުމަކާ ނުލައި ނުވަތަ ރަޖިސްޓަރީކުރެވިފައިވާގިންތީގެ ބޭރުން މަސައްކަތްކުރުން

(ހ) މި ގަވާއިދުގައި ރަޖިސްޓަރީކުރުމަށް ކަނޑައަޅައިފައިވާ ދާއިރާތަކުގެ ތެރެއިން ވަކި ގިންތިއެއްގެ ދަށުން ވަކި މަސައްކަތެއް ކުރުމަށް ރަޖިސްޓަރީނުކޮށް، އެފަދަ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާކަމެކެވެ.

(ށ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) އާއި 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރަޖިސްޓަރީކުރެވޭ ދާއިރާތަކުގެ ތެރެއިން ވަކި ގިންތިއެއްގެ ދަށުން މަސައްކަތެއް ކުރުމަށް ރަޖިސްޓަރީ ނުކޮށް، އެފަދަ މަސައްކަތެއް ކުރުމަށް ރަޖިސްޓަރީ ކޮށްފައި އޮތްކަމަށް ދެއްކުމަކީ ނުވަތަ އެފަދައިން ދޭހަވާނެ ގޮތަށް އަމަލުކުރުމަކީ މަނާކަމެކެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަމަލެއް ކުރާ ފަރާތެއް، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، 2،500 (ދެހާސް ފަސްސަތޭކަ) ރުފިޔާއާއި 250،000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. 

 

33 ވަނަ މާއްދާ - ރަޖިސްޓަރީކޮށްދީފައިވާ ކުންފުންޏެއްގެ މައުލޫމާތަށް އަންނަ ބަދަލު ނޭންގުން

(ހ) މި ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) ގައި ކޮންޓްރެކްޓަރެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތަކުން އެ ފަރާތެއްގެ މައުލޫމާތަކަށް ބަދަލު އައުމުން، އެކަން މިނިސްޓްރީއަށް ނާންގައި ހުރުމަކީ މަނާ ކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަމަލެއް ކުރާ ފަރާތެއް، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، 2،000 (ދެހާސް) ރުފިޔާއާއި 50،000 (ފަންސާސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. 

 

34 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުމުން އެޅޭ ފިޔަވަޅު

(ހ)  މި ގަވާއިދުގައި ކަނޑައަޅައިފައިވާ ކަމަކާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެކަން އެއްވެސް ފަރާތަކަށް ފާހަގަކުރެވިއްޖެނަމަ، އެކަން ފާހަގަކުރެވޭ ފަރާތަކުން، މިނިސްޓްރީއަށް އެކަން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މި ގަވާއިދާ ހިލާފަށް ކަމެއް ކޮށްފިކަން މިނިސްޓްރީއަށް އެނގިއްޖެނަމަ، އެ މައްސަލަ ބަލަން، އިމާރާތްކުރުމުގެ ގާނޫނުގެ 67 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާ ކޮމިޓީގެ ލަފާގެ މަތިން، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެ ފަރާތަކާމެދު މިނިސްޓްރީން ފިޔަވަޅު އަޅަންވާނެއެވެ. 

  1. އިންޒާރުދިނުން؛
  2. އެފަރާތެއްގެ މަސައްކަތުގެ ދާއިރާ ހަނިކުރަންޖެހޭ ނަމަ، އެފަދައިން އަމަލުކޮށް، ވަކި ށަރުތުތަކެއް ކަނޑައެޅުމާއި، އެކަން ރަޖިސްޓަރީގައި ރިކޯޑު ކުރުން؛
  3. އެ ހުއްދައެއް ދިނުމަށް އެ ފަރާތެއްގައި ހުންނަންޖެހޭ ށަރުތުތައް ހަމަވަންދެން، ނުވަތަ 12 (ބާރަ) މަސްދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ހުއްދަ ހިފެހެއްޓުމާއި، އެ ހުއްދަ ހިފެހެއްޓިފައިވާކަން ރިކޯޑު ކުރުން؛
  4. އެ ފަރާތެއްގެ ހުއްދަ ބާތިލުކޮށް، އެ ފަރާތެއްގެ ނަން ރަޖިސްޓަރީން އުނިކޮށް، އެ ފަރާތަކަށް އަލުން ހުއްދަ ދޫކުރެވޭނެ މުއްދަތެއް ކަނޑައަޅައި، އެކަން އެންގުން؛
  5. ކަމުގެ ކުޑަބޮޑުމިނަށް ބަލައި، 2،500 (ދެހާސް ފަސްސަތޭކަ) ރުފިޔާއާއި 250،000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދުން އެ ފަރާތެއް ޖޫރިމަނާކުރުން.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ފިޔަވަޅު އެޅުމުގައި، ަކ ުމ ެގ ކުޑަބޮޑުމިނަށް ބަލައި، އެ މާއްދާގައި ބަޔާންކުރާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅަށް ވުރެ ގިނަ ފިޔަވަޅު އެކުގައި އެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ ދަށުން މިނިސްޓްރީން އަޅާ ފިޔަވަޅެއް ރަޖިސްޓަރީގައި ރެކޯޑުކޮށް، އެ ފިޔަވަޅަކާ ގުޅޭ މައުލޫމާތު، މި ގަވާއިދުގެ 28 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ އުސޫލުން އާންމުކޮށް ހާމަކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

35 ވަމަނަ މާއްދާއަގު ނުވަތަ ޖޫރިމަނާނުދެއްކުން

(ހ) މި ގަވާއިދުގެ 32 ވަނަ މާއްދާއާއި 33 ވަނަ މާއްދާއާއި 34 ވަނަ މާއްދާގެ ދަށުން އެއްވެސް ފަރާތަކުން ދައްކަންޖެހޭ ފައިސާއެއް، އެ ފައިސާއެއް ދައްކަން އަންގާ ދުވަހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ނުދައްކައިފިނަމަ، އެ ފައިސާއެއް ދައްކަންދެން އެ ފަރާތެއްގެ ހުއްދަ ހިފަހައްޓަންވާނެއެވެ. އަދި 12 (ބާރަ) މަސްދުވަސް ފާއިތުވާއިރުވެސް އެ ފައިސާ ނުދައްކައިފިނަމަ، އެ ފަރާތެއްގެ ހުއްދަ ބާތިލުކޮށް، ހުއްދަ ބާތިލުކުރިކަން ރަޖިސްޓަރީގައި ރެކޯޑްކުރަން ވާނެއެވެ. 

 

 

މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި 

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

 

މި ގަވާއިދުގެ ދަށުން ހެދިފައިވާ އުސޫލު

ނޭށަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު (އުސޫލު ނަންބަރު 2022-18)

 

މައި ގާނޫނު

އިމާރާތްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2017-04)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު