-

އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީ ކުރުމުގެ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2019/1043)

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) އަންނަ ނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ށ) ގެ ގޮތުގައި އަންނަނިވި އަކުރު އިތުރުކުރުން.

9.(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިމާރާތް ކުރުމުގެ ހުއްދަދިނުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އިދާރާތަކުން މި ގަވާއިދަށް އަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، މިނިސްޓްރީން އާންމުކުރާ "އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު" މެދުވެރިކޮށް ރަޖިސްޓަރީ ކުރުމަށް ޓަކައި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިދާރާތައް ފިޔަވައި، އަލަށް އިމާރާތްކުރުމުގެ ހުއްދަ ދޫކުރުމުގެ މަސައްކަތް ހަވާލުކުރެވޭ އިދާރާތައް،އެ މަސައްކަތް ހަވާލުކުރެވުނު ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް ހުށަހަޅަން ވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން

11.(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ދޫކުރާ އިދާރާތައް މިނިސްޓްރީގައި ރަޖިސްޓަރީކުރެވޭނީ ގިންތި ކުރުމަށް ފަހުއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިދާރާތައް، މި ގަވާއިދުގެ 9 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ރަޖިސްޓަރީ ކުރެވެންދެން،އެ އިދާރާތަކަށް ހުއްދަދީފައިވާ މަސައްކަތްތައް ކުރުމަކަށް، މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

4 ވަނަ މާއްދާ - ގަވާއިދުގެ 12 ވަނަ މާއްދާގެ (ނ) އުނިކުރުން.

 

5 ވަނަ މާއްދާ - މި ގަވާއިދުން، ބުނެވިދިޔަ ގަވާއިދަށް އިތުރުކުރާ ނުވަތަ އުނިކުރާ މާއްދާތަކާ ގުޅިގެން އެ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

6 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 999/2019)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2019-999)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު