-

އިންސްޕެކްށަނަރ އޮފް ކަރެކްށަނަލް ސަރވިސް ގެ ށަރުތުތައް ބަޔާންކުރާ ގަވާއިދު

(ގަވާއިދު ނަންބަރު 165/2014) 

ގަވާއިދު ނަންބަރ 1031/2019 އިން އުވިފައި

1 ވަނަ މާއްދާ - ތައާރުފު

މި ގަވާއިދަކީ ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު އައްޔަންކުރާ އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސްގައި ހުންނަންޖެހޭ ސަރުތުތަކާއި އެފަރާތުގެ މަސްއޫލިއްޔަތުތައް ބަޔާންކުރާ ގަވާއިދެވެ.

 

2 ވަނަ މާއްދާ - ނަން

މި ގަވާއިދަށް ކިޔާނީ "އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސްގެ ށަރުތުތައް ބަޔާންކުރާ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދުތައް ތިރީގައި މިވަނީއެވެ.

(ހ) އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސްގައި ހުންނަންޖެހޭ ށަރުތުތައް ބަޔާންކުރުން؛

(ށ) އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސްގެ މަސްއޫލިއްޔަތުތައް ބަޔާންކުރުން.

 

4 ވަނަ މާއްދާ - އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސް އައްޔަންކުރުން.

(ހ) ގާނޫނުގެ ދަށުން ޖަލުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަން ބަލައި ފާސްކޮށް، މިނިސްޓަރަށް ރިޕޯޓުކުރުމަށްޓަކައި ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު އައްޔަންކުރާ ފަރާތަކީ އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސްއެވެ.

(ށ) އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސް އައްޔަންކުރަންވާނީ މި ގަވާއިދުގެ 5 ވަނަ މާއްދާގއި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ މީހުންގެ ތެރެއިންނެވެ.

(ނ) އިންސްޕެކްޓަރގެ ޒިންމާ އަދާކުރުމަށް ބޭނުންވާނެ އަންނަނިވި މުވައްޒަފުން މިނިސްޓަރު ފަހިކޮށްދޭންވާނެއެވެ.

  1. އިންސްޕެކްށަންގެ މަސައްކަތް ކުރާ މުވައްޒަފުން؛
  2. ގާނޫނީ މަސައްކަތްކުރާ މުވައްޒަފުން؛
  3. އިދާރީ މަސައްކަތްކުރާ މުވައްޒަފުން.

 

5 ވަނަ މާއްދާ - އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސްގެ ށަރުތުތައް

(ހ) އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސްކަމަށް އައްޔަންކުރަންވާނީ އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތެކެވެ.

  1. ދިވެހި ރައްޔިތެއް ކަމުގައިވުން؛
  2. އުމުރުން 35 (ތިރީސް ފަސް) އަހަރު ފުރިފައިވުން؛
  3. ޖަލުތައް ބެލެހެއްޓުމާއި ޖަލުތަކުގައި ކަންކަން ހިނގާ ގޮތް މޮނިޓަރ ކުރުމުގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަރުޖިބާ ލިބިފައިވުން؛
  4. ސިވިލް ސަރވިސްގެ ރޭންކް 5EX ރޭންކަށް ވުރެ ދަށްނޫން ރޭންކެއްގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހު ހިދުމަތްކޮށްފައިވުން؛
  5. ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ނަމަ އެ ކުށެއް ސާބިތުވެ އެ ކުށެއްގެ ހުކުމް ތަންފީޒުކޮށް ނިމުނުތާ 5 (ފަހެއް) އަހަރު ވެފައިވުން؛
  6. ބައިނަލްއަގްވާމީ ފޯރަމުތަކުގައި ދިވެހިރާއްޖެ ތަމްސީލު ކުރެވޭނެ ގާބިލުކަން ހުރި ފަރާތެއް ކަމުގައިވުން؛
  7. ދިވެހި ބަހުންނަޢި އިނގިރޭސި ބަހުން ފުރިހަމައަށް ލިޔެ ވާހަކަ ދެއްކުމުގެ ގާބިލުކަން ހުރި ފަރާތެއް ކަމުގައިވުން.

 

(ށ) އިންސްޕެކްޓަރގެ މަގާމަށް މީހަކު އައްޔަންކުރުމުގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ މީހުންގެ ތެރެއިން ކްރިމިނޮލޮޖީ ނުވަތަ ސައިކޮލޮޖީގެ ދާއިރާއިން ދަށްވެގެން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

6 ވަނަ މާއްދާ - އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސްގެ މަސްއޫލިޔައްތުތައް

އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ޖަލުތައް އިމާރާތްކޮށްފައި ހުންނަނީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންތޯ ބެލުން؛

(ށ) ގައިދީންނަށް އެންމެ މަދުވެގެން ލިބިދޭންޖެހޭ އަސާސީ ހިދުމަތްތައް ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ލިބިދޭތޯ ބެލުން؛

(ނ) ޖަލުތަކުގައި ގައިދީންނާމެދު އަމަލުކުރަނީ އެ މީހުންނާމެދު އަމަލުކުރަންވާނެ މަކަށް ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންތޯ ބެލުން؛

(ރ) ޖަލުގައި މީހުންނަށް ދެވޭ ކާނާއާއި ސިއްހީ ފަރުވާގެ މިންގަނޑުތައް ހުންނަނީ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުން؛

(ބ) ކަނޑައެޅިފައިވަ ތާވަލާ އެއްގޮތަށް ޖަލުތަކަށް ޒިޔާރަތްކޮށް، ޖަލުތައް ބަލައި ފާސްކުރުން؛

(ޅ) ޖަލެއްގައި މީހުންނަށް އަނިޔާކުރެވޭ ކަމަށް ކުރާ ށަކުވާތައް މިނިވަންކަމާއެކު އަޑުއަހައި، ތަހުގީގުކޮށް މިނިސްޓަރަށް ރިޕޯޓު ހުށަހެޅުން؛

(ކ) ޖަލެއްގައި މީހަކު މަރުވެއްޖެނަމަ ނުވަތަ މީހަކަށް ނުރައްކާތެރި އަނިޔާއެއް ދީފިނަމަ، އެކަން ބަލައި ތަހުގީގުކޮށް މިނިސްޓަރަށް ރިޕޯޓު ހުށަހެޅުން.

 

7 ވަނަ މާއްދާ - އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސްގެ އިނާޔަތްތައް

އެސިސްޓަންޓް ކޮމިށަނަރ އޮފް ޕްރިޒަންސާއި އެއަށްވުރެ މަތީ މަގާމުގެ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ އިނާޔަތްތައް އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސްއަށް ހަމަޖައްސައިދޭންވާނެއެވެ.

 

8 ވަނަ މާއްދާ - މާނަ ކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު، އަންނަނިވި ލަފިޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނައެވެ.

(ހ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގެ ޖަލުތައް ބެލެހެއްތުމާއި ޕެރޯލްގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުވެފައިވާ ސަރުކާރުގެ ވުޒާރާ ހިންގުމާ ހަވާލުވެހުރި މިނިސްޓަރަށެވެ.

(ށ) "ޖަލު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖެގެ ޖަލުތަކާއި ޕެރޯލްގެ ގަނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ ރިމާންޑް ޖަލުތަކާއި އާންމު ޖަލުތައް ހިމެނޭ ގޮތުންނެވެ.

 

އުވި ގަވާއިދު

އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސްގެ ށަރުތު ބަޔާންކުރާ ގަވާއިދު (ގަވާއިދު ނަންބަރު 1031/2019)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

ޖަލުތަކާއި ޕެރޯލްގެ ގާނޫނު (ގާނޫނު ނަންބަރު 14/2013)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު