-

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލު ގެ ހިންގުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 79/2021)

 

1 ވަނަ މާއްދާ ތައާރުފާއި ނަން

(ހ) މިއީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭ ސިޔާސަތުތައް ތަންފީޒުވަމުންދާ މިންވަރު ބަލައި، އެ ކަންކަން ހިންގުމަށް ޓަކައި، ގާނޫނު ނަންބަރު 8/2010 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ "ނުކުޅެދުންތެރިކަން ހުންނަ މީހުއްގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލް" ހިންގުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ގޮތުން، އެ ގާނޫނުގެ 33 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔަނީ، "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލްގެ ހިންގުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މައިގަނޑު މަގުސަދަކީ، ގާނޫނު ނަންބަރު 8/2010 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު) ގެ ދަށުން އެކުލަވައިލައިފައިވާ "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލް" ގެ ބައްދަލުވުންތައް ބާއްވާނެ ގޮތާއި، އެ ކައުންސިލު ހިންގުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - ކައުންސިލް އެކުލެވިގެންވާ ގޮތް

ނުކުޅެދުންތެރިކަން ހުންނަ މީހުއްގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލު އެކުލެވިގެންވަނީ، އަންނަނިވި 7 (ހަތެއް) މެންބަރުންގެ މައްޗަށެވެ.

(ހ)  ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މެންބަރެއް.

(ށ) ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭ އެންމެހައި ސިޔާސަތުތައް ކަނޑައެޅުމަށް ސަރުކާރުން ކަނޑައަޅައިފައިވާ މިނިސްޓްރީން މެންބަރެއް.

(ނ) ސިއްހީ ދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ތެރެއިން އެ މީހުން އިންތިހާބުކުރާ މެންބަރެއް.

(ރ) ނަފްސާނީ ބަލިތަކާބެހޭ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން އެ މީހުން އިންތިހާބުކުރާ މެންބަރެއް.

(ބ) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރާ ނުވަތަ އެފަދަ މީހުންނަށް ހިދުމަތްދޭ މަދަނީ ޖަމްއިއްޔާތަކުން އިންތިހާބުކުރާ މެންބަރެއް.

(ޅ) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެ މީހުން އިންތިހާބުކުރާ މެންބަރެއް.

(ކ) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންގެ ތެރެއިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އެ މީހުން އިންތިހާބުކުރާ މެންބަރެއް.

 

4 ވަނަ މާއްދާ - ކައުންސިލުގެ ރައީސާއި ނައިބު ރައީސް 

(ހ) ކައުންސިލުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރާނީ، ކައުންސިލުގެ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

(ށ) ކައުންސިލުގެ ފުރަތަމަ ބައްދަލުވުމުގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންތިހާބު ބާއްވައި، ކައުންސިލުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރަންވާނެއެވެ.

 

5 ވަނަ މާއްދާ - ކައުންސިލުގެ ރައީސްގެ ޒިންމާތައް

ކައުންސިލުގެ ރައީސްގެ ޒިންމާތައް، ތިރީގައި މިވަނީއެވެ.

(ހ) ކައުންސިލްގެ ބައްދަލުވުމުގެ އެޖެންޑާ ފައިނަލް ކުރުން.

(ށ) ކައުންސިލްގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން.

(ނ) ރަސްމީގޮތުން ސޮއިކުރަންޖެހޭ ލިޔުންތަކުގައި ސޮއިކުރުން.

(ރ) ކައުންސިލް ތަމްސީލު ކުރަންޖެހޭ ތަންތާނގައި ކައުންސިލް ތަމްސީލުކުރުން.

(ބ) އަހަރުދުވަހަށް ކަނޑައެޅިފައިވާ ކައުންސިލްގެ ހަރަކާތްތައް ތަންފީޒު ކުރުމުގައި އިސްދައުރެއް އަދާކުރުން.

(ޅ) ކައުންސިލްގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް މަހުން މަހަށް މިނިސްޓަރަށް ރިޕޯޓްކުރުން.

 

6 ވަނަ މާއްދާ - ކައުންސިލުގެ ނައިބު ރައީސްގެ ޒިންމާތައް

ކައުންސިލްގެ ރައީސްގެ މަގާމް ހުސްވެއްޖެ ނަމަ، ނުވަތަ ކައުންސިލްގެ ރައީސަށް ހާޒިރުވެވެން ނެތް ހާލަތެއްގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކައުންސިލުގެ ރައީސްގެ ޒިންމާތައް އަދާކުރުމަކީ ކައުންސިލުގެ ނައިބު ރައީސްގެ ޒިންމާއެކެވެ.

 

7 ވަނަ މާއްދާ - ކައުންސިލުގެ މެންބަރުންގެ ދައުރު

ކައުންސިލުގެ މެންބަރެއްގެ ގޮތުގައި އައްޔަނުކުރާ ނުވަތަ އިންތިހާބުކުރާ މެންބަރަކު، އެ މަގާމެއްގައި ދެމިހުންނާނީ 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

 

8 ވަނަ މާއްދާ - ހުސްވާ މަގާމަށް މެންބަރުން އިންތިހާބުކުރުން

ކައުންސިލްގެ މެންބަރުކަމުގެ މަގާމެއް ހުސްވެއްޖެނަމަ، 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މަގާމަކަށް މެންބަރަކު އައްޔަނު ކުރަންވާނެއެވެ. ނުވަތަ އިންތިހާބު ކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ކައުންސިލުގެ އިދާރީ ކަންކަން ހިންގުން

ނުކުޅެދުންތެރިކަން ހުންނަ މީހުއްގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލުގެ އިދާރީ ކަންކަން ހިންގައި ބަލަހައްޓާނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅުންހުރި މަސައްކަތްތައް މިނިސްޓްރީގައި ތަންފީޒު ކުރަމުންދާ ޑިވިޜަނުންނެވެ.

 

10 ވަނަ މާއްދާ - ކައުންސިލުގެ ބައްދަލުވުންތައް

(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލުގެ ބައްދަލުވުމެއް، މަދުވެގެން ކޮންމެ ހަފުތާއަކު 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ.

(ށ) ކައުންސިލުގެ ބައްދަލުވުމެއްގެ ގާނޫނީ އަދަދަކީ، ކައުންސިލުގެ ޖުމުލަ މެންބަރުންގެ %51 (ފަންސާސް އެކެއް އިންސައްތަ) އެވެ.

(ނ) ކައުންސިލުގެ ބައްދަލުވުން ބާއްވާނެ ދުވަހާއި ގަޑި ކަނޑައަޅާނީ، ކައުންސިލުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން، ކައުންސިލުގެ މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

(ރ) ކައުންސިލުގެ ބައްދަލުވުމެއް ބާއްވާނަމަ، އެ ބައްދަލުވުމެއް ފެށުމުގެ 48 (ސާޅީސް އަށެއް) ގަޑިއިރުގެ ކުރިން، އެ ބައްދަލުވުން އޮންނާނެ ތާރީހާއި ގަޑިއާއި ތަން ބަޔާންކޮށް، އެ ބައްދަލުވުމެއްގެ ނޯޓިސް، ކައުންސިލުގެ ހުރިހާ މެންބަރުންނަށް ލިޔުމުން ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ފޮނުވަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ޖެހިއްޖެނަމަ، އެއަށްވުރެ ކުރު މުއްދަތެއްގެ ނޯޓިސް ފޮނުވުމަށްފަހު، ކައުންސިލުގެ ބައްދަލުވުމެއް ބޭއްވުމަށް މި ގަވާއިދު ހުރަހެއްނާޅައެވެ.

(ޅ) ކައުންސިލުގެ ރައީސާއި ނައިބު ރައީސަށް ހާޒިރު ނުވެވޭ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، އެ ދުވަހެއްގެ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރާ މެންބަރެކެވެ.

(ކ) ކައުންސިލުގެ ރައީސާއި ނައިބު ރައީސް ކައުންސިލުގެ ބައްދަލުވުމަކަށް ހާޒިރުނުވީކަމަށް ބަލައި، މެންބަރުންގެ ތެރެއިން އެ ބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓާނެ މެންބަރަކު ކަނޑައަޅާނީ، އެ ބައްދަލުވުމެއް ފެށުމަށް ކަނޑައަޅައިފައިވާ ގަޑިއަށްވުރެ 20 (ވިހި) މިނިޓު ފަހަނަޅައި ދިޔުމުންނެވެ.

(އ) މި ގަވާއިދުގައިވާ ގޮތުގެ މަތިން ކައުންސިލުގެ ރަސްމީ ބައްދަލުވުންތަކުގެ އިތުރުން، ފަންނީ ބައްދަލުވުންތައް ބޭއްވުމަކަށް މި ގަވާއިދު ހުރަހެއްނާޅައެވެ.

 

11 ވަނަ މާއްދާ - ބައްދަލުވުންތަކަށް ކައުންސިލުގެ މެންބަރުން ހާޒިރުވުން

(ހ) މަގްބޫލު އުޒުރެއް ދިމާވެގެން މެނުވީ، ކައުންސިލުގެ ބައްދަލުވުންތަކަށް ހުރިހާ މެންބަރުން ވެސް ހާޒިރުވާންވާނެއެވެ.

(ށ) ކައުންސިލުގެ ބައްދަލުވުމަކަށް އެއްވެސް މެންބަރަކަށް ހާޒިރުވެވެން ނެތްނަމަ، ލިޔުމުން ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް، ކައުންސިލުގެ ރައީސަށް އެކަން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ކައުންސިލުގެ ބައްދަލުވުމަކަށް އެއްވެސް މެންބަރަކަށް ހާޒިރުވެވެން ނެތްނަމަ، ކައުންސިލުގެ ބައްދަލުވުން ފެށުމުގެ 20 (ވިހި) މިނިޓުގެ ކުރިން އެކަން އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން، ކައުންސިލުގެ ބައްދަލުވުމަކަށް ހާޒިރު ނުވެވޭގޮތަށް ކައުންސިލުގެ މެންބަރަކު ރަށުން ބޭރަށް ދާނަމަ، ލިޔުމުން ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް، ކައުންސިލުގެ ރައީސަށް އެކަން އަންގަންވާނެއެވެ.

(ބ) ކައުންސިލުގެ މެންބަރުންގެ ބައްދަލުވުންތަކުގެ ހާޒިރީ ބެލެހެއްޓުމާއި، ބައްދަލުވުންތަކަށް ހާޒިރުވާ މެންބަރުން ހާޒިރުވިކަމަށް ސޮއިކުރުވުމާއި، ބައްދަލުވުންތަކަށް ހާޒިރު ނުވެވުނު ސަބަބު ފޮނުވައިފައިވާ ނަމަ، އެ ކަންކަމުގެ އިދާރީ ބެލެހެއްޓުމުގެ ކަންކަން މިނިސްޓްރީން ކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ހާއްސަ އުސޫލު ހިނގުން

(ހ) ގާނޫނު ނަންބަރު 8/2010 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު) ގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ކައުންސިލުގެ މެންބަރެއްގެ މަގާމު ހުސްވެފައިވާ ހާލަތުގައި، މި ގަވާއިދުގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ މަގާމަށް އެހެން މެންބަރަކު ހަމަޖެއްސުމަށް ހޭދަވާ މުއްދަތުގައި ކައުންސިލުގެ ބައްދަލުވުންތައް ކުރިޔަށް ގެންދެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ކުރިޔަށްގެންދާ ބައްދަލުވުންތަކުގައި މަށްވަރާކުރާ ކަންކަމުގައި ގޮތެއް ކަނޑައަޅާނީ، އެ ބައްދަލުވުމެއްގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އަދި މި ފަދަ ހާލަތުގައި، މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލެއް ނުހިނގާނެއެވެ. 

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުގައި ބާއްވާ ކައުންސިލުގެ ބައްދަލުވުންތަކުގެ ގާނޫނީ އަދަދަކީ، ކައުންސިލުގައި އޭރު ތިބި މެންބަރުންގެ %51 (ފަންސާސް އެކެއް އިންސައްތަ) އެވެ.

 

13 ވަނަ މާއްދާ - ކައުންސިލުގެ މެންބަރުންގެ ސުލޫކީ މިންގަނޑުތައް

ކައުންސިލުގެ މެންބަރުންގެ ސުލޫކީ މިންގަނޑުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި، ގާނޫނު ނަންބަރު  8/2010  (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު) ގެ ދަށުން ހެދިފައިވާ އެންމެހައި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުން.

(ށ) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތުމާއި، އެ މީހުންގެ ހައްގަކަށް  އެއްވެސް އުނިކަމެއް އަންނަ ކަމެއް، ބަހުންވެސް އަދި އަމަލުންވެސް  ނުކުރުން.

(ނ) ގައުމީ ފެންވަރުގައްޔާއި ބައިނަލްއަގްވާމީ ގޮތުން ނުކުޅެދުންތެރިކަމާ ގުޅޭ ދާއިރާތަކުން ހޯދޭ ހޯދުންތަކާއި،  އަންނަ ބަދަލުތަކުގެ މައުލޫމާތު ހޯދުމާއި، އެ މައުލޫމާތުތަކުގެ އަލީގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ލާބަޔަށް މަސައްކަތް ކުރުން.

 

14 ވަނަ މާއްދާ - މަސްލަހަތު ހިމެނޭ ކަމެއްގައި ބައިވެރިނުވުން

އެއްވެސް މެންބަރެއްގެ މަސްލަހަތު ފުށުއަރާ ކަމެއް އެޖެންޑާގައި އޮތްނަމަ، އެ ކަމެއް ޖަލްސާއަށް ހާމަކުރުމަށްފަހު، އެ އެޖެންޑާ އައިޓަމަކުން އެ މެންބަރަކު ތަނާޒުލުވާން ވާނެއެވެ. އަދި މަސްލަހަތު ފުށުއަރާ އެއްވެސް ކަމެއްގެ ވޯޓެއްގައި ބައިވެރިވެގެން ނުވާނެއެވެ. ހަމަ އެފަދައިން، އެފަދަ ވޯޓެއް ނަގާއިރު ހާޒިރުވެ އިނދެގެން ވެސް ނުވާނެއެވެ.

 

15 ވަނަ މާއްދާ - ކައުންސިލުގެ ޖަލްސާތައް

(ހ) ކައުންސިލްގެ ބައްދަލުވުންތަކުގައި ވާހަކަދެކެވޭ ކަންތައްތަކާ ގުޅުންހުރި ފަންނީ އެކިއެކި ފަރާތްތައް ބައްދަލުވުންތަކުގައި ބައިވެރިކުރެވިދާނެއެވެ. މިފަދަ ފަރާތެއް ކައުންސިލުގެ ޖަލްސާއެއްގައި ބައިވެރިކުރަން މެންބަރަކަށް ފެނިއްޖެ ހާލަތެއްގައި އެ ޖަލްސާ ބޭއްވުމުގެ މަދުވެގެން 1 (އެކެއް) ދުވަހުގެ ކުރިން، ކައުންސިލުގެ ރައީސަށް ހުށަހަޅަންވާނެއެވެ. އަދި ބައްދަލުވުމުގައި މަށްވަރާކުރާ ކަންތައްތަކުގެ ބާވަތުން ކައުންސިލުގެ ރައީސް އެކަމަށް ހުއްދަ ދޭން ޖެހޭނެއެވެ. އަދި ކައުންސިލުގެ ރައީސް ނެތް ހާލަތެއް ދިމާވެއްޖެނަމަ، ކައުންސިލުގެ ނައިބު ރައީސް ހުއްދަ ދޭން ޖެހޭނެއެވެ.

(ށ) ކައުންސިލުން މަށްވަރާކޮށް ގޮތެއް ނިންމަންޖެހޭ ކަންކަމާ ގުޅިގެން އިތުރަށް ދިރާސާކުރުމަށްފަހު ގޮތެއް ނިންމުމަށް، މި ގަވާއިދުގެ 10 ވަނަ މާއްދާގެ
(އ) ގައި ބަޔާންކޮށްފައިވާ ފަދައިން ފަންނީ ބައްދަލުވުމެއް ބާއްވައި، އެ ބައްދަލުވުމުގައި އެ ކަމަކާ ގުޅިގެން ދިރާސާކުރުމަށްފަހު، އެ ދިރާސާތައް ފަންނީ ބައްދަލުވުމަށް ހުށަހަޅަންވާނެއެވެ.

(ނ) ފަންނީ ބައްދަލުވުން ބޭއްވުމަށް ކައުންސިލުގެ ރަސްމީ ބައްދަލުވުމުގައި މަށްވަރާކުރުމަށްފަހު، ފަންނީ ބައްދަލުވުމުގައި ބައިވެރިވާނެ ފަރާތްތަކާއި، އެ މައްސަލައަކާ ގުޅިގެން ފަންނީ ބައްދަލުވުންތައް ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ، އެ ދުވަހެއްގެ ކައުންސިލުގެ ރަސްމީ ބައްދަލުވުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

 

16 ވަނަ މާއްދާ - ސިއްރު ޖަލްސާ

ކައުންސިލަށް ހުށަހެޅޭ ބައެއްކަހަލަ ކަންތައްތަކަކީ ސިއްރުކޮށްފައި އޮތުން މުހިންމު ކަންތައްތަކެކެވެ. މިފަދަ ކަމަކާ މަށްވަރާކުރާ ބައްދަލުވުމެއްގައި ކައުންސިލުގެ މެންބަރުންނާއި، ކައުންސިލުގެ ސެކްރެޓޭރިއަޓުގެ އެކަކު ނޫން އެހެން އެއްވެސް ފަރާތެއް ބައިވެރިކޮށްގެން ނުވާނެއެވެ. މިފަދަ ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއްކަމަށް ނިންމާނީ، ކައުންސިލުގެ މެންބަރުންގެ ލަފާގެމަތިން ކައުންސިލުގެ ރައީސެވެ.

 

17 ވަނަ މާއްދާ - ސެކްރެޓޭރިއޭޓުގެ ޒިންމާތައް

ކައުންސިލުގެ ސެކްރެޓޭރިއޭޓުގެ ޒިންމާތައް ތިރީގައި މިވަނީއެވެ.

(ހ) ކައުންސިލުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ބޭނުންވާ އިދާރީ އިންތިޒާމްތައް ހަމަޖެއްސުން.

(ށ) ކައުންސިލުގެ އެންމެހައި ލިޔެކިޔުންތައް ބެލެހެއްޓުން.

(ނ) ކައުންސިލުގެ އިދާރީ ކަންތައްތައް ކުރުމަށް ޓަކައި އަހަރުދުވަހަށް ބޭނުންވާ ބަޖެޓް އެކުލަވައިލައި މިނިސްޓްރީގެ ބަޖެޓް ސެކްށަނަށް ހުށަހެޅުން.

(ރ) ކައުންސިލްގެ ބައްދަލުވުންތަކުގެ ޔައުމިންޔާ ލިޔެ، ކައުންސިލުގެ މެންބަރުންނަށް ފޮނުވައިގެން ފާސްކުރާ ޔައުމިއްޔާ ފައިލުކޮށް ބެލެހެއްޓުން.

 

18 ވަނަ މާއްދާ - ކައުންސިލުގެ މެންބަރުންގެ އުޖޫރަ

ކައުންސިލުގެ މެންބަރުންނަށް އުޖޫރައިގެ ގޮތުގައި ދައުލަތުގެ މާލީ ވުޒާރާގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އުޖޫރައެއް ދޭންވާނެއެވެ.

 

19 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ތިރީގައިވާ ލަފުޒުތަކުގެ މާނަކުރަންވާނީ، އެ ލަފުޒުތަކުގެ މާނަކޮށްފައިވާ ގޮތަށެވެ.

(ހ) "މިނިސްޓްރީ" ކަމުގައި ބުނެފައި އެވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާބެހޭ އެންމެހައި ސިޔާސަތުތައް ކަނޑައެޅުމަށް ޓަކައި ސަރުކާރުން އެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

(ށ) "މިނިސްޓަރު" ކަމުގައި ބުނެފައި އެވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާބެހޭ އެންމެހައި ސިޔާސަތުތައް ކަނޑައެޅުމަށް ޓަކައި ސަރުކާރުން އެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާގެ ވަޒީރަށެވެ.

 

20 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު (ގާނޫނު ނަންބަރު 8/2010)

 

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު