-

ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ހިންގާ ގަވާއިދު

(ގަވާއިދު ނަންބަރު 7/2021)

 

1 ވަނަ މާއްދާ – ތަޢާރުފާއި ނަން

(ހ) މިއީ، ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ހިންގާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ހިންގާ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ – މަގުސަދު

ޕްރޮކިއުމަންޓް ޕޮލިސީ ބޯޑަކީ، ދައުލަތުގެ ޕްރޮކިއުމަންޓުގެ ސިޔާސަތު ކަނޑައަޅައި، އެކަމާ ގުޅޭ ގަވާއިދުތައް ހަދައި، އެ ގަވާއިދުތައް ހިންގައި، ގަވާއިދާ އެއްގޮތަށް ޢަމަލުކުރަމުން ގެންދޭތޯ ބަލައި، ގަވާއިދާ އެއްގޮތަށް ޢަމަލު ނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުން ގެންދާނެ މުސްތަގިއްލު ފަރާތެއް ކަނޑައަޅައި، އެ މަސައްކަތް ވިލަރެސްކުރުމާއި، ޕްރޮކިއުމަންޓް މަސައްކަތް ކުރާ ފަރާތްތަކުގެ ފަންނީ ގާބިލުކަން އިތުރުކުރުމާއި، ބީލަންވެރިންނަށް ދެފުށް ފެންނަ ވާދަވެރި ބީލަމުގެ މާހައުލެއް ގާއިމުކޮށް ދިނުމަށް ޓަކައި އުފައްދައިފައިވާ ބޯޑެކެވެ.

 

3 ވަނަ މާއްދާ – ބޯޑު އެކުލެވިގެންވާ ގޮތާއި، ބޯޑަށް މެންބަރުން ޢައްޔަނުކުރުން

ބޯޑު އެކުލެވިގެންވަނީ 7 (ހަތެއް) މެންބަރުންގެ މައްޗަށެވެ. ބޯޑަށް މެންބަރުން ޢައްޔަނު ކުރާނީ، މިނިސްޓަރުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.

 

4 ވަނަ މާއްދާ – މެންބަރުކަމުގެ ދައުރުގެ މުއްދަތު

މެންބަރުން ޢައްޔަނު ކުރާނީ، 3 (ތިނެއް) އަހަރުދުވަހުގެ ދައުރަކަށެވެ. ކޮންމެ 3 (ތިނެއް) އަހަރަކުން އެއްފަހަރު، މަދުވެގެން ދެބައިކުޅަ އެއްބައި މެންބަރުން ބަދަލުކުރަންވާނެއެވެ.

 

5 ވަނަ މާއްދާ – މެންބަރުންގެ ށަރުތުތައް

ބޯޑުގެ މެންބަރުންގެ ކިބައިގައި، އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ) ޕަބްލިކް ޕްރޮކިއުމަންޓުގެ ދާއިރާގައި ނުވަތަ އެފަދަ ދާއިރާއެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން؛

(ށ) ކޮންޓްރެކްޓާ ގުޅޭ ފަންނީ ހުނަރާއި މަޢުލޫމާތު ލިބިފައިވުން؛

(ނ) ދައުލަތުގެ ޕްރޮކިއުމަންޓުގެ މަސައްކަތުގައި ޢަމަލީގޮތުން ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން؛ އަދި

(ރ) ފައިސާއާބެހޭ މައްސަލައެއްގައި ކުށެއް ސާބިތުވެފައި ނުވުން.

 

6 ވަނަ މާއްދާ – މެންބަރުކަމުން ވަކިވުން

އަންނަނިވި ހާލަތްތަކުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ މެންބަރަކު ބޯޑުގެ މެންބަރުކަމުން ވަކިވީއެވެ.

(ހ) އެ މެންބަރަކު ވަކިވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ލިޔުމަކުން ކަނޑައެޅުން؛

(ށ) އެ މެންބަރަކު އިސްތިޢުފާ ދިނުމަށް ނިންމައި، ލިޔުމަކުން އެކަން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން؛

(ނ) މެންބަރުކަމުގެ ވާޖިބުތައް އަދާ ނުކުރެވޭ ފަދަ ދާއިމީ ހާލަތެއް މެދުވެރިވުން، ނުވަތަ ދާއިމީގޮތުން ބުއްދިފިލައިދިއުން؛

(ރ) ޖިނާއީ ކުށެއް ކުރިކަން ށަރުޢީ ކޯޓަކަށް ސާބިތުވުން.

 

7 ވަނަ މާއްދާ – ބޯޑުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް

ބޯޑަށް، އަންނަނިވި ބާރުތައް ލިބިގެން ވެއެވެ. އަދި އަންނަނިވި މަސްއޫލިއްޔަތުތައް ބޯޑާ ހަވާލުވެގެންވެއެވެ.

(ހ) މާލިއްޔަތު ގަވާއިދާ އެއްގޮތަށް "ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު" ރާވައި ހިންގައި ތަންފީޛުކުރުން؛

(ށ) ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާގޮތެއްގައި ރާވައި ހިންގުމަށްޓަކައި ހަދަންޖެހޭ ހުރިހާ ގާނޫނާއި ގަވާއިދުތައް އެކުލަވައިލުމާއި، އެ ގަވާއިދުތަކަށް ބަދަލު ގެންނަން ޖެހިއްޖެ ހިނދެއްގައި، ފައިސާއާބެހޭ ކަންކަން ބެލެހެއްޓުން އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާގެ ވަޒީރުގެ ލަފާގެ މަތިން ބަދަލުތައް ގެނައުން؛

(ނ) ދައުލަތުގެ ޕްރޮކިއުމަންޓުގެ ތެރެއިން ކުރެވޭ ހަރަދުތަކަކީ، ކުރެވޭ ހަރަދުތަކާ އަޅައިބަލާއިރު އެކަށޭނެ ހިދުމަތްތަކެއް ލިބޭ ހަރަދުތަކެއްކަން ޔަގީންކުރުމާއި، އެ ހަރަދުތައް ކުރުމުގައި އިކޮނޮމިކް އެފިށަންސީ ހާސިލުކުރެވޭނެ އުސޫލުތަކެއް އެކަށައެޅުން؛

(ރ) އެންމެހައި ބީލަންވެރިންނަށް، ދެފުށް ފެންނަ، ހާމަކަންބޮޑު، ވާދަވެރި ބީލަމުގެ މާހައުލެއް ގާއިމުކޮށްދިނުން؛

(ބ) ހަމަހަމަކަމާއެކު އެންމެންނަށް ބީލަމުގެ މަރުހަލާގައި ބައިވެރިވެވޭނެ މަގު ފަހިކޮށްދިނުން؛

(ޅ) ރައްޔިތުންގެ އިތުބާރު ލިބިފައިވާ ޕްރޮކިއުމަންޓް ނިޒާމެއް ގާއިމުކުރުން.

(ކ) ދައުލަތުގެ ހުރިހާ މުވައްސަސާއަކުން ކުރިޔަށްގެންދާ ބީލަމުގެ މަރުހަލާތައް އެއް ހަމައަކުން ކުރިޔަށްގެންދިޔުން.

(އ) ބީލަމުގެ މަރުހަލާގައި މަސްއޫލުވާ ހުރިހާ ފަރާތްތަކުގެ ނަޒާހަތްތެރިކަން ދެމެހެއްޓުވުން.

(ވ) ޕްރޮކިއުމަންޓުގެ މަސައްކަތްކުރާ ފަރާތްތަކުގެ ފަންނީ ގާބިލްކަން އިތުރުކުރުން.

(މ) ރައްޔިތުންގެ އިތުބާރު ލިބިފައިވާ ބީލަމުގެ މައްސަލަ ބަލާ ނިޒާމެއް ގާއިމުކުރުން.

(ފ) ދައުލަތުގެ މާލިއްޔަތު ގާނޫނާއި، ގަވާއިދުތަކާއި، ޕްރޮކިއުމަންޓް އުސޫލުތަކާއި، ބައިނަލްއަގުވާމީ މިންގަނޑުތައް ދިރާސާކޮށް، ޕްރޮކިއުމަންޓުގެ މަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ ތަފުސީލީ ގައިޑްލައިންތައް އެކުލަވައިލައި، އެ ގައިޑްލައިންތައް އާންމުކޮށް، ދައުލަތުގެ ޕްރޮކިއުމަންޓް މަސައްކަތްތައް އެއާ އެއްގޮތަށް ތަންފީޛުކުރުން.

(ދ) ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ފުރިހަމަގޮތުގައި ތަންފީޛު ކުރުމަށް ޓަކައި ބޭނުންވާ ތަފާތު ބީލަން ފޮތްތަކާއި، ކޮންޓްރެކްޓުތަކާއި، މި ތަކެތި ބޭނުންކުރާނެ ގޮތުގެ މެނުއަލްތަކާއި، މިފަދަ އެންމެހައި ލިޔުންތައް ތައްޔާރުކޮށް، ދައުލަތުގެ ހުރިހާ އޮފީސްތަކުން ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިޔަށް ގެންދިޔުމުގައި މި ލިޔެކިއުންތައް ބޭނުންކުރުން ލާޒިމުކުރުން.

(ތ) ޕްރޮކިއުމަންޓުގެ ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި ޕްރޮކިއުމަންޓުގެ މަސައްކަތްކުރާ މުވައްޒަފުންނާއި، ކޮންޓްރެކްޓަރުންނާއި، ސަޕްލަޔަރުންނާއި މަސްއޫލުވާ ހުރިހާ ފަރާތްތަކަށް އަމާޒުކޮށްގެން، ތަމްރީނުތަކާއި އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.

(ލ) ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާ ގޮތެއްގައި ކުރިޔަށް ގެންދިޔުމަށް ޓަކައި ބީލަންވެރިންނާއި ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގައި މަސްއޫލުވާ އެންމެހައި ފަރާތްތަކުގެ (ދައުލަތުގެ މުވައްޒަފުން، ވިޔަފާރިވެރިން، ގުޅުންހުރި ޖަމްޢިއްޔާ ޖަމާޢަތްތައް، އެހީދޭ ބޭރުގެ ފަރާތްތައް ހިމެނޭހެން) ހިޔާލު ހޯދައި، އެ ފަރާތްތަކުން ހުށަހަޅާ ކަންތައްތަކަށް ރިޢާޔަތްކޮށް، ޕްރޮކިއުމަންޓުގެ ނިޒާމަށް ހަރުދަނާ ބަދަލުތައް ގެނައުން.

(ގ) ދައުލަތުގެ އޮފީސްތަކުން ބީލަމުގެ މަރުހަލާގައި ހުއްދަދެވޭ މިންގަނޑުތަކުގެ މަސްއޫލިއްޔަތު އުފުލާ ފަރާތްތަކުން، މާލިއްޔަތު ގަވާއިދާއި އެ ގަވާއިދުގެ ދަށުން ހަދައިފައިވާ އުސޫލުތަކަށް ފުރިހަމަޔަށް ބޯލަނބައި، އެ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރޭތޯ ބަލައި މޮނިޓަރކުރެވޭނެ ނިޒާމެއް ގާއިމްކުރުން؛

(ޏ) ދައުލަތުގެ ޕްރޮކިއުމަންޓުގެ މަސައްކަތުގައި މަސްއޫލުވާ ހުރިހާ ފަރާތްތަކުގެ މަސްއޫލިއްޔަތުތަކާއި ޢަމަލުތައް ބަހައްޓަންވީ ގޮތް ކަނޑައަޅައި، ސުލޫކީ މިންގަނޑާ އެއްގޮތަށް ޢަމަލުކުރަމުން ގެންދޭތޯ ބެލުމާއި، އެ މިންގަނޑަށް ޢަމަލުނުކުރާ ފަރާތްތަކާމެދު އެކަށީގެންވާ ފިޔަވަޅު އެޅޭކަން ޔަޤީންކުރުން؛

(ސ) މުޅި ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހިންގުމަށް ޒަމާނީ އީ-ޕްރޮކިއުމަންޓް ސިސްޓަމެއް ގާއިމުކުރުމާއި، އެ ސިސްޓަމް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުން؛

(ޑ) މުޅި ދައުލަތުން ކުރިޔަށްގެންދާ ހުރިހާ ބީލަމުގެ މަޢުލޫމާތުތައް އެއްތަނަކުން ފެންނާނެ ނިޒާމެއް ގާއިމްކުރުން.

(ޒ) ދައުލަތުން ކުރިޔަށްގެންދާ ބީލަންތަކުގައި ދިމާވާ މައްސަލަތައް ބަލާ "ބީލަމުގެ މައްސަލަ ބަލާ މުސްތަގިއްލު ރިވިޔު ކޮމިޓީ" ގެ މަސައްކަތްތައް ކުރިޔަށްގެންދަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށްތޯއާއި، އެކަށީގެންވާ ގޮތެއްގައި މައްސަލަ ބެލުމުގެ ނިޒާމު ހިނގައިތޯ ބަލައި މޮނިޓަރކުރުން؛

(ޓ) ދައުލަތުން ކުރިޔަށްގެންދާ ޕްރޮކިއުމަންޓުގެ ހުރިހާ މަސައްކަތްތައް މޮނިޓަރކޮށް، އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދޭތޯ ބެލުމާއެކު، މަސައްކަތްތަކުގެ އަހަރީ ރިޕޯޓު އެކުލަވައިލުން.

 

8 ވަނަ މާއްދާ – މެންބަރުންގެ ސުލޫކީ މިންގަނޑު

ބޯޑުގެ މެންބަރުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތް ތިރީގައި މިވަނީއެވެ.

(ހ) އާންމު މަސްލަހަތު ހިފެހެއްޓުމާއެކު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މަގުސަދު ހާސިލުކުރުމަށް މަސައްކަތްކުރުން؛

(ށ) މަގާމުގެ ނުފޫޒު ބޭނުންކުރުމާއި، މަގާމުގެ ސަބަބުން ލިބިފައިވާ މަޢުލޫމާތު ބޭނުންކޮށްގެން ތިމާއަށް ނުވަތަ އެހެން ފަރާތަކަށް ފައިދާއެއް ނުވަތަ މަންފާއެއް ހޯދައިދިނުމަށް މަސައްކަތް ނުކުރުން؛

(ނ) ބޯޑުގެ މެންބަރަކު، އެ މީހެއްގެ އަމިއްލަ މަސްލަހަތާ ގުޅުންހުރި ކަމެއް ކުރިމަތިވެދާނެ ފަދަ އެންމެހައި ކަންކަމުން ދުރުހެލިވުމާއި، އެފަދަ ކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި، އެކަމުގެ މަޢުލޫމާތު ބޯޑަށް ހާމަކޮށް، އެ ކަމަކުން ތަނާޒުލްވުން؛

(ރ) ކޮރަޕްށަނުގެ ޢަމަލެއް ނުހިންގުމާއި، އެފަދަ ކަމަކަށް މަގުފަހިވާ ގޮތަށް ކަމެއް ނުކުރުމާއި، މަގާމުގެ މަސްއޫލިއްޔަތުގެ ބާރުގެ ބޭނުން ނަހަމަގޮތުގައި ނުހިފުމާއި، މަޖުބޫރުކޮށްގެން ކަންތައްތައް ކުރުވަން މަސައްކަތް ނުކުރުމާއި، މަސައްކަތަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް ނުވަތަ ޢަމަލެއް ނުކުރުން؛

 

9 ވަނަ މާއްދާ – ބޯޑުގެ ޗެއަރޕަރސަނާއި ވައިސް ޗެއަރޕަރސަން

ބޯޑުގެ ޗެއަރޕަރސަން ޢައްޔަނު ކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ވައިސް ޗެއަރޕަރސަން ޢައްޔަނު ކުރާނީ މިނިސްޓަރެވެ.

 

10 ވަނަ މާއްދާ – ބޯޑުގެ ބައްދަލުވުންތައް

(ހ) ބޯޑުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ޓަކައި، ބޯޑުގެ ބައްދަލުވުންތައް ބާއްވާނެ ދުވަހާއި ވަގުތާއި ތަން ކަނޑައަޅާނީ، ބޯޑުގެ ޗެއަރޕަރސަންގެ ލަފާގެ މަތިން ސެކްރެޓޭރިއެޓުންނެވެ.

(ށ) ބޯޑުގެ ބައްދަލުވުންތައް، މަދުވެގެން މަހަކު 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ.

(ނ) އާންމުކޮށް ބާއްވާ ބޯޑުގެ ބައްދަލުވުންތަކަށް ހާޒިރުވުމަށް އަންގާ އެންގުން، ބައްދަލުވުން ބާއްވާ ތަނަކާއި، ދުވަހާއި ވަގުތާއި އެޖެންޑާ އެނގޭނޭހެން 1 (އެކެއް) ދުވަހުގެ ކުރިން، މެންބަރުންނަށް ސެކްރެޓޭރިއަޓުން އަންގަންވާނެއެވެ.

(ރ) ބޯޑުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، ބޯޑުގެ ޗެއަރޕަރސަނެވެ. ޗެއަރޕަރސަނަށް ހާޒިރުވެވެން ނެތް ހާލަތެއްގައި ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ، ވައިސް ޗެއަރޕަރސަނެވެ. އެ ދެ މީހުންގެ ތެރެއިން މީހަކު ނެތް ހާލަތެއް މެދުވެރިވެއްޖެނަމަ، ރިޔާސަތު ބަލަހައްޓާނީ، ހާޒިރުވެ ތިބި މެންބަރުންގެ ތެރެއިން، މެންބަރުން އިންތިހާބުކުރާ މެންބަރެކެވެ.

(ބ) ބޯޑުގެ ބައްދަލުވުމެއް ސައްހަވާނީ، ބޯޑުގެ މެންބަރުންގެ ތެރެއިން މަދުވެގެން 4 (ހަތަރެއް) މެންބަރުން ހާޒިރުވެގެން ބާއްވާ ބައްދަލުވުންތަކެވެ. ބޯޑުގެ ބައްދަލުވުމެއް ފަށަންވާނީ، އެ އަދަދަށް މެންބަރުން ހާޒިރުވުމުންނެވެ. އަދި ހިނގަމުންދާ ބައްދަލުވުމެއްގައި، އެ އަދަދަށްވުރެ މެންބަރުން މަދުވެއްޖެނަމަ، އެ ބައްދަލުވުން މެދުކަނޑައިލަން ވާނެއެވެ.

(ޅ) ބޯޑުގެ ބައްދަލުވުމެއްގައި ކަމަކާމެދު ގޮތެއް ނިންމާނީ، ހާޒިރުވެ ވޯޓު ދިން މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ކަމެއް ފާސްކުރަން ވޯޓަށް އެހުމުން، އެ ކަމެއް ފާސްކުރުމަށް ވޯޓުދިން މެންބަރުންގެ އަދަދާއި އެކަން ފާސްކުރުމަށް ވޯޓުނުދީ ތިބި މެންބަރުންގެ އަދަދު އެއްވަރުވެއްޖެނަމަ، އެ ކަމަކާމެދު ގޮތެއް ނިންމުމަށް ޓަކައި އެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާ މެންބަރު ވޯޓު ދޭންވާނެއެވެ.

(ކ) ބޯޑުގެ ހާއްސަ ބައްދަލުވުމެއް އެމަޖެންސީކޮށް ބާއްވަން ޖެހިއްޖެނަމަ ބޭއްވޭނީ، މިނިސްޓަރުގެ އެދުމަކަށް، ނުވަތަ ޗެއަރޕަރސަން ބޭނުންވެއްޖެ ހިނދެއްގައި، ނުވަތަ ބޯޑުގެ 3 (ތިނެއް) މެންބަރުން، އެފަދަ ބައްދަލުވުމެއް ބޭއްވުމަށް ސަބަބު ބަޔާންކޮށް ޗެއަރޕަރސަނަށް ހުށަހެޅުމުންނެވެ.

(އ) އެމަޖެންސީކޮށް ބާއްވާ ބައްދަލުވުންތަކަށް ހާޒިރުވުމަށް އަންގާ އެންގުން، ބައްދަލުވުން ބާއްވާ ތަނަކާއި، ދުވަހާއި ވަގުތު އެނގޭނޭހެން 1 (އެކެއް) ގަޑިއިރުގެ ކުރިން މެންބަރުންނަށް ސެކްރެޓޭރިއަޓުން އަންގަންވާނެއެވެ.

(ވ) ބައްދަލުވުމުގެ އެޖެންޑާއާއި، ގުޅުންހުރި ލިޔެކިޔުން ތައްޔާރުކުރުމާއި އެޖެންޑާ އާންމު ކުރުމަކީ، ޗެއަރޕަރސަންގެ އިރުށާދުގެ ދަށުން، ސެކްރެޓަރީގެ ޒިންމާއެކެވެ.

(މ) ކޮންމެ މެންބަރަކަށްވެސް، އެޖެންޑާގައި ހިމަނަން ބޭނުންވާ އައިޓަމެއް، ޗެއަރޕަރސަނަށް ހުށަހެޅިދާނެއެވެ.

(ފ) އެޖެންޑާއާއި، ގުޅުންހުރި އެންމެހައި ލިޔެކިޔުން، ބޯޑުގެ ބައްދަލުވުމުގެ 24 (ސައުވީސް) ގަޑިއިރުގެ ކުރިން މެންބަރުންނާ ހިއްސާކުރަންވާނެއެވެ.

 

11 ވަނަ މާއްދާ – ބޯޑުގެ ސެކްރެޓޭރިއަޓް ބެލެހެއްޓުން

(ހ) ބޯޑުގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ، މިނިސްޓްރީން ކަނޑައަޅާ ފަރާތެކެވެ. ސެކްރެޓޭރިއެޓުގެ ފަރާތުން ބޯޑުގެ ބައްދަލުވުންތަކުގައި ވޯޓުދިނުމުގެ ހައްގު ލިބިގެނެއް ނުވެއެވެ.

(ށ) ބޯޑުގެ ކޮންމެ ބައްދަލުވުމެއްގެ ޔައުމިއްޔާ ސެކްރެޓޭރިއަޓުން ގަވާއިދުން ލިޔަންވާނެއެވެ. އަދި ބައްދަލުވުން ނިމޭތާ ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި ޔައުމިއްޔާ ނުވަތަ ނިންމާ ނިންމުންތަކުގެ ހުލާސާގެ ދެލިކޮޕީ މެންބަރުންނާ ހިއްސާކުރަންވާނެއެވެ.

 

12 ވަނަ މާއްދާ – ބޯޑު ހިންގުމާއި، ބޯޑުގެ ހިންގާ ގަވާއިދަށް ބަދަލު ގެނައުން

(ހ) ބޯޑު ހިންގަންވާނީ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ށ) ބޯޑުގެ ހިންގާ ގަވާއިދަށް ބަދަލު ގެނެވޭނީ، ބޯޑުގެ މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރުމުންނެވެ.

 

13 ވަނަ މާއްދާ – ގަވާއިދަށް ޢަމަލުކުރަން ފެށުން

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ބޯޑުގެ މެންބަރުންގެ އަޣްލަބިއްޔަތުން މި ގަވާއިދު ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

 

14 ވަނަ މާއްދާ – އުވައިލެވޭ ގަވާއިދު

މި ގަވާއިދަށް ޢަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 82/2020 (ޕްރޮކިއުމަންޓް ޕޮލިސީ ބޯޑު ހިންގާ ގަވާއިދު) އުވުނީއެވެ.

 

15 ވަނަ މާއްދާ – މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ޢިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، މާލީ ކަންކަން ހަވާލުކޮށްފައިވާ ވުޒާރާގެ ވަޒީރަށެވެ. ނުވަތަ އޭނާގެ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާ އެހެން ފަރާތަކަށް ހަވާލުކޮށްފިނަމަ އެ ފަރާތަކަށެވެ.

(ށ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މާލީ ކަންކަން އެ ވަގުތަކު ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

(ނ) "ބޯޑު" ކަމަށް ބުނެފައި އެވަނީ، ޕްރޮކިއުމަންޓް ޕޮލިސީ ބޯޑަށެވެ.

 

މައި ގާނޫނު 

ނެތް 

އުވާލެވުނު ގަވާއިދު

މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 82/2020 އިން އުވާލެވިފައި

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު