-

މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމާ ގުޅިގެން ދައުލަތަށް ނެގޭ މުދަލާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 61/2020)

 

ފުރަތަމަ ބާބު

ފެށުން

 

1 ވަނަ މާއްދާ – ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) ގެ ދަށުން ދައުލަތަށް ނެގޭ މުދަލާ މެދު އަމަލުކުރާނެ ގޮތްތަކާއި އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ.

(ށ) މި ގަވާއިދު އެކުލަވައިލައިފައިވަނީ، ގާނޫނު ނަންބަރު 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) ގެ 64 ވަނަ މާއްދާގެ (ނ) އާއި 75 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުންނެވެ.

(ނ) މި ގަވާއިދަށް ކިޔާނީ، "މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމާ ގުޅިގެން ދައުލަތަށް ނެގޭ މުދަލާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.

(ރ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިޢުކުރާ ތާރީހުން ފެށިގެންނެވެ.

 

ދެވަނަ ބާބު

ދައުލަތަށް ނެގޭ ފައިސާއާއި މުދާ މެނޭޖްކޮށް ބެލެހެއްޓުން

 

2 ވަނަ މާއްދާ – ދައުލަތަށް ނެގޭ ފައިސާ

(ހ) ދައުލަތަށް ނެގޭ ފައިސާ ބަހައްޓަންވާނީ ކަމާބެހޭ އިދާރާގެ ބެލުމުގެ ދަށުގައެވެ.

(ށ) ދައުލަތަށް ނެގޭ ފައިސާއާއި ދައުލަތަށް ނެގޭ މުދަލުން ލިބޭ އާމްދަނީ ޖަމާކުރުމަށް ކަމާބެހޭ އިދާރާއިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އެކައުންޓެއް ހުޅުވަންވާނެއެވެ. މި އެކައުންޓުން ފައިސާ ނެގޭނީ، ކަމާބެހޭ އިދާރާއިން އަންގާ ގޮތެއްގެ މަތިންނެވެ.

(ނ) ދައުލަތަށް ނެގުމަށް ކޯޓުން ކޮށްފައިވާ އަމުރުގައިވާ ފައިސާ ހުރީ ބޭންކް އެކައުންޓެއްގައި ކަމަށް ވާނަމަ، ކަމާބެހޭ އިދާރާއިން ކޯޓު އަމުރު، އެ އެކައުންޓެއް އޮތް ބޭންކަކަށް ހުށަހެޅުމުން، ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ފައިސާގެ އަދަދު އެ އެކައުންޓުން އުނިކޮށް، މި މާއްދާގެ (ށ) ގައި ބަޔާންކުރާ އެކައުންޓަށް، އެ ބޭންކަކުން އެ ފައިސާ ޖަމާކުރަންވާނެއެވެ.

(ރ) ދައުލަތަށް ނެގުމަށް ކޯޓުން ކޮށްފައިވާ އަމުރުގައިވާ ފައިސާ ހުރީ ދައުލަތުގެ އިދާރާއެއްގެ ނުވަތަ އެހެންވެސް ފަރާތެއްގެ ބެލުމުގެ ދަށުގައި ކަމަށް ވާނަމަ، ކަމާބެހޭ އިދާރާއިން ކޯޓު އަމުރު އެ ފަރާތަކަށް ހުށަހެޅުމުން، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެކައުންޓަށް، އެ ފަރާތަކުން އެ ފައިސާ ޖަމާކުރަންވާނެއެވެ.

 

3 ވަނަ މާއްދާ – ދައުލަތަށް ނެގޭ މުދާ ބެލެހެއްޓުން

(ހ) ދައުލަތަށް ނެގޭ މުދާ ބަހައްޓަންވާނީ ކަމާބެހޭ އިދާރާގެ ބެލުމުގެ ދަށުގައެވެ. އަދި، މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ނައްތައިލެވޭ މުދާ ފިޔަވައި ދައުލަތަށް ނެގޭ އެންމެހައި މުދާ، މި ގަވާއިދުގައިވާ ގޮތުގެ މަތިން ވިއްކާލަންދެން އެކަށީގެންވާ ގޮތަކަށް އަދި އެ މުދަލުގެ އަގު އެކަށީގެންވާ ވަރަށް ވުރެ ދަށްވެގެން ނުދާނެ ގޮތަކަށް ބަލަހައްޓަންވާނެއެވެ. މިގޮތުން ބަލަހައްޓަންވާނީ، އެ މުދަލަކުން މަންފާ ލިބެމުންދާނެ ގޮތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މިނިސްޓަރ އޮފް ފިނޭންސްގެ ހުއްދަ ހޯދުމަށްފަހު، ދައުލަތަށް ނެގޭ މުދާ މެނޭޖްކޮށް ބެލެހެއްޓުމަށްޓަކައި ކަމާބެހޭ އިދާރާއިން އެހެން ފަރާތަކާ ހަވާލުކުރެވިދާނެއެވެ. މިގޮތުން އެހެން ފަރާތަކާ ހަވާލުކުރަންވާނީ ދެ ފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. އެފަދަ އެއްބަސްވުމެއްގައި، ތިރީގައިވާ ކަންކަން ބަޔާންކުރަންވާނެއެވެ.

  1. ހަވާލުކުރެވޭ މުދަލުގެ ފުރިހަމަ ތަފުސީލު؛
  2. މުދާ މެނޭޖްކޮށް ބެލެހެއްޓުމުގައި ހަވާލުކުރެވޭ ފަރާތުގެ ޒިންމާތައް.

(ނ) ދައުލަތަށް ނެގޭ މުދާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު، އެ މުދާ އަގު ކުރަންވާނެއެވެ. އަދި، އެ މުދަލެއްގެ ތަބީއަތަށް ބަލައި، ފަންނީ ވެލުއަރއެއް ލައްވާ އަގުކުރުމަށް ކަމާބެހޭ އިދާރާއަށް ފެންނަނަމަ، ފަންނީ ވެލުއަރއެއް ލައްވާ އެ މުދަލެއް އަގުކުރެވިދާނެއެވެ.

 

4 ވަނަ މާއްދާމުދާ ނައްތައިލުން

(ހ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ދައުލަތަށް ނެގޭ އަންނަނިވި މުދާ ނައްތައިލެވިދާނެއެވެ.

  1. ޖިނާއީ އިތުރު ކުށެއް ކުރުމަށް ނުވަތަ ގާނޫނާ ހިލާފު އަމަލެއް ހިންގުމަށް ބޭނުންކޮށްފާނެ ކަމަށް ބެލެވޭ މުދާ؛
  2. އެ މުދަލެއް އަތުގައި ބެހެއްޓުމަކީ ނުވަތަ އެ މުދަލެއްގެ މިލްކުވެރިކަން އޮތުމަކީ ނުވަތަ އެ މުދަލެއް ބޭނުންކުރުމަކީ ކުށެއް ކަމުގައިވާ ކޮންމެ މުދަލެއް؛
  3. ކައުންޓަރފީޓް މުދާ؛
  4. އެ މުދަލެއް ބެހެއްޓުމުން އާންމުންގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ބެލެވޭ މުދާ؛
  5. އެ މުއްދަލެއް ބެހެއްޓުމުގެ ސަބަބުން ތިމާވެށްޓަށް ގެއްލުން ލިބޭނެކަމަށް ބެލެވޭ މުދާ.

(ށ) ދައުލަތަށް ނެގޭ މުދާ ނައްތައިލަންވާނީ ތިމާވެށްޓަށް ގެއްލުން ނުވާނެ ގޮތަކަށް ނުވަތަ އެކަމުގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުން އެންމެ ކުޑަވާނެ ގޮތަކަށެވެ.

 

5 ވަނަ މާއްދާ – ދައުލަތަށް ނެގޭ މުދާ ވިއްކާލުމާއި ކުއްޔަށް ދިނުން

ދައުލަތަށް ނެގޭ މުދާ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ވިއްކާލުމުގެ ނުވަތަ ކުއްޔަށްދިނުމުގެ އިޚްތިޔާރު، ކަމާބެހޭ އިދާރާއަށް ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ – ދައުލަތަށް ނެގޭ މުދާ ވިއްކާލުން

(ހ) ދައުލަތަށް ނެގޭ މުދާ ވިއްކާލަންވާނީ، އެ މުދަލަކަށް ކޮމްޕެޓިޓިވް ރަނގަޅު އަގެއް ލިބޭނެ ގޮތަކަށެވެ.

(ށ) ދައުލަތަށް ނެގޭ މުދަލަކީ ހިއްސާ ހިމެނޭ ގޮތުން ސެކިއުރިޓީސް ކަމަށްވާނަމަ، އެކަށީގެންވާ އަގެއްގައި ވީއެންމެ އަވަހަކަށް އެ ސެކިއުރިޓީސް ވިއްކާލަންވާނެއެވެ.

(ނ) ދައުލަތަށް ނެގޭ ސެކިއުރިޓީސް ފިޔަވައި، 100,000 (އެއްލައްކަ) ރުފިޔާއަށްވުރެ އަގު ބޮޑު މުދާ ވިއްކާލަންވާނީ އާންމުކޮށް ހުޅުވައިލެވިފައިވާ ބީލަމެއްގައެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން މުދާ ވިއްކާލުމުގައި އެ މުދަލެއްގެ ރިޒާރވް ޕްރައިޒް (ވިއްކާލާނެ އެންމެ ކުޑަ އަގު) ކަނޑައަޅައިފައި އޮންނަންވާނެއެވެ. ރިޒާރވް ޕްރައިޒް ކަނޑައެޅުމުގައި ކަމާބެހޭ ވެލުއަރއެއްގެ ލަފާ ހޯދަންވާނެއެވެ.

 

7 ވަނަ މާއްދާ – ދައުލަތަށް ނެގޭ މުދާ ވިއްކައިގެން ނުވަތަ ކުއްޔަށް ދީގެން ލިބޭ ފައިސާ

ދައުލަތަށް ނެގޭ މުދާ ވިއްކާލައިގެން ނުވަތަ ކުއްޔަށް ދީގެން ލިބޭ ފައިސާ، މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެކައުންޓަށް ޖަމާކުރަންވާނެއެވެ.

 

ތިންވަނަ ބާބު

ތިންވަނަ ފަރާތުގެ ހައްގުތައް

 

8 ވަނަ މާއްދާ – ތިންވަނަ ފަރާތުގެ ހައްގުތައް

(ހ) ކަމާބެހޭ އިދާރާއިން، އެ ފައިސާއެއްގެ ނުވަތަ އެ މުދަލެއްގެ މައްޗަށް "ހެޔޮ ނިޔަތުގައި އަމަލުކުރާ ތިންވަނަ ފަރާތެއްގެ ހައްގެއް" އޮވެދާނެ ފަރާތްތަކުން ކޯޓަށް މައްސަލަ ހުށަހެޅުމަށް ފުރުސަތު ދިނުމަށްޓަކައި، ފައިސާ ނުވަތަ މުދާ ދައުލަތަށް ނެގުމަށް ކުރާ ކޯޓު އަމުރު ނެރެފައިވާ ތާރީހުން ފެށިގެން 2 (ދޭއް) ދުވަހުގެ ތެރޭގައި، ކަމާބެހޭ އިދާރާއިން، 2 (ދޭއް) ހަފުތާ ވަންދެން ދިވެހިސަރުކާރުގެ ގެޒެޓުގައި އެ ކޯޓު އަމުރެއް ށާއިޢުކުރަންވާނެއެވެ. މިގޮތުން ށާއިޢުކުރާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެފަދަ ފަރާތްތަކުން ކޯޓަށް އެ މައްސަލަ ހުށަހެޅިދާނެއެވެ.

(ށ) "ހެޔޮ ނިޔަތުގައި އަމަލުކުރާ ތިންވަނަ ފަރާތެއްގެ ހައްގު" ލިބިގެންވާ ފަރާތެއް ކަމަށް ބެލެވޭނީ އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތްތަކެވެ.

  1. އެ ފަރާތަކީ އެ ފައިސާ ނުވަތަ މުދާ ނިސްބަތްވާ ކުށް ކުރުމުގައި ބައިވެރިވި ނުވަތަ އެހީތެރިވި ފަރާތެއް ކަމުގައި ނުވުމާއި، އެ ކުށް ކުރާކަން އެނގިއްޖެ ހާލަތެއްގައި އެ ކުށް ކުރުން ހުއްޓުވަން މަސައްކަތްކުރި ފަރާތެއް ކަމުގައި ވުން؛
  2. އެ ފަރާތަކީ އެ ފައިސާ ނުވަތަ މުދާ ނިސްބަތްވާ ކުށާ ގުޅުންހުރި ކުށެއް ކޮށްފައިވާ ފަރާތެއް ކަމުގައި ނުވުން؛
  3. އެ ފަރާތަކީ ދައުލަތަށް ނެގުނު މުދަލާއި ފައިސާގައި ހަގީގީ މަސްލަހަތެއް އޮތް ފަރާތެއް ކަމުގައި ވުން؛
  4. އެ ފަރާތަކީ، ދައުލަތަށް ނެގުނު ފައިސާއަކީ ނުވަތަ މުދަލަކީ، އެ ފައިސާ ނުވަތަ މުދާ ނިސްބަތްވާ ކުށާ ގުޅިގެން ހޯދައިފައިވާ ފައިސާއެއްކަން ނުވަތަ މުދަލެއްކަން އެނގިހުރި ފަރާތެއް ކަމުގައި ނުވުން؛
  5. އެ ފަރާތަކީ، ދައުލަތަށް ނެގުނު ފައިސާއަކީ ނުވަތަ މުދަލަކީ ޣައިރުގާނޫނީގޮތުގައި އަދި ނަހަމަގޮތުގައި ބޭނުންކުރެވޭ ފައިސާއެއްކަން ނުވަތަ މުދަލެއްކަން އެނގިހުރި ފަރާތެއް ކަމުގައި ނުވުން. އަދި އެނގިހުރިނަމަ، އެކަން ހުއްޓުވަން މަސައްކަތް ކުރި ފަރާތެއް ކަމުގައިވުން؛ އަދި
  6. އެ ފަރާތަށް އެ މުދަލެއް ނުވަތަ އެ ފައިސާއެއް ލިބިފައިވަނީ އެއަށް އެކަށީގެންވާ އަގެއް ދިނުމަށްފަހު ނުވަތަ ގާނޫނީގޮތުން ހުއްދަކުރާ ގޮތަކުން ކަމަށްވުން.

 

ހަތަރުވަނަ ބާބު

ރިކޯޑް ބެލެހެއްޓުން

 

9 ވަނަ މާއްދާ – ރިކޯޑް ބެލެހެއްޓުން

(ހ) ދައުލަތަށް ނެގޭ ފައިސާއާއި މުދަލާ ގުޅޭ ރިކޯޑުތަކާއި ހިސާބުތައް، ކަމާބެހޭ އިދާރާއިން އެކުލަވައިލައި ބަލަހައްޓަންވާނެއެވެ.

(ށ) ދައުލަތަށް ނެގޭ މުދަލުގެ އިންވެންޓްރީއެއް، ކަމާބެހޭ އިދާރާއިން އެކުލަވައިލައި ބަލަހައްޓަންވާނެއެވެ. އެ އިންވެންޓްރީގައި، އެންމެ މަދުވެގެންވެސް، މުދަލަކާ ގުޅޭ ތިރީގައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

  1.  މުދަލުގެ ތަފުސީލު؛
  2. ދައުލަތަށް ނެގުނު މުދަލުގެ އަގު. މީގެ ތެރޭގައި، ދައުލަތުގެ ބެލުމުގެ ދަށަށް އެ މުދާ ގެނައުމަށްފަހު ފުރަތަމަ ކުރެވުނު އަގު (މުދަލުގެ ވެލިއު) އަދި އޭގެ ފަހުން އަގު ކޮށްފައިވާނަމަ އެ އަގު (މުދަލުގެ ވެލިއުއަށް އައި ބަދަލު) ހިމަނަންވާނެއެވެ؛
  3. ދައުލަތަށް ނެގުނު މުދާ ބަލަހައްޓަމުންދަނީ އެހެން ފަރާތަކާ ހަވާލުކޮށްގެން ކަމުގައިވާނަމަ އެކަމުގެ ތަފުސީލު؛
  4. މުދާ ހުރި ތަން؛
  5. މުދާ ވިއްކާލަން ނިންމައިފިނަމަ އެކަމާއި، މުދާ ވިއްކާލުމުގެ ކަންކަން ކުރިއަށްދާ ގޮތާއި، އެ މުދާ ވިއްކާލައިފިނަމަ އެކަން. އަދި އެ މުދަލެއް ވިއްކި އަގު؛
  6. މުދާ ކުއްޔަށްދީފައިވާނަމަ އެކަމުގެ ތަފުސީލު؛
  7. މުދާ ނައްތައިލައިފިނަމަ އެކަން އަދި ނައްތައިލި ގޮތުގެ މަޢުލޫމާތު.

(ނ) ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި، ދައުލަތަށް ނެގޭ މުދާ މެނޭޖްކުރުމުގެ ކަންކަން އެކްސްޓަރނަލް އޮޑިޓަރެއް ލައްވާ އޮޑިޓްކުރުވުމަށްފަހު، އޮޑިޓް ރިޕޯޓް، ކަމާބެހޭ އިދާރާއިން ށާއިޢުކުރަންވާނެއެވެ.

 

10 ވަނަ މާއްދާ – އަހަރީ ރިޕޯޓް

ކޮންމެ މީލާދީ އަހަރެއްގެ މާރިޗު މަސް ނިމުމުގެ ކުރިން، ދައުލަތަށް ނެގޭ މުދާ ބެލެހެއްޓުމުގެ ކަންކަން، ފާއިތުވި އަހަރުގެ ތެރޭގައި ހިނގައިފައިވާ ގޮތުގެ އަހަރީ ރިޕޯޓް ކަމާބެހޭ އިދާރާއިން އެކުލަވައިލައި ށާއިޢުކުރަންވާނެއެވެ. އަހަރީ ރިޕޯޓުގައި އެ އަހަރުގެ ތެރޭގައި ދައުލަތަށް ނެގުނު މުދަލުގެ ތަފުސީލާއި، ނައްތައިލި މުދަލާއި ވިއްކާލެވުނު މުދަލުގެ ތަފުސީލާއި، މެނޭޖްކުރުމަށް އެހެން ފަރާތަކާ ހަވާލުކުރި މުދަލުގެ ތަފުސީލު ހިމަނަންވާނެއެވެ.

 

11 ވަނަ މާއްދާ – މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ނުވަތަ ތިރީގައި މާނަކޮށްފައި ނުވާނަމަ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ލަފުޒުތަކުގެ ނުވަތަ ޢިބާރާތްތަކުގެ މާނައަކީ އެ ލަފުޒުތަކަށް ނުވަތަ ޢިބާރާތްތަކަށް ގާނޫނުގައި ދީފައިވާ މާނައެވެ.

"ކަމާބެހޭ އިދާރާ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) ގެ ދަށުން އެ ފައިސާއެއް ނުވަތަ މުދަލެއް ދައުލަތަށް ނެގުމަށް ކޯޓު އަމުރަށް އެދުނު ފަރާތަށެވެ.

"ދައުލަތަށް ނެގޭ މުދާ" ނުވަތަ "ދައުލަތަށް ނެގޭ ފައިސާ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) ގެ 62 ވަނަ މާއްދާގެ ދަށުން ދާއިމީގޮތަކަށް ދައުލަތަށް ނެގޭ މުދަލާއި ފައިސާއަށެވެ.

  

މައި ގާނޫނު

މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 10/2014)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު