-

ޖުޑީށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާއިދު

(ގަވާއިދު ނަންބަރު 2023-167)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 1 ނޮވެމްބަރު 2023 ގައި)

މި ގަވާއިދުގެ 70 ވަނަ މާއްދާއިން ވަނީ ޖުޑިށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާއިދު 2011 އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފު

މި ގަވާއިދަކީ، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 21 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން، ކޮމިށަން ހިންގުމަށް ޓަކައި ހަދައިފައިވާ، ޖުޑީށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާއިދެވެ.

(ހ) މި ގަވާއިދަށް ކިޔާނީ، "ޖުޑީށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާއިދު" އެވެ.

(ށ) މި ގަވާއިދަށް އުނިއިތުރު ގެނައުމުގެ ބާރު ލިބިގެންވަނީ، ޖުޑީށަލް ސަރވިސް ކޮމިށަނަށެވެ. މިގޮތުން މި ގަވާއިދަށް ބަދަލު ގެނެވޭނީ، ކޮމިށަނުގެ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ.

 

 

1 ވަނަ ބާބު: ކޮމިށަނުގެ އިސްމަގާމުތަކާއި ކޮމިށަނުގެ އޮނިގަނޑު

 

2 ވަނަ މާއްދާ - ކޮމިށަނުގެ އޮނިގަނޑު

(ހ) ކޮމިށަނުގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ޓަކައި، ކޮމިށަނުގެ ރަސްމީ ޖަލްސާއަކުން ފާސްކުރާ އިދާރީ އޮނިގަނޑެއް ކޮމިށަނުގައި އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފާސްކުރާ އިދާރީ އޮނިގަނޑުގައި ހިމެނޭ ބައިތަކާއި، މަސައްކަތާއި، މަގުސަދާއި، ކުރަންޖެހޭ މައިގަނޑު ހުރިހާ މަސައްކަތެއް ލިޔެފައި އޮންނަންވާނެއެވެ. އަދި މަސައްކަތްތައް ކުރަންވާ ގޮތުގެ އުސޫލުތައް (ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރސް) ލިޔެ ފާސްކުރާނީ، ކޮމިށަނުގެ ރައީސްގެ ލަފާގެ މަތީން، ސެކްރެޓަރީ ޖެނެރަލެވެ.

(ނ) ކޮމިށަނުގެ ސެކްރެޓޭރިއެޓުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ކޮމިށަނުގެ އިދާރީ އޮނިގަނޑަށް ބަދަލެއް ގެނައުމަށް ބޭނުންވެއްޖެނަމަ، އިދާރީ އޮނިގަނޑު މުރާޖާކޮށް، އިދާރީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެންނަންވާނީ، ކޮމިށަނުގެ ރަސްމީ ޖަލްސާއަކުންނެވެ.

 

3 ވަނަ މާއްދާ - ކޮމިށަނުގެ ރައީސާއި ނައިބު ރައީސް އައްޔަނުކުރުން

ކޮމިށަނުގެ ރައީސާއި ނައިބު ރައީސް އައްޔަނުކުރުމުގައި އަމަލު ކުރާނީ، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 7 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީންނެވެ.

 

4 ވަނަ މާއްދާ - ކޮމިށަނުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުން

ކޮމިށަނުގެ ރައީސް ނުވަތަ ނައިބު ރައީސް އެ މަގާމުން ވަކިކުރުމުގައި އަމަލު ކުރާނީ، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 7 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީންނެވެ.

 

5 ވަނަ މާއްދާ - ކޮމިށަނުގެ ރައީސްގެ މަސްއޫލިއްޔަތު

(ހ) ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުން.

(ށ) މި މާއްދާގެ (ހ) ގައިވާ ކަންކަމުގެ އިތުރުން ވެސް، ގާނޫނުއަސާސީއާއި ގާނޫނުގައި ކޮމިށަނުގެ ރައީސްގެ މަސްއޫލިއްޔަތުކަމަށް ބަޔާންކޮށްފައިވާ ކަންތައްތައް ކުރުން.

 

6 ވަނަ މާއްދާ - ކޮމިށަނުގެ ނައިބު ރައީސްގެ މަސްއޫލިއްޔަތު

ކޮމިށަނުގެ ނައިބު ރައީސްގެ މަސްއޫލިއްޔަތަކީ، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 9ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމެވެ.

 

7 ވަނަ މާއްދާ - ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލް

(ހ) ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކޮމިށަނުގެ އިދާރީ ހިންގުމަށް ޓަކައި ކޮމިށަނަށް ސެކްރެޓަރީ ޖެނެރަލެއް އައްޔަނު ކުރަންވާނެއެވެ.

(ށ) ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކޮމިށަން އިދާރީގޮތުން ހިންގާނީ ސެކްރެޓަރީ ޖެނެރަލެވެ.

(ނ) ކޮމިށަން އިދާރީގޮތުން ހިންގުމުގައި ސެކްރެޓަރީ ޖެނެރަލް ޖަވާބުދާރީވާނީ ކޮމިށަނަށެވެ.

 

8 ވަނަ މާއްދާ - ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ށަރުތު

(ހ) ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް ކުރިމަތިލާ ފަރާތަކީ، މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ގަބޫލުކުރާ އިންސްޓިޓިއުށަނަކުން ހިއުމަން ރިސޯސް މެނޭޖްމެންޓް، ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭށަން، ނުވަތަ ފައިނޭންސް، ނުވަތަ އެކައުންޓިންގ ނުވަތަ ގާނޫނީ ދާއިރާއިން ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތަކަށް ވާންވާނެއެވެ.

  1. ލެވެލް 9 ގެ ސަނަދަށް ވުރެ މަތީ ސަނަދެއް ހާސިލުކޮށް، ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ފުރަތަމަ ޑިގްރީއާއެކު މާސްޓާރސް ޑިގްރީ ހާސިލުކޮށް، ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. މާސްޓާރސް ޑިގްރީ ހާސިލުކޮށް، ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 7 (ހަތެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 10 (ދިހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

(ށ) މި މަގާމަށް ކުރިމަތިލާ ފަރާތުގެ ތައުލީމީ ފެންވަރުގެ އިތުރުން، އިސްނެގުމަށާއި، ލީޑަރށިޕަށާއި، ތެދުވެރިކަމަށާއި، އަމާނާތްތެރިކަމަށާއި، ހިންގުމުގެ ތަޖުރިބާއަށާއި،ނަތީޖާ ހާސިލުކޮށްފައިވާ މިންވަރަށް ބަލަންވާނެއެވެ.

(ނ) ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލާ މީހަކީ އުމުރުން 30 (ތިރީސް) އަހަރުވެފައިވާ މީހަކަށް ވުމާއެކު، މުވައްޒަފުންގެ ގަވާއިދުގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން ނަންބަރު 6 ފިޔަވައި ހުރިހާ ށަރުތުތަކެއް ފުރިހަމަވާ ފަރާތަކަށް ވާންވާނެއެވެ.

 

9 ވަނަ މާއްދާ - ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ މުއްދަތު

(ހ) ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމުގެ މުއްދަތަކީ 5 (ފަހެއް) އަހަރުދުވަހެވެ. ނަމަވެސް އެ މީހެއްގެ މަސައްކަތް ކޮމިށަނަށް ގަބޫލުކުރެވޭ ފެންވަރެއްގައި ހުރެއްޖެނަމަ، މި މުއްދަތު 5 (ފަހެއް) އަހަރުން 5 (ފަހެއް) އަހަރުން އިތުރުކުރުމުގެ އިހްތިޔާރު، ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ކަނޑައަޅައިފައިވާ 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތު ހަމަވާއިރު އިތުރު މުއްދަތަކަށް ސެކްރެޓަރީ ޖެނެރަލް މަގާމުގައި ބެހެއްޓުމަށް ކޮމިށަނުން ނިންމައިފައި ނުވާނަމަ، އެ ހިނދުން ފެށިގެން ސެކްރެޓަރީ ޖެނެރަލް މަގާމުން ވަކިވާނެއެވެ.

(ނ) ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް އައްޔަނުކުރެވޭ ފަރާތް، އެ މަގާމަށް ދާއިމީކުރުމުގައި އަމަލުކުރާނީ، މުވައްޒަފުންގެ ގަވާއިދުގެ 34 ވަނަ މާއްދާގެ(ހ) ގައިވާ ގޮތުގެ މަތީންނެވެ.

 

10 ވަނަ މާއްދާ - ސެކްރެޓަރީ ޖެނެރަލްގެ މުސާރައާއި އިނާޔަތްތައް

ސެކްރެޓަރީ ޖެނެރަލްގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ކޮމިށަނުންނެވެ.

 

11 ވަނަ މާއްދާ - ހާޒިރީއާއި ސަލާމާއި ޗުއްޓީ

(ހ) ކޮމިށަނުގެ ރަސްމީ ހުރިހާ ދުވަހަކު، ސެކްރެޓަރީ ޖެނެރަލް، އޮފީހަށް ހާޒިރުވާންވާނެއެވެ. އުޒުރެއް މެދުވެރިވެގެން ހާޒިރުވެވޭގޮތް ނުވެއްޖެނަމަ، ވީ އެންމެ އަވަހަކަށް، ކޮމިށަނުގެ ރައީސަށް ނުވަތަ އެވަގުތަކު ކޮމިށަން ހިންގުމާ ހަވާލުވެހުރި މެންބަރަކަށް އެކަން އެންގުމާއެކު، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ޑިޕާޓްމަންޓާ ހަވާލުވެހުރި ވެރިޔަކަށް އަންގަންވާނެއެވެ.

(ށ) ކޮމިށަނުގެ މަސައްކަތްތަކަށް، ސެކްރެޓަރީ ޖެނެރަލް ގަޑިނުޖެހި ހާޒިރުވާންވާނެއެވެ. އަދި ޕާރފޯމަންސް އެޕްރައިޒަލްގެ ބޭނުމަށް ޓަކައި ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނަ ފަރާތެއްގެ ހާޒިރީ ބަލަހައްޓަންވާނެއެވެ.

(ނ) މުވައްޒަފުންގެ ގަވާއިދުގެ 53 ވަނަ މާއްދާއާއި، 54 ވަނަ މާއްދާއާއި، 55 ވަނަ މާއްދާއާއި، 56 ވަނަ މާއްދާއާއި، 57 ވަނަ މާއްދާއާއި، 58 ވަނަ މާއްދާއާއި،60 ވަނަ މާއްދާއާއި، 61 ވަނަ މާއްދާއާއި، 62 ވަނަ މާއްދާއާއި، 63 ވަނަ މާއްދާއާއި، 64 ވަނަ މާއްދާގައިވާ ސަލާމާއި ޗުއްޓީތައް، މުވައްޒަފުންނެކޭ އެއްގޮތަށް ސެކްރެޓަރީ ޖެނެރަލަށް ވެސް ލިބިދެވޭނެއެވެ.

 

12 ވަނަ މާއްދާ - ސެކްރެޓަރީ ޖެނެރަލް ވަޒީފާއިން ވަކިކުރުން

(ހ) ސެކްރެޓަރީ ޖެނެރަލް ވަޒީފާއިން ވަކިކުރެވޭނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާއި، މުވައްޒަފުންގެ ގަވާއިދުގެ 44 ވަނަ މާއްދާގެ(ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން، ވަޒީފާއިން ވަކިކުރުމަށްކޮމިށަނުން ނިންމުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ސެކްރެޓަރީ ޖެނެރަލް ވަޒީފާއިން ވަކިކުރަން ކޮމިށަނުން ނިންމަންވާނީ، އެ މާއްދާގައިވާ ފަދަ ހާލަތެއް މެދުވެރިވެއްޖެކަމަށް ކޮމިށަނުގެ ރައީސަށް ނުވަތަ މެންބަރަކަށް ފާހަގަވެ، އެކަން ކޮމިށަނަށް ހުށަހަޅައި، ކޮމިށަނުން އެކަން ތަހުގީގުކޮށް، ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށްފަހުގައެވެ.

 

13 ވަނަ މާއްދާ - ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތައް

(ހ) ކޮމިށަނުގެ އިދާރީ ހިންގުމުގެ އެންމެ އިސް މުވައްޒަފުގެ ހައިސިއްޔަތުން، ކޮމިށަން އިދާރީގޮތުން ހިންގައި ބެލެހެއްޓުމުގައި އަންނަނިވި ކަންތައްތައް ކުރުން ހިމެނެއެވެ.

(ށ) ކޮމިށަން އިދާރީގޮތުން ހިންގުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލައި ކޮމިށަނުން ފާސްކުރުމަށްފަހު، ކޮމިށަނުގެ ރައީސްގެ އިރުށާދުގެ ދަށުން ހިންގައި ބެލެހެއްޓުން.

(ނ) ކޮމިށަނުގެ މަށްވަރާއާއެކު ކޮމިށަނުގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވައިލައި، ކޮމިށަނުގެ ކުރިއެރުމާއި ތަރައްގީއަށް ދުރު ރާސްތާގެ މަށްރޫއުތަކާއި، މެދުރާސްތާގެ މަށްރޫއުތަކާއި، ކުރު ރާސްތާގެ މަށްރޫއުތައް އެކުލަވައިލައި،އެ މަށްރޫއުތައް ހިންގައި ބެލެހެއްޓުން.

(ރ) ކޮމިށަނުގެ ބަޖެޓް އެކުލަވައިލައި، ކޮމިށަނަށް އެ ބަޖެޓު ހުށަހެޅުމާއި، ކަނޑައެޅިފައިވާ ތާރީހަށް ކަމާބެހޭ އިދާރާއަށް އެ ބަޖެޓު ފޮނުވުން.

(ބ) ކޮމިށަނުގެ އިދާރީ ކަންތައްތަކުގައި ރައްޔިތުންގެ މަޖިލީހަށް ކޮމިށަނުން ޖަވާބުދާރީވާންޖެހޭ ހާލަތުގައި އެކަމުގެ ފުރިހަމަ އެހީތެރިކަން ދިނުން.

(ޅ) ކޮމިށަނުގެ ޖަލްސާތަކުގައި ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ބައިވެރިވުން.

(ކ) ކޮމިށަނުގެ ޖަލްސާތަކަށް ބޭނުންވާ ދިރާސާތަކާއި ރިޕޯޓުތައް ތައްޔާރުކުރުން.

(އ) ކޮމިށަނުގެ ޖަލްސާތަކުގައި ވޯޓުނަގަންޖެހޭ ކަންކަމުގައި އިދާރީގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ނެގޭ ވޯޓުގެ ނަތީޖާއާއި އޭގެ ތަފުސީލު ބެލެހެއްޓުން.

(ވ) ކޮމިށަނުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ކޮމިށަނުގައި އެކުލަވައިލައިފައިވާ އެކިއެކި ކޮމިޓީތަކުގެ މަސައްކަތް އެ ކޮމިޓީތައް ހިންގުމަށް ހަދައިފައިވާ އުސޫލުތަކާ އެއްގޮތަށް ހިނގާތޯ ބަލައި، ކޮމިށަނުގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންކަން ކޮމިށަނުގެ ސަމާލުކަމަށް ގެނައުން.

(މ) ކޮމިށަނުގެ މަސައްކަތާ ގުޅިގެން ކޮމިށަނުގެ ރައީސް އަންގާ އެހެނިހެން ކަންތައްތައް ކުރުން.

(ފ) އަދުލު އިންސާފުގެ ދާއިރާ ކުރިއެރުވުމަށާއި ކޮމިށަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކޮމިށަނުން ނިންމާ ނިންމުންތަކުގެ ތެރެއިން ކޮމިށަނުގެ މެންބަރަކާ ނުވަތަ މެންބަރުންނާ ހަވާލުކުރެވޭ މަސްއޫލިއްޔަތު އަދާކުރުމަށްއެ މެންބަރަކު ނުވަތަ އެ މެންބަރުން ކުރަންޖެހޭ މަސައްކަތްތަކަށް މަގުފަހިކޮށްދީ އެކަމުގައި އެހީތެރިވުން.

(ދ) ކޮމިށަނުގެ އިދާރީ އޮނިގަނޑު (ބޭނުންވާ މުވައްޒަފުންގެ އަދަދާއި ފެންވަރު އެނގޭގޮތަށް) އެކުލަވައިލައި، މުވައްޒަފުން ހޯދައި، ވަޒީފާގެ އެއްބަސްވުމާއި ވަޒީފާ ބަޔާން އެކުލަވައިލުމާއި، ކޮންމެ މުވައްޒަފަކަށް ވެސް، އެ މުވައްޒަފެއްގެ ޒިންމާތައް އެނގޭނޭހެން އެ މުވައްޒަފެއްގެ މަސައްކަތް ހަވާލުކުރުމާއި، އެކަމާބެހޭ ރިކޯޑާއި ލިޔެކިޔުންތައް ބެލެހެއްޓުމާއި، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު، ވަޒީފާއަށް އެކަށީގެންނުވާ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ކޮމިށަނަށް ހުށަހެޅުން.

(ތ) މުވައްޒަފުންނާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ތައްޔާރުކޮށް އެކުލަވައިލައި ކޮމިށަނަށް ހުށަހެޅުމާއި، އެ ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަންޖެހޭ އިސްލާހުތައް ކޮމިށަނަށް ހުށަހެޅުމާއި، މުވައްޒަފުންނާ ބެހޭގޮތުން ކޮމިށަނުން ނިންމާ ނިންމުންތައް މުވައްޒަފުންނަށް އަންގައި އެ ކަންތައްތައް ތަންފީޒުކުރުން.

(ލ) މެންބަރުންނާއި މުވައްޒަފުން މަސައްކަތް ކުރުމަށް ބޭނުންވާ މަސައްކަތު މާހައުލާއި ޖާގައާއި ވަސީލަތްތައް އެވަގުތަކަށް ހަމަޖައްސައިދެވެން އޮތް އެންމެ ރަނގަޅު ގޮތަކަށް ހަމަޖައްސައިދިނުން.

(ގ) ކޮމިށަނުގައި ވަޒީފާ އަދާކުރާ ތަފާތު ގިންތިތަކުގެ އެންމެން ގުޅިގެން އެކުވެރިގޮތެއްގައި މަސައްކަތްކުރެވޭނެ މާހައުލެއް ގާއިމުކޮށް ދެމެހެއްޓުމާއި، މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި، ގުޅުން ބަދަހިކުރުމާއި، މަސްލަހަތު ގާއިމުކުރުން.

(ޏ) މުވައްޒަފުން މަސައްކަތްކުރާގޮތް ބެލުމާއި، ރަނގަޅަށް މަސައްކަތްކުރާ މުވައްޒަފުންނަށް ހިތްވަރުދިނުމާއި، ވަޒީފާއަށް ފަރުވާކުޑަކުރާ މުވައްޒަފުންނާމެދު މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތީން އިސްލާހީ ފިޔަވަޅުއެޅުން.

(ސ) މުވައްޒަފުންގެ މައުލޫމާތާއި މަސައްކަތުގެ ހުނަރާއި ގާބިލުކަން އިތުރުކޮށް ފެންވަރުމަތިކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ރާވައި ހިންގުމާއި، މަސައްކަތުގައި އިތުރު އެހީއަށް ބޭނުންވާ މުވައްޒަފުންނަށް އެހީތެރިކަން ދެވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުން.

(ޑ) މުވައްޒަފުންގެ ތެރޭގައި ކަމަށް ކަމޭހިތުމާއި، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމާއި، އިހްލާސްތެރިކަމާއި ފަރުވާތެރިކަމާއެކު މަސައްކަތް ފުރިހަމައަށް ކުރުމާއި، ދުވަހުން ދުވަހަށް މަސައްކަތް ނިންމުން ފަދަ ސިފަތައް އަށަގަންނުވައި، ކުރިއަރުވައި، މަސައްކަތުގެ އަހުލާގާއި ނަޒާހަތްތެރިކަން ހަރުދަނާކުރުން.

(ޒ) އީޖާދީއައުގޮތްތަކާއިއީޖާބީ އައުގޮތްތައް ހޯދުމަށް ދިރާސާކުރުމާއި، އެ ގޮތްތައް ތައާރުފުކުރުމާއި، މަސައްކަތްތައް ފަސޭހަކޮށް، ހަލުވިކޮށް އަދި ހަރަދުކުޑަކޮށް ކުރެވޭނެ އައު ޓެކްނޮލޮޖީއާއި ގޮތްތައް ހޯދައި، އެ ކަންކަން ތައާރުފުކުރުން.

(ޓ) ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީން، ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހިކޮށް، ކަމާ ގުޅޭ މައުލޫމާތާއި ތަޖުރިބާ މެންބަރުންނާއި މުވައްޒަފުންނާ ހިއްސާކުރުން.

(ޔ) ކޮމިށަން ތަމްސީލުކުރާ އެކިއެކި ހަރަކާތްތައް ރާވައި ހިންގުމުގައި އެއްބާރުލުންދީ، މިފަދަ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވެ، މިފަދަ ހަރަކާތްތަކުގައި އެހެން މުވައްޒަފުން ބައިވެރިވުމަށް ހިތްވަރުދީ ނަމޫނާ ދެއްކުން.

(ޕ) މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރަށް، މި ގަވާއިދާއި މުވައްޒަފުންގެ ގަވާއިދުގައި ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅައިފައިވާ އެންމެހައި ކަންތައްތައް ކުރުން.

 

14 ވަނަ މާއްދާ - ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރ

ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 3-21 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުގެ އިދާރީ ހިންގުމަށް ޓަކައި ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރެއް ކޮމިށަނުން އައްޔަނުކުރަން ވާނެއެވެ.

 

15 ވަނަ މާއްދާ - ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގެ ށަރުތު

(ހ) ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގެ ށަރުތަކީ، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 3-21 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކެވެ.

(ށ) މި މާއްދާގެ (ށ) ގެ ބޭނުމަށް ޓަކައި، އެ މާއްދާގައިބަޔާންކޮށްފައިވާ ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރުން އެހެން ށަރުތުތައް ކޮމިށަނުން ކަނޑައެޅިދާނެއެވެ.

 

16 ވަނަ މާއްދާ - ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގެ މުއްދަތު

(ހ) ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގެ މުއްދަތަކީ، 5 (ފަހެއް) އަހަރުދުވަހެވެ. ނަމަވެސް އެ މީހެއްގެ މަސައްކަތް ކޮމިށަނަށް ގަބޫލުކުރެވޭ ފެންވަރެއްގައި ހުރެއްޖެނަމަ، މި މުއްދަތު 5 (ފަހެއް) އަހަރުން 5 (ފަހެއް) އަހަރުން އިތުރުކުރުމުގެ އިހްތިޔާރު، ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރުކަމުގެ މަގާމަށް އައްޔަނުކުރެވޭ ފަރާތްއެ މަގާމަށް ދާއިމީކުރުމުގައި އަމަލު ކުރާނީ، މުވައްޒަފުންގެ ގަވާއިދުގެ 34 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީންނެވެ.

 

17 ވަނަ މާއްދާ - ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރުގެ މަސްއޫލިއްޔަތުތައް

ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 21-1 މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އެންމެހައި ކަންތައްތައް، ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެއެވެ.

 

18 ވަނަ މާއްދާ - ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރުގެ މުސާރައާއި އިނާޔަތްތައް

ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ކޮމިށަނުންނެވެ.

 

19 ވަނަ މާއްދާ - ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރުގެ ހާޒިރީއާއި ސަލާމާއި ޗުއްޓީ

(ހ) ރަސްމީ ހުރިހާ ދުވަހަކު، ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރ، އޮފީހަށް ހާޒިރުވާން ވާނެއެވެ. އުޒުރެއް މެދުވެރިވެގެން ހާޒިރުވެވޭގޮތް ނުވެއްޖެނަމަ، ވީ އެންމެ އަވަހަކަށް، ކޮމިށަނުގެ ރައީސަށް ނުވަތަ އެވަގުތަކު ކޮމިށަން ހިންގުމާ ހަވާލުވެހުރި މެންބަރަކަށް އެކަން އެންގުމާއެކު، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ޑިޕާޓްމަންޓާ ހަވާލުވެހުރި ވެރިޔަކަށް އެކަން އަންގަންވާނެއެވެ.

(ށ) ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުގެ މަސައްކަތްތަކަށް، ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރ ގަޑިނުޖެހި ހާޒިރުވާންވާނެއެވެ. އަދި ޕާރފޯމަންސް އެޕްރައިޒަލްގެ ބޭނުމަށް ޓަކައި ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނަ ފަރާތެއްގެ ހާޒިރީ ބަލަހައްޓަންވާނެއެވެ.

(ނ) މުވައްޒަފުންގެ ގަވާއިދުގެ 53 ވަނަ މާއްދާއާއި، 54 ވަނަ މާއްދާއާއި، 55 ވަނަ މާއްދާއާއި، 56 ވަނަ މާއްދާއާއި، 57 ވަނަ މާއްދާއާއި، 58 ވަނަ މާއްދާއާއި، 60 ވަނަ މާއްދާއާއި، 61 ވަނަ މާއްދާއާއި، 62 ވަނަ މާއްދާއާއި، 63 ވަނަ މާއްދާއާއި، 64 ވަނަ މާއްދާގައިވާ ސަލާމާއި ޗުއްޓީތައް، މުވައްޒަފުންނެކޭ އެއްގޮތަށް، ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރަށް ވެސް ލިބިދެވޭނެއެވެ.

 

20 ވަނަ މާއްދާ - ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރ ވަޒީފާއިން ވަކިކުރުން

(ހ) ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރ ވަޒީފާއިން ވަކިކުރެވޭނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާއި، މުވައްޒަފުންގެ ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން، ވަޒީފާއިން ވަކިކުރުމަށް ކޮމިށަނުން ނިންމުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ވަޒީފާއިން ވަކިކުރަން ކޮމިށަނުން ނިންމަންވާނީ، އެ މާއްދާގައިވާ ފަދަ ހާލަތެއް މެދުވެރިވެއްޖެކަމަށް ކޮމިށަނުގެ ރައީސަށް ނުވަތަ މެންބަރަކަށް ފާހަގަވެ، ކޮމިށަނަށް އެކަން ހުށަހަޅައި، ކޮމިށަނުން އެކަން ތަހުގީގުކޮށް، ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރަށް ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށް ފަހުގައެވެ.

 

 

2 ވަނަ ބާބު: މެންބަރުން

 

21 ވަނަ މާއްދާ - މެންބަރުންގެ މަސްއޫލިއްޔަތު

(ހ) މެންބަރުންގެ މަސްއޫލިއްޔަތުގެ ގޮތުގައި ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުން.

(ށ) ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ3 ވަނަ މާއްދާގެ 6 ވަނަ ނަންބަރާއި، 8 ވަނަ ނަންބަރާއި، 10 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކޮމިށަނުގެ މެންބަރުން، ކޮމިށަނުގެ އިދާރާގައި ހާޒިރުވެތިބެގެން، ކޮމިށަނުގެ ނިންމުންތައް ނިންމުމުގައި ކޮމިށަނުގެ ސެކްރެޓޭރިއެޓަށް ލަފާދިނުމުގައި ބައިވެރިވުން.

 

22 ވަނަ މާއްދާ - މެންބަރުކަމުގެ މުއްދަތު

ކޮމިށަނުގެ މެންބަރުކަމަށް އައްޔަނު ކުރެވޭ މީހަކު އެ މަގާމުގައި ދެމިހުންނާނީ، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ.

 

23 ވަނަ މާއްދާ - ހާޒިރީއާއި ޗުއްޓީ

(ހ) ކޮމިށަނުގެ މެންބަރުން ޖަލްސާއަށް ހާޒިރުވުމަށްފަހު އެ ދުވަހެއްގެ ހާޒިރީގައި ސޮއިކުރަންވާނެއެވެ.

(ށ) ދިމާވާ މުހިންމު ސަބަބަކާހުރެ ކޮމިށަނުގެ ޖަލްސާއަކަށް ނުވަތަ ކޮމިޓީއެއްގެ ބައްދަލުވުމަކަށް މެންބަރަކު ހާޒިރުވުމަށް އުޒުރުވެރިވާނަމަ، އެ ޖަލްސާއެއް ނުވަތައެ ކޮމިޓީއެއް ފެށުމުގެ 30 (ތިރީސް) މިނިޓުގެ ކުރިން، ކޮމިށަނުގެ ސެކްރެޓޭރިއެޓަށްއެކަން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ކޮމިށަނުގެ ޖަލްސާއަކަށް ނުވަތަ ކޮމިޓީއެއްގެ ބައްދަލުވުމަކަށް ސަލާމް ބަޔާންކޮށްފައިވާ މެންބަރަކު، އެ ޖަލްސާއެއް ނުވަތައެ ކޮމިޓީގެ ޔައުމިއްޔާއާއި ހާޒިރީގައި ފާހަގަކުރާނީ ސަލާމުގައިހުރި މެންބަރުންގެ ގޮތުގައެވެ.

(ރ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލަށް ނާންގައި، ނުވަތަ މި ގަވާއިދުގައިވާ ގޮތުގެ މަތީން ޗުއްޓީ ނުނަގައި، މެންބަރަކު ކޮމިށަނުގެ ޖަލްސާއަށް ނުވަތަ ކޮމިޓީގެ ބައްދަލުވުމަކަށް ހާޒިރު ނުވާނަމަ، އެ ޖަލްސާގެ ނުވަތަ ބައްދަލުވުމެއްގެ ޔައުމިއްޔާއާއި ހާޒިރީގައި އެ މެންބަރަކު ފާހަގަކުރާނީ ހާޒިރުނުވާ މެންބަރެއްގެ ގޮތުގައެވެ.

(ބ) ކޮމިށަނުގެ މެންބަރަކު ޗުއްޓީއެއް ނެގުމަށް ބޭނުންވާނަމަ، އެކަމަށް އެދި ކޮމިށަނުގެ ރައީސަށް ހުށަހަޅަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައިވާ ގޮތުގެ މަތީން ޗުއްޓީދެވޭ މެންބަރެއްގެ ނަން ކޮމިށަނުގެ ޖަލްސާގެ ނުވަތަ ކޮމިޓީގެ ބައްދަލުވުމުގެ ޔައުމިއްޔާއާއި ހާޒިރީގައި ފާހަގަކުރަންވާނީ، ޗުއްޓީގައި ހުރި މެންބަރެއްގެ ގޮތުގައެވެ.

(ކ) ކޮމިށަނުގެ ޖަލްސާތަކުގެ ހާޒިރީ، ކޮންމެ މަހަކު އެއްފަހަރު އާންމު ކުރަންވާނެއެވެ.

 

24 ވަނަ މާއްދާ - މެންބަރުންގެ ސުލޫކީ މިންގަނޑު

(ހ) ކޮމިށަނުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި، ބާރުތައް ބޭނުންކުރުމުގައްޔާއި، ކޮމިށަނުގެ މެންބަރުންގެ މެންބަރުކަމުގެ މުއްދަތުގައި، ކޮމިށަނުގެ ކޮންމެ މެންބަރަކު ވެސް، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެންބަރުންގެ ސުލޫކީ މިންގަނޑާ އެއްގޮތަށް އަމަލުކުރަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް އެއްވެސް މެންބަރަކު އެއްވެސް ކަމެއް ކޮށްފިނަމަ، އެ ކަމެއް ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށާއި ކަމާބެހޭ ފަރާތްތަކަށް ކޮމިށަނުގެ ރައީސް ހުށަހަޅަންވާނެއެވެ.

 

25 ވަނަ މާއްދާ - އިސްތިއުފާ ދިނުން

ކޮމިށަނުގެ މެންބަރުކަމުން އިސްތިއުފާ ދެވޭނީ، ކޮމިށަނުގެ މެންބަރުކަމުން އިސްތިއުފާ ދިނުމުގައި އަމަލުކުރުމަށް ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 15 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ ގޮތްތަކުން ކުރެ ގޮތަކަށެވެ.

 

26 ވަނަ މާއްދާ - މުސާރައާއި އިނާޔަތްތައް

ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މުސާރައާއި އިނާޔަތްތައް، ކޮމިށަނުގެ މެންބަރުންނަށް ލިބިދެވޭނެއެވެ.

 

27 ވަނަ މާއްދާ - މެންބަރުކަމުން ވަކިވުން

ކޮމިށަނުގެ މެންބަރުކަމުން ވަކިވާނީ، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގައި ކޮމިށަނުގެ މެންބަރުކަމުން ވަކިވާނެކަމަށް ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

 

3 ވަނަ ބާބު: ކޮމިށަން ޖަލްސާ

 

28 ވަނަ މާއްދާ - ޖަލްސާ ބާއްވާ ކަންކަމާއި މަގުސަދު

މި ބާބުގެ މަގުސަދަކީ ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ހާސިލުކުރުމަށް ޓަކައި ކޮމިށަނުގެ ޖަލްސާތައް ބާއްވައި، އެ ޖަލްސާތައް ހިންގުމެވެ.

(ހ) އުއްތަމަފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަނުކުރުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ބޭނުންވާ ލަފާ، އެ ފަރާތަށް ދިނުމަށް ޓަކައި ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެ މަތީން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި، ނިންމަންޖެހޭ ނިންމުންތައް ނިންމުން.

(ށ) އުއްތަމަފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން އައްޔަނުކުރުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި، ބަދަލުކުރުމަށް ޓަކައި ކުރަންޖެހޭ ދިރާސާތައްކުރުމާއި، ނިންމަންޖެހޭ ނިންމުންތައް ނިންމުން.

(ނ) ކޮމިށަނުން ހިންގާ ކަންކަން ހިންގުމަށް ހަދަންޖެހޭ ގަވާއިދުތަކާއި، އުސޫލުތަކާއި، މިންގަނޑުތަކާއި، ކަނޑައަޅަންޖެހޭ މިނޫންވެސް ކަނޑައެޅުންތައް ކަނޑައަޅައި ފާސްކުރުމާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރާބެހޭގޮތުން ކޮމިށަނުން ނިންމަންޖެހޭ އެނޫންވެސް ނިންމުންތައް ނިންމުން.

(ރ) ކޮމިށަނުގެ ކަންތައްތައް ހިންގުމަށް ޓަކައި އެކި ކަންކަމާ ގުޅޭ ކޮމިޓީތައް އެކުލަވައިލުމާއި، އެ ކޮމިޓީތަކުގެ ޖަލްސާތައް ބޭއްވުމާއި،އެ ކޮމިޓީގެ މަސައްކަތާ ބެހޭގޮތުން ނިންމުންތައް ނިންމުމާއި، 
އެ ކޮމިޓީތަކުގެ ނިންމުންތަކާއި ހުށަހެޅުންތައް ތަންފީޒު ކުރުމާބެހޭ ގޮތުން ނިންމުންތައް ނިންމުން.

(ބ) ކޮމިށަނުގެ މަސައްކަތާ ގުޅޭ އެކި މައްސަލަތަކާ ބެހޭގޮތުން ދިރާސާތައް ކުރުމަށް ނިންމުމާއި، އެކިއެކި ރިޕޯޓުތަކާއި ދިރާސާތަކާ ބެހޭގޮތުން ނިންމުންތައް ނިންމުން.

(ޅ) ކޮމިށަން ހިންގުމަށް ޓަކައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތަކާއި،އެ ކަންތައްތައް އެންމެ ފުރިހަމަގޮތުގައި ހިންގުމަށް ޓަކައި އަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުން.

 

29 ވަނަ މާއްދާ - ކޮމިށަނުގެ ޖަލްސާތައް

(ހ) ކޮމިށަނުގެ ޖަލްސާތައް ބޭއްވުމުގައި އަމަލުކުރާނީ، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ށ) ކޮމިށަނުގެ ޖަލްސާއެއް، މަދުވެގެން މަހަކު އެއްފަހަރު ބާއްވަންވާނެއެވެ. އޭގެ އިތުރުން، ކޮމިށަނުގެ ޖަލްސާއެއް، ތިރީގައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ބޭއްވިދާނެއެވެ.

  1. ކޮމިށަނުގެ ރައީސް، ކޮމިށަނުގެ ޖަލްސާއަކަށް ގޮވައިލުން.
  2. ކޮމިށަނުގެ ޖަލްސާއެއް ބޭއްވުމަށް ކޮމިށަނުން ނިންމުން.
  3. ކޮމިށަނުގެ މެންބަރުންގެ ތެރެއިން 4 (ހަތަރެއް) މެންބަރުން ޖަލްސާއެއް ބޭއްވުމަށް އެދުން.
  4. ކުއްލި ޖަލްސާއެއް ބޭއްވުމަށް މި ގަވާއިދުގެ 31 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ނިންމުން.

 

30 ވަނަ މާއްދާ - ރަސްމީ ޖަލްސާ

(ހ) ކޮމިށަނުގެ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ބައިވެރިވާ، ގާނޫނީގޮތުން އެއަށް އަމަލުކުރެވޭނެ ނިންމުންތައް ނިންމުމަށް ބާއްވާ ކޮންމެ ޖަލްސާއަކީ ރަސްމީ ޖަލްސާއެކެވެ. 

(ށ) ރަސްމީ ޖަލްސާއިން ނިންމަންޖެހޭ ކަންތައްތަކުގެ ތެރޭގައި، މި ގަވާއިދުގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން، އަންނަނިވި ކަންތައްތައް ހިމެނެއެވެ.

  1. ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ކޮމިށަނުގެ މަސައްކަތާ ގުޅޭ ގަވާއިދުތަކާއި، އެ ނޫން އެކިއެކި ގަވާއިދުތައް ފާސްކުރުމާއި، އެއިން ގަވާއިދަކަށް ކޮންމެހެން ގެންނަންޖެހޭ އިސްލާހެއް އޮތްނަމަ އެ އިސްލާހެއް ގެނައުން؛
  2. ފަނޑިޔާރުންނާ ބެހޭގޮތުން އުފުލާ ށަކުވާތައް ބެލުމުގައި ނިންމަންޖެހޭ ނިންމުންތަކާއި، އެ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަގާމުން ވަކިކުރަންޖެހޭ މީހުން ވަކިކުރުމަށް ހުށަހަޅަންޖެހޭ ފަރާތްތަކަށް އެފަދަ މީހުން މަގާމުން ވަކިކުރުމަށް ހުށަހެޅުން؛
  3. ކޮމިށަނުން ހިންގަން ބޭނުންވާ މަށްރޫއުތައް މެންބަރުންގެ މެދުގައި މަށްވަރާކޮށްގެން ފާސްކުރުން؛
  4. ކޮމިށަނުން ފާސްކުރާ ގަރާރުތަކާއި ނޫސްބަޔާންތައް މެންބަރުންގެ މެދުގައި މަށްވަރާކޮށްގެން ފާސްކުރުން؛
  5. ކޮމިށަނުގެ ޖަލްސާތަކުގެ ހިންގާ ގަވާއިދު ހެދުމާއި އިސްލާހުކުރުން؛
  6. ކޮމިށަނުން އެކުލަވައިލަންޖެހޭ ކޮމިޓީތައް އެކުލަވައިލުން.

 

31ވަނަ މާއްދާ - ކުއްލި ޖަލްސާ

ކޮމިށަނުގެ ކުއްލި ޖަލްސާއެއް ބޭއްވޭނީ، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 19 ވަނަ މާއްދާގެ (ނ) އާއި، (ރ) އާއި، (ބ) އާއި،(ޅ) އާއި، (ކ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

32 ވަނަ މާއްދާ - ޖަލްސާ ބާއްވާ ތަން

ކޮމިށަނުގެ ޖަލްސާ ބާއްވާނީ، ކޮމިށަނުގެ އިދާރާގައެވެ. ނަމަވެސް ކޮމިށަނުގެ ރައީސް ނުވަތަ ކޮމިށަނުން ކަނޑައަޅާ ތަނެއްގައި މެންބަރުން ފިޒިކަލީ ހާޒިރުވެގެން ބައިވެރިވުމާއި އޮންލައިންކޮށް ބައިވެރިވެވޭގޮތަށް، ކޮމިށަނުގެ ޖަލްސާ ބޭއްވުމަށް މި މާއްދާއިން ހުރަހެއް ނެތެވެ.

 

33 ވަނަ މާއްދާ - ގާނޫނީ އަދަދު

ކޮމިށަނުގެ ޖަލްސާއެއް ބޭއްވޭނީ، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މެންބަރުން ހާޒިރުވެ ތިބެގެންނެވެ. 

 

34 ވަނަ މާއްދާ - އެޖެންޑާކުރުން

(ހ) ޖަލްސާތަކުގެ އެޖެންޑާ ތައްޔާރުކުރާނީ، ކޮމިށަނުގެ މެންބަރަކު މައްސަލައެއް އެޖެންޑާ ކުރުމަށް އެދިފައިވާނަމަ އެކަމެއް އެކުލެވޭގޮތަށް، ކޮމިށަނުގެ ރައީސްގެ މަށްވަރާގެ މަތީން، ސެކްރެޓަރީ ޖެނެރަލެވެ. ކޮމިށަނުގެ މެންބަރަކު އެއްވެސް މައްސަލައެއް އެޖެންޑާކުރަން ހުށަހަޅައިފިނަމަ، އެ މައްސަލައެއް އެޖެންޑާ ނުކޮށް ދޫކޮށްލުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެނެއް ނުވެއެވެ.

(ށ) މި ގަވާއިދުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރަސްމީ ޖަލްސާއަކަށް މެންބަރަކު މައްސަލައެއް އެޖެންޑާކުރުމަށް ބޭނުންވާ ހާލަތުގައި، މައްސަލައެއް ކޮމިށަނަށް އެޖެންޑާކުރުމަށް މި މާއްދާގެ (ކ) ގައި ކަނޑައަޅައިފައިވާ ގަޑީގެ 12 (ބާރަ) ގަޑިއިރުގެ ކުރިން އެޖެންޑާ ކުރުމަށް އެދެންވާނެއެވެ.

(ނ) ކޮމިށަނުގެ ޖަލްސާއަށް ސެކްށަންތަކުގެ ވެރިން ނުވަތަ ސެކްރެޓަރީ ޖެނެރަލް ހުށަހަޅާ ކަންކަން އެޖެންޑާކުރުމަށް ހުށަހަޅާނީ، ކޮމިށަނުގެ ރައީސް މެދުވެރިކޮށެވެ.

(ރ) ރަސްމީ ޖަލްސާތަކުގައި، ޖަލްސާ ކުރިޔަށް ގެންދިއުމުގެ ކުރިން، އެ ޖަލްސާގެ އެޖެންޑާ ކަނޑައެޅިފައި އޮންނަންވާނެއެވެ.

(ބ) ޖަލްސާގެ އެޖެންޑާގެ "އެހެނިހެން" ގެ ތެރޭގައި ކަމެއް ހިމަނައިގެން ކުރިޔަށް ގެންދަންވާނީ، ކޮމިށަނުގެ އެއްވެސް މެންބަރަކު އިއުތިރާޒު ނުކުރާނަމައެވެ.

(ޅ) ކޮމިށަނުގެ ޖަލްސާއަކުންވަކި ކަމެއް، ވަކި ބައްދަލުވުމަކަށް އެޖެންޑާކުރަން ނިންމައިފިނަމަ، އެ ކަމެއް، އެ ބައްދަލުވުމަކަށް އެޖެންޑާ ކުރަންވާނެއެވެ.

(ކ) ޖަލްސާތަކުގެ އެޖެންޑާ، ޖަލްސާ ބޭއްވުމުގެ މަދުވެގެން 12 (ބާރަ) ގަޑިއިރުގެ ކުރިން، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށް، އިލެކްޓްރޯނިކްކޮށް ނުވަތަ އެނޫން ވަސީލަތެއް ބޭނުންކޮށްގެން ނަމަވެސް، ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލް، މެންބަރުންނަށް ފޮނުވަންވާނެއެވެ.

 

35 ވަނަ މާއްދާ - ނޯޓިސް ދިނުން

(ހ) ކުއްލި ޖަލްސާއެއް ބާއްވަން ޖެހިއްޖެ ހާލަތެއް ފިޔަވައި، ކޮމިށަނުގެ ޖަލްސާއެއް ބާއްވަންވާނީ، މަދުވެގެން 12 (ބާރަ) ގަޑިއިރުގެ ނޯޓިހެއް މެންބަރުންނަށް ދިނުމަށްފަހުގައެވެ.

(ށ) ކުއްލި ހާލަތެއް މެދުވެރިވެގެން މެނުވީ، ނޯޓިސް ލިބުމަށްފަހު އެއްވެސް މެންބަރަކު ޖަލްސާއަށް ހާޒިރު ނުވެވޭނެ ކަމުގައި ވާނަމަ، ކޮމިށަނަށް އެކަން އަންގަންވާނެއެވެ.

 

36 ވަނަ މާއްދާ - ވަގުތީގޮތުން ރިޔާސަތު ބެލެހެއްޓުން

ކޮމިށަނުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ، ކޮމިށަނުގެ ނައިބު ރައީސެވެ. އަދި ކޮމިށަނުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ، ކޮމިށަނުގެ ރައީސެވެ. ކޮމިށަނުގެ ރައީސަށާއި ނައިބު ރައީސަށް ރިޔާސަތު ބެލެހެއްޓެން ނެތް ހާލަތެއް މެދުވެރިވެއްޖެނަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ، ކޮމިށަނުގެ މެންބަރުންގެ ތެރެއިން އެކަމަށް ކަނޑައެޅޭ މެންބަރެކެވެ.

 

37 ވަނަ މާއްދާ - ޖަލްސާތަކުގައި މެންބަރުން އަމަލުކުރަންޖެހޭ ގޮތް

(ހ) ކޮމިށަނުގެ ޖަލްސާތަކުގައި މެންބަރުން ވާހަކަދައްކާނީ، ރިޔާސަތުން ފުރުސަތު ދިނުމުންނެވެ.

(ށ) ކޮމިށަނުގެ ޖަލްސާތަކުގައި ނިންމާ ނިންމުންތައް، ކޮންމެ ނިންމުމެއް ނިމުމުން، އެ ނިންމުން ރިޔާސަތުން އިއްވަންވާނެއެވެ. އަދި ރިޔާސަތުން އެ އިއްވި ގޮތަށް ޔައުމިއްޔާގައި ރިކޯޑު ކުރަން ވާނެއެވެ.

(ނ) ކޮމިށަނުން ނިންމާ ނިންމުމަކާ މެންބަރަކު ހިޔާލު ތަފާތުވެގެން އެކަމަށް ތާއީދު ނުކުރާކަން އެ މެންބަރަކު ޔައުމިއްޔާގައި ފާހަގަކުރަން ބޭނުންވެއްޖެނަމަ، އެކަން ޔައުމިއްޔާގައި ފާހަގަ ކުރަން ވާނެއެވެ.

(ރ) ކޮމިށަނުގެ ޖަލްސާތަކުގައި ރިޔާސަތުން، ކޮމިށަނުގައި ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް އަމަލުކުރާކަމަށް، މެންބަރަކަށް ފެނިއްޖެ ހިނދެއްގައި އެ ހިލާފުވާ ގޮތެއް ބަޔާންކުރުމުން، އެކަމާމެދު ރިޔާސަތުން ގޮތެއް ނިންމަންވާނެއެވެ.

 

38 ވަނަ މާއްދާ - ޔައުމިއްޔާއާއި ރިކޯޑު ބެލެހެއްޓުން

(ހ) ކޮމިށަނުގެ ޖަލްސާތައް އޯޑިއޯ ރިކޯޑުކޮށް ބަލަހައްޓައި، ޖަލްސާތަކުގެ ޔައުމިއްޔާ ލިޔުމުގައި އެ ދުވަހަކު ކޮމިށަނަށް ހުށަހެޅި ބަހުސްކުރެވުނު މައްސަލަތަކާއި، މެންބަރުން ފާހަގަކުރި ނުކުތާތަކާއި، ނިންމުނު ކަންތައްތައް ހިމަނައިގެން ކޮމިށަނުގެ ޖަލްސާތަކުގެ ޔައުމިއްޔާ ލިޔަމުން ގެންދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމިށަނުގެ ޖަލްސާތަކުގެ ޔައުމިއްޔާ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ގޮތުގެ މަތީން ސެކްރެޓަރީ ޖެނެރަލް ތައްޔާރު ކުރަންވާނެއެވެ. އަދި ޖަލްސާތަކުގެ ޔައުމިއްޔާތައް ލިޔުމަށްފަހު އެ ޖަލްސާއެއް ބާއްވާތާ ލަސްވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި މެންބަރުންނަށް އީމެއިލްގެ ޒަރީއާއިން ފޮނުވަންވާނެއެވެ. ޔައުމިއްޔާ ފޮނުވާތާ 3 (ތިނެއް) ދުވަސްވާއިރު އެއްވެސް މެންބަރެއްގެ އިސްލާހެއް ނެތްނަމަ، ޔައުމިއްޔާ ފާސްވިކަމަށް ބެލެވޭނެއެވެ. އިސްލާހެއް ހުށަހަޅައިފިނަމަ، އެ އިސްލާހަކާއެކު އަލުން މެންބަރުންނަށް ޔައުމިއްޔާ ފޮނުވަންވާނެއެވެ.

(ނ) ކޮމިށަނުން ފާސްކުރާ ކޮމިށަނުގެ ޔައުމިއްޔާތައް ރައްކައުތެރިކަމާއެކު ބެލެހެއްޓުމަކީ ސެކްރެޓަރީ ޖެނެރަލްގެ ޒިންމާއެކެވެ.

 

39 ވަނަ މާއްދާ - ކޮމިށަނުގެ ނިންމުންތައް

(ހ) ކޮމިށަނުން އެއްވެސް ކަމެއް ނިންމޭނީ، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތު އެކަމަކަށް ލިބިގެންނެވެ.

(ށ) އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ދައުރެއް ނުވަތަ މާލީ ފައިދާއެއް އޮތް މައްސަލައެއް ނިންމުމުގައި އަމަލުކުރާނީ، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 20 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީންނެވެ.

(ނ) ކޮމިށަނުން ނިންމާ ނިންމުންތަކުގައި ކޮންމެ މެންބަރަކަށް ވެސް ދެވޭނީ، 1 (އެކެއް) ވޯޓެވެ. ކޮމިށަނުން އެހެން ގޮތަކަށް ނުނިންމާހައި ހިނދަކު ކޮމިށަނުގެ ނިންމުންތައް ނިންމުމުގައި ވޯޓުދޭނީ އަތް އުފުލައިގެންނެވެ.

(ރ) ކޮމިށަނުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާ މީހަކު، ކޮމިށަނުގެ އެ ޖަލްސާގައި ނިންމާ ނިންމުންތަކުގައި ވޯޓު ދިނުމުގައި އަމަލު ކުރާނީ، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 20 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީންނެވެ.

(ބ) ކޮމިށަނުން ކުރިން ނިންމައިފައިވާ ނިންމުމެއް އަލުން މުރާޖާކުރުމަށް ބޭނުންވެއްޖެ ހިނދެއްގައި އެ ނިންމުމެއް އަލުން މުރާޖާ ކުރުމަށް ހުށަހެޅުމުގެ ފުރުސަތު ކޮމިށަނުގެ ކޮންމެ މެންބަރަކަށް ލިބިގެންވެއެވެ.

(ޅ) ކޮމިށަނުގެ ނިންމުމެއް މުރާޖާކުރުމަށް ބޭނުންވެއްޖެ ނަމަ، މި ގަވާއިދުގެ 34 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ނިންމުމެއް މުރާޖާކުރުމަށް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

 

40 ވަނަ މާއްދާ - ކޮމިށަނުގެ ނިންމުންތަކަށް އަމަލުކުރުން

(ހ) ކޮމިށަނުގެ ނިންމުންތަކަށް އިހްތިރާމްކޮށް، އެ ނިންމުންތަކާ އެއްގޮތަށް އަމަލުކުރުމަކީ ކޮމިށަނުގެ މެންބަރުންނާއި މުވައްޒަފުންގެ މައްޗަށް ލާޒިމު ކަމެކެވެ. ކޮމިށަނުން ނިންމާ ނިންމުންތައް ތަންފީޒުކުރުމުގެ ހުރިހާ މަސްއޫލިއްޔަތެއް އަދާކުރާނީ ސެކްރެޓަރީ ޖެނެރަލެވެ. އަދި ކޮމިށަނުގެ ނިންމުންތައް ކަމާބެހޭ ސެކްށަންތަކަށާއި މުވައްޒަފުންނަށް އެންގުމަކީ ސެކްރެޓަރީ ޖެނެރަލްގެ ޒިންމާއެކެވެ. އަދި ކޮމިށަނުގެ ޖަލްސާތަކުން ނިންމާ ނިންމުންތަކުގައި ވާރކް ފުލޯއެއް ހިމެނޭ ނިންމުންތައް ސެކްރެޓަރީ ޖެނެރަލް ފާހަގަކޮށް، އެ ކަންތައް ކުރާނެ މުވައްޒަފަކު ކަނޑައަޅައި، އެ މުވައްޒަފަކާ އެ ކަންތައްތައް ހަވާލުކޮށް، އެކަން ތަންފީޒު ކުރަންވާނެއެވެ.

(ށ) ކޮމިށަނުގެ ރަސްމީ ޖަލްސާތަކުން ނިންމާ ނިންމުންތައް، ލަސްވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ކޮމިށަނުގެ ސެކްށަންތަކާއި ސެކްށަންތައް ހިންގުމާ ހަވާލުވެ ތިބި އިސް މުވައްޒަފުންނަށް އަންގަންވާނެއެވެ. އަދި ކޮމިށަނުގެ ނިންމުމަކީ ވަގުތުން ތަންފީޒު ކުރަންޖެހޭ ނިންމުމެއް ކަމަށް ވާނަމަ، އެކަން، ކަމާބެހޭ ސެކްށަނުގެ/ޔުނިޓުގެ ސަމާލުކަމަށް ވަގުތުން ގެންނަންވާނެއެވެ. މީގެ އިތުރުން،އެ ސެކްށަން/ޔުނިޓަކުން އެކަން ވަގުތުން ތަންފީޒު ކުރަންވާނެއެވެ.

(ނ) ކޮމިށަނުގެ ނިންމުންތައް ކަމާބެހޭ ސެކްށަންތަކަށް އެންގުމުން، އެ ސެކްށަނަކާ ގުޅޭ ނިންމުމެއް ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަކީ އެ ސެކްށަން ހިންގުމާ ހަވާލުވެހުރި ވެރިޔެއްގެ މަސްއޫލިއްޔަތެކެވެ.

(ރ) ކޮމިށަނުން ނިންމައިފައިވާ ނިންމުމެއް ތަންފީޒު ކުރެވޭގޮތް ނުވެއްޖެނަމަ، ނުވަތަ ތަންފީޒު ކުރުމުގައި ދަތިތަކެއް ކުރިމަތިވެއްޖެނަމަ، އެކަމާ ހަވާލުވެހުރި މުވައްޒަފަކު ލަސްނުކޮށް އެކަން ސެކްރެޓަރީ ޖެނެރަލަށް އަންގަންވާނެއެވެ. އަދި ސެކްރެޓަރީ ޖެނެރަލް، ކޮމިށަނުގެ ރައީސަށް އެކަން ވަގުތުން އަންގަންވާނެއެވެ. އަދި ރައީސް އެހެން މެންބަރުންގެ ސަމާލުކަމަށް އެކަން ގެންނަންވާނެއެވެ.

(ބ) ކޮމިށަނުގެ ނިންމުންތަކުގެ ތެރެއިން މުވައްޒަފުން އަމަލުކުރަންޖެހޭ ނިންމުންތައް މުވައްޒަފުންނަށް އަންގަންވާނެއެވެ. އަދި އެ ނިންމުންތަކުގެ ފައިލެއް ކޮމިށަނުގެ ހުރިހާ މުވައްޒަފުންނަށް ބެލޭގޮތަށް އޮންނަންވާނެއެވެ.

(ޅ) ގާނޫނަކުން ނުވަތަ ގަވާއިދަކުން ވަކިގޮތަކަށް އަމަލުކުރުމަށް ނިންމައިފައި ނުވާ ހާލަތުގައި އަދި ކޮމިށަނުން އެހެން ގޮތަކަށް ނިންމައިފައި ނުވާ ހާލަތުގައިކޮމިޓީތަކުން ނިންމާ ނިންމުންތަކާމެދު ވަކިގޮތެއް ނިންމަންވާނީ ކޮމިށަނުންނެވެ.

 

41 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

(ހ) ކޮމިށަނުން ކަނޑައަޅާ އުސޫލެއްގެ މަތީން މެނުވީ ކޮމިށަނުގެ ޖަލްސާއެއްގައި ހިނގާ އެއްވެސް ކަމެއް، ޖަލްސާގައި ބައިވެރިވާ އެއްވެސް ފަރާތަކުން ހާމަކޮށްގެން ނުވާނެއެވެ.

(ށ) މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައުލޫމާތެއްގެ ނުވަތަ އެ މެންބަރެއް އަދާކުރާ ވަޒީފާގެ ބޭރުން އަމިއްލައަށް ނާޖާއިޒު މަންފާއެއް ހާސިލުކުރުމަށް ނުވަތަ އެހެން މީހަކަށް މަންފާއެއް ހޯދައިދިނުމަށް ބޭނުންކޮށްގެން ނުވާނެއެވެ.

(ނ) މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައުލޫމާތެއް، މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ފިޔަވައި، ތިންވަނަ ފަރާތަކަށްއެ މައުލޫމާތެއް ހާމަކޮށްގެން ނުވާނެއެވެ.

(ރ) ކޮމިށަނުގެ ލިޔެކިޔުންތަކާއި އެހެނިހެން މައުލޫމާތު އާންމުކުރެވޭނީ ނުވަތަ އެއްވެސް ފަރާތަކަށް ދޫކުރެވޭނީ، ކޮމިށަނުން ކަނޑައަޅާ އުސޫލެއްގެ މަތީންނެވެ.

(ބ) މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮމިށަނުގެ ހުއްދަޔާއެކު ފޯރުކޮށްދެވޭ އެއްވެސް ލިޔުމެއް އެ މެންބަރެއްގެ އަމިއްލަ މަގުސަދެއް ހާސިލުކުރުމަށް ނުވަތަ އެހެން ފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް ޓަކައި ނުވަތަ ގެއްލުމެއް ދިނުމަށް ޓަކައި އާންމުކޮށްގެން ނުވާނެއެވެ.

 

 

4 ވަނަ ބާބު: ކޮމިށަނުގެ ސެކްރެޓޭރިއެޓް

 

42 ވަނަ މާއްދާ - ކޮމިށަނުގެ ރަސްމީ މަސައްކަތު ގަޑި

(ހ) ކޮމިށަނުގެ ސެކްރެޓޭރިއެޓްގެ ރަސްމީ ގަޑިއަކީ، ކޮމިށަނުގެ މަސައްކަތު ރަސްމީ ގަޑިކަމުގައި ކޮމިށަނުގެ ރަސްމީ ޖަލްސާއަކުން ކަނޑައަޅާ ގަޑިއެކެވެ.

(ށ) ކޮމިށަނުގެ ސެކްރެޓޭރިއެޓުގައި ރަސްމީކޮށް މަސައްކަތް ކުރާނީ، ސަރުކާރުން ރަސްމީ ދުވަސްތައް ކަމުގައި ކަނޑައަޅައިފައިވާ ދުވަސްތަކުގައެވެ. ނަމަވެސް ކޮމިށަނުގެ މުހިންމު މަސައްކަތަކާ ގުޅިގެން ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާ ހިލާފުނުވާ ގޮތެއްގެ މަތީން ކޮމިށަނުން ނުވަތަ ސެކްރެޓަރީ ޖެނެރަލް ހަމަޖައްސާ ދުވަސްތަކެއްގައި މުވައްޒަފުން ނެރެވިދާނެއެވެ.

(ނ) ނުރަސްމީ ގަޑީގައި ނުވަތަ ބަންދު ދުވަސްދުވަހު ކޮމިށަނުގެ އިދާރާ ހުޅުވަންވާނީ، ސެކްރެޓަރީ ޖެނެރަލް އަންގާ ގޮތެއްގެ މަތީންނެވެ. ނުވަތަ ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތީން، އެ ސެކްށަނަކާ ހަވާލުވެހުރި ވެރިއެއްގެ ހުއްދަ ލިބިގެންނެވެ. އަދި މިގޮތަށް ކޮމިށަނުގެ އިދާރާ ހުޅުވަންވާނީ، ވަގުތުން ކޮންމެހެން ނިންމަންޖެހޭ މަސައްކަތް ނިންމުމަށް އެކަންޏެވެ. އަދި މިގޮތަށް ކޮމިށަނުގެ އިދާރާ ހުޅުވާކަން ކޮމިށަނުގެ އެހެން ސެކްށަންތަކަށް ކޮމިށަނުގެ އިދާރާ ހުޅުވާ ސެކްށަނަކުން އަންގަންވާނެއެވެ.

 

34 ވަނަ މާއްދާ - ކޮމިށަނަށް ލިޔެކިޔުން ބަލައިގަތުން

(ހ) ކޮމިށަނުގެ އިދާރާއަށް ހާޒިރުވެ ހުށަހަޅާ ލިޔެކިޔުންތަކާއި ދައުލަތުން ލިޔެކިޔުން ބަދަލުކުރުމަށް ބޭނުންކުރާ ވަސީލަތް މެދުވެރިކޮށް ލިބޭ ލިޔެކިޔުންތަކާއި އަދި ކޮމިށަނަށް އީމެއިލް މެދުވެރިކޮށް، އަދި އިލެކްޓްރޯނިކްކޮށް ލިބޭ ލިޔެކިޔުންތައް ބަލައިގަންނަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ކޮމިށަނަށް ލިބުމާއެކު، ލަސްނުކޮށް ކަމާބެހޭ ސެކްށަނަށް ހަވާލު ކުރަންވާނެއެވެ.

 

44 ވަނަ މާއްދާ - ސިޓީ އެޑްރެސްކުރުން

(ހ) ކޮމިށަނަށް ފޮނުވާ ސިޓީ އެޑްރެސްކުރާނީ، ކޮމިށަނުގެ ރައީސަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ސިޓީއަކީ ކޮމިށަނަށް ރައްދުވާގޮތަށް އޮތް ސިޓީއެއް ކަމަށް ވާނަމަ، އެ ނޫން ފަރާތަކަށް އެޑްރެސް ކޮށްފައި އޮތްކަމުގައި ވިޔަސް، އެ ސިޓީ ކޮމިށަނުން ބަލައިގަންނަން ވާނެއެވެ.

 

 

5 ވަނަ ބާބު: ކޮމިޓީތައް

 

45 ވަނަ މާއްދާ - ކޮމިޓީތައް

ކޮމިށަނުގެ ކޮމިޓީތައް ބެހިގެންވަނީ 2 (ދޭއް) ބާވަތަކަށެވެ. އެއީ،

(ހ) ދާއިމީ ކޮމިޓީތައް

(ށ) ވަގުތީ ކޮމިޓީތައް

 

46 ވަނަ މާއްދާ - ދާއިމީ ކޮމިޓީތައް

(ހ) ދާއިމީ ކޮމިޓީތަކަކީ، އަބަދުވެސް ދެމިއޮންނަ، އަދި ވަކި މަސްއޫލިއްޔަތުތަކެއް ހަވާލުކުރެވިފައިވާ ކޮމިޓީތަކެކެވެ.

(ށ) ދާއިމީ ކޮމިޓީތަކުގެ ތެރޭގައި ގާނޫނުން އުފައްދައިފައިވާ ކޮމިޓީތަކާއި، ކޮމިށަނުގެ އެކިއެކި ނިންމުމާ ގުޅިގެން އުފައްދައިފައިވާ ކޮމިޓީތައް ހިމެނެއެވެ.

(ނ) ދާއިމީ ކޮމިޓީތަކުގައި ކޮމިށަނުގެ މެންބަރުންގެ އިތުރުން، ކޮމިށަނުގެ އިދާރީ މުވައްޒަފުން ހިމެނުމުގެ އިހްތިޔާރު، ކޮމިށަނަށް ލިބިގެންވެއެވެ.

(ރ) ދާއިމީ ކޮމިޓީތަކުގެ ތެރޭގައި ހިމެނެނީ ތިރީގައިވާ ކޮމިޓީތަކެވެ.

  1. ގަވާއިދު ކޮމިޓީ؛
  2. ވަޒީފާ ކޮމިޓީ؛
  3. ފަނޑިޔާރުން އައްޔަނު ކުރުމުގައި ލަފާދޭ ކޮމިޓީ؛
  4. އިދާރީ ކޮމިޓީ؛
  5. މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ؛
  6. ޖުޑީށަލް އެޑްމިނިސްޓްރޭށަން ކޮމިޓީ؛
  7. ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމުގައި ކޮމިށަނަށް ލަފާދޭ ކޮމިޓީ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކޮމިޓީތަކުގެ އިތުރުން ވެސް، ކޮމިށަނުގެ މަސައްކަތްތަކާ ގުޅިގެން ދާއިމީ ކޮމިޓީއެއް އެކުލަވައިލަން ކޮމިށަނަށް ފެނިއްޖެނަމަ، ކޮމިށަނުން ދާއިމީ ކޮމިޓީއެއް އެކުލަވައިލުމަށް ހުރަހެއް ނެތެވެ.

(ޅ) ކޮމިށަނުގެ ދާއިމީ ކޮމިޓީތަކާއި، ކޮމިޓީތަކުގެ މެންބަރުންނާއި، ކޮމިޓީތަކުގެ މެންޑޭޓް އާންމުކޮށް އެނގެން އޮންނަންވާނެއެވެ.

 

47 ވަނަ މާއްދާ - ވަގުތީ ކޮމިޓީތައް

(ހ) ކޮމިށަނުގެ ވަގުތީ ކޮމިޓީތަކަކީ، ކޮމިށަނަށް ހުށަހެޅޭ ކަންކަމުގެ ތެރެއިން، ކޮމިށަނުގެ ދާއިމީ ކޮމިޓީއަކުން ބެލުމުގެ ބަދަލުގައި، އެކަމަށް ހޮވޭ ވަގުތީ ކޮމިޓީއަކަށް ވަކި ކަމެއް ކުރުމަށް ކޮމިށަނުން އެކުލަވައިލާ ކޮމިޓީތަކެވެ.

(ށ) ވަގުތީ ކޮމިޓީތަކުގައި ހިމެނޭ މެންބަރުން ކަނޑައަޅާނީ، އެ ކޮމިޓީއެއް އުފައްދާއިރު ކޮމިށަނުންނެވެ.

(ނ) ވަގުތީ ކޮމިޓީ ދެމިއޮންނާނީ، އެ ކޮމިޓީއަކަށް ހުށަހެޅުނު މައްސަލައެއް/ކަމެއް ދިރާސާކޮށް، ކޮމިޓީ ރިޕޯޓު ކޮމިށަނަށް ހުށަހެޅުމުން، އެ ރިޕޯޓާމެދު ކޮމިށަނުން ގޮތެއް ނިންމުމާ ހަމައަށެވެ.

(ރ) ވަގުތީ ކޮމިޓީތަކުގެ ދަފުތަރު ބެލެހެއްޓުމަކީ ކޮމިށަނުގެ ސެކްރެޓޭރިއެޓުގެ ޒިންމާއެކެވެ.

 

6 ވަނަ ބާބު: މީޑިއާއަށް މައުލޫމާތު ދިނުން

 

48 ވަނަ މާއްދާ - މީޑިއާއަށް މައުލޫމާތު ދިނުން

(ހ) ކޮމިށަނުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދޭނީ، ކޮމިށަނުގެ މީޑިޔާ އޮފިސަރެވެ. ކޮމިށަނުގެ މީޑީއާ އޮފިސަރެއް ނެތް ހާލަތެއްގައި ކޮމިށަނުގެ މަސައްކަތްތަކާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް ޓަކައި ކޮމިށަނުން ވަކި ފަރާތެއް ހަމަޖެއްސުމަށް މި މާއްދާ ހުރަހެއް ނެތެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކޮމިށަނުން މައުލޫމާތު ދިނުމަށް ކަނޑައަޅާ ފަރާތްތަކުން މީޑިއާއަށް މައުލޫމާތު ދިނުމުގައި އަމަލުކުރާނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

7 ވަނަ ބާބު: ކޮމިށަނުގެ މަސައްކަތްތައް

 

49 ވަނަ މާއްދާ - ހުށަހެޅޭ ށަކުވާތައް ނުވަތަ ތުހުމަތުތައް ތަހުގީގު ކުރުމުގެ ބާރު

(ހ) ފަނޑިޔާރަކާ ބެހޭގޮތުން ހުށަހެޅޭ ށަކުވާއަކާ ނުވަތަ ތުހުމަތަކާ ގުޅިގެން އެ ފަނޑިޔާރަކާ ސުވާލުކުރުމާއި، އެ މައްސަލަ ތަހުގީގުކުރުމުގެ ބާރު، ކޮމިށަނުން ބޭނުންކުރަންވާނީ، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 22 ވަނަ މާއްދާއިން ފެށިގެން 1-33 ވަނަ މާއްދާގެ ނިޔަލަށް ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

50 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން

(ހ) ކޮމިށަނަށް ށަކުވާ ހުށަހަޅާނީ، އެކަމަށް ޓަކައި ކޮމިށަނުން ތައްޔާރުކުރާ ފޯމުން، ނުވަތަ ސިޓީއަކުން، ނުވަތަ އީމެއިލް މެދުވެރިކޮށެވެ. މައްސަލަ ހުށަހަޅާ ފަރާތަކީ ކާކުކަން ނޭނގޭގޮތަށް ވެސް މައްސަލަ ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ށަކުވާއެއް އެހެން ގޮތަކަށް ހުށަހެޅިޔަސް، އެ ށަކުވާއެއް ކޮމިށަނަށް ބަލައިގަނެވިދާނެއެވެ. ށަކުވާ ހުށަހެޅުމާ ގުޅޭގޮތުން އަސާސެއްކަމަށް ބަލަންވާނީ، ށަކުވާ ހުށަހަޅާ ފަރާތްތަކަށް ފަސޭހައިން ށަކުވާ ހުށަހެޅޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމުގެ މައްޗަށެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެ މަތީން ފަނޑިޔާރުންގެ ސުލޫކާ ގުޅޭގޮތުން ކޮމިށަނަށް ހުށަހަޅާ ށަކުވާތައް ކޮމިށަނުގައި ށަކުވާއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭނެއެވެ. އަދި އެނޫން ކަންކަމާ ގުޅޭގޮތުން ހުށަހަޅާ ށަކުވާތައް، ށަކުވާއެއްގެ ގޮތުގައި ރަޖިސްޓަރީއެއް ނުކުރެވޭނެއެވެ. ނަމަވެސް މިފަދަ މައްސަލަތަކުގެ ރިކޯޑު ބަލަހައްޓަން ވާނެއެވެ.

(ރ) ކޮމިށަނަށް ހުށަހެޅޭ ށަކުވާތަކާ ގުޅިގެން، ކޮމިށަނުން ނިންމިގޮތް، ށަކުވާކުރި ފަރާތަށާއި މައްސަލަ ރައްދުވާ ފަރާތަށް، ކޮމިށަނުން އެ ކަމެއް ނިންމާތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި ލިޔުމުން އަންގަންވާނެއެވެ.

 

51 ވަނަ މާއްދާ - ކޮމިށަނުގެ އިސްނެގުމުގެ މަތީން ބަލާ ށަކުވާ

(ހ) ފަނޑިޔާރުންގެ ސުލޫކާ ގުޅޭގޮތުން ކޮމިށަނުގެ މެންބަރަކަށް ފާހަގަކުރެވޭ ކަމެއް ނުވަތަ ކަންތައްތަކެއް ސެކްރެޓަރީ ޖެނެރަލްގެ ސަމާލުކަމަށް ގެނެސްފިނަމަ، އެ ކަމެއް ނުވަތަ އެ ކަންތައްތަކެއް ތަހުގީގު ކުރުމާމެދު ގޮތެއް ނިންމުމަށް، މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީއަށް، އެ މައްސަލައެއް ސެކްރެޓަރީ ޖެނެރަލް ފޮނުވަންވާނެއެވެ.

(ށ) މީޑިއާގައި ފަނޑިޔާރެއްގެ ސުލޫކާ ގުޅޭގޮތުން ވާހަކަދެކެވޭނަމަ، އެކަން ކޮމިށަނުގެ މީޑިޔާއާބެހޭ ބައިން، ސެކްރެޓަރީ ޖެނެރަލްގެ ސަމާލުކަމަށް ގެންނަންވާނެއެވެ. އަދި މިގޮތަށް ގެނެވޭ މައުލޫމާތުގެ ތެރޭގައި ފަނޑިޔާރެއްގެ ސުލޫކާ ގުޅޭ މައުލޫމާތެއް ހިމެނޭނަމަ، އެ ކަމެއް ނުވަތަ އެ ކަންތައްތަކެއް ތަހުގީގުކުރުމާމެދު ގޮތެއް ނިންމުމަށް، މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީއަށް އެ މައްސަލައެއްސެކްރެޓަރީ ޖެނެރަލް ފޮނުވަން ވާނެއެވެ.

(ނ) ކުށެއްގެ ތުހުމަތުގައި، ފަނޑިޔާރެއްގެ މައްޗަށް ހުށަހެޅި މައްސަލައެއް ރަސްމީ އިދާރާއަކުން ތަހުގީގުކުރަން ފަށައިފިނަމަ، ނުވަތަ އެފަދަ މައްސަލައެއް ށަރީއަތަށް ހުށަހެޅިއްޖެނަމަ، އެ ކަމެއް ސެކްރެޓަރީ ޖެނެރަލްގެ ސަމާލުކަމަށް އަންނަ ހިސާބުން، އެ ކަމެއް ނުވަތަ އެ ކަންތައްތަކެއް ދިރާސާކުރުމަށް ސެކްރެޓަރީ ޖެނެރަލް، މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީއަށް އެ މައްސަލައެއް ފޮނުވަންވާނެއެވެ.

 

52 ވަނަ މާއްދާ - ށަކުވާތަކުގެ ރިކޯޑު ބެލެހެއްޓުން

ކޮމިށަނަށް ހުށަހެޅޭ ށަކުވާތަކުގެ ރަޖިސްޓަރީއެއް އޮންނަންވާނެއެވެ. ރަޖިސްޓަރީތައް މިކަމަށް ތައްޔާރުކޮށްފައިވާ ކޮމްޕިއުޓަރ ޑޭޓާބޭސްއެއްގައި ނުވަތަ ފޮތްތަކުގައި ވެސް ބެލެހެއްޓިދާނެއެވެ. މިގޮތަށް ކޮމްޕިއުޓަރުން ބަލަހައްޓަމުންގެންދާ މައުލޫމާތުގެ ބެކްއަޕާއި ހާޑްކޮޕީ ކޮމިށަނުގެ ސެކްރެޓޭރިއެޓުގައި ރައްކައުކޮށްފައި ހުންނަންވާނެއެވެ.

(ހ) ށަކުވާގެ ރަޖިސްޓަރީ

(ށ) ތަހުގީގުކުރެވޭ މައްސަލަތަކުގެ ރަޖިސްޓަރީ

 

53 ވަނަ މާއްދާ - ށަކުވާގެ ރަޖިސްޓަރީ

ށަކުވާތަކުގެ ރިކޯޑު ފަސޭހައިން ބެލޭނެ ފަދަ ގޮތަކަށް އިލެކްޓްރޯނިކްކޮށްނާއި ހާޑުކޮޕީގެ ގޮތުގައި ށަކުވާގެ ރަޖިސްޓަރީއެއް ބަލަހައްޓަންވާނެއެވެ. އެފަދަ ށަކުވާ ރިކޯޑުގައި އެންމެ މަދުވެގެން ވެސް އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ށަކުވާ ހުށަހެޅި ފަރާތުގެ ފުރިހަމަ މައުލޫމާތު.

(ށ) ހަވާލު ކުރެވިފައިވާ ށަކުވާއަކީ ކޮބައިކަން.

(ނ) ށަކުވާގެ ބާވަތް.

(ރ) ހަވާލު ކުރެވިފައިވާ މުވައްޒަފު.

(ބ) ހަވާލު ކުރެވުނު ތާރީހު.

(ޅ) ނިންމުމަށް ކަނޑައަޅާ ތާރީހު.

(ކ) ރިޕޯޓު ނިންމައިފައިވާ ތާރީހު. 

(އ) ކޮމިށަނަށް ހުށަހެޅުނު ތާރީހު.

(ވ) ކޮމިށަނުން ނިންމި ތާރީހު.

(މ) ކޮމިށަނުން ނިންމިގޮތް.

(ފ) ހުށަހެޅި ފަރާތަށް ޖަވާބުދިން ސިޓީ ނަންބަރާއި ތާރީހު.

 

54 ވަނަ މާއްދާ - ތަހުގީގުކުރާ މައްސަލަތަކުގެ ރަޖިސްޓަރީ

(ހ) ކޮމިށަނުން އެކި ކޮމިޓީތަކަށް އިތުރަށް ބެލުމަށް ނުވަތަ ތަހުގީގުކުރުމަށް ފޮނުވާ މައްސަލަތައް ބަލާ ކޮމިޓީތަކުގެ ރަޖިސްޓަރީއެއް އޮންނަންވާނެއެވެ.މި ރަޖިސްޓަރީގައި، އެންމެ މަދުވެގެން ވެސް އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ކޮމިޓީ އުފެއްދި ކޮމިށަނުގެ ނިންމުން ނަންބަރާއި ތާރީހު؛
  2. ކޮމިޓީގެ މެންބަރުން؛
  3. ކޮމިޓީގެ ގާނޫނީ ވަކީލު؛
  4. ކޮމިޓީގެ ބާވަތް؛ 
  5. ށަކުވާ ރައްދުވާ ފަރާތުގެ ނަމާއި މަގާމު؛
  6. ކޮމިޓީން މައްސަލަ ނިންމި ތާރީހު؛
  7. ކޮމިޓީގެ ނިންމުން ކޮމިށަނަށް ހުށަހެޅި ތާރީހު؛
  8. ކޮމިށަނުން ނިންމިގޮތް (ނަންބަރާއި ތާރީހު)

(ށ) ކޮމިށަނަށް ހުށަހެޅޭ ށަކުވާތަކާ ގުޅޭ ރިޕޯޓެއް، ކޮންމެ މަހެއްގެ 5 ވަނަ ދުވަހުގެ ކުރިން ތަފާސްހިސާބުގެ ގޮތުގައި އާންމުކުރަންވާނެއެވެ.

 

55 ވަނަ މާއްދާ - ތަހުގީގު ކޮމިޓީއަށްއިދާރީ ފަރާތެއްކަނޑައެޅުން

އެއްވެސް ފަނޑިޔާރެއްގެ މައްސަލަ ބަލައި ތަހުގީގުކުރުމަށް ޓަކައި، ތަހުގީގުކުރާ ކޮމިޓީއެއް އައްޔަނުކޮށްފިނަމަ، އެ މައްސަލައިގައި އިސްވެ ހަރަކާތްތެރިވާނެ އިދާރީ ފަރާތެއް ސެކްރެޓަރީ ޖެނެރަލް އައްޔަނުކުރަން ވާނެއެވެ.

 

56 ވަނަ މާއްދާ - ފަނޑިޔާރުން އައްޔަނުކުރުން

(ހ) އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން ފިޔަވައި، އެހެން ފަނޑިޔާރުން އައްޔަނުކުރާނީ ކޮމިށަނުންނެވެ. 

(ށ) ފަނޑިޔާރުން އައްޔަނު ކުރުމުގައި އަމަލު ކުރާނީ، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 21 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގަވާއިދު ކޮމިށަނުން އާންމު ކުރަންވާނެއެވެ.

 

57 ވަނަ މާއްދާ - އުއްތަމަފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަނުކުރުމުގައި ލަފާދިނުން

އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން އައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމުގައި ކޮމިށަނުން އަމަލުކުރާނެ އުސޫލު ކަނޑައަޅައި އާންމު ކުރަންވާނެއެވެ.

 

58 ވަނަ މާއްދާ - އިސްފަނޑިޔާރު އައްޔަނުކުރުން

(ހ) ހައިކޯޓާއި ސުޕީރިއަރ ކޯޓުތަކަށް އިސްފަނޑިޔާރުން އައްޔަނުކުރާނީ، ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 18 ވަނަ މާއްދާގެ(ށ) ގައިވާ ގޮތުގެ މަތީންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް ޓަކައި އިސްފަނޑިޔާރުން އައްޔަނުކުރުމުގައި ކޮމިށަނުން އަމަލުކުރާނެ އުސޫލު ކަނޑައަޅައި އާންމު ކުރަންވާނެއެވެ.

 

59 ވަނަ މާއްދާ - ޖުޑީށަލް ދާއިރާގެ އިސްމެޖިސްޓްރޭޓުން އައްޔަނުކުރުން

(ހ) ޖުޑީށަލް ދާއިރާތަކަށް ދާއިރާ އިސްމެޖިސްޓްރޭޓުން އައްޔަނުކުރާނީ، އެ ދާއިރާއެއްގައި ހިމެނޭ މެޖިސްޓްރޭޓުންގެ ތެރެއިންނެވެ.އެގޮތުން އެ ދާއިރާއަކަށްއައްޔަނުކުރަންވާނީ، އެ ދާއިރާގައި ހިމެނޭ މެޖިސްޓްރޭޓުންގެ ތެރެއިން ތައުލީމާއި، ތަޖުރިބާއާއި، އަހުލާގާއި، ގާބިލުކަމަށް ބެލުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް ޓަކައި ޖުޑީށަލް ދާއިރާގެ އިސްމެޖިސްޓްރޭޓުން އައްޔަނުކުރުމުގައި ކޮމިށަނުން އަމަލުކުރާނެ އުސޫލު ކަނޑައަޅައި އާންމު ކުރަންވާނެއެވެ.

 

60 ވަނަ މާއްދާ - ހުވާކުރުމާއި ފަތްކޮޅު ދިނުން

(ހ) މި ގަވާއިދުގެ 56 ވަނަ މާއްދާއާއި، 58 ވަނަ މާއްދާއާއި، 59 ވަނަ މާއްދާގެ ދަށުން ކޮމިށަނުން އައްޔަނުކުރުމަށް ނިންމާ ފަރާތްތަކަށް އެ މަގާމަކަށް އައްޔަނުކުރެވުނުކަމުގެ ފަތްކޮޅު ދޭންވާނެއެވެ. އަދި މަގާމުގެ ހައިސިއްޔަތުން ހުވާކުރަންޖެހޭ ފަރާތްތައް ހުވާކުރުވަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަތްކޮޅު ދިނުމާއި ހުވާކުރުމުގެ ކަންތައްތައް ކުރިޔަށް ގެންދާނެގޮތް ލިޔެފައި އޮންނަންވާނެއެވެ.

 

61 ވަނަ މާއްދާ - ފަނޑިޔާރުންގެ މުދަލާއި ފައިސާގެ ބަޔާން ހުށަހެޅުން

(ހ) ގާނޫނުއަސާސީއާއި ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 68 ވަނަ މާއްދާގެ ބޭނުމަށް، ފަނޑިޔާރުންގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް، އެ ފަނޑިޔާރެއްގެ މާލީ ބަޔާން، ކޮންމެ އަހަރަކު އެއްފަހަރު ހުށަހަޅާކަން، ކޮމިށަނުން ކަށަވަރު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް ފަނޑިޔާރުން މާލީ ބަޔާން ހުށަހެޅުމުގައި އަމަލުކުރާނެގޮތް އާންމު ކުރަންވާނެއެވެ.

 

62 ވަނަ މާއްދާ - ފަނޑިޔާރުކަމުން އިސްތިއުފާ ދިނުން

(ހ) ފަނޑިޔާރަކު އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެ ހިނދެއްގައި އަމަލުކުރާނީ، ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ30 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ފަނޑިޔާރަކު އިސްތިއުފާ ހުށަހެޅުމުން، ކޮމިށަނުން އެ ފަނޑިޔާރަކަށް ވަކިވިކަމުގެ ޗިޓް ހަވާލުކުރުމުގެ ކުރިން، ތިރީގައިވާ ކަންތައްތައް ކަށަވަރު ކުރަންވާނެއެވެ.

  1. ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެގޮތުން ހަވާލުކޮށްފައި ހުރި ތަކެތި އަނބުރާ ހަވާލުކުރަން އެންގުން؛
  2. މަސައްކަތާ އެކަހެރިވުމަށް އެންގުން؛
  3. މައްސަލަތައް އެހެން ފަނޑިޔާރަކާ ހަވާލުކުރިކަން ކަށަވަރު ކުރުން؛

 

63 ވަނަ މާއްދާ - ފަނޑިޔާރުންގެ ރިކޯޑު ފައިލް ބެލެހެއްޓުން

ފަނޑިޔާރުކަމަށް އައްޔަނުކުރާ ކޮންމެ ފަނޑިޔާރެއްގެ ރިކޯޑު ފައިލެއް ކޮމިށަނުގައި އޮންނަންވާނެއެވެ. އެ ރިކޯޑު ފައިލުގައި، ފަނޑިޔާރުގެ އާންމު މައުލޫމާތާއި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ފަނޑިޔާރުކަމުގެ މަގާމުގެ އެންމެހައި ރިކޯޑުތައް.

(ށ) ފަނޑިޔާރު މަސައްކަތްކުރާ ކޯޓު ބަދަލުވެފައިވާނަމަ، އެފަދަ ރިކޯޑުތައް.

(ނ) ކޯޓުން ބޭރުގެ އެއްވެސް ކަމަކަށް (ބޭރު ގައުމަކަށް ނުވަތަ ބައިނަލްއަގުވާމީ މުއައްސަސާއަކަށް) ފަނޑިޔާރަކު ދޫކޮށްފިނަމަ، ދޫކޮށްފައިވާ ކަމަކާއި، ދޫކުރި ތާރީހާއި، ދޫކުރި މުއްދަތާއި، އަދި ދޫކޮށްފައިވާ މުއްދަތު އިތުރުކޮށްފައިވާނަމަ، އިތުރުކުރި ސަބަބަކާއި މުއްދަތުގެ ރިކޯޑުތައް.

(ރ) ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފުވުމާ ގުޅިގެން އެޅިފައިވާ ފިޔަވަޅުތައް.

(ބ) ފަނޑިޔާރު ދާއިމީކޮށް ހަވާލުވެހުންނަ ކޯޓުގެ އިތުރުން، އެހެން ކޯޓެއް ހިންގުމާ ހަވާލުވާންޖެހޭނަމަ އެކަމުގެ މައުލޫމާތު.

(ޅ) ޗުއްޓީ ރިކޯޑު.

 

64 ވަނަ މާއްދާ - ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުން

(ހ) ފަނޑިޔާރެއްގެ މަސައްކަތުގެ ފެންވަރު ބެލުމުގައި އަމަލުކުރާނީ، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 21 ވަނަ މާއްދާގެ (ނ) ގެ 5 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ، ފަނޑިޔާރުންގެ ގާބިލުކަމާއި މަސައްކަތުގެ ފެންވަރު ވަޒަންކޮށް ކުރިއެރުން ދޭނެގޮތުގެ ގަވާއިދުގައި ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގަވާއިދު، ކޮމިށަނުން އެކުލަވައިލައި،އެ ގަވާއިދު އާންމު ކުރަންވާނެއެވެ.

 

65 ވަނަ މާއްދާ - ފަނޑިޔާރުން، އުމުރުން 55 އަހަރުވުމުން ނުވަތަ ސިއްހީ ސަބަބުތަކަށް ޓަކައި މުސްކުޅިކުރުން

އުމުރުން 55 (ފަންސާސްފަހެއް) އަހަރުވުމުން އަމިއްލައަށް ވަކިވާން ބޭނުންވާ ފަނޑިޔާރުންނާއި، 55 (ފަންސާސްފަހެއް) އަހަރު ނުވިނަމަވެސް ސިއްހީ ސަބަބުތަކަށް ޓަކައި މަގާމުން މުސްކުޅިކޮށްދިނުމަށް ފަނޑިޔާރުން އެދޭ ހާލަތުގައި ކޮމިށަނުން އަމަލުކުރާނެ ގޮތް ކަނޑައަޅައި އާންމު ކުރަންވާނެއެވެ.

 

66 ވަނަ މާއްދާ - ފަނޑިޔާރުން، އުމުރުން 70 އަހަރުވުމުންމުސްކުޅިކުރުން

(ހ) ފަނޑިޔާރެއްގެ އުމުރުން 70 (ހަތްދިހަ) އަހަރު ހަމަވާ ދުވަހު، ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 21 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މަގާމުން މުސްކުޅިކުރެވިފައިވާކަން، ކޮމިށަނުން އެ ފަނޑިޔާރަކަށް އަންގަންވާނެއެވެ.

(ށ) ފަނޑިޔާރެއްގެ އުމުރުން 70 (ހަތްދިހަ) އަހަރު ފުރުމުން، މުސްކުޅިކުރެވޭ ފަނޑިޔާރުންނަށް، ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ ދަށުން ދެވޭ އިނާޔަތްތަކުގެ އިތުރުން، އިތުރު އިނާޔަތެއް ދެވޭނީ، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

 

 

8 ވަނަ ބާބު: އެހެނިހެން ކަންކަން

 

67 ވަނަ މާއްދާ - އިދާރީގޮތުން ކުރަންޖެހޭ ކަންތައްތައް

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމުގައި ބަލަންޖެހޭ އުސޫލުތަކާއި (ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރސް) ސިޔާސަތުތަކާއި މިންގަނޑުތަކާއި ކޮމިޓީތައް، ސެކްރެޓަރީ ޖެނެރަލްގެ ބެލުމުގެ ދަށުން، އެކަމާބެހޭ ޑިޕާޓްމަންޓަކުން ނުވަތަ ސެކްށަނަކުން އެކުލަވައިލަން ވާނެއެވެ. މި ބަޔާންކުރި މަސައްކަތްތައް،މި ގަވާއިދަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ނިންމަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސައްކަތުން އެކުލަވައިލާ އުސޫލުތަކާއި ސިޔާސަތުތަކާއި، މިންގަނޑުތަކާއި، ކޮމިޓީތައް ކޮމިށަނުން ފާސްކުރަންވާނެއެވެ.

(ނ) މި ގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ، އެ ކަމެއް ނިންމާނީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަށާއި، ގާނޫނުތަކަށާއި، ގަވާއިދުތަކުގައިވާ ގޮތެއްގެ މައްޗަށް ރިއާޔަތްކޮށް، ކޮމިށަނުންނެވެ.

 

68 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތް ހިމެނިފައިވާ ގޮތުން އެހެން ގޮތަކަށް ދޭހަނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި ޖުމުލަތައް މާނަކުރަންވާނީ ތިރީގައިވާ އަކުރުތަކުގައިވާ ގޮތަށެވެ.

(ހ) "ކޮމިށަން" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އެކުލަވައިލައިފައިވާ ޖުޑީށަލް ސަރވިސް ކޮމިށަނަށެވެ.

(ށ) "ކޮމިށަނުގެ އިދާރާ" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 157 ވަނަ މާއްދާގެ ދަށުން ގާއިމްކޮށްފައިވާ ޖުޑީށަލް ސަރވިސް ކޮމިށަނުގެ މަސައްކަތް ހިންގުމަށް ގާއިމުކުރާ އޮފީހަށެވެ.

(ނ) "ކޮމިށަނުގެ ރަސްމީ ޖަލްސާއަކުން" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަވާ ޖަލްސާތަކަށެވެ.

(ރ) "މުވައްޒަފުންގެ ގަވާއިދު" ކަމުގައި ބުނެފައި އެވަނީ، ޖުޑީށަލް ސަރވިސް ކޮމިށަނުގެ މުވައްޒަފުން އަމަލުކުރުމަށް ޖުޑީށަލް ސަރވިސް ކޮމިށަނުގެ ޖަލްސާއަކުން ފާސްކޮށްފައިވާ މުވައްޒަފުންގެ ގަވާއިދަށެވެ.

(ބ) މި ގަވާއިދުގައި މާނަކޮށްފައިވާ ލަފުޒެއް ނުވަތަ ޖުމުލައެއްގެ އިތުރުން،މި ގަވާއިދުގައި ހިމެނިފައިވާ ލަފުޒެއް ނުވަތަ ޖުމުލައެއް މާނަކުރުމުގައި ހިޔާލު ތަފާތުވެއްޖެނަމަ ގޮތެއް ކަނޑަޅާނީ ކޮމިށަނުންނެވެ.

 

69 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން

މި ގަވާއިދަށް އަމަލު ކުރަން ފަށާނީ، ކޮމިށަނުން މި ގަވާއިދު ފާސްކޮށްފައި ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

70 ވަނަ މާއްދާ - އަމަލު ކުރަމުން ގެންދިޔަ ގަވާއިދު އުވައިލުން

ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެން، 1 މޭ 2011 އިން ފެށިގެން ކޮމިށަނުން އަމަލުކުރަމުން އައި، "ޖުޑީށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާއިދު" އުވުނީއެވެ.

 

ޖަދުވަލު 1

 

ޖަދުވަލު 2

 

ޖަދުވަލު 3

 

 

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޖުޑީށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2023-167)

 

އުވުނު ގަވާއިދު

ޖުޑިށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާއިދު (1 މެއި 2011)

 

މައި ގާނޫނު

ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު