-

ގޯއްޗާއި ގޯތީގައި ހަދާ އިމާރާތް ކުއްޔަށް ދިނުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2003-00)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 5 ޖޫން 2003 ގައި)

 

ތައާރުފު

1 ވަނަ މާއްދާ -

(ހ) މިއީ :-

  1. އަމިއްލަ ގޯތި ނުވަތަ ގޯތިން ބައްއެ.
  2. އަމިއްލަ ގޯތީގައި ހަދާ އިމާރާތެއް ނުވަތަ އިމާރާތުން ބައްއެ.
  3. ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗަކުން ބައްއެ.
  4. ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއްގައި ކޮށްފައިވާ އިމާރާތެއް ނުވަތަ އިމާރާތެއްގެ ބަޔެއް ކުއްޔަށް ދިނުމާބެހޭ ގަވާއިދެވެ.

(ށ) މިގަވާއިދު ހަދާފައިވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01) ގެ ދަށުންނެވެ .

(ނ) މިގަވާއިދަށް ކިޔާނީ “ގޯއްޗާއި ގޯތީގައި ހަދާ އިމާރާތް ކުއްޔަށްދިނުމާބެހޭ ގަވާއިދު” އެވެ.

 

ދިރިއުޅުމަށް ކުއްޔަށްދޭ ތަންތަން ރަޖިސްޓަރީކުރުން

 

2 ވަނަ މާއްދާ -

މިގަވާއިދުގެ 1 ވަނަ ނަންބަރުގައިވާފަދަ ތަނެއް ދިރިއުޅުމަށްޓަކައި ކުއްޔަށްދޭނަމަ ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ، ތަނެއްގެގޮތުގައި މާލޭގައިނަމަ މާލޭ މުނިސިޕަލްޓީގައި، ރާއްޖެތެރޭގައިނަމަ އެ ރަށެއްގެ ރަށު އޮފީހުގައި ރަޖިސްޓަރީކުރަންވާނެއެވެ.

 

3 ވަނަ މާއްދާ -

މިގަވާއިދުގެ 2 ވަނަ ނަންބަރުގައިވާގޮތަށް ކުއްޔަށްދޭ ތަނެއް ރަޖިސްޓަރީކުރަން ހުށަހަޅާނީ، ތިރީގައިވާ ތަކެއްޗާއެކު، މާލޭގައިނަމަ މާލޭ މުނިސިޕަލްޓީއަށް، ރާއްޖެތެރޭގައިނަމަ އެ ރަށެއްގެ ރަށުއޮފީހަށެވެ.

(ހ) ގޯތީގެ ރަޖިސްޓަރީގެ ކޮޕީ.

(ށ) އިމާރާތުގެ ރަޖިސްޓަރީގެ ކޮޕީ.

(ނ) ކުއްޔަށްދޭބައި އެނގޭނޭހެން ކުރަހާފައިވާ، ގޯއްޗާއި އިމާރާތުގެ ކުރެހުން.

 

ދިރިއުޅުންނޫން ބޭނުމަށް ކުއްޔަށް ދިނުމުގެ ހުއްދަ

 

4  ވަނަ މާއްދާ -

މިގަވާއިދުގެ 1 ވަނަ ( ނަންބަރުގެ (ހ) ގެ (3) ގައިވާފަދަ ތަނެއް ނުވަތަ 1 ވަނަ ނަންބަރުގެ (ހ) ގެ (4) ގައިވާފަދަ ތަނެއް ދިރިއުޅުން ނޫން ބޭނުމަކަށް ކުއްޔަށް ދޭންވާނީ މާލޭގައިނަމަ މާލޭ މުނިސިޕަލްޓީގެ، ރާއްޖެތެރޭގައިނަމަ އެ ރަށެއްގެ ރަށުއޮފީހުގެ ހުއްދަ ހޯދުމަށްފަހު އެވެގައެވެ. 

 

5 ވަނަ މާއްދާ

މި ގަވާއިދުގެ 4 ވަނަ ނަންބަރުގައިވާ ހުއްދަ ހޯދުމަށް ހުށަހަޅާއިރު ތިރީގައި ބުނެފައިވާ ތަކެތި ހުށަހަޅަންވާނެއެވެ.

(ހ) ގޯތީގެ ރަޖިސްޓަރީގެ ކޮޕީ.

(ށ) އިމާރާތުގެ ރަޖިސްޓަރީގެ ކޮޕީ.

(ނ) ކުއްޔަށްދޭ ބައި އެނގޭނޭހެން ކުރަހާފައިވާ ގޯއްޗާއި އިމާރާތުގެ ކުރެހުން.

(ރ) ކުއްޔަށްދޭ ބައިގާ ކުރާނޭ ބޭނުމުގެ ތަފްސީލު.

 

ދިރިއުޅުމަށް ކުއްޔަށް ދެވޭނޭ މުއްދަތު

 

6 ވަނަ މާއްދާ -

ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް ނުވަތަ ބަންޑާރަ ގޯއްޗަކުން ބައެއް ނުވަތަ ބަންޑާރަ ގޯއްޗެއްގައި ކޮށްފައިވާ އިމާރާތެއް ނުވަތަ އިމާރާތެއްގެ ބައެއް، ދިރިއުޅުމަށް ކުއްޔަށްދެވޭނީ ގިނަވެގެން 15 އަހަރު ދުވަހުގެ މުއްދަތަށެވެ.

 

ދިރިއުޅުން ނޫން ބޭނުމަކަށް ކުއްޔަށް ދެވޭނޭ މުއްދަތު

 

7 ވަނަ މާއްދާ -

ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ނުވަތަ އެފަދަ ގޯއްޗެއްގައި ކޮށްފައިވާ އިމާރާތެއް ނުވަތަ އިމާރާތުން ބައެއް ދިރިއުޅުންނޫން ބޭނުމަކަށް ކުއްޔަށްދެވޭނީ، ގިނަވެގެން 10 އަހަރު ދުވަހުގެ މުއްދަތަށެވެ.

 

8 ވަނަ މާއްދާ -

މި ގަވާއިދުގެ 6 ވަނަ އަދި 7 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން މުއްދަތު ގުނުމުގައި، އެތަނެއް ކުއްޔަށްދެނީ އެތަނުގައި އިމާރާތްކުރުމަށްފަހު ބޭނުންކުރުމަށް ކަމުގައިވާނަމަ، އިމާރާތްކުރުމަށްދާ މުއްދަތުވެސް މިގަވާއިދުގެ 6 ވަނަ އަދި 7 ވަނަ ނަންބަރުގައިވާ މުއްދަތުގެ ތެރޭގައި ހިމެނޭނެއެވެ.

 

ކުއްޔަށް ދިނުމުގެ އެއްބަސްވުން

 

9 ވަނަ މާއްދާ -

މުޅި ގޯތި ނުވަތަ ގޯތީގައި ކޮށްފައިވާ މުޅި އިމާރާތް ކުއްޔަށް ދޭންވާނީ ކުއްޔަށްދިނުމާ ބެހޭގޮތުން، ކުއްޔަށް ދޭފަރާތާއި ކުއްޔަށް ހިފާ ފަރާތާ ދެމެދުގައި، އެގްރީމަންޓެއް ކުރުމަށްފަހުގައެވެ.

 

10 ވަނަ މާއްދާ -

ކުއްޔަށްދެނީ ގޯއްޗެއްގެ ބަޔެއް، ނުވަތަ އިމާރާތެއްގެ ބަޔެއް ކަމަށްވާނަމަ، އަދި އެތަނެއް ކުއްޔަށްދެނީ 1 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ކަމަށްވާނަމަ، އެތަނެއް ކުއްޔަށްދޭންވާނީ އެތަނެއް ކުއްޔަށްދިނުމާބެހޭގޮތުން، އެގްރީމަންޓް ކުރުމަށްފަހުގައެވެ.

 

11 ވަނަ މާއްދާ

މި ގަވާއިދުގެ 9 އަދި 10 ވަނަ ނަންބަރުގައި ބުނެފައިވާ އެގްރީމަންޓުގައި ތިރީގައި ބުނެފައިވާ  ބައިތައް ހިމަނަންވާނެއެވެ.

(ހ) ކުއްޔަށްދޭ މުއްދަތު.

(ށ) ގޯތި ނުވަތަ އިމާރާތުގެ ކުލި.

(ނ) ކުއްޔަށް ބޭނުންދޫކުރެވޭ.

(ރ) ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައިވާ މުއްދަތު ހަމަވުމުގެކުރިން ކުއްޔަށް ހިފިފަރާތުން ތަންދޫކޮށްލާނަމަ ނުވަތަ ކުއްޔަށް ދޫކުރިފަރާތުން ތަން އަތުލާނަމަ އެތަނުގައި ކުއްޔަށް ހިފިފަރާތުން ކޮށްފައިވާ އިމާރާތާއި ނުއުފުލޭމުދަލާމެދު އަމަލުކުރުމަށް އެއްބަސްވެފައިވާގޮތް.

(ބ) ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ބައިވެރިއަކު މަރުވެއްޖެނަމަ ހަދާނެގޮތް .

 

12 ވަނަ މާއްދާ -

ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުމުގެ ބައިވެރިޔަކު މަރުވެގެން، ވާރިސުންގެ މެދުގައި ބިންބަހައިދެވޭނީ، ށަރީއަތުން އެހެންގޮތަކަށް ނުނިންމާހާ ހިނދަކު ކުއްޔަށްދިނުމުގެ ވުމާބަސްއެއް ހިލާފުނުވާގޮތެއްގެ މަތިންނެވެ.

 

މައި ގާނޫނު

ބިިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު