-

ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2022-181)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 30 އޮކްޓޫބަރު 2022 ގައި)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބޭހޭ ގާނޫނު) ގެ 41 ވަނަ މާއްދާއިން ބާރު ލިބިގެން އެކުލަވައިލައިފައިވާ، ދިވެހިރާއްޖޭގައި މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގެ ދަށުން ދިރިއުޅުމަށް ޓަކައި ދޫކޮށްފައިވާ ބަންޑާރަ ގޯތިތައް އަމިއްލަކޮށް ގަނެވިއްކުމުގައި އަމަލުކުރާނެ ހަމަހަމަ އުސޫލުތައް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ބަންޑާރަ ގޯތި އަމިއްލަކުރުން

(ހ) ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކުން، ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެއްފަހަރާ އަގު ދެއްކުމަށްފަހު ނުވަތަ އެކި ފަހަރުމަތިން ފައިސާ ދައްކައި އަގު އަދާކުރުމަށްފަހު، އަމިއްލަ ކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ބަންޑާރަ ގޯތި އެއްކޮށް ނުވަތަ ގޯތިން ބައެއް އަމިއްލަ ކުރެވިދާނެއެވެ.

(ނ) ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް ނުވަތަ ބަންޑާރަ ގޯއްޗެއްގެ ބައެއް، މި މާއްދާގެ (ހ) ގައިވާ ގޮތަށް އެކި ފަހަރުމަތިން އަގުދައްކައިގެން އަމިއްލަކުރާ ހާލަތްތަކުގައި، ގޯތި ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ ބިން އަމިއްލަކުރެވޭނީ، ގޯތި ނުވަތަ ގޯތިން އަމިއްލަކުރާ ބައިގެ އަގު އެއްކޮށް އަދާކޮށް ނިންމުމުންނެވެ.

 

4 ވަނަ މާއްދާ - އަމިއްލަކުރުމަށް ހުށަހެޅުން

ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކުން، އެ ގޯތި އަމިއްލަކުރަން ބޭނުން ނަމަ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހަޅާނީ، ރަށެއްގައި ނަމަ، އެ ރަށެއްގެ ރަށު ކައުންސިލަށެވެ. އަދި ސިޓީއެއް ނަމަ، އެ ސިޓީއެއްގެ ސިޓީ ކައުންސިލަށެވެ.

 

5 ވަނަ މާއްދާ - އަމިއްލަކުރުމުގެ އަގު ދެއްކުން

މި ގަވާއިދުގެ 3 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ބިން އަމިއްލަކުރާއިރު، ގޯތި އަމިއްލަކުރުމުގެ އަގަށްވާ ފައިސާ ދައްކާނީ، ރަށެއްގައި ނަމަ، އެ ރަށެއްގެ ރަށު ކައުންސިލަށެވެ. އަދި ސިޓީއެއް ނަމަ، އެ ސިޓީއެއްގެ ސިޓީ ކައުންސިލަށެވެ.

 

6 ވަނަ މާއްދާ - އެކި ފަހަރުމަތިން އަގު އަދާކޮށް ނިންމާ އުސޫލުން ގޯތި އަމިއްލަކުރުން

(ހ) މި ގަވާއިދުގެ ދަށުން ގޯތި އަމިއްލަކުރާ ފަރާތްތަކުން ގޯތި އަމިއްލަ ކުރުމަށް ޓަކައި އެކި ފަހަރުމަތިން އަގު އަދާކުރާގޮތަށް ފައިސާ ދައްކާނީ، މި ގަވާއިދުގެ 9 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ އަގަށް ބަލައިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކި ފަހަރުމަތިން އަގު އަދާކުރާ އުސޫލުން އަމިއްލަކުރަން ބޭނުންވާ ފަރާތްތަކަށް އަމިއްލަކުރުމަށް ފައިސާ ދެއްކުމަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 20 (ވިހި) އަހަރުދުވަހެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އެކި ފަހަރުމަތިން އަގު އަދާކުރާނަމަ، އަގު އަދާކުރުމުގެ ކަންތައް ކުރިޔަށް ގެންދަންވާނީ، ގޯތި އަމިއްލަކުރާ ފަރާތާއި، ރަށެއްގައި ނަމަ، އެ ރަށެއްގެ ރަށު ކައުންސިލާއި، ނުވަތަ ސިޓީއެއް ނަމަ، އެ ސިޓީއެއްގެ ސިޓީ ކައުންސިލާ ދެމެދު އެކަމަށް ޓަކައި އެކުލަވައިލާ އެއްބަސްވުމެއްގެ ދަށުންނެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. އެއްބަސްވުމުގެ ދެބައިވެރިންގެ މައުލޫމާތު؛
  2. ގޯތި އަމިއްލަކުރުމުގެ އަގު؛
  3. އަގު އަދާކުރުމަށް ދޭ މުއްދަތު؛
  4. ފައިސާ ދައްކާނެ ގޮތް؛
  5. އެއްބަސްވުމާ ހިލާފުވުމުން އަމަލުކުރެވޭ ގޮތްތައް؛
  6. އެއްބަސްވުން ބާތިލު ކުރެވޭނެ ހާލަތްތައް؛
  7. އެއްބަސްވުމަށް އިސްލާހު ގެނައުން؛
  8. ފައިސާ ދައްކާނެ ގޮތުގެ ތާވަލު؛
  9. އެހެނިހެން މާއްދާތައް.

(ބ) އެކި ފަހަރުމަތިން އަގު އަދާކުރާގޮތަށް ގޯތި އަމިއްލަކުރުމަށް އެއްބަސްވެފައިވާ މުއްދަތު 5 (ފަހެއް) އަހަރަށް ވުރެ އިތުރުވާނަމަ، މި ގަވާއިދުގެ 9 ވަނަ މާއްދާގެ ދަށުން އަމިއްލަކުރުމަށް ކަނޑައަޅާ ރޭޓަށް އަންނަ ބަދަލުތަކާ އެއްގޮތަށް އެ ގޯތި އަމިއްލަކުރާ އަގު ބަދަލުކޮށް، އެ ބަދަލާ އެއްގޮތަށް މި މާއްދާގެ (ނ) ގެ ދަށުން ސޮއިކުރާ އެއްބަސްވުން އިސްލާހު ކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - އަމިއްލަކުރުމަށް ދައްކާ ފައިސާ

މި ގަވާއިދުގެ ދަށުން އެކި ފަހަރުމަތިން އަގު އަދާކޮށް ނިންމާ އުސޫލުން އަމިއްލަކުރުމަށް ހުށަހަޅައިފައިވާ ގޯއްޗެއްގެ އަގު އެއްބަސްވެފައިވާ ގޮތުގެ މަތީން ދައްކައި ހަލާސް ނުކުރާނަމަ، އެހައިތަނަށް އަގުގެ ގޮތުގައި ދައްކައިފައިވާ ފައިސާއާމެދު އަމަލުކުރާނެ ގޮތް، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ނ) ގެ ދަށުން އެކުލަވައިލާ އެއްބަސްވުމުގައި ބަޔާންކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ގޯތި ރަޖިސްޓަރީ ވެފައިވާ ފަރާތް މަރުވުން

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ރ) ގެ (3) ވަނަ ނަންބަރުގެ ދަށުން ކަނޑައަޅާ ވަކި މުއްދަތެއްގައި އަގު އަދާކޮށް ގޯތި އަމިއްލަކުރާ ހާލަތްތަކުގައި، ވަކި ވަރަކަށް ފައިސާ ދައްކާފަހުން، ގޯތި ރަޖިސްޓަރީ ކޮށްދީފައިވާ ފަރާތް މަރުވެއްޖެ ނަމަ، ބިމާބޭހޭ ގާނޫނާއި އެ ގާނޫނުން ބާރުލިބިގެން އެކުލަ ވައިލައިފައިވާ ގަވާއިދުތައް ތަންދޭ ގޮތެއްގެ މަތީން، އެ ގޯތީގެ ބިން ލިބޭ ފަރާތްތަކަށް، އެ ގޯތީގެ ބިން އަމިއްލަކުރުމުގެ ފުރުސަތު ލިބިދެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ގޯތީގެ ބިން ލިބޭ ފަރާތުން / ފަރާތްތަކުން ބިން އަމިއްލަކުރުމުގެ ފުރުސަތު ބޭނުންވާނަމަ، އެ ފަރާތްތަކަށް ބިން ލިބުނުކަމުގެ ވާހަކަ ބަޔާންކޮށްފައިވާ ށަރީއަތް ނިމުނުގޮތުގެ ރިޕޯޓާއެކު، އެކަމަށް އެދި ރަށެއްގައި ނަމަ، އެ ރަށެއްގެ ރަށު ކައުންސިލަށް ނުވަތަ ސިޓީއެއް ނަމަ، އެ ސިޓީއެއްގެ ސިޓީ ކައުންސިލަށް ހުށަހަޅަންވާނެއެވެ

(ނ) މި މާއްދާގެ (ށ) ގެ ދަށުން ބިން އަމިއްލަކުރަން އެދި ހުށަހަޅާ ފަރާތްތަކަށް އެ ބިން އަމިއްލަކުރެވޭނީ، ކުރިން ފައިސާ ދެއްކި ފަރާތް މަރުވުމާ ހަމަޔަށް ނުދައްކައި ހުރި ފައިސާ ދެއްކުމަށް، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ނ) ގެ ދަށުން އެކުލަވައިލައިފައިވާ އެއްބަސްވުމަށް ރިއާޔަތްކޮށް، އެ ފަރާތް / އެ ފަރާތްތަކާއި ކައުންސިލުގެ އިދާރާއާ ދެމެދު އިތުރު އެއްބަސްވުމެއްގައި ސޮއިކޮށްގެންނެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން، ކުރިން ފައިސާ ދެއްކި ފަރާތާއި ކައުންސިލުގެ އިދާރާއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމަށް ރިއާޔަތްކޮށް، ކުރިން ފައިސާ ދެއްކި ފަރާތް މަރުވުމާ ހަމަޔަށް ނުދައްކައި ހުރި ފައިސާ ދެއްކުމަށް، އަމިއްލަކުރަން އެދި ހުށަހަޅާ ފަރާތް / ފަރާތްތަކާއި ކައުންސިލުގެ އިދާރާއާ ދެމެދު ސޮއިކުރާ އެއްބަސްވުމުގެ މުއްދަތު ގުނުމުގައި، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތަށް ވުރެ ގިނަވެގެން ނުވާނެއެވެ.

(ބ) މި މާއްދާގެ (ށ) ގެ ދަށުން ބިން އަމިއްލަކުރަން އެދި ހުށަހަޅާ ފަރާތްތަކަށް އެ ބިން އަމިއްލަކުރެވޭނީ، މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން ދައްކަންޖެހިފައިވާ ބާކީ ފައިސާ ދައްކައި ނިންމުމުންނެވެ.

 

9 ވަނަ މާއްދާ - އަމިއްލަކުރުމުގެ އަގު ކަނޑައެޅުން

(ހ) ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް އަމިއްލަކުރުމަށް ޓަކައި، އެ ގޯތި ރަޖިސްޓަރީ ކޮށްދީފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ ބިން އަމިއްލަކުރުމުގެ އަގު ކަނޑައަޅާނީ، ރަށެއްގައި ނަމަ، އެ ރަށެއްގެ ރަށު ކައުންސިލުންނެވެ. އަދި ސިޓީއެއް ނަމަ، އެ ސިޓީއެއްގެ ސިޓީކައުންސިލުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަގު ކަނޑައެޅުމުގައި އެއްފަހަރާ ފައިސާ ދައްކައިގެން އަމިއްލަކުރަންޖެހޭ ރޭޓާއި، އެކިފަހަރު މަތިން ފައިސާ ދައްކައި އަމިއްލަކުރަން ދައްކަންޖެހޭ ރޭޓު ތަފާތުކުރުމުގެ އިހްތިޔާރު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކައުންސިލުގެ އިދާރާއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ އަގުތައް އާންމުކޮށް އަންގައި އިއުލާނު ކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ އަގުތަކަށް ބަދަލުގެންނަކަމަށް ވާނަމަ، އެ ގެނެވޭ ބަދަލެއް އާންމުކޮށް އަންގައި އިއުލާނު ކުރަންވާނެއެވެ.

(ބ) ބިން އަމިއްލަކުރުމުގެ އަގު ކަނޑައެޅުމުގައި، އެ ސަރަހައްދެއްގެ އިގްތިސާދީ ހާލަތަ ށާއި، އިޖުތިމާއީ ހާލަތަށާއި، ބިމުގެ ތަނަވަސްކަމަށާއި، ބިމުގެ މުއާމަލާތްތައް އެ އިރަކު ހިންގަމުންދާ ގޮތަށާއި، މިނޫނަސް ކައުންސިލްގެ އިދާރާއަށް ފެންނަ އެކަށޭނަ އެހެން ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ކަނޑައަޅައިފައިވާ ކަންކަމަށް ބެލުމަށްފަހު، އަމިއްލަކުރާ ބިމަށް ސަރުކާރަށް ދައްކަންޖެހޭ އަގު، ރަށެއްގެ ނުވަތަ އަވަށެއްގެ އެކި ހިސާބުތަކަށް ތަފާތުވާނެ ގޮތަށް ކަނޑައެޅުމުގެ އިހްތިޔާރު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކައުންސިލުގެ އިދާރާއަށް ލިބިގެންވެއެވެ.

 

10 ވަނަ މާއްދާ - އަމިއްލަ ގޯތީގެ ގޮތުގައި ރަޖިސްޓަރީކުރުން

ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް އަމިއްލަކުރާ ހާލަތުގައި، ބިމާބެހޭ ގާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތީން ބިމުގެ އަގު އަދާކޮށް ނިމުމުން، ގަވާއިދު ނަންބަރު 2016-88 (ބަންޑާރަ ގޯއްޗާއި،އަމިއްލަ ގޯއްޗާއި، އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީ ކުރުމާބެހޭ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން ރަޖިސްޓަރީ ކޮށްދޭން ވާނެއެވެ.

 

11 ވަނަ މާއްދާ - ގޯތި ވިއްކުން

އަމިއްލަ ގޯއްޗެއް ނުވަތަ ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް ނުވަތަ އެފަދަ ގޯއްޗެއްގެ ބައެއް އަމިއްލަ ކުރުމަށްފަހު، އެފަދަ ގޯއްޗެއް ނުވަތަ އެފަދަ ގޯއްޗެއްގެ ބައެއް ވިއްކޭނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ހ) ވިއްކުމުގެ މުއާމަލާތު، ކަމާބެހޭ ށަރުއީ ކޯޓެއް މެދުވެރިކޮށް ހިންގުން.

(ށ) ގޯތި ވިއްކަން އެދޭ މީހާއާއި، އެ މީހަކު ށަރުއީގޮތުން ބަލަންޖެހޭ މީހުން ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެހިފައިވުން.

(ނ) ގޯތި ގަންނަ ފަރާތަކީ ދިވެހި ރައްޔިތެއްކަމުގައި ވުން، ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އެ ކުންފުންޏެއްގެ ސައްތައިންސައްތަ ހިއްސާދާރުންނަކީ ދިވެހިން ކަމުގައި ހިމެނޭ ކުންފުންޏަކަށް ނުވަތަ ޕާޓްނަރށިޕަކަށް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއަކަށް ވުން، ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ސައްތައިންސައްތަ ދިވެހިންގެ ޖަމްއިއްޔާއެއް ނުވަތަ ޖަމާއަތެއް ކަމުގައި ވުން.

 

12 ވަނަ މާއްދާ - ދިރިއުޅޭނެ ތަނެއް ހުރިތޯ ބެލުން

(ހ) މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށް ޓަކައި، ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެހިފައި ހުރިކަމަށް ބަލާނީ، ކޮންމެ މައްސަލައެއް ވެސް ވަކިން އެ މައްސަލައެއްގެ ވަށައިގެންވާ ކަންތައްތަކާއި ހާލަތްތަކަށް ރިއާޔަތްކޮށް، ށަރުއީ ކޯޓަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެހިފައި ހުރިކަމަށް ށަރުއީ ކޯޓަކުން ބެލުމުގައި، އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

  1. އެ މީހެއްގެ ނަމުގައި ނުވަތަ އެ މީހެއްގެ ފިރިމީހާ ނަމުގައި ނުވަތަ އަނބިމީހާގެ ނަމުގައި،ވިއްކުމަށް ބޭނުންވާ ގޯތި ފިޔަވައި އެހެން ހިޔާވަހިކަމެއް ރަޖިސްޓަރީކޮށްފައި އޮތުން؛
  2. އެ މީހެއްގެ ދަރިއެއްގެ ނަމުގައި ވިއްކުމަށް ބޭނުންވާ ގޯތި ފިޔަވައި އެހެން ހިޔާވަހިކަމެއް ހުރެ، އެ ތަނެއްގައި އެ މީހަކު ދިރިއުޅުމުގެ ކަންތައްތައް ހަމަޖެހިފައިވުން؛
  3. އެ މީހެއްގެ މަންމަގެ ނަމުގައި ނުވަތަ ބައްޕަގެ ނަމުގައި، ވިއްކުމަށް ބޭނުންވާ ގޯތި ފިޔަވައި އެހެން ހިޔާވަހިކަމެއް ހުރެ، އެ ތަނެއްގައި އެ މީހަކު ދިރިއުޅުމުގެ ކަންތައްތައް ހަމަޖެހިފައިވުން؛
  4. މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ދިރިއުޅުމުގެ ކަންތައް ހަމަޖެހިފައިވާކަމަށް ބުނެ ހުށަހަޅާ ތަނެއްގައި އެ މީހަކަށް އުމުރަށް އުޅެވޭނެކަން ކަށަވަރުކުރެވުން؛
  5. އެ މީހެއްގެ އަތުގައި ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެއްސުމުގެ މާލީ ތަނަވަސްކަން ހުރުން؛
  6. ރާއްޖެއިން ބޭރުގެ އެހެން ގައުމެއްގައި އެ މީހެއްގެ ނަމުގައި ބިމެއް ނުވަތަ އިމާރާތެއް ނުވަތަ އެއްމެދު އިމާރާތުގެ ފްލެޓެއް ލިބިފައިވުން.

 

13 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، 1 އޮކްޓޫބަރު 2008 އިން ފެށިގެން އަމަލުކުރަމުންދިޔަ"ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ގަވާއިދު" އާއި، އެ ގަވާއިދަށް ގެނެސްފައިވާއިސްލާހުތައް ބާތިލުވާނެއެވެ.

(ނ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ށަރުއީ ކޯޓަކަށް ހުށަހަޅައިފައިވާ، ގޯތި ގަނެ ވިއްކުމުގެ މުއާމަލާތްތަކަށާއި، ގޯތި އަމިއްލަކުރުމުގެ މުއާމަލާތްތަކަށް މި ގަވާއިދެއް ނުހިނގާނެއެވެ.

 

14 ވަނަ މާއްދާ - މާނަކުރުން

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެ ވަނީ، ބިމާބެހޭ ކަންކަން ބެލެހެއްޓުމަށް އެ އިރެއްގައި ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަކަށެވެ.

(ށ) "މިނިސްޓަރު" ކަމަށް ބުނެފައި އެ ވަނީ، ބިމާބެހޭ ކަންކަން ބެލެހެއްޓުން އެ އިރެއްގައި ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއެއްގެ ވަޒީރަށެވެ.

(ނ) "ބިމާބެހޭ ގާނޫނު" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބޭހޭ ގާނޫނު) އަށާއި، އެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތައް ހިމެނޭގޮތަށެވެ.

(ރ) "ބޯހިޔާވަހިކަން" ކަމަށް ބުނެފައި އެ ވަނީ، އެ ފަރާތުގެ ނަމުގައި ރަޖިސްޓަރީވެފައިވާ ބަންޑާރަ ގޯއްޗެއްގައި، ނުވަތަ އަމިއްލަ ގޯއްޗެއްގައި، ނުވަތަ ބަންޑާރަ ގޯއްޗެއްގައި ނުވަތަ އަމިއްލަ ގޯއްޗެއްގައި ހިމެނޭ އިމާރާތެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ހިމެނޭގޮތުންނެވެ.

(ބ) "ށަރުއީ ކޯޓަކަށް ހުށަހަޅައިފައިވާ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ށަރުއީ ކޯޓަކަށް ގަނެވިއްކުމުގެ މުއާމަލާތް ފުރިހަމަކުރުމަށް ހުށަހަޅާ މައްސަލަތަކަށެވެ.

 

ޖަދުވަލު 1

(ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމި އްލަކުރުމަށް އެދި ހުށަހަޅާ ފޯމު - އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި)

 

މައި ގާނޫނު

ބިިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު