-

ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2018-69) އަށް  3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-157)

(މި ގަވާއިދުވަނީ ގަވާއިދު ނަންބަރު 2024-41 ގެ 25 ވަނަ މާއްދާއިން އުވާލެވިފައި)

 

ގަވާއިދު ނަންބަރު 2018-69 (ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު) އަށް  އަަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބިން ދޫކުރާ ފަރާތް 6.

(ހ) މި ގަވާއިދުގެ ދަށުން ބިން ދޫކުރާނީ، ރަށެއްގައިނަމަ، އެ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާއިންނެވެ. ސިޓީއެއްގައިނަމަ، ސިޓީ ކައުންސިލުގެ އިދާރާއިންނެވެ. 

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބިން ދޫކުރާ ފަރާތް 6.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ކައުންސިލްތަކުގެ އިހުތިސާސްގައި ނުހިމެނޭ ދައުލަތުގެ ބިންތައް ހަވާލުކުރާނީ މިނިސްޓްރީންނެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބިން ދޫކުރާ ފަރާތް 7.

(ށ) ތަފާތު ބޭނުންތަކަށް އެ ރަށަކުން ނުވަތަ އެ ސިޓީއަކުން ބިންތައް ކަނޑަ އަޅަންވާނީ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާގޮތުގެމަތީން ރަށެއްގައިނަމަ، އެ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާއިންނެވެ. ސިޓީއެއްގައިނަމަ، ސިޓީ ކައުންސިލުގެ އިދާރާއިންނެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ބިން ދޫކުރާ މުއްދަތު ކަނޑައަޅާނީ، ރަށުގެ ތަރައްޤީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީން ރަށެއްގައިނަމަ، އެ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާއިންނެވެ. ސިޓީއެއްގައިނަމަ، ސިޓީ ކައުންސިލުގެ އިދާރާއިންނެވެ. 

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

މުއްދަތު އިތުރުކުރުން 11.

(ހ) މި ގަވާއިދުގެ ދަށުން ދޫކުރާ ބިމެއްގެ މުއްދަތު އިތުރުކުރުމަށް އެދި ބިން ދޫކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން ބިން ދޫކުރެވިފައިވާ ފަރާތުންހުށަހަޅައިފިނަމަ، އެ ފަރާތުން މުއްދަތު އިތުރުކުރުމަށް ހުށަހެޅި ސަބަބުތަކަށް ރިއާޔަތްކޮށްގެން އެސެސްމަންޓެއް ހެދުމަށްފަހު، އެ އެސެސްމަންޓުގެ ނަތީޖާއަށް ބަލައިގެން، ބިން ދޫކޮށްފައިވާ މުއްދަތުގެ %50 (ފަންސާން އިންސައްތަ) އަށްވުރެ އިތުރު ނުވާނެ ގޮތެއްގެ މަތިން މުއްދަތު އިތުރުކޮށް ދިނުމުގެ އިހްތިޔާރު ބިން ދޫކުރާ ފަރާތަށް ލިބިގެންވެއެވެ. 

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

11. (ނ) މި ގަވާއިދުގެ ދަށުން ދޫކުރާ ބިމެއްގެ މުއްދަތު މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިތުރުކުރާއިރު އެ އިރެއްގެ މާކެޓް ރޭޓަށާއި މި މާއްދާގެ (ރ) ގައިވާ ކަންކަމަށް ރިއާޔަތްކޮށްގެން، ބިމުގެ ކުއްޔަށް ބަދަލު ގެނައުމުގެ ބާރު ބިން ދޫކުރާ ފަރާތަށް ލިބިގެންވެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ދޫކުރާ ބިމުގެ ބޮޑުމިން 13.

(ހ) ދޫކުރާ ބިމުގެ ބޮޑުމިން ކަނޑައަޅާނީ ރަށުގެ ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީން ރަށެއްގައިނަމަ، އެ ރަށެއްގެ ރަށު ކައުންސިލުގެއިދާރާއިންނެވެ. ސިޓީއެއްގައިނަމަ، ސިޓީ ކައުންސިލުގެ އިދާރާއިންނެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ދޫކުރާ ބިމުގެ ބޮޑުމިން 14.

(ހ) މި ގަވާއިދުގެ ދަށުން ދޫކުރާ ބިންތައް ދޫކުރަންވާނީ ލޭންޑް ޔޫސް ޕްލޭން އެކުލަވައިލައި ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާގެ (ށ) އުނިކުރުން.

 

10 ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާ އުނިކުރުން.

 

11 .ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބިމުގެ ބަޖެޓް ކަނޑައެޅުން 18.

(ހ) ކޮންމެ ރަށަކާއި ކޮންމެ ސިޓީއެއްގައި ހުސް ބިން ހުރި ނިސްބަތަށް ބަލައިގެން، ކޮންމެ އަހަރެއްގެ ތެރޭގައި ތަފާތު ބޭނުންތަކަށް ދޫކުރަން ބޭނުންވާ ބިމުގެ އަދަދާއި، ސައިޒާއި، ބިން ދޫކުރާނެ މުއްދަތާއި، ބޭނުމާއި، މިހާރު ދޫކޮށްފައިވާ ބިންތަކުގެ މައުލޫމާތާއެކު އެ އަހަރުގެ ބިމުގެ ބަޖެޓް އެކުލަވައިލައި، ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރަތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިން ކައުންސިލްތަކުން އެކުލަވައިލާ އަހަރީ ބަޖެޓުގައި ހިމަނަން ވާނެއެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާގެ (ށ) އާއި (ނ) އުނިކުރުން.

 


13  ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 19 ވަނަ މާއްދާގެ (ނ) އުނިކުރުން. 

 


14  ވަނަ މާއްދާ - ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 


15 ވަނަ މާއްދާ -  މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

އުވި ގަވާއިދު

ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާއި، ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2024-41)

 

މައި ގަވާއިދު

ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2018-69)

 

ކޮންސޮލިޑޭޓް ގަވާއިދު

ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2018-69) (ކޮންސޮލިޑޭޓެޑް)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު