-

އާންމުކޮށް ކަންކަން އިއުލާނު ކުރުމުގެ އުސޫލުތައް ބަޔާންކުރާ ގަވާއިދު (2021-134)

(ގަވާއިދު ނަންބަރު 2021-134)

1 ވަނަ މާއްދާ - ތައާރުފު

(ހ) މިއީ، ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑުން އާންމުކޮށް ކަންކަން އިއުލާނު ކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ.

(ށ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2013-03 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނު) ގެ 62 ވަނަ މާއްދާގެ (ރ) ގެ ދަށުން ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑަށް ލިބިގެންވާ ބާރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑުން އިއުލާނުކޮށްގެން ކަންކަން ކުރުމުގައި އަމަލުކުރާނެ މައިގަނޑު އުސޫލުތައް ހާމަކަން ބޮޑު، ދެފުށް ފެންނަ ގޮތެއްގައި އަމަލުކުރަމުން ގެންދިއުމެވެ.

 

3 ވަނަ މާއްދާ - އާންމުކޮށް ކަންކަން އިއުލާންކުރުން 

ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑުން އާންމުކޮށް ކަންކަން އިއުލާނު ކުރުމުގައި، އަންނަނިވި ގޮތަށް އަމަލުކުރެވޭނެއެވެ.

(ހ) ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގައިވާ ގޮތުގެ މަތީން، އަންދާސީހިސާބު ހޯދައި، ބީލަމަށް ހުށަހެޅުމަށް ކުރާ އިއުލާނުތައް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުން.

(ށ) ދައުލަތާއި، ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަން އިއުލާނު ކުރުމުގައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމުގެ އިތުރުން، ބޯޑަށް ފެނިއްޖެ ހިނދެއްގައި އެނޫން ވަސީލަތްތައް މެދުވެރިކޮށް އެ މައުލޫމާތު އާންމުކުރުމުގެ އިހްތިޔާރު ބޯޑަށް  ލިބިގެންވެއެވެ.

 

4 ވަނަ މާއްދާ - ކުއްލި މަސައްކަތް

ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން، ކުއްލި މަސައްކަތެއް ކުރަންވެއްޖެނަމަ، އެ މަސައްކަތެއް ކުރަންވާނީ ބޯޑުން ނިންމާ ނިންމުމެއްގެ ދަށުންނެވެ. އަދި އެ މަސައްކަތް ހަވާލުކުރަންވާނީ، އެ މަސައްކަތެއްގެ ފެންވަރާއި އަގާބެހޭގޮތުން ދެފަރާތުން އެއްބަސްވާ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުއެވެ. މި ހާލަތުގައި އާންމު ކޮށް އިއުލާނުކުރާކަށެއް ނުޖެހޭނެއެވެ.

 

5 ވަނަ މާއްދާ - ބޯޑުން އިއުލާނުކުރާ އާންމު ކަންކަން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާން ނުކުރާހައި ހިނދަކު، މަސައްކަތުގެ ގޮތުން މީހަކަށް މަންފާއެއް ލިބޭފަދަ ކަންތައްތައް ނުވަތަ ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގައި ބީލަމުގެ އުސޫލަށް ހުޅުވައިލަންޖެހޭ ކަންކަން ފިޔަވައި، ބޯޑުން ކަންކަން އިއުލާނު ކުރުމުގައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމުން އެ ކަމެއް އިއުލާނުކުރީ ކަމުގައި ބެލެވޭނެއެވެ.

 

6 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

މި ގަވާއިދު ހަދައި ހިންގާނީ، ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑުންނެވެ. 

 

7 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރެވޭ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2013-03)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު