-

އިލެކްށަންސް ކޮމިށަންގެ ގާނޫނު (ގާނޫނު ނަންބަރު 2008-02) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2020-17)

 

ގާނޫނު ނަންބަރު 2008-02 (އިލެކްށަންސް ކޮމިށަންގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކޮމިށަންގެ ރައީސްގެ މަސްއޫލިއްޔަތު 8   

ކޮމިށަންގެ ރައީސްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެމަތިން، ނަތީޖާ ނެރެދެވޭ ގޮތުގައި ހަރުދަނާ އުސޫލުން، ކޮމިށަންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ލަފައާއި އިރުށާދުދިނުން؛

(ށ) ކޮމިށަންގެ ބައްދަލުވުންތަކުގެ އެޖެންޑާ ކަނޑައެޅުމާއި، ބައްދަލުވުން ބާއްވާނެ ތާރީހާއި ވަގުތު ކަނޑައެޅުން ފަދަ ކޮމިށަން ހިންގުމާ ގުޅޭ ނިންމުންތައް ނިންމުން؛

(ނ) ކޮމިށަނާއި ކޮމިށަންގެ މެންބަރުންނާއި ކޮމިށަންގެ މުވައްޒަފުން ސުލޫކީ ހަމަތަކަށް ތަބާވުމުގައި ނަމޫނާ ދައްކައި، ޒައާމަތު ގާއިމުކުރުން؛

(ރ) ކޮމިށަންގެ މަށްވަރާގެ މަތިން ކޮމިށަންގެ އިދާރީ އެކިއެކި މަސައްކަތްތައް ހިންގައި ބެލެހެއްޓުމާގުޅޭ އުސޫލު ކަނޑައަޅައި، އެ އުސޫލާ އެއްގޮތަށް އިދާރީކަންކަން ހިންގަމުންދާކަން ކަށަވަރުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛

(ބ) ކޮމިށަންގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން؛ އަދި

(ޅ) ކޮމިށަނުން ނިންމާ ނިންމުންތައް ތަންފީޒުކުރުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މެންބަރުންގެ މަސްއޫލިއްޔަތު 12  

ކޮމިށަންގެ މެންބަރުންގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ކޮމިށަންގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް މިނިވަންކަމާއި، އަދުލުވެރިކަމާއެކު، އަދި ވަކިފަރާތަކަށް ޖެހުމެއްނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި އަދާކުރުން؛

(ށ) ކޮމިށަންގެ ބައްދަލުވުންތަކަށް ފަރުވާތެރިކަމާއެކު ހާޒިރުވެ، އެ ބައްދަލުވުންތަކުގައި އަމަލީގޮތުން ގުޅިގެން ބައިވެރިވުން؛

(ނ) ކޮމިށަންގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން އެ މެންބަރަކާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމާއި، ކޮމިށަންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ކޮމިށަންގެ ރައީސަށް ލަފާދިނުމާއި އެހީތެރިވެދިނުން؛

(ރ) ކޮމިށަންގެ މެންބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ މިނިވަންކަމާއި، ނަޒާހަތްތެރިކަމުގެ ހަމަތައް ހިފެހެއްޓުން؛

(ބ) ކޮމިށަންގެ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގައި ހުރިހާ ވަގުތެއްގައިވެސް ތެދުނިޔަތުގައި މަސައްކަތްކުރުމާއި، ކޮމިށަންގެ މަގްސަދުތައް ހާސިލުކުރުމަށާއި މަސްލަހަތުތައް ހިމާޔަތްކުރުމަށް އިސްކަންދިނުން.

 

3 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 14 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) މި ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމާ ޚިލާފަށް ކަމެއް ކުރިކަމަށް، ނުވަތަ އެ މަޤާމު އަދާކުރުމަށް އުޒުރުވެރިވާފަދަ ޙާލަތެއް މެދުވެރިވެއްޖެކަމަށް، ނުވަތަ މަޤާމު އަދާކުރުމުގެ ޤާބިލްކަން ނެތްކަމަށް ފެނިއްޖެ ހިނދެއްގައި ނުވަތަ މި ޤާނޫނުގެ 9-17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތް މެދުވެރިވެއްޖެނަމަ؛

 

4 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 17 ވަނަ މާއްދާ އުނިކޮށް، އެ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާތައް އިތުރުކުރުން. 

ނުފޫޒެއް ނެތި މިނިވަންކަމާއެކު މަސައްކަތްކުރުން  17 

(ހ) ކޮމިށަންގެ ވާޖިބު އަދާކުރުމުގައި، ކޮމިށަންގެ މެންބަރުން އެއްވެސް ބިރަކަށް ނުވަތަ އެއްވެސް ނުފޫޒަކަށް ލެނބިގެނެއް ނުވާނެއެވެ.

(ށ) ކޮމިށަންގެ އެއްވެސް މައްސަލައެއް ނިންމުމުގައި ނުވަތަ މައްސަލައެއް ހިންގުމުގައި ނުވަތަ މަށްވަރާއެއް ކުރުމުގައި ނުވަތަ ސިޔާސަތެއް ކަނޑައެޅުމުގައި ސީދާގޮތުންވެސް ނުވަތަ ނުސީދާގޮތުންވެސް އަމިއްލަ މަސްލަހަތެއް ހާސިލުކުރަން މަސައްކަތްކޮށްގެން ނުވާނެއެވެ.

(ނ) ކޮމިށަންގެ ހުރިހާ ކަމެއްވެސް ކުރަންވާނީ، ކޮމިށަންގެ މަގްސަދު ހާސިލުވާނެ ގޮތުގެމަތިން، އާންމު މަސްލަހަތަށްޓަކައެވެ.

(ރ) ހާމަކަން ބޮޑުގޮތެއްގައި ކަންތައްތައް ކުރުމަށްޓަކައި، އެކަމެއްގެ ވަގުތުގައި، އެކަމަކާބެހޭ ސައްހަ މައުލޫމާތު އާންމުންނަށް ފަސޭހައިން ލިބިގަނެވޭ ގޮތަށް ފޯރުކޮށްދޭންވާނެއެވެ.

(ބ) ކޮމިށަންގެ މަސައްކަތްތައް ހިންގުމުގައާއި، ކޮމިށަންގެ އިދާރީ އޮނިގަނޑު ތަރުތީބުވެގެންވާ ގޮތުގައާއި، ކޮމިށަންގެ މަސައްކަތްތައް ކުރުމުގައާއި، ކޮމިށަންގެ ޕްރޮގްރާމްތައް ރޭވުމުގައާއި، ކޮމިށަނުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި، ކޮމިށަނަށް ފުރިހަމަ ގާނޫނީ އިހްތިޔާރާއި މިނިވަންކަމާއި ބާރު ލިބިގެންވެއެވެ.

 

ކޮމިށަންގެ ޖަމާޢީ ސުލޫކު  1-17 

(ހ) ކޮމިށަންގެ މެންބަރުން އެމީހުންގެ މަގާމުގެ ވާޖިބު އަދާކުރުމުގައި، ކޮމިށަންގެ ގަދަރާއި ދަރަޖައާއި އަބުރުވެރިކަމަށް އުނިކަން އަންނަ ގޮތަށް އަމަލުކޮށްގެން ނުވާނެއެވެ.

(ށ) ކޮމިށަންގެ ސިޔާސަތުތަކާއި ކޮމިށަންގެ ނިންމުންތަކާއި ކޮމިށަނުން އަމަލުކުރާގޮތާ ގުޅޭގޮތުން ޖަވާބުދާރީވުމާއި ޒިންމާ އުފުލުމުގެ ވާޖިބު ކޮމިށަންގެ މެންބަރުން އަދާކުރަންވާނީ ހާމަކަންބޮޑު ގޮތެއްގެމަތިންނެވެ.

 

މެންބަރުންގެ ޒާތީ ސުލޫކު  2-17  

ކޮމިށަންގެ ކޮންމެ މެންބަރަކުމެ، ފަރުދެއްގެ ހައިސިއްޔަތުންނާއި ކޮމިށަންގެ މެންބަރެއްގެ ހައިސިއްޔަތުން، ހުރިހާ ހާލަތެއްގައިވެސް، އަންނަނިވި ހަމަތައް ހިފަހައްޓަންވާނެއެވެ.

(ހ) ކޮމިށަންގެ ގަދަރަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް، އެއްވެސް ވަގުތެއްގައި ނުކުރުން.

(ށ) ކޮމިށަންގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ބުރޫއަރާފާނެ ފަދަ އެއްވެސް ކަމެއް ނުކުރުން.

(ނ) ގާނޫނާ ހިލާފު އަމަލެއް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް މަގާމުގެ ބޭނުންކޮށްގެން ނުކުރުން.

(ރ) ކަނޑައެޅިގެން ވަކި މީހަކަށް ގެއްލުން ދިނުމުގެ ނިޔަތުގައި ނުވަތަ އޭނާގެ އަބުރު ނަގާލުމުގެ ނިޔަތުގައި ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް މަގާމުގެ ބޭނުންކޮށްގެން ކަމެއް ނުކުރުން.

(ބ) އާންމު އުސޫލަކުން ކޮންމެ މީހަކަށްވެސް ލިބެންއޮތް ހަދިޔާއެއް ނުވަތަ އެހީއެއް ނުވަތަ މަންފާއެއް ނުވަތަ މެހެމާންދާރީއެއް ފިޔަވައި އެނޫން ހަދިޔާއެއް، ނުވަތަ އެހީއެއް، ނުވަތަ މަންފާއެއް ނުވަތަ މެހެމާންދާރީއެއް އެއްވެސް ފަރާތަކުން ނުހޯދުން.

(ޅ) ކޮމިށަންގެ ބައްދަލުވުންތަކަށް ފަރުވާތެރިކަމާއެކު ހާޒިރުވެ، އެ ބައްދަލުވުންތަކުގައި އަމަލީގޮތުން ބައިވެރިވުން.

  

މާލީ ހިސާބު ހުށަހެޅުން  3-17  

(ހ) އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ނުވަތަ އެފަދަ ގާނޫނެއްގެ ދަށުން އެހެންގޮތަކަށް އަމަލުކުރަމުން އައިކަމުގައިވީނަމަވެސް، ކޮމިށަންގެ މެންބަރުން މާލީ ހިސާބު ހުށަހެޅުމުގައި މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، އަމަލުކުރާނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) ކޮމިށަންގެ މެންބަރުކަމަށް އައްޔަންކުރެވޭ މީހާ، އޭނާގެ މަގާމާ ހަވާލުވިއިރު، އޭނާއަށް ލިބިފައިވާ އާމްދަނީއާއި އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު، އެ މަގާމާ އޭނާ ހަވާލުވާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މާލީ ހިސާބު ހުށަހެޅުމުގެ އިތުރަށް، ކޮމިށަންގެ މެންބަރުކަމާ ހަވާލުވާ ތާރީހުން ފެށިގެން ކޮންމެ އަހަރެއްގެ މާލީ ހިސާބު އެ އަހަރެއް ނިމޭތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަމުން ގެންދަންވާނެއެވެ. މި މާއްދާގެ ބޭނުމަށްޓަކައި އަހަރު ކަމަށް މާނަކޮށްފައިއެވަނީ، އެމީހަކު ކޮމިށަންގެ މެންބަރުކަމާ ހަވާލުވާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރުދުވަސް ހަމަވާ ތާރީހަށެވެ.

(ރ) ކޮމިށަންގެ މެންބަރަކު މަގާމުން ވަކިވުމަށްފަހު ނުވަތަ އިސްތިއުފާ ދިނުމަށްފަހު ހިނގާ ފުރަތަމަ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އޭނާ މަގާމުން ވަކިވިއިރު އޭނާއަށް ލިބިފައިވާ އާމްދަނީއާއި އާމްދަނީ ލިބޭ ގޮތްތަކާއި އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު، އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ށ)، (ނ)، އަދި (ރ) ގެ ދަށުން ކޮމިށަންގެ މެންބަރެއްގެ މާލީ ހިސާބު ހުށަހަޅާއިރު، އޭނާ އިނދެގެންއުޅޭ މީހާއާއި، 18 (އަށާރަ) އަހަރު ނުފުރޭ ދަރިންގެ މާލީ ހިސާބުވެސް ހުށަހަޅަންވާނެއެވެ.

(ޅ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، އަދި (ބ) ގެ ދަށުން ހުށަހެޅުން ލާޒިމުކުރާ މާލީ ހިސާބުތައް ތައްޔާރުކުރާނީ، އޮޑިޓަރ ޖެނެރަލް ކަނޑައަޅައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ނަމޫނާއާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ކ) މި މާއްދާގެ ދަށުން އޮޑިޓަރ ޖެނެރަލަށް ހުށަހަޅާ ބަޔާނުގައި މައްސަލައެއްވާ ކަމަށް އޮޑިޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި އެ މައްސަލައެއް އޮޑިޓަރ ޖެނެރަލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

 

އިތުރު ވަޒީފާ އަދާނުކުރުމާއި މަސްލަހަތު ފުށުއަރާ ވިޔަފާރި ނުކުރުން  4-17  

(ހ) ކޮމިށަންގެ މެންބަރަކު، އާމްދަނީ ލިބޭ އިތުރު ވަޒީފާއެއް އަދާކޮށްގެންނުވާނެއެވެ. ނުވަތަ އާމްދަނީއެއް ނުވަތަ ފައިދާއެއް ލިބޭ ފަދަ އެހެން މަގާމެއް ފުރައިގެންނުވާނެއެވެ.

(ށ) ކޮމިށަންގެ މެންބަރަކު، ވިޔަފާރިއެއް ހިންގުމުގައި އަމަލީގޮތުން ބައިވެރިވެގެންނުވާނެއެވެ. ނުވަތަ އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ށާމިލުވެގެންނުވާނެއެވެ. ނުވަތަ އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއް ކޮށްގެންނުވާނެއެވެ. އަދި ދައުލަތުގެ މުދަލާއި ބިން ގަނެ ނުވަތަ ކުއްޔަށް ހިފައިގެންނުވާނެއެވެ. އަދި ދައުލަތާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުއާމަލާތެއްގައި ސީދާގޮތުންވިޔަސް ނުވަތަ ނުސީދާގޮތުންވިޔަސް ކޮމިށަންގެ މެންބަރަކު އެ މެންބަރެއްގެ މާލީ އެއްވެސް މަސްލަހަތެއް ބާއްވައިގެންނުވާނެއެވެ.

(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ދިވެހިރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއްގެ ސިގްނިފިކަންޓް ޝެއަރހޯލްޑަރެއް ކަމުގައިނުވާ ގޮތުން، އެފަދަ ކުންފުންޏެއްގެ ހިއްސާ މިލްކުކުރުމަކީ، މި މާއްދާގެ ބޭނުމަށްޓަކައި ވިޔަފާރިކުރުން ކަމުގައެއް ނުބެލެވޭނެއެވެ. މި މާއްދާގެ ބޭނުމަށްޓަކައި "ދިވެހިރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއްގެ ސިގްނިފިކަންޓް ޝެއަރހޯލްޑަރެއް" ކަމަށް ބަޔާންކޮށްފައިއެވަނީ، ދިވެހިރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއްގެ ހިއްސާގެ ރައުސުލްމާލުގެ %5 (ފަހެއް އިންސައްތަ) އަށްވުރެ ގިނަ އަދަދެއްގެ ހިއްސާގެ މައްޗަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ބާރު ފޯރުވޭ މަގާމެއްގައި ހުރި ހިއްސާދާރަކަށެވެ.

(ރ) ކޮމިށަންގެ މެންބަރެއްގެ ހައިސިއްޔަތުން މެނުވީ، ދައުލަތުގެ އެހެން އެއްވެސް ކޮމިށަނެއްގައި، ނުވަތަ ކައުންސިލެއްގައި، ނުވަތަ މަޖިލީހެއްގައި، ނުވަތަ ކޮމިޓީއެއްގައި، ނުވަތަ ބޯޑެއްގައި، ނުވަތަ އެނޫންވެސް ތަނެއްގައި، އުޖޫރައަކަށްވިޔަސް ނުވަތަ އުޖޫރައަކާ ނުލައި ނަމަވެސް، ބައިވެރިވެގެންނުވާނެއެވެ.

(ބ) ކޮމިށަންގެ މެންބަރަކު ކޮންސަލްޓަންޓެއްގެ ހައިސިއްޔަތުން އެއްވެސް ފަރާތަކަށް މަސައްކަތްކޮށްދީގެންނުވާނެއެވެ.

(ޅ) ކޮމިށަނުން އަދާކުރަންޖެހޭ މަސްއޫލިއްޔަތާ ފުށުއަރާފާނެ ބާވަތުގެ މަދަނީ ޖަމާއަތެއްގެ މެންބަރަކަށް ކޮމިށަންގެ މެންބަރަކު ވެގެންނުވާނެއެވެ.

(ކ) މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި، ކޮމިށަންގެ މެންބަރެއްގެ ނަމުގައި އޮތް ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއް، ބާޒާރުގައި އެފަދަ ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއްގެ އަގު އާންމުކޮށް ހުރި އަގަށްވުރެ ބޮޑުނޫން އަގަކަށް ވިއްކާލުމާއި، އެފަދަ ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއް ބާޒާރުގައި އާންމުކޮށް ކުއްޔަށްދީއުޅޭ އަގަށްވުރެ ބޮޑުނޫން އަގެއްގައި ކުއްޔަށްދީގެން އާމްދަނީ ހޯދުން، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވިޔަފާރިއާއި މަސައްކަތުގެ ތެރޭގައި ހިމެނިގެނެއް ނުވެއެވެ.

(އ)  ކޮމިށަންގެ މެންބަރުކަމުން ވަކިވުމަށްފަހު، ފުރަތަމަ ހިނގާ 12 (ބާރަ) މަސްދުވަހުގެ މުއްދަތު ފާއިތުވަންދެން، ކޮމިށަންގެ މެންބަރެއްގެ ހައިސިއްޔަތުން އޭނާ އަދާކުރި މަސްލަހަތާ ފުށުއަރާ ވަޒީފާއެއް ނުވަތަ މަސައްކަތެއް، ކޮމިށަންގެ މެންބަރަކު ކޮށްގެންނުވާނެއެވެ.

 

މަސްލަހަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުން 5-17

(ހ) ކޮމިށަންގެ މެންބަރަކު އަދާކުރަންޖެހޭ ރަސްމީ ވާޖިބާއި އޭނާގެ މަސްލަހަތާ ދެމެދު އެއްވެސް ފުށުއެރުމެއް އުފެދުމަކަށް ފުރުސަތު ދީގެން ނުވާނެއެވެ.

(ށ) ކޮމިށަންގެ މެންބަރެއްގެ މަސްލަހަތު ފުށުއެރުންކަމަށް މި މާއްދާގެ (ހ) ގައި ބުނެފައިއެވާ އުސޫލުގައި، ކޮމިށަންގެ މެންބަރަކު އިނދެގެންއުޅޭ މީހާއާއި، އޭނާގެ ދަރިންނާއި، އޭނާ ސީދާ ބަލަހައްޓަމުން ގެންދާ އެހެންމީހުންގެ މަސްލަހަތު ފުށުއެރުމަކީވެސް، އެ މެންބަރެއްގެ މަސްލަހަތު ފުށުއެރުން ކަމުގައި ބެލެވޭނެއެވެ.

(ނ) ކޮމިށަނުން ބަލަމުންދާ މައްސަލައެއް ބެލުމުގައި، ކޮމިށަންގެ މެންބަރެއްގެ މަސްލަހަތު ފުށުއަރާފާނެފަދަ ހާލަތެއް ދިމާވެއްޖެނަމަ، ނުވަތަ ދިމާވެދާނެކަމަށް ގަބޫލުކުރެވޭނަމަ، އެކަން ކޮމިށަނުގައި ބަޔާންކުރުމަށްފަހު، އެ މައްސަލައެއް ބެލުމުން އޭނާ ތަނާޒުލުވާންވާނެއެވެ. އަދި އެ މައްސަލައެއް ބެލުމުގައި އެއްވެސް ފަރާތަކަށް އެއްވެސް މިންވަރަކަށް ނުފޫޒު ފޯރުވައިގެން ނުވާނެއެވެ. އަދި އެ މައްސަލައެއް ނިންމުމުގައި އެމީހަކު، އޭގެފަހުން އެއްވެސް މިންވަރަކަށް ބައިވެރިވެގެންނުވާނެއެވެ.

(ރ) ވަކި މައްސަލައެއް ބެލުމުގައި ނުވަތަ ވަކި ކަމެއް ކުރުމުގައި ވަކި މެންބަރަކު ބައިވެރިވުމަކީ، މަސްލަހަތު ފުށުއަރާނެ ކަމެއްކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ކޮމިށަންގެ ރައީސަށް ގަބޫލުކުރެވޭ ހާލަތެއްގައި ލިޔުމުން ސަބަބު ބަޔާންކުރުމާއެކު އެ މެންބަރަށް އެކަން އެންގުމަށްފަހު، އެ މެންބަރަކު އެ މައްސަލައެއް ބެލުމުން އެކަހެރިކުރެވިދާނެއެވެ.

(ބ) ވަކި މައްސަލައެއް ބެލުމުގައި ކޮމިށަންގެ ރައީސް ބައިވެރިވުމަކީ، މަސްލަހަތު ފުށުއަރާނެ ކަމެއްކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އޭނާއަށް ގަބޫލުކުރެވޭ ހާލަތެއްގައި، ކޮމިށަންގެ ނައިބު ރައީސަށް ލިޔުމުން އެކަން އެންގުމަށްފަހު، އެ މައްސަލައެއް ބެލުމުން، ކޮމިށަންގެ ރައީސް ތަނާޒުލުވާންވާނެއެވެ.

(ޅ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، އަދި (ބ) ގައި ބަޔާންވެގެންވާ އުސޫލުތައް، ކަމާގުޅޭ ނިސްބަތަށް، ކޮމިށަންގެ މުވައްޒަފުންގެ މައްޗަށްވެސް ހިނގާނެއެވެ.

(ކ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، އަދި (ބ) ގައި ބަޔާންވެގެންވާ އުސޫލަކާ ކޮމިށަންގެ މެންބަރަކު ހިލާފުވުމަކީ، އޭނާ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރީކަމުގައި ބަލައި، އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއްކަމުގައި ބެލެވޭނެއެވެ.

(އ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، އަދި (ބ) ގައި ބަޔާންވެގެންވާ އުސޫލަކާ ކޮމިށަންގެ މުވައްޒަފަކު ހިލާފުވުމަކީ، މި ގާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، އޭނާ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރީކަމަށް ބަލައި، އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއްކަމުގައި ބެލެވޭނެއެވެ.

 

ޒިންމާ އަދާކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތައް  6-17

(ހ) ކޮމިށަންގެ މެންބަރުން، އެމީހުންގެ މަގާމުގެ ޒިންމާތަކާއި ވާޖިބުތައް އަދާކުރުމުގައި އަންނަނިވި ހަމަތައް ހިފަހައްޓަންވާނެއެވެ.

  1.  ދިވެހިރާއްޖޭގެ އެންމެހައި ގާނޫނުތަކަށް ތަބާވެ، އެ ގާނޫނުތަކަށް އިހްތިރާމްކުރުމާއި، އެ ގާނޫނުތަކުގެ ދަށުން ހުއްދަ އަމުރެއް ކުރާ ފަރާތެއްގެ އަމުރަށް ރަސްމީ ވާޖިބު އަދާކުރުމުގައި ތަބާވަމުންދިޔުން.
  2. ޒާތީ އެއްވެސް ތައައްސުބަކާ ނުލައި، އަދި ހަމައެކަނި ކުރިމަތީގައިވާ ހެކީގެ މައްޗަށް ނިންމުންތައް ނިންމުމާއި، އެކަން ކުރުމުގައި ތިމާގެ މަސައްކަތަށާއި ތިމާގެ ވާޖިބަށް އިހްލާސްތެރިވުމާއި، އިންސާފުވެރިވުމާއި ފަރުވާތެރިވުން.
  3. ރަސްމީ މަސައްކަތުގެ ދާއިރާގެ ތެރޭގައި އެހެން މީހުންނާ މުއާމަލާތް ކުރުމުގައި، އިހްތިރާމާއެކު މުއާމަލާތްކުރުން.
  4. ތިމާއަށް ލިބިދޭ ބާރާއި އިހްތިޔާރު ނުރަނގަޅު ނިޔަތެއްގައި ވަކިފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް ނުވަތަ ގެއްލުމެއް ދިނުމުގެ ބޭނުމުގައި ބޭނުންނުކުރުމާއި، ގާނޫނުގެ ދާއިރާގެ ތެރޭގައި ލިބިދޭ އިހްތިޔާރު ސައްހަގޮތުގައި ބޭނުންކުރުމާއި، އެ އިހްތިޔާރު ބޭނުންކުރުމުގައި އެހެން މީހުންގެ ހައްގުތަކަށާއި ވާޖިބުތަކަށާއި ގާނޫނުގައި ސައްހަ މަސްލަހަތުތަކަށް އިހްތިރާމްކުރުން.
  5. މި ގާނޫނުގެ 2-17 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި، އެއްވެސް ފަރާތެއްގެ އެހީއާއި ޢިނާޔަތާއި މެހެމާންދާރީއާއި ހަދިޔާ ސީދާގޮތުގައި ނުވަތަ ނުސީދާގޮތުގައި ނަމަވެސް ނުހޯދުން.
  6. ގާނޫނުގައިވާ ގޮތުގެމަތިން އަދާކުރަންޖެހޭ ވާޖިބަށް ހުރަސްއެޅިދާނެ ނުވަތަ އެ ވާޖިބު އަދާކުރުމަށް ފަހުން ދަތިވެދާނެ ނުވަތަ މަސްލަހަތު ފުށުއަރާފަދަ އެއްވެސް ކަމެއް ނުކުރުން.
  7. ތިމާއަށް ވަކި މީހަކު ނުވަތަ ވަކި ފަރާތަކުން ކޮށްދީފައިވާ ކަމެއްގެ މުގާބިލުގައި، އެހެން ކަމެއް ތިމާ ކޮށްދޭންޖެހުން ލާޒިމުވާ ހާލަތަށް ތިމާ ނުގެންދިޔުން.
  8. މެންބަރުކަމުގައި ދެމިހުންނައިރު އަދި މެންބަރުކަމުން ވަކިވުމަށްފަހުގައިވެސް، ތިމާގެ މަގާމު އަދާކުރުމުގައި ތިމާއަށް ލިބިފައިވާ މައުލޫމާތުތަކާއި، މައްސަލަތަކާ ގުޅިގެން ލިބޭ ސިއްރު ހިފަހައްޓަންޖެހޭ މައުލޫމާތު، ސިއްރުގެ ގޮތުގައި ހިފެހެއްޓުން.
  9. ގާނޫނުގައިވާ ގޮތުގެމަތިން، ސައްހަގޮތުގައި އެހެން ފަރާތަކަށް ހާމަކުރަންޖެހޭ މައުލޫމާތު ހާމަކުރުމާއި، އެ މައުލޫމާތު އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި، ރަސްމީ ވާޖިބު އަދާކުރުމުގައި ސައްހަ މައުލޫމާތު ފޯރުކޮށްދިނުމާއި، ނުރަނގަޅު ނުވަތަ ދޮގު މައުލޫމާތާއި ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ހާމަނުކުރުން.
  10. ކޮމިށަންގެ މަސައްކަތަށް މީހުން އިހްތިޔާރުކުރުމުގައާއި މީހުން އައްޔަންކުރުމުގައި އެންމެ އަސާސީ ރުކުނަކީ މަސައްކަތަށް އެކަށޭނަ ގާބިލްކަމާއި ތައުލީމީ ފެންވަރު ހުރުން ކަމުގައި ބެލުމާއި، ވަޒީފާ ދިނުމާއި ވަޒީފާގެ ކުރިއެރުން ދިނުމާއި މުވައްޒަފުންނާގުޅޭ އެހެނިހެން ކަންކަމުގައި ބަލަންޖެހޭ މައިގަނޑު މިންގަނޑަކީ ތައުލީމީގޮތުންނާއި އަހްލާގީގޮތުންނާއި މަސައްކަތުގެގޮތުން އެކަށޭނަ ބަޔަކަށްވުން ކަމުގައި ބެލުން.
  11. ސިޔާސީ ބަހުސްތަކުގައި ބައިވެރިނުވުމާއި، ސިޔާސީ މަގްސަދެއް ހާސިލުކުރުމަށް ވަޒީފާގެ ބޭނުންނުކުރުމާއި، ސިޔާސީ ހަރަކާތްތަކަށް ތާއީދުކުރަނީކަން ނުވަތަ ދެކޮޅުހަދަނީކަން ދޭހަވާފަދަ ކަމެއް ނުކުރުމާއި، ސިޔާސީ ނުފޫޒަށް ތިމާ ލެނބޭކަން ދޭހަވާފަދަ އެއްވެސް ކަމެއް ނުކުރުން.
  12. ކޮމިށަންގެ މުވައްޒަފުން ކޮރަޕްށަންގެ އަމަލުތަކަށް ހުށަހެޅިދާނެ ހާލަތްތައް އަބަދުމެ ވަޒަންކުރަމުން ދިޔުމާއި، ކޮރަޕްށަނަށް މަގުފަހިނުވާނެ ގޮތުގެމަތިން އެފަރާތްތަކުގެ އަމަލުތައް ހުންނާނެގޮތަށް، އެމީހުންގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި މަސައްކަތުގެ އަހްލާގާއި ކޮމިށަންގެ އިދާރީ އުސޫލުތައް ބައްޓަންކުރަމުން ދިޔުން.
  13. ކޮމިށަންގެ މެންބަރުންނާއި ކޮމިށަންގެ މުވައްޒަފުން ކޮރަޕްށަންގެ އަމަލުތަކުން ދުރުކުރުމަށްޓަކައި ހިންގަންޖެހޭ އުސޫލުތައް ހިންގުމާއި، އެމީހުންނަށް ތައުލީމާއި ތަމްރީނުދިނުމާއި، ނުހައްގު މުއްސަނދިކަމުން ސަލާމަތްވެތިބޭކަން ކަށަވަރުކުރުމުގެ ގޮތުން އެމީހުންގެ މާލީ ހާލަތަށް ސަމާލުވެތިބުމާއި، ކޮރަޕްށަނުން ރައްކާތެރިވެގެންވާ ނަމޫނާއެއް ކޮމިށަންގެ މެންބަރުން ދެއްކުން.
  14. ކޮމިށަންގެ މެންބަރެއް ކަމުގައިވީނަމަވެސް ނުވަތަ މުވައްޒަފެއް ކަމުގައިވީނަމަވެސް، ސުލޫކީ ހަމަތަކާ ހިލާފަށް ވަކިކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލަން އަންގާނަމަ ނުވަތަ ބާރުއަޅާނަމަ ނުވަތަ މަޖުބޫރުކުރުވާނަމަ، ނުވަތަ މުވައްޒަފުގެ މަސައްކަތް ނަޒާހަތްތެރިކަމާއެކު ކުރިއަށްގެންދިޔުމަށް ހުރަސްއެޅޭފަދަ ނުރަނގަޅު ނުފޫޒެއް ފޯރުވާނަމަ، ލަސްނުކޮށް ޕްރޮސިކިއުޓަރ ޖެނެރަލަށާއި، އެންޓި-ކޮރަޕްށަން ކޮމިށަނަށާއި އަދި ރައްޔިތުންގެ މަޖިލީހަށް އެކަން ހުށަހެޅުން.
  15. ކޮމިށަނަށް މައްސަލައެއް ހުށަހަޅާ އެއްވެސް މީހަކާމެދު ނުރަނގަޅު ގޮތަކަށް އެއްވެސް ކަމެއް ނުކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޒިންމާތަކަކީ، ކޮމިށަންގެ ރައީސާއި ކޮމިށަންގެ މެންބަރުންނާއި ކޮމިށަންގެ މުވައްޒަފުންގެވެސް ވަޒީފާގެ މައިގަނޑު އެއް އަސާސް ކަމުގައި ބެލެވޭނެއެވެ. އެއީ، ވަޒީފާގެ އެއްބަސްވުމެއް ނެތްނަމަވެސް، އަދި އޮތް ވަޒީފާގެ އެއްބަސްވުމުގައި އެއިން ކަމެއް ހިމެނިފައިނުވި ނަމަވެސްމެއެވެ. އަދި، އެއިން ކަމަކާ ހިލާފުވުމަކީ، އެމީހަކާމެދު ތައުދީބީ ފިޔަވަޅު އެޅުމުގެ ހާލަތެއް އުފަންވުން ކަމުގައި ބެލެވޭނެއެވެ.

ސިޔާސަތުތައް އެކަށައެޅުން  7-17 

މި ގާނޫނުގެ 6-17 ވަނަ މާއްދާގައި ބަޔާންވެގެންވާ ހަމަތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށްޓަކައި ބޭނުންވާ ސިޔާސަތުތަކާއި އުސޫލުތަކާއި ތަމްރީނުތަކާއި ހަމަތަކާގުޅޭ ތަފްސީލުތައް މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކޮމިށަނުން އެކުލަވާލައި ތަންފީޒުކުރަންވާނެއެވެ. އަދި އެ ހަމަތަކަށް އަމަލުކުރުމުގައި ކުރުން ހުއްދަވެގެންވަނީ ކޮން ކަމެއްކަން ނުވަތަ މަނާވެގެންވަނީ ކޮން ކަމެއްކަން އެނގޭނެ މިންވަރަށް އެ ހަމަތައް ތަފްސީލުކޮށްދޭންވާނެއެވެ.

 

ސުލޫކީ ހަމަތަކަށް ތަބާވުން 8-17

(ހ) ކޮމިށަންގެ މެންބަރުން އެމީހުންގެ މަގާމުގެ ވާޖިބު އަދާކުރުމުގައި، މި ގާނޫނުގައި ބަޔާންވެގެންވާ ސުލޫކީ ހަމަތަކުގެ އެންމެމަތީ މިންގަނޑުގައި ހިފަހައްޓައި، އެހެން މީހުންނަށްވެސް އެ ހަމަތަކަށް ތަބާވާކަން އެނގޭ މިންވަރަށް، ހުރިހާ ހާލަތެއްގައިވެސް އެ ހަމަތަކަށް ތަބާވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ސުލޫކީ ހަމަތަކަށް ކޮމިށަންގެ މެންބަރުން ތަބާވުން އެ އަކުރުގެ ދަށުން ލާޒިމުކުރާ ފަދައިން، ކޮމިށަންގެ މުވައްޒަފުންވެސް އެ ސުލޫކީ ހަމަތަކަށް ތަބާވާކަން، ކޮމިށަންގެ ރައީސް ކަށަވަރުކުރަންވާނެއެވެ.

(ނ) ކޮމިށަންގެ މެންބަރުން ވަކިވަކި ފަރުދުންގެ ހައިސިއްޔަތުންނާއި ކޮމިށަންގެ މެންބަރެއްގެ ހައިސިއްޔަތުން ކޮމިށަންގެ މިނިވަންކަމާއި، އަބުރުވެރިކަމާއި، ހަމަހަމަކަމާއި އަހްލާގީ އަދި ސުލޫކީ މިންގަނޑުތައް ހިފަހައްޓަންވާނެއެވެ.

 

ސުލޫކީ ހަމަތަކާ މެންބަރުން ހިލާފުވުން 9-17

(ހ) މި ގާނޫނުގައި ބަޔާންވެގެންވާ ސުލޫކީ ހަމަތަކުގެ ތެރެއިން ހަމައަކާ ކޮމިށަންގެ މެންބަރަކު ހިލާފުވުމަކީ، މި ގާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، އޭނާ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރީކަމަށް ބަލައި، އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއް އުފަންވީ ކަމުގައި ބެލެވޭނެއެވެ.

(ށ) ކޮމިށަންގެ މެންބަރަކު ސުލޫކީ ހަމަތަކާ ހިލާފަށް ކުރި ކަމަކީ، އޭގައި ޖިނާއީ ކުށެއްގެ އަމަލު ހިމެނިގެންވާ ކަމެއް ކަމުގައިވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅު އެޅުމަކީ، ޖިނާއީ ދައުވާއެއް އޭނާގެ މައްޗަށް ކުރުމަށް އޮތް ހުރަހެއް ނޫނެވެ.

(ނ) ކޮމިށަނުން ނިންމާ ނިންމުމުގައި ބައިވެރިވި މެންބަރެއް ނުވަތަ މުވައްޒަފެއް މި ގާނޫނުގައި ބަޔާންކޮށްފައިވާ ސުލޫކީ ހަމަތަކާ ހިލާފަށް ކަމެއް ކުރިކަމަށް ނުވަތަ މި ގާނޫނުގެ މާއްދާއަކާ ހިލާފަށް ކަމެއް ކުރިކަމަށް ކޮމިށަނުން ކަނޑައަޅައިފިނަމަ، އެ މެންބަރަކު ނުވަތަ އެ މުވައްޒަފަކު ބައިވެރިވެގެން ކޮމިށަނުން ނިންމާފައިވާ ނިންމުމެއް އަލުން މުރާޖައާ ކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

ސުލޫކީ ހަމަތަކާ މުވައްޒަފުން ހިލާފުވުން 10-17

(ހ) ކޮމިށަންގެ މުވައްޒަފަކު މި ގާނޫނުގެ 17-6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ސުލޫކީ ހަމަތަކުގެ ތެރެއިން ހަމައަކާ ހިލާފުވެއްޖެނަމަ، އެ ހިލާފުވި މިންވަރެއްގެ ކުޑަބޮޑު މިނަށް ބަލައި، އެ މުވައްޒަފަކާމެދު ކޮމިށަންގެ މުވައްޒަފުންގެ ގަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގައި ކޮމިށަންގެ މުވައްޒަފުން ސުލޫކާ ހިލާފުވެގެން އެ މުވައްޒަފުންނާމެދު އެޅޭނެ ފިޔަވަޅުތައް، މި ގާނޫނުގެ ދަށުން ހަދާ ކޮމިށަންގެ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) ކޮމިށަންގެ މުވައްޒަފަކު ސުލޫކީ ހަމަތަކާ ހިލާފަށް ކުރިކަމަކީ، އޭގައި ޖިނާއީ ކުށެއްގެ އަމަލު ހިމެނިގެންވާ ކަމެއް ކަމުގައިވާނަމަ، މި މާއްދާގެ (ހ) ގެ ދަށުން ކޮމިށަންގެ މުވައްޒަފުންގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އެޅުމަކީ، އޭނާގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރުމަށް އޮތް ހުރަހެއް ނޫނެވެ.

 

ކޮމިށަނުން ޖަވާބުދާރީވުން 11-17

ކޮމިށަންގެ މެންބަރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން، އެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، ޖަވާބުދާރީވެ، އެމީހުންގެ މަސްއޫލިއްޔަތާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގައި ޒިންމާ އުފުލަންވާނެއެވެ. އަދި ކޮމިށަން ހިނގަމުންދާ ގޮތާ ގުޅޭގޮތުން، ނުވަތަ ކޮމިށަނުން ކުރަމުންދާ ކަމަކާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުން ހޯދައި ބަލަންޖެހޭ ކޮންމެ ކަމެއްގައި، އީޖާބީގޮތެއްގައި އެއްބާރުލުން ދޭންވާނެއެވެ.

 

5 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 20 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

 ބައްދަލުވުންތަކުގެ ރެކޯޑު ބެލެހެއްޓުން  1-20

(ހ) ކޮމިށަންގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ އަކުރުން އަކުރަށް ލިޔެ ބަލަހައްޓަންވާނެއެވެ. އަދި އެ ބައްދަލުވުންތަކުގެ އޯޑިއޯ ރެކޯޑިންގ ބަލަހައްޓަންވާނެއެވެ.

(ށ) ޔައުމިއްޔާ ލިޔެ ތައްޔާރުކުރަންވާނީ، މެންބަރުން ދައްކާ ވާހަކައަށް އުނިއިތުރެއް ނުގެނެސް، ކޮމިށަންގެ މެންބަރަކު ދައްކާ ވާހަކައެއް، އެ ދެއްކި ގޮތަކަށް ޔައުމިއްޔާއިން ފެންނާނެ، އަދި ބައްދަލުވުމުގައި ކަންހިނގައިދިޔަގޮތް ސާފުކޮށް އެނގޭނެ ގޮތުގެމަތިންނެވެ.

(ނ) ކޮމިށަނުން އެއްވެސް ތަހްގީގެއް ހިންގައިފިނަމަ ނުވަތަ އެއްވެސް ހެކިބަހެއް ހޯދައިފިނަމަ، އަކުރުން އަކުރަށް ޔައުމިއްޔާކުރަންވާނެއެވެ. އަދި އެ ތަހްގީގުގެ އޯޑިއޯ ރެކޯޑިންގ ބަލަހައްޓަންވާނެއެވެ.

(ރ) ކޮމިށަންގެ ބައްދަލުވުންތަކުގެ ޔައުމިއްޔާގައި، ކޮމިށަންގެ މެންބަރުންގެ ހާޒިރީއާއި ވޯޓު ދިންގޮތުގެ ތަފްސީލު ހިމަނަންވާނެއެވެ.

(ބ) ކޮމިށަންގެ ބައްދަލުވުންތަކުގެ ހާޒިރީ ކޮންމެ މަހަކު 1 (އެކެއް) ފަހަރު ކޮމިށަންގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ.

(ޅ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް އޮތްނަމަވެސް، މި މާއްދާގެ (ހ) އަދި (ނ) ގައި ވާ ލިޔެކިޔުންތަކާއި ރެކޯޑިންގތައް މަދުވެގެން 10 (ދިހައެއް) އަހަރުދުވަސް ވަންދެން ކޮމިށަނުން ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.

 

6 ވަނަ މާއްދާ – މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.           

 

މައި ގާނޫނު

އިލެކްށަންސް ކޮމިށަންގެ ގާނޫނު (ގާނޫނު ނަންބަރު 2008-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު