ކުޑަކުދިންގެ އަދުލުގެ ގާނޫނު (ގާނޫނު ނަންބަރު 18/2019)

0 occurrences found.

 

ކުޑަކުދިންގެ އަދުލުގެ ގާނޫނު

(ގާނޫނު ނަންބަރު 18/2019)

 

އެއްވަނަ ބައި

ފެށުން

 

އެއްވަނަ ބާބު

ތައާރުފާއި މަގްސަދު 

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގްާނޫނާ ހިލާފުވާ ކުޑަކުދިންގެ މައްސަލަތައް، އެކުދިން ކުށްކުރުމާ ދުރުކުރުމަށް ބާރުއަޅައިދޭ، އެކުދިންނާ ރަހްމަތްތެރި މާހައުލެއްގައި ހިންގޭނެ އުސޫލަކުން، އަދި އެކުދިންނަށް ބޭނުންވާ ރީހެބިލިޓޭޓިވް ފަރުވާ ލިބިދީ، އެކުދިން ހެޔޮގޮތުގައި އަނބުރާ މުޖުތަމައަށް އައިސް، މުޖުތަމައުގައި ބިނާކުރަނިވި ދައުރެއް އަދާކުރުމަށް މަގުފަހިކޮށްދެވޭނެ ގޮތަށް ބައްޓަންކުރެވިފައިވާ، ކުޑަކުދިންނަށް ހާއްސަކުރެވިގެންވާ ނިޒާމެއް މެދުވެރިކޮށް ނިންމުމަށްޓަކައި، ކުޑަކުދިންގެ އަދުލުގެ ނިޒާމެއް ގާއިމުކުރުމަށް އެކަށައަޅަންޖެހޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ކުޑަކުދިންގެ އަދުލުގެ ގާނޫނު" އެވެ.

 
2 ވަނަ މާއްދާ - މަގްސަދުތައް

މި ގާނޫނުގެ މައިގަނޑު މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ގައުމު ބިނާކުރުމުގައި އާއިލާގެ ދުޅަހެޔޮކަން ދަމަހައްޓައި، ގައުމުގެ އަންނަން އޮތް ޖީލުތަކުގެ ދައުރުގެ މުހިންމުކަން ގަބޫލުކޮށް، އެ ޖީލުތައް ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމަށް މަގުފަހިކުރުމަށްޓަކައި، އަދުގެ ކުޑަކުދިންގެ ޖިސްމާނީ، ނަފްސާނީ، ރޫހާނީ، ފިކުރީ އަދި އިޖްތިމާއީ ދުޅަހެޔޮކަން ރައްކާތެރިކޮށް، ދަމަހައްޓައި، ތަރައްގީކުރުމަށް ބާރުއެޅުން؛

(ށ) ކުޑަކުދިންނަކީ، ދައުލަތުގެ ފަރާތުންނާއި، އާއިލާގެ ފަރާތުންނާއި މުޖުތަމައުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބުމުގެ ހައްގު ލިބިގެންވާ ބައެއް ކަމުގައި ގާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮތް އޮތުމަށް ރިއާޔަތްކޮށް، އަންނަނިވި މަގްސަދުތައް ހާސިލުކުރުމަށް މަގުފަހިކޮށްދޭ، ކުޑަކުދިންގެ އަދުލުގެ ނިޒާމެއް ގާއިމުކުރުން؛

  1. ބޮޑެތި މީހުންގެ މައްޗަށް ހިންގޭ އާންމު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއަށް ކުއްޖާ ވަނުމުގެ ސަބަބުން ކުއްޖާއަށް ކުރާ ނޭދެވޭ އަސަރުތަކުން ދުރުހެލިކުރުވުން؛
  2. ކުށުގެ ރެކޯޑެއް އޮވެއްޖެނަމަ ކުއްޖާއަށް ކުރާނެ ނޭދެވޭ އަސަރުތަކުން ދުރުހެލިކުރުވައި، ކުއްޖާ ކުށްކުރުން ތަކުރާރުކުރުމާ ދުރުހެލިކުރުވުން؛
  3. ކޮންމެ ކުއްޖަކީވެސް ހާއްސަ ހާލަތްތަކެއްގައި ހުންނަ، ހާއްސަ ބޭނުންތަކެއް ހުންނާނެ ކުއްޖެއް ކަމުގައިވާއިރު، އެއިން ކޮންމެ ކުއްޖެއްގެ ހާލަތަށް ވަކިން ރިއާޔަތްކޮށް، އެކުދިންނާމެދު އަމަލުކޮށް، ހައްލެއް ހޯދައިދެވޭނެ ގޮތްތަކެއް ހޯދައިދިނުން؛
  4. ކުއްޖާ ކުރާ ގާނޫނާ ހިލާފު އަމަލުގެ ސަބަބުން ކުރިމަތިވާ ގެއްލުމަށް އެކުއްޖާ ޖަވާބުދާރީވާން ބާރުއެޅުން؛
  5. ގާނޫނާ ހިލާފު އަމަލު ހިންގާ ކުއްޖާއާއި އެ އަމަލުގެ ސަބަބުން ގެއްލުން ލިބޭ ފަރާތް ގުޅުވައިދީ، މައާފަށް އެދުމަށް ފުރުސަތު ހޯދައިދިނުމާއި، އެ އަމަލުގެ ސަބަބުން ލިބޭ ގެއްލުމާ ގުޅިގެން މައުނަވީ ބަދަލެއް ނުވަތަ ހައްލެއް ހޯދައިދިނުމަށް މަގުފަހިކުރުން؛
  6. ކުޑަކުއްޖަކާ ގުޅިގެން ރަސްމީ ކޮންމެ ފަރާތެއްގެ ކުރިމަތީގައި ހިންގާ ކޮންމެ ކަމެއްގައި އަދި ކޮންމެ މަރުހަލާއެއްގައި އަމަލުކުރެވޭނީ ކުއްޖާގެ މަސްލަހަތަށް އެންމެ ރައްކާތެރި އަދި ފައިދާހުރި ގޮތެއްގެމަތިން ކަމުގައި ކަށަވަރުކުރުން؛
  7. ކުއްޖާއަށް ބޭނުންވާ ރީހެބިލިޓޭޓިވް ފަރުވާ ލިބިދިނުމާއެކު، ކުއްޖާ ހެޔޮގޮތުގައި މުޖުތަމައަށް އަނބުރާ އައިސް، މުޖުތަމައުގައި ބިނާކުރަނިވި ދައުރެއް އަދާކުރުމަށް މަގުފަހިކޮށްދިނުން.

(ނ) ގާނޫނާ ހިލާފުވާ ކުޑަކުދިންނާމެދު ފިޔަވަޅު އެޅުމުގައި، ގާނޫނުގެ ވެރިކަމަށް ބޯލަނބައި، ގާނޫނީ ހައްގުތައް ރައްކާތެރިކޮށްދޭ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކޮށް، އިންސާނީ ހައްގުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތައި، ކުރެވުނު އަމަލަށް ޒިންމާ ނަގައި، ކުއްޖާ ކުރި އަމަލުގެ ބާވަތަށާއި  އެ އަމަލުގެ ކުޑަބޮޑުމިނަށް ރިއާޔަތްކުރުމަށްފަހު، މައްސަލަ ށަރީއަތަށް ހުށަހެޅުމަކާ ނުލައި، ކުއްޖާގެ އާއިލާއާއި މުޖުތަމައުގެ ބައިވެރިވުމާއެކު ކުއްޖާ އިސްލާހުކޮށް، ކުއްޖާ ހެޔޮގޮތުގައި މުޖުތަމައަށް އަނބުރާ ގެނައުމަށްޓަކައި އެޅެންހުރި އެންމެ އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް އިސްކަންދިނުން؛

(ރ) ދައުލަތުގެ ކަމާބެހޭ ކޮންމެ އިދާރާއަކުންވެސް، ކުޑަކުދިންގެ މައްޗަށް ގާނޫނު ހިންގައި ތަންފީޒުކުރުމުގައި މަސައްކަތްކުރާ ފަރާތްތަކަކީ ހާއްސަ ތަމްރީން ލިބިފައިވާ ގާބިލު ފަރާތްތަކެއް ކަމުގައި ވުމަށް ލާޒިމުކުރުމާއެކު، އެފަރާތްތަކުގެ ގާބިލިއްޔަތު ގަވާއިދުން މުރާޖައާކޮށް، ވަޒަންކުރެވި، އެފަރާތްތަކުގެ ފެންވަރު ރަނގަޅުކޮށް ތަރައްގީކުރުމަށް ބާރުއެޅުން؛

(ބ) ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށާއި ކުށަށް އަރައިގަންނަ ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ރީހެބިލިޓޭޓިވް ފަރުވާ ދެވޭނެ، އަދި އެކުދިން ހެޔޮގޮތުގައި މުޖުތަމައަށް އަނބުރާ އައިސް، މުޖުތަމައުގައި ބިނާކުރަނިވި ދައުރެއް އަދާކުރުމަށް މަގުފަހިކޮށްދެވޭނެ ގޮތެއްގެމަތިން އެކުދިންނަށް ހިންގޭ ޕްރޮގްރާމްތައް ބައްޓަންކުރުން؛

(ޅ) ކުޑަކުދިން ބަންދުކުރުމަކީ، އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުން ކުރެވޭ ކަމެއް ކަމުގައި ކަނޑައެޅުމާއެކު، އެކުދިން ބަންދުކުރެވޭ ތަންތަނުގައި ފުރިހަމަވާންޖެހޭ ކަންކަމާއި، އެ ތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތައް ގާނޫނަކުން ކަނޑައެޅުން؛

(ކ) ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގެ ދަށުން ދައުލަތުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމުގެ ގޮތުން އެ މުއާހަދާތަކުގެ ދަށުން ކުޑަކުދިންނަށް ފޯރުކޮށްދޭންޖެހޭ ހާއްސަ ރައްކާތެރިކަމާއި އެހީތެރިކަމުގެ ބައިނަލްއަގްވާމީ މިންގަނޑުތައް، އިސްލާމްދީނުގެ އަސްލުތަކާ ހިލާފުނުވާނެ ގޮތުގެމަތިން ދިވެހިރާއްޖޭގައި ތަންފީޒުކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުން.

 
3 ވަނަ މާއްދާ - ގާނޫނު މާނަކުރުން

(ހ) މި ގާނޫނު މާނަކުރަންވާނީ، ގާނޫނުއަސާސީއާއި އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) މި ގާނޫނު މާނަކުރުމުގައާއި، ތަރުޖަމާކުރުމުގައާއި ތަންފީޒުކުރުމުގައި، މި ގާނޫނުގެ ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ކޮންމެ މާއްދާއެއްވެސް މާނަކުރަންވާނީ، ކުޑަކުދިންނަށް ލިބިދޭ ހައްގުތައް އެންމެ ފުޅާ ދާއިރާއެއްގައި ލިބިދެވޭނެ އަދި ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާކުރުވަނިވި ގޮތެއްގެމަތިންނެވެ.

(ނ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން މާނަކުރުމުގައި، ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާއާއި، ކުޑަކުދިންގެ އަދުލުގެ ނިޒާމާ ގުޅޭގޮތުން އަމަލުކުރެވޭ ބައިނަލްއަގްވާމީ މިންގަނޑުތަކާއި، އެނޫންވެސް ދިވެހިރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކުގައި ބަޔާންކުރާ އުސޫލުތަކާއި، އިންސާނީ ށަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދީމިގްރާތީ މުޖުތަމައުތަކުން ގަބޫލުކުރާ އުސޫލުތައް ނަގަހައްޓަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) އަށް އަމަލުކުރުމުގައި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގައި ހިމެނޭ ކަންކަމުގެ ތެރެއިން އެއްވެސް ކަމަކަށް ދިވެހިރާއްޖެއިން އިއުތިރާޟްކޮށް ރިޒަރވޭށަނެއް ހަދާފައިވާނަމަ، އެކަމަށްވެސް ރިއާޔަތްކުރަންވާނެއެވެ.

 
ދެވަނަ ބާބު

ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ އަސާސްތައް

 

 
4 ވަނަ މާއްދާ - ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ އަސާސްތައް މުޅި ގާނޫނުގެ މައްޗަށް ހިނގުން

ކުޑަކުދިންގެ އަދުލުގެ ނިޒާމާ ގުޅޭގޮތުން މި ބާބުގައި ކަނޑައަޅާފައިވާ އަސާސްތައް، މުޅި ގާނޫނުގެ މައްޗަށް ހިނގާނެއެވެ.

 

5 ވަނަ މާއްދާ - ތަފާތުނުކުރުން

ގާނޫނާ ހިލާފުވާ ކުޑަކުއްޖެއްގެ މައްޗަށް އެއްވެސް ފަރާތަކުން މި ގާނޫނު ތަންފީޒުކުރުމުގައި، އެކުއްޖާގެ ނުވަތަ ކުއްޖާގެ މައިންބަފައިންގެ ނުވަތަ ށަރުއީ ބަލަދުވެރިޔާގެ ނަސްލަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ބަހަށް، ނުވަތަ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ އުފަންވީ ގައުމަށް، ނުވަތަ އިޖްތިމާއީ ނިސްބަތަށް ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ސިއްހީ ހާލަތަށް ނުވަތަ އެއިން ފަރާތެއްގެ ކިބައިގައިވާ ނުކުޅެދުންތެރިކަމަކަށް ނުވަތަ އެނޫންވެސް ކަމަކަށް ބިނާކޮށް ތަފާތުކޮށްގެންނުވާނެއެވެ.

 
6 ވަނަ މާއްދާ - ކުއްޖާގެ މަސްލަހަތަށް އިސްކަންދިނުން

އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭ ދައުލަތުގެ އިދާރާތަކާއި އެފަދަ ހިދުމަތްދޭ އަމިއްލަ ފަރާތްތަކާއި، ށަރުއީ ކޯޓުތަކާއި، ދައުލަތުގެ އެނޫންވެސް މުއައްސަސާތައް ހިމެނޭ ގޮތުން، އެއްވެސް ފަރާތަކުން،  މި ގާނޫނުގެ ދަށުން ކުޑަކުއްޖަކާގުޅޭ ކަމެއް ނިންމުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންވާނީ، އެކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާވާ ގޮތަށް އެކަމެއް ނިންމުމަށެވެ.

 

7 ވަނަ މާއްދާ - އެކަށީގެންވާ ފިޔަވަޅު އެޅުން

ގާނޫނާ ހިލާފުވާ ކުއްޖެއްގެ މައްޗަށް މި ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގައި، އެކުއްޖާ ކުރި ކަމަށް ތުހުމަތުކުރެވޭ އަމަލުގެ ކުޑަބޮޑުމިނަށާއި، ވަށައިގެންވާ އެންމެހައި ހާލަތްތަކަށާއި، އެކުއްޖާއަށް ތައުލީމީ ގޮތުންނާއި އިޖްތިމާއީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ލިބިދިނުން މުހިންމު ވަސީލަތްތަކާއި ފުރުސަތުތަކަށް ރިއާޔަތްކޮށް، އެކުއްޖާއާމެދު އަޅަންވާނީ ކަމާ އެކަށީގެންވާ ފިޔަވަޅެކެވެ.

 

8 ވަނަ މާއްދާ - ދައުވާކުރުމުގެ ބަދަލުގައި އެހެން ފިޔަވަޅު އެޅުމަށް ބާރުއެޅުން

(ހ) ގާނޫނާ ހިލާފުވާ ކުއްޖެއްގެ މައްޗަށް މި ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގައި ވީވަރަކުން ބަލަންވާނީ، ކުއްޖާގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމުގެ ބަދަލުގައި، އެކުއްޖާގެ އާއިލާއާއި މުޖުތަމައުގެ ބައިވެރިވުމާއެކު ކުއްޖާ އިސްލާހުކޮށް، ކުއްޖާ ހެޔޮގޮތުގައި މުޖުތަމައަށް އަނބުރާ ގެނައުމަށްޓަކައި އެޅެންހުރި އެންމެ އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް އިސްކަންދީ،  މި ގާނޫނުގެ އަށްވަނަ ބާބުގެ ދަށުން ޑައިވަރށަންގެ ފިޔަވަޅު އެޅުމަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން މި ގާނޫނުގެ އަށްވަނަ ބާބުގެ ދަށުން ކުޑަކުއްޖަކާމެދު އެޅޭ ޑައިވަރށަންގެ ކޮންމެ ފިޔަވަޅެއްވެސް ވާންވާނީ، އެކުއްޖާގެ އިންސާނީ ހައްގުތަކަށް އުނިކަމެއް ނާންނާނެ ގޮތުގެމަތިން، އަދި އެކުއްޖާއަށް ލިބިދޭންޖެހޭ އެންމެހައި ގާނޫނީ ރައްކާތެރިކަމެއް ލިބިދެވޭ ގޮތެއްގެމަތިން އެޅޭ ފިޔަވަޅުތަކެއް ކަމުގައެވެ.

 

9 ވަނަ މާއްދާ - ކުއްޖާއާގުޅޭ ކަންކަމުގައި ބައިވެރިވުމުގެ ހައްގު ލިބިދިނުން

(ހ) ގާނޫނާ ހިލާފުވާ ކުޑަކުއްޖަކާމެދު މި ގާނޫނުގެ ދަށުން އެއްވެސް މަރުހަލާއެއްގައި ގޮތެއް ނިންމާއިރު، އެ ނިންމުމުގައި ބައިވެރިވެ، އެ ނިންމުމާމެދު އެކުއްޖާ ދެކޭގޮތް ހާމަކުރުމުގެ ހައްގު، ކޮންމެ ކުއްޖަކަށްމެ ލިބިގެންވެއެވެ.

(ށ) ކުޑަކުއްޖެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ދައުވާއެއް އުފުލޭ ހާލަތުގައި، ގާނޫނީ ވަކީލެއް މެދުވެރިކޮށް، ނުވަތަ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް މެދުވެރިކޮށް، ނުވަތަ އެކުއްޖާ އަމިއްލައަށް އެ މައްސަލައާމެދު އެކުއްޖާ ދެކޭގޮތް ނުވަތަ ބުނަން ބޭނުންވާ އެއްޗެއް ބުނުމުގެ ހައްގު ލިބިގެންވެއެވެ.

(ނ) މި މާއްދާގެ ބޭނުމަށްޓަކައި، މި ގާނޫނުގެ ދަށުން ކުއްޖާގެ މައްޗަށް ހިންގޭ އެއްވެސް ޖިނާއީ މަރުހަލާއެއްގައި ނުވަތަ އެޅޭ އިދާރީ ފިޔަވަޅަކާމެދު އެކުއްޖާގެ ފަރާތުން ބުނެފައިވާ އެއްޗަކަށް ބުރަދަން ދިނުމުގައި، ކުއްޖާގެ އުމުރާއި ވިސްނުން ތަރައްގީވެފައިވާ މިންވަރަށް ރިއާޔަތްކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - ލަސްކުރުމަކާ ނުލައި ގާނޫނު ތަންފީޒުކުރުން

ގާނޫނާ ހިލާފުވާ ކުއްޖެއްގެ މައްޗަށް މި ގާނޫނު ތަންފީޒުކުރުމުގައި ކަންކަން ނިންމަންވާނީ، ލަސްކުރުމަކާ ނުލައި އަދި ލަސްވުމަށްހުރި ފުރުސަތުތައް ނައްތާލައި  ވީ އެންމެ އަވަސް މިނެއްގައެވެ.

 

11 ވަނަ މާއްދާ - ކުށެއް ނެތް ކަމަށް ބެލުން

ކޮންމެ ކުއްޖަކީވެސް، ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ށައްކެއްނެތި، ށަރީއަތުގައި ސާބިތުނުކުރެވޭނަމަ ކުށެއްނެތް ކުއްޖަކު ކަމުގައި ބެލުމުގެ ހައްގު ލިބިގެންވާ ކުއްޖެކެވެ.

 

12 ވަނަ މާއްދާ - ހައްޔަރުކުރުމާއި ބަންދުކުރުމަކީ އެންމެ ފަހުގެ ފިޔަވަޅު ކަމުގައިވުން

ގާނޫނާ ހިލާފުވާ ކުޑަކުއްޖަކާމެދު މި ގާނޫނުގެ ދަށުން އެޅޭ ފިޔަވަޅެއްގެ ގޮތުން އޭނާ ހައްޔަރުކުރަންވާނީ ނުވަތަ ބަންދުކުރަންވާނީ އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުންނެވެ. އަދި އެފަދައިން އެކުއްޖަކު ހައްޔަރު ނުވަތަ ބަންދުކުރަންވާނީ، އެ ހާލަތެއް ލާޒިމުކުރާ އެންމެ ކުރު މުއްދަތަކަށެވެ. އަދި ކުޑަކުއްޖަކު ބަންދުކުރުމަށް ނިންމާ ހާލަތުގައި،    އެ ނިންމުމަކީ ކުއްޖާގެ ހާލަތަށް ރިއާޔަތްކޮށް، ގަވާއިދުން މުރާޖައާކުރެވޭ ނިންމުމަކަށް ވާންވާނެއެވެ.

 

ތިންވަނަ ބާބު

ކުޑަކުދިން ކުށްކުރުމާ ދުރުކުރުން

 
13 ވަނަ މާއްދާ - ކުޑަކުދިން ކުށްކުރުމާ ދުރުކުރުމަށް އޮތް ދައުލަތުގެ ޒިންމާ

(ހ) ކުޑަކުދިން ކުށްކުރުމުން ރައްކާތެރިކޮށް ދުރުހެލިކުރުވުމަށްޓަކައި، ކަމާބެހޭ ދިރާސާތަކުގެ އަލީގައި، ސިޔާސަތުތަކާއި ގައުމީ ފެންވަރުގެ ޕްލޭން އަދި ސްޓްރެޓެޖީއެއް އެކުލަވާލައި، ކުޑަކުދިންނަށް ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދޭންވާނެއެވެ.

(ށ) ކުޑަކުދިން ކުށްކުރުމުން ރައްކާތެރިކޮށް ދުރުހެލިކުރުވުމަށްޓަކައި ކަމާބެހޭ ސިޔާސަތުތައް އެކުލަވާލައި، ކުޑަކުދިންނަށް ހާއްސަ އެހީތެރިކަމާއި ހިދުމަތްތައް ލިބިދިނުމަށްޓަކައި، ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސެންޓަރުތަކާއި، ރިކްރިއޭށަނަލް ފެސިލިޓީތައް ހިމެނޭގޮތުން، ދައުލަތުން ފަރުވާގެ ޕްރޮގްރާމްތައް ހިންގަންވާނެއެވެ.

(ނ) މި ގާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންކުރާ އުމުރަށްވުރެ ހަގު ކުދިންގެ ތެރެއިން ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނަށް ބޭނުންވާ ފަރުވާ ދީ، އެކުދިން ކުށްކުރުމުން ރައްކާތެރިކޮށް ދުރުހެލިކުރުމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅުތައް، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އަޅައި ހިންގާނެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސަންވާނެއެވެ.

 

14 ވަނަ މާއްދާ - މުޖުތަމައުގެ ބައިވެރިވުމާއެކު ޕްރޮގްރާމްތައް ހިންގުން.

(ހ) ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ތެރެއިން ކުޑަކުދިންނާމެދު ފިޔަވަޅު އެޅުމުގައި ހިންގޭ ޕްރޮގްރާމްތައް ދައުލަތުން އިންތިޒާމުކުރަންވާނީ ދައުލަތުގެ އިދާރާތަކުގެ އިތުރުން މުޖުތަމައުގެ ބައިވެރިވުމާއެކުގައެވެ. އެގޮތުން، އެފަދަ ޕްރޮގްރާމްތައް ރާވަންވާނީ، އަންނަނިވި ފަރާތްތަކަށް ބައިވެރިވެވޭނެ ގޮތަށެވެ.

  1. ކުއްޖާއާއި ކުއްޖާގެ ބެލެނިވެރިންނާއި އާއިލާ؛
  2. ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ މަދަނީ ޖަމްއިއްޔާތައް؛
  3. ކުޑަކުދިންނާއެކު ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތައް؛
  4. މުޖުތަމައުގައި ހަރަކާތްތެރިވާ އެނޫންވެސް ފަރާތްތައް.

(ށ) މި ގާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކުރާ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ހިންގޭ މަށްރޫއުތައް ހިންގުމުގައި އިސްކަންދޭންވާނީ، ކުޑަކުދިންނަކީ މުޖުތަމައުގެ އުފެއްދުންތެރި ބައިވެރިއަކަށްވެ، މުޖުތަމައަށް އަހުލުވެރިވުމުގެ މަރުހަލާ ކާމިޔާބުކަމާއެކު ކަޑައްތުކުރުމަށް މަގުފަހިކުރުމަށެވެ. އަދި އެ މަގްސަދު ހާސިލުކުރުމަށްޓަކައި މަދަނީ ޖަމްއިއްޔާތަކާއި، ވަޒީފާދޭ ފަރާތްތަކާއި، ފަންނީ ތަމްރީންދޭ މަރުކަޒުތަކާއި، ތައުލީމުދޭ މަރުކަޒުތަކާއި، އުމުރުފުރައިގެ އެކުވެރިންނާއި، މުޖުތަމައާއި، އާއިލާގެ އެއްބާރުލުމާ އެކުގައި ހަރަކާތްތެރިކުރުވުމަށެވެ.

 
15 ވަނަ މާއްދާ - މީޑިއާގެ ދައުރު

(ހ) ކުށްކުރުމުން ކުޑަކުދިން ރައްކާތެރިކޮށް ދުރުހެލިކުރުވުމަށާއި، ތުހުމަތުގައިވާ ކުދިންގެ ހައްގުތައް ރައްކާތެރިކުރުވުމުގައާއި، ތުހުމަތުގައިވާ ކުއްޖާ މުޖުތަމައަށް ހެޔޮގޮތުގައި އަހުލުވެރިކުރުވުމުގައި މީޑިއާގެ ވަސީލަތްތަކުން އަމަލީގޮތުން ބައިވެރިވާންވާނެއެވެ.

(ށ) ގާނޫނާ ހިލާފުވާ ކުޑަކުދިން ހިމެނޭ ކޮންމެ މައްސަލައެއްގެ ހަބަރު ށާއިއުކުރުމުގައި، ވަކިފަރާތަކަށް ނުޖެހި، އެ ފަންނުގެ އެންމެ މަތީ މިންގަނޑުތަކަށް މީޑިއާތަކުން ތަބާވާންވާނެއެވެ. އަދި ކުއްޖާގެ މަސްލަހަތަށް އިސްކަންދީ، ކުއްޖާގެ މަސްލަހަތު ހިމާޔަތް ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މަގްސަދު ހާސިލުކުރުމުގެ ގޮތުން، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓަރުގެ ލަފާގެ މަތިން މޯލްޑިވްސް މީޑިއާ ކައުންސިލުން ކަނޑައަޅަންވާނެއެވެ.

(ރ) ކުށުގެ ތުހުމަތުގައި ހިމެނޭ ކުއްޖެއްގެ ޒާތީ މައުލޫމާތު ހާމަނުކުރުމަށާއި ކުއްޖާއާ ގުޅުންހުރި ކޭސްއަކާގުޅޭ މައުލޫމާތެއް ސީދާ އަދި ނުސީދާކޮށް ހާމަކުރުމުގެ ތެރޭގައި ކުއްޖާއަކީ ކާކުކަން އެނގިގެންދާނެފަދަ ގޮތަކަށް ކުއްޖާގެ މައުލޫމާތެއް ޕްރިންޓް މީޑިއާގައި، އިލެކްޓްރޯނިކް މީޑިއާގައި ނުވަތަ އިންޓަރނެޓްގައި ހާމަކޮށްގެންނުވާނެއެވެ.

(ބ) ކުޑަކުދިން ކުރާ ކުށްތަކާގުޅޭ މައުލޫމާތު ރިޕޯޓުކުރާއިރު، އެއްވެސް މީހަކު އުމުރުން 18 (އަށާރަ) އަހަރުވުމުގެ ކުރިން ކޮށްފައިވާ ކުށަކާގުޅޭ މައުލޫމާތު ހާމަކޮށްގެންނުވާނެއެވެ.

 
16 ވަނަ މާއްދާ - ތައުލީމުދިނުން

(ހ) ކުށްކުރުމުން ކުޑަކުދިން ރައްކާތެރިކޮށް ދުރުހެލިކުރުވުމަށާއި އެކުދިން ހެޔޮގޮތުގައި މުޖުތަމައަށް އަހުލުވެރިކުރުވުމަށް ހިންގަންޖެހޭ ތައުލީމީ ޕްރޮގްރާމްތަކާއި ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކާއި ފަރުވާގެ ޕްރޮގްރާމްތައް ހިންގުމުގައި، ތައުލީމުދޭ މަރުކަޒުތަކާއި، އާއިލާތަކާއި، މުޖުތަމައާއި، އަދި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރަންވާނެއެވެ.

(ށ) ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށާއި ކުށުގެ ތުހުމަތުގައިވާ ކުދިންނަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ ތައުލީމު ދެވޭނެ އިންތިޒާމު، ދައުލަތުން ހަމަޖައްސައިދޭންވާނެއެވެ. މީގެ ތެރޭގައި ސިކުނޑިއާއި ވިސްނުން ތަރައްގީވާފަދަ، އެހެން މީހުންނާ ގުޅިގެން އުޅުމާއި، ރަނގަޅު ނިންމުންތައް ނިންމާނެގޮތުގެ ހުނަރާއި މައުލޫމާތު ލިބޭނެފަދަ ފަރުވާއާއި ތައުލީމު ހިމަނަންވާނެއެވެ.

(ނ) އެއްވެސް ބާވަތެއްގެ ބަންދެއްގައި ކުއްޖަކު ބަހައްޓަންޖެހޭ ހާލަތެއްގައިވެސް ހުއްޓުމެއް ނެތި ކުއްޖާގެ އުމުރުފުރާއާ އެއްވަރަށް ކުއްޖާއަށް ތައުލީމު ލިބެމުން ދިއުމުގެ ފުރުސަތު، ކުއްޖާ ބަންދުގައި ބަލަހައްޓާ ފަރާތުން ފަހިކޮށްދޭންވާނެއެވެ.

 

 
ހަތަރުވަނަ ބާބު

ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތައް

 
17 ވަނަ މާއްދާ - ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ކުޑަކުދިން ކުރާ ގާނޫނާ ހިލާފު އަމަލުތަކާގުޅޭ މައްސަލަތައް ބެލުމުގައި ކުޑަކުދިންގެ މަންފާއަށްޓަކައި މަސައްކަތްކޮށްދީ، އެކުދިން ހެޔޮގޮތުގައި މުޖުތަމައަށް ރުޖޫއަކުރުމުގައި އިސް ދައުރެއް އަދާކުރާނެ އިދާރާގެ ގޮތުގައި މަސައްކަތްކުރުމަށްޓަކައި 'ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް' ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދުނީއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އުފެދުމާއެކު، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ހިނގަމުންއައި ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި، ފައިސާއާއި، ވަސީލަތްތަކާއި، މުވައްޒަފުންނާއި، ދައުލަތުގެ ބަޖެޓުން ޖުވެނައިލް ޖަސްޓިސް ޔުނިޓަށް އެކަށައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފައިސާއާއި، އެއްބަސްވުންތަކުގެ ދަށުން       އެ ޔުނިޓަށް ލިބިދީފައިވާ ބާރުތަކާއި، ހައްގުތަކާއި، މަންފާތަކާއި، އަދި ގާނޫނީ ގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ ޔުނިޓުން އުފުލަންޖެހޭ އެންމެހައި އިލްތިޒާމުތައް، މި މާއްދާގެ (ހ) ގެ ދަށުން އުފެދޭ ޑިޕާޓްމަންޓަށް ބަދަލުވީއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޑިޕާޓްމަންޓްގައި މަސައްކަތްކުރާނީ، ކުޑަކުދިންގެ މައްސަލަތަކަށް ހާއްސަކޮށްފައިވާ، އަދި އެކަމަށް ހާއްސަ ތަމްރީން ލިބިފައިވާ މުވައްޒަފުންނެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޑިޕާޓްމަންޓް ހިނގަމުންދާނީ، މިނިސްޓަރުގެ ބެލުމުގެ ދަށުންނެވެ.

 

18 ވަނަ މާއްދާ - ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ މަސްއޫލިއްޔަތުތައް

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ގާނޫނާ ހިލާފުވާ 18 (އަށާރަ) އަހަރުން ދަށުގެ ކުދިންގެ މައްސަލަތައް ފުލުހުން ހުށަހެޅުމުން، އެކުދިންގެ މަސްލަހަތު ހިމާޔާތްކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކޭސް ވަރކްކުރުމަށާއި، އަދި އެކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށް ރީހެބިލިޓޭށަން ޕްރޮގްރާމް ހިންގުން؛

(ށ) ތަހްގީގު މަރުހަލާގައި ކޯޓަށް ހާޒިރުކުރެވޭ ކުދިންނާއި، ޖިނާއީ ދައުވާ އުފުލިފައިވާ ކުދިންގެ މަސްލަހަތު ހިމާޔަތްކޮށްދިނުމަށްޓަކައި ށަރީއަތަށް ހާޒިރުވުން؛

(ނ) ކުޑަކުދިން ކުށްކުރުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް ކުރަންޖެހޭ ދިރާސާތައް ކުރުން؛

(ރ) ކުޑަކުދިން ކުށްކުރުމުން ދުރުހެލިކުރުމަށް ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން؛

(ބ) މި ގާނޫނުގެ ދަށުން ހިންގޭ ޑައިވަރށަންގެ ޕްރޮގްރާމްތަކާއި ކޮމިއުނިޓީ ކޮންފަރަންސިންގ ރާވައި ހިންގުން؛

(ޅ) ކުށަށް އަރައިގަންނަ ކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށް ހިންގަންޖެހޭ ރީހެބިލިޓޭޓިވް ޕްރޮގްރާމްތައް ކަމާބެހޭ އިދާރާތަކުގެ ބައިވެރިވުމާއެކު ރާވައި ހިންގުން؛

(ކ) ކުޑަކުދިންގެ މަރުކަޒުތަކުގައި ބަންދުގައި ތިބޭ ކުދިންގެ ހާލަތު މޮނިޓަރކުރުން އަދި ބަންދުކުރާ ތަންތަން މޮނިޓަރކުރެވޭނެ ނިޒާމެއް އެކުލަވާލައި ގަވާއިދުން މޮނިޓަރކުރުން؛

(އ) ޑިޕާޓްމަންޓްއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅިދާނެކަމަށް ފެންނަ ކުދިންގެ މައްސަލަތަކުގައި ނަފްސާނީ އަދި އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދީ އަދި ހުރިހާ މަރުހަލާއެއްގައި ކުޑަކުދިންގެ ހައްގުތަކާއި މަސްލަހަތު ހިމާޔަތްކުރޭތޯ ބެލުން؛

(ވ) ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކުޑަކުދިންނާ މުއާމަލާތްކޮށް، އެކުދިންނާމެދު ފިޔަވަޅުއެޅުމުގައި މަސައްކަތްކުރާ ފަރާތްތަށް ދެނެގަނެ އެފަރާތްތަކަށް ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުން؛

(މ) މުޖުތަމައުގައި ކުޑަކުދިން ކުށްކުރަން ދިމާވާ ސަބަބުތައް ދެނެގަތުމުގެ ގޮތުން ދިރާސާތައް ކުރުމާއި، މި މައުލޫމާތު ކަމާބެހޭ މުއައްސަސާތަކާ ހިއްސާކުރުން.

(ފ) ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސް ހިސާބު އެއްކުރުމާއި، ކަމާބެހޭ ޑޭޓާބޭސްއެއް ގާއިމުކުރުމާއި ބެލެހެއްޓުން؛

(ދ) ކުޑަކުދިންގެ އަދުލުގެ ނިޒާމަށް މުޖުތަމައު އަހުލުވެރިކުރުމުގެ ގޮތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން؛

(ތ) ބައިނަލްއަގްވާމީ މިންގަނޑުތަކާއި، ކުޑަކުދިންގެ އަދުލުގެ ނިޒާމަށް ކަމާބެހޭ ދާއިރާތައް އަހުލުވެރިކުރުމުގެ ގޮތުން ތަމްރީން ޕްރޮގްރާމްތައް ހިންގުން؛

(ލ) ކުށްކުރާ ކުދިންގެ ތެރެއިން މުޖުތަމައުން އެކަހެރިކުރަންޖެހޭ ކުދިންނަށް ރީހެބިލިޓޭށަން ޕްރޮގްރާމްތައް ހިންގުމާއި، މިފަދަ ކުދިން ބައިތިއްބާނެ މަރުކަޒުތައް ގާއިމުކޮށް، އެ މަރުކަޒުތައް ހިންގައި، ބެލެހެއްޓުން.

 
19 ވަނަ މާއްދާ - ކުޑަކުދިންނަށް ހާއްސަ ފުލުހުން

(ހ) ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ތަހްގީގުކުރާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގައި ގާއިމުކުރާ، ކުޑަކުދިންގެ މައްސަލަތައް ތަހްގީގުކުރުމަށް ހާއްސަކުރެވިގެންވާ ޑިޕާޓްމަންޓަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޑިޕާޓްމަންޓްގައި މަސައްކަތްކުރަންވާނީ، ކުޑަކުދިންގެ މައްސަލަތައް ތަހްގީގުކުރުމަށް ހާއްސަކޮށްފައިވާ، އަދި އެކަމަށް ހާއްސަ ތަމްރީން ލިބިފައިވާ ދެ ޖިންސުގެ ފުލުހުންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޑިޕާޓްމަންޓެއް ގާއިމުކުރެވިފައި ނެތް ރަށެއްގައިނަމަ، އެ ރަށުގައި ހުންނަ ފުލުހުންގެ މަރުކަޒުގައި، ކުޑަކުދިންނާ މުއާމަލާތްކުރުމުގެ ތަމްރީނާއި ހުނަރާއި އިރުށާދު ލިބިފައިވާ، ފުލުހުންގެ ތެރެއިން ކަނޑައެޅޭ، ޖުވެނައިލް ޖަސްޓިސް އޮފިސަރަކު ހުންނަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޑިޕާޓްމަންޓެއް ގާއިމުކުރެވިފައި ނެތް ރަށްރަށާއި، އަދި ފުލުހުންގެ މަރުކަޒެއް ގާއިމުކުރެވިފައިނުވާ ރަށްރަށަށް އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކުން އެކަށީގެންވާ ހަލުވި މިނެއްގައި ހިދުމަތް ލިބޭނެ އިންތިޒާމުތައް ގާއިމުކޮށް، ހިދުމަތް ހޯދާނެ ގޮތުގެ މައުލޫމާތު ރަށު ކައުންސިލު މެދުވެރިކޮށް އާންމުންނަށް އަންގައިދޭންވާނެއެވެ.

 

20 ވަނަ މާއްދާ - ކުޑަކުދިންނަށް ހާއްސަ ޕްރޮސިކިއުޓަރުން

(ހ) ކުޑަކުދިންގެ މައްޗަށް ޖިނާއީ ކުށުގެ ދައުވާކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ގާއިމުކުރާ އެކަމަށް ހާއްސަ ޔުނިޓަކުންނެވެ.

(ށ މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޔުނިޓުގައި މަސައްކަތްކުރާނީ، ކުޑަކުދިންގެ މައްސަލަތަކަށް ހާއްސަކޮށްފައިވާ، އަދި އެކަމަށް ހާއްސަ ތަމްރީން ލިބިފައިވާ ދެ ޖިންސުގެ ޕްރޮސިކިއުޓަރުންނެވެ.

 

21 ވަނަ މާއްދާ - ކުޑަކުދިންނަށް ހާއްސަ ކޯޓު

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހްތިސާސް ލިބިގެންވަނީ، ޖުވެނައިލް ކޯޓާއި، އެ ކޯޓުގެ ސަރަހައްދީ ޑިވިޜަންތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްކަމުގައިވީނަމަވެސް، ގާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ ދަށުން މަސްތުވާތަކެތީގެ މައްސަލަތައް ބެލުމަށް ޑްރަގް ކޯޓަށް ލިބިދީފައިވާ އިހްތިސާސްގެ ދަށުން، ކުޑަކުދިން މަސްތުވާތަކެތި ބޭނުންކުރުމާގުޅޭ މައްސަލަތަކުގެ ށަރީއަތްތައް ޑްރަގް ކޯޓުން ކުރިއަށްގެންދިއުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މައްސަލަތަކުގެ ތެރެއިން، މާލޭގައި ހިނގާ މައްސަލަތަކާއި، ކުޑަކުދިން ކުރާ ޖިނާއީ ބޮޑެތި ކުށުގެ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވަނީ، މި ގާނޫނަށް އަމަލުކުރަން ފެށިއިރު މާލޭގައި ގާއިމުކޮށްފައިވާ ޖުވެނައިލް ކޯޓަށެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ މައްސަލަތައް ފިޔަވައި ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ އެހެން މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހްތިސާސް ލިބިގެންވަނީ، މި ގާނޫނުގެ ދަށުން އުފައްދާ ޖުވެނައިލް ކޯޓުގެ ސަރަހައްދީ ޑިވިޜަންތަކަށެވެ.

(ބ) މި މާއްދާގައި ބަޔާންކުރާ ޖުވެނައިލް ކޯޓާއި އެ ކޯޓުގެ ސަރަހައްދީ ޑިވިޜަންތަކަކީ، ބޮޑެތި މީހުންގެ މައްޗަށް ހިންގާ ޖިނާއީ އަދުލުގެ ނިޒާމާ ވަކިކުރެވިފައިވާ، ހަމައެކަނި ކުޑަކުދިންގެ މައްސަލަތައް ބެލުމަށް ހާއްސަކުރެވިފައިވާ، މި ގާނޫނުގައި ބަޔާންކުރާ ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ އަސާސްތަކާ އެއްގޮތްވާ ގޮތުގެމަތިން ހިނގަމުންދާ ކޯޓުތަކެއް ކަމުގައިވާންވާނެއެވެ.

(ޅ) ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕްރީމް ކޯޓުގައި ހިނގާ ކުޑަކުދިންގެ ށަރީއަތްތައް އެ ކޯޓުތަކުގައި ހިންގަންވާނީ، ބޮޑެތި މީހުންނާ ވަކިން، ހަމައެކަނި ކުޑަކުދިންގެ މައްސަލަތައް ބެލުމަށް ހާއްސަކުރެވިފައިވާ ނިޒާމެއްގެ ތެރެއިން، މި ގާނޫނުގައި ބަޔާންކުރާ ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ އަސާސްތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

22 ވަނަ މާއްދާ - ކޯޓުގެ ފަނޑިޔާރުން

(ހ) ކުޑަކުދިންގެ މައްސަލަތައް ބަލާ ކޯޓުތަކުގައި މަސައްކަތްކުރަންވާނީ، ކުޑަކުދިންގެ ހައްގުތަކާ ގުޅޭގޮތުންނާއި ކުޑަކުދިންގެ އަދުލުގެ ނިޒާމާ ގުޅޭގޮތުން އަދި ކުޑަކުދިންގެ މައްސަލަތައް ބެލުމަށް ހާއްސަ ތަމްރީން ލިބިފައިވާ  ދެ ޖިންސުގެ ފަނޑިޔާރުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާއްސަ ތަމްރީން،  މި ގާނޫނަށް އަމަލުކުރަންފަށާތާ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި ކުޑަކުދިންގެ މައްސަލަތައް ބަލާ ކޯޓުތަކުގައި މަސައްކަތްކުރާ ފަނޑިޔާރުން ފުރިހަމަކުރަންވާނެއެވެ.

(ނ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ޖުވެނައިލް ކޯޓުގެ ސަރަހައްދީ ޑިވިޜަންތަކުގައި މަސައްކަތްކުރަންވާނީ، މާލޭގައި ގާއިމުކޮށްފައިވާ ޖުވެނައިލް ކޯޓުގައި މަސައްކަތްކުރާ ފަނޑިޔާރުންނާ އެއް ށަރުތުތަކެއް ކަނޑައެޅިފައިވާ ފަނޑިޔާރުންނެވެ.

 

23 ވަނަ މާއްދާ - ކުޑަކުދިންނާ ރަހްމަތްތެރި ނިޒާމެއް ގާއިމުކުރުން

(ހ) ކުޑަކުދިންގެ މައްސަލަތައް ބަލާ ހުރިހާ މަރުހަލާއެއްގެ ކޯޓެއްގައިވެސް ށަރީއަތް ހިންގުމުގެ ނިޒާމު ގާއިމުވެފައި ހުންނަންވާނީ، ކުޑަކުދިންނާ ރަހްމަތްތެރި މާހައުލެއްގައި އެކުދިންގެ މައްސަލަތަކުގެ ށަރީއަތްތައް ހިންގޭނެ ގޮތެއްގެމަތިންނެވެ.

(ށ) މި މާއްދާގެ ބޭނުމަށްޓަކައި، ށަރީއަތްކުރެވޭ ތަނާއި، ށަރީއަތުގެ އަޑުއެހުންތައް ހިންގުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅިފައި ހުންނަންވާނީ، ކުޑަކުދިންނާ ރަހްމަތްތެރި، އެކުދިންނަށް ފަސޭހައިން ވާސިލުވެވޭނެ ގޮތެއްގެމަތިންނެވެ.

(ނ) މި މާއްދާގައި ބަޔާންކުރާ މަގްސަދުތައް ހާސިލުކުރުމަށްޓަކައި، ޖުވެނައިލް ކޯޓާއި އެ ކޯޓުގެ ސަރަހައްދީ ޑިވިޜަންތަކުގައާއި ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕްރީމް ކޯޓުގައި، ކުޑަކުދިންގެ މައްސަލަތައް ބެލުމަށްޓަކައި އެފަދަ އިންތިޒާމުތައް ހަމަޖެހިފައި ހުންނަންވާނެއެވެ.

(ރ) ފުރަތަމަ މަރުހަލާ އަދި އިސްތިއުނާފީ މަރުހަލާތަކުގައި ކުޑަކުދިންގެ މައްސަލަތައް ބަލާ ކޯޓުތަކުގައި މި މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ކުޑަކުދިންނާ ރަހްމަތްތެރި މާހައުލެއްގައި އެކުދިންގެ މައްސަލަތަކުގެ ށަރީއަތްތައް ހިންގޭނެ އިންތިޒާމުތައް ގާއިމުކޮށް، ކުޑަކުދިންނާ ގުޅޭ ށަރީއަތްތައް ކުރަމުންދަނީ މި އިންތިޒާމުތަކުގެ ތެރެއިންކަން ޖުޑީށަލް ސަރވިސް ކޮމިށަނުން ބަލައި، ކަށަވަރުކުރަންވާނެއެވެ.

 

24 ވަނަ މާއްދާ - އިންތިގާލީ މަރުހަލާ

(ހ) މި ގާނޫނުގެ 21 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ޖުވެނައިލް ކޯޓުގެ ސަރަހައްދީ ޑިވިޜަންތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން   18 (އަށާރަ) މަސްދުވަހުގެ ތެރޭގައި ގާއިމުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ގާއިމުކުރާ ޖުވެނައިލް ކޯޓުގެ ސަރަހައްދީ ޑިވިޜަންތަކުގެ އިހްތިސާސް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) ގާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ    69 ވަނަ މާއްދާގައި އެހެން ގޮތަކަށް ކަނޑައަޅާފައިވީނަމަވެސް، މި ގާނޫނުގެ 21 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ޖުވެނައިލް ކޯޓުގެ ސަރަހައްދީ ޑިވިޜަންތައް މި ގާނޫނުގައިވާ ގޮތުގެމަތިން ގާއިމުކުރެވެންދެން، އެ މާއްދާގެ (ނ) އަދި (ރ) ގައި ބަޔާންކުރާ އެންމެހައި މައްސަލަތައް ބަލާނީ،      މި ގާނޫނަށް އަމަލުކުރަން ފަށާއިރު މާލޭގައި ގާއިމުކޮށްފައިވާ ޖުވެނައިލް ކޯޓުން ކަނޑައަޅާ އުސޫލެއްގެ މަތިން، އެ ކޯޓުގެ ފަނޑިޔާރުންނެވެ.

(ރ) މި ގާނޫނުގެ 21 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ޖުވެނައިލް ކޯޓުގެ ސަރަހައްދީ ޑިވިޜަންތައް މި ގާނޫނުގައިވާ ގޮތުގެމަތިން ގާއިމުކުރެވެންދެން މާލޭގައި ގާއިމުކޮށްފައިވާ ޖުވެނައިލް ކޯޓުން މި މާއްދާގެ (ށ) ގެ ދަށުން ކުޑަކުދިންގެ މައްސަލަ ބެލުމުގައިވެސް އަމަލުކުރަންވާނީ، މި ގާނޫނުގައި ބަޔާންކުރާ ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ އަސާސްތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ބ) މި މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި، ޖުވެނައިލް ކޯޓުގެ ފަނޑިޔާރުންނާއި ޖުވެނައިލް ކޯޓުގެ ކަމާގުޅުންހުރި މުވައްޒަފުން އެހެން ޖުޑީށަލް ދާއިރާތަކަށް ގޮސް،      އެ ދާއިރާތަކުގައި ކުޑަކުދިންގެ މައްސަލަތަކުގެ ށަރީއަތްތައް ހިންގުމަކަށް ހުރަހެއް ނެތެވެ. އެހެންނަމަވެސް، އެފަދައިން ހިންގާ ށަރީއަތްތައްވެސް ހިންގަންވާނީ، އާންމު ޖިނާއީ އަދުލުގެ ނިޒާމުގައި ބޮޑެތި މީހުންގެ ށަރީއަތްތައް ހިންގުމަށް ކަނޑައެޅިފައިވާ ކޯޓުތަކުގެ ނިޒާމުން ބޭރުން، މި މާއްދާގެ (ނ) ގައި ބަޔާންކުރާ އުސޫލުންނެވެ.

 

25 ވަނަ މާއްދާ - ޕްރޮބޭށަން އޮފިސަރުންނާއި ކަރެކްށަނަލް އޮފިސަރުން

(ހ) ޕްރޮބޭށަންގައި ތިބޭ ނުވަތަ ޕެރޯލްގައި ދޫކުރެވޭ ކުޑަކުދިންގެ ކަންކަން ބަލައި، މޮނިޓަރކުރުމުގައާއި، ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ބަންދުގައި ތިބޭ ކުޑަކުދިންނާގުޅޭ ކަންކަމުގައި މަސައްކަތްކުރަންވާނީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގައި އެކަމަށް ހާއްސަކުރެވޭ ޔުނިޓަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޔުނިޓުގައި މަސައްކަތްކުރަންވާނީ، ކުޑަކުދިންނާއެކު މަސައްކަތް ކުރުމަށް ހާއްސަ ތައުލީމާއި ތަމްރީން ލިބިފައިވާ، އެކަމަށް ހާއްސަކުރެވޭ ދެ ޖިންސުގެ އޮފިސަރުންނެވެ.

(ނ) މި ގާނޫނުގެ 71 ވަނަ މާއްދާގެ ދަށުން، ށަރީއަތުން މައްސަލަ ބަލައި ފިޔަވަޅު އަޅާ ހާލަތުގައި ޕްރޮބޭށަންގައި ދޫކުރެވޭ ކުދިން މޮނިޓަރކުރުމާއި އެކުދިން ޕްރޮބޭށަންގެ ށަރުތުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބަލައި، އެކަންކަމުގެ މައުލޫމާތުތައް އެއްކޮށް އެ މައުލޫމާތުތައް ށަރީއަތަށް ފޯރުކޮށްދޭނީ ޖުވެނައިލް ކޯޓު ނުވަތަ އެ ކޯޓުގެ ޑިވިޜަންތަކުގެ ޕްރޮބޭށަން އޮފިސަރުންނެވެ. އަދި ޕްރޮބޭށަންގައި ތިބޭ ކުދިން މޮނިޓަރކުރުމުގައި ދައުލަތުގެ ކަމާބެހޭ ތަންފީޒީ އިދާރާތަކުގެ އެހީތެރިކަން ކޯޓުގެ ޕްރޮބޭށަން އޮފިސަރުންނަށް ލިބިދޭންޖެހޭނެއެވެ.

(ރ) ކުޑަކުދިންގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލޭ ހާލަތުގައި ށަރީއަތުގެ އެންމެހައި މަރުހަލާއެއްގައި އަދި ށަރީއަތަށް ފަހުގެ މަރުހަލާތަކުގައި އެކުދިން އިސްލާހުވެ އަނބުރާ މުޖުތަމައަށް އައުމަށް އެހީތެރިވެދިނުމުގެ ގޮތުން އެކުދިންނަށް ބޭނުންވާ ކައުންސެލިންގ ހިދުމަތް ދޭނީ ޖުވެނައިލް ކޯޓު ނުވަތަ ޖުވެނައިލް ކޯޓުގެ ޑިވިޜަންތަކުގެ ކައުންސެލަރުންނެވެ.

 

26 ވަނަ މާއްދާ - ކުޑަކުދިންނާއެކު މަސައްކަތްކުރާ ފަރާތްތަކަކީ ހާއްސަ ތަމްރީން ލިބިފައިވާ ބައެއް ކަމުގައިވުން

(ހ) މި ބާބުގައި ބަޔާންކުރާ މުއައްސަސާތަކުގައި، އެކި ހައިސިއްޔަތުން ކުޑަކުދިންނާ މުއާމަލާތްކޮށް، އެކުދިންގެ މައްޗަށް ފިޔަވަޅު އެޅުމުގައި މަސައްކަތްކުރާ ނުވަތަ އެނޫންވެސް ހައިސިއްޔަތަކުން އެކުދިންގެ މައްޗަށް ގާނޫނު ތަންފީޒުކުރުމުގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކަކީ، ކުޑަކުދިންނާއެކު މަސައްކަތްކުރުމަށް ހާއްސަ ތަމްރީނާއި ހުނަރާއި އިރުށާދު ލިބިފައިވާ ބައެއް ކަމުގައި ވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަގްސަދުތައް ހާސިލުކުރުމަށްޓަކައި، މި ބާބުގައި ބަޔާންކުރާ މުއައްސާސަތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ތަމްރީންދެވޭނެ، އަދި އެފަދަ މުވައްޒަފުންގެ ގާބިލިއްޔަތު ގަވާއިދުން މުރާޖައާކޮށް، ވަޒަންކުރެވޭނެ އިންތިޒާމެއް އެ މުއައްސަސާތަކުގައި ހަމަޖައްސަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ އިންތިޒާމުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މި ބާބުގައި ބަޔާންކުރާ ކޮންމެ މުއައްސަސާއެއްގައި ހަމަޖައްސަންވާނެއެވެ. އަދި އެކަން އެގޮތަށް އެ މުއައްސަސާތަކުން ހަމަޖައްސާކަން، މިނިސްޓަރު ކަށަވަރުކުރަންވާނެއެވެ.

(ރ) މި ބާބުގައި ބަޔާންކުރާ މުއައްސަސާތަކުގައި، އެކި ހައިސިއްޔަތުން ކުޑަކުދިންނާ މުއާމަލާތްކޮށް، އެކުދިންގެ މައްޗަށް ފިޔަވަޅު އެޅުމުގައި މަސައްކަތްކުރާ ނުވަތަ އެނޫންވެސް ހައިސިއްޔަތަކުން އެކުދިންގެ މައްޗަށް ގާނޫނު ތަންފީޒުކުރުމުގައި މަސައްކަތްކުރާ ފަރާތްތަކަށް ދެވޭ ތަމްރީނާއި އިރުށާދު ވާންވާނީ، ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި މަސައްކަތްކުރާ ފަރާތްތަކަށް ދޭންޖެހޭނެ ކަމަށް ކަމާގުޅޭ ބައިނަލްއަގްވާމީ އުސޫލުތަކުގައި ބަޔާންކުރާ ފަދަ ތަމްރީނާއި އިރުށާދު ކަމުގައެވެ.

(ބ) މި މާއްދާގައި ބަޔާންކުރާ މަގްސަދުތައް ހާސިލުވަމުންދާ މިންވަރު ބެލުމަށްޓަކައި، ކަންކަން ވިލަރެސްކުރާނެ ނިޒާމެއް، ކަމާބެހޭ މުއައްސަސާތައް ހިމެނޭގޮތުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓަރު ގާއިމުކުރަންވާނެއެވެ.

 
ފަސްވަނަ ބާބު

ޖިނާއީ މަސްއޫލިއްޔަތު އުފުލުން

 

27 ވަނަ މާއްދާ - ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، ކުޑަކުދިން ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ، އުމުރުން 15 (ފަނަރަ) އަހަރެވެ.

(ށ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، ކުށްކުރި ހިނދުގައި ކުޑަކުއްޖެއް ކަމުގައިވާ ކުދިން ކުރާ ކުށްތަކާ ގުޅިގެން އެކުދިންގެ މައްޗަށް ޖިނާއީ މަސްއޫލިއްޔަތު ކަނޑައެޅުމުގައި އިސްކަންދޭންވާނީ       މި ގާނޫނަށެވެ.

(ނ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު އަމަލުކުރެވެމުންދާ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން، ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލުމާ ގުޅޭގޮތުން އަމަލުކުރެވޭ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކުގައި އެކުލެވޭ   މި ގާނޫނާ ތައާރުޟުވާ އުސޫލުތައް، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ބާތިލުވީއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުމުރަށްވުރެ ހަގު އުމުރުގެ ކުދިންގެ ތެރެއިން، ގާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅޭ ކުދިންނާއި ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން، ކުށްކުރުމާ ދުރުހެލިކޮށް، އެކުދިންނަށް ބޭނުންވާ ފަރުވާ ދީ، އެކުދިން ރީހެބިލިޓޭޓްކުރުމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅު އެޅޭނެ ނިޒާމެއް، މި ގާނޫނު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއިން ހަމަޖައްސަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ނިޒާމު، މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ގާއިމުކުރަންވާނެއެވެ.

 

28 ވަނަ މާއްދާ - ކުޑަކުއްޖެއް ކަމުގައި ބެލުން

(ހ) ގާނޫނު ތަންފީޒުކުރާ އިދާރާއަކުން އެއްވެސް ފަރާތަކާމެދު ފިޔަވަޅު އެޅުމުގައި، އެފަރާތަކީ ކުޑަކުއްޖެއްކަން ނުވަތަ އުމުރުން 18 (އަށާރަ) އަހަރުން މަތީގެ މީހެއްކަން ޔަގީންނުކުރެވޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު، އެއީ ކުޑަކުއްޖެއް ކަމުގައި ބަލައި،  މި ގާނޫނުން ލިބިދޭ މަންފާ އެކުއްޖަކަށް ލިބިދޭންވާނެއެވެ.

(ށ) ގާނޫނާ ހިލާފުވި ކަމަށް ބެލެވޭ ކުޑަކުއްޖަކީ ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ކުއްޖެއްކަން މި ގާނޫނުގެ   27 ވަނަ މާއްދާގެ ބޭނުމަށްޓަކައި ކަނޑައެޅުމުގައި، އެކުއްޖެއްގެ އުމުރު ޔަގީންނުކުރެވިއްޖެނަމަ، އެނޫން ގޮތަކަށް ސާބިތުނުވާހާ ހިނދަކު އެކުއްޖަކީ ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންނުޖެހޭ ކުއްޖެއް ކަމުގައި ބަލަންވާނެއެވެ.

 

29 ވަނަ މާއްދާ - އުމުރަށް ބަލައި ކުށްވެރިނުކުރުން(ސްޓޭޓަސް އޮފެންސަސް)

ވަކި އަމަލަކީ އުމުރުން 18 (އަށާރަ) އަހަރުން މަތީ މީހަކު ކޮށްފިނަމަ ކުށެއް ކަމުގައި ނުބެލެވޭ އަމަލެއް ކަމުގައިވާނަމަ، އެ އަމަލު ކުޑަކުއްޖަކު ކުރާ ހާލަތުގައިވެސް އެއީ ކުށެއް ކަމުގައި ބަލައިގެންނުވާނެއެވެ.

 

ހަވަނަ ބާބު

ކުއްޖާގެ ހައްގުތައް

 
30 ވަނަ މާއްދާ - ކުއްޖާގެ ހައްގުތައް

ކުށުގެ ތުހުމަތުގައިވާ ކުއްޖާއަށް މި ގާނޫނުގެ ދަށުން އަންނަނިވި ހައްގުތައް ލިބިގެންވެއެވެ.

(ހ) ގާނޫނު ތަންފީޒުކުރުމުގެ އެއްވެސް މަރުހަލާއެއްގައިވާ ކުއްޖަކާމެދު އެކުއްޖާ ބެލެހެއްޓުމާ ހަވާލުވެ ހުންނަ ފަރާތުން އެއްވެސް ސިފައެއްގައި، ރަހުމުކުޑަ، ނުވަތަ ޖިންސީ، ނުވަތަ ބަދުއަހްލާގީ، ނުވަތަ ބޭއަދަބީ، ނުވަތަ ލާއިންސާނީ، ނުވަތަ އަނިޔާވެރި ދަށު ދަރަޖައިގެ، ނުވަތަ އިހާނެތި އަމަލެއް، ނުވަތަ ފުރައްސާރަކުރުމުގެ އަމަލެއް ނުވަތަ އަދަބެއް ނުދިނުން ނުވަތަ އިންސާނީ ކަރާމާތް ގެއްލޭފަދަ އެއްވެސް ކަމެއް ނުހިންގުން، އަދި އެހެން މީހަކު ހިންގިޔަވެސް ނުދިނުން؛

(ށ) ކުއްޖާއަށް އެއްވެސް ޖިސްމާނީ ނުވަތަ ނަފްސާނީ ހާނިއްކައެއް ލިބޭނެ އަދަބެއް ނުދިނުން ނުވަތަ ކުއްޖާއާމެދު އިހުމާލުގެ އަމަލެއް ނުހިންގުން؛

(ނ) ކުއްޖާ ދައްކަންޖެހޭ ޖޫރިމަނާގެ ނުވަތަ އެނޫންވެސް ފައިސާއެއް ކުއްޖާގެ ފަރާތުން ނުދެއްކުމުން، އޭގެ ބަދަލެއްގެ ގޮތުގައި ކުއްޖާ ބަންދުކުރުމަށް އެއްވެސް ހާލެއްގައި އަމުރެއް ނުކުރުން؛

(ރ) ކުއްޖާގެ އުމުރާ ނުގުޅޭ މަސައްކަތެއްކުރުމަށް އަމުރު ނުކުރުން؛

(ބ) ގާނޫނާ ހިލާފަށް، ނުވަތަ ގާނޫނުން ލިބިދޭ އިހްތިޔާރީ ބާރެއްގެ ނަހަމަ ބޭނުންކޮށްގެން، ނުވަތަ ނުރަނގަޅު އިޖުރާއަތެއްގެ ދަށުން ކުއްޖާގެ މިނިވަންކަން އެއްވެސް ހާލެއްގައި ނުހިފެހެއްޓުން؛

(ޅ) އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުން މެނުވީ، ކުއްޖާ ހައްޔަރުނުކުރުން؛

(ކ) ކުއްޖަކު ހައްޔަރުކުރެވުމާއެކު ލަސްނުކޮށް ގާޟީއެއްގެ ކުރިމައްޗަށް ހާޒިރުކުރެވުމާއި، އެފަދަ މައްސަލަތައް އަވަސް މައްސަލައިގެ ގޮތުގައި ކޯޓުން ބެލުން؛

(އ) ކުއްޖާ ބަންދުކުރުން އެއީ އެނޫން އެހެން ފިޔަވަޅުތައް އެކުއްޖާއާމެދު އެޅުމަށްފަހު އަދި އެ ފިޔަވަޅުތައް ނާކާމިޔާބުވުމަށްފަހު، އެޅޭ އެންމެ ފަހުގެ ފިޔަވަޅެއް ކަމުގައިވުމާއި، އެފަދަ ހާލަތެއްގައިވެސް ކުއްޖާ ބަންދުކުރެވޭ މުއްދަތަކީ އެ ހާލަތެއް ލާޒިމުކުރާ އެންމެ ކުރު މުއްދަތެއް ކަމުގައިވުން؛

(ވ) ކުއްޖާ ހާޒިރުކުރެވޭ، ނުވަތަ ހިފެހެއްޓޭ ނުވަތަ ބަންދުކުރެވޭ ކޮންމެ ތަނެއްގައި، ކުއްޖާގެ އުމުރާއި، އުފެދުމާއި، ޖިންސާ އެކަށީގެންވާ ގޮތަކަށް ކުއްޖާއާމެދު އަމަލުކުރެވުން؛

(މ) ކުއްޖާއާމެދު އެޅޭ ކޮންމެ ފިޔަވަޅަކީވެސް ކުއްޖާއާމެދު ތުހުމަތުކުރެވިފައިވާ ކުށުގެ ކުޑަބޮޑުމިނާ އަޅާބަލާއިރު ނުބައްދަލު ފިޔަވަޅަކަށް ނުވުން؛

(ފ) ކުއްޖާގެ މިނިވަންކަން ވަގުތީގޮތުން ހިފެހެއްޓޭ ހާލަތުގައި ނުވަތަ ކޯޓުގެ ނިންމުމަކާ އެއްގޮތަށް ކުއްޖާ ބަންދުކުރެވޭ ހާލަތުގައި، ކުށުގެ ތުހުމަތުގައިވާ ނުވަތަ ހުކުމް ތަންފީޒުކުރަމުންދާ ބޮޑެތި މީހުންނާ އެކުގައި ބަންދުގައި ނުބެހެއްޓުމާއި، ހުރިހާ ވަގުތެއްގައިވެސް އެފަދަ މީހުންނާ މުޅިން ވަކިން ކުއްޖާ ބެހެއްޓުން؛ މިގޮތުން ކުއްޖާ އެއްތަނުން އަނެއް ތަނަށް ގެންދެވޭ ވަގުތުތަކާއި ކުއްޖާގެ މިނިވަންކަން ހިފެހެއްޓޭ ހާލަތްތަކުގައި ކުއްޖާ ބަހައްޓާ މަރުކަޒުތަކަށް ވަދެ ނުކުންނައިރާއި، ކެއިންބުއިމާއި، ސާފުތާހިރުވުމާއި، ކަސްރަތުކުރުމާއި، އަރާމުކުރުމާއި، ނިދުމާއި، ބޭސްފަރުވާކުރުމާއި، ތައުލީމާއި ތަމްރީނާއި ފަރުވާގެ ކްލާސްތަކަށް ކަނޑައަޅާފައިވާ ތަންތަންވެސް ބޮޑެތި މީހުންނާ މުޅިން ވަކިން ހުރުން؛

(ދ) ގާނޫނާ ހިލާފު އަމަލުތައް ކުރާ އެހެން ކުދިންނާއެކު ކުއްޖާ ބަންދުކުރެވޭ ހާލަތުގައިވެސް ކުއްޖާގެ އުމުރާ އެއް އުމުރުފުރައެއްގެ ކުދިންނާއި، ކުއްޖާ ކޮށްފައިވާ އަމަލުތަކާ އެއް ބާވަތެއްގެ އަމަލުތައް ކޮށްފައިވާ ކުދިންނާއި، ކުއްޖާއާ އެއް ޖިންސެއްގެ ކުދިންނާއެކު ބަންދުކުރުން؛ މިގޮތުން ކުދިން ކެޓަގަރައިޒްކުރުމުގައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ތައްޔާރުކުރާ އެސެސްމަންޓް ރިޕޯޓުތަކަށް ރިއާޔަތްކުރުން؛

(ތ) ފުލުހުންގެ ނުވަތަ ގާނޫނު ތަންފީޒުކުރާ އެހެން ފަރާތެއްގެ ބެލުމުގެ ދަށުގައި، ނުވަތަ އެއިން ފަރާތެއް އައްޔަންކޮށްފައިވާ ފަރާތެއްގެ ބެލުމުގެ ދަށުގައި ކުއްޖާ އެއް ތަނުން އަނެއް ތަނަށް ގެންދެވޭއިރު، ކުއްޖާއާ ހަވާލުވެ ތިބޭ މީހުން ފިޔަވައި އެހެން ބޮޑެތި މީހުންނާ ވަކިން، އަދި ދެ ޖިންސުގެ ކުދިން ވަކިން ދަތުރުކުރެވޭނެ ގޮތަކަށް ގެންދިއުން؛

(ލ) ވަގުތީގޮތުންވިޔަސް ނުވަތަ އެއަށްވުރެ ދާއިމީ ސިފައެއްގައިވިޔަސް މިނިވަންކަން ހިފެހެއްޓިފައިވާ ކުއްޖަކަށް، މުވާސަލާތީ ވަސީލަތްތަކާއި އާއިލީ ބައްދަލުވުންތައް މެދުވެރިކޮށް ގަވާއިދުން އެކުއްޖެއްގެ ބެލެނިވެރިންނާއި އާއިލާއާ ގުޅުން ބޭއްވުމަށް މަގުފަހިވެފައިވުން، އަދި ކުއްޖާގެ އާއިލާއާ ބައްދަލުކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދެއް މި ގާނޫނު ފާސްކުރާތާ  6 (ހައެއް) މަސް ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އެކުލަވާލައި އަމަލުކުރަން ފެށުން؛ މިގޮތުން އަޅާ އިސްލާހީ ފިޔަވަޅުގެ ތެރޭގައި ކުދިންގެ އާއިލީ ބައްދަލުވުން ބޭއްވިޔަ ނުދިނުމާއި އާއިލާއާ އޮންނަ ގުޅުން ކެނޑިދާނެ ފަދަ އިސްލާހީ ފިޔަވަޅުތައް ނޭޅުން؛

(ގ) މި މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ކުއްޖާއަށް ގާނޫނީ ލަފައާއި އިރުށާދު ދީ، ކުއްޖާ ތަމްސީލުކުރުމަށްޓަކައި ދައުލަތުގެ ހަރަދުގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އަދި ބަންޑާރަ ނައިބުގެ އޮފީހުން އަދާކުރާނެ ދައުރު ވަކިން ބަޔާންކުރުން؛

(ޏ) ގާނޫނު ތަންފީޒުކުރާ އެއްވެސް ފަރާތަކުން ކުއްޖާގެ މައްޗަށް ފިޔަވަޅެއް އެޅުމުގެ ކޮންމެ މަރުހަލާއެއްގައިމެ، ކުއްޖާގެ ބެލެނިވެރިޔާގެ ނުވަތަ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ނުވަތަ ކުއްޖާގެ މަސްލަހަތު ހިމާޔަތްކޮށްދޭނެ އެހެން ފަރާތެއްގެ އެހީތެރިކަން ލިބިދިނުން؛

(ސ) ކުއްޖާއާގުޅޭ ކަންކަން ނިންމުމުގައި، ކުއްޖާގެ މަސްލަހަތަށް އެންމެ އިސްކަންދިނުން؛

(ޑ) ކުއްޖާއާމެދު ގޮތެއް ނިންމުމުގައި ހަމައެކަނި ކުށުގެ ބާވަތަށާއި ބުރަދަނަށް ނުބަލައި، ކުއްޖާގެ ނަފްސާނީ، ފިކުރީ، ޖިސްމާނީ، އާއިލީ އަދި އިޖްތިމާއީ ހާލަތަށާއި މުޖުތަމައުގެ ބޭނުންތަކަށާއި އަނިޔާ ލިބޭ ފަރާތުގެ ހައްގުތަކަށް ރިއާޔަތްކުރުން؛

(ޒ) ކުއްޖާގެ މިނިވަންކަން ހިފެހެއްޓިއްޖެނަމަ، އެ މިނިވަންކަން ހިފެހެއްޓިފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ލަސްނުކޮށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވުމުގެ ފުރުސަތާއި ވަސީލަތްތައް ދައުލަތުން ފޯރުކޮށްދިނުން؛

(ޓ) ފަރުވާތެރިކަމާއެކު ބެލުމަށްފަހު ގާނޫނު ހުއްދަކުރާ ހާލަތުގައި މެނުވީ ކުއްޖާގެ ޒާތީ މިނިވަންކަމަށް ހުރަސްއެޅޭނެ ކަމެއް ނުކުރުމާއި، އެ ހާލަތުގައިވެސް އެކަން ކުރެވެނީ، ބޭނުންވާ އެންމެ ކުޑަމިނަށް ކަމުގައިވުން؛

(ޔ) ކުއްޖާއާމެދު ކުށެއްގެ ތުހުމަތުކުރެވޭ ހިސާބުން ފެށިގެން ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ އެންމެހައި މަރުހަލާއެއް ކަޑައްތުކޮށް މުޖުތަމައަށް ހެޔޮގޮތުގައި ކުއްޖާ އެނބުރި ރުޖޫއަވުމާ ހަމައަށްވެސް، އަދި އެއަށްފަހުގައިވެސް، ކުއްޖާގެ ޒާތީ މައުލޫމާތު ހާމަނުކުރުމަށާއި ކުއްޖާއާ ގުޅުންހުރި ކޭސްއަކާގުޅޭ މައުލޫމާތެއް ސީދާ އަދި ނުސީދާކޮށް ހާމަކުރުމުގެ ތެރޭގައި ކުއްޖާއަކީ ކާކުކަން އެނގިގެންދާނެފަދަ ގޮތަކަށް ކުއްޖާގެ މައުލޫމާތެއް ޕްރިންޓް މީޑިއާގައި، ނުވަތަ އިލެކްޓްރޯނިކް މީޑިއާގައި ނުވަތަ އިންޓަރނެޓްގައި ހާމަނުކުރުން؛

(ޕ) ބަންދުގައި ތިބޭ އަންހެން ކުދިންނަށް އެކުދިންގެ އަމިއްލަ ބޭނުންތަކާއި މައްސަލަތަކާ ގުޅޭގޮތުން ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަމާއި އެކުދިންނަށް ބޭނުންވާ ހާއްސަ ސިއްހީ ހިދުމަތްތަކާއި ވަސީލަތްތައް ފޯރުކޮށްދިނުން؛

(ޖ) ބަންދުގައި ތިބޭ ކުދިންގެ ތެރެއިން އެއްވެސް ބާވަތެއްގެ ނުކުޅެދުންތެރިކަމެއް ހުންނަ ކުދިންނަށް ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަމާއި އެކުދިންނަށް ބޭނުންވާ ހާއްސަ ސިއްހީ ހިދުމަތްތަކާއި، ފަރުވާއާއި ވަސީލަތްތައް ފޯރުކޮށްދިނުން؛

(ޗ) ބަންދުގައި ތިބޭ ކުދިންގެ ތެރެއިން އެއްވެސް ބާވަތެއްގެ ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުންނަ ކުދިންނާއި އަދި ނަފްސާނީ ނުކުޅެދުންތެރިކަން ހުރިކަމަށް ށައްކުކުރެވޭ ކުދިންނަށް އެކުދިންގެ ހާލަތަށް ރިއާޔަތްކޮށް އެފަދަ ކޮންމެ ކުއްޖެއްގެ ސައިކޮލޮޖިކަލް އެސެސްމަންޓެއް ހެދުން؛ މިގޮތުން ހަދާ އެސެސްމަންޓް ހަދަންޖެހޭނީ ކުއްޖާގެ ނަފްސާނީ ހާލަތަށް ރިއާޔަތްކޮށެވެ.

 
ހަތްވަނަ ބާބު

ފުރަތަމަ މަރުހަލާގެ ފިޔަވަޅުތައް

 
31 ވަނަ މާއްދާ - ކުޑަކުއްޖަކާމެދު ފިޔަވަޅު އެޅުމުގައި ރިއާޔަތްކުރަންވީ ކަންކަން

(ހ) ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ތެރެއިން ކުޑަކުއްޖަކު ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ އޮފިސަރަކާ ފުރަތަމަ ބައްދަލުވާ ހިނދު ނުވަތަ ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ކުޑަކުއްޖެއްގެ މައްސަލަ ފުރަތަމަ ހުށަހެޅޭ ހިނދު،      މި މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި އެނޫން ހާލަތްތަކުގައި، އެކުއްޖާއާމެދު އެއްވެސް ފިޔަވަޅެއް އަޅަންވާނީ، އެކުއްޖާއަކީ ކުށަށް އަރައިގަތުމުގެ ކިހާ މިންވަރެއްގެ ނުރައްކަލެއް އޮތް ކުއްޖެއްތޯ ބެލުމަށްޓަކައި، އެކުއްޖާގެ ރިސްކް އެސެސްމަންޓެއް ހެދުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ރިސްކް އެސެސްމަންޓަކީ، ކުއްޖާއާމެދު ޑައިވަރށަންގެ ނިޒާމުގެ ދަށުން ފިޔަވަޅުއެޅުމަށް ނުވަތަ ކުއްޖާގެ މައްސަލަ ތަހްގީގުކޮށް، ޖިނާއީ ދައުވާ އުފުލުމަށް ނިންމުމަށްޓަކައި ހެދޭ އެސެސްމަންޓެކެވެ.

(ނ) ކުއްޖާ ކުރިކަމަށް ބެލެވޭ ގާނޫނާ ހިލާފު އަމަލަކީ، އެކަން މެދުވެރިވާން ދިމާވި ސަބަބު އެ ހިނދުން އެހިނދަށް ދެނެގަނެވެން އޮތް ކަމެއް ކަމުގައިވެފައި، އެ އަމަލަކީ، އޭގެ ކުޑަބޮޑުމިނަށް ބަލާއިރު، ކުޑަ ކަމެއް ކަމުގައިވާނަމަ، އަދި އެކުއްޖާއަކީ ކުއްޖާ މުޖުތަމައަށް ދޫކޮށްލައިފިނަމަ ކުށަށް އަރައިގަތުމުގެ އިތުރު ފުރުސަތެއް ނެތް ކުއްޖެއް ކަމުގައި ބެލެވޭނަމަ، އެކުއްޖާއާމެދު އަމަލުކުރަންވާނީ، މި ގާނޫނުގެ 33 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިންނެވެ.

(ރ) ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ތެރެއިން ކުޑަކުއްޖަކު ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ އޮފިސަރަކާ ބައްދަލުވަނީ އެކުއްޖާ ކުށެއް ކުރަނިކޮށް ކަމުގައިވެފައި، އެ ކުށަކީ، އޭގައި އަނިޔާވެރި އަމަލެއް އެކުލެވޭ ޖިނާއީ ބޮޑު ކުށެއް ކަމުގައިވާނަމަ، އަދި އެއީ ކުޑަކުއްޖަކު ހައްޔަރުކުރުން ހުއްދަ ކުށެއް ކަމުގައިވެފައި، އެއީ، މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި އެކުއްޖާ އެހިނދުން އެ ހިނދަށް ހައްޔަރުކުރަންޖެހޭ ހާލަތެއް ކަމުގައިވާނަމަ، މި މާއްދާގެ   (ހ) ގައި ބަޔާންކުރާ އެސެސްމަންޓެއް ހެދުމަކާ ނުލައި، ކުއްޖާ ހައްޔަރުކުރެވިދާނެއެވެ. އެހެންނަމަވެސް، އެ ހާލަތުގައިވެސް،   މި ގާނޫނުގެ 46 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލަށް އަމަލުކުރުމަށް ގާނޫނު ތަންފީޒުކުރާ އޮފިސަރުންނަށް ލާޒިމުވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ހަދާ ރިސްކް އެސެސްމަންޓް ހެދުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

  1. ކުއްޖާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށުގެ ކުޑަބޮޑުމިން؛
  2. ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއަށް ކުއްޖާ ހުށަހެޅިފައިވާ ހާލަތު؛
  3. މީގެ ކުރިން ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކުއްޖާއާމެދު ފިޔަވަޅެއް އަޅާފައިވާނަމަ، އެކަން؛
  4. ކުއްޖާގެ ޖިސްމާނީ، ނަފްސާނީ އަދި ސިއްހީ ހާލަތު.

 
32 ވަނަ މާއްދާ - ދަރަޖަކުރުން

މި ގާނޫނުގެ 31 ވަނަ މާއްދާގެ ދަށުން ހަދާ ރިސްކް އެސެސްމަންޓްގެ ނަތީޖާ ދަރަޖަކުރަންވާނީ އަންނަނިވި ފަދައިންނެވެ.

(ހ) ކުއްޖާ ކުރި އަމަލުގެ ބާވަތަށާއި އޭގެ ކުޑަބޮޑުމިނަށް ބަލާއިރު، އެ އަމަލަކީ، ޖުނަހުގެ ކުށެއް ނުވަތަ އެއް އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމުގެ އަދަބެއް ނުވަތަ އެއަށްވުރެ ކުޑަ އަދަބެއް ކަނޑައެޅިފައިވާ ކުށެއް ކަމުގައިވާނަމަ، އަދި ކުއްޖާ އެފަދަ ކަމެއް ތަކުރާރުނުކުރާނެ ކަމަށް ބެލެވޭނެ އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، އެކުއްޖާއަކީ އެކުއްޖާ މުޖުތަމައަށް ދޫކޮށްލައިފިނަމަ ކުށަށް އަރައިގަތުމުގެ އިތުރު ފުރުސަތެއް ނެތް ކުއްޖެއް ކަމަށް ބަލަންވާނެއެވެ.

(ށ) ކުއްޖާ ކުރި އަމަލުގެ ބާވަތަށާއި އޭގެ ކުޑަބޮޑުމިނަށް ބަލާއިރު، އެ އަމަލަކީ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ އަމަލެއް ކަމުގައި ވީނަމަވެސް، އެކުއްޖާ އެފަދަ އަމަލެއް ތަކުރާރުކޮށްފާނެ ކަމަށް ބެލުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، ނުވަތަ އެކުއްޖާއަށް ނަސޭހަތް ނުވަތަ އިންޒާރެއް ނުދީ ދޫކޮށްލައިފިނަމަ އެކުއްޖާ ކުށަށް އަރައިގަތުމުގެ ކުޑަނަމަވެސް ފުރުސަތެއް އޮތް ކަމަށް ބެލެވޭނަމަ، އެކުއްޖާއަކީ ކުށަށް އަރައިގަތުމުގެ ކޮންމެވެސް މިންވަރެއްގެ ނުރައްކަލެއް އޮތް ކުއްޖެއްކަމަށް ބަލަންވާނެއެވެ.

(ނ) ކުއްޖާ ކުރި އަމަލުގެ ބާވަތަށާއި އޭގެ ކުޑަބޮޑުމިނަށް ބަލާއިރު، އެ އަމަލަކީ، ކުޑަ ކުށެއް ކަމުގައިނުވާނަމަ، އަދި/ނުވަތަ އެކުއްޖާ އެފަދަ ކަމެއް ތަކުރާރުކޮށްފާނެ ކަމަށް ބެލުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، އަދި/ނުވަތަ އެކުއްޖާއާމެދު އެއްވެސް ފިޔަވަޅެއް ނާޅައި ދޫކޮށްލައިފިނަމަ އެކުއްޖާ ކުށަށް އަރައިގަތުމުގެ ފުރުސަތު އެކަށީގެންވާ މިންވަރަކަށް އޮތް ކަމަށް ބެލެވޭނަމަ، އެކުއްޖާއަކީ ކުށަށް އަރައިގަތުމުގެ އެކަށީގެންވާ މިންވަރެއްގެ ނުރައްކަލެއް އޮތް ކުއްޖެއްކަމަށް ބަލަންވާނެއެވެ.

(ރ) ކުއްޖާ ކުރި އަމަލުގެ ބާވަތަށާއި އޭގެ ކުޑަބޮޑުމިނަށް ބަލާއިރު، އެ އަމަލަކީ، ބޮޑު ކުށެއް ކަމުގައިވާނަމަ، އަދި އެކުއްޖާ އެފަދަ ކަމެއް ތަކުރާރުކޮށްފާނެ ކަމަށް ބެލުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، އަދި އެކުއްޖާއާމެދު އެއްވެސް ފިޔަވަޅެއް ނާޅައި ދޫކޮށްލައިފިނަމަ އެކުއްޖާ ކުށަށް އަރައިގަތުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭނަމަ، އެކުއްޖާއަކީ ކުށަށް އަރައިގަތުމުގެ ނުރައްކާ ބޮޑު ކުއްޖެއް ކަމުގައި ބަލަންވާނެއެވެ.

 

33 ވަނަ މާއްދާ - ފިޔަވަޅެއް ނާޅައި ދޫކޮށްލުމާއި ނަސޭހަތްދިނުމާއި އިންޒާރުދިނުން

(ހ) މި ގާނޫނުގެ 31 ވަނަ މާއްދާގެ (ނ) ގައި ނުވަތަ 32 ވަނަ މާއްދާގެ  (ހ) ގައި ބަޔާންކުރާ ހާލަތުގައި، އެކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާ ހުރި ގޮތަކީ، ފުރުސަތު ދިނުންކަމަށްވާނަމަ، އަންނަނިވި ގޮތަކުންކުރެ ގޮތަކަށް އަމަލުކުރުމުގެ އިހްތިޔާރު ތަހްގީގުކުރާ ފަރާތަށް ލިބިގެންވެއެވެ.

  1. ފިޔަވަޅެއް ނާޅައި ދޫކޮށްލުން؛
  2. އަނގަބަހުން ނަސޭހަތް ދިނުން؛
  3. ނުރަސްމީ އިންޒާރެއް ދިނުން؛
  4. ރަސްމީ އިންޒާރެއް ދިނުން؛
  5. ކޮމިއުނިޓީ ކޮންފަރެންސިންގ ބޭއްވުން.

(ށ) މި ގާނޫނުގެ 32 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތުގައި، އެކުއްޖާއާމެދު އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އަމަލުކުރުމުގެ އިހްތިޔާރު ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިގެންވެއެވެ. އަދި އެފަދަ ފުރުސަތެއް ދިނުމަށް އެދި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ހަދާ ރިސްކް އެސެސްމަންޓްގައި ހުށެޅިދާނެއެވެ.

  1. ފިޔަވަޅެއް ނާޅައި ދޫކޮށްލުން؛
  2. އަނގަބަހުން ނަސޭހަތް ދިނުން؛
  3. ނުރަސްމީ އިންޒާރެއް ދިނުން؛
  4. ރަސްމީ އިންޒާރެއް ދިނުން؛
  5. ކޮމިއުނިޓީ ކޮންފަރެންސިންގ ބޭއްވުން.

(ނ) މި މާއްދާގައި ބަޔާންކުރާ ނަސޭހަތާއި އިންޒާރު ދޭނެ ހާލަތްތަކާއި، ނަސޭހަތާއި އިންޒާރު ދިނުމުގައި އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 
އަށްވަނަ ބާބު

ޑައިވަރށަންގެ ނިޒާމު

 
34 ވަނަ މާއްދާ - ޑައިވަރށަންގެ މަގްސަދު

ގާނޫނާ ހިލާފުވާ ކުޑަކުދިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމުގެ ބަދަލުގައި ޑައިވަރށަންގެ ނިޒާމުގެ ދަށުން، އަދި ރުޖޫއީ އިންސާފުގެ ފަލްސަފާގެ ދަށުން ފިޔަވަޅު އެޅުމުގެ މަގްސަދަކީ އަންނަނިވި ކަންކަމަށް މަގުފަހިކުރުމެވެ.

(ހ) އާންމު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއަށް ކުއްޖާ ވަނުމުގެ ސަބަބުން ކުއްޖާއަށް ކުރާ ނޭދެވޭ އަސަރުތަކުން ދުރުހެލިކުރުވުން؛

(ށ) ކުއްޖާ ރަނގަޅު ގޮތުގައި ހެދިބޮޑުވުމަށް މަގުފަހިކޮށްދީ، ށަހްސީ ޒިންމާ އުފުލުމަށް ބާރުއެޅުން؛

(ނ) ކުއްޖާ ހެޔޮގޮތުގައި މުޖުތަމައަށް އަނބުރާ އައިސް، މުޖުތަމައުގައި ބިނާކުރަނިވި ދައުރެއް އަދާކުރުމަށް މަގުފަހިކޮށްދިނުން؛

(ރ) ކުއްޖާ ކުރި އަމަލުގެ ސަބަބުން ކުރިމަތިވި ގެއްލުމަށް ޒިންމާވާން ބާރުއެޅުން؛

(ބ) ކޮންމެ ކުއްޖަކީވެސް ހާއްސަ ހާލަތެއްގައި ހުންނާނެ، ހާއްސަ ބޭނުންތަކެއް ހުންނާނެ ކުއްޖެއް ކަމުގައިވާއިރު، އެއިން ކޮންމެ ކުއްޖެއްގެ ހާލަތަށް ވަކިން ރިއާޔަތްކޮށް ފިޔަވަޅު އެޅޭނެ ނުވަތަ ހައްލެއް ހޯދައިދެވޭނެ ގޮތެއް ހޯދުން؛

(ޅ) ކުއްޖާގެ އަމަލުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކުގެ ބަހެއް ހޯދައި، އެމީހުންނަށް އޭގެ ސަބަބުން ކުރި އަސަރު ކުއްޖާއަށް ހާމަކޮށްދިނުމަށް ފުރުސަތު ދިނުން؛

(ކ) ކުއްޖާގެ އަމަލުގެ ށިކާރައަކަށް ވީ ފަރާތްތަކަށް އޭގެ ސަބަބުން ވީ ގެއްލުމާ ގުޅިގެން މައުނަވީ ބަދަލެއް ނަގައިދިނުމަށް މަގުފަހިކުރުން؛

(އ) އެ އަމަލު ހިންގި ކުއްޖާއާއި އެ އަމަލުގެ ސަބަބުން ގެއްލުން ލިބުނު ފަރާތް ނުވަތަ ފަރާތްތަކާ ގުޅުވައިދީ، މައާފަށް އެދުމަށް ފުރުސަތު ދިނުން؛

(ވ) ކުއްޖާ ކުށް ތަކުރާރުކުރުމާ ދުރުހެލިކުރުވުން؛

(މ) ކުއްޖާގެ މައްޗަށް ކުށުގެ ރެކޯޑެއް އައުން ހުއްޓުވުން.

 
35 ވަނަ މާއްދާ - އާންމު އުސޫލު

(ހ) ގާނޫނާ ހިލާފުވާ ކުދިންގެ މައްޗަށް ގާނޫނު ތަންފީޒުކުރުމުގައި، ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ކޮންމެ މަރުހަލާއެއްގައިވެސް އިސްކަންދޭންވާނީ ކުއްޖާގެ މައްޗަށް ދައުވާ އުފުލުމަކާ ނުލައި، ގާނޫނުގެ ވެރިކަމާއި ގާނޫނީ ހައްގުތައް ރައްކާތެރިކޮށްދޭ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން އެންމެ ފުރަތަމަ ޑައިވަރށަންގެ ނިޒާމުގެ ދަށުން މުޖުތަމައުގެ ތެރޭގައި މައްސަލައަށް ފިޔަވަޅު އެޅުމަށެވެ.

(ށ) ގާނޫނާ ހިލާފުވިކަމުގެ ތުހުމަތުގައިވާ ކުއްޖެއްގެ މައްސަލައެއް އެއް މަރުހަލާއިން އަނެއް މަރުހަލާއަށް ބަދަލުކުރަންވާނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުން ކުއްޖާ ޑައިވަރށަނަށް ފޮނުވުމާމެދު ގޮތެއް ނިންމުމަށްފަހުގައެވެ. އަދި އެފަދައިން ނިންމާ ނިންމުމުގެ ސަބަބުތައް ލިޔުމުން ބަޔާންކޮށް ކުއްޖާއަށާއި ކުއްޖާގެ ބެލެނިވެރިޔާއަށް ދޭންވާނެއެވެ.

 
36 ވަނަ މާއްދާ - ޑައިވަރށަންގެ ފިޔަވަޅުތައް

(ހ) ގާނޫނާ ހިލާފުވާ ކުއްޖެއްގެ މައްޗަށް ޑައިވަރށަންގެ ނިޒާމުގެ ދަށުން އަންނަނިވި ފިޔަވަޅުތައް އެޅިދާނެއެވެ.

  1. ކުށުގެ ށިކާރައަކަށް ވީ ކުއްޖާ، އަނިޔާ ލިބުނު ފަރާތުގެ ކިބައިން ލިޔުމުން ނުވަތަ އަނގަބަހުން މައާފަށް އެދުން؛
  2. ކަނޑައެޅިފައިވާ މުއްދަތަކަށް ތައުލީމުދޭ މަރުކަޒަކަށް ގަވާއިދާ އެއްގޮތަށް ދިއުމަށް ކުއްޖާއަށް އެންގުން؛
  3. ކަނޑައެޅިފައިވާ މުއްދަތަކަށް ކުއްޖާގެ އާއިލާ އަދި/ނުވަތަ ބެލެނިވެރިޔާއާއެކު ނުވަތަ ބަލަދުވެރިޔާއާއެކު ވަގުތު ހޭދަކުރުމަށް އެންގުން؛
  4. ކުއްޖާގެ އުޅުމަށް ހެޔޮ ބަދަލު އަންނާނެ ފަދަ ކަނޑައެޅޭ ވަކި މިންގަނޑުތަކަކަށް ފެތޭ ގޮތަށް ކުއްޖާގެ އުޅުން ގެންގުޅުމަށް ކުއްޖާއާއި އޭނާގެ ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާއާ ދެމެދު ވެވޭ އެއްބަސްވުމަކާ އެއްގޮތަށް އަމަލުކުރުމަށް ކުއްޖާއަށް އެންގުން؛
  5. ކުއްޖާގެ އުޅުން މޮނިޓަރކުރުމަށްޓަކައި ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ކަނޑައެޅިފައިވާ ގޮތަކަށް ޕްރޮބޭށަން އޮފިސަރަކަށް ރިޕޯޓުކުރުމަށް އެންގުން؛
  6. ކައުންސެލިންގ، ގްރޫޕް ކައުންސެލިންގ، އަދި ފަރުވާ ލިބިދެނިވި ހަރަކާތްތަކުގައި ކުއްޖާ ބައިވެރިވުމަށް އެންގުން؛
  7. ޒިންމާދާރު މީހެއްގެ އިރުށާދުގެ ދަށުން ކުއްޖާގެ އުޅުން މޮނިޓަރކުރުމަށް އެންގުން؛
  8. ވޮކޭށަނަލް ޓްރެއިނިންގ ނުވަތަ ރީހެބިލިޓޭށަން ޕްރޮގްރާމެއްގައި ބައިވެރިކުރުވުން؛
  9. ކުއްޖާގެ ފަރާތުން ލިބިފައިވާ ގެއްލުމަށް ބަދަލުދިނުމަށް އެންގުން؛
  10. ކުއްޖާ ހިންގި އަމަލުގެ ސަބަބުން އަނިޔާ ލިބުނު ފަރާތަށް ލިބުނު ގެއްލުން އިއާދަކުރުމަށްޓަކައި އެފަރާތުގެ ރުހުމާއެކު، އެކަން ރަނގަޅުކުރުމަށް ކަމެއް ކޮށްދިނުން.
  11. އަނިޔާ ލިބުނު ފަރާތަށް ގެއްލުމުގެ ބަދަލެއް ދިނުމަށް އެންގުން؛
  12. ޖޫރިމާނާއެއް ދެއްކުމަށް ކުއްޖާއަށް އެންގުން؛
  13. މުޖުތަމައަށް ހިދުމަތް ކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުން ނުވަތަ އެފަދަ މަސައްކަތެއް ކުރުމަށް އެންގުން؛
  14. ކޮމިއުނިޓީ ކޮންފަރެންސިންގއަށް ފޮނުވުން؛
  15. މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކުއްޖާއާ އެކަށޭނަ އެނޫންވެސް ރުޖޫއީ އިންސާފުގެ އުސޫލަށް ބިނާވެފައިވާ ފިޔަވަޅެއް އެޅުން؛
  16. ކެއަރ އެންޑް ވެލްފެއަރ އޯޑަރ؛
  17. ހަރުދަނާ މައިންބަފައިން ތަމްރީންކުރުމުގެ ޕްރޮގްރާމް ހިންގުން.

(ށ) ޑައިވަރށަންގެ ނިޒާމުގެ ދަށުން އަޅާނެ ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް ކަނޑައެޅުމަށްފަހު، މި ގާނޫނުގެ ދަށުން ކުއްޖާ ޑައިވަރށަނަށް ފޮނުވުމުގެ ބާރު ލިބިފައިވާ ފަރާތުން، އެ ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް ބަޔާންކުރާ ޑައިވަރށަން ޕްލޭނެއް ތައްޔާރުކުރަންވާނެއެވެ. އެގޮތުން ތައްޔާރުކުރެވޭ ޑައިވަރށަން ޕްލޭނެއްގައި ހިމަނަންޖެހޭ ތަފްސީލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.

 

37 ވަނަ މާއްދާ - ށަރީއަތުގެ ކުރީގެ މަރުހަލާގައި ކުއްޖާ ޑައިވަރށަނަށް ފޮނުވުން

(ހ) ކުށުގެ ތުހުމަތުގައިވާ ކުއްޖާގެ މައްސަލަ ތަހްގީގުކުރުމުގެ މަރުހަލާގައާއި ދައުވާކުރުމުގެ މަރުހަލާގައި، ކުއްޖާ ޑައިވަރށަން ޕްރޮގްރާމަށް ފޮނުވުމުގެ އިހްތިޔާރު އަންނަނިވި ފަރާތްތަކަށް ލިބިގެންވެއެވެ.

  1. ފުލުހުން؛
  2. ފުލުހުން ފިޔަވައި ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ތަހްގީގުކުރުމަށް ގާނޫނަކުން އުފައްދާ ތަހްގީގީ އިދާރާއެއް؛
  3. ޕްރޮސިކިއުޓަރ ޖެނެރަލް.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ތަހްގީގުކުރުމަށް ގާނޫނަކުން އުފައްދާ ތަހްގީގީ އިދާރާގެ މާނައިގެ ތެރޭގައި، ކުށުގެ ށިކާރައަކަށްވާ ކުޑަކުދިންގެ މައްސަލަތަކާއި، ހައްގުތަކުން މަހްރޫމްވެފައިވާ ކުޑަކުދިންނާއި، އަޅާލުމާއި ރައްކާތެރިކަން ނުލިބޭ ކުދިންގެ މައްސަލަތައް ބަލާ މުއައްސަސާތަކެއް ނުހިމެނެއެވެ.

(ނ) ކުށުގެ ށިކާރައަކަށްވެފައިވާ ކުއްޖަކު ޖިނާއީ ކުށެއް ކޮށްފިނަމަ، ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ތެރެއިން އެކުއްޖާގެ މައްސަލަ ކުރިއަށްގެންދިއުމުގައި، އެކުއްޖާއަށް ބޭނުންވާ ހާއްސަ ރައްކާތެރިކަމާއި ފަރުވާ ލިބިދިނުމަށްޓަކައި، ކުށުގެ ށިކާރައަކަށްވާ ކުދިންގެ މައްސަލަތައް ބަލާ މުއައްސަސާއެއްގެ އެހީތެރިކަމާއި ބައިވެރިވުން އޮންނަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން، އެފަރާތްތަކަށް ލިބިދީފައިވާ އިހްތިޔާރީ ބާރުގެ ބޭނުން ހިފުމުގައި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ލަފައާއި އިރުށާދު ހޯދަންވާނެއެވެ. އަދި ރިސްކް އެސެސްޓްމަންޓްތަކާއި، ކުއްޖާގެ ހާލަތު އަންގައިދޭ ރިޕޯޓާއި އެނޫންވެސް ކުއްޖާގެ އެސެސްމަންޓެއް ހެދުމަށް މި ގާނޫނު ލާޒިމުކުރާ ހާލަތުގައި، ހެދޭ އެސެސްމަންޓްތަކުގައި ފާހަގަކުރާ ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

 
38 ވަނަ މާއްދާ - ޑައިވަރށަންގެ ނިޒާމުގެ ދަށުން ފިޔަވަޅު އެޅުން

(ހ) ގާނޫނާ ހިލާފުވާ ކުއްޖެއްގެ މައްޗަށް ޑައިވަރށަންގެ ފިޔަވަޅެއް އަޅަންވާނީ، އެކުއްޖާއާ ގުޅޭގޮތުން އަންނަނިވި ކަންކަން ފުރިހަމަވެފައިވާނަމައެވެ.

  1. އެކުއްޖާ އެ އަމަލު ހިންގިކަމަށް ގަބޫލުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައިވުން؛ އަދި
  2. އެކުއްޖާގެ އަމިއްލަ އިހްތިޔާރުގައި، މިނިވަންކަމާއެކު ކުށުގެ ޒިންމާ ގަބޫލުކުރުން؛ އަދި
  3. އެކުއްޖާ ކުށުގެ ޒިންމާ ގަބޫލުކުރަނީ ވަކި ފަރާތަކުން ނުފޫޒު ފޯރުވުމުގެ ސަބަބުން ކަމުގައިނުވުން؛ އަދި
  4. ޑައިވަރށަންގެ ނިޒާމުގެ ދަށުން ފިޔަވަޅު އެޅުމަށް އެކުއްޖާގެ ރުހުން ލިބިފައި އޮތުން؛ އަދި
  5. އެކުއްޖާގެ ރުހުމުގެ އިތުރުން، އެކުއްޖާގެ ބެލެނިވެރިޔާގެ ރުހުން ލިބިފައި އޮތުން.

(ށ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރާއި (5) ވަނަ ނަންބަރުގައި ބަޔާންކުރާ ރުހުން ހޯދަންވާނީ ލިޔުމުންނެވެ. އަދި ޑައިވަރށަންގެ ޕްރޮގްރާމެއްގައި ބައިވެރިކުރުމަށް ކުއްޖާގެ އަމިއްލަ އިހްތިޔާރުގައި ރުހުންދޭ ހާލަތުގައި، އެކަށީގެންވާ ސަބަބެއް އޮވެގެންމެނުވީ، ކުއްޖާގެ ބެލެނިވެރިޔާ ރުހުން ދިނުމަށް އިއުތިރާޟްކޮށްގެންނުވާނެއެވެ.

(ނ) ކުޑަކުއްޖެއްގެ މައްޗަށް ޑައިވަރށަންގެ ނިޒާމުގެ ދަށުން ފިޔަވަޅު އެޅުމާމެދު އެކުއްޖާއާއި އެކުއްޖާގެ ބެލެނިވެރިޔާގެ ރުހުން ހޯދުމުގެ ކުރިން އަންނަނިވި ކަންކަން ކަށަވަރުކުރަންވާނެއެވެ.

  1. ކުއްޖާއާމެދު އެޅޭނެ ފިޔަވަޅުގެ ޒާތާއި ބާވަތް އަދި އެ ފިޔަވަޅު އެކުއްޖާގެ މައްޗަށް ތަންފީޒުކުރެވޭނީ ކިހާ މުއްދަތަކަށްކަން ސާފުކޮށްދިނުން؛
  2. އެ ފިޔަވަޅަށް އިންކާރުކޮށްފިނަމަ ނުވަތަ އެ ފިޔަވަޅު ފުރިހަމަނުކޮށްފިނަމަ އެކުއްޖާގެ މައްޗަށް ޖިނާއީ ދައުވާ އުފުލިގެން ހިނގައިދާނެކަމާއި، ޑައިވަރށަންގެ ފިޔަވަޅު ފުރިހަމަކޮށް ނިންމައިފިނަމަ، އެކުއްޖާއާމެދު ތުހުމަތުކުރެވުނު ކުށުގެ މައްސަލަ ނިމުނީ ކަމުގައި ބެލޭނެކަން ސާފުކޮށްދިނުން؛
  3. އެކުއްޖާއާމެދު އެޅުމަށް ހަމަޖެހިފައިވާ ޑައިވަރށަންގެ ފިޔަވަޅާ ބެހޭގޮތުން ގާނޫނީ ލަފާ ހޯދުމަށް ފުރުސަތު ދިނުން.

(ރ) ޑައިވަރށަންގެ ނިޒާމުގެ ދަށުން ފިޔަވަޅު އެޅުމަށް ކުއްޖާގެ ރުހުން ހޯދުމުގައި، އެކުއްޖާ ކުރި އަމަލުގެ ޒިންމާ އޭނާ ގަބޫލުކުރުމަކީ، އެ ކުށާ ގުޅިގެން އޭނާގެ މައްޗަށް ދައުވާކުރެވޭނެ ސަބަބެއް ނޫނެވެ. އަދި ކުއްޖާ ކުރި އަމަލަށް އޭނާ އިއުތިރާފުވާ ހާލަތުގައި އޭނާގެ މައްޗަށް އެއްވެސް ޖިނާއީ ދައުވާއެއް އުފުލައިގެންނުވާނެއެވެ.

(ބ) ޑައިވަރށަންގެ ނިޒާމުގެ ތެރޭގައި ހިންގޭ އެއްވެސް ޕްރޮގްރާމެއްގައި ނުވަތަ ބޭއްވޭ އެއްވެސް ބައްދަލުވުމެއްގައި ކުއްޖާ ވެފައިވާ އެއްވެސް އިގްރާރެއް ނުވަތަ އިއުތިރާފެއް ނުވަތަ ދީފައިވާ އެއްވެސް ބަޔާނެއް، ގާނޫނު ތަންފީޒުކުރުމުގެ އެހެން އެއްވެސް މަރުހަލާއެއްގައި އޭނާއާ ދެކޮޅަކަށް ބޭނުމެއް ނުކުރެވޭނެއެވެ.

(ޅ) ޑައިވަރށަންގެ ފިޔަވަޅެއް އެޅުމުގައި މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅަށްވުރެ ގިނަ ފިޔަވަޅު އެޅުމަށް ނިންމިދާނެއެވެ.

(ކ) ކުޑަކުއްޖެއްގެ މައްޗަށް ކަނޑައެޅެނީ ޑައިވަރށަންގެ ފިޔަވަޅުތަކުގެ ތެރެއިން ކޮން ފިޔަވަޅެއްކަން ކަނޑައެޅުމުގައި، އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

  1. ކުއްޖާގެ އުމުރާއި ކުއްޖާގެ ބަދަލުވަމުންދާ ގާބިލިއްޔަތު؛
  2. ކުއްޖާ ތަސައްރަފު ފުދިފައިވާ މިންވަރު؛
  3. ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަން؛
  4. ކުއްޖާގެ ނަފްސާނީ ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރިކަން ނުވަތަ ނޫންކަން؛
  5. ކުއްޖާގެ އާއިލީ އަދި އިޖްތިމާއީ ހާލަތު؛
  6. ކުއްޖާ ކުރި އަމަލުގެ ޒާތާއި ބާވަތަށާއި އެ އަމަލުގެ ކުޑަބޮޑުމިނަށާއި، ވަށައިގެންވާ އެންމެހައި ހާލަތްތަކަށާއި، މުޖުތަމައުގެ މަސްލަހަތަށް ބަލާއިރު އެ ފިޔަވަޅަކީ އެކަށީގެންވާ ފިޔަވަޅެއްކަން ނުވަތަ ނޫންކަން.

 
39 ވަނަ މާއްދާ - ޑައިވަރށަން ފިޔަވަޅުގެ މުއްދަތު

(ހ) މި ގާނޫނުގެ ދަށުން ކުޑަކުއްޖަކާމެދު އެޅޭ ޑައިވަރށަންގެ ފިޔަވަޅެއްގެ މުއްދަތު، ޑައިވަރށަނަށް ފޮނުވާ ފަރާތުން ކަނޑައަޅަންވާނީ މި ގާނޫނާއި  މި ގާނޫނުގެ ދަށުން ޑައިވަރށަނަށް ކުއްޖަކު ފޮނުވޭނެކަމަށް ކަނޑައަޅާފައިވާ މުއްދަތަށްވުރެ އިތުރުނުވާނެ ގޮތެއްގެމަތިންނެވެ. އަދި، ޑައިވަރށަން ޕްލޭންގައި ޑައިވަރށަންގެ ފިޔަވަޅު ނިމޭނެކަމަށް ކަނޑައަޅާފައިވާ ތާރީހްގައި، އިތުރު ފަރާތެއްގެ މެދުވެރިވުމެއް ނެތި ޑައިވަރށަންގެ ފިޔަވަޅު ނިމުމަކަށް އަންނަންވާނެއެވެ.

(ށ) ޑައިވަރށަންގެ ފިޔަވަޅަށް ކުއްޖާ އެދެވޭގޮތަށް އިޖާބަދޭނަމަ، ކުއްޖާގެ އެސެސްމަންޓެއް ހެދުމަށްފަހު ކޭސް ކޮންފަރެންސިންގ ބާއްވައި، ކަމާ ގުޅުންހުރި މުއައްސަސާތަކުގެ މެދުގައި މަށްވަރާކޮށް ޑައިވަރށަންގެ ފިޔަވަޅު ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން އެ ފިޔަވަޅު ނިމުމަކަށް ގެނައުމުގެ އިހްތިޔާރު އެ ފިޔަވަޅު ކަނޑައެޅި ފަރާތަކަށް ލިބިގެންވެއެވެ.

(ނ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، އެއްވެސް ހާލަތެއްގައި އެއްވެސް މާނައެއްގައި ޑައިވަރށަންގެ ފިޔަވަޅެއް ފުރިހަމަކުރަމުންދާ ކުއްޖެއްގެ އުމުރުން މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރުމަކުން،   މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މެނުވީ، ޑައިވަރށަންގެ ފިޔަވަޅު ނިމުމަކަށް ނާންނާނެއެވެ.

 

40 ވަނަ މާއްދާ - ޑައިވަރށަންގެ ފިޔަވަޅުގެ ށަރުތުތައް

(ހ) ތުހުމަތުގައިވާ ކުއްޖާ އަމަލުކުރަންޖެހޭކަމަށް ކަނޑައަޅާ ޑައިވަރށަންގެ ފިޔަވަޅުގެ ށަރުތުތަކަކީ، ކުއްޖާއަށް އަމަލުކުރެވޭނެ، ސަރީހަކޮށް ބަޔާންކޮށްފައިވާ، ވީއެންމެ މަދު މިންވަރެއްގެ، އަދި ކުއްޖާ ޖިނާއީ ކުށެއް ތަކުރާރުނުކުރުމަށް ބާރުއަޅާނެ، ކުއްޖާއަށް ހެޔޮގޮތުގައި މުޖުތަމައަށް އެނބުރި އައުމަށް ފުރުސަތު އިތުރުކޮށްދޭ ފަދަ، އަދި އަނިޔާ ލިބުނު ފަރާތުގެ އިހުސާސްތަކަށް ރިއާޔަތްކުރާ ށަރުތުތަކަށް ވާންވާނެއެވެ.

(ށ) ޑައިވަރށަންގެ ފިޔަވަޅެއް ފެށުމުގެ ކުރިން، ތުހުމަތުގައިވާ ކުއްޖާއަށް އެފަދަ ފިޔަވަޅެއްގައި ހިމެނޭ ށަރުތުތަކާއި އެކުއްޖާއަށް ލިބިދޭ ހައްގުތައް އަނގަބަހުންނާއި ލިޔުމުން ތަފްސީލުކޮށް ބަޔާންކޮށްދޭންވާނެއެވެ.

(ނ) ތުހުމަތުގައިވާ ކުއްޖާ އިސްލާހުވަމުން އަންނަ މިންވަރަށް ބެލުމަށްފަހު، ޑައިވަރށަންގެ ފިޔަވަޅު ކަނޑައެޅި ފަރާތަކަށް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެ ފިޔަވަޅަށް ބަދަލުގެނައުމުގެ އިހްތިޔާރު ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ޑައިވަރށަންގެ ފިޔަވަޅަކަށް ބަދަލުގެންނަނަމަ، އެކަން ކުއްޖާއަށާއި ކުއްޖާގެ ބެލެނިވެރިޔާއަށާއި، ކުއްޖާގެ މައްޗަށް އެޅިފައިވާ ޑައިވަރށަން ފިޔަވަޅާ ގުޅުންހުރި ކަމާގުޅޭ މުއައްސަސާތަކަށް އަންގަންވާނެއެވެ.

 
41 ވަނަ މާއްދާ - ށަރުތުތަކާ ހިލާފުވުން

(ހ) ތުހުމަތުގައިވާ ކުއްޖާ އަމަލުކުރަންޖެހޭ ށަރުތުތަކާ ހިލާފުވެއްޖެނަމަ، ޑައިވަރށަންގެ ފިޔަވަޅު ކަނޑައެޅި ފަރާތަށް އެ ފިޔަވަޅު އިސްލާހު ނުވަތަ ބާތިލުކުރެވިދާނެއެވެ. ތުހުމަތުގައިވާ ކުއްޖާ ބަންދުނުކޮށް ބަހައްޓައިގެން އަޅާ އިސްލާހީ ފިޔަވަޅު އިސްލާހުކުރާނީ ނުވަތަ ބާތިލުކުރަންވާނީ މައްސަލައިގެ ބާވަތަށާއި ތުހުމަތުގައިވާ ކުއްޖާއާއި އެކުއްޖާ ސުޕަވައިޒްކުރާ އޮފިސަރާ    ދެ ފަރާތުން ހުށަހަޅާ މައުލޫމާތުތައް ފަރުވާތެރިކަމާއެކު ދިރާސާކުރުމަށްފަހުއެވެ.

(ށ) ޑައިވަރށަންގެ ފިޔަވަޅަކަށް އަމަލުނުކުރުމަކީ ކުއްޖާ ބަންދުގައި ބެހެއްޓުމަށް ކަނޑައެޅުން ލާޒިމުކުރާ ކަމެއްގެ ގޮތުގައި ބަލައިގެން ނުވާނެއެވެ. ޑައިވަރށަންގެ ފިޔަވަޅު އިސްލާހުކޮށްފި ނުވަތަ ބާތިލުކޮށްފި ހާލަތެއްގައި، ޑައިވަރށަންގެ އެ ފިޔަވަޅެއް ކަނޑައެޅި ފަރާތަކުން މަސައްކަތްކުރަންވާނީ ތުހުމަތުގައިވާ ކުއްޖާ ބަންދުގައި ބެހެއްޓުމަކާ ނުލައި އެޅިދާނެ އެންމެ އެކަށީގެންވާ އިސްލާހީ ފިޔަވަޅެއް އެޅުމަށެވެ.

(ނ) މި ގާނޫނާ ހިލާފަށް ޑައިވަރށަންގެ ފިޔަވަޅެއް އިސްލާހުކޮށްފިނަމަ ނުވަތަ ބާތިލުކޮށްފިނަމަ، ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކަށް އެ މައްސަލަ ހުށަހެޅުމުގެ ހައްގު ތުހުމަތުގައިވާ ކުއްޖާއަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، ކަމާގުޅޭގޮތުން މައްސަލަ ހުށަހެޅުމުގެ އިޖުރާއަތެއް، ކަމާބެހޭ މުއައްސަސާގައި ގާއިމުކޮށްފައިވާ ހާލަތުގައި، ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިން، އެ މައްސަލައެއް ހުށަހަޅަންވާނީ އެ އިދާރާއަކަށެވެ.

 

42 ވަނަ މާއްދާ - ޑައިވަރށަންގެ ދަށުން އެޅޭ ފިޔަވަޅު ފުރިހަމަކުރުމުން މައްސަލަ ނިމުން

(ހ) ކުޑަކުއްޖެއްގެ މައްޗަށް މި ގާނޫނުގެ ދަށުން އަޅާ ޑައިވަރށަންގެ ފިޔަވަޅެއް އެކުއްޖާ ފުރިހަމަކޮށް ނިންމައިފިނަމަ، އެކުއްޖާއާމެދު ތުހުމަތުކުރެވުނު ކުށުގެ މައްސަލަ ނިމުނީ ކަމުގައި ބެލޭނެއެވެ.

(ށ) ކުޑަކުއްޖެއްގެ މައްޗަށް ޑައިވަރށަންގެ ދަށުން އެޅޭ ފިޔަވަޅަކާގުޅޭ މައުލޫމާތު، ރެކޯޑު ބެލެހެއްޓުމުގެ ބޭނުމަށްޓަކައި ދައުލަތުގެ އިދާރާއަކުން ބެލެހެއްޓި ކަމުގައިވީނަމަވެސް، ޑައިވަރށަންގެ ޕްރޮގްރާމެއް ފުރިހަމަކުރާ ކުއްޖަކީ ކުށުގެ ރެކޯޑެއް އޮތް ކުއްޖެއް ކަމުގައި ބަލައިގެންނުވާނެއެވެ. އަދި އެއްވެސް ރެކޯޑަކުން އެފަދައިން ދައްކައިގެންވެސް ނުވާނެއެވެ.

 
43 ވަނަ މާއްދާ - ޑައިވަރށަންގެ މަރުހަލާގައި ފަރުވާ ލިބުން

(ހ) ޑައިވަރށަންގެ ނިޒާމު ރޭވިފައި އޮންނަންވާނީ، އެ ނިޒާމުގެ ތެރޭގައި ތިބޭ ތުހުމަތުގައިވާ ކުދިންނަށް، އެކުދިން ފުރިހަމަކުރަމުންދާ ޑައިވަރށަންގެ އެކިއެކި ފިޔަވަޅުތަކަށް އެކަށީގެންވާ މިންވަރުގެ، އަދި އެކުދިންނަށް ވަކިވަކިން ބޭނުންވާ ތަފާތު ބާވަތްތަކުގެ ފަރުވާތައް ލިބިދެވޭނެ ގޮތެއްގެމަތިންނެވެ. އެފަދަ ފަރުވާ ފޯރުކޮށްދިނުމުގައި، އެކަށީގެންވާ ތަމްރީނާއި އަމަލީ ތަޖުރިބާ ލިބިފައިވާ ފަންނީ މާހިރުން ބައިވެރިކުރަންވާނެއެވެ.

(ށ) ތުހުމަތުގައިވާ ކުއްޖާއަށް ފަރުވާއެއް ދިނުމަކީ ލާޒިމުކަމެއްކަމަށް އެއްވެސް ފަރާތަކުން ކަނޑައަޅައިފިނަމަ، ކުއްޖާގެ އާއިލީ އަދި އިޖްތިމާއީ ހާލަތާއި، ވިސްނުންތެރިކަމާއި، ވަކިން ހާއްސަކޮށް، ކުއްޖާ ކުށްކުރުމަށް މެދުވެރިކުރުވި ހާލަތުތައް ދެނެގަތުމަށް މަސައްކަތްކުރަންވާނެއެވެ.

(ނ) ޑައިވަރށަންގެ ފިޔަވަޅެއްގައި ސުޕަވައިޒުކުރުމަށް ނުވަތަ މޮނިޓަރކުރުމަށް ބަޔާންކޮށްފައިވާނަމަ، އެކަން ކުރަންވާނީ ކަނޑައެޅިފައިވާ ހާއްސަ ތަމްރީން ލިބިފައިވާ ޕްރޮބޭށަން އޮފިސަރުންނެވެ.

(ރ) ޑައިވަރށަންގެ ފިޔަވަޅުތަކުގެ ތެރެއިން ތުހުމަތުގައިވާ ކުއްޖާއަށް އެންމެ އެކަށީގެންވާ ފަރުވާއަކާއި ސުޕަރވިށަނެއް ކަނޑައަޅާނީ ކޮންމެ މައްސަލައަކަށް ވަކިން، އަދި ކުއްޖާ ކުށްކުރުމުން ދުރުހެލިވުމަށް އެންމެ އެހީތެރިވެދެވޭނެ ގޮތަކަށެވެ. އޭގެ އިތުރުން، ކުއްޖާއަށް ދެވޭ ފަރުވާއާއި ސުޕަރވިށަންގެ މިންވަރު ގަވާއިދުން މުރާޖައާކޮށް، އެ ހާލަތަކަށް ބޭނުންވާ ގޮތެއްގެމަތިން ބަދަލުކުރަންވާނެއެވެ.

(ބ) ތުހުމަތުގައިވާ ކުދިން މުޖުތަމައާ އޮންނަ ގުޅުން ހަރުދަނާކުރުމަށްޓަކައި، އަދި އެކުދިން ހެޔޮގޮތުގައި މުޖުތަމައަށް އެނބުރި އައުމަށްޓަކައި އެކުދިންނަށް ނަފްސާނީ، އިޖްތިމާއީ އަދި މާއްދީ އެހީތެރިކަމާއި ފުރުސަތުތައް ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ.

 

ނުވަވަނަ ބާބު

ތަހްގީގު މަރުހަލާ

 

އެއްވަނަ ބައި

ތަހްގީގުކުރުމާގުޅޭ އާންމު އުސޫލު

 

44 ވަނަ މާއްދާ - ޖިނާއީ ކުށް ތަހްގީގުކުރަން ނިންމާ މައްސަލަތައް

(ހ) ގާނޫނާ ހިލާފު އަމަލެއް ހިންގިކަމުގެ ތުހުމަތުގައިވާ ކުޑަކުއްޖަކާމެދު ޑައިވަރށަންގެ ދަށުން ފިޔަވަޅު އެޅުމުގެ ބަދަލުގައި، އެކުއްޖާގެ މައްސަލަ ތަހްގީގުކުރަން ނިންމައިފިނަމަ، އެ މައްސަލައެއް ތަހްގީގުކުރުމުގައި އަމަލުކުރަންވާނީ މި ބާބުގައި ބަޔާންކުރާ ގޮތުގެމަތިންނެވެ.

(ށ) ކުޑަކުދިން ކުރާ ކުށުގެ މައްސަލަތަކުގެ ތަހްގީގުގެ ހުރިހާ މަރުހަލާތަކެއްގައި މަސައްކަތްކުރަންވާނީ ޔުނިފޯމު ނާޅާ ފުލުހުންނެވެ

(ނ) ޑައިވަރށަންގެ ފިޔަވަޅެއް އެޅުމުގެ ބަދަލުގައި ތަހްގީގުކުރަން ނިންމާ މައްސަލަތަކުގައި، އެ މައްސަލައެއް ތަހްގީގުކޮށް ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވަން ނިންމައިފިނަމަ، އެ މައްސަލަ ފޮނުވަންވާނީ ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމާއި އިޖްތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓާއި، ތަހްގީގު މަރުހަލާގައި ކުއްޖާއަށް ދެވިފައިވާ ފުރުސަތުތަކާއި އެޅިފައިވާ ފިޔަވަޅުތަކާ އެކުގައެވެ.

(ރ) ކުޑަކުދިން ކުރާ ކުށުގެ މައްސަލަތަކުގެ ތަހްގީގުގެ ހުރިހާ މަރުހަލާއެއްގައިވެސް އެކުދިންނާ މުއާމަލާތުކުރަންވާނީ އެކުދިންގެ އުމުރާ އެކަށީގެންވާ ގޮތަށް، އެކުދިންނަށް ފަސޭހައިން ދޭހަވާނެގޮތަށެވެ.

 

45 ވަނަ މާއްދާ - ކުއްޖާގެ އިޖްތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓު

(ހ) ކުއްޖާގެ އިޖްތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓު އެކުލަވާލަންވާނީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ ޑިޕާޓްމަންޓުން ގަބޫލުކުރާ ފެންވަރުގެ ފަންނީ ތަޖުރިބާކާރެކެވެ.

(ށ) މި މާއްދާގައި ބަޔާންކުރާ ކުއްޖާގެ އިޖްތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓު ހެދުމުގައި އަމަލުކުރާނެ މިންގަނޑުތައް،  މި ގާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުއްޖާގެ އިޖްތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓު ހިއްސާކުރަންވާނީ ހަމައެކަނި އަންނަނިވި ފަރާތްތަކަށެވެ.

  1. ކުއްޖާއާއި އޭނާގެ ބެލެނިވެރިންނަށް؛
  2. ޖުވެނައިލް ކޯޓު.

(ރ) މި މާއްދާގެ (ނ) ގެ ދަށުން، ކުއްޖާގެ އިޖްތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓު، އެކުއްޖާއަށާއި އޭނާގެ ބެލެނިވެރިޔާއާ ހިއްސާކުރުމުގައި، އެ ރިޕޯޓު އެއްކޮށް ހިއްސާކުރުމުގެ ބަދަލުގައި، ކޯޓުން ކަނޑައަޅާ ވަކި މިންވަރަކަށް އެ ރިޕޯޓު ހިއްސާކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

 
ދެވަނަ ބައި

ހައްޔަރުކުރުމާއި ބަންދުކުރުން

 
46 ވަނަ މާއްދާ - ހައްޔަރުކުރުމާއި ބަންދުކުރުމަކީ އެންމެ ފަހުގެ ފިޔަވަޅު ކަމުގައިވުން

ގާނޫނާ ހިލާފުވާ ކުޑަކުއްޖަކާމެދު މި ގާނޫނުގެ ދަށުން އެޅޭ ފިޔަވަޅެއްގެ ގޮތުން އޭނާ ހައްޔަރުކުރަންވާނީ ނުވަތަ ބަންދުކުރަންވާނީ އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުންނެވެ. ކުއްޖަކު ހައްޔަރުކުރެވޭ ނުވަތަ ބަންދުކުރަންޖެހޭ ހާލަތުގައިވެސް އެކުއްޖާ ހައްޔަރުކުރަންވާނީ ނުވަތަ ބަންދުކުރަންވާނީ، އެ ހާލަތެއް ލާޒިމުކުރާ އެންމެ ކުރު މުއްދަތަކަށެވެ. އަދި ކުޑަކުއްޖަކު ބަންދުކުރުމަށް ނިންމޭ ނިންމުމަކީ ގަވާއިދުން މުރާޖައާކުރެވޭ ނިންމުމަކަށް ވާންވާނެއެވެ.

 

47 ވަނަ މާއްދާ - ހިފެހެއްޓުނުކަމުގެ ނުވަތަ ހައްޔަރުކުރެވުނު ކަމުގެ މައުލޫމާތު އެންގުން

(ހ) ކުށެއްގެ ތުހުމަތުގައި ކުއްޖަކު ހިފެހެއްޓިއްޖެނަމަ ނުވަތަ ހައްޔަރުކުރެވިއްޖެނަމަ، އޭނާ ހިފެހެއްޓުނު ނުވަތަ ހައްޔަރުކުރެވުނު ސަބަބާއި، އޭނާއަށް ލިބިގެންވާ ހައްގުތައް، ވަގުތުން، އަދި އޭނާގެ އުމުރާ އެކަށީގެންވާ ގޮތަކަށް ސާފުކޮށްދޭންވާނެއެވެ.

(ށ) ކުށެއްގެ ތުހުމަތުގައި ކުޑަކުއްޖަކު ހިފެހެއްޓިއްޖެނަމަ ނުވަތަ ހައްޔަރުކުރެވިއްޖެނަމަ، އެކުއްޖެއްގެ ބެލެނިވެރިޔާއަށް ނުވަތަ ކުއްޖާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ އެހެން ފަރާތަކަށް އަދި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް އެކަން، އަންނަނިވި މައުލޫމާތާއެކު ވަގުތުން އަންގަންވާނެއެވެ.

  1. އެކުއްޖާ ހިފެހެއްޓުނީ ނުވަތަ ހައްޔަރުކުރެވުނީ ކީއްވެގެންކަން؛ އަދި
  2. އެކުއްޖާ ހިފެހެއްޓުމަށްފަހު ނުވަތަ ހައްޔަރުކުރެވުމަށްފަހު އެކުއްޖާ ގެންދެވިފައިވާ ތަން.

(ނ) ކުއްޖާގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔާއާ ގުޅޭނެ ގޮތެއް ނުވެއްޖެނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކުރާ އެންގުން އަންގާނެ ފަރާތެއްގެ މައުލޫމާތު ކުއްޖާގެ ކިބައިން ނުވަތަ އެނޫންވެސް ފަރާތެއްގެ ކިބައިން ސާފުކުރުމަށްފަހު، އެފަރާތަކަށް ވަގުތުން އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ގޮތުގެމަތިން ކުއްޖާ ދޭ މައުލޫމާތާ އެއްގޮތަށް ކުއްޖާގެ ބެލެނިވެރިޔާ ނޫން އެހެން ފަރާތަކަށް އަންގާނަމަ، އެކަން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ސަމާލުކަމަށް ގެންނަންވާނެއެވެ.

 

48 ވަނަ މާއްދާ - ބާރުގެ ބޭނުންކުރުމާއި ހައްޔަރުކުރަން ބޭނުންކުރާ އާލާތްތައް ބޭނުންނުކުރުން

(ހ) މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މެނުވީ، ކުޑަކުއްޖަކު ހިފަހައްޓާއިރު ނުވަތަ ހައްޔަރުކުރާއިރު ނުވަތަ އެކުއްޖާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނައިރު އެކުއްޖާއާމެދު ބާރުގެ ބޭނުންކޮށްގެން ނުވަތަ ހައްޔަރުކުރަން ބޭނުންކުރާ އާލާތެއް ބޭނުންކޮށްގެންނުވާނެއެވެ. އަދި ކުޑަކުއްޖަކު ހިފަހައްޓާއިރު ނުވަތަ ހައްޔަރުކުރާއިރު އެންމެ ފުރަތަމަ މަސައްކަތްކުރަންވާނީ ކުއްޖާއާ ވާހަކަ ދައްކައިގެން އެކުއްޖާގެ އެއްބާރުލުން ހޯދުމަށެވެ.

(ށ) ކުޑަކުއްޖަކު ހިފެހެއްޓުމުގައި ނުވަތަ ހައްޔަރުކުރުމުގައި ނުވަތަ އެނޫންވެސް ގޮތަކަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގައި ބާރުގެ ބޭނުންކުރަންވާނީ، ހަމައެކަނި ހާއްސަ ހާލަތްތަކުގައި، އެކުއްޖާ ފުލުހުންގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ބޭނުންކުރެވެން ހުރި އެހެން ވަސީލަތްތައް ބޭނުންކުރުމަށްފަހު، އެކަން ކާމިޔާބު ނުވެއްޖެ ހާލަތެއްގައި އެކަންޏެވެ.

(ނ) މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި ހާއްސަ ހާލަތްތައް ކަމަށް ބުނެފައި އެވަނީ، އެކުއްޖާގެ ފަރާތުން އެހެން މީހަކަށް ނުވަތަ އެކުއްޖާގެ އަމިއްލަ ނަފްސަށް ގެއްލުމެއް ދޭން މަސައްކަތްކުރާ ހާލަތުގައި އަދި/ނުވަތަ އެކުއްޖާ ފުލުހުންނަށް އެއްބާރުލުން ނުދޭން ކަނޑައެޅިގެން މަސައްކަތްކުރާ ހާލަތްތަކަށެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ހާލަތުގައިވެސް ކުޑަކުއްޖެއްގެ މައްޗަށް ބާރުގެ ބޭނުންކުރަންވާނީ ނުވަތަ އޭނާ ހައްޔަރުކުރުމަށްޓަކައި ހައްޔަރުކުރަން ބޭނުންކުރާ އާލާތެއް ބޭނުންކުރަންވާނީ، ކޮންމެހެން ބޭނުންވާ އެންމެ ކުޑަ މިންވަރަކަށް އަދި އެންމެ ކުޑަ ވަގުތަކަށެވެ. އަދި އެކަމަކީ ކުށް ކުރި ހާލަތާ އެކަށީގެންވާ ކަމެއް ކަމުގައިވާނަމައެވެ. އެއްވެސް ހާލެއްގައި، ކުއްޖާ ލަދުގަންނާނެ ފަދަ ގޮތަކަށް އެކަން ކޮށްގެންނުވާނެއެވެ.

(ބ) ހައްޔަރުކުރަން ބޭނުންކުރެވޭ އަންނަނިވި އާލާތްތަކުގެ ތެރެއިން އާލާތެއް އެއްވެސް ހާލެއްގައި ކުޑަކުއްޖަކު ހިފެހެއްޓުމުގައި ނުވަތަ ހައްޔަރުކުރުމުގައި ނުވަތަ ކުޑަކުއްޖަކު ބަންދުގައި ބަހައްޓާފައި ހުންނައިރު ބޭނުންކޮށްގެންނުވާނެއެވެ.

  1. ވަޅިއާއި ބަޑި؛
  2. ބިޑި ނުވަތަ ދަގަނޑު ނުވަތަ ޗޭނު ނުވަތަ ހިލިހިލާ؛
  3. ޓޭޒަރ ނުވަތަ އެފަދަ އެއްޗެއް؛
  4. ޕެޕަރ ސްޕްރޭ ނުވަތަ އެފަދަ އެއްޗެއް؛
  5. ސްޓްރެއިޓް ޖެކެޓް؛
  6. ތަދު އިހުސާސްކޮށްދޭ އާލާތްތައް.

(ޅ) މި މާއްދާގެ ދަށުން ކުއްޖަކާ ދެކޮޅަށް ބާރުގެ ބޭނުންކޮށްފިނަމަ ނުވަތަ ހައްޔަރުކުރަން ބޭނުންކުރާ އާލާތެއް ބޭނުންކޮށްފިނަމަ، އެކަމުގެ މައުލޫމާތު ލިޔުމުން ރެކޯޑުކުރުމާއެކު، އެ މައުލޫމާތު ޖުވެނައިލް ކޯޓަށާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ފޮނުވަންވާނެއެވެ.

(ކ) ކުޑަކުއްޖަކު ހައްޔަރުކުރާ ތަނެއްގައި ތިބޭ ފުލުހުން، އެކުދިންނަށް ފެންނަ ތަނެއްގައި އެއްވެސް ހަތިޔާރެއް ގެންގުޅެގެންނުވާނެއެވެ.

(އ) މި މާއްދާގެ (ކ) އެހެން އޮތްނަމަވެސް، ނުރައްކާތެރި ކުށެއް ހިނގަމުންދާކަމުގެ މައުލޫމާތު ލިބިގެން އެ ކުށެއް ކުރަމުންދާ ކަމަށް ބެލެވޭ ތަނަކަށް ނުވަތަ ކުށެއް ހިނގައިގެންއުޅޭ ތަނަކަށް ފުލުހުން ދާ ހާލަތުގައި، އަދި އެއީ ހަތިޔާރު ބޭނުންކުރުން ފުލުހުންނަށް ހުއްދަވެގެންވާ ހާލަތެއް ކަމުގައިވާނަމަ، އެ ހާލަތުގައި އެ ނުރައްކާ ނައްތާލުމަށްޓަކައި ފުލުހުން ބޭނުންކުރުން ގާނޫނުން ހުއްދަކޮށްފައިވާ އާލާތްތައް ބޭނުންކުރުމަށް މި މާއްދާ ހުރަހެއް ނާޅައެވެ. އެ ހާލަތުގައިވެސް ކުޑަކުއްޖަކާ ދެކޮޅަށް ބާރުގެ ބޭނުންކުރަންވާނީ، އަދި ފުލުހުން އަމަލުކުރަންވާނީ، މި މާއްދާގެ (ށ) އާއި (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

49 ވަނަ މާއްދާ - ބެލެނިވެރިޔާ ނުވަތަ މަސްލަހަތު ހިމާޔަތްކުރާނެ ފަރާތެއް ހާޒިރުވެ ހުރުމުގެ ހައްގު

(ހ) ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކޮންމެ ކުއްޖަކަށްވެސް އަންނަނިވި ހައްގުތައް ލިބިގެންވެއެވެ.

  1. އެކުއްޖާ ބަންދުކުރެވޭ ތަނުގެ މައުލޫމާތު އެކުއްޖާގެ ބެލެނިވެރިޔާއަށް އެނގުމުގެ ހައްގު؛ އަދި
  2. އެކުއްޖާ ކުރިކަމަށް ބެލެވޭ ކުށުގެ ތަހްގީގުގައި، އޭނާގެ ބެލެނިވެރިޔާ ނުވަތަ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދޭނެ އެހެން ފަރާތެއް ހާޒިރުވެ ހުރުމުގެ ހައްގާއި އެއިން ފަރާތެއްގެ ހާޒިރުގައި މެނުވީ ސުވާލުނުކުރުމުގެ ހައްގު.

(ށ) އަންނަނިވި ހާލަތްތަކުގައި ފުލުހުންގެ އޮފިސަރު ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް އަންގައި، އެ ޑިޕާޓްމަންޓްގެ ކަމާބެހޭ މުވައްޒަފުން ކުއްޖާއާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ.

  1. ކުއްޖާ ފުލުހުންގެ މަރުކަޒަށް ގެންދެވޭތާ 2 (ދޭއް) ގަޑިއިރުވާއިރު ކުއްޖާގެ ބެލެނިވެރިޔާއާ ގުޅޭގޮތް ނުވުން؛
  2. ކުއްޖާގެ ބެލެނިވެރިޔާ ފުލުހުންގެ މަރުކަޒަށް ހާޒިރުވާން އިންކާރުކުރުން؛
  3. ކުއްޖާ ކުރިކަމަށް ތުހުމަތުކުރެވޭ ކުށް ކުރުމުގައި ކުއްޖާގެ ބެލެނިވެރިޔާ ބައިވެރިވާކަމަށް ގަބޫލުކުރުމުގައި އެކަށީގެންވާ ހެކި ލިބިފައިވުން.

 

50 ވަނަ މާއްދާ - ގާނޫނީ ވަކީލެއްގެ އެހީ ހޯދައި ލިބިގަތުން

(ހ) ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކޮންމެ ކުއްޖަކަށްވެސް، އެހިނދުން ފެށިގެން އޭނާގެ މައްސަލައާމެދު ގޮތެއް ނިމެންދެން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ލިބިގެންވެއެވެ.

(ށ) ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުއްޖަކަށް ގާނޫނީ ވަކީލަކު ހަމަޖެއްސެން ނެތްނަމަ، އެކުއްޖަކަށް އަންނަނިވި ކަންކަން ހަމަޖައްސައިދޭންވާނެއެވެ.

  1. ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއް ހަމަޖައްސައިދިނުން؛ އަދި
  2. ކުއްޖާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ އެހެން ފަރާތެއްގެ އެހީ ލިބޭނެގޮތް ހަމަޖައްސައިދިނުން.

(ނ) މި މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން ގާނޫނީ ވަކީލަކާއި ކުއްޖާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތްތައް ހަމަޖެހި، އެފަރާތްތަކާ އެކުއްޖާއާ މަށްވަރާކުރެވެންދެން އެކުއްޖަކު ހައްޔަރުކުރެވުނު ކުށާ ގުޅިގެން އެކުއްޖާއާ އެއްވެސް ސުވާލެއް ކޮށްގެންނުވާނެއެވެ.

(ރ) ކުއްޖާއާއި އެކުއްޖާގެ ގާނޫނީ ވަކީލާއި އެކުއްޖާގެ މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތާ މަށްވަރާކުރުމުގެ ފުރުސަތު ފުލުހުން ދޭންވާނެއެވެ.

(ބ) ކުއްޖާއާއި އެކުއްޖާގެ ގާނޫނީ ވަކީލާއި އެކުއްޖާގެ މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތާ ދެމެދު ދެކެވޭ ވާހަކަތަކާއި، ބަދަލުކުރެވޭ ލިޔެކިޔުމަކީ ސިއްރު، އަދި ހިމާޔަތް ލިބިގެންވާ މުއާމަލާތްތަކެކެވެ.

 
51 ވަނަ މާއްދާ - ތަރުޖަމާނެއްގެ އެހީ

(ހ) ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުއްޖަކީ ދިވެހި ބަސް ނޭނގޭ ނުވަތަ ވާހަކަ ނުދެއްކޭ ނުވަތަ އަޑުނީވޭ ކުއްޖެއް ކަމުގައިވާނަމަ، އެހިނދުން ފެށިގެން، އޭނާގެ މައްސަލައާމެދު ގޮތެއް ނިމެންދެން، ތަރުޖަމާނެއްގެ ނުވަތަ އެކުއްޖާގެ މަސްލަހަތު ދިފާއު ކޮށްދެވޭނެ ފަރާތެއް ނުވަތަ ކުއްޖާއާ މުއާމަލާތް ކުރެވޭނެ ފަރާތެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުއްޖާއަށް އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތެއް ހަމަޖެހެންދެން އެކުއްޖަކު ހައްޔަރުކުރެވުނު ކުށާ ގުޅިގެން އެކުއްޖާއާ އެއްވެސް ސުވާލެއް ކޮށްގެންނުވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކުއްޖާއަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތާއި ކުއްޖާއާ ދެމެދު ދެކެވޭ ވާހަކަތައް އެހީތެރިޔާއަށާއި ކުއްޖާއަށް ފަހުމްވާކަން ޔަގީންކުރުމަށްޓަކައި ކުއްޖާއާ ސުވާލުކުރަން ފެށުމުގެ ކުރިން، އެކުއްޖާގެ އެހީތެރިޔާއާ ބައްދަލުކޮށް މަށްވަރާކުރުމުގެ ފުރުސަތު ފުލުހުން ދޭންވާނެއެވެ.
ކޮންސިއުލަރ އެހީ ހޯދުމުގެ ހައްގު

 

52 ވަނަ މާއްދާ - ކޮންސިއުލަރ އެހީ ހޯދުމުގެ ހައްގު

(ހ) ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުޑަކުއްޖަކީ ބޭރު ގައުމެއްގެ ރައްޔިތެއް ކަމުގައިވާނަމަ، އޭނާ ނިސްބަތްވާ ގައުމުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ޑިޕްލޮމެޓިކް ނުވަތަ ކޮންސިއުލަރ ރެޕްރެޒެންޓެޓިވްއާ ގުޅުމުގެ ހައްގު އެކުއްޖަކަށް ލިބިގެންވެއެވެ.

(ށ) ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ބޭރު ގައުމެއްގެ ކުޑަކުއްޖަކީ ރެފިއުޖީއެއް ކަމުގައިވާނަމަ، ނުވަތަ ވަކި ގައުމަކަށް ނިސްބަތްނުވާ ކުއްޖެއް ކަމުގައިވާނަމަ، ނުވަތަ އޭނާ ނިސްބަތްވާ ގައުމު ތަމްސީލުކުރާ ޑިޕްލޮމެޓެއް ނުވަތަ ކޮންސިއުލަރ ރެޕްރެޒެންޓެޓިވްއެއް، ދިވެހިރާއްޖޭގައި ނެތް ގައުމެއްގެ ކުއްޖެއް ކަމުގައިވާނަމަ، އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދޭނެ އެހެން ގައުމެއްގެ ނުވަތަ ބައިނަލްއަގްވާމީ ނުވަތަ އެނޫންވެސް ޖަމްއިއްޔާއެއް ތަމްސީލުކުރާ ފަރާތަކާ ގުޅުމުގެ ހައްގު އެކުއްޖަކަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ހައްގުގެ ބޭނުން ހިފުމުގެ ފުރުސަތު، އެކުއްޖާ ހިފެހެއްޓުމާއެކު ނުވަތަ ހައްޔަރުކުރެވުމާއެކު ވަގުތުން ދޭންވާނެއެވެ.

(ރ) ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުޑަކުއްޖަކީ ބޭރު ގައުމެއްގެ ރައްޔިތެއްކަމަށްވާނަމަ، ނުވަތަ ރެފިއުޖީއެއްކަމަށްވާނަމަ، ތަހްގީގުކުރާ އިދާރާއިން، ސަރުކާރުގެ ހާރިޖީ ސިޔާސަތުތައް ތަންފީޒުކުރުމަށް އެކަށައަޅާފައިވާ ވުޒާރާ މެދުވެރިކޮށް ނުވަތަ މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް މުއާމަލާތުކުރުމުގެ ފުރުސަތު އެކުއްޖަކަށް ހަމަޖައްސައިދޭންވާނެއެވެ.

 

53 ވަނަ މާއްދާ - ކުޑަކުދިން ބަންދުކުރާ މަރުކަޒުތަކުގައި ހައްޔަރުކުރުމަށް ބޭނުންކުރެވޭ އާލާތްތައް ބޭނުންނުކުރުން

މި ބާބުގެ ދަށުން ކުޑަކުދިން ބަންދުކުރެވޭ މަރުކަޒުތަކުގައި،  މި ގާނޫނުގެ 48 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ އެއްވެސް ބާވަތެއްގެ އާލާތެއް ބޭނުންކޮށްގެންނުވާނެއެވެ.

 

 
ތިންވަނަ ބައި

ސުވާލުކުރުމާއި ބަލައި ފާސްކުރުން

 

54 ވަނަ މާއްދާ - ތަހްގީގުގައި ސުވާލުކުރުމާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުން

(ހ) ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުޑަކުއްޖަކާ ސުވާލުކުރަންޖެހިއްޖެ ހާލަތެއްގައި މެނުވީ، އަދި އޭނާ ފިލާފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރުނުވެދާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ނުވަތަ ހެއްކަށް ނުފޫޒު ފޯރުވާފާނެކަމަށް ނުވަތަ ހެކި ނައްތާލަފާނެކަމަށް ބެލެވޭ ހާލަތެއްގައި މެނުވީ، ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުޑަކުއްޖަކާ ސުވާލުކުރުމަށްޓަކައި އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެންނުވާނެއެވެ.

(ށ) ޖިނާއީ ބޮޑު ކުށެއް ފިޔަވައި އެނޫން ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުޑަކުއްޖަކާ ސުވާލުކުރަންޖެހިއްޖެ ހާލަތެއްގައި، އޭނާއާ ސުވާލުކުރުމަށްޓަކައި ފުލުހުންގެ މަރުކަޒަކަށް ނުވަތަ ކުއްޖާއާ ރަހްމަތްތެރި މާހައުލަކަށް ހާޒިރުވާން އެންގުމަށްފަހު އޭނާއާ ސުވާލުކޮށް ނިމުމުން އޭނާ ދޫކޮށްލަންވާނެއެވެ.

(ނ) ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުޑަކުއްޖަކާ ސުވާލުކުރަންޖެހިއްޖެ ހާލަތެއްގައި، އަދި އޭނާ ފިލާފާނެ ކަމަށް ބެލެވޭ ހާލަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓޭ ކުއްޖަކުވެސް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަކާ ނުލައި ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓޭނީ، ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ މުއްދަތަށެވެ.

(ރ) ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުޑަކުއްޖަކާ ސުވާލުކުރުމަށްޓަކައި ފުލުހުންގެ މަރުކަޒަކަށް ހާޒިރުކުރެވުމާއެކު އެކުއްޖާގެ މައުލޫމާތު ނަގައި، ލިޔުމުން ރެކޯޑުކުރަންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން ފުލުހުންގެ މަރުކަޒަކަށް ގެންދެވޭ ކުޑަކުއްޖަކު، މީހަކަށް ނުވަތަ އަމިއްލަ ނަފްސަށް ނުވަތަ އެހެން ފަރާތަކަށް ނުވަތަ މުދަލަށް ގެއްލުން ދޭން މަސައްކަތްކުރާ ހާލަތެއްގައި މެނުވީ، އެކުއްޖާގެ ގައިގައި އަތްލައިގެން ނުވާނެއެވެ.

(ޅ) ފުލުހުންގެ މަރުކަޒަކަށް ގެންދެވޭ ކުޑަކުއްޖަކާ ހުރިހާ ވަގުތެއްގައިވެސް ސުވާލުކުރަންވާނީ، ހާއްސަ ތަމްރީން ލިބިފައިވާ ފުލުހުންނެވެ.

(ކ) ކުށުގެ ތުހުމަތުގައިވާ ކުޑަކުއްޖަކާ ސުވާލުކުރަންވާނީ، އެކުއްޖާގެ އުމުރަށާއި އެކުއްޖާއަށް ކަންކަން ފަހުމްވާ މިންވަރަށާއި އެކުއްޖާގެ ސިއްހީ އަދި އިޖްތިމާއީ ހާލަތަށް ރިއާޔަތްކުރުމަށްފަހު، އަންނަނިވި ކަންކަން ކަށަވަރުވާނެ ގޮތެއްގެމަތިންނެވެ.

  1. ނިދުމަށާއި އަރާމުކުރަން އެކަށީގެންވާ ވަގުތު ލިބުން؛
  2. ގިނަވެގެން 2 (ދޭއް) ގަޑިއިރަށްވުރެ އިތުރުނުވާގޮތަށް ސުވާލުކުރުން؛
  3. ހެނދުނު 8 ގެ ކުރިން އަދި ރޭގަނޑު 10 ގެ ފަހުން ކުޑަކުއްޖަކާ ސުވާލުނުކުރުން؛
  4. ކޮންމެ ދުވާލެއްގެ މައްޗަށް މަދުވެގެން 4 ފަހަރަށްވާ ގޮތަށް ކެއުމާއި ބުއިން ހަމަޖައްސައިދިނުން؛
  5. ފާހާނާއާއި ތާހިރުވާނެ ވަސީލަތްތައް ފޯރުކޮށްދިނުން.

(އ) ކުށުގެ ތުހުމަތުގައިވާ ކުޑަކުއްޖަކާ ސުވާލުކުރަންވާނީ، އެކުއްޖާގެ ބެލެނިވެރިއެއް، ނުވަތަ ބެލެނިވެރިއަކަށް ހާޒިރުވެވެން ނެތް ހާލަތެއްގައި، އެކުއްޖެއްގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ އެހެން ފަރާތެއްގެ ހާޒިރުގައެވެ.

 
55 ވަނަ މާއްދާ - ބަލައި ފާސްކުރުން

(ހ) މި ގާނޫނުގެ 56 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި އެނޫން ހާލަތްތަކުގައި، އެކަށީގެންވާ ސަބަބެއް އޮވެގެން ކުއްޖަކު ބަލައި ފާސްކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، މި މާއްދާގައިވާ ގޮތުގެމަތިން ފުލުހުންނަށް ކުޑަކުއްޖަކު ބަލައި ފާސްކުރެވިދާނެއެވެ.

(ށ) ކުޑަކުއްޖަކު ބަލައި ފާސްކުރުމުގެ ކުރިން، އެކުއްޖާ ބަލައި ފާސްކުރަން އުޅޭ ކަމާއި، އެކުއްޖާ ބަލައި ފާސްކުރެވެނީ ކީއްވެގެންކަން، އެކުއްޖާއަށް ފަހުމްވާނެ ގޮތަކަށް ސާފުކޮށްދޭންވާނެއެވެ.

(ނ) ކުޑަކުއްޖަކު ބަލައި ފާސްކުރަންވާނީ، އެކުއްޖާގެ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތުގެމަތިން، އެކުއްޖާއާ އެއް ޖިންސެއްގެ ފުލުހެކެވެ. އެއް ޖިންސެއްގެ ފުލުހެއް ނެތްނަމަ، ކުއްޖާ ބަލައި ފާސްކުރާނީ، އެކުއްޖާގެ މަސްލަހަތު ހިމާޔަތްކުރާނެ އެކުއްޖާއާ އެއް ޖިންސެއްގެ ފަރާތެއް މެދުވެރިކޮށެވެ.

(ރ) ކުއްޖާގެ ހަށިގަނޑުގެ ބޭރުން ބަލައި ފާސްކުރާ ކުރުން ފިޔަވައި، ކުއްޖެއްގެ އަންނައުނު ބޭލުމަށްފަހު އެކުއްޖާގެ ހަށިގަނޑު ބަލައި ފާސްކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރަންވާނީ، މި ގާނޫނުގެ 56 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.

 

56 ވަނަ މާއްދާ - ޖިންސީ ގުނަވަން ބަލައި ފާސްކުރުމާއި އެތެރެހަށީގެ ސާމްޕަލް ނެގުން

(ހ) ކުޑަކުއްޖަކު ބަލައި ފާސްކުރުމުގައި، އޭނާގެ ޖިންސީ ގުނަވަނެއް ހާމަކުރަން ޖެހޭކަމަށްވާނަމަ، ނުވަތަ އެއިން ގުނަވަނެއް ބަލައި ފާސްކުރަންޖެހޭކަމަށްވާނަމަ، ނުވަތަ އެތެރެހަށީގެ ސާމްޕަލެއް ނަގަންޖެހިއްޖެނަމަ، އެކަން ކުރަންވާނީ، އެ މައްސަލައާގުޅޭ ވަކި ހެއްކެއް ހުރީ އެކުއްޖާގެ ގައިގައިކަން ގަބޫލުކުރެވޭ އެކަށީގެންވާ ހެކި ފުލުހުންނަށް ލިބިފައިވާކަން ގާޟީއަށް ގަބޫލުކުރެވޭނަމަ، ކޯޓު އަމުރެއްގެ ދަށުން،      އެ އަމުރުގައި ބަޔާންވެގެންވާ ގޮތެއްގެމަތިންނެވެ.

(ށ) ކުޑަކުއްޖެއްގެ ޖިންސީ ގުނަވަނެއް ބަލައި ފާސްކުރަންވާނީ ނުވަތަ އެތެރެހަށީގެ ސާމްޕަލް ނަގަންވާނީ، އަންނަނިވި ހާލަތްތަކުގައި، ޑޮކްޓަރެއް ނުވަތަ ހުއްދަލިބިފައިވާ ސިއްހީ އެހީތެރިއެއްގެ އެހީގައެވެ.

  1. އެތެރެހަށީގެ ސާމްޕަލެއް ނަގައިގެން މެނުވީ،    އެ މައްސަލައިގެ ތަހްގީގު ކުރިއަށްގެންދެވެން ނެތުން؛ އަދި
  2. އެ މައްސަލައާ ގުޅޭ ވަކި ހެއްކެއް ހުރީ އެކުއްޖާގެ ގައިގައި ކަމަށް ގަބޫލުކުރުމުގައި އެކަށީގެންވާ ހެކި ލިބިފައިވުން؛
  3. އެފަދައިން އެތެރެހަށީގެ ސާމްޕަލެއް ނެގުމަކީ ކުއްޖާގެ ސިއްހަތަށް ގެއްލުންވާނެ ކަމެއް ކަމުގައިނުވުން.

(ނ) ކުޑަކުއްޖެއްގެ އެތެރެހަށީގެ ސާމްޕަލް ނަގަންވާނީ ސިއްހީ ހިދުމަތްދޭ މަރުކަޒެއްގައެވެ.

(ރ) ކުޑަކުއްޖާގެ އެދުމުގެ މަތިން މެނުވީ ކުޑަކުއްޖެއްގެ ޖިންސީ ގުނަވަނެއް ބަލައި ފާސްކުރަންވާނީ ނުވަތަ އެތެރެހަށީގެ ސާމްޕަލް ނަގަންވާނީ އެކުއްޖާގެ ބެލެނިވެރިއެއްގެ ހާޒިރުގައެވެ.

(ބ) މި މާއްދާގެ (ރ) އެހެން އޮތްނަމަވެސް، ކުޑަކުއްޖާގެ މައިންބަފައިން ނުވަތަ ބެލެނިވެރިއެއްގެ ހާޒިރުގައި އެކުއްޖާ ބަލައި ފާސްކުރަން ނުވަތަ ސާމްޕަލް ނަގަން އެކުއްޖާ ބޭނުންނުވާނަމަ، އެކުއްޖާގެ ބެލެނިވެރިޔާ ހާޒިރުގައި ބަހައްޓައިގެންނުވާނެއެވެ. އެހެންނަމަވެސް، އެ ހާލަތުގައިވެސް ކުއްޖާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ އެހެން މީހަކު އެތަނުގައި ހާޒިރުވެ ހުންނަންވާނެއެވެ.

 

57 ވަނަ މާއްދާ - ހާއްސަ ހާލަތްތަކުގައިވާ ކުދިންނާގުޅޭ ގަވާއިދު ހެދުން

ކުޑަކުދިންގެ މައްސަލަތައް ތަހްގީގުކުރުމުގައި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ މަށްވަރާގެ މަތިން، އަންނަނިވި ހާލަތްތަކުގައިވާ ކުޑަކުދިންނާ ގުޅޭގޮތުން އަމަލުކުރާނެ ހާއްސަ އުސޫލުތަކެއް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ހ) ޖިސްމާނީ ގޮތުން ސިއްހީ މައްސަލައެއް މެދުވެރިވެފައިވާ ކުދިން؛

(ށ) ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުރި ނުވަތަ ނަފްސާނީ އަނިޔާއެއް ލިބިފައިވާ ކުދިން؛

(ނ) ކުށުގެ ށިކާރައަކަށްވެފައިވާ ކަމަށް ބެލެވޭ ކުދިން؛

(ރ) އުމުރުން ހަގު ކުދިން؛

(ބ) މާބަނޑު އަންހެން ކުދިންނާއި ދަރިންނާ އެކުގައިވާ މައިން؛

(ޅ) ބެލެނިވެރިން އިހުމާލުވެފައިވާ ކުދިން؛

(ކ) މުޖުތަމައުން އެކަހެރިވެފައިވާ ކުދިން؛

(އ) ލިޔަން ކިޔަން ނޭނގޭ ކުދިން؛

(ވ) ނުރައްކަލަށް ހުށަހެޅިފައިވާ ކުދިން (ސްޓޭޓަސް އޮފެންޑަރސް)؛

 

ދިހަވަނަ ބާބު

ށަރީއަތް ފެށުމުގެ ކުރިން ބަންދުގައި ބެހެއްޓުން

 

58 ވަނަ މާއްދާ - އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުގައި މެނުވީ ބަންދުނުކުރުން

(ހ) ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުޑަކުއްޖަކު ށަރީއަތް ފެށުމުގެ ކުރިން ބަންދުގައި ބަހައްޓަންވާނީ، ހާއްސަ ހާލަތްތަކެއްގައި، ކޯޓު އަމުރެއްގެ ދަށުންނެވެ.

(ށ) ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުޑަކުއްޖަކު ށަރީއަތް ފެށުމުގެ ކުރިން ބަންދުގައި ބެހެއްޓުމަށް ނިންމުމުގެ ކުރިން، އޭނާ ބަންދުގައި ބެހެއްޓުމުގެ ބަދަލުގައި އެނޫން ށަރުތުތަކެއް ކަނޑައެޅެން އޮތްތޯ ކޯޓުން ބަލަންވާނެއެވެ.

 
59 ވަނަ މާއްދާ - ބަންދުގައި ބެހެއްޓުމަށް ނިންމުމުގައި ގާޟީ ރިއާޔަތްކުރަންވީ ކަންކަން

(ހ) ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުޑަކުއްޖަކު ށަރީއަތް ފެށުމުގެ ކުރިން ބަންދުގައި ބެހެއްޓުމަށް ގާޟީ ނިންމަންވާނީ، އޭނާ ކުރި ކަމަށް ތުހުމަތުކުރެވޭ ކުށަކީ ބޮޑު ކުށެއް ކަމުގައިވެފައި، އަދި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ހުށަހަޅާ ރިޕޯޓަށް ރިއާޔަތްކުރުމަށްފަހު، އޭނާ ދޫކޮށްލައިފިނަމަ އަންނަނިވި ހާލަތްތައް މެދުވެރިވެދާނެ ކަމަށް ބެލެވޭނަމައެވެ.

  1. އޭނާއާމެދު ތުހުމަތުކުރެވިފައިވާ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ އެ މައްސަލައިގައި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް އޭނާ މަސައްކަތްކޮށްފާނެ ކަމަށް ބެލެވުން؛
  2. އޭނާ ޖިނާއީ ބޮޑު ކުށެއް ކޮށްފާނެ ކަމަށް ބެލެވުން؛ ނުވަތަ
  3. އޭނާ ކޯޓަށް ހާޒިރުނުވެދާނެ ކަމަށް ބެލެވުން؛ ނުވަތަ
  4. އޭނާ ފިލައިފާނެ ކަމަށް ބެލެވުން؛ ނުވަތަ
  5. އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ނުވަތަ އޭނާގެ އަމިއްލަ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުޑަކުއްޖަކު ބަންދުކުރަން ނިންމަންވާނީ، މައްސަލައިގައި ހިމެނޭ އެންމެހައި ކަންކަމަށް ރިއާޔަތްކުރުމާއެކު، ބަންދުކުރުން ފިޔަވައި އެނޫން ފިޔަވަޅެއް އެޅެން އޮތްތޯ ބެލުމަށްފަހު، އެނޫން ގޮތެއް ނެތް ހާލަތުގައެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތުގައިވެސް ކުޑަކުއްޖަކު ބަންދުކުރަންވާނީ އެކަށީގެންވާ އެންމެ ކުރު މުއްދަތަކަށެވެ.

(ރ) އެއް ކުއްޖަކަށްވުރެ ގިނަ ކުދިން ހިމެނޭ މައްސަލައެއްގައިވިޔަސް ކޮންމެ ކުއްޖަކާ ގުޅޭގޮތުން ތަހްގީގުކުރެވޭ މައްސަލައަކީ ވަކި ހެކިތަކަކާއި ހާލަތްތަކެއް  އެ މައްޗަށް ހިނގާނެ މައްސަލައެއް ކަމުގައިވާތީއާއި، ކުށްކުރަން މެދުވެރިވާ ހާލަތްތައްވެސް ކޮންމެ ކުއްޖަކާ ގުޅޭގޮތުން ތަފާތުވާނެތީ، މި މާއްދާގެ   (ނ) ގެ ދަށުން ކުޑަކުއްޖަކު ބަންދުގައި ބެހެއްޓޭނެ މުއްދަތު ކަނޑައަޅަންވާނީ އެއިން ކޮންމެ ކުއްޖެއްގެ ހާލަތަށް ވަކިން ރިއާޔަތްކުރުމަށްފަހުގައެވެ.

(ބ) މި މާއްދާގެ ދަށުން ކުޑަކުއްޖަކު ބަންދުކުރުމަށް ގާޟީ ނިންމި ކަމުގައިވީނަމަވެސް، އެ ނިންމުން ނިންމަން މެދުވެރިވި ސަބަބު ނުވަތަ ހާލަތު ދެމިއޮތްތޯ ބެލުމަށްޓަކައި ގަވާއިދުން ކޯޓަށް ރިޕޯޓުކުރުމަށް ފުލުހުންނަށް ގާޟީ އަންގަންވާނެއެވެ. އަދި އެ ހާލަތު ނުވަތަ ސަބަބު ނެތިގޮސްފައިވާނަމަ، އެކުއްޖާ ބަންދުން ދޫކުރުމަށް ގާޟީ އަމުރުކުރަންވާނެއެވެ. އަދި ކުޑަކުއްޖަކު ބަންދުކުރުމަށް ނިންމާ މައްސަލަތަކުގައި، އެކުއްޖާ ބަންދުކުރުމަށް ގާޟީ ނިންމާ ނިންމުން މުރާޖައާކޮށްދިނުމަށް އެދި އެއްވެސް ފަރާތަކުން ހުށަނޭޅި ނަމަވެސް، އެކުއްޖާ ބަންދުކުރުމަށް ނިންމި ނިންމުން މެދުވެރިވި ސަބަބު ނުވަތަ ހާލަތު ދެމިއޮތްތޯ ކޮންމެ 15 (ފަނަރަ) ދުވަހަކުން ގާޟީ މުރާޖައާކުރަންވާނެއެވެ.

 
60 ވަނަ މާއްދާ - ށަރުތަކާއެކު ދޫކޮށްލުން

(ހ)ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ ކުޑަކުއްޖަކު ދޫކޮށްލުމަށް ގާޟީ ނިންމުމުގައި، އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކަށް ށަރުތުކޮށް، އޭނާ ދޫކޮށްލުމަށް ގާޟީއަށް ނިންމިދާނެއެވެ.

  1. ބަންދުން ދޫކޮށްލާފައި ހުންނައިރު ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުވަތަ އިތުރު ކުށެއް ނުކުރުން؛
  2. ތަހްގީގު މަރުހަލާގައި ތަހްގީގުކުރާ ފަރާތުން ހާޒިރުވާން އަންގާ ތަންތަނަށް ހާޒިރުވުން؛
  3. ށަރީއަތުގެ މަރުހަލާގައި ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް ކޯޓަށް ހާޒިރުވުން؛
  4. ގަވާއިދުން ސްކޫލަށްދިއުން؛
  5. ކޯޓުން ކަނޑައަޅާ ޕްރޮގްރާމެއްގައި ބައިވެރިވުން؛
  6. ދަތުރު ފަތުރުކުރުމާއި، އުޅޭނޫޅޭ ތަންތަނާއި، މީހުންނާ މުއާމަލާތްކުރުމާމެދު ކޯޓުން ކަނޑައަޅާ ގޮތަށް އަމަލުކުރުން؛
  7. ކުށުގެ ސަބަބުން ގެއްލުން ލިބުނު މީހާއާއި، އަދި އެ މައްސަލައިގައި ހެކިބަސް ދޭނެ ކަމަށް ގަބޫލުކުރެވޭ މީހުންނާ މުއާމަލާތްނުކުރުމާއި ބައްދަލުނުކުރުން؛
  8. ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ނުވަތަ އެހެންވެސް އިދާރާއަކަށް ގަވާއިދުން ރިޕޯޓު ކުރުން؛
  9. ގޭގައި ހުރުމަށް ކަނޑައަޅައި އަންގާފައިވާ ވަގުތުގައި ނުވަތަ މުއްދަތުގައި އެގޮތަށް އަމަލުކުރުން؛
  10. ކޯޓުން ކަނޑައަޅާ ސިއްހީ ނުވަތަ ނަފްސާނީ ފަރުވާ ލިބިގަތުން؛
  11. ތައުލީމު ހާސިލުކުރުމަށް ނުވަތަ އެނޫންވެސް އެހެން ބޭނުމެއްގައި ދޫކުރުމަށްފަހު، ކަނޑައަޅާ ވަކި ވަގުތެއްގައި، ކަނޑައަޅާފައިވާ ވަކި ތަނަކަށް ބަންދުގައި ހުރުމަށް އެނބުރި އައުން؛
  12. މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ޑައިވަރށަންގެ ފިޔަވަޅެއްގައި ބައިވެރުވުމަށް އެންގުން؛
  13. ކުދިން ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް މައިންބަފައިންނަށް އެންގުން؛
  14. ރީހެބިލިޓޭށަން ޕްރޮގްރާމެއްގައި ބައިވެރިކުރުން.
  15. ހަރުދަނާ މައިންބަފައިން ތަމްރީންކުރާ ޕްރޮގްރާމްގައި ބައިވެރިވުމަށް މައިންބަފައިންނަށް އެންގުން؛

(ށ) މި މާއްދާގެ ދަށުން ކުޑަކުއްޖަކު ދޫކޮށްލާއިރު ފައިސާ ބެހެއްޓުމަށްފަހު ކަފާލާތުގެ ދަށުން ދޫކުރުމަށް ކަނޑައަޅައިގެންނުވާނެއެވެ.

(ނ) ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ ކުއްޖަކު މި މާއްދާގެ ދަށުން ށަރުތުކޮށް ދޫކޮށްލާ ދޫކޮށްލުމަކީ، ކޯޓުން ބޭނުންވެއްޖެ ހާލަތެއްގައި މުރާޖައާކުރެވިދާނެ ނިންމުމެކެވެ.

 

އެގާރަވަނަ ބާބު

ދައުވާކުރުމުގެ މަރުހަލާ

 

61 ވަނަ މާއްދާ - ކުއްޖާގެ މައްޗަށް ޖިނާއީ ކުށެއްގެ ދައުވާ އުފުލުން

(ހ) ކުޑަކުއްޖެއްގެ މައްޗަށް ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅޭ މައްސަލައަކާމެދު އެކަށީގެންވާ އަވަސް މިނެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް ގޮތެއް ނިންމަންވާނެއެވެ.

(ށ) ކުޑަކުއްޖަކާ ދެކޮޅަށް ކުށެއް ސާބިތުވާ މިންވަރަށް މައްސަލައެއްގައި ހެކި ލިބިފައިހުރުމަކީ އެކުއްޖެއްގެ މައްޗަށް އެ ކުށުގެ ދައުވާ އުފުލަންވީ ހަމައެކަނި ސަބަބަށް ވެގެންނުވާނެއެވެ. ކޮންމެ ހާލަތެއްގައިވެސް، ކުއްޖާގެ އުމުރަށާއި، ތަސައްރަފު ފުދިފައިވާ މިންވަރަށާއި، ކުށް ކުރަން މެދުވެރިވި ހާލަތަށާއި، ކުއްޖާގެ މަސްލަހަތަށާއި، ކުއްޖާ ހެޔޮގޮތުގައި އަނބުރާ މުޖުތަމައަށް ގެނައުމުގެ މުހިންމުކަމަށާއި، އާންމު މަސްލަހަތަށް ރިއާޔަތްކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކުއްޖާގެ ހާލަތު ދެނެގަތުމަށްޓަކައި ކޭސް ކޮންފަރެންސިންގ ޕްރޮސިކިއުޓަރ ޖެނެރަލް ބާއްވަންވާނެއެވެ.

 

62 ވަނަ މާއްދާ - ޑައިވަރށަނަށް ފުރުސަތު ދިނުން

(ހ) މި ގާނޫނުގެ 61 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ކަންކަމަށް ހަނިކަމެއް ނާންނާނެ ގޮތުގެމަތިން، ކުޑަކުއްޖެއްގެ މައްޗަށް ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް މައްސަލައެއް ހުށަހެޅުމާއެކު، އަންނަނިވި ކަންކަމަށް ރިއާޔަތްކޮށް، ކުއްޖާ ހެޔޮގޮތުގައި އަނބުރާ މުޖުތަމައަށް ގެނައުމުގެ މުހިންމުކަން ބޮޑު ކަމަށް ބެލެވޭ ހާލަތުގައި، އެކުއްޖާގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމުގެ ބަދަލުގައި ޑައިވަރށަންގެ ނިޒާމުގެ ދަށުން ފިޔަވަޅު އެޅުމަށް ބާރުއަޅަންވާނެއެވެ.

  1. ކުއްޖާގެ އުމުރާއި ކުއްޖާގެ އިޖްތިމާއީ ހާލަތް؛
  2. އެކުއްޖާ ކުރި ކަމަށް ތުހުމަތުކުރެވޭ ކުށުގެ ބާވަތާއި، އެ އަމަލުގެ ކުޑަބޮޑުމިން؛
  3. އެކުއްޖާ ކުރިން ގާނޫނާ ހިލާފުވެފައިވާނަމަ އެކަން؛
  4. ކުއްޖާގެ ނަފްސާނީ އަދި ޖިސްމާނީ ހާލަތު؛
  5. ކުށުގެ އަމަލުގެ ސަބަބުން ލިބުނު ގެއްލުމުގެ ކުޑަބޮޑުމިން؛
  6. ކުއްޖާއާމެދު ޑައިވަރށަންގެ ނިޒާމުގެ ދަށުން ފިޔަވަޅު އެޅުމުގެ މުހިންމުކަން؛
  7. މައްސަލައިގައި ހިމެނޭ ވަށައިގެންވާ އެންމެހައި ކަންކަން.

(ށ) ކުއްޖެއްގެ މައްޗަށް ޑައިވަރށަންގެ ނިޒާމުގެ ދަށުން ފިޔަވަޅު އެޅުމަށް ނުވަތަ ދައުވާކުރުމަށް ނިންމުމުގެ ކުރިން، ރިސްކް އެސެސްމަންޓް ރިޕޯޓާއި ކޭސް ކޮންފަރެންސިންގ އިން ލިބޭ މައުލޫމާތަށް ޕްރޮސިކިއުޓަރ ޖެނެރަލް ރިއާޔަތްކުރަންވާނެއެވެ.

(ނ) ގާނޫނާ ހިލާފުވާ ކުއްޖެއްގެ މައްޗަށް ޑައިވަރށަންގެ ނިޒާމުގެ ދަށުން ފިޔަވަޅު އެޅުމުގެ ބަދަލުގައި ދައުވާ އުފުލަން ޕްރޮސިކިއުޓަރ ޖެނެރަލް ނިންމައިފިނަމަ، އެފަދައިން ނިންމި ސަބަބު ކުއްޖާއަށާއި، ކުއްޖާގެ ބެލެނިވެރިޔާ އަދި ކުއްޖާގެ ބެލެނިވެރިޔާ ހާޒިރުނުވާ ހާލަތުގައި، އެކުއްޖާގެ މަސްލަހަތު ހިމާޔަތްކުރާނެ ފަރާތަކަށް ލިޔުމުން ދޭންވާނެއެވެ.

(ރ) ކުއްޖާގެ މައްޗަށް ހުށަހަޅާ ދައުވާގެ ލިޔެކިޔުންތައް ކޯޓަށް ހުށަހަޅަންވާނީ، ކުއްޖާގެ ރިސްކް އެސެސްމަންޓް ރިޕޯޓާއި ކޭސް ކޮންފަރެންސިންގއިން ލިބޭ މައުލޫމާތުގެ އަލީގައި ކުއްޖާގެ މައްޗަށް ދައުވާ އުފުލަންޖެހޭ ސަބަބުތައް ބަޔާންކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ނިންމުމަކާއެކުގައެވެ.

 

ބާރަވަނަ ބާބު

ށަރީއަތުގެ މަރުހަލާ

 
63 ވަނަ މާއްދާ - އިންސާފުވެރި ށަރީއަތެއް ކުރެވުން

ޖިނާއީ ކުށެއްގެ ދައުވާ އުފުލޭ ކޮންމެ ކުޑަކުއްޖަކަށްމެ، މިނިވަން އަދި މުސްތަގިއްލު ކޯޓެއްގައި، އެކަށީގެންވާ އަވަސް މުއްދަތެއްގެ ތެރޭގައި، ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އިންސާފުން ށަރީއަތްކުރެވުމުގެ ހައްގު ލިބިގެންވެއެވެ. އަދި ކުއްލިއަކަށް ދިމާވާ ކަންކަމާއި، ހައްލު ކުރަން ދަތި މައްސަލައެއް ނުވަތަ ހުރަހެއް ދިމާވެގެން މި މުއްދަތުގެ ތެރޭގައި ށަރީއަތް ނިމިފައިނުވާނަމަ،  އެ ސަބަބުތައް ބަޔާންކޮށް، އެކަން ކުއްޖާއަށާއި، ކުއްޖާގެ ބެލެނިވެރިޔާއަށާއި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް އަންގައި، އެ މުއްދަތުން ފެށިގެން އިތުރު 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އަދި އެ މައްސަލައެއް ނިންމަންވާނެއެވެ.

 

64 ވަނަ މާއްދާ - ށަރީއަތްކުރުމުގެ ހަމަތައް

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ކުޑަކުދިންގެ މައްސަލަތަކުގައި ށަރީއަތްތައް ހިންގަންވާނީ، އާންމުކޮށް ހުޅުވާނުލައެވެ.

(ށ) ށަރީއަތުގެ މަޖިލިސްތަކުގައި ދެކެވޭ ވާހަކަތަކާއި، އެނޫންވެސް ކުއްޖާގެ ޒާތީ މައުލޫމާތާއި، ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ އެއްވެސް މައުލޫމާތެއް، އާންމުކޮށްގެންނުވާނެއެވެ. އަދި ގަޟިއްޔާތައް އާންމުކުރަންވާނީ ކުއްޖާގެ ޒާތީ މައުލޫމާތާއި، ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެފަދަ މައުލޫމާތުތައް އުނިކުރުމަށްފަހުގައެވެ.

 

65 ވަނަ މާއްދާ - ގާނޫނީ ވަކީލެއްގެ އެހީ ހޯދައި ލިބިގަތުން

(ހ) ކުޑަކުއްޖެއްގެ މައްޗަށް ކުރެވޭ ޖިނާއީ ކުށެއްގެ ދައުވާގެ ށަރީއަތް ހިންގަންވާނީ، އެކުއްޖާގެ ދިފާއުގައި ވަކާލާތުކުރާނެ ގާނޫނީ ވަކީލެއްގެ އެހީ ލިބިދިނުމާއެކުގައެވެ.

(ށ) ކުޑަކުއްޖަކަށް ގާނޫނީ ވަކީލަކާ ނުލައި އެއްވެސް ށަރީއަތެއް ބޭއްވިއްޖެނަމަ، ގާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު ކުށުން ބަރީއަވާން މަސައްކަތްކުރުމަށް ގާނޫނުއަސާސީގެ ދަށުން އެކުއްޖާއަށް ލިބިދޭ ހައްގު ހިފެހެއްޓުނީ ކަމުގައި ބަލަންވާނެއެވެ.

(ނ) މި މާއްދާގެ ބޭނުމަށްޓަކައި، ކުޑަކުއްޖެއްގެ މައްޗަށް އުފުލޭ ޖިނާއީ ތުހުމަތެއްގެ ދައުވާ ކޯޓަށް ހުށަހެޅިގެން ށަރީއަތް ހިންގަންވާނީ އެކުއްޖާގެ ދިފާއުގައި ވަކާލާތުކުރާނެ ގާނޫނީ ވަކީލަކު ހަމަޖެއްސުމަށްފަހުއެވެ. އެކުއްޖާއަކީ ގާނޫނީ ވަކީލަކު އައްޔަންކުރެވޭފަދަ ތަނަވަސްކަމެއް ނެތް ކުއްޖަކު ކަމުގައިވާނަމަ، ދައުލަތުން އެކުއްޖަކަށް ގާނޫނީ ވަކީލަކު ހަމަޖައްސައިދޭންވާނެއެވެ. އަދި އެކުއްޖާއަށް ގާނޫނީ ވަކީލަކު ހަމަޖެހިފައިވާކަން، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ކަށަވަރުކުރަންވާނެއެވެ.

 

66 ވަނަ މާއްދާ - ށަރީއަތުގެ މަޖިލިސްތަކުގައި ބެލެނިވެރިން ނުވަތަ ބަލަދުވެރިން ބައިވެރިކުރުމުގެ ހައްގު

(ހ) ކުއްޖާގެ ށަރީއަތް ހިނގާއިރު، ކުއްޖާގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިން  އެ ށަރީއަތަށް ހާޒިރުވުމަކީ ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާ ހުރި ގޮތް ކަމުގައިވާނަމަ، ކުއްޖާގެ މައްޗަށް ކުރެވޭ ދައުވާގެ ށަރީއަތުގައި ކުއްޖާގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިން ހާޒިރުވެ ހުރުމުގެ ހައްގު ލިބިގެންވެއެވެ.

(ށ) ކުއްޖާގެ ށަރީއަތް ހިނގާއިރު، ކުއްޖާގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިން  އެ ށަރީއަތަށް ހާޒިރުވުމަކީ ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާ ހުރި ގޮތް ކަމުގައިނުވާ ހާލަތުގައި، ކުއްޖާގެ މައްޗަށް ކުރެވޭ ދައުވާގެ ށަރީއަތުގައި އެކުއްޖާގެ މަސްލަހަތު ހިމާޔަތްކުރާ ފަރާތް ހާޒިރުވެ ހުރުމުގެ ހައްގު ލިބިގެންވެއެވެ.

 

67 ވަނަ މާއްދާ - ށަރީއަތުގެ މަޖިލީހުގެ ހާޒިރީން

(ހ) ކުޑަކުއްޖަކު ކުރާ ކުށަކާގުޅޭ މައްސަލަ ށަރީއަތުން ބަލާއިރު، އަންނަނިވި ފަރާތްތައް ށަރީއަތުގެ މަޖިލީހަށް ހާޒިރުކުރަންވާނެއެވެ.

  1. ދައުވާކުރާ ފަރާތް؛
  2. ދައުވާ ލިބޭ ފަރާތް؛
  3. ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާ ނުވަތަ ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރާ ފަރާތް؛
  4. ކުއްޖާގެ ދިފާއީ ވަކީލު؛
  5. ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ތަމްސީލުކުރާ ފަރާތެއް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ އިތުރުން އަންނަނިވި ފަރާތްތައް ށަރީއަތުގެ މަޖިލީހަށް ހާޒިރުކުރުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

  1. ގެއްލުން ލިބުނު ފަރާތް؛
  2. މައްސަލައާ ގުޅިގެން ށަރީއަތުން ހާޒިރުކުރާ އެންމެހައި ފަރާތްތައް؛
  3. ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި، ކުޑަކުދިންގެ އަދުލުގެ ނިޒާމާ ގުޅުންހުރި މަސައްކަތްތައް ކުރާ މުއައްސަސާތަކުން ކޯޓަށް ތަމްރީން ހޯދުމަށްޓަކައި އަންނަ ފަރާތްތަކުގެ ތެރެއިން ކޯޓުން ހުއްދަދޭ ފަރާތްތައް.

(ނ) ތުހުމަތުކުރެވޭ ކުއްޖާ ނުވަތަ މައްސަލައިގައި ހެއްކެއްގެ ގޮތުގައި ހާޒިރުކުރެވޭ ފަރާތަކީ ސްކޫލަކަށް ނުވަތަ ތައުލީމު އުނގަންނައިދޭ މަރުކަޒަކަށް ކިޔަވަންދާ ކުއްޖެއްނަމަ، މައްސަލައިގެ ށަރީއަތް ތާވަލްކުރަންވާނީ، ސްކޫލަށް ނުވަތަ ތައުލީމު އުނގަންނައިދޭ މަރުކަޒަށް ހާޒިރުވާންޖެހޭ ގަޑިތަކަށް ދަތިނުވާނެ ގޮތެއްގެމަތިންނެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ށަރީއަތުގެ މަޖިލީހަށް ކުއްޖާގެ ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާއަށް ހާޒިރުވުމުގެ އަމުރު ފޮނުވުމުން، މަގްބޫލު ސަބަބެއްނެތި އެފަރާތުން ކޯޓަށް ހާޒިރުނުވެއްޖެނަމަ،   އެ ށަރީއަތުގެ މަޖިލީހެއްގައި ބެލެނިވެރިއެއްގެ ގޮތުން ކުއްޖާގެ މަސްލަހަތު ބަލަހައްޓާނީ ކުއްޖާގެ މަސްލަހަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާގެ ފަރާތުން ހާޒިރުވާ މީހެކެވެ.

(ބ) ކުޑަކުއްޖަކު ކުރާ ކުށަކާ ގުޅޭ މައްސަލައެއްގެ ށަރީއަތް މެޖިސްޓްރޭޓް ކޯޓެއްގައި ހިންގާނަމަ، މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުންކުރެ އެއްވެސް ފަރާތެއް ށަރީއަތުގެ މަޖިލީހަށް ހާޒިރުނުވެއްޖެނަމަ، ނުވަތަ ހާޒިރުނުވެވޭ ހާލަތެއްގައި ހުރިނަމަ، އެކުއްޖެއްގެ ބެލެނިވެރިއެއްގެ ގޮތުން ކުއްޖާގެ މަސްލަހަތު ބަލަހައްޓާނީ ކުއްޖާގެ މަސްލަހަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާއާ ގުޅިގެން، އެ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާއިން ނުވަތަ އެ އިދާރާއިން ކަނޑައަޅާ ފަރާތަކުންނެވެ.

(ޅ) ކުޑަކުއްޖަކު ކުރާ ކުށަކާ ގުޅިގެން އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިފައިވާނަމަ، މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާ ދުވަހާއި ގަޑި އަދި މައްސަލައިގެ ހުކުމް ކުރާ ދުވަހާއި ގަޑި ގެއްލުން ލިބުނު ފަރާތަށް ކޯޓުން އަންގަންވާނެއެވެ. އެހެންނަމަވެސް، އެފަރާތުން ށަރީއަތުގެ މަޖިލީހަށް ހާޒިރުވުމަކީ ލާޒިމުކަމެއްނޫނެވެ.

(ކ) ކުޑަކުއްޖަކު ކުރާ ކުށަކާ ގުޅިގެން އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިފައިވާނަމަ، އެ މައްސަލައެއްގެ ހުކުމް ކުރުމާއެކު، މައްސަލަ ނިމުނު ގޮތް ގެއްލުން ލިބުނު ފަރާތަށް ކޯޓުން އަންގަންވާނެއެވެ.

(އ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ އިތުރުން ކުށްކުރާ ކުޑަކުއްޖާއަކީ އަނިޔާލިބިފައިވާ ފަރާތެއްގެ ގޮތުގައި ބެލެވޭ ކުއްޖެއް ކަމުގައިވާނަމަ، އަނިޔާ ލިބޭ ފަރާތްތަކުގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާގެ މީހަކު ނުވަތަ އެފަދަ ކުދިންނާއެކު މަސައްކަތްކުރާ ފަރާތުން މީހަކު ށަރީއަތުގެ މަޖިލީހަށް ހާޒިރުވާންވާނެއެވެ.

 

68 ވަނަ މާއްދާ - ކުޑަކުދިންނާ ރަހްމަތްތެރި ނިޒާމެއް ކަމުގައިވުން

(ހ) ކުއްޖާގެ ށަރީއަތް ހިނގާއިރު، ށަރީއަތްކުރެވޭ ތަނާއި، ށަރީއަތުގެ އަޑުއެހުންތައް ހިންގުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅިފައި ހުންނަންވާނީ، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން، ކުޑަކުދިންނާ ރަހްމަތްތެރި، ކުޑަކުދިންނަށް ފަސޭހައިން ވާސިލުވެވޭނެ ގޮތެއްގެމަތިންނެވެ.

(ށ) ކުޑަކުއްޖެއްގެ ށަރީއަތް ކުރުމުގައި ބޭނުންކުރަންވާނީ، ކުއްޖާއަށް ދޭހަވާނެ ބަހުރުވައެވެ.

 

69 ވަނަ މާއްދާ - އިއުތިރާފުވުމަށް މަޖުބޫރުނުކުރުން

ކުޑަކުއްޖެއްގެ މައްޗަށް ކުރެވޭ ޖިނާއީ ކުށެއްގެ ށަރީއަތެއްގައި، ކުއްޖާ އިއުތިރާފުވާން އެއްވެސް ފަރާތަކުން މަޖުބޫރުކޮށްގެންނުވާނެއެވެ. އަދި އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ދިނުމަށްވެސް މަޖުބޫރުކޮށްގެންނުވާނެއެވެ.

 

70 ވަނަ މާއްދާ - އާންމު އިޖުރާއަތު ހިނގުން

މި ބާބުގައި ބަޔާންކޮށްފައިވާ ހައްގުތަކުގެ އިތުރުން، ކުޑަކުއްޖެއްގެ މައްޗަށް ކުރެވޭ ޖިނާއީ ކުށެއްގެ ދައުވާގެ ށަރީއަތެއްގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ އިޖުރާއަތާ އެއްގޮތްވާ ގޮތުގެމަތިން ކަންކުރެވުމުގެ ހައްގު، ކޮންމެ ކުއްޖަކަށްމެ ލިބިގެންވެއެވެ. އަދި ށަރީއަތުގެ މަރުހަލާގައި އެ ގާނޫނުގެ ދަށުން ލިބިދޭ އެންމެހައި ހައްގުތައް ލިބިގެންވެއެވެ.

 

71 ވަނަ މާއްދާ - މައްސަލައާ މެދު ގޮތެއް ނިންމުން

(ހ) ކުޑަކުއްޖެއްގެ މައްޗަށް ކުރެވޭ ޖިނާއީ ކުށެއްގެ ދައުވާގެ ށަރީއަތް ފުރިހަމަކުރުމަށްފަހު، އެކުއްޖާއާމެދު ތުހުމަތުކުރެވޭ ކުށް އެކުއްޖާ ކޮށްފައިވާކަމަށް، އެ ކުށް ސާބިތުކުރުމަށް އޮންނަ ގާނޫނީ މިންގަނޑުން ސާބިތުކުރެވިއްޖެނަމަ، އެކުއްޖާގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ފަނޑިޔާރު މައްސަލަ ނިންމަންވާނެއެވެ.

(ށ) ކުޑަކުއްޖެއްގެ މައްޗަށް ކުރެވޭ ޖިނާއީ ކުށެއްގެ ދައުވާގެ ށަރީއަތް ފުރިހަމަކުރުމަށްފަހު، އެކުއްޖާއާމެދު ތުހުމަތުކުރެވޭ ކުށް އެކުއްޖާ ކޮށްފައިވާކަމަށް، އެ ކުށް ސާބިތުކުރުމަށް އޮންނަ ގާނޫނީ މިންގަނޑުން ސާބިތުނުކުރެވޭނަމަ، އެކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި، ފަނޑިޔާރު މައްސަލަ ނިންމަންވާނެއެވެ.

(ނ) ކުއްޖާގެ މައްޗަށް ކުރެވޭ ށަރީއަތުގައި، ނިންމާ ނިންމުން އިއްވަންވާނީ، އަދި އެ ނިންމުން ލިޔުމަށް ތިރިކުރާއިރު އޮންނަންވާނީ، ކުއްޖާއަށް ފަސޭހައިން ދޭހަވާ އިބާރާތަކުންނެވެ. އަދި ކޮންމެހެން ބޭނުންކުރަންޖެހޭ ހާލަތުގައި އެނޫން އިބާރާތެއް ނެތިގެން މެނުވީ ބޮޑެތި މީހުންގެ މައްޗަށް ށަރީއަތްކުރެވޭއިރު ބޭނުންކުރާ ފަދަ އިބާރާތްތައް ކުޑަކުދިންނާ ގުޅޭގޮތުން ބޭނުންކޮށްގެންނުވާނެއެވެ.

 

72 ވަނަ މާއްދާ - އިސްތިއުނާފުކުރުމުގެ ހައްގު

ކުޑަކުއްޖެއްގެ މައްޗަށް ކުރެވޭ ޖިނާއީ ކުށެއްގެ ށަރީއަތެއްގައި އެކުއްޖާއާމެދު ނިންމާ ނިންމުން 30 (ތިރީސް) ދުވަހުގެ ތެރޭގައި އިސްތިއުނާފުކުރުމުގެ ހައްގު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބިގެންވެއެވެ.

 

ތޭރަވަނަ ބާބު

ފިޔަވަޅުއެޅުން

 

73 ވަނަ މާއްދާ - ށަރީއަތުން މައްސަލަ ބަލައި ފިޔަވަޅު އެޅުން

(ހ) ކުޑަކުއްޖެއްގެ މައްޗަށް ށަރީއަތްކުރުމަށްފަހު، އެކުއްޖާގެ މައްޗަށް ކުށް ސާބިތުވާކަމަށް މި ގާނޫނުގެ 71 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅައިފިނަމަ، މައްސަލައިގެ ކުޑަބޮޑުމިނަށާއި މައްސަލައިގެ ބާވަތަށް ރިއާޔަތްކޮށް، އެކުއްޖާއާމެދު އަންނަނިވި ފިޔަވަޅުތަކުންކުރެ ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް އެޅުމުގެ ބާރު ގާޟީއަށް ލިބިގެންވެއެވެ.

  1. ގާޟީ ކަނޑައަޅާ ވަކި މުއްދަތެއްގެ ތެރޭގައި ތުހުމަތުގައިވާ ކުއްޖާ ވަކި ށަރުތުތަކެއް ފުރިހަމަކުރުމަށް ފުރުސަތުދިނުމުގެ ގޮތުން ކުއްޖާގެ މައްޗަށް ހުކުމްކުރުން ފަސްކުރުމާއި، އެ މުއްދަތުގެ ތެރޭގައި އެ ށަރުތުތައް ފުރިހަމަކޮށްފައިނުވާނަމަ، ކުއްޖާގެ މައްޗަށް ހުކުމްކޮށް ހުކުމް ތަންފީޒުކުރުމަށް އަމުރުކުރުން؛
  2. ތުހުމަތުގައިވާ ކުއްޖާގެ މައްޗަށް ހުކުމްކުރުމަށްފަހު، ގާޟީ ކަނޑައަޅާ ވަކި މުއްދަތެއްގެ ތެރޭގައި ތުހުމަތުގައިވާ ކުއްޖާ ވަކި ށަރުތުތަކެއް ފުރިހަމަކުރުމަށް ފުރުސަތުދިނުމުގެ ގޮތުން ހުކުމް ތަންފީޒުކުރުން ވަކި މުއްދަތަކަށް ފަސްކުރުން، އަދި އެ މުއްދަތުގެ ތެރޭގައި         އެ ށަރުތުތައް ކުއްޖާ ފުރިހަމަކޮށްފައިވާނަމަ، ކުއްޖާގެ މައްޗަށް ހުކުމް ތަންފީޒުކުރަން ނުޖެހޭނެކަމަށް ކަނޑައެޅުން؛ އަދި        އެ މުއްދަތުގެ ތެރޭގައި އެ ށަރުތުތައް ކުއްޖާ ފުރިހަމަކޮށްފައިނުވާނަމަ، ކުއްޖާގެ މައްޗަށް ހުކުމް ތަންފީޒުކުރުމަށް އަމުރުކުރުން؛
  3. ކުށެއް ކޮށްގެން ހޯދާފައިވާ ފައިސާއެއް ނުވަތަ މުދަލެއް އެކުލެވޭ މައްސަލައެއްނަމަ، އެ އެއްޗެއް ހިފެހެއްޓުމުގެ ނުވަތަ ދައުލަތަށް ނެގުމުގެ އަމުރެއް ނެރުން؛
  4. ކުއްޖާގެ ބެލެނިވެރިޔާ ނުވަތަ އެކަމަށްޓަކައި ކޯޓުން އައްޔަންކުރާ ގާބިލު އެހެން މީހަކު، ކުއްޖާ ރަނގަޅަށް ބެލުމަށާއި ރަނގަޅު އަހްލާގެއްގައި ގެންގުޅުމަށް އިގްރާރުވުމުން، ކުއްޖާ ރަނގަޅު އަހްލާގު ދެމެހެއްޓުން ށަރުތުކޮށް، ޕްރޮބޭށަންގައި ދޫކުރުމަށް އަމުރުކުރުން؛
  5. ކުއްޖާ ރަނގަޅު އަހްލާގު ދެމެހެއްޓުން ށަރުތުކޮށް، ޕްރޮބޭށަން އޮފިސަރެއްގެ ބެލުމުގެ ދަށުގައި ޕްރޮބޭށަންގައި ދޫކުރުމަށް އަމުރުކުރުން؛
  6. ޕްރޮބޭށަންގައި ދޫކުރެވޭ ކުއްޖާ ގާޟީ ކަނޑައަޅާ ގޮތެއްގެމަތިން ކޯޓަށް ގަވާއިދުން ހާޒިރުކުރުމަށް އަމުރުކުރުން؛
  7. އިތުރު މުއްދަތަކަށް ކުއްޖާ ބަންދުގައި ނުވަތަ ޕްރޮބޭށަންގައި ބެހެއްޓުމަކީ ބޭނުންތެރިކަމެއް ނޫންކަމަށް ގާޟީއަށް ގަބޫލުކުރެވޭނަމަ، ކުއްޖާގެ ބަންދުގެ ނުވަތަ ޕްރޮބޭށަންގެ މުއްދަތުގެ ބާކީ އޮތް ބައި ބާތިލުކުރުން؛ ނުވަތަ
  8. ކުށުގެ ބާވަތާއި ކުއްޖާ ކުށްކުރަން މެދުވެރިވި ހާލަތުތަކަށް ރިއާޔަތްކުރުމަށްފަހު، އަދި އަދުލު އިންސާފު ގާއިމުކުރުމަށްޓަކައި ކުޑަކުއްޖަކު ބަންދުކުރަން ލާޒިމުކުރާ ހާލަތުގައި، ކުއްޖާ ކުޑަކުދިންގެ މަރުކަޒަކަށް ފޮނުވުމަށް އަމުރުކުރުން.

(ށ) ކުޑަކުއްޖެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް މި ގާނޫނުގެ  71 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ހާލަތުގައި،  މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅުމުގެ ބަދަލުގައި، އެކުއްޖާއާމެދު މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޑައިވަރށަންގެ ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް ގާޟީއަށް އެޅިދާނެއެވެ.

(ނ) ޑައިވަރށަންގެ ފިޔަވަޅެއް އިހްތިޔާރުކުރުމުގައި، ގާޟީ އިސްކަންދޭންވާނީ ތުހުމަތުގައިވާ ކުއްޖާ ހެޔޮގޮތުގައި މުޖުތަމައަށް ވީއެންމެ އަވަހަކަށް އެނބުރި އައުމަށް އެހީތެރިވެދިނުމަށާއި، ވީވަރަކުން ކުއްޖާ މަރުކަޒެއްގައި ބަންދުކުރުމުން އެއްކިބާވުމަށެވެ. އަދި ތުހުމަތުގައިވާ ކުއްޖާ އިސްލާހުވުމަށް ބޭނުންވާ ކަންކަމަށާއި، މުޖުތަމައުގެ ރައްކާތެރިކަމަށާއި، އެކަށީގެންވާ ކޮންމެ ހާލަތެއްގައި އަނިޔާ ލިބުނު ފަރާތާ މަށްވަރާކުރުމަށްފަހު، އެފަރާތުގެ މަސްލަހަތަށްވެސް ގާޟީ ރިއާޔަތްކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅަށްވުރެ ގިނަ ފިޔަވަޅު ކުއްޖާގެ މައްޗަށް ކަނޑައެޅުމުގެ އިހްތިޔާރު ގާޟީއަށް ލިބިގެންވެއެވެ.

 

74 ވަނަ މާއްދާ - އިޖްތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓަށް ރިއާޔަތްކުރުން

ކުޑަކުއްޖެއްގެ މައްޗަށް ށަރީއަތްކުރުމަށްފަހު، އެކުއްޖާގެ މައްޗަށް ކުށް ސާބިތުވާކަމަށް މި ގާނޫނުގެ 71 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ހާލަތުގައި، އެކުއްޖާއާމެދު މި ބާބުގެ ދަށުން ފިޔަވަޅުއެޅުމަށް ގާޟީ ނިންމަންވާނީ، ކުއްޖާއާ ގުޅޭގޮތުން ތައްޔާރުކުރެވޭ އިޖްތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓާއި، ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމާގުޅޭ ރިޕޯޓުގައިވާ ކަންކަމަށް ރިއާޔަތްކުރުމަށްފަހުގައެވެ.

 
ސާދަވަނަ ބާބު

ފަރުވާގެ ޕްރޮގްރާމްތައް

 
75 ވަނަ މާއްދާ - ފަރުވާގެ ޕްރޮގްރާމްތައް

(ހ) މި ގާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންކުރާ އުމުރުން މަތީ ކުޑަކުދިންގެ ތެރެއިން، އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ކުރާ ކުޑަކުދިންނާއި އާއިލާތަކަށާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާއި އެކުދިންގެ އާއިލާތަކާއި، އެކި ސަބަބުތަކަށްޓަކައި ކުށަށް އަރައިގަންނަން މެދުވެރިވާ ކުޑަކުދިންނަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، އަންނަނިވި ބާވަތުގެ އިސްލާހީ އަދި ރީހެބިލިޓޭށަން ޕްރޮގްރާމްތައް ދައުލަތުން ފޯރުކޮށްދޭންވާނެއެވެ.

  1. ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނަށް ހާއްސަކުރެވިގެން ހިންގޭ އަރލީ-އިންޓަރވެންށަން ޕްރޮގްރާމްތައް؛
  2. އަހްލާގީ މައްސަލަތައް އިސްލާހުކުރުމަށް ހާއްސަކުރެވޭ ޕްރޮގްރާމްތައް؛
  3. ޑްރަގް ރީހެބިލިޓޭށަން ނުވަތަ ފަރުވާގެ ޕްރޮގްރާމްތައް؛
  4. އަނިޔާވެރި އަދި ބޮޑެތި ކުށް ކަމުގައިނުވާ ކުށްކުށުގައި ށާމިލުވާ ކުދިންނަށް ހިންގޭ އިސްލާހީ ޕްރޮގްރާމްތައް؛
  5. ބަދުއަހްލާގީ އަދި ޖިންސީ އަމަލުތަކުގައި ށާމިލުވާ ކުދިންނަށް ހާއްސަކުރެވިގެން ހިންގޭ އިސްލާހީ ޕްރޮގްރާމްތައް؛
  6. އަނިޔާވެރި އަދި ބޮޑެތި ކުށްތަކުގައި ށާމިލުވާ ކުދިން އިސްލާހުކުރުމަށް ހިންގޭ ޕްރޮގްރާމްތައް؛
  7. މުޖުތަމައާ އެކަހެރިކޮށް ތިބުމަށްފަހު މުޖުތަމައަށް އަނބުރާ ގެނައުމަށް ތައްޔާރުކޮށްދޭނެ  ރީ-އިންޓަރގްރޭށަން އަދި އާފްޓަރ-ކެއަރގެ ޕްރޮގްރާމްތައް؛
  8. އެނޫންވެސް ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާއި އެކި ސަބަބުތަކަށްޓަކައި ކުށްކުރުމުގައި ށާމިލުވާ ކުދިން އިސްލާހުކޮށް، ރީހެބިލިޓޭޓްކުރުމަށްޓަކައި ހިންގޭ ހާއްސަ ޕްރޮގްރާމްތައް؛
  9. ހަރުދަނާ މައިންބަފައިން ތަމްރީންކުރުމުގެ ޕްރޮގްރާމްތައް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޕްރޮގްރާމްތަކުގެ ތެރޭގައި، ކައުންސެލިންގ ޕްރޮގްރާމްތަކާއި، ގްރޫޕް ކައުންސެލިންގ ޕްރޮގްރާމްތަކާއި، ފެމިލީ ކޮންފަރެންސްތަކާއި ކޮމިއުނިޓީ ކޮންފަރެންސްތަކާއި، ކޭސް ކޮންފަރެންސްތަކާއި ތައުލީމީ ޕްރޮގްރާމްތަކާއި، ވޮކޭށަނަލް އަދި ލައިފް ސްކިލްސް ޕްރޮގްރާމްތަކާއި، ވަކި ކަމަކަށް ހާއްސަ އިންޓެންސިވް ޕްރޮގްރާމްތަކާއި، މުޖުތަމައަށް ހިދުމަތްކުރުމުގެ ޕްރޮގްރާމްތަކާއި، އެނޫންވެސް އާންމު އަދި ކުއްޖާއާއި އާއިލާގެ ހާލަތަށް ހާއްސަކުރެވިގެން ހިންގޭ ރީހެބިލިޓޭށަންގެ ޕްރޮގްރާމްތައް ހިމެނެންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޕްރޮގްރާމްތަކުގެ ތެރޭގައި، ކުރު މުއްދަތަށް ނުވަތަ ދިގު މުއްދަތަށް އެކަހެރިކޮށްގެން ފަރުވާދޭންޖެހޭ ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ޕްރޮގްރާމްތައްވެސް ހިމެނެންވާނެއެވެ.

 

76 ވަނަ މާއްދާ - އަމިއްލަ ފަރާތްތައް މެދުވެރިކޮށް ފަރުވާގެ ޕްރޮގްރާމްތައް ހިންގުން

މި ގާނޫނުގެ 75 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ޕްރޮގްރާމްތައް ހިންގޭނެ ވަސީލަތްތައް، ދައުލަތުން ހަމަޖައްސައިދޭންވާނެއެވެ. އެފަދަ ފަރުވާގެ ޕްރޮގްރާމްތައް، ސަރުކާރުގެ އިދާރާތަކުގެ އިތުރުން، މަދަނީ ޖަމްއިއްޔާތައް ނުވަތަ އަމިއްލަ ފަރާތްތައް މެދުވެރިކޮށްވެސް ދައުލަތަށް ހިންގިދާނެއެވެ.

 

77 ވަނަ މާއްދާ - ފަރުވާގެ ޕްރޮގްރާމްތަކުގައި ބެލެނިވެރިންގެ އެއްބާރުލުން ލިބުން

(ހ) ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާއި ކުށަށް އަރައިގަންނަ ކުދިންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން އެކުދިންގެ ބެލެނިވެރިންނާއި އާއިލާގެ ފަރާތުން ފޯރުކޮށްދޭންވާނެއެވެ.

(ށ) ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާއި ކުށަށް އަރައިގަންނަ ކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށް އެކުދިންގެ ބެލެނިވެރިންގެ ފަރާތުން ކޯޓަށް ލިބެންޖެހޭ އެއްބާރުލުން ލިބެމުންނުދާކަމަށް ކޯޓަށް ފާހަގަކުރެވޭ ހާލަތުގައި، ކުދިން ތަރުބިއްޔަތުކުރުމާގުޅޭ ޕްރޮގްރާމެއްގައި ނުވަތަ ކަމާގުޅުންހުރި ކައުންސެލިންގ ސެށަނެއްގައި ބެލެނިވެރިޔާ ބައިވެރިވުމަށް އެންގުމުގެ ބާރު ގާޟީއަށް ލިބިގެންވެއެވެ.

 

78 ވަނަ މާއްދާ - ފަރުވާއާބެހޭ ގަވާއިދު ހެދުން

މި ބާބުގައި ބަޔާންކުރާ ފަދަ ޕްރޮގްރާމްތަކާ ގުޅޭ ތަފްސީލުތައް  މި ގާނޫނުގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

ފަނަރަވަނަ ބާބު

ކުޑަކުދިންގެ މަރުކަޒުތައް

 

79 ވަނަ މާއްދާ - ކުޑަކުދިންގެ މަރުކަޒުތައް

ކުރު މުއްދަތަށް ނުވަތަ ދިގު މުއްދަތަށް އެކަހެރިކޮށްގެން ފަރުވާދޭންޖެހޭ ކުޑަކުދިންނާއި، އިސްލާހީ ފިޔަވަޅުއެޅުމަށްޓަކައި ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަންޖެހޭ ކުދިން ބޭތިއްބުމަށްޓަކައި، އަންނަނިވި ބާވަތްތަކުގެ މަރުކަޒުތައް ދައުލަތުން ގާއިމުކުރަންވާނެއެވެ.

(ހ) ކުޑަކުދިންގެ ރެޒިޑެންށަލް މަރުކަޒުތައް؛

(ށ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތައް.

 

80 ވަނަ މާއްދާ - ކުޑަކުދިންގެ ރެޒިޑެންށަލް މަރުކަޒުތައް

(ހ) ކުޑަކުދިންގެ ރެޒިޑެންށަލް މަރުކަޒުތައް ބެހިގެންވަނީ އަންނަނިވި ބާވަތްތަކުގެ މަރުކަޒުތަކަށެވެ.

  1. ރެޒިޑެންށަލް ޓްރީޓްމަންޓް ސެންޓަރ؛
  2. ކުޑަކުދިންގެ ށެލްޓަރ ނުވަތަ ހާފްވޭ ހައުސް؛
  3. ލޯންގް ޓަރމް ރެޒިޑެންށަލް ކެއަރ ފެސިލިޓީ.

(ށ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 18 (އަށާރަ) މަސްދުވަހުގެ ތެރޭގައި، މި މާއްދާގެ (ހ) ގައި ބަޔާންކުރާ 3 (ތިނެއް) ބާވަތުގެ މަދުވެގެން 1 (އެކެއް) މަރުކަޒު، ތަމްރީން ލިބިފައިވާ މީހުންނާއެކު، މިނިސްޓްރީން އުފައްދައި ހިންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އެ މާއްދާގައި ބަޔާންކުރާ މަރުކަޒުތަކުގެ އިތުރުން، މި ގާނޫނުގެ 75 ވަނަ މާއްދާގައި ބަޔާންކުރާ ފަރުވާ ދިނުމަށްޓަކައި ހާއްސަކުރެވޭ އެހެން މަރުކަޒުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އުފައްދައި ހިންގުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

(ރ) މި މާއްދާގެ ދަށުން މިނިސްޓްރީން ގާއިމުކޮށް ހިންގާ މަރުކަޒުތައް ހިންގުމުގައާއި، އެ މަރުކަޒުތަކުން ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައާއި، އެ މަރުކަޒުތައް ހިންގުމުގައި ކުޑަކުދިންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ޖަމްއިއްޔާތަކާ ގުޅިގެން މަސައްކަތްކުރުމަށް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އިސްކަންދޭންވާނެއެވެ.

(ބ) މިނިސްޓްރީން އުފައްދައި ހިންގުމަށް މި ގާނޫނުން ލާޒިމުކުރާ މަރުކަޒުތަކާއި މި މާއްދާގެ (ނ) ގައި ބަޔާންކުރާ މަރުކަޒުތައް މިނިސްޓްރީން އުފެއްދުމުގެ އިތުރަށް، އެފަދަ މަރުކަޒުތައް އުފައްދައި ހިންގުމަށް ށައުގުވެރިވާ އަމިއްލަ ފަރާތްތަކަށް، އެފަދަ މަރުކަޒުތައް ދިވެހިރާއްޖޭގައި ހިންގުމުގެ ހުއްދަ ދެވިދާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން އުފައްދާ މަރުކަޒުތަކަކީ، މި ގާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެ މިނިސްޓްރީން ދޫކުރާ ލައިސަންސެއްގެ ދަށުން ހުއްދަ ލިބިގެން ހިންގޭ މަރުކަޒުތަކެއް ކަމުގައި ވާންވާނެއެވެ.

(ކ) މި މާއްދާގެ ދަށުން އުފައްދާ މަރުކަޒުތައް އުފައްދައި ހިންގުމުގެ އުސޫލުތަކާއި، މި މަރުކަޒުތަކުގައި އެންމެ މަދުވެގެން ހުންނަންޖެހޭ މިންގަނޑުތަކާއި، އެފަދަ މަރުކަޒުތައް ހިންގުމުގެ ލައިސަންސް ދިނުމުގެ އުސޫލުތައް، މި ގާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

81 ވަނަ މާއްދާ - ކުޑަކުދިންގެ ރެޒިޑެންށަލް މަރުކަޒުތަކުގެ ތަފްސީލު

(ހ) މި ގާނޫނުގެ 80 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ރެޒިޑެންށަލް ޓްރީޓްމަންޓް ސެންޓަރއަކީ، ކޮންމެ ކުއްޖެއްގެ ހާލަތަށް ބިނާކޮށް، އެކުއްޖާއަށް ބޭނުންވާ ހާއްސަ ފަރުވާތައް ދެނެގަނެ،

އެ ފަރުވާ ނުވަތަ ފަރުވާތައް ދިނުމަށްޓަކައި އެ ފަރުވާގެ މުއްދަތަށް ކުދިން ދިރިއުޅޭނެ ގޮތަށް އުފައްދާ މަރުކަޒުތަކެވެ.

(ށ) މި ގާނޫނުގެ 80 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ކުޑަކުދިންގެ ށެލްޓަރ ނުވަތަ ހާފްވޭ ހައުސްއަކީ، މި ގާނޫނުގެ 80 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ފަދަ ލޯންގް ޓަރމް ރެސިޑެންށަލް ކެއަރ ފެސިލިޓީއެއްގައި ނުވަތަ މި ގާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކުރާ ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒެއްގައި ވަކި މުއްދަތެއް ހޭދަކޮށްފައިވާ ކުދިން، އަނބުރާ މުޖުތަމައަށް ނިކުތުމަށް ތައްޔާރުކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށްޓަކައި އެކުދިން ބައިތިއްބާ މަރުކަޒުތަކެވެ.

(ނ) މި ގާނޫނުގެ 80 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ލޯންގް ޓަރމް ރެޒިޑެންށަލް ފެސިލިޓީއަކީ ކަނޑައެޅޭ ވަކި ށަރުތުތަކަކާއެކު، ކުއްޖާގެ އާއިލާއާއި، މުޖުތަމައާ ބައިވެރިވެވޭނެ ފަދައިން، ދިގު މުއްދަތަކަށް ކުދިންނަށް ދިރިއުޅެވޭނެ ފަދައިން އުފައްދާ މަރުކަޒުތަކެވެ.

 

82 ވަނަ މާއްދާ - ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތައް

(ހ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތައް ބެހިގެންވަނީ އަންނަނިވި ބާވަތްތަކުގެ މަރުކަޒުތަކަށެވެ.

  1. ޖުވެނައިލް ޑިޓެންށަން ސެންޓަރ؛
  2. ލޯންގް ޓަރމް ސެކިޔޯ ފެސިލިޓީ.

(ށ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 18 (އަށާރަ) މަސްދުވަހުގެ ތެރޭގައި މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބާވަތުގެ މަރުކަޒުތައް، ޖަލުތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓަރު ގާއިމުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އުފައްދާ މަރުކަޒުތައް އުފައްދައި ހިންގުމުގެ އުސޫލުތަކާއި، އެފަދަ މަރުކަޒުތަކުގައި ހިފަހައްޓަންޖެހޭ ސްޓޭންޑަރޑްތަކާއި، އެފަދަ މަރުކަޒުތައް ހިންގުމުގައި ގެންގުޅޭނެ އެނޫންވެސް މިންގަނޑުތަކާއި، އެފަދަ މަރުކަޒުތައް ހިންގުމުގެ ލައިސަންސް ދިނުމުގެ އުސޫލުތައް،       އެ މަރުކަޒުތަކުގައި ކުދިންނަށް ދެވޭނެ ހިދުމަތްތަކާއި، އެ މަރުކަޒުތަކުގައި ހިންގަންޖެހޭނެ ފަރުވާގެ ޕްރޮގްރާމްތައް  މި ގާނޫނުގެ ދަށުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އަދި މި ގަވާއިދު އެކުލަވާލުމުގައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ފަންނީ ލަފައާއި މަށްވަރާ ހޯދަންވާނެއެވެ.

 

83 ވަނަ މާއްދާ - ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގެ ތަފްސީލު

(ހ) މި ގާނޫނުގެ 82 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން އުފައްދާ ޖުވެނައިލް ޑިޓެންށަން ސެންޓަރަކީ، ދިގު މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން ކަނޑައަޅާ ކުޑަކުދިންގެ ތެރެއިން، ނުރައްކާތެރި ކުށްކުރާ ކުދިން ފިޔަވައި އެހެން ކުދިން ބޭތިއްބުމަށް ހާއްސަކުރެވޭ މަރުކަޒުތަކެވެ.

(ށ) މި ގާނޫނުގެ 82 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން އުފައްދާ ލޯންގް ޓަރމް ސެކިޔޯ ފެސިލިޓީއަކީ، ދިގު މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން ކަނޑައަޅާ ކުޑަކުދިންގެ ތެރެއިން، ޖިނާއީ ބޮޑެތި ކުށްތައް ކުރާ، މުޖުތަމައާ އެކަހެރިކޮށްގެން ބަލަހައްޓަންޖެހޭ ކުދިން ބޭތިއްބުމަށް ހާއްސަކުރެވޭ މަރުކަޒުތަކެވެ.

 

84 ވަނަ މާއްދާ - ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒު

(ހ) މި ގާނޫނުގެ 80 ވަނަ މާއްދާއާއި 82 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަރުކަޒުތަކުގެ އިތުރުން، މި ގާނޫނުގެ ދަށުން ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިން ކޮންމެހެން ބަންދުގައި ބައިތިއްބަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެކުދިން ވަގުތީގޮތުން ބޭތިއްބޭނެ ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒުތައް، ދައުލަތުން ގާއިމުކުރަންވާނެއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 18 (އަށާރަ) މަސްދުވަހުގެ ތެރޭގައި މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބާވަތުގެ މަދުވެގެން 1 (އެކެއް) ކަސްޓޯޑިއަލް މަރުކަޒު، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގާއިމުކުރަންވާނެއެވެ. މި މަރުކަޒަކީ ދެ ޖިންސުގެ ކުދިން ވަކިން ބޭތިއްބޭނެ މަރުކަޒަކަށް ވާންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަރުކަޒު އުފައްދައި ހިންގުމުގެ އުސޫލުތަކާއި، އެފަދަ މަރުކަޒުތަކުގައި ހިފަހައްޓަންޖެހޭ ސްޓޭންޑަރޑްތަކާއި، އެފަދަ މަރުކަޒުތައް ހިންގުމުގައި ގެންގުޅޭނެ އެނޫންވެސް މިންގަނޑުތައް،     މި ގާނޫނުގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އަދި މި ގަވާއިދު އެކުލަވާލުމުގައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ފަންނީ ލަފަޔާއި މަށްވަރާ ހޯދަންވާނެއެވެ.

 

85 ވަނަ މާއްދާ - އަތޮޅު ތެރޭގައި މަރުކަޒުތައް ގާއިމުކުރުން

މަރުކަޒެއްގައި ކުއްޖަކު ބެހެއްޓުމަށް ކޯޓުން ނިންމާ ހާލަތުގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ކުއްޖާ ބަހައްޓައިގެން ފަރުވާދިނުމަށްޓަކައި އެފަދަ މަރުކަޒުތައް އަތޮޅުތަކުގައި ނުވަތަ ރަށްތަކުގައި ދައުލަތުން ގާއިމުކޮށް، ބަލަހައްޓަންވާނެއެވެ.

 

86 ވަނަ މާއްދާ - މަރުކަޒުތަކުގައި ކުޑަކުދިން ބޭތިއްބުމުގެ މަގްސަދުތައް

(ހ) މަރުކަޒެއްގައި ކުއްޖަކު ބަހައްޓަންވާނީ އެކުއްޖަކު އެ މަރުކަޒެއްގައި ބެހެއްޓުން އެއީ އެކުއްޖަކާމެދު އެޅެން އޮތް އެންމެ ފަހުގެ ފިޔަވަޅަށްވެފައި، އަދި އެކުއްޖަކު ބެހެއްޓޭ މުއްދަތަކީ ހަމައެކަނި އެ ހާލަތެއް ލާޒިމުކުރާ އެންމެ ކުރު މުއްދަތަކަށް ވާނަމައެވެ.

(ށ) މަރުކަޒުތަކުގައި ބައިތިއްބާ ކުޑަކުދިންނަށް އެކުދިންގެ އުމުރާއި، ޖިންސާއި، އިޖްތިމާއީގޮތުން ބިނާކުރަނިވި އަދި މުޖުތައުގައި ފައިދާހުރި ބައެއްގެ ގޮތުގައި ތަރުބިއްޔަތުކުރަނިވި އިޖްތިމާއީ، ތައުލީމީ، ނަފްސާނީ، ސިއްހީ، އަދި ޖިސްމާނީގޮތުން މުހިންމު އަޅާލުމާއި، ރައްކާތެރިކަމާއި، އެހީތެރިކަމެއް  އެ މަރުކަޒުގެ މާހައުލުގެ ތެރޭގައި ފޯރުކޮށްދޭންވާނެއެވެ.

(ނ) މި ގާނޫނުގެ ދަށުން އުފައްދާ މަރުކަޒުތައް ވާންވާނީ، ބޮޑެތި މީހުން ބަންދުކުރާ ތަންތަނާ ވަކިން ހަދާފައިވާ، ކުއްޖާގެ އުމުރާއި، ކޮށްފައިވާ ކުށާއި އެކަށޭނަ ތަންތަން ކަމުގައެވެ.

(ރ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، ކަނޑައެޅޭ ހަމަހަމަ އުސޫލެއްގެ ދަށުން މަރުކަޒުތަކުގައި ބައިތިއްބާ ކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި، އެކުދިންނަށް ޒިޔާރަތްކުރުމުގެ ހައްގު އެކުދިންގެ ބެލެނިވެރިންނަށާއި އާއިލާއަށް ލިބިގެންވެއެވެ.

(ބ) މަރުކަޒުތަކުގައި ބައިތިއްބާ ކުދިން އިސްލާހުކުރުމުގެ ގޮތުންވެސް އެއްވެސް ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާއެއް ލިބޭފަދަ އެއްވެސް އަމަލެއް ނުވަތަ އިހުމާލުވާފަދަ އެއްވެސް އަމަލެއް ހިންގައިގެންނުވާނެއެވެ.


(ޅ) މަރުކަޒުތަކުގައި ތިބޭ ކޮންމެ ކުއްޖަކަށް، އެކުއްޖާގެ އުމުރާއި ފެންވަރާއި، ބަދަލުވަމުންދާ ގާބިލިއްޔަތާ އެކަށީގެންވާ ތައުލީމާއި ތަމްރީނާއި ހުނަރުތައް ފޯރުކޮށްދޭންވާނެއެވެ.

(ކ) މަރުކަޒުތަކުގައި ތިބޭ ކުދިންނަށް ކަސްރަތުކުރުމާއި ކުޅިވަރުކުޅެވޭނެ އިންތިޒާމު، ހަމަޖެހިފައިވާ އުސޫލެއްގެ މަތިން ލިބެންވާނެއެވެ. އަދި ކުއްޖާއަށް ބޭނުންވާ ސިއްހީ ފަރުވާއާއި އިޖްތިމާއީ އަދި ނަފްސާނީ އެހީތެރިކަމާއި ކައުންސެލިންގގެ ހިދުމަތްތައް ދޭންވާނެއެވެ.

 

87 ވަނަ މާއްދާ - މަރުކަޒުތަކުގައި ކުޑަކުދިން ބޭތިއްބުމުގެ އުސޫލު

(ހ) މަރުކަޒުގައި ކުޑަކުއްޖަކު ބެހެއްޓުމަށްޓަކައި އެކުއްޖަކާ އެ މަރުކަޒަކުން ހަވާލުވާންވާނީ، ގާޟީގެ އަމުރެއް އެ މަރުކަޒަކަށް ލިބުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަމުރުގައި އަންނަނިވި މައުލޫމާތު ހިމެނެންވާނެއެވެ.

  1. ކުއްޖާގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، އުމުރާއި، ޖިންސާއި، ނިސްބަތްވާ ގައުމާއި، އެނޫންވެސް ކުއްޖާއަކީ ކާކުކަން އަންގައިދޭ މައުލޫމާތާއި، ކުއްޖާގެ ބެލެނިވެރިޔާގެ މައުލޫމާތު؛
  2. ކުއްޖާ ބަހައްޓަންޖެހޭ ކަމާއި، ބަހައްޓަންޖެހޭ ގާނޫނީ ސަބަބުތައް؛
  3. ކުއްޖާ ބަހައްޓަންޖެހޭ ކަމަށް ގާޟީ ކަނޑައެޅި ތާރީހާއި ގަޑި؛
  4. ކުއްޖާ ބަހައްޓަންޖެހޭ ތަން ކަމުގައި ގާޟީ ކަނޑައެޅި ތަން؛
  5. ކުއްޖާ ބަހައްޓަންވީ މުއްދަތު؛
  6. މަރުކަޒުގައި ހުންނައިރު ކުއްޖާއަށް ލިބިދޭންޖެހޭ ފަރުވާ.

(ނ) މަރުކަޒުތަކުގައި ކުޑަކުދިން ބޭތިއްބުމުގައި އަމަލުކުރަންޖެހޭ ތަފްސީލު އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

88 ވަނަ މާއްދާ - މަރުކަޒުތަކުގައި ބަލަހައްޓަންޖެހޭ މައުލޫމާތު

(ހ) ކުއްޖާ ބަހައްޓާ މަރުކަޒުތަކުގައި ތިރީގައިވާ މައުލޫމާތު ލިޔުމުން ބަލަހައްޓަންވާނެއެވެ.

  1. ކުއްޖާއާބެހޭ ތަފްސީލީ މައުލޫމާތު؛
  2. ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ތައްޔާރުކޮށްފައިވާ ކުއްޖާގެ ހާލަތު ބަޔާންކޮށްދޭ ރިޕޯޓު؛
  3. ކުއްޖާ މަރުކަޒުގައި ބެހެއްޓިފައި ހުރި ސަބަބާއި، ބަހައްޓަން އަމުރުކުރި ފަރާތާއި، ކުއްޖާއާ ހަވާލުވާ ފަރާތުގެ ތަފްސީލީ މައުލޫމާތު؛
  4. ކުއްޖާ ބެހެއްޓުނު އަދި ދޫކޮށްލެވުނު ދުވަހާއި ވަގުތާއި ސަބަބު؛
  5. ކުއްޖާ ބެހެއްޓުމާބެހޭ މައުލޫމާތުތައް ކުއްޖާގެ ބެލެނިވެރިންނާ ހިއްސާކުރެވިފައިވާ ގޮތުގެ ތަފްސީލު؛
  6. މަރުކަޒުގައި ބެހެއްޓުނު މުއްދަތު ފެށުނީއްސުރެ ކުއްޖާގެ ސިއްހީ އަދި ނަފްސާނީ އަދި ޖިސްމާނީ ހާލަތުގެ ތަފްސީލު ރެކޯޑު؛ އަދި
  7. މަރުކަޒުގައި ބެހެއްޓުނު މުއްދަތު ފެށުނީއްސުރެ ކުއްޖާގެ އުޅުމަށް އައިސްފައިވާ ބަދަލު.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ގަވާއިދުން ބެލެހެއްޓުމެއް ނެތި ކުއްޖާ ބެލެހެއްޓުމަކީ އެކުއްޖާއާމެދު އިހުމާލުވުން ކަމުގައި ބެލޭނެއެވެ.

 

89 ވަނަ މާއްދާ - މަރުކަޒުގައި ބެހެއްޓުމުގެ ކުރިން ކުއްޖާއަށް ދޭންޖެހޭ މައުލޫމާތު

ކުއްޖާއާ މަރުކަޒުން ހަވާލުވާ ފަރާތުން އަންނަނިވި މައުލޫމާތު ކުއްޖާއަށް ލިޔުމުންނާއި އަނގަބަހުން ހިއްސާކޮށް، އެ މައުލޫމާތު ކުއްޖާއަށް ފަހުމްވިކަން ކަށަވަރުކުރަންވާނެއެވެ.

(ހ) މަރުކަޒުގައި އަމަލުކުރާ އެންމެހައި އުސޫލުތައް؛

(ށ) ކުއްޖާއަށް ލިބިގެންވާ ހައްގުތަކާއި ކުއްޖާގެ ޒިންމާތައް؛

(ނ) މަރުކަޒުގައި ހުންނަ މުއްދަތުގައި ކުއްޖާގެ ބެލެނިވެރިންނާއި އާއިލާއާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ގޮތް؛

(ރ) މަރުކަޒުގައި ހުންނަ މުއްދަތުގައި ގާނޫނީ އެހީތެރިކަން ލިބޭނެ ގޮތް؛

(ބ) މަރުކަޒުގެ މުވައްޒަފުންގެ ޒިންމާތައް.

 

90 ވަނަ މާއްދާ - މަރުކަޒުގައި ބެހެއްޓުމުގެ ކުރިން މެޑިކަލް އެސެސްމަންޓް ހެދުން

(ހ) ކުޑަކުއްޖަކު މަރުކަޒަކަށް ގެންދިއުމަށްފަހު، އެކުއްޖާ އެ މަރުކަޒަށް ގެންދާތާ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެ މަރުކަޒުން ކަނޑައަޅާ ފަރާތެއް މެދުވެރިކޮށް އެކުއްޖާގެ މެޑިކަލް އެސެސްމަންޓެއް ހަދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަދާ މެޑިކަލް އެސެސްމަންޓް ހަދަންވާނީ އަންނަނިވި ކަންކަން ކަނޑައެޅުމަށްޓަކައެވެ.

  1. ކުއްޖާއަށް ޖިސްމާނީ ގޮތުން ނުވަތަ ނަފްސާނީ ގޮތުން އެއްވެސް ބާވަތެއްގެ ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށާއި؛
  2. ކުއްޖާއަށް ބޭނުންވަނީ ކޮން ބާވަތެއްގެ ފަރުވާއެއްތޯ ދެނެގަތުމަށާއި؛ އަދި
  3. ގައިން ގަޔަށް އަރާ ބައްޔެއް އެކުއްޖެއްގެ ގައިގައި ހުރުމުގެ ސަބަބުން އެކުއްޖާ އެކަހެރިކުރަންޖެހޭތޯ ބެލުމަށް.

 

91 ވަނަ މާއްދާ - މަރުކަޒުތަކުގައި ފަރުވާގެ ޕްރޮގްރާމްތައް ހިންގުން

(ހ) ކުޑަކުދިން މަރުކަޒުގައި ހޭދަކުރާ ދުވަސްތަކުގައި، އެކުދިން ކުށްކުރުމުން ދުރުހެލިކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި، މި ގާނޫނުގެ 75 ވަނަ މާއްދާގައި ބަޔާންކުރާ ފަރުވާގެ ޕްރޮގްރާމްތައް މަރުކަޒުތަކުގައި ހިންގަންވާނެއެވެ.

(ށ) މަރުކަޒުތަކުން ފޯރުކޮށްދޭންޖެހޭ ފަރުވާގެ ޕްރޮގްރާމްތަކާގުޅޭ ގަވާއިދުތައް ހަދާނީ، މިނިސްޓްރީންނެވެ.

 

92 ވަނަ މާއްދާ - ފަރުވާގެ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ މުވައްޒަފުން

(ހ) މި ގާނޫނުގެ 75 ވަނަ މާއްދާގައި ބަޔާންކުރާ ފަރުވާގެ ޕްރޮގްރާމްތައް ހިންގުމަށާއި މަރުކަޒުތަކުގައި އެނޫންވެސް ހިދުމަތްތައް ދިނުމަށްޓަކައި، ކޮންމެ މަރުކަޒެއްގައިވެސް، އެކަށީގެންވާ އަދަދަކަށް ކައުންސެލަރުންނާއި ސޯށަލް ވަރކަރުންނާއި ރީހެބިލިޓޭށަން އޮފިސަރުން ތިބެންވާނެއެވެ. އަދި މީގެއިތުރުން މުދައްރިސުންނާއި، ދީނީ އިލްމުވެރިންނާއި، ވޮކޭށަނަލް ތަމްރީންކޮށްދޭ ފަރާތްތަކާއި، ސައިކޮލޮޖިސްޓުންނާއި، ސައިކިއޭޓްރިސްޓުންނާއި، ދަރުމަވެރިން އަދި އެނޫންވެސް ފަންނީ މުވައްޒަފުންގެ ހިދުމަތް ލިބެންވާނެއެވެ.

(ށ) ރީހެބިލިޓޭށަން އޮފިސަރުންގެ މަސައްކަތްތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

  1. މަރުކަޒުތަކުގައި ތިބޭ ކުދިންނަށް އެތަނުގައި ދިރިއުޅެން އެހީތެރިވެދިނުމާއި، އާއިލާއާއި މުޖުތަމައުގެ އަފުރާދުންނާއެކު ގުޅުން ދެމެހެއްޓުމުގައި އެހީތެރިވުމާއި، މުޖުތަމައަށް ނިކުމެ އާންމު ދިރިއުޅުމަށް ތައްޔާރުކޮށްދީ އެކަންކަމުގައި ކުދިންނަށް އިރުށާދު ދިނުން؛
  2. ކުދިންގެ އަހްލާގާއި ދިރިއުޅުމުގެ ހުނަރުތައް ތަރައްގީކޮށް ބައްޓަންކުރުމަށް ޕްރޮގްރާމްތައް ހިންގުން؛
  3. އިޖްތިމާއީ ގޮތުން އެހީތެރިވެ ތަފާތު ޖަމާއަތްތަކާ ގުޅިގެން ކުދިން އަލުން ކުށަކަށް އަރައިގަތުމުގެ ފުރުސަތު ކުޑަކުރުމަށާއި ރަނގަޅު ގޮތުގައި އަލުން މުޖުމައަށް އައުމަށް އެހީތެރިވެދިނުމަށްޓަކައި ޕްރޮގްރާމްތައް ހިންގުން.

 
93 ވަނަ މާއްދާ - ސިއްހީ ފަރުވާ ދިނުން

މަރުކަޒުތަކުގައި ތިބޭ ކުދިންނަށް ސިއްހީ ފަރުވާއެއް ދޭންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ލަސްނުކޮށް ފަރުވާ ލިބޭނެ އިންތިޒާމު އެ މަރުކަޒަކުން ހަމަޖައްސަންވާނެއެވެ. މިގޮތުން ދެވޭ ފަރުވާ އާއިލާއާ ހިއްސާކުރަންވާނެއެވެ. އަދި އާއިލާ ނެތް ހާލަތުގައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް އަންގަންވާނެއެވެ. މިގޮތުން ކުއްލިއަކަށް ބަލި ހާލު ދަށްވެއްޖެނަމަ އެމަޖެންސީކޮށް ފަރުވާދެވޭނެ އިންތިޒާމު ހަމަޖެހިފައި އޮންނަންވާނެއެވެ. އަދި މަރުކަޒުން ފަރުވާ ނުލިބޭފަދަ ބައްޔެއް ޖެހިފައިވާނަމަ، ނުވަތަ ޖެހިދާނެކަން ބެލެވޭނަމަ، އެފަދަ ފަރުވާއެއް އެކަށީގެންވާ އަވަސްމިނެއްގައި ލިބިދިނުމަށްޓަކައި، ސިއްހީ ހިދުމަތްދޭ މަރުކަޒަކަށް އެކުއްޖާ ބަދަލުކޮށް، އެކުއްޖާއަށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ.

 

94 ވަނަ މާއްދާ - އަވަހަށް އަދި ކުރިން ވަކި ކަމަކަށް ށަރުތުކޮށް ދޫކުރުމުގެ އިހްތިޔާރު

(ހ) މި ގާނޫނުގެ ދަށުން ކުޑަކުދިން ބެހެއްޓޭ މަރުކަޒުތަކުގައި ތިބޭ ކުދިންގެ ތެރެއިން، ކޯޓު އަމުރުގައި ބަޔާންކުރާ މުއްދަތުގެ ކަނޑައެޅިފައިވާ ވަކި މިންވަރެއް ތަންފީޒުވެ ނިމިފައިވާ ކުދިން، މުޖުތަމައުގެ ރައްކާތެރިކަން ނުގެއްލޭނެ ގޮތެއްގެ މަތިން މުޖުތަމައަށް އަލުން އަހުލުވެރިކުރުވުމަށްޓަކައި، ކަނޑައެޅޭ ވަކި ށަރުތުތަކަކާއެކު ޕެރޯލްގެ ދަށުން ދޫކުރުމުގެ ނުވަތަ ކުއްޖާ ހުރި މަރުކަޒަށްވުރެ ކުއްޖާއަށް މިނިވަންކަމާއެކު އުޅެވޭނެ، އެހެން މަރުކަޒަކަށް ބަދަލުކުރުމުގެ ފުރުސަތު ލިބިދޭންވާނެއެވެ.

(ށ) މަރުކަޒުތަކުގައި ތިބޭ ކުދިން ށަރުތަކާއެކު ދޫކުރެވެން އޮތް އެންމެ އަވަސް ފުރުސަތެއްގައި އެކުދިން ދޫކުރުމަށް ކަމާބެހޭ ފަރާތުން އިސްކަންދޭންވާނެއެވެ.

(ނ) މި ގާނޫނުގެ ދަށުން މަރުކަޒުތަކުގައި ތިބޭ ކުދިން އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަދަލުކުރުމަށް އެދި، ނުވަތަ ޕެރޯލްގެ ދަށުން ދޫކުރުމަށް އެދި ކަރެކްށަނަލް ސަރވިސްއިން ނުވަތަ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ކޯޓަށް ހުށަހެޅިދާނެއެވެ.

 

95 ވަނަ މާއްދާ -ޕެރޯލް އޮފިސަރުން އައްޔަންކުރުން

(ހ) ޕެރޯލްގެ ދަށުން މުޖުތަމައަށް ދޫކުރެވޭ ކުޑަކުދިންނަށް ޕެރޯލްގެ ށަރުތުތަކާ އެއްގޮތަށް އަމަލުކުރުމަށް މަގުފަހިކޮށްދީ،     އެ ށަރުތުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށްޓަކައި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ޕެރޯލް އޮފިސަރުން ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޕެރޯލް އޮފިސަރުންގެ ޒިންމާތަކާއި، ޕެރޯލްގެ ދަށުން ދޫކުރާ ކުދިން ބެލެހެއްޓުމުގައި ޕެރޯލް އޮފިސަރުން އަމަލުކުރާނެ އުސޫލުތައް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަނޑައަޅަންވާނެއެވެ.

 

96 ވަނަ މާއްދާ -ޕެރޯލް ފުރިހަމަކުރުން

(ހ) ޕެރޯލްގެ ދަށުން ދޫކޮށްފައިވާ ކުއްޖަކު އޭނާ އަމަލުކުރަން ކަނޑައަޅާފައިވާ ޕެރޯލްގެ ށަރުތުތަކާ ހިލާފުނުވެ، ޕެރޯލްގެ މުއްދަތު ފުރިހަމަކޮށްފިނަމަ، އޭނާއަކީ ޕެރޯލް ފުރިހަމަކޮށްފައިވާ ކުއްޖަކު ކަމުގައި ނިންމަންވާނެއެވެ.

(ށ) ވަކި ކުއްޖަކީ ޕެރޯލް ފުރިހަމަކޮށްފައިވާ ކުއްޖެއް ކަމަށް މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާފައިވާ ކުއްޖެއްގެ މައްޗަށް ކޯޓުން ކޮށްފައިވާ ހުކުމް އިތުރަށް ތަންފީޒުކޮށްގެންނުވާނެ ކަމަށް ކަނޑައަޅައި، ކޯޓުން އެކުއްޖާ ދޫކޮށްލަންވާނެއެވެ.

 

97 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން

(ހ) މަރުކަޒުގައި ތިބޭ ކުދިންނަށް ދިމާވާ ކަންކަމާ ގުޅޭގޮތުން ށަކުވާ ހުށަހެޅޭނެ، އަދި އެފަދައިން ހުށަހެޅޭ ށަކުވާ ބެލޭނެ ނިޒާމެއް ކޮންމެ މަރުކަޒެއްގައިވެސް ގާއިމުކޮށްފައި އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ށަކުވާ ހުށަހެޅޭނެ ގޮތާއި، ށަކުވާއާމެދު އަމަލުކުރާނެ ގޮތް އާންމުކޮށް ފެންނާނެހެން ކޮންމެ މަރުކަޒެއްގައި ބަހައްޓަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ށަކުވާއަކާ ގުޅޭގޮތުން އެކަށީގެންވާ ފިޔަވަޅެއް މަރުކަޒުން ނާޅައިފިނަމަ، އެކަން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ނުވަތަ އެނޫންވެސް ކަމާބެހޭ ފަރާތަކަށް ކުއްޖާގެ ފަރާތުން ހުށަހެޅޭނެ އިންތިޒާމު ކޮންމެ މަރުކަޒެއްގައި ހަމަޖެހިފައި އޮންނަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ށަކުވާތަކާއި، އެ ށަކުވާތަކާ ގުޅިގެން އެޅޭނެ ފިޔަވަޅުތަކުގެ މައުލޫމާތު ށަކުވާ ހުށަހެޅޭ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް މަރުކަޒުތަކުން ފޯރުކޮށްދޭންވާނެއެވެ.

 

98 ވަނަ މާއްދާ - މަރުކަޒުތަކަށް ގާބިލު މުވައްޒަފުން އައްޔަންކުރުން

މަރުކަޒުތަކުގައި ތިބޭ ކުޑަކުދިންނާއެކު މަސައްކަތްކުރުމަށް ނުވަތަ އެކުދިން ބެލެހެއްޓުމަށް އައްޔަންކޮށްފައިވާ ކޮންމެ ފަރާތެއް ވާންވާނީ މަގާމުގެ ލަޔާގަތާއި ގާބިލިއްޔަތުކަން ހުރި، އަދި އެކަށީގެންވާ ތަމްރީނާއި އަމަލީ ތަޖުރިބާ ލިބިފައިވާ މީހުންނަށެވެ.

 

99 ވަނަ މާއްދާ - މަސައްކަތް ކުރިއަށްދާ ގޮތް ބެލުން

(ހ) މަރުކަޒުތަކުގެ ހަރަކާތްތައް ބަލައި އިންސްޕެކްޓްކުރުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ކޮމިޓީއެއް އެކުލަވާލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ ކޮމިޓީގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކާއި ސިއްހީ މާހިރުންނާއި ސޯށަލް ވާރކަރުން ހިމެނެންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ ކޮމިޓީއަށް މެންބަރުން އައްޔަންކުރާނެ ގޮތާއި، ކޮމިޓީން މަރުކަޒުތައް އިންސްޕެކްޓްކުރާނެ ގޮތާއި، އިންސްޕެކްޓްކުރާނެ މުއްދަތުތަކާއި، އިންސްޕެކްށަން ރިޕޯޓު އެކުލަވާލާނެ ގޮތުގެ އިޖުރާއަތު    މި ގާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުގައި ހިމަނަންވާނެއެވެ.

 

100 ވަނަ މާއްދާ - މަރުކަޒުތައް އިންސްޕެކްޓްކުރުން

މި ގާނޫނުގެ ދަށުން އުފައްދާ އެންމެހައި ކަރެކްށަނަލް މަރުކަޒުތައް ބަލައި ފާސްކޮށް، އެތަންތަނުގައި ކަންކަން ހިންގަނީ މި ގާނޫނާއި   މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންތޯ ބަލައި ރިޕޯޓުކުރުމަކީ، ގާނޫނު ނަންބަރު 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސްގެ މަސްއޫލިއްޔަތެކެވެ.

 

101 ވަނަ މާއްދާ - މުސްތަގިއްލު ކޮމިށަނަކުން އިންސްޕެކްޓްކުރުން

މި ގާނޫނުގެ ފަނަރަވަނަ ބާބުގެ ދަށުން ގާއިމުކުރެވޭ މަރުކަޒުތަކުގައި ކުޑަކުދިން ބޭތިއްބޭނެ ގޮތާއި، އެކުދިންނާމެދު އަމަލުކުރެވޭ ގޮތާއި، އެކުދިންނަށް ދެވޭ ހިދުމަތްތައް، އިންސާނީ ހައްގުތަކުގެ މިންގަނޑުތަކަށް ފެތޭތޯ ބެލުމަށާއި، އެތަންތަނުގައި ދިމާވާ ހާދިސާތައް ތަހްގީގުކޮށް ބެލުމަށާއި، އެނޫންވެސް އެކަމަށް ބޭނުންވެއްޖެ ހާލަތްތަކުގައި މަރުކަޒުތައް އިންސްޕެކްޓްކުރުމުގެ އިހްތިޔާރު، ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އުފެދިފައިވާ ކަމާބެހޭ ކޮމިށަންތަކަށް ލިބިގެންވެއެވެ. އެފަދަ ކޮމިށަންތަކުން މަރުކަޒުތައް އިންސްޕެކްޓްކުރުމަށްފަހު ކަމާގުޅޭގޮތުން ތައްޔާރުކުރާ ރިޕޯޓު، ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމުގެ އިތުރުން، އެފަދަ ރިޕޯޓުތައް، ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަށް އާންމުކުރުމުގެ އިހްތިޔާރު އެފަރާތްތަކަށް ލިބިގެންވެއެވެ.

 

102 ވަނަ މާއްދާ - ބައިނަލްއަގްވާމީ ޖަމްއިއްޔާތަކުން އިސްޕެކްޓްކުރުން

ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގެ ދަށުން ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާއަކާއެކު ދިވެހިރާއްޖެއިން ވެފައިވާ އެއްބަސްވުމެއްގެ ދަށުން، މި ގާނޫނުގެ ދަށުން ހަދާ މަރުކަޒުތައް އިންސްޕެކްޓްކުރުމުގެ ހުއްދަ އެ ޖަމްއިއްޔާއަކަށް، ނުވަތަ އެ މުއާހަދާއެއް ތަންފީޒުކުރާ ފަރާތަކަށް ލިބިގެންވެއެވެ.

 

ސޯޅަވަނަ ބާބު

އިސްލާމްދީނުގައި ހައްދު އަދި ގިސާސް ކަނޑައެޅިފައިވާ ކުށްކުށާގުޅޭ ހާއްސަ އުސޫލު

 

103 ވަނަ މާއްދާ - ހައްދު އަދި ގިސާސް ކަނޑައެޅިފައިވާ ކުށްކުށާގުޅޭ

އިސްލާމްދީނުގައި ހައްދު އަދި ގިސާސް ކަނޑައެޅިފައިވާ ކުށެއް ކުޑަކުއްޖަކު ކޮށްފިކަމަށް ތުހުމަތުކުރެވޭ ހާލަތުގައި އަމަލުކުރާނީ މި ބާބުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އެފަދަ ހާއްސަ އުސޫލުތަކެއް ބަޔާންކުރުމުގެ ބޭނުމަކީ، ކުޑަކުދިންނަކީ، ބޮޑެތި މީހުންނާ އެއް މިންވަރަކަށް ތަސައްރަފު ފުދިފައިވާ ބައެއް ކަމުގައި ބެލުމުގެ ބަދަލުގައި، އެއީ ކުޑަކުދިން ކަމުގައި ދެކި، އެކުދިންގެ ތަސައްރަފު ފުދިފައިވާ މިންވަރު ދެނެގަތުމަށް ބާރުއެޅުމަށާއި، އެފަދަ ކުށްކުށް ތަހްގީގުކުރުމުގައާއި އެފަދަ ކުށްކުށާގުޅޭ ދައުވާ އުފުލުމުގައާއި ކުށް ސާބިތުކުރުމުގައި އިސްލާމީ ށަރީއާގައި ފުރިހަމަކުރަން ލާޒިމުކުރާ ކަންކަން ފުރިހަމަވެފައިވޭތޯ ބެލުމަށް ބާރުއެޅުމެވެ.

 

104 ވަނަ މާއްދާ - ތަހްގީގުކުރުމާއި ދައުވާ އުފުލުން

(ހ) އިސްލާމްދީނުގައި ހައްދު އަދި ގިސާސް ކަނޑައެޅިފައިވާ ކުށެއް ކުޑަކުއްޖަކު ކޮށްފިކަމަށް ތުހުމަތުކުރެވޭ ހާލަތުގައި އެ މައްސަލައެއް ބަލާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ. މި ހާލަތުގައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ކުއްޖާއަށް ނަފްސާނީ އަދި އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދީ، ހުރިހާ މަރުހަލާއެއްގައި ކުއްޖާގެ ހައްގުތަކާއި މަސްލަހަތު ހިމާޔަތްކުރަންވާންއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ކުށްކުށާގުޅޭ ކޮންމެ މައްސަލައެއްވެސް ތަހްގީގުކޮށް، ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވަންވާނީ، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ތައްޔާރުކޮށްފައިވާ ކުއްޖާގެ އިޖްތިމާއީ ހާލަތު އަންގައިދޭ ރިޕޯޓާ އެކުގައެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ އެސެސްމަންޓްގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

  1. ކުއްޖާގެ ނަފްސާނީ އަދި ޖިސްމާނީ ހާލަތު؛
  2. ކުއްޖާގެ އިޖްތިމާއީ ހާލަތު؛
  3. ކުޑަކުއްޖާއަކީ ކުށުގެ އަމަލު ހިންގުމުގައި، ރޭވުންތެރި ނުފޫޒެއްގެ ނުވަތަ އެނޫންވެސް އެކްސްޕްލޮއިޓޭށަންގެ އަމަލެއްގެ ށިކާރައަކަށް ވެފައިވާ ކުއްޖެއްކަން ނުވަތަ ނޫންކަން؛
  4. ތުހުމަތުކުރެވޭ ކުށަކީ ކިހާވަރެއްގެ ނޭދެވޭ އަމަލެއްކަމާއި، އަދި އެކަމަކީ ގާނޫނީ ގޮތުން ނުވަތަ ށަރުއީ ގޮތުން ކުރުން މަނާކުރެވިފައިވާ އަމަލެއްކަން ކުއްޖާއަށް އެނގޭ މިންވަރު.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅޭ މައްސަލަތަކުގައި ކުޑަކުއްޖެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމަންވާނީ މި މާއްދާގެ (ށ) ގެ ދަށުން ހަދާފައިވާ އެސެސްމަންޓަށް ރިއާޔަތްކުރުމަށްފަހު، ތުހުމަތުކުރެވިފައިވާ ކުށާ ގުޅޭގޮތުން ފުރިހަމަވާންޖެހޭ ކަމަށް މި ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ފުރިހަމަވާ ހާލަތުގައެވެ

(ބ) މި މާއްދާގެ (ހ) ގެ ދަށުން ހިންގާ ތަހްގީގުތައް ހިންގުމުގައާއި، މި މާއްދާގެ (ރ) ގެ ދަށުން ދައުވާ އުފުލުމާމެދު ގޮތެއް ނިންމުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރާ ގަވާއިދެއް، މޯލްޑިވްސް ޕޮލިސް ސަރވިސް އެކުލަވާލަންވާނެއެވެ.

 

105 ވަނަ މާއްދާ - ކުށް ސާބިތުކުރުމުގެ މިންގަނޑު

(ހ) އިސްލާމްދީނުގައި ހައްދު އަދި ގިސާސް ކަނޑައެޅިފައިވާ ކުށެއްގެ ދައުވާ ކުއްޖެއްގެ މައްޗަށް ސާބިތުކުރެވޭނީ، ހަމައެކަނި އަންނަނިވި ބާވަތުގެ ހެކީގެ މައްޗަށް ބިނާކޮށެވެ.

  1. ތުހުމަތުކުރެވިފައިވާ ކުއްޖާގެ އިއުތިރާފު؛ ނުވަތަ
  2. ލޮލަށް ފެނުނު މީހުންގެ ހެކިބަސް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހެކި ދައުލަތުން ސާބިތުކޮށްދޭންޖެހޭ މިންގަނޑަކީ، އެއްވެސް ށައްކެއް ނެތް މިންވަރެވެ.

 

106 ވަނަ މާއްދާ - ށަރީއަތް ހިންގުން

(ހ) އިސްލާމްދީނުގައި ހައްދު އަދި ގިސާސް ކަނޑައެޅިފައިވާ ކުށެއްގެ މައްސަލަ ށަރީއަތުން ބެލުމުގައި، އެއްވެސް ހާލެއްގައި، އެއްވެސް ށުބުހާއެއް އޮވެއްޖެނަމަ، ކުޑަކުއްޖެއްގެ މައްޗަށް އިސްލާމްދީނުގައި ހައްދު އަދި ގިސާސް ކަނޑައެޅިފައިވާ ކުށެއް ސާބިތުވީ ކަމަށް ގާޟީ ކަނޑައަޅައިގެންނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ކުށުގެ ތުހުމަތުގައިވާ ކުއްޖާގެ ކިބައިގައާއި، ކުށުގެ ހުރިހާ އުންސުރެއްގައާއި، ކުށް ސާބިތުކުރުމަށް ހުށަހަޅާ ހެކިތަކުގައި އަދި އެނޫންވެސް ކުށް ސާބިތުކުރުމުގައި ރިއާޔަތްކުރަންޖެހޭ އެއްވެސް ކަމެއްގައި، އެއްވެސް ށުބުހާއެއް އެކުލެވިގެންވޭތޯ ށަރީއަތުން ޔަގީންކުރުމުގައި އަންނަނިވި ކަންކަމަށް ގާޟީ ރިއާޔަތްކުރަންވާނެއެވެ.

  1. ތުހުމަތުކުރެވިފައިވާ ކުށްކުރުމަށް ކުއްޖާ ތަސައްރަފު ފުދިފައިވާ މިންވަރު؛ އަދި
  2. ކުށުގެ ތުހުމަތުކުރެވޭ ކުއްޖާގެ ކިބައިގައި ފުރިހަމަވާންޖެހޭކަމަށް އިސްލާމީ ށަރީއާގައި ބަޔާންކުރާ އެންމެހައި ށަރުތުތައް އެއްވެސް ށައްކެއް ނެތް މިންވަރަށް ފުރިހަމަވެފައިވާކަން؛ އަދި
  3. ކުށް ސާބިތުކުރުމަށް ހުށަހަޅާފައިވަނީ ކުއްޖާގެ އިއުތިރާފަށް ބިނާކޮށް ކަމުގައިވާނަމަ، އެ އިއުތިރާފުގައި ފުރިހަމަވާންޖެހޭކަމަށް އިސްލާމީ ށަރީއާގައި ބަޔާންކުރާ އެންމެހައި ށަރުތުތައް އެއްވެސް ށައްކެއް ނެތް މިންވަރަށް ފުރިހަމަވެފައިވާކަން؛ އަދި
  4. ކުށް ސާބިތުކުރަނީ ލޮލަށް ފެނުނު ހެކީންގެ ހެކިބަހަށް ބިނާކޮށް ކަމުގައިވާނަމަ، އެ ހެކިބަހުގައި ފުރިހަމަވާންޖެހޭކަމަށް އިސްލާމީ ށަރީއާގައި ބަޔާންކުރާ އެންމެހައި ށަރުތުތައް އެއްވެސް ށައްކެއް ނެތް މިންވަރަށް ފުރިހަމަވެފައިވާކަން؛ އަދި
  5. ތުހުމަތުކުރެވިފައިވާ ކުށުގެ ރުކުންތަކުގައި ނުވަތަ އުންސުރުތަކުގައި ފުރިހަމަވާންޖެހޭކަމަށް އިސްލާމީ ށަރީއާގައި ބަޔާންކުރާ އެންމެހައި ށަރުތުތައް އެއްވެސް ށައްކެއް ނެތް މިންވަރަށް ފުރިހަމަވެފައިވާކަން؛ އަދި
  6. ތުހުމަތުކުރެވޭ އަމަލު ހިނގުމަށް މެދުވެރިވި ހާލަތްތަކާއި، އެ ހާލަތްތަކުގެ ސަބަބުން ކުއްޖާގެ ވިސްނުމާއި އަމިއްލަ އިހްތިޔާރަށް އަސަރުކޮށްފައިވާ މިންވަރު.

 

107 ވަނަ މާއްދާ - ށަރީއަތް ހިންގުމުގެ އުސޫލު

(ހ) މި ބާބުގައި ބަޔާންކުރާ ފަދަ ކުށެއްގެ ށަރީއަތް ކުރިއަށްގެންދަންވާނީ ކުއްޖާގެ ކަރާމާތަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތެއްގެމަތިން، ކުއްޖާގެ އިހުސާސްތަކަށް ރިއާޔަތްކުރެވިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ކުޑަކުއްޖެއްގެ މައްޗަށް ހިންގާ ޒިނޭގެ ކުށެއްގެ ށަރީއަތެއްގައި، ތުހުމަތުކުރެވިފައިވާ ކުށުގައި އެކުލެވޭ ބަދުއަހްލާގީ އަމަލުތަކުގެ ތަފްސީލުތައް ށަރީއަތުގެ މަޖިލީހުގައި ތަކުރާރުކޮށް ކިޔުއްވައި، ނުވަތަ ގަސްދުގައި ލަދުވެތިކަން ނުވަތަ ބިރުވެރިކަން އިހުސާސްކުރުވުމުގެ މަގްސަދުގައި ކުއްޖާއާ ސުވާލުތައް ކުރިމަތުކުރުވައި ނުވަތަ އެފަދަ މޭރުމަކުން މުހާތަބުކޮށްގެން ނުވާނެއެވެ.

 

ސަތާރަވަނަ ބާބު

އެހެނިހެން ކަންކަން

 
108 ވަނަ މާއްދާ - ކުއްޖާގެ ކުޑަކުއްޖެއްގެ ހައިސިއްޔަތު ގެއްލުން

(ހ) މި ގާނޫނުގެ ދަށުން ކުއްޖަކު ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ދަށަށް ގެނެވިފައިވަނިކޮށް، އޭނާގެ ކުޑަކުއްޖެއްގެ ހައިސިއްޔަތު ގެއްލިއްޖެނަމަ، އެ މީހަކާމެދު ގާނޫނު ތަންފީޒުކުރަމުން ގެންދަންވާނީ، އަދި ފިޔަވަޅު އަޅަމުން ގެންދަންވާނީ އެ މީހަކީ ކުޑަކުއްޖެއްގެ ގޮތުގައި ބަލައިގެންނެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްކަމުގައި ވީނަމަވެސް،  މި ހާލަތުގައިވާ މީހާގެ އުމުރުން 21 (އެކާވީސް) އަހަރު ފުރުމުން، އޭނާއާމެދު ހިނގަމުންދާ މައްސަލަ، ނުވަތަ އޭނާއަކީ ކުޑަކުއްޖެއްގެ ގޮތުގައި ދެކިގެން އެޅިފައިވާ އެންމެހައި ފިޔަވަޅެއް، ބާތިލުވީއެވެ.

 

109 ވަނަ މާއްދާ - ދައުލަތުގެ ބަޖެޓުގައި ފައިސާ ހިމެނުން

މި ގާނޫނުގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި މި ގާނޫނުގެ ދަށުން ގާއިމުކުރަންޖެހޭ ކޯޓުތަކާއި މަރުކަޒުތައް ގާއިމުކުރުމަށާއި، ހާއްސަ ތަމްރީންދިނުމަށާއި، އެނޫންވެސް ވަސީލަތްތަކާއި ހިދުމަތްތައް ގާއިމުކުރުމަށްޓަކައި، މި ގާނޫނުގެ ދަށުން މަސްއޫލިއްޔަތުތައް ހަވާލުކޮށްފައިވާ މުއައްސަސާތަށްކަމަށްވާ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއި ކުޑަކުދިންގެ މައްސަލަތައް ބެލުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ކޯޓުތަކާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްފަދަ މުއައްސަސާތަކާއި އިދާރާތަކާ ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ފައިސާ، މި ގާނޫނަށް އަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ދައުލަތުގެ މާލިއްޔާއިން ހަމަޖައްސައިދޭންވާނެއެވެ. އަދި ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓް ކަނޑައަޅާއިރު، މި މުއައްސަސާތަކާއި އިދާރާތަކާ ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ބަޖެޓް އެ މުއައްސަސާއެއް ނުވަތަ އިދާރާއެއްގެ ޖުމްލަ ބަޖެޓުގައި ހިމަނައި، ދައުލަތުގެ ބަޖެޓް އެކަށައެޅުމުގެ މަރުހަލާގައި، މުއައްސަސާތަކާއި އިދާރާތަކާ މަށްވަރާކޮށް، ހިޔާލު ހުށަހަޅަން ފުރުސަތު ދޭންވާނެއެވެ.

 

110 ވަނަ މާއްދާ - މި ގާނޫނަށް ވާސިލުވެވުން

ގާނޫނާ ހިލާފުވާ ކުޑަކުދިން ހާޒިރުކުރެވޭ ކޮންމެ ތަނެއްގައި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތައް، އެކުއްޖާއަށް، އަދި އެ ތަނަކަށް ޒިޔާރަތްކުރާ ކޮންމެ ފަރާތަކަށްވެސް، ފަސޭހަކަމާއެކު ބަލައި ދިރާސާކުރެވޭނެ އިންތިޒާމު ހަމަޖެހިފައި އޮންނަންވާނެއެވެ.

 

111 ވަނަ މާއްދާ -  ޒާތީ ކަންތައްތައް ރައްކާތެރިކުރުން

(ހ) އެންމެހައި މަރުހަލާއެއްގައިވެސް، ކުއްޖާގެ ޒާތީ ކަންކަމުގެ ހައްގަށް އިހްތިރާމުކުރަންވާނެއެވެ.

(ށ) ށަރީއަތުގެ މަރުހަލާގައި ކުއްޖާގެ ނަމާއި، އެޑްރެހާއި، ސްކޫލާއި، ނުވަތަ ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން އެނގޭނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ އޭނާގެ ތަސްވީރެއް، އެއްވެސް މީޑިއާގެ ނުވަތަ އެނޫންވެސް ވަސީލަތެއްގައި ށާއިއުކޮށްގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، ކުއްޖާގެ މަސްލަހަތަށްޓަކައި ކަނޑައެޅިފައިވާ ހާލަތުތަކެއްގައި އަދި ލިޔުމުން ރެކޯޑުކުރެވޭ ސަބަބުތަކަށްޓަކައި، ކޯޓުން ހުއްދަކުރާ މިންވަރެއް އާންމުކުރެވިދާނެއެވެ.

 

112 ވަނަ މާއްދާ - ރެކޯޑުތައް

(ހ) ކުއްޖާގެ ރެކޯޑުތައް ބަހައްޓަންވާނީ ސިއްރުގެ ގޮތުގައި އަދި ތިންވަނަ ފަރާތަކަށް ނުލިބޭ ގޮތަށެވެ. އެފަދަ ރެކޯޑުތަކަށް ވާސިލުވެވޭނީ ކޯޓު އަމުރަކުން ހުއްދަ ލިބިގެން، ކުއްޖާގެ މައްސަލަ ބަލާ ފަރާތަށާއި ކަނޑައެޅިގެން އެކަމަށް ހުއްދަކުރެވޭ އެހެން ފަރާތްތަކަށެވެ.

(ށ) އެއްވެސް މީހެއްގެ މައްޗަށް އުފުލޭ ދައުވާއެއްގައި، އޭނާގެ ކުޑައިރުގެ ރެކޯޑު އޭނާއާ ދެކޮޅަށް ބޭނުންކޮށްގެން ނުވާނެއެވެ.

(ނ) ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ހިމެނޭ ކުޑަކުދިންގެ ގައުމީ ޑެޓާބޭސްއެއް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އެކުލަވާލައި، ބަލަހައްޓަންވާނެއެވެ. އަދި ކުދިންގެ ޒާތީ މައުލޫމާތު ނުހިމެނޭގޮތަށް ކުޑަކުދިންގެ ކުށްކުރުމުގެ މައްސަލަތަކުގެ އަދަދާއި ބާވަތާއި، ކުށްކުރާ ކުދިންގެ އުމުރުފުރާތަކާއި ޖިންސާއި، ކުށްކުރުމުގެ ޓްރެންޑްތައް އެނގޭނެ މައުލޫމާތާއެކު، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ އަހަރީ ރިޕޯޓާއެކު ކޮންމެ އަހަރަކު އެއްފަހަރު ށާއިއުކޮށް، ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހިއްސާކުރަންވާނެއެވެ.

 

113 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާއިރު ހުކުމް ތަންފީޒުކުރަމުންދާ ކުޑަކުދިން

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު، ހުކުމް ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ބާވަތެއްގެ ބަންދެއްގައި ކުއްޖަކު ހުރިނަމަ، އެ ހުކުމެއް ތަންފީޒުކުރުމުގެ ބަދަލުގައި ހުކުމްގެ ބާކީއޮތް ބައި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުޑަކުދިންގެ މަރުކަޒެއްގައި ނުވަތަ ޕްރޮބޭށަންގައި ފުރިހަމަކުރުމަށްޓަކައި ބަދަލުކުރުމާމެދު ގޮތެއް ނިންމުމަށްޓަކައި، ހުކުމް ތަންފީޒު ކުރަމުންދާ ކުދިންގެ މައުލޫމާތު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ. އަދި އެ މައުލޫމާތު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބޭ ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޯޓަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތް ނިންމުމުގެ މަރުހަލާގައި، މި ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކަށާއި، މިންގަނޑުތަކާއި، ހަމަތަކަށް ފުރިހަމައަށް ތަބާވުމާއި، މި ގާނޫނުން ކުއްޖާއަށް ލިބިދީފައިވާ އެންމެހައި ހައްގުތަކާއި، ރައްކާތެރިކަމާއި، ހިމާޔަތާއި، އެހީތެރިކަމާއި، ފުރުސަތުތަކާއި، ވަސީލަތްތައް ފޯރުކޮށްދިނުމަކީ ކަމާބެހޭ ފަރާތްތަކުގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ.

 

114 ވަނަ މާއްދާ - ގަވާއިދު ހެދުން

(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ ތިރީގައިވާ ކަންކަމާ ގުޅޭގޮތުން، ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކުންނެވެ.

  1. ށަރުއީ މަރުހަލާގައި ކުޑަކުދިންނާމެދު އަމަލުކުރާނެ ގޮތުގެ އުސޫލުތަކާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދު ހަދާނީ ޖުވެނައިލް ކޯޓުންނެވެ.
  2. ތުހުމަތުގައިވާ ކުއްޖާއާމެދު ތަހްގީގުކުރުމުގެ އުސޫލުތަކާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ.
  3. ތުހުމަތުގައިވާ ކުއްޖެއްގެ މައްޗަށް ދައުވާކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ ޕްރޮސިކިއުޓަރ ޖެނެރަލެވެ.
  4. ށަރީއަތުގެ ކުރީ މަރުހަލާގައި ކުއްޖާ ޑައިވަރށަނަށް ފޮނުވުމާބެހޭ އުސޫލުތަކާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިންނެވެ.
  5. ށަރީއަތުގެ މަރުހަލާގައި ކުއްޖާ ޑައިވަރށަނަށް ފޮނުވުމާބެހޭ އުސޫލުތަކާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ ޖުވެނައިލް ކޯޓުންނެވެ.
  6. މި ގާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކުރާ މަރުކަޒުތަކާގުޅޭ ގަވާއިދުތަކާއި، ޕެރޯލްއާގުޅޭ ގަވާއިދުތައް ހަދާނީ މިނިސްޓަރެވެ.
  7. މަތީގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި، އެހެން ކަންކަމާ ގުޅޭގޮތުން ގަވާއިދު ހަދާނީ މިނިސްޓްރީންނެވެ.

(ށ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގަވާއިދުތައް އެކުލަވާލައި، ށާއިއުކުރުމުގެ ކުރިން، ކަމާގުޅުންހުރި މުއައްސަސާތަކުން އެ ގަވާއިދުތައް މުރާޖައާކުރަންވާނެއެވެ.

 

115 ވަނަ މާއްދާ - އުވާލެވޭ ގާނޫނާއި ގަވާއިދު

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އަންނަނިވި ގާނޫނުތަކުގެ މާއްދާތަކާއި ގަވާއިދު އުވުނީއެވެ.

(ހ) ގާނޫނު ނަންބަރު 9/1991 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނު) ގެ އަންނަނިވި މާއްދާތައް:

  1. ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާ؛
  2. ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާ؛
  3. ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާ؛ އަދި
  4. ބުނެވިދިޔަ ގާނޫނުގެ 29 ވަނަ މާއްދާ.

(ށ) ގާނޫނު ނަންބަރު 11/2010 (އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނު) ގެ އަންނަނިވި މާއްދާތައް:

  1. ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާ؛
  2. ބުނެވިދިޔަ ގާނޫނުގެ 19 ވަނަ މާއްދާ؛ އަދި
  3. ބުނެވިދިޔަ ގާނޫނުގެ 38 ވަނަ މާއްދާ.

(ނ) ގާނޫނު ނަންބަރު 18/2010 (ގޭންގު ކުށްތައް މަނާކުރުމާބެހޭ ގާނޫނު) ގެ 19 ވަނަ މާއްދާގެ (ށ)؛

(ރ) 20 ޖަނަވަރީ 2019 ގައި އަމަލުކުރަން ފަށާފައިވާ "ކުޑަކުދިންގެ އަދުލުގެ ގަވާއިދު".

 

116 ވަނަ މާއްދާ - މި ގާނޫނަށް އިސްކަންދިނުން

ގާނޫނާ ހިލާފުވި ކަމުގެ ތުހުމަތުގައިވާ ކުޑަކުދިންނާމެދު އަމަލުކުރުމުގައި، މި ގާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ އުސޫލުތަކާއި ހަމަތަކާއި ކަންކަމާ އެހެން ގާނޫނެއްގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކާއި ކަންކަމާ ފުށުއަރާނަމަ، އިސްކަން ދޭންވާނީ، މި ގާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ އުސޫލުތަކާއި ހަމަތަކާއި ކަންކަމަށެވެ.

 

117 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

118 ވަނަ މާއްދާ - މާނަކުރުން

މި ގާނޫނުގައި ވަކި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައި އެވާ މާނަކުރުމެވެ.

(ހ) "ކުޑަކުއްޖެއް" ނުވަތަ "ކުއްޖެއް" ކަމަށް ބުނެފައި އެވަނީ، ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ކުޑަކުދިންނާ ގުޅޭގޮތުން ކަމުގައިވާނަމަ، މީލާދީގޮތުން އުމުރުން 15 (ފަނަރަ) އަހަރު ފުރި، އެހެންނަމަވެސް 18 (އަށާރަ) އަހަރު ފުރިފައިނުވާ ކުޑަކުދިންނަށެވެ. އެނޫން ހާލަތުގައި އެއީ މީލާދީގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރިފައިނުވާ ކޮންމެ ކުއްޖެކެވެ.

(ށ) "ބެލެނިވެރިޔާ" ކަމަށް ބުނެފައި އެވަނީ، މައިންބަފައިންނާއި، ށަރުއީ ބަލަދުވެރިންނާއި، ހަޟާނަތު ލިބިފައިވާ ފަރާތާއި ގާނޫނީ ބެލެނިވެރިންނާއި ކުއްޖާގެ ބެލެނިވެރިކަމާ އެވަގުތަކު ހަވާލުވެ ތިބޭ މީހުންނަށެވެ. ށަރުއީ ބަލަދުވެރިންނާއި، ހަޟާނަތު ލިބިފައިވާ ފަރާތާއި ގާނޫނީ ބެލެނިވެރިން މާނަކުރާނީ، ގާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ނ) "ގާނޫނާ ހިލާފު އަމަލު ހިންގާ ކުޑަކުދިން" ނުވަތަ "ގާނޫނާ ހިލާފުވާ ކުޑަކުދިން" ނުވަތަ "ތުހުމަތުގައިވާ ކުދިން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށް ކަނޑައެޅުމުގެ ގާނޫނަކާ ހިލާފުވެފައިވާކަމަށް ތުހުމަތުކުރެވިފައިވާ ކޮންމެ ކުއްޖަކަށް ނުވަތަ ކުދިންނަށެވެ.

(ރ) "ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާ" ކަމަށް ބުނެފައި އެވަނީ، އ.ދ ގެ ކޮންވެންށަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް އަށެވެ.

(ބ) "ކުޑަކުދިންގެ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 80 ވަނަ މާއްދާއާއި 82 ވަނަ މާއްދާގައި ބަޔާންކުރާ މަރުކަޒުތަކަށެވެ.

(ޅ) "ގާޟީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ ދަށުން އުފައްދާފައިވާ ޖުވެނައިލް ކޯޓުގެ ގާޟީއަކަށް، ނުވަތަ އެ ގާޟީއެއްގެ ނިންމުމެއް އިސްތިއުނާފުކުރުމުގެ ނުވަތަ އިލްތިމާސްކުރުމުގެ މަރުހަލާގައިނަމަ، އެ ގާޟީގެ އެ ނިންމުން އިސްތިއުނާފުކުރުމުގެ ނުވަތަ އިލްތިމާސްކުރުމުގެ މައްސަލަ ބަލާ ފަނޑިޔާރުންނަށެވެ.

(ކ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ދާހިލީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(އ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ދާހިލީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

(ވ) "ޖިނާއީ ބޮޑު ކުށެއް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ބަޔާންކުރާ ޖިނާޔަތުގެ ކުށްތަކާއި، އެހެން ގާނޫނެއްގައި 10 (ދިހައެއް) އަހަރުދުވަހަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމުގެ އަދަބު ކަނޑައަޅާފައިވާ ކުށްތަކަށެވެ.

(މ) "ކުޑަކުދިންގެ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 79 ވަނަ މާއްދާގައި ބަޔާންކުރާ މަރުކަޒުތަކުގެ ތެރެއިން މަރުކަޒަކަށެވެ.

(ފ) "ކުޑަކުދިންގެ އަދުލުގެ ނިޒާމު" ކަމަށް ބުނެފައި އެވަނީ، ބޮޑެތިމީހުންގެ މައްޗަށް ހިންގާ ޖިނާއީ އަދުލުގެ ނިޒާމާ މުޅިން ވަކިވެފައިވާ، ކުށުގެ ޖިނާއީ ޒިންމާއުފުލަންޖެހޭ އުމުރުފުރައިގެ ކުދިންނަށް އަމާޒުވާ، ހާއްސަ ގާނޫނާއި، ސިޔާސަތުތަކަކާއި، އުސޫލުތަކާއި އިޖުރާއަތްތަކާއި އަސާސްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ، ކުޑަކުދިންނަށް ލިބިދޭންޖެހޭ ހާއްސަ ރައްކާތެރިކަމާއި އެހީތެރިކަން ލިއްބައިދޭ، ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަށް އިސްކަން ދޭ ނިޒާމެކެވެ.

(ދ) "ކުށުގެ ޖިނާއީ ޒިންމާ އުފުލަންޖެހޭ އެންމެ ހަގު އުމުރު" ކަމަށް ބުނެފައި އެވަނީ ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ކުށުގެ ޒިންމާ އުފުލަންޖެހޭ އެންމެ ހަގު އުމުރެވެ. އަދި ކުށުގެ ޖިނާއީ ޒިންމާ އުފުލަންޖެހޭ އުމުރަށްވުރެ ހަގު އުމުރުގެ ކުދިންނަކީ އެކުދިން ކުރާ ކުށުގެ ގާނޫނީ ޒިންމާ އުފުލަން ނުޖެހޭ އުމުރު ފުރައިގެ ކުދިންނެވެ.

(ތ) "އުމުރަށް ބަލައި ކުށްވެރިނުކުރުން ނުވަތަ ސްޓޭޓަސް އޮފެންސަސް" ކަމަށް ބުނެފައި އެވަނީ ކުޑަކުއްޖަކަށްވުމުން ނުވަތަ ކުޑަކުއްޖެއްގެ ހައިސިއްޔަތުގެ ސަބަބުން ކުށަކަށްވާ މައްސަލަތަކަށެވެ. މިގޮތުން ކުޑަކުއްޖަކު އެ އަމަލުކޮށްފިނަމަ ކުށަކަށްވާ، އެހެންނަމަވެސް، ބޮޑު މީހަކު  އެ އަމަލުކުރުމުން ކުށަކަށް ނުވާ މައްސަލަތަކެވެ.

(ލ) "ކޭސް ކޮންފަރެންސިންގ" ކަމަށް ބުނެފައި އެވަނީ، ކަމާގުޅުންހުރި މުއައްސަސާތައް އެކުވެ ކުއްޖާގެ މައްސަލައިގައި ވަށާޖެހޭ އެހީތެރިކަމެއް ދިނުމަށް ގޮތެއް ނިންމުމަށް ބޭއްވޭ ބައްދަލުވުންތަކަށެވެ.

(ގ) "ކޮމިއުނިޓީ ކޮންފަރެންސިންގ" ކަމަށް ބުނެފައި އެވަނީ، ހާދިސާއެއް ހިނގުމުން އެ މައްސަލައިގައި ސީދާ އަސަރުކޮށްފައިވާ ފަރާތްތަކާއެކު މުއައްސަސާތަކާއި މުޖުތަމައުން އެހީތެރިއެއް ހިމެނޭ ގޮތަށް ލިބުނު ގެއްލުން ފޫބައްދަން މަސައްކަތްކުރުމަށް ބޭއްވޭ ބައްދަލުވުންތަކަށެވެ.

(ޏ) ''ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރާ ފަރާތް'' ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށާއި އެކުދިންގެ މަސްލަހަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާތަކާއި، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި، ށަރީއަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި ގާޑިއަން އެޑް-ލިޓެމް އާއި އަމިކަސް-ކިއުރިޔައި ގެ ދައުރު އަދާކުރުމަށް ކޯޓުން ހުއްދަދޭ ފަރާތްތަކާއި، ގާނޫނީ ވަކީލުންނާއި އަދި ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރެވިދާނެކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭ އެހެނިހެން ފަރާތްތަކެވެ.

(ސ) "ޑައިވަރށަންގެ ޕްރޮގްރާމް" ކަމަށް ބުނެފައި އެވަނީ، ގާނޫނާ ހިލާފުވާ ކުދިންނަށް ށަރުއީ ނިޒާމުން ބޭރުން ފުރުސަތުތައް ހޯދާދިނުމަށެވެ. މިގޮތުން ޕްރޮގްރާމްތައް އެކުލަވާލައި އެ ޕްރޮގްރާމްތަކުގެ އެހީގައި ކުދިން ބައިވެރިކޮށް އަނބުރާ މުޖުތަމައަށް ގެނެއުމަށް އެހީތެރިވުމުގެގޮތުން ހިންގޭ ބަދަލު ޕްރޮގްރާމްތަކަކީ ކުށުގެ ތުހުމަތު ކުރެވޭ ހިސާބުން ފެށިގެން (ހައްޔަރުނުކުރިނަމަވެސް) ށަރީއަތުގެ ކުރިން ކުއްޖާއާމެދު ގޮތެއް ނިންމުމުގެ ކުރިންވެސް ދެވިދާނެ ފުރުސަތެކެވެ.

(ޑ) "ޕްރޮބޭށަން އޮފިސަރ" ކަމަށް ބުނެފައި އެވަނީ، ވަކި މުއްދަތަކަށް ކަމާގުޅޭ މުއައްސަސާއަކުން އައްޔަންކުރެވޭ ފަރާތެކެވެ. މިގޮތުން، އެފަރާތަކީ ކުއްޖާގެ ހާލަތު ދެނެގަތުމަށް އެސެސްމަންޓް ހެދުމާއި، ކުއްޖާއަށް އެންމެ އެކަށޭނެ ޕްރޮގްރާމް ޕްލޭންއެއް އެކުލަވާލުމާއި އެ ޕްރޮގްރާމް ގެންދާއިރު ކުއްޖާގެ އުޅުން / އަމަލުތައް ސުޕަވައިޒްކޮށް ބަލަހައްޓައި ރިޕޯޓުކުރާނެ ފަރާތެކެވެ.  މި މަސައްކަތުގައި އިޖްތިމާއީ އެހީތެރިންނާއި ކައުންސެލިންގއާއި ސައިކޮލޮޖީ ދާއިރާގެ މީހުން މަސައްކަތްކުރެއެވެ.

(ޒ) "ރުޖޫއީ އިންސާފު" ކަމަށް ބުނެފައި އެވަނީ، ކުށުގެ ސަބަބުން ސީދާ އަސަރުކުރި ފަރާތްތައް އެކުވެ، އެފަރާތްތަކުގެ އިހުސާސްތަކާއި ބޭނުންތައް ދެނެގަނެ، އަދި މީހުންނަށާއި ގުޅުންތަކަށް ލިބުނު ގެއްލުން ފޫބެއްދޭނެ ގޮތެއް އެކުލަވާލައި، ކުއްޖާގެ ފަރާތުން މިފަދަ ކަމެއް ތަކުރާރުނުވާނެ ގޮތް ހޯދުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ.

(ޓ) "ކެއަރ އެންޑް ވެލްފެއަރ އޯޑަރ" ކަމަށް ބުނެފައި އެވަނީ، އާއިލާއަށް ބޭނުންވާ އެހީތެރިކަން ދިނުމަށްޓަކައި އާއިލާއަށް ހާއްސަކޮށް ޕްރޮގްރާމްތައް އެކުލަވާލައިގެން ކުރިއަށް ގެންދިއުމަށެވެ.

 

 

 

 

ގެޒެޓު ކުރެވުނު ގޮތް

ކިޔުންތެރިންގެ ޚިޔާލު

Please login below to comment.
Login via Twitter.com