-

ބަނދަރުކުލި ނެގުމާބެހޭ ގާނޫނު (ގާނޫނު ނަންބަރ 1978-66) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު 

(ގާނޫނު ނަންބަރު 2016-26)

 

ގާނޫނު ނަންބަރު 1978-66 (ދިވެހިރާއްޖޭ ގައި ބަނދަރުކުލި ނެގުމާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 1 ވަނަ މާއްދާއަށް އަންނަނިވި ގޮތަށް އަރިމަތީ ސުރުހީއެއް އިތުރުކުރުން.

1. ތައާރަފު

 

2 ވަނަ މާއްދާ – ބުނެވިދިޔަ ޤާނޫނުގެ 2 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

2. ބަނދަރަށް ވަނުމުގެ ކުލި ނެގޭނެ ގޮތް

ބަނދަރަށް ވަނުމުގެ ކުލި ނެގޭނީ ތިރީގައިވާ ގޮތުގެމަތިންނެވެ.

(ހ) 200 ގްރޮސް ޓަން ހަމަނުވާ ކޮންމެ އުޅަނދަކުން 200 (ދުއިސައްތަ) ރުފިޔާ؛

(ށ) 200 ގްރޮސް ޓަނުން ފެށިގެން 1،000 ގްރޮސް ޓަން ހަމަނުވާ ކޮންމެ އުޅަނދަކުން 300 (ތިންސަތޭކަ) ރުފިޔާ؛

(ނ) 1،000 ގްރޮސް ޓަނުން ފެށިގެން 2،000 ގްރޮސް ޓަން ހަމަނުވާ ކޮންމެ އުޅަނދަކުން 400 (ހަތަރުސަތޭކަ) ރުފިޔާ؛

(ރ) 2،000 ގްރޮސް ޓަން ހަމަވާ ކޮންމެ އުޅަނދަކުން 500 (ފަސްސަތޭކަ) ރުފިޔާ، އަދި 2،000 ގްރޮސް ޓަނަށްވުރެ އިތުރުވާ ކޮންމެ 500 ގްރޮސް ޓަނެއް ހަމަވަންދެން 250 (ދުއިސައްތަ ފަންސާސް) ރުފިޔާ.

 

3 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 3 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

3. ބަނދަރުގައި އޮތުމުގެ ކުލި ނެގޭނެ ގޮތް 

ބަނދަރުގައި އޮތުމުގެ ކުލި ނެގޭނީ ތިރީގައިވާ ގޮތުގެމަތިންނެވެ.

(ހ) ބަނދަރުގައި އޮންނަތާ 7 ވަނަ ދުވަހުން ފެށިގެން 45 ވަނަ ދުވަހުގެ ނިޔަލަށް ރެއަކާއި ދުވާލަކަށް 65 (ފަސްދޮޅަސް ފަހެއް) ރުފިޔާ؛

(ށ) 46 ވަނަ ދުވަހުން ފެށިގެން 90 ވަނަ ދުވަހުގެ ނިޔަލަށް، ރެއަކާއި ދުވާލަކަށް 100 (ސަތޭކަ) ރުފިޔާ؛

(ނ) 91 ވަނަ ދުވަހުން ފެށިގެން އިތުރުވާ ކޮންމެ ރެއަކާއި ދުވާލަކަށް 150 (ސަތޭކަ ފަންސާސް) ރުފިޔާ.

 

4 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

4. ކުލި ދެއްކުމުން އިސްތިސްނާވާ އުޅަނދު

ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ދުއްވާ ، 1،000 ގްރޮސް ޓަން ހަމަނުވާ ބޯޓުފަހަރުން ބަނދަރުގައި އޮތުމުގެ ކުއްޔެއް ނުނެގޭނެއެވެ.

 

5 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާތައް އިތުރުކުރުން.

5. ކުލި ދައްކަންޖެހޭމުއްދަތު

(ހ) މި ޤާނޫނުގެ ދަށުން ދައްކަންޖެހޭކުލި އެ ކުއްޔެއް ދައްކަން ޖެހޭތާ 3 (ތިނެއް) މަސްދުވަސް ހަމަވުމުގެ ކުރިން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ދައްކައި ނިންމަންވާނެއެވެ.

(ށ) މި ޤާނޫނުގެ ދަށުން ކުލި ދައްކަންޖެހޭއުޅަނދެއް، 3 (ތިނެއް) މަސްދުވަހުގެ މުއްދަތަކަށްވުރެ އިތުރަށް ބަނދަރުގައި އޮންނަނަމަ، އެފަދަ އުޅަނދެއް ބަނދަރުގައި އޮވެ ހިނގާ ކޮންމެ ކަލަންޑަރު މަހެއްގެ ކުލި، ބަންދު ދުވަސްތައް ފިޔަވައި، ޖެހިގެން އަންނަ މަހުގެ ދިހަވަނަ ދުވަހުގެ ކުރިން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ދައްކައި ނިންމަންވާނެއެވެ.

 

6. ކުލި ދެއްކުމަށްފަހު މެނުވީ ފުރައިގެން ނުދިއުން 

ދިވެހިރާއްޖޭގެ ބަނދަރަކުން ފުރައިގެންދާ ކޮންމެ އުޅަނދެއްވެސް ފުރައިގެން ދާންވާނީ މި ޤާނޫނުގެ ދަށުން ދައްކަންޖެހޭކުއްޔެއްވާނަމަ އެ ކުއްޔެއް ދައްކައި ނިންމުމަށްފަހުގައެވެ.

 

7. އޮޓޯރިޓީގެ މަސްއޫލިއްޔަތު ތިންވަނަ ފަރާތެއް މެދުވެރިކޮށް އަދާކުރުން

މި ޤާނޫނުގެ ދަށުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އަދާކުރަންޖެހޭމަސްއޫލިއްޔަތުތައް އެ އޮތޯރިޓީން ކަނޑައަޅާ އުސޫލަކާ އެއްގޮތްވާ ގޮތުގެމަތިން ތިންވަނަ ފަރާތެއް މެދުވެރިކޮށް އަދާކުރެވިދާނެއެވެ.

 

8. ގަވާއިދު ހަދައި ހިންގުން 

މި ޤާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭގަވާއިދުތައް ހަދައި ހިންގާނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީންނެވެ.

 

6 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާއަށް އަންނަނިވި ގޮތަށް އަރިމަތީ ސުރުހީއެއް އިތުރުކުރުން.

5. ހާއްސަ އިމްތިޔާޒް ލިބޭފަރާތްތައް އިސްތިސްނާވުން 

 

7 ވަނަ މާއްދާ – ބުނެވިދިޔަ ޤާނޫނުގެ 6 ވަނަ މާއްދާއަށް އަންނަނިވި ގޮތަށް އަރިމަތީ ސުރުހީއެއް އިތުރުކުރުން.

6. މާނަކުރުން

 

8 ވަނަ މާއްދާ – މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް އިތުރުކުރާ މާއްދާތަކާ ގުޅިގެން އެ ގާނޫނުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

9 ވަނަ މާއްދާ – މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ދިވެހިރާއްޖޭގައި ބަނދަރުކުލި ނެގުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1978-66)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ބަނދަރުކުލި ނެގުމާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 1978-66)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު