-

އާންމު ގާނޫނުތަކެއް

(ގާނޫނު ނަންބަރު 1968-04) 

 

1 ވަނަ މާއްދާ - ދައުލަތުން ކަމަކަށް އެދި ލިޔުން

ދައުލަތާބެހޭ ކަމަކާމެދު ނުވަތަ ދައުލަތުން ކަމަކަށް އެދިގެން މީހަކު ލިޔާނަމަ ލިޔަންވާނީ އެކަމާބެހޭ ވެރިޔަކަށް އޭނާގެ ރަސްމީ އެޑްރެހަށެވެ. މިގޮތުގެ މަތީން ލިޔެ އޭގެ ޖަވާބު ނުލިބިއްޖެނަމަ ނުވަތަ އެކަމެއް އޮޅުން ނުފިލައިފިނަމަ ސީދާ ރައީސުލްޖުމްހޫރިއްޖާއަށް ލިޔުމަކީ ހުއްދަ ކަމެކެވެ.

 

2 ވަނަ މާއްދާ – ރިށްވަތު

(ގާނޫނު ނަންބަރު 2/2000 ގެ 29 ވަނަ މާއްދާއިން އުވާލެވިފައި)

 

3 ވަނަ މާއްދާ - ހަންޖެހުން

ފުރާދުއްވާ އެއްޗަކަށް ދަތިކަމެއް ޖެހިގެން ހަމެއް ޖަހައި، އެންގުމެއް އަންގައިފިނަމަ ނުވަތަ އެއްޗަކަށް ދަތިހާލެއް ޖެހިގެން އުޅެނިކޮށް ފެނިއްޖެނަމަ އެ ފެނުނު ކޮންމެ މީހަކާއި، އެނގުނު ކޮންމެ މީހަކު އެމީހަކަށް ވެވުނު އެހީއެއްވުން ލާޒިމުވާނެއެވެ. ފަޅުރަށެއްގައި ތިބި ބަޔަކު މިފަދަ ކަމެއް ޖެހިއްޖެ ކަމަށް ހީވާކަހަލަ އެންގުމެއް އަނގައިފިނަމަ، ނުވަތަ އެނގިއްޖެނަމަވިޔަސް ވެވެންއޮތް އެހީއެއް ވާންވާނެއެވެ. އެހިނދަކަށް ވެވޭން އޮތް އެހީއެއް ނުވެއްޖެނަމަ އެމީހަކު ވަރަށް ބޮޑަށް ކުށްވެރިވާނެއެވެ.

 

4 ވަނަ މާއްދާ - ގޮވަތި ގެދޮރަށް ވަނުމާއި ފުރާދުއްވާ ތަކެއްޗަށް އެރުން

އަމިއްލަ ގޮތުން މީހެއްގެ ގެޔަކަށް ގޮވައްޗަކަށް ވަދެ ފުރާދުއްވާ އެއްޗަކަށް އެރުން އެތަނެއްގެ ނުވަތަ އެއެއްޗެއްގެ ވެރިޔެއްގެ ރުހުމާނުލައި ހުއްދަވާނީ ނުރައްކަލެއް ވެގެން، ދިމާވި ކޮންމެ މީހަކު ވަންނަން ޖެހޭ ވަނުމުގައެވެ.

 

5 ވަނަ މާއްދާ

ދައުލަތުގެ ފަރާތުން މީހެއްގެ ގެދޮރަށް، ގޮވައްޗަށް ވަދެ، ފުރާދުއްވާ އެއްޗަކަށް އެރުން، އެތަނެއްގެ ނުވަތަ އެއެއްޗެއްގެ ވެރިޔެއްގެ ރުހުމާ ނުލައި ހުއްދަވާނީ، އަމަންއާންމަށް ގެއްލުމެއް ލިބިދާނޭ ކަމެއް ނުވަތަ ދީނުގެ ފަރާތުން މަނާކަމެއް ނުވަތަ ގާނޫނާ ހިލާފު ކަމެއް އެތަނެއްގެ ތެރޭގައި ހިނގައިގެން، އެކަމެއް މަނާކުރުމަށްޓަކައި، ނުވަތަ ކުރީގައި ބުނެވުނު ކަންތަކުން ކަމެއްގެ ތުހުމަތު ވެގެން އެކަމެއް ބެލުމަށްޓަކައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިޔުރިޓީގެ ފަރާތުން ފޮނުވި ބަޔަކަށާއި، އަދި ށަރީއަތާ ބެހޭގޮތުން ކޮންމެހެން ބޭނުންވެއްޖެ ހިނދެއްގައި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ފަރާތުން ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަރާތުން ފޮނުވި ބަޔަކަށެވެ.

 

6 ވަނަ މާއްދާ - ހައްޔަރުކުރުން

ށަރީއަތާއި ނުވަތަ ދައުލަތުގެ އަމުރުތަކާ ހިލާފުވުމުގެ ތުހުމަތާއި އަމަންއާއްމަށް ގެއްލުމެއް ލިބިދާނޭ ކަމާމެދު ތުހުމަތުވެގެން މީހަކު ދޫކޮށްފައި ބެހެއްޓުމަށް ނުފެނިއްޖެ ހިނދަކު، އަނިޔާއެއް ނުލިބޭ ގޮތުގެ މަތިން ވަކި ތާކު ހައްޔަރު ކުރުމުގެ އިހްތިޔާރު ލިބިގެން ވަނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިޔުރިޓީއަށާއި، މާލޭގައި ނަމަ މިނިސްޓްރީ އޮފް ހޯމައެފެއާޒް އެންޑް ހައުސިންގ އަށާއި، ރާއްޖެތެރޭގައިނަމަ މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭށަނަށެވެ.

 

7 ވަނަ މާއްދާ – މީހުންގެ މިލްކު

ދައުލަތަށް ނުވަތަ ރައްޔިތަށް އާންަމު ވެގެންވާ ފައިދާއަކަށްޓަކައި މީހުންގެ މިލްކު ރުއްގަސް، ދަނޑުބިން، ގޮވަތިގެދޮރު އަދި މިނޫންވެސް އެއްޗެއް ދައުލަތަށް ބޭނުން ވެއްޖެނަމަ، އެ އެއްޗެހި ހިފޭނީ އެއެއްޗަކަށް މިނިސްޓްރީ އޮފް ޖަސްޓިސްގެ ފަރާތުން ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަރާތުން އެ އެއްޗެއްގެ ބަދަލު ދިނުމަށްފަހު، ނުވަތަ އަގެއް ކިޔުއްވައި، އެއަގު ދިނުމަށްފަހުގައެވެ. އެބޭނުންވި އެއްޗަކީ، ބިމެއް ކަމުގައި ވާނަމަ އެބިމެއް ހުސްކޮށް ދިނުމަށް އެކަށީގެންވާ މުއްދަތެއްވެސް ދޭންވާނެއެވެ. އެއީ، ގެއެއް ކަމުގައި ވާނަމަވެސް ހަމަމިފަދައެވެ. މީހެއްގެ މިލްކު އެއްޗަކުން އަނެކަކަށް ތުރާވާނަމަ، އެކަމެއް ފިލުވާނީ މާލޭގައި ނަމަ މިނިސްޓްރީ އޮފް ހޯމައެފެއާޒް އެންޑް ހައުސިންގ އިންނެވެ. ރާއްޖެތެރޭގައި ނަމަ މިނިސްޓްްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭށަނުންނެވެ.

 

8 ވަނަ މާއްދާ – މަނާ ވާހަކަ

މީހުންގެ ބުއްދިއަށް ފެންނަ ކަންތައް ދުލުން ނުވަތަ ގަލަމުން ފާޅު ކުޅައުމުގައި މީގެ ތިރީގައި ނަންގަނެވިގެންވާ އެއްވެސް ކަމެއްގެ މައްޗަށް ވާހަކަ ދައްކައިގެން ނުވާނެއެވެ.

  1. އިސްލާމްދީނުގެ އަސްލުތަކާ ހިލާފު ވާހަކަ
  2. އަމަންއާންމަށް ގެއްލުމެއް ލިބިދާނެ ވާހަކަ.
  3. ހަމައެކަކުގެވެސް އަބުރާ ބެހޭގޮތުން ދެއްކޭ ވާހަކަ

 

މި ގާނޫނަށް ގެނެވުނު އިސްލާހު

--- ވަނަ އިސްލާހު

6 ވަނަ އިސްލާހު

7 ވަނަ އިސްލާހު

8 ވަނަ އިސްލާހު

12 ވަނަ އިސްލާހު

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު