-

އޭށިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކްގެ މެންބަރަކަށް ދިވެހިރާއްޖެ ވުމާގުޅޭ ގާނޫނު

(ގާނޫނު ނަންބަރު 2015-34)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގެ ގާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން، އޭށިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކްގެ ފުރިހަމަ މެންބަރަކަށް ދިވެހިރާއްޖެ ވުމަށްޓަކައި، ކަމާބެހޭ ގާނޫނެއް އެކުލަވާލުމުގެ މަގްސަދުގައި އެ ބޭންކްގެ މެންބަރަކަށްވުމާބެހޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "އޭށިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކްގެ މެންބަރަކަށް ދިވެހިރާއްޖެ ވުމާގުޅޭ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު 

މި ގާނޫނުގެ މަގްސަދަކީ، އޭށިޔާގެ އިންފްރާސްޓްރަކްޗަރ ތަރައްގީކޮށް ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދޭނެ މަލްޓިލެޓަރަލް ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމުގެ މުހިންމުކަން ގެކި، އޭށިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކްގެ ންމުގައި، ބޭންކެއް އުފެއްދުމަށް ގަސްދުކޮށް އޭށިޔާގެ 22 ގައުމަކުން 24 އޮކްޓޫބަރ 2014 ގައި ސޮއިކޮށްފައިވާ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) ގެ ދަށުން އެ ބޭންކްގެ ޕްރޮސްޕެކްޓިވް ފައުންޑިންގ މެންބަރަކަށްވުމަށް އެދި ރާއްޖެއިން ހުށަހެޅުމުން، ދިވެހިރާއްޖޭގެ ހުށަހެޅުން 31 ޑިސެންބަރު 2014 ގައި ޕްރޮސްޕެކްޓިވް ފައުންޑިންގ މެންބަރުންގެ އިއްތިފާގުން ގަބޫލުކޮށް އަދި އޭށިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް އުފެއްދުމަށް ޕްރޮސްޕެކްޓިވް ފައުންޑިންގ މެންބަރުންގެ ފަރާތުން ކަނޑައަޅާފައިވާ ޗީފް ނެގޯށިއޭޓަރުން އެޑަޕްޓްކޮށްފައިވާ އެ ބޭންކްގެ އާޓިކަލްސް އޮފް އެގްރީމަންޓް (އާޓިކަލްސް) ގެ މާއްދާތައް ގަބޫލުކޮށް، ދިވެހިރާއްޖޭގެ ފަރާތުން އެ އެގްރީމަންޓްގައި 29 ޖޫން 2015 ވަނަ ދުވަހު ޗައިނާގެ ބެއިޖިންގގައި ސޮއިކޮށްފައިވާ ހިނދު، ދިވެހިރާއްޖޭގެ ގާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ ބޭންކްގެ ފުރިހަމަ މެންބަރަކަށް ދިވެހިރާއްޖެ ވުމަށްޓަކައި ގާނޫނެއް އެކުލަވާލައި، ބޭންކްގެ މެންބަރެއްގެ ހައިސިއްޔަތުން އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ބޭންކާގުޅޭ ލިޔުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރުން 

އޭ.އައި.އައި.ބީ ގެ މެންބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރަންޖެހޭ އެއްބަސްވުންތަކާއި، އެހެނިހެން ލިޔުންތަކުގައި ސޮއިކުރުމުގެ އިތުރުން، އެ ބޭންކަށް ފޮނުވަންޖެހޭ ރަސްމީ ލިޔުންތައް ފޮނުވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާގެ ލިޔުމަކުން، އެ ލިޔުމުގައި ކަނޑައެޅިފައިވާ މީހަކަށް ދިނުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

 

4 ވަނަ މާއްދާ - ބޭންކާ ގުޅިގެން ސަރުކާރުން ކުރަންޖެހޭ ހަރަދު 

އެގްރީމަންޓްގެ ދަށުން ނުވަތަ އެގްރީމަންޓްގެ ގަވާއިދުތަކުގެ ދަށުން، ދިވެހި ސަރުކާރުން ބޭންކަށް ދައްކަންޖެހޭ ފައިސާއާއި އެހެނިހެން ހަރަދުތައް ދިވެހިރާއްޖޭގެ ކަމާބެހޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ހަރަދުކުރުމުގެ އިހްތިޔާރު، މިނިސްޓަރަށް ލިބިގެންވެއެވެ.

 

5 ވަނަ މާއްދާ - ބޭންކާގުޅޭ ފައިސާ އަދި ލިޔެކިޔުން ބެލެހެއްޓުން 

(ހ) އެގްރީމަންޓްގެ ދަށުން ދިވެހިރާއްޖޭގައި ފައިސާ ޖަމާކޮށް ބަލަހައްޓާނީ ދިވެހިރާއްޖޭގެ ކަމާބެހޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓަރުގެ ބެލުމުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައެވެ.

(ށ) އެގަރީމަންޓްގެ ދަށުން ނުވަތަ އެގްރީމަންޓްގެ ދަށުން ހަދާފައިވާ ގަވާއިދެއްގެ ދަށުން ބަލަހައްޓަންޖެހޭ ލިޔެކިޔުން ބަލަހައްޓާނީ މިނިސްޓްރީންނެވެ.

 

6 ވަނަ މާއްދާގަވަރުނަރުންނާއި އޯލްޓަނޭޓުން ކަނޑައެޅުން އަދި އެފަރާތްތަކުގެ ބާރު 

(ހ) ބޭންކްގައި ދިވެހިރާއްޖެ ތަމްސީލުކުރާ ގަވަރުނަރުންނާއި އޯލްޓަނޭޓް ގަވަރުނަރުން އައްޔަނުކޮށް، ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގަވަރުނަރަށް ނުވަތަ އަލްޓަނޭޓް ގަވަރުނަރަށް، އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން މަލްޓިލެޓަރަލް ޑިވެލޮޕްމަންޓް ބޭންކްތަކުގެ އިންޓަރނޭށަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް އަމަލުކުރުމުގެ ބާރު ލިބިގެންވެއެ.

 

7 ވަނަ މާއްދާ - ބޭންކްގެ މުއާމަލާތްތައް ޓެކުހުން އިސްތިސްނާވުން 

އެގްރީމަންޓްގެ ދަށުން ނުވަތަ އެގްރީމަންޓްގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ކުރެވޭ އެންމެހައި މުއާމަލާތްތައް ދިވެހިރާއްޖޭގައި ނެގޭ އެންމެހައި ޓެންސްތަކުން އިސްތިސްނާވެގެންވެއެވެ.

 

8 ވަނަ މާއްދާ - އެގްރީމަންޓާބެހޭ ގަވާއިދުތައް ހެދުމުގެ ބާރު 

އެގްރީމަންޓްގެ އެކިއެކި މާއްދާތައް ދިވެހިރާއްޖޭގައި ހިންގުމަށް ބޭނުންވާ ގަވާއިދުތައް ހެދުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - އަމަލުކުރުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްކޮށް، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

10 ވަނަ މާއްދާ - މާނަކުރުން 

މި ގާނޫނުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި އިބާރަތްތަކާއި ލަފްޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ބޭންކް" ނުވަތަ "އޭ.އައި.އައި.ބީ" ކަމަށް ބުނެފައި އެވަނީ، އޭށިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކަށެވެ.

(ށ) "އެމް.އޯ.ޔޫ" ކަމަށް ބުނެފައި އެވަނީ، އޭށިޔާގެ އިންފްރާސްޓްރަކްޗަރ ތަރައްގީކޮށް ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދޭނެ މަލްޓިލެޓަރަލް ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމުގެ މުހިންމުކަން ދެކި 24 އޮކްޓޫބަރ 2014 ގައި އެކުލަވާލެވުނު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އެވެ.

(ނ) "އެގްރީމަންޓް" މަކަށް ބުނެފައި އެވަނީ، އޭށިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް ހިންގުމަށްޓަކައި ހަދައި، ފާސްކޮށްފައިވާ އާޓިކަލްސް އޮފް އެގްރީމަންޓަށެވެ.

(ރ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތާބެހޭ ކަންތައްތައް ބެލެހެއްޓުމަށް އެއިރަކު ހަވާލުކޮށްފައި ހުންނަ ވުޒާރާއެއްގެ ވަޒީރަށެވެ.

(ބ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތާބެހޭ ކަންތައްތައް ބެލެހެއްޓުމަށް އެއިރަކު ހަވާލުކޮށްފައި ހުންނަ ވުޒާރާއަކަށެވެ.

(ޅ) "މެންބަރު" ކަމަށް ބުނެފައި އެވަނީ، އޭށިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކްގެ މެންބަރުންނަށެވެ.

(ކ) "ޕރޮސްޕެކްޓިވް ފައުންޑިންގ މެންބަރު" ކަމަށް ބުނެފައި އެވަނީ، އޭށިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކްގެ ފައުންޑިންގ މެންބަރަކަށް ވުމަށް އެދި ބޭންކް އުފެއްދުމަށް 24 އޮކްޓޫބަރު 2014 ގައި އެކުލަވާލެވުނު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) ގައި ބައިވެރިވެފައިވާ ފަރާތްތަކަށެވެ.

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު