-

ސިޔާސީ ޕާޓީގެ ގާނޫނު (ގާނޫނު ނަންބަރު 2013-04) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2015-24)

 

ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

 8. (ށ) މި ގާނޫނުގެ މަގްސަދަށްޓަކައި މި ގާނޫނަށް އަމަލުކުރަން ފަށާއިރު ކޮމިށަންގައި ރަޖިސްޓަރީކުރެވިފައިވާ ޕާޓީތަކުގެ ތެރެއިން 3,000 (ތިންހާސް) މެންބަރުން ހަމަވާ ޕާޓީތަކަކީ މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ޕާޓީތަކެއް ކަމުގައި ބެލެވޭނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާއަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

 8. (ރ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު ކޮމިށަންގައި ރަޖިސްޓަރީކުރެވިފައިވާ ޕާޓީތަކުގެ ތެރެއިން 3,000 (ތިންހާސް) މެންބަރުން ހަމަނުވާ ޕާޓީތަކަށް 3,000 (ތިންހާސް) މެންބަރުން ހަމަކުރުމަށް 3 (ތިނެއް) މަސްދުވަހުގެ މުއްދަތެއް ދެވޭނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

11. ސިޔާސީ ޕާޓީ އުފެއްދުން

(ހ) ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހަޅާ ފަރާތުން އެ ޕާޓީއެއްގެ މެންބަރަކަށްވުމަށް އެދިފައިވާ، މަދުވެގެން 3,000 (ތިންހާސް) މީހުންގެ ސޮއި ހޯދައި، ކޮމިށަނަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާއިރު، އެ ޕާޓީގެ މެންބަރަކަށްވުމަށް އެދި ސޮއިކުރި މީހުންގެ ނަމާއި، އެޑްރެހާއި، އައިޑެންޓިޓީ ކާޑުގެ ނަންބަރާއި، އުމުރާއި، އިނގިލީގެ ނިށާނާއި، ސޮއިކުރި ތާރީހު އެނގެން އޮންނަންވާނެއެވެ. އަދި އެއާއެކު އެ މީހުންގެ މުއްދަތު ހަމަނުވާ އައިޑެންޓިޓީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

11. (ރ) މި މާއްދާގެ (ނ) ގެ ދަށުން ޕާޓީއަކުން ހުށަހަޅާފައިވާ ނަންތަކުގެ ސައްހަކަން ކޮމިށަނުން ބަލާއިރު، އެ ޕާޓީއެއްގައި ހިމެނޭ ސައްހަ މެންބަރުންގެ އަދަދު، 3,000 (ތިންހާސް) މެންބަރުންނަށްވުރެ މަދުވާނަމަ، އެކަން އެ ޕާޓީއަކަށް އަންގައި، އެ ޕާޓީގެ މެންބަރުންގެ އަދަދު މި މާއްދާގައި ބަޔާންކުރާ އަދަދާ ހަމަކުރުމުގެ ފުރުސަތު އެ ޕާޓީއަކަށް ކޮމިށަނުން ދޭންވާނެއެވެ. އެފަދައިން އިތުރު ފުރުސަތު ދިނުމުގައި، ގިނަވެގެން ދެވޭނީ 3 (ތިނެއް) މަސްދުވަހުގެ ފުރުސަތެކެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

12. (ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ބައްދަލުވުމުގައި، މި ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ 3,000 (ތިންހާސް) މީހުންގެ ތެރެއިން މަދުވެގެން 300 (ތިންސަތޭކަ) މީހުން ބައިވެރިވާން ވާނެއެވެ. އަދި މި 300 (ތިންސަތޭކަ) މީހުންގެ ނަމާއި، އެޑްރެހާއި، އައިޑެންޓިޓީ ކާޑު ނަންބަރާއި، ފޯނު ނަންބަރާއި ސޮއި އޮތް ލިސްޓެއް ބައްދަލުވުމުގެ ޔައުމިއްޔާގައި ހިމަނަންވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 27 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

 27. (ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ފަދައިން ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ރަޖިސްޓަރީ ބަލައި ކަށަވަރުކުރާއިރު، އެއްވެސް ޕާޓީއެއްގައި 3,000 (ތިންހާސް) މެންބަރުން ހަމަނުވާ ކަމަށް ކޮމިށަނަށް ފާހަގަކުރެވިއްޖެނަމަ، އެ ޕާޓީގައި 3,000 (ތިންހާސް) މެންބަރުން ހަމަ ކުރުމަށް 3 (ތިނެއް) މަސްދުވަހުގެ ނޯޓިހެއް ކޮމިށަނުން އެ ޕާޓީއަކަށް ދޭންވާނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

29. (ހ) (1). މި ގާނޫނުގެ 27 ވަނަ މާއްދާގެ (ނ) ނުވަތަ 8 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތު ސިޔާސީ ޕާޓީއަކަށް ދިނުމަށްފަހުވެސް ޕާޓީއެއްގައި މެންބަރުން ތިބެންޖެހޭ އެންމެ މަދު އަދަދަށް ޕާޓީއަށް މެންބަރުން ހަމަވެފައި ނެތުން.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 35 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

 35. (ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުން ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ ލިބޭނީ ކޮމިށަންގައި ރަޖިސްޓަރީކުރެވިފައިވާ ޕާޓީތަކުގެ ތެރެއިން 10,000 (ދިހަހާސް) މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 35 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

35. (ރ) ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ހިނގަމުންދާ އަހަރު ފާސްކުރާފަހުން، 10,000 (ދިހަހާސް) މެންބަރުން ހަމަކުރާ ޕާޓީއަކަށް، ކުރިއަށް އޮތް އަހަރުގެ ބަޖެޓު ހިނގަން ފެށުމުން، އެ އަހަރު ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ، ސިޔާސީ ޕާޓީތަކަށް ދޫކުރާއިރު، އެ ފައިސާއެއް ނުލިބޭނެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 35 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

35. (ބ) ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ހިނގަމުންދާ އަހަރު ފާސްކުރާފަހުން، 10,000 (ދިހަހާސް) މެންބަރުން ހަމަކުރާ ޕާޓީއަކަށް، ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ، ލިބޭނީ ވިދިގެން އަންނަ އަހަރުގެ ބަޖެޓު ފާސްވުމަށްފަހު އެ ބަޖެޓުން ދޫކުރާ ފައިސާއިންނެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 35 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

35. (ޅ) ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ، ދައުލަތުގެ ބަޖެޓު ނިސްބަތްވާ އަހަރުގެ ފުރަތަމަ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީތަކާ ހަވާލުކޮށް ނިންމަންވާނެއެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 36 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

36. ޕާޓީތަކަށް އިމާރާތެއް ދޫކުރުން

(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޕާޓީތަކުގެ ތެރެއިން 20,000 (ވިހިހާސް) މެންބަރުން ހަމަވާ ޕާޓީތަކުގެ އިދާރީ އޮފީހާއި އެ ޕާޓީގެ ހަރަކާތްތައް ހިންގުމަށް މާލޭން މަދުވެގެން 1,000 (އެއްހާސް) އަކަފޫޓުގެ އިމާރާތެއް ނުވަތަ އިމާރާތަކުން ބައެއް ހަމަހަމަ އުސޫލަކުން ސަރުކާރުން ހަމަޖައްސައިދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަމަޖައްސައިދޭ ތަނަކީ، ކުލި ދައްކާ އުސޫލުން ހަވާލުކުރެވޭ، އަދި ޕާޓީގެ މެންބަރުންގެ އަދަދު މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނިސްބަތަށްވުރެ މަދުވާ ހިނދު، އެ ޕާޓީގެ ކިބައިން ވަކިކުރެވޭ ތަނަކަށް ވާންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރެވޭ ތަނަކާ ގުޅޭގޮތުން އުފުލަންޖެހޭ އެންމެހައި މާލީ ޒިންމާތައް އުފުލާނީ އެ ތަން ދޫކުރެވޭ ސިޔާސީ ޕާޓީއަކުންނެވެ. އަދި އެ ތަނަށް އެ ސިޔާސީ ޕާޓީއަކުން ކޮށްފައިވާ އެއްވެސް ހަރަދަކާ ގުޅޭގޮތުން، މި މާއްދާގެ (ށ) ގެ ދަށުން އެ ތަނެއް ސިޔާސީ ޕާޓީއެއްގެ ކިބައިން ވަކިކުރެވޭއިރު، ސަރުކާރުން އުފުލަންޖެހޭ އެއްވެސް މާލީ ޒިންމާއެއް ނޯންނާއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން އެއްވެސް ސިޔާސީ ޕާޓީއަކާ ތަން ހަވާލުކުރަންވާނީ ސަރުކާރުގެ ކަމާބެހޭ އިދާރާއާ އެ ސިޔާސީ ޕާޓީއާ ދެމެދު ލިޔުމުން ވެވޭ އެއްބަސްވުމަކުންނެވެ. އެ އެއްބަސްވުމުގައި، އެ ތަނަށް ދައްކަންޖެހޭ ކުއްޔާއި، އެ ތަނާ ގުޅޭގޮތުން ކުރާ ހަރަދުތަކާއި، މި މާއްދާގެ (ށ) ގެ ދަށުން އެ ތަނެއް ސިޔާސީ ޕާޓީއެއްގެ ކިބައިން ވަކިކުރެވޭއިރު އަމަލުކުރަންޖެހޭ އިޖުރާއާތުތައް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

13 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ސިޔާސީ ޕާޓީގެ ގާނޫނު (ގާނޫނު ނަންބަރު 2013-04)

 

ކޮންސޮލިޑޭޓެޑް ގާނޫނު

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2011-10)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު