-

ބިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2015-25)

  

ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

15. ބަންޑާރަ ގޯތި ދޫކުރެވިފައިވާ މީހާ މަރުވުން

(ހ) ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ، އެ ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ، ތަރިކައިގެ އުސޫލުން ލިބޭ ބައެއްގެ މެދުގައި، އެ ގޯއްޗެއް ވަކިގޯތިތަކަކަށް ބައިކޮށް ވަކިކޮށްދެވިދާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރު އުނިކުރުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

15 (ށ) ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ، އެ ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ، ތަރިކައިގެ އުސޫލުން ލިބޭ އެންމެންގެ ނަމުގައި، އެ ބަޔަކު އެދޭނަމަ، އެ ގޯއްޗެއް ރަޖިސްޓަރީކޮށް، ވަކިވަކި ރަޖިސްޓަރީ ހަދައިދޭންވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

25. އަމިއްލަ ބިމުގެ ނުވަތަ ގޯތީގެ ވެރިމީހާ މަރުވުން

(ހ) އަމިއްލަ ބިމެއް ނުވަތަ ގޯއްޗެއް އޮތް މީހަކު މަރުވެއްޖެނަމަ، އެމީހެއްގެ ވާރިސުންގެ މެދުގައި، އެ ބިމެއް ނުވަތަ ގޯއްޗެއް ވަކި ގޯތިތަކަކަށް ބައިކޮށް ވަކިކޮށްދެވިދާނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 25 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

25. (ށ) އަމިއްލަ ބިމެއް ނުވަތަ ގޯއްޗެއް އޮތް މީހަކު މަރުވެއްޖެނަމަ، އެ ބިމާއި ނުވަތަ ގޯއްޗާއި، އެ ބިމެއް ނުވަތަ ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ، ތަރިކައިގެ އުސޫލުން ލިބޭ އެންމެންގެ ނަމުގައި، އެބަޔަކު އެދޭނަމަ، އެ ބިމެއް ނުވަތަ ގޯއްޗެއް ރަޖިސްޓަރީކޮށް، ވަކިވަކި ރަޖިސްޓަރީ ހަދައިދޭންވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގާނޫނުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

7 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ބިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ބިިމާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2002-01)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު