-

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު 

(ގާނޫނު ނަންބަރު 2015-15)

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 56 ވަނަ މާއްދާއަކީ އެ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި، އަންނަނިވި ގޮތަށް އަކުރުތައް އިތުރުކުރުން.

56. (ށ) މި ގާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިޓީ ކައުންސިލްގެ ބާރުތަކުގެ ތެރެއިންނާއި، މި ގާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިޓީ ކައުންސިލުން ދޭ ހިދުމަތްތަކުގެ ތެރެއިން މި ގާނޫނުގެ ދަށުން އުފައްދާފައިވާ ކޮންމެ ސިޓީ ކައުންސިލަކަށް ލިބިދެވޭނެ ބާރުތަކާއި އެ ސިޓީ ކައުންސިލުން ފޯރުކޮށްދޭނެ ހިދުމަތްތައް ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ މަށްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. މިގޮތުން އެ ސިޓީ ކައުންސިލުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ހިދުމަތްތައް ފިޔަވައި އެ ސިޓީގެ ސަރަހައްދުގައި ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދޭނީ ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

(ނ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މި ގާނޫނުގެ ދަށުން އުފައްދާފައިވާ ކޮންމެ ސިޓީ ކައުންސިލަކަށް ލިބިދެވޭނެ ބާރުތަކާއި އެ ސިޓީ ކައުންސިލުން ފޯރުކޮށްދޭނެ ހިދުމަތްތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަންވާނެއެވެ. އަދި މިގޮތުން އެ ސިޓީ ކައުންސިލުން ފޯރުކޮށްދޭނެ ހިދުމަތްތައް ކަމުގައި ނުހިމެނޭ ހިދުމަތްތަކާ ގުޅުންހުރި އެންމެހައި ގާނޫނީ ހައްގުތަކާއި ޒިންމާތަކާއި އިލްތިޒާމްތައް އެކަމާ ހަވާލުވާ ވުޒާރާއަށް ނަގުލުވާނެއެވެ.

 

2 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)

 

ކޮންސޮލިޑޭޓެޑް ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު