-

ގާނޫނުލްއުގޫބާތު (ގާނޫނު ނަންބަރު 2014-09)

އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2015-12)

 

ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

10. (ނ) މި ގާނޫނަށް އަމަލުކުރަން ފަށާނީ، 16 ޖުލައި 2015 ވަނަ ދުވަހުން ފެށިގެންނެވެ. އަދި ގާނޫނު ނަންބަރު 2 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) އަށް އަމަލުކުރަން ފެށުން 16 ޖުލައި 2015 އަށް ފަސްކުރުންވެސް ހިމެނޭގޮތުން އެ މަގްސަދުގައިވެސް ކަމުގައިވާތީ، އެއްވެސް އޮޅުމެއް އެރިޔަ ނުދިނުމަށްޓަކައި، އަންނަނިވި ކަންކަން ކަނޑައަޅަމެވެ.

(1) 13 އޭޕްރިލް 2015 އިން ފެށިގެން 16 ޖުލައި 2015 ގައި ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) އަށް އަމަލުކުރަން ފެށުމާ ހަމައަށް ހިނގާ މުއްދަތުގައި އަމަލުކުރާނީ، ގާނޫނު ނަންބަރު 1981-01 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު (ޕީނަލްކޯޑު) ޗެޕްޓަރ 1) އާއި، ގާނޫނު ނަންބަރު 21/1981 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު ޗެޕްޓަރ 2) އާއި، ގާނޫނު ނަންބަރު 1966-01 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު ޗެޕްޓަރ 3) އާއި، ގާނޫނު ނަންބަރު 1968-10 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު ޗެޕްޓަރ 4) އަށެވެ؛ އަދި  

(2) އެޕްރީލް 2015 އިން ފެށިގެން 16 ޖުލައި 2015 ގައި ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) އަށް އަމަލުކުރަން ފެށުމާ ހަމައަށް ހިނގާ މުއްދަތުގައި، މި ގާނޫނަށް އަމަލުކުރަން ފަށާއިރު، މި ގާނޫނުގައި ކަނޑައެޅިފައިވާ ކުށަކާއި އެކުށަކާ ގުޅުންހުރި އުސޫލަކާއި، އެހެން ގާނޫނެއްގައި ނުވަތަ ގާނޫނުގެ ބަޔެއްގައި ކަނޑައެޅިފައިވާ ކުށަކާއި ނުވަތަ އެކުށަކާ ގުޅުންހުރި އުސޫލަކާ އެއްވެސް ފުށުއެރުމެއްވާނަމަ، އެ ހާލަތުގައި އިސްކަންދޭނީ އެ އެހެން ގާނޫނަށް ނުވަތަ އެ އެހެން ގާނޫނެއްގެ ބަޔަށެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 521 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

521. (ރ) "ގާނޫނު ތަންފީޒުކުރާ މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، އޭނާގެ މަގާމުގެ ހައިސިއްޔަތުން ނުވަތަ އަދާކުރާ ރަސްމީ ވަޒީފާގެ ހައިސިއްޔަތުން އަމަން އަމާންކަން ދެމެހެއްޓުން، ނުވަތަ ކުށްކުރާ މީހުން ހައްޔަރު ކުރުން ނުވަތަ ޖިނާއީ ކުށުގެ މައްސަލަތައް ތަހްގީގު ކުރުމުގެ ވާޖިބު، ގާނޫނެއްގެ ދަށުން އަދާކުރަންޖެހޭ ކޮންމެ މީހެކެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގާނޫނުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

4 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ގާނޫނުލްއުގޫބާތު (ގާނޫނު ނަންބަރު 2014-09)

 

ކޮންސޮލިޑޭޓެޑް

ގާނޫނުލްއުގޫބާތު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2014-09)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު