ބިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1/2002) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު (ގާނޫނު ނަންބަރު 4/2015)

0 occurrences found.

ގާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 4/2015)

  

ގާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާގެ އަރިމަތީ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.

9. ދިރިއުޅުން ނޫން އެހެން ބޭނުންތަކަށާއި ކަންކަމަށް ބިން ދޫކުރުމާއި، އިގްތިސާދީ ބޭނުންތަކަށް ދޫކުރެވޭ ބިމުން މުއާމަލާތުކުރުން

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި އަކުރުތައް އިތުރުކުރުން.

9 (ނ) މި ގާނޫނުގެ 4 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އިގްތިސާދީ ބޭނުމަށް އެކަށައަޅައި، މި ގާނޫނުގެ 5 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަމާބެހޭ މިނިސްޓްރީތަކާ ހަވާލުކުރާ ބިންތައް،
މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ވިޔަފާރީގެ އުސޫލުން މުއާމަލާތު ކުރެވިދާނެއެވެ. މިގޮތުން ކަމާބެހޭ މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިން އެ މިނިސްޓްރީތަކުން، ގާނޫނުއަސާސީއާ ހިލާފުނުވާ ގޮތުގެމަތިން، ދެވަނަ ފަރާތަކަށް ވިއްކައި ނުވަތަ ކުއްޔަށް ދޫކުރެވިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ދެވަނަ ފަރާތަކުން ގަންނަ ނުވަތަ ކުއްޔަށްހިފާ ބިމާއި އެ ބިމާ ގުޅިފައިވާ ހައްގުތައް، އެފަރާތަކާއެކު ކުރެވިފައިވާ މުއާމަލާތަކާ އެއްގޮތްވާ ގޮތުގެމަތިން އެފަރާތަކަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ރަޖިސްޓަރީކޮށްދެވޭނެއެވެ. އަދި ބިންދޫކުރާ މިނިސްޓްރީ އެފަރާތަކާ ދެމެދު ވާ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެމަތިން،
އެ ބިމަކާ ގުޅިގެން އެ ދެވަނަ ފަރާތަށް އަންނަނިވި ހައްގުތައް ލިބިގެންވެއެވެ.

  1. އެ ބިން ތަރައްގީކުރުމާއި، އެކިއެކި ބޭނުންތަކަށާއި، ރިއަލް އެސްޓޭޓް ވިޔަފާރިއާއި އެނޫންވެސް ވިޔަފާރީގެ ބޭނުމަށް ބޭނުންކުރުން؛
  2. އެ ބިމާ ގުޅިގެން އެފަރާތަށް ލިބިފައިވާ ހައްގާ އެއްގޮތްވާ ގޮތުގެމަތިން އެހެން ފަރާތަކަށް އެ ބިން ނުވަތަ އެ ބިމުން ބަޔެއް، ބިން ހަވާލުކުރާ މިނިސްޓްރީގެ ހުއްދަ ލިޔުމުން ލިބިގެން، ވިއްކުން ނުވަތަ ކުއްޔަށް ދިނުން ނުވަތަ ބަދަލުކުރުން،
  3. ބިން ހަވާލުކުރާ މިނިސްޓްރީގެ ހުއްދަ ލިޔުމުން ލިބިގެން، އެ ބިމާ ގުޅޭގޮތުން ލިބިފައިވާ ގާނޫނީ ހައްގު ނުވަތަ އެ ބިމުގައި ކުރެވޭ އިމާރާތް ރަހުނުކުރުން؛
  4. އެ ބިމުން ނުވަތަ އެ ބިމުން ބަޔަކާ ގުޅިފައިވާ ގާނޫނީ ހައްގުތައް، މާލީ އަދި ވިޔަފާރީގެ އެކިއެކި ޒަރިއްޔާތަކުގެ ގޮތުގައި ބޭނުންކުރުން.

(ބ) މި މާއްދާގެ (ނ) އަދި (ރ) ގެ ދަށުން ކަމާބެހޭ މިނިސްޓްރީތަކަށް ދޫކުރާ ބިންތައް ރަޖިސްޓަރީކޮށްދީ، އެ ބިންތަކާއި އެ ބިންތަކުގައި ކުރެވޭ އިމާރާތްތައް ރަޖިސްޓަރީކުރުމާބެހޭ އެންމެހައި ކަންކަން ބަލަހައްޓާނީ މިނިސްޓްރީންނެވެ.

(ޅ) މި މާއްދާގެ (ނ) އަދި (ރ) ގެ ދަށުން ކަމާބެހޭ މިނިސްޓްރީތަކަށް ދޫކުރާ ބިންތަކާ ގުޅިގެން ހިނގާ މުއާމަލާތުތަކުގައި، މި ގާނޫނުގެ 10 ވަނަ މާއްދާއިން ފެށިގެން 35 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުން އިސްތިސްނާވާނެއެވެ.

(ކ) މި މާއްދާގެ (ނ) އަދި (ރ) ގެ ދަށުން ކަމާބެހޭ މިނިސްޓްރީތަކަށް ދޫކުރާ އެއްވެސް ބިމެއް ނުވަތަ އެ ބިމުން ބަޔެއް ނުވަތަ އެ ބިމުގައި ކުރެވޭ އިމާރާތެއް ނުވަތަ އިމާރާތުން ބަޔެއް ވިއްކާނަމަ، އެ ބިން ނުވަތަ އިމާރާތް ވިއްކާ އަގުގެ %15 (ފަނަރަ ޕަސެންޓް) ޓެކްސްގެ ގޮތުގައި، އެ ބިމެއް ނުވަތަ އިމާރާތެއް ވިއްކާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭނެއެވެ. މީގެ ތެރޭގައި އެ ބިން ވިއްކާ ފަރާތުގެ ގޮތުގައި ސަރުކާރު ނުވަތަ ކަމާބެހޭ މިނިސްޓްރީ ވިއްކާ ވިއްކުން ނުހިމެނޭނެއެވެ.

(އ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، މި މާއްދާގެ (ނ)، (ރ)، (ބ) އަދި (ކ) ގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ގަވާއިދު ހަދައި ހިންގުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ވ) މި މާއްދާގައި ބަޔާންކުރާ ގަވާއިދުތައް، ގާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 27 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

27. (ހ)   ކުއްޔަށް ދެވޭނީ ގިނަވެގެން 50 (ފަންސާސް) އަހަރުދުވަހުގެ މުއްދަތަށެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 28 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

28. (ށ) ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއް، ނުވަތަ ގޯއްޗަކުން ބަޔެއް، ނުވަތަ އެފަދަ ގޯއްޗެއްގައި ކޮށްފައިވާ އިމާރާތެއް، ނުވަތަ އިމާރާތަކުން ބަޔެއް، ދިރިއުޅުން ނޫން ބޭނުމަކު ކުއްޔަށް ދެވޭނީ ގިނަވެގެން 50 (ފަންސާސް) އަހަރުދުވަހުގެ މުއްދަތަށެވެ.

 

5 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ބިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1/2002)

 

 

ގެޒެޓު ކުރެވުނު ގޮތް

ކިޔުންތެރިންގެ ޚިޔާލު

Please login below to comment.
Login via Twitter.com